އޯގާވީ ހިތަކުން…14
”ޝިޓް!” އަލްޔަސް އަވަސް އަވަހަށް އެނދުން ތެދުވެލަމުން ޓީޝާޓް ބޮލުން ވައްޓާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ކާރުގެ ތަޅުދަނޑި ބާއްވާފައި އާދެވުމުން އޭނަ ކޮޓަރިއަށް ވަނީ ދުވެލާފައި ގޮހެވެ.
ކާރު ސްޓާޓްކޮށްލަމުން ވެސް އަލްޔަސް އީނާގެ ފޯނަށް ގުޅިއެވެ. ކޮންމެ ފަހަރަކު ލިބޭ ޖަވާބަކީ ފޯނު އޮތީ ނިއްވާލާފައި ކަމެވެ. ”އީނޫ….” އަލްޔަސް ކާރުގެ ހުންގާނަށް އެތިފަހަރެއް ވީއްލާލަމުން ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އަލްޔަސް އިނީ ފުދޭވަރަކަށް ހާސްވެފައެވެ. ސަމާސާ ނުކުރެވުނުނަމައޭ އޭނަގެ ހިތަށް އެރިއެވެ. ކާރުގެ ދުވެލި ބާރުކޮށްލަމުން އަލްޔަސް މިސްރާބުޖެހީ ”ވޯޓާރ ގޭޓްސް” އަށް ދިއުމަށެވެ.
”ހާދަ އަވަހަކަށް ޕިއްޒާއެއައީ….” ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން އިން މައިމޫނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ދޮރުހުޅުވާލިއެވެ. ބަނޑުހައިވެފައި ހުރި މައިމޫނާ ވަނީ އުފަލުން ގޮސް ފޮޅިފައެވެ. ޕިއްޒާގެ ނަން ކިޔާލެވުމުން ވެސް ކުޅިދިޔާވެއްޖެއެވެ. އަލްޔަސް ފެނުމާއެކު މައިމޫނާ ތުން އަނބުރާލިއެވެ. ވީފޫއްސެއްގެ ބޮޑުކަމުން އޭނަ އައިކޮޅަށް އަނބުރާ ދާންހިނގައިގަތެވެ. މަޑުމަޑުން ނުބައި އެއްޗެއްވެސް ކިޔާލިއެވެ.
”ކޮބާތަ އީނޫ؟…” ހާސްވެފައިވާ އަޑަކުން އަލްޔަސް ސުވާލުކުރުމުން ކަމެއް ގޯސްވެއްޖެކަން މައިމޫނާއަށް ނަގައިގަނެވިއްޖެއެވެ. އީނާ ބޭރަށް ދިޔަތަން އޭނައަށްވަނީ ފެނިފައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ހިތް ނަށާލިއެވެ.
”ނޭގޭ މަށަކަށް…” ރުންކުރުކަމާއެކު ޖަވާބު ދީފައި މައިމޫނާ ވަނީ ބޮޑުކޮޓަރިއެވެ.
އަލްޔަސްގެ ބުމަ ގޮށްޖެހުނެވެ. އެވަގުތު ރުޅިވެސް އަތުވެއްޖެއެވެ. އޭނަ އީނާގެ ކޮޓަރިއަށް ވަންއިރު އީނާ ފެންނާކަށް ނެތެވެ. އަލްޔަސް ބެލްކަނި ވެސް ބަލާލިއެވެ. ”ވެއާރ ޑިޑް ޝީ ގޯ؟….” އަމިއްލަ ޒަމީރާ ވާހަކަ ދައްކަމުން އަލްޔަސް މޫނުގައި ފިރުމާލިއެވެ. ތަޅައިގެން ގޮސްފައިވާ އީނާގެ ފޯނު ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އޭނަގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އީނާ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ފޯނުވެސް މިއޮތީ ހަލާކުކޮށްލާފައެވެ. މައިމޫނާއާ ސުވާލުކުރުމުން އެކަށީގެންވާ ޖަވާބެއް ނުލިބޭނެއެވެ.
އަލްޔަސް އީނާގެ ކޮޓަރިން ނިކުންތަނާ ބަދިގެއަށް ވަން ރޫޔާ ފެނިއްޖެއެވެ. ”ސޭމް…” ފެންފުޅިއެއް ނަގައިގެން އެނބުރުނު ރޫޔާއަށް އަލްޔަސް ފެނި ދިޔައީ ސިއްސައިގެންނެވެ. އަތުން ފެންފުޅި ދޫނުވީވެސް ކިރިޔާއެވެ. ”އީނޫ ކޮބާތަ؟… ކޮޓަރިއަކު ނެތް….” އަލްޔަސްގެ އަޑުގައިވި ހާސްކަމުން ރޫޔާގެ ދެލޯބޮޑުވިއެވެ.
”ޔޫ ޓޫ ހެޑް އެ ފައިޓް؟….” ރޫޔާއަށް އަހާލެވުނެވެ.
”ހޫމްމް…” އަލްޔަސް ހޫމްމް އަޅުވާލަމުން އިންތިޒާރުކުރީ ރޫޔާގެ ޖަވާބަކަށެވެ. އީނާ ދިޔަތަނެއް ރޫޔާއަށް އެނގޭނެއެވެ. ދެކުދިންނަކީ އެހާވެސް ގާތް ދެރަހްމަތްތެރިންނެވެ.
”ނޭގޭ ދިޔަތަނެއް، އެކަމަކު ބޭރަށް ދާން އުޅެނިކޮށް ގޮވާލީމަ ޖަވާބެއް ނުދީ ދިޔައީ، ރުޅި އައިސްފަ ހުރީ….” ރޫޔާ ޖަވާބު ދިންއިރު މޫނުމަތިން ފާޅުވީ ނުތަނަވަސް ކަމެވެ. އީނާއަށް ކަމެއް ދިމާވެދާނެތީ ރޫޔާ ބިރުގަތެވެ.
އަލްޔަސްގެ ބުމަ ގޮށްޖެހުނެވެ. އީނާއަށް ކަމެއް ވެދާނެތީ ހިތުގެ ވިންދު އަވަސް ވިއެވެ. މެންދުރުގެ ހޫނު ގަދަ ވަގުތު އީނާ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ކުޑަކޮށް ވިސްނާލަމުން އޭނަ ބޭރަށް ދާން ހިނގައިގަތެވެ. ރޫޔާ ގޮވާލުމުންވެސް މަޑުކުރުމެއްނެތި ނިކުމެގެން ދިޔައީއެވެ.
”އީނާ ގެއްލުނީތަ؟….” މައިމޫނާ ޖެއްސުމުގެ ރާގަކަށް އަހާލުމުން ރޫޔާގެ ހިތުގައި ޖެހުނެވެ. ރޫޔާ ޖަވާބެއް ނުދީ ދާން ހިނގައިގަތެވެ. މަންމައަށް ދުވަހަކު ނުވިސްނޭނެއެވެ. މީހަކަށް ދެރަކަމެއް ނުވަތަ ހިތާމައެއް ލިބުނުކަމުގައި ވިޔަސް ދުވަހަކު އެކަމާ ދެރަވެ ހިތްވަރު ދިނުމުގެ ބަހެއްވެސް އެދުލުން ބޭރުކޮށްނުލާނެއެވެ. އެދަނޑިވަޅުގައިވެސް އެމީހަކަށް އިތުރު ވޭނާއި ހިތްދަކިކަން ދެވޭތޯ މަސައްކަތްކުރާނެއެވެ. މައިމޫނާއަށް ކައުންސެލިންގްދޭން ރޫޔާ ނިންމިއެވެ. އޭރުން ފަހަރެއްގައި މަންމަގެ މިޒާޖަށް ބަދަލުތަކެއް އައިސްދާނެއެވެ.
”މަންމަން މީހަކާތަ އަހަރެން ވާހަކަ މިދައްކަނީ؟ ރޫޔާއަށް އަޑެއް ނީވޭތަ؟….” މައިމޫނާ ރޫޔާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން އޭނައާއި ދިމާއަށް އަނބުރާލިއެވެ. މައިމޫނާ ހުރީ މޫނު ބަނަކޮށްލައިގެންނެވެ. އެހެނަސް އެތެރެއިން އޭނައަށް ލިބިފައިވަނީ ބޮޑު އުފަލެކެވެ. އޭނައަށް ރަގަޅީ ޕާޓޭ ގްރޫޕަކުން އީނާ ކިޑްނޭޕްކޮށްގެން ރޭޕްކޮށްލައިފިއްޔާއެވެ. އެފަދައިން ކަންތައް ވެއްޖެނަމަ އޭނަގެ އެކުވެރިންނަށް ކެއުމެއް ދޭނެއެވެ.
ރޫޔާ މަންމަގެ އަތްފޮޅުވާލަން އުޅުނެވެ.
”ބަލަ ރޫޔާ މަތިންބައިން ޖެހިގެން އީނާ ހޯދަން ދާން ޖެހޭތަ؟ އެދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރާނީ އެމީހުން…. ރޫޔާއެއް ނޫން! އީނާގެ ރޯމިއޯ އެބަހުއްޓެއްނު އޭނަ ހޯދަން!……” މައިމޫނާ ހަރުކަށި އަޑަކުން ބުންޏެވެ.
”މަންމާ…” ރޫޔާގެ އަޑު ކުރެހުނެވެ. މަންމަގެ ވިސްނުން ހާދަ ކޮށްޓެވެ. އީނާގެ ރަގަޅު ފަރާތް މަންމައަށް ފެންނާނީ ކޮންދުވަހަކުން ހެއްޔެވެ؟ އީނާއަކީ ހިތްހެޔޮ އަހްލާގު ރަގަޅު ކުއްޖެކެވެ. އީނާ، އޭނައަށް އެހީވެފައިވާ އަދަދެއް ނޭގެއެވެ. ދުނިޔޭގައި އަތްފުނާ އެޅިކަމުގައި ވިޔަސް އެފަދަ ދައްތަޔަކު ނުލިބޭނެއެވެ.
”ޝަޓް އަޕް! ޒުވާބުކުރަން ނޫޅޭތި!…..” މައިމޫނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ބާޒާރުކޮށްލައިގެން އައިސް ގެއަށް ވަން ފަޒްލާ ފެނި އޭނަ ރޫޔާގެ އަތުން ދޫކޮށްލިއެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ރޫޔާ ހިފިއެވެ.
އަލްޔަސް ފުރަތަމަވެސް ދިޔައީ ސުނާމީ ބިނާއަށެވެ. އޭނަގެ ހިތް ބުނަމުން ދިޔައީ އީނާ ވާނީ އެތަނުގައި ކަމަށެވެ. ދެމީހުން ފުރަތަމަ ބައްދަލުވި ތަނަކީވެސް އެއީއެވެ. ހިތުގައި ވަންހާނާ ވެފައިވި ލޯބި ފާޅުކުރިތަނަކީ ވެސް އެއީއެވެ. ފޮނި ހަނދާންތަކާ ގުޅިފައިވާ ތަނެކެވެ.
އަލްޔަސް ކާރު ޕާރކްކޮށްލަމުން ކާރުން ފޭބީ އަވިއައިނު އަޅައިގެންނެވެ. އިރުގެ ދަގަ ހޫނުން މޫނުތައް ފިއްސާހާ ވެއެވެ. ދުރުން އަވާމެންދުރުތައް ފެނެއެވެ. ދުރަށް ހިނގާކަށް ނުޖެހުނެވެ. ތޮށިގަނޑުމަތީ އިށީންދެލައިގެން އިން އީނާ އަލްޔަސްއަށް ފެނިއްޖެއެވެ. އަލްޔަސްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތުގައި ގަނޑުފެން އަޅާލެވުނުހެން ހީވި ވަގުތުކޮޅެކެވެ. ފިރިހެންވަންތަ ހިނގުމެއްގައި ގޮސް އަލްޔަސް އީނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
އަލްޔަސްގެ އެހަރަކާތުން އީނާ ދިޔައީ ސިއްސައިގެންނެވެ. ހަޅޭއްލަވައިގަންނަމުން އޭނަ ތޮށިގަނޑުމަތިން ތެދުވެއްޖެއެވެ. ދިޔަވަރު ބޮޑުވަމުން އަންނަ ވަގުތައް ވުމުން ރާޅުތައް ބިންދާލާ އަޑު މާހުއުލުގެ ތެރެއަށް ފެތުރިގެންދެއެވެ. އިރުގެ ހޫނު ދަޅަތައް ކަނޑުގެ ލޮނުގަނޑަށް އެޅިފައި ވުމުން ދިހުން އަރައެވެ. ތެތްފިނިކަން އެކުލެވިފައިވާ ރޯޅިތައް މަދުންނަމަވެސް އައިސް ހަށިގަނޑަށް ބޮސްދެއެވެ.
”އަތްނުލާތި…” އަލްޔަސްގެ މޫނު ފެނުމުން އީނާގެ އަނގަނޯޅުނީ ކިރިޔާއެވެ. އަވިއައިނު އަޅައިގެން ހުރިއިރު ހަށިގަނޑަށް ހިފާލާފައިވާ އައިސްބްލޫ ކުލައިގެ ޓީޝާޓާއި ކަޅު ކުލައިގެ ޖިންސްގައި ނިކަން ސްމާޓެވެ. އިރުކޮޅެއް ވަންދެން އަލްޔަސްގެ ރީތިކަމުގެ ތެރެއަށް ގެއްލިފައި ހުރި އީނާ ތުންއޫކޮށްލާފައި ދުރަށް ދާން ހިނގައިގަތެވެ. އަލްޔަސް އީނާގެ ފަހަތުން ވިއްދާލުމުން ލާނެއް ހިނިތުންވުމެއް ތުންފަތާ ކުޅެލިއެވެ. ހާސްކަން ކެނޑި އަލްޔަސްގެ މޫނު މަތީގައިވަނީ އުފާވެރިކަމެވެ. އީނާގެ ރުޅި މޫނު ފެނި އިތުރަށް އީނާ ތަޅުވާލަން އަލްޔަސް ގަސްދުކުރިއެވެ. އީނާ ރުޅި އައިސް މޫނު ރަތްކޮށްލައިގެން ހުރުމުން ދީވާނާވާހާ ވިއެވެ. ދޮން މޫނުގައި ދާތިކިތައް ވިދައެވެ.
”އަހަރެންގެ ފަހަތުން އަންނާނެކަމެއް ނެތް، ދޭބަލަ އެސްޕެޝަލް ކުއްޖާ ކައިރިއަށް….” އީނާ ބުނެލިއެވެ. ”ބޭބް ރުޅި ފިނިކޮށްބަލަ….” އަލްޔަސް އީނާގެ ކުރިމައްޗަށް އެރިއެވެ. ދެން އީނާއަށް ކުރިއަށް ދިއުމުގެ ހުރިހާ މަގެއް އޭނަ ބެއްދިއެވެ. އީނާ ކުޑަކޮށް ހަޅޭއްލަވައި ގަންނަމުން އަލްޔަސްގެ މުލައްދަނޑީގައި އަތުން ޖެހިއެވެ.
”އީން އެތެރެއިން އަނދާހެން ހީވަނީ….” އަލްޔަސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އީނާ ކަޅިއަޅާލިއެވެ. އަލްޔަސް ހީގަތެވެ.
”ރުޅި، ދެން ދުވަހަކު ވާހަކަ ނުދައްކާނަން، ޔޫ އާރ އަންފެއިތްފުލް….” އީނާގެ އެސްފިޔަތައް ތެމިގެން ދިޔައެވެ. އީނާގެ ޖުމްލައިން އަލްޔަސްގެ މެޔަށް ތީރުތަކެއް ހަރާލެވުނެވެ. އޭނަ ދުވަހަކު އީނާ ދޫކޮށެއް ނުލާނެއެވެ. އުމުރަށް ވަފާތެރި ވާނެއެވެ. ލޯބިން އެއަތުގެ ތެރޭގައި ގެންގުޅޭނެއެވެ. އަލްޔަސް ވަގުތުން އެއީ ސަމާސާއެއްކަމަށް ބުނެލިއެވެ.
”ކިހިނެއް ޤަބޫލުކުރާނީ؟….” އީނާ ހުރީ ޝައްކެއްގެ މަތީގައެވެ. އަލްޔަސް އޭނަގެ ފޯނު ނަގާ ކޯލް ލޮގް ދައްކާލިއެވެ.
”އަހަރެން ހުރީ ދައްތައާ ވާހަކަ ދައްކަން، ދެން އީނޫ ގުޅަން ފެށީމަ ކޯލް ކުރުކޮށްލާފަ ބޭނުންވީ ސަމާސާއެއްކޮށްލަން، އެކަމަކު ކިހިނެއް އެނގޭނީ އީނޫ ތިހާ ޖަޒުބާތީ ވެދާނެކަމެއް، އީނޫގެ ރޫމްއަށް ދިޔައިރު ފޯނުވެސް އޮތީ ހަލާކުކޮށްލާފަ، މިއަދު ވަރަށް ބޮޑަށް ބިރުގަތް….” އަލްޔަސް ކިޔާދިނެވެ. އީނާ ހުރީ އަޑުއަހާށެވެ. އަލްޔަސްގެ ބަހަށް އިތުބާރު ކުރެވުނެވެ. ދޮގު ހަދާކަށް އަލްޔަސްއަކަށް ނޭގޭނެއެވެ.
”ދެން އެވަރުގެ ސަމާސާއެއް ކުރާކަށް ނުވާނެއެއްނު. ވަރަށް ބޮޑަށް ހިތުގައި ޖެހުނު…. ރޯންވެސް ރުއިން….” އީނާއަށް އެހިސާބަށް ބުނެވުނުތަނާ އަޑު ކުރެހުނެވެ.
”ސޮރީ ޑާރލިންގް. ދެން ދުވަހަކު އެދަފަ ސަމާސާއެއް ނުކުރާނަން، ޔޫ އާރ މައި އެވްރީތިންގް، އީނޫ ނޫން ކުއްޖަކު އަހަރެންގެ ހަޔާތަކަށް ނާންނާނެ…. ތިއަތުގައި ހިފީ ތާއަބަދު އީނޫއާއެކު އުޅެން، ދިރިއުޅުމުގެ ހުރިހާ ތޫފާނަކާ އެކުގައި ކުރިމަތިލާން، ވީއިރު ކިހިނެއް އީނޫ ދޫކޮށްލެވޭނީ؟…. ވީހާވެސް އަވަހަކަށް ދުވަސްތައް ދާން ބޭނުންވަނީ، އީނޫ އަހަރެންގެ ހައްގަކަށް ވާދުވަހަކީ އަހަރެން އެންމެ ބޮޑަށް އުފާވާނެ ދުވަސް…..” އަލްޔަސް އީނާގެ އަތުގައި ހިފާލަމުން ތޮށިގަނޑުމަތީ އިށީނެވެ. އީނާ އަލްޔަސް އަޅައިގެން ހުރި އަވިއައިނު ނަގަމުން އެދެލޮލަށް ބަލާލިއެވެ. އަސަރުގަދަ ލޮލެކެވެ. ހިތް އަވަސް ވެއްޖެއެވެ.
”އައި ލަވް ޔޫ….. ޕްލީޒް ބީ ވިތް މީ….” އީނާ އަލްޔަސްގެ މޭގައި މޫނު ޖައްސާލިއެވެ. އަލްޔަސް ވެސް ލޯބިވާ ވާހަކަ ބުނެލިއެވެ.
އިރުގެ މައްޗަށް ސަވާރުވެލި ބޯވިލާތަކުން އިރުގެ ހޫނުކަން ފޮހެވިގެން ދިޔައެވެ. ތޮށިގަނޑުމައްޗަށް ބިންދާލި ބިޔަ ރާޅުގެ ފޮނުތަކުން އަލްޔަސް ތެތްމާލުމުން އީނާ ބާރަކަށް ހީގަންނަމުން ތެދުވެއްޖެއެވެ. އޭރު ވިއްސާރައިގެ ނިޝާންތައް ދިމަދިމާލުން ފާޅުވާން ފަށައިފި އެވެ.
”ބަނޑަށް ތަދެއް އަރައިފި…” ޖެހިބުދެއްހެން ހުއްޓުން އަރާފައި އަލްޔަސް އިނީ އީނާގެ މޫނަށް ބަލާށެވެ. ކުރިން ބިންދާލި ރާޅަށް ވުރެ ބިޔަ ރާޅުގެ ފޮނުތައް ދުރުދުރަށް ބުރުއްސައިގެން ދިއުމުން އީނާ ފަހަތަށް ޖެހިލުމުން ފައި އަރިއަޅާލިއެވެ. އަލްޔަސް ނިކަން ހަލުވިކަމާއެކު އީނާގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. ދެލޯމަރާ ތަގުޅިކޮށްލައިގެން އޮވެފައި އީނާ ލަސްލަހުން އެސްފިޔަތައް ހުޅުވާލިއެވެ.
ތުނި ވާރޭގެ ކަނިތަކުގެ ހަމަލާތަށް އަމާޒުވާން ފެށިއިރު ރާޅުގެ މިޔުޒީއަޑު ނާމާންވިއެވެ. އުޑުމަތި ވަށާލި ބޯފަރުދާތައް ދިޔައީ އަނދިރިވަމުންނެވެ.
ވާރޭގެ ތެރޭން އަލްޔަސްގެ މުނަށް ބަލަން އޮވެފައި އީނާ ދެލޯ މަރާލިއެވެ. އެއަތުގެ ތެރޭގައި އޮވެވުމުން އަރާމުވިއެވެ. އީނާގެ މޫނުގައި އެތައް ސަތޭކަ ފެންތިކިތައް ބޮސްދީފައި ތިރިއަށް ދެމިގެންދާ މަންޒަރު ބަލަން އަލްޔަސްއަށް ހުރެވުނީ އާގަމެވެފައެވެ. މަޑު ތުންފަތުގައި ފެންތިކިތައް ހަރުލާފައިވަނީ ހާދަ ފުރިހަމައަށެވެ. އެސްފިޔަތަކުގެ ތެރޭން ފެންތިކިތަށް ދެމިގެންދާއިރު މޫނު ފެންނަނީ ޝަބްނަމް ތިކިތަކުން ފެންވެރިފައިވާ މަލެއްގެ ސިފައިގައެވެ. ކޮންމެ ފިރިހެނެއްގެ ހިއްސުތަކުގައިވެސް އެރީތިކަމުން ރުޅުރޯވާނެއެވެ. އަލްޔަސް ފުން ނޭވާއެއް ލަމުން އީނާ ދުރުގައި ބެހެއްޓިއެވެ. އޭނަ ޖެހޭނީ ކެތްތެރިވާށެވެ.
”އޯހް ނޯ، މަގޭ ފޯން….” އަލްޔަސް ޖީބުގައި އަތްޖައްސާލުމާއެކު ބުނެވުނެވެ. ”އޫޕްސް…” އީނާ ދެލޯބޮޑުކޮށްލިއިރު މައުސޫމްކަމުގެ އިންތިހާއެވެ.
”ދޭމިހުންގެ ފޯނުވެސް ހަލާކުވީ، ދެން ކިހިނެއް ގުޅަނީ؟….” އީނާ ދެރަވެފައިވާ އަޑަކުން ބުނެލިއެވެ. ”ނޯ ވޮރީސް، މިރޭ އީނޫއަށް ޕްރެޒެންޓަކަށް ފޯނެއް ދޭނަން….” އަލްޔަސް ހީލިއެވެ. އޭނަ ދެރަވީ ފޯނު ހަލާކުވީމައެއް ނޫނެވެ. އޭގައިވާ ދެމީހުންގެ ފޮޓޯތައް ގެއްލުނީމައެވެ.
***
އޮޕަރޭޝަނަށްފަހު ރާނިޔާއަށް ހޭލެވުނުއިރު އަވްޝަންގެ އިތުރުން ޔަޒްދާންއާއި ފަލަކްވެސް ކައިރީގައި ތިބިތަން ފެނުނެވެ. ރާނިޔާއަށް ފުރަތަމަ ކޮޅު މަންޒަރު ފެނުނީ ފުސްކޮށެވެ. ރާނިޔާ އަވަސް ނޭވާތަކާއެކު ލޯމަރާލާފައި އެސްފިޔަތައް ތަޅުވާލިއެވެ. ސިކުންތަކަށްފަހު ސިކުންތެއް މަންޒަރު ސާފުވެ އަވްޝަންގެ މޫނު ފެނުމުގެ ނަސީބު ރާނިޔާއަށް ލިބުނެވެ. ދީޕާވެސް އުޅޭތަން ފެނެއެވެ.
”ރަގަޅުތަ….” ދީޕާ އަހާލިއެވެ. ރާނިޔާ ބޮލުގެ އިޝާރާތުން ޖަވާބު ދިނެވެ. ރާނިޔާ އިންތިޒާރު ކުރި ޖަވާބު ދީޕާ ދިނެވެ. ”އައި.ވީ.އެފް އިސް ސަކްސެސްފުލް….” ދީޕާ ބުނެލިއެވެ. ރާނިޔާގެ ލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނަތަކެވެ. ކުޑަކޮށް ގިސްލެވުނެވެ. ރާނިޔާ މާތްﷲއަށް ހަމްދާއި ޝުކުރުކުރިއެވެ.
އަވްޝަން ރާނިޔާ ގާތަށް ޖެހިލަމުން ނުރޯން އެދުނެވެ. އަވްޝަންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ.
”ވީކެއް ފަހުން ގެއަށް ދޫކޮށްލެވޭނީ….” ދީޕާ ދަމުން ބުންޏެވެ.
”ކޮންގްރާ ރިނީ….” ފަލަކް ބުންޏެވެ. އޭނަ ތައްޔާރުކޮށްގެން ގެނައި ޕައިކޮޅެއް ރާނިޔާގެ އަނގަޔަށް ލައްވާލަދިނެވެ. ”މީރުތަ؟ ފުރަތަމަ ފަހަރަށް ޕައިއެއް އެޅީ….” ފަލަކް އަހާލިއެވެ.
”އާނ…” ރާނިޔާ ބުނެލިއެވެ.
”ދެން ރެސްޓްކޮށްލާ….” އަވްޝަން ރާނިޔާގެ ނިތަށް ބޮސްދިނެވެ. ފަނޑު ހިނިތުންވުމަކާއެކު ރާނިޔާ ދެލޯމަރާލިއެވެ.
”ޝާން ވާނެ ފުރުމުގެ ކުރިން ކެއުމެއް ދޭން….” ޔަޒްދާން ބުންޏެވެ. އަވްޝަން އެކަމަކަށް އެއްބަސްވި އެވެ.
***
އަލްޔަސް ރޭގަނޑު ”ވޯޓާރ ގޭޓްސް” އަށް ދިޔައީ އީނާއަށް ދޭން ހަދިޔާއެއް ހިފައިގެންނެވެ. ”ހޭއި ގާރލްސް…” އަލްޔަސް އީނާގެ ކޮޓަރީގެ ދޮރު ހުލުވާލިއިރު އީނާ އާއި ރޫޔާ ތިބީ ފިލްމެއް ބަލާށެވެ.
”އަޅޭ، ސޭމް ތިއައީ އެންމެ އިންޓްރެސްޓިންގް ހިސާބުން…” އީނާ ލެޕްޓޮޕުން ނަޒަރު ވަކިކޮށްލަމުން ތެދުވެލިއެވެ. ރޫޔާ އޮތީ ފިލްމަށް ޝައުގުވެރިކަން ދީގެންނެވެ.
”ކޯޗެއް ތި ބަލަނީ މުޅި ކޮޓަރި އަނދިރިކޮށްލައިގެން ތިބެ…” އަލްޔަސް ލަސް ފިޔަވަޅުތަކެއްގައ އައިސް އެނދުގައި އިށީނެވެ.
”ފްރޯޒެން…” ޖަވާބު ދިނީ އީނާއެވެ.
އީނާ، އިނީ ފަނޑު އަލިވަރުގެ ތެރޭން ފެންނަ އަލްޔަސްގެ ސޫރަ ފެނި ދީވާނާ ވެފައެވެ. އެމޫނު ނޫން އެހެންދީމާލަކަށް ނުބެލެއެވެ. ”ސޭމް މިގަޑީގަ ތިޔައީ ޑޭޓަކަށް ދާންތަ؟…” ރޫޔާ ފިލްމް ޕޯސްކޮށްލަމުން ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. އަލްޔަސް އާއި އީނާ އެކަނިވެލަން ފުރުސަތު ދީފައި އޭނަ ދިޔައީ ބޭރަށެވެ.
”އީނޫ އައީމަ ދެން ފިލްމުގެ ބާކީއޮތްބައި ބަލާނީ…” ރޫޔާ ނިކުންނަމުން ބުނެލިއެވެ.
އީނާ އަލްޔަސް ކައިރިއަށް ޖެހިލަމުން ބުމަ އަރުވާލިއެވެ. ”ފޯން…” އަލްޔަސް ކުޑަ ފޮށި ދިއްކޮށްލިއެވެ. އީނާ އަނގައިގައިވާ ދައްތަކެއް ދައްކާލަމުން ފޮށި ހުޅުވާލިއެވެ.
”ރުޅި އައިސް ތިފޯނު ހަލާކު ނުކުރައްޗޭ….” އަލްޔަސް ސަމާސާ ރާގަކަށް ބުންޏެވެ. އީނާ ސެމްސަންގް ގެލެކްސީ އެސްފައިވް ގައި އަތް ހިންގާލީ ކޫރުމެއް ނޭޅޭނެހާ ފަރުވާތެރި ކަމާއެކުގައެވެ. އޭނަ މިފޯނު ހަޒާނާއަށް ލާފައި ބާއްވާނެއެވެ. ”މިފޯނު ދާނީ ޝޯކޭސްއަށް، ބައްތި ފޯނެއް ދެން ގެންގުޅޭނީ، އޭރުންނެއްނު މިއަގު ބޮޑު ފޯނަށް ދެރަގޮތެއް ނުވާނީ… ސޭމްގެ އެންމެ ޕްރީޝިއަސް ހަދިޔާއަށް ގެއްލުމެއް ވާކަށް ބޭނުމެއް ނޫން، ތޭންކްސް ލޯބީ …” އީނާ އަލްޔަސްގެ ގައިގައި ބައްދާލިއެވެ.
މައިމޫނާ ބެލްކަނީގައި ހުއްޓާ ފެނުނު މަންޒަރަކުން އުފަލުން ނަށާލެވުނެވެ. އޭނައާއި ދިމާކުރި ގްރޫޕް މަގުގައި މާރާމާރީ ހިންގައި މީހަކުގެ ގަޔަށް ވަޅި ހެރުމުން ޕޮލިހަށް ގެންދެވުނީއެވެ. ޕޮލިސް ޖީޕަށް އެމީހުން އެރުވިއިރު މައިމޫނާއަށް އިހުސާސް ކުރެވުނީ މިނިވަންކަމެވެ. ކޮއްޓެއްގެ ތެރޭގައި ގަރުނެއް ވަންދެން ބަންދުވެފައި އިން ދޫންޏެއް މިނިވަންވުމާއެކު ފަޒާގެ ތެރެއަށް އުދުހިގެންދާއިރު ލިބޭ ހިތްހަމަޖެހުން މައިމޫނާއަށް ވެސް ލިބުނެވެ. ބިރުވެރިކަމުގެ ފަރުދާތަށް ކަހާލެވިއްޖެ އެވެ. އޭނަގެ ރޭވުންތަކަށް އިތުރު ދޮރުތަކެއް ހުޅުވުނީއެވެ.
”މިފަހަރު ކުޅި ދައްކާލާނަން، މިފަހަރު ކާމިޔާބު ލިބޭނީ އަހަންނަށް….” މައިމޫނާ ހިތާހިތުން ކިޔާލިއެވެ. ކަޅު ކޮފީ ކޯވަރެއް ބޯލަމުން މައިމޫނާގެ ސިކުނޑީގެ ނާރުތަކަށް ލުއިވިއެވެ. ކޮފީގެ މީރު ވަހުން ޒަމާންގަނޑަކަށްފަހު މައިމޫނާގެ މޫނަށް އުފާވެރިކަން ގެނުވިއެވެ. މައިމޫނާ ބެލްކަނީގައި ހުރެ ވިސްނިއެވެ.
އުމެއިރާއަށް ނުގުޅޭތާ ދުވަސްތަކެއް ވެފައިވުމުން މައިމޫނާ ދިޔައީ އުމެއިރާއަށް ގުޅާށެވެ. އުމެއިރާ އޭނައަށް އެހީވާނެކަމަށް އޭނަގެ ޒަމީރު ބުނަން ފެށިއެވެ. ހިޔަޅުގެ ވިސްނުން ލިބިފައިވާ ދެމީހުން އެއްވުމުން ކިތަންމެ ކަމެއް ހާސިލުވާނެ އެވެ. އެއްގާގަނޑުން ޖަހައި ދެދޫނި މަރާލެވޭނެއެވެ. މައިމޫނާގެ ތުންފަތަށް ވެރިވީ ވިހަކަން އިންތިހާއަށް ގޮސްފައިވާ ހިނިތުންވުމެކެވެ.
ލޭންޑްލައިނުން ގުޅަން އުޅެއުޅެ ގުޅޭ ގޮތެއް ނުވުމުން މައިމޫނާ ދިޔައީ ރޫޔާގެ ކޮޓަރިއަށެވެ. ރޫޔާ ކޮޓަރިއަކު ނޫޅެއެވެ. ނަމަވެސް ރޫޔާގެ ފޯނު ލިޔާ މޭޒުމަތީ އޮތްތަން އޭނައަށް ފެނުނެވެ. މައިމޫނާ ފޯނު ނެގިއިރު ”ޕޮޕް” ނަމުން ސޭވްކޮށްފައިވާ ނަންބަރަކުން ގުޅަތާ ކިތަންމެ އިރެކެވެ. ނިތަށް ޖަމާވަގެން ދިޔަ ރޫތަކާއެކު މައިމޫނާ ފޯނަށް ޖަވާބު ދިނެވެ.
”ހެލޯ…ރޫ….” މައިމޫނާގެ މެޔަށް ފިނިފެންއެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. އެއަޑު މައިމޫނާގެ ކަންފަތުގެ ތެރެއަށް ފޭދިގެން ދިޔައިރު މޫނު ބަނަވިއެވެ. އޭނަ ފޯނުކަނޑާލިއިރު މޫނު ރަތްވެއްޖެއެވެ.
(ނުނިމޭ)
7 Comments!
Comments are closed.
Hope that readers will like this part too, faharehga story ginasdey duvas thakah badhaluthakeh aisadhaane , ill let u knw if it happen, 15th vanabai monday ga upkohladeynan; inshaallah. 🙂 13th part ah cmmnt kohli hurihaa kudhinan vvvvvvv bondhah shukuriyaa, i was so busy thats why cudnt reply, sorry for that. 🙂
its okay even if u dnt reply….. its not a problem
mibaives vvvvvvvv reeththi…
:):)
Vvv rythi mi prt next part avahah up koh dhehchey
vvvvvvvvvvvvv nice…….like it…………waitng 4 da nxt prt…<3
v.salhi mi part vx..thankolheh avahah up kohdhechey
Nice vara maimoona a varu gada ladey dhy thi mifaharu ves n waiting for da next part
Vvvvvvvvvvvvvvvvvvvvvvvvvv reethi ♡♥♡♥♡,waiting for d nxt part, mi story ehaa avahah nuninmahchey