ކޮލެޖުން ނިންމާލުމަށްފަހު އަތުގައި އޮތްފޮތް ގަޔާއި ކައިރިކޮށްލަމުން ހިނގައިގަތީ ގެއަށް ދިއުމަށެވެ. ކޮލެޖުގައި ކިޔަވަން ފެށުނުތާ ގިނަދުވަސްތަކެއް ވީނަމަވެސް މަޒީދުގެ މާ ގިނަ ރައްޓެހި ކުދިންތަކެއް ނުތިބެއެވެ. މަޒީދަކީ ބަސްމަދު މަޑުމައިތިރި ފިރިހެނެކެވެ. އުޅުމުގައި ސާދާގޮތެއް ހުންނަ ޒުވާނެކެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއްމެ ނޫނީ ނުބުނާނެއެވެ. ބަޔަކު ތިބެގެން ތަނެއްވެއްޓޭވަރަށް ހީ ސަކަކާތްޖެހި ކަމުގައި ވިއަސް އޭނަ ހިނިތުންވެލާނީ މަދު ފަހަރަކުއެވެ. މަޑުން ހުންނާތީ ކޮލެޖުގެ ބައެއް ކުދިން ވައްބަހުން އެއްޗެއް ޖަހާލާނެއެވެ. ހާއްޞަކޮށް ޒުވާން ފުރައިގެ އަންހެންކުދިންނެވެ. ނަމަވެސް އޭނަ ހުންނާނީ ނެގިމަޑުވެ ބަސް ހުއްޓިފައެވެ.ކުލާސް ނިންމާލުމަށްފަހު ކެންޓީނުގައި މަޒީދު އިނީ ސައިބޯށެވެ. ކަނާތްފަރާތުގައި ކަޅު ސައިތައްޓެއް ހުއްޓެވެ. އަނެއްފަރާތުގައި ތައްޓެގައި ދެތިން ހެދިކާއޮތެވެ. ފޯނާއި ކުޅެމުން ސައިތަށިން ކޯވަރެއް ދަމާލައެވެ. އަނެއްފަހަރު ހެދިކާގެ އެތިކޮޅެއް ކާލުމަށްފަހު ތަށިތެރެއަށް ލަމުން ދިޔައެވެ. މޭޒުމަތީގައި ފިލާވަޅުތައް ނޯޓުކުރުމަށް ގެންގުޅޭ ބޯ ފޮތެއް ބާއްވާލާފައި އޮތެވެ. ކޮލެޖު ތެރޭ އެކި ދިމާލުގައި ކުދިންތައް ހޭލަމޭލަ ވަމުން ދިޔައެވެ. ކެންޓީނު ކައިރީގައި ޖަހާފައިވާ މޭޒުތައްކައިރީގައި ބައެއްކުދިން ސަޔަށް އިންސާފުކުރަމުންދިޔައެވެ. އެއްބަޔަކު ހީހީފައި ވާހަކަ ދައްކަމުން ދިޔައެވެ. އަނެއްބަޔަކު ކޮންމެވެސް ބޮޑު ވާހަކައެއްގެ ތެރޭގައި މަޝްވަރާކުރުމުގައި އުޅެމުންދިޔައެވެ.
“މިތާ ޖައްސާލިއަސް އޯކޭވާނެ؟” މަޒީދު ސިހުނީ އަންހެންކުއްޖެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. ފޯނަށް ދީގެން އިން ލޯވެސް އޭނައަށް އަމާޒުވެގެން ދިޔައެވެ. ފޯނު މޭޒުމަތީގައި ބާއްވާލަމުން ބުމަ އަރުވާލިއެވެ. އެ އަންހެންކުއްޖާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނަ ގޮޑީގައި އިށީނުމުންވެސް މަޒީދަށް އުނދަގޫވިއެވެ. އޭނައަކީ އެކަނި އުޅުމަށް ލޯބިކުރާ ޒުވާނެކެވެ. އޭނަގެ މޫނުމަތިން ކުރިންހުރި ކުލަވަރު ގެއްލި މޫނު ފުސްވެގެން ދިޔައެވެ.
“މަޒީދު ކީއްވެ ވާހަކަ ނުދައްކަނީ..” އެ ހަމަ ހިމޭންކަން ފޫދުއްވާލީވެސް އެ އަންހެންކުއްޖާގެ މައުސޫމު އަޑުންނެވެ. މަޒީދު ކަމުންދިޔަ ހެދިކާ ތައްޓައްލަމުން ހިނިތުންވެލިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ބުނުމުގެ ޝައުޤުވެރިކަމެއް އޭނަގެ މޫނުމަތިން ފެންނާކަށް ނެތެވެ. އެ އަންހެންކުއްޖާވެސް ލަދުގަތެވެ. ކުރެވުނީ މޮޔަކަމެއްކަން ވެސް އިޙްސާސްކުރެވުނު ކަހަލައެވެ.
“މަޒީދު….” އަނެއްކާވެސް އެކުއްޖާ ގޮވާލިއެވެ. މަޒީދު ކުރިހާވެސް ކަމަކީ އިސްއުފުލާލުމަށްފަހު ހިނިތުންވެލުމެވެ. ހީވަނީ ދުވަހަކު ވާހަކަ ނުދައްކަން ހުވާކޮށްފައި ހުރި މީހެއްހެންނެވެ. ފިރިހެނަކު އެގޮތަށް ވާހަކަ ނުދައްކާ އިންނާތީ އެ އަންހެންކުއްޖާވެސް އިނީ އަޖައިބުވެފައެވެ. އޭނަ ދެފަރާތަށް ބޯހޫރާލިއެވެ. ނަމަވެސް ގޮތެއް ދުލެއް ނުކުރިއެވެ. ގޮޑި ދުރުކޮށްލަމުން ތެދުވިއެވެ. ތެދުވެގެން މަޒީދާއި ދާދި ގާތުގައި ހުއްޓުނެވެ. މަޒީދު ޙައިރާންވެފައި އެކުއްޖާގެ މޫނަށް ބަލައިލިއެވެ.
“މަޒީދު.” މަޒީދަށް އެ އަންހެން ކުއްޖާ ގޮވާލުމަށްފަހު އަނގައިނުބުނެ ހުރީއެވެ. މަޒީދު އެކުއްޖާއަށް ބަލަހައްޓައިގެން އިނެވެ. “މަ ވަރަށް ލޯބިވޭ މަޒީދު ދެކެ” އެ އަންހެންކުއްޖާއަށް ބުނެލެވުނެވެ. މަޒީދުގެ ދެލޯވެސް މަރައިލެވުނެވެ. އެއްވެސް އަންހެންކުއްޖަކު އޭނަ ދެކެ ލޯބިވާ ވާހަކަ ބުނުމަކީ އޭނަ ރުހޭ ކަމެއްނޫނެވެ. އަންހެންކުއްޖާ އޭރުވެސް މަޒީދަށް ބަލަހައްޓައިގެން ހުރީއެވެ. މަޒީދު ގޮނޑި ދުރައްޖައްސާލަމުން ގޮނޑިން ތެދުވިއެވެ. މޭޒުމަތީގައި އޮތްފޮތް ނެގިއެވެ. އަވަސް އަވަހަށް އެތަނުން ދުރައްދިޔައެވެ. އޭނަ ބޭނުންވީ އަވަސް ގޮތަކުން އެތަނުން ދިއުމެވެ. ފަސްއެނބުރި ބަލާލުމެއްނެތި ގޭޓާއި ދިމާއަށް ހިނގައިގަތެވެ. ދިޔަގޮތަށް ގޭޓުގެ ދޮރާށި ހުޅުވާލުމަށްފަހު ކޮލެޖުން ނުކުމެގެން ދިޔައީއެވެ.
“ނީމާ” މޭޒުކައިރީގައި ހުރި ނީމާ ސިހުނީ އޭނަގެ އެކުވެރިޔާ ޖަޒީލާ ގޮވާލުމުންނެވެ. “އޭރުވެސް މަ ބުނިންދޯ ތިހެން ކަންތައް ނުކުރާށޭ. ނީމާ އަށް ތިކުރެވެނީ ރަނގަޅުކަމެއްނޫނޭ. ކިތައްފަހަރު މަ ބުނެފިން ނީމާ ތި އުޅެނީ ރަނގަޅަކަށް ނޫނޭ..” ޖަޒީލާ ހިތްހަމަ ނުޖެހިފައި ވާހަކަ ދައްކަމުން ދިޔައެވެ.
“ޖަޒީ މިކަމާއި ހިތްހަމަ ނުޖެހެންޏާއި ދުރުގަ ހުރޭ.” މޭޒުމަތީގައި އޮތް ފޮތް ނަގަމުން ނީމާ ބުންޏެވެ. “އަހަރެން ކަންތައް ކުރާނީ އަހަރެންނަށް ފެންނަ ގޮތަކަށް. މަޒީދު ދެކެ މަ ލޯބިވޭ” ނީމާ ހިތްހަމަ ނުޖެހިގެން އެތަނުން ނުކުމެގެން ހިނގައިގަތެވެ.
***
މަޒީދު އޮތީ އެނދުމަތީގައި އޮށޯވެލައިގެން ފުން ޙިޔާލަކަށް ގެއްލިފައެވެ. ކުއްލިއަކަށް އޭނަ ކެއްސަން ފެށިއެވެ. އެނދުން ތެދުވެގެން ގޮސް ވަނީ ފާހަނާއަށެވެ. ފާހަނާ ތައްޓަށް ގުދުވެލިތަނާ ހޮޑުލެވުނެވެ. ފާހަނާ ތައްޓަށް ބަލައިލިއެވެ. ފެނުނީ ލޭތަކެވެ. ނޭފަތުގައި އަތް ޖައްސާލެވުނީ ނޭފަތުން އެއްޗެހިތަކެއް ފައިބާހެން ހީވެގެންނެވެ. އަތުގައި އުނގުޅުނީ ލެޔެވެ. ފާރުގައި ހަރުކޮށްފައި ހުރި ލޯގަނޑު ކުރިމަތީގައި މަޑުޖެހުނެވެ. ނޭފަތުން ފައިބަމުން ދިޔަ ލޭތަށް ފެނިފައި އޭނަގެ ދެލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތްކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ހާމަވިއެވެ. ދެލޯ މަރާލެވުނެވެ. ރީތިކޮށް މޫނު ދޮވެލައިގެން އެނދުމަތީގައި ގޮސް ޖައްސާލިއެވެ.
ނީމާ ކުލާހުގައި އިން އިރުވެސް ދިމަ ދިމާލަށް ނަޒަރު ހިންގާލިއެވެ. މަޒީދު ކުލާހުގައި ނެތުމުން ހިތަށް އުނދަގޫކުރުވިއެވެ. އޭނަގެ އަމަލުތަކުން މަޒީދު ކުލާހަށް ނައީ ކަމުގައި އޭނަގެ ހިތް ބުނަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް ކުލާހުގައި އިންނަ އިރު މަޒީދު ފެނޭތޯ ބަލައެވެ. ފޯނަށް ގުޅި ކަމުގައި ވިއަސް އެއްވެސް ހަބަރެއް ނުލިބެއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ.
ދުވަސްތައް ދިގުދެމިގެންދާންފެށިއެވެ. މަޒީދުގެ އެއްވެސް ޙަބަރެއް ނުލިބުނެވެ. ނީމާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. މަޒީދު ދެކެ ލޯބިވާ ވާހަކަ ބުނެވުނު މޮޔައޭ ހިތަން އެރިއެވެ. ނަމަވެސް ނީމާ ބޭނުންވަނީ މަޒީދެވެ. މަޒީދު ފެންނަ ހިސާބުގައި ހުރުމެވެ. މަޒީދާއި ނުލައި ދިރިއުޅުމަކީ ނީމާއަށް ދިރިއުޅުން ކުރިއަށް ގެންދިއުމަށް އުނދަގޫ ކަމަކަށްވެގެން ދިޔައެވެ. ފުރަތަމަ ފެނިލުމުންވެސް މަޒީދާއި ދޭތެރޭ ޙާއްސަ ގޮތެއް ބެހެއްޓުނެވެ. ވާޙަކަ ވެސް ދެކެވުނެވެ. ލޯބިވާ ވާހަކަ އެތައްފަހަރަކު ބުނެވުނެވެ. އާދޭސް ކުރެވުނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް މަޒީދު ވާހަކަ އެއް ނުދައްކައެވެ. ފަސް އެނބުރި ދަނީއެވެ. އޭނަގެ އެއްވެސް ސްވާލަކަށް ޖަވާބެއް ނުދެއެވެ. މަޒީދު ލޯބިވާކަށް އޭނަގެ އަމަލުތަކުން ނީމާއަށް ވެސް އެނގެއެވެ. ނަމަވެސް މަޒީދު އެކަމާއި ކުރިމަތިލާން ބޭނުން ނުވަނީ ކީއްވެކަންވެސް ނީމާއަށް ނުވިސްނެއެވެ. ނަމަވެސް ނީމާ އެއްވެސް ޙާލެއްގައި އޭނަގެ ގޮތުގައި ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
“ނީމާ. ތި އުޅުން ހުއްޓާލަބަ. ނީމާ ތީ..” ޖަޒީލާ ވާހަކަ ދައްކަމުން ބުންޏެވެ. ޖަޒީލާ ބޭނުންވީ ނީމާއަށް ވިސްނައިދެވޭތޯއެވެ.
“ޖަޒީ. އަހަރެން ކިހިނެއް ހަދާނީ. ލޯބިވުމަކީ ކުށެއްތަ؟” ނީމާ ރޮމުން ވާހަކަ ދެއްކިއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ނީމާ އުޅޭ ކޮޓަރީގައެވެ. ފާރުގައި ނީމާގެ ތަސްވީރުތައް ހުއްޓެވެ. ނީމާގެ ކައިވެނީގެ ފޮޓޯތަކާއި އައިލާ މީހުންގެ ތަސްވީރުތައް އެކިދިމާލުގައި ހަރުކޮށްފައި ހުއްޓެވެ.
“އަހަރެން ޤަބޫލުކުރަން އަހަރެން މީ ކުރީގަ މީހެއްގެ އަތްބެއްކަން.” ނީމާ ދެލޯ ފޮހެލަމުން ވާހަކަ ދައްކަމުން ދިޔައެވެ. ” ފައިރޫޒުގެ ފަރާތުން ލިބުނީ ކޮން އުފަލެއް. އޭނަ ރިސޯޓުގައި އުޅެފައި އަންނާނީ ހިތަން އެރި ފަހަރަކު. މާލެ އަޔަސް އޭނަ އުޅޭނެ ތަނެއްގައި އުޅެފައި އެދަނީ..” ނީމާ އަށް ގިސްލެވޭގޮތްވިއެވެ. ” އަހަރެން…. އަހަރެންވެސް މީ އިންސާނެއް. ޖަނަވާރެއް ނޫން. އިނދެގެން އުޅޭތާ ދެ އަހަރު ފާއިތުވެ ދިޔައީ ބޭކާރު ގޮތުގައި. އަހަރެންގެ އަންހެންވަންތަކަންވެސް ގެއްލިއްޖެ. މަޒީދު ދެކެ އަހަރެންނަށް ލޯބިވެވުނީ. އެއީ ކުށެއް ކަމަކަށް މަ ޤަބޫލެއް ނުކުރަން..” ނީމާ ވާހަކަ ދެއްކުން ހުއްޓާލުމަށްފަހު އެނދުމަތިން ތެދުވެގެން ހިނގައިގަތީ އަލަމާރިއާއި ދިމާއަށެވެ. ނީމާގެ އަމަލުތަކަށް ބަލަން ޖަޒީލާ އިނެވެ. ނީމާ އަލަމާރި ހުޅުވާލުމަށްފަހު ނެގީ ސިޓީ އުރައެކެވެ. އެ ހިފައިގެން އައިސް އެ ދިއްކޮށްލީ ޖަޒީލާ އަތަށެވެ.
“މީތި ބަލާބަލަ” ޖަޒީލާއަތަށް ދިއްކޮށްލަމުން ނީމާ އެނދުމަތީގައި އިށީނެވެ. ޖަޒީލާ އެ ސިޓީ އުރަ ހުޅުވާލިއެވެ. އަދި އޭގައި ހުރި ތަކެތި ނަގައިގެން ބަލަން ފެށިއެވެ. އިރުކޮޅެއް ވަންދެން އޭގައި ހުރި ތަކެތި ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ.
“މީ ފޮޓޯ ކޮޕީތަކެއްނު. ކޮބާ އޮރިޖިނަލް.؟.” ޙައިރާންވެފައި އިނދެ ޖަޒީލާ ކޮށްލީ ސްވާލެކެވެ.
“މަޒީދު އަތުގައި…” ނީމާ ދިނީ ކުރު ޖަވާބެކެވެ.
“ތި ހޯދީ ކިހިނެއް؟” ޖަޒީލާ އަނެއްކާވެސް ކޮށްލީ ސްވާލެކެވެ. ނީމާގެ ލޮލުން ކަރުނަ ހިލުނެވެ. ނުރޮއި ހުރެވޭތޯ އޭނަ މަސައްކަތް ކުރަމުން ދިޔައެވެ.
‘އަޑު އަހާ..” ނީމާ ދެލޮލުން ކަރުނަތައް ފޮހެލަމުން ވާހަކަ ދައްކަން ފެށިއެވެ. “މަޒީދުގެ ޙަބަރެއްނުވެގެން އެގެއަށް އަހަރެން ދިޔައިން. ދިޔަ ދުވަހަކީ މަޒީދުގެ ފުރާނަނެތް މަސްގަނަޑު ކައްވަޅުގައި ފަސްއަޅާ ފޮރުވި ދުވަސް..” ނީމާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލިއެވެ. ރޮމުން ކަހަލަ ގޮތަކަށް އައިސް ޖަޒީލާގެ ގައިގައި ބައްދައިގަތެވެ. އަނެއްކާވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ” މަޒީދު މަދެކެ ލޯބިވޭ.. އަހަރެން އޭރުވެސް ބުނީމެންނު އަހަރެންނަށް ހީވެޔޭ އޭނަ މަދެކެ ލޯބިވާހެން..” ނީމާއަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. ޖަޒީލާ އޭރުވެސް އޭނަގެ ގައިގައި ބައްދައިގެން އިނީއެވެ.
“އޭނަ މަ ދެކެ ލޯބިވޭ. އޭނަގެ މަންމަގެ ދުލުން އެދުވަހު އެހުރިހާ ވާހަކަތަކެއް ކިޔައިދިން. މަޒީދު މަށަށް ޖަވާބެއްނުދީ ހުރީ ކީއްވެކަންވެސް އެނގުނު… ކުލާހުގައި އުޅުނު އިރު ކުދިންނާއި އެކަހެރިކޮށް އުޅުނީ ކީއްވެކަންވެސް އެނގުނީ އޭނަ މަންމަގެ ވާހަކަތަކުން…” ނީމާގެ ދެލޯ ކަރުނުން ފުރި ބަނޑުންވަމުން ދިޔައެވެ.
“އޭނައަށްވަނީ ލޭގެ ކެންސަރު ޖެހިފައި. އޭނަ ގުނަމުންދިޔައީ އޭނަގެ އެންމެ ފަހު ދުވަސްތައް. ޑަކުޓަރުން އުއްމީދު ކަނޑާލީ. އެލިޔުންތަކަކީ އަހަރެންނަށް ދޭށޭ ކިޔާފައި މަޒީދު އޭނަ މަންމައަތަށް ރައްކާކުރަން ދީފައި ހުރި އެއްޗެހި. މަޒީދު ބުންޏޯ އޭނަ ހޯދަން އަންހެންކުއްޖަކު އަތުވެއްޖެނަމަ އެ ތަކެތި ހަވާލުކުރަން. އޭނަ މަންމަ ބުނި ކުއްޖެއްގެ ނަމެއް ނުބުނެޔޭ. ބުނިހާވެސް އެއްޗަކީ އޭނަ ހޯދަން އަންހެންކުއްޖަކު އަތުވެއްޖެ ނަމަ އެއީ އޭނަގެ ލޯބިވެރިޔާ ކަމުގައި ދެކި އެއްޗެހި ހަވާލުކުރުމަށް..” ނީމާގެ އަޑު ބެދުނެވެ. މަޒީދު އޭނަގެ ދެކެ ލޯބި މިންވަރު ހިތަން އަރާފައި ނީމާގެ ހިތް ފަޅާއިގެން ނުދިޔައީ ކިރިޔާއެވެ. މަޒީދު ދުނިޔޭގައި ހުރެފައި އޭނަދެކެ ލޯބިވާ ވާހަކަ ބުނި ނަމަވެސް ކިހާ ރަނގަޅުހޭ ނީމާގެ ހިތަން އެރިއެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ.
“ނީ. ދެން ތިކަންތައް ހަނދާންކޮށްގެން ލިބޭނީ ކޮން އުފަލެއް… ފައިރޫޒު..” ޖަޒީލާ ވާހަކަ މެދު ކަނޑާލީ ނީމާ ވާހަކަ ދައްކަން ފެށުމުންނެވެ.
“އޭނަގެ ވާހަކަ ހުއްޓާލާ. އެއީ މިހާރު މަގޭ ފިރިއެއްނޫން. ފައިރޫޒު މަ ވަރިވެސް ކޮށްފި. ވަރަށް އުފާވޭ. އަހަރެންގެ ޙަޔާތަށް އިތުރު ފިރިހެނަކު ގެންނާކަށް ބޭނުމެއްނޫން. އަހަރެން ނިމިދާނީ މަޒީދުގެ ހަނދާނުގައި. މި ކޯސް ނިންމާލާފައި އަހަރެންގެ ކެރިއާރ ބަދަލުކޮށްލާނީ ޑަކުޓަރަކަށްވުމަށް. ކެންސަރުބަލީގެ މޮޅު ޑަކުޓަރަކަށްވާން އަހަރެން ނިންމައިފިން. މަޒީދުގެ މަންމަވެސް ހުރީ އެދުވަސްތައް ދެކެން ތައްޔާރަށް. އެމީހުން އަހަރެންނަށް އުފުރުޞަތުވެސް ހޯދައިދީފި. ބޭރަށް ކިޔަވަންދާން އަހަރެން ނިންމައިފިން. އަހަރެން ޤަބޫލުކުރާގޮތުގައި އަހަރެންމީ މަޒީދުގެ އަތްބެއް. އޭނަގެ ހަނދާނުގައި އަހަރެން ކެންސަރުބަލީގެ މީހުންނަށް އެހީތެރިވާނަން. އަހަރެން އޭނަދެކެވީ ސާފުލޯބި. އަހަރެން އެނޫން މީހަކު ދެކެ ލޯތްބެއް ނުވާނަން. ނުވެސް ވެވޭނެ. މީހެއްގެ އަތްބެއްގެ މަގާމުގައި ހުރެ އަހަރެން އޭނަ ދެކެ ލޯބިވެވުނީ ނޭންގުމެއްގެ ތެރޭގައި. ލޯތްބަކީ ކޮބައިކަން ނޭންގުނަސް މިއަދު އަހަރެންނަށް ވިސްނިއްޖެ ފައިރޫޒަކީވެސް ރަނގަޅު މީހެއް ނޫންކަން. އެހެންނޫންނަމަ އަތްބަކަށް ދޭންޖެހޭ ލޯބި މިއަދާ ހަމައަށް އައިރުގަ ދެވިފަ ހުންނާނީ. އޭނަގެ ކަމަކީ އަންހެނުންގެ ފަހަތުން ދުވުން. މިހާރު އޭނަ ބޭނުންގޮތަކަށް އޭނައަށް އުޅެވޭނެ…” ނީމާ ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިމުނުއިރު ޖަޒީލާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ނީމާގެ ހިތްވަރުގަދަ ކަމާމެދު ބަސް ހުއްޓިފައެވެ. އެފަދަ ތެދުވެރި ލޯބިވެރިން ދުނިޔޭގައި އުޅޭ ހެއްޔެވެ. މަޒީދު ލޯބި ވަންހަނާ ކުރީ ނީމާއަށް ދެރައެއް ދިނުމަށް ނޭދޭތީއެވެ. އަނެއްކޮޅުން ނީމާ މުޅި ދިރިއުޅުން ޤުރުބާން އެކުރަނީ މަޒީދަށްޓަކައެވެ. ބައެއްމީހުން ލޯބީގައި ފުރާނަ ދުއްވާލަނީއެވެ. ނަމަވެސް ނީމާ ބޭނުންވީ އެލޯބި އާރާސްތުކުރުމަށެވެ. މަޒީދުގެ ލޯބީގައި މުޅި ދިރިއުޅުން ނީމާ ޤުރުބާންކޮށްލީއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ދުލުން ހާމަ ނުކުރި ކަމުގައި ވިއަސް އާޙިރުގައި ދެމީހުން ލޯބިވިއެވެ.
ދުވަސްތަކަށްފަހު ނީމާ ބޭރަށް ފުރައިގެން ކިޔަވަން ދިޔައީ މަޒީދަށްޓަކައެވެ. މަޒީދަކީ އޭނަގެ ދިރިހުރުން ކަމުގައި ދެކިގެންނެވެ. މުޅި އުމުރު ހޭދަކޮށްލަން ބޭނުންވީ މަޒީދު ހަނދާނުގައެވެ. މަޒީދު ނޫން މީހަކާއި ގުޅިގެން އުޅޭކަން ނީމާ ބޭނުމެއްނުވިއެވެ. ބަޔަކު ޖޯކު ޖަހާއި މަލާމާތް ކުރިކަމުގައި ވިއަސް ނީމާގެ އެއްވެސް ފަރުވާލެއް ނެތެވެ. އެއްވެސް އިންސާނަކަށް ހަޤީޤަތެއް ބަދަލެއް ނުކުރެވޭނެއެވެ. ނީމާ ބޭނުންވީ މަޒީދުގެ ލޯތްބެވެ. މިދުނިޔޭގައި ނޫނަސް މަހުޝަރު ބިމުގައިވެސް އެލޯބި ޙާޞިލްވާނެ ކަމުގެ އުއްމީދުގައެވެ. އޭނަގެ ދުޢާއަކީވެސް އެއީއެވެ.
*************************************(ނިމުނީ)****************************************
lobikan v v v reethi mie vaahaka
☺?????????????? nice storyy……..
Lwbs Kan v reethi mi vaahaka
Heartbreaking… masha allah…???
Kmms thaaakun mi story kyn
Anyways v reethi
Mih keeh vaahaka eh mih site in hama.
Reethi varah
Loabi … vrh vrh reethi vaahaka eh????????
hama kamudey