Skip to content
އެސްފިޔަ

އެކުގަވާނަން ( ޕާރޓު 2 )

ބޮލުން ފައިބަމުންދިޔަ ފެންތައް ތުވާއްޔަކުން ހިއްކަމުން ފާޚާނާއިން ނުކުތް މީޝަލްއަށް ހުއްޓެވުނީ ކޮޓަރި ދޮރުމަތީގައިހުރި އޭނާގެ މަންމަ ފެނިފައެވެ. ކޮޓަރީގެ ދޮރުކަނީގައި އެއްއަތް ވިއްދާލައިގެން މީޝަލްއާއި ދިމާލަށް ބަލަންހުރި ލަތީފާގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރި ކަމެވެ. ” މަންމާ… އަހަ…އަހަންނަށް.. ނުހޭލެވުނީ..” އަޅައަޅައިގަންނަމުން މީޝަލް ބުނެލި ޖުމްލައާއިއެކު ލަތީފާގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ. ” ނުހޭލެވުނިއްޔޭ؟.. ކަލޭ ލަދެއް ނުގަނޭތަ ތިހެން ބުނާކަށް؟.. ދަންވަރު ދޭއް ތިނެއް ޖަހާއިރުވެސް ނުނިދާ ގެއަށް ނުވަދެ ބޭރުގަ އުޅެއުޅެފަ އަދި ބުނެފިއެއްނު ނުހޭލެވުނިއްޔޭ.. މަށަށް އެނގޭ ކަލޭ ކޮންމެ ރެއަކު ބޭރަށްދަނީ ކީއްކުރަންކަން.. ކަލޭ ހީކުރީ ތިގަންނަގަނޑު މަށަށް ނޭނގޭކަމަށްތަ؟. ކޮންމެ ރެއަކު ތިދަނީ އެހެރަ އާބިދާގެ ދޮށީދަރި އާއެކީއެއްނު.”

އިސްދަށަށް ޖަހައިގެންހުރި މީޝަލް ލަތީފާއާއި ދިމާލަށް ބަލައިލީ ހައިރާންކަމާއި ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ” ހަނދާންކުރާތި. މީގެ ފަހުން އެސޮރާއެކީ ދިޔައިއްޔާ މަމީ ނުލަފާ މީހެއްކަން އަންގާލާނަން.” އަނގައިން ބަހެއްބުނަން ނޭންގުނުތާ ގުޑާލަންވެސް ނޭންގިފައިހުރި މީޝަލްއަށް ކަރުނަވީ ދެލޮލުން ލަތީފާދިޔަ ދިމާލަށް ބަލަން ހުރެވުނީއެވެ. ހުރިތަނަށް ތިރިވެ އަޑުންއަޑުނަގާ މީޝަލްއަށް ރޮއެގަނެވުނީ ލަތީފާ ލޯމަތިން ގެއްލުމުންނެވެ. އެމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް އެއަޑުގައިވާ ރިހުމާ އެދެލޮލުން ފައިބަމުންދިޔަ ވޭނީ ކަރުނަ އިހުސާސް ކުރެވޭނެކަން ގައިމެވެ. ނަމަވެސް އެކުއްޖާގެ އެނިކަމެތި ހާލު ދަންނާނީ ކާކުބާއެވެ.؟

ފަސްވަރަކަށް މިނެޓުފަހުން އިންތަނުން ތެދުވެ އަތުގައި އޮތް ތުވާލިން މޫނުފުހެލުމަށްފަހު މީޝަލް ހިނގައިގަތީ އޭނާގެ މަންމަ ބުނިހެން ބަދިގެއަށްދާށެވެ.   ބަދިގެއަށްވަދެ އަތްމަތި އަވަސްކޮއްލީ ކޮއްކޮމެން އިންޓަވަލްއަށް އަންނަންވާއިރަށް ސައިނުހަދާ ހުރިއްޔާ އަނެއްކާވެސް މަންމަގެ ރުޅިވެރި ބަސްތައް އަޑުއަހަން ޖެހޭނެތީއެވެ. އެއީ އޭނާއަށް ވެގެންވާނަމަ ދުވަހަކުވެސް އަޑުއަހާނެ ބަސްތަކެއް ނޫނެވެ.

މީޓިންގ ހޯލުގައި ފޯނަށް ގެއްލިފައިއިން ޔާނިޝް ސިހުނީ ހޯލަށް ވަދެވެންހުރި ދޮރު ހުޅުވުނު އަޑަށެވެ. އެވަގުތު ދޮރުން ވަދެގެންއައި މީހާ ފެނުމާއިއެކު ކޮޅަށް ތެދުވެލާ ސަލާމް ގޮވާލިއެވެ. އެމީހާވެސް ސަލާމުގެ ޖަވާބު ދިނުމަށްފަހު ޔާނިޝް ކައިރީހުރި ގޮނޑިއަށް އިޝާރާތް ކޮއްލަމުން، ޔާނިޝްއާ ކުރިމައްޗައް ވާގޮތަށްހުރި ގޮނޑީގައި އިށީންދެ ހަމަޖެހިލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ. ” ހުމްމް.. ޔާނިޝްއާއި ބައްދަލުކޮއްލަން މިޖެހުނި އަހަރެމެންގެ ކުންފުނީގެ ފަރާތުން ސ.ހިތަދޫގައި އަޅަމުންގެންދާ ގެސްޓްހައުސްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ވަރަށް ގާތުން ބަލަން ބޭނުންވާތީ، އެއްމަސް ދުވަހުގެ މުއްދަތަކަށް ޔާނިޝް އެ ރަށަށް ފޮނުވަން އަހަރެން އޮންނާނީ ހަމަ ޖައްސާފަ. އެހެންވީމަ މިދަތުރު ނުދެވޭނެ އެއްވެސް ސަބަބެއް ޔާނިޝްގެ އޮބެއްތޯ ބަލާލަން ވަރަށް ބޭނުންވޭ. އަހަންނަށް މިވަގުތު އެރަށަށް ދެވެން ނެތީމަ އެހެންމީހަކު މިކަމަށް ހަމަޖައްސަން މިޖެހުނީ. އެހެންވީމަ މިކަމާ ބެހޭގޮތުން ޔާނިޝް ކީކޭ ބުނަނީ؟” ކުންފުނީގެ ޖީ.އެމް ވާހަކަ ދައްކަމުން ދިޔައިރު ޔާނިޝްއިނީ އޭނާ ދައްކަމުންދިޔަ ވާހަތައް ކަނުލާ އަޑުއަހާށެވެ.

ފުންނޭވާއެއް ދޫކޮއްލުމަށްފަހު ހަލީލު ކުރި ސުވާލަށް ޔާނިޝް ޖަވާބު ދިނީ އެފަދަ ފުރުސަތެއް އޭނާއަށް ދެއްވީތީ ޝުކުރުވެރިވާ ހާލުގައެވެ. ” އަޅުގަނޑަށް ތިދަތުރުގަ ނުދެވޭނެ އެއްވެސް ސަބަބެއްނެތް. ތިދަތުރު ދާން އަޅުގަނޑުހަމަ ތައްޔާރު. ތިފަދަ ފުރުސަތެއް އަޅުގަނޑަށް ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.” ޔާނިޝް އެދަތުރުދާން އެއްބަސްވީ މާލޭގެ ހަލަބޮލި މާހައުލާއި ދުރަށްގޮސްލާ ހިތްހަމަ ޖައްސާލުމުގެ ބޭނުމުގައެވެ. އަދި މިދަތުރު ވާނީ މާލެއާއި ދުރަށް ޔާނިޝް ކުރާ ފުރަތަމަ ދަތުރު ކަމުގައެވެ.

ހަލީލުވެސް އިނީ ޔާނިޝްގެ އެޖަވާބުން ނުހަނު ހިތްހަމަ ޖެހިފައެވެ. “އެހެންވީމަ ދަތުރުގެ ހުރިހާ ކަމެއް އަހަރެން ހަމަ ޖައްސާނަން. ހުންނާނެ ތަނާއި ކެއުމާއި ހުރިހާ ކަމެއް ހަމަ ޖައްސާނީ އަހަރެން. ޔާނިޝް އެއްވެސް ކަމަކާއި ހާސްވާނެ ކަމެއްނެތް. އެހެންވީމަ އަންނަ ހަފްތާ ހޯމަ ދުވަހު ފުރަން ތައްޔާރުވޭ. މިދަތުރުގެ އިތުރު މައުލޫމާތާއި ޕްރޮޖެކްޓުގެ މައުލޫމާތު ފަހުން ޔާނިޝްއަށް ލިބޭނެ. ” މީޓިންގ ނިންމާލީ ދެފަރާތުންވެސް ނުހަނު ހިތްހަމަ ޖެހިތިބެގެންނެވެ.

އޮފީސް ނިންމާލާފައި ގެއަށް ވަދެގެންއައި ޔާނިޝްގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ކޮޓަރިން ނިކުމެ ނިކުމެ ހުރި ޒުބޭދާއަށް އެމަންޒަރު ފެނުމާއިއެކު ބުންޏެވެ. “އަހަ ދަރިފުޅާ.. ތިއައީދޯ.. އަވަހައްދޭ ފެންވަރާލައިގެން އަންނަން.. ދަރިފުޅު އަންނަންވާއިރަށް މަންމަ މިދަނީ ކާން ހަދަން އިނގޭ.” ޔާނިޝްގެ ބޮލުގައި ޒުބޭދާ ފިރުމާލީ ލޯތްބާއިއެކުގައެވެ. ” ލައްބަ މަންމާ. މި އަންނަނީ ފެންވަރާލައިގެން. ވަރަށް ބަނޑުހައި.”

ރުށްބުޑެއް މަތީ އިށީންދެލައިގެން އިން މީޝަލްގެ ނަޒަރު އޮއްސެމުންދާ އިރަށް ހުއްޓިފައިވާއިރު މޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. އަޅިކުލައިގެ ޓީޝާޓަކާއި ކަޅު ޖީންސެއްގައި މީޝަލް ފެންނަލެއް ނުހަނު ރީއްޗެވެ. ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުންދާއިރު މޫނުމައްޗަށް ވެއްޓޭ ކުދި އިސްތަށި ކޮޅު ހިމަތޮޅި އިނގިލިތަކުން އެއްފަރާތް ކޮއްލައެވެ. އިރުއޮއްސޭ ވަގުތު ކަމުން އަތިރިމަތީގައި އުޅުނު މީހުންވެސް ދަނީ މަދުވަމުންނެވެ. އެހެންނަމަވެސް މަދުބަޔަކު ކޯޅި ކޯޅިއަށާއި ޖޯޑު ޖޯޑަށް އަދިވެސް އަތިރިމަތީ އެކި ތަންތާ ތިއްބެވެ. އެހިތްގައިމު މާހައުލާއި އެޤުދުރަތީ ރީތި މަންޒަރުތަކަކީ ﷲގެ ކުޅަދުންވަންތަކަމުގެ ސާފު ހެކިތަކެވެ.

އެއިންގޮތަށް އިނދެ ކުޑަކޮށް ފަހަތަށް އެބުރިލާ ބަލައިލީ އޭނާގެ ނަމުން މީހަކު ގޮވާލިހެން ހީވުމުންނެވެ. ފަހަތުގައިހުރި ޒުވާނާފެނި އެދޮން މޫނުމައްޗަށް ވެރިވި ފަނޑު ހިނިތުންވުން ފިލާދާން ފަޅި ސިކުންތެއްވެސް ނުނެގިއެވެ. ” ކޮންމެ ރެއަކު ތިދަނީ އެހެރަ އާބިދާގެ ދޮށީދަރި އާއެކީއެއްނު. ހަނދާންކުރާތި. މީގެ ފަހުން އެސޮރާއެކީ ދިޔައިއްޔާ މަމީ ނުލަފާ މީހެއްކަން އަންގާލާނަން.” ހެނދުނު އޭނާއާއި ދިމާލަށް ލަތީފާކީ ބަސްތައް މީޝަލްގެ ކަންފަތުގައި ގުގުމައިގަތީ ޖެހި ބާރު ގުގުރިއެއްގެ އަޑު ފަދައިންނެވެ. އެބަސްތަކާއިއެކު މީޝަލްއަށް އިންތަނުން ތެދުވެވުނީ ބޭއިޚުތިޔާރުގައެވެ.

މީޝަލްގެ މޫނަށްއައި ކުށްލި ބަދަލު އޭނާއާއި ދިމާލަށް ބަލަހައްޓައިގެންހުރި އަޔާނަކަށް ސިއްރެއްނުވިއެވެ. ދެލޯހަނިކޮށްލުމަށްފަހު މީޝަލްއާއި ދިމާލަށް ހިނގައިގަތީ އެމޫނުމައްޗަށް އައި ކުށްލި ބަދަލުގެ ހަޤީޤަތް ދެނެގަންނަން އުނދަގޫ ވުމުންނެވެ. އަޔާނަށް ކުރިއަށް އެޅުނީ ދެތިން ފިޔަވަޅެވެ. ބިރެއް ފެނިގެން އުޅުން މީހަކު ފަދައިން މީޝަލް ދުއްވައިގަތީ އެއްގަމާއި ދިމާއަށެވެ. ހައިރާން ކަމާއިއެކު މީޝަލްގެ ހަރަކާތްތަކަށް ބަލަންހުރި އަޔާން ހުރީ ވާނުވާ ނޭންގިފައެވެ. ލައިގެންހުރި ސޯޓުގެ ޖީބަށް އަތް ޖަހާލުމަށްފަހު އެއްގަމާއި ދިމާލަށް ހިނގައިގަތް އަޔާންގެ ސިކުނޑި ވަނީ ނުތަނަވަސް ވެފައެވެ.

ގެއަށް ވަންނަންދިޔަ މީޝަލް ހުއްޓުންއެރީ ދޮރުމަތީ ހުރި އޭނާގެ ކޮއްކޮ ފެނިފައެވެ. ” ދޮންތާ. ކިހިނެއްވީ ހާދަ ބާރަކަށް ދުވެފަ ތިއައީ؟.” ނިޔާމްކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި މީޝަލް އަނެއްކާވެސް ދުއްވައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއަށްވަދެ އެތެރެއިން ތަންޑު އެޅުވިއެވެ. އަދި ދޮރުކައިރި އިށީންދެ ރޯންފެށީ މިހާއިރު ވަންދެން ލޮލުތެރޭގައި ޖަމާވަމުންދިޔަ ކަރުނަތަށް އިތުރަށް ހިފާއްޓަން ބޭނުން ނުވާތީއެވެ. މީޝަލް ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. އެންމެ ކަރުނަ ތިއްކެއްވެސް އެލޮލުތެރޭގައި އިތުރަށް ބަހައްޓަން ބޭނުން ނުވާފަދައެވެ. އެގޮތަށްއިނދެ އޭނާއަށް ނިދުނީކޮންއިރަކު ކަމެއްވެސް ނޭންގެއެވެ.

މަޣްރިބު ނަމާދު ކޮށްލައިގެން މިސްކިތުން ފޭބި ޔާނިޝް ސައިކަލަށް އަރާ ދުއްވާލީ ރަސްފަންނާ ދިމާލަށެވެ. އެއީ އާންމުކޮށް ކޮންމެ ރެއެއްގެ ވެސް މިގަޑީގައި، އޭނާ ދާ ތަނެކެވެ. ހިތްހަމަ ޖައްސާލުމުގެ ބޭނުމުގަޔާއި ދުވާލުގެ ބުރަ މަސައްކަތުން ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް ޔާނިޝްއަށް އެންމެ ހިތްގައިމު އެއް މަންޒިލެވެ. ސައިކަލު ޕާރކު ކޮށްލުމަށްފަހު މަޑު ހިނގުމެއްގައި އައިސް އެއްފަރާތެއްގައި ހުރި ޖޯއްޔެއްގައި ޖައްސާލިއެވެ.

މައްޗަށް ބަލަހައްޓައިގެން އޮތް ޔާނިޝްއަށް އޭނާގެ ކައިރީގައިވާ އެއްވެސް ކަމެއްގެ ހިލަންވެސް ނުވާ ކަހަލައެވެ. ހޭވެރިކަންވީ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނުނަގައި ކަންފަތުގައި ޖައްސާލީ އަނެއްކާވެސް ޖޯލީގައި ހަމަޖެހިލަމުންނެވެ. ” ހެލޯ.. ދޮންބޭ. ކޮންތާކު ތިއުޅެނީ. މިރޭ ކާންވެސް ނާންނަނީތަ؟.” އެކޮޅުން ވާހަކަ ދެއްކި ޝެލީ ބުނިއެއްޗަކުން ކުޑަކޮށް ހައިރާންވެ ފޯނު ކަންފަތުން ދުރުކޮއްލުމަށްފަހު ސްކްރީނަށް ބަލައިލީ ގަޑި ބަލާލުމަށެވެ. ފޯނުގެ ސްކްރީނަށް ބަލައިލި ޔާނިޝްގެ ދެލޯ ބޮޑުވީ ގަޑިންވީވަރު ފެނުމުންނެވެ. މިހާރު އަށްގަޑި ބައިވީއެވެ. އޭނާ އެތާ އޮންނަތާ ހަމަ އެހާގިނައިރު ވެއްޖެހެއްޔެވެ؟ މި ސުވާލު އުފެދެމުންދިޔައީ ޔާނިޝްގެ ހިތުތެރޭގައެވެ. ފޯނު ކަންފަތުގައިޖަހާ އިރުކޮޅަކުން މިދަނީ ކަމަށް ބުނެ ޝެލީއަށް ޖަވާބު ދިނުމަށްފަހު ޖޯލިންތެދުވެ ގެއަށް ދިޔުމަށް ހިނގައިގަތެވެ. އޭނާ ނެތިސް މަންމައާއި ކޮއްކޮ ނުކާނެކަން ޔާނިޝްއަށް އެނގެއެވެ. ފެށުނީއްސުރެވެސް އާއިލާގެ އެންމެން އެއްގަޑިއެއްގައި ކާން އެރުމަކީ އެއާއިލާގެ ކިބައިގާ ހަރުލާފައިވާ ރިވެތި އާދައެކެވެ.

ޔާނިޝްގެ އޮފީސް ދަތުރުގެ ވާހަކަ އޭނާގެ މަންމަ ގާތުގައި ބުނީ ކާންއިނދެފައެވެ. އެހާ ގިނަ ދުވަހަށް ޔާނިޝްދާތީ ޒުބޭދާ ކޮންމެވެސް ވަރަކަށް ހިތްނުތަނަވަސް ވީނަމަވެސް، އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނީ ދަރިފުޅުގެ އުފަލަކީ ހަމަ އޭނާގެވެސް އުފާކަމަށް ވީތީއެވެ. އަދި ދަރިފުޅުގެ ކުރިއެރުމަށް އެޅޭ ހުރަހަކަށްވާން ނޭދޭތީއެވެ. ” ދަރިފުޅާ. ވަރަށް ރަނގަޅަށް މަސައްކަތްތަށް ކުރަންވާނެ. ގަޑިން ގަޑިއަށް ކާތި. ނަމާދު ކުރަންވާނެ. އޭރަކުން މަންމައެއް ނުހުންނާނެ ހަނދާން ކޮއްދޭކަށް. ބަރާބަރަށް މަންމައަށް ގުޅަންވާނެ އިނގޭ. ވަރަށް ބަލައިގެން އުޅޭތި.” ޒުބޭދާގެ ނަސޭހަތްތަށް އަޑު އަހަން އިން ޔާނިޝްއިނީ ހިނިތުންވުމަކާއިއެކު އޭނާގެ ލޯބިވާ މަންމައާއި ދިމާލަށް ބަލަހަށްޓައިގެންނެވެ. ” ލައްބަ މަންމާ. އަޅުގަނޑު ވަރަށް ރަނގަޅަށް މަސައްކަތްތަށް ކުރާނަން. އިރާދުކުރެއްވިއްޔާ މަންމަ ލަދުގަންނަން ޖެހޭވަރު ކަމެއް އަޅުގަނޑު ނުކުރާނަން.” ޔާނިޝްގެ އެބަސްތަކުން ޒުބޭދާގެ ހިތުގައިވާ ނުތަނަވަސްކަން ކުޑަވެގެން ދިޔައެވެ.

ކައިނިންމުމަށްފަހު ދަތުރާ ބެހޭގޮތުން ޒުބޭދާއާއި ކުޑަކޮށް ވާހަކަ ދައްކާލައިފައި ޔާނިޝް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އެނދަށްއަރާ ހަމަ ޖެހިލުމަށްފަހު ލެޕްޓޮޕް ނަގައި ގޫގަލްއިން ހިތަދޫގެ ރީތި މަންޒަރުތައް ބަލަންފެށިއެވެ. އެ ރީތި މަންޒަރުތައް ބަލަމުން ދިޔަވަރަކަށް އެރަށަށް ދިޔުމަށް ޔާނިޝްގެ ހިތުގައި އޮތް ޝައުޤުވެރިކަން އެތަށް ގުނައަކަށް އިތުރު ވެގެން ދިޔައެވެ. ނަމަވެސް ޔާނިޝްއަށް ނޭންގުނު ކަމަކީ އެދަތުރު، އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދާނެ ދަތުރަކަށްވާނެކަމެވެ…

( ނުނިމޭ )

Comments (12)

  1. Jazlee

    Yeyy me first dhw
    This prt is wndrfl ngey
    Kyp it p

    1. amilly
      Jazlee

      congratulations.. ?
      Thank you for the compliment ❤

    2. amilly
      Jazlee

      thankxx ❤

  2. amilly

    Assalaam Alaikum.. Miothy dhevana part up vefa.. Dhimaavi kuda massala akaai hure laskoh up v ma kiyuntheringe faraathun maafah edhen.. kurii part ah libunu fadha tharuheebeh mi part ah vx libeyne kamah ummeedhu kuran.. ?❤

  3. Livee

    Salhi mee 2 nd dho
    Hama obi

    1. amilly
      Livee

      Thankxx.. ❤
      Yaah mifaharu 2nd dhw libunii ?

  4. Nunnu

    vvvvvvvvv reethi hama habeys
    ekam kuda dhuvas kolheh fahun thi up kollee keehve
    maa bizy veema tha
    a

    1. amilly
      Nunnu

      thankxx ?
      Assu sundayga up vaane kamah bunii bt submit kurumuga kuda massala eh jehunii.. ehnve las v ehdhuas.. next time rangalhuvaane insha allah..?❤

  5. Blue?

    Wow loved it inge???. When is the next part? Yaanish ge pic eh ves cover photo ah ladhechey vaahaka kuri ah dhaairu hehehe… Mi story ge sifa kurumaa ibaaraaiy kurun bes hama vv furihama keep it up dear❤️❤️❤️??. Curiously waiting for the next part!????❤️❤️????.

    1. Blue?
      Blue?

      Laadhechey*

    2. amilly
      Blue?

      thank u so much ❤
      Vaahaka kuriah dhaa varakah cover pic badhalu vamun dhaany.. ?
      Insha allah sundayga up kolla dheynan next part ❤?

  6. Axee

    Hey dear…kobaa next part…

Comments are closed.