ދަޢުވަތު
މިއީވާ ތަނެކެވެ. މިތަންމިވަނީ ހަލާކުވެފައެވެ. މީހުންގެ ވިސްނުމާއި ފިކުރުވަނީ ގެއްލި ނިމިގޮސްފައެވެ. މިތާގައި ވާދަވެރިކަންމެނުވީ ނުވެއެވެ. ދުނިޔޭގެ ކުރިއެރުމަށާއި، މަޝްހޫރު ކަމާއި، މީހުންގެ މަޤްބޫލުކަން ހޯދުމަށާއި މުއްސަނދިކަމަށް އެކަކު އަނެކަކަށް ވާދަކުރުމުގައި، އިންސާނިއްޔަތުވަންތަކަމާއި، އޯގާތެރިކަމާއި، އަނެކަކަށް އަޅާލުން އިންސާނުން ހަނދާން ނެތި ގޮސްފިއެވެ. ބޮޑާކަން އިސްކޮށް ތިމާގެ ދެއްކުންތެރިކަން ނޫން ކަމެއް އިންސާނުން ހަނދާން ނެއް ފަދައެވެ. ބަދުއަޚްލާޤީ އަމަލުތައް އާންމުވެ ޖަނަވާރުންނެކޭ އެއްފަދައިން ކުޑައެއް ބޮޑެއްނެތި އެންމެންގެވެސް މަސައްކަތަކަށްވަނީ އެމީހެއްގެ އެދުން ފުއްދާނެ މީހަކު ހޯދުމަށެވެ. އަންހެނުންތައް އެމީހުންގެ ހަށިގަނޑު ޒީނަތްތެރިކުރަމުންދަނީ ފިރިހެނުންގެ މަޤްބޫލުކަން ހޯދުމުގެ ބޭނުމުގައެވެ. އަދި އެކަމުގައި އެކަކު އަނެކަކަށް ވާދަކުރަނީ ހައްދުފަހަނައަޅާފައިވާ މިންވަރަށެވެ. ކަޅިރަވައާއި، އެސްފިޔައާޢި، ތުންފަތުގެ އިތުރުން މޫނުގެ ޝޭޕްވެސް ބަދަލުކުރަނީއެވެ. މުޅިންވެސް ފެންނަނީ ހިތާމަވެރި މަންޒަރުތަކެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް މިހިތައް ލިބިމެންދިޔައީ ނުތަނަވަސްކަމެވެ. މީހުންގެ ނުވިސްނޭ ކަމާއި ކަންކަމުގައި ހައްދުފަހަނަ އަޅާފައިވާތަން ފެނި ބޯހަލާކުވާ ވަރުވެއެވެ.
ބަލައިލި ކޮންމެ ދިމާޔަކުން ފެންނަނީ ފޫހިފިލުވާނެ ވަސީލަތްތަކާއި ވަގުތު ބޭކާރުކުރާނެ ގޮތްތަކެވެ. ނަމަވެސް އެއިންއެއްވެސްކަމެއް އަހަރެންގެ ހިތައް ހަމަޖެހުމެއް ނުގެނެސްދިނެވެ. މީހުންގެ މަޖާކުރުންތަަކުން އަހަރެންގެ ހިތަކަށް މަޖަލެއް އިހްސާސެއްނުވިއެވެ. ފޫހިކަންމެނުވީ އިތުރެއް ނުވިއެވެ. ހިތުގައި ބުނެދޭން ނޭނގޭފަދަ ރިހުމެއްވާ ފަދައެވެ.
ދުނިޔެދެކެ ފޫހިވާންފެށީ މިތާގައި އުޅެން ބޭނުންނުވާ ވަރަށެވެ. ރަނގަޅު ބައިވެރިއެއް، ހެޔޮލަފާ އަޅާލާނެ އެކުވެރިއެއް މިތަނުން ނުލިބޭނެކަމުގެ ޔަޤީންކަން ބޮޑުކަމުން އަހަރެންވީ ހިތާމަޔާއި މާޔޫސްކަމުން ފުރިފައެވެ. އެތައްފަހަރަކު އެކަމަށް މަސައްކަތް ކުރިނަމަވެސް ލިބުނީ ކެހިވެރިކަން ކަމުން އިތުރަށް ކުޑަކުޑަ އިސްތައްޓެއްގެ މިންވަރުގެވެސް އުންމީދެއް ނެތެވެ. މިތާގައި ވަނީ އެމީހަކާއި އެމީހެކެވެ. އަނެކަކުގެ ހިތްހަމަޖެހުމެއް އުފާވެރިކަމެއް އަނެކަކަށް މުހިންމެއް ނޫނެވެ. އުފަލުގައި އުޅޭމީހަކު ފެނުނަސް ވަނީ ހަސަދައެވެ. ދެނީ ކެހިވެރިކަމާއި ނަފްރަތުން ފުރިފައިވި ބަސްތަކެވެ.
އަހަރެންގެ ހަށިގަނޑު ކޮޓަރިތެރޭގައި ފޮރުވައިގެން އެތައް ދުވަހެއް އަހަރެން ހޭދަކުރީ ގޭތެރެއިންނާއި ބޭރުތެރެއިން ފެންނަމުންދާ މަންޒަރުތައް އިތުރަށް ބަލަން ބޭނުން ނުވެގެންނެވެ. އިތުރު މީހެއްގެ ކެހިވެރި ދަޅައިގައި ޖެހިގެން ބޭކާރު އުންމީދުތަކެއް ކުރަން ބޭނުން ނުވެގެންނެވެ. ދުނިޔޭގެ އެއްވެސް ކަމަކުން، އެއްވެސް މީހެއްގެ ސަބަބުން މިހިތައް އުފާވެރިކަން ލިބެންނެއްކަން އެނގޭތީއެވެ. ދުނިޔެއިން ބޭރަށް ދެވެން އޮތްނަމަ އަހަރެން އެކަން ކުރީސްއެވެ. އަމިއްލައަށް މަރުވާންވެސް ހިތައްއެރި އެތައް ފަހަރެއް ދިޔައެވެ. ދިރިއުޅުމުގެ ކުރިއަށްއޮތް ކަމެއް އެނގޭނީ ފަހެ ކާކައްހެއްޔެވެ؟ މަރު ފިޔަވައި ޔަޤީންކަމެއްދެވޭނެ އެއްކަމެއްވެސް ނެތެވެ. ސައްވީސްގަޑިއިރު ކަހަލަ ގޮތަކަށް އަހަރެންގެ ތަރުތީބެއްނެތް ކޮޓަރިތެރޭގައި އަހަރެން އިންތިޒާރުކުރަމުން ދިޔައީ އެ މަރަށެވެ.
ނަމަވެސް އޭގެ ވަގުތު އެނގޭނީ ކާކަށް ހެއްޔެވެ؟ އަދި ކުރަންޖެހެނީ ކިހާ އިންތިޒާރެއްކަމެއް ނޭނގޭތާ މާދަމާވެސް ވަގުތުހަމަވެދާނެ ވިއްޔާއެވެ. ނަމަވެސް ވާންހުރިކަމެއް ހުއްޓުވޭނީ ފަހެ ކާކަށް ހެއްޔެވެ؟
އަހަންނަށް ސަލާމާ ފުރަތަމަ ފެނުނީ ކޮޓަރިތެރޭ އޮވެއޮވެ ބަނޑުހައިވެގެން ކާއެއްޗެއް ގަންނަން ކައިރީގައިހުރި ފިހާރައަކަށް ދިޔުމުން އެތަނުންނެވެ. އޭނާފެނި އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. ކަޅުހެދުމާއި ބޮޑު ނިޤާބަކުން މުޅި މީހާ ފޮރުވިފައިވީތަން ފެނި އަހަންނަށް އޭނާއަށް ކަޅިޖަހާ ބަލަން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އަހަންނަކީ އަންހެނަކަސް އެ އަންހެނާ އަށް އަހަރެންނަށް އެހާ ވަރަކަށް ބެލުނީ އެ ނޫނީ އަދި އަހަރެން އެހާވަރަށް ނިވާވެގެން ބޭރުތެރޭގައި އުޅޭ އަންހެނެއް މީގެ ކުރިން ދެކިފައި ނުވާތިއެވެ. އެއީ އަންހެނެއްކަން އެނގެނީވެސް އޭނާގެ އަޑުންނެވެ. ސޭޓާއި ވާހަކަދައްކަމުންދިޔައިރު އެއަޑުގައި އޯގާތެރިކަމާއި، ފަނޑުނުވާ ހިނިތުންވުމެއްވާ ފަދައެވެ.
ސަލާމާ އަހަރެން ބަލަން ހުރިވަރުން އަހަރެން ކައިރިއަށް ޖެހިލާފައި “ހާއި” އޭ ބުނެފައި އަހަރެންގެ ހާލު އަހާލިއެވެ. އަހަރެން ރަނގަޅުކަމަށް ބުނުމުން އޭނާ ހީލިއަޑުއިވުނެވެ. އަހަރެން އެފިހާރައިގެ ސޭޓް ކައިރިން އެއީ ދަންނަމީހެއްތޯ އަހާލީ އެއަންހެނާއާއި ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވަން ބޭނުންވެގެންނެވެ. ސޭޓް ބުނިގޮތުން ވިއްޔާ އެއީ މުސްލިމެކެވެ. އަދި އޭނަ އެހިސާބަށް އެ ބަދަލުވީ އިހަކަށްދުވަހު ކަމަށްވެއެވެ. ކޮންމެޔަކަސް އޭނާ އެހާވަރަށް ނިވާވެގެން ހުންނަނީ ކީއްވެގެންތޯ ބަލަން އަހަރެންގެ ހިތްއެދި ގޮވަމުންދިޔައީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން އެއަންހެނާއާއި ވާހަކަދައްކާހިތުން ގިނަގިނައިން އެ މަގުމަތީ މަޑުކޮށްގެން ހުންނަންފެށީމެވެ. އެގޮތައް ކޮންމެ ދުވަހަކުވެސް ސަލާމާ ހެނދުނުގެ ވަގުތެއްގައި ކައްކާނެ އެއްޗެހި ގަތުމަށް އެ ފިހާރައަށް އާދެއެވެ. މަގުމަތިން ފެނިފެނި ދެމީހުންގެ މެދުގައި ރަހުމަތްތެރިކަން ގާއިމް ވިއެވެ. މާގިނަ ދުވަހެއްނުވެ އަހަރެންނަށް އެގެއަށް ހަވީރު ސަޔަކަށް ދައުވަތު ދިނެވެ. އަހަރެން ވަރަށް އުފަލުން އެ ދައުވަތު ޤަބޫލުކުރީ އެއީ އަހަރެންގެ ދިރިއުޅުން ބަދަލުވެގެންދާނެ ދައުވަތެކޭ ކުޑަކޮށްވެސް ހީވުމެއް ނެތިއެވެ. ނަމަވެސް އަހަރެން ތައްޔާރުވަމުން ދިޔައީ އަހަރެންގެ ހިތުތެރޭގައިވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ.
އެގެއަށް ވަނުމުން އަހަންނަށް ލިބުނީ އިތުރު ޚައިރާންކަމެކެވެ. އެގޭގެ ބޮޑު ސިޓިންގރޫމްގައި ސަލާމާފަދަ އިތުރު ހަތަރު އަންހެނުން އެފަދަ ނިވާކަންބޮޑު ހެދުމުގައި އަހަރެންގެ އިންތިޒާރުގައި ތިއްބެވެ. އަހަރެން ވަނުމުން އެންމެން އެކީ ކާމޭޒުދޮށައް ހިނގައިގަތެވެ. ދެން އެގަޑީގައި އިތުރު މީހަކު އެގެއަށް ނާންނާނެކަމަށް ސަލާމާ ބުނުމުން އެއެންމެން އެމީހުންގެ މޫނުތައް ފޮރުވާފައިވި ފޮތިގަނޑުތައް ނަގާ ކާމޭޒްމަތީ ހަމަޖެހިލަމުން އަހަންނަށް ހިނިތުންވެލިއެވެ. އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ބަލަހައްޓައިގެންނެވެ. އެއެންމެންވެސް ވަނީ އެމީހުންގެ އެންމެ ޒުވާން ދައުރުގައެވެ. އެންމެންގެ މޫނުމަތިން ފެންނަނީ އުޖާލާކަމާއި ރީތި ހިނިތުންވުންތަކެކެވެ. އެތާކު މީހާ ހުތުރުކަމުން މޫނު ފޮރުވަންޖެހޭވަރުގެ އެކަކުވެސް ނެތެވެ. ދެން ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ސުވާލުގެ ޖަވާބު ބޭނުންވިލެއް ބޮޑުކަމުން އެންމެފަހުން އަހަރެން އެސުވާލު ކޮށްލީމެވެ. އެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ހިނިތުންވެލުމަށްފަހު އެވާހަކަ ދައްކާނީ ކައިނިމިގެން ކަމަށް ބުންޏެވެ.
ކައިނިމުމުން އެމީހުން އެނބުރި ސިޓިންގރޫމަށް ގޮސް އެތާގައި އަހަރެންގެ ސުވާލުތަކަށް ޖަވާބުދޭން ފެށިއެވެ. އެމީހުން އެމީހުންގެ ސަބަބުތައް ކިޔައިދިންވަރަކަށް އަހަރެންގެ ހިތުގައި ބުނެދޭން ނޭނގޭފަދަ ޝައުގުވެރިކަމެއް އެމީހުންގެ ދިރިއުޅުމާއި މެދު ކުރެވެން ފެށިއެވެ. އެހެންކަމުން ސުވާލަކަށްފަހު ސުވާލެއް އަހަރެން ކުރަމުންދިޔައީ އަލަށް ކަމެއް ފެނިގެންއުޅޭ ކުޑަކުއްޖެއް ފަދައިންނެވެ. އެމީހުން ފުރިހަމަ ހިނިތުންވުމަކާއެކު އެމީހުންގެ ދީން އަހަންނަށް އޮޅުންފިލުވާދީ އެދީނަށް އަހަންނަށް ދަޢުވަތު ދިނެވެ. އަދި އެކަމުގައި އެއްވެސް މަޖުބޫރުކަމެއް ނެތްކަމަށް ބުނެ އަހަންނަށް ކީރިތި ޤުރުއާނުގެ ތަރުޖަމާއެއް ހަދިޔާއަށް ދިނެވެ. އަދި ނޭނގޭ ކަމެއްނަމަ ޖެހިލުމެއްނެތި އެމީހުންނާއި ސުވާލުކުރުމަށް ބުންޏެވެ.
އަހަރެން އަދިވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ސަލާމާ ބުންޏެވެ. ” އިސްލާމްދީނަކީ އަހަރެމެންގެ ދިރިއުޅުމެވެ. މުސްލިމުންގެ ދިރިއުޅުމެވެ. އެދީނުގައިވަނީ ހަމައެކަނި ކަލަކުވާކަން ޤަބޫލުކޮށް ކަމެއް ޖެހޭ ހިނދު އެކަލާނގެ ހަނދުމަކުރުމެއް ނޫނެވެ. އަދި ހަމައެކަނި ވާޖިބުތައް އަދާކުރުމެއްވެސް ނޫނެވެ. އެދީނަކީ އިންސާނާގެ މުޅި ދިރިއުޅުމެވެ. ތިބާ ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަމެވެ. ތިބާ އުޅެންވީގޮތާއި ނޫޅެންވީ ގޮތެވެ. ތިބާގެ މައިންބަފައިންގެ ހައްޤުތަކާއި ތިބާގެ ހައްޤުތަކެވެ. ފިރިމާހާގެ ހައްޤުތަކާއި، އަނބިމީހާގެ ހައްޤުތަކެވެ. ރައްޓެހިންގެ ހައްޤުތަކާއި އަވަށްޓެރިންގެ ހައްޤުތަކެވެ. ފަޤީރުންނާއި ނިކަމެތިންނަށް އަޅާލުމެވެ. ތިބާގެ ސާފުތާހިރުކަމާއި، ރިވެތި އަޚްލާޤެވެ. ކޮންމެ ހެޔޮކަމަކީ، ކޮންމެ އޯގާތެރިކަމަކީ އަޅުކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ ހަމަޖެހުމާއި އިންސާފުވެރިކަމަކީ މިދީނުގެ ރަމްޒެކެވެ.”
އެބަސްތައްވީ އަހަރެން މިދުނިޔެއިން ފެންނަންބޭނުންވި ހުވަފެންތަކުގެ ކުލަޖެހިދާނެފަދަ ހިތްގައިމު އުންމީދަކަށެވެ. އަދި ހިޖާބާއި ބެހޭ ގޮތުން ބުންޏެވެ. ” މިއީވެސް އަހަރެމެންގެ ވެރިރަސްކަލާނގެ އަމުރުތަކުގެ ތެރެއިން އަމުރެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ފުރިހަމައަށް އެބައިމީހުންގެ އަޢުރަ ނިވާކުރުމެވެ. އެއީ އެބައިމީހުންގެ ފުރިހަމަ ރަށްްކަލަކަށެވެ. ފިތުނަ ފަސާދައިން މީސްތަކުން ރައްކާތެރިކުރުމަށެވެ.” އޭރުގައި އެބުނި އެއްޗެއް ރަނގަޅައް ދޭހަނުވިނަމަވެސް މިހާރު އަހަންނަށް އިހްސާސް ކުރެވެއެވެ. އަހަރެންގެ ހިޖާބާއި ނިޤާބުގެ ސަބަބުން އެތައްބައެއްގެ ނުބައި ލޯތަކުން އަދި ނުބައި ޚިޔާލުތަކުންވެސް އަހަރެން ވަނީ ރައްކާތެރިވެފައެވެ.
އަހަރެން އެދުވަހަށްފަހު އިސްލާމްދީނާއި ބެހޭގޮތުން ވަރަށް ހޯދުންތައް ހޯދީމެވެ. އަދި ސަލާމާ އަހަންނަށް ހަދިޔާކުރި ސުންނަތާބެހޭ ތަފްސީލުތައް ހިމެނޭ ފޮތްތަކުންވެސް އަހަރެންނަށް އިސްލާމްދީނުން ފުރިހަމަކަމާއި ހަޤީޤަތް ނޫން އެހެން އެއްޗެއް ނުފެނުނެވެ. ދުނިޔޭގެ ހުރިހާ މައްސަލަތަކަށްވާ ހައްލަކީ އިސްލާމްދީނާއި އެދީނުގައި އަންގާފައިވާ ގޮތްތައްކަން އަހަރެންގެ ސިކުނޑި ފުރިހަމައަށް ޤަބޫލުކުރިއެވެ. އެހެންކަމުން މާގިނަ ދުވަސްތަކެއް ނުވެ އަހަރެން އިސްލާމްދީން ޤަބޫލުކޮށް އިސްލާމަކަށް ވީމެވެ. ނަމަވެސް އެކަން އަހަރެންގެ މައިންބަފައިންނަށްވީ ބަލައިގަނެވޭ ކަމެއްކަމަކަށް ނޫނެވެ. އެހެންކަމުން އެމީހުން އަހަރެން ގެއިންނެރެ އެއްލާލީއެވެ. ވަންނާނޭތަނެއް ނެތި ރޮމުން އަހަރެން ދިޔައީ ސަލާމާ ކައިރިއަށެވެ. ސަލާމާއާއި އޭނާގެ ރައްޓެހިން މަޝްވަރާކުރުމަށްފަހު އަހަރެން ދުވަސްކޮޅަކަށް އެގޭގައި ބަހައްޓައިދިނެވެ. އެ ދުވަސްތައްވީ އަހަރެންނަށް ދީނުގެ ކަންތައްތައް އިތުރަށް އެނގި ﷲއަށް ފުރިހަމައަށް އިތުބާރުކުރަން ދަސްވި ދުވަސްކޮޅަކަށެވެ. މާގިނަދުވަހެއްނުވެ އެމީހުން އަހަރެންނަށް އިންނާނެ މީހަކު ހޯދައިދިނެވެ.
އަހަރެން ފުރަތަމަ ވަރަށް ފަސްޖެހުނެވެ. ކުރެވިފައިވި ހިތި ތަޖުރިބާތަކުން ހިތުގައި ބިރުވެރިކަމެއް އުފެދެނީއެވެ. ނަމަވެސް ﷲއަށް ހަމްދުކޮށް އަހަރެން އެއީ އެންމެ ރަނގަޅުގޮތްކަމަށްބަލައި އެކައިވެނި ކުރީމެވެ. މިއަދު އަހަރެން މިއުޅެމުންދަނީ ނުހަނު އުފަލުންނެވެ. އަހަރެން އުންމީދުކުރިވަރަށްވުރެ ފުރިހަމަ ދިރިއުޅުމެއް އަހަރެންނަށް ލިބިފައިވެއެވެ. ރަނގަޅު ރަޙުމަތްތެރިން ލިބިފާވެއެވެ. ލޯބިވާ އޯގާތެރި، އާޚިރަތްމަތިން ހަނދާންކޮށްދޭ ލޮބުވެތި ފިރިއެއް ލިބިފައިވެއެވެ. މިއަދު މާޔޫސްކަމެއް ހިތާމައެއް އިހްސާސެއް ނުކުރެވެއެވެ. ދުނިޔޭގެ ކަންކަން ހުރީ ހަމަ ކުރިއެކޭވެސް އެއްފަދައިންނެވެ. ނަމަވެސް އަހަރެންނާއި އަހަރެންގެ ވަށައިގެންވަނީ ހެޔޮކަމެވެ. ހެޔޮމީހުންނެވެ. ރިވެތި އަޚްލާޤެއްގެ ބަޔެކެވެ. މުޅިންވެސް ﷲގެ ހެޔޮ ރަޙްމަތެވެ.
އަހަރެން އަދިވެސް މަރުވާން ބޭނުންވެއެވެ. ނަމަވެސް މިދުނިޔެއިން މާޔުސްވެގެންވާ ހާލަކު ނޫނެވެ. މާތް ﷲ އަހަރެންގެ އަމަލުތަކާއި ރުހިވޮޑިގެންވާ ހާލުގައެވެ. ފުރިހަމަ މުސްލިމެއްގެ ގޮތުގައެވެ. ސުވަރުގެވަންތަ ވެރިއެއްގެ ގޮތުގައެވެ. ކަށްވަޅުގެ އަޒާބުން ސަލާމަތްވެގެންވާ ހާލުގައެވެ.
ހެޔޮ އެކުވެރިއެއް، ހެޔޮ އަންބެއް، ހެޔޮ ދަރިއެއް އަދި ހެޔޮލަފާ މުސްލިމަކު މި ދުނިޔެ ދޫކޮށްދިޔުމުން އެންމެން ދެރަވީ ނަމަވެސް އެ އެންމެންގެ ހެޔޮ ދޫތަކުން އަހަރެންގެ އާޚިރަތައް މެދުކެނޑުމެއްނެތި ހެޔޮ ދުޢާކުރާނެފަދަ ހެޔޮ ބައިވެރިންތަކެއް ލިބުމަކީ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟
އައިޝާ އޭނަގެ ވާހަކަ ނިންމާލީ ސުވަރުގެ ޚިޔާލަށްގެންނަމުން ލޮލުން އުންމީދުގެ ކަރުނަތައް އޮހޮރަމުންނެވެ. އަހަރެންވެސް މިތަނަށް އައީ އައިޝާގެ ދަޢުވަތަކަށެވެ. އައިޝާއަކީ މިހާރު ވަރަށްގިނަ ވެބްސައިޓްތަކުގައި އެކި އެކި ގޮތްގޮތައް ދީނުގެ ކަންކަން ހަނދާންކޮށްދީ އުޅޭ ހެޔޮ މުސްލިމެކެވެ. އޭނާ އިސްލާމްވުމަށްފަހު ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރީކަމުން މާސްޓާ ޑިގްރީ ހެދުމަށްފަހު އެކަމުގައި މީހުންނަށް އެހީވުމަށް ހަފްތާގެ ފަސްދުވަސް ހޭދަކުރާއިރު އަނެއް ދެދުވަސް ހޭދަކުރަނީ މީހުންނަށް ދީނަށް ދަޢުވަތު ދިނުމަށާއި، އެކި ގޮތްގޮތައް ދީނަށް ހިދުމަތް ކުރުމުގައެވެ. އައިޝާ ނިސްބަތްވަނީ އެމެރިކާއަށެވެ. އޭނާ ވަގުތީ ގޮތުން ރާއްޖެއައީ ލިބުނު ފުރުސަތުގައި ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލަކަށެވެ.
ރާއްޖެއަކީ ސަތޭކަ ޕަސަންޓް މުސްލިމުން އުޅޭ ޤައުމެއްކަން އެނގުމުން މިތަނުގެ އަމަންއަމާންކަން އަމިއްލަ ހިތުގައި އިހްސާސްކުރަމުންނެވެ. ނަމަވެސް އޭނާއަށް ފާހަގަކުރެވުނީ މިތާގައިވެސް ގިނަމީހުންނަށް އިސްލާމްދީނުގެ ފުރިހަމަކަން ރަނަގަޅަށް ނޭނގޭ ކަމެވެ. ހުކުމްތަކާއި ވާޖިބުތައްވެސް ރަނގަޅައް ނޭނގޭ އެތައްބަޔަކު އުޅޭކަމެވެ. އެހެންކަމުން އޭނާ ހާއްސަ ފޭސްބުކު އެކައުންޓެއް ހުޅުވުމަށްފަހު ރާއްޖޭގެ އަހުލުވެރިންނަށް އެ މެދުވެރިކޮށް ދީނުގެ ކަންތައްތައް، ފުރިހަމަ އަޚްލާޤުތައް ކިޔައިދީ ހަދައެވެ. އަހަރެންނާއިވެސް ދިމާވީ އެ ޕޭޖުންނެވެ. ޑރ.އައިޝާ އޭނާގެ ފޭސްބުކު ޕޭޖަށް ގިނައިން ލައިކް ކުރާކުދިން ތެރެއިން ފަސްވަރަކަށްކުދިން ދޭތެރެ ދޭތެރެއިން ހޮވާ އެކުދިންނަށް ކެއުމަކަށް ދަޢުވަތު އަރުވާ އެ ދަޢުވަތު ތެރެއިން ދީނާބެހޭ ކަންކަމާއި މަޝްވަރާކޮށް ކުދިންނަށް ނަފްސާނީ ކަންކަމުގައި އެހީތެރިވެދީ އުޅެއެވެ. މިއީވެސް އެފަދަ ދަޢުވަތެކެވެ. މިދަޢުވަތު ތެރެއިން އެ އިވިގެންދިޔައީ އޭނާ އިސްލާމްދީނަށް ވަންނަން ދިމާވި ސަބަބުތަކެވެ.
އަދި އޭނާ އެދުނީ ހަމައެކަނި ފަސްނަމާދު ކޮށްލާފައި ދީންވެރިވެވުނީކަމަގައި ނުނިންމާ ދީނުގެ ހުރިހާ ކަމެއްގައިވެސް ފުރިހަމައަށް ހިފުމަށެވެ. މިދީނުގެ ހުރިހާ ކަމެއްގައި ވެސްވަނީ އިންސާނުންނަށް ލިބޭނެ ހެޔޮކަންކަމަށާއި އާޚިރަތުގައި އެއިން ފައިދާ ކުރާނޭކަމުގައެވެ.
އަދި ނިންމާލަމުން ޑޮކްޓަރ އައިޝާ ބުންޏެވެ. ” މިއީ ކެހިވެރި ތަނެކެވެ. މިތާގައި ވަށައިގެންވަނީ މުޅިންވެސް ޝައިޠާނާގެ ކެހިވެރި ދަޅަތަކެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ފޫހިފިލުވާނެ ވަސީލަތްތަކެވެ. ވަގުތު ބޭކާރު ކުރާނެ ގޮތްތަކެވެ. ދީނާއި ތިމާގެ ރައްބުގެ މަތިން ހަނދާން ނައްތާލާނެ ފަދަ ކުޅިވަރުތަކެވެ. ވީމާ ދީނުގައި ސާބިތުވެ ހުރެވޭނީ ވަރަށް އަޒުމްވަރުގަދަ ކެތްތެރި ބަޔަކަށެވެ. ވީމާ ކޮންމެ ދުވަހަކުވެސް އަޒުމް ކަނޑައަޅާށެވެ. ތިމާ މަރުވެދާނީ ދީންމަތީގައެވެ. ދީނުގައި ސާބިތުވެ ހުރެއެވެ. ﷲގެ މަގުގައި ވަގުތު ހޭދަކުރާ ހާލުގައެވެ. އަހަރެންގެ އަމަލުތަކާއިމެދު ﷲ ރުހިވޮޑިގެންވާ ހާލުގައެވެ. ބޭކާރު ކަންތައްތަކުން ދުރުވެވޭތޯ ވީހާވެސް ގިނައިން މަސައްކަތްކުރާށެވެ. ހެޔޮކަންކަމުގައިވީހާވެސް ގިނައިން ވަގުތު ހޭދަކުރާށެވެ. އެއީ ތިމާގެ މައިންބަފައިންނަށް ހިދުމަތްކުރުންކަމުގައިވެސް ހެދިދާނެއެވެ. ފިރިމީހާއަށް ކިޔަމަންވުން ކަމަށްވެސް ވެވިދާނެއެވެ. ނުވަތަ ހިތާމައިގައިވާ ރަޙުމަތްތެރިޔަކަށް ހަމަޖެހުން ހޯދައިދިނުން ކަމުގައިވެސް ހެދިދާނެއެވެ. ތިމާގެ އާޚިތަރައް ވަގުތު ހުސްކުރާށެވެ.”
*ނިމުނީ*
22 Comments!
Comments are closed.




V V Reethi Keep it up ✍✍✍✍✍new writer eh tha ??????
Ofcourse not! She is an amazing writer who delivers such virtuous stories.. Masha allah
Alhamdhulillah, jazakillah khair..
You can click on my name to read my previous stories.
V.reethi.. v. Iburaiytheri ..
Jazakillah khair
vrh reethi…keep it up?? ….Faathii new writer eh dhw? keep going
ohh..sorry…i forgot you…gina dhuvas veema….hehe
Hehe.. it’s ok..
Jazakillah khair..
vv reethi… iburaihtheri story eh Maasha Allah
Jazakillah khair.
V nice story but is this a true story? I wanna find that fb page if this is true
Nooney… hama hiyaaly story eh. ☺
Maasha Allah varah reethi.
Jazaakillah khair
American akh aishr kiima kudakh odd bt the idea was splendid well dne sissy ???
Hithah eri thihenves. Ekamves dhen ehen nameh egadyga mindakah nae. Btw thanks. Jazakillah khair
Alheyy hama true story eh me liver ah ves liver ah mi ulheveny goals kohkan ihsaas vehjje mi vaahaka in. Thanks a lot
Alhamdhulillah.. Jazakillah khair
alhamdhulillah thikahala writers beynuvvanii…….hama vrh reethi rovvaalaifi…..aslu ves mii dhuniyey ge haalathu…..
Masha allah… aslu vs dhw rana… mii mihaaru dhuniyeyge haalathu… stry vrh rythi❤
yah twinkle dud…..
mashaa allahu nice storyy