Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ހިތަކުން ނުފިލާނެ

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
June 5, 2018 9 Mins Read
17 Comments

ބާރު ސްޕީޑްގައި ދުއްވަމުންދިޔަ ލާންޗްއިން ކަފަމުންދިޔަ ކަނޑުގެ ލޮނުގަނޑަށް ގެއްލިފައި އަހަރެން ހުރީ ފުންވިސްނުމެއްގައެވެ. އިރުގެ ރަންދޯދީގެ ސަބަބުން ކުދިކުދި ޖަވާހިރުތަކެއްފަދައިން ލޮނުގަނޑު ވިދައި ބަބުޅަމުން ދިޔައެވެ. މިއިން އެއްވެސް ކަމަކަށް އަހަރެންގެ ޝައުގެއްނެތީ އެވަގުތު އަހަރެންގެ ސިކުނޑި ހާސްކުރުވަމުންދިޔަ އެކިއެކި ޚިޔާލުތަކުގެ ސަބަބުންނެވެ.

“އަރާޝް” އަހަރެންގެ ގާތުގައިއިން އަހަރެންގެ އަންހެނުންގެ އަޑަށް ސިހިފައި އަހަރެންނަށް ބަލައިލެވުނެވެ. “ރަށަށް މިއޮއް އާދެވުނީއެއްނު. ކޮންޚިޔާލަކަށް ގެއްލިފަ؟.” ލޯތްބާއެކު އަހަރެންގެ އަތުގައި ފިރުމައިލަމުން ރަވާ އަހައިލިއެވެ. ރަވާ އެހެން ބުނުމުން އަހަރެންނަށް ބޭއިޚްތިޔާރުގައި ކުރިމަތިން ފެންނަންއޮތް ރަށާއި ދިމާއަށް ބަލައިލެވުނެވެ. ޚިޔާލުތަކަށް ގެއްލިފައި އިންލެއް ބޮޑުކަމުން ރަށަށް އާދެވުނުކަންވެސް އަހަރެންނަށް ނޭނގުނީއެވެ. ގަދަކަމުން ހިނިތުންވެލަމުން އަހަރެން ރަވާއާއި ދިމާއަށް ބަލައިލީމެވެ. އެރަށަށް ފައިބާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އެހެނަސް ރަވާގެ އެދުމާއި ދެކޮޅުހަދާހައި ހިތްވަރު އަހަރެންގެ ގައިގައި ނެތުމާއެކު ރަށަށް އަންނަން އަހަރެން އެއްބަސްވީއެވެ. ލޯބިވާ އަހަރެންގެ އަންހެނުންނަށްޓަކައެވެ.

“ދެން ތިހެން ނީނދެ ފައިބަން ހިނގާ. އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއްވެސް ރަނގަޅުވާނެ.” އެއްޗެކޭ ނުބުނެ އަހަރެން އިންނަން ފެށުމުން ރަވާ އަހަރެންނަށް ހިތްވަރުދެވޭތޯ ބެލިއެވެ. މަޑުމަޑުން ބޯޖަހައިލަމުން އަހަރެން އިންތަނުން ތެދުވެ ރަވާގެ އަތުގައި ހިފައިލަމުން ލާންޗްއިން ފައިބަން ހިނގައިގަތީމެވެ.

ރަށުގެ ފަސްގަނޑުގައި ފައިޖެހުމާއެކު އަހަރެންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ވަށައިގެން އެކި ދިމާދިމާއަށް އަހަރެންނަށް ނަޒަރު ހިންގައިލެވުނެވެ. ވޭތުވެދިޔަ 3 އަހަރުގައިވެސް ރަށަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަން އަހަރެންނަށް ފާހަގަވިއެވެ.

ލާންޗްގެ ފަޅުވެރިން ބޭލި ދަބަސް ކޮނޑުގައި އަޅުވައިލަމުން އަހަރެން ރަވާ ގޮވައިގެން ހިނގައިގަތީމެވެ. އަހަރެންގެ ގެ ހުންނަނީ ބަނދަރާއި ކައިރީގައިކަމުން ހިނގައިލައިފައި ގެއާއި ހަމައަށްދާން އަހަރެން ބޭނުންވީއެވެ. ރަށުގެ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ރަވާ އަހަރެންގެ ފަހަތުންކަހަލަ ގޮތަކަށް އައެވެ. ރަށުތެރެއަށް އެރުމާއެކު އެކި މީސްމީހުންގެ ބެލުންތައް އަހަރެމެން ދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. މާކުރިންވެސް ކަންތައްވާނީ އެހެންކަން އެނގުމާއެކު އެއިން ކަމަކަށް އަހަރެމެން ދެމީހުންކުރެ އެކަކުވެސް ފަރުވާލެއް ނުބަހައްޓަމެވެ. ރަވާގެ ހިނިތުންވެފައިވާ މޫނު ފެނުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބެމުންދިޔައެވެ.

ގޭގެ ދޮރުމަތީގައި އަހަރެންނަށް ހުއްޓެވުނީ ދެޚިޔާލެއްގެ މަތީގައި ހުރެއެވެ. މަޑުމަޑުން އަހަރެންގެ ކޮނޑުގައި އަތްޖައްސައިލަމުން ރަވާ ބޯޖަހައިލީ ދޮރު ހުޅުވާށޭ ބުނާފަދަ ގޮތަކަށެވެ. ފުންނޭވާއެއްލަމުން އަހަރެން ދޮރުހުޅުވައިލުމަށްފަހު އެތެރެއަށް ވަނީމެވެ. ސަލާމް ގޮވައިލުމާއެކު ބަދިގެފަރާތުގައި ކައްކަން އުޅުނު އަހަރެންގެ މަންމަ ސަލާމުގެ ޖަވާބުދެމުން ބަދިގެއިން ނުކުތެވެ. އަހަރެން ފެނުމާއެކު މަންމަ ހުއްޓުންއަރާފައި އަހަރެންނާއި ދިމާއަށް ބަލަންހުއްޓެވެ. އެވަގުތު ވަޅުވަދެފައިވާ އެދެލޯ ކަރުނުންފުރި ބަންޑުންވާންފެށިތަންފެނި މަންމާއޭ ކިޔައި ގޮވައިލަމުން އަހަރެންނަށް އެދިމާއަށް ހިނގައިގަނެވުނެވެ.

ލޯތްބާއިއެކު އަހަރެންގެ ގައިގައި ބައްދައިލަމުން މަންމަ ގިސްލަ ގިސްލާފައި ރޮމުންދިޔައިރު އެއަޑުން އަހަރެންގެ ހިތް ފިސްފިސްވަމުން ދިޔައެވެ. މަންމަ ދޫކޮށްފައި ނުދިއުމަށްއެދި މަންމަ އާދޭސްކުރަމުން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި އަހަރެންނަށް މަންމަގެ ގައިގައި ބައްދައިލައިގެން ހުރެވުނީއެވެ. މަންމަގެ ރުއިމުގެ އަޑަށް ގޭގައިއުޅޭ އަހަރެންގެ އާއިލާ އެކިއެކި މީހުން ކޮޓަރިތަކުން ނުކުމެ އައިސް އެމަންޒަރު ބަލަން ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވަމުން ދިޔައިރު އަހަރެންގެ ފަހަތުގައިހުރި ރަވާވެސް ހިނިތުންވެ އެމަންޒަރުބަލަން ހުއްޓެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. މީގެ 3 އަހަރު ކުރިން ރަށްދޫކޮށް ދިޔަގޮތަށް މިއީ އަހަރެން ރަށަށް އައި ފުރަތަމަ ފަހަރެވެ. އުފާވެރިކަމާއެކުގައި އާއިލާގެ މެމްބަރުންނާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަހަރެން ރަވާ ގޮވައިގެން އަހަރެންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ. ކޮޓަރީގެ ސާފުތާހިރުކަންފެނި އަހަރެން ނެތަސް މަންމަ އެކޮޓަރި ފަރުވާތެރިކަމާއެކުގައި ބަލަހައްޓާކަން އަހަރެންނަށް އެނގުނެވެ.

ހަވީރު ހިތްފަސޭހަ ވަގުތެވެ. ފެންވަރައި ތާޒާވެލުމަށްފަހު އަހަރެން ގެއިން ނުކުތުމަށް ހިނގައިގަތީ ރަށުތެރެ ބަލައިލުމުގެ ޝައުގު ހިތުގައިއޮތްލެއް ބޮޑުކަމުންނެވެ. މަންމަމެންނާއި އެކުގައި ވާހަކަދައްކަންއިން ރަވާއަށް ހިނިތުންވުމެއް ދިނުމަށްފަހު އަހަރެން ގެއިން ނުކުމެ ރަށުގެ އަތިރިމައްޗާއި ދިމާއަަށް މިސްރާބުޖެހީމެވެ. އެކިއެކި މަގުގައި ހިނގަމުންދިޔައިރު ހިތި ހަނދާންތައް އަހަރެންގެ ހިތް ގައިދުކުރަމުން ދިޔައެވެ. ހިތުގައި ލެވިފައިވި ޒަޚަމް ފަސޭހަވެފައި ވީނަމަވެސް އެލަކުނުތައް އަދިވެސް އަހަރެންގެ ހިތުން ފިލައި ނުދެއެވެ.

ހިނގަމުން ހިނގަމުންގޮސް ފިހާރައެއްގެ ކުރިމައްޗަށް އެރުނުވަގުތު އެފިހާރައިން ނުކުތް އަންހެންކުއްޖެއް ނިކަން ބާރަށް އަހަރެންގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. ސިހިފައި އަހަރެންނަށް އެކުއްޖާގެ ގައިގައި ހިފަހައްޓައިލެވުނެވެ. ދެލޯބޮޑުކޮށްގެން އަހަރެންގެ މޫނަށް ބަލަންއޮތް އީން ފެނުމާއެކު ތެޅިގަންނަމުން އަހަރެންނަށް އީން ސީދާކޮށްލެވުނެވެ. އެސޫރަ ފެނުމާއެކު ހިތުގައި ފޮރުވިފައިވި މާޒީގެ އެކިހަނދާންތައް އަހަރެންގެ ދެލޯ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. ކުރިމަތީގައި ފެންކަޅިވެފައިވި ދެލޮލުން އަހަރެންގެ މޫނަށް ބަލަންއެހުރީ އެއްއިރެއްގައި އަހަރެންގެ ހިތުގައި ރަނިކަން ކުރަމުންދިޔަ އަހަރެންގެ ރާނީއެވެ.

“އަރާޝް.” ކުރެހިފައިވި އަޑަކުން މަޑުމަޑުން އީން ގޮވައިލިއެވެ. އެއަޑުގައިވި މާޔޫސްކަމާއި ހިތްދަތިކަން އަހަރެންނަކަށް ސިއްރެއްނުވިއެވެ. ދެލޯވަޅުވަދެ ދެލޮލުގެ ކައިރި ކަޅުވެފައިވިގޮތުން ނުބުނިނަމަވެސް އީން ވަރަށް ބޮޑު ހިތާމައެއްކުރާކަން އަހަރެންނަށް އިނގުނެވެ. އަނަރޫފަވެފައިވާ އެހަށިގަނޑުވެސް އެކަމަށް ހެކިދެއެވެ.

މާގިނައިރަކު އަހަރެންނަކަށް އެތަނުގައި ކެތެއްނުވިއެވެ. އީންއާ ދިމާއަށް ބަލައިލުމެއްވެސްނެތި އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ދެވަނަފަހަރަށްވެސް އަހަރެންނަށް އީން ގޮވައިލިއަޑު އިވުނެވެ. އެހެނަސް އެއަޑު ނީވޭކަމަށް ހަދަމުން އަހަރެން ކުރިއަށް ދިޔައީއެވެ. ހަނި މަގަކުންލައިފައި އަހަރެން ރަށުގެ އަތިރިމައްޗަށް ފޭބީމެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ އެމާހައުލުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. ނަމަވެސް ދެންމެވީކަންތައް އަހަރެންގެ ދެލޯކުރިމަތީގައި އިރުއިރުކޮޅާ ތަކުރާރުވަމުން ދިޔައެވެ.

ލަސްފިޔަވަޅުތަކެއްގައިއޮސް އަހަރެން ގޮނޑުދޮށުގައި އިނށީދެލީމެވެ. ހުދު ދޮންވެލިގަނޑުގައި ލޯތްބާއި އޯގާތެރިކަމާއެކު ބޮސްދެމުންދިޔަ ކުދިކުދި ރާޅުތަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އެފަދަ ލޯތްބަކާއި އޯގާތެރިކަމަކަށް އެއްދުވަސްވަރެއްގައި އަހަރެންނަށްވެސް އީންގެ ފަރާތުން އެދެވުނެވެ.

އެހަނދާންތައް އާވާން ފެށުމާއެކު އަހަރެންނަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. އެއާއެކު މެރިގެންދިޔަ އެސްފިޔަތަކުގެ ތެރެއިން އަހަރެންނަށް މީގެ ތިންއަހަރުކުރި ސިފަވާންފެށިއެވެ.

** ** **

އެކުވެރިންނާއެކުގައި ކުޅެ ނިންމައިލުމަށްފަހު އަހަރެން ގެއަށްދާން ހިނގައިގަތީ އިރުއޮއްސެން ކައިރިވުމުންނެވެ. ވަކިހިސާބަކަށް ދެވުނުތަނާ ފަރިހިނގުމެއްގައި އަހަރެންނާއި ދިމާއަށް ހިނގައިފައި އައި ރީތި ޕަރީއެއްފަދަ އަންހެންކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެލޫޅާފަތި ހަށިގަނޑާއި އުޖާލާވެފައިވާ މޫނު ފެނުމުން އަހަރެންނަށް ބޭއިޚުތިޔާރުގައި ހުރިތަނުގައި ހުއްޓެވުނެވެ. އަވަސްވަމުންދިޔަ ހިތާއިދިމާލުގައި ފިރުމައިލަމުން އިސްޖަހައިލައިފައި ސިއްރުވެރި ގޮތަކަށް އަހަރެންވެސް ހިނިތުންވެލީމެވެ.

އަހަރެންނާއި ހިސާބަށް އަރަމުން ލޯބިވެތި ގޮތަކަށް އީން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ގާތުގައި އޭނާގެ އެކުވެރި ކުދިންތައް ތިބުމުން އެއްވެސް ވާހަކައެެއް ނުދެއްކިނަމަވެސް އެބަލާލުމުން އެތައް މެސެޖެއް އަހަރެންގެ ހިތަށް އީން ފޮނުވައިލިކަހަލައެވެ. ލުއިހިނިތުންވުމެއް އީންއަށްދެމުން އަހަރެންވެސް ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ.

އިޝާ ނަމާދަށްފަހު ތައްޔާރުވެލައިގެން ގެއިން ނުކުމެ އަހަރެން މިސްރާބުޖެހީ ރަށުގެ ތުނޑިއާއި ދިމާއަށެވެ. ފަހަތުން މީހަކު އާދޭތޯ ބަލަމުން އަވަސް ހިނގުމެއްގައި އަހަރެންނަށް ތުނޑިއަށް ދެވުނު ވަގުތަކީ އީންވެސް އައިސް އެހިސާބުގައި މަޑުކޮށްލިވަގުތެވެ. އަހަރެން ފެނުމާއެކު ދުވެފައިކަހަލަ ގޮތަކަށް އީން އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ. އުފަލާއެކުގައި އަހަރެންނަށްވެސް އީންގެ ހަށިގަނޑު ގަޔާލައި ފިއްތައިލެވުނީ އީންދެކެ އަހަރެންވާ ލޯތްބެއްގެ ސަބަބުންނެވެ.

ހުރިހައި އެންމެނަށް ސިއްރުން އަހަރެމެން ލޯބީގެ ގޮތުން ގުޅިގެންއުޅޭތާ މިހާރު 5 މަސްވީއެވެ. ހަގީގަތުގައި އެގުޅުން ސިއްރުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް އެއީ އީންގެ އެދުމަކަށްވުމުން އެކަން އެގޮތަށް ކުރީއެވެ.

ތުނޑީގައި އެތައްއިރަކު ވާހަކަދައްކަން ތިބުމަށްފަހު އެރެއަށް ވަކިވަމުން ދެމީހުން ދެދިމާއަށް ހިނގައިގަތީ ޖެހިގެންއަންނަ ރޭގައިވެސް ބައްދަލުވާން ނިންމުމަށްފަހުއެވެ. ލައިގެންހުރި ޖިންސްގެ ޖީބަށް އަތްޖަހައިލައިގެންހުރެ ހިނގަމުން ދިޔައިރު އީންގެ ޚިޔާލުތަކުން އަހަރެންގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވަނީ ވެރިވެފައެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުންދިޔައީ ހީވެސްނުކުރާހައި އަވަހަށެވެ. ކޮންމެ ރެއަކު އީންއާއި އެކުގައި ހޭދަކޮށްލެވޭ އެވަގުތުތައް އަހަރެން ދިޔައީ އަހަރެންގެ ހިތުގެ އެންމެ އަޑީގައި ފަރުވާތެރިކަމާއެކުގައި ރައްކާކުރަމުންނެވެ. ދުވަހަކުވެސް އެހަނދާންތައް ފަނޑުނުވާނެކަމަށް ބުނަމުންނެވެ. އީންދެކެވާ ތެދުވެރިލޯބި އެގޮތުގައި އަބަދުވެސް ނިމުމެއްނެތި ދެމިއޮންނާމެކަމަށް ބުނަމުންނެވެ. އަހަރެން ހީކުރީ އީންވެސް އަހަރެންދެކެ އެދަރަޖައަށް ލޯބިވިކަމަށެވެ. ދުވަހަކު ވަކިވުމެއްނެތި އަހަރެންނާއިއެކުގައި ވާނެކަމަށެވެ. ނަމަވެސް…

އުފާވެރިކަންމަތީގައި އަހަރެންގެ ހަޔާތުގެ ދުވަސްތައް ދެމިއެއްނޯތެވެ. އުސްގަނޑެއް އައުމަށްފަހު އަހަރެންގެ ދިރިއުޅުމަށް އަޑިގަނޑެއްއައީ އަހަރެން ހުވަފެނުގައިވެސް ހީކޮށްފައިނުވާފަދަ ގޮތަކަށެވެ. އެއީ ދުނިޔޭގެ އާދައެވެ. އެއްކަމެއް އަބަދަކު އެއްގޮތަކަށް ދެމިއެއް ނުއޮންނާނެއެވެ. އަހަރެމެން އިންސާނުން އެކަން ހަނދާންނެތެނީ ކީއްވެހެއްޔެވެ؟

އީންއާއި އަހަރެންނާ ދެމެދަށް ކުއްލި ދުރުކަމެއްއައީ ކީއްވެގެންކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ބައްދަލުކުރަން އެއްބަސްވުމަށްފަހުވެސް އީން އަހަރެންނާއި ބައްދަލުކުރަން އައުން މަދުވާން ފެށިއެވެ. އީންގެ އިންތިޒާރުގައި އެކަނި ތުނޑީގައި ހޭދަކުރެވެންފެށި ރޭތައް ގިނަވާންފެށިއެވެ. ވީނުވީއެއް އަހަރެންނަކަށްވެސް ނޭނގެއެވެ. އެތައް ފަހަރަކު އަހަރެންނަށް ގޯސްކޮށްކުރެވުނީ ކޮންކަމެއްތޯ ހިތާ ސުވާލުކުރެވެންފެށިއެވެ. ވިސްނާ ވިސްނާވެސް އަހަރެންގެ ސުވާލުތަކުގެ ޖަވާބެއް ނުލިބުނެވެ. ރަށުގެ މަގެއްމަތިންވެސް އީން ނުފެންނަތާނގައި އޭނާގެ އެކުވެރިއެއްވެސް މަދުފަހަރަކު ނޫނީ ނުފެނެއެވެ.

ވިސްނާ ވިސްނާ އަހަރެންގެ ބޯގޮވާހިސާބަށް ދިޔައިރުވެސް އަހަރެންގެ ސުވާލުތަކުގެ ޖަވާބެއް އަމިއްލައަކަށް ނުހޯދުނެވެ. ކުއްލިއަކަށް މިހެންވާންވީ ކީއްވެހެއްޔެވެ؟ އަހަރެމެން އުޅުނީ ކިހައި ލޯބިންހެއްޔެވެ؟ އީންގެ ހިތުޖެހޭފަދަ އެއްވެސްކަމެއް އަހަރެން ނުކުރަމެވެ. އީން ބުނިއްޔާ ބުނިހައިގޮތެއް އަހަރެން ހެދީމެވެ. ދެން ކީއްވެހެއްޔެވެ؟

ކުރިމަތީގައިހުރި ބަތްތައްޓަށް ބަލަން އަހަރެންނަށް އިނދެވުނީ ކާހިތްނުވެފައެވެ. ކާކޮޓަރީގައި ހަރަކާތްތެރިވަމުންދިޔަ އަހަރެންގެ މަންމައަަށް އެތަންފެނުމުން އޯގާތެރިކަމާއެކުގައި ކިހިނެއްވެފަތޯ ސުވާލުލުރިއެވެ. ކަމެއްނުވެއޭ ބުނަމުން އަހަރެން ދެފަރާތަށް ބޯހޫރުވައިލީއެވެ. އަހަރެންގެ ހިތުގައި ހިނގާ އިހުސާސުތައް އެއްވެސް މީހަކާއި ހިއްސާކުރާކަށް އަހަރެން ބޭނުމެއްނުވެއެވެ. އެހިތުގެ ހާލު އީންނޫން ދެވަނަ މީހަކަށް ނޭނގޭނެއެވެ. އެހެނަސް މިއަދު އަހަރެންގެ ޝަކުވާތައް އަޑުއަހާކަށް އަހަރެންގެ ގާތުގައި އީންއެއް ނެތެވެ. އަހަރެންނަށް ކުރެވުނު ކުށެއްއޮތްނަމަ އެކަން ބުނެލައިދިން ނަމަވެސް މިހިތަށް މިހައި ތަދުނުވީސްކަން ޔަގީނެވެ.

މީހަކު ސަލާމް ގޮވައިލިއަޑަށް މަންމަ ބޭރަށް ނުކުތެވެ. އިރުކޮޅެއްފަހުން ވަދެގެން އައިއިރު އަތުގައި ކާޑެއް އޮތެވެ. ހެވިފައިހުރެ އައިސް އަހަރެންގެ އަތަށް ކާޑު ދެމުން މާދަމާރޭގައި އޮތް ކައިވެނިޕާޓީއަކަށް އައި ދައުވަތެއްކަމަަށް ބުންޏެވެ.

އެއްވެސް ޝައުގެއްނެތި އަހަރެން ކާޑު މޭޒުމަތީގައި ބާވައިލީއެވެ. އަހަރެންގެ ވަށައިގެންހިނގާ އެއްވެސް ކަމަކަށް މިހާރު އަހަރެންގެ ޝައުގެއްނެތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. އެކުގައި އުޅުނު އެކުވެރިންނާއި އޮތް ގުޅުންވެސްވަނީ ހީނަރުވެފައެވެ.

“ކާކުގެ ކައިވެންޏެއްތޯ ބަލައިލަންވާނު.” މަންމަގެ އަޑަށް އަހަރެންގެ ޚިޔާލުގެ ވާފަށް ކެނޑިގެންދިޔައެވެ. މޭޒުމަތީގައި އަހަރެން ބޭއްވި ކާޑު ނަގަމުން އޭގައިވާ ނަންތައް މަންމަ ކިޔައިލިއެވެ. އިވިގެންދިޔަ ނަމާއެކު އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ދެލޯބޮޑުކޮށްލަމުން ގަބޫލުނުކުރެވިފައި މަންމައާއި ދިމާއަށް ބަލައިލެވުނެވެ. އިންތަނުން ތެދުވަމުން މަންމަ އަތުން ކާޑު އަތުލުމަށްފަހު އަހަރެން ނިކަން ރަނގަޅަށް އޭގައިވާ އެއްޗެއް ކިޔައިލީމެވެ. “އައިޝަތު އީން އަލީ ސައީދު.” ކައިވެނިކުރެވޭ އަންހެންކުއްޖާގެ ނަން އަހަރެން ތިންހަތަރު ފަހަރަށް ކިޔައިލެވުނީ ގަބޫލުނުކުރެވިފައި ހުރެއެވެ. އީން އަހަރެންނަށް މިވަރުގެ ބޮޑު ކެއްސެއް ދީފާނެހެއްޔެވެ؟ މިހައިބޮޑު އޮޅުވައިލުމެއް އޮޅުވައިލައިފާނެހެއްޔެވެ؟

“ދަރިފުޅު ދަންނަ ކުއްޖެއްތަ؟” އަހަރެންނަށް ވެފައިހުރިގޮތްފެނި މަންމަ ހައިރާންކަމާއެކު އަހައިލިއެވެ. މަންމަގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އަހަރެން ގެއިން ބޭރަށް ދިއުމަށް ހިނގައިގަތީ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. “ދަރިފުޅާ. ބަލަ އަރާޝް. ނުވެސް ކައި ބޭރަށް ދަނީތަ؟” ފަހަތުން މަންމަގެ އަޑު އިވުނު ނަމަވެސް އަހަރެން އަޅައިނުލާ ހިނގުން އިތުރަށް ބާރުކޮށްލީ ހިތުގައި ރިހެމުންދިޔަ ވަރުންނެވެ.

އީންމެންގޭ ދޮށުން ދެތިންބުރު ޖެހުނުއިރުވެސް އީންގެ ހިލަމެއް އަހަރެންނަކަށް އެގޭތެރެއަކުން ނުފެނުނެވެ. ގޭތެރެ ހަލަބޮލިވެފައިވީގޮތުން މާދަމައިއޮތް ކައިވެންޏަށް އެންމެން ތައްޔާރުވަނީކަން އަހަރެންނަށް އެނގުނެވެ. އަތުގައިއޮތް ކާޑަށް އަހަރެންނަށް ބަލައިލެވުނެވެ. އެއާއެކު ދެލޯފުރި ކަރުނައިގެ މުތީތައް ފައިބަން ފެށީ އަހަރެންގެ އިޒުނައަކާއި ނުލައެވެ. “ކީއްވެ އީން؟ އަހަރެންގެ ކޮންކުށެއް އޮތީ؟” އަމިއްލަ ނަފުސާއި އަހަރެންނަށް ޝަކުވާކޮށްލެވުނެވެ. އެވަގުތު އެގެއިން ނުކުތް އީންގެ އެކުވެރިއެއް ފެނުމުން ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އަހަރެން އެކުއްޖާއާއި ދިމާއަަށް ހިނގައިގަތީމެވެ. އަހަރެން ގޮވައިލިއަޑަށް ހުއްޓެމުން އެކުއްޖާ ބަލައިލިއެވެ. އަހަރެންގެ އެތައް އާދޭހަކަށްފަހު އެކުއްޖާ އީން ބަލައި އެގޭތެރެއަށް އެނބުރި ވަނެވެ.

އަހަރެންގެހިތް އޮބިނޯނަވަރަށް މޭގެތެރޭގައިއޮވެ ތެޅެމުންދިޔައީ އެހިތުގެ ވެރިޔާ އެތައް ދުވަހަކަށްފަހު ފެނުމުންނެވެ. އެހެނަސް އަހަރެން ފެނުމާއެކު އީންގެ މޫނުމަތިން ފާޅުވެގެންދިޔައީ ފޫހިކަމެވެ. ހިނިތުންވެލަން އުޅެފައިވެސް އަހަރެންނަށް އެހެން ހުރެވުނީއެވެ. އޭނާގެ އެކުވެރިޔާ ގާތުގައި ދެތިން އެއްޗެއް ބުނެލުމަށްފަހު އީން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓިލިއެވެ.

“ކީއްކުރަން މިތަނަށް ތިއައީ؟” ހިތްހަމަނުޖެހިފައި އީން ސުވާލުކޮށްލިގޮތުން އަހަރެންގެ ހިތުގައި ޖެހުނެވެ. “އީން. މީ.. މީ ކޮންކަމެއް؟” އަތުގައިއޮތް ކާޑު ދައްކައިލަމުން އަހަރެން އަހައިލީމެވެ. އެއާއެކު އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން ހުރުމަށްފަހު މަލާމާތުގެ ގޮތަކަށް އީން ހިނިތުންވެލިއެވެ.

“ތީ ކޮންއެއްޗެއްކަން ނޭނގެނީތަ؟ އެވަރުގެ ގަމާރަކަށް އަރާޝް ވީ ކޮންއިރަކުތަ؟” އީންގެ ބަސްމަގުހުރިގޮތުން އަހަރެން ވަރަށް ހައިރާންވިއެވެ. އެއީ ދުވަހެއްގެކޮޅުންވެސް އީން އަހަރެންނާއި ވާހަކަދެއްކި ގޮތެއްނޫނެވެ.

“އީން. ތީ ހަމަ އަހަރެންގެ އީންތަ؟ ކިހިނެއްވެފަ ތިހުރީ؟ ކީއްވެ ތިހެން ތިވާހަކަދައްކަނީ؟ އަހަރެންނަށް ކޮންކުށެއް ކުރެވިގެން؟” ހިތުގައި ޖެހިފައި އަހަރެންނަށް އަހައިލެވުނެވެ. ތުންއަނބުރައިލަމުން އީން ހަށަން ބަނދެލިއެވެ.

“އަހަރެން ކޮންއިރަކުތަ އަރާޝްގެ މީހަކަށްވީ؟” އީންގެ އަޑުގައިވެސްވަނީ މަލާމާތެވެ. “ދެން އެހެންވީއިރު އީން ތިބުނީ އަހަރެމެން ދެމެދު އޮތް ގުޅުމަކީ ހުސް ފޭކޭތަ؟ އެއީ އޮޅުވައިލުމެއްތަ؟” ވެފައިހުރި ދެރައާއެކު އަހަރެންގާތަށް ކުއްލިއަކަށް ރުޅިއައެވެ.

“އުފް. އަހަރެން އެއްވެސް އިރަކު އަރާޝްދެކެ ލޯތްބެއްނުވޭ. ތިބުނީ ރަނގަޅަށް. އެއީ ހުސް ފޭކް. އަހަރެންގެ ކައިވެނިއޮތީ މާކުރިންވެސް ހަމަޖެހި ނިމިފަ. އެކަމަކު އަހަރެން ކައިވެނިކުރަންއުޅޭ ކުއްޖާ އޭރު މިކޮޅުނެތީމް ޓައިމް ޕާސްއަކަށް އަހަރެން އަރާޝްއާ ރަށްޓެހިވީ. އެގުޅުން ސިއްރުކުރަން އަހަރެން އެހައިވަރުން އެދޭނީ ގައިމު ކޮންމެވެސްކަމެއް ވީމައެއްނު. އެހެންނޫނަސް ރަށު ފެންވަރުގައި އަހަރެމެން ކަހަލަ މުއްސަނދިން މެދުފަންތީގެ ދަށުމީހަކާ ގުޅޭނެތަ؟ ހެހެ. އެނީވޭސް. އަހަރެން މިއުޅެނީ މާދަމާ އަހަރެންގެ ހިތުގެ ވެރިޔާއާ ކައިވެނިކުރަން. ހީކުރަން އަންނާނެކަމަށް. ދެން ދަނީ.” އަހަރެންނަށް ވާހަކަދައްކަންވެސް ފުރުސަތެއްނުދީ އީން ގެއާއި ދިމާއަށް ހިނގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި އެހުރިތަނުގައި އަހަރެންނަށް ހުރެވުނީއެވެ. އިވިގެންދިޔަ ވާހަކަތަކުން ހިތަށްކުރި އަސަރުން އެވަގުތު އަހަރެންނަކީ ކަންފަތް ބީރުމީހަކަށް ވީނަމައޭ ހިތަށްއެރިއެވެ. ގައިމުވެސް އޭރުން އެވާހަކަތައްއިވި ހިތަށް މިހައިފުން އަސަރެއް ނުކުރީހެވެ. މުށުތެރޭގައިއޮތް ކާޑު ބޮނޑިކޮށްލަމުން އެގޭގެ ފާރުބުޑަށް އެއްލައިލުމަށްފަހު އަހަރެން އެގެއާއި ދުރަށް ހިނގައިގަތީމެވެ. އީންގެ ހަނދާންތަކާއި ދުރަށެވެ. އެކެހިވެރިޔާއަށްޓަކައި ހިތުގައި ނަފުރަތު އުފަށްދަން ބޭނުންވި ނަމަވެސް އަހަރެންނަކަށް އެކަމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އަހަރެން އީންދެކެ ލޯބިވެއެވެ.

ޖެހިގެންއައި ރޭ އީންގެ ކައިވެނިކުރެވިގެން ދިޔައެވެ. ހިތާމައިގެ ކަނޑުގައި އަހަރެން ޣަރަގުވަމުން ދަނިކޮށެވެ. ކިތަންމެ ފަހަރަކު އެތަނަށް ގޮސް އީން ގާތުގައި އާދޭސްކޮށް ރޮއި ހަދަން މިހިތް ބޭނުންވިއެވެ. އެހެނަސް އަހަރެންނަކަށް އެހިތްވަރެއް ނުލިބުނެވެ. ދުރުދުރުން ހިނިތުންވެފައިވާ އީންގެ މޫނަށް ބަލަން އަހަރެންނަށް ހުރެވުނީ ކިހައި އިރެއްވަންދެންކަމެއްވެސް ޚުދު އަހަރެންނަކަށް ނޭނގެއެވެ. ހުދުކުލައިގެ ކައިވެނި ހެދުމުގައި އީން ހީވަނީ ޕަރީޒާދެއް ހެންނެވެ. އެހެނަސް އެރީތިކަމުން މިއަދު އަހަރެންނަށް ލިބުނު އެއްވެސް ފޮނި މީރުކަމެއް ނެތެވެ.

އެދުވަހަށްފަހު އަހަރެންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެންދިޔައެވެ. އެކަނިވެރިކަމާއި ހިތްދަތިކަން އަހަރެން ވަށައިލައިލީ މީހަކަށް އެންމެ ބޭނުންވި ދުވަހުއެވެ. އެކުގައި އުޅޭ އެކުވެރިން ވެގެން އުޅޭގޮތެއް ބުނުމަށްއެދި އާދޭސްކުރަމުން ދިޔައިރު އެހުރިހައި އާދޭހަކަށް އަހަރެންނަށް ދެވުނީ ބީރުކަންފަތެވެ. ދިރިއުޅުންމަތިން ފޫހިވެ ނުބައި މަގަށް އަޅަން ނެގީ ދާދި މަދު ދުވަސްކޮޅެކެވެ.

އާނއެކެވެ. ލިބެމުންދިޔަ ހިތްދަތިކަންވީ އަހަރެންނަށް ބަރުދާސްތުކުރަން ދަތިވިކަމަކަށެވެ. އެހިތާމަތަކާއި ދުރަށް ދިއުމަށް އަހަރެންނަށް މަސްތުވާތަކެތި އިޚުތިޔާރުކުރެވުނީ އެވަގުތު އަހަރެންގެ އަމިއްލަ ނަފުސްމައްޗަށްއޮތް އިތުބާރާއި ޔަގީންކަން ކުޑަވުމުގެ ސަބަބުންނެވެ. ކުރިން އެކުގައި އުޅުނު އެކުވެރިން ދޫކޮށްލުމަށްފަހު އަހަރެންގެ އެކުވެރިންގެ ގޮތުގައި ރަށުގައި އުޅެމުންދިޔަ އެންމެ ނުބައި މީހުން އިޚުތިޔާރުކުރެވުނެވެ. ރޭގަނޑު ހަތަރުދަމު ބޭރުގައި ވަގުތު ހޭދަކުރުމަށްފަހު ދުވާލުގެ ވަގުތަކީ އަހަރެން ނިދީގެ އަރާމު ހޯދާ ވަގުތުގެ ގޮތުގައި ހެދުނެވެ. ދީނާއި ދުރުވެ ރަށުގައިތިބި އެންމެ ނުބައިމީހުންގެ ލިސްޓްގެ އެއްވަނައަަށް އަހަރެންގެ ނަން އެރިއެވެ.

އަހަރެންގެ އުޅުން މިފަދަ ގޮތަކަށް ބަދަލުވުމުން މަންމަ ވަރަށް ހިތާމަކުރިކަން އަހަރެންނަށް އެނގެއެވެ. އާއިލާ އެންމެންގެ ނަސޭހަތުގެ ބަހުގައި އަހަރެން ކޮޅުފައިންޖެހީ އެފަދަ ބޯދާ ތާކުންތާކު ނުޖެހޭ ވާހަކަތައް އަޑުއަހަން ބޭނުންނުވާކަމަށް ބުނަމުންނެވެ. މިއީ އަހަރެންގެ ދިރިއުޅުމެވެ. މިދިރިއުޅުން ކުރިއަށް ގެންދާނެގޮތް އިނގޭނީވެސް އަހަރެންނަށެވެ. އެމީހުންނާ ކޮންބެހޭކަމެއް ހެއްޔެވެ؟

އަހަރެންގެ ދިރިއުޅުން ބޮއްސުންލައިގެން ދިޔައިރު އަހަރެން ވަނީ ރަށު ރައްޔިތުން އެންމެ ނަފުރަތުކުރާ އިންސާނާއަށް ވެފައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ރަށުމީހަކަށް އަހަރެން ނުކުރާ ގޯނާއެއް ނުއޮންނާނެއެވެ. މަގުމަތިންދާ މީހުންނާއި ފޮށުމާއި މީހުންގެ މުދަލަށް ގެއްލުންދީ ވައްކަންކުރުން އެއީ އަހަރެންނަށް ލިބޭ އުފަލަކަށްވަނީ ވެފައެވެ.

ރަށުގައި ހޭދަވަމުންދިޔަ ދުވަސްތަކުގައި އެތައް ފަހަރަކު އަހަރެންނާއި އީންއާއި ބައްދަލުވެއެވެ. އެސޫރަފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެންދާގޮތުން އަހަރެން އަމިއްލަ ނުފުސްދެކެ ރުޅިއާދެއެވެ. މާާގިނަ ދުވަހަކު އަހަރެންނަށް އެގޮތުގައި ކެތެއްނުވިއެވެ. އެކުވެރި ކުދިބަޔަކާއެކު އާއިލާއަށްވެސް ސިއްރުން އަހަރެން ރަށުން ފިލައިގެން މާލެއަަށް ދިޔައީ އިތުރަށް އެކެހިވެރިޔާގެ ސޫރަ ފެންނަހިސާބުގައި އަހަރެންގެ ބަލިކަށި ހިތަށް ކެތްނުވާނެކަން އެނގޭތީއެވެ.

އާއިލާ މީހުންނަށް ކޮންމެވެސް ގޮތަކުން އަހަރެން މާލޭގައި އުޅޭކަން އެނގި އަހަރެން ބަލައިވެސް އައެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލި އިންސާނާ ދިރިއުޅެމުންދިޔަ އެރަށަށް އެނބުރި ދާކަށް އަހަރެން ބޭނުމެއްނުވިއެވެ. މަންމަ އަހަރެންގެ ކުރިމަތީގައި ރޮއި އާދޭސްކުރުމުންވެސް އަހަރެންގެ މިހަރުހިތުގެ ނިންމުމެއް ބަދަލެއްނުވިއެވެ. ބައްޕައަކާނުލައި އަހަރެމެން ބަލައި މަންމަ ބޮޑުކުރީ ކިހައި ފޮނި އުއްމީދަކާއި އެކުގައިކަން އޭރު އަހަރެންވަނީ ހަނދާންނެތިފައެވެ.

އެމީހުންގެ އެތައް އާދޭހަކަށްފަހުވެސް އަހަރެން ރަށަށްދާން އެއްބަސްނުވުމުން އެންމެފަހުން މަންމަމެން ްއެނބުރި ދިޔައީ މާޔޫސްވެތިބެއެވެ. އާއިލާ ބައެއްމީހުންގެ ނުރުހުމުގެ ބަސްތައް އަހަރެންނަށް އަމާޒުވެގެން ދިޔައެއްކަމަކު އެކަމަކަށް އަހަރެން އެހައިބޮޑު ފަރުވާލެއް ނުބަހައްޓަމެވެ.

މާލޭގައިވެސް އަހަރެންގެ ދިރިއުޅުން ބައްޓަންވެގެންދިޔައީ ރަށުގައި އުޅުނު އިރެކޭ އެއްގޮތަށެވެ. ނުބައި ގްރޫޕްތަކާއި އެކުވެ ކުރެވެމުންދިޔަ ނުބައި އަމަލުތަކުން އަހަރެންގެ ހިތަށް ވަގުތީ ހަމަޖެހުމެއްް ލިބުނެވެ. މަސްތުހާލުގައި އެތައްފަހަރަކު ޕޮލިހުންގެ އަތްދަށުވެގެން ދިޔަ ނަމަވެސް އެކަމުން އަހަރެންނަށް އެހައި ބޮޑު އަސަރެއްކުނުރީ އެއީ އަހަރެންނަށް އައުކަމަކަށް ނުވީމައެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުންދިޔައެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތް މީހަކުފަދައިން އަހަރެންވެސް ދިރިއުޅުމާއިގެން ކުރިއަަށް ދިޔައީމެވެ.

މެންދަމުގެ ވަގުތެވެ. އަވަސް ހިނގުމެއްގައި އަހަރެން ދިޔައީ އަހަރެންގެ އެކުވެރިއެއް ގުޅައިފައި އައުމަށް ބުނުމުންނެވެ. އޭޑީކޭ ހޮސްޕިޓަލާއި ހަމައަށް އެރިވަގުތު އެހޮސްޕިޓަލުން ނަރުހުންގެ ޔުނީފޯމްގައިހުރެ ނިކުތް އަންހެންކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން ސިކުނޑިއަށް ވެރިވި ޚިޔާލާއިއެކު އެކުވެރިޔާއަށް މެސެޖް ކޮށްލަމުން އަހަރެން އެކުއްޖާގެ ފަހަތުން ހިނގައިގަތީ ޚިޔާލު ބަދަލުވުމުންނެވެ. މީހުންމަދު ހިސާބަކަށް ދެވުމާއެކު އަހަރެން އެކުއްޖާއާއި އަރައި ހަމަކުރަމުން އޭނާއާއި ދިމާކުރަން ފެށީމެވެ. އެކުއްޖާގެ މޫނުމަތިން ފާޅުވެގެންދިޔަ ބިރުވެރިކަމާއި ކަންބޮޑުވުން ފެނިފައި އަހަރެންނަށް މަޖާވިއެވެ. ހާސްވެފައިހުރެ އެއަންހެންކުއްޖާ އަހަރެންގެ ކިބައިން އޭނާ ދޫކޮށްލުމަށްއެދި އާދޭސްކުރަންފެށީ އަހަރެން އޭނާގެ އަތުގައި ހިފުމުންނެވެ. “ގޮތެއްގެ މަތިން ދޫކޮށްލާނީ.” ލޯހަނިކޮށްލަމުން ހެވިފައި އަހަރެން ބުނީމެވެ. “ކޮ.. ކޮ.. ކޮން ގޮތެއް؟” ގަންފައިހުރި ބިރެއްގެ ސަބަބުން ވާހަކަދެއްކުންވީ އެކުއްޖާއަށް އުނދަގޫކަމަކަށެވެ. “ނަން ބުނޭ.” ކީއްވެކަމެއް ނޭނގެއެވެ. އެކުއްޖާގެ ނަން އޮޅުންފިލުވުމުގެ ޝައުގު އަހަރެންގެ ހިތުގައި އުތުރި އަރައި ގަތުމާއެކު އަހަރެން ވަގުތުން އެސުވާލު ކުރީމެވެ. “ރަ.. ރަވާ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އެކުއްޖާ ވަރަށް މަޑުމަޑުން ބުނެލީ އިތުރުގޮތެއްނެތް މީހަކު ފަދައިންނެވެ. އެއާއެކު އަހަރެންނަށް އެކުއްޖާގެ ނަން ކިޔާލަމުން އަތުން ދޫޫކޮށްލެވުނެވެ. ރަވާގެ ކިބައިން ފެންނަމުންދިޔަ މަޑުމައިތިރިކަމުގެ ސަބަބުން އަހަރެންނަށް ރަވާއާއި އިތުރަށް ގަޔާވެވޭގޮތްވިއެވެ. އީންއާއި ވަކިވުމަށްފަހު އަންހެންކުއްޖަކު ފެނި އަހަރެންގެ ހިތަށް އަސަރުކުރި ފުރަތަމަ ފަހަރުކަމުގައި އެރޭވިއެވެ. އަހަރެން ދޫކޮށްލުމާއެކު ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލަމުން ބާރު ހިނގުމެއްގައި ރަވާ އަހަރެންނާއި ދުރަށް ހިނގައިގަތެވެ. ރަވާ ރޮނީކަން އަހަރެންނަށް އެނގުނީވެސް އެތަންފެނުމުންނެވެ. ވަގުތުން ކުށްވެރި އިހުސާސެއް އަހަރެން ވަށައިލިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ރަވާ ދިޔަދިމާއަށް ބަލަންހުރުމަށްފަހު އަހަރެން އެނބުރި އައި ކޮޅަށް ހިނގައިގަތީ ފުންވިސްނުމަކަށް ގެއްލިހުރެއެވެ.

އެރެއަށްފަހު ރަވާއަށް އަހަރެން ފާރަލާން ފެށީމެވެ. މީހުން މަދު ހިސާބުތަކުން ރަވާ އާއި ދިމާކޮށް ވާހަކަދެއްކޭތޯ އަހަރެން މަސައްކަތްްކުރަމެވެ. އަހަރެންގެ މަގުސަދަކީ ރަވާ ބިރުގެންނެވުން ނޫންކަމާއި ރަވާގެ ފަރާތުން އަހަރެން އެދެނީ އެކުވެރިކަމަށްކަމުގައި ބުނީމެވެ. ފުރަތަމަ ދުވަސްކޮޅު ރަވާގެ ފަރާތުން ޖެހިލުންވުމާއި ދުރުކަން ފެނުނުނަމަވެސް ފަހުންފަހުންގޮސް ކޮންމެވެސް ވަރަކަށް އަހަރެންނާއި ވާހަކަދައްކަން ފެށިއެވެ. ރަވާގެ ބައެއް އަމަލުތަކުން ރަވާވެސް އަހަރެންނާއި ގަޔާވާކަން އަހަރެންނަށް އެނގުނެވެ. ރަވާގެ ފަރާތުން ލޯބީގެ ގުޅުމަކަށް އެދުނުދުވަހަކީ އަހަރެންގެ ގާތުގައި އަހަރެންގެ އުޅުން ބަދަލުކުރުމަށް ރަވާ އެދެނު ދުވަހެވެ.

ރަވާއަަށްޓަކައި އަހަރެން އަހަރެންގެ އުޅުން ބަދަލުލުރަން މަސައްކަތްފެށީމެވެ. އަހަރެންގެ ހަޔާތުން އައު ބާބެއް ފެށުނީ އެދުވަހަށްފަހުއެވެ. ރަވާގެ އެހީތެރިކަމާއިއެކު ރިހެބްއަކަށް ގޮސް އަހަރެން އެނބުރި އައީ ރަވާ އެދޭފަދަ ހަރުދަނާ ޒުވާނަކަށް ވެގެންނެވެ. ރަވާގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމަކީ އަހަރެންނަށް ހަޔާތުގައި ތެދުމަގަށް އެޅެން ލިބުނު އެންމެބޮޑު ހިތްވަރެވެ. އަހަރެންގެ އެފުށް މިފުށަށް ޖެހިފައިވާ ހަޔާތް ބަދަލުކޮށްލީ ރަވާއެވެ. އެއީ އަހަރެންނަށް ލެއްވި ރަހުމަތެކެވެ. އަހަރެންގެ ނަސީބެވެ. އީންގެ ހަނދާންތައް ހިތުގެ އަޑީގައި ވަޅުލުމަށްފަހު އަހަރެން ރަވާއާއި ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުނީ، އޮފީހަކުން ރަނގަޅު ވަޒީފާއެއް ހޯދުމަށްފަހުއެވެ. އަހަރެންގެ އާއިލާއަށް ކައިވެނިކުރިކަން އެންގިއެއްކަމަކު އެނބުރި ރަށަށް ދާކަށް އޭރުވެސް އަހަރެން ބޭނުމެއްނުވިއެވެ. އެހެނަސް ރަވާގެ އެތައް އާދޭހަކަށްފަހު ރަށަށްދާން އަހަރެން ނިންމީ ރަވާ އަހަރެންގެ އާއިލާއާއި ބައްދަލުކުރަން ބޭނުންވެފައިހުރިވަރުންނެވެ. ރަވާގެ އުފަލަށްޓަކައެވެ.

** ** **

މާޒީގެ ހަނދާންތަކުން އަހަރެންނަށް އެނބުރި އާދެވުނީ އަހަރެންގެ ފުރަގަހުން ކޮނޑުމަތީގައި މީހަކު އަތް ބާވައިލުމުންނެވެ. ސިހިފައި ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލަމުން އަހަރެން ފަހަތަށް އެނބުރި ބަލައިލީމެވެ. ފަހަތުގައި ރޮވިފައިހުރި އީން ފެނުމާއެކު އަހަރެންނަށް އިންތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ފާޑަކަށް އީންއާއި ދިމާއަަށްބަލަން އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.

“އަ.. އަރާޝް. އަހަ.. އަހަރެންނަށް މައާފުކުރޭ. އިނގޭ.. ފަ.. ފަސޭހަ ނުވޭނެކަން. އެކަމަކު.. އަހަ.. އަހަރެންނަށް މިލިބެނީ އަރާޝްއަށް ދެވުނު.. ހި.. ހިތާމައިގެ ބަދަލުކަން ޔަގީން. ހެޔޮނުވާނެ. އަހަރެންނަށް މައާފުކުރޭ.” ގިސްލައި ރޮމުންދިޔަހާލު އީން އަހަރެންގެ ކުރިމަތީގައި ދެއަތްޖޯޑުކޮށްލަމުން އާދޭސްކުރަންފެށިއެވެ. ދެންވެސް ބުނާނެ އެއްޗެއް އަހަރެންގެ ސިކުނޑިއަކަށް ނައެވެ.

“ކޮބާ އީންގެ ފިރިމީހާ؟” އޮޅުންފިލުވަން ބޭނުންވާ ބައިވަރުކަންތައްތައް ހިތުގައި ހުއްޓެއްކަމަކު އަހަރެންނަށް އަހައިލެވުނީ އެސުވާލު އެކަންޏެެވެ. އެއާއެކު ދެއަތް ދެއަތާ މޮޑެމުން އީން އަހަރެންގެ މޫނަށް ބަލާލިއެވެ. “އޭނަ.. އޭނަ އަހަރެން ވަރިކޮށްފަ ގޮއްސި.” އިސްޖަހައިލައިގެންހުރެ އީން އެހެންބުނެލުމާއެކު އަހަރެންނަށް ދެލޯބޮޑުކޮށްލަމުން އީންގެ މޫނަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“ކީއްވެ؟” އަހަރެންނަށް އަހައިލެވުނެވެ. “އަހަ.. އަހަރެންްނަށް ދަރިން ނުލިބޭތީ.” ކުރެހިފައިވާ އަޑަކުން އީން ބުނެލިއެވެ. ބަސްހުއްޓިފައި އަހަރެން ހުންނަން ފެށުމުން އީން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“އަހަރެންނަށް އޭރު އެގޮތަށް އަރާޝްއާާ މެދުގައި ކަންތައްކުރެވުނީ ނުވިސްނުނީމަ. އަހަރެން އެކަމަށް މައާފަށް އެދެން. ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ. މީހުން ބުނެއެއްނު. އެކަކަށް ދެރައެއްދީފަ އަނެކަކަކަށް އުފަލުގައެއް ނުއުޅެވޭނޭ. ބަލާލަބަލަ ނިކަން. އެދުވަހު އަރާޝްއަށް ދެރައެއްދީފަ މިއަދު އަހަރެންނަށްވަކި އުފަލެއް ނުލިބުނު. އަހަރެން ކިހައި ބަދު ނަސީބު. ހެޔޮނުވާނެ. އަރާޝް. އަހަރެންނަށް މައާފުކޮށްދީ.” އަހަރެންގެ ކުރިމަތީ ދެއަތްޖޯޑުކޮށްލަމުން އަނެއްކާވެސް އީން އާދޭސްކުރަން ފެށިއެވެ.

“އަހަރެން އީންއަށް މައާފުކޮށްފިން. އެއީ މާޒީ. އެމާޒީގައި ވެފައިހުރި ކަންތައް އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ. އެންމެ ރަނގަޅުވާނީ އެދުވަސްތައް ހިތުން ފުހެލުމަށްފަހު ދިރިއުޅުމާއިގެން ކުރިއަށްދިއުން.” ލައިގެންހުރި ޖިންސްގެ ޖީބަށް އަތްޖަހައިލަމުން އެހެން ބުނެލުމަށްފަހު އަހަރެން ދާން ހިނގައިގަތީމެވެ. އެވަގުތު އެދިމާލުގައިހުރި ގަހެއްހެ ދޮށުގައި އަހަރެންގެ ދައްތައަކާއެކު ހުއްޓިހުރި ރަވާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެން އެހިސާބަށް އައުމާއެކު އަހަރެންގެ އަތުގައި ހިފައިލަމުން އަހަރެމެންނާއި ދިމާއަށް ރޮވިފައި ބަލަންހުރި އީންއާއި ދިމާއަށް ހިނިތުންވެލުމަށްފަހު ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ރަވާއާއި އެކުގައި އަހަރެންވެސް ހިނގައިގަތީ ފަސްއެނބުރި އީންގެ މޫނަށް ބަލައިލަމުން ހިނިތުންވެލުމަށްފަހުގައެވެ. ގާތުގައިހުރި އަހަރެންގެ ލޯބިވާ އަނބިމީހާއާއި މެދުގައި ފަޚުރުވެރިވާ ހާލުގައެވެ. އީންގާތުގައި އެހެން ބުންޏެއްކަމަކު މާޒީގެ އެހަނދާންތައް ދުވަހަކުވެސް އަހަރެންގެ “ހިތަކުން ނުފިލާނެ” ކަން ގައިމެވެ.

=ނިމުނީ=

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ނޫސްވެރިޔާ

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (39)

Next
June 5, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (39)

Previews
June 5, 2018

ނޫސްވެރިޔާ

17 Comments!

  1. g... says:
    June 5, 2018 at 8:33 pm

    Reethi.. nau ge long story eh kiyaalan libeynee kon irakun

    1. Nau says:
      June 5, 2018 at 8:36 pm

      Thanks dear.. Ehn bunaakah neenge.. Ryt nw i m working on a new lng stry.. It myt take days.. Mifaharu srty up kuran mi visnany ehkoh liye ninmaafa.. Eyrah life ga dhimaavaa kamakunvx stry ah buruleh naaraa up kureveyny dhw.. Thats y.. Liye nimunuhaa avahah in sha allah up kuraanan?

  2. Shann says:
    June 5, 2018 at 8:43 pm

    Wow nau ge story eh kiyaalan libuny dhw anehkaaves… Khonirakuntha long story eh up kohdheyn fashaany… Nau ge story akah haadha inthixaaru kurevey

  3. Sana says:
    June 5, 2018 at 8:54 pm

    Masha Allah varah furihama vaahakaeh❤❤❤❤
    Varah surprise vehje Nau ge story eh fenuneema ❤❤❤
    Waiting for your next story????????

  4. Malhaa says:
    June 5, 2018 at 8:56 pm

    Masha Allah mi story vvv reethi…nau dhatha ge new long story ah ka wait kuraanan???❤❤??

  5. eekko says:
    June 5, 2018 at 9:21 pm

    v touching n waiting 4 ur stry

  6. Nunnu says:
    June 5, 2018 at 9:34 pm

    Masha Allah Vv reethi MI vaahaka
    Nau ge ehen vaahaka eh kiyaalan libuneema v ufaavejje

  7. Nau says:
    June 5, 2018 at 9:51 pm

    Thanks alot everyone❤

  8. Shaira says:
    June 5, 2018 at 11:55 pm

    Vvvv reethi mivaahaka ?????

  9. unique says:
    June 6, 2018 at 1:43 am

    vvv reethi vaahaka… all the best nau ……

    1. unique says:
      June 6, 2018 at 6:44 pm

      nau is back dhw so sooo happy

  10. Thamanna says:
    June 6, 2018 at 3:38 am

    V v reethi story. ❤

  11. shaan says:
    June 6, 2018 at 4:44 am

    nice ☺?????????❤

  12. Any says:
    June 6, 2018 at 5:39 am

    Wow nau is back v reethi vahaka eh mi masha Allh nau ge new story akah inthizaru kuranan ❤???

  13. Xaaaan says:
    June 6, 2018 at 12:16 pm

    Masha Allah vvvvv reethi story eh??❤

  14. Saadhu says:
    June 6, 2018 at 10:15 pm

    Mis u nau…kihinetha.v ithizaaruge fahun vahakaye kiyaala mi libunee.v furihama.

  15. kiddy says:
    June 8, 2018 at 3:16 am

    varah reethi vaahaka

Comments are closed.



All Right Reserved!