އޭނާއަށް ވިސްނޭނެ ނަމައެވެ.
ވެހެމުންދިޔަ ވާރޭ ތިކިތަކުން ޝިފްނާގެ އަތައް ތެތްކަން ގެންނަމުންދިޔައީ ހުއްޓުމެއްނެތިއެވެ. ތިއްކަކަށްފަހު ތިއްކެކެވެ. އޭގެ ސްޕީޑް ހިތުގެ ހިނގުމާއި ވިންދައްވުރެ އަވަހެވެ. އެއްވެސް ކުލައެއްނުވާ އެ ފެންތިކިތަކުން ދޭހަކޮށްދެނީ ކޮންއެއްޗެއްހެއްޔެވެ؟ ޝިފްނާގެ ހަނދާނަށް އައީ ޤުރުއާނުގެ މޫރިތި އާޔަތެއްގެ މާނައެވެ.
“އަދި ﷲގެ ރުއްސެވުންއެދި ، އަދި، (ﷲގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ ނަފްސުތަކުން ޔަޤީންކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިޘާލަކީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއްވެހި، އެތާގެ މޭވާ ދެގުނައަށް އިތުރުވެގެންދާ، އަދި ބޯވާރޭއެއް ނުވެހުނުނަމަ، ހިމަފޮދު ވާރޭވެހޭ ބަގީޗާއެއްގެ މިޘާލެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ.” (ޤުރުއާން: 2:265)
އާނއެކެވެ. މި ވާރޭގެ ސަބަބުން ޝިފްނާގެ މާ ބަގީޗާއަށް އާރޯކަން ލިބި ގަސްތައް ރީތިވާނެއެވެ. ހަމައެއާއެކު ވިސްނުމާއި ފިކުރުގެ ސަބަބުން ހޫނުވަމުން ދިޔަ ސިކުނޑިއަށާއި ހިތައްވެސް ފިނީގެ އަސަރު ކޮށްފިއެވެ. ވާރޭއަކީ ހަޤީޤަތުގައިވެސް ބަރަކާތެކެވެ. އޭނާގެ ނުތަނަވަސްވަމުންދިޔަ ހިތައް ފިނިކަން ލިބިދިނީ ﷲގެ ހެޔޮ ރަޙްމަތުގެ ހަނދާން ތަކެވެ.
“އަހަރެންގެ ލޮބުވެތި ދީން ކިހާ ފުރިހަމަ ހެއްޔެވެ؟ އަހަރެންގެ ލޮބުވެތި ކަލާނގެ އެކަލާނގެ އަޅުތަކުންދެކެ ލޯބިވަނީ އިންތިހާއަށެވެ. ހެޔޮނިޔަތަކާއެކު ރަނގަޅު އެދުމެއްގައި ކުރާ ކޮންމެ ކަމަކަށް އެކަލާނގެ ދަރުމަ ދެއްވަނީ ގުނާއަދަދު ނުކުރެވޭނެ ވަރަށެވެ. ކޮންމެ ހެޔޮކަމެއްގައިވެސް އަދި ކޮންމެ ހެޔޮ ނިޔަތެއްގައިވެސް ވަނީ ޘަވާބެވެ. އަހަރެން ދުނިޔެއިން މޮޔަވެ، ބޯގޮވާ، ހަދާނެ ގޮތް ހުސްވަންވީ ކީއްވެގެން ހެއްޔެވެ؟ މިއީ ވަގުތީ އާލަމެކެވެ. ހުރިހާ އުފަލެއް މިލްކުވާން މިއީ ސުވަރުގެ އެއް ނޫން ވިއްޔާއެވެ. މިތާގައި ހިތާމަޔާއި އެއްވަރަށް އުފާވެރިކަން ވެސް ވެއެވެ. އަދި ކޮންމެ ކަމެއްވެސްވަނީ އިމްތިހާނަކަށެވެ. ކުރާ ކޮންމެ އަމަލަކާމެދު ސުވާލު ކުރެވޭނެ ވިއްޔާއެވެ. މި ހިތްދަތި ވަގުތުގައިވެސް އެކަލާނގެ ކެތްތެރިންނަށް ކަނޑައަޅުއްވާފައިވާ ދަރުމަ ހަނދާންވުމުން މިހިތައް އުފާވެރިކަން ލިބިގެންދަނީ ސުވަރުގޭގެ ބޮޑު ނިޢުމަތްތައް މަތިން ހަނދާން ވުމުންނެވެ. ފިރިމީހާގެ ނުބައި މިޒާޖުން ދިރިއުޅުމަށް ކިތަމެ އަސަރެއް ކުރި ނަމަވެސް އަންބެއްގެ ވާޖިބު ފުރިހަމައަށް އަދާކުރުމުގައި ހިއްވަރު ލިބެނީ އެކަމުގެ ޘަވާބު ހިތައް އައުމުންނެވެ. އޯގާތެރިކަމާއެކު ބަލާލާ ބަލާލުމުގައިވެސް ހެޔޮނިޔަތް ވާނަމަ އެކަމުންވެސް ޘަވާބު ލިބޭނެ ވިއްޔާއެވެ. ވީމާ ޘަވާބު ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި މާޔޫސް ވާން ވީ ހެއްޔެވެ؟ މިއީ އަހަރެންގެ އިމްތިޙާންކަން އެނގިހުރެ ގަސްތުގައި މިކަމުން ނާކާމިޔާބުވާންވީ ހެއްޔެވެ؟ ކޮންމެ ކަމަކުންވެސް ކާމިޔާބުވަނީ އެކަމަށް މަސައްކަތް ކޮށްގެން ނުން ހެއްޔެވެ؟”
ޝިފްނާ ސިއްސައިގެންދިޔައީ ޒަޔާން ޝިފްނާއަށް ގޮވާލި އަޑު އިވުމުންނެވެ. ގޯތިތެރޭގައި ޝިފްނާ ހައްދަމުންދާ މާބަގީޗާގެ މާތަކާއި އެއްފަރާތުގެ، ކުޑައެއްގެ ދަށުގައި ހަދާފައިހުރި ކޮފީ މޭޒުގެ ގޮނޑިއެއްގައި ވެހެމުންދިޔަ ވާރޭ ތެރެއަށް އަތްދިއްކޮށްގެން ފުން ޚިޔާލަކަށް ގެއްލިފައިއިން ޝިފްނާ ތެދުވެ އަތް ފުހެލާފައި ހިނގައިގަތީ ފިރިމީހާގެ ގޮވުމަށް އިޖާބަ ދޭށެވެ. ޒަޔާން އޮފީސް ނިންމާފައި އައިސް ގޭތެރެއިން ޝިފްނާ ފެންނަން ނެތުމުން އަޑުއިވޭ ހިސާބެއްގައި އުޅޭނެކަމަށް އަޑުލައި ގޮވަނީއެވެ. ޝިފްނާ ފެނުމާއެކު ތިއުޅެނީ ކޮންތާކު ހެއްޔެވެ އެހީ ހިތްހަމަނުޖެހިފައިހުރެ ރުޅިވެރި ރާގެއްގައެވެ. ވާރޭތެރޭ ކޯޓުލައިގެން އައިނަމަވެސް ޒަޔާންގެ ގަމީހުގައި ކޮންމެވެސް ވަރަކަށް ތެތްކަމެއް ހުއްޓެވެ. މޭޒްމަތީގައި އަތުރާފައި ހުރި ތަށިތަކުގެ މަތިތައް ނަގައިދީ ތައްޓަކަށް ޖޫސް އަޅައިދީ ކާން ތައްޔާރުކޮށްލަދިނީ އިޙްތިރާމާއެކުއެވެ.
ޒަޔާންވެސް ހިނިތުން ވެލުމަށްފަހު ކާންފެށިއެވެ. ކައި ނިމުމުން ޒަޔާންގޮސްވަނީ ކޮޓަރިއަށެވެ. ޝިފްނާ ވެސް ތަށިތައް ނެގުމަށްފަހު ގޮސް ކޮޓަރިއަށްވަނީ ނިދިއައިސްފައި ހުރުމުން އަވަހަށް އޮށޯވެލުމަށެވެ. ނަމަވެސް އޭރު ޒަޔާންހުރީ ކުޑަކުޑަ ޒީޝާ އުރާލައިގެން އެދަރިފުޅާ ލޯބި ކުރާށެވެ. ޝިފްނާއަށް ފުންނޭވާއެއް ދޫކޮށްލެވުނީ ދެން ނިދޭނީ ޒީޝާ ނިދީމަކަން އިހްސާސް ވުމުންނެވެ. ޝިފްނާގެ ނިދިއައިސްފައިހުރި މޫނު ފެނުމުން ޒަޔާން ތިމަންނަ ޒީޝް ނިންދަވާފާނެކަމަށް ބުނީ ޝިފްނާއަށް ނިދާލުމުގެ ފުރުސަތު ދިނުމަށެވެ. ޝިފްނާ އުފަލުން ހިނިތުންވެލުމެއް ރައްދުކޮށްލާފައި ތައްޔާރު ވެލައިގެން ނިދަން އޮށޯތެވެ. ނަމަވެސް ނިންޖައްވުރެ އޭނާގެ ސިކުނޑި އިޚްތިޔާރުކުރީ އަނެއްކާވެސް ޚިޔާލުތަކެކެވެ. ފުން ވިސްނުން ތަކެކެވެ.
ޒަޔާންގެ ހުންނަ ބުނެދޭން ނޭނގޭ މިޖާޒް އޭނާއަށް އުދަގޫ ކުރަނީއެވެ. “ހެޔޮ ބައްޕައެކެވެ. ލޯބިވާ ފިރިއެކެވެ. އެކަމަކުވެސް އޭނާއަށް އެވަނީ ކިހިނެއް ހެއްޔެވެ؟ ނަފްސާނީ ކަމެއް ހުންނަނީ ހެއްޔެވެ؟ ނުވަތަ ރޫހާނީ ކަމެއް އުޅެނީ ހެއްޔެވެ؟ އެ ދެމީހުންގެ ދެއަހަރުވީ ކައިވެނީގައި އަދަދު ނުކުރެވޭވަރަށް ޖެހެމުންދިޔަ މައްސަލަތަކުގެ ސަބަބުން، ހަޤީޤަތުގައި އެއްވެސް އުފާވެރިކަމެއް ޝިފްނާއަކަށް އިހްސާސެއް ނުކުރެވެއެވެ. ޝިފްނާގެ ހިތުގައި މިހާރު ޒަޔާންގެ އަމަލުތަކާއިމެދުވަނީ ފޫހިކަމެވެ. ލޯތްބާއި ހަމްދަރުދީ ވަނީ ނެތިގޮހެވެ. ޒަޔާންގެ ނޭދެވޭ އަމަލު ތަކުގެ ސަބަބުންނެވެ. ބަރާބަރަށް ނަމާދުކޮށް ސުންނަތައް އުޅެން މަސައްކަތް ކުރިނަމަވެސް ރަނގަޅު އަޚްލާޤެއް އޭނާގެ ގަޔަކު އަށަގަނެފައި ނުވެއެވެ. ރުޅި އައިސްފި ނަމަ ކަންތަކާއި ޖެހުނީއެވެ. އަނިޔާ ނުކުރި ނަމަވެސް އޭނާގެ ނުބައި ބަސްތަކުން އެހިތައްކުރާ އަސަރު ބޮޑެވެ. ޝައްކު ކުރާލެއްވެސް އިންތިހާއެވެ. ބައެއް ފަހަރު އަވަގުރާނަވެސް ގޮވަނީއެވެ. އެއްމިނެޓްގައި ލޯބިވާ އަޅާލާ އޯގާތެރިއަކު އަނެއް މިނަޓްގައި ރުޅިގަދަ ދޫ ކޮންޓްރޯލް ނުކުރެވޭ މީހަކަށް ބަދަލުވެގެންދަނީ ހީވެސް ނުކުރާހާ އަވަހަށެވެ. ބައެއް ފަހަރު ނުލާހިކު މަޖާ އެކުވެރިއެކެވެ. އަނެއް ބައި ފަހަރު ހަސަދައިން ފުރިގެންވާ ހިތްނުބައި ރުޅިގަދަ ފިރިހެނަކަށްވަނީ ކީއްވެގެން ހެއްޔެވެ؟
ރުޅި އަންނަންވެސް ވަކި ކަމެއް ނޯވެއެވެ. ހަޤީޤަތުގައި ބުނަންޏާ އޭނާ ހިތްހަމަ ޖެހޭ އެއްވެސް ކަމެއް ނޯވެއެވެ. ކޮންމެ ކަމަކާއިވެސް ރުޅި އައިސްފާނެއެވެ. އަހަރެން ވާހަކަދައްކާ އެކަކުވެސް އޭނާއަކަށް ކަމަކު ނުދެއެވެ. އަހަރެންގެ އާއިލާ އެކެއްވެސް އޭނާއަކަށް ކަމަކު ނުދެއެވެ. އެމީހުންނާއެކު ވަގުތު ހޭދަކުރުން ވާނީ ޒަޔާންއާއި ހަނގުރާމަ ކުރުންފަދަ ކަމަކަށެވެ. އޭނާޔާއެކު ވަގުތު ހޭދަކުރާކަށް ވަގުތެއް ނުވެޔޭ ކިޔާފަ ގޮވާފަ ނުގޮވާނެ އެއްޗެއް ނޯވެއެވެ. ފޭސްބުކުން ވެސް އަހަރެންގެ ސްކޫލު ދައުރުގެ ރައްޓެއްސެއް ނުވަތަ ތިމާގެ ކުއްޖެއްވިޔަސް އަހަރެންގެ ސްޓޭޓަސް އަކަށް ނުވަތަ ޝެއާ ކުރާ އެއްޗަކަށް ލައިކް ކުރިޔަސް އެމީހަކު އަހަންނާއި ހެދި އުޅެނީ ކަމަށް ޝައްކު ކުރާނެއެވެ. އެހެން ގޮތަކަށް ބުނަންޏާ ޒަޔާން އާއި ޒީޝާގެ އިތުރުން އަހަރެންގެ ދުނިޔޭގައި ހިމެނޭ އެހެން ކޮންމެކަމަކީ ޒަޔާން ހިތް ރުހޭ ކަމަކަށް ނުވެއެވެ. އަހަރެންގެ ހަމައެކަނި ދުނިޔެއަކަށްވާންވީ އެދެމީހުންނެވެ. ހުރިހާ ވަގުތެއް ހޭދަކުރަންވީ ޒަޔާން އާއެކުއެވެ. އާއިލާގެ މީހެއް، އެކުވެރިއެއް، މީސްމީޑިއާއެއް ނެއްނަމަ އަހަރެމެންގެ ދިރިއުޅުން ވަރަށް އުފާވެރިއެވެ. އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އާއިލާގެ މީހުންނާއި ނުލާ އަހަންނަކަށް ނޫޅެވޭނެއެވެ. އަހަރެންގެ މައިންބަފައިން މަތިން، ލޯބިވާ ކޮށްކޮޔާއި ބޭބެމަތިން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އެކުވެރިންވެސް ތިބެން ޖެހޭނެ ނޫން ހެއްޔެވެ؟ އަހަރެންމިއީ ނުލާހިކު މީހުންނާ ގުޅޭ މިޒާޖެއްގެ މީހެއް ވިއްޔާއެވެ. ހާއްސަކޮށް އަހަރެންގެ އާއިލާގެ މީހުންނަކީ އަހަންނަށް ވަރަށް މުހިންމު ބަޔެކެވެ. ޒަޔާން އަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟
ޒަޔާންގެ މައްސަލައަކީ ކޮބައިކަމެއް އަހަރެންގެ މިސިކުނޑިއަކަށް ނުވިސްނުނެވެ. ޒަޔާންއަށް ރަނގަޅުގޮތް ވިސްނާދޭނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގުނެވެ. އެއްޗެއް ވިސްނާދެވޭނީވެސް އަމިއްލައަށް ކުށެއް ކުރެވޭކަން އަމިއްލަ މީހާ ޤަބޫލު ކުރާނަމަތާއެވެ. އޭނާ ކުރާ ގޯސްކަމެއް ވިސްނައިދޭން އުޅޭ މީހަކުވެސް ވާނީ ހަލާކެވެ. ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންވީ އުމުރަށް މިގޮތުގައި އޭނާގެ މޫޑައް ހެއްލިގެން އުޅެން ހެއްޔެވެ؟ ނޫނީ ވަރިވާން ވީ ހެއްޔެވެ؟ އެއީ އަހަންނަށް ނެގޭނެ ފިޔަވަޅެކެވެ. ޔަޤީނުންވެސް ޒަޔާންގެ އަމަލުތައް ހުންނަގޮތުން އަހަރެންނަށް އެކަމުގެ ހައްޤު އެބައޮތެވެ. އަހަރެން ފާފަވެރި އެއް ނުވާނެއެވެ. އެކަމަކު އެއީ އަހަރެން އަދި ބޭނުންވާ ގޮތެއް ނޫނެވެ.
ޒަޔާން އަށް ވިސްނިއްޖެއްޔާ ހުރިހާ ކަމެއް ހައްލު ވާނެއެވެ. ނަމާދުކޮށް ރޯދަހިފުމަކުން އަދި ހުރިހާ އަޅުކަމެއް ނިމުނީކީ ނޫންކަމެވެ. އަނބިމީހާ ފިރިމީހާއަށް ކިޔަމަންވާންޖެހޭ އުސޫލުން، ފިރިމީހާ އަނބިމީހާ އުފަލުގައި ބަހައްޓައި ދިނުމަކީވެސް ކުރަންޖެހޭ އަޅުކަމެއް ކަމެވެ. ދިރިއުޅުމުގައި ކާބޯތަކެއްޗާއި އަންނައުނު ބޭނުންވާ ފަދައިން ހިތައްވެސް އުފާވެރިކަމާއި އަޅާލުން ބޭނުންވާނެ ކަމެވެ. އެހެންމީހުންނަށް ޝައްކުކޮށް ކަންކަން ހުއްޓާލުމަށް ބުނުމުގެ ކުރިން ތިމާ މި ޝައްކު ކުރުމަކީ ނުބައި ކަމެއްކަން ދެނެގަނެ ނުބައި ޝައްކުތަކުން ދުރުހެލިވާނަމައެވެ. އަހަރެންގެ ދިރިއުޅުމުގެ ކަންކަމާއި މެދު ޒަޔާން ލޯ ހުޅުވާ ބަލާފަދައިން އޭނާގެ އަމަލުތައްވެސް ﷲ ބައްލަވާ ވޮޑިގެންވާނެކަން އަބަދު ހިތުގައި ބާއްވާނަމަ ނުބައި އަމަލުތަކުން މީހާ ސަލާމަތްކޮށްދޭނެއެވެ. އެންމެ ރިވެތި އަހްލާޤަކީ ހިތްހެޔޮ ކަމެވެ. ހިތްހެޔޮކަން ނުވާ ހިތަކަށް ނުބައިކަންކަމުގެ އިހްސާސް ނުކުރެވޭނެއެވެ. ވީމާ ނުބައި ޚިޔާލުތަކުން މީހާގެ ހިތް ސާފްކުރާނަމަ ޝައްކާއި ވަހުމުން ސަލާމަތްވާނެއެވެ. އަދި މީހުންނާއި ދޭތެރޭ ރަނގަޅަށް ދެކެވޭނެއެވެ. ﷲއަށް ޒިކުރު ކުރުން ގިނަކުރާ ދުލަކުން އަވަގުރާނަ ގޮވުން ވާނީ އުނދަގޫ ކަމަކަށެވެ. ހަމައެކަނި ދަރިންނަށް ހެޔޮ ވުމަކުން ދަރިންނަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީވެސް ތިމާގެ ރިވެތި އަޚްލާޤުންނެވެ. ފިރިމީހާއަށް ކަމޭހިތާ، ފިރިމީހާގެ އަމުރަށް ކިޔަމަންވުން ދީނުގައި ވާ ފަދައިން މައިންބަފައިން ނަށް އަޅާލާ، އޯގާތެރިވުންވެސް ދީނުގައި ވާކަން އޭނާއަށް ވިސްނޭނެނަމައެވެ. އަދި ލޭގެ ގުޅުން ދެމެހެއްޓުމަކީ ދީނުގައި ނުހަނު ބާރު އަޅާފައިވާ ކަމެއްކަން ވެސް ވިސްނޭނެ ނަމައެވެ. ހަމައެކަނި ވާޖިބުވަނީ އަނެކާއަކަށް ނޫން ވިއްޔާއެވެ. ކޮންމެ މީހަކަށްވެސް ވާޖިބު ކަންތައް ވާޖިބު ވާނެއެވެ. ހަމައެކަނި އަނެކާ ކުރާކަންތައްތައް އޮބްޒާރވް ކޮށް، ޖަޖްކޮށް، ކަންތައްތަކުން މަނާ ކުރުމުގެ ބަދަލުގައި ތިމާވެސް އަމިއްލަ މީހާގެ އަމަލުތައް އޮބްޒާރވްކޮށް، ޖަޖްކޮށް، ނުބައިކަންތައްތަކުން ތިމާގެ ހެޔޮކަންތައްތައް ނެތިދާނެފަދަ އަމަލުތަކުން މަނާވެގަންނަ ނަމައެވެ. ރުޅިއަކީ މީހާގެ ދިރިއުޅުމުގެ ހަލާކުކަން ވިސްނޭނެ ނަމައެވެ. ތިމާގެ ރުޅި ކޮންޓްރޯލް ކުރާ މީހާއަކީ އެންމެ ވަރުގަދަ މީހާކަން ހަދީޘުން އަންގަވާފައިވަނީ ކަމެއްވެގެންނެވެ. އެ ވަރުގަދަ މީހާއަށްވާން މަސައްކަތް ކުރާނަމަ އެ ޖިހާދުގައިވާ ޘަވާބުގެ މޮޅުކަމާއެވެ. އަހަރެން އޭނާގެ އަމަލުތަކަށް ކެތްތެރިވާ ފަދައިން އޭނާވެސް އަހަރެންގެ ކަންކަމުގައި ކެތްތެރިވާން ޖެހޭނެކަން ވިސްނޭނަމައެވެ. ކުއްކުރެވޭނީ އިންސާނުން ނަށް ވިއްޔާއެވެ. އެކަމަކު އެއީ ކުށެއްކަން ވިސްނި ތަޢުބާވެ އުޅުން އިސްލާހު ކުރާނެ ނަމަ ހުރިހާކަމަކުންވެސް އުފާވެރިކަން ލިބޭނެކަން ކަށަވަރެވެ.
އަހަރެން ﷲ ކިބަފުޅަށް ދުޢާ ކުރުންމަތީ ދެމިހުންނާނީއެވެ. ﷲގެ އިރާދަފުޅުން އޭނާއަށް ރަނގަޅުމަގު ދައްކަވާފާނެ އެވެ. ނުވަތަ އަހަންނަށް މިއަށްވުރެ ރަނގަޅު މާދަމާއެއް ލިބިދާނެއެވެ. ﷲގެ ގުދުރަތް ތެރިކަމާއިމެދު އަހަރެންގެ ހިތުގައި ޝައްކެއްނެތެވެ. ދަމު ނަމާދު ވަގުތުގަޔާއި އެހެން ވެސް ދުޢާ އިޖާބަކުރާ ވަގުތު ތަކުގައި އަހަރެން ދުޢާކުރާނަމެވެ. ﷲ އިރާދަކުރެއްވިއްޔާ އޭނާއަށް އަދި ވިސްނޭނެ އެވެ. އުންމީދު ކަނޑާލުމަކީ މުސްލިމުންގެ އާދައެއް ނޫނެވެ.”
ފުން ހިޔާލުތަކުގައި އޮށްވާ ޝިފްނާ އަށް ނިދިއްޖެއެވެ.
….ނިމުނީ….
9 Comments!
Comments are closed.




Ramadan Mubarak everyone. Just a short story to remind some couples about their marriage rights and responsibilities towards each other. hope everyone will like it. 🙂
Ma Sha Allah..
Maasha Allah.. V. Furihama.. N good advice
Feshun varah reethi but nimun kamaku nudhey
nimumuga eothy msg ekey dheefa… vrh habeys…
Masha allah. .v furihama genes dheefa in goiy. .heevani magey hithuga oiy eicheh liyefa in hen
Thanks all..
Barakaaitheri ramazaan mahakah edhen. 🙂
masha allah v ibraiteri
mi vaahaka liyuny faathina kiyaa kujjeh nama varah ufaa kuran