ތިޝާ ދާން މަގުދައްކަމުން އެއްކައިރިއަށް ޖެހިލެވުނީ ހަދާނެ ގޮތް ހުސްވެ ހުރެއެވެ.ފުރުސަތެއް ލިބުމާއި އެކު ތިޝާ ދުވެފައި ގޮސް ގޭތެރެއަށް ވަނެެވެ. އެވަގުތު ގޭތެރެއަށް ވަންނަން އައިސް އައިސް ހުރި ލޯރެން ގައިގާ ނުޖެހުނީ ހަމަ ކިރިޔާ އެވެ. ތިޝާ ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން ލޯރެން ފާޑަކަށް ބަލަން ހުރުމަށްފަހު ގޯތި ތެރެއަށް ނިކުތެވެ. އޭރު ބޭރު ޖޯލީގައި އިން އަކްޝަމް ފެނުމުން ލޯރެން އަށްވީ ނުބައި ގޮތެކެވެ.
ލޯރެން އަކްޝަމް ކައިރިއަށް ގޮސް ތިޝާ އެދިޔައީ ކިހިނެއް ވެގެންތޯ ސުވާލުުކުރި އެވެ. ނަމަވެސް އަކްޝަމް އިނގޭ ކަމަކަށް ނުހެދި އެވެ. ބަދަލުގައި ލޯރެންގެ އަތުގައި ހިފާ ގެނެސް އުނގުގައި ބޭންދި އެވެ. އެއީ ލޯރެންގެ ސުވާލުތަކަށް ހުއްޓުމެއް ގެނުވުމަށް އެންމެ މޮޅު ގޮތެވެ. ނަމަވެސް ލޯރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ކޮންމެވެސް ނުބައެއް އުޅޭކަން ލޯރެން ހިތާއި ސިކުނޑިއަށް އިންޒާރު ދެމުން ގެންދިޔަ އެވެ. އެކަމާ އެކި ގޮތްގޮތަށް ވިސްނެމުން ދިޔަވަރަކަށް ލޯރެންގެ ހިތުގައި ތިޝާއަށްޓަކައި ހަސަދަވެރިކަން އުފެދެމުން ދިޔަ އެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ އަކްޝަމް ވަޒީފާއަށް ނިކުންނަން ޖެހޭ ދުވަހެވެ. މިހާރު އަކްޝަމަކީ އެރަށު ސްކޫލް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެވެ. ހެނދުނުގެ ސަޔަށް އިންސާފް ކުރަމުން ދިޔައިރު ބައްރާ އަކްޝަމަށް ނަސޭހަތް ދެމުން ގެންދިޔަ އެވެ. ކޮންމެ ވަޒީފާއެއް ވިޔަސް އިހްލާސްތެރިކަމާއެކު އަދާކުރުމަށް ބުނަމުންނެވެ. ރަށުން އަކްޝަމް އަށް ވަޒީފާ ހަމަޖެހުމުން ބައްރާ ހުރީ އިންތިހާއަށް އުފާވެފަ އެވެ. ނަމަވެސް ލޯރެން އެކަމާ މާބޮޑަށް ގަޔާވާ ހެނެއް ހިޔެއް ނުވެ އެވެ. ލޯރެން ބޭނުންވަނީ އަކްޝަމް ގޮވައިގެން އެގޭ މީހުންނާ ވަކިން އެހެން ތާކަށް ދާށެވެ. އަކްޝަމް ސައި ބޮއެގެން ދާން ތެދުވި ވަގުތަށްވީ ތިޝާވެސް ޑިއުޓީއަށް ދިއުމަށްޓަކައި ތައްޔާރުވެގެން ނިކުތް ވަގުތަށެވެ.
“ތިޝާ އަންނަންވީނު ސައިބޯން” ބައްރާ ބުނެލި އެވެ.
“ނޫން ދައްތާ. އަހަރެން އެކޮޅަށް ގޮސް ސައިބޯނީ. ވަރަށް އަވަހަށް ދާންވެގެން މިދަނީ” މިހެން ބުނެ ދާންވެގެން ހިނގައިގަތް ތަނުން ހުއްޓެން ޖެހުނީ އަނެއްކާވެސް ބައްރާ ގޮވާލުމުންނެވެ.
“ސްކޫލް ހުންނަނީ މަރުކަޒާ ކައިރީގައެއްނު. ތިޝާ ދާންވީނު އަކްޝަމާ އެއްކޮށް” ބައްރާގެ މިޖުމްލައިން ތިޝާއާ އަކްޝަމަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.
“އަހަރެން ހިނގާލާފައި ގޮސްދާނަން ދައްތާ” ތިޝާ އަވަސް އަވަހަށް ބުނެލި އެވެ.
“ނޫން ކަމަކު ނުދާނެ. ތިޝާއަށް ތިހާ ލަސްވެގެން އުޅޭއިރު ރަނގަޅުވާނީ އަކްޝަމާއެކު ދިޔައިއްޔާ” ބައްރާ ވެސް ގޮތްދޫކުރަން ނޫޅުނެވެ.
އޭރު އަކްޝަމް މޫނުމަތިން ސީރިއަސްކަން ދެއްކިޔަސް ހިތް އުފަލުން ނަށަނީ އެވެ. ދުވަސްތަކަކަށްފަހު ތިޝާއާ އެއްކޮށް ސައިކަލު ދުއްވާލެވޭނެތީ އެވެ.
” ނޫން.. ދައްތާ.. ރަށުތެރޭގައި ގޮތްގޮތަށް ވާހަކަ ދެކެވޭކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެން ހިނގާފައި ދާން ބޭނުމީ” ތިޝާގެ ވާހަކައާއި ބައްރާވެސް އެއްބަސްވެ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ބުނުމުން އަކްޝަމް ކުރި އުއްމީދުތައް ފުނޑު ފުނޑުވި ކަހަލައެވެ.
އަކްޝަމް ސައިކަލު ސްޓާޓް ކޮށް ދުއްވާލި ވަގުތަކީ ތިޝާވެސް ދާންވެގެން ގެއިން ނިކުތް ވަގުތެވެ. ތިޝާ ހިނގަމުންގޮސް ވަކި ހިސާބަކާ އަރާ ހަމަވިތަނާ އަކްޝާމް ސައިކަލުން އައިސް ތިޝާ ގެ ކުރިމައްޗަށް އެރިއެވެ. އަދި ތިޝާގެ ވަށާ ސައިކަލުގައި ދެތިން ބުރު އަޅާލުމަށްފަހު އައިސް އަނެއްކާވެސް ތިޝާގެ ކުރިމައްޗަށް ވާ ގޮތަށް މަޑުކޮށްލިއެވެ.
“ކޮން ޖެއްސުމެއް ތިކުރަނީ” ތިޝާއަށް ނުހުރެވިގެން ބުނެވުނެވެ.
“ތިޝާ ކަމެއް ހަނދާންވޭތޯ” އަކްޝަމްގެ ޖުމްލައިން ތިޝާއަށް މާކުރީގެ ހަނދާނެއް ވެގެން ދިޔަ އެވެ.
**************************************************************
“އަކްމަލް މޮޔަވެގެންތަ ތިއުޅެނީ. ކޮންގޮތަކަށްތަ ތިދުއްވަނީ” ތިޝާ އަކްޝަމްގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
“ތިޝާ އަހަންނާ އެއްކޮށް ފިލްމަށް ދާން އެއްބަސް ނުވާހާ ހިނދަކު މިގޮތަށް ދުއްވާނީ” އަކްޝަމް ބުންޏެވެ.
“އަކްމަލް އަހަންނަށް ދެވެން ނެތިގެންނޭ މިބުނީ ނުދެވޭނޭ” މަގުގެ ދެފަރާތަށް ބަލާލަމުން ތިޝާ ބުންޏެވެ.
މީހުން ބަލާވަރުން ތިޝާ އިނީ ލަދުންް މަރުވާވަރުވެފަ އެވެ.
“ދެން އެހެންވީއިރު އަހަރެން މުޅި މާލޭގައި ތިޝާ ގޮވައިގެން ދުއްވާނީ މިގޮތަށް” އަކްޝަމް މިހެން ކިޔާ ކުރިއަށްވުރެ ވެސް ބޮޑަށް އެގޮތަށް ދުއްވަން ފެށި އެވެ. އެންމެފަހުން އަކްޝަމް ރަނަގަޅަށް ދުއްވަން ފެށީ ތިޝާ ދާން އެއްބަސްވީމަ އެވެ.
******************************************************
“އަހަރެން އެއްވެސް ކަމެއް ހަނދާނެއް ނުވޭ. އަކްޝަމް ޕްލީޒް އަހަރެން ލަދުގަނޭ. މީހުން އެބަ ބަލައޭ” ތިޝާ ދެކޮޅު ބަލާލަމުން ބުންޏެވެ.
“އަހަރެންގެ ފަރުވާލެއް ނެތް” އަކްޝަމް އިނީ ގޮތްދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. އެއްކޮޅަކުންވެސް ތިޝާ ދިޔަނުދީ އަކްޝަމް ހިފެހެއްޓިއެވެ. އެންމެ ފަހު އަކްޝަމް ހިތްހަމަ ޖެހޭ ވަރުވުމުން ތިޝާ ދާން ތަންދައްކަމުން ސައިކަލު އެއްކައިރިއަށް ޖައްސާލިއެވެ. ތިޝާ ކަޅިއަޅައިގެންފައި ދާން ހިނގައިގަތް ވަގުތު ތިޝާއަށް އަކްޝަމް ގޮވާލިއެވެ. ނަމަވެސް ތިޝާ ފަހަތް ބަލާވެސް ނުލާ ކުރިއަށް ދިޔައެވެ.
” އައި ލަވް ޔޫ ސްޓިލް” ތިޝާއަށް އިވޭ ވަރަށް ތަންކޮޅެއް ބާރަށް އަކްޝަމް ގޮވާލިއެވެ.
“މައި އާންސަ އިޒް ސްޓިލް ދަ ސޭމް” ތިޝާ އެނބުރިލަމުން ބުނި މި ޖަވާބުން އަކްޝަމް މޫނުމަތީގައިވާ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ. ސައިކަލު ދުއްވާލީ އިތުރަށް އެތަނުގައި މަޑުކުރަން ބޭނުން ނުވާތީ އެވެ. ތިޝާވެސް އިތުރަށް މަޑުނުކޮށް ކުރިއަށް ދިޔައިރު އަކްޝަމް ދެރަކޮށްލެވުނީތީ އެކަމާ އިންތިހާއަށް ދެރަވިއެވެ. ނަމަވެސް މިއަދު ތިޝާއަށް މަޖުބޫރެވެ.
މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި އުޅުނު ބައްރާ އުޅުނީ ވަރަށް ބުރަ ކޮށްލައިގެންނެވެ. އުނދުން މައްޗަށް ބަތްކައްކާން އުދާފައި އޭގެ ތެރެއަށް ކޮށާފައި ހުރި ބަނބުކެޔޮކޮޅު އަޅާލިއެވެ. އެއަށްފަހު ފިނި ފިލުވަން ނަގާފައި ހުރި މަސްއެތި ހިފައިގެން ސިންކު ކައިރިއަށް ގޮސް ގަރުދިޔަ ކައްކަން މަސްބުރި ކުރަން ފެށިއެވެ. އޭރު ލޯރެން ސިޓިންގްރޫމްގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު ހީވަނީ ވަރަށް ބޮޑު ވިސްނުމެއްގައި ހުރިހެންނެވެ. ބަދިގޭގައި އަވަދިނެތި އުޅުނު ބައްރާގެ ނަޒަރު ލޯރެން އަށް ހުއްޓެމުން ދިޔަ އެވެ. އެންމެ ފަހުން ބޮލަށް އުނދަގުވެގެން ލޯރެން ކައިރީ ކިހިނެއްވީތޯ ސުވާލުކުރި އެވެ.
“އަހަރެން އަވަހަށް މެރީ ކުރަން ބޭނުންވަނީ” ގަރުދިޔަ ކައްކަން އުދުމަށްފަހު ފިޔާކޮށަށް އިށީން ބައްރާ ލޯރެންގެ ޖަވާބުން ކުރަން އިން މަސައްކަތް ހުއްޓުމަކަށް އައެވެ. އިރުކޮޅެއް ވަންދެން ބައްރާ އިނީ ގަބުވެފަ އެވެ. ތެދުވެގެން ގޮސް ލޯރެން ކައިރިއަށް ހުއްޓި ކުއްލިއަކަށް ކީއްވެގެން ބުނި އެއްޗެއްތޯ ސުވާލުކުރި އެވެ.
“މިހާރު މެނީ ޑޭސް ވެއްޖެއްނު. އެހެންވެ. މަންމަ ޕްލީޒް އަކްޝަމްއާ ޓޯކް ކޮށްދޭންވީނު” އާދޭހުގެ ރާގަކަށް ބައްރާގެ އަތުގައި ހިފާލަމުން ލޯރެން ބުންޏެވެ.
ބައްރާ އެހާ އަވަހަށް އެއްބަސްވީ ލޯރެން ބުނީ ރަނގަޅު ވާހަކައަކަށް ވީމަ އެވެ. އަކްޝަމްއާ ލޯރެން ނުއިނދެ އެއްފުރާޅެއްގެ ދަށުގައި އުޅެންޏާ ރަށު މީހުންވެސް ބަސްތައް އަމާޒު ވާނެތީ އެވެ. އެދުވަހު އަކްޝަމް ގެއަށް އައުމުން ބައްރާ، އަކްޝަމް ކައިރީގައި އެވާހަކަ ދެއްކި އެވެ. އަކްޝަމް ހަމައެކަނި ބުނެލީ ވަރަށް އަވަހަށް ކުރާނަން ކަމުގަ އެވެ.
އެނދުމަތީ އޮތް އަކްޝަމަށް ވިސްނެމުން ދިޔައީ މިއަދު ތިޝާ ދިން ޖަވާބާ މެދުގަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިންވެސް އަކްޝަމް ވަނީ ތިޝާގެ ދުުލުން އެޖަވާބު އަހާފަ އެވެ. ނިދަން އުޅެ އުޅެ ނުނިދުމުން އަކްޝަމް ބޭރަށް ނިކުމެލި އެވެ. ދަންވަރުގެ އެވަގުތުގައި ޖެހޭ ފިނި ރޯޅި ތަކުން އަކްޝަމް ހީކަރުވާލި އެވެ. ނަމަވެސް އެރޯޅިތައް އަކްޝަމްގެ ހިތަށް ހިތްހަމަޖެހުން ހޯދައިދިނުމުގައި ކާމިޔާބެއް ނުވިއެވެ. ޖޯލީގައި ޖައްސާލައިގެން އޮތް އިރު އަކްޝަމް ހަނދާނަށް އަންނަމުން ދިޔައީ މީގެ ދެއަހަރު ކުރިން ތިޝާއާ ދިމާވި ގޮތެވެ.
………………………………..
ސަލްޓަން ޕާކް ތެރޭގައި ފޯނެއްގައި ހުރި އަކްޝަމް ސިއްސައިގެން ގޮސް ފަހަތް ބަލާލީ އަންހެން ކުއްޖެއްގެ ހަަޅޭކުގެ އަޑުއަހާފަ އެވެ. އޭރު އަންހެން ކުއްޖެއް ބިންމައްޗަށް ވެއްޓިފަ އޮތެވެ. ބަލާބަލާ ހުއްޓާ އަންހެން ކުއްޖާ ކައިރީ ހުއްޓި ހުރި ފިރިހެން ކުއްޖެއް އެއަންހެން ކުއްޖާގެ އެއް އަތުގައި ހިފާފައި ނެގި އެވެ. ދެން ފެނުނީ ފިރިހެން ކުއްޖާ އަންހެން ކުއްޖާ މޫނުމަތީގައި ޖެހުމަށްފަހު އެތަނުން ދިޔަ ތަނެވެ. އިރުކޮޅެއް ނުވެ އެ އަންހެން ކުއްޖާ އަނބުރައިގަނެގެން ވެއްޓުނެވެ. އަކްޝަމް ދުވެފައިގޮސް އެ އަންހެން ކުއްޖާ ކައިރީގައި އިށީނެވެ. އަދި އަންހެން ކުއްޖާ މޫނު މަތީގައި ހުރި އިސްތަށިތައް އެއްކައިރި ކޮށްލި އެވެ. އެ އަންހެން ކުއްޖާ ފެނި އަކްޝަމް އިނީ އަނގަހުޅުވިފަ އެވެ. އެވަރުގެ ރީތި ކުއްޖެއް އަކްޝަމަށް ދުވަހަކު ފެނިފައެއް ނުވެ އެވެ. ދޮންދޮން މޫނަކާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ބަލަހައްޓައިގެން އަކްޝަމަށް އިނދެވުނީ އެވެ. އަކްޝަމް ސިއްސައިގެން ދިޔައީ މީހަކު އަކްޝަމަށް ފެންފުޅި ދިއްކޮށްލާ މޫނުގައި ފެން އުނގުޅާލާށޭ ބުނި އަޑަށެވެ. އަކްޝަމް އަވަސް އަވަހަށް ފެންފުޅިން އެތިކޮޅެއް އަތަށް އަޅާ އަންހެން ކުއްޖާ މޫނުގައި އުނގުޅާލި އެވެ. މަޑުމަޑުން އެސްފިޔަ ތަޅުވާލުމަށްފަހު އެކުއްޖާ ލޯހުޅުވާލި އެވެ.
“ކޮއްކޯ ކޮންނަމެއްތަ ކިޔަނީ؟” ކައިރީ ހުރި އަންހެން މީހެއް އަހާލި އެވެ.
“އަޅުގަނޑަށް ކިޔަނީ ތިޝާ” ތިޝާ ބުނި ޖުމްލަ އަކްޝަމްގެ ކަންފަތުގައި ގުގުމާލި ކަހަލަ އެވެ. އެ މަޑުމައިތިރި އަޑުންވެސް އަކްޝަމް ހިތް ކަތިލެވިއްޖެ އެވެ.
“އަޅުގަނޑު ގެއަށް ގެންގޮސްދީފާނަންތަ؟” ތިޝާ ބުންޏެވެ.
“އަހަރެންގެ ކާރެއް އޮންނާނެ. އަހަރެން ގެންގޮސްދީފާނަން” ވަގުތުގެ ބޭނުން ހިފާ އަކްޝަމް ބުންޏެވެ. ތިޝާ އިރުކޮޅަކު ބަހެއް ނުބުނެ ހުރުމަށްފަހު އާއެކޭ ބުނެލި ގޮތުން ހީވީ އިތުރު ގޮތެއް ނެތިގެން ބުނިހެންނެވެ.
ހިޔާލުތަކަށް ގެއްލިފައި އޮތް އަކްޝަމަށް ނިދުނީ ޖޯލީގައި އޮއްވަ އެވެ. ހޭލެވުނީ ފަތިސް ނަމާދަށް ބަންގި ގޮވާ އަޑަށެވެ. އަކްޝަމް ޖޯލީގައި އޮއްވާ ބައްރާއަށް ފެނުމުގެ ކުރިން އަވަހަށް ތެދުވެގެން މިސްކިތަށް ދިޔައީ ނަމާދުކޮށްލުމަށްޓަކަ އެވެ. ނަމާދު ކޮށްގެން ގެއަށް އައިރު ހެނދުނު ސައި ހެދުމުގައި ބައްރާ އުޅެ އެވެ.
” ދަރިފުޅާ ހާދަ ހެނދުނަކާ ތެދުވެގެން ތިއުޅެނީ.. މަންމަ ކޮފީއެއް ހަދައިދެންތަ؟” އަކްޝަމް ފެނުމުން ބައްރާ އަހާލި އެވެ.
“ނޫން މަންމާ.. ދެން ސައިބޯނީ ނިދާލާފަ ތެދުވެ” މިހެން ބުނެ އަކްޝަމް ލޯކަހަމުން ގޮސް ކޮޓަރިއަށް ވަނެެވެ.
********************************
“ބައްޕަ ތިވިސްނަނީ ބޮޑުދައިތަ ކައިރިއަށް އެއޮށް ކުޑަ ރަށައް ދިރިއުޅުން ބަދަލުކުރަންތަ؟ އެހެންނޫނަސް އަހަރުމެން ބޮޑުދައިތަ ކައިރިއަށް ނުދާތާ ކިތައް އަހަރު މިވަނީ. ބޮޑުދައިތަ އަށް އަހަރުމެން އެނގޭނެ ކަމެއްވެސް ނޭނގޭ.. ބައްޕަ ބޮޑުދައިތަ ދޫކޮށްލާފައި މާލެ އައިއިރު އަހަންނަށް އެންމެ ފަސް އަހަރު ކަމުގައި ބައްޕަ ބުނީމެއްނު.. ދެން އެހެންވީމަ ހީވޭތަ ބޮޑުދައިތަ އަހަރުމެން އެގޭގައި ބަހައްޓާފާނެހެން” އާމިލް ހުރީ ބައްޕަގެ ވިސްނުމާ ހެދި ވަރަށް ފޫހި ވެފަ އެވެ.
“އަހަރުމެންނަށް މިނޫން ގޮތެއް ނެތެއްނު. އެހެން ނޫނަސް އޭރު އަހަރެން ބައްރާ ބަހައްޓާފަ އައީ އޭނަ އިނދެގެން އުޅުނު މީހެއްގެ ސަބަބުން. ފަހުން ބައްރާ އަހަންނަށް ގުޅާފައި ބުނި އޭނަ ފިރިމީހާ އޭނަ ދޫކޮށްލި ވާހަކަ. އަދި އަހަރެން ކައިރިއަށް އޭނަގެ ދަރިފުޅު ގޮވައިގެން އަންނަން ބޭނުންވި ވާހަކަވެސް ބުނި. އަހަރެން އެކަމަށް އިންކާރު ކުރީ އޭރު އަހަރެން އޭނަ ދެކެ އައިއްސަހުރި ރުޅިއެއްގެ ބޮޑުކަމުން. އޭނަ އެމީހާއާ އިނީ އަހަރެންގެ ނުގަބޫލު ކަމަށް ވާތީ. އެކަމަކު މިހާރު އަހަރެންވެސް ބޭނުން އަހަރެންގެ ކޮއްކޮ ދެކެލަން” މިހުރިހާ އެއްޗެއް ކިޔާ ނިމުނުއިރު ރާއިދަށް އިނީ ރޮވިފަ އެވެ. އާމިލްވީ ފޫއްސެއްގެ ބޮޑުކަމުން އެތަނުން ތެދުވެގެން ދިޔައީ އެވެ.
********************************
ދުވަހަކީ އޮފް ދުވަހަކަށް ވުމާއެކު އެދުވަހު އެއްކޮށް ތިޝާ ހޭދަކުރީ ކޮޓަރީގައެވެ. ކާންވެސް ނިކުމެލީ އަސުރު ނަމާދުކޮށްލައިގެންނެވެ. ބަދިގެ އަށް ވަދެ އެއްޗެހި ތަކުގެ މަތި ނެގިއިރު ބައްރާ މަސްބަތް ކައްކާފައި ހުއްޓެވެ. އަދި ކުކުޅު ރިހަ އާއި ކުޅި ރިހާކުރުވެސް ހުއްޓެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއް ތިޝާ ކާހިތެއް ނުވިއެވެ. ފުރިޖު ހުޅުވާލިއިރު ޖޫސް ޖަގެއް ފެނުމުން އެޖަގު ނަގައިގެން ގޮސް ތައްޓަކަށް ޖޫސް އެޅިއެވެ. އެއަށް ފަހު އަލަމާރިން އާފަލެއް ނަގައިގެން ބަދިގެއަށް ވަދެ އާފަލު ރީތިކޮށް މަށާލުމަށްފަހު ތައްޓަކަށް ކޮށާލިއެވެ. އަދި އުލެއް ނަގައިގެން ގޮސް މޭޒު ކައިރީގައި އިނދެ އާފަލާއި ޖޫސްތަށި ހުސްކޮށްލައިގެން ކޮޓަރިއަށް ވަނެވެ.
އޭގެ ގަޑިއިރެއްހައިރު ފަހުން ތިޝާ ރީތިވެލައިގެން ކޮޓަރިން ނިކުތީ ޖަނާއާއި އެކު ރަށުތެރޭގައި ހިނގާލަން ދިއުމަށެވެ. އޭރު ޓީވީއިން ދައްކާ ފުޓުބޯޅަ މެޗެއް ބަލަން އަކްޝަމް ސޯފާގައި އިނެވެ. ތިޝާ އަށް ބަލާލިއިރު ތިޝާ އިސްޖަހައިގެން ހުރެ ބޫޓަށް އަރަމުން ދެއެވެ.
” މަންމަ ބުނާހެނެއް ނޫން.. މާޝާﷲ ހާދަ ލޯތްބޭ” ޖެއްސުންކުރާ ފާޑަކަށް އަކްޝަމް ބުނުމުން ތިޝާ ރުޅިއައިސް ތުން އަނބުރާލިއެވެ. މިމަންޒަރު ފެނި އަކްޝަމް ކައިރިއަށް ހިނިއައެވެ. ރުޅި އައިމަވެސް ހާދަ ޗާލޭ ހިތަށް އެރިއެވެ.
“ބިޓެއް ކައިރިއަށްތަ ތިދަނީ” ތިޝާ އިތުރަށް ރުޅިއަރުވާލުމުގެ މަގްސަދުގައި އަކްޝަމް ބުންޏެވެ. ކަންވީވެސް އެހެނެވެ. ތިޝާ ހުރީ ރުޅިއައިސް ހަލާކުވެފައެވެ. އެއްޗެކޭ ބުނަންެވެގެން އަނގަހުޅުވާލިވަގުތު ތިޝާގެ މޫނު މައްޗަށް އަނދިރިން ވާން ފެށިއެވެ. އިރުކޮޅަކުން މުޅި މީހާ ގައިން ވަރުދޫވެ ބިންމައްޗަށް ވެއްޓުނެވެ.
ލޯހުޅުވާލެވުނު އިރު އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ އަކްޝަމްގެ މޫނެވެ. ސިއްސައިގެން ގޮސް ތެދުވަން އުޅުނު ވަގުތު އަނެއްކާވެސް ބޮލަށް ބަރުވެ އަނބުރާ ގޮތްވިއެވެ. ވަށައިގެން ބަލާލިއިރު މިއޮވެވުނީ ހޮސްޕިޓަލެއްގައި ކަން އެނގުނެވެ. ނަަމަވެސް މީ ބާރަށު ސިއްހީމަރުކަޒެއް ނޫނެވެ. މީކޮންމެވެސް އެހެން ތަނެކެވެ. އަނެއްކާ އަކްޝަމް ގެނައި ތަނެއް ހެއްޔެވެ.
” ކަލޭ ތީ ހާދަ ނުލަފާ މީހެކޭ ދޯ.. ލަދެއްވެސް ނުގަނޭތަ އަހަންނާ ދޭތެރެ ތިގޮތަށް ކަންތައް ކުރާއިރު.. މިހާރު އަހަރެން ގެއަށް ގެންދޭ” ތިޝާއަށް މިހެން ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އެވަގުތު ނަރުސް ކުއްޖާ އައިސް ވީކިހިނެއްތޯ ސުވާލުކުރުމުން ތިޝާ ނަރުސް ކުއްޖާއަށް ބަލާލީ ހައިރާންވެ އޮވެއެވެ. އަކްޝަމް ކަމެއް ނުވާކަމަށް ބުނުމުން ނަރުސް ކުއްޖާ އަނބުރާފައި ދިޔައެވެ.
” ތިޝާ ތިއޮތީ ހޮސްޕިޓަލެއްގަ… ދިއްދޫ ހޮސްޕިޓަލްގަ ތިއޮތީ.. ކަންކަން ނޭގެންޏާ އަނގަ މަޑުލައިގެން އޮންނާނީ” އަކްޝަމް ވާހަކަ ދެއްކީ މަޑުން ނަމަވެސް އެއަޑުގައި ވަނީ ރުޅިވެރިކަމެވެ.
” އަހަންނަށް ކިހިނެއްތަވީ.. ކޮބާ ދައްތަ” ތަން ހޯދާލަމުން ތިޝާ އަހާލިއެވެ.
” މަންމައަކަށް ނާދެވުނު .. ތިޝާއާއި އެކު މިހުރީ އަހަރެން އެކަނި.. އެހެންވީމާ ތިޝާއަށް ރަނގަޅުވާނީ އަހަރެންގެ ބަސްއަހައިގެން އޮތިއްޔާ… ” މަޑުމައިތިރިކަން އިހްތިޔާރުކުރަމުން އަކްޝަމް ބުންޏެވެ.
” އެކަމަކު އަހަންނަށް ވީ ކަމެއް ބުނެބާ” ބޮލުގައި އަތް އަޅާލަމުން ތިޝާ އަހާލީ ކަންބޮޑުވެ އޮވެއެވެ.
” އަދި މާނޭނގޭ ކަމަށް އެބަހެދެއެއްނު… ވާހަކަ ނުދައްކާއޮވޭ.. އަހަރެންގެ ކެތްތެރިކަން އިމްތިހާން ކުރަން ނުހަދާ ޑޮކްޓަރ އަންނަންދެން އޮވޭ” މިހެން ބުނުމަށްފަހު ނަރުސް ކުދިންގެ ކައުންޓަރު ކައިރިއަށް އަކްޝަމް ޖެހިލިއެވެ. ވާނުވާ ނޭނގިފައި އޮތް ތިޝާ ވިސްނަމުން ދިޔައީ އޭނާއަށް ވީގޮތަކާ މެދުގައެވެ. އަކްޝަމް އެހާ ރުޅި އަންނަންވީ ސަބަބެއް ވިސްނަ ވިސްނާވެސް ތިޝާއަކަށް ނޭނގުނެވެ.
-ނުނިމޭ-
10 Comments!
Comments are closed.

Varah reethi ??
Anehkaa vaki hama akun vaahaka nugenas huhnaanee noon.. kurin vess ehn hedhee ?
Reethii..waiting for next part?
Thishaa ah kihineh vy. Pregnant????
Alhe kon site ehgga kon kamegga mi story kurin genEe. Bunedhyba. Plz
Nice… what actualy hpnd to her… v curious
Kei kuraanan ummeedhugai
Loabyge raasthaa aky karuna ey
Mi hatthahaa ves hyvany beauty ge life ge headline thakehen ???????????
Hatharu vana bai avahah genesdhyba….kiyaalaa hithun keh madhuvefa
Azzo kn irakun 4 vana bai genesdheny…v v kiyaala hithun mihuree♥♥
Varah reethi story eh mi. Alhe continue kobba. V kiyaahivvey. Keevetha post nukurany. ???
4 vana part nikuhnnanee kon dhuvahaku thw