Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބީގެ ރާސްތާއަކީ ކަރުނައޭ 1

Azzo Level 1
April 6, 2018 8 Mins Read
15 Comments

ނޯޓް: މިވާހަކައިގެ އެއްބައި ވާނީ ކުރިންވެސް މިސައިޓްގައި ގެނެސްދީފައެވެ. ނަމަވެސް މިހާރުމިވަނީ ބަދަލުތަކަކާއި އެކު އަލުން މިވާހަކަ ލިޔެފައެވެ. މިވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް ހީކުރަމެވެ.

……………………………………………………………………………………………………

މޫދުގައި ކުޅެން ތިބި ކުދިންނާ ދިމާއަށް ބަލަހައްޓައިގެން އިން ތިޝާގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ތުންފަތްމަތީގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ. ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު ބަލާލަން ކިތަންމެހާވެސް ރީއްޗެވެ.  ކުޑަކުދިން ކުޅޭ ހިތްގައިމު މަންޒަރަށް ބަލަން އިން ތިޝާގެ ނަޒަރު ވަކި ކޮށްލެވުނީ ފަހަތުން މެދު އުމުރު އަންހެނަކު ގޮވާލި އަޑަށެވެ. އެނބުރި ފަހަތް ބަލާލިއިރު ބައްރާ ތިޝާ އިން ދިމާއަށް އަންނަނީއެވެ.

ބައްރާއަކީ ތިޝާ އުުޅެމުންދާ ގޭގެ ވެރި މީހާ އެވެ. މެދު އުމުރުގެ މި އަންހެން މީހާ އަކީ މީހުންނާ ގުޅޭ ހިތް ހެޔޮ މިޒާޖެއްގެ މީހެކެވެ. ތިޝާ އަކި ބައްރާގެ ގޭގައި ކުއްޔަށް ކޮޓަރި އެއް ހިފައިގެން އުޅޭ ޒުވާން އަންހެން ކުއްޖެކެވެ. ހއ. ބާރާށު ސިއްހީ މަރުކަޒުގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުންދާ ތިޝާ އެ ރަށުގައި އުޅެތާ އަދި މިވީ އެންމެ ހަ މަހެވެ.

ބައްރާގެ އަމިއްލަ އަންހެން ދަރިއަކު ނެތުމުން ބައްރާ ތިޝާ ގެންގުޅެމުން ދަނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. އެދެމީހުން އެކުގައި އުޅޭ ވަގުތު އެއީ އެއްވެސް ގުޅުމެއް ނެތް ދެމީހުންނެކޭ ނުބުނެވޭނެއެވެ. އެކީގައި އުޅެނީ އެހާވެސް ލޯބިންނެވެ.

“ދައްތަ މިތާ ކީއްކުރަނީ؟” ތެދުވެ އަތުގައި ހުރި ވެލިތައް ފޮޅާލަމުން ތިޝާ އަހާލި އެވެ.

“ދައްތަ މި އައީ ތިޝާއާ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން” ބައްރާ މިހެން ބުނިއިރު އޭނާގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ތިޝާ ކަންބޮޑުވި އެވެ.

ބައްރާގެ ފަހަތުން ގޮސް ގަސްދޮށުގައި ހުރި ޖޯލިފަތިގައި ތިޝާ އިށީނީ ވީ ކިހިނެއްތޯ އޮޅުންފިލުވުމުގެ މަގްސަދުގަ އެވެ.

“އަކްޝަމް…” މި ނަން ބުނެލުމާއެކު ބައްރާގެ މޫނުމަތިން ކުރިއަށް ވުރެވެސް ބޮޑަށް ކަންބޮޑުވުން ފެނިގެން ދިޔަ އެެވެ.

އަކްޝަމް އަކީ ބައްރާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. މާލޭގައި ވަޒީފާ އަދާކުރަމުންދާ އަކްޝަމް އަކީ ޖިމް އިންސްޓްރަކްޓަރެކެވެ.

“އަކްޝަމް އުޅެނީ ދޮން ކުއްޖަކާ އިންނަން ވެެގެން” ބައްރާ ދެރަވެލާފައި ބުންޏެވެ.

“ދޮން ކުއްޖެކޭ….؟؟” ސުވާލުގެ ނަޒަރަކުން ބައްރާ އަށް ބަލާލަމުން ތިޝާ އަހާލިވެ.

ބައްރާ ތިޝާ އަށް އިތުރަށް އޮޅުންފިލުވައި ދިނެވެ. އަކްޝަމް ޖަރުމަން ކުއްޖަކާ އިންނަން ވެގެން އުޅޭ ވާހަކަ އެވެ. އަކްޝަމް އަށް ރަށުން ވަޒީފާ ލިބިގެން ރަށަށް އަންނަން އުޅޭ ވާހަކައާއި އަންނައިރު ބައްރާ ރުއްސުމަށްޓަކައި އެ ކުއްޖާވެސް ގޮވައިގެން އަންނަ ވާހަކަ އެވެ. ބައްރާގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ތިޝާ އަށް އަކްޝަމްއާ ދޭތެރޭގައި ވިސްނާލެވުނެވެ. ޖަރުމަނުން ކުއްޖަކު ގެންނަނީ ރާއްޖޭގައި އަންހެން ކުދިން މަދުވީ ހެއްޔެެވެ. ހާދަ ފޮނި ބޮޑު މީހެކޭވެސް ހިތަށް އެރިއެވެ.

ތިޝާ ދުވަހަކުވެސް ދެކެފައިނުވާ އަކްޝަމް އަކީ ބައްރާގެ މުޅި ދިރިއުޅުމެވެ. ބައްރާ ކިޔައިދީފައި ހުރި ވާހަކަތަކުން ބައްރާ، އަކްޝަމް ބަލާބޮޑުކުރީ ވަރަށް ހާލުގަ އެވެ. ފިރިމީހާ ވަރިކުރުމުން ބައްރާ ވަރަށް އެކަނިވެރިވި އެވެ. އެކި ގޮތްގޮތުން ހޯދި ފައިސާކޮޅު ބޭނުންކުރީ އަކްޝަމް އަށް ރަނގަޅުގޮތް ހޯދާދިނުމަށެވެ. ވީއިރު އަކްޝަމްއަށް އެކަން ނުވިސްނެނީ ކީއްވެބާއޭ ތިޝާ ގެ ހިތަށް އެރި އެވެ. ދުރަށް ބަލަހައްޓައިގެން އިން ތިޝާ ކުއްލިއަކަށް ބައްރާއާ ދިމާއަށް ބަލާލީ ބައްރާ ބުނެލި އެއްޗަކުންނެވެ.

“ދައްތަ ބޭނުން ވަނީ އަކްޝަމްއާ ތިޝާ ކައިވެނި ކުރަން” ބައްރާގެ މި ޖުމްލައިން ތިޝާގެ ނިތަށް ރޫއަރާލި އެވެ.

ތިޝާ އަށް ވީގޮތް ފެނިފައި ބައްރާ ބާރަށް ހޭން ފެށި އެވެ. ކުރީ ސަމާސާއެއްކަން އެނގުމުން ބައްރާއާ އެއްބައިވުމުގެ ގޮތުން ތިޝާވެސް ހޭން ފެށި އެވެ. ހެމުން ދިޔަ ތިޝާއަށް ބައްރާ ވަރަށް ފުންކޮށް ބަލާލި އެވެ. ބައްރާއާ އެއްކޮށް މިވީ ހަމަސް ތެރޭގައި އެންމެ ފަހަރަކުވެސް ތިޝާ އޭނާގެ ހަޔާތާއި ބެހޭގޮތުން އެއްވެސް ވާހަކައެއްް ނުދައްކަ އެވެ. ތިޝާގެ އާއިލާ ވީ ކޮންތާކު ކަމެއް އަދި ކޮން ރަށެއް ކަމެއްވެސް ބައްރާ ކައިރީގައި ތިޝާ ބުނެފައެއް ނުވެ އެވެ. އެނގޭހާވެސް އެއްޗަކީ ތިޝާ އެ ގެއަށް އައިސް ހުންނަން ފެށިފަހުން ބައްރާގެ އެކަނިވެރިކަން ފިލާ ކަމެވެ. ތިޝާގެ މާޒީއާ ބެހޭގޮތުން ބައްރާ އެތައް ފަހަރަކު ތިޝާއާ ސުވާލު ކުރި އެވެ. ނަމަވެސް ޖަވާބުގައި މައުސޫމް ކަމުން ފުރިގެންވާ ހިނިތުންވުމެއް ނޫނީ ނުލިބެ އެވެ.

ތިޝާ ކޮޓަރިއަށް ވަންއިރު އިރުއޮއްސި އަނދިރި ވެއްޖެ އެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރިއަށް އަލިކަމެއް ގެެންނާކަށް ތިޝާ ނޫޅުނެވެ. އޭގެ ބަދަލުގައި އެނދުމަތީގައި އުއްޑުން އޮށޯވެލައި ބަނޑުމަތީގައި ދެއަތް ބާއްވާލި އެވެ. ލޮލުގެ އެއްކަނުން ކަރުނަ ފޭދިގެން އައިސް ކަރުނަ ތިއްކެއް ވެއްޓުނެވެ. ދެ ތުންފަތް ފޫ އަޅުވާލާފައި ނިކުތީ މަޑުމަޑު އާހް އެކެވެ. ދެލޯ މަރާލައިގެން އެ އޮތް ގޮތަށް އޮއްވާ ތިޝާ އަށް ނިދުނީ އެވެ. ހޭލެވުނީ ކައިރީގައި އޮތް ފޯނުން އެލާމް ވާ އަޑަށެވެ. ސިއްސައިގެން ގޮސް ތެދުވެ ގަޑި ބަލާލިއިރު މެންދަމު ބާރަ ޖަހަން ކައިރި ވަނީ އެވެ. އަވަސް އަވަހަށް ތެދުވެ ތުވާލި ހިފައިގެން ފާހަނައަށް ވަނީ ޑިއުޓީއަށް ދާ ގަޑިޖެހެން ކައިރި ވާތީއެވެ. ތަތްޔާރުވެގެން މަގްރިބް ނަމާދާއި އިޝާނަމާދު ކޮށްލިއެވެ. އެއަށްފަހު ބޫޓު ހިފައިގެން ސިޓިންގް ރޫމަށް ނިކުތް އިރު ބައްރާ ސޯފާގައި ޓީވީ ބަލަން އިނެވެ.

“ތިޝާ ނުކައިތަ ޑިއުޓީއަށް ދާން ތިއުޅެނީ؟” ތިޝާ ކޮޓަރިން ނިކުމެގެެން އަންނަތަން ފެނުމުން ބައްރާ އަހާލި އެވެ.

“އާނ..! ދައްތާ މިހާރުވެސް މާލަސް ވެއްޖެ. އެތަނަށް ގޮސް ކޮންމެސް އެއްޗެއް ކާލާނީ.. ދައްތަވެސް ދެން ނިދާލާ” މިހެން ބުނެ ތިޝާ ބައްރާއަށް ހީލުމަށްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ.

ސިއްހީ މަރުކަޒަށް ވަންއިރު މެންދުރުފަހު ޑިއުޓީ ކުދިން ޑިއުޓީގެ އެންމެ ފަހު މަސައްކަތްތައް ކުރަމުން ދަނީ އެވެ. ތިޝާ ގޮސް ވަރޑް އަށް ވަންއިރު އެންމެން ވަރަށް އަވަސް އަރުވާލާފައި އުޅޭތަން ފެނެ އެވެ.

“ނާދު.. ކިހިނެއްވެގެންތަ މިއުޅެނީ؟” ކައުންޓަރާ ކައިރިވެލާފައި ތިޝާ އަަހާލި އެވެ.

“ކުޑަކުއްޖަކު އެކްސިޑެންޓް ވެގެން މިއުޅެނީ. ކޭސް އާ ހަވާލުވެ ހުރީ ޑޮކްޓަރ ޝާނިމް.. އޭނާގެ އެހީތެރިއަކަށް މިވަގުތު ހުރީ ލަޔާލް. ލަޔާލް ޑިއުޓީ ނިމޭ ގަޑިއަށް ވީމަ ދެން ޑޮކްޓަރގެ ދަށުން ހުންނާނީ ތިޝާ. އެހެންވީމަ މި އިންޖެކްޝަންތައް ހިފައިގެން އެތަނަށް ގޮސް ލަޔާލް މިކޮޅަށް ފޮނުވާލާ” ޑިއުޓީ އިންޗާޖް ނާދިޔާގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ތިޝާ އަވަހަށް މަސައްކަތާ ހަވާލުވި އެވެ.

އެ ކުއްޖާގެ ބޮލަށް މާބޮޑު ގެއްލުމެއް ނުލިބުނަސް އެއް އަތް ވަނީ ބިންދައިގެން ގޮއްސަ އެވެ. އަދި ހަށިގަނޑުގެ އެކި ތަންތަން ވަނީ މަށައިގެން ގޮއްސަ އެވެ. ތިޝާ އެންމެ ހައިރާންވީ އެކުއްޖާ ކައިރީގައި އާއިލާގެ އެއްވެސް މީހެއް ނެތުމުންނެވެ.

“ޑޮކްޓަރ މިކުއްޖާގެ ފެމިލީ…..” ތިޝާ ބުނަން އުޅުނެވެ. ނަމަވެސް ތިޝާ ބުނަން އުޅުނު ވާހަކަ ހުއްޓުނީ ޝާނިމް ވަކި ހިސާބަކުން ޖަވާބު ދިނުމުންނެވެ.

“މި ކުއްޖާ މިތަނަށް ގެނައީ ނުވެސް ދަންނަ ފަރާތަކުން. މިވަގުތު ވެއްޖެ އިތުރު ބޭސް ތަކެއް ނަގަން ގޮސް. އޭނަ ގެންނަ ދެ އިންޖެކްޝަން ޖަހާލައްޗޭ. މިހާރު އެއޮތީ ނިދާ އިންޖެކްޝަނެއް ޖަހާފަ. ހޭލާފައި ތަދުވާތީ އުޅެންޏާ އަހަންނަށް ގުޅާ. މަރުކަޒުގެ ފަރާތުން މިހާރު ދަނީ އާއިލާ މީހުންނާ ގުޅަން މަސައްކަތްކުރަމުން. ދެން ގޮސްލީ” ޝާނިމް ތިޝާއަށް ހީލުމަށް ފަހު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ވަރޑުން ނިކުތެވެ.

ތިޝާ އިރުކޮޅަކު އެ ކުއްޖާއާ ދިމާއަށް ބަލަން ހުރުމަށްފަހު ކައުންޓަރާ ދިމާއަށް ދާން ހިނގައިގަތެވެ. ނަމަވެސް ކަންފަތުގައި ޖެހުނު އަޑަކުން ތިޝާ އަށް ހުއްޓެވުނެވެ. މީހާ ފިނިވެ މޫނު ހުދު ކަފަކޮޅަކަށްވި އެވެ.

“އާމިލް މަގޭ ދަރި…” ބާރަށް ރޮމުން ތެޅިފޮޅެމުން އަންނަ އަންހެނެއް ތިޝާއަށް ފެނުނެވެ. އެމީހާ އައިސް މަޑުކޮށްލީ އެކްސިޑެންޓް ވެފައި އޮތް ކުއްޖާ ކައިރި އަށެވެ. ތިޝާ ހުއްޓުން އެރީ އެމީހާ އުޅޭގޮތް ފެނިގެނެއް ނޫނެވެ. ނަމަވެސް އިވުނު ނަމެއްގެ ސަބަބުންނެވެ. “އާމިލް” އެނަން ތިޝާގެ ކަންފަތުގައި ގުގުމާލާފައިވެެ އެވެ. ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިހްތިޔާރަކައި ނުލައެވެ.

އަވަހަށް ގޮސް ފާހާނައަށް ވަދެ ދޮރުޖެހީ މީހަކަށް ފެނިދާނެތީ އެވެ. ދޮރުގައި ލެގިލެވުމާއެކު ތިޝާ އަށް ދެލޯ މަރާލެވުނެވެ. އެވަގުތު އެސްފިޔަތަކުން ފޭދިގެން އައި ކަރުނަ ތިއްކެއް ކޯތާފަތް ހުރަސް ކޮށް ވެއްޓުނެވެ. ތިޝާ ބޭނުންނުވިޔަސް ތިޝާގެ ހިޔާލުތައް މާކުރިއަށް ދަތުރުކުރަން ފެށި އެވެ.

އާމިލްގެ އަތުގައި ހިފާލައިގެން ތިޝާ ހިނގަމުން ދިޔައީ ވަރަށް ހިތްހަމަޖެހިގެން ހުރެ އެވެ. ކުރިމަތިން ބޮޑު ލޮރީއެއް އަންނަތަން ފެނެ އެވެ. ލޮރީ ތިޝާ މެން ތިބި ހިސާބާއި ވަރަށް ކައިރިވެފައި ވަނިކޮށް އާމިލް ކުއްލިއަކަށް ތިޝާ އެ ދިމާއަށް ކޮށްޕާލި އެވެ. އަދި އެހާމެ އަވަހަށް އަތުގާހިފާ ގާތަށް ދަމާލި އެވެ. ތިޝާއަށް ތޫލި އަޑަކުން ހަޅޭއްލަވާ ގަނެވުނީ ގަތްބިރެއްގެ ސަބަބުނެންނެވެ. މަގުމަތިންދާ މީހުންގެ ލޯތައް އަމާޒުވަމުން ދިއުމުން އެކަމާ ލަދުވެސް ގަތެވެ.

އާމީލް މަޖާވެފައި ހުރެގެން ހެމުން ގެންދިޔައިރު ތިޝާ ހުރީ ރުޅިއައިސްގެން ހަލާކުވާވަރު ވެފަ އެވެ.

“އާމިލްގެ ތިސަމާާސާގެ ސަބަބުން މަށަށް ގޮތެއްވި ނަމަޔޯ” ތިޝާ މިހެން ބުނުމަށްފަހު އާމިލްގެ އަތް ފޮޅުވާލާފައި ބާރަށް ހިނގަންފެށި އެވެ. އާމިލް ގޮވަގޮވާވެސް ނުހުއްޓުނެވެ. އެންމެފަހުން އާމިލް ބާރަށް ހިނގާފައި ފަހަތުން ގޮސް ވަރަށް ބާރަށް ތިޝާގެ ގައިގާ ބައްދާލި އެވެ.

“އާމިލް ޕްލީޒް މީހުން އެބަ ބަލައޭ… ލީވްމީ” ލަދުގެންފައި ހުރެ ތިޝާ ބުނެލި އެވެ. މީހުންގެ ކުރިމަތީގައި އެގޮތަށް އުޅުމަކީ ތިޝާ އެންމެ ހިތްހަމަ ނުޖެހޭ އެއްކަމެވެ.

“އައިޑޯންޓް ކެއަރ” ވައި އަޑުން ތިޝާގެ ކަންފަތް ދޮށުގައި އާމިލް ބުނެލި އެވެ.

“ތިޝާއަށް ހީވޭތަ އަހަރެން ތިޝާއަށް ގޮޮތެއް ހަދާފާނެހެން. ތީ އަހަރެންގެ މުޅި ދިރިއުޅުން. މަގޭ ފުރާނަ. ތިޝާ އަށް ކުރިމަތިވާ ކަމެއް ވެއްޖިއްޔާ ޖެހޭނީ އެންމެ ފުރަތަމަ މަށާ ކުރިމަތިލާން” އާމިލްގެ ޖުމްލަތަކުން ތިޝާގެ ހިތް ފުރިގެން ބަންޑުންވި އެވެ.

ތިޝާގެ ރުޅި ފިނިވިކަން އެނގުމުން އާމިލް ވަރަށް ލޯބިން ތިޝާގެ ބަނޑުގައި ކޮށްޓާލި އެވެ. އަދި ތިޝާ ތެޅިގެންފައި ހީލުމުން އާމިލް ތިޝާ އަތްދަނޑިމައްޗަށް ލައިގެން ސަލްޓަންޕާކް ތެރެއަށް ވަދެގެން ދިޔައިރު މަގުމަތީގައި އެދެމީހުންނަށް ބަލަހައްޓައިގެން ތިބި މީހުންނަށް ފަރުވާލެއް ނުބަހައްޓަ އެވެ. ތިރީގައި ބަހައްޓަން ބުނުމުންވެސް އެއަޑު އާމިލް އަށް ނީވޭ ކަހަލައެވެ.

ފާހާނާގައި ހުރި ތިޝާ ސިއްސައިގެން ގޮސް ދެލޯ ހުޅުވާލި އެވެ. އެއަށްފަހު ކަންތައް ވެގެންދިޔަ ގޮތް ތިޝާ ހަނދާންކުރަން ބޭނުންނުވީ ކަހަލަ އެވެ. މީހާ ހަމައަކަށް އަޅުވާލުމަށް އެތް އަތުން މޭގައި އަތް ޖައްސާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލި އެވެ. ލޮލުން އައިސްފައި ހުރި ކަރުނަތައް އަތުގައި އޮތް ޓިޝޫއިން ފޮހެލުމަށްފަހު ކުޑަކޮށް މޫނު ދޮވެލީ ތިޝާ ކަމަކާ މާޔުސްވެފައިވާކަން އެހެން މީހަކަށް އެނގުނަ ނުދިނުމަށެވެ. ތިޝާ ފާހާނާއިން ނުކުތްއިރު އާމިލްގެ އެނދުކައިރީގައި އަންހެން މީހާއާއި ވާހަކަދައްކަން ފުރަގަސްދީގެން ފިރިހެނަކު ހުއްޓެވެ. އެމީހާގެ އަތުގައި އޮތް ބޭސްކޮތަޅެއް ފެނުމުން އެއީ އާމިލް ހޮސްޕިޓަލަށް ގެނައި މީހާކަން ތިޝާ އަށް އެނގުނެވެ. ހިނގާލާފައި ކުރިއަށް ޖެހިލާ އެމީހާއާއި ދެތިން ފިޔަވަޅު ފަހަތަށް ކައިރީގައި ހުއްޓުނެވެ.

“އެކްސްކިއުޒް މީ… އިންޖެކްޝަންތައް..” ތިޝާގެ އަޑާއެކު އެމީހާ ފަހަތަށް އެނބުރި ބަލާލި އެވެ. އެވަގުތު ތިޝާގެ ދެލޯ ބޮޑުވެ ދެއަތް ދެއަތާއި މޮޑެވެން ފެށުނެވެ. ނޭވާ އަވަސްވެ ދާހިއްލަން ފެށި އެވެ.

“ތިޝާ….” އެމީހާގެ އަނގައިގެ ތެރެއިން މަޑުުމަޑުން ތިޝާގެ ނަން ބޭރުުވުމާއިއެކު ކުރިއަށް ވުރެ ވެސް ބޮޑަށް ތިޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

ތިޝާ ވާހަކަ ދައްކަންވެގެން އަނގަ އަށް ކުޑަހަރަކާތެއް ގެނަ އެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރި އެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ. ހަަމަ އެވަގެތު އެ މީހާގެ ފޯނު ރިންގުވާން ފެށި އެވެ. ފޯނު ނެގުމަށްފަހު “ގިވް މީ އަ ސެކަންޑް” އޭ ބުނެލި އެވެ. އަދި އިސްޖަހާލަމުން ތިޝާއަށް ބަލާލުމެއްނެތި ބޭސް ކޮަތަޅު އެނދުމަތީގައި ބަހައްޓާފައި ބާރަށް ހިނގަމުން ގޮސް އެތަނުން ނިކުތެވެ. ގަބުވެފައި ހުރި ތިޝާއަށް ހޭވެރިކަމެއްވީ އެނދުމަތީގައި އޮތް ކުޑަކުޑަ އާމިލް ރޯން ފެށުމުންނެވެ.
ގަދަ ނިދީގައި އޮތް ބައްރާ އަށް ހޭލެވުނީ ގޭގެ ބޮޑުދޮރުގައި ވަރަށް ބާރަށް މީހަކު ޓަކި ޖަހާ އަޑަށެވެ. ތެދުވެ މޭގައި ދެއަތް އަޅާލާފައި ހިންދިރުވާލެވުނީ ގަނެފައި ހުރި ބިރެއްގެ ސަބަބުންނެވެ. ބައްރާ އެނދުން ތެދުވެގެން ގޮސް ކޮޓަރީ ދޮރު ހުޅުވާލީ ކުރިއަށްވުރެވެސް ބާރަށް ޓަކިޖަހާ އަޑު އިވެން ފެށީމަ އެވެ.

“ކަ….ކަ…ކާކު” ތުރުތުރު އަޅާއަޑަކުން ވަރަށް އުނދަގުލުން ބައްރާއަށް ބުނެވުނެވެ.

“މަންމާ ހުޅުވަބަލަ” ދޮރުގެ އަނެއް ފަރާތުން އައި އަޑަކުން ބައްރާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމާއެކު ބާރަށް ގޮސް ދޮރުހުޅުވަން އުޅުނެވެ. ނަމަވެސް ހިތަށް އެރި އެއްޗަކުން ހުއްޓެވުނެވެ.

ހަންޑިއަކަށް ވެއްޖިޔާ ދެން ހަދާނީ ކިހިނެއްބާއޭ ބައްރާގެ ހިތަށް އެރިއެވެ. ހަމައެއާއެކު އެއީ އަކްޝަމޭވެސް ހިތަށް އަރަމުން ދިޔަ އެވެ. ތެޅިތެޅި އޮތް ހިތަކާއެކު ކިޔުނުހާ ހެޔޮ އެއްޗެއް ކިޔަމުން ބައްރާ ދޮރު ހުޅުވާލި އެވެ. އަދި ދެލޯ މަރާ ތަގުޅި ކޮށްލެވުނީ ބޭއިޙްތިޔާރުގަ އެވެ.

“މަންމާ ލޯ ހުޅުވާބަލަ” ބައްރާގެ ދެ އަތުގައި ހިފާލަމުން އަކްޝަމް ބުނެލި އެވެ. އެއާއެކު ތެޅިގެންފައި ބައްރާ ދެލޯ ހުޅުވާލި އެވެ. ކުރިމަތީގައި ހުރި ދެލޮލުގެ ކޮއި ފަދަ ދަރިފުޅު ފެނުމުން ބައްރާގެ ލޮލުން ކަރުނަ ނިރާލި އެވެ.

“ދަރިފުޅު އައީތަ” އަކްޝަމްގެ މޫނުގައި ދެއަތުން ހިފާލަމުން ބައްރާ ބުންޏެވެ.

“ނެތެއްނު ސަލާމަތެއް މަންމާ.. އަހަރެން ނައިސްގެންވެސް ރޮނީ… އައިމަވެސް ހުރެގެން ތިރޮނީ” ބައްރާގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެލަމުން އަކްޝަމް ބުނެލި އެެވެ.

“މިހާ ދަން ގަޑިއެއްގަތަ ދަރިފުޅަށް އަންނަން އެނގުނީ” ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށް ބަލާލަމުން ބައްރާ ބުންޏެވެ.

“ކިޔައިދޭނަމޭ… އިހަށް މަންމަ މިތާ އިށީނދެބަލަ” ކައިރީގައި ހުރި ސޯފާގައި ބައްރާ ބައިންދަމުން އަކްޝަމް ބުންޏެވެ.

“ލޯރެން ވެސް އަދި ބޭރުގަ އެހުރީ.. އެބަ އަންނަން” މިހެން ބުނެ އަކްޝަމް ދޮރާ ދިމާއަށް ހިނގައިގަތެެވެ.

“ކީކޭ ދަރިފުޅާ.. ދަރިފުޅު ލޮރީއެއްވެސް ގެނައިންތަ” ހައިރާންވެފައި ބައްރާ އަހާލި އެވެ.

“ލޮރީއެއް ނޫނޭ މަންމާ.. ލޯރެން..” އަކްޝަމް ހެމުން ހެމުން ގެއިން ނިކުތެވެ. އަދި މިނެޓެއްވެސް ނުވަނީސް އެނބުރި އައިސްވަނީ ދޮންދޮން ބައްޓެއް ކަހަލަ ކުއްޖެއް ގޮވައިގެންނެވެ.

ބައްރާއަށް އިންތަނުން ތެދުވެ ދެލޯ ބޮޑުކޮށްލެވުނީ އަކްޝަމްގެ އަތުގައި ހިފާލައިގެން ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލާފައި ހުރިއިރު ދަށުން ހުރީ ކަޅުކުލައިގެ ސްކިނީއެއް ލާފަ އެވެ. ދަންވަރުގެ ފިިނިން ސަލާމަތް ވުމަށްޓާކައި ކަރުގައި ޝޯލްއެއް އޮޅާލާފައި އޮތެވެ. އަންހެން ކުއްޖާގެ ފުރިހަމަ އިސްކޮޅަށް ބައްރާ ނަޒަރު ހިންގާލި އެވެ. ދިގުހެން ހީވަނީ އަރާފައި ހުރި ހައިހީލްސްގެ ސަބަބުން ކަން ބައްރާއަށް އެނގުނެވެ.

“ހާއި…” އެއް އަތް އުފުލާލާފައި ލޯރެން ބައްރާއަށް ބުނެލި އެވެ. އެވަގުތު އަކްޝަމް ލޯރެން އަށް ދެލޯ ބޮޑުކޮށްލުމުން ލޯރެން އަންގަޔަށް ގޮތެއް ހަދާލާފައި ސޮރީއޭ ބުނެ ކުރިއަށް ޖެހިލާ ހުއްޓުނީ ބައްރާގެ ކުރިމަތީގަ އެވެ. އަދި ހިނިތުންވެލަމުން ސަލާމަށް އަތްދިއްކޮށްލި އެވެ. ބައްރާގެ ތުންފަތް މައްޗައް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވާ ލޯރެންއާ ސަލާމްކޮށްލި އެވެ.

އެއަށްފަހު ސޯފާ ގޮނޑީގެ އެއްސައިޑަށް އަތުން އިޝާރާތް ކޮށްލުމުން މަޑު ފިޔަވަޅުތަކެއްގައި ލޯރެން ގޮސް އިށީނެވެ. ބައްރާ ލޯރެން ކައިރީގައި ހާލު ކިހިނެއްތޯ ސުވާލުކުރި އެވެ. ލޯރެން ވަރަށް އުނދަގުލުން ލަސްލަހުން ރަނގަޅޭ ބުނި ގޮތުން އަކްޝަމް އަށް އިނީ ހެވިފަ އެވެ. ބައްރާ ދެން އަހާލީ އާއިލާ މީހުން ކޮބައިތޯ އެވެ. ލޯރެން އަކްޝަމް އަށް ބަލާލީ ބައްރާ ބުނީ ކީކޭކަން ނޭނގުމުންނެވެ. އެހެންކަމުން ލޯރެންގެ ބަދަލުގައި ޖަވާބުދިނީ އަކްޝަމެވެ. ލޯރެން އަކީ މަންމައެއް ބައްޕައެއް ނެތް ޔަތީމު ކުއްޖެއް ކަމާއި ބަލާބޮޑުކުރީ މަންމަ ފަރާތު ބޮޑުބޭބެ ކަން ބުނެދިނެވެ. އަދި މީގެ އަހަރެއް ކުރިން ރާއްޖެއަށް ބަދަލުވީ އެކޮޅުގައި އުޅޭހިތް ނުވާތީ ކަމުގައި ބުންޏެެވެ.

އަކްޝަމް ކިޔައިދިން ވާހަކަތަކުން ލޯރެންއާ މެދު ބައްރާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް އެކަން ދައްކަން ބޭނުން ނުވީ ލޯރެންއާ އަކްޝަމްގެ ގުޅުމަކީ ބައްރާ އެހާ ހިތްހަމަޖެހޭ ގުޅުމަކަށް ނުވާތީ އެވެ.

“ދަރިފުޅުމެންގެ ފްލައިޓް އިނީ މިހާ ދަންގަޑިއެއްގަތަ؟” ބައްރާ ސުވާލުކޮށްލި އެވެ.

އަކްޝަމް ބައްރާއަށް ކަންތައްވީ ގޮތް ކިޔައިދޭން ފެށިއެވެ. އަކްޝަމް އެރަށައް އައީ އެރޭ އިރާކޮޅުގެ ވަގުތެއްގައި ކަމާއި އައީ ބައްރާއަށް ސަޕްރައިޒެއް ދޭންވެގެން ކަމުގައި ބުންޏެވެ. އަދި އައި މަގުމަތީގައި އަކްޝަމްމެން ތިބި ކާރުގައި ޖެހި ކުޑަކުއްޖެއް އެކްސިޑެންޓްވުމުން އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ވާހަކަ އެވެ. އަދި ލަސްވީ އެކުއްޖާގެ ބެލެނިވެރިއެއް އަންނަންދެން އެތަނުގައި މަޑުކުރަންޖެހުމުން ކަމުގައިވެސް ބުންޏެވެ. ހޮސްޕިޓަލްގެ ވާހަކަ ދެއްކުމުން ހަނދާނަށް އައި އެއްޗަކުން އަކްޝަމް ހަމަހިމޭންވި އެވެ. ފަން އިސްތަށިގަނޑުގައި އަތްފުނާއަޅާލުމަށްފަހު ސޯފާ ގޮނޑީގައި ލެގިލި އެވެ. އަކްޝަމް ވަރުބަލިވީ ކަމަށް ހީކޮށް ސޯފާގައި ނިދާލުމަށް ބައްރާ ބުންޏެވެ.

“ނޫން މަންމާ އަހަރެން ނިދާނީ އަހަރެންގެ ކޮޓަރީގައި” އަކްޝަމް އިންތަނުން ތެދުވަމުން ބުނެލި އެވެ.

“އެކަމަކު ދަރިފުޅާ އެކޮޓަރީގައި ވަރަށް ހިރަފުސް ގިނަވާނެ.. އެ ކޮޓަރި ސާފުނުކުރާތާ ދަރިފުޅު ދިޔަހާ ދުވަހެއް ވެދާނެ. ދަރިފުޅު އެކޮޓަރިއަށް ވަންނަން މަނާކޮށްފައި އޮތީމަ މަންމަވެސް އެވަރަކުން ވަންނަން ނޫޅުނީ” ބައްރާ ކުޑަކޮށް ހިތަހަމަނުޖެހިފައި ބުންޏެވެ.

“އިޓްސް އޯކޭ މަންމާ. އަހަރެން ނިދާނީ އަހަރެންގެ ކޮޓަރީގައި. ނިދޭ ވަރަށް ސާފު ކޮށްލާފައި މާދަން ތެދުވެ ރީތިކޮށް ސާފު ކޮށްލާނީ.” އަކްޝަމް މިހެން ބުނުމަށްފަހު ވޮލެޓުން ތަޅުދަނޑި ނަގައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އަކްޝަމްގެ ފަހަތުން ލޯރެން ދާންއުޅުމުން ބައްރާ ލޯރެން ހުއްޓުވި އެވެ. އަދި ބައްރާއާއި އެއްކޮށް އޭނާގެ ކޮޓަރިއަށް އައުމަށް ބުންޏެވެ. ލޯރެން ހިތާ ދެކޮޅަށް ނަމަވެސް ބައްރާއާއި އެއްކޮށް ގޮސް ބައްރާގެ ކޮޓަރިއަށް ވަނެވެ.

**********************************

ކައުންޓަރުގައި ދެއަތް ވިއްދާލައިގެން އިން ތިޝާ އިނީ ވިސްނުމަކަށް ގެއްލިފަ އެވެ. ތިޝާގެ ބޮލު ތެރޭގައި އެނބުރެމުން ދަނީ މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ކަންތަކެވެ.

މިރޭ ތިޝާއާ ބައްދަލު އެވީ ދުވަހަކުވެސް ބައްދަލުވާނެ ކަމަށް ތިޝާ އުއްމީދު ކޮށްގެން ހުރި މީހެއް ނޫނެވެ. އެތަކެއް ދުވަހެއް ފަހުން ކުއްލިއަކަށް އެގޮތަށް ފެނުމުން ތިޝާއަށް ވާގޮތް ބަޔާން ކޮށްދޭކަށް ނޭނގެ އެވެ. އަކްމަލްގެ ނަން ކިޔާލެވުމާއެކު ތިޝާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ތެދުވެ ދެކޮޅަށް ހިނގަން ފެށުނީ ހާސްވެފަުރި ވަރުންނެވެ.

” ތިޝާ ކޮންކަމަކާ މާހާސްވެފައި” ވަރޑް އަށް ވަދެގެން އައި ޖަނާއަށް ތިޝާ ފެނި އަހާލި އެވެ.

“ކުޑަކޮށް ބޮލުގަ ރިއްސަނީ” ތިޝާ ބޮލުގައި އަތް ޖަހާލަމުން ބުންޏެވެ.

“ހިނގާ ކެންޓީނަށް ގޮސް ކޮންމެސް އެއްޗެއް ކާލަން. އޭރަށް ރަނގަޅު ވެދާނެ” ތިޝާ ބަނޑުހައިވެފައި ހުރިވަރު އިހްސާސް ކޮށްލެވުނީ ޖަނާ މިހެން ބުނުމުންނެވެ.

އެހެންކަމުން ދެކޮޅުހެދުމެއް ނެތި ތިޝާ ޖަނާގެ ފަހަތުން ކެންޓީނަށް ދާން ހިނގައިގަތެވެ.

**********************************

އަކްޝަމް ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ކަނުއަންދިރިކަން ވެރިވެފައިވާ ކޮޓަރިއަށް އަލިކަމެއްވީ އަކްޝަމް ލައިޓްތައް ޖައްސާލުމުންނެވެ. އެންމެ ފުރަތަމަވެސް އަކްޝަމްއަށް ކަޅި ހިންގާލެވުނީ ކޮޓަރީގެ ފާރުތަކަށެވެ. ފާރުގައި ހިއްޕާފައިވާ ފޮޓޯތަކަށެވެ. އަކްޝަމް އަވަސް ހަރަކާތަކާއެކު ފޮޓޯތަކުގައިވާ ހިރަފުސްތައް އަތުން ސާފުކުރަމުން ގެންދިޔަ އެވެ. އޭގެތެރެއިން ފޮޓޮއެއް ކައިރިއަށް އަކްޝަމަށް ހުއްޓެވުނެވެ. އަދި ވަރަށް ފުންކޮށް އެފޮޓޯގައިވާ އަންހެން ކުއްޖާއަށް ބަލާލި އެވެ. ފަން އިސްތަށިގަނޑެއްގެ ވެރި މި އަންހެން ކުއްޖާގެ ތުންފަތްމަތީގައި ވަނީ އަޖައިބެއް ކަހަލަ ހިނިތުންވުމެކެވެ. އެހިނިތުންވުން ފެނި އަކްޝަމަށްވެސް ހީލެވުނެވެ. އެވަގުތު އަނގައިން ބޭރުވީ ހަމައެންމެ ނަމެކެެވެ. “ތިޝާ” މި ނަން ކިޔާލެވުމާއެކު އަކްޝަމަށް ދެލޯ މަރާލެވުނެވެ.

Share Article

Follow Me Written By

Azzo

Level 1

Other Articles

Previous

ތަޤްދީރު (28)

Next

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…12

Next
April 6, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…12

Previews
April 6, 2018

ތަޤްދީރު (28)

15 Comments!

  1. Friends says:
    April 6, 2018 at 3:59 pm

    V reethi stry eh miyy. Ummeedh kuran mifaharu medhu nukedi genass dheyne kamah..
    Keep it up.kon dhuvas thakuga stry up vaany.
    – salaam -????

    1. Friends says:
      April 6, 2018 at 4:00 pm

      First dhw

    2. Azzo says:
      April 6, 2018 at 4:03 pm

      in sha Allah medhunukendi genesdheveytho balaanan.. jazakallah khair Friends 🙂

  2. Alyss says:
    April 6, 2018 at 4:00 pm

    salhi varah
    when is the next part??
    good luck

    1. Azzo says:
      April 6, 2018 at 4:04 pm

      next part day after tommorow in sha Allah .. jazakallah kahir Alyss 🙂

    2. Alyss says:
      April 6, 2018 at 8:40 pm

      eyah vure thankolheh avahah up
      kohdhega
      v kiyaalan beynun
      plxxx

  3. Pinky shifoo says:
    April 6, 2018 at 4:49 pm

    V reethi ???… Waiting for next part

  4. Nafoo says:
    April 6, 2018 at 7:22 pm

    Masha Allah …..varah nice … Azzo..vaahaka medhunukedi genesdhey ne kamah ummeedhu kuran….❤????

    1. Azzo says:
      April 6, 2018 at 8:08 pm

      in sha Allah.. jazakallah kahir Nafoo 🙂

  5. Yaloo says:
    April 6, 2018 at 8:12 pm

    When is next part?

  6. faa says:
    April 6, 2018 at 10:59 pm

    V nice stori fast dhw

  7. Rose says:
    April 7, 2018 at 4:31 pm

    Starting varah kamudhey avahah up kohlahchey

  8. Me says:
    April 8, 2018 at 10:12 am

    Miadhu up vaane dhw…??

  9. Khaleesi says:
    April 8, 2018 at 2:30 pm

    Avahah up kohbalaga
    Story v nice

  10. unique says:
    April 9, 2018 at 6:31 pm

    i love this one heheh… u used my name wat a coincidence

Comments are closed.


All Right Reserved!