Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މި ހަޔާތް އަލިކޮށްލި ނޫރު 1

azzadhil Level 210 Stories100 Comments
March 12, 2018 5 Mins Read
13 Comments

މަރުވުމަށްފަހު މައްޔިތާއަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެމައްޔިތާގެ މައްޗަށް ހެޔޮ ދުއާ ކޮށްދިނުމެވެ. މައްޔިތާގެ މަތިން  ގިނަގިނައިން ޞަދަޤާތް ކުރުމެވެ. އެމީހުންނަށް ހެޔޮ ދުއާކޮށް އެމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުމެވެ. އަދި އެމީހުން ކޮށްފައިވާ ހެޔޮ ވަޞިއްޔަތް ފުރިހަމަކޮށް އެމީހުންގެ ގާތް ތިމާގެ މީހުންނަށް އިހްތިރާމްކޮށް ކަމޭހިތުމެވެ.

މުހީތު އޭނާގެ އެންމެ ގާތް އެކުވެރިޔާ ނަދީމްއަށް ދެމުން ގެންދިޔައީ މިފަދަ ނަސޭހަތް ތަކެވެ. އެންމެ ލޯބިވާ އަނބިމީހާ ދުނިޔެއަށް އަލްވަދާއު ކިޔުމުން ނަދީމްއަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. މުނާރް މިދުނިޔެ ދޫކޮށް ދިޔައިރު ނަވާރަ އަހަރުގެ އަންހެންކުއްޖެއް އެބަހުއްޓެވެ. މުނާރްގެ އެންމެ ފަހުގެ ވަސިއްޔަތަކަށްވީ އެދެމީހުންގެ ލޯބިވާ އަންހެން ދަރިފުޅު ތަނާއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ. އަދި އެދެބަފައިން ފަސްވަގުތު ނަމާދުކޮށް މާތްﷲ އެންގެވިގޮތަށް އުޅުމެވެ. ނަމަވެސް މިހާރު ތަނާގެ އުޅުން ހުންނަ ގޮތުން މުނާރްއަށް ވެސް އަދި ނަދީމްއަށްވެސް އެކަން ވަނީ އުނދަގޫކަމަކަށް ވެފައެވެ. މީގެ ހަތަރު އަހަރެއްހާ ކުރިން ރާއްޖޭން ބޭރަށް ދިޔައިރު ތަނާއަކީ ނަދީމްމެން އެދޭ ފަދަ ސޯލިހު ދަރިއެކެވެ. ނަމަވެސް އެކޮޅަށް ދިއުމަށްފަހު ތަނާގެ އުޅުން ބަދަލުވެ އީމާންތެރިކަން ކުޑަވެގެން ދިޔައީ އެކުވެރިވި ކުދިންތަކެއްގެ ސަބަބުންނެވެ. އަހިވަކާ ޖެހި އަހިވަށް ފާވާނެއޭ ބުނާ ފަދައިން އެމީހުންގެ އުޅުން ހުންނަ ގޮތަށް ތަނާ އުޅުން ބަދަލުކޮށްލީ މައިންބަފައިން ދިން ހެޔޮ ނަސޭހަތް ހަނދާން ނައްތާލުމަށްފަހުގައެވެ.

” ތަނާގެ މިހާރުގެ އުޅުން އެހުރީ އެއްގޮތަކަށްވެސް ކަމުދާ ކަހަލަ ގޮތަކަށް ނޫން.. މުނާރްކުރި އެންމެ ބޮޑު ހިތާމައަކަށްވީވެސް އެކަން.. ތަނާ ބޭރަށް ކިޔަވަން ފޮނުވުމަކީ އަހަރުމެންނަށް ކުރެވުނު އެންމެ ބޮޑު ކުށް… ބޭރަށް ގޮސް އެކުވެރިވި ކުދިންތަކެއް ސަބަބުން އަހަރެންގެ ތަނާގެ މަގުއޮޅިއްޖެ.. ތަނާ އަށް ރަނގަޅު މުސްތަޤުބަލެއް ހޯދާދޭނެ ގޮތެއް އަހަންނަކަށް ނުވިސްނޭ.. ގިނަވަގުތު އެހޭދަކުރަނީ ބޭރުގަ.. އަބަދުވެސް އުޅޭނީ ކޮންމެވެސް އަރާޝަކާއި އެއްކޮށް.. އެދެމީހުން އުޅޭލެއް ގާތްކަން އަހަރެންގެ މިދެލޮލަށް ފެނިފަ ހުރީ.. ހަމަގައިމުންވެސް އަރާޝްއާއި އެއްކޮށް އަހަރެން ތަނާއަށް ރަނގަޅު މުސްތަގުބަލެއް ނުލިބޭނެ.. އަހަރުމެންގެ ދަރިފުޅު އަހްލާޤް ރަނގަޅު ދީންވެރި ކުއްޖަކަށް ހެދުމުގައި އަހަރުމެން ފެއިލް ވެއްޖެ.. މުހީތު އަހަރެން ދެން ކިހިނެއް ހަދާނީ.. ” ނަދީމް އޭނާގެ ރަހުމަތްތެރި މުހީތު ކައިރީ ރޮއެފައި ބުނަމުން ދިޔައެެވެ.

އިސްކޮޅުން ދިގު، ތުނބުޅި މެޔާ ހިސާބަށް ހުންނަ މުހީތުއަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރި ވެރިއެވެ. އަބަދުވެސް މީހުންނަ ހިތްހެޔޮ އެހާމެ ދީލަތި މީހެކެވެ. އަދި އެހާމެ ދީންވެރި، މާތްﷲގެ ރަސޫލާގެ ސުންނަތަށް ލޯބިކުރާ ފަރާތެކެވެ. ދިމާނުވާތާ ދުވަސްވެފައިވާ ރަހުމަތްތެރިޔާ ނަދީމް އާއި ބައްދަލުކުރަން އައީ ނަދީމްގެ އަންހެނުން މުނާރްގެ ކުއްލި މަރުގެ އަޑުއިވުމުންނެވެ. ނަދީމްގެ ވާހަކަތައް އަޑުއަހާފައި މިވަގުތު ނަދީމްގެ ހާލަތުހުރި ގޮތުން މުހީތު އެކަމާ ހިތާމަ ފާޅުކުރިއެވެ.

” އަދިވެސް ނަސޭހަތްތެރިވޭ އެމަންޖެއަށް.. އެމަންޖެއަށް ހިދާޔަތް ދެއްކެވުމަށް އެދި މާތްﷲ ކިބައަށް ދުޢާކުރޭ… ” މުހީތު ނަދީމްގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ.

” އަހަންނަށްވެސް މުނާރަށް ވެސް ވަރަށް ގިނަ ފަހަރަށް ނަސޭހަތްތެރިވެވިއްޖެ.. މިހާރު އަހަރެން މިހުރީ މުސްކުޅިވެ ގައިން ބާރުދެރަވެފައި.. ތަނާ އެހުރީ ހިފެހެއްޓޭ ވަރަށް ވުރެ މާދުރުގައި… އޭނާ ރަނގަޅުކުރެވޭ ވަރުގެ ފަރާތެއް މިދުނިޔެއަކު ނެތް.. ” ބޮލުގައި ހިފަހައްޓާލަމުން ނަދީމް ބުނެލިއެވެ.

” ތިހެން ނުބުނޭ ނަދީމް.. އެހެން ނޫނީ ގޮތެއް އެބައޮތް.. ރަނގަޅު ދީންވެރި މީހަކު ހޯދައިގެން އެމަންޖެ މީހަކާ ދެވަންވީނު.. އޭރުން ފަހަރެއްގަ އުޅުމަށް ބަދަލު އައިސްދާނެއްނު.. ” މުޙީތު ހިތުގައިވާ ހިޔާލު ފާޅުކޮށްލިއެވެ.

” ތިކަން ކުރަންޖެހޭނީ ގަދަ ބާރުން.. އެހެންނޫނަސް ކާކު އަހަރެންގެ ތަނާފަދަ އުޅުމެއް ނެތް ކުއްޖަކާ އިންނާނީ” ނަދީމް ބުނެލިއެވެ.

” ނޫނޭ ނަދީމް.. ގަދަ ބާރުން އެއްވެސް ކަމެއް ކުރުވާނެ ކަމެއް ނެތް.. ކައިވެންޏަކީ މުޅި އުމުރަށް ޖަހާލެވޭ ވަރުގަދަ ގޮށަކަށް ހެދުމަށްޓަކާ އިހްތިޔާރު ކުރަންވާނީ އަހްލާޤް ރަންގަޅު ދީންވެރި ކުއްޖެއް.. އިންޝާﷲ އަދި އެމަންޖެއަށް ވިސްނޭނެ.. ނަދީމް އެކަމާ ފިކުރުނުކޮށް، މާތްﷲ ކިބައަށް ދުޢާކުރޭ އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިނުކުރާނެ.. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އަދި ގޯސްކޮށް ކަމެއްވިޔަސް އޭގެ ފަހަތުގައި ރަނގަޅު ސަބަބެއް ވާނެ…” ނަދީމްގެ އަތުގައި ހިފާ ބާރުކޮށްލަމުން މުޙީތު ބުންޏެވެ.

” ދެން އަހަރެން ގޮސްލީ.. މިހާރު އަހަރެންގެ ދަރިފުޅު ނޫރު ހުންނާނެ މިސްކިތް ކައިރީގައި އަހަރެންގެ އިންތިޒާރުގަ… އިރުކޮޅަކުން އަސުރު ބަންގިގޮވާނެ.. ވަގުތަށް ނަމާދަށް ނޭރުނިއްޔާ ނޫރުގެ މުޅި ދުވަސްވެސް ޙަރާބުވީ.. ދެން ގޮސްލަނީ” މިހެން ބުނެ މުޙީތު ދާން ތެދުވިއެވެ.

” އާނ އެންމެ ރަނގަޅު.. އަހަރެންވެސް ފެންވަރާލައިގެން ނަމާދަށް މިދަނީ.. ދެން އަންފަހަރަކުން މުޙީތުގެ ދަރިފުޅުވެސް ގެންނައްޗެ… އެސޮރުވެސް މިހާރު ވަރަށް ބޮޑުވެދާނެ ކަންނޭނގެ..” ތެދުވެ މުޙީތުއާއި ސަލާމް ކޮށްލަމުން ނަދީމް ބުންޏެވެ. އެއަށްފަހު ދެރަހުމަތްތެރިން ވަކިވީ އަދި އެއްފަހަރު ބައްދަލުވުމަށް ދުވަސް ކަނޑައެޅުމަށްފަހުގައެވެ.

 

ލޯގަނޑު ކައިރީ ގައި އަމިއްލަ ސޫރައަށް ބަަލަން ތަނާ ހުރިއިރު އެސިކުނޑީގައި ވަނީ ލޯބިވާ މަންމަ މުނާރްގެ ހަނދާންތަކެވެ. ދެރަވަނީ މަންމަގެ އެންމެ ފަހު ވަގުތުވެސް މަންމަ ކައިރީ ނުހުރެވުނީމައެވެ. މުނާރް ހޮސްޕީޓަލަށް ގެންދިޔައިރު ތަނާ ވަނީ އޭނާގެ ލޯބިވެރިޔާ އަރާޝްއާއި އެކު މާފޮޅުވުމުގައި މަޝްއޫލުވެފައެވެ. އެކަމާ ތަނާ ދެރަވިނަމަވެސް އަރާޝްއާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން އިންތިހާއަށް އުފާވިއެވެ.

ޑްރެސިންގް ޓޭބަލް މަތީގައި އޮތް ތަނާގެ ފޯނު ރިންގުވާން ފެށީ ހަމައެވަގުތުއެެވެ. ފޯނަށް އަރައި އޮތް އަރާޝްގެ ނަންފެނުމާއެކު ތަނާ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އަވަސް އަވަހަށް ފޯނު ނެގުމަށްފަހު މިނިކުންނަނީއޭ ބުނެ އެހާމެ އަވަހަށް ފޯނުބޭއްވިއެވެ. އެއަށްފަހު އަވަސްއަަވަހަށް ރީތިގޮތަކަށް ޝޯލް އަޅާލިއެވެ. އެއަށްފަހު ތުންފަތުގައި ގަދަ ފިޔާތޮށި ކުލަ ޖައްސާލުމަށްފަހު އަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އެއަށް ފަހު ދަބަސް ހިފައިގެން ނިކުންނަމުން ލައިގެން ހުރި ފަޔަށް ބާރު ވަނާތައް ފާޅުވާ ސްކިނީގެ ފައިކުރި ކުޑަކޮށް އޮޅާލުމަށްފަހު ފައިވާން ހަރުގަނޑުން ހުދު ކުލައިގެ ހައި ހީލްސްއެއް ނަގާ އޭގެއަށް އަރާލިއެވެ. އެއަށްފަހު ފަރިގޮތަކަށް ހިނގާފައި ކޮޓަރިން ނިކުތްތަނާހެން އެރުނީ ނަދީމްގެ ކުރިމައްޗަށެވެ.

” ކޮންތާކަށް ” ނަދީމް ކޮށްލި ސުވާލުން ތަނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

” އަރާޝް އާއެކު ބީޗަށް ގޮސްލަން ކަމަށް.. ” ނަދީމްގެ ސުވާލުން ހިތްހަމަ ނުޖެހުނަސް ތަނާ ޖަވާބު ދިނީ މަޑުމައިތިރިކަމާއެކުއެވެ. ބައެއް ފަހަރު މުނާރްއާއި ދެބަސްވިޔަސް ނަދީމްއާއި ދެބަސްވުމަކީ ތަނާ އެއް އިރަކުވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. ގިނަ ފަހަރު ނަދީމް ހިތްހަމަ ނުޖެހިގެން އެއްޗެކޭ ބުންޏަސް ތަނާ ހިޔާރު ކުރަނީ މަޑުމައިތިރިކަމެވެ.

” އަދި އަވަހެއްނު ތަންތަނަށް ގޮސް މަޖާ ކުރަން.. މުނާރްގެ އެންމެ ފަހު ވަގުތުވެސް ތަނާއަށް މުނާރް ކައިރީ ހުރެވުނީއެއްނޫން..” ނަދީމް ހިތްހަމަނުޖެހިފައި ބުންޏެވެ. މިކަމާ ތަނާ ހިތްހަމަ ނުޖެހުނު ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ ބެލިއެވެ.

” އަބަދު ގޭގަ އިންނަނިކޮށް ބޯގޯސް ވެދާނެއްނު.. ބޭރަށް ގޮސް ހިނގާލަނިކޮށް މައިންޑް ފްރެޝް ވެދާނެ.. އެހެންނޫނަސް އަހަރެން ދިޔަސް ދަނީ އަރާޝް އާއި އެކީގައެއްނު.. ޕްލީޒް ބައްޕާ.. އަހަރެން ދިޔަދ……” ތަނާއަށް ފުރިހަމައެއް ނުކުރެވުނެވެ.

” ކޮން އަރާޝްއެކޭތަ އަބަދު ތިކިޔަނީ.. ބުނަންތަ ވާހަކައެއް.. މިހާރު ތަނާގެ ކަންތައް މާމައްޗަށް ތިދަނީ މީގެ ފަހުން މިގެއިން ނިކުމެގެން ނުވާނެ… ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް އަހަންނަށް ވުރެ ނުބައި މީހަކު ނެތް ކަން އަންގާލަދޭނަން.. ހަމަ މިހާރު ވަދޭ ކޮޓަރިއަށް.. މިހެން ނުހަދާ ތަނާ ގެންގުޅެވޭކަށް ނެތް” ކޮޓަރިއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ނަދީމް ބުނުމާއެކު ރުޅިއައިސްގެން އަތުގައި އޮތް ދަބަސް އެއްލާލަމުން ބާރު ހިނގުމެެއްގައި ތަނާ ގޮސް ކޮޓަރިއަށް ވަދެ އަތަށް ލެވުނުހާ ބާރެއް ލާފައި ދޮރު ލެއްޕިއެވެ.

ރުޅިގަނޑު ހަމައަކަށް އަޅުވާލަމުން ނަދީމް ދެފަރާތަކަށް ބޯހޫރާލުމަށްފަހު އަނބުރާގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ނަދީމް ކޮޓަރިއަށް ވަންތާ އިރުކޮޅެއް ފަހުން ތަނާ މަޑުމަޑުން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ބޯދިއްކޮށްލިއެވެ. ނަދީމްގެ ކޮޓަރީގެ ދޮރު ލައްޕާލާފައި ވާތަން ފެނުމުން ދެން ނަދީމް ނިކުންނާނީ އިޝާ ނަމާދުކޮށްގެން ކަން ތަނާއަށް އެނގެއެވެ. އެހެންކަމުން މަޑު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނިކުމެ އެއްލާލެވުނު ދަބަސް ނަގައިގެން މަޑު ފިޔަވަޅުތަކެއްގެ ސިޑިން ފޭބިއެވެ. އެއަށްފަހު އަވަސް ފިޔަވަޅުތަކެއްގެ ގެއިން ނިކުމެ ދޮރު ލައްޕާލުމަށްފަހު ގޭގެ ބޮޑު ގޭޓުން ބޭރަށް ނިކުތެވެ. އޭރު ތަންކޮޅެއް ދުރުގައި ސައިކަލު މަތީގައި އިށިންދެލައިގެން އަރާޝް އިނެވެ. އަރާޝް އަތުގެ އިޝާރާތުން ލަސްވެއްޖެކަމަށް ބުނުމުން ތަނާ ކަންފަތުގެ ކުޑަފޫޅާއި ދިމާއިން ކުޑަކޮށް ހިފާލީ މާފަށް އެދުމުގެ ގޮތުންނެވެ. އަރާޝް އެއީ އެވަރުކަމެއް ނޫން ކަމަށް ބުނެ ތަނާގެ ކޮލުގައި ހިފާލަމުން ތަނާގެ ރީތިކަމަށް ތައުރީފުކޮށްލިއެވެ. މިކަމާ އިންތިހާއަށް އުފާވެފަ ހުރި  ތަނާ އަރާޝްގެ ސައިކަލަށް އެރުމާއެކު އަރާޝްވެސް މަޑުނުކޮށް ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާލިއެވެ.

އަރާޝް އާއި ތަނާ ވާހަކަ ދައްކަން މަޑުކޮށްލައިގެން ތިބީ އާޓިފިޝަލް ބީޗުގެ ހިލަގޮނޑިތަކުން ގޮނޑިއެއްގައެވެ. ދެމީހުން ލޯބިން ވާހަކަ ދައްކަމުން ދިޔައިރު ތަނާގެ ތުނި ހިމަ ދިގު އިންގިލިތައް ވަނީ އަރާޝްގެ އިނގިލިތަކަށް މަހާލެވިފައެވެ.

” އަރާޝް ކޮންއިރަކުތަ މެރީ ކުރާނީ.. މިހާރު ކިހާ ދުވަހެއް މިވަނީ ރައްޓެހިވެގެން އުޅޭތާވެސް… ” ތުއި ގޮތަކަށް އަރާޝްގެ ކޮނޑުގައި ބޯއަޅަލަމުން ތަނާ އަހާލިއެވެ. އެފަދަ ގައިގޯޅިގޮތަކަށް އިންއިރު މީހުންގެ ބެލުން ތަކާއި ފާޑުކިޔުންތަކަށް  ތަނާ ފަރުވާލެއް ނެތް ކަހަލައެވެ. ހިލޭ ފިރިހެނަކާއި އެކު އެފަދަ ގައިގޯޅިގޮތަކަށް އިންއިރު އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ފަރާތްތެއް ވާކަމާއި އެކަލާނގެ ފަރާތުން ކޮންމެ ފަދަ ވަގުތެއްގައިވެސް ކޯފާއެއް އައިސް ދާނެ ކަމުގެ ބިރުވެސް ހީނުވާ ކަހަލައެވެ.

” ބޭބީ ކިހިނެއް ތިބުނާހާ ފަސޭހައިން އިންނާނީ. އެނގެއެއްނު ވަޒީފާއެއް ހޯދަންވެގެން އަރާޝް ކުރާ މަސައްކަތް… ހަަަމަ އެއްވެސް ތާކުން ލައްވާނުލައިގެން މިއުޅެނީ.. އެހެން ނޫނަސް އަހަރެންކަހަލަ ދެރަ ނިކަމެއްޗަކަށް ވަޒީފާއެއް ދޭނީވެސް ކާކު” ތަނާއަށް ދެއްކުމުގެ ގޮތުން ދެރަވެފައި އިނދެ އަރާޝް ބުނެލިއެވެ.

” އަހަންނަށް އެއްވެސް ކަމެއް ނޫން އަރާޝް އަށް ވަޒީފާ ހޯދަދޭން.. އަރާޝް ހަމައެކަނި އަހަންނާ އިންނަން އެއްބަސްވޭ.. އޭރަށް ވަޒީފާ ކީއްކުރަން އަހަރެންގެ ބައްޕަގެ އޮފީހުގެ މަތީ މަގާމެއްވެސް އަރާޝް އަށް ހޯދަ ދޭނަން.. ” ތަނާގެ ޖަވާބުއައީ އަރާޝް ބޭނުންވިފަދަ ގޮތަކަށެވެ.

” އަސްލުވެސްތަ ދޫނީ.. އެކަމް ބޭބީގެ ބައްޕަ އަހަންނާ ޤަބޫލުވާނެތަ.. މިބުނީ އަހަންނަކީ ނިކަމެތި ފަގީރެއް.. ބޭބީ ތި ބޮޑު މުއްސަންޖެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު…” އަރާޝް ލޮލުގެ ކަނަކުން ކޮނޑުމަތީގައި ބޯއަޅައިގެން އޮތް ތަނާއަށް ބަލާލަމުން ބުންޏެވެ.

” ދެން އަރާޝް ތިހެން ނުވިސްނަބާ.. އަހަރެންގެ ބައްޕައަކީ ވަރަށް ރަނގަޅު މީހެއް.. އަހަރެން އަނގަނެރެ ބައްޕަ ކައިރީ ބުނެފިއްޔާ ބައްޕައަކަށް ނުކެރޭނެ ނުކޮށްދީއެއް… ޔޫ ޑޯންޓް ވޮރީ.. ” އަރާޝްގެ މޫނުގައި ދެފަރާތުން ހިފާލަމުން ތަނާ ބުންޏެއެވެ. އަރާޝް ހީލަމުން ބޯޖަހަލާމާއެކު އަނެއްކާވެސް ތަނާ ކުރިން އޮތް ގޮތަށް އަރާޝްގެ ކޮނޑުގައި ބޯއަޅާލިއެވެ. އެވަގުތު އަރާޝް ހިތްހަމަ ޖެހުމުގެ ނޭވައެއް ލަމުން ފަތަހައިގެ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްލީ އިންތިޒާރުގެ ނިމުން ގާތް ވެއްޖޭ ހިތަށް އެރުމުންނެވެ.

………………….

ނޫރު އޭނާގެ ތަންމަތިން ކަންނެތް ކަމާއެކު ތެދުވީ ލޮލަށް ނިދިބަރުވެފައިވާ ހާލުގައެވެ. މެންދަމުގެ މިވަގުތުގައި ނިންޖަކީ މާ މުހިންމު އެއްޗެއް ކަމަށް ނޫރަކަށް ނުވެއެވެ. އޭގެ ބަދަލުގައި އެހަމަހިމޭން ވަގުތުގައި ތެދުވެ މާތްﷲގެ ކިބައަށް އަޅުކަން ކޮށްލުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. މާތްﷲ ހަނދުމަކޮށް އެފަރާތަށް ދުއާ ކޮށް ޒިކުރުކޮށްލުމުގައި މިއަށް ވުރެ ރަނގަޅު ވަގުތެއް ވޭހެއްޔެވެ.

އަވަހަށް އެނދުން ތެދުވެ ފާހަނައަށް ވަދެ ވުޟޫކޮށްލައިގެން އަވަސްވެގަތީ ދަމު ނަމާދުކުރުމަށެވެ. އެއަށް ފަހު ފަތިސްނަމާދު ބަންގި ގޮވަންދެން ހޭދަކުރީ ގުރުއާން ކިޔެވުމުގައެވެ. ބަންގިއަށް ފަހު ފަތިސް ނަމާދުކޮށް ނިންމާލިއިރު އެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވެއެވެ. ހެނދުނުގެ ޒިކުރު ކިޔާ ނިންމާލުމަށްފަހު އިރުއަރަންދެން ހޭދަކުރީ ޤުރުއާން ކިޔެވުމުގައެވެ. އެއަށްފަހު ބަދިގެއަށް ގޮސް އަމިއްލަ އަށް ކޮފީއެއް ހަދައިގެން ބެލްކަންޏަށް ނިކުމެލީ މީހުން ކިޔައިއުޅޭ ‘ބޭސްއަވިކޮޅު’ގެ އަރާމު ލިބިގަތުމަށްޓަކައެވެ. ނޫރުގެ ހަށިގަނޑުގައި ވިޓަމިން ޑީގެ ބައި މަދުވުމުން ޑޮކްޓަރުވަނީ އެގޮތަށް ކަންތައް ކުރުމަށް އަންގާފައެވެ. ހިކިކޮށް ދިގުކޮށް އަދި ހަންގަނޑުގެ ކުލަ އެހާ އަލިނޫން ނޫރަކީ އޭނާގެ ބައްޕަ ފަދައިން ހެޔޮހިތެއްގެ ވެރިއެކެވެ. ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން އެންމެ ބޮޑަށް ދަސްވެފައިވާ އެންމެ ބޮޑު ކަމަކީ މާތްﷲ އެންގެވި ގޮތަށް އުޅުމާއި ކީރިތި ރަސޫލާގެ ސުންނަތަށް ލޯބިކުރުމެވެ. މޫނުމަތީގައި ވާތް ފަރާތުގެ ކަންފަތާއި ހިސާބުން ފެށިގެން މަތީ ތުންފަތާއި ހަމައަށް ރޮނގެއްހެން ބޮޑު ލަކުނެއް ހުއްޓަސް ބަލާލަން ހަޑިއެއް ނޫނެވެ. ދަތް ދޮޅިން ފެށިގެން ތިރިއަށް ތިންއިންޗި ވަރަކަށް ދިގުކޮށްފައިވާ ތުނބުޅިން ނޫރުގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ.

-ނުނިމޭ-

 

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ތަޤްދީރު (11)

Next

ނޫރު (ނަވާޅީސްވަނަ ބައި)

Next
March 12, 2018

ނޫރު (ނަވާޅީސްވަނަ ބައި)

Previews
March 12, 2018

ތަޤްދީރު (11)

13 Comments!

  1. އިޒްވާ says:
    March 12, 2018 at 6:20 pm

    ވަރަށް ރީތި

  2. Reem says:
    March 12, 2018 at 6:25 pm

    Varrahh furihama?

  3. Fathun says:
    March 12, 2018 at 6:34 pm

    Varah varah veethivaane kaman unmeedhu kuran

  4. Eenash says:
    March 12, 2018 at 6:39 pm

    V reethi ma sha Allah.

  5. Yaania says:
    March 12, 2018 at 7:32 pm

    Masha Allah. V reethi vaahaka.. Keep up your good work..???

  6. Zaaraa says:
    March 12, 2018 at 7:56 pm

    Heevy v reethi vanehen … When next part

  7. Pinky shifoo says:
    March 12, 2018 at 8:01 pm

    Maasha Allah v reethi ?

  8. Xxxx says:
    March 12, 2018 at 8:23 pm

    Varah furihama…i like your stories… waiting?

  9. Saadhu says:
    March 12, 2018 at 8:37 pm

    Maashaa Allah v furihama.anekaa ves vahakaye kiyaala libuneethi v ufaave.

  10. Hairaan says:
    March 12, 2018 at 8:49 pm

    Masha Allah Varah ibraiytheri

  11. shanhaa says:
    March 13, 2018 at 12:03 am

    masha allah varah reethi heevani varah ibrahthyri vaahaka akah vaany hen

  12. Xaaaan says:
    March 13, 2018 at 10:03 am

    Masha allah❤

  13. Samhaa says:
    March 17, 2018 at 5:55 pm

    Maasha Allaah❤?

Comments are closed.


All Right Reserved!