ސުނޯހައުސް ގޯތި އެންމެން މަގުމަތީގައި ތިބެ، ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އިލްހާމް އަންނާނެ ވަގުތަކަށެވެ. އެ އެންމެންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ނަމަވެސް އިލްހާމްގެ ބަސް ޤަބޫލުކޮށް ގެޔަށް ވަނުމުގެ ވިސްނުމެއް އެކަކުވެސް ނުގެންގުޅެއެވެ. ޞަފިއްޔާ އަތުގައި ބާރަށް ހިފަހައްޓައިލައިގެން އިންޝާ ހުރި އިރު މަގުގެ އަނެއް ފަޅީގައި ދީޕިކާ ހުރީ ދުރުން އެ މަންޒަރު ބަލާށެވެ. އެގެޔާ ކައިރިވުމަށް އޭނާ ޖެހިލުންވާ ކަހަލައެވެ. ނިހާ ހޮސްޕިޓަލުން ގެޔަށް ގެނައިންސުރެ ނިހާގެ ފަރާތުން ފެނުނު ކަންތައްތައް ކުރުގޮތަކަށް ޝައްދާދުއަށް ނަޒީލް ކިޔައިދެމުން ދިޔައެވެ. ނިކާލް ގޭޓުގެ ދަނގަޑުތަކުގައި ހިފަހައްޓައިލައިގެން ގޯތި ތެރެއަށް ބަލަން ހުއްޓެވެ. އިރުއޮއްސިފައި ވުމާއެކު ސުނޯހައުސް ގޯތި ތެރެއަށް ވަނީ އަނދިރިކަން ފެތުރިފައެވެ. ނަމަވެސް މަގުމަތީގައި ހުރި ހޮޅިބުރި ތަކުން ގޯތި ތެރެއަށް ކޮންމެވެސް ވަރަކަށް އަލިކަން ފޯރައިފައި ހުއްޓެވެ.
އިސާހިތަކު ހަބަރު ދަބަރު އޮޅުންފިލުވުމަށް ރަށު ރައްޔިތުން ސުނޯހައުސް ކައިރަށް ޖަމާވާން ފެށީ ހިންޏަށް ހަކުރު ފެނިގެން އުޅޭ ބީދައިންނެއެވެ. މަގުމަތިން ދިޔަ މީހުންވެސް ހުއްޓި ސުވާލުތައް ކުރަން ފެށިއެވެ. އެންމެންގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ ނަޒީލެވެ. ނިހާ ޖިންނި މޮޔަވީކަމަށް ނަޒީލް ބުނަމުން ދިޔައިރު އެގޭ އެހެންމީހަކަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.
ނިކާލް ބޭރުގައި ހުއްޓަސް އޭނާގެ ހިޔާލުތައް ހުރީ ނިހާއާ އެކުގައެވެ. ނިހާ އެކަނިމާއެކަނި ކޮޓަރީގައި އޮވެގެން ކުރާނީ ކީއްބާއޭ ނިކާލްގެ ހިތަށް އަރަމުން ދިޔައެވެ. އެކަނިވެރިކަންމަތީ އެ ބިރުވެރިކަމާ ކުރިމަތިލާނެ ހިތްވަރު ނިހާގެ ހުންނާނެ ބާއެވެ؟ ނިކާލްގެ ހިތަށް އުނދަގޫވާ ގޮތްވިއެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއެކު ނިކާލްގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ނިކާލް ބޭނުންވަނީ ގެޔަށް ވަދެ ނިހާގެ ގާތުގައި ހުންނާށެވެ. ނިހާއަށް ހިތްވަރު ދޭށެވެ. ނަމަވެސް އޭނާ ގެޔަށް ވަނުމަށް މަންމަމެން ހުރަސް އަޅާނެތީ ކެތްކޮށްލައިގެން ހުރީއެވެ. ހާސްވެ، ކަންބޮޑުވެފައި ހުރި ނިކާލް އިރުއިރު ކޮޅާ ގަޑި ބަލާލައެވެ. ބައްޕަ ދިޔަފަހުންވެސް ބައި ގަޑިއިރުވީއެވެ. އަދިވެސް ބައްޕަ އަންނާކަށް ނޫޅެއެވެ. ނިކާލަށް ނުހުރެވިގެން ބައްޕައަށް ގުޅުމުން ފޯނަށް ޖަވާބެއްވެސް ނުދިނެވެ.
ނިކާލް ހާސްވެފައި ހުރެ، ގޭޓް ދޮރުމަތީ ދެކޮޅަށް ދެކޮޅަށް ހިނގަންފެށިއެވެ. ކުއްލިއަކަށް ނިހާގެ ހަޅޭކުގެ އަޑުއިވުނެވެ. އެންމެންގެ ނަޒަރު ގޯތި ތެރެއަށް ހުއްޓުނެވެ. ދުރުގައި ބަލަން ތިބި މީހުންވެސް ގޭޓާ ކައިރިވެލިއެވެ. ނިހާ ގެއިން ނުކުމެގެން ގޭޓާ ދިމާއަށް ދުވެފައި އައި މަންޒަރުފެނިފައި ނިކާލްގެ ހިތް އަވަސްވިއެވެ. ނިކާލް އަވަސް އަވަހަށް ގޭޓާ ކައިރިވެލަމުން ބާރަށް ދަނގަޑުތަކުގައި ހިފަހައްޓައިލިއެވެ. ނިހާ ހަޅޭލަވަމުން ފަހަތް ބަލަމުން ދުވެފައި އައިއިރު ހީވަނީ އޭނާގެ ފަހަތުން މީހެއް އަންނަ ހެންނެވެ. ގޭޓު ކައިރިއަށް ހުއްޓި ނިކާލްގެ އަތުގައި ނިހާ ބާރަށް ހިފަހައްޓައިލިއިރު މާނޭވާ ލެވެއެވެ. އޭރު ނިހާ ހުރީ ދަލުން ފެންވެރިފައެވެ.
“..ނިކް ޕްލީޒް.. ގޭޓް ހުޅުވާ..” ނިހާ ފަހަތް ބަލަމުން ވާހަކަ ދައްކަން ފެށިއެވެ. “..އަހަރެން ސަލާމަތް ކުރޭ! ނިކް ޕްލީޒް ހުޅުވާ! އޭތި އެ އަންނަނީ އޭ!..”
“..ހަމަޖެހި ބަލަ ނިހާ!..” ނިހާގެ މޫނުމަތީގެ ދެފަރާތުން ހިފަހައްޓައިލަމުން ނިކާލް ބުންޏެވެ.
ނިކާލް ފަހަތަށް އެނބުރި ޝައްދާދު އަތުގައި އޮތް ތަޅުދަނޑިފައްޗަށް ބަލާލިއެވެ. ތަޅުދަނޑިފަތި ދޭށޭ ބުނެގެން ލިބޭނެކަމުގެ ޔަޤީންކަމެއް ނިކާލަށް ނެތެވެ. ވަގުތުން ތަޅުދަނޑިފަތި ޖަހައިގަތުމަށްފަހު ނިކާލް އަވަސް ވެގަތީ ދޮރު ހުޅުވާށެވެ. ނަޒީލް އައިސް އެކަމަށް ހުރަސްއެޅިއެވެ.
“..ބައްޕަ ބުންޏެއްނު! ގެޔަށް ނުވަންނަން!..” ނަޒީލް ހަނދާންކޮށްދިނެވެ. “..ތި ނުވެދާނެ ނިހާއަށްވެސް! ބައްޕަ އަންނަދެން މަޑުކުރޭ! އެ ޖިންނި އޭނާގެ ހަށިގަނޑު ތެރޭގައި އަދިވެސް އުޅޭނެ!..”
“..މަ މިއުޅެނީ ނިހާ ބޭރަށް ނެރެން!..” ނިކާލް އަވަހަށް ބުނެލިއެވެ.
“..ބައްޕަ ގެޔަށް ވަނުން މަނާކޮށްފައި އޮތިއްޔާ ތި ދޮރު ނުހުޅުވާ! ނިހާ ބޭރަށް ނެރުންވެސް ރައްކާތެރިއެއް ނޫން!..” އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ބުނެލި އަޑު އިވުނެވެ.
ނިހާ ބިރުން ތެޅި ފޮޅެނީއެވެ. ނިކާލަށް އެމަންޒަރު ބަލާކަށް ފަސޭހައެއް ނޫނެވެ. ބައްޕަ ބުނެފައިވަނީ ގެޔަށް ނުވަނުމަށެވެ. ނިހާ ބޭރަށް ނުނެރުމަށް ބުނެފައެއް ނުވެއެވެ. ނިކާލް އެންމެނާ ދެކޮޅަށް ތަޅުހުޅުވާލިއެވެ. ދޮރުފަތް ހުޅުވާލުމަށް އުޅުމުން ނިހާ ފަހަތަށް ޖެހުނެވެ. ކުއްލިއަކަށް ނިހާ ގަޔަށް ބާރު ގަނޑެއް އަރާފައި ވެއްޓެން ދިޔައެވެ. ނިކާލް ބާރަށް ގޮސް ނިހާ ގައިގާ ހިފެހެއްޓިއެވެ.
“..ކަލޭ ކަންފަތަށް ހުންނަނީ ވާލު ގޮރު އެޅިފަތަ؟..” ނިހާ ނުލަފާ ވައްތަރަކަށް ހޭންފެށުމާއެކު ނިކާލްގެ މެޔަށް ފިނިވެގެން ދިޔައެވެ. ވަގުތުން ނިހާގެ ގައިން ދޫކޮށްލަމުން ނިކާލަށް ދުރަށް ޖެހިލެވުނެވެ. އޭނާއަށް މިކުރެވުނީ ކޮންކަހަލަ މޮޔަ ކަމެއް ހެއްޔެވެ؟
ކަލޭ ބަފާ ގާތު ބުނިން މަށާ ނިހާއާ ދެމެދަށް އެޅޭ ހުރަހަކަށް ވެގެން ނުވާނޭ!.. އެއަޑެއް ނީވުނު..” ނިހާގެ ހުނުން މެދު ކެނޑުނުއިރު އަޑުގައި ވަނީ ރުޅިވެރިކަމެވެ.
ނިކާލަށް ހެދުނު ގޯސް ވިސްނުމުން ގޯތި ތެރެއިން ނުކުތުމަށް އަވަސްވެގަތެވެ. ނަމަވެސް އޭރު ވަގުތު ފާއިތު ވެއްޖެއެވެ. ނިކާލްގެ އަތުގައި ނިހާ ބާރަށް ހިފަހައްޓާލުމާއެކު ނިކާލަށް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. ނިހާގެ އަތް ފޮޅުވާލަން ނިކާލް މަސައްކަތްކުރިއެވެ. ކުއްލިއަކަށް ނިކާލްގެ އަތަށް ދަމައިގަނެ، ހޫރުވާލީ ލުއި ފަތެއް ހެންނެވެ. ނިކާލް ވަރަށް ބާރަށް މަންމައަށް ގޮވާލި އަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އަޑު ކެނޑުނު އިރު އޭނާ އޮތީ ގާތަކު މައްޗަށް ބަނޑު ވަތަށް ވެއްޓިފައެވެ. ޞަފިއްޔާ މަގޭ ދަރިއޭ ގޮވަމުން ނިކާލްއާ ދިމާއަށް ދިޔައެވެ. ނަޒީލްގެ އިތުރުން އިތުރު ދެ މީހަކުވެސް ގޯތި ތެރެއަށް ވަނެވެ. ނަޒީލް ގޮސް ނިކާލް ނެގުމާއެކު އަތުގައި ހޭކިފައި ހުރި ވެލިތައް ނިކާލް ފޮޅާލިއެވެ. އޭނާގެ ބޭރުފުށުން އަނިޔާއެއް ލިބިފައި ނެތަސް މޭދަށަށް ތޫނު ތަދެއް އަރައިފައި ހުއްޓެވެ. އެ ތަދުގެ ސަބަބުން ހިނގާނެ ހިތްވަރެއް ނިކާލަކަށް ނުލިބުނެވެ.
“..މަގޭ ދަރި! ދަރިފުޅާ! އެވަރަށް ނުވަންނާށޭ ބުނީމަވެސް!..” ޞަފިއްޔާ ރޮމުން ނިކާލްގެ މޭގައި ފިރުމަންފެށިއެވެ. ނިކާލް މަންމަގެ ތުރުތުރު ލަމުންދިޔަ އަތުގައި ހިފައިލަމުން އަތް ތިރިކޮށްލިއެވެ. އޭނާ ގަދަކަމުން ކެއްސާލައިފައި ރަނގަޅުކަމަށް ބުންޏެވެ. އަދި ނަޒީލްގެ ކޮނޑުގައި އަތް އަޅުވާލައި މޭމަތީ އަތްއަޅައިލަމުން ނިހާއަށް ބަލާލިއެވެ. ނިހާއަށް ލިބުނު ކާމިޔާބަށް ބޮޑާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރަމުން އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ.
“..އޭނާ ހިފަހައްޓާ..” ގޯތި ތެރޭގައި ހުރި ދެފިރިހެނުންނަށް ބަލަމުން ނަޒީލް ހަޅޭލަވައިގަތްއިރު ނަޒީލްގެ އަތުން އިޝާރާތްކުރީ ނިހާއަށެވެ. އެމީހުން ނިހާގެ ދެފަރާތުން ދެއަތުގައި ބާރަށް ހިފަހައްޓައިލިއެވެ. ނިހާ ކުރިޔަށް ދާން މަސައްކަތް ކުރިއިރު އެމީހުން ބެލީ ދިޔަނުދީ ހިފެހެއްޓޭތޯއެވެ. ނަމަވެސް ބާރުގަދަ ދެ ފިރިހެނުންނަށްވުރެ ނިހާގެ ބާރު ގަދަކަމުން އެދެމީހުންނާއެކު ކުރިޔަށް ދާންފެށިއެވެ. އިތުރު ބަޔަކު އައިސް ނިހާ ހިފަހައްޓަން މަސައްކަތްކުރިއެވެ. ނިހާގެ ކަރަށް ވާން އަރުވާލަމުން އެންމެން ފޮޅުވާލީ ބިރުވެރި އަޑަކުން ހަޅޭލަވައި ގަންނަމުންނެވެ.
“..އެންމެންގެ ދުވަސް ދުއްވާލާނަން..” ނިހާ ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ.
އިލްހާމްއާއެކު އައި އިބްރާހީމްބެ ގޯތި ތެރެއަށް ވަނީ އެވަގުތުއެވެ. އިބްރާހީމްބެ ގޯތި ތެރެއަށް ފިޔަވަޅެއް އަޅާލުމާއެކު ނިހާ ކުއްލިއަކަށް ގޭ ދޮރާ ދިމާއަށް ނަޒަރު ބަދަލުކޮށްލިއެވެ. އިލްހާމް ޞަފިއްޔާއަށް އެންގީ ގެއިން ނުކުތުމަށެވެ. ޞަފިއްޔާއާއި ނަޒީލް ނިކާލް ގޮވައިގެން ގެއިން ނުކުތެވެ. އިބްރާހީމްބެ ތުންތަޅުވަމުން އެއްޗެހިތަކެއް ކިޔަމުން ދިޔައެވެ. އޭނާގެ ކޮނޑުގައި ކަޅުކުލައިގެ ދަބަހެއް އަޅުވާފައި އޮތްއިރު އަތުގައި ފެން ފުޅިއެއް އޮތެވެ. ސައްތާރުއާއި އިލްހާމް ހުރީ އިބްރާހީމްބެގެ ފަހަތުގައެވެ.
“..ކަލޭ މި ފުރޭތަ ފަހަތުލައިގެން ތި އައީ މަ ބިރު ގަންނާނެ ކަމަށްތަ؟..” ނިހާ މަލާމާތްކުރާ ފާޑަށް ހީގަންނަމުން އިލްހާމްއާ ދިމާއަށް ބުންޏެވެ.
އިބްރާހީމްބެ އަތް ގޮއްޓަށް ފެން ފޮދެއް އެޅިއެވެ. ތުންފަތާ ކައިރިކޮށްގެން ހުރެ އެއްޗެހި ތަކެއް ކިޔުމަށްފަހު ނިހާގެ މޫނު މައްޗަށް ޖެހިއެވެ. ހޫނު ތެޔޮ އެއްޗަކަށް ފެން ޖެހުމުން ކެކި ގަންނަ ފަދައިން ނިހާ މޫނުމަތީ ގޮސް ޖެހުނު ފެންތަށް ކެކިގަތެވެ. ނިހާގެ ހަޅޭކުގެ އަޑާއެކު މުޅި މޫނުން ދުން އަރަންފެށިއެވެ. ކުއްލިއަކަށް ނިހާ އިދިފުށަށް ދަމައިގަނެ ބިންމައްޗަށް ގުޅަޔަކަށް ޖެހުނެވެ. ހަމަ އެސިކުންތުގައި ހުރި ސީދަލަށް ކޮޅަށްވެސް ޖެހުނެވެ.
“..މަށެއް ބިރެއް ނުގަނޭ!.. ސަބްރީނާއަށް ނުވި ކަމެއް ވަކި ކަލެޔަށް ވާނެތަ؟..” ނިހާ ފެލިގަތެވެ.
އިބްރާހީމްބެ ދެވަނަ ފަހަރަށް ފެންޖެހިއެވެ. ތިންވަނަ ފަހަރަށް ފެން ޖެހުމާއެކު ނިހާގެ މުޅި ގައިން ދުން އަރަން ފެށިއެވެ. ނިހާ ބިރުވެރި އަޑަކުން ހޭރެން ފެށިއެވެ. ކުއްލިއަކަށް މުޅި މީހާ ދުންގަނޑަކަށް ބަދަލުވެ ގެއްލުނެވެ. މަންޒަރު ބަލަން ތިބި ބައެއް މީހުންގެ ހެޔަށް ގޮތްވެގެން ދިޔައެވެ. ސަލާމަތުން ތިބި މީހުން ތިބީ ބިރުން ވިރިވިރިއެވެ. އެތަނުގައި ހުންނަން ނުކެރިގެން ޝަހާދު ކިޔަމުން ގެޔާ ދިމާއަށް ދިޔަ މީހުންވެސް މަދެއް ނޫނެވެ.
“..ކިހިނެއް މިވީ؟..” އިލްހާމްގެ ހިތްހަމަޔަކަށް އަޅުވަމުން ސުވާލުކޮށްލެވުނީ ފެނުނު މަންޒަރު ޤަބޫލުކުރަން އުނދަގޫވެގެންނެވެ.
“..އެއީ ނިހާއެއް ނޫން!..” އިބްރާހީމްބެ ޖަވާބު ދިނެވެ. “..އެއީ ނިހާގެ ސިފަޖެހިގެން ހުރި އިފްރީތެއް! އިންސާނެއްގެ ސިފަޖެހިގެން ހުރުމުން އެސޮރުގެ ބާރު ދެރައީ! ޖިންނި ޝައިޠާނުން އިންސާނުންގެ ސިފަޖެހިފައި ހުންނައިރު ހިނގާނީ އިންސާނެއްގެ ޙުކުމް! އެހެންވެ އެހާ ފަސޭހައިން އެ ދިޔައީ!..”
ޖިންނީންގެ ބާރު އެންމެ ގަދަވާނީ އެސޮރުމެންގެ އަސްލު ސިފައިގައި ހުންނަ ވަގުތުތަކުގައެވެ. އެސޮރުމެންނަށް ތަފާތު ސިފަތަކުގައި އިންސާނުންގެ ލޯ މައްޗަށް ފާޅުވުމުގެ ބާރު ދެއްވާފައިވީ ނަމަވެސް އެއީ ކުރާކަށް ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ ޖިންނިން އެހެން ސޫރައަކަށް ބަދަލުވުމުން އޭތީގެ ބާރު ދައްވެގެން ދިޔުމެވެ. ޖިންނިއެއް އިންސާނެއްގެ ސިފަޖެހިއްޖެނަމަ، އެ ވަގުތުން ފެށިގެން އިންސާނެއްގެ ޙުކުމް ހިނގަންފަށައެވެ. ކުކުޅެއްގެ ސިފަޖެހިއްޖެނަމަ ކުކުޅެއްގެ ޙުކުމް ހިނގާނެއެވެ. އެއީ އެކަން އޮންނަ އުސޫލެވެ. ގިނަފަހަރަށް އިންސާނުންގެ ސިފައިގައި ނުވަތަ އެހެން ސޫރައެއްގައިވެސް ޖިންނި ޝައިޠާނުން ލޯތަކަށް ނުފެންނަ ސަބަބަކީ އެއީއެވެ. އެސޮރުމެންނަށް އޮންނަ ނުރައްކާ ބޮޑުކަމުންނެވެ.
“..މިގޭގަ އެއުޅުނީ ނިހާއެއްނޫންތަ؟ އަސްލު ނިހާ ކޮބާ؟..” އިލްހާމް ކުރިޔަށް ޖެހިލައިފައި އަހައިލިއެވެ.
“..ގޭތެރެ ބަލާބަލަ! އަވަހަށް ނިހާ އޮތް ތާކުން ހޯދައިގެން ގެނޭ!..” އިބްރާހީމްބެ ކަންތައް ކުރަންވީ ގޮތް ބުނެދިނެވެ.
“..ބޭރަށް ނެރެންވީ؟؟..” އިލްހާމް އިތުރު ސުވާލެއްވެސް ކޮށްލިއެވެ.
“..އުހުނ!..” ފަރާތް ފަރާތަށް ކަޅި އުކަމުން އިބްރާހީމްބެ ބުންޏެވެ. “..އުޑު ފެންނަ ހިސާބެއް ކަމަކު ނުދާނެ! ފެންޑާ ރަނގަޅުވާނެ! އަވަހަށް ހިނގާ! އެއްވެސް އަންހެނަކު ގޭތެރެޔަށް ނުވައްދާތި! ފަންޑިތަ ހަދަމުންދާއިރު އެހީތެރިވުމަށް 04 ފިރިހެނުން ބޭނުންވާނެ!..”
ބޭރު ތެރެއިން އެއްވެސް މީހަކު ގެޔަށް ވަނުމުގެ ހުއްދަދޭކަށް އިލްހާމް ބޭނުމެއްނޫނެވެ. ނިހާ ދައްކާ ވާހަކަތައް މުޅި ރަށަށް ފެތުރިދާނެތީ ނަޒީލަށާއި ނިކާލަށް އިލްހާމް އިޝާރަތްކޮށްލިއެވެ. އިބްރާހީމްބެއާ އެއްހަމަ އެއްގައި ހުރެ އިލްހާމް ހިނގައިގަތީ ގެޔާ ދިމާއަށެވެ. ފަހަތުން ނަޒީލްއާއި ނިކާލްގެ އިތުރުން ސައްތާރުވެސް އަޔެވެ.
ފަންޑިތަ ހެދުމުގެ ތެރޭގައި ނިހާގެ ދުވަސް ދުއްވާލުމަށް އިލްހާމްވަނީ އެދިފައެވެ. އިބްރާހީމްބެ ބޭނުންވަރަކަށް ފައިސާ ދޭނެކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދީފައެވެ. ނަމަވެސް އިބްރާހީމްބެގެ ފަރާތުން އެ ހުށައެޅުމަށް ސީދާ ޖަވާބެއް ވަނީ ނުލިބިފައެވެ. އިބްރާހީމްބެ ކަންފަތް ދަށުގައި ސިއްރުން ހުށަހެޅުނު “ޑީލް” އާމެދު ވިސްނާލުމަށް ބުންޏެވެ. އިބްރާހީމްބެގެ ތުންފަތް މައްޗަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.
**********************
ނިހާ ވޭދަނަ ތަޙްޤީޤުކުރަމުން ދާ ބައިވެރިންގެ މެދުގައި ކުއްލި ބައްދަލުވުމެއް ބޭއްވުނެވެ. އެ ޓީމުގައި ހިމެނެނީ ފައިރޫޒްއާއެކު ޖުމްލަ ހަތަރު ބައިވެރިންނެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖެނު ކޮޓަރީގައިވާ މޭޒު ކައިރީ ތަހްޤީޤު ޓީމުގެ ކުދިންތައް އިށީނދެ ތިބިއިރު ފައިރޫޒް ހުރީ ކުރިމަތީގައި ކޮޅަށް ހުއްޓިގެންނެވެ. ފާރުގައި ހަރުކުރެވިފައިވާ ހުދު ބޯޑުގައި ލިޔަމުން ފައިރޫޒްއަށް ލިބުނު ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރަމުން ދިޔައެވެ.
“..މިހާރު މިމައްސަލައާ ގުޅުންހުރި އެންމެންގެ ބަޔާންތައް ނެގިއްޖެ! ނިހާ! އިލްހާމް! ޞަފިއްޔާ! އެމީހުންގެ ދެދަރިންނާއި! އިންޝާ އާއި ދީޕިކާގެ އިތުރުން ދެ ސެކިޔުރިޓީ ގާޑުންގެ ބަޔާންވެސް ނެގިއްޖެ!.. ބަޔާންތަކަށް ބަލާލާއިރު ވަކި މީހަކަށް ޝައްކުވާކަމަށް ބުނެފައި މި ވަނީ ޝައްދާދު އެކަނި! އެވެސް ވަރަށް ނުސީދާ ގޮތަކަށް!..”
ފައިރޫޒް ވާހަކަ ދައްކަމުންގޮސް ބޯޑުގައި ނަޒީލްގެ ނަން ލިޔެލިއެވެ. އެޔަށްފަހު ނަޒީލްގެ ފަރާތުން ޝައްދާދުއަށް ފެނިފައިވާ އާދަޔާ ޚިލާފު ކަންތައްތަކުގެ ވާހަކަ ކިޔައިދިނެވެ.
“..ފަހުވަގުތު ނަޒީލްގެ ނަން ޝައްދާދު ބަޔާންކުރީ ކޮން މަޤުޞަދެއްގައި ކަމެއް ނޭނގޭ!.. މިހުރިހާ ބަޔާންތަކަށް ބެލުމަށްފަހު އަހަންނަށް ޝައްކުކުރެވޭ މީހުންގެ ލިސްޓުގައި ޝައްދާދުގެ ނަންވެސް އެބަ ހިމެނޭ!..” ފައިރޫޒް އިތުރަށް ބުންޏެވެ.
ފައިރޫޒް ބޯޑުގައި އިތުރު ބަޔެއްގެ ނަންތައްވެސް ލިޔުނެވެ. އިލްހާމްއާ ނިކާލްގެ ނަމެވެ. އޭގެ އިތުރުން ޝައްދާދުއާއި މާނިޢުގެ ނަންވެސް އިތުރުކޮށްލިއެވެ. އެއީ ޝައްކުގެ ނަޒަރުން ބެލޭ މީހުންކަމުގައި ފައިރޫޒް ހާމަކުރިއެވެ.
“..ނިހާގެ އަބުރު ނަގާލަން މަސައްކަތްކުރީ އެ ގޭތެރެއިން މީހަކުކަމަށްވެސް ވެދާނެ! ބެލްކަނި ދޮރުގެ ތަޅަށް ކުލިޕެއް ޖެހީވެސް އަހަރުމެންނަށް އޮޅުވާލަން ކަމަށްވެސް ވެދާނެ! ނޫނީ ވެދާނެ އެއީ ސެކިއުރިޓީންނާ ގުޅިގެން ބޭރު ތެރެއިން މީހަކުކުރި ކަމަކަށްވެސް! މިއީ މަގޭ ޚިޔާލު!.. ތިކުދިންގެ ޚިޔާލަކީ ކޮބާ؟..”
ފައިރޫޒް ވާހަކަ ނިންމާލަމުން ބައިވެރިންނަށް ފެންނަ ގޮތެއް ބުނުމަށް ފުރުޞަތު ދިނެވެ. ޖަނާން ތެދުވެގެން އައިސް ބޯޑުކައިރީ ހުއްޓެލިއެވެ. އެޔަށްފަހު ޑަސްޓަރ ނަގައި ބޯޑުގައި އެންމެ ތިރިޔަށް ލިޔެފައިވާ ދެނަން ފޮހެލިއެވެ. އެއީ މާނިޢުއާއި ޝައްދާދުގެ ނަމެވެ. ފައިރޫޒް ބަލަހައްޓައިގެން ހުރީ ޖަނާން އިތުރު ތަފްޞީލް ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ. ކުށްވެރިޔާ އުޅެނީ ސުނޯހައުސް ގޯތީގައިކަމަށް ޖަނާން ބުނަން ޖެހުނު ސަބަބަކީ ކޮބައިބާއެވެ؟
“..ސަރ! އަޅުގަނޑަށް ހީވަނީ ގޭތެރެއިން މީހެއްގެ އަތެއް މިކަމުގަ ވާހެން..” ޖަނާން ބުންޏެވެ. “..މިހެން މިބުނީ ނިހާ ކޮޓަރީ ދޮރުން އެއްވެސް މީހެއްގެ ފިންގަރ ޕްރިންޓެއް ފެނިފައި ނުވާތީ! ނިކާލްގެ ބަޔާނުގައި އޭނާ ބުނެފައި އެބަވޭ ދޮރުގެ ތަޅު ހުޅުވީވެސް އޭނާކަމަށް! އެހެނަސް އަޅުގަނޑުމެންނަށް ތަޅުގެ އެއްވެސް ހިސާބަކުން އިނގިލީގެ ނިޝާނެއް ފެނިފައެއް ނުވޭ! ހަމައެގޮތަށް ބޮކި ތަޅާލަން ބޭނުންކުރިކަމަށް ބެލެވޭ ފިހިގަނޑުން ފެނިފައިވަނީ އެންމެ ޕްރިންޓެއް! އެޔާ ހިލާފަށް ބެލްކަނީ ދޮރާއި ތަޅުގައި އޮތީ ހުސް ޕްރިންޓް! މީވަރަށް އަޖައިބުކުރުވަނި ކަމެއްކަމަށް ބެލެވެނީ! ބޮޑަށް ބެލެވެނީ އަޅުގަނޑުމެން ދިޔުމުގެ ކުރިން ހެކި ނައްތާލަން މަސައްކަތްކޮށްފައި ހުރިހެން! ޝައްދާދު ނޫނީ މާނިޢުއަކަށް އެކަމެއް ނުވާނެ! އެގެއިން މީހަކު އެކަންކުރާނީ! އަދި އެއްވާހަކަ! ބެލްކަނިން ފެނުނު އިނގިލީގެ ނިޝާންތައް އެގޭގައި ދިރިއުޅޭ މީހުންނާ ދިމާވޭ! ދީޕިކާ، ނިކާލް، ނަޒީލް އެންމެންގެ ޕްރިންޓް އެބަ ހުރި! ގެއިން ބޭރު އެއްވެސް މީހެއްގެ ޕްރިންޓެއް ނެތުންވެސް އެއީ އެ ގޭގައި ދިރިއުޅޭ މީހުންނަށް ޝައްކުކުރުމުގެ ފުރުޞަތު ބޮޑުވެގެންދާ ކަމެއް!..”
ޖަނާންގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ޓީމުގެ އެހެނިހެން ބައިވެރިން ބޯޖަހައިލިއެވެ. ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ޝައްކުވާނަމަ އެފަދަ ކަމެއް ކުރާނީ އެގެއިން ކޮންމެވެސް މީހަކުކަމަށް ޚުދު ފައިރޫޒްވެސް އެއްބަސްވެއެވެ. ޖަނާން ބުނިހެން އެ ތަޅުގައި އެކަކުގެވެސް އިނގިލީގެ ނިޝާނެއް ނެތުމަކީ އަޖައިބެކެވެ. ނިހާ ނޫނީ ނިކާލްގެ އިނގިލީގެ ނިޝާން އެ ތަޅުގައި ހުންނަންވާނެއެވެ. ނިހާ ހޮސްޕިޓަލަށް ގެންދިޔައީ ނިކާލްކަމަށް އިންޝާ ބުނެފައިވެއެވެ. ހެނދުނުންސުރެ އިލްހާމް އުޅުނީ ދީޕިކާ ގޮވައިގެން ހޮސްޕިޓަލުގައިކަން ޞަފިއްޔާގެ ބަޔާނުން އެނގެއެވެ. ވީއިރު ނިހާއަށް އަނިޔާވެރިވި މީހަކީ ނަޒީލް ހެއްޔެވެ؟ ފައިރޫޒްގެ ހިތުގައި ނަޒީލްގެ މައްޗަށް އޮތް ޝައްކު ބޮޑުވެގެން ދިޔައިރު ސިކުނޑީގެ ކަނަކުން އިލްހާމްއަށްވެސް ޝައްކުކޮށްލެވުނެވެ. ފައިރޫޒްމެން ކުށުގެ ވެއްޓަށް ދިޔައިރު އިލްހާމްވެސް ގޭގައި އުޅުނެވެ.
“..ފިހިގަނޑުން ފެނުނު ނިޝާން މެޗުވޭތޯ ބަލައިފިންތަ؟..” ފައިރޫޒް އެހިއެވެ.
“..އެ ނިޝާން އެހާ ކުލިއަރ އެއް ނޫން.. އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން މި ގެންދަނީ!!..” ޖަނާން ޖަވާބު ދިނެވެ.
“..މާނިޢުއަށް ގުޅާ..” ފައިރޫޒް ބުންޏެވެ. “..އޭނާގެ ބަޔާން ބަދަލުވި ސަބަބެއް ބަލަން އެބަ އެބަޖެހޭ! ވެދާނެއްނު އޭނަ ބަޔާން ބަދަލުކުރީ ކަމަކާ ބިރުން ކަމަށްވެސް..”
ޖަނާން ބޯ ޖަހައިލުމަށްފަހު ގޮސް ގޮނޑީގައި އިށީނެވެ. ފައިރޫޒަށް ވިސްނުނީ މާނިޢުގެ ބަޔާން ބަދަލުކުރުމުގެ ފަހަތުގައިވާ ސިއްރު ދެނެގަނެވިއްޖެނަމަ ކުށްވެރިޔާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމުގައެވެ.
***********************
ނިކާލް އެންމެ ފުރަތަމަވެސް ދިޔައީ ނިހާގެ ކޮޓަރިއަށެވެ. ނަމަވެސް ނިހާ ކޮޓަރިއަކު ނެތެވެ. ނިކާލް ފާހާނާވެސް ބެލިއެވެ. ފާހާނާ އަކުވެސް ނިހާއެއް ނެތެވެ. ނިހާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ނިކާލް ބޮލުގެ ފުއްކިބައިގައި އަތް ހާކަމުން ކޮޓަރިން ނުކުންނަނިކޮށް ބައްޕަ އައިސް ދޮރުމަތީ ހުއްޓުނެވެ. ނިކާލް ކަންބޮޑުވެފައި ހުރެ ނިހާ ކޮޓަރީގައި ނެތްކަމަށް ބުންޏެވެ.
“..އެހެން ކޮޓަރިތައް ބަލާބަލަ!..” އިލްހާމް ބުންޏެވެ.
ސައްތާރުއާއި އިބްރާހީމްބެ ސިޓިންގ ރޫމްގައި ތިބެ ފަންޑިތަ ހެދުމަށް ތައްޔާރުވަމުން ދިޔައެވެ. ނިހާ ހޯދުމުގެ މަސައްކަތުގައި އެހެން މީހުން އުޅުނެވެ. ތިން ފަންގިފިލާގައިވާ ހުރިހާ ކޮޓަރިތަކެއް ބެލިއިރުވެސް ނިހާއެއް ނުފެނުނެވެ. ނިކާލް ކޮޅުކޮޅު މައްޗަށް ދުވެ ނެގިއިރުވެސް އެހެން މީހުން ނިހާ ނުފެނިގެން ކަންބޮޑުވެގެނެއް ނޫޅެއެވެ. ހާމަފެންޑާ ނޫން ހުރިހާ ތަނެއް ބަލާ ހޯދި އިރުވެސް ނިހާ ނުފެނުމުން ނިކާލް ހުރީ ރޮވެން ކައިރިވެފައެވެ. މިކަހަލަ ވަގުތުތަކުގައި އޭނާ ނިހާ ދެކެ ވާލޯބި އިންތިހާއަށް އިޙްސާސްކުރެވެއެވެ.
ނިކާލް ހިތް އަވަސްވެފައިވާ ހާލުގައި ހުރެ ހާމަފެންޑާއަށް އެރިއެވެ. ހާމަފެންޑާއަށް ވެރިވެފައި އޮތް ކަނު އަނދިރިކަމުގެ ސަބަބުން ނިކާލް ޖެހިލުންވިއެވެ. ކުއްލިއަކަށް މީހަކު ކުރިމަތިން ހުރަސް ކެނޑިހެން ނިކާލަށް ހީވިއެވެ. އޭނާ ހުއްޓުން އަރާފައި ހުއްޓާ ފަހަތުން މީހަކު އައިސް ކޮނޑުގައި އަތް ޖައްސައިލުމާއެކު ދިޔައީ ސިހިގެންނެވެ.
“..ސާބަސް މީ މަށޭ..” ނަޒީލް ބުންޏެވެ.
ނިކާލް ހިތް ހަމަޔަކަށް އަޅުވަމުން ހާމަފެންޑާއަށް ނުކުމެ ހޮޅިބުރި ދިއްލާލިއެވެ. ހުރިހާ ދިމާލަކުން ވެސް ނިކާލަށް ފެނުނީ ފަޅުކަމެވެ. ދިރޭ ފުރާނައެއްގެ އެއްވެސް ހިލަމެން ނެތެވެ. ނިކާލް މާޔޫސްވެ ކަރުއެލޭ ގޮތްވިއެވެ.
“..ހަވީރު ހޮސްޕިޓަލުން ގެޔަށް ގެނައީ ނިހާއެއް ނޫންތަ؟..” ނިކާލަށް ޝައްކުވިއެވެ.
“..އެއީ ނިހާ!..” ނަޒީލް ޔަޤީންކަމާއެކު ބުންޏެވެ. “..ހިނގާބަލަ ގަސްތަކުތެރެ ބަލަން! ގޯތީގެ ބެކްޔާޑްވެސް އަދި ނުބަލަމެއްނު..”
ނަޒީލްގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން ނިކާލް ބޯޖަހައިލިއެވެ. ދެމީހުން އެކުގައި ހިނގައިގަތް ވަގުތު ގިސްލުމުގެ އަޑުއިވުނެވެ. އެއީ ނިހާގެ ގިސްލުމުގެ އަޑެވެ. އަޑު އަންނަ ދިމާ ޔަޤީންކުރުމަށް ދެމީހުން ފަރާތްފަރާތަށް ބަލަންފެށިއެވެ. އެ އަޑު އެ އަންނަނީ ކަޅު ހަމާ ދިމާއިންކަން ޔަޤީންވުމާއެކު ނިކާލް އެދިމާއަށް ދުވެފައި ދިޔައެވެ. ފާރާއި ހަމާ ދޭތެރެއަށް ވަދެ ފިލާހުރި ނިހާ ނިކާލަށް ފެނުނެވެ. ނިހާ ދެއަތްތިލަ މުށްކަވައި އަނގަމަތީ ޖައްސައިގެން ހުރެ ގިސްލަނީއެވެ. އެއީ ހަނިހަނި ދޭތެރެއެއް ކަމުން ނިކާލަށް ވަދެވޭހާ ޖާގައެއް ނެތެވެ. ނިކާލް އަތް ދިއްކޮށްލަމުން ނިހާއަށް ގޮވާލިއެވެ. ނިހާ ސިހިފައި ނިކާލަށް ބަލާލިއިރު ގިސްލުމުގެ އަޑު ގަދަވެގެން ދިޔައެވެ.
“..ނޫން! ނުދާނަން! ބިރުގަނޭ! އަހަރެން ނުގެންދޭ! ހެޔޮނުވާނެ! ދޫކޮށްލާ!..” ނިހާ ބާރަށް ރޮއެ ގަންނަމުން ތަސްބީހައެއް ހެން ކިޔަން ފެށިއެވެ.
“..މީ ނިކާލްއޭ! ނިހާ އަވަހަށް ތިތަނުން ނުކުމޭ!..” ނިކާލް އޯގާތެރިކަމާއެކު ބުންޏެވެ. “..މަގޭ އަތުގަ ހިފާބަލަ!..”
ނިހާ ރުއިން ހުއްޓާލުމަށްފަހު ނިކާލަށް ބަލާލިއެވެ.
“..ނިކްތަ ތީ؟..” ނިހާ ކުރެހިފައިވާ އަޑަކުން ބުންޏެވެ.
ނިކާލް ޖަވާބުގައި ހިނިތުންވަމުން ބޯ ޖަހައިލިއެވެ. ނިހާ ފަރުވާތެރިކަމާއެކު ނިކާލަށް ބަލަން ހުރީ އެއީ ނިކާލްތޯ ޔަޤީންކުރާށެވެ.
“..ޝަހާދުކިޔާ! ބިސްމި ކިޔާ! އަޢޫޛު ކިޔާ!..” ކުޑަކުއްޖެއް ފަދައިން ނިހާ ތުންބޮޑުކޮށްލިއެވެ.
ނިކާލް އިތުރު ސުވާލެއް ކުރުމެއްނެތި އެހުރިހާ ކަމެއްވެސް ކުރިއެވެ. ނިހާ ގަންނާނެ ބިރު ނިކާލަށް އިޙްސާސްވާކަހަލައެވެ. ނިހާ އިރުގަނޑަކު ހުރުމަށްފަހު ނިކާލްގެ އަތުގައި ހިފައިލިއެވެ. މަޑުމަޑުން އެ ދޭތެރެއިން ނިހާ ނުކުންނަމުން ދިޔައިރުވެސް ގިސްލެވެއެވެ. ނިހާ ބޭރަށް ނުކުތްއިރު ހަށިގަނޑުގައި ލަމުން ދިޔަ ތުރުތުރު ނިކާލަށް އިޙްސާސްވިއެވެ. ނިހާގެ ހާލަތު ފެނި ނިކާލްގެ ދެލޯ ފެންކަޅިވިއެވެ. ވަގުތުން ނިހާ ގަޔާލާ ބޮނޑިކޮށްލެވުނެވެ. ނަޒީލަށްވެސް ނިހާގެ ހާލަށް ހަމްދަރުދީވެވުނެވެ.
“..ތިރިޔަށް ހިނގާ..” ނަޒީލް ބުންޏެވެ.
ނަޒީލް ވާހަކަ ދެއްކިއަޑަށް ނިހާ ސިހިފައި ބަލައިލިއެވެ. ނިހާގެ ބޮލުގައި ނިކާލް ފިރުމާލީ ލޯތްބާއެކުއެވެ. ނިހާ ގަޔާކައިރިކޮށްގެން ހުރެ ތިރިޔަށް ގެންދިޔުމަށް ނިކާލް ހިނގައިގަތެވެ. ނިހާ ކުރިޔަށް އަޅަމުން ގެންދިޔަ ކޮންމެ ފިޔަވަޅަކާއި އެކު ފަރާތް ފަރާތަށް ބަލަމުން ދިޔައެވެ. ކިރިޔާ އަޑެއް އިވުނަސް ނިހާ ސިހިގެން ދެއެވެ. ނިކާލްގެ ގައިގާ އޮޅުލައި ގަނެވެއެވެ. ކޮޓަރިއަށް ގެންދަން އުޅޭކަމަށް ހީކޮށް ނިހާ ރޯންވެސް ފެށިއެވެ. ކޮޓަރިއަށް ނުދާނެކަމަށާއި ބިރުވެރި އެއްޗެއް އުޅޭކަމަށް ބުނެ ތިރިޔަށް ނުދާން ގަދަހެދިއެވެ. ނިކާލް ވަރަށް ވާހަކަ ދައްކައިގެން ނިހާ ސިޓިންގ ރޫމާ ހަމައަށް ގެނައެވެ.
ނިހާއަށް އިބްރާހީމްބެ ފެނުމުން ހުއްޓުން އެރިއެވެ. އިބްރާހީމްބެ ބުނެފައިވާ ވާހަކަތައް އޭނާގެ ސިކުނޑީގައި ގުގުމާލިއެވެ. އޭނާ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތިފައި ހުއްޓައި އިބްރާހީމްބެ ފެނުމުން އުންމީދުތައް އާވެގެން ދިޔައެވެ. ވަގުތުން އޭނާ ބޭނުންވީ އިބްރާހީމްބެގެ އެހީތެރިކަމަށް އެދޭށެވެ. ނިހާ ދުވެފައި ގޮސް އިބްރާހީމްބެ އަތުގައި ހިފައިގަތެވެ.
“..އިބްރާހީމްބެ މަ ސަލާމަތްކުރޭ!..” ނިހާ ހިންދިރުވާލަމުން އެކި ދިމަދިމާއަށް ކަޅިއުކަމުން ވާހަކަ ދެއްކިއެވެ. “..ޖިންނިއެއް އެބައުޅޭ! އިބްރާހީމްބެ ބުނީ ހަމަ ތެދެއް! މަށާ އޭތި އަޅާގަނެގެން އެއުޅުނީ! އެ ފުރޭތަ ބުނީ އަހަރެންނަށް ގެއްލުމެއް ނުދޭނަމޭ! އެކަމަކުވެސް ވަރަށް ބިރުގަނޭ! ވަރަށް ބިރުވެރި ގޮތަކަށް އޭތި ހުންނަނީ! މަ ސަލާމަތްކޮށްދީ! ހެޔޮނުވާނެ! އިބްރާހީމްބެ ބޭނުން ވަރަކަށް ލާރި ދޭނަން! މަ ސަލާމަތްކުރޭ!..”
ނިހާ އާދޭސްކުރަމުން ދިޔައިރު އެތަނުގައި އެހެން ބަޔަކު ތިބިކަމެއްވެސް އޭނާގެ ޙިޔާލަށް ނާދެއެވެ. އޭނާގެ ސިކުނޑީގައި ހަމައެކަނި އޮތީ އިބްރީސްގެ ބިރުވެރި ސިފައެވެ.
“..ހަމަ އިބްރާހީމްބެ ބުނި ގޮތަށް އެ ޖިންނި ބޭނުން ކުރީ އެ ތަވީދުގެ ބާރު! މަށަށް އެ ތަވީދު މިގެޔަށް ގެނެވުނީމަ މިހެން މިވީ! ދެން ކިހިނެއް މަ ހަދަންވީ!..” ނިހާއަށް ރޮއެ ގަނެވުނެވެ.
ނިހާ ކިޔަމުން ދިޔަ ވާހަކަތައް ވިސްނުނީ ހަމައެކަނި އިބްރާހީމްބެއަށެވެ. ނިކާލް ހީކުރީ ނިހާ ބިރުން މޮޔަ ގޮވަނީ ކަމަށެވެ. ނިހާ ހަމަޔަކަށް އެޅުވޭތޯ ނިކާލް އުޅުނެވެ.
“..އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެ!.. ނިހާ ސަލާމާތްވާނެ!..” ނިހާއަށް ހިތްވަރުދިނުމުގެ ގޮތުން ނިކާލް ބުންޏެވެ.
ނިހާ ރޮމުންރޮމުން ނިކާލްގެ ގައިގައި އޮޅުލައިގަތެވެ. އިލްހާމްގެ މޫނުމަތިން ފެންނަނީ ހައިރާންކަމުގެ ކުލަވަރުތަކެކެވެ. އޭނާގެ ސިކުނޑީގައި ނިހާ ދެއްކި ވާހަކަތައް ހަރުލާފައިވެއެވެ. ނިހާ ވާހަކަ ދެއްކި ގޮތުން ހީވީ މާކުރިން ސުރެން އިބްރާހީމްބެ ދަންނަހެންނެވެ. އެދެމީހުން ބައްދަލުވެ ވާހަކަތަކެއް ދައްކާފައިވާކަމަށް އިލްހާމްއަށް ޝައްކުކުރެވުނެވެ. ތަވީދަކުން ބާރު ނެގި ވާހަކައެއްވެސް ނިހާ ބުންޏެވެ. އެއީ ކޮން ތަވީދެއްގެ ވާހަކަ ބާއެވެ؟ ނިހާ އެބުނީ ތަވީދުގެ ބާރުތައް އިބްރީސް ބޭނުންކުރި ވާހަކަ ހެއްޔެވެ؟ އިލްހާމް ހިތަށް ވެރިވެގަތް ސުވާލުތަކެއްގެ ސަބަބުން ހައިރާންކަން އިތުރުވެގެން ދިޔައެވެ.
“..ކީކޭތަ މީނަ މިކިޔަނީ؟ ކޮން ތަވީދެއްގެ ވާހަކައެއްތަ މީނަ މި ދައްކަނީ؟..” އިލްހާމް ޝައްކުގެ ނަޒަރަކުން އިބްރާހީމްބެއަށް ބަލަމުން އަހައިލިއެވެ.
އިލްހާމްގެ ސުވާލުތައް އިވިފައި ނިހާއަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް އިބްރާހީމްބެ ގާތުގައި ދެއްކުނު ވާހަކަތައް ހަނދާންވުމާއެކު އިތުރަށް ބިރުގަތެވެ. ހާސްވެ ކަންބޮޑުވާ ގޮތްވިއެވެ. ނިހާ އިސްއުފުލާލަމުން ނިކާލްގެ މޫނަށް ބަލާލެވުނެވެ. ނިކާލަށް ތަވީދުގެ ހަޤީޤަތް އެނގޭކަށް ނިހާ ބޭނުމެއްނޫނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)
ކިޔުންތެރިންގެ ސަމާލުކަމަށް: އެންމެ ފުރަތަމަވެސް ވާހަކަ އަޕްޑޭޓްކުރެވެމުން ދާލެއް ލަސްވާކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން! އެޔަށްފަހު މިހާރަކަށް އައިސް ވާހަކަ އަޕްޑޭޓް ލަސްވަމުންދާތީ ކިޔުންތެރިން އަބަދު އިންތިޒާރުގައި ނުބެހެއްޓުމުގެ ގޮތުން ވާހަކަ އަޕްޑޭޓް ކުރާނެ ދުވަސްތަކެއް އަޅުގަނޑު މިވަނީ ކަނޑައަޅާފައި! އެގޮތުން މިއަދުން ފެށިގެން މިވާހަކަ އަޕްޑޭޓް ވަމުންދާނީ ކޮންމެ އާދިއްތަ ދުވަހެއްގައި! ވާހަކަ އަޕްޑޭޓް ކުރުމަށް ހަފްތާއަކު އެންމެ ދުވަހެއް ހަމަޖެއްސި ނަމަވެސް އަޅުގަނޑަށް ހަފްތާތެރޭގައި އިތުރު އެޕިސޯޑެއް ލިޔެވިއްޖެނަމަ ކޮންމެ ބުރާސްފަތި ދުވަހެއްގައިވެސް އާ އެޕިސޯޑެއް އަޕްޑޭޓްކޮށްދެމުން ގެންދާނަން! ތިޔަ ދެއްވާ ތަރުހީބަށް ޝުކުރިއްޔާ!
22 Comments
Comments are closed.
❤❤vara reethi keep it up
thank you kokko 🙂
Wow v reethi?
thank you Rai 🙂
varah reethi…..plx plx nubunaathi ethaveedhakee kocheh kan ehen noonii varah vaivaane vaahaka.. vaahaka varah habeys…waiting for next part…
heheh! nihaa thaveedhuge hageegai foruvan handhaane gotheh visnaane kamah beleveni 😉 thank you 🙂
woooh nice story good luck nishko
thank you fathoo 🙂
Woww…vv kiyaa hithun indha e nimuny… Wahaka vv rythi… Ehaa awahah nimmaanulahchey.. Hehe
Adhi story nimen gaai nuvey. Ehaa avaha nunimey ne shau!! Thank you ?
Aww soo sad but varah vx reethi story
Thank you unique ?
wow varah riti mi baives
Thank you rifu ?
Are you a boy?
Alhey nikal ar nihaa ah indhevey goi hadhabyy??
Yes I am boy hehe!
Nikal aa indheveytho niha varah masahkai kuraane :p
mihaa thanah kiyunu enme salhi biruweri waahaka mee!!!love this!waiting for the next part..alhe week aku eh dhuwahah nahadhaa 2 dhuwhah hadhan weenu nish?only if you can…mihaaru hithah araa week aku enme dhuwaheh onna nama ey hehe…nick aa niha dhurunukuruwahchey..thaweedhu ge hageegaiy nick ah neygeyne kamah mi ummeedhu kurany!
Thank you so much angel ?
Nishan Vs unmeedhu kurani angel unmeedhu kuraa Gotha kanthah dhaane kamah ? hehe !!
just wow nishan varah molhu vaahaka lian plx mi vaahaka in naiha and nikhaal ah dhera gothe nuvaa gotha liyevey thr balachey… waiting for the next episode
Thank you eekko ?
Hehe balaanan Inge thibuna Gotha liyeveytho ?
how old are you
MIDHEN UPDATE NUWAA WAHAKA EHTHA ?