Skip to content
އެސްފިޔަ

ޒާރާ (31) ފަހުބައި

ކުރީގެ އަދަދާއި ގުޅޭ: ޝައިހާ އެގޮތަށް އުޅުނު ގަޑީގައި ވަކިއެއްޗެއް ބުނަން ޒާރާ އިނީ ނުކެރިފައެވެ. އަދި ޝައިހާގެ އަތް ނައްޓުވަންވެސް ޒާރާ އިނީ ނުކެރިފައި މަޑުމަޑުންނެވެ.

ޔަޒްދާންގެ މޫނުމަތީގައިވާ ރުޅިވެރިކަންވެސް ޒާރާއަށް އޭރު ފެނުނެވެ. އެހެންވެ ޔަޒްދާން މިރޭ ނިދާނީ ވަރަށް ހިތްހަމަނުޖެހިފައި ހުރެގެންކަން ޒާރާއަށް އެނގެއެވެ.

ޝައިހާ އެނދުމަތީ ބާއްވައިގެން ޒާރާ އޮތީ ޝައިހާ ނިދާތޯ ބަލަންވެގެންނެވެ. ޒާރާވެސް ޝައިހާ ގާތުގައި އޮށޯވެލީ ޝައިހާ ނިދަންދެންނެވެ.

**************************

ޔަޒްދާންއަށް ހޭލެވުނީ ދަންވަރު 2:30 ޖަހާއިރު ފެންބޮވައިގަނެގެންނެވެ. ޒާރާގެ ފިކުރުތަކުގައި އޮއްވާ ފަހުން އޭނާއަށްވެސް ނިދުނީއެވެ.

ބަދިގެއަށް ގޮސް ފެންބޮއިގެން ދަމުން ޔަޒްދާން ޒާރާއާ ޝައިހާ އުޅޭ ކޮޓަރީގެ ތަޅު އަތުން އަނބުރާލިއެެވެ. ޔަޒްދާން ވަދެފާނެކަމަށް ޒާރާވެސް ބެހެއްޓީ އެކޮޓަރި ތަޅުނުލައެވެ.

އެހެންކަމުން ތަޅު އަނބުރާލިތަނާހެން ދޮރުހުޅުވެގެން ދިޔުމުން ޔަޒްދާން އެތެރެއަށް ވަނެވެ.

އެނދުމަތީގައި ނިދާލާފައި ތިބި ޝައިހާއާއި ޒާރާ، ޔަޒްދާންއަށް ފެނުނެވެ. ޝައިހާއާއި ޒާރާވެސް ނިދާފައި އޮތީ ލައިގެން ހުރި ޕާޓީހެދުމާއެކުގައެވެ. ޒާރާވެސް އޮތީ އެންމެ ކުޑަމިނުން އަޅައިގެން އޮތް ޝޯލްވެސް ނުބާލައެވެ.

ޝައިހާގެ އެއްފައި އޮތީ ޒާރާގެ އުނަގަނޑަށް އެއްލާފައެވެ. ޒާރާއަށް އުނދަގޫވެދާނެތީ ޔަޒްދާން މަޑުމަޑުން އެފައި ނަގާފައި އެނދުމަތީގައި ބޭއްވިއެވެ.

އެހެންނަމަވެސް އެނދުމަތީގައި ފައި ބާއްވާއިރަށް ޝައިހާ އަނެއްކާ އެފައި ޒާރާ ގަޔަށް އެއްލިއެވެ. ދެވަނަ ފަހަރުވެސް ޔަޒްދާން ޝައިހާގެ ފައި ނެގިއެވެ. އެހެންނަމަވެސް ޝައިހާ އަނެއްކާވެސް ޒާރާގެ ގަޔަށް ފައި އެއްލާފައި، އެއްއަތުން ޒާރާގެ ގައިގައި ބައްދާލިއެވެ.

“ޕިސް.. ޕިސް.. ޕިސް.. ދެން ކީކޭ ބުނާނީ.. މިހިރީ ޝައިކޮގެ ކަންތައް ހުންނަގޮތް..” ނިދީގައިވެސް ޝައިހާ އަމަލުކުރަމުންދާ ގޮތް ފެނިފައި ހިތާހިތުން ޔަޒްދާން އެހެން ކިޔާލިއެވެ.

އެނދުމަތީގައި އޮތް ކުއިލްޓް ނަގާފައި ޒާރާއާއި ޝައިހާ އާއި ޒާރާގެ ގައިމަތިން އަޅާލަދިނެވެ. އޭރު ޔަޒްދާންގެ ރުޅިވެސް ހުރީ މަޑުވެފައެވެ.

ލޯބިކޮށް ނިދާލާފައި އޮތް ޒާރާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ޔަޒްދާން އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

އެގަޑީގައި ޒާރާއަށް ގޮވުމަކީ ބުއްދިވެރިގޮތަކަށް ނުވާނެކަން ޔަޒްދާންއަށް އިނގެއެވެ. ޒާރާއަށް ގޮވަން އުޅެން ހަދައިގެން އަނެއްކާ ޝައިހާވެސް ހޭލާފާނެއެވެ. އެހެންވެ ޔަޒްދާންވެސް ގޮސް އަނެއްކާ ވަފިއްޔާގެ ކޮޓަރިއަށް ނިދަން ދިޔައެވެ.

*******************

ޒާރާއަށް ހޭލެވުނީ ފަތިހު ޒާރާގެ ފޯނު އެލާމްވާ އަޑަށެވެ. ޝައިހާއަށް ހޭލެވިދާނެތީ ޒާރާ ފޯނުގެ އެލާމް ނިއްވާލިއެވެ.

ރޭގައި ނިދުނީތީ ޒާރާ ދެރަވިއެވެ. ޒާރާ އޮތީ ޝައިހާ ނިދުމުން ޔަޒްދާން ގާތަށް ދާންވެގެންނެވެ. އެހެންނަމަވެސް ނިދުނީތާއެވެ.

ޒާރާ އަވަހަށް ޝޯލް ނަގާފައި ފާހާނާއަށްވަދެ ތައްޔާރުވެލައިގެން ވަފިއްޔާމެން އުޅޭ ކޮޓަރިއަށް ދިޔައީ މުސައްލަ ބަލައެވެ. ޒާރާ ހީކުރީ ޔަޒްދާން  އަދިވެސް އެކޮޓަރީގައި އުޅޭނެކަމަށެވެ.

އެހެންނަމަވެސް އެކޮޓަރީގެ ދޮރުހުޅުވާލިއިރު ޔަޒްދާން ފެންނާކަށްވެސް ނެތެވެ. އެހެންވެ އަވަހަށް އެކޮޓަރީގެ ތަށިމުށިގަނޑު މަތީގައި މުސައްލަ ފަތުރައިގެން ޒާރާ ނަމާދުކުރަން ފެއްޓިއެވެ.

ނަމާދުން އަވަދިވެގެން ޒާރާ ދޮޅިފައްޖަހަން އިންދާ ވަފިއްޔާ އެކޮޓަރިއަށް ވަނެވެ. ވަފިއްޔާ ބުނާނެ އެއްޗެއް ނޭނގޭތީ އިސްވެ ވާހަކަދައްކާކަށް ޒާރާއަކަށް ނުކެރުނެވެ.

“ދަރިފުޅާ.. ޝައިހާގެ ކަންތަކަށް މަންމަ މާފަށް އެދެން.. މަންމައަކަށް ނޭނގެ ޝައިހާ އެހެން އުޅެނީ ކީއްވެގެން ކަމެއް.. ކުރިންވެސް ޔަޒްދާންއާ ޝައިހާ ވާދަކިޔާނެ.. އެކަމަކު މިވަރެއް ނުކުރޭ..” ޝައިހާ އުޅުނު ގޮތުން ވަފިއްޔާ ޒާރާގެ ކިބައިން މާފަށް އެދުނެވެ.

“މަންމަ މާފަށް އެދޭވަރު ކަމެއް ނޫން އެއީ.. އަހަރެންވެސް އިނީ އެއްވެސް އެއްޗެއް ނުބުނެ.. ތިކަމުގައި އަހަރެންވެސް ކުށްވެރިވޭ..” ވަފިއްޔާ ކުރިމަތީގައި ޒާރާ، އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ.

“އެއީ މައްސަލައެއް ނޫން.. ހުރިހާވެސް މައްސަލައެއް އޮތީ ޝައިހާގެ..” ޝައިހާ އުޅުނުގޮތުން ވަފިއްޔާވެސް ހުރީ ޝައިހާދެކެ ކޮންމެވެސް ވަރަކަށް ރުޅިއައިސްފައެވެ.

“ދާން ނަމާދަށް ދިޔައީ ކަންނޭނގެ ދޯ މަންމާ.. ރޭގައި ޝައިކޮ ނިދަންދެން އެތާ އޮށޯވެ އޮއްވާ ޒާރާއަށްވެސް ނިދުނީ.. ދެން ނުވެސް ހޭލެވުން.. ފަތިހު އެ ހޭލެވުނީ..” ޒާރާ އިނީ އެކަމާ ވިސްނާށެވެ.

“އާނ.. ޔަޒްދާންއަކީ ބަރާބަރަށް ނަމާދަށް ދާ ކުއްޖެއް.. ދަރިފުޅު ދެރަނުވޭ.. ޔަޒްދާން ރުޅިއައިސްފައި އެހުރީ ޝައިހާދެކެ.. ދަރިފުޅު ދެކެއެއްނޫން..” އެހެންބުނެފައި ވަފިއްޔާ، ޒާރާގެ ހިތްހަމަ ޖައްސައިދިނެވެ.

ނަމާދުކޮށް ނިމިގެން ސިޓިންރޫމް ސޯފާގައި ޒާރާ އިނީ ޔަޒްދާން އައިސްފާނޭކަމަށެވެ. އެހެންނަމަވެސް 6:30 ވީއިރުވެސް ޔަޒްދާން ނައުމުން ހެދުން ބަދަލުކޮށްގެން ޒާރާ ވަފިއްޔާއަށް އެހީވާން ބަދިގެއަށް ދިޔައީއެވެ.

**************************

“ހައްހައްހައްހައްހައްހާ” ވިއާމްގެ ހިނިގަނޑު ފަޅައިގެންގޮސް ވަރަށް ބާރަށް ހޭންފެއްޓިއެވެ.

“ވިއާމް އަދިވެސް ހެނީތަ؟” ޔަޒްދާން ވިއާމްދެކެ ކުޑަކޮށް ނުރުހުންވިއެވެ.

“ހަހަހަ. މާފުކުރޭ.. އެކަމަކު ތިވާހަކަ ކިޔާދިނީމާ ނީނދެވިގެން ހަމަ މިހެވެނީ.. ހަހަހަ” ވިއާމްއަކަށް މަޑުންނެއް ނީނދެވުނެވެ.

އޭރު އެމީހުން ތިބީ ފަތިސް ނަމާދުކޮށް ނިންމައިގެން ޖުމްހޫރީ މައިދާނުގައެވެ.

އެވަރަށް ހުނުން އެއީ ވިއާމްގެ ކިބައިން އާންމުކޮށް ފެންނަ ސިފައެއްވެސް ނޫނެވެ. އާންމުގޮތެއްގައި ވިއާމްގެ ހުންނާނީ ސީރިއަސްވާގޮތެވެ.

އެހެންކަމުން ވިއާމް ހޭނެވަރަކަށް ހޭންދެން ޔަޒްދާން އިނީ މަޑުމަޑުންނެވެ. އޭރު ޔަޒްދާން ވަނީ ރޭގައި ކަންތައް ދިމާވިގޮތުގެ ވާހަކަ ވިއާމްއަށް ކިޔާދީފައެވެ. އަދި ކައިވެނީގެ ކުރިންވެސް ޝައިހާ އުޅޭގޮތުގެ ވާހަކަވެސް ކިޔާދީފައެވެ.

“ބްރޯ އަހަރެން އަސްލު ވާހަކައެއް ބުނަންތަ؟ އަހަންނަށް ހީވަނީ ޝައިހާ އެގޮތަށް އެއުޅެނީ ކޮންމެވެސް ކަމެއްވެގެންހެން.. އާާންމުކޮށް ކުދިން އެހާ ބޮޑަށް ތަތްވެގެން އުޅޭނީ އެކުއްޖެއްގެ މަންމައާ.. އެގޮތަށް އުޅޭން ފަހަރި އެއީ ޝައިހާގެ މަންމައެއްވެސް ނޫނެއްނު.. އަނެއްކާ ޝައިހާ އެއީ އެހާ ކުޑަކުއްޖެއްވެސް ނޫނެއްނު.. ތިބުނީ ވިއްޔަ ޝައިހާއަށް 6 އަހަރޭ.. އެހެންވީމަ މިބުނީ ތިކަމުގައި ކޮންމެވެސް ސަބަބެއްވެއޭ.. އަޅެ މަސައްކަތްކޮށްބަލަ އެސަބަބެއް ޝައިހާގެ ގާތުން އޮޅުންފިލުވޭތޯ. އަހަންނަށް ހީވަނީ ތިމައްސަލަ އެންމެ ފަސޭހައިން އަވަހަށް ހައްލުވާނީ އޭރުންހެން..” ހުނުން ހުއްޓާލާފައި ސީރިއަސްކަމާއެކު އެކަމާ ވިސްނާލުމަށްފަހު ވިއާމްއަށް ފެންނަގޮތް ބުނެލިއެވެ.

ޔަޒްދާންއަށްވުރެ އުމުރުން އެއްއަހަރު ހަގުކަމުގައިވިއަސް ވިއާމްއަކީ ތަޖުރިބާ ގިނަ މީހެކެވެ. ވިއާމްގެ އަންބަކާއި 1 އަހަރުގެ ދަރިއެއްވެސް ހުރެއެވެ.

“އަހަންނަށްވެސް ހީވަނީ ވިއާމް ތިބުނީ ތެދެއްހެން.. އެސަބަބެއް ހޯދޭތޯ އަހަރެން މަސައްކަތްކުރާނަން..” ވިއާމް ބުނި ބަސް ޔަޒްދާން ގަބޫލުކުރިއެވެ.

**************************

7:30 ގައި ޔަޒްދާންއަށް ގެއަށް އާދެވުނުއިރު ރޮށިފިހެގެން މަސްހުނި ހަދަން ޒާރާއާ ވަފިއްޔާ އުޅެއެވެ.

ވަގުތު ބަލާފައި ޔަޒްދާން ޝައިހާގެ ކޮޓަރިއަށް ދިޔައެވެ. ޝައިހާ ސްކޫލަށް ދަނީ 10 ޖަހާއިރުކަން ޔަޒްދާންއަށް އެނގޭތީއެވެ.

ތަށިމުށިގަނޑު މަތީގައި އޮތް ފޮތެއްގައި ކުލަޖައްސަން ޝައިހާ އިންދާ ޔަޒްދާންވެސް ޝައިހާ ގާތުގައި އިށީނެވެ.

އެހެންފަހަރު ތަކެކޭ އެއްފަދައިން ޝައިހާ އުޅުނީ ދޮންބެ އައުމުން ދޮންބެއާ ދުރަށް ދާށެވެ. އެހެންނަމަވެސް ޝައިހާ ކޮޅަށް ތެދުވުމުން ޔަޒްދާން ޝައިހާގެ ދެކޮނޑުގައި ދެއަތުން ހިފެހެއްޓިއެވެ. އެހެންވެ ޝައިހާ ހުރީ ޔަޒްދާންއާ ދިމާއަށް ތުން ހަދައިގެންނެވެ.

“ޝައިކޮ ގާތުގައި ދޮންބެ އެބައޮތް ވަރަށް ބޮޑު ސުވާލެއް އަހަންވެފައި.. ޝައިކޮ ކީއްވެ އެދުވަހު ދޮންބެ ކޮށްޕާލީ.. ދޮންބެ ވަރަށް ދެރަވޭ ޝައިކޮ ދޮންބެ ކޮށްޕާލީމަވެސް.. ރޭގައިވެސް ޝައިކޮ ދޮންބެ ބުނާ ގޮތަކަށް ނަހަދާ.. އެއީ ކީއްވެ؟ ދޮންބެއަށްވެސް އެނގޭނީ ޝައިކޮ ބުނީމާ..” ޔަޒްދާން ވާހަކަދެއްކީ ވަރަށް އޯގާތެރިކަމާއެކުގައެވެ.

އެއާއެކު ޝައިހާގެ މޫނު މަތީގައި ހުރި ރުޅިވެރިކަމުގެ ކުލަވަރު ފިލައިގެން ގޮސް ހިތާމަވެރިކަމުގެ ކުލަވަރަކަށް ބަދަލުވިއެވެ.

“ދޮންބެ ޒާރާ ދައްތަގެ ފިޔަގަނޑު ބުރިކޮށްލީ.. އެހެންވެ ޝައިކޮ ދޮންބެއަށް އެހެން ހަދަނީ..” ޝައިހާ އެހެން ބުނިއިރު ހުރީ ތުންވެސް ބޮޑުވެފައެވެ.

“ދޮންބެ ކޮންއިރަކު ޒާރާ ދައްތައަށް އެހެންހެދީ.. ޒާރާ ދައްތަގެ ފިޔަގަނޑެއް ނުވެސް އިނދެއެއްނު..” ޝައިހާ ކިޔާ އެއްޗެއް ޔަޒްދާންއަކަށް ނޭނގުނެވެ.

“ނޫން.. ޝައިކޮއަށް ހަމަ ހުވަފެނުން ފެނުން.. ދޮންބެ އައިސްފައި ފިޔަގަނޑު ބުރިކޮށްލީ.. ޒާރާ ދައްތަ އެކަމާ ވަރަށް ރުއި.. ޒާރާ ދައްތަ އެއީ އަސްލު ޕަރީއެއް.. ދޮންބެ ގާތުގައި ނުބުންޏަސް އަދި އެވާހަކަ ޝައިކޮ ގާތުގައި ޒާރާދައްތަ ބުނާނެ.. ފިޔަގަނޑު ބުރިކޮށްލީމާ ފަހުން ޒާރާ ދައްތައަށް ޝައިކޮ ގޮވައިގެން ނުވެސް އުދުހެވޭ..” އެހެންބުނިތަނާާާާާ ޝައިހާާާާގެ ލޮލުން ބޮޑު ކަަަަަަރުނަ ތިއްކެއްވެސް ވެއްޓުނެވެ.

“އަޅެ.. ޝައިކޯ.. ދޮންބެއެއް ޒާރާ ދައްތައަކަށް އެހެންނެއް ނަހަދާނެއެއްނު.. ޒާރާ ދައްތަ އެއީ ދޮންބެ ލޯބިވާ ކުއްޖެކޭ.. އެއްވެސް ކުއްޖަކު ލޯބިވާ ކުއްޖަކަށް އެހެންނެއް ނަހަދާނެ.. ދެރައެއް ނުކޮށްލާނެ.. ދޮންބެވެސް ޒާރާ ދައްތައަށް ދެރަވާކަމެއް ނުކުރާނަމޭ.. އިނގޭ.. އެހެންވީމާ ހުވަފެނުގައި އެހެން ފެނުނަސް ގަބޫލުކުރާކަށް ނުވާނެ..” ޝައިހާއަށް ވިސްނައިދިނުމަށްޓަކައި ޝައިހާއެކޭ އެއްވަރަށް ޔަޒްދާންއަށް ޅަ ވާންޖެހުނެވެ.

އެހެންބުނުމުން އިރުކޮޅަކު ޔަޒްދާންގެ މޫނަށް ބަލަން ހުރެފައި ޝައިހާ ޔަޒްދާންގެ ކަރުވަށައިގެން ދެއަތް ދެފަރާތުން ގެންގޮސް ޔަޒްދާންގެ ކަރުގައި ބައްދާލާފައި ރޯންފެއްޓިއެވެ. ޔަޒްދާންވެސް ޝައިހާގެ ބުރަކަށީގައި ފިރުމާލިއެވެ.

“އެކަމަކު އެއީ ޝައިކޮއަށް ކޮންއިރަކު ފެނުން ހުވަފެނެއްތަ؟” ޔަޒްދާން ސުވާލުކޮށްލިއެވެ.

“ޓިއުޝަން ކްލާހުގައި ޒާރާދައްތައާ ފްރެންޑްވިތަނުން..” ޔަޒްދާންގެ ކޮނޑުގައި ބޯއަޅައިގެން އޮވެފައި ޝައިހާ ޖަވާބުދިނެވެ. އޭރު ޝައިހާވަނީ ރުއިންވެސް ހުއްޓާލާފައެވެ.

ޔަޒްދާންއަށް ހުރިހާ އެއްޗެއްވެސް އެނގިއްޖެއެވެ. ކުރިން ޝައިހާ ގާތުން ސަބަބު އޮޅުންފިލުވުނުނަމަ އެހެންނެއް ނުވީހެވެ.

އެތައްއިރަކު ޝައިހާއާ އެހެން ވާހަކަދައްކަން ހުރެހުރެފައި ޔަޒްދާން ސައިބޯން ދިޔައީ ޝައިހާވެސް ގޮވައިގެންނެވެ.

ބަދިގެތެރޭގައި ހުރި ޒާރާއާ ދިމާއަށް ބަލާލާފައި ޔަޒްދާން ހީލިއެވެ. އޭރު ޔަޒްދާން ހުރީ ޝައިހާ އުރައިގެންނެވެ. ޔަޒްދާން ހުރީ ރުޅިއައިސްފައި ނޫންކަން އެނގުމުން ޒާރާވެސް އުފާވިއެވެ.

އެވަގުތުން ފެށިގެން މާބޮޑަށް ޒާރާއާ ތަތްވެގަނެގެން އުޅޭގޮތް ޝައިހާ ހުއްޓާލިއެވެ. ގޭތެރޭގައިވެސް ޒާރާ ގާތުގައި ޔަޒްދާން ހުރިކަމުގައިވިއަސް ކޮންމެފަހަރަކު އެތަނަށް ދިއުން ޝައިިިހާ ހުުުއްޓާާާާާާާލިއެވެ. އެކަމާ ޒާރާއާ ވަފިއްޔާވެސް އަޖައިބުވިއެވެ.

ހެނދުނުގެ ސަޔަށްފަހު ޒާރާއާއި ވަފިއްޔާ އުޅުނީ މެންދުރަށާއި ރޭނގަޑަށް ވާވަރަށް ކުކުޅު ރިހަ ކެއްކޭތޯއެވެ. ކުކުޅުތައް ނޮޅާދޭން ޔަޒްދާންވެސް އެހީވިއެވެ.

************************

އެރޭގެ ރޭގަނޑުގެ ކެއުމަށްފަހު ޒާރާގެ އަތުގައި ހިފައިގެން ޔަޒްދާން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ޝައިހާއަށް އެ މަންޒަރު ފެނުނުނަމަވެސް އެކަމާ އަޅާނުލާ ޝައިހާ ދިޔައީ ވަފިއްޔާއާ އެކީގައި ނިދަންވެގެން ކޮޓަރިއަށެވެ.

ޒާރާގެ އަތުގައި ހިފައިގެން ޔަޒްދާން އައިސް ކޮޓަރިތެރެއަށް ވަދެ ހުއްޓުނެވެ. ޒާރާގެ އަތުން ދޫކޮށްލާފައި ޔަޒްދާން ގޮސް އެކޮޓަރީގެ ދޮރު ތަޅުލިއެވެ.

“މިރޭ މިހެދުން ޒާރާ ލާނަންތަ؟” އަލަމާރީގައި ޔަޒްދާން ފޮރުވާފައި އިން ހެދުމެއް ނަގާފައި އެ ހެދުން ޒާރާއަށް ދިއްކޮށްލިއެވެ.

ޒާރާ އެހެދުމަށް ބަލާލިއިރު އެއީ ހިމަހިމަ އަތްކޮޅެއް ލާފައި އިން ކަކުލުން މައްޗަށް އަންނަވަރުގެ ހެދުމެކެވެ.

ހެދުމުގައި ހިފިނަމަވެސް ޒާރާ ހުރީ ލަދުން އެއްވެސް އެއްޗެއް ނުބުނެއެވެ. ޔަޒްދާން ކުރިމަތީގައި އެހެދުންލާކަށްވެސް ޒާރާއަށް ނުކެރުނެވެ. އެހެންވެ، އެހެދުން ހިފައިގެން ޒާރާ ވަނީ ފާހާނާއަށެވެ.

ހެދުންލައިގެން ނުކުމެފައި ޒާރާ ހުރީ ޔަޒްދާންއާ ދިމާއަށް ނޫން އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ. އެހެންހުރިއިރުވެސް ޒާރާ ހުރީ ހެދުން އިތުރަށް ދިގުކޮށްލެވޭތޯ ދެއަތުން ހެދުމުގެ ތިރިއަށް ދަމާލަދަމާލައެވެ.

ޒާރާ އެހެދުންލައިގެން ހުރިތަން ފެނުމުން ޔަޒްދާންގެ އިހުސާސްތަކަށް އެއްވެސް ބާރެއް ނުފޯރުވުނެވެ. ޔަޒްދާންއަށް މަޑުމަޑުން ޒާރާއާ ދިމާއަށް ފިޔަވަޅުތައް އެޅެންފެށުނެވެ.

“މަޑުކޮށްބަލަ..” ޔަޒްދާން އަންނަކަން އިހްސާސްވާތީ ޒާރާ ބުނެލިއެވެ. ޒާރާ ކުއްލިއަކަށް އެހެންބުނުމުން އަޖައިބުވިނަމަވެސް ޔަޒްދާންވެސް ހުއްޓުނެވެ.

“ދުއާ ކިޔާބަލަ..” ޒާރާ އެހެންބުނެލީ ޔަޒްދާން ހުއްޓުނުކަން އެނގުމުންނެވެ. އޭރުވެސް ޒާރާ ހުރީ އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ.

“ކޮންދުއާއެއް؟” ޔަޒްދާންއަކަށް ޒާރާ ބުނި އެއްޗެއް ނުވިސްނުނެވެ.

“މިރޭ ކިޔަންޖެހޭ ދުއާ..” ޒާރާ އެހެންބުނެލީ ލަދުން ހީލަމުންނެވެ. ކިތަންމެ ލަދުގަތަސް ދުއާގެ ވާހަކަ ޒާރާ ބުނީ އެއީ ކޮންމެހެން ކިޔަންޖެހޭ އެއްޗަކަށް ވާތީއެވެ.

“މިހާރު ހަނދާނެއް ނެތް.. ޒާރާ ކިޔާދީބަލަ..” ޔަޒްދާން އެހެންބުނިއިރުވެސް ހުރީ ޒާރާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

“بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا” ލަސްލަހުން ޒާރާ އެދުއާ ކީއިރު ޔަޒްދާންވެސް ފަހަތުން ކިއެވެ.

އޭރު ޒާރާ ހުރީ ފާހާނާ ދޮރުކުރިމަތީގައި އަޅާފައި  އޮތް ފައިފުހި މަތީގައެވެ. އެހެންވެ އެތާ ނުހުންނަންވެގެން ތަށިމުށިގަނޑު މައްޗަށް ޒާރާ ފިޔަވަޅެއް އަޅާލިތަނާ ކުރިމަތިން ކޮންމެވެސް ދިރޭއެއްޗެއް އުދުހެގަތެވެ. އެއާއެކު ހުރެވުނުތަންވެސް ޒާރާއަކަށް ނޭނގުނެވެ.

“ކުރަތްޕެއް..” އެހެންކިޔާފައި ދުވެފައި ގޮސް ޒާރާއަށް ބައްދާލެވުނީ އެތާހުރި ޔަޒްދާންގެ ގައިގައެވެ. ލަދުގަނެފައި ހުރިކަންވެސް ޒާރާ ހުރީ ހަނދާންނެތިފައެވެ. އެކަން ހަނދާންވާވަރަށްވުރެ މާބޮޑަށް ޒާރާ ހުރީ ކުރަފިދެކެ ބިރުގަނެފައެވެ.

ޔަޒްދާންގެ ގައިގައި ޒާރާ ބައްދާލީމާ ޔަޒްދާންވެސް އުފަލުންގޮސް ދެއަތުން ޒާރާގެ ގައިގައި ބައްދާލިއެވެ.

“ކުރަފި ކޮބާ..” ޔަޒްދާންގެ މޭގައި މޫނުފޮރުވައިގެން ހުރެ ޒާރާ އެހެން އެހީ ދެލޯމަރައި ތަގުޅިކޮށްގެން ހުރެގެންނެވެ.

“މަޑުމަޑުން އެބައާދޭ މިދިމާއަށް..” ޔަޒްދާން އިތުރަށް ޒާރާ ބިރުގަންނަވާލާ ހިތްވިއެވެ. އެހެންވެ އެވަގުތުގެ ބޭނުން ވަރަށް ރަނގަޅަށް ޔަޒްދާން ހިފިއެވެ.

ޔަޒްދާން އެހެންބުނުމުން ކުރިއަށްވުރެ ބާރަށް ޒާރާ ޔަޒްދާންގެ ގައިގައި ހިފަހައްޓާލިއެވެ. “އުދުހޭ ކުރަތްޕެއް. ކަންފަތަށްވެސް ވަދެފާނެ.” އެހެންބުނަމުން ޒާރާ ދެކަންފަތުގައި ދެއަތް އެޅިއެވެ.

“ކަންފަތަށް ކުރަފިވަދުނަކަ ނުދޭނަމޭ..” އެހެންބުނެފައި ޒާރާގެ ދެއަތް ކަންފަތުން ނައްޓުވާފައި ޒާރާގެ ގައިގައި ބައްދާލަމުން ދެއަތުން ޔަޒްދާން ޒާރާގެ ދެކަންފަތް ފޮރުވާލިއެވެ.

ބިރުން ހުރުމުން ޒާރާއަށް އަނެއްކާވެސް ހިފެހެއްޓުނީ ޔަޒްދާންގެ ގައިގައެވެ. އަނެއްކާވެސް ޒާރާ ހުރީ ދެލޯމަރާ ތަގުޅިކޮށްގެންނެވެ.

ކުރަފި އައިސްފާނޭތީ އެތައްއިރެއްވަންދެން އެހެންހުރެފައި އެހުރެވުން ގޮތާމެދު ވިސްނާލެވުމުން ބޯހިއްލާލާފައި ޔަޒްދާންގެ މޫނަށް ޒާރާ ބަލާލިއެވެ. ޔަޒްދާންހުރީ ޒާރާއާ ދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ.

ޒާރާ ބަލާލުމުން ޔަޒްދާން ޒާރާގެ ގައިން އަތްދޫކޮށްލިއެވެ. އެވަގުތު ޒާރާއަށް އަނެއްކާވެސް ބަލާލެވުނީ އެއްކަލަ ކުރަފި ކޮބައިތޯއެވެ.

“އެކުރަފި ގޮއްސިއޭ ކުޑަދޮރުން ބޭރަށް ނިކުމެގެން..” ޒާރާ ދެންވެސް އެކުރަފި ހޯދާތީ ޔަޒްދާން އެހެންބުނެލީ ހެމުންހެމުންނެވެ. ޒާރާއަށް ފެނުނު އުދުހޭ ކުރަފި ކޮޓަރިތެރޭގައި ހުޅުވާފައި ހުރި ކުޑަދޮރަކުން ބޭރަށް ނުކުމެގެން ދާތަން ޔަޒްދާންއަށް ވަނީ ފެނިފައެވެ. އެހެންބުނެފައި ޔަޒްދާން އަވަހަށް އެކުޑަދޮރު ލައްޕާލިއެވެ.

އެވަގުތު ލެވިފައިހުރި ކުރުހެދުމުގެ މަތިން ޒާރާ ހަނދާންވިއެވެ. ޔަޒްދާންދެކެ ކިތަންމެ ލޯބިވީކަމުުުުުގައި ވިިިިިިއަަަަސް ޒާރާ އެހާމެ ލަަަަަަަދުވެސް ގަަަަަަަނެއެވެ. ލަދުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އެންމެފަހުން ޒާރާ މޫނުމަތީގައި ދެއަތް އެޅިއެވެ.

ޔަޒްދާން ޒާރާގެ ގާތަށް ހުއްޓުނު ނަމަވެސް ޒާރާގެ އެދެއަތް ނައްޓުވާކަށް ނޫޅެއެވެ. އެހެންހެދުމުން އަދި އިތުރަށް ޒާރާ ލަދުގަންނާނީކަން ޔަޒްދާންއަށް އިނގެއެވެ.

ޔަޒްދާންގެ ދެއަތްދަނޑި މައްޗަށް ޒާރާ އުފުއްލާލައިގެން ގެންގޮސް އެނދުގައި ޒާރާ ބޭއްވިއެވެ. އެއަށްފަހު ޔަޒްދާންގޮސް ކޮޓަރީގެ ހޮޅިބުރި ނިއްވާލާފައި ނިދާބޮކިދިއްލިއެވެ.

**************************

ޔަޒްދާންގެ އަތުތެރޭގައި، ކުޑަކުއްޖެއްހެން ލޯބިކޮށް ނިދާލާފައި އޮތް ޒާރާގެ މޫނަށް ކަޅިޖަހާނުލާ ޔަޒްދާން ބަަލަން އޮތީ އެއްވެސް ފޫހިކަމެއް ނެތިއެވެ.

“ޝައިހާ ބުނިހެން ފިޔަގަނޑެއް ނެތަސް މިއީ ހަމަ ޕަރީއެއް.” އެވަގުތު ޔަޒްދާން ހިތާހިތާ ކިޔާލިއެވެ.

ނިދާފައި އޮތް ޒާރާގެ ހަށިގަނޑުގައި ބައްދާލަމުން ޔަޒްދާންވެސް ނިދޭތޯ ލޯމަރާލިއެވެ. ޔަޒްދާންއަށް  ވެސް ލޯމަރާލިތަނާހެން ނިދުނެވެ.

**************************

ދުވަސްތައް ފާއިތުވަމުން ދިޔަހެން ޒާރާވެސް މާބޮޑަށް ލަދުގަނެފައި ހުންނަގޮތް ކެނޑެމުންދިޔައެވެ. ޒާރާއާ ޝައިހާ ޖަހާ ސަކަރާތުގައި ޔަޒްދާންވެސް ބައިވެރިވެއެވެ. ޝައިހާވެސް ޔަޒްދާންއާ މެދު އަމަލުކުރަމުން ދިޔައީ ޒާރާއާމެދު އަމަލުކުރާ ފަދައިން ވަރަށް ރަނގަޅަށެވެ.

ސަބަބު ނޭނގުނަސް ޝައިހާގެ އުޅުމަށް އައި ހެޔޮ ބަދަލާއިމެދު އެންމެ އުފާވީ ވަފިއްޔާއެވެ. އެތިން ކުދިން އުޅޭ ގޮތުންނާއި ޖަހާ ސަކަރާތް ބަލާފައި ވަފިއްޔާއަށް ހުރެވެނީ އަބަދުވެސް ހެވިފައެވެ.

******************

ޕައިލެޓްކަމުގެ ހުވަފެން ފުރިހަމަ ނުކުރެވުނު ކަމުގައިވިއަސް ޓީޗަރަކަށް ޒާރާ ވާހިތްވާތީ އެމް.އެން.ޔޫ އަށް 3 އަހަރުގެ ޑިގްރީ ޓީޗިން ކޯހެއް ހަދަން ޔަޒްދާން ޒާރާ ފޮނުވިއެވެ.

އެދުވަސްވަރުގެ ތެރޭގައި ދަރިއަކު ނުހޯދުމަށް އެދެމީހުން އޮތީ ވިސްނައި މަޝްވަރާކޮށްފައެވެ. ޔަޒްދާންވެސް ބޭނުންވަނީ ފުރަތަމަ ޒާރާއަށް ކިޔަވައިދޭށެވެ.

***********************

ފުރަތަމަ ދަރިފުޅަށް ޒާރާ ބަނޑުބޮޑުވީ ޓީޗިންގް ކޯސް ނިންމާފައި އަރަބިއްޔާ ސްކޫލްގައި ކިޔަވައިދޭން ދާތާ ދެތިންމަސްދުވަސް ވީފަހުންނެވެ.

ބަނޑުބޮޑުވުމުން ޒާރާ ވިހަންދެން ވަޒީފާއަށް ފޮނުވާކަށް ޔަޒްދާން ބޭނުމެއް ނުވިއެވެ. ބަނޑުބޮޑުވެފައި ހުއްޓާ ކިޔަވައިދޭން ދާން ޒާރާއަށް އުނދަގޫވެދާނެކަން ޔަޒްދާން ދަނެއެވެ. އެހެންވެ ވަޒީފާއިން ކެނޑިގެން ޒާރާވެސް މަޑުކުރީ ގޭގައެވެ.

*************************

އެއްދުވަހެއްގެ ހަވީރެވެ. ޒާރާ އިނީ އެނދުމަތީ އިށީނދެލައިގެން ބަނޑުގައި އޮތް އޭނާގެ ތުއްތު ދަރިފުޅާ ވާހަކަ ދައްކާށެވެ.

“މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ..” ބަނޑަށް  ބަލާލާފައި ޒާރާ ވާހަކަދެއްކީ ހިނިތުންވަމުންނެވެ. ދަރިފުޅުގެ ހަރަކާތްތައް އިހުސާސްވާނެތީ ޒާރާ މަޑުމަޑުން ބަނޑުގައި އަތް ޖައްސާލިއެވެ.

“ބައްޕަވެސް ވަރަށް ލޯބިވޭ” ޔަޒްދާން އެހެންބުނަމުން ޒާރާގެ ގާތުގައި އިށީދެލާފައި ޒާރާގެ ބަނޑުގައި އަތްތިލަ ބާއްވާލިއެވެ. އަދި ޒާރާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

އެވަގުތު ކުއްލިއަކަށް އިތުރު، ކުޑަކުޑަ އަތެއް އައިސް ޒާރާގެ ބަނޑުމަތީގައި އަތްތިލަ ބާއްވާލިއެވެ.

“ޝައިކޮވެސް..” ހިނިތުންވަމުން ޝައިހާ ބުނެލިއެވެ. އޭރު ޝައިހާ އިނީ އެއެނދުމައްޗަށް ދެފައި ވައްކޮށްގެން އަރައެވެ.

“ހެހެހެ..” އެކަމާ ޒާރާއާއި ޔަޒްދާންއަށް އެއްފަހަރާ ހެވެންފެއްޓުނެވެ.

“ޝައިކޯ..” އެހެންބުނަމުން ޒާރާ ޝައިހާގެ ކޮލުގައި ވަރަށް ލޯބިން ހިފާލިއެވެ.

“އަންހެންކުއްޖެއް ލިބިއްޖިއްޔާ ކޮންނަމެއް ކިޔާނީ؟” ޔަޒްދާން ޒާރާގެ މޫނަށް ބަލާލާފައި ވާހަކަ ދެއްކިއެވެ.

“ޝައިހާ ކިޔާނީ..” އެއަށް ޖަވާބު ދިނީ ޝައިހާއެވެ.

“ހެހެ.. ދެން މިގޭގަ ޝައިހާ އެއް ހުއްޓައި އަނެއްކާ ޝައިހާއެއް ނުކިޔާނެއެއްނު..” ޔަޒްދާން ހެމުންހެމުން ބުނެލިއެވެ. އޭރު ޒާރާއަށް ވެސް އެކަމާ ހެވެނީއެވެ.

“ފިރިހެންކުއްޖެއް ލިބިއްޖިއްޔާ ކޮންނަމެއް ކިޔާނީ؟” ޔަޒްދާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“ފިރިހެންކުއްޖެއް ލިބިއްޖިއްޔާ ކިޔާނީ ވިލްދާން..” ޒާރާ އެހެން ބުނެލީ ހިނިތުންވެލާފައެވެ. އެނަން މާކުރިން ޒާރާ ވަނީ ހޯދާފައެވެ.

ވިލްދާންގެ ނަން ޔަޒްދާންއަށާއި ޝައިހާގެ އިތުރުން ވަފިއްޔާއަށްވެސް ވަރަށް ރީތިވިއެވެ. އެހެންވެ އެނަން ކިއުމަށް ފުރިހަމަ ތާއީދު ލިބުނެވެ.

9 މަސްދުވަސް ހަމަވެ ޒާރާ ވިހެއުމުން ލިބުނީވެސް ފިރިހެންކުއްޖެކެވެ. އެކުއްޖާއަށް ކީވެސް ޒާރާ ކުރިން ބުނެފައިވާ ނަމެވެ. ވިލްދާންއެވެ. މާނައަކީ ސުވަރުގޭގެ ފިރިހެންކުއްޖާއެވެ.

ވިލްދާން ލިބުމަށްފަހު، ދެލޮލުގެ ނޫރުފަދަ، އެދަރިފުޅާ އެކީގައި ޔަޒްދާންއާއި ޒާރާ އުފާވެރިކަމާއެކު ދިރިއުޅެމުން ގެންދިޔައެވެ.

(ނިމުނީ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Mai

    Yey me first vaahaka nimunee dho v reethi mibaives ehen vaahaka aka inthizaaru ??????mikuranee love you so much

    1. Crystal
      Mai

      Yes. Mai first.. Thankyou so much. ☺????

    2. Crystal
      Mai

      See you next time ☺

  2. Shu?

    Nimuny dhw v v v rythi,inthizaaru kuraanan crystal ge new story akah ???❤??♥❤

    1. Crystal
      Shu?

      Thankyou so much Shu.. ehen faharakun bayakah genesdheveytho balaanan ???☺

    2. Crystal
      Shu?

      Ehn storyeh *

  3. hello

    vaahaka varah reethi
    comment nukuriyas kiyan
    btw crystal thee arabiyya school student ehtha or teacher eh?

    1. Crystal
      hello

      Thankyou so much ☺???hehe no hello..

  4. Zz

    Ahahah shaihaa? story habeys.. whn ur nxt story

    1. Crystal
      Zz

      Hehe .. Mivaahakaige huriha majaa part eh Gina faharah aee shaihaa aa hedhi dho ? egothah bunaakah neyge. First I’ll have to plan a story .. Thankyou so much ☺???

  5. shaan

    hahahaa. love mie vaahakaves niemunee dhw ?? v v lobe eingeyy mie vaahaka den konerakun enekaaves vaahakaye kiyaalan liebayynee

    1. Crystal
      shaan

      Thankyou so much shaan.. yeah vahaka ves enimunee.. see you next time ☺???

  6. shaan

    ma salaan shaekkoya miehaaru i love donbe dhw n jaaraa datha ☺?????????????

    1. Crystal
      shaan

      Hehe ?yeah ?

    2. Crystal
      shaan

      Aslu shaihaa gothah kudakudhinnah vaany.. kameh viyya abadhu ves jeheynee reason hodhan hehe

  7. mishy

    Woww… amazing stry crystal.. I’m waiting for ur nxt stry

    1. Crystal
      mishy

      Thankyou so much mishy.. see you next time ???☺

  8. Shaal

    Comment nukuriyas gavaidhun stry kiyan
    One of the best ❤❤

    1. Shaal
      Shaal

      * one of the best story ❤❤

    2. Crystal
      Shaal

      Thankyou so much shaal ???☺

  9. Friends

    Gavaadhun stry ah comment nukuriyas hama daily koh kiyan.vv salhi stry dhiyagoih.
    Ummeedhu kuran dear ge nw stry eh up kuran fashaane kamah.
    Keep it up.?????

    1. Crystal
      Friends

      Thankyou so much friends ☺??? see u next time

  10. Shu?

    Crystal dhen konirakun tha mikahala loabi story eh genesdheveyvaru vaany? Plx plx avas kohla dhehchey..Shu mi wait kurany crystal ge story akah hama ????

    1. Crystal
      Shu?

      Hehe Shu.. anehkaaves story eh plan kurevunyma .. btw ehn bunaakah nyge. These days.. I’m v bxy .. Thankyou so much ☺???

  11. Elyna

    varah salhi

  12. Rose

    Loabi….

Comments are closed.