އިހުސާސް ދެވަނަ ބައި….
“ކިހާ ދެރަކަމެއްތަމި ދެން؟؟” ނަހުލާ ރުޅިއައިސް ރަތްވެހުރެ ޖަމީލުއާ ދިމާލަށް ޓެބްލެޓް ދިއްކޮށްލަމުން ބުންޏެވެ. ޖަމީލް ޓެބްލެޓް އަތުލާ ބަލާލިއިރު އޭގައި ހުޅުވާފައި އިން ހަވީރު ނޫސް ޕޭޖުގެ ފަލަ ސުރުހީއަކަށް އިނީ ރިޝްވާން ކާމިލްގެ ގަޔަށް ވަޅިހަރާ މަރާލި ޚަބަރެވެ. “ހަވީރު އެކަންޏެއް ނޫން، ރާއްޖޭގައި ޚަބަރު ފަތުރާ ހުރިހާ ވަސީލަތެއްގެ ފަލަ ސުރުހީ އަކީ ވެސް ހަމަ މި ވާހަކަ، އަދި މިމީހުންގެ ވަރު ބަލާބަލަ، އެވާހަކަ އެދައްކަނީ އިތުރަށް ފޮނިތޮށި އާއި ކާފޫރު ތޮޅިވެސްލައިގެން..” ނަހުލާ ޖަމީލް ކައިރީގައިން ސޯފާގައި އިށީންނަމުން ވާހަކަދެއްކިއެވެ. ” ނަހުލާއަށް ހީވޭތަ އަހަރެމެންގެ ރިޝްވާން އެފަދަ ކަމެއް ކޮށްފާނެހެން؟؟” ޖަމީލުގެ އެސުވާލުން ނަހުލާ އައިސް ހުރި ރުޅި އިތުރަށް ގަދަވެގެން ދިޔައެވެ. ” ތީ ކުރަން ޖެހޭ ވަރުގެ ސުވާލެއްތަ ޖަމީލް؟؟، އަހަންނަކަށް ނޭގެ ތި ސުވާލުގެ ޖަވާބެއް… އަހަރެން ތިކަމާ ވިސްނާނަމަތާ ތިއަށް ޖަވާބެއްވެސް ހޯދާފަ ބޭއްވޭނީވެސް ދޯ؟؟… އައި ނޯ މައި ސަން އިޒް އިނޮސެންޓް…..” ނަހުލާ ރުޅިވެރިކަމާއެކީ ޖަމީލަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ. ” ނަހުލާ ކިތަންމެ ރުޅިއައިސް ރަތްވިއަސް ހެޔޮ… ވީ ޝުޑް ސީ ދަ ފެކްޓްސް ދޯ؟؟… ސިޗުއޭޝަން ހުރިގޮތުން މީހަމަ ކޮންމެ މީހަކަށްވެސް ކުރެވޭނެ އަދި ކުރާނެވެސް ސުވާލުތަކޭ…..”
“ބަލަ އެހެން މީހުން ކޮންމެ އެއްޗެކޭ ކިޔަސް ހީ އިޒް އަވަ ސަން ޑޭމިޓް…” ޖަމީލު ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ނަހުލާ އިތުރަށް ނުރުހުން ފާޅުކުރިއެވެ. ” އަހަރެމެންގެ ހުރި ހަމަ އެކަނި ދަރިފުޅު، މަގޭ ދަރި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ އެވީ ބަރާބަރު ފަސްދުވަސް، އޭނަ އެތާ ހުންނަން ޖެހޭ ކޮންމެ ސިކުންތެއް، ކޮންމެ މިނިޓެއް އޭނަ ހޭދަކުރަން ޖެހޭނެ ހާލާމެދު ޖަމީލް ހަމަ އެންމެ ފަހަރަކުވެސް ނުވިސްނަންތަ؟؟… އޭނަގެ ހާލާމެދު އެކަންޏެއް ނޫން، ކޮބާ މީގެ ސަބަބުން އަހަރެމެންގެ ރެޕިއުޓޭޝަނަށް ކުރާނެ އަސަރު؟ ކޮބާ އަހަރެމެންގެ ވިޔަފާރިއަށް ކުރާނެ އަސަރު؟؟..” ނަހުލާ ސޯފާއިން ތެދުވެ ހަރު އަޑުން ޖަމީލާ މުޚާތަބުކޮށް ވާހަކަ ދައްކަން ފެށިއެވެ. “ހެޔޮ މަށަށް ކޮންމެ ގޮތަކަށް ހަދާފައި ވިޔަސް ކުރިއަށް އޮތް ދެދުވަސްތެރޭ ރިޝްވާން ހުންނަން ޖެހޭނީ މިގޭގެ ފުރާޅު ދަށުގައި، ޕޮލިސް ކަމިޝްނަރަށް ގުޅާ، ނައިބު ރައީސަށް ގުޅާ ހެޔޮ ރައީސަށް ގުޅައިގެން ވިއަސް، އޭނަ ފުލުހުންގެ ކިބައިން ސަލާމަތްކުރޭ.. ކޮންމެ ގޮތަކަށް ހަދާފައި ވިޔަސް މިމައްސަލަ ކޯޓަށް ވަދެ ޓްރައިލް އާއި ހަމަޔަށް ގެންދިޔަދީގެން ނުވާނެ…” ނަހުލާ އޭނާގެ ވާހަކަ ފުރިހަމަ ކުރުމަށްފަހު ހަލުވި ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ނަހުލާ ދިޔަތަން ބަލަން އިން ޖަމީލަށް ދެފަރާތަށް ކުޑަކޮށް ބޯހޫރާލާފައި ފުން ނޭވާއެއް ބޭރު ކޮށްލެވުނެވެ. މުޅި އެދުވަހުގެ ދުވާލާއި ރޭގަނޑު ޖަމީލް ހޭދަކުރީ ސަރުކާރުގެ ބޮޑެތި ފަރާތްތަކަށް ގުޅާ ވާހަކަ ދެއްކުމުގައެވެ.
ރިޝްވާން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ހަތްވަނައަށް ވީދުވަހު ފުލުހުންނަށް ރިޝްވާނާ ދެކޮޅަށް އެންމެ އެކަޝީގެންވާ ހެކިތައް ނުހޯދެޔޭ ބުނެ ކޯޓުން ރިޝްވާން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރެއްނެރުނެވެ. މިއަމުރުގެ ދަށުން ފުލުހުން ރިޝްވާން ދޫކޮށްލުން ވެގެން ދިޔައީ އެހަފްތާގެ ފަލަ ސުރުހީއަށެވެ.
މީޑިޔާއިން މިހަބަރަށް ދެމުން ގެންދިޔަ ޝައުގުވެރިކަމުގެ ސަބަބުން ރިޝްވާނަށް މަގުމައްޗަށް ނުކުމެ އުޅުންވެސް އުނދަގޫ ވެގެން ދިއައެވެ. ފުލުހުންގެ ބެލުމުގެ ދަށުން ރިޝްވާން ދޫކޮށްލިތާ މިހާރު ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. އޭނާ ކޮންމެ ގަޑިއަކު ކޮންމެ ތަނަކަށް ދިޔައަސް މީޑިޔާއިން އޭނާ ފޮލޯ ކުރެއެވެ. އެހެން ކަމުން އޭނާ ނިންމީ މިކަންތައް ތަންކޮޅެއް ފިނި ވަންދެން އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުނިކުންނާށެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރިޝްވާން އޮތީ އޭނާގެ ކޮޓަރީގައި ލަވަޖަހައިގެން ކޮންމެވެސް ވާހަކައެއް ކިޔާށެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި އިންވަރުން ފޯނު ދެފަހަރަށް ރިންގުވުމުންވެސް ރިޝްވާނަކަށް ނޭނގުނެވެ. ނަމަވެސް ތިންވަނަ ފަހަރަށް ރިންގުވާން ފެށުމުން ރިޝްވާން ފޯނުނަގާ އެއަށް ޖަވާބުދިނެވެ. ” ބަލަ ކިހިނެއް ހަދައިގެން ތިއުޅެނީ؟؟ ގުޅާ ގުޅާ ފޯނުވެސް ނަގަނީކީ އެއްނޫން… ކޮންތާކު ތިއުޅެނީ؟؟” ރިޝްވާން ފޯނަށް ޖަވާބު ދިނުމާއެކީ ހައިކަލް އަންހެން ކުއްޖެއް ފަދައިން ޝަކުވާފަށެއް ކޮށްލިގޮތުން ރިޝްވާންގެ ގާތަށް ކުޑަކޮށް ހިނިއައެވެ. “ހައިކަލްއަށް ވެސް އިނގެއެއްނު ކަންތައް ވީގޮތް، އެހެންވެ އަސްލު ކުޑަ ދުވަސް ކޮޅަކަށް ބޭރަށް ނުނިކުންނަން ކަމަށް މިހުންނަނީ…” ރިޝްވާންގެ ހިޔާލު ހައިކަލްއަށް އެހާމާކަމުދާ ހިޔާލަކަށް ނުވުމުން އެތަކެއް ވާހަކައެއް ދައްކައިގެން އެންމެފަހުން ހައިކަލް، ރިޝްވާން އޭނަޔާއެކީ ބޭރަށް ދިއުމަށް އެއްބަސް ކުރުވިއެވެ. އަދި ފަނަރަވަރަކަށް މިނެޓުފަހުން އެގޭ ކައިރިއަށް އަންނާމޭ ބުނެ އޭނާ ފޯނުބޭއްވިއެވެ.
ހައިކަލް އާއި ރިޝްވަނަކީ ކިތަންމެ ގާތް ދެރަހުމަތްތެރިން ކަމުގައި ވިޔަސް އެދެމީހުންގެ މައިންބަފައިންގެ ދެމެދުގައި އެއްވެސް ގުޅުމެއްނޯވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިދެއާއިލާގެ ދެމެދުގައި މީކިހިނެއް އުފަދެންޖެހުނު މައްސަލައެއްކަންވެސް ރިޝްވާނަކަށް އަދި ހައިކަލް އަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެދެއާއިލާގެ ދެމެދު އޮންނަނީ ދުވަސްވީ ނަފްރަތުގެ ގުޅުމެއްކަމެވެ. އެގުޅުން ހީނަރުވާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ބިޒްނަސް ރައިވާލްރީ ކަމަށްވެސް ވެދާނެއެވެ.
ނޫކުލައިގެ ޓީޝާޓަކާ އެކީ ކަޅު ކުލައިގެ ޖިންސެއް ލައިގެން ރިޝްވާން ހުރިއިރު އޭނާގެ ރީތިކަމާއި ސާދާކަން ކިތަންމެހާވެސް ރަގަޅަށް ފެންނަން ހުއްޓެވެ. ނަމަވެސް އެހިތްގައިމު މޫނުމަތިން ފެންނަން ހުރި ކުލަވަރުތައް މުޅިންތަފާތެވެ. އެމޫނުމައްޗަށް ވެރިވެފައި ވަނީ މޮޅިވެރިކަމާއި ހިތާމައިގެ އަސަރެވެ. ރިޝްވާން ކުޑައިރު ކޮޅެއްވަންދެން ލޯނގަޑު ކުރިމަތީ އަމިއްލަ ސޫރައަށް ބަލަންހުރެފައި ކޮޓަރިން ބޭރަށް ނިކުތެވެ.
ރިޝްވާނާ ހައިކަލް އައިސް ކޮފީބޯން މޭޒު ދޮށުގައި އިށީނީއްސުރެން ކޮފީ ޝޮޕްތެރޭ ތިބި ގިނަ މީހުންގެ ނަޒަރު ހުއްޓިފައި ވަނީ އެމީހުންނާ ދިމާލަށެވެ. ރިޝްވާން ދިއައީ މީހުންގެ ނަފްރަތުން ފުރިގެންވާ ލޯތަކުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރަމުންނެވެ. “ބަލާބަލަ އެހެރީ އެއްކަ ރިޝްވާން، އޭނާގެ ހުރި ލަދު ކުޑަކަން ބަލާބަލަ…” އެތަނުން ކޮންމެވެސް މީހަކު ބުނެލިއަޑު އިވުނެވެ. ” ” ކޮންލަދެއްތަ، އޭނަޔަށް އެބަ އެނގޭ ވިއްޔާ ބައްޕަޔާ މަންމަގެ ލާރިގަނޑުގެ އެހީގައި ތިމަންނަ ކޮންމެފަދަ ކަމެއްކޮށްލާފަ ވެސް ސަލާމަތް ވެވޭނެކަން…ކޮން ބިރެއް، ކޮން ލަދެއް” ކޮންމެވެސް އެހެން މީހަކު ބުނެލި އަޑުއިވުނެވެ. ހައިކަލް މަޑުމަޑުން ރިޝްވާން ކައިރީ އަޅާނުލާށޭ ބުނަމުން ވެއިޓަރަށް ގޮވާ، އެއް ކަޅު ކޮފީ އަކަށާއި ކެޕަޗީނޯއަކަށް އޯޑާކުރިއެވެ.
އިވެމުންދިޔަ ކޮންމެ އަޑަކާއެކީ ރިޝްވާން ދިއައީ އޭނާގެ ރުޅި ކޮންޓްރޯލް ކުރެވޭތޯ އެތަށް މަސައްކަތެއް ކުރަމުންނެވެ. ރިޝްވާންގެ ހިތާއި ސިކުނޑިން ވޭތުވެދިޔަ ދުވަސް ކޮޅުގައި ހިނގައިދިޔަ ހުރިހާ ކަމެއްގެ ހަދާން ކުޑަވަގުތު ކޮޅަކަށް ނަމަވެސް ނައްތުވާލަން ހައިކަލް ބޭނުންވިއެވެ. “ޑޫޑް ހަދާން ވޭތަ އެއްކަ ހަސީނާ މަތިން..އޭނައާ ދިމާލަށް ހަސީނާ އެކޭވެސް ނޫން ކިޔަންވީ،ފުށްދަޅޭ ކިޔަންވީ..މޫނުގަ ހީވަނީ ދަވާދުލާފަ ހުންނަހެން.. ހަނދާންވޭތަ އޭނަ ދިއައެންނުން ތިގެއަށްވެސް ކަލެއާ ކައިވެނި ކުރުމަށްއެދި، އެފަކީރު އޭނާގެ ހިތުގެ އެދުން ބަޔާންކުރީ ރިޝްކަމަށް ހީކޮށް ޖަމީލުބެ ކައިރީދޯ؟؟ ހެހެހެހެހެ މައަދިވެސް ހަދާންހުރޭ އޭނަ ތިގެއިން ނިކުމެގެން ދުވެފަ ދިޔަގޮތް….” ހައިކަލް އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ރިޝްވާން އެވާހަކަތަކާ މާބޮޑަކަށް އަޅައެއް ނުލާ މަޑުމަޑުން އެތާއިނީއެވެ. އެވަގުތު ވެއިޓަރ ކޮފީ ގެނެސް މޭޒުމައްޗަށް އެރުވިއެވެ. ރިޝްވާން އެއްފަހަރު ކޮފީތައްޓާ ދިމާލަށް އަނެއްފަހަރު ވެއިޓަރާ ދިމާލަށް ބަލާލުމަށްފަހު ވެއިޓަރާ ދިމާލަށް ހަޅޭއްލަވަން ފެށިއެވެ. ” ކަލޭ ބީރުތަ؟؟ އޯޑާ ދިންއިރު ކަލެއަށް ހަމަ އަޑު ނީވުނީތަ؟؟ ކާކު ބުނީ ކިރު ކޮފީއެއް ގެންނާށޭ؟؟” ރިޝްވާން ކޮއްޅަށް ތެދުވެ އެވެއިޓަރާ ދިމާލަށް ހަޅޭއް ލަވައިގަތުމުން ހައިކަލް ތެދުވެ ރިޝްވާންގާތު ހަމަޖެހުމަށް ބުނުމުންވެސް ރިޝްވާންގާތަށް އައީ ރުޅިއެވެ. އެއައި ރުޅީގައި ރިޝްވާން ކޮފީޝޮޕުން ނިކުންނަން ހިނގައިގަތް ވަގުތު ފަހަތުން އިވުނު އަޑަކުން ރިޝްވާން ހުއްޓުން އެރިއެވެ. ” އަދިވެސް ވީވަރު ކުޑައީތަ.. ދެން ތި ވެއިޓަރު ވެސް މަރާލަން ވީ ނު”…ރިޝްވާން ރުޅި ގަދަވެގެން ގޮސް ދެއަތް ބާރަކަށް މުއްކަވައިލެވުނެވެ. ހައިކަލް ބަލާކަށް ނުހުރެ އައިސް ރިޝްވާން ގޮވައިގެން ކޮފީޝޮޕުން ނިކުމެގެން ދިއައެވެ. މިކަހަލަ ދަނޑިވަޅެއްގައި ރިޝްވާން ގެ ފަރާތުން ވައޮލެންޓް މަންޒަރެއް ފެނުމަކީ ކަންތައް އިތުރަށް ގޯސް ވެދާނެ ކަމެއްކަމަށް ބުނެ ރިޝްވާނައަށް ވިސްނަ ދެވޭތޯ ހައިކަލް މަސައްކަތް ކުރިއެވެ. ނަމަވެސް އެވަގުތު ރިޝްވާން ހުރީ އެއްވެސް މީހަކު ކިޔާ އެއްޗެއް ވިސްނޭވަރަށް ވުރެ ރުޅިގަދަ ވެފައި ކަމުން ހައިކަލް ދެއްކި އެއްވެސް ވާހަކައެއް އަޑެއްނާހާ ރިޝްވާން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ހައިކަލް ވެސް އިތުރަށް ރިޝްވާން ހިފަހައްޓާކަށް ނޫޅުނު ސަބަބަކީ ރިޝްވާން މީގެ ކުރިން އެހާ ރުޅި ގަދަވެފައި ހުއްޓާ ހުދު ހައިކަލް އަށްވެސް ފެނިފައި ނުވާތީކަމުން މިވަގުތު އެންމެ ރަގަޅު ގޮތަކީ ރިޝްވާން އެކަނި ދޫކޮށްލުން ކަމަށްވާތީއެވެ.
ރިޝްވާން ގޭގެ ދޮރު ހުޅުވި އަޑަށް، ސިޓިން ރޫމް ގައި އިން ނަހުލާ އޭނާއަށް ގޮވާލިއެވެ. ދެ ފަހަރު ގޮވާލެވުނު އިރުވެސް ރިޝްވާންއަކަށް އަޑުއިވޭ ކަމަކަށް ނުވިއެވެ. ރިޝްވާން ފެނުމުން ނަހުލާ ކުރިއަށް ތުރެން ބާރަށް ރިޝްވާނަށް ގޮވާލިއެވެ. އެއަޑަށް ރިޝްވާނަށް ސިހިފައި ކަހަލަ ގޮތަކަށް މަޑު ކޮށްލެވުނެވެ. އެވަގުތު ރިޝްވާން ހުރިހާލު ފެނުމުން ނަހުލާގެ ހިތް ކުދިކުދި ވިކަހަލައެވެ. ކޮއްޅަށް ހުރިއިރުވެސް އެހަށިގަނޑުގައި އެއްވެސް ބާރެއް ނެތްކަހަލައެވެ. އެރީތި މޫނުމަތިވަނީމިލާ މޯޅިވެފައެވެ. ރިޝްވާންގެ އެފުން ދެލޮލުން އެވަގުތު ނަހުލާއަށް އޭނާގެ ހިތުގައި އަޅަމުންދިޔަވޭން އިހުސާސް ކުރެވޭ ކަހަލައެވެ. ނަހުލާ ރިޝްވާނާ ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން އޭނާގެ ހާލު އެމަންމައަށް ތަސައްވަރު ކުރެވޭކަން ރިޝްވާންއަށް އެނގުނެވެ. ހަމަ އެއާއިއެކީ ރިޝްވާން ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އޭނާ އެތާ އިރުކޮޅަކަށްވެސް މަޑު ކުރިނަމަ އެހިތުތެރޭ ފޮރުވާފައިވާ ތަދާ އެހުރިހާ ޝަކުވާތަށް ކަރުނައިގެ ގޮތުގައި ބޭރުވީސްކަން ޔަޤީނެވެ. ރިޝްވާން ދިޔަތަން ބަލަން ނަހުލާއިން އިރު ރިޝްވާން އެގޮތަށް ކަންތައްކުރި ސަބަބު ނަހުލާއަށް ވިސްނުނެވެ. މިރޭވެސް ބޭރަށް ގޮސްއުޅުމުގެ ތެރޭގައި ކޮންމެސް މީހެއްގެ ފަރާތުން ރިޝްވާން ދެރަވާފަދަ ވާހަކައެއް އަޑުއިވުނީކަން ނަހުލާއަށް ޔަޤީންކުރެވުނެވެ. އެންމެން ރިޝްވާން ކުށްވެރިކޮށް ވާހަކަދެއްކިއަސް ރިޝްވާނާ ދެކޮޅަށް ކޮންމެ ހެއްކެއް ދެއްކިއަސް ނަހުލާ އެއްގޮތަކަށްވެސް ރިޝްވާނަކީ ކުށްވެރިއެއް ކަމަށް ޤަބޫލެއް ނުކުރެއެވެ. އޭނާގެ ބަނޑުން އުފަން އޭނާ ތަރުބިއްޔަތުކޮށް ބަލާ ބޮޑު ކޮށްފައިހުރި ކުއްޖަކު އެފަދަ ބޮޑު ލާއިންސާނީ އަމަލެއް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އެބައޮތެވެ. ވާނީވެސް އެހެންތާއެވެ. ނުވަމަސް ދުވަހު ބަނޑުގައި އަޅާވިހެއި، ދެލޮލުގެ ނޫރު ފަދައިން ބަލާ ބޮޑު ކުރި ދަރިއަކު އެފަދަ މަގަކުން ގޮސްފާނެކަމަކަށް ޤަބޫލުކުރެވޭނީ ފަހެ ކޮންމަޔަކަށް ހެއްޔެވެ.
ވޭތުވެދިޔަ މަދު ދުވަސްކޮޅު އޭނައާއި ދިމާވެދިޔަ ހާދިސާއާއި ދޭތެރޭ އެތައް އިރެއް ވަންދެން ވިސްނަން އޮވެފައި ރިޝްވާން ފެންވަރަން ފާހާނާއަށްވަނެވެ. ކުޑައިރު ކޮޅެއްފަހުން ރިޝްވާން ފެން ވަރާލައިގެން ކޮޓަރިން ނިކުތް އިރު ސިޓިން ރޫމްގައި އޭނާގެ ބައްޕަ އާއި މަންމަ ވާހަކަ ދައްކަން ތިއްބެވެ. ” ދަރިފުޅާ ބައްޕަ އެއްކަލަ ޔޮޓު ގަނެފިން.. އެހެންވެ ބައްޕައާއި މަންމަ މިއުޅެނީ އަންނަ އަންގާރަ ދުވަހު އޭގެ ޕޭޕާރ ވޯކް ކަންތައް ނިންމާލުމަށް އަރިއަތޮޅަށް ދާންވެގެން، ދަރިފުޅުވެސް ދާންވީނު ބައްޕަމެންނާއި އެކީ؟؟…ޖަމީލު ރިޝްވާނަށް ހިޔާލެއްދިނެވެ. ” ނޫން ބައްޕަމެން ގޮސްލާފަ އާދޭ.. އަހަރެން އެހާ ދާހިތެއް ނުވޭ….” ” ދެންދަރިފުޅު އެކަނި ކިހިނެއް ގޭގަ އުޅޭނީ؟؟…. މަންމަމެނަށް އާދެވެނީ ފަހަރެއްގަ ހަފްތާއެއް ފަހުން… މަންމަ ހިތްހަމައެއް ނުޖެހޭ ދަރިފުޅު އެކަނި ދޫކޮށްލާފަ ދާކަށް…” މިފަހަރު ވާހަކަދެއްކީ ނަހުލާއެވެ. ” މަންމާ ކަންބޮޑު ނުވެބަލަ. އަހަރެން އެކަންޏެއް ނުވާނެއެއްނު، އެހެރީނު ހައިކަލްވެސް… އެހެން ނޫނަސް އޭނަ އެބަކިޔާ އަހަރެން މާމޫޑީކޮށް ހުންނާތީ އަހަރެން ގޮވައިގެން މިތާ ކައިރި ރިސޯޓަކަށްދާ ވާހަކަވެސް…. ބައްޕާއެއީ ރަނގަޅު ގޮތެއްނު ދޯ؟؟ އޭރު ބައްޕަމެން އަންނަން ވާއިރަށް އަހަރެންވެސް ކުޑަކޮށް ޗުއްޓީހަދާލާފަ އަންނާނަން….” ރިޝްވާންގެ ހިޔާލާމެދު ޖަމީލުއާއި ނަހުލާ ކިތަންމެ ހިތްހަމަ ނުޖެހުނަސް އެކަމަށް ނަހުލާ އެއްބަސްވިއެވެ. ނަހުލާ ޤަބޫލުކުރާ ގޮތުގައި ދެއާއިލާގެ ދެމެދެގައި އޮތް ނުތަނަވަސް ކަމެއްގެ ސަބަބުން ރިޝްވާން އާއި ހައިކަލްގެ ގާތްގުޅުމަށް އެކަމުގެ އެއްވެސް އަސަރެއް ކޮށްގެންނުވާނެއެވެ. ހައިކަލް އަކީ ކިތަންމެ އަހުލާގު ރަނގަޅު ކުއްޖެއްކަމުގައި ވިއަސް އޭނާއަކީ ނަހުލާވެސް އަދި ޖަމީލުވެސް އެހާ ހިތްހަމަ ޖެހޭ ކުއްޖެއްނޫނެވެ. ނަހުލާއަށް ވުރެންވެސް ބޮޑަށް ޖަމީލު ހައިކަލްއާއި ދޭތެރޭ ހިތްހަމަ ނުޖެހެއެވެ. އެދެއާއިލާގެ ދެމެދުގައި އޮތް ބިޒްނަސް ރައިވަލްރީ އަކީއޭގެ ސަބަބެއްކަމާމެދު ޝައްކެއްނެތެވެ.
ރިޝްވާން ބެލްކަނީގައި އިން ގޮނޑިއެއްގައި ލެޕްޓޮޕް ހިފައިގެން އިންދާ ނަހުލާ އައިސްވަނެވެ. ނަހުލާގެ މޫނުމަތިން ފާޅުވާންހުރި ހިނިތުންވުން ފެނި ރިޝްވާން އެކަމާބެހޭ ގޮތުން ސުވާލުކުރުމުން އައި ހޭވް އަ ސަޕްރައިޒް ވެއިޓިން ފޯ ޔޫ އިން ޔުއަރ ރޫމްއޭ ނަހުލާ ބުނުމުން ރިޝްވާން ކުޑަކޮށް ހީލާފައި އަވަސް އަވަހަށް ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ” ސަޕްރައިޒް ” ކޮޓަރީގެ ދޮރުހުޅުވާ އެތެރެއަށް ވަނުމާއެކީ ޝާނާ ދުވެފައައިސް ރިޝްވާންގެ ގައިގައި އޮޅުލައިގަތެވެ. ޝާނާއަކީ ރިޝްވާން އާއި އޮސްޓްރޭލިޔާއިން ދިމާވި ކުއްޖެކެވެ. އޭނާއަކީ މާލެއަށް އުފަން އޮސްޓްރޭލިޔާގައި އުޅެ ބޮޑުވީ ކުއްޖެކެވެ. ރިޝްވާން އޮސްޓްރޭލިޔާގައި ހޭދަކުރި ތިންއަހަރު ދުވަހުގެ ތެރޭގައި މިދެމީހުންގެ ދެމެދުގައި ވަނީ ވަރަށް ގާތްގުޅުމެއް އުފެދިފައެވެ. އެތަކެއްދުވަސް ފަހުން ޝާނާ ފެނުމުން ރިޝްވާންހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެކަމަކު ރިޝްވާންއަށް ވުރެން ބޮޑަށް ޝާނާ ހުރީ އެކަމާ ހިތްހަމަ ޖެހިފައެވެ. ރިޝްވާން ފެނުމުން އޭނާގެ ހިތުގައި ބުނަން ނޭނގޭފަދަ އިހުސާސް ތަކެއް އުފެދިގެން ދިއައެވެ. ރިޝްވާން ރާއްޖެއައި ފަހުން ވެސް ރިޝްވާންގެ ހަދާންތަކާ ޝާނާއަށް ދުރަކަށް ނުދެވުނެވެ. އެހެންކަމުން އަށްކަނޑު ހުރަސްކޮށް އޭނާ އެއައީ ހަމައެކަނި ރިޝްވާނާ ބައްދަލުކޮށްލާށެވެ. ރިޝްވާން ފެނުމުން އެހިތަށް ފިނިކަން ލިބޭނެތީއެވެ. ރިޝްވާން އާއިއެކީ ހޭދަކުރެވުނު ކުޑަދުވަސް ކޮޅުގެ ތެރޭގައި ރިޝްވާންގެ ނަން ވަނީ ޝާނާގެ ހިތާ ސިކުނޑީގައި ބިންވަޅުނެގިފައެވެ.
ޝާނާއާއި ރިޝްވާން ތިބީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި އިށީދެގެންނެވެ. ރިޝްވާން ވަރަށް ތަފްސީލުކޮށް ވޭތުވެދިޔަ ދުވަސްކޮޅު އޭނާއާއި ދޭތެރޭ ކަންތައްވީގޮތް ޝާނާއަށް ކިޔައިދިނެވެ. އެހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު ރިޝްވާންހުރީ ފެންކަޅިވެފައެވެ. އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ފެނުމުން ޝާނާގެހިތަށް ހީވީ މީހަކު ދެތިން ތީރު އެކީ ހަރާލީހެންނެވެ. ރިޝްވާން ދެއްކި ހުރިހާ ވާހަކައެއްވެސް އޭނާ ގަބޫލުކުރާ ކަމަށާއި އެހެން މީހަކު ރިޝްވާނާއެކީ ނެތަސް އޭނާ އަބަދުވެސް ރިޝްވާންއާއި އެކީ ވާނޭކަމަށް ބުނަމުން ޝާނާ ރިޝްވާންގެ ގައިގައި އަނެއްކާވެސް ބައްދާލިއެވެ. ރިޝްވާނަށް ފުރަތަމަ ފަހަރަށް މީހެއްކައިރީ ހިތުގައި ފޮރުވާފައި ހުރި މާޔޫސް ކަމާއި ޝަކުވާތައް ހިއްސާކޮށްލެވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ހިތަށް ލިބިގެންދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. އެވަގުތު ބޭއިޚުތިޔާރުގައި އޭނާއަށް ވެސް ޝާނާގެ ގައިގައި ބައްދާލެވުނެވެ. އަދި މަޑުމަޑުން ޝާނާގެ ބުރަކަށީގައި ފިރުމަމުން އިތުރަށް ޝާނާ ގަޔާއި ކައިރިކޮށް ފިއްތާލިއެވެ. ޝާނާ މަޑު މަޑުން ރިޝްވާންގެ ގަމީހުގެ ގޮތްނައްޓަމުން ރިޝްވާންގެ ކަނދުރާއަށާއި މެއިމައްޗަށް ބޮސްދެން ފެށިއެވެ. ރިޝްވާން، ޝާނާ އޭނާގެ ގަޔާ ދުރުކުރަމުން ޝާނާގެ މަސްތުން ފުރިގެންވާ ދެތުންފަތަށް ބޮސްދޭންފެށިއެވެ. އަދި ޝާނާ ލައިގެންހުރި ހުދުކުލައިގެ ކުރުތާ ބޭލުމަށް ފަހު ބިންމައްޗަށް އެއްލާލަމުން ޝާނާގެ އެހިތްގައިމު ރީތި ހަށިގަނޑަށް ބޮސްދޭން ފެށިއެވެ. އެވަގުތު ކޮޅުގެ ނާޒުކުކަންމަތީ ތިބެ ޝައިތާނާގެ އަވައިގައި ޖެހި ދެމީހުންވެސް ތިބީ ދުނިޔޭގެ ވަގުތީ އަރާމާއި ލައްޒަތު ހޯދުމަށް ފެންބޮވައިގެންފައެވެ. އޭރު ރިޝްވާން ކޮޓަރީގެ މޭޒުމަތީގައި އިން ވާސްއެއް ތެރޭގައި ހަރުކޮއްފައިން ސްޕައިކެމެރާއިން ދިއައީ އެމީހުންގެ ހުރިހާ ހަރަކާތެއް ރެކޯޑުކުރަމުންނެވެ.
ނުނިމޭ…….
6 Comments!
Comments are closed.
Salhi devana bai avahah nerehchey
ތޭންކްސް އީނާޝް 🙂
ވަރަށްރީތި ވާހަކަ 3ވަނަބަޔަށްއިންތިޒާރުކުރަން
ހާދަ ލަހޭ ކޮބާ ޥާހަކަ އަވަސްކޮއްދީބަލަ
varah salhi…………… best of luck
mivaahaka varah reethi vaane hen heevanee mahsala akee maalahun genes dey theeve avahah genes dhee