ކެތްކުރީމޭ އެހެނަސް (4 ވަނަ ބައި)
އަނެއްކާވެސް އިތުރު ބައްދަލުވުމެކެވެ. މިފަހަރުގެ ވާހަކަ ފަށަން މިޖެހެނީ ގާޑިޔާދޮށަށް ކުރުނބާ ބޯން ދިޔަ ދުވަހެއްގެ ވާހަކައިންނެވެ. އަހެރެންނާ ލަމްއާ ދެމީހުން ކޮލެޖު ނިމިގެން ދަމުން ގާޑިޔާ ދޮށަށް މަޑުކޮށްލީ ކުރުނބާއެއް ބޯހިތްވީތީއެވެ. ލާރިދައްކާ ހަދައި ކުރުނބާ ހިފައިގެން ގޮސް އަހަރުމެން އިށީނީ ދިގުކޮށް ރާނާފައި ހުރި ފާރުބުރީގެ މަތީގައެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ފެނުނީ ޒާން އައިސް ދާދި ގާތުގައި ހުއްޓިލީ މަންޒަރެވެ.
“ޢީޝް…. އެންމެ ފަހަރަކުވެސް އަޅެ އަހަރެން ދައްކާ ވާހަކަ އަޑުއަހައި ލެވިދާނެތަ” ލަމްހާ އިނީތީ ޒާން ވާހަކަ ދެއްކީ ދައްކަން ނުދައްކަން ހުރި ކަހަލަ ގޮތަކަށެވެ. އަހަރެން ބަލައިލީ ކައިރީގައި އިން ލަމްހާއަށެވެ. އެއްވެސް އެއްޗެކޭ ނުބުނެ ލަމްހާ ދުރަށް ޖެހިލީ އަހަރެން ބޭނުންވީ ގޮތް އެނގިގެން ކަންނޭނގެއެވެ. ” އަހަރެން ނުދެކެން އަހަރުމެން ދެމީހުން އަލަކުން ވާހަކަ ދައްކަން ޖެހޭނެކަމަކަށް ………… އެވެސް ބަރާބަރު 3 އަހަރުގެ މެދުކެނޑުމަށްފަހު” އަހަރެން ޒާންއާ ހަތަރުކަޅި ހަމަނުކޮށްވޭތޯބެލީމެވެ. އަހަރެންނަށް ޖަވާބު ދިނުމެއްނެތި ޒާން އައިސް އިށީނީ ކުރިން ލަމްހާ އިށީނދެ އިން ތާގައެވެ.
” އެކަމަކު އަހަރެން ދެކެނީ އަހަރުމެން ދެމީހުން ވާހަކަ ދައްކަން އެބަޖެހޭކަމަށް. ޢީޝްއަށް މިގޮތާއި އެއްބަސް ނުވެވުނަސް….. ” ޒާން އިސްޖަހައިގެން އިނދެ އޭނަގެ ވާހަކަ އިއްވިއެވެ. ” އެހެން މީހުންވެސް އަހަރެންނަށް ކިޔަނީ އިފާ…. އިފާޝާ…… ޒާން ވެސް އެހެން ކިޔާބަލަ….. ބައި ދަ ވޭ… މިތަނަށް ތިއައީ އަންހެނުންނަށް ކުރުނބާ ގަނެދޭކަށްނު…….. އަހަރެން ޒާންގެ މަސައްކަތް ފަސޭހަކޮށްލަ ދޭނަން.” ގާޑިޔާ ހުރި ދިމާއަށް ދިއުމަށް އަހަރެން ތެދުވީ ޒާންއަށް ވާހަކަ ދައްކަން ފުރުޞަތު ނުދޭންވެގެނެވެ.
” ޢީޝްއަށް އަހަރެންނަށް ޒާން ކިޔަން ހުއްދަ އޮތް ދުވަހަކު އަހަރެން މިދެކެނީ އަހަރެންނަށް ވެސް އެ ހުއްދަ ލިބިގެންވާނެކަމަށް……. ހަޤީޤަތާ ފިލަން އަދި އަހަރެންނާ ފިލަން ޢީޝް ކިހައިދުވަހަކު ތިހެން އުޅޭނީ……. ޕްލީޒް.. އެންމެ ފަހަރަކު ނަމަވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާލަދީ……………..އަހަރެންނަށްޓަކައި ނޫނަސް އަހަރުމެން ދެމީހުންގެ ދުވަސްވީ ރަހުމަތްތެރިކަމަށް……..” ޒާން އަހަރެންނަށް ނުދެވޭނެހެން އަތުގައި ހިފަހައްޓައިގެން ހުރެ އަވަސްއަވަހަށް ބަސްތައް އަމުނާލިއެވެ. ލަމްހާ އަހަރެންނަށް ބަލާލީ ސުވާލުން ފުރިގެންވީ ގޮތަކަށެވެ. ލަމްހާއަށް އަދި މިނޫން ގޮތަކަށް އަހަރެން ފިރިހެން ކުއްޖަކާ ވާހަކަ ދައްކާ މަންޒަރު ފެނިފައެއް ނުވާނެއެވެ. އެކުއެކީ އުޅެވުނަސް އަހަރެންނާ ޒާންގެ ވާހަކަތަކަކީ މާލެ އައި ހިސާބުން ހާމަނުކުރަން އަހަރެން ނިންމައިގެން ހުރި ވާހަކަތަކެކެވެ. ޒާންގެ ލޯ އަހަރެންނަށް އަމާޒުވެފައިވީ އިރު އެދެލޮލުންވެސް އަހަރެންނަށް އާދޭސްކުރާ ކަހަލައެވެ. އެހެނަސް މިއަދު އަހަރެން އެވާހަކަތައް އަޑުއަހަންވީ ކީއްވެބާއެވެ. މިހުރިހައި ދުވަހު ޒާން ވީނުވީއެއް ނޭނގިފައި ހަމަ ކުއްލިއަކަށް ކުރިމައްޗަށް އައިސް އެއްވެސް ކަމެއް ނުވޭ ހީވޭ އުޞޫލުން ވާހަކަ ދައްކައި ހަދަން ފެށުމުން އަހަރެންގެ ހިތްވަރާއި ނުރުހުން ފުނޑުފުނޑުކޮށްލަން ވީހެއްޔެވެ. ” ހަމަ އެންމެ ފަހަރަކު ހަމަޖެހިލައިގެން… އަހަރެން ބޭނުންވަނީ ޢީޝް އަހަރެންގެ ވާހަކަ އަޑުއަހައިލުން…….. އެހައި ކުޑަކުޑަ ކަމަކު އަހަރެން މިއެދެނީ…..” ޒާންގެ ލޮލުން ކަރުނައިގެ އަސަރު ފެނުމުން އަހަރެންގެ މޭ ތެޅިލިއެވެ. ޒާންގެ ލޮލަށް ނުބަލަން ދުރު ބަލައިލީ އަހަރެންނަށް އެމަންޒަރުން އެތަކެއް ހާސް އިހުސާސްތަކެއް ކުރެވޭތީއެވެ. ނޫނެކެވެ. ޒާންއަށް އަހަރެންގެ ލޮލުން އެކަން ހާމަކޮށްދޭންވެސް ބޭނުންނުމެ ވާތީއެވެ.
އެންމެ ފަހަރަކު ނަމަވެސް ޒާންގެ ވާހަކަ އަހައިލަންވީ ކަންނޭނގެއެވެ. އެކަމަކުން ބަދަލުވާނޭކަމެއް ނެތްކަމުގައި ވިޔަސް އަހަރެންނަށް ނުލިބިފައިވާ ސުވާލުގެ ޖަވާބު ލިބިދާނެ ނޫންހެއްޔެވެ؟ އެހެންވެ އަހަރެން ގޮތް ދޫކުރުމަށް ނިންމީމެވެ. މާލެއަކީ ކުޑަ ތަނެކެވެ. ޒާން މިއުޅޭގޮތަކުން އޭނާ އަހަރެން ނުހޯދައި ނުހުންނާނެކަން ގައިމެވެ. އިއްތިފާޤުންވެސް ނޭނގި ތިއްބާ ބައްދަލުވަނީ އަހަރުމެން އެކަމަށް އެނގި އެދި ތިބެގެނެއް ނޫނެވެ. އެހެންވެ އަހަރެން ހަތިޔާރު ބެހެއްޓީމެވެ. “އަހަރެން……” ޖުމުލަ މެދުކަނޑާލަން ޖެހުނީ ކުއްލިއަކަށް ޒާންގެ ފޯނު ރިންގު ވާން ފެށި ހިސާބުންނެވެ. އަހަރެންގެ އަތުން އަތް ދޫކޮށްލުމަށްފަހު އެއްފަހަރު ފޯނަށް އަނެއް ފަހަރު އަހަރެންގެ މޫނަށް ޒާން ބަލައިލިއެވެ. ” ހަލޯ.. އާން…. އެބަ ދަން……. ޖަސްޓް ފައިވް މިނިޓްސް ދިފޫ” އަވަސްއަވަހަށް ޒާން ފޯނުކޯލު ކުރުކޮށްލިއެވެ. “އަހަރެން އަދި ޢީޝް ހޯދާނަން… މިގަޑީ އަހަރެން ދާން ޖެހިއްޖެ….. ” ޒާން އޭނަގެ ކަނާއަތުން އަހަރެންގެ އަތްތިލައިގެ ނުފުށުގައި ފިރުމާލިއެވެ. އެކަމުން އަހަރެން ހަނދާންވީ މާޒީއެވެ.
އަބަދުވެސް ޒާން އަހަރެން ގާތު ހުރެފައި ދަމުން އެންމެފަހު ކަމަކަށް އަތްތިލައިގައި ފިރުމާލާނެއެވެ. އެހެން ހަދާލާ ހަމަ ކޮންމެފަހަރަކު އަހަރެން ސުވާލުކޮށްލުމުން އެއީ ދާން ބޭނުންނުވެ ހުރެގެން ދާން ޖެހޭތީ ހަދާލާ ގޮތެއް ކަމުގައި ބުނާނެއެވެ. ޒާންގެ އެޢަމަލުން އަހަރެންނަށް ފޮނި އިހުސާސެއް ކުރުވިއެވެ. ހިނިތުންވެލެވުނެވެ. އެހެނަސް ހަމަ ދެވަނަ ސިކުންތުގައި އަހަރެންނަށް އިސްޖަހައިލެވުނެވެ…….. ” ތިއީ ކޮންކަމެއް އިފޫ…… ބަލާ ނުވެސް ބުނެލަ… ހީ އިޒް ސޯ ސޯ…….” ލަމްހާ ހުރީ ޒާން ދާން ލަސްވެފައެވެ. ” އެއީ މީހެއްގެ ފިރިއެއް”
……..ނުނިމޭ……..
4 Comments
Comments are closed.
Ma shaa Allah vrah reethi waiting for the next part
maashaa allah varah reethi but varah kuru ?
When next part
Keep it up
Hiii HEERAA ??… Mi part vx hama varah varah reethi.. Bt dear varah kuru… So please next part dhigukoh genesdhehchey HEERAA ??.. Waiting for next part…
Wow v reeti when next part