ތިޔަ އަސަރު 4
ވަރުބަލިވެފައިވާ ހަށިގަނޑަކާއި އެކީ ނިދިފައިވާ އަޝްވާއަށް ހޭލެވުނެވެ. އޭރު މުޅި ކޮޓަރީގައި ވަނީ ފަޑު އައްޔެކެވެ. ވަރަށް އުދަގުލުން ކަހަލަ ގޮތަކަށް އަޝްވާ ތެދުވާން މަސައްކަތް ކުރަން ފެށިއެވެ.
ބޮލުގައި އަތް އަޅާއިގެން އަޝްވާއަށް ކޮޅަށް ތެދެވެވޭވަރު ވިއެވެ. އަޝްވާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބޯ އަބުރައި ގަންނަ ގޮތް ވިއެވެ.
އެހީއަށް އެދެވޭނެހާ ހިތްވަރެއް ނުލިބި އަޝްވާ ވެއްޓެމުން ދިޔައެވެ. ދެންވާނީ ކިހިނެތް ކަމެއް ނޭނގޭ ހާލު އަޝްވާއަށް ދެލޯ މަރާލެވުނެވެ.
އެނދުގެ އެތް ފަރާތުގައި ހުރި ގޮނޑީގައި އިން ޝަނުމްގެ ހަރަކާތްތައް އަވަސްވިއެވެ. ވެއްޓެމުން ދިޔަ އަޝްވާ ކުޅަދާނަކަމާއި އެކީ އަތުގެ ބާރުން ހިފެހެއްޓިއެވެ. އަޝްވާގެ ކޮނޑުގައި ހިފައިލައިގެން ގޮސް ދެތިން ފިޔަވަޅު ކައިރީގައި ހުރި އެނދުގައި ބޭންދިއެވެ. އަދި މަޑުމަޑުން އަޝްވާ އެނދުގައި ބޭއްވުމަށް އުޅުނެވެ.
“ބައްޕާ.. ފެންފޮދެއް” ދެލޯ މެރިފައިވާ އަޝްވާއަށް އޭނާއަށް އެހީތެރިވަމުން ދަނީ ޝަނުމް ކަމެއް ނޭނގެއެވެ.
“ޝަނުމް.. މިތާ ކީއްކުރަނީ” އަޝްވާ ދެލޯ ހުޅުވާލި ވަގުތު ޝަނުމް ފެނުމުން އަހާލިއެވެ. ހައިރާންވި ނަމަވެސް އެކަމެއް ބަލިކަށިވެފައިވާ އަޑުން ގެނެގަންނަން ދައްޗެވެ.
“ބޭބެމެން ގެޔަށް ކާން ދުރުވީ. އަޝްވާގެ ބޮޑުދައިތަ އެބައުޅޭ ހޮސްޕިޓަލުގައި.. ދެންމެ ޑޮކްޓަރު ބައްދަލުކޮށްލަން ބޭނުންވާތީ ޑޮކްޓަރާއި އެކީ ދިޔައީ. އެއްމެންވެސް އަންނާނެ އިރުކޮޅަކުން” އަޝްވާ އަށް ފެންތަށި ދިއްކޮށްލަމުން ޝަނުމް ބުނެލިއެވެ.
“ގަޑިންވީ ކިހާ އިރެއް” ފާރުގައި ހަރުކޮށްފައި ހުރި ގަޑި ސާފުކޮށް ނުފެންނާތީ އަޝްވާ އަހާލިއެވެ. އަދި ކޮޅަށް އިށީދެ ޝަނުމް ދިން ފެން ތަށީގައި ހިފިއެވެ.
“އަލި މަޑުކޮށްފައި ހުރުމުން ނޭނގުނީ ދޯ” ޝަނުމް ބޮކި ޖައްސާލިއެވެ. އެޔާއެކު މުޅި ތަނަށް އަލިކަން ފެތުރިގެން ދިޔައެވެ. “ގަޑިން މިހާރު ރޭގަނޑު އަށެއް ޖަހަނީ” ޝަނުމް އިތުރުކޮށްލިއެވެ.
“ޝުކުރިއްޔާ ލޭ ހަދިޔާކޮށްދިނީތީ” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލަމުން އަޝްވާ ބުނެލިއެވެ.
“އެއީ ޝުކުރު އަދާކުރާ ވަރުގެ ކަމެއް ނޫން” ޝަނުމް ބުނެލިއެވެ.
ފެންބުއިމަށްފަހު އަޝްވާ އޮށޯވެލިއެވެ. އަދި ރަޖާގަނޑުން މޫނު ފިޔަވައި މުޅި ހަށިގަނޑު ފޮރުވާލިއެވެ. ނަމަވެސް މީހާގެ ތުރުތުރު އެޅުން ކެނޑޭވަރެއް ނުވިއެވެ.
“އޭސީ އެއްކޮށް ނިއްވާލަންތަ” އަޝްވާއަށް ވަމުންދާ ވަރު ފެނިފައި ޝަނުމް އަހާލިއެވެ.
“ނޫން.. ތިވަރުގައި ބަހައްޓާ” ޝަނުމް ހުރުމުން އޭސީ އެއްކޮށް ކަނޑާލަން އަޝްވާއަށް ނުކެރުނެވެ.
އޭގެ ދެތިން މިނެޓު ފަހުން އަސްރާރުއާއި އަޝްވިން އެތަނަށް އައެވެ. އަޝްވާގެ ހާލު ބެލުމަށްފަހު އެމީހުން ހަދީޖާ ކައިރިއަށް ދާން އުޅުނު ތަނާ ހަދީޖާ ޑޮކްޓަރާއި އެކީ އެތަނަށް އައެވެ.
“ނަތީޖާ ލިބުނީތަ މިހާރު. ހުރިހާ ކަމެއް ރަގަޅުތަ” އަސްރާރު އަހާލިއެވެ.
“ނަތީޖާ ލިބިއްޖެ. އަޝްވާގެ ދެތިން މައްސަލައެއް އުޅޭކަން އަޅުގަނޑުމެންނަށް ފާހަގަވެއްޖެ. އަޝްވާ އުފެދުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ތައިރޮޑަށް ވަނީ ގެއްލުން ލިބިފައި. މިކަމުން ބޭނުންވާ ވަރަށް ތައިރޮއިޑު ހޯމޯން ނުއުފެދޭ. އަޝްވާގެ ވަރުބަލިވުމާއި ބަރުދަން އިތުރުވުން މިކަމާއި ގުޅުން އެބަހުރި. ރަގަޅަށް ކެޔަސް ހަށިގަނޑަށް ލިބެންވާ ހަކަތަ ހޯދުމުގައި އުދަގޫތަކާއި ކުރިމަތިވާނެ…..”މިހެން ގޮސް މިކަމާއި ގުޅުން ހުރި އެތައް މައްސަލަތަކެއް ޑޮކްޓަރު އަޝްވާގެ އާއިލާއަށް ކިޔާ ދިނެވެ.
“މިކަން ރަގަޅު ކުރެވޭނެ ގޮތެއް ނޯންނާނެތޯ” އެންމެ ބޭނުންވާ ސުވާލު އަސްރާރު ކޮށްލިއެވެ.
ޑޮކްޓަރު ބަލައިލީ އަޝްވިން އަށެވެ. އަޝްވިން އަކީ ޑޮކްޓަރެއް ކަމުން އޭނާއަށް މިކަން ރަގަޅަށް އެގޭނެ ކަމަށްވާތީއެވެ.
“ބައްޕާ!! އަޝްވާގެ ހާލަތަށް ބަލާފައި މިކަމަކީ މުޅިން އެއްކޮށް ރަގަޅު ކުރެވޭނެ ކަމެއް ނޫން. ބޭސްކެއުން އޮތީ.. އޭރުން ކަންތައް ހަމައަކަށް އެޅެން ފަށާނެ. ދާއިމީ ހައްލެއް ނޫންކަމުގައި ވިޔަސް މިކަމުން އަޝްވާއަށް ފަސޭހަތަކެއް ވާން ފަށާނެ” އަސްރާރުއަށް އަޝްވާގެ ހާލަތު ކިޔާދެމުން އަޝްވިން ބުނެލިއެވެ.
ދުރުގައި އޮތް އަޝްވާއަށް އެތާގައި ތިބި މީހުން ދައްކަމުން ދިޔަ ވާހަކަ ސީދާ ސާފުކޮށް ނީވުނަސް ކުޑަކޮށް ފަހުންވާވަރު ވިއެވެ. އެވާހަކަތައް އަޑުއަހަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ހިލާލި ނަމަވެސް ނަފުސު ހަމަޔަކަށް އަޅެވިއެވެ. އަޝްވާއަކީ ކޮންމެ ހާލަތެއްގައިވެސް ކެތްތެރިކަން އިސްކުރާ މީހަކަށް ވެފައި މިކަމުގައިވެސް އޭނާ ހިތްވަރު ކުރަން އަޒުމް ކަނޑައެޅިއެވެ. އެއްމެ ބޮޑު ސަބަބަކަށްވަނީ އޭނާއަށް މިކަމުގައި އެހީވެދޭން ތިބި އާއިލާގެ މެމްބަރުންނާއި ރައްޓެހީންގެ އަޅާލުން ފެނިފައެވެ. އެމީހުން އޭނާ ކައިރީގައި ތިބާ ދުވަހަކު އޭނާއަށް ކޮންމެ ކަމެއްގައި ކާމިޔާބު ލިބޭނެ ކަމާއި މެދު ޝައްކު ނުކުރެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަޝްވާ ހޮސްޕިޓަލުން ދޫކޮށްލިތާ މިއަދަށް ހަފުތާއެއް ވަނީއެވެ. މިވީ ދުވަސްތަކުގައި އާއިލާއާއި ރައްޓެހިން ފަރާތުން ލިބިނު މަދުނުވާ ލޯތްބަށް އަޝްވާ ﷲގެ ހަޟުރަތުގައި ފަށްފަށުން ހަމްދުކުރިއެވެ.
“އަޅުގަނޑާއި ހެދި ދޮންބެމެންނަށް ހަނީމޫނަށްވެސް ނުދެވުނު ދޯ” ސޯފާގައި އިން ޝައިމް ކައިރީ އިށީދެލަމުން އަޝްވާ ބުނެލިއެވެ.
“މިއަދު ހަވީރު ފުލައިޓުން ހަނީމޫނަށް ދާން ކަމަށް މިއުޅެނީ . ދޯ މަލާ” ޖެހިގެން އިން މަލަކާއަށް ދޯ އެއް ދެމުން ޝައިމް ބުނެލިއެވެ.
“ކޮންތާކަށް ދަނީ… އަޅުގަނޑަށް ބައިވަރު ހަދިޔާ ގެންނައްޗޭ އިނގޭ” ކުޑަކުއްޖެއް ހެން އަޝްވާ ބުނެލިއެވެ.
“ދޮންބެ މިއުޅެނީ މަލާ އަށް ސަޕުރައިސެއް ދޭން. އަޝްވާ ކައިރީ ބުނެފިއްޔާ ޔަގީން އެއްމެނަށް އެނގޭނެ. ނަދީމާއާއި ދެމީހުންމީ އެކައްޗެއް” އަޝްވާގެ ބޯ ހާވާލަމުން ޝައިމް ބުނެލިއެވެ.
“އެބުނީ މިހާރު…އަޅުގަނޑު ދައްތައާއި އެއްވަރެއް ނުވާނެ. ކޮންމެހެން ބުނަން ޖެހޭ ސިއްރެއް ނޫނީ ނުބުނާނަން” އަޝްވާ އޭނާގެ ދިފާއުގައި ބުނެލިއެވެ.
“ކޮބާ އަޝްވިން. ބައްޕަ ބުނިން އެގާރަ ޖަހަންވާ އިރަށް ގެޔަށް އަންނަންވާނޭ” އެވަގުތު އެތަނަށް އަސްރާރު އަޔެވެ.
“އަޅުގަނޑު މިއައީ އޭ ބައްޕާ.. އީޝް އިންޖެކްޝަން ޖަހަން ނުދީގެން ލަސްވީ” އަޝްވިންގެ ކޮނޑުމަތީގައި އީޝް އޮތީ ނިދިފައެވެ. އިންޖެކްޝަންގެ ސަބަބުން ތަދުވިވަރުން ރޮއެރޮއެ ވަރުބަލިވެގެންނެވެ.
“މިއަންނަނީ ކޮޓަރީގައި ބާއްވާފަ” އަޝްވިން އީޝް ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އަރާމް ނިންޖަކުން ނިދިފައި އޮތް އީޝް އޭނާގެ ކޮށީގައި ބޭއްވުމަށްފަހު ނިތްކުރިއަށް ބޮސް ދިނެވެ. ލޯބިން ނިދާފައި އޮންނައިރު އަޝްވިންއަށް އެމަންޒަރު ބަލާ ފޫހިނުވާނެކަން ޔަގީނެވެ.
“ބައްޕަ ކޮން ވާހަކައެއް ދައްކަންތޯ އަޅުގަނޑުމެން އެއްމެން ތިގެނައީ” ކޮޓަރިން އައި އަޝްވިން ސޯފާގައި އިށީންނަމުން އަހާލިއެވެ. އަސްރާރު އޭނާގެ ތިން ދަރިންނަށް ވަކިވަކިން ބަލާލިއެވެ.
“ބައްޕަ ކުރިންވެސް މިވާހަކަ ތިކުދިންނާއި ދެއްކިން. އެދުވަހު ބައްޕަ ބުނިން ބައްޕަ ބޭނުމޭ ވީހާވެސް އަވަހަށް ކައިވެނި ކުރަން. އެކަމަކު ޝައިމްއާއި މަލަކާގެ ކައިވެނި ކުރެވުނީ އިހަށް ދުވަހު ކަމުން ބައްޕަ ބޭނުން ކައިވެނި ލަސްކޮށްލަން” ދައްކަން ގަސްދުކޮށްފައިވާ ބައިވަރު ވާހަކަތަކުން އެއްވާހަކަ އަސްރާރު ބުނެލިއެވެ.
“އެކީއްވެތޯ ލަސްކުރަނީ. އަޅުގަނޑާއި މަލަކާގެ ސަބަބުން ބައްޕަގެ ކައިވެނި ލަސްކުރާނެ ކަމެއް ނެތް. ބައްޕަ ބޭނުން ދުވަހަކުން ކައިވެނި ކުރަންވީ ދޯ ބޭބޭ” ޝައިމް ބުނެލިއެވެ.
“ބައްޕަ ލަދުގަންނަނީ މީހުން ކިޔާފާނެ އެއްޗަކަށްތޯ.. އެއީ އަޅާލަންވީ ކަމެއް ނޫން. ކިތައްމެ ރަގަޅަށް ކަންތައްކުރިއަސް އެއްޗެހި ކިޔާމީހުންގެ އަނގަ ބަންދުނުވާނެ. ކިޔާނެ އެއްޗެއް ކިޔާފަ ވަރުބަލިވީމަ ހުއްޓާލާނެ އެއްނު” ޝައިމްއާއި ބައިވެރިލަމުން އަޝްވިން ބުނެލިއެވެ.
“އަޅުގަނޑު ބޭނުން ބައްޕަ ވީހާވެސް އަވަހަށް ކައިވެނި ކުރަން. އަދި އޮފީހުގެ ހުރިހާ ކަމެއް ދޮންބެއާއި ހަވާލުކުރަން” އަޝްވާ އޭނާ ބޭނުންވާ ގޮތް ބުނެލިއެވެ.
“ތިން ކުދިންވެސް ބޭނުންވަނީ ތިގޮތް ކަމަށްވީމަ ބައްޕަ ބަލާލަން ތިކަމާއި އުޅެވޭތޯ. އޭގެ ކުރިން އަޝްވާ ތިބުނިހެން އޮފީސް ހަވާލުކުރަން އެބަ ޖެހޭ ޝައިމްއާއި އަޝްވާއާއި” އަސްރާރު ބުނެލިއެވެ.
“އަޅުގަނޑާއި ކީއްކުރަންތޯ” އަޝްވާ ދިޔައީ ހައިރާންވެގެންނެވެ.
“އަޝްވިން އަކީ މިދާއިރާގެ ކުއްޖަކަށް ވުމުން ތި ދެކުދިންނާއި ހަވާލުކުރަން ގަސްދުމިކުރަނީ. ކިޔަވާ އެއްޗެއްގެ ފައިދާވެސް ވާނީ އަމަލީ މައިދާނަށް ނިކުތީމައެއްނު. ދޮންބެއަށް މިހާރު އެނގޭނެ އޮފީހުގެ ހުރިހާ ކަމެއް ހެން. ދެން ބައްޕަ ބޭނުމީ އަޝްވާވެސް ދޮންބެ ކައިރިން ދަސްކޮށްގެން އޮފީހުގެ ކަންކަމާއި އުޅެން. އިން ޝާ ﷲ ވަރަށް އަވަހަށް ބައްޕަ ބަލާލަން ހުރިހާ ދަރަންޏެއް ހަލާސްކޮށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި މިވިޔަފާރި ތިން ކުދިންގެ ނަން މައްޗަށް ބަދަލުކުރަން” އަސްރާރު އޭނާ ނިންމައިގެން ހުރި ގޮތް ބުނެލިއެވެ.
“ކޮން ތިން ކުދިންނެއް” އަޝްވިން އަހާލިއެވެ.
“އަޝްވިން އަކީ ބައްޕަގެ ކުއްޖެއް ނޫންތަ” ކުޑަކޮށް ހިނިތުންވެލަމުން އަސްރާރު އަހާލިއެވެ.
“އަޅުގަނޑު އޮފީހަށް ނިކުތީމަ އީޝް ބަލަން ގޭގައި ހުންނާނީ ކާކު” އަޝްވާއަށް ވިސްނުނީ އީޝްއާއި ދޭތެރޭއެވެ.
“ހަފީޒާ ދައްތަވެސް ހުންނާނެއެއްނު އޭރުން. ނަދީމާވެސް ގޭގައި ކަމެއް ނުކޮށް ހުރިއްޔާ އީޝް ބެލިދާނެ އެއްނު.. މިވާހަކަ ދެއްކީމަ ބައްޕަ އެބައޮތް އަޝްވިން އާއި ވާހަކައެއް ދައްކާލަން” އަޝްވިންއަށް ބަލާލަމުން އަސްރާރު ބުނެލިއެވެ. އަޝްވިންއަށް އެއީ ކޮން ވާހަކައެއްކަން ޔަގީނާއި ގާތަށް އެނގި ކޮން ވާހަކައެއްތޯ އަހާލިއެވެ.
“އަޝްވިންއަށްވެސް އެނގޭނެ އީޝްއަކީ ތުއްތު ކުއްޖެއްކަން. އަމިއްލަ ހިނގޭވަރުވީ އިހަށް ދުވަހަކު. އީޝްއަށް ބޭނުންވާނެ މަންމައެއްގެ ލޯބި. އަޝްވާ އީޝްގެ ކަންތައް ކޮށްދިނަސް އަޝްވާއަށްވެސް އަބަދު އެކަންކުރަން ނުހުރެވޭނެ އެއްނު. އަނެއްކޮޅުން އަޝްވިން ތީ އަދި ޒުވާން ފިރިހެން ކުއްޖެއް. ހަޔާތުގެ ބޮޑުބައި އެކަނި ހޭދަކުރަން ބޭނުންނުވާނެ. ބައްޕަ ބޭނުން އަޝްވިން މީހަކާއި އިނދެގެން ތި އާއިލާ ފުރިހަމަ ކުރާތަން ދެކެން” އަސްރާރު އޭނާގެ އެއްމެ ދޮށީ ދަރިފުޅަށް ވިސްނައިދެވޭތޯ އުޅުނެވެ.
“އަޝްވިން އަށް ކަމުދާ ކުއްޖަކުވެސް ނެތީތަ” އަސްރާރު އަހާލިއެވެ.
“ބުރަކޮށް އުޅޭތީ ތިކަހަލަ ކަމަކާއި ނޫޅެވޭ” ބޯ ކަހާލަމުން އަޝްވިން ބުނެލިއެވެ.
“މަސައްކަތުގައި ބުރަކޮށް އުޅުނަސް ދިރިއުޅުމުގެ އެހެން ކަންތަކުގައި ފަރުވާ ކުޑަކުރާކަށް ނުވާނެ. ބައްޕައަށް ވެސް ކަންތައް ކުރެވުނީ އެހެން. ބައްޕައަށް އެދުވަސް އަބުރާ ލިބޭނެ ނަމަ ތިކުދިންނަށް މިއަށްވުރެ ރަގަޅު ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރެވުނީސް. ބައްޕަ ބޭނުމެއް ނޫން ބައްޕަ ކުރި ކުށް ބައްޕަގެ ދަރިން ތަކުރާރު ކުރާކަށް. އަޝްވިން އަށް ހީވެދާނެ ބައްޕަ ރުޅި އައިސްގެންނޭ މިހެން މިބުނަނީ، އެކަމަކު ބައްޕަ ބޭނުން އަޝްވިން ރަގަޅު ބައިވެރިއެއް ހޯދައިގެން ހަޔާތުގެ ބާކީ ބައި ކުރިއަށް ގެންދަން” އަސްރާރު މަޑުމައިތިކަމާއި އެކު އަޝްވިން އަށް ވިސްނައިދިނެވެ.
“ބައްޕަ ދަނީއޭ ދެން.. ބޮޑުދައިތަ ބުނި އެގޭގެ ކަމެއް ކޮށްލަދޭން އައިސްލަދޭށޭ. އަޝްވާ ބޭސްކައްޗޭ” އޭނާގެ ކުދިންނާއި ވާހަކަ ދައްކަން އިނުމަށްފަހު އަސްރާރު ހުޅުމާލެއަށް ދާން އެތަނުން ދިޔައެވެ.
“ހިންދުއަށް ގުޅަންވީތަ” އަސްރާރު ލޯމަތިން ގެއްލުމާއި އެކު އަޝްވާ އަޝްވިން ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.
“އަބަދު ތިހިންދެއްގެ ވާހަކަ ނުދައްކަބަލަ” އަޝްވިން ހިތްހަމަނުޖެހިފައި ބުނެލިއެވެ. އަދި އެތަނުން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
“އަޝްވިންއަށް ކިހިނެތްވީ” މަލަކާ އަހާލިއެވެ.
“މީހަކާއި އިންނަން ބައްޕަ ބޭބެ ކައިރީ ކިޔާތާ ކޮން އިރެއް. އެކަމަކު ބޭބެ ބޭނުންވަނީ އަދިވެސް މަޑުކުރަން. ލިއުޝާގެ ހިޔާލު ބަދަލުވޭތޯ” މީ އެމަންޒަރު އެމީހުންނަށް ފެނުނު ފުރަތަމަ ފަހަރު ނޫންކަމުން އަޝްވިން އަށް ވީގޮތް ދެނެގަންނަން ޝައިމްއާއި އަޝްވާއަށް އުދަގުލެއް ނުވިއެވެ.
އެނދުގައި އޮށޯވެލުމަށްފަހު އަޝްވިން ތުއްތު އީޝްއަށް ބަލާލިއެވެ. އަދި މަޑުމަޑުން ނިތްކުރިމަތީގައިވާ އިސްތަށިތައް އެއް ފަރާތްކޮށްލިއެވެ. ލިއުޝާގެ އަޅާލުން ކުޑަކަމާއި އެކުވެސް އަދިވެސް އޭނާ ދެކެ ލޯބިމިވެވެނީ ކީއްވެ ކަމެއް އަޝްވިންއަށް ނޭނގެއެވެ. ފޫހިވާން މަސައްކަތް ކުރިއަސް ލިއުޝާ ފެންނަ ކޮންމެ ވަގުތަކު ހިތުގައި ރިއްސާލަނީ ލޯބީގެ ޒަހަމްތަކުން ޝިފާ ނުލިބޭތީއެވެ. ހިތް އެދެނީއެވެ.
ޝައިމްއާއި މަލަކާ ހަނީމޫނަށް ދާން ފުރަން އުޅުމުން އީޝް އެމީހުންނާއި އެކީ ދާން އުޅެގަތެވެ. ޝައިމްއާއި މަލަކާގެ ފޮށި ދޮރު ކައިރީގައި ހުރުމުން އީޝްގެ ކޮނޑުގައި އަޅާ ދަބަހަށް ފެންފުޅިއެއް ލައި އެހިފައިގެން އައިސް އެދަބަސްތައް ހުރި ދިމާލުގައި ބެހެއްޓި އެވެ.
“ތާތި، އާދޭ ދާން” އެވަގުތު އެތަނަށް އަޝްވާ އައީ މަލަކާ ބުނެގެން ދަބަހުގައި އޮތް އެއްޗެއް ނަގާށެވެ. އީޝް އެހެން ބުނުމުން އަޝްވާ އީޝް އަތުގައި ހިފައިގެން އެތެރެއަށް ގެންދަން އުޅުނެވެ. ގޭގެ މީހެއް ބޭރަށް ދަންޏާ މިހާރު އީޝްއަށް އެގިގެން ދިޔުން ވާނީ ވަރަށް ދަތިކަމަކަށެވެ. އަޝްވިން ޑިޔުޓީއަށް ދާއިރު ރޯވަރުން އަޝްވާ މިހާރު އަޝްވިންއަށް ވުރެ ކުރިން އީޝްއަށް ސައިދީގެން އޭނާގެ ކޮޓަރިއަށް ގެންދެވޭތޯ އުޅެއެވެ.
“ނޫން، ދޮންބެ އާއި ކޮއްކޮ ދާނީ” ދެކޮޅަށް ބޯހޫރުވައި އަޝްވާއާއި ދުރަށް ދަމުން އީޝް ބުނެލިއެވެ.
“އުހު.. ދޮންބެ އެއުޅެނީ މަލާ ދައްތަ އާއި އެކީ ދާށޭ އިނގޭ! އީޝްއާއި ތާތި ހަވީރު ޕާކަށް ދާނީ ދޯ!”އީޝްއާއި ދިމާލަށް އަތް ދިއްކޮށްލަމުން އަޝްވާ ބުނެލިއެވެ.
“ޝަނޫވެސް!” އެވަގުތު އެތަނަށް އައި ޝަނުމް ފެނިފައި އީޝް ޝަރުތެއް ކޮށްލިއެވެ.
“ޝަނޫ ވެސް ކީއްކުރާ ވާހަކަ މިދައްކަނީ” ޝަނުމް ދޮރު ކައިރީ ހުރި އީޝް ކައިރިއަށް ތިރިވެލަމުން އަހައިލިއެވެ.
“ޕާކަށް ދާން” ފުޅާ ހިނިތުންވުމަކާއި އެކީ އީޝް ބުނެލިއެވެ. އީޝްގެ ތުއްތު ކަމާއި ދިފާއީ ނިޒާމުގެ ބަލިކަށިކަމުން އަޝްވިން އޮންނަނީ އީޝް މާ ގިނައިން ބޭރަށް ގެންދިޔުން މަނާކޮށްފައެވެ. މިއުމުރުގައި ހަލަނިކޮށް އުޅޭތީ ގޭގެ ޓެރަސް ހުންނަނީ އީޝްއަށް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައެވެ. އެކަމަކު ޓެރަހަށް ވުރެ އީޝް ބޭނުންވަނީ ބޭރަށް ގޮސް އެހެން ކުދިންނާއި ސަކަރާތް ޖަހައި މަޖާކުރުމަށެވެ. ޕާކަށް ގެންދާން ބުނެފިނަމަ ކަމެއް ކުރުވުމަށް އެއްބަސް ކުރުވުމަކީ އުދަގޫ ކަމެއް ނޫނެވެ.
“އޯކޭ ޝަނޫ ވެސް ދާނަން އީޝް އާއި އެކީ ޕާކަށް އިނގޭ!” އީޝް އުރާލަމުން ޝަނުމް ބުނެލިއެވެ.
ތިން މީހުން އެކުގައި ސިޓިންރޫމަށް ދިޔައެވެ. އަޝްވާ ހޮސްޕިޓަލުން ގެޔަށް ބަދަލު ކުރި ފަހުން ޝަނުމް ދޭތެރެއަކުން އެގެޔަށް އައިސް އަޝްވާގެ ހާލު ބަލާލާ ހަދައެވެ. ފުރަތަމަ ދުވަހު އައީ ހަފީޒާގެ އެދުމަކަށް އަޝްވާއަށް މޭވާ ކޮޅެއް ހިފައިގެންނެވެ. އެފަހުން ދެމީހުން ދޭތެރޭ ކުޑަކޮށް ވާހަކަ ދެކެވެއެވެ. ޝަނުމް އެގެޔަށް އައި ތިން ދުވަހުވެސް އަޝްވާއާއި އެކީ އީޝް ހުރުމުން އީޝްއަށް ޝަނުމް ވަރަށް ރައްޓެހިވެވިއްޖެއެވެ. ޝަނުމްގެ ސަމާސާ ކުރުމާއި އެކުވެރިކަމުން އީޝް ހުންނަނީ ޝަނުމް ނައިސްގެންނެވެ.
“ގޭގެ އިތުރު މީހެއް ނޫޅެނީތަ” ދެމީހުން ދޭތެރޭ ވި ހަމަހިމޭންކަން ނަގާލަމުން ޝަނުމް އަހައިލިއެވެ. އީޝްއާއި އެއްކޮށް ސަމާސާކޮށް ހެދިޔަސް ޝަނުމް ހުންނަނީ އަޝްވާއާއި ވާހަކަ ދައްކަން ނުކެރިފައެވެ. ބޮޑަށް އަޝްވާވެސް ބީރައްޓެހިކޮށް އުޅޭތީއެވެ.
“ބޭބެ އާއި ބައްޕަ ބޭރަށް ދިޔައީ، މަލަކާ އާއި ދޮންބެ އެބަ އުޅޭ ކޮޓަރީގަ” އަޝްވާ ޖަވާބު ދިނެވެ. ކަމެއްގެ ތުހުމަތުގައި ސުވާލުކުރުމުން ޖަވާބު ދޭހާ ސާދާކޮށެވެ.
“ޝަނޫ ބަލާ ތިއްތި ތަ” އީޝް އައިސް ކުޅެން ގެންގުޅޭ ޒަރާފާ ހިފައިގެން އައިސް ޝަނުމްގެ އުނގަށް އަރަމުން އަހާލިއެވެ.
“އާން ވަރަށް ތިއްތި، އެކަމަކު އެއްމެ ތިއްތި އީ އީޝް އިނގޭ” އީޝްގެ ކޮލުގައި ހިފާލަމުން ޝަނުމް ބުނެލިއެވެ.
“ދެން ތާތި ދޯ” ޝަނުމްގެ މޫނަށް ބަލާލަމުން އީޝް އަހައިލިއެވެ. އީޝް އެސުވާލު ކުރުމުން އަޝްވާ ލަދުން ހީލައި އިސްޖަހައިލިއެވެ.
“އާން ތާތި ވަރަށް ތިއްތި” އަޝްވާ އަށް ބަލާލުމަށްފަހު ޝަނުމް އޭނާގެ ހިތުގައިވާ ހަގީގަތް ހާމަކޮށްލިއެވެ. އީޝްގެ ސުވާލަށް ޖަވާބު ދިން ކަމުގައި ވިޔަސް އޭގެން އަޝްވާއަށް ދޭން ބޭނުންވާ މެސެޖަކާއި އެކީގައެވެ.
ފާއިތުވީ ފަސް ވަރަކަށް ސިކުންތެވެ. މަލަކާ އަޝްވާއަށް ގޮވައިލީ އޭނާ އަޝްވާ ކައިރީ ހިފައިގެން އަންނަން ބުނި އެތި ހިފައިގެން އައުން ލަސްވާތީއެވެ. އަޝްވާ ދާން އުޅުމުން ޝަނުމްވެސް ތާކަށް ދާން ޖެހެއޭ ބުނެ ދިޔައެވެ.
މިއަދަކީ ހިންދު ފުރަތަމަ ވަޒީފާއަށް ނިކުންނަ ދުވަހެވެ. ހިންދުއަށް ހޭލެވުނީ ފޯނުން އިވުނު ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވެގެން ފެންވަރައިގެން ނަމާދަށް އަރައި ބަދިގެޔަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. ގޭގެ އާންމު ކޯޅުން ގަނޑު ކުރިއަށް ދަނީއެވެ. އަމީހާއާއި ރީމް އެއްކޮޅެއްގައި ތިބި އިރު ރީމްގެ ބައްޕަ މިގުދާދާއި އެމީހުންގެ ހަގު ދަރިފުޅު ނީމާ ތިބީ އަނެއް ކޮޅުގައެވެ. އާއިލާ ދޭތެރޭ މައްސަލަ ޖެހުން އެއީ އާންމު ކަމަކަށް ވިޔަސް މިގޭ ތެރެއިން ފެންނަނީ ތަފާތު މަންޒަރެކެވެ. އެކަކުވެސް އަނެކަކަށް ދޫކުރާ ތަނެއް ނުފެނެއެވެ. ޒުވާބުވެ އަރާރުންވަނީ ކުދި ކުދި ކޫސަނި ކަންތަކުގައެވެ. ނީމާ ސައިބޮއި ތަށިތައް ސިންކު ތެރޭ ނުދޮވެ ބަހައްޓައިފިނަމަ އަމީހާ މުޅި ދުވަސް އެކަމަށް ދުއްވާލައެވެ. ދިރިއުޅެނީ ޖާގައިގެ ގޮތުން ކުޑަ ތަނެއްގައި ކަމުން ދެބެއިންގެ ޒުވާބު ކުރުންތައް އިންތިހާއެވެ. ރީމް ރުޅި އަންނަނީ އޭނާ ނުކުރާ ކަންތަކުގެ ވާހަކަ ނީމާ ހަދަހަދައިގެން ދައްކާތީއެވެ. އެހެންކަމުން އޭގެ ބަދަލު ރީމް ހިފާލަނީ އެއްމެ ހީނުކުރާ ގޮތަށެވެ.
މިގުދާދު އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ވެފައި އޭނާއަށް މާލެ އާދެވެނީ ވަރަށް މަދުންނެވެ. ނީމާގެ ޝަކުވާތަކަށް އަމީހާ ދެނީ ބީރު ކަންފަތެއްކަމުން އޭނާ ހުންނަނީ މިގުދާދު މާލެ ނައިސްގެނެވެ. މިގުދާދުއާއި ހިލާފަށް އަމީހާ ހުންނަނީ ހަމައެކަނި ރީމްގެ ކޮޅަށެވެ. ރީމް ގޯސްކޮށް ކަމެއް ކުރިއަސް އެތަން ނުފެންނާނެއެވެ.
ލިއުޝާއާއި މެދު ވިސްނޭވަރުން އަޝްވިން ބޭނުންވީ އޭނާގެ ހިތުގެ ހާލަތު އަދިވެސް އެއްފަހަރު ލިއުޝާއަށް އަންގާލުމަށެވެ. އެހެންކަމުން މަޑުނުކޮށް ކުލިނިކަށް ދިޔައެވެ. މިއަދު ކުލިނިކް ޑިޔުޓީ އޮތް ވާހަކަ ބުނެފައިވާތީ އެތަނުން ބައްދަލުވާނެ ކަމުގެ އުއްމީދުގައެވެ.
“ޑރ.ލިއުޝާގެ އަދި ކިތައް ޕޭޝަންޓުން ވެއިޓިންގައި އެބަ ތިބި” ފޯނަށް ގެއްލިފައި ހުރެ އަޝްވިން ކައުންޓަރުގައި އިން ކުއްޖާއާއި ވާހަކަ ދެއްކިއެވެ.
“ތިރީސް” އިވުނީ ހިންދު އަޑެވެ. ފޯނުން ލިއުޝާއަށް ލިޔަމުން ދިޔަ މެސެޖު މެދު ކަނޑާލުމަށްފަހު އަޝްވިން ކައުންޓަރަށް ބަލައިލީ އެއީ ހިންދުތޯ ޔަގީންކޮށްލުމަށެވެ.
“ހިންދު މިތާ… މިތާނގަތަ މަސައްކަތް ކުރަނީ” އަޝްވިންއަށް ލިބުނު ހައިރާންކަމާއި އެކީ ބުނެލިއެވެ.
“ލައްބަ. މިއަދު ޑިޔުޓީއަށް މިނިކުތީ” ފުޅާ ހިނިތުންވުމަކާއި އެކީ ހިންދު ބުނެލިއެވެ.
“އެހެންތަ” ފަރުވާ ކުޑަ ގޮތަކަށް އެހެން ބުނެލުމަށްފަހު އަޝްވިން ކައުންޓަރުގެ ފޯނުން ލިއުޝާގެ ކޮޓަރީގެ އެސްޓެންޝަން ނަންބަރާއި ގުޅާލިއެވެ.
“ވަރަށް ބިޒީ ގަޑިއެއްތަ މިއީ. އަހަރެން ވަރަށް ބޮޑު ކަމަކު ގުރައުންޑުގައި މިހިރީ. ވަރަށް އަވަހަށް އާދެބަލަ” ލިއުޝާގެ ހަލޯގެ އަޑު ކަންފަތުގައި ޖެހުމާއި އެކު އަޝްވިން ބުނެލިއެވެ. އަދި އިތުރަށް އެއްޗެކޭ ބުނަން ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ.
އެވަގުތު ކުލިނިކުގެ ސުޕަވައިޒަރު ތިރީގައި ހުރި ގުދަނުން ހުން ބަލާ ކަށިގަނޑެއް ގެނެސްދޭން ބުނުމުން ހިންދު އެތަނަށް ވަނެވެ. އެތަނުގެ ބޮކި އަދާފައި ހުރުމުން ހިންދުއަށް ޖެހުނީ ފޯނުން އަލިކޮށްގެން އެކަށިގަނޑު އަޅާފައި ހުރި ފޮށިގަނޑު ހޯދާށެވެ. މިއީ ހިންދު މަސައްކަތަށް ނުކުތް ފުރަތަމަ ދުވަސްކަމުން އެއްޗެހި ހުންނަތަން އޭނާއަށް އެއްވެސް ވަރަކަށް ނޭނގެއެވެ.
” އަޝްވާއަށް ކަމެއްވީތަ އަނެއްކާ” ގުދަނުގައި ހުރި ހިންދުއަށް އިވުނީ ލިއުޝާގެ އަޑެވެ.
“ނޫން. އަހަރެން ވާހަކަ އެއް ދައްކާލަން ބޭނުން ވެގެން އަންނަން ބުނީ” އަޝްވިން ސީރިއަސް ރާގަކަށް ބުނެލިއެވެ.
“ކޮން ވާހަކައެއް.. އެހާ މުހިއްމު ކަމެއް ނޫން ނަމަ ފަހުން ދައްކަން މަޑުކޮށްލަންވީނު. ބައިވަރު މީހުން ވެއިޓިންގައި އެބަ ތިބި” ލިއުޝާ ބުނެލިއެވެ.
“ލިއުއަށް އަހަރެން ދައްކާ އެއްވެސް ވާހަކައެއް މުހިއްމުތަ. ބޭބީގެ ކަމަކުވެސް އަހަރެންނަށް ލިއު އާއި ވާހަކަ ދެކެވޭކަށް ލިއުގެ ތި ބިޒީ ޝެޑިއުލުގެ ސަބަބުން. އަބަދުވެސް ޕޭޝަންޓުން ވެއިޓިންގައި ތިބޭނެ ނޫނީ އޮޕެރޭޝަނެއް ކުރަން ދާން ޖެހިދާނެ. ލިއުގެ ދިރިއުޅުމަކީ ހަމައެކަނި ހޮސްޕިޓަލުގެ ހަތަރު ފާރު ތެރޭގައި އޮންނަ އެއްޗެއް އެކަންޏެއް ނޫނޭ. ބޭބީ އެއް ހުރެމެ އެދަރިފުޅަށް ވެކްސިންދޭންވެސް މަންމައަށް ނާދެވޭ. އެނގޭތަ އީޝްއަށް މިހާރު ހިގޭކަން.. ނޭނގޭނެއެއްނު. މަންމައަށް ނޭނގޭ އޭނާގެ ދަރިއެއް ހުންނަކަންވެސް” ހިތުގައިވި ހިތްހަމަނުޖެހުން ދައްކުވައި ދެމުން އަޝްވިން ބުނެލިއެވެ.
“އަހަރެން ބަނޑުބޮޑުކަން އެގުނު ފުރަތަމަ ދުވަހުން ފެށިގެން އަޝްވިން ކައިރީ ބުނިން އަހަރެން ބޭނުމެއް ނޫނޭ ދަރިއެއް.. ހިނގާށޭ ބޭބީ އެބޯރޓުކޮށްލަން. އެކަމަކު އަޝްވިން ބޭނުމެއް ނުވި އެހެން ކަންތައް ކުރާކަށް. ބޭބީ ދުނިޔެއަށް އައުމާއި އެކީ އަޝްވިން ބެލީ އަހަންނަށް ދެވެން ނެތް ލޯތްބެއް އަހަރެންގެ ފަރާތުން އީޝްއަށް ހޯދައިދެވޭތޯ. އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު އަޝްވިން ތިވާ ލޯތްބެއް އަހަންނަކަށް އީޝް ދެކެ ނުވެވުނު. އަމިއްލަ ބަނޑުން އުފަންވީތީ މައިވަންތަކަމުގެ ކުލުނު ހުއްޓަސް އެކަން އެއްމެ ރަގަޅަށް ކުރާކަށް އަހަންނަކަށް ނޭނގޭ. އަދިވެސް އަހަރެން މިބުނަނީ އަހަރެން ދަރިން ބޭނުމެއް ނޫނޭ. ކީއްވެތަ އަޝްވިންއަށް ނުވިސްނެނީ” އަޝްވިންގެ އަތުގައި ހިފަމުން ލިއުޝާ ބުނެލިއެވެ. މިއީ އޭނާ އަބަދުވެސް ދައްކާ ވާހަކައެކެވެ.
“ލިއު ތިބުނަނީ ލިއު ބޭނުމޭ މި މައުސޫމް ފުރާނަ އެބޯޓުކޮށްލަން” ޖީބުން ވޮލެޓު ނަގައި އޭގައި އޮތް އީޝްގެ ފޮޓޯ ދައްކާލަމުން އަޝްވިން އަހާލިއެވެ.
“އަހަރެންވެސް ލޯބިވެއޭ އީޝް ދެކެ. އެކަމަކު އީޝްއަށް އަހަންނަށް މުހިއްމު އަހަރެންގެ ހުވަފެންތަކުގައި ކުލަ ޖައްސަން. މިއީ ކުޑައިރުއްސުރެ އަހަރެން ދެކެމުން އައި ހުވަފެންތަކެއް” ލިއުޝާ ބޭނުންވީ ރީތި ގޮތުގައި އަޝްވިންގެ ސުވާލަށް ޖަވާބު ދޭށެވެ. އެހެންނަމަވެސް އެކަންވި ހެއްޔެވެ؟
“ލިއުގެ ތިހުވަފެންތައް އެއްމެ ރަގަޅަށް އެނގި އެކަންތަކުގައި އެއްމެ ބޮޑު އެހީއެއް ދިން އެކަކަށް އަހަރެންވާނެ. އެގޮތުގައި އުޅެ ދެމީހުން އެކުގައި ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރަން ބޭނުންވި. ކައިވެނިކޮށްގެންވެސް އަހަރެން އެއްމެ އިސްކަމެއް ދިން އެއް ކަމަށް ވާނެ ލިއުގެ ތި ހުވަފެންތައް. އަބަދުވެސް ކޮންމެވެސް ތަމްރީނެއް ނޫނީ ކޯހެއް ހަދަން ބޭނުންވާ ވާހަކަ ލިއު ދައްކާނީ. އަޅެ ބުނެބަލަ އަހަރެން އެއްމެ އެދުމަކަށްވެސް ނޫނެކޭ ބުނިންތަ” ލިއުޝާގެ ދެކޮނޑުގައި ހިފައި އޭނާއާއި ދިމާލަށް އަބުރާލަމުން އަޝްވިން ބުނެލިއެވެ. ލިއުޝާ މަޑުމަޑުން ނޫނެކޭ ބުނެލިއެވެ.
“އަހަރެން ނެތިން ޝަކުވާ ކުރާކަށް. އެކަމަކު ލިއު އެއްމެ ފަހަރަކުވެސް އަހާލިންތަ އަހަރެން ހުވަފެނަކީ ކޮބައިތޯ” އަޝްވިން އަހާލިއެވެ.
“އީޝް ލިބެން އުޅޭ ކަމުގެ ހަބަރު ލިބުމާއި ހަމަޔަށް އަހަރެންގެ ހުރިހާވެސް ހުވަފެނެއްގައި ނުބުންޏަސް ލިއު ދިޔައީ ކުލަ ޖައްސަމުން. ބޭބީ އެބޯޓުކޮށްލަން ބުނީމަ އަހަރެންގެ ހިތަށް އެއްމެ ފުރަތަމަވެސް އެރީ ލިއު އެހެން ނުހަދާނެއޭ.. ލިއު އެކުރަނީ ސަމާސާއެކޭ..އެކަމަކު އެދުވަހުން ފެށިގެން ލިއު އަހަރެންގެ އެއްވެސް އިހްސާސަކަށް ނުވިސްނައި ކަންކުރަމުން ދިޔައީ ލިއު ބޭނުންވި ގޮތަކަށް.. ބޭބީ ދުނިޔެއަށް ގެނައުމުން އަހަރެންގެ އުފާވެރިކަމެއް ހާސިލްވާނެއޭ ހިތަށް އެރިއަސް އެހެންނެއް ނުވި. ލިއު އަހަރެން ބާކީ ކޮށްލީ.. ކުށެއް ނެތް އެދަރިފުޅުގެ ބޮލުގައި ހުރިހާ އިލްޒާމެއް އެޅުވީ. ލިއު އެއްގޮތަކަށްވެސް ހީނުކުރާތީ އަހަރެން ލިއު ދޫކޮށްލީ ލިއު ދެކެ ލޯބިނުވާތީއޭ.. އަހަރެން އަދިވެސް ލިއު ދެކެ އިއްޔެވީ ލޯބިވަން. އަދިވެސް އެކުގައި އުޅެން ބޭނުން. އެހުރިހާ ކަމަކަށް މާފުކޮށް އަހަރެން މމިބުނަނީ ލިއު އަހަރެންގެ ހަޔާތަށް އަބުރާ އައިސްދޭށޭ.. މަންމައެއްގެ ލޯބިން މަހުރޫމް ވެފައިވާ އީޝް އެކަންޏެއް ނޫން ލިއު ބޭނުންވަނީ. އަހަރެންވެސް ބޭނުން ލިއު” އާދޭހުގެ ރާގަކަށް އަޝްވިން ބުނެލިއެވެ. ލިއުޝާއަށް ވިސްނޭނެ ކަމަށް ހިތުން ދުއާ ކުރެވޭ ހާލުގައެވެ.
“އަޝްވިން އަހަންނަށް މާފުކުރޭ، އެކަމަކު އަހަރެން ކުރަން ބޭނުންވާ ކަމެއް އަހަރެން ލައްވައި ކޮށްގެން ކޮން ފައިދާއެއް ވާނީ.. އަޝްވިންއަށް ވެސް އީޝްއަށްވެސް މާ ރަގަޅުވާނެ ތިކަހަލަ ދިރިއުޅުމެއް ބޭނުންވާ މީހަކާއި އެކީ އުޅުން. އަޝްވިން ތީ ވަރަށް ރަގަޅު މީހެއް. ލޯބިވާނެ އެތައް ބަޔަކު ލިބޭނެ” ލިއުޝާ އެކަމަށް އެއްބަސްވާން ބޭނުން ނުވިއެވެ.
“އައި ލަވް ޔޫ ލިއު. ކުޑަކޮށްވެސް އަހަރެން ދެކެ ލޯބިނުވަނީތަ” ގޮތް ހުސްވެފައިވާ ހާލު އަޝްވިން އަހާލިއެވެ.
“އަހަރެން ލޯބިވަމޭ.. އެކަމަކު އެކުގައި އުޅޭކަށް ބޭނުމެއް ނޫން..” އަޝްވިންގެ އަތް ފޮޅާލުމަށްފަހު ލިއުޝާ އެތަނުން ދިޔައެވެ. ލިއުޝާ ދިޔަފަހުން ދެތިން މިނެޓު ފާއިތުވެގެން ދިޔައިރުވެސް އަޝްވިންއަށް ހުރެވުނީ އޭނާގެ ފިޔަވަޅު މަތީގައެވެ. ލިއުޝާގެ އެބަސްތައް ސިކުޑީގައި ހަޖަމްކުރަން ވަރަށް އުދަގޫވިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި ހުރި އިރު ދުނިޔެ ހުއްޓުނު ކަހަލައެވެ.
ލިއުޝާއާއި އޭނާގެ ހަނދާންތައް ކުލަ ނެތް ފިލްމެއްހެން ކުރިމަތިން ފާޅުވާން ފެއްޓިއެވެ. ދެމީހުން އެކަކު އަނެކަކު ދެކެވި ސާފު ލޯތްބެވެ. އަނެކާއި އެކީ މުޅި އުމުރަށް އުޅޭނަމޭ ބުނެ ކުރި ވައުދާއި އަހުދުތަކެވެ.
ކަބަޑުގެ ފަހަތުގެ ހުރި ހިންދުއަށް އެތާނގައި ދެކެވެމުން ދިޔަ ހުރިހާ ވާހަކައެއް އަޑުއިވެމުން ދިޔައެވެ. ކަބަޑުގެ ފުރަގަހުގައި ހުރުމުން އެމީހުންގެ މޫނު ނުފެނުނު ކަމުގައި ވިޔަސް އަޑުވި ރާގުން އުފެދިފައިވާ ނުތަނަވަސްކަން އިހުސާސްވިއެވެ.
ދޮރު ލެއްޕުމުން އެމީހުން ދިޔައީ ކަމަށް ހީކޮށް ހިންދު ކަބަޑުގެ ފުރަގަހުން ނިކުތެވެ. ނަމަވެސް ލޮލުގައި އަޅައިގަތީ ހުއްޓުން އަރާފައި ހުރި އަޝްވިންއެވެ. މޫނުމަތިން އެއްވެސް ކުލަވަރެއް ނުދައްކާ ހާލު ހަށިގަނޑުގައިވެސް އެއްވެސް ހަރަކާތެއް ނެތެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު ދެން ފެނުނީ އަތް މުއްކަވާލުމަށްފަހު ކުރިމަތީގައި ހުރި ފާރުގައި އަޝްވިން ޖެހިތަނެވެ. ހިންދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދެވަނަ ފަހަރަށް ފާރުގައި ޖަހަން އުޅުމުން ހިންދުއަށް އެދިމާލަށް އަތް ދިއްކޮށްލެވުނެވެ. އަދި އެހެން ނުހަދާށޭ ބުނެ ގޮވައިގަންނަން އުޅުނެވެ. ނަމަވެސް އެއީ ހެދޭނެ ގޯހެއްކަން އެނގި އަވަހަށް އަނގަމަތީގައި އަތް އެޅިއެވެ.
ދެތިން ފަހަރު ފާރުގައި ޖެހުމަށްފަހު އަޝްވިން ފާރުގައި ލެގިލިއެވެ. އަދި ތިރީ ތުންފަތުގައި ބާރަށް ދަތް އަޅައި ދެފަރާތަށް ބޯ ހަލުވާލިއެވެ.
އަޝްވިންއަށް މިވަމުންދާ މަންޒަރު ފެނި ހިންދުއަށް ދުރުގައި ހުންނަން ވަރަށް އުދަގޫވިއެވެ. ދެންމެ ދެކެވުނު ވާހަކަތަކާއި މިހާރު އަޝްވިންގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުން ކަންތައް ވަރަށް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނެވެ. އެހިތަށް ލިބިފައިވާ ޒަހަމްތަކުގެ ފުންމިން އަމިއްލައަށް އަންދާޒާނުކުރެވޭނެކަން ހިންދުއަށް އެގުނެވެ. ނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އަޝްވިން ފާރުގައި ޖެހި ކޮންމެ ފަހަރަކު އޭގެ ތަދު އިހްސާސްވީ ހިންދުގެ ހިތަށެވެ. އެހެންމީހަކަށްޓަކައި އަޝްވިންގެ ހިތުގައި ރިއްސަމުން ދާ އިރު އަޝްވިންއަށްޓަކައި އޭނާގެ ހިތް އެދެނީ ބޭގަރާރުވަމުންނެވެ. އަޝްވިންގެ މާޔޫސްވެފައިވާ މޫނަށް ބަލާލުމުން ކަރުނަ ހިލާލަނީ އޭނާގެ ލޮލުންނެވެ.
ސިކުޑިން ނުދާށޭ ގޮވަމުންދާ ހާލު އެކަމަށް ފުރަގަސްދީ ހިންދު އޭނާގެ ހިތުގެ އެދުމަށް އަޝްވިން ކައިރިއަށް ދާން ނިއްމިއެވެ.
25 Comments
Comments are closed.
V salhi??next part madhantha?
In sha Allah thanku ?
nice roon thankx
Thanku love ?
Superb ??… Mi part vx varah varah reethi ??.. Waiting for next part ???
Thanku pinky shifoo. Appreciate ur support ?
Varah reethi
Adhi a part miadhu genas dhybah
Hehe. Mayb ? thanku ?
Omg..vv rythi??..kaain aa ashwa gulhuvahchey..nd nxt prt miadhu genes dhyba..v kiyaahithun huhtaa nimuny
Thanku mysh ? furathama jeheyny kaain male’ ah gennaakannu ?
Vvvvv reethi
Thanku dear ?
alhey haadha reethi vaahaka ekey mee… adhi miadhu one part up kohla dheebaa
Thanku Aki ?
woooow lovelly
Thanku dear ?
Pls pls one part up kohdhy????
Higaa dhw balama ?
Vv reethi
Thanku malak ?
Vvvvvvv obi
V v rythi mibaives, anehbayah dhen inthixaaru kureveyny.. Next part avahah up kohdhehchey igey.. Mee rythi furihama story eh..
Thanku shann v ufaa vejje ?
Hi dear,adhi kiriyaa story ge part thah mi kiyaalevunee..v.nice?? . waiting
V ufaa vejje xxxx ge commenteh libunyma.?