Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (އަށްވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
January 17, 2018 6 Mins Read
26 Comments

އިންޝާއަށް ހޭލެވުނުއިރު ނަޒީލް ދޮރު ކަހާލައިފައި އެތެރެއަށް ވަންނަނީއެވެ. އިންޝާ މޯޅިއަކަށް ދެމިލަމުން ނަޒީލަށް ގޮވާލުމާއެކު ނަޒީލް ހުއްޓުން އެރިއެވެ. ދެން އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅިއެވެ. ފަރާތަކަށް ބަލާވެސް ނުލިއެވެ. ހީވީ ހުރިތަނަށް ގާވިހެންނެވެ. އިންޝާ ގޮވާލިއެވެ. ނަޒީލް އެއްވެސް ހަރަކާތެއް ނުކުރިއެވެ. އިންޝާ ތެދުވިއެވެ. ނަޒީލްގެ ގައިގައި އަތްޖައްސާލުމާއެކު ކަނޑާ ވައްޓާލި ރުކެއްހެން ހުރިތަނަށް ދެމުނެވެ. އިންޝާ ހާސްވެގެން ނަޒީލަށް ގޮވަމުން މޫނުމަތީގައި ތަޅަންފެށިއެވެ. ފެން ފުޅި ނަގައި މޫނަށް ފެންބުރުވާލިއެވެ. ލޯ ކުޑަކޮށް ތަޅުވާލައިފައި ނަޒީލް ކޮންމެވެސް އެއްޗެހިތަކެއް ކިޔެވެ.

“..ސަބްރީނާ.. ސަބްރީނާ..” ނަޒީލް ލޯމަރައިގެން އޮވެ މަޑުމަޑުން ކިޔެވެ. އިންޝާ ނަޒީލަށް ގޮވާލިއެވެ.

“..ސަބްރީނާ އިދްރީސް..” ނަޒީލް ފުންމައިގެން ތެދުވިއެވެ. އިންޝާ ދިޔައީ އެއްލިގެންނެވެ. އޭނާގެ ބޮޑުވެފައިވާ ދެލޮލުން ނަޒީލަށް ބަލާލެވުނީ ބިރުވެރި އެއްޗަކަށް ބަލާފަދަ ގޮތަކަށެވެ. ނަޒީލް ފުންނޭވާތަކެއް ލަމުން އެނދުގައި އިށީދެ ހަމަޖެހިލިއެވެ.

“..ކިހިނެއްވީ..” އިންޝާ ބަލަން އިންގޮތުން ނަޒީލް ސުވާލުކޮށްލިއެވެ. އިންޝާގެ ހިތަށް އެރިއެވެ. ނަޒީލަށް ވީގޮތް ނޭގެނީ ހެއްޔެވެ؟ އިންޝާ ނަޒީލަށް ބަލަމުން ތެދުވިއެވެ.

“..ނަޒީލަށް ކިހިނެއްތަ ތިވީ؟..” އިންޝާ އެހިއެވެ. “..ސަބްރީނާ އެއީ ކާކު؟..” އިންޝާގެ ހިތުގައި ފުރަތަމަވެސް އުފެދުނު ސުވާލަކީ އެއީއެވެ. ނަޒީލް ދެބުމަ ގޮށްޖަހާލަމުން ސަބްރީނާގެ ނަން މަޑުމަޑުން ކިޔާލިއެވެ. އެއީ އޭނާ ދަންނަ ނަމެކެވެ. ކޮންމެވެސް ތާކުން އިވިފައިވާ ނަމެކެވެ. ކޮންތާކުން ހެއްޔެވެ؟

“..ސަބްރީނާ އިދްރީސް..” އިންޝާ ފުރިހަމަކޮށްލަދިނެވެ.

“..އެއީ މާމަ..” ނަޒީލް ވިސްނަން އިނދެފައި ހަނދާންވެގެން ބުނެލިއެވެ. “..ބައްޕަގެ މަންމައެއް ނުން އެއީ! ކިހިނެއްވީ؟..”

ނަޒީލަށް ވީގޮތް އެއްވެސް ވަރަކަށް ނޭގޭތޯ އިންޝާ ސުވާލުކުރިއެވެ. ނަޒީލް ދެކޮނޑު އަރުވާލަމުން ކިހިނެއްވީތޯ އެހިއެވެ. އޭނާގެ ޚަރަކާތް ހުރިގޮތުން އެއްވެސް ކަމެއް ހަނދާނުގައި ނެތީކަން އިންޝާއަށް އެނގުނެވެ. ނަޒީލަށް ވީގޮތް އިންޝާ ކިޔާދިނެވެ. އެންމެ ފަހުގެ ހަނދާނަކަށް ހުރީ ބާލުޚާނާގެ ދޮރުން އެތެރެއަށް ވަދެވުން ހަނދާންކަމަށް ނަޒީލް ބުންޏެވެ. އޭނާ ހޭދެބައިވިކަމެއް އޭނާއަކަށް ނޭގެއެވެ. މާމަގެ ނަން ކިޔުނު ހަނދާނެއްވެސް އޭނާ ނުވެއެވެ. ނަޒީލް އެންމެ ޚައިރާންވީ 30 އަހަރު ކުރިން ނިޔާވެފައިވާ މާމައަށް ގޮވަންޖެހޭ ސަބަބެއް ނެތީމައެވެ. ނަޒީލް ދުނިޔެއަށް އައުމުގެ ކުރިން ސަބްރީނާ ވަނީ ނިޔާވެފައެވެ. ކުއްލިއަކަށް ހޭނެތުމާއި ސަބްރީނާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އިންޝާގެ ވާހަކަތައް ފަހުމުނުވި ނަމަވެސް އެއްކަމެއް ނަޒީލްގެ ހަނދާނުގައި ހުއްޓެވެ. ނިހާގެ ކޮޓަރީގައި ހިނގާދިޔަ ކަންތައްތަކެވެ.

ނިކާލްގެ އަމުރަށް ދީޕިކާ ކޮޓަރި ތެރެއާއި އަލަމާރިތެރެވެސް ބެލިއެވެ. ފާހާނާ ތެރެއިން އެއްޗެއް ވެއްޓުނު އަޑުއިވުނެވެ. ދީޕިކާ ފާހާނާ ދޮރު ހުޅުވާލިއެވެ. މުށި ގަނޑު މައްޗަށް ވެއްޓިފައި އޮތް ބުރުސް ނެގިއެވެ. އެވަގުތު ކަޅު ހިޔަންޏެއް މައްޗަށް އަރައިގެންދިޔަހެން ހީވިއެވެ. އޭނާއަށް ލިބުނު ސިހުމާއެކު އަވަހަށް ބަލާލެވުނެވެ. ނަމަވެސް ސީލިންގުގައި އިންސާނެއްގެ ސޫރަޖެހިފައި އޮތް ކަޅު ދުންގަނޑު ދީޕިކާއަކަށް ނުފެނުނެވެ. ދީޕިކާ ދޮރު ލެއްޕުމާއެކު އެދުންތައް ޖާލިގަނޑު ތެރެއިން ދެމިގަނެގެން ދިޔައެވެ.

“..މީހަކު ނުހުންނަނީ..” ދީޕިކާ އައިސް ބުނެލިއެވެ.

ނިކާލް ހުރީ ކޮޓަރި ދޮރުމަތީގައެވެ. ނިހާ ރޯނެ ވަރަކަށް ރުއިމަށް ފުރުޞަތު ދީގެންނެވެ. އޭނާގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހިފައިވީ ނަމަވެސް މިވަގުތު ނިހާއާ އެއްވެސް ސުވާލެއް ކުރާކަށް ބޭނުމެއް ނުވެއެވެ. ނިހާގެ ކޮޓަރިއަށް އެމީހަކު ވަނީ ވައްކަންކުރަން ނޫންކަން ނިކާލަށް ޔަޤީންވެއެވެ. އެ މީހަކު ވަނީ ނިހާގެ ނުރުހުމުގައި ނިހާއަށް ގޯނާކުރަން މަސައްކަތްކޮށްފައެވެ. ނިހާ ލައިގެންހުރި ޓީޝާޓު ކޮނޑާ ހިސާބުން ވީދައިގެން ގޮސްފައި ހުރުން އެކަމަށް ހެކިދެއެވެ. ނިހާގެ ބޮލުގައި ފިރުމަމުންދިޔައިރު ނިކާލް ހިތާހިތުން ދުޢާ ކުރިއެވެ. އެ މީހަކު އޭނާގެ ލޯކުރި މައްޗަށް ދެއްކެވުމަށެވެ.

ނިކާލްގެ ގައިގާ އޮޅުލައިގަނެގެން ހުރެ ނިހާ ހިތް ފުރެންދެން ރުއިމަށްފަހު، ދުރަށް ޖެހިލިއެވެ. އޭނާ އިސްޖަހައިގެން ހުރެ ދެއަތުން ކަރުނަތައް ފުހެލިއެވެ. އޭރުވެސް ގިސްލުމުގެ އަޑު މެދު ނުކެނޑެއެވެ. މިރޭ ނިހާ ވަރަށް ބިރު ގަތެވެ. ހިތްވަރު ގަދަކަމަށް ހެދިގެން އުޅުނަސް އޭނާއަކީ ކިހާ ބަލިކަށި އަންހެނެއްކަން ފުރަތަމަ ފަހަރަށް އިޙްސާސްކުރެވުނެވެ. ދީޕިކާ ދޮރުގައި ތަޅައިގަތްކަން ނަސީބެކެވެ. ނޫންނަމަ އިލްހާމްގެ ފަރާތުން ސަފީނާއަށް ލިބުނު އަނިޔާތައް ނަޒީލްގެ ފަރާތުން ނިހާއަށް ލިބުނީހެވެ.

“..ދަންނަ މީހެއްތަ؟..” ނިކާލްގެ އަޑު އިވިފައި ނިހާ އިސްއުފުލާލިއެވެ. ނިކާލްގެ ދެލޮލުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.

“..ޕޮލިހަށް ރިޕޯޓްކުރަންވީނުން..” ނިހާގެ ޖަވާބެއް ނުލިބުމުން ނިކާލް ބުންޏެވެ. “..ކާކުކަން އެނގޭތަ؟..”

ދެންވެސް ނިހާ އިޚްތިޔާރުކުރީ ހިމޭންކަމެވެ. އެމީހަކީ ނިކާލްގެ ބޭބެ ނަޒީލްއޭ ބުނާނީ ކޮން ދުލަކުންހެއްޔެވެ؟ އެއީ ބުނަން ފަސޭހަ ވާހަކައެއް ނޫނެވެ. އެފަދަ މުޑުދާރުކަމެއް ނަޒީލްކޮށްފާނެ ކަމަކަށް އެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ. އެ ހާދިޘާ ނިހާއަށް ދިމާނުވިނަމަ ޚުދު ނިހާވެސް ޤަބޫލެއްނުކުރީހެވެ. ވީއިރު ނިކާލް އެވާހަކަތައް ޤަބޫލުކުރާނެ ހެއްޔެވެ؟ ނިހާއަށް ނިކާލް އިތުބާރު ކުރާނެ ހެއްޔެވެ؟ ނޫނެކެވެ. އެގޭގައި ނިހާއަށް އިތުބާރުކުރާނެ މީހަކު އުޅޭނެކަމަށް ހިތަށް އެރުމަކީވެސް މޮޔަކަމެކެވެ. އެގޭ މީހުންނަކީ އާއިލާ މީހުންނަށް މާބޮޑަށް އިތުބާރުކުރާ ބަޔެކެވެ. އެމީހުންނަށް ނިހާ ފެންނާނީ ދުރުހިލޭ މީހެއް ގޮތަށެވެ. އެވާހަކަ ބުނާ ހިސާބުން ނިހާ ވާނީ ކުށްވެރިއަކަށެވެ. އެއްވެސް ކުށެއްނެތި ނަޒީލްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވާކަމަށެވެ. މާޒީގައި މަންމައާމެދުވެސް ކަންތައްވީ އެފަދަ ގޮތަކަށެވެ. މާޒީ އަލުން އިއާދަކުރާކަށް ނިހާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިވަގުތަށް ނިހާ ނިންމީ އެކަން ސިއްރުކުރުމަށެވެ.

“..ޕޮލިހަށް ގުޅާނެކަމެއް ނެތް..” ނިހާ މަޑުމަޑުން ބުނެލިއެވެ. “..އަޅާނުލާ..”

“..ތިދެނީ އެމީހަކަށް ހިތްވަރު..” އެފަދަ ބޮޑުކަމެއް ވުމުންވެސް ނިހާ އަޅާނުލަން ބުނުމުން ނިކާލް ޚައިރާންވިއެވެ.

“..ދެން ކިހިނެއްތަ އަހަރެން ހަދަންވީ..” ނިހާ ނުރުހިފައި ބުންޏެވެ. “..ޕޮލިހަށް ގުޅަންވީ! އެމީހުން މަ ދައްކާ ވާހަކަ ޤަބޫލުކުރާނެތަ.. ނުކުރާނެ! އެކަކުވެސް ޤަބޫލެއް ނުކުރާނެ! ސާބިތެއްވެސް ނުވާނެ! ތިކަންކޮށްގެންވެސް ބަދުނާމުވާނީ އަހަރެން!..”

“..އަހަރެން ނިހާއަށް އިތުބާރުކުރަން..” ނިކާލް ނިހާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. “..ބުނޭ އެއީ ކާކުކަން! އެމީހަކަށް ވަރުގަދަ ލަގާއެއް ދޭނަން! ދުވަހެއްގެ ކޮޅުންވެސް އަންހެން ކުއްޖަކާ ވައި ނޭޅޭވަރު ކޮށްލާނަން..”

ނިކާލް ޖަޒުބާތީވެގެން އިތުބާރުކުރާނެކަމަށް ބުނި ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށް ނިހާ ދެކުނެވެ. ކޮންމެ ގޮތެއްވިޔަސް ނިހާއަށްވުރެ ބޮޑަށް ނިކާލް ގާތްވާނީ ނަޒީލްއާއެވެ. ބޮޑަށް އިތުބާރުކުރާނީވެސް ނަޒީލަށެވެ. ނިހާ އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނޫނެވެ. އޭނާ ކުރާކަމެއްކުރާނީ އަމިއްލައަށެވެ.

“..ދަންނަ މީހެއްނޫން..” ނިކާލް ބުނާނެ އެއްޗަކަށް މަޑުކުރުމެއްނެތި ނިހާ ކޮޓަރިއަށް ވަނެވެ.

އަތް އުފުލާލިގޮތަށް ހުއްޓުން އަރާފައި ނިކާލް ހުއްޓެވެ. ކޮޓަރިއަށް ވަނުމަށް ނިކާލްގެ ހިތް އެދުނެވެ. މިވަގުތު ނިހާއަށް އޭނާގެ އަޅާލުމާއި އެހީތެރިކަން ބޭނުންވާނެއެވެ. ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން ޓަކި ޖަހާލުމަށް އަތްނެގުމަށްފަހު ނިކާލްގެ ހިޔާލު ބަދަލުވިއެވެ. މިވަގުތު ނިހާ ބޭނުންވާނީ އެކަނިވެލުމެވެ. އެ ފުރުޞަތު ނިހާއަށް ދިނުމަށް، ނިކާލް ގޮސް ކޮޓަރިއަށް ވަނެވެ. ދީޕިކާ ހުރީ ބަލާށެވެ. ނިހާގެ ކޮޓަރިއަށް ވަތް މީހަކީ ނަޒީލްކަން ދީޕިކާއަށް އެނގެއެވެ. އެކަން ސާބިތުކުރެވޭނެ ހެކިވެސް އޭނާ އަތުގައި އެބައޮތެވެ. ނަޒީލްގެ ކަރުގައި އޮންނަ ރިހި ފަށް ކޮޓަރި އެނދު ކައިރިން ދީޕިކާއަށް ވަނީ ފެނިފައެވެ.

ނިހާ ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް ކުރި ކަމަކީ ބާލުޚާނާގެ ދޮރު ރަނގަޅަށް ލައްޕާ ތަންޑު އެޅުވުމެވެ. މިރޭ ނަޒީލަށް އެކޮޓަރިއަށް ވަނުމުގެ ފުރުޞަތު ލިބުނީ ނިހާގެ ފަރުވާ ކުޑަކަމުންނެވެ. ނިދާ ވަގުތު ދޮރު ހުޅުވާލައިފައި ބެހެއްޓުމަކީ ނިހާގެ އާދައެކެވެ. ނިހާ ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. ލާނެ އެއްޗެއް ހޯދުމަށް އަލަމާރި ކައިރިއަށް ޖެހިލިއެވެ. ޓީޝާޓެއް ނަގައި ބޮލުން މަހައިލިއެވެ. ފާހާނާގެ ދޮރު ދަށުން ކަޅު ދުންތައް ނުކުންނަން ފެށިއެވެ. އެކަމެއް ނިހާއަކަށް ނޭގެއެވެ. އޭނާ ހުރީ ފުރަގަސްދީގެންނެވެ. ދުންތަކުގައި އިންސާނެއްގެ ސޫރަ ޖެހުނެވެ. އޭތި އައިސް ނިހާގެ ފުރަގަހުގައި ހުއްޓުނެވެ. ނިހާގެ ހަށިގަނޑަށް ހޫނުވެލުމާއެކު ފަހަތުގައި މީހަކު ހުރި ކަމުގެ އިޙްސާސްކުރެވުނެވެ. ނިހާގެ ދެލޯ ބޮޑުވިއެވެ. ފަހަތަށް އެނބުރިލި ވަގުތު ވަރަށް ބޮޑަށް ބޮލުގައި ރިއްސައިގަތެވެ. ނިހާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ކުރީ ރޭ ތަކެކޭ އެއްފަދައިން ނިހާއަށް ކެތްނުވާ ވަރުވިއެވެ. ނިހާ ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރެ ހިނގައިގަތެވެ. އޭނާއަށް ދެވުނީ އެނދާ ހަމައަށެވެ. ވީނުވީ އެއް ނޭގި އެނދު މައްޗަށް ދެމުނެވެ.

ނިހާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނިހާ ނަމާދުކޮށްލިއެވެ. އެޔަށްފަހު ގޮސް އެނދުގައި ޖައްސާލީ ނިދާލާށެވެ. ނަމަވެސް ލޮލަށް ނިދި ނައިސް ފިކުރުބޮޑުވާން ފެށިއެވެ. އޭނާގެ ބަދުނަސީބު ދިރިއުޅުމާމެދު ވިސްނެންފެށުނެވެ. މިޒަމާނުގައި އެންމެ ގާތުގައި އުޅޭ މީހުންނަށްވެސް އިތުބާރުކުރުމަކީ މޮޔަކަމެކެވެ. އިލްހާމްއެކޭ ނަޒީލްއެކޭ އެއްވެސް ތަފާތެއް ނެތެވެ. ދަރިވެސް އުޅެން ދިމާކޮށްފައި ހުރީ ބަފާ އުޅުނު ގޮތަށެވެ. އެދެމީހުންގެ ގައިގާވެސް ވަނީ މުޑުދާރު ލެޔެވެ. ނިހާއަށް ކުރިމަތިވީ ސަފީނާއަށްވެސް ދިމާވިފަދަ ގޮތެކެވެ. ކުރިމަތީގައި ވަނީ ސަފީނާ ވެއްޓުނުފަދަ އަނދަވަޅެކެވެ. ނިހާ އެކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ ކަންކަން ސިއްރުކޮށްގެން މަންމައަށް ވީފަދަ ގޮތެއް ވާކަށް އޭނާ ނޭދެއެވެ. މަންމަގެ މަތިން ހަނދާންވުމާއެކު ފެނުނު ހުވަފެންމަތިން ނިހާ ހަނދާންވިއެވެ.

އާދުވަހަކަށް އިރުއަރައި ދުނިޔެ މައްޗަށް އަލިކަން ފެތުރެން ފެށިއެވެ. ނިހާ ބޭރަށް ނުކުތެވެ. ހެނދުނުގެ ފިނި ވައިރޯޅިތައް ނިހާގެ ގައިގާ ބީހެން ފެށުމާއެކު ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ހީކަރުވައި ގަތެވެ. ދެއަތުން ދެއަތުގައި ފިރުމަމުން އޭނާ މަޑު ހިނގުމުގައި ބޯގަންވިލާ ގަސްކައިރިއަށް ދިޔައެވެ. ގަސްބުޑު ބަލާލިއެވެ. ހުވަފެނުގައި ފެނުގޮތަށް އެތަނުގައި ތަވީދު އޮތެވެ. ނަމަވެސް ތަވީދުގެ ކުލަވަނީ ބަދަލުވެފައެވެ. ހުދުކުލައިގެ ތަވީދު މިހާރު އެއޮތީ ކަޅުރަތް ކުލައިގައެވެ. ނިހާ ތަވީދުނަގައި ރަނގަޅަށް ބަލާލިއެވެ. އެއީ ހަމަ ނިހާ އެގެޔަށް ގެނައި ތަވީދެވެ. ތަވީދު އެތަނަށް ގެނައީ ކާކު ހެއްޔެވެ؟ އޭގެ ކުލަ ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ ހުވަފެނެއްގެ ސިފައިގައި ތަވީދު އޮތްތަން ދެއްކުމުގެ ހިކުމަތަކީ ކޮބައިހެއްޔެވެ؟ އެހުވަފެނުގެ ތައުބީރަކީ ކޮބައިހެއްޔެވެ؟ ޖަވާބު ނޭނގޭ އެތަށް ސުވާލުތަކެކެވެ. ތަވީދުގެ ކުލަ ބަދަލުވާންޖެހުނު ސަބަބު އިބްރާހީމްބެއަށް އެނގޭނޭ ނިހާގެ ހިތަށް އެރިއެވެ.

މިއަދުވެސް ނިހާ ޑިއުޓީއަށް ގެންދިޔުމަށް ފައިރޫޒް އަޔެވެ. ނިހާގޮސް ފައިރޫޒް ސައިކަލު ފަހަތަށް އެރިތަން ނިކާލް ހުރީ ބަލާށެވެ. ނިހާއަކީވެސް އަޖައިބެއް ކަހަލަ ކުއްޖެކެވެ. މަންމަ ބުނާ ގޮތުންނަމަ ނިހާ ލޯބިވަނީ އޭނާ ދެކެއެވެ. އެހެނަސް ނިކާލަށް ފެންނަނީ އެހެން މަންޒަރެކެވެ. އެއީ މަންމައަށް ކުރެވުނު ކުށް ހީއެއް ހެއްޔެވެ؟ ނިކާލަށް ފެންނަނީ ދުވަހެއް ދުވަހަކަށް ނިހާ ފައިރޫޒްއާ ގާތްވާ ތަނެވެ. އެ ކައިވެނި ކުރުމާ ދެކޮޅު ހަދާކަށްވެސް ނިހާ ނޫޅެއެވެ. ބައްޕަގެ ކުރި މަތީގައި ދެކޮޅު ހަދަން ނުކެރުނަސް ފައިރޫޒް ގާތުގައި އެވާހަކަ ބުނެވިދާނެ ނޫންހެއްޔެވެ؟

“..ވާހަކައެއް ބުނަންވެފަ އެބައޮތް..” ހޮސްޕިޓަލް ދޮރު މައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ނިހާ ފައިބަމުން ބުންޏެވެ.

“..އަވަހަށް ބުނޭ..” ފައިރޫޒް އެހިއެވެ. “..ކޮން ވާހަކައެއް..”

“..އެހާއަވަހަށް ކައިވެނި ކުރާކަށް ބޭނުމެއް ނޫން..” ނިހާ އިސްޖަހައިލިއެވެ. “..އަދި ވަގުތު ބޭނުން..”

ނިހާ ބޭނުންވިނަމަ އެ ކައިވެނި ކުރެވެން ނެތްކަމަށް ބުނެވުނީހެވެ. ލޯބިވާ މީހަކު ހުރިކަމަށް ބުނެވުނީހެވެ. ނިހާ އެކަންތައް ސިއްރުކުރީ ނަޒީލްގެ ސަބަބުންނެވެ. ނަޒީލް ޖަހައިފައިވާ ދަންތުރައިން ސަލާމަތް ނުވެވިއްޖެނަމަ އޭނާ އިންނަން ބޭނުންވަނީ ފައިރޫޒްއާއެވެ. ނިކާލްދެކެ ލޯބިވިޔަސްވެހެވެ. ނަމަވެސް އެ ނިންމުން ނިންމަން އަދި އަވަހެވެ. އެ މަގު އިޚްތިޔާރުކުރުމަށް އޭނާ ވަގުތު ބޭނުންވެއެވެ. ނިހާ ބޭނުންވާ ވަގުތު ފައިރޫޒް ދޭނެ ހެއްޔެވެ؟

“..ނޯ ވޮރީސް! ޓޭކް ޔުއަރ ޓައިމް..” ފައިރޫޒް ވަރަށް ފަސޭހައިން އެއްބަސްވިއެވެ.

**********

މުޅި ރަށަށް މަޝްހޫރު ސިހުރުވެރިޔާ އިނީ އޭނާގެ ޚާއްސަ ކޮޓަރިކޮޅު ގައެވެ. އޭނާގެ ނަމަކީ އިބްރާހީމް އަބޫބަކުރެވެ. ނުވަތަ އިބްރާހީމްބެއެވެ. ޓިނުން ހަދާފައިވާ އެކޮޓަރި ހުރީ އޭނާގެ “ތާޖު މެހެލް” ފަދަ ގެޔާ ވަކިން ނަމަވެސް އެއް ގޯތި ތެރޭގައެވެ. އެ ކޮޓަރީގައި ހުރީ މޭޒަކާއި ގޮނޑިއެކެވެ. އިތުރު ފަރުނީޗަރެއް އެތާކު ނެތެވެ. މޭޒު މަތީގައިވާ ދުވަސްވީ ފޮތްތައް ވަނީ ތަރުތީބެއްނެތި އުކާލެވިފައެވެ. ކޮޓަރީގެ ކޮންމެ ކަނެއް ފަޅުފިލުވާލަދެނީ މަކުނުވާގެ ހާލިތަކުންނެވެ. އިބްރާހީމްބެ ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔައީ އަތުގައި އޮތް ފޮތުގެ ގަނޑުތައް އުކަމުންނެވެ. ފޮތުގައި ލިޔެފައިވާ އެއްޗެހިތައް ކިޔަމުންނެވެ. މީހަކު ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އިބްރާހީމްބެ އަތުގައި އޮތް ފޮތް މޭޒު މައްޗަށް އެއްލާލިއެވެ. ހިރަފުސްތައް ފަޒާގެ ތެރެއަށް ބުރައިގެންދިޔައެވެ. ދޮރު މަތީގައި ހުރީ ޔަޒީދެވެ. އެއީ ކުރީ ރެޔަކު ނިހާއަށް ހޮސްޕިޓަލުން ދިމާވި ޒުވާނާއެވެ.

“..ނިހާ ބައްދަލުކޮށްލަން ބޭނުންވާތީ..” ޔަޒީދު ބުންޏެވެ.

އިބްރާހީމްބެ ބަލާލިއެވެ. ޔަޒީދުގެ ފަހަތުގައި ހުރި ނިހާއަށެވެ. ނިހާ ލައިގެންހުރި ގަޔަށް ބާރު ޔުނީފޯމްގެ ސަބަބުން އޭނާގެ ބައްޓަން ވަރަށް ރީއްޗަށް ފާޅުވެއެވެ. އިބްރާހީމްބެ ހިންދިރުވާލިއެވެ.

“..ވަދޭ އެތެރެއަށް..” އިބްރާހީމްބެ ޓިނު ދޮރު ބޮޑަށް ހުޅުވާލިއެވެ.

ނިހާ ދޮރުމައްޗަށް އަރާފައި ހުއްޓުނެވެ. ކޮޓަރި ތެރެއިން ދުވި ކުނި ވަހެއްގެ ސަބަބުން ނޭފަތުގައި އަތް އަޅާލެވުނެވެ. ދެން އޭނާއަށް ބަލާލެވުނީ ލައިގެން ހުރި ހުދު ޔުނީފޯމަށެވެ.

“..ބޭރުގަ ތިބެގެން މިވާހަކަ ނުދެއްކޭނެ..” ނިހާ އެތެރެއަށް ވަންނަ ހިތެއް ނުވިއެވެ.

“..ފަންޑިތަ ކަމަކުއެއް ނުން ތިއައީ..” އިބްރާހީމްބެ ބުންޏެވެ. “..އެހެންވީމަ އެވާހަކަ ދައްކަންޖެހޭނީ މި ކޮޓަރި ތެރޭގައި.. އަހަރުމެންނަށް ފާރަލާ ކިތަންމެ ބަޔަކު އުޅޭނެ..”

ނިހާ އެތެރެއަށް ވަނެވެ. އިބްރާހީމްބެ ދޮރު ލައްޕާލިއެވެ.

“..ކޮންކަމަކު..” އިބްރާހީމްބެ ގޮސް ގޮނޑީގައި އިށީނެވެ. ނިހާ ހުރީ މޭޒު ކައިރީ ކޮޅަށެވެ. އެއްވެސް ބަހެއް ބޭރުކުރުމެއްނެތި ނިހާ ތަވީދު މޭޒުމަތީގައި ބޭއްވިއެވެ. ނިހާގެ ބޭނުމަކީ އެތަވީދަށް ވެފައި އޮތް ގޮތެއް ބެލުމެވެ. ކުޑަކޮށް ނުރަވެފައިވާ ތުނބުޅީގައި އަތް ހާކަލަމުން އިބްރާހީމްބެ ތަވީދު ނެގިއެވެ.

“..މީތީގެ ބާރުގޮސްފަ މިއޮތީ..” އިބްރާހީމްބެ ބުންޏެވެ.

“..ކީއްވެ؟..” ނިހާ މަޑުމަޑުން ބުންޏެވެ. “..މަ ތީގެ ބޭނުމެއް ނުކުރަން..”

“..ކަލެޔެއް ނޫނޭ..” އިބްރާހީމްބެ ފޮތެއް ނަގާފައި ގަނޑުތައް އުކަންފެށިއެވެ. ފޮތުގެ މެދާ ހިސާބުން ގަނޑެއްގައި އިނގިލި ޖައްސާފައި އިބްރާހީމްބެ ނިހާއަށް ބަލާލިއެވެ.

“..ޖިންނިއެއް..” އިބްރާހީމްބެ ބުންޏެވެ. “..އެފަދަ ބާރުތަކަކަށް ފެން ބޮވައިގެންފައިވާ ޖިންނިއެއް..”

ޖިންނީންނަކީ އަލިފާނުން ހައްދަވާފައިވާ ބަޔެކެވެ. އިންސާނުންނަށް ނުލިބޭ ބާރުތައް ދެއްވާފައިވާ ބަޔެކެވެ. އެމީހުންނަށް ބޭނުން ސިފައަކަށް ބަދަލުވުމާއި އިންސާނުންގެ ލޯ މައްޗަށް ނުފެނި އުޅުމުގެ ބާރު ލިބިފައިވެއެވެ. ޒައްރެއްގެ މިންވަރަށް ކުޑަވެގެން އިންސާނުންގެ ލޭ ހޮޅިތަކުގައި ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔެކެވެ. ވީއިރު އިންސާނަކު ހެދި ތަވީދަކުން އެމީހުން ނަގާނީ އިތުރު ކޮން ބާރެއް ހެއްޔެވެ؟ ނިހާއަށް ޝައްކުކުރެވުނީ ފައިސާގެ ދަހިވެތިކަމުގައި އިބްރާހީމްބެ މަކަރެއް ހެދީކަމަށެވެ.

“..ތީތި ރަނގަޅުކޮށްދީ..” ނިހާ ބޭނުންވީ ޔަޤީންކުރާށެވެ.

“..ވިހިހާސް ބޭނުންވާނެ..” އިބްރާހީމްބެ ހީލިއެވެ.

ނިހާގެ ޝައްކު ޔަޤީނަށް ބަދަލުވުމުން އެތަނުގައި މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ނިހާ ނުކުމެގެން ދިޔައެވެ. އިބްރާހީމްބެ ނޫނަސް ފަންޑިތަ ހަދާމީހުން އެރަށުގައި އުޅެއެވެ. ފައިސާއަށް ބޫތު ކައިފާ ހުރި މީހަކަށް ރުފިޔާތަކެއް ބޭކާރުކުރުމުގެ ބޭނުމެއްނެތެވެ. އިބްރާހީމްބެ އެއްމިޔަކަނުން ހީލިއެވެ. އޭނާ ހެދީ ދޮގެއްނޫނެވެ. ހަމަ ހަޤީޤަތުގައިވެސް އެތަވީދުގެ ބާރުތައް ވަނީ ޖިންނިއެއް ބޭނުންކޮށްފައެވެ. ސަބަބެއް އިބްރާހީމްބެއަށް ޔަޤީންކަމާއެކު ބުނާކަށް ނޭގެއެވެ. ނަމަވެސް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެ ޖިންނީގެ އުނދަގޫ ނިހާއަށް ފޯރާނެކަމެވެ.

ހަވީރުގެ ވަގުތެވެ. އިންޝާހުރީ ނިހާގެ އިންތިޒާރުގައެވެ. މެންދުރު ވަގުތު ނިކާލް ގެނެސްދިން ހަބަރަކުން އޭނާ އުޅެނީ ދެފައި އެއްތާކު ނުޖަހައެވެ. އިރުއިރު ކޮޅާ ގަޑި ބަލާލައެވެ. 04 ޖަހާއިރު ނިހާގެ ޑިއުޓީ ނިމޭނެއެވެ. 05 ޖެހި އިރުވެސް ނިހާ ގެޔަށް ނައުމުން އިންޝާ ކަންބޮޑުވިއެވެ. އިންޝާ ގޯތި ތެރެއަށް ނުކުތެވެ. ނިހާ މައިގޭޓުން ވަތްތަން ފެނިފައި އިންޝާގެ ފިޔަވަޅުތައް ހަލުވި ވިއެވެ. އޭނާ ގޮސް ނިހާގެ ގައިގާ އޮޅުލައިގަތެވެ. އިންޝާގެ ކަންބޮޑުވުން ނިހާއަށް އެނގުނެވެ.

“..ކާކު..” އިންޝާ ހުރީ ފެންކަޅިވެފައެވެ. ނިހާ ޖަވާބެއް ނުދިނެވެ.

“..ނަޒީލްތަ؟..” އިންޝާ އެހިއެވެ. ނިހާ ކުޑަކޮށް ސިހުނެވެ. ނަޒީލްގެ ހަޤީޤަތް އިންޝާއަށްވެސް އެނގެނީ ހެއްޔެވެ؟ (ނުނިމޭ)

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

އަވްލީން (26 ވަނަ ބައި)

Next

ނޫރު (ފަންސަވީސްވަނަ ބައި – ދިގުކުރެވިފައި)

Next
January 17, 2018

ނޫރު (ފަންސަވީސްވަނަ ބައި – ދިގުކުރެވިފައި)

Previews
January 17, 2018

އަވްލީން (26 ވަނަ ބައި)

26 Comments!

  1. Koko says:
    January 17, 2018 at 11:37 pm

    Vara furihama ???❤❤❤

    1. nishan says:
      January 18, 2018 at 11:18 am

      Thank you koko ❤️?

  2. Veny says:
    January 18, 2018 at 12:41 am

    Varah furihama ..episode thah genesdheyleh thankolheh lahee..biruveri factor eh ahnaathee v kamudhey. Keep it up

    1. nishan says:
      January 18, 2018 at 11:19 am

      Thank you veny ?
      Episode thah las nukoh genes dheveytho masahkai kuraanan.

  3. Anaa says:
    January 18, 2018 at 5:59 am

    V reethi next part avahaa up kohkadhehchey dear

    1. nishan says:
      January 18, 2018 at 11:20 am

      Thanks anaa ?
      Soon will upload

  4. Pinky shifoo says:
    January 18, 2018 at 9:40 am

    Nice

    1. nishan says:
      January 18, 2018 at 11:22 am

      Thanks shifoo ?

  5. Someone concerned says:
    January 18, 2018 at 10:30 am

    Wahaka kithahme haawes reethi ekam handhaan netheyhaa dhuwas fahun up kurany

    1. nishan says:
      January 18, 2018 at 11:25 am

      Sorry dear! Male dhaan jehigen mihaa bodah las v.. dhen varah avaha genes dheveytho balaanan ?
      And thank you

  6. Sana says:
    January 18, 2018 at 12:22 pm

    Waau varah reethi when next part?

    1. nishan says:
      January 18, 2018 at 1:29 pm

      thanks sana ?
      next week feshey kolhu new episode eh kiyaalan libeyne in shaa allah

  7. Ashy says:
    January 18, 2018 at 12:57 pm

    When next episode. Eagerly waiting. Kurinves v inthizaaru kurin up kuraane dhuvahakah. Pls up soon

    1. nishan says:
      January 18, 2018 at 1:31 pm

      thank you ashy ?
      maa laheh nuvaane! next week ga genes dheynan

  8. Xee says:
    January 18, 2018 at 2:36 pm

    Vrh reeethi vaahaka ibaaraiykoffaivaa goiyves. Best of luck

    1. nishan says:
      January 18, 2018 at 2:34 pm

      Thank you xee ?

  9. 1x00 says:
    January 18, 2018 at 3:09 pm

    Its interesting..cant wait for the next part..thankolheh avahah up kohla dhehchey????

    1. nishan says:
      January 18, 2018 at 2:34 pm

      Will upload soon in Shaa Allah ?
      Thank you

  10. Mysh says:
    January 18, 2018 at 4:58 pm

    V rythi..next prt avas kohdhyba

    1. nishan says:
      January 18, 2018 at 2:35 pm

      Yea will upload soon. Thanks mysh ?

  11. R@! says:
    January 19, 2018 at 4:41 pm

    V salhi waiting for next episode ?

    1. nishan says:
      January 19, 2018 at 7:20 pm

      Thank you Rai ?

  12. Emaa says:
    January 19, 2018 at 6:53 pm

    ?Varah reethi?

    1. nishan says:
      January 19, 2018 at 7:21 pm

      Thanks emaa ?

  13. thahoo says:
    January 20, 2018 at 9:43 am

    When is the 2nd episode Verynice story a

    1. nishan says:
      January 20, 2018 at 11:17 am

      Thanks thahoo ?

Comments are closed.


All Right Reserved!