އޮޔާ
ދެލޯ ފޮހެމުން ޓީވީޗެނަލްއަކަށް އިންޓަރވިއު ދެމުންގެންދިޔަ އަލީގެ ފައިގައި ބައްދައިގަނެގެން ރޮއެގިސްލަމުން، ތުރުތުރު އަޅަމުން އެދަނީ ނިކަމެތި މަންމައެކެވެ..އަލީގެ އަނބިމީހާ އިޔާރާއެވެ. އޭނާގެ ހާލުގެ ވާހަކަ އަހައިފި މީހެއްގެވެސް ހިތްކުދިކުދިވާވަރުވެއެވެ. ނުވާންވީ ސަބަބެއްވެސް ކޮބައިތޯއެވެ؟ އުމުރުން އެންމެ ފަސްމަސްވީ ތުއްތު އަންހެން ދަރިފުޅު އޮޔާދިޔައީ އޭނާގެ ދެލޯ ކުރިމަތީގައެވެ. އެދަރިފުޅު ލޮނުގަނޑުގެ ތެރެއަށް ގެނބުނުއިރު ހާސްވެގެން އެތެޅުނު ތެޅުމާއި ރުއިވަރު އެމައިމީހާގެ ހިތާއި ސިކުނޑީގައިވަނީ ހަރުލާފައެވެ.މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކުއްޖާފުޅުގެ ހަކަތަހުސްވެ ކުނިތަކާއި ގާތަކުތެރެއަށް ގެއްލުނީ އޭނާގެހިތް ކަފާފޮތިކޮށްލާފައެވެ.ދަރިފުޅު ސަލާމަތްކުރަން އޭނާއަށް އެއްވެސްކަމެއް ނުކުރެވުނެވެ. ތުއްތުދަރިފުޅުގެ މިކުއްލި ވަކިވުމުގެސަބަބުން މިވާހަކަތަށް ކިޔައިދިނުމަށް އަލީ ކުރަމުންދިޔަ ހިތްވަރުވެސް ކިތަންމެފަހަރަކު އެލުނެވެ.
ޓީވީން މިމަންޒަރުތައް ބަލަންއިން ނުހާދުގެ ދެލޮލުންވެސް އޭރު ތާޒާ ކަރުނަ އޮހޮރެމުން ދިޔައެވެ. ބައެއްފަހަރު ގިސްލެވެއެވެ. އެތައްބަޔަކު މަރުވެދިޔަ ސުނާމީގެ އެބިޔަރާޅު އަދިވެސް އޭނާގެ ލޯކުރިމަތިން ރޯލުވަމުންދާކަހަލައެވެ. އެރާޅާއިއެކު އިޔާރާ ތުއްތު ދަރިފުޅާއިއެކު އޮޔާދެމި މަންޒަރު އެންމެގާތުން ދުއްމީހަކީވެސް ހުދް އޭނާއެވެ..
ކޮންމެ ދުވަހެއްގެ ތާވަލާއި އެއްގޮތަށް އެއްޔެވެސް ނުހާދު ދިޔައީ އޭނާގެ ހިތުގެ މަލިކާ ދެކިލުމަށް އެގޭދޮށަށެވެ. ލޯބިވާ ޔާރާގެ މޫނު ނުފެނި އޭނާގެ ދުވަސް ފުރިހަމައެއްނުވެއެވެ. އޭނާއަށް ޖެއްސުންކޮށްނުލާ ލޮލަށް ނިންޖެއްނާދެއެވެ. އިންޒާރެއްނުދީ ހިތަށް ހަމަޖެހުމެއްނުލިބެއެވެ. ގޭދޮރުމަތި ކުނިކަހަންއޮތް އިޔާރާ ފެނުމުން ނުހާދު މޭގައި އަތްފިރުމާލިއެވެ.ތުނބުންފުމެލާ ލޯމަރާލިއެވެ. މިމަންޒަރުފެނުމުން ކުނިކެހުން ހުއްޓާލާފައި އިޔާރާ ގެއަށްވަދެ ދޮރުޖެހިއެވެ. ލާނެތްގޮތަކަށް ހީލަމުން ނުހާދު ހިނގައިގަތީ އަދި ކޮންމެވެސް ދުވަހަކުން ތި އިޔާރާ، މަގޭ ޔާރާއަކަށް ހަދާނަމޭ ބުނެލަމުންނެވެ.
ޖެޓީމަތީގައި ޅަފުރައިގެ ދެކުއްޖަކު މަސްބާނަންތިބުމުން ނުހާދު އެތަނަށް ކައިރިވެލިއެވެ. ރަށުގައި އެއްވެސް މަސައްކަތެއްނުކޮށް ހުހަށް ހުއްޓަސް ގެއަށް ލައިގެންކާނެ އެއްޗެއް ހޯދައިދޭން ނަނުއެއްލަންދާންވެސް ނުހާދަކަށް ނުކެރެއެވެ. ރަށުތެރޭގައި ލާޗާރުބިޗާރަށްއުޅޭ ގުރޫޕްމީހެކެވެ. މައިންބަފައިން ދިނީމައި ކައިގެން ބޮއެގެން އުޅެނީއެވެ.”ކަލޯ ކޯންޗެއްބެއީ؟”އެތަނުން ކުއްޖެއްގާތު ނުހާދުއެހިއެވެ. “ތިންކިރުޅިޔާމަސް ބޭނިއްޖެ.” އެކުއްޖާ ބުނެލިއެވެ. “ކަލޯ އަހަންމަދާ! ހާދަބޮޑަކަށް ތޮށިމަތި ހިކިއްޖެޔޭ.ބަލާބަލަ ފަޅުތެރެވެސް އެހެރަ ހިކެނީ..”މަސްބާނަންހުރި އާތިފު ހަޅޭއްލަވައިގަތެވެ.ކަމަކުދާކަށްނެތެވެ. ފަޅުތެރޭގައިހުރި ގާތަކާއިއެއްކޮށް އެހުރީ ހިކިފައެވެ.މަސްތައް ނޭވާނުލެވިގެން ތެޅިފޮޅެނީއެވެ.. ތޮށިބޭރުން ހިއްލާލި ބޮޑުރާޅު ފެނުމާއިއެކު ނުހާދު ހަޅޭއްލަވައިގަތެވެ. “ކުދީންނޭ.. އަވަހަށް އެއްގަމަށް ދުވޭ. އެހެރަ އަންނަނީ ބޮޑުރާޅެއް.” ނުހާދުވެސް، އެއްގަމަށް ދުއްވައިގަތީ ރާޅުގެ ކުރިން ގެއާއިހަމައަށް ދެވޭތޯއެވެ. ނަމަވެސް ވަކިހިސާބަކަށް ދެވުނުއިރު ރަށްވަށައިގެން ރާޅުއަރައިގެން އައިސް ގަދަ އޮއިގައި އޭނާވެސް ގެންދަންފެށިއެވެ. ގަޔަށްލެވުނުހާ ބާރެއްލާފައި އޮޔާއިދެކޮޅަށް ފަތަމުންދިޔަ ނުހާދުއަށް އަތުޖެހުނީ ގެޔެއްގެދޮށުގައިހުރި ރުކެކެވެ. ރުކުގައި ބާރަށް ހިފަހައްޓަމުން ހަރަކާތެއްވެސް ގެންނަން ނޭންގިފައި އެއޮތްގޮތަށް އޮއްވައި ނުހާދުއާއި ދާދިގާތުން އޮޔާދަމަމުން ގެންދިޔަ އިޔާރާގެދެމައިން އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަމަހެއަށް އާދެވި އިޔާރާއާއި ދިމާއަށް އޭނާ ފަތައިގަތީ އޭނާގެ ލޯބިވާ ޔާރާ ސަލާމަތް ކުރެވޭތޯއެވެ.
އިޔާރާގެ އަތުގައިހިފާ އޭނާއާއި އެކުގެނެސް އެރުކުގައި ހިފެހެއްޓުނީ ނުހަނު އުނދަގުލުންނެވެ.އެވަގުތު ބިރުން ތުރުތުރު އަޅައަޅާހުރި އިޔާރާ ފެނުމުން ނުހާދުބޭނުންވީ އޭނާގެ ހިމާޔަތް އިޔާރާއަށް ދިނުމަށެވެ. އެހެންކަމުން އިޔާރާއާއި ކައިރިވެލާ އޭނާ ގައިގައި ބައްދާލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދައަކުންނެވެ.ލިބުނުސިހުމުގައި އިޔާރާ ތެޅިފޮޅިގަތެވެ.އަދި ގައިގައި ހުރިބާރެއްލާފައި ނުހާދުގެ ކަންކަށިމަތީގައި ވިހެލިއެވެ.”ހަބަރުދާރު!ނުހާދުއަކަށް ނޯންނާނެ ތިގޮތަށް މަގޭގައިގައި އަތްލުމުގެ ހައްގެއް!މަމީ އަލީގެ ހައްގެއް.މިބުނީ މީ މީހެއްގެ އަންބެކޭ.ދަރިއެއްގެ މަންމައެކޭ.” ރުޅިއައިސްގެން ފަޅައިގެންދާ ހާލުގައިހުރި އިޔާރާ ހުރީ ބިރުވެސްގަނެފައެވެ. ”ޔާރާ!އެ އަލީ ކައިރިން ވަރިވެގެން މަށާއިންނަންވީނު.މުޅިއުމުރު ހުސްކޮށްލަންޖެހުނަސް މަ ތިނޫންމީހަކާ ނީންނާނަން. މަ ހާދަލޯތްބެއްވެޔޭ ޔާރާ.” މޮޔައަކުފަދައިން ނުހާދުބުންޏެވެ.”ނުހާދު ހެޔޮނުވާނެ.ތިހުރީމޮޔަވެފައިތަ؟އަހަރެމެން މިތިބީ އަމިއްލަފުރާނަ އަތްމައްޗައްލައިގެން. ގޮތްހުސްވެފައި. ދެންވެސް މީހުންއުޅޭހިސާބަކަށް ދެވޭތޯ ހިނގާބަލަ. އެހެންނޫނަސް މަނުވޭލޯތްބެއް ނުހާދު ދެކެއެއް. މަލޯބިވަނީ މަގޭފިރިމީހާދެކެ. މިދަރިފުޅުގެ ބައްޕަދެކެ.” އިޔާރާ ތުއްތުދަރިފުޅު މެޔާއިލާ ފިއްތާލީ ލޯބިންނެވެ. ސުނާމީގެ ދެވަނަރާޅު އަރައިގެން އައީ އެވަގުތުއެވެ. ހިފަހައްޓާފައިތިބި ރުކުގައިއިތުރަށް ހިފެހެއްޓުނީ ރާޅުއަރައިގެން އައިއިރު އޮއެގަދަކަމުންނެވެ.ރޮމުންރޮމުން އިޔާރާ ދަރިފުޅު ލޮނުގަނޑުން މައްޗައްނެގޭތޯ ބަލަމުންދިޔައެވެ. ހަމައިންނެއްޓިފައިވާ ނުހާދުއަށް އެމަންޒަރު ހަޖަމެއްނުވިއެވެ.. ނުހާދުކުއްލި އަކަށް އިޔާރާގެ އަތުގައިއޮތް ތުއްތުދަރިފުޅު ޖަހައިގަތީ ބާޒެއް، ޅަފިޔޮކެއް ޖަހައިގަންނަ ފަދައިންނެވެ. ރޮއެރޮއެ އޮތްކުއްޖާ ލޮނުގަނޑު،ތެރެއަށް އެއްލާލި އެއްވެސް ރަހުމެއް ކުލުނެއްނެތިއެވެ. އިޔާރާ ގަދައަޑުން ރޮއެގަތެވެ. މަގޭ ދަރިފުޅާއޭކިޔާ ރޮމުން ފަތައިގަތެވެ.ނަމަވެސް ނުހާދު އޭނާ ހިފެހެއްޓުމުން ދަރިފުޅުގެ ފަހަތުން ދިއުމަށް އޭނާކުރި މަސައްކަތްވީ ބޭކާރެވެ. “ދެން ތިދަރިފުޅެއްގެ ސަބަބުން އޭނާޔާ އިނދެގެން ހުރުމުގެ ބޭނުމެއްނެތެއްނު. އެކުއްޖާގެ ކަންތައް އެނިމުނީ. އެހާފަސޭހަކަމެކޭ.ބުނޭލޯބިވެޔޭ.ބުނޭ.” ރުކުން އަތްދޫވިޔަނުދީ ނުހާދުހުރީ ހިފަހައްޓައިގެންނެވެ. އިޔާރާ ރޮއެއާދޭސް ކުރިއެވެ. ސަލާންޖެހިއެވެ. އެދަރިފުޅު ސަލާމަތްކޮށް ދިނުމަށްއެދިއެވެ.އޭނާ ދޫކޮށްލުމަށް އެދިއެވެ. ނަމަވެސް އެނާމާން ބިރުވެރި ވަގުތުގަވެސް ނުހާދުހުރީ ދީވާނާވެފައެވެ.ދެކަންފަތް ބައްވެފައިހުރި މީހެއްފަދައިންނެވެ. އިޔާރާގެ އެއާދޭސްތައް އޭނާއަށް ނީވޭފަދައެވެ.އޭނާގެހިތް ހިލަވެފައިވަނީ ހަމަ އިޔާރާގެ ލޯބިހޯދުމަށްޓަކައޭ ބުނާފަދައެވެ.
“ޔާރާ.. ޔާރާ..” އިޔާރާގެ ފިރި އަލީގެ އަޑަށް ހަމަބިމަށް އާދެވުނު ނުހާދަށް އިޔާރާގެ އަތުން ދޫކޮށްލެވުނެވެ. އޭރު ފެންގަނޑުވަނީ ކަކޫތާފެނަށް ތިރިވެފައެވެ.އޭރުވެސް ހިތްފަޅައިގެންދާވަރަށް އިޔާރާ ރޮމުންދެއެވެ. އަލީ ފެނުމުން އެގޮތްމިގޮތަށް ތެޅެމުންގޮސް އަލީގައިގައި ބައްދައިގަތުމާއިއެކު އޭނާގެ ހޭހުސްވެގެން ދެމުނީއެވެ. ވަގުތުގެ ނާޒުކުކަމުން އަލީބެލީ އިޔާރާއަށް ފަރުވާއެއް ދެވޭނެގޮތެއްވޭތޯއެވެ.ރަށުތެރެއިން ފެންނަނީ ވެއްޓިފައިވާގެތަކެވެ. އެއްގަމަށް އަރާފައިވާ އޮޑިދޯނިފަހަރެވެ. އެންމެންވެސް ދުވަނީ ގެއްލިފައިވާ ދަރިންނާއި އާއިލާގެމީހުން ހޯދާ އެއްތަންކުރެވޭތޯއެވެ. އެއްބަޔަކު މަރުފެވައިވާ އާއިލާގެ މީހުންކައިރީގައިތިބެ ހިތާމަކުރަމުންދިޔައެވެ. އޭރުވެސް އިޔާރާގެ ހެޔެއްނެތެވެ.މަންޒަރުބަލަން ދުރުގައިހުރި ނުހާދު ސިހުނީ އޭނާގެ ފަހަތުން އަލީ ގޮވާލުމުންނެވެ. “ނުހާދު ކިޔާދީބަލަ. އިޔާރާ އާއި ދިމާވިއިރު އޭނާ އަތުގައި ދަރިފުޅު އޮތްތަ؟ އެހެންމިބުނީ ބައެއްމީހުނަށް ފެނުނު ކަމަށްވޭ އޭނާ އެމަންޖެ ގޮވައިގެންދިޔަތަން.” އަލީ ދެލޯ ފޮހެލަމުންބުންޏެވެ.“ނު..ނޫން. މަށަށް ފެނުނީ އޭނާއެކަނި.މަގޮސް އޭނަގެނެސް ރުކުގައި ހިފަހައްޓާށޭ ބުނީމަވެސް އުޅެނީ ދާންވެގެން. ދަރިފުޅު އޮޔާދިޔައީއޭ ކިޔަމުން. އެހެންވެ އަހަރެން އޭނާ ހިފަހައްޓައިގެން ހުރީ..” ލޯފޮހެލަމުން ހިތާމަވެރި އަޑަކުން ނުހާދު ބުންޏެވެ.. އަލީ ދިއުމުން އަވަސްއަވަހަށް ނުހާދު އެތަނުން ދިޔައީ އޭނާކުރި ނުބައިއަމަލު މުޅިއުމުރަށްވެސް ސިއްރުކުރެވިދާނެކަމަށް ހީކުރަމުންނެވެ.އޭނާ އިޔާރާއަށް ދިންއިންޒާރާއި އޭނާގެހުރި ގަޓުކަމުން އިޔާރާ ހާސިލްކުރެވިދާނެކަމަށް އޭނާގެ މޮޔަހިތް ބުނެދެމުންދިޔައެވެ..
ގޭދޮށަށް ދިޔައިރު ގެވެއްޓިފައި އޮތްތަންފެނި އޭނާގެ މެޔަށް ނުބައިގޮތްތަކެއް ވެގެންދިޔައެވެ. މަންމަ މަތިން ހަނދާންވީ އެވަގުތުއެވެ. މަންމަ ވީހިސާބެއް ބެލުމަށްޓަކައި އަވަހަށް ދުއްވައިގަތީ ބޮޑުދައިތަމެންގޭދޮށަށެވެ. ނަސީބަކުން އޭރު އެގޭދޮށުގައި މަންމަ ސަލާމަތުންއިނެވެ. ހިތަށްފިނިކަމެއްލިބި ހަމަޖެހުމެއްލިބުނީ އެވަގުތުއެވެ. ތިމާލޯބިވާމީހަކު ނެތިދާން ނޭދޭނެވަރު އެވަގުތުވެސް އެރަހުމްކުޑަ އިންސާނާއަށް ތަސައްވަރު ކޮށްލަންވެސްނޭންގުނެވެ. އޭރު އެގޭދޮށުގައި ދެކެވެމުންދިޔައީ ނުހާދުގެ މަންމަ ސަލާމަތްވި ގޮތުގެ ވާހަކައެވެ. ފުރޮޅެމުން އައި ކަޅުހަމެއްގެ ކިރިޔާ ދަށުނުވެހުއްޓައި އިޔާރާގެ ފިރިމީހާ އަލީގެ ހިތްވަރުން ނުހާދުގެ މަންމަ ސަލާމަތްކޮށްދިން ވާހަކައެވެ. އެއާއިއެކު އަލީގެ ތުއްތުދަރިފުޅު ގެއްލުމުގެ ހިތާމަވެސް ކުރަމުން ގެންދިޔައެވެ. ނުހާދަށް ކުއްވެރި އިހުސާސެއް ކުރެވިގެންދިޔައެވެ. އޭނާގެ މަންމަ ސަލާމަތްކޮށްދިން މީހާގެ މުޅި ދިރިއުޅުން އޭނާފަނާކޮށްލީ ދާދި ދެންމެއަކުއެވެ. އެއްވެސް ކުށެއްނެތް ތުއްތުކުއްޖަކު މަރުވާން ދޫކޮށްލީ އޭނާގެ ދެއަތުންނެވެ. ހިތަށް ބިރުވެރިކަންވަދެ މީހާ ތުރުތުރު އަޅަންފެށީ ކުރެވުނު ކަންތަކާއި ދޭތެރޭގައި ހަމައަށް ވިސްނާލެވުނީމައެވެ. އެހެންކަމުން ލޮލުން އަންނަންފެށި ކަރުނަތައް މީހަކަށް ފެނުނަނުދީ އަވަހަށް ނުހާދުބެލީ އެތަނުން ދުރަށްދެވޭތޯއެވެ.
އެރޭގެ ނިދި ނުހާދުއާއި ރުޅިވިކަހަލައެވެ. ލޯމެރިލާއިރަށް ފެންނަނީ އެތުއްތު މައުސޫމު މޫނެވެ. އިވެނީ އެކުއްޖާފުޅު ރޯއަޑެވެ. ބޮޑުދައިތަމެންގޭ ކޮޓަރީގައި އޮތް ނުހާދުއަށް އެކުއްޖާ އުނދަގޫ ކުރާކަހަލައެވެ. އިރުއަރަންދެންވެސް ނުހާދު އުޅުނީ އެހާލެއްގައެވެ.
ޓީވީ ކައިރީގައި އިނު ނުހާދަށް ހިޔާލީ ދުނިޔެއިން އަނބުރާ އާދެވުނީ މަންމަގެ އަޑަށެވެ. ދަރިފުޅާ.. އިޔާރާގެ ދަރިފުޅުގެ ހަށިގަނޑު ފެނިއްޖެ.. މޫދުގައިހުރި ކުނިތަކެއްގެ ތެރޭގަޔޯ އެފަކީކުއޮތީ. މަންމައަށްވެސް ރޮވުނީ އެތުއްތު ކުއްޖާޔާއިމެދު ހިތުގައި ރަހުމެއް ހުރީމަތާއެވެ.ނުހާދަށް އެންމެ ހިނދުކޮޅަކަށްވެސް ގޭގައި މަޑުނުކުރެވުނެވެ.ހިތަށް ކެތްނުވީއެވެ.އޭނާގެ އަމިއްލަ އިހުތިޔާރުގައި ހިނގާފައި ދިޔައީ އެރަށު ފުލުސް އޮފީހަށެވެ. އޭނާކުރި ކުށް ކިޔައިދިނީ އެއްވެސް ފޮރުވުމެއްނެތިއެވެ.އެވާހަކަތަށް އަޑުއަހަން ހުރި ކޮންމެ ފުލުހަކުމެތިބީ ބަސްހުއްޓިފައެވެ. އަންހެން ދެފުލުހަކު ދެލޯފުހެމުން ނޭފަތްދަމަމުން ދިޔައީ އެއީވެސް ދަރިންތަކެއްގެ މައިންނަށް ވީކަމަށްޓަކައެވެ. ކޮންމެގޮތެއްވިޔަސް ނުހާދުއަށް އެނޫން އެއްވެސް ގޮތެއްނެތީއެވެ.އިންސާނިއްޔަތުކަމޭ މިކިޔާއެއްޗަކީ އެއީ އޮންނައެއްޗެއްކަން އޭނައަށް އިހުސާސްވީ އަދިކިރިޔާ ކަމަށްވެދާނެއެވެ. ނޫނީ ދުނިޔެއިން މޮޔަވެފައި އިން އިޔާރާ ދެންނުލިބޭނެކަން ވިސްނުނީ ކަންނޭންގެއެވެ. ކޮންމެއަކަސް ސުނާމީގެ އެރާޅާއިއެކު އިޔާރާއާއި އަލީގެ ދިރިއުޅުން އޮޔާލީ ލޯބީގައި ދީވާނާވެފައިހުރި އިންސާނެކެވެ. އެހުރިހާ ކެމެއްކުރިއިރު އޭނާގެ ދިރިއުޅުން އޮޔާ ހިނގައިދާނޭކަމަށް އެއްފަހަރުވެސް ނުހާދު ވިސްނާލިނަމައެވެ..
(ނިމުނީ)
12 Comments!
Comments are closed.



Varah reethi mi vaahaka
Thanks Navya❤❤
You mad me cry When next story?
Ohh!! Baeh faharu story kiyaafa vaane roanves. Eyru liyuntheriyaage magusadhu haasil vaanee. Mibunee liyan beynunvi gothah liyevunu kamuge ihusaas kureveynee. Iraadha kureviyya adhives vaahaka hury kuriyah. Shukuriyya❤
Is this a true story..mihen mi ahaalee varah reethi kamun..heevanee mnzaru thah sifa vaahen
Nooney alko. Meehama hiyaalee vaahakaeh.. leem v try kuran abadhuves veehaaves manzaruthah sifakoh dhinun rangalhu kurwveythw.. shukuriyya. ❤
Varah reethi and verry imotional???
Thanks lubu❤
This made me cry. So touching. Masha Allah. Varah reethi story eh 🙂 <3
Thanks shauna ❤
V reethi mi story
Hama rovihje
Thanks s.❤