Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އެއީވެސް ތިބާ ފަދަ އިންސާނެކެވެ.

Arupha Level 1
March 4, 2014 6 Mins Read
11 Comments

“އަންހެން ދޮޅާ. އަމައްޔާތް! އެއްކަލަ ރަނޑު ދޯ އެހެރަދަނީ” އަވަސް ހިނގުމެއްގައި ސްކޫލަށްދިޔަ ޒައިން ފެނިފައި މަގުމަތީގައި ގޮތެއް ފޮތެއް ނެތިގެން އުޅޭ ގްރޫޕެއްގެ ކުއްޖެއް ގޮވާލިއެވެ. އެއާއިއެކު ދެނތިބި ކުދިންތައް ބާރަށް ހޭން ފެށިއެވެ. އެމީހުންގެ މަލާމާތައް ބެލުމެއްނެތި ޒައިން ބެލީ އަވަހަށް ސްކޫލަށް ދެވޭތޯއެވެ. މަގުމަތީގައި ގޮތެއް ފޮތެއް ނެތިގެން އުޅޭ ކުއްތާތަކެއްގެ އުސޫލުން ހިނގާހައި މީހަކާ ބެހި ދިމާކުރުމަކީ އެމީހުންގެ އާދައެވެ. އެފަދަ މީހުން ދައްކާ ވާހަކައަށް އަޅާލުމަށްވުރެ ނުލުން މާ ބުއްދިވެރިއެވެ. އެމީހެއް ބުނިއެއްޗެއް އެމީހަކަށެވެ. އަދި އެމީހެއް ކުރިކަމެއްވެސް އެމީހަކަށެވެ. ޒައިން ދެކޭގޮތުގައި، ތިމާއާ ދިމާއަށް ކުއްތާއެއް ހޭރިގަތުމުން ފަހަތުން ހޭރިގަތުމަކީ މޮޔައިންގެ އާދައެކެވެ. ޒައިންއަކީ ހެޔޮވިސްނޭ ރަނގަޅު ކުއްޖެކެވެ. އޭލެވެލްގެ ގްރޭޑް 12 ގައި ތަޢުލީމް ހާސިލްކުރަމުންދާ ހުނަރުވެރި ކުއްޖެކެވެ. މަންމަ އާއި ބައްޕަގެ ހުރި އެންމެ ބޮޑު ދަރިފުޅެވެ.  މަންމަ އެކުއްޖަކަށްޓަކައި ފަޚްރުވެރިވާ އަދި ބައްޕަ ދުނިޔޭގައި ހުންނެވިނަމަ ބައްޕަވެސް ފަޚްރުވެރިވާނޭ ދަރިއެކެވެ.

ޒައިންއަށް ކްލާހަށް އާދެވުނުއިރު އަދި މުދައްރިސް ނުދުރުވެއެވެ. އޭލެވެލް އިމްތިހާނު ކައިރިވަމުންދާތީ ކޮންމެ ރެއަކުވެސް ކޮންމެވެސް އެކްސްޓްރާ ކްލާހެއް އޮވެއެވެ. ޒައިންއަކީ ބަރާބަރަށް އެކްސްޓްރާ ގަޑިތަކަށްވެސް އަންނަ ކިޔެވުމަށް ގަދައަޅާ މަސައްކަތް ކުރާ ދަރިވަރެކެވެ. އެކަން އޭނާގެ މަންމައާއި، ޓީޗަރުންގެ އިތުރުން ރައްޓެހިންވެސް ޤަބޫލުކުރެއެވެ. ޒައިންއަކީ ހަމުގެ ކުލައަލި، އިސްކޮޅުން ދިގު، ހިކި ކުއްޖެކެވެ. އޭނާގެ ސިފައާއި އަޑުގައި ހުންނަ އަންހެން ގޮތުގެ ސަބަބުން ކްލާހުގެ ބައެއް ފިރިހެން ކުދިން އޭނާއަށް ކިޔަނީ ރަނޑު ޒައިންއެވެ. އެކަމާ އޭނާ އެއްވެސް ވަރަކަށް ފަރުވާލެއް ނުބަހައްޓައެވެ. އެކުދިންނާއިވެސް އޭނާ ވާހަކަ ދައްކައެވެ. އެއްޗެއް އޮޅުން ނުފިލައިގެން ޒައިން ގާތަށް އައިއްސިނަމަ އޮޅުންވެސް ފިލުވައި ދެއެވެ. ކްލާހުގައި  އަދި ކްލާހުން ބޭރުގައިވެސް ޒައިންގެ ރަހުމަތްތެރިންނަކީ ޢާއިޝާ އާއި ޒުލްފާ އާއި ރިޝްފާއެވެ. އެހެން ކުދިންނާއި ޚިލާފަށް އެމީހުން ޒައިން އާއި ދިމާކޮށެއް ނުހަދައެވެ. ހެޔޮ ރަހުމަތްތެރިން ފަދައިން ޒައިންއަށް އެހީވެ މީހުން ދައްކާ ވާހަކައަށް އަޅާނުލުމަށް ބުނެއެވެ.

ގަޑިން ރޭގަނޑު 8 ޖަހަނީއެވެ. އާދައިގެ މަތިން ޒައިން ދިޔައީ އެކްސްޓްރާ ކްލާހަށް ދާށެވެ. ސްކޫލަށް ދިޔަ މަގުމަތީގައި އެރޭވެސް ޒައިންއާއި ދިމާކުރާ ގްރޫޕާ ޖެހުނެވެ. “އޭތް އާދެލަ ފެގެއް ބޯލަން. ދުވާލުދާ ހަތަރުދަމު ފޮތް ބޮނޑިއެއް ހިފައިގެން އަންހެން ގްރޫޕެއް ފަހަތަށްލައިގެން އުޅޭނީ ރަނޑުން. ފެގް ނުބޯ މީހުންނަކަށް ނުކިޔާނެ ފިރިހެނުންނެކޭ. އެހެންވެ އަހަރުން ޒައިންއަށް ރަނޑެކޭ ކިޔަނީ. ހެ ހެ ހެ…” ގްރޫޕުގެތެރެއިން އެއްކުއްޖެއް ޒައިން ކައިރިއަށް އައިސް ވަސްވާސްދޭންފެށިއެވެ. “ބަލަ މަށަކީ އަންހެން ކުއްޖެއް ނޫނޭ މަގޭ ފަހަތުން ދުވާކަށް. މަވެސް ތި މީހުންނާ ނުބެހެމެއްނު. އެހެންވީމަ މަށާވެސް ނުބެހޭ”. އުނދަގޫ ބޮޑުވެގެން ޒައިންއަށް އަނގައިން ނުބުނެއެއް ނުހުރެވުނެވެ. ޒައިން މިހިން ބުނުމާއެކު އެގްރޫޕް އެންމެން އެއްކޮށް “އަޅޭ..” އޭކިޔައި ހީނ ގަތެވެ. އެމީހުންގެ އެ ހަރަކާތައް އަޅާނުލައި ޒައިން ދިޔައީ ސްކޫލަށެވެ.

ކްލާހަށް ވަދެވުނުއިރު ޒައިންގެ ރައްޓެހި ޢާއިޝާއާއި ޒުލްފާ އޭނާގެ އިންތިޒާރުގައި ތިއްބެވެ. ނަމަވެސް ޒައިންގެ ލޯ އެމޫނެއް ދެކެލުމަށް އަބަދުމެ އެދޭ ރިޝްފާއެއް ނެތެވެ. ވުމާއެކު އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ. އާއިޝާމެން ބުނިގޮތުގައި ރިޝްފާ އުޅެނީ ބޮލުގައި ރިއްސާތީއެވެ. އެހެން ކަމުން އެކްސްޓްރާއަށް ނައީއެވެ. ނަސީބު ދިމާކުރި ގޮތުން އެކްސްޓްރާ ގަޑިއެއްވެސް ނެތެވެ. އެކްސްޓްރާގަޑި ކެންސަލްވުމުން އާއިޝާ ނިންމީ ރިޝްފާމެންގެއަށް ގޮސްލާށެވެ. އާއިޝާގެ މި ނިންމުމުގެ ސަބަބުން ޒައިންގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. ޒައިން ހާމަ ނުކުރި ކަމުގައި ވިޔަސް އޭނާއަށް ރިޝްފާ ވަރަށް ކަމުދެއެވެ. އޭނާގެ 3 ރަހުމަތްތެރިންގެ ތެރެއިން އެންމެ ގާތްކޮށް އެކުގައި އުޅެނީވެސް ރިޝްފާއެވެ. ބައެއް ފަހަރު ޢާއިޝާމެން ދިމާކުރުމުގެ ގޮތުން ޒައިން އާއި ރިޝްފާއާއި އަޅުވާވެސް ކިޔައެވެ. “އަހަރުން ދެމީހުން އުޅެނީ ރައްޓެހިވެގެންނޭ. ޖޭ ވޭތަ؟” އާއިޝާމެން އަޅުވާކިޔާން ފެށީމައި ރިޝްފާވެސް މިފަދައިން ބުނެލައެވެ.  ރިޝްފާ ބުނެލާ މިފަދަ ބަސްބަހުން ޒައިންގެ އުންމީދުތައް އާވެގެން ދެއެވެ. އޭނާގެ ހުވަފެންތަކުގައި ކުލަޖެހޭނެކަމުގެ ޔަގީންކަން އިތުރު ކޮށްދެއެވެ.

ރިޝްފާމެންގޭގައި އެތައް އިރެއްވާންދެން ވާހަކަ ދައްކާން ޒައިންމެން ތިއްބެވެ. އެ ތިބި ތިބުމުގައިވެސް ރިޝްފާއިނީ ޒައިން ކައިރީގައެވެ. ޒައިން ޤަބޫލުކުރާގޮތުގައި ރިޝްފާއަށްވެސް ޒައިން ކަމުދެއެވެ. ރިޝްފާ އެ އިންތިޒާރުކުރަނީ  ޒައިން އޭނާއަށް ލޯބި ހުށަހަޅާނެ ވަގުތަކަށެވެ. ރިޝަފާއަށް ލޯބި ހުށަހަޅަން ޒައިން ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް އެހިތްވަރެއް އަދި އަދަށް ދާންދެންވެސް ނުލިބެއެވެ. އޭލެވެލް އިމްތިހާނު ކައިރިވަމުންދާތީ ޒައިން ނިންމީ އިމްތިހާނު ނިމޭ ދުވަހު ރިޝްފާއަށް އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކޮށްދިނުމަށެވެ. އެރޭ ރިޝްފާމެންގެއިން ޒައިން ނުކުމެގެން ދިޔައީވެސް އެޚިޔާލުގައި ހުރެއެވެ.

“އަހަރެންނަށް ވަރަށް ހީވޭ ޒައިން ރިޝް ދެކެ ލޯބިވާހެން. ރިޝް ވެސް ވޭ ދޯ؟” ޒުލްފާ ރިޝްފާއަށް ބުނެލިއެވެ. ޒުލްފާ މިހެން ބުނުމުން ރިޝްފާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ތިމީހުންނަށް ހީވޭތަ މަ ޒައިން ދެކެ ލޯބިވާހެން. ކަ މޯން. ހީ އިސް ޖަސްޓް އަ ފްރެންޑް އޭ. ކުދިން އޭނާއަށް އަންހެން ދޮޅާ ކިޔާތި އަހަރެން ވަރަށް ސިމްޕަތީވޭ. އެހެންވެ އޭނާއާ އެހާ ކްލޯސްކޮށް އުޅެނީ. އެހެން ނޫނީ…. ނެވާރ. ޒުލް މެން ހީކޮށްފާނެ ކޮންމެ އެއްޗެކޭވެސް. ދެން އަހަރެން ޒައިން އާ އުޅޭނަންތަ. އޭނަ ހާދަ ގާރލީއޭ. ހެ ހެ ހެ.” ރިޝްފާ މިހުރިހާ ވާހަކައެއް ދެއްކި އަޑުވެސް ބޭރުގައި ހުރި ޒައިން އަށް ވަރަށް ސާފުކޮށް އިވުނެވެ. އޭރު ރިޝްފާމެން ތިބީ ކްލާހުގައި ޓީޗަރުގެ އިންތިޒާރުގައެވެ. ޒައިން އަށް އެރޭ އެކްސްޓްރާ އަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. މަގުމަތިން އޭނާއާ ދިމާކުރާ ގްރޫޕް އޭނާއާ ދިމާކޮށް ހިފެހެއްޓުމުންނެވެ. ޒައިންއަށް ރިޝްފާގެ ދުލުން އެއިވުނު ބަސްތަކުގެ ސަބަބުން އެރޭ އެކްސްޓްރާއަށް ނުދެވުނުނަމައޭ ހިތައް އެރިއެވެ. ކްލާހުން ބޭރުގައި އިރުކޮޅަކު ހުރަމަށްފަހު ޒައިން ދިޔައީ ގެއަށްދާށެވެ.

ގެއަށްދިޔަ މަގުމަތީގައިވެސް ޒައިން އަށް ވިސްނެނީ ރިޝްފާ ދެއްކި ވާހަކައާ މެދުގައެވެ. “އަހަރެމެން ހެއްދެވިފަރާތް އަހަރެމެން ހައްދަވާފައިވަނީ އެންމެ ފުރިހަމަ އެންމެ ރީތި ސިފައިގައެވެ. ވީއިރު ރީތި ހުތުރު، ކަޅު ދޮން، އަންހެން ދޮޅާ ނޫނީ އެހެން އެއްޗެކޭ ނަމަވެސް ކިޔައިގެން އަހަރެމެން ހެއްދެވި ފަރާތަށް މަލާމާތް ކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ޤަބޫލް ކުރަނީ އަހަރެން ހައްދަވާފައިވަނީ އެންމެ ފުރިހަމަ އެންމެ ރީތި ސިފައިގައި ކަމަށް. ފަސް އިނގިލި އެއްވަރެއް ނުވާނެ. އެކަން އެހެން މީހުނަށް ނުވިސްނެނީ ކީއްވެ؟ މަންމަ ބުނާގޮތުން ބޭރުފުށުގެ ރީތި ކަމަށްވުރެ މުހިންމީ އެތެރެފުށުގެ ރީތިކަމާއި ހިތުގެ ސާފު ސީދާކަން. ވީއިރު މީހެއްގެ ބޭރުފުށުގެ ހުންނަ ކުލައަށް ބަލާފައި ނުވަތަ ރީތި ކަމަށް ބަލާފައި އޭނާއާމެދު ގޮތެއް ނިންމުމަކީ އިންސާފުވެރި ގޮތެއް ހެއްޔެވެ؟ އަހަރެން ޤަބޫލު ކުރިގޮތުގައި ރިޝްފާއަކީ ހެޔޮ ވިސްނޭ ރަނގަޅު ކުއްޖެއްކެވެ. ނަމަވެސް އަހަރެންގެ ހީއަކީ ގޯސްއެއްޗެއްކަން މި އެނގުނީ އަދިކިރިޔާއެވެ.”  ތަފާތު އެތައް ޚިޔާލުތަކެއްގެމަތީގައި ހުއްޓާއި ޒައިންއަށް ގެއަށްއާދެވިއްޖެއެވެ. އެކްސްޓްރާ ކްލާހުން މާ އަވަހަށް އައުމުން ޒައިންގެ މަންމަ ކިހިނެއްވީތޯ ސުވާލު ކުރިއެވެ. އެހެން ނޫނީ ޒައިން އެކްސްޓްރާއިން އަންނައިރު އޭނާގެ މަންމަ އޮންނާނީ ނިދާފައެވެ. މަންމައަށް ކަންދިމާވިގޮތް ކިޔައިދިނުމުގެ ބަދަލުގައި ބޮލުގައި ރިއްސާތީ އައީ ކަމަށްބުނެ އޭނާގޮސްވަނީ ކޮޓަރިއަށެވެ.

އޭގެފަހުން ޒައިން ރިޝްފާމެންނާ ވާހަކަދެއްކުން މަދުވިއެވެ. ކްލާސްތެރޭގައިވެސް އިންނަނީ އެހެން ކުދިންނާ ވަކިންނެވެ. އާއިޝާމެން ކިހިނެއްވީތޯ ސުވާލު ކުރުމުންވެސް ބުނަނީ ކަމެއްނުވާކަމަށެވެ. ބަރާބަރަށް އެކްސްޓްރާ ކްލާސްތަކަށް ގޮސް ކިޔެވުމަށް ނުހަނު ޝައުޤުވެރިކަން ބަހައްޓާ ޒައިންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް މިހާރު ނުފެނެއެވެ. އޭލެވެލް އިމްތިހާނު ފަށަން އެންމެ 2 މަހަށްވީއިރުވެސް ޒައިން ފޮތުގައި އަތްލައި ފޮތްކިޔައެއް ނުހަދައެވެ. ޒައިންގެ އުޅުމަށް ބަދަލުތަކެއް އަންނަކަން މަންމަ އަފީފާއަށް ވެސް ފާހަގަވާންފެށިއެވެ. ގޭގައި އުޅޭވަގުތު ތަކުގައި އަބަދު ކޮޓަރީގައި އޮތުމާއި، ކެއިންބުއިމާ ދުރަށް ދިޔުންފަދަ ކަންކަން ދަރިފުޅުގެ ކިބައިން ފެންނާތީ އަފީފާ ބެލީ އެއީ އިމްތިހާނު ކައިރިވާތީ ވާގޮތް ކަމަށެވެ. ނަމަވެސް ޒައިންގެ ޔުނީފޯމާއި އަންނައުނުތަށް ދޮންނައިރު އެއިން  ސިނގިރޭޓް ވަސް މާބޮޑަށް ދުވާތީ އެވާހަކަ ދަރިފުޅުކައިރީ ނާހައި އަފީފާއަކަށް ނުހުރެވުނެވެ. އަފީފާ ހީކުރީ މަގުމަތިން ޒައިން އަށް އުނދަގޫކުރާ ގްރޫޕް މީހުން ސިނގިރޭޓް ބުއިފައި ޒައިންގަޔަށް ދުން ބުރުވަނީ ކަމަށެވެ. އެކަން ޔަގީން ކޮށްލަން ޒައިން ގާތުވެސް އަހާލިއެވެ. ޒައިންގެ ޖަވާބަކީވެސް ހަމައެއެވެ. އެހެންކަމުން އަފީފާއަށް ހިތްހަމަޖެހުން ލިބުނެވެ. ޒައިން ޖަވާބު ދިންއިރު އޭނާގެ މޫނުމަތީގައި ހުރި ޖެހިލުންވުން އަފީފާއަށް އަޅައެއްނުގަތެވެ.

ހުރިހާ ހަޤީޤަތެއް އަފީފާއަށް ހާމަވީ އޭލެވެލް އިމްތިހާނުގެކުރިން ސްކޫލްގެފަރާތުން ނެގި މޮކް އެގްޒާމްގެ ނަތީޖާ ދިން ދުވަހުއެވެ. ޕޭޕަރުތަކުން ލިބުނުނަތީޖާ ދެއްކުމަށް އަފީފާ އެތައްފަހަރަކު އެދުމުންވެސް ޒައިން ފުރަތަމަކުރީ އިންކާރެވެ. އެތައް ފަހަރަކު ކިޔައި އަފީފާރުޅިއަންނަގޮތްވުމުން އެންމެ ފަހުން ޒައިން އޭނާގެ ނަތީޖާ މަންމައަށް ދެއްކިއެވެ. އެނަތީޖާ ފެނުމުން އިރުކޮޅަކު ގަބުވެފައި އަފީފާއަށް ހުރެވުނެވެ. މިއީ ހަމަ އޭނާގެ ދަރިފުޅުގެ ނަތީޖާބާއޭވެސް ހިތަށްއެރިއެވެ. ލިބުނުހައިރާން ކަމާއި ވީދެރައިން އަފީފާއަށް ރޮވުނެވެ. އަދި އެގޮތައް ކަންތައްވާންވީ ކީއްވެތޯ ޒައިންއާ ސުވާލުކުރިއެވެ. ނުކިޔައިދޭންހުއްޓަސް މަންމަ ރޯތަންފެނުމުން ހަޤީޤަތް ނުކިޔައިދީ ޒައިން އަކަށް ނުހުރެވުނެވެ. ފެށިގެންގޮސް ނިމެންދެން ކައްތައްތައް ވަމުން އައިގޮތް ޒައިން މަންމައަށް ކިޔައިދިނެވެ. ރިޝްފާދެއްކި ވާހަކަތަކުން އޭނާއަށް ކުރި އަސަރުގެ ސަބަބުން މަގުމަތީ އޮންނަ ގްރޫޕާއި އޭނާ ގުޅުން ބަދަހި ކުރަންފެށި ވާހަކައެވެ. އެމީހުން އެބުނާ “އަސްލު” ފިރިހެނުންނަށް ވުމަށްޓަކައި ސިނގިރޭޓްބޯންފެށި ވާހަކައެވެ. އެކްސްޓްރާ ކްލާސްތަކަށް ދާން ނުކުންނަ މީހާ އެގްރޫޕާއެކު ގޮސް ފިލައި ހުރެ ސިނގިރޭޓް ބޮނީއެވެ. ފަރުޟު ފަސްނަމާދު ވަގުތުން ވަގުތައް ޖަމާޢަތުގައި ކޮށް ޤުރުއާން ކިޔަވައި ހަދަމުން ދިޔަ މީހާ އެކަންކަމާވެސް ދުރުވާން ފެށިވާހަކައެވެ. މި ވާހަކަތައް އަޑު އަހާފައި އަފީފާއަށް ހީވީއޭނާގެ ދެފަތިލަދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ދަރިފުޅުގެ ކަންތައްތައް މިހާމައްޗަށް ދިޔައިރު އޭނާއަށް ރެއަކާވެސް ނުލިއެވެ. ދަރިފުޅު ދޮގުހެދިއިރު އެކަންވެސް ނޭނގުނެވެ. އެދަރިއަކަށްޓަކައި ފަޚްރުވެރިވާ ދަރިފުޅުގެ މިފަދަ ނުބައި ފަރާތެއް ފެނުމުން އޭނާގެ ތަރުބިއްޔަތާ މެދުގައިވެސް އަމިއްލައަށް ސުވާލު އުފެދުނެވެ. ވީދެރައިން ހުއްޓުމެއްނެތި އަފީފާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

އެތައްއިރެއްވަންދެން އަފީފާއަށް ރޮވުނެވެ. އޭނާ ހުއްޓާލީ ޒައިންގެ އެތައް އާދޭހަކުންނެވެ. ޒައިންއަށް ކުރެވުނު ކުށްތަކާއިމެދު އޭނާ މިއަދު ދެރަވެއެވެ. އޭނާގެ ސަބަބުން މަންމައަށް އެފަދަ ބޮޑު ހިތާމައެއް ކުރިމަތިވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. ފަށްފަށުން މަންމަ ކައިރިން އޭނާ މަޢާފަށް އެދުނެވެ. އަދި އާހިތްވަރާއެކު ގަދައަޅާ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ޒައިން މަންމައަށް ދިނެވެ. ދަރިފުޅު ކުރިގޯސްކަންތަކަށް ދަރިފުޅާ ދިމާއަށް އެއްޗެހިކިޔައި ބޭޒާރުކޮށްލުމުގެ ބަދަލުގައި އަފީފާވެސް ބެލީ ކުރިއަށް ވިސްނާށެވެ. ޒައިންއަށް އޭނާއަށް ކުރެވުނު ގޯސްކަންތައް ވަނީ ޤަބޫލުކުރެވިފައެވެ. އަފީފާއަށް އެވަރު ފުދެއެވެ. ދަރިން ނުބައިމަގަށް ދިޔުމުން ރަނގަޅުކުރަން ތިބެނީ މައިންބަފައިންނެވެ. އެކުދިން ނުރަނގަޅުމަގުން ހިނގާނަމަ އެކުދިންނާމެދު އުންމީދު ކަނޑާލައި ބޭކާރު ކޮށްލުމުން އިސްލާހުވާން އޮތްމަގު ބަންދުވީއެވެ. ޢާޢިލާއިން ބޭކާރު ކޮށްލައިފިނަމަ މުޖުތަމަޢުންވެސް އެކުދިންނާ އަޅާލާނެ މީހެއްނުވާނެއެވެ. މާރާމާރީއާއި، މަސްތުވާތަކެތީގެ ވަބާއާއި އެހެނިހެން ކުށްތައްކުރާ ކުދިން މުޖުތަމަޢުގައި ގިނަވާ އެއްސަބަބަކީ ޢާއިލާއިން ކުދިން ބޭކާރުކޮށް އެމީހުންނާމެދު އުންމީދު ކަނޑާލުމެވެ. އަފީފާގެ ދަރިފުޅަކީ އެފަދަ ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖަކަށްވާކަށް އޭނާއެއް ނޭދެއެވެ.
* * *     *    * * *        *   *    * * *     *     * * *    *

މަންމަގެ ނަސޭހަތާއި އެއްބާރުލުމާއެކު އަލުން އައު ހިތްވަރެއް ޒައިންއަށް ލިބުނެވެ. މަގުމަތީގައި އުޅޭކުދިންނާ އޭނާ ގުޅުން ކަނޑާލިއެވެ. އާއިޝާ އާއި ޒުލްފާއާ ރިޝްފާގެ ކިބައިން އޭނާ މަޢާފަށްއެދުނެވެ. އަދި ކުރިއެކޭ އެއްގޮތައް އެއީ ރަހުމަތްތެރިން ކަމުގައި ދެކުނެވެ. ނަމަވެސް ރިޝްފާއާ ކުރިން އޮތްފަދަ ގާތް ގުޅުމެއް ނުބާއްވައެވެ. ކަންތައްތައްވީގޮތް ހަގީގަތައް އެތަނުން އެކަކަށްވެސް ޒައިން ކިޔައެއް ނުދެއެވެ. ޒައިންގެ ހިތުގައި ރިޝްފާއާމެދު ކުރިން އޮތް ލޯތްބެއްނެތެވެ. އަދި ހަމައެހެންމެ އެހިތުގައި ރިޝްފާއާމެދު އެއްވެސް ކިލަނބުކަމެއްވެސް ނެތެވެ. ޒައިންއަށް އެނގުނުގޮތުގައި ބުލީ ކުރުން ނުވަތަ ހަންގާކުރުމަކީ ހަމައެކަނި އޭނާއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. އޭނާފަދަ އެތައް ކުއްޖެއް މި ދިވެހިރާއްޖޭގައިވެސް އިބަ ތިއްބެވެ. އެއްބަޔަކު ބުލީ ކުރަނީ އެނެކާއަށް ލިބިފައިވާ ސިފައަށް ނިސްބަތްކޮށެވެ. އަނެއްބަޔަކު ބުލީ ކުރަނީ އެނެކާގެ މައިންބަފައިންގެ ސިފަޔަށް ނުވަތަ މައިންބަފައިން އަދާކުރާ ވަޒީފާއަށް ފާޑުކިޔައިފައެވެ. މިފަދަ އެތައް ގޮތަކަށް އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކޮށް ފުރައްސާރާކުރެއެވެ. ނަފްސާނީގޮތުން މި ލިބޭ އަނިޔާގެ އިތުރުން  ބައެއް ކުދިންނަށް ޖިސްމާނީގޮތުންވެސް އެތައް އަނިޔާއެއް މިކަމުގެ ސަބަބުން ލިބެމުންދެއެވެ. އެހެންކަމުން ޒައިންއަކީ މިފަދައަމަލެއްގެ ޝިކާރައަކަށްވީ ފުރަތަމަ ކުއްޖާއެކޭ އޭނާއަކަށް ނުބުނެވޭނެއެވެ. އެކަމުގެ ރަޢްދެއްގެގޮތުން ޒައިން އެންމެ ފުރަތަމަ ބެލީ އެމީހުންނަށް ވިސްނައިދޭށެވެ. އެވަރުންވެސް ރަނގަޅު ނުވުމުން އޭނާ ހަނު ހުރީއެވެ. ލޯބިވާ މަންމައާއި ޢާއިލާއާއި ހަގީގީ ހެޔޮ ދެ ރަހުމަތްތެރިންގެ  ލޯބިއޭނާއަށް ލިބެއެވެ. އެހެންކަމުން  އޭނާގެ ހުރިހާވެސް އަމާޒަކީ އޭލެވެލް އިމްތިހާނެވެ. އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދައި ރަށަށް އަދި ޢާއިލާއަށް ރީތި ނަން ހޯދައިދިނުމަށެވެ. އޭރުން ދިމާކޮށް އަދި ދެރަކޮށްގެން އޭނާ ބަލިކުރަން އުޅޭ މީހުންގެވެސް އަނގަބަންދުވާނެއެވެ.

ﷲގެ އިރާދަފުޅުން އޭލެވެލް އިމްތިހާނުގައި ޒައިން “ޓޮޕް ޓެން”ގެ އެއްވަނައިގައި ހިމެނުނެވެ. އޭނާގެ އަމާޒަށް ވާސިލްވެވުނީއެވެ. ކޮންމެ ކުއްޖަކީވެސް ޒައިންފަދަ ޢަޒުމް ވަރުގަދަ ކުއްޖެއްނަމަ ކޮންފަދައެއްހެއްޔެވެ؟ ބުލީގެ ޝިކާރައަކަށްވެ ދިރިއުޅުން ހަލާކުވެގެން ދިޔަނުދީ އެކަމާދެކޮޅަށް މަސައްކަތްކޮށް، ޢާޢިލާގެ އެއްބާރުލުން ހޯދައި އެކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރާ ކުއްޖަކަށް އެކަމުން ސަލާމަތް ވޭވޭނެ މަގު ﷲ އިރާދަކުރެއްވިއްޔާ ފެންނާނެއެވެ. ހަމައެހެންމެ ތިމާގެ އަމިއްލަ އުފަލާއި މަޖަލައްޓަކައި އެހެން މީހުންގެ ސިފަޔަށް ޖޯކު ޖަހައި މަލާމާތް ކުރާއިރު މިކުރެވެނީ ކޮންފަދަ ނުބައިކަމެއްކަން އެކަން އެކުރާ ކޮންމެ ކުއްޖެއްވެސް ވިސްނާލުން މުހިންމެވެ. އެހެނީ ﷲ ހެއްދެވި މަޚްލޫގެއްގެ ސިފަޔަށް ފާޑުކިޔައި މަލާމާތް ކުރުމަކީ ހެއްދެވިފާރާތައް ކުރެވޭމަލާމާތެކެވެ. އަދި ތިބާ ތިޔަ މަލާމާތް ކުރަނީ ހަމަ ތިބާފަދަ އިންސާނަކާއެވެ.

*********ނިމުނީ***********

Share Article

Follow Me Written By

Arupha

Level 1

Other Articles

Previous

ހިތުގާ ފޮރުވާލެދޭށޭ 13ވަނަ ބައި

Next

އެކުގައިވާން އެދެމޭ… 18

Next
March 4, 2014

އެކުގައިވާން އެދެމޭ… 18

Previews
March 4, 2014

ހިތުގާ ފޮރުވާލެދޭށޭ 13ވަނަ ބައި

11 Comments!

  1. Maya Ahmed says:
    March 4, 2014 at 7:09 pm

    Varah reethi mi vaahaka.. keep it up Kaidhaa Arufa 😀 😀

  2. Kaidhaa Arufa says:
    March 4, 2014 at 7:10 pm

    jazaakallaah khair Maya 😀

  3. AS says:
    March 5, 2014 at 10:41 am

    Masha allah.. Good Work 🙂

  4. malek says:
    March 5, 2014 at 2:43 pm

    salhi igey!:D

  5. މަންޖެ says:
    March 5, 2014 at 5:50 pm

    ވ ރީތި…މިހާރު މިއުޅޭ ކުދިންނަށް ރަނގަޅު އިބްރަތެއް ލިބޭނެ ކަމަށް ހީކުރަން….

  6. mysterious girl says:
    April 12, 2014 at 10:03 am

    This happens most of the teens now
    Ekam bully kurevey kuhja ves mikama dhekolhah visnun buhdhivery
    Nuny mi vaahakka ga dhimaavi kahala kanthaka kurimathi vedhaane

  7. jan di says:
    May 26, 2014 at 9:26 pm

    this story reminds me of my ex. everyone hates him ehnwe. rando kiyapha >.< ibraitheri waahaaka eh.

  8. raany says:
    July 30, 2014 at 1:50 am

    Varah obi vaahakaeh me conmeakas. Mihaaru ulhey kudhin ulhany haha mivahtharah. Mivahthrah ulhay kudhinna lamas3elu vaahakaeh me !!!!!!!!!!!!

  9. Anonymous says:
    October 4, 2014 at 10:36 am

    varah interesting
    varah obi

  10. Anonymous says:
    October 23, 2014 at 9:45 pm

    varah salhi, mikahala ibraihteri vaahakathah genesdheynekamah ummeedhkuran, alhungandakeeves varah gina kudhin bully kuraa kujjeh, thi story in kehtherivumah varah bodah hihvaru libigge. thankzz

  11. aharen says:
    August 19, 2016 at 8:16 pm

    Ahannaky v gina myhunves kudhinves randekey bunaa myheh…v dheravey assu. Roveyvess..allahge hazrathha dhuaves kuran ahannaku soalih firihen vantha myhhe kamugai levvumah…

Comments are closed.


All Right Reserved!