Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ބުނެދޭން ބޭނުންވިޔަސް……

Shafag Level 110 Stories
October 22, 2017 4 Mins Read
4 Comments

ހޮސްޕިޓަލުގެ އައި.ސީ.ޔޫ ގެ ދޮރުމަތީގައި ދެކޮޅަށް ދެކޮޅަށް ހިނގަމުންދިޔަ މެދު އުމުރުގެ އަންހެންމީހާގެ މޫނުމަތީގައި ވަނީ ހާސްކަމުގެ ކުލަވަރެވެ. ދެއަތްދެއަތާއި މޮޑެމުން ހިނގަމުން ދިޔައިރު ދޭތެރެއިން ދެލޯފޮހެލާތަންވެސް ފެނެއެވެ. ދުރުން އައި އަންހެން ކުއްޖަކު މަޑު ހިނގުމެއްގައި އައިސް އެއަންހެންމީހާގެ ކައިރިއަށް ހުއްޓެމުން އޭނާގެ އަތުގައި ހިފާލިއެވެ. “ސާފިޔައްތާ. މިއޮތީ ސީމާ ދިން އެއްޗެއް.” ކުޑަ ފޮއްޓެއް ސާފިޔާ އަތަށް ދިއްކޮއްލަމުން ފައިހާ ވާހަކަދެއްކިއެވެ. “ތަންކޮޅެއް ކުރިން ދުވަހަކު އަޅުގަނޑު އަތަށް ދިނީ.” ސާފިޔާ ހައިރާންވިވަރު ފެނިފައި ފައިހާ އިތުރަށް ކިޔައިދިނެވެ. “ސީމާ ކިހިނެއް މިހާރު؟” ސާފިޔާގެ އަތުގައި ހިފައިގެން އެތާހުރި ގޮނޑި ތަކާއި ދިމާއަށް ހިނގައިގަންނަމުން ފައިހާ އަހާލިއެވެ. “ނޭނގެ. ވަރަށް ހާލުދެރަ.” ނުރޯން މަސައްކަތް ކުރަމުން ސާފިޔާ ވާހަކަދެއްކިއެވެ. ފައިހާ ސާފިޔާގެ ބުރަކަށީގައި ފިރުމާލީ އޭނާއަށް ކުރާނޭ އަސަރު ވިސްނޭތީއެވެ. ތިމާ ބަނޑުއަޅައި ވިހޭ ދަރިއަކު އެހާލުގައިވާތަންފެނި އަސަރު ނުކުރާނީ ކޮން މަޔަކަށްހެއްޔެވެ؟

“މަންމާ. މަންމަމެން ދެން ދޭ ގެއަށް. އަޅުގަނޑު މިތާ މަޑުކުރާނަން. ކަމެއް ގޯސްވަންޏާ މަންމައަށް ގުޅާނަން.” ސާފިޔާގެ ދޮށީ ދަރިފުޅު ސާމިހު އެތަނަށް އައިސް ހުއްޓެމުން ވާހަކަ ދެއްކިއެވެ. ނުދާން ބަހަނާ ދެއްކިނަމަވެސް ސާމިހު އާދޭސް ކުރާވަރުން އެންމެ ފަހުން ސާފިޔާ ގެއަށްދާން އެއްބަސްވިއެވެ. ރޭއްސުރެން ނުނިދާ ހުރުމުން އޭނާ ހުރީ ނުހަނު ވަރުބަލިވެސް ވެފައެވެ. ގެއަށް ދިޔަޔަސް ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގި ހުރެވެސް ސާފިޔާ ފައިހާއާއި އެކު ގެއަށްއައެވެ. ސާފިޔާ ގެއަށް ވަނުމުން ފައިހާވެސް އޭނާގެ ގެއަށް ދިޔައެވެ.

ގެއަށް ވަނުމާއިއެކު ސީމާގެ އެކި ހަނދާންތައް ސާފިޔާއަށް އުނދަގޫ ކުރަންފެށިއެވެ. ސީމާގެ އުމުރުން ދެއަހަރުގައި ދިމާވި ހާދިސާއެއްގައި ސީމާގެ ބައްޕަ ނިޔާވުމުން ސާފިޔާ އޭނާގެ ދެދަރިން ބަލައި ބޮޑުކުރީ އެކަނިމާ އެކަންޏެވެ. ގޭގެ އެކި ފްލޯތައް ކުއްޔަށް ދީފައި ހުރުމުން ފައިސާގެ ދަތިކަމެއް ދިމާނުވިނަމަވެސް ކުޑަ ދެކުދިން އެކަނި ބެލުމަކީ ފަސޭހަކަމެއް ނޫނެވެ. ދެކުދިންނަށް ރަނގަޅު ފެންވަރަށް ކިޔަވައިދީ ބޮޑުކުރީ ގިނަ އުންމީދުތަކަކާއެކުއެވެ. ނަމަވެސް މިއަދު އޭނާގެ އުންމީދުތައް މިވަނީ ވިއްސި ވިހާލިވެފައެވެ. ލޮލުގެ ކޮއިފަދައިން ބަލައި ބޮޑުކުރި އަންހެން ދަރިފުޅު އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާއަށް ވަނީ އެދަރިފުޅަށް އަނިޔާތަކެއްވެސް ދެވިފައެވެ. މިކަންތައްތައް ހަނދާންވުމުން ސާފިޔާގެ ބަޑި ފަޅައިގެން ދިޔައެވެ. ފައިހާދިން ފޮށި މެއާލައި ބޮނޑިކޮށްލައިގެން އެގޮތަށް ރޯން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ސާފިޔާއަކަށް ނޭނގެއެވެ. ހޭވެރިކަމެއްވީ އަސުރު ނަމާދުގެ ބަންގީގެ އަޑު އިވުމުންނެވެ. ލަސްނުވެ ނަމާދު ކުރަން އޭނާ އަވަސްވެގަތެވެ.

ނަމާދުން އަވަދިވެގެން ސާފިޔާ ގޭތެރެއަށް ނުކުތީ ފައިހާދިން ފޮށީގައި ހުރީ ކޮންއެއްޗެއްތޯ ބެލުމަށެވެ. ސޯފާކަރީގައި ހުރި ކުޑަ މޭޒުގައި ފޮށި ބޭއްވުމަށްފަހު ހުޅުވާލިއެވެ. އޭގެތެރޭގައި އޮތީ ކުޑަ ފޮތެކެވެ. އަވަހަށް ފޮތް ނަގައި ހުޅުވާލުމުން އޭގައިވާ ލިޔުމަކީ ސީމާގެ ލިޔުންކަން ސާފިޔާއަށް އެނގުނެވެ.

“ލޯބިވާ މަންމައަށް. މިފޮތް މަންމައަށް ލިބޭއިރު ފަހަރުގައި އަޅުގަނޑު މަންމަގެ ގާތުގައި ނެތުމަކީ އެކަށީގެންވާކަމެކެވެ. އެހެން ކަމަށް ވިޔަސް މިފޮތް ކިޔުމަށްފަހު މަންމަ އަޅުގަނޑަށް މާފުކުރާނޭ ކަމަށް އުންމީދު ކުރަމެވެ.” ސީމާގެ މިޖުމްލަތައް ފެނުމާއިއެކު ސާފިޔާގެ ހިތުގެ ތެޅުން އަވަސްވިއެވެ. މިދިޔަ ދުވަސްތަކުގައި އޭނާ ސީމާއާއި ކުރި ހުރިހާ ސުވާލެއްގެ ޖަވާބު މިފޮތުގައި ވާނޭ އޭނާގެ ހިތްބުނަމުންދިޔައެވެ. އެހެންކަމުން ލަސްނުވެ އެފޮތް ކިޔަންފެށިއެވެ.

*********

މަންމަ ބުނާ ގޮތުން އަހަރެން ވަރަށް ކުޑައިރު ބައްޕަވަނީ ނިޔާވެފައެވެ. ބައްޕަ ހުންނަ ގޮތެއްވެސް ނޫނީ ބައްޕަގެ އެއްވެސް ކަމެއްވެސް އަހަރެން ހަނދާން ނުހުރެއެވެ. އެކަމާ އަހަރެން ވަރަށް ދެރަވެއެވެ. އަހަރެންގެ ކުލާސް ކުދިން އެކުދިންގެ ބައްޕަގެ ވާހަކަ ދައްކާއިރު އަދި ވަކިން ބޮޑަށް އަހަރެން ދެރަވެއެވެ. މިހިތާމަތަކުން އަހަރެން ދުރުކޮށްދެނީ އަހަރެންގެ ލޯބިވާ ބޭބެއެވެ. ބޭބެ އަހަރެންދެކެ ވަރަށް ލޯބިވެއެވެ. އަހަރެން ބުނާ ކޮންމެ ކަމެއް އުފަލާއެކުގައި ކޮށްދެއެވެ. މަންމަވެސް ހަމައެފަދައެވެ. އެހެންކަމުން އަހަރެން ގަބޫލު ކުރީ އަހަރެން މިއީ ވަރަށް ނަސީބުގަދަ ކުއްޖެއް ކަމަށެވެ. އަހަރެންގެ މިކުޑަ އާއިލާ އަހަރެންގެ ސަބަބުން ރޫޅި ދާނެކަމެއް އޭރަކު އަހަރެންނަކަށް ނޭނގެއެވެ.

ކިޔެވުން ނިމި އަހަރެން ވަޒީފާގެ މައިދާނަށް ނުކުތީ ފައިސާގެ ދަތިކަމެއް ދިމާވެގެނެއްނޫނެވެ. އެމާހައުލުވެސް ތަޖުރިބާ ކޮށްލަން އަހަރެން ބޭނުންވީމައެވެ. ޒުވާން އެހެން އަންހެން ކުދިންފަދައިން އޭރު އަހަރެންގެވެސް ލޯބިވެރިޔަކު ހުއްޓެވެ. އެއީ ފާތިހުއެވެ. އޭނާއަކީ ވަރަށް ރަނގަޅު އާއިލާއެއްގެ ކުއްޖެކެވެ. ވަޒީފާ އަދާކުރަމުން އަމިއްލަ ކުޑަ ފިހާރައެއް ހިންގަމުންދިޔަ ޒިންމާދާރު ޒުވާނެކެވެ. އަހަރެމެންގެ ގުޅުމަކީ ދެފަރާތުގެ އާއިލާއިންވެސް ރުހިގެން ކުރިއަށްދިޔަ ގުޅުމެކެވެ. ކައިވެނި ނުކޮށް މަޑުކޮށްލައިގެން ތިބީ އަހަރެންގެ ކިޔެވުން ނިމެންދެނެވެ. ކިޔެވުން ނިމުނުތަނުން ފާތިހުގެ އާއިލާއިން އިތުރު ވިޔަފާރިއެއް ފަށަން ގަސްތުކުރާތީ ކައިވެނި ފަސްކޮށްލީ އެއާއިލާގެ އެދުމުގެ މަތިންނެވެ. މިކަމަކުން އަހަރެމެންގެ ގުޅުމަކަށް އެއްވެސް ބަދަލެއްނާދެއެވެ.

ވަޒީފާއަށް ނުކުންނަން ފެށިތަން މާގިނަ ދުވަހެއްނުވެ އަހަރެން ބަލިވާންފެށިއެވެ. އެކި ފަހަރު މަތިން އެކި ޑޮކްޓަރުންނަށް ދައްކައިގެންވެސް އަހަރެންގެ ބަލި ދެނެގަނެވޭ ގޮތެއްނުވިއެވެ. އެންމެ ފަހުން އިންޑިއާއަށްގޮސް ޑޮކްޓަރަށް ދެއްކުމުން އަހަރެންގެ ބައްޔަކީ މާބޮޑު ބައްޔެއް ނޫންކަމާއި ގަވާއިދުން ފަރުވާ ކުރުމުން ރަނގަޅުވާނެފަދަ ބައްޔެއްކަން އެނގުން ވެގެން ދިޔައީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. އެދަތުރުގައި އަހަރެންނާއެކު ބައިވެރިވީ ބޭބެއާއި ފާތިހުއެވެ. އަހަރެމެން އެނބުރި ރާއްޖެ އައީ ދެމަސްފަހުން އަނެއްކާވެސް އިންޑިއާއަށް އަންނަ ގޮތަށެވެ.

މިގޮތަށް ދެފަހަރަކު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާ ފަރުވާ ކުރިފަހުން އަހަރެންގެ ބަލި މުޅިންހެން ރަނގަޅު ވެއްޖެއެވެ. ނަމަވެސް އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހަދަން އިންޑިއާއަށްދާން އެއްބަސްވީ ފާތިހުގެ އެދުމަށެވެ. އަހަރެން ބަލިވެ އުޅުނު ދުވަސްތަކުގައި ފާތިހުގެ އޯގާތެރިކަން ފެނި އަހަރެންގެ ހިތް އޭނާއަށްޓަކައި ލޯބިން ފުރުނެވެ. އަހަރެމެންގެ ކައިވެނި ކުރެވޭނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާފަދައިން ފާތިހުވެސް އިންތިޒާރު ކުރާކަން އަހަރެންނަށް އެނގެއެވެ. ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް އަހަރެންނަށް ފާތިހު ވަގުތު ހުސްކޮށްދެއެވެ. އަހަރެން ގޮވައިގެން ދުއްވާލަން ދިޔުމާއި ރެސްޓޯރަންޓްތަކަށް ކާން ދިޔުމަކީ އޭނާގެ އަބަދުގެވެސް އާދައެވެ. ބޭބެއާއި ފާތިހު އެއްތަން ވެއްޖެނަމަ ދެމީހުންގެ ކަމަކީ އަހަރެންނަށް ޖެއްސުން ކުރުމެވެ. އެފަދަ ވަގުތު ތަކުގައި މަންމަ އަހަރެންގެ ކޮޅަށް ވާހަކަ ދައްކާތީ ބޭބެ ކުޑަކުއްޖެއްހެން ޝަކުވާވެސް ކުރާނެއެވެ.

މަންމައަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެން އުފާވިޔަސް ދެރަވިޔަސް އެންމެ ފުރަތަމަ އެކަމެއް ހިއްސާ ކުރަނީ މަންމައާއިއެވެ. މަންމަ ފިޔަވައި އަހަރެންގެ ގާތް މީހަކަށް ހުންނަނީ ފައިހާއެވެ. އެއީ ކުޑައިރުއްސުރެ އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. ދެގޮތެއްނުވާ ރަނގަޅު އެކުވެރިއެވެ. ފައިހާ ލޯބީގެ ގޮތުން އަހަރެންގެ ބޭބެއާއި ގުޅުންވެގެން ދިޔައީ އަހަރެމެންގެ ގުޅުން އިތުރަށް ވަރުގަދަވީ ކަމަކަށެވެ.

********

މިހިސާބަށް ފޮތް ކިޔުނުތަނާ ސާފިޔާ ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގުވާ އަޑު އިވިގެންނެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަތުން ފޮހެލަމުން ކޮޓަރިއާ ދިމާއަށް އަވަސްވެގަތީ އެއީ ސާމިހުގެ ކޯލަކަށް ވެދާނެތީއެވެ. ކޮޓަރިއަށްވަދެ ފޯނު ނެގިއިރު ގުޅަނީ ސާމިހުއެވެ. އަވަހަށް ފޯނު ކަންފަތުގައި ޖަހައިލީ ސީމާގެ ހާލު އިތުރަށް ގޯސްނުވުމަށް އެދި ދުއާ ކުރާ ހާލުއެވެ. “މަންމާ. އަވަހަށް އައިސްބަލަ. ސީމާގެ ދަރިފުޅުގެ ހާލު ވަރަށް ދެރަވެގެން އުޅެނީ.” ސާމިހު ހާސްވެފައިހުރިވަރު އޭނާގެ އަޑުން ރަނގަޅަށްވެސް އެނގެއެވެ. ސާފިޔާ އެބަދަމޭ ބުނެ ފޯނު ބޭއްވިއިރު އޭނާވެސް ހުރީ ހާސްވެފައެވެ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް އެދަރިފުޅަކީ އޭނާގެ މާމަދަރިއެކެވެ. ބައްޕަނެތް ކުއްޖަކަށް ސީމާ ބަނޑުބޮޑުވުމުން ލިބުނު ހިތާމައިން އަރައިގަންނަން އުނދަގޫވެ ސީމާ ބާކީކޮށްލައި އެދަރިފުޅު ވައްޓާލަން އެތައް ފަހަރަކު ބުނެވުނު ނަމަވެސް އެދަރިފުޅު ފެނުނު ވަގުތުން ފެށިގެން ސާފިޔާގެ ހިތުގައި އެކުއްޖާފުޅަށް ލޯބި އުފެދުނެވެ. ވިހެއުމުގައި ދިމާވި ކަމެއްގައި ސީމާގެ ހާލުދެރަވެ ކުއްޖާގެވެސް ހާލުދެރަވީއެވެ. އެހެންކަމުން ކުއްޖާ ސާފިޔާގެ ދެމައިންނަށް ކުޑަ ވަގުތުކޮޅަކަށް ދައްކާލުމަށްފަހު އުރާލުމުގެ ފުރުސަތެއްވެސް ނުލިބި ގެންދިޔައީ ނާސަރީއަށެވެ. ސީމާގެ ހާލު ރަނގަޅު ނުވިނަމަވެސް ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟

މިޚިޔާލުތަކުގައި ހުރެ ސާފިޔާ އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. އޭރު ސާމިހު ނާސަރީގެ ކައިރީގައި ހުރި ގޮނޑީބަރިން ގޮނޑިއެއްގައި އިށީންދެލައިގެން އިނެވެ. ސާފިޔާ ފެނުމާއެކު ހަލުވި ފިޔަވަޅުތަކެއްގައި އައިސް އޭނާގެ ކައިރިއަށް ހުއްޓިއްޖެއެވެ. “މަންމާ. ސީމާގެ ދަރިފުޅު” ސާމިހު ނުރޯން މަސައްކަތް ކުރިނަމަވެސް އޭނާއަށް ކެތެއް ނުވިއެވެ. ސާފިޔާގެ ގައިގައި ބައްދާލުމާއެކު އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ސާފިޔާއަށްވެސް ހުރީ ރޮވިފައެވެ. “އިރާދަކުރެއްވިއްޔާ އެދެމައިންވެސް ގަދަވާނެ އަދި. ދެރަނުވޭ ދަރިފުޅާ.” ސާފިޔާ އޭނާގެ ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން ވާހަކަދެއްކިއެވެ. އެވަގުތު ނާސަރީގެ ދޮރު ހުޅުވާލުމާއެކު ސީމާގެ ދަރިފުޅުގެ ބެލެނިވެރިޔަކަށް ގޮވާލިއެވެ. ސާފިޔާގެ ގައިން ދޫކޮށްލުމާއެކު ސާމިހު އަވަހަށް އެދިމާއަށް ދުއްވައިގަތެވެ. ސާފިޔާވެސް އޭނާގެ ފަހަތުން އަވަހަށްއައެވެ. އެދެމީހުން އެތެރެއަށް ވެއްދުމަށްފަހު ޑޮކްޓަރު ދިނީ ބޭބީ ނިޔާވި ޚަބަރެވެ. ސާފިޔާއަށް އަޑުން އަޑުނަގާ ރޮއިގަނެވުނެވެ. އެންމެ ފަހަރަކުވެސް އުރާލަން ނުލިބި އެކުޑަ ކުޑަ ފުރާނަ އެމީހުންނާ ވަކިވީއެވެ. ސާމިހުވެސް އޭނާގެ މަންމަގެ ކޮނޑުގައި ހިފަހައްޓައިގެން ބޭރަށް ނުކުތްއިރު އޭނާވެސް ރޮމުންދިޔައެވެ.

އައި.ސީ.ޔޫ ކައިރީގައި ހުރި ގޮނޑި ބަރީގައި އިށީންދެ އިންއިރު ސާފިޔާގެ ހަނދާނަށް އަންނަމުން ދިޔައީ އެކި ދުވަސްމަތިން އެދަރިފުޅު ވައްޓާލަންއެދި ސީމާ ކައިރީ ކިޔުނު އެއްޗެއްސެވެ. އެދަރިފުޅު ބޭނުން ނޫންކަމަށާއި ވިހެޔަސް ނުބަލާނެ ކަމަށް އޭނާ ވާނީ ބުނެފައެވެ. އެދަރިފުޅު މަރުވުމުން އަމިއްލަ ނަފްސު ކުއްވެރިކުރެވެނީ އެހެންވެއެވެ. ހިތާ ހިތުން އެދަރިފުޅުގެ ކިބައިން ސާފިޔާ މާފަށް އެދެމުން ދިޔައެވެ. އެގޮތަށް އެތާނގައި އިންއިރު މާޒީގެ ހަނދާންތައް އާވަމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ހަތަރުވަނަބައި)

Next

ހިތުގެ ވިންދު 2

Next
October 22, 2017

ހިތުގެ ވިންދު 2

Previews
October 22, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ހަތަރުވަނަބައި)

4 Comments!

  1. Addu manje says:
    October 22, 2017 at 10:06 pm

    varah reethi.. kon dhuvahaku nxt part genesdhenee? Waiting for nxt part..☺

    1. itsme says:
      October 23, 2017 at 9:27 pm

      Thankyou Addu manje. Next part maadhan In Sha Allah 🙂

  2. Neesh says:
    October 23, 2017 at 5:43 pm

    V reethi…?when next part..
    Waiting…

    1. itsme says:
      October 23, 2017 at 11:38 pm

      Thankyou Neesh. Next part tomorrow In Sha Allah 🙂

Comments are closed.

Next Episodeބުނެދޭން ބޭނުންވިޔަސް…… (2 ވަނަ ބައި)←


All Right Reserved!