
ބިކަވި ހަޔާތް (3)
ނެތް ހިއްވަރެއްކޮއް ތެދުވެ ގަނޑި ބަލާލިއެވެ. ގަނޑިން ރޭގަނޑު 10.30 ވީއެވެ. ނާޒިމާ ލޮލުން ކަރުނަ ހިކޭ ގޮތެއް ނުވެއެވެ. ގައިގައި އަޅާ ވޭން ބޮޑުކަމުން ކެއްކުރެވެނީއެއް ނޫނެވެ. ދުވަސް ނުފުރާ މީހުން ވިހާ ވާހަކައިގެ އަޑު އިވިފައި ހުރުވުން އޭނާ އަށް މި ވާން އުޅޭ ކަމެއް އެގޭ ކަހަލައެވެ. ތުންފަތުގައި ދަތް އަޅައި ބާރު ކޮއްލީ ތަނދަށް ކެއްކުރުމުގެ ގޮތުންނެވެ. މަޑުމަޑުން ތެދުވެ ބަނޑުގައި ފޮތި އޮޅަން ފެށިއެވެ.
އަތުގެ ހަރަކާތް އަވަސް ކޮއްލީ ދެން މާ ގިނަ އިރެއް ނެތްކަން އަމިއްލަ އަށް އިޙްސާސް ވަމުން ދާތީއެވެ. ކޮޓަރިން ބޭރަށް ބޯދިއްކޮށް ބަލާލީ މަންމަ މެން ނިދިތޯއެވެ. އޭރުވެސް ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދެއެވެ.ބަނޑަށާއި އުނަގަނޑަށް ވާން ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަސް މިނެއްގައެވެ. މަޑު މަޑުން ދޮރު ކަނީގައި ހިފަމުން ގޭގޭ މައި ދޮރާއި ހަމައަށް އައީ ވަރަށް މަޑުންނެވެ. މަންމަ މެންނަށް ހޭލެވިދާނެތީވެ ، އޭނާގެ ހިތް އޮބިނޯވެގެން ތެޅޭކަހަލައެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށް ފަހު ގޯތިތެރެއަށް ފިޔަވަޅު އަޅާލިއެވެ. ބޮޑު ތިކި ވާރޭ އާއި ވައިގެ ހަމަލާ އޭނާގެ ހަށިގަނޑާއި އަމާޒުވެގެން ދިޔައީ އެއްވެސް ރަޙްމަތް ނެތިއެވެ. ވަށައިގެން ނާޒިމާ ލޯ ހިންގާލީ ބިރުންހުރެއެވެ. ވަށައިގެން ވާ ބޮޑެތި ގަސްތައް ހީވަނީ އަގަހުޅުވައިގެން ތިބި ދެޔޯތަކެއް ހެންނެވެ. ނަޒިމާ ހިގައިގަތީ ރަށުގެ ކަޅުބިތް ފަރާތްތަކަށެވެ. އެހިސާބަކީ މީހުން ގޮސް ނޫޅޭ ގަސް ގިނަ ޖަންގަލީ ބޮޑު ހިސާބެކެވެ. ހުއްޓުމެއް ނެތި ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި ނާޒީމާ ހިގުމުގެ މިސްރާބު ވަލުތެރެއަށް ބަދަލުކޮއްލިއެވެ.
ފުދޭ ވަރަކަށް ވަލު ތެރެއަށް ވަދެވުމުން ބޮޑު ކާނި ގަހެއްގެ ދަށުގައި ނާޒިމާ އުދަގޫކަމާ އެކު އިށީނެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ ނަމަވެސް އޭނާ މަސައްކަތް ކުރީ ހިއްވަރު ކުރެވޭތޯއެވެ. މަޑުމަޑުން ދެފައި ދުރުކޮއްލީ ގަޑި ޖެހިއްޖެކަން އިހްސާސް ވުމުންނެވެ. ކައިރީގައި ހުރި ގަހުގެ މުލުގައި ހިފައި ނާޒިމާ ތަދައް ހިފާލިއެވެ. ވެހޭ ވާރޭގެ ފިނިކަންވެސް އޭނާއަށް އިޙްސާސް ނުވާކަހަލައެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު ވާރެއާއި އެކުވެގެން އެ ކަރުނަތައް ބޭކާރު އެއްޗެކަށް ވަމުން ދިޔައެވެ. ތިން ހަތަރު ފަހަރު ތަދަށް ހިފާލި ވަގުތު ކުޑަ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު ފަޒާގައި ގުގުމައިގެން ދިޔައެވެ. ނަޒިމާ ފުން ނޭވާތަކެއް ބޭރުކުރަމުން ހަމަޖެހޭތޯ މަސައްކަތް ކުރިއެވެ. މަޑުމަޑުން ބޯ ހިއްލާލުމަށްފަހު ނާޒިމާ އެ ކުޑަ ކުޑަ ފުރާނަ އަށް ބަލާލިއެވެ. ކުޑަކުޑަ ލޯބި އަންހެން ކުއްޖެކެވެ. ވާރޭ ވެހެމުން ދާތީވެ ކޮންމެވެސް ވަރަކަށް ލޭ ސާފު ވެފައި ވީނަމަވެސް ލޭ ފެންނަން ހުއްޓެވެ. ނާޒިމާގެ މޫނަށް ނުރުހުމުގެ އަސަރު ފާޅުވީ އެ ތުއްތު ތުއްތު ކުއަޖާގެ މޫނު ފެނުމުންނެވެ. ފާއިޒްގެ ބޭވަފާތެރެކަން އޭނާގެ ހިތުގައި ވަކި ހިއްޕާލިފަދައެވެ.
ބަނޑުގައި އޮޅާފައިހުރި ފޮތިތައް ނައްޓަލުމަށްފަހު ނާޒިމާ ބިންމަތިން ތެދުވިއެވެ. އޭރުވެސް ހުއްޓުމެއް ނެތި އެ ކުޑަކުޑަ ފުރާނަ ރޮމުން ގެންދިޔައެވެ. ފޫހިގޮތަކަށް އެ ތުއްތު ކުއްޖާއަށް ބަލާލުމަށްފަހު ބަޑުން ނައްޓާލި ފޮތިތައް އެ ކުއްޖާ މޫނުގަ އާއި ގައިގައި އޮޅާލި އެވެ. އަދި ބިންމަތީ ގައި ބޭއްވުމަށްފަހު ދެފަރާތައް ބަލާލީ އެއްޗެއް ހޯދާ ކަހަލަ ގޮތަކަށެވެ. އެ ތުއްތު ފުރާނައިގެ ރުއިމުގެ އަޑު ފޮތިތަކުގެ ތެރެއަށް ގެބިގެން ދިޔައަސް ރޮމުން ދިޔަ އަޑު އިވެއެވެ. ނާޒިމާގެ ހިތައް މައިވަންތަ ކަމުގެ ކުލުނު ނުވަތް ތާގައި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް ކަހަލައެވެ. ދެފަރާތްތައް ހޯދުމާލުމަށް ފަހު ބޮޑު ގަލެއް ނަގާ އަތައް ހެޔޮ ވަރު ކޮއްލިއެވެ. އެއިރު ވާރޭވެސް ހުއްޓާލާފައި ވުމުން ނާޒިމާ އައްމަތި އަވަސް ކޮއްލިއެވެ.
“މަންމާ” އެވަގުތު ފޮތިގަނޑުގުގެ ތެރެއިން ގޮވާލިހެން އޭނާ އަށް ހީވިއެވެ. މައިވަންތަ ކަމުގެ ކުލުނު ހޭލަން މަސައްކަތް ކުރާ ކަހަލައެވެ. ނަމަވެސް ޝައިތާނާ އޭނާގެ ބޮލަށް ވެރި ވެފައިވަނީ އެހެން ކަމަކަށް ވުރެން ބޮޑަށެވެ. އަނެއްކާވެސް އެ ބޮޑު ގާ އަތައް ހެޔޮވަރުކޮއްލިއެވެ. މިފަހަރުވެސް އޭނާއަށް އެ އިޙްސާސްވެގެން ދިޔައެވެ. މަޑުމަޑުން ދެ ކަކޫ މައްޗަށްތިރިވެ އެ ތުއްތު ކުއްޖާގެ މޫނު ފެންނަހެން ފޮތިގަނޑު ދުރުކޮއްލިއެވެ. ރޮއެ ރޮއެ ހިދެން ކައިރިވެފައިވާ އެ މޫނުގައި ފުރަތަމަ ފަހަރަށް ނާޒިމާ އަތް ހިންގާލިއެވެ. އެ ފުރާނައަށްވެސް މަންމަގެ އިޙްސާސް ވީ ކަހަލައެވެ. ރުއިން ހުއްޓަލުމަށްފަހު ކުކުރާލައެވެ. ނާޒިމާގެ ލޯ ކަރުނުން ފުރިގެން އައީ ފާއިޒްގެ ބޭވަފާ ތެރިކަން ހިތައް އެރުމުންނެވެ.
ރޮއެ ރޮއެ ވަރުބަލިވެ ނިދިފައިވާ އެ ތުއްތު ކުއްޖާ އުރާލުމަށްފަހު ނާޒިމާ މިސްރާބު ޖެހޭ އަތިރިއާއި ދިމާލަށެވެ.ގޮޑު ދޮށާ ހަމައަށް ދެވުމުން ބިންމަތީގައި އެ ދަރިފުޅު ބޭއްވުމަށްފަހު މުދަށް އެރި ތާހިރުވެލިއެވެ. މޫދުން މައްޗަށް އެރުމަށްފަހު އޭނާ ވިސްނަމުން ދިޔައީ ދެން ކަންތައް ކުރަންވީ ގޮތަކާއި މެދުގައެވެ. ކުރީގައި އެކުއްޖާގެ ފުރާނަ ދުއްވާލަން ހިތުލައިގެން އައި ކަމަކު އެ ކުޑަކުޑަ ފުރާނަ އުރާލާ ގަޔާއި ބޮޑި ކޮއްލި ވަގުތު ހިތައް ކުރެވުނު އިޙްސާސް އިން އޭނާގެ ހިޔާލު ބަދަލުވިއެވެ. ގަޑިން ވީ އިރެއް ސީދާ ނޭގުނު ކަމުގައި ވީނަމަވެސް ފަތިސް ވާން މާގިނަ ވަގުތެއް ނުހުންނާނެ ކަން ނާޒިމާ އަށް ވިސްނުނެވެ.
އަވަސް ފިޔަވަޅު ތަކެއް އަޅަމުން ނާޒިމާ ދިޔައީ ރަށުގެ ބަނދަރާއި ދިމާލަށެވެ. ގާތްގަޑަކަށް 20 ވަރަކަށް މިނިޓްގެ ރާސްތާއަކަށް ފަހު ބަނދަރާއި ހަމައަށް އޭނާއަށް އާދެވުނެވެ. ރަށުގެ ބަނދަރުގައި އޮތް ބޯޓަކާއި ދިމާލަށް މިސްރާބު ޖެހީ އެއީ އެ ރަށުގެ ބޯޓެއް ނުންކަން ނާޒިމާ އަށް އެގޭތީއެވެ. ތޮށިގަނޑާއި ކައިރިވެލުމަށް ފަހު ނާޒިމާ ގޮވާލިއެވެ. “މީހަކު އެބައުޅޭތަ؟” ދެ ތިން ފަހަރަށް ގޮވާލުމުން ބޯޓް ތެރެއިން އުމުރުން ދުވަސް ވެފައިވާ ފިރިހެނަކު ނިކުތެވެ. “ކޮއްކޯ ކިހިނެއް ހަދާ ދޭންވީ؟ މި ގަނޑީގަ ކީއްކުރާ ކުއްޖެއް ތީ؟” އެމީހާ ގެ މޫނުމަތީ ނިދީގެ އަސަރު ހުރި ނަމަވެސް އެ ގަނޑީގައި ނާޒިމާ އެތަނުން ފެނުމުން ހައިރާންވެފައިވާ ކަން އަޑުން ދޭހަވެއެވެ. “މީ ކޮންތަނަކަށް ދަތުރު ކުރާ ބޯޓެއް ތޯ؟” އެ މީހާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނާޒިމާ ބުނެލިއެވެ. “މީ ކާށިދޫ ބޯޓެއް. ކޮއްކޮ ކޮންތަނަކަށް ދާން ބޭނުންވަނީ؟” އެމީހާ އަނެއްކާވެސް ސުވާލު ކޮއްލިއެވެ. މިފަހަރުވެސް އެމީހާ ކުރި ސުވާލަކަށް ޖަވާބު ދިނުމެއް ނެތި ނާޒިމާ ސުވާލެއް ކޮއްލިއެވެ. “ކޮންއިރަކު ފުރަނީ؟” “ފަތިހު ފުރާނީ” އެމީހާ ޖަވާބު ދިނީ ހައިރާންވެ ހުރެގެންނެވެ. އެއް އަތުން ކުއްޖާ އުރާލައިގެން ހުރެ ނާޒިމާ އެމީހާއަށް އަތް ދިއްކޮއްލީ އަރަން ބޭނުން ކަމަށް ބުނަމުން ނެވެ.
ހެނދުނު 10.00 ޖެހި އިރުވެސް ނާޒިމާ ހޭނުލައިގެން ނާޒިމާގެ މަންމަ ފާތުމަ ނާޒިމާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ޖަވާބެއް ނުލިބުމުން ދެ ތިން ފަހަރު ގޮވާވެސް ލިއެވެ. އެންމެ ފަހު ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. އެއްވެސް އުދަގޫކަމެއް ނެތި ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ފާތުމަ ނާޒިމާ އަށް ގޮވަމުން ކޮޓަރި ތެރެއަށް ވަނެއެވެ. ނަމަވެސް އެއްވެސް ތަނަކުން ނާޒިމާގެ ހަބަރެއް ނުވިއެވެ. އެނދު ކައިރީގައި ކަތުރަކާއި ފޮތިތަކެއް ހުއްޓެވެ. އެހެންކަމުން ހެނދުނު ހޭލާ އުޅުމަށްފަހު ބޭރަށް ދިޔައީ ކަމަށް ނިންމާ ފާތުމަގޮސް ބަދިގެއަށް ވަނެވެ.
(ނުނިމޭ)
3 Comments!
Comments are closed.
Good
Woow v reethi ekam haadha kurey
Kykuraane mihaaru raajeyga vx mikahala meehun ulhey… …emaantherikamuge minvareh vx neiy…?…vaahaka vx reethi…??