Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކެހިވެރި ދުނިޔެ
ހަޤީޤީހިތާމަލޯބި

ކެހިވެރި ދުނިޔެ – ތިންވަނަ ބައި-

fola Level 1
October 16, 2017 2 Mins Read
3 Comments

އިރާ ބ.ކަމަދޫއަށް  ފުރީ ވަރަށް ފޮނި އުއްމީދާ އެކުގައެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އިރާ ވިސްނަމުން ދިޔައީ ބައްޕައާއި މަންމަ ހުނާނެ ގޮތަކާއި މެދުގައެވެ.ހިޔާލު ތަކުގައި ދެމައިންގެ ސޫރަ ކުރަހަމުން ދިޔަ އިރާ އިރު އިރު ކޮޅާ އުފަލުން ހީލައެވެ. ދުވެފަ ގޮސް ބައްދާގަންނާނީ ހެއްޔެވެ.؟ ނޫނީ ސަލާމް ކޮށްލަނީ ހެއްޔެވެ. އެތަކެއް ސުވާލު ހިތަށް ގެނަވަމުން ދިޔައެވެ. ރަށާ ކައިރި ވި ވަރަކަށް އިރާގެ ހިތުގެ ތެޅުން އަވަސް ވި އެވެ. ރަށުގެ ޖެޓީއަށް ފެރީ ކައިރި ކުރި އިރު ޖެޓިމަތީގައި ރަށުގެ ކުދި ބޮޑު މީ ހުން އެއްވެފައި ތިއްބެވެ. ބަރޯއަތްގަޑިޔާ ހިފައިގެން ބައެއްމިހުން މާލެއިން ފޮނުވި  ބައެއް މުދާ ބޭލުމަށް ހަރާކަތް ތެރިވެ އުޅުނެވެ. ފެރީން ފޭބި ކޮންމެ މިހެއްގެ އިސްތިގުބާލުގައި ބަޔަކު ތިއްބެވެ.

އިރާ އައިސްތިބި އެންމެންގެ މޫނަށް ވަކި ވަކިން ބަލަމުން ދިޔައީ އޭނާގެ ބައްޕަހެން ހީވާ ކަހަލަ މީހަކު ފެނޭތޯއެެވެ. މިއިން އަހަރެއްގައި ވެސް ފެނިފައިނުވާ ބައްޕަ ދެނެގަންނަން އީރާގެ ލޯ މަސައްކަތް ކުރިއެވެ. މާޔޫސް ވެ އިސްޖަހާލީ ކާމިޔާބު ނުވީމައެވެ. އެއްވެ ތިބި މީހުން އެބައެއްގެ މަންޒިލަށް ގޮސް ތަން ހުސް ވި އިރު ރޭގަނޑު އަދިރިކަން މުޅި ތަނަށް ފެތުރާލައިފިއެވެ. ޖެޓީ މަތީގައި ދެ ތިން މީހަކު ފިޔަވައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވެފައި ހުރި ވަރުބަލި ކަމެއްގެ ސަބަބުން ރުކެއްގެ ދަށުގައި ހުރި ޖޯއްޔެގައި އިރާ އިޝީނެވެ.މި ވީ ކިހިނެއބާ އެވެ. އަނެއްކާ މީ ކަމަދޫބާއެވެ.؟ އިރާގެ ހިތާ ހިތާ ސުވަލު ކޮށްލިއެވެ. ސިޓީ ފޮނުވާފައި ބަލާ ނާނަން ވި ސަބަބެއް އިރާގެ ޅަ ހިތަކަށް ވިސްނައި ނުގަނެވުނެވެ. ފުރުމުގެ ކުރިން ފުރާ ވާހަކަ އާއި ދުވަހާއި ގަޑި ވެސް ވަނީ ފޯނުން ބުނެފައެވެ. ވީ އިރު މިހެން ވާންވި ކީވެހެއްޔެވެ.

ބަލި ކަމުން ނާދެވުނީ ކަންނޭގެ އެވެ. މާޔޫސްވެ މޮޅިވެރި ހިތާއި ސިކުޑީގައި ސުވާލު ފުނި ޖެހުމުން އަމިއްލަ އަށް އެސުވާލު ތަކުގެ ޖަވާބު ދިނެވެ. ދަންނަ މިހަކު ނެތް މި ރަށުގައި ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. އަތުގައި ފޯނެއް ނެތުމުން ހުސްނާ މަންމަ އަށް ގުޅެޭނެ ގޮތެއް ވެސް ނެތެވެ. ބައްޕަ އާއި ބައްދަލު ކޮށްލާ ހިތްވި ލެއް ބޮޑުކަމުން ބައްޕަގެ ނަން ފިޔަވައި އިތުރު މައުލޫމާތެއް ނުހޯދުނެވެ. ކުޑަމިނުން އެޑްރެސް އަހާނުލެވުނެވެ. އިރާގެ މޮޔަކަމާއި  މެދު ވިސްނިފައި  ޗުސް  ކަނޑާލިއެވެ. މިހެއް ކައިރި އަހައިގެން ވެސް އެގެޔަށް ދެވޭނީ ނަން އެނގިގެންތާ އެވެ. މަގުމަތިން ދިޔަ ހަވަރަކަށް މީހުން ކައިރީ ވީގޮތް އޮޅުންފިލުވާ ދިނުމުން ވެސް ބައްޕަގެ މައުލޫމަތު އެނގޭ މީހަކާ ދިމާ ނުވިއެވެ. މުޅިން ގޮތް ހުސްވެ އިރާ ޖޮލީގައި އޮށޯތީ އެހީ ވެދޭނެ މީހަކު ފެންނާނެ ކަމުގެ އުއްމީދުގައެވެ.  އިރާ ވަށައިގެން  ރަށުތެރެއަށް ބާލާލިއެވެ. ކަނު އަދިރީގެ ތެރެއިން ވެސް ރަށުން ފެންނަމުން ދިޔައީ ހަމަހިމޭންކަމާ ރީތި ކަމެވެ.  މާލޭގެ ހަލަބޮލި ކަން އިހުސާސް  ވަނީ މިފަދަ  ހަމަހިމޭން ތަނަކަށް އާދެ ވުމުންނެވެ. މާދުރު ނޫން ހިސާބަކުން ފެންނަމުން ދިޔަ ދޮންވެލި އަތިރިއަށް ބީއްސަމުން ދިޔަ ރާޅުގެ މިއުޒިކީ އަޑުނޫން  އެހެން  އަޑެއް ނީވެއެވެ. މުޅި ރަށުގައި ނިދާފައިވާ ކަހަލައެވެ.

ހިމޭން ކަމުގެ ތެރޭގައި މާގިނަ އިރު އިންނަން ވުމުން އިރާ ހިތްދަތިވިއެވެ. އެކނިވެރިކަން އިހުސާސްވެ ލޮން ކަރުނަ ފާއްދާލިއެވެ. ހިތާ ހިތުން މަދަދު ވެރި ވުމަށް އެދި ﷲ ގެ ހަޒުރަތަށް އާދޭސް ކުރެވުނެވެ. ދާނެ ދިމާލެއް ނޭނގި އިންނަން ޖެހުމުން އިރާ ހުސްނާ މަތިން ހަދާންވެ ރަނގަޅަށް ރޮވުނެވެ. ފޮނި އުއްމިދާ އެކު ބައްޕަ  ދެކިލުމަށް އައިސް ނުފެނުމުން ހިތުގައިޖެހުނެވެ.

ފުރުމުގެ ކުރިން ހެދުނު ސައި ނޮބެއެ ހުރުމުން އިރާ ބަނޑު ކުކުރަން ފެށިއެވެ.ނުކައި ހުރެވުނު ކަން އިހުސާސްވީ ދެނެވެ.  ނަމަވެސް ދާނީ ކޮންތާކަށް ހެއްޔެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ އަތުގެ ނުފުށުން ފުހެލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލުމުން ރަށު ތެރެއަށް މިސްރާބު ޖެހިއެވެ. ނަސީބާ މެދު ހިތާމަ ކުރުަމަކުންވާނެ ފައިދާ އެއް ނެތްކަން އަމިއްލަ ނަފުސަށް ވިސްނައިދިނީ އިތުރު ގޮތެއް ނެތުމުންނެވެ. އަނދިރި މަގުތަކުން ދެފަރާތަށް ބަލަމުން އިރާ ހިނގަމުން ދިޔަ  އިރު ހިތުގައި  ބިރުވެރިކަމެއް އުފެދުނެވެ. ވެދާނެ ގޮތަކާމެދު ވިސްނިފައެވެ. ބައެއްގެތަކުން މީހުން ނުކުމެ އިރާގެ ހަރަކާތްތަކަށް ބަލަން ތިއްބެވެ.  އާމުކޮށް ރަށުން ފެނިފައިނުވާ  ކުއްޖަކަށް ވުމުން ކަމަށް ވެދާނެއެވެ. ނޫނީ އިރާ ހުންނަލެއް ކުޑަކަމުން އެކަނި ރަށުތެރޭގައި އުޅޭތީ ކަމަށް ވެސް ވެދާނެއެވެ.  ފަހަރަކު ގެއަކަށް  ބަލަމުން  ރަށުގެ  މެދާ ހަމައަށް އާދެވުނު އިރު އިރާގެ ލޮލުގައި އަޅައިގަތީ އާދައިގެ ގޮތަކަށް ތެޅިގަލުން ރާނަފައިވާ ގެއެކެވެ.  މަގު މަތީގައި ދިއްލާފައި  ހުރި ބޮކިން ގޭގެ  ދޮރުމަތި  ކޮންމެވެސް ވަރަކަށް އަލި އެޅިފައި ހުއްޓަސް ގޭތެރެގައި ވަނީ ފަނޑު އަލިކަމެކެވެ. އިރާ މަޑުމަޑުން ގެޔާ ކައިރިއަށް ދިޔައެވެ

.” ފިނިމާ” ފީވެފައިވާ ދޮރުގައި  ހަރުކޮށްފައި ހުރި ނަންބޯޑު ކިޔާލިއެވެ. ތިރިކޮށްރާނާފައި ހުރި ފާރުގެ މަތިން ކޮންމެވެސް  ވަރަކަށް ގޭގެ އެތެރެ ފެނަން ހުއްޓެވެ.  ދޮރު ކައިރީގައި  ބިޔަކޮށް ހެދިފައި ހުރި ބޯގަނވިލާ ގަސް ތަކުގެ ގޮފިތަށް  ދޮރު މަތިން މަގާ ވީ ފަރާތަށް އެލިފައި ހުރި އިރު ވަރަށް ހިތްގައިމެވެ.  ރަށުގައި  ރީތިކޮށް  ހަދާފައި  ހުރި ގެތަށް ވަރަށް ގިނައެވެ. ނަމަވެސް މި އާދައިގެ ގެއާ މެދު އިރާ ގަޔާވިއެވެ. މި ގެއަށް ހާއްސަ ގޮތެއްހުންނަކަން އިރާ އަށް އިހުސާސްވިއެވެ.

“އައްސަލާމް އަލައިކުމް” ދޮރު ހުޅުވަފައި އެތެރެއަށް ބޯދިއްކޮލަމުން އިރާ ސަލާމް ގޮވާލިއެވެ.

ޖަވާބެއް ނުލިބުމުން މަޑު މަޑުން އެތެރެއަށް ވަދެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ދޮރުން ފެށިގެން އެތެރެގޭ ދޮރާ ހަމައަށް މަގެއް ހެން ތަޅުން އަޅާފައި ދެެފަރާތުގައި  ފޫޓެއް ހާ އުސްކޮށް ފާރުބުރި އެއް  ރާނާފައި  ހުރި  އިރު  ދުވަސް ވުމުގެ ސަބަބުނަ ފާރުގެ ބައެއް ތަން ތަން ހުރީި ވެއްޓެފިއެވެ. ދެފާރާތުގައި ހެދިފައިވާ ބަގީޗާ ގަސްތަކުން ގޯތިތެރެއަށް އެޅިފައި ހުރި ހިކި ފަތްތަކުން މި އިން ދުވަހެއްގައިވެސް ކުނި ކަހާފައި ވާ ހެނެއް ހިޔެއް ނުވެއެވެ. ގޭގެ ކަނައަތް ފަރާތުގައި ހެދި ފައި ހުރި ބަނބުކެޔޮ ގަހުގެ ގޮފިގަނޑެއްގައި އެލުވާފައި ދެ އުދޯލި ހުއްޓެވެ. އުދޯޔައި މާދުރު ނޫން ހިސާބެއްގައި ހުރި ކޮށި ފެނުމުން އިރާ އަށް ބޭއިހުތިޔާރުގައި ކޮށި ކައިރިއަށް ދެވުނެވެ. ބުނެދެންނޭގެ އިހުސާސެއް ހިތުގައި އުފެދުނެވެ.  މިގެއާއި މި ކޮށި މީގެ ކުރިން އިރާއަށް ފެނިފައިވާހެން ހީވާން ފެށިއެވެ..

“ކީކުރާ ކުއްޖެއް ތީ” ގޭގެ މައި ދޮރާ ދިމާލުން އަންހެނެއްގެ ބަރު އަޑު އިވުމުން ސިއްސައިގެންގޮސް ފަސްއެނބުރި ބަލާލިއެވެ. ބުނާނެ އެއްޗެއް ނޭގި  ގޭގެ ދޮރުން  ވަދެގެން އައި މެދު އުމުރުގެ އަންހެން މިހާ އަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ.

” ކާކު ހޯދަން ތިޔައީ؟” ސުވާލުގެ ޖަވާބު ނުލިބުމުން އަނެއްކާވެސް އެއަންހެން މީހާ ސުވާލު ކޮށްލިއެވެ.

“އަޅުގަނޑު މީ އިރާ. މިރަށަށް މިއައީ އަޅުގަނޑުގެ ބައްޕަ ބަލިވެ އައުމަށް އެދުނީމަ. އެކަމަކު ބައްޕަ އާ ބެހޭ އެއްވެސް މައުލޫމާތެއް ނޭގެ. ބަލާވެސް ނާދެ . ދެން ދާނެ ތަނެއް ނޭގި މިގެޔަށް ވަދެވުނީ” އަދަބުވެރި ގޮތަކަށް ކޮށިގެ ވާގަނޑުގައި ހިފާލަމުން އިރާ ޖަވާބުދިނެވެ.

“ހަމަ ނޭނގިގެން ތަ ތި އައީ ނޫނީ މި އި ކަލޭގެ ގެކަން އެނގިގެން ތަ؟” ރުން ކުރު ގޮތަކަށް މި އަންހެން މީހާ ބުނެލި ޖުމްލައިން އިރާ ހައިރާންވިއެވެ.

“ކީކޭ ؟ ދައްތައަށް އަހަރެން އެނގޭތަ” ސުވާލުން ފުރިގެން ވާ ނަޒަރަކުން ބަލަމުން އިރާ ސުވާލު ކުރިއެވެ.

” އާ އެނގޭ ތީ މިރަށު ހީނާގެ ކުޑަ އަންހެން މަންޖެ އިރާޝާ އެއްނުން” ގޭ ތެރެގައި ހުރި ބޮޑޮ އުނދޯލީގައި އިށީނަމުން އެ އަންހެން މީހާ އިރާގެ ފުރިހަމަ ނަމަށް ދަން ދެން ކިޔާލިއެވެ.

ބަސް ހުއްޓިފައި އިރާޝާ އަށް ހުރެވުނީ އަންހެން މީހާ ބެނެލި ޖުމްލައަކާ މެދު ވިސްނާށެވެ. ކުޑަ އަންހެން ކުއްޖާ އެ އެބުނީ ކީއްވެބާ އެވެ؟ އިރާޝާ ނޫން އެހެން ކުދިންވެސް މަންމަގެ ތިބީ ހެއްޔެވެ.

” އިރާޝާ ގެންނަން ބުނީ އަހަރެން، އެކަމަކު އައިސްދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން. އަހަރެން މީ އިރާޝާގެ ދޮންމަންމަ ހައްވަ” އުދޯލީގައި އިޝީނުމަށް އަތުން އިޝާރާތް ކުރަމުން ހައްވަ ވާހަކަ ދެއކިއެވެ.

ބަރުދަބަސް ކޮނޑުން ބޭލުމަށްފަހު އުނދޯލީގައި އިރާޝާ އިށީނީ ސުވާލުން ފުރިގެންވާ ހާލުގައެވެ. ނެނގޭ އެތައްކަމެއްގެ ވާހަކަ ހައްވަ ކިޔާ ދެމުން ދިޔަ އިރު އިރާޝާ އަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ނަމަވެސް މި އިރާޝާ އަބަދުވެސް އެގެން ބެނުންވި ކަމަކަށް ވުމުން އިތުރަށް އޮޅުން ފިލުވޭތޯ މަސައްކަތް ކުރިއެވެ..

” ދެން ކޮބާ އަހަރެގެންގެ މަންމަ؟” ހުރިހާ ކަމަކަށް ވުރެ ބޮޑަށް އިރާޝާ އެގެން ބެނުންވި ސުވާލު ކޮށްލިއެވެ.

” އިރާޝާ އަށް އެއްވެސް މީހަކު ކިޔާ ނުދޭތަ ؟ ހިނާ އާއި ތިގޭ ބޮޑު މަންޖެވެސް ނިޔާވިތާ ކޮންދުވަހެއް.ހިޔާ އަށް އިރާޝާ ގެންދިޔައީ އެހެންވެ.” ފަރުވާކުޑަ ގޮތަކަށް އިރާޝާ އަށް ބަލަމުން ހައްވަ ބުންޏެވެ.

ގަނބުވެފައި އިސްދަށަށް ޖަހއިގެން އިން އިރާޝާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހުނެވެ.  ދުވަހަކު ފެނިފައި ނުވިޔަސް އެ މަންމަ  ކޮންމެވެސް  ދުވަހަކުން ފެނިދާނެ ކަމަށް ކުރެވުނު އުންމީދު ފެނަށް ވެގެން ހިގައްޖެއެވެ.  ހިޔާގައި އިރާގެ ޅައުމުރު ހޭދަ ކުރަންޖެހުނީ އެ މަންމަ މިދުނިޔޭގައި ނެތުމުން ކަން  އެގުމުން މަންމަ އާއި މެދު ހިތުގައިވި ހުރީހާ ބުރަކަމެއް ފިލާ ދިޔައެވެ.ހިތުގައި ޖހެި ގިސްލެވުނީ އެ މަންމައާ ދެން ދުވަހަކުވެސް ބައްދަލު ނުވާނެތީއެވެ.  ދައްތައަކު ހުރިކަން އެނގި އެ ސޫރަ ފެނުމުގެ ނަސިބެއް ނުލިބުނީތީ އިރާ ރުއިން އިތުރަށް ގަދަވިއެވެ.

“ދެން ނުރޮއެ އެކޮއެ.. ވީ ކަމެއްވީ ބައްޕައާއި ބައްދަލުކޮށް ލަން އަވަހަށް ހިނގާ އެތެރެއަށް” ރޮމުން ދިޔަ ނިޔާގެ ބުރަކަށީގައި ފިރުމާލަމުން ހައްވަ އެތެރެއަށް ވަނުމަށް އެދުނެވެ. އިރާޝާގެ ހަލަތު ވިސްނި ހައްވަގެ ހިލަހިތަށް ވެސް އަސަރު ކުރީއެވެ.

ދަބަހުން ޓިޝޫ ނެގުމަށް ފަހު ރަތް ވެފައި ހުރި ލޮލާއި ނޭފަތް ފޮޅަމުން އިރާޝާ ހައްވަގެ ފަހަތު ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ވެފައި ހުރި ވަރުބަލިކާމާއެކު  ބޮލުގައި ރިހެމުން ދިޔައީ ކެތް ނުކުރެވޭ ވަރަށެވެ.ނަމަވެސް އިރާޝާ ބައްޕަ ދެކެން ބޭނުމެވެ. ހިތުގައި ޖަމާވި ހުރިހާ ސުވާލެއގެ ޖަވާބު ހޯދަން ބޭނުންވިއެވެ.

 

Share Article

Follow Me Written By

fola

Level 1

Other Articles

Previous

ތިޔަ އަސަރު (ތައާރަފު)

Next

ކުރެވުނު ކުށް

Next
October 16, 2017

ކުރެވުނު ކުށް

Previews
October 16, 2017

ތިޔަ އަސަރު (ތައާރަފު)

3 Comments!

  1. Kudoo says:
    October 16, 2017 at 1:02 pm

    Haadha kurey

  2. Reet says:
    October 16, 2017 at 1:26 pm

    Bunan beynun Vaa ethi thankolheh kurukon bune dhiniya rangalhu. Vaahaka ge 1part nimigen dhaairuvess aslu Egan beynun v ethi neygi nimeny

  3. Nunnu says:
    October 16, 2017 at 9:46 pm

    V fake story eh

Comments are closed.


All Right Reserved!