އިންސާފު
އިރުގެ ރަން ދޯދިތަކުގެ އަލި މަޑުވަމުން ގޮސް އިރު އުދަރެހުން ގެއްލިއްޖެއެވެ. ހަނދު އޭގެ ވާޖިބު އަދާކުރަން ފެށުނީ ދެނެވެ. އަހަރެން އެ މަންޒަރު ބަލަން އަތިރިމަތީގައި އިށީނދެ އިނީ އާޝޯހުވެފައެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އަހަރެންގެ ދިރިއުޅުމުގައިވެސް އެފަދަ އަލިކަމެއް ލިބޭނީ ކޮންއިރަކުންބާއެވެ؟ މި އަނދިރި ދިރިއުޅުން އުޖާލާ ކުރާނެ އަލިކޮޅު ލިބޭނީ ކޮންއިރަކުންބާއެވެ. އަހަރެން އަހަރެންގެ އަތަށް ބަލައިލީމެވެ. ހަށިގަނޑު ފޮރުވާލެވިފައިވަނީ ކަޅު ޖިލްބާބަކުންނެވެ. ނަމަވެސް މި ބޮޑު ޖިލްބާބުގެ ދަށުގައި ފޮރުވިފައިވަނީ ހަމައެކަނި ހަށިގަނޑެއް ނޫނެވެ. އެތަށް ދުވަހެއްގެ ވޭނާއި ކެކުޅުމެވެ. އެތަކެއް ވޭންތަކެއް ދީފައި ފަސޭހަވި ލަކުނުތަކެކެވެ.
އަހަރެން ލައިގެން ހުރި ޖިލްބާބުގެ އަތް އޮޅާލީމެވެ. އަނދިރިކަން ވެރިވެފައިވާ އުދަރެހުގެ ތެރެއިންވެސް އަހަރެންގެ ދޮން އަތުގައި ރަތްވެ ދުޅަވެފައި ހުރިތަން ސާފުކޮށް ފެންނަމުންދިޔައެވެ. ދެލޮލަށް ކަރުނަ ޖަމާވެ ބަންޑުންވާންފެށީ މިނޫންގޮތެއް އަހަރެންނަށް ހަމަނެތީތޯއޭ ހިތާއި ސުވާލުކުރާ ހާލުގައެވެ. މި ވޭން ތަހައްމަލު ކުރަން ނުޖެހޭ ދުވަހެއް އޮންނާނެތޯއެވެ؟ މި ހުރިހާ ކަމެއް ހިމޭންކަމާއި އެކު ތަހައްމަލު ކުރަމުން މިދަނީ އެންމެ ފަރާތަކަށެވެ. ދެރައީ އެފަރާތަށް އެކަން އެނގިވެސް ނޭނގޭ ކަމަށް ހަދާ އަހަރެންނަށް މޫނު އަނބުރާލާތީއެވެ. އަހަރެންގެ ހަށިގަނޑުގައި ލަކުނެއް ނުލާ ތަނެއް ނުހުންނާނެއެވެ. އެ ލަކުނުތަށް ރަމްޒުކޮށްދެނީ އަހަރެންގެ ބަދުނަސީބުވެރިކަމެވެ. އަހަރެންގެ ނުކުޅެދުންތެރިކަމުންނޭވެސް ފަހަރުގައި ބުނެވިދާނެއެވެ. އެއާއި ދެކޮޅަށް އަޑުއުފާލެނެހާ ބާރު ނެތުމަށް “ނުކުޅެދުންތެރިކަން” ފިޔަވާ އިތުރުބަހެއް މިހިތަކަށް ނައެވެ. އަހަރެން މި ހުރީ މަޖުބޫރުވެފައެވެ. ހަމަ އެންމެ ފަރާތަކަށްޓަކައެވެ. ޒުވާން ދައުރު ފެށި އެކަމުގެ ފައިދާ ހެޔޮ ގޮތުގައި ނަގަމުން އައި އަންހެންކުދިން ތެރޭގައި އަހަރެންވެސް ހިމެނުނީމެވެ. އުފަލާއި މަޖަލުގައި ކިޔެވުން ނިމި ބޭނުންވި ދާއިރާއިން ކިޔަވަން ފުރުސަތުވެސް ހޯދީމެވެ. އާއިލާގައި ތިބި 3 ކުދިން ތެރެއިން އަހަރެންނަކީ ހަގު އަދި ހުރި ހަމައެކަނި އަންހެންކުއްޖާ ކަމުން އުޅުނީ ވަރަށް އުފަލުގައެވެ. މަންމައާއި ބައްޕަ އަދި ދެބޭބެގެވެސް ފުރިހަމަ ލޮތްބާއި އަޅާލުން އައީ ލިބެމުންނެވެ.
އަހަރެން އަތްކުރި ތިރިކޮށްލީމެވެ. މިއީ މި ދުނިޔެއަށް ފޮރިވިފައި އޮންނަންޖެހޭ ސިއްރެކެވެ. ހަމައެކަނި އަހަރެންގެ ޒުވާން ދަރިފުޅަށްޓަކައެވެ. ދެތިން ފަހަރު މޫނު ފޮހެލާފައި ހަމަޖެހިލީ އެ ކަރުނަތަށް ބާލަން ނޭދޭތީއެވެ. އެއީ މި ލަކުނުތަކާއި މި ހަށިގަނޑާއި އެއްގޮތަށް ދުނިޔެއަށް ވަންހަނާ ކުރަންޖެހިފައިވާ ތަކެއްޗެވެ.
އަހަރެން ތެދުވަން އުޅެނިކޮށް ލޮލުގައި އަޅައިގަތީ އާރޓިފިޝަލް ބީޗުގެ ފަސްގަނޑުންލާފައި މައްޗަށް އަރައިގެން ދިޔަ ކުޑަ އާއިލާއެކެވެ. ގަޑީގެ ގޮތުން މީ އާންމުކޮށް މީހުން އަނބުރާ ގެއަށް ދާ ވަގުތުކަމުން އެދަނީ ގެއަށް ކަން އަހަރެންނަށް އިނގުނެވެ. ކުއްޖަކު އޭނާގެ މަންމައާއި ބައްޕަގެ އިނގިލީގައި ހިފަހައްޓައިގެން ދުވަމުން ފުމެމުން ދިޔައީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. އެ މަންޒަރު ބަލަން އަހަރެންނަށް އިނދެވުނީ ހިނިތުންވެލާފައެވެ. އެމީހުން ލޮލު ކޮޅަށް ގެއްލުމާއި އެކު އަހަރެންގެ ސިކުނޑިއަށް ވެރިވިގަތީ މާޒީގެ ދުވަސްތަކެވެ. އަހަރެންވެސް އުޅުނީ ހަމައެގޮތަށެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި ލޮތްބާއި އަޅާލުމާއި އެކު އަހަރެން ދިޔައި ބޮޑުވަމުންނެވެ. ނަމަވެސް ތޫފާންގަނޑަކީ ބުނެފައި އަންނަ އެއްޗެއް ނޫންތާއެވެ. އޭގެ އަސަރު މަޑުމަޑުން ކުރުމަށްފަހު ދެން ގަދަވާއިރު ދޫކޮށްލާނީ އެފުށްމިފުށަށްޖަހާފައެވެ. އަހަރެންގެވެސް އުފާވެރި ދިރިއުޅުމަށް އައީ ތޫފާންގަނޑެކެވެ. އެއާއި އެކު ދިރިއުޅުން އެފުށް މިފުށަށް ޖެހުނުގޮތަށް އެއް ތަން ކުރަން އަހަރެންނަކަށް ނޭނގުނެވެ. ކުރިންވެސް ބުނިހެން ނުކުޅެދެނީއެވެ. އެންމެ ސަބަބަކާއި ހެދިއެވެ.
އުމުރުން 39 އަހަރުވެފައިވާއިރު އަދިވެސް އަހަރެންނަށް އަހަރެންގެ އާއިލާ ނެތްކަމުގެ އިހްސާސްވެއެވެ. އެ ދުވަހެއް ފާއިތުވިތާ 20 އަހަރުވެފައިވާއިރު އަދިވެސް އެ އާއިލާގެ ލޮތްބާއި އަޅާލުމަށް އެދެވެއެވެ. އަދިވެސް އަހަރެންގެ ދެލޮލަށް އެބަޔަކާއި އެކު އުޅުނު އުފާވެރި ދުވަސްތަށް ސިފަވެގެން ދިޔައެވެ. އެމީހުންގެ ހަނދާނުގައި ދެލޮލުން ކަރުނަ ނުހިލޭ ދުވަހެއް ނުދާނެއެވެ. ގައިމުވެސް އެ ދުވަހު އެގޮތަށް ނުވިނަމަ މިއަދު އަހަރެން އުޅޭނީ ކިހާ އުފަލުގައި ހެއްޔެވެ؟
އަހަރެންވެސް އުޅެމުން އައީ ވަރަށް އުފާވެރިކޮށެވެ. އެހެން އަންހެންކުދިންނެކޭ އެއްފަދައިން އެތަކެއް ހުވަފެންތެއް ދެކުނީމެވެ. ފުރިހަމަ ކުރަން އެތަކެއް އުއްމީދުތަކެއް އާލާކުރީމެވެ. އާއިލާގެ ފުރިހަމަ ލޮތްބާއި އެއްބާރުލުން އަބަދުވެސް އަހަރެންނަށް ލިބެމުންދިޔައެވެ. 11 12 ނިންމުމަށްފަހު އަހަރެންގެ ކޯސް ފެށެން 4 ވަރަކަށް މަސް އޮއްވައެވެ. ރައްޓެހި ކުދިންތަކަކާއި އެކު ކާން ގޮސް އެނބުރި ގެޔަށް އައި މަގުމަތި ހޭދަވި ވަގުތުކޮޅު ވެގެން ދިޔައީ ހަނދާނުގައި ނެތަސް އަހަރެންގެ މުޅި ދުނިޔެ ސުންނާފަތިކޮށްލި ވަގުތުކޮޅުކަން އަހަރެންނަށް ޔަޤީނެވެ. އަހަރެން އެކަނި ހިނގާފާ އަންނަނިކޮށް ފަހަތުން އައިސް މީހަކު އަހަރެންގެ އަނގަމަތީ އެއްޗެއް އަޅާލުމުން އަހަރެން އެ ބާރުގަދަ އަތުގައި ހިފައިފާ ކޮށްޕާލީމެވެ. އެވަގުތު އެ ނުބައި ސޫރަ އަހަރެންގެ ފެނި ގައިން ހީބިހި ނަގައިގަތެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އާތިފް އެވެ.
އަހަރެން ވަރަށް ކުޑައިރުންސުރެ އަހަރެންގެ ފަހަތުން އަޅައިގެން އުޅޭ އަހަރެންނަށްވުރެ 3 އަހަރު ބޮޑު ފިރިހެނެކެވެ. ގަތް ބިރުން އަހަރެން ދެފަޔަށް ބާރު ލާފައި ދުއްވައިގަންނަން އުޅުނެއްކަމަކު އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ. ދެވަނަ ފަހަރުވެސް އޭނާ އަތުގައި އޮތް ރުމަލެއް ފާޑު އެއްޗެއް އަހަރެންގެ މޫނުގައި ޖެއްސިއެވެ. އެއަށްފަހު ވީ ގޮތް އަހަރެންގެ ހަނދާނަކަށް ނައެވެ.
އަހަރެންނަށް ހޭލެވުނުއިރު އޮތީ އަހަރެންގެ ކޮޓަރީގައެވެ. އެނދު ވަށާލައިގެން އާއިލާ އެންމެން ކަންބޮޑުވެފައި ތިބިއިރު އަހަރެންނަށް ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ. އަހަރެން ބޮލުގައި ހިފަހައްޓާލާފައި ތެދުވެލީމެވެ. “ސަނާ… ކިހިނެއްވި ދަރިފުޅާ؟؟” މަންމަ ހާސްވެފައި އެހެން އެހިއެވެ. އަހަރެންނަށް ވީ އެއްވެސް ކަމެއް ހަނދާން ނެތްއިރު ހަނދާނުގައި ހުރީވެސް އެ ބިރުވެރި ސޫރައެވެ. “އަހަރެންނަށް… ކިހިނެއްވީ؟؟” އަހަރެން ސުވާލުކުރީމެވެ. “ނޭނގެ ފެނުނީ ގޭ ކައިރި ވެއްޓިފައި އޮއްވާ ދަރިފުޅު….” މަންމަ ބުނެލިއެވެ. އަހަރެން އިތުރަށް އެއްޗެއް ހަނދާންވޭތޯ ބެލިނަމަވެސް ނުވިއެވެ.
ދުވަސްތަށް ފާއިތުވެގެން ދިޔައީ އެގޮތަށެވެ. 2 މަސް ހޭދަވެގެން ދިޔައިރު އަހަރެންނަށް ތަފާތު އެތަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ހިކި އިލޮށްޓެއްހެން ހުންނަ ހަށިގަނޑުގައި މަސްޖަހަން ފެށީ މީހުންނަށްވެސް އެކަން ފާހަގަވާ ވަރަށެވެ. އަބަދު ގައިން ވަރުދޫވެފައި ހުންނައިރު ހޮޑުވެސް ލެވެއެވެ. އަހަރެންނަށް ކަމެއް ގޯސްވެއްޖެކަން އެނގުނީ ދެމަސްދުވަސް ވެގެން ދިޔައިރުވެސް މައްސަރުގެ ކަންތަކާއި ލައި ނުގަތުމުންނެވެ. އަހަރެން މަންމަ އާއި އެވާހަކަ ހިއްސާކުރުމާއި އެކު މަންމަ ވަގުތުން ޓެސްޓް ހަދަން ބޭނުންވިއެވެ. ކަމެއް ގޯސްވީކަން މަންމައަށް އެރޭވެސް އެނގުނޭ ބުންޏެވެ. އަހަރެން ވަރަށް ބޮޑަށް ބިރުގަތެވެ. އަހަރެން ބަނޑުބޮޑުވެއްޖެ ނަމަ އޭގެ މާނައަކީ އެރޭ އެ އަތީފް އަހަރެންނަށް ކަމެއް ކުރީކަމެވެ.
ކިޓެއްގެ އެހީގައި ލިބުނު ނަތީޖާ އެނގުމާއި އެކު ދެދުނިޔެ އެނބުރުނު ފަދައެވެ. އަހަރެންނަށް އަޑުން އަޑުނަގާ ރޯންފެށުނެވެ. އަހަރެންނަށް މިހެން މިވާން ޖެހުނީ ކީއްވެހެއްޔެވެ؟ “ދަރި ވައްޓާލަން އުޅޭ…!” މަންމަ ބައްޕަ ކައިރި އެހެން ބުނި އަޑު އަހަރެންނަށް އިވުމާއި އެކު ބޭއިހްތިޔާރުގައި ބަނޑުގައި އަތް އަޅާލެވުނެވެ. ކޮންމެ މީހަކު އަހަރެންނަށް ކިތަންމެ ނުބައިކޮށް ހިތިޔަސް މި ދަރިފުޅުގެ ކުށަކީ ކޮބައިބާއެވެ. މިއީވެސް ދުނިޔޭގައި ހުރިއްޔާ އަހަރެން ފަދައިން ބޮޑުވާނެ ކުއްޖެއްކަން ގައިމެވެ. އެފަދަ އަނިޔާއެއް ދޭން ވާނެބާއެވެ. “ސަނާ ބުނެބަލަ ތިކަން ކުރި މީހެއް.. ހަނދާން އެބަހުރިތަ؟؟” ދޮންބެ އަހަރެންގެ ގައިގާ ހިފާ ތަޅުވާލަމުން އެހިއެވެ.
“އާތިފް…” އަހަރެން މަޑުމަޑުން ބުނީމެވެ. އެންމެންގެ މޫނުމަތިން ހާސްކަން ފެނުނުއިރު އަހަރެންގެ މޭވެސް ބޮޑުވިއެވެ. “ސަނީމް ހަމަޖެހޭ.. ރުޅިއަސްގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ފުރަތަމަ މިކަން ވަރަށް ރީއްޗަށް ބަލަން ހިނގާ… އެގެޔަށް ދަމާ…” ބައްޕަ ބޭނުންވީ މިކަމުގެ ހަޤީޤަތް ފުރަތަމަ އެނގޭށެވެ. އެފަދަ ގޮތަކަށް މީހެއްގެ ބޮލަށް މިކަން ޖަހާ ބޭޒާރު ވުމަށްވުރެ ރަނގަޅުވާނޭ ބައްޕަ ބުނިނަމަވެސް އެރޭ އެ ކުރިކަމެއް ކުރީ އާތިފް ކަން އަހަރެންނަށް ޔަޤީނެވެ.
ދޮންބެއާއި ބައްޕަ އަހަރެން ގޮވައިގެން އާތިފް ގެ ގެޔަށް ދިޔައެވެ. އަހަރެން ހުރީ އެގޭގެ ތެރެއަށް ފިޔަވަޅެއް އަޅަންވެސް ފަސްޖެހިފައެވެ. ނަމަވެސް ހިތްހެޔޮކަމާއި އެކު އާތިފްގެ މަންމަ އަހަރެމެން އެތެރެއަށް ވެއްދިއެވެ. ބައްޕަ އާތިފް ކޮބައިތޯ އެހުމާއި އެކު އޭނާ ނިދަނީކަމަށް ބުނެ އޭނާގެ މަންމަ އާތިފް އަށް ގޮވަން ދިޔައެވެ. އަހަރެންގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. “ބައްޕައަށް އިނގެޔެއްނު އާތިފް އަހަރެމެންގެ ސަނާއާއި ހެދި އުޅޭވަރު… ސަނާ އެ ބުނީނު އާތިފް އޭ އޭނާއަށް ފެނުނީ…” ދޮންބެ އަހަރެންގެ އަތުގައި ހިފަހައްޓާފައި އެހެން ބުނެލިއެވެ. އޭރުވެސް އަހަރެންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ދެންވާނެ ގޮތެއް ނޭނގޭތީ ބިރުވެސް ގަނެއެވެ. “އެކަމް މިކަން ތަންކޮޅެއް ސުލްހަވެރިކަމާއި އެކު ނިންމިދާނެއެއްނު…. މިކަހަލަ ބޮޑެތިކަންކަމުގައި ތިގޮތަށް މާ އަވަސް އަރުވާލައިގެން އުޅެންޏާ ލިބޭ ގެއްލުން މާ ބޮޑުވާނެ..” ބައްޕަ ވިސްނައިދިނެވެ. ދޮންބެވެސް އެއްބަސްވިއެވެ. އަހަރެން އިސްޖަހާލައިގެން އިންދާ ކޮޓަރި ދޮރު ހުޅުވާލާފައި އެ ނިކުތީ އާތިފް އެވެ. ފަހަތުން އޭނާގެ މަންމަވެސް އާދެއެވެ.
އަހަރެން އިސްއޮބާލައިގެން އިނީ އެ މޫނަށް ބަލަން ބޭނުންނުވާތީއެވެ. ބައްޕަ ވަރަށް ރީއްޗަށް ވެގެން އުޅޭގޮތް ކިޔައިދިނުމާއި އެކު އާތިފް އެކަމަށް ކުރީ އިންކާރެވެ. އަދި އެރޭ މާލޭގައި ނުހުންނާނެކަމަށް ބުނެ ހެދިއެވެ. ބައްޕަ އާއި ދޮންބެ ވަރަށް ފަސޭހައިން އެވާހަކަ ގަބޫލުކުރިޔަސް އަހަރެން ނުކުރަމެވެ. އޭނާގެ މަންމަ ފަރާތުންވެސް ފެނުނީ ހައިރާންކަމެވެ. ފަހަރުގައި މަންމައަށް ކޮންމެވެސް ތެދެއް އިނގެނީ ކަންނޭނގެއެވެ. ބައްޕަ އާތިފް ކުރެން މާފަށް އެދި މިކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އާދޭސް ކުރުމުން އާތިފް އެކަމަށް އެއްބަސްވެސް ވިއެވެ. އަހަރެން ހިތާހިތުން އެ ނުބައި އިންސާނާ އަށް ބޮނޑިއެއް ދޭން ބޭނުންވިއެވެ.
އެދުވަހު އިސްޖެހިގެން ހުރެ ގެޔަށް އަނބުރާ އަހަރެމެން އައީއެވެ. އެކަކުވެސް މިކަން ފުލުހުންނަށް އަންގަން ބޭނުންނުވުމުން އަހަރެންގެ ހިތަށް ކުޅަދާނަ ނުވިއެވެ. އަހަރެންނަށް އެ ދުވަހުގެ ހަޤީޤަތް ނޭނގެއިރު މިކަން ފުލުހުންނަށް އަންގައިގެން ލިބޭނެ ވަކި ކުރިއެރުމެއް ނޯންނާނޭ ބައްޕަ ގަބޫލުކުރީ ގައިމުވެސް އަހަރެންގެ ސަބަބުން އެ ބައްޕަގެ ނަމަށް ހަޑިކަމެއް ލިބޭތީކަން އަހަރެންނަށް އިނގެއެވެ. ބައްޕަމެން ނިންމީ ބަނޑުގައި އުފެދެމުން އައި ކުޑަ ކުޑަ ފުރާނަ ނައްތާލާށެވެ. މިދުނިޔޭގެ އަލިކަން ލިބުމެއްނެތި މާތް ﷲ ގެ ހަޒްރަތަށް އެނބުރި ފޮނުވާލާށެވެ. އަހަރެން ވަރަށް ބޮޑަށް ދެރަވިއެވެ. މިކަމުގައި އެކުއްޖާގެ ކުށެއް ނެތޭ ހިތަށްއެރިއެވެ. މި އަރައިގަނެވެނީ ބޮޑު ފާފައަކަށެވެ. މިއީ ހަމަ މީހަކު މެރުމެކޭ އެއްފަދަ ކަމެކެވެ.
އަހަރެން ކޮޓަރިއަށް ދިޔުމާއި އެކު އިވުނީ ފޯނު ރިންގްވާއަޑެވެ. ގުޅަނީ ނުދަންނަ ނަމްބަރެކެވެ. އަހަރެން ފޯނު ނެގުމާއިއެކު އިވުނީ އާތިފްގެ އަޑެވެ. އޭނާ ވަރަށް ނުބައި ވައްތަރަކަށް ހޭންފެށިއެވެ. “އަހަރެންނާއި ކައިވެނި ކުރޭ…. އޭރުން ކަލޭވެސް ތި ކަމުން ސަލާމަތްވީ އަހަރެމެންގެ ދަރިވެސް އަހަރެމެންނަށް ލިބުނީ….” އާތިފް އެހެން ބުނި އަޑު އަދިވެސް އަހަރެންގެ ކަންފަތުގައި ހޮނު ގުގުރިއެއްހެން އިވެއެވެ. އާތިފް ފޯނު ކަނޑާލާފައި ފޮނުވީ ވީޑިޔޯއެކެވެ. އަހަރެން އެ ބެލިއިރު ކަމަކު ދާކަށްނެތެވެ. ގައިގާ އެއްވެސް ނިވާކަމެއް ނެތި އެއޮތީ އަހަރެންނެވެ. ދެލޯ މެރިފައިވާއިރު އަހަރެންނަށް އެ ވާނުވާ ނުވެސް އިނގޭނޭ އަހަރެންގެ ހިތަށްއެރިއެވެ. އަނެއްކާވެސް ކޯލެއް އައެވެ. އަހަރެން ފޯނު ނެގިއިރު ހިތްފަޅައިގެން ދާވަރުވެއެވެ. “އަހަރެން ކައިރިއަށް އާދޭ.. އަހަރެން ސަނާވެސް ދަރިފުޅުވެސް ބަލައިދޭނަން. މިކަން މީހަކަށް އިނގިއްޖެއްޔާ ލީކްވެގެން ދާނީ އަހަރެން ލީކް ކުރަން ބޭނުންވާ އެއްޗެއްސެއް ނޫން.” ނުބައި ވައްތަރަކަށް ހީލަމުން އާތިފް ބުނި އަޑުއިވުނެވެ. “ނޫން.. ނޫން…” އަހަރެންނަށް ރޮވެގަނެވުނީ ދެން ހަނދާނެގޮތް ހުސްވީމައެވެ. އަހަރެންގެ އުފާވެރި ދިރިއުޅުމަށް މިއައީ ކޮންފަދަ ތޫފާނެއްހެއްޔެވެ؟ 2 މަހަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށެންއުޅޭ އަހަރެންގެ ކިޔެވުމަށް ވާނީ ކީއްބާއެވެ؟ ދެކުނު ހުވަފެންތަކަށް ވާނީ ކީއްބާއެވެ؟
“އަވަސްކުރޭ…. އަހަރެންނަށް ޖަވާބުދީ..” އާތިފް ބުނެލިއެވެ. އަހަރެންނަށް ވިސްނާކަށް މާބޮޑު ވަގުތެއްވެސް ނެތެވެ. ހިތްހުރީ އަވަސްވެފައެވެ. “އާނ.. އަހަރެން އިންނާނަން…..” އަހަރެންނަށް އެހެން ބުނެވުމާއި އެކު އެކޮޅުން ފޯނު ކެނޑިއްޖެއެވެ.
ކުޑައިރުކޮޅެއްފަހުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ބައްޕައެވެ. އެބައްޕަގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައަށް ރުޅިވެރިކަމެވެ. ދުވަހަކުވެސް ބައްޕަ އެހާ ރުޅި އައިއްސާ ހުރިތަނެއް އަހަރެން ނުދެކެމެވެ. ފަހަތުން މަންމަމެން އާއިރުވެސް އެމީހުންގެ މޫނުމަތިންވެސް ފެންނަނީ ރުޅިވެރިކަމެވެ. “ހަމަ މިހާރު މިގެއިން ނިކުމޭ… އަހަރެންނަށް މިއަދަށްފަހު ސަނާ މަރުވެއްޖެ…. އަހަރެންގެ ކުރިމަތިން ދާންއުޅޭ…!!” ބައްޕަ އެހެން ބުނި އަޑު އަހަރެންނަށް އަދިވެސް އިވޭކަހަލައެވެ. އަހަރެންނަށް ވާނުވާއެއްވެސް ނޭނގެއެވެ. “ކިހިނެއްވީތަ ބައްޕާ! އެންމެ ކީއްވެތަ ތިހެން ތިތިބީ؟؟ އަހަރެންނަށް ކީއްކުރެވުނީތަ؟؟؟” އަހަރެން ރޮމުން ރޮމުން އެހީމެވެ.
“ކަލޭ ފާޑު ފާޑުގެ ފިރިހެނުން ކައިރިއަށް ވަދެ ބުއި ބޮނޑިއެއްނު މީ… އަހަރެންނަށް އޭރުވެސް އިނގުނޭ މިއީ ކަލޭ ކުރިކަމެއްކަން… ނިކުމޭ މިގެއިން އަދި އާތިފް އޭ ބުނެއްޖެއެއްނު.. މިގެއިން ހަމަ މިހާރު ނިކުމޭ…” ބައްޕަގެ އަޑު މުޅި ކޮޓަރީގައި ގުގުމާލިއިރު އަހަރެންނަށް ހަމަ ހުރެވުނީ އެ ބައްޕަގެ ރުޅިވެރި މޫނަށް ބަލަހައްޓައިގެންނެވެ. އަހަރެން ގުޑައި ނުލާ ހުރުމުން ބައްޕަ އަހަރެންގެ އަތުގައި ހިފަހައްޓާފާ ދަމާ ކޫއްތަމުން ގެއިން ނެރެލިއިރު ފަހަތުގައި ތިބި މަންމައާއި ލޯބިވާ ދެބޭބެ އެކަމަށް ހުރަސްވެސް ނާޅައެވެ. އަހަރެންގެ ދެލޮލުން ކަރުނަ އައީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ.
“ތިހާ ވިޔާ ނުދާވެގެން އެހެން މީހުންގެ ބޮލަށް އަމިއްލައަށް ކުރި ނުބައި އަމަލުގެ އިލްޒާމް އަޅުވަން ކެރުނުއިރު މި ބައްޕަ އަށް ލިބޭނެ ހުތުރުނަމަކާއި ގަންނާނެ ލަދަކާއި މެދު ވިސްނާލިންތަ؟؟؟ މިއަދަށްފަހު ސަނާ ކިޔާ ކުއްޖެއް އަހަރެންގެއެއް ނުހުންނާނެ….” ބައްޕަ އެހެން ބުނެފައި އެތެރެއަށް ވަނެވެ. އަހަރެން އަޑުން އަޑުނަގާ ރޯން ބޭނުންވިޔަސް އިނދެވުނީ ކުރާނެކަމެއް ނޭނގިފައެވެ. ހިނދުކޮޅެއްގެ ތެރޭގައި ވީރާނާވެގެން އެ ދިޔައީ އަހަރެންގެ ދިރިއުޅުމެވެ. އަހަރެންގެ އާއިލާ އަހަރެން ދުރުކޮށްލީއެވެ. “މަންމާ! އެއްފަހަރު ބުނެބަލަ ކީއްތަވީ…” އަހަރެން މަންމަ ކައިރި އަހާލީމެވެ. “ކަލޭ ތިގަނޑު ގަތް ފިރިހެނެއް ކައިރިއަށް ވަންނަން ދޭ… މިގެޔަކުން ކަލެއަކަށް ޖާގައެއް ނޯންނާނެ…” މަންމަ އެހެން ބުނެފައި ދޮރު ޖެހިއެވެ. ލެއްޕިގެން ދިޔަ ބޮޑު ދޮރާއި ދިމާލަށް އަހަރެންނަށް ބަލަންހުރެވުނެވެ. އަހަރެންގެ ކުށަކީ ކޮބާބާއެވެ؟
އަހަރެންނަށް ފަސް އެނބުރި ބަލާލެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތް އަޅާލުމުންނެވެ. ފަސް އެނބުރި ބަލާލިއިރު ފެނުނީ އެ ނުބައި ސޫރައެވެ. މި ހުރިހާ ކަމެއް ހިނގުމުގެ މައިގަނޑު ސަބަބެވެ. އަހަރެން އެ މޫނުގައި ހިފާ ނޮޅާލާ ހިތްވި ނަމަވެސް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. “ހިނގާ އަހަރެންނާއި އެކު ދާން.. އަހަރެން ނޫން އިތުރު މީހެއް ސަނާގެއެއް ނެތް.. އަދި ތި ދަރިއަށް ބަލާލާނެ މީހެއް ނުހުންނާނެ… އަނެއްކާ އެ ވީޑިޔޯ……” އޭނާ ބުންޏެވެ. އަހަރެން ބަނޑުގައި އަތް އަޅާލީމެވެ. އަދި އޭނާގެ އަތް ފޮޅާލާފައި ތެދުވީމެވެ. މި ދަރިފުޅަށް އަނިޔައެއް ދޭކަށް ނޭދެމެވެ. އެފަދައިން އަހަރެންގެ އޮތް ކުޑަ އިއްޒަތާއި ގަދަރުވެސް މި މާލެތެރޭ ހިފަހައްޓަން ބޭނުންވެއެވެ. އެ ވީޑިއޯގެ ސަބަބުން ބައްޕައާއި މަންމައަށް ލިބޭނީ އިތުރު ވޭންކަން އަހަރެންނަށް އިނގެއެވެ. އޭނާ އަހަރެން ގޮވައިގެން ސައިކަލަށް އެރިއެވެ. ސައިކަލު ނައްޓާލުމުގެ ކުރިން އަހަރެން އަހަރެން ގެ އުމުރުގެ ބޮޑު ބައި ހޭދަކުރި ގެޔަށް ބަލައިލީމެވެ. މިއީ ފަހުފަހަރޭވެސް ހިތަށް އެރިއެވެ.
………….
އެގެޔަށް ވަތް އިރު އޭނާގެ މަންމަ ސޯފާގައި އިށީނދެއިނެވެ. އިނީ މޫނު ފޮރުވާލައިގެން ނަމަވެސް މަންމަ ރޮނީކަން އަހަރެންނަށް އެނގި ސުވާލުއުފެދުނެވެ. “ޑްރާމާތަކެއް ކުޅޭނެކަމެއް ނެތް! ތެދުވެގެން ސަނާއަށް ކާން ހަދަންދޭ.. މީ މިހާރު އަހަރެން ވާން އުޅޭ އަންހެނުން…” ނިކަން ބާރަށް އާތިފް އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. މަންމަ ވަގުތުން މޫނުމަތިން ދެއަތް ނަގާފައި އަހަރެންނާއި ދިމާ ބަލައިލިއެވެ. ދިން ރީތި ހިނިތުންވުމުން ކަމެއް ވީ ހެންވެސް ހީނުވެއެވެ. “އާދޭ ކާން..!” މަންމަ އެހެން ބުނެފައި ހިނގައިގަތެވެ. އަހަރެން މަންމަ ފަހަތުން ހިނގައިގަތީމެވެ. އިތުރު ވާހަކަތަކެއް ނުދައްކާ މަންމަ ވަރަށް ރީއްޗަށް އަހަރެންނަށް ކާން ހަދައިދިނެވެ. “ވާހަކައެއް ބުނަންތަ؟؟” މަންމަ އަހަރެން ކައިރި އެހިއެވެ. ދެމީހުންވެސް ހީވަނީ މަޖުބޫރުވެފައި ތިބިހެންނެވެ.
“އަސްލުވެސް އާތިފް ސަނާއަށް…………” މަންމަ ފުރިހަމަ ކުރަން ނޫޅުނަސް ބުނަން އުޅުނު އެތި އަހަރެންނަށް އެނގުނެވެ. ކަރުނުން ދެލޯ ފުރިގެން ދިޔައީ އަމިއްލަ ހާލާއި މެދު ވިސްނާލާފައެވެ. އުމުރުން އެންމެ 19 އަހަރު ވީއިރު އަހަރެން މީނީ ބަލިވެއެވެ. އާއިލާ އަހަރެން ނެރެއެއްލާލިއިރު އަހަރެންނަށް މި ހާލު ޖެއްސި މީހާނޫން މީހެއް ކައިރިއަށް އެހީއަކަށް އެދި ނާދެވުނެވެ. އަހަރެން މަންމައަށް ޖަވާބުދިނުމުގެ ގޮތުން ބޯ ޖަހާލީމެވެ. “ކީއްވެ އޭނާ ކައިރިއަށް ތިއައީ؟؟؟ އޭނާ ކުރި ކުށުގެ އަދަބު ލިބެން ޖެހޭނެ… މަންމަ އެހީވާނަން…” މަންމަ އަހަރެންގެ އަތުގައި ހިފަހައްޓާފައި ބުނެލިއެވެ. އަހަރެން އިންކާރު ކުރީމެވެ. އެހެނީ އަހަރެންނަށް މިހާލު ޖެއްސި މީހާ ނޫން އިތުރު މީހެއް އަހަރެންގެ މިދުނިޔެއަކު ނެތެވެ. ދަރިފުޅަށް ގޯނާއެއް ނުދީ މި ދުނިޔެއަށް ގެންނަން ބޭނުންވާއިރު އެ ދަރިފުޅަށް ހަރަދުކުރާނެ މީހެއްވެސް ހުންނަން ޖެހޭނެއެވެ. އަހަރެން ވަރަށް ރީއްޗަށް މަންމައަށް އަހަރެންގެ ހާލަތު ކިޔައިދިނުމާއި އެކު އޭނާ ރޮއެގަތެވެ. އަދި އަހަރެންގެ ބައްޕަމެންނަށް އެކަހަލަ ނުބައި ހަބަރެއް ފަތުރައިގެން ގުޅުން ކަނޑުވާލާނީ އާތިފް ނޫން އިތުރު މީހެއް ނޫންކަމަށް ބުންޏެވެ. އެތަކެއް ފަހަރު އެމަންމަ އަހަރެން ކައިރިން މާފަށް އެދުނެވެ. ނަމަވެސް ކުށްކުރީ އެ މަންމައެއް ނޫނެވެ. އާތިފެއްވެސް ނޫނެވެ. ފަހަރުގައި ކުށްކުރީ އަހަރެންނެވެ. އަހަރެން އަންހެންކުއްޖަކަށް ވީމައެވެ. އެހާ ހިތްބަލިވީމައެވެ.
ދުވަސްތަށް ފާއިތުވެގެން ގޮސް ކުޑަ ގޮތަކަށް އަހަރެންގެ ކައިވެނި ކުރެވިގެން ދިޔައެވެ. ބައްޕަގެ ވަލީއަކާއި ނުލާ ކައިވެނި ކުރެވުނުއިރު މި ދުވަހަށް އަހަރެން އައީ ވަރަށް ހުވަފެންތަކެއް ބަލަމުންނެވެ. ކައިވެނިކުރާ ދުވަހަކީ ކޮންމެ އަންހެންކުއްޖެއްވެސް ދެކެން ބޭނުންވާނެ ދުވަހެއް ނޫންހެއްޔެވެ؟ ނަމަވެސް ކަންތަށް މިހެން ވެގެން ދާނެކަމަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރުވަމެވެ. އާތިފް ގެ ނުބައިކަން އެނގިގެން ދިޔައީ އެހިސާބުންނެވެ. އޭނާ އޭނާގެ މަންމައަށް ހަދަނީ ހަދާނެ ގޮތެކެވެ. އަހަރެން ބަލިވެ އިންއިރުވެސް އަނިޔާ ކޮށް ހެދިއެވެ. އޭނާ އެހެން އަންހެނުން ގެޔަށް ގެނެސްވެސް ހަދައެވެ. އަހަރެންނާއި އިނދެ އަހަރެންނަށް މިހާލު ދެން ޖެއްސީ ކީއްވެބާއޭ އަހަރެން ހިތަށްއަރައެވެ.
އޭނާ އަހަރެން ދޫކޮށްލަން ބޭނުމޭ ބުނުމާއި އެކު އަހަރެންގެ ދެދުނިޔެ އެނބުރުނު ކަހަލައެވެ. އޭރު ބަނޑަށް 8 މަހެވެ. އަހަރެން ގެ އިތުރު މީހެއް ނެތްކަމުން އާތިފް ގެ އެހީއަށް އެދި ސަލާން ޖަހަންޖެހުނެވެ. އެންމެފަހުން ނުވެގެން އޭނާ މަންމައާއި ވެގެން އަތިފް އަށް ބިރު ދެއްކީމެވެ. އަހަރެން ވަރިކޮށްފިނަމަ އަދި ހަރަދުނުކުރާނަމަ އޭނާ ޖަލަށްލުމަށެވެ. އޭނާގެ ތެދު ފަޅާ އަރުވާލުމަށެވެ. ކަންވީވެސް އަހަރެމެން ބޭނުންވިގޮތަށެވެ. އާތިފް އެކަމަށް އެއްބަސްވިނަމަވެސް އުޅެނީ އުޅޭނެ ގޮތަކަށެވެ. އަނިޔާވެސް ކުރަނީ އިންތިހާއަށެވެ. އަހަރެން ގެ ހިތްވަރަކަށް އެވަގުތު ވެގެން ދިޔައީ ބަނޑުގައި އިރު އިރުކޮޅާ ކޮށްޓާލާ އަހަރެންގެ ލޯބިވާ ދަރިފުޅެވެ.
ވިހައިގެން އުޅުނުއިރުވެސް އާތިފްގެ މާ ބޮޑު އޯގާތެރިކަމެއް ނުލިބެއެވެ. އަހަރެން ފަރުވާލެއް ނުކުރަމެވެ. އަހަރެންގެ ދަރިފުޅަށް ބޯ ހިޔާވަހިކަން ލިބުމުން އެ ނިމުނީއެވެ. ނަމަވެސް އެ އަނިޔާތަކަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
………………….
ދުވަސްތަށް މަސްތަކަށް އަދި މަސްތަށް އަހަރުތަކަށް ވެގެން ދިޔައީ އެސްފިޔަޖަހާލާހާ އަވަހަށޭ ހީވިނަމަވެސް ކޮންމެ ދުވަހެއްވެސް ވެގެން ދިޔައީ އަހަރެންގެ ހަޔާތަށް އިތުރުވި ދިގު ދުވަހަކަށެވެ. އިރު އަރާއިރަށް އިންތިޒާރު ކުރެވެނީ އޮއްސޭތޯއެވެ. އެ އަނިޔާތަކާއި އެކު ދުވަސްތަށް ގޮސް އެކަމަށް ހޭނުނުއިރު 20 އަހަރު ވެގެން ގޮއްސިއެވެ.
ލޯބިވާ ދަރިފުޅު ނާއިޝާގެ އުމުރުން މިހާރު 20 އަހަރެވެ. އޭނާ އުޅެމުން އައީ ވަރަށް އުފަލުގައެވެ. އަހަރެން އެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވަމެވެ. އެނާ އުޅެމުން އައީ އަހަރެން އުޅެން ބޭނުންވި ދިރިއުޅުމެއްގައެވެ. އެންމެ އޭނާ ބޭނުންވި ދާއިރާއިން ކޯސް ހަދަމުން ދިޔައިރު އޭނާ އަށް ހަރަދު ކުރަނީ އާތިފްއެވެ. ކޮންމެދުވަހަކު އޭނާގެ ތުންފަތް މަތިން އެ ފެންނަނީ އޭނާ ހިތްހަމަޖެހިފައިވާ ކަމެވެ. އެ ހިނިތުންވުމުން އަހަރެންގެ ހިތް ފުރިގެންދެއެވެ. ނަމަވެސް….. ނާއިޝާ އަހަރެންދެކެ އަންނަނީ ރުޅިއެވެ. ސަބަބެއް އަހަރެންނަކަށްވެސް ނޭނގެއެވެ. ނަމަވެސް އަހަރެންނާއި އަނގައިންވެސް ބުނެނުލާނެއެވެ. އަހަރެންނާއި ދިމާލަށް ބަލައިނުލާތާނގާއި އަހަރެން ކައިރިވެސް އޭނާ އާއި ވާހަކަ ދައްކައިގެން ނުވާނޭ ވަނީ ބުނެފައެވެ. އަހަރެންނަށް އެގޮތްވެސް ރަނގަޅެވެ. ކޮންމެދުވަހަކު އެ ދަރިފުޅުގެ މޫނުމަތިން ފެންނަ ހަމަޖެހުމަށްޓަކައި އެތަކެއް ގުރުބާނީތަކެއް އޭރުވެސް އަދި މިހާރުވެސް މިވަނީއެވެ. އެވަރު ކަމެއް ކޮށްލެވިދާނެނޫންހެއްޔެވެ؟
ކޮންމެޔަކަސް ބަރާބަރަށް އޭނާގެ ކަންތަށް އަހަރެން ކޮށްދެމެވެ. އާތިފްގެ މަންމަ އެތަކެއް ފަހަރު އަހަރެންނަށް ހަނދާންކޮށްދިނެވެ. އަހަރެންގެ މަޑުމައިތިރިކަމުގެ ނަތީޖާ މިއަދު ފެންނަނީއޭ ބުނަންފެށިއެވެ. އަހަރެން ޖަވާބުވެސް ދެމެވެ. އޭރު އަޑުއުފުލިނަމަ މިއަދު ނާއިޝާގެ މޫނުމަތިން ފެންނަ ހިނިތުންވުމެއް ނުފެންނާނޭ ބުނަމެވެ. އާތިފް އަކީ އަދިވެސް އަހަރެންގެ ފިރިމީހާއެވެ. ދެމީހުން ދެމެދުގައި ގުޅުމެއް ނޯންނައިރު އަހަރެން ނިދަނީވެސް އާތިފް ގެ މަންމައާއި އެކުގައެވެ. އަހަރެންގެ ހާލާއި މެދު ވިސްނާލާނެ މީހެއް ނެތެވެ. އަހަރެން އުޅޭ ނޫޅޭގޮތް ބަލާނެ މީހަކު ނެތެވެ. ކޮންމެއަކަސް ދުވަސްތަށް މިދަނީ ވިއްޔާއެވެ.
އަހަރެން އެންމެ ދެރަވަނީ ލޯބިވާ ދަރިފުޅު އަހަރެންނާއި ދިމާ ރުހުމުގެ ލޮލުންވެސް ބަލައިނުލާތީއެވެ. އެކުވެރިން ގެޔަށް ގެންނައިރު އަހަރެން ކައިރި ނުނިކުންނަން ވަނީ ބުނެފައެވެ. މޫނުމަތީގަޔާއި ހަށިގަނޑުގެ އެތަން މިތަނުން ފާޅުވާން އެ ހުންނަ ލަކުނުތަކުގެ ސަބަބުން އޭނާ ލަދުގަނެޔޭ ބުނެހަދައެވެ. އަހަރެން ޖަހަނީ ވަރަށް ހުތުރު މީހެއްގެ ވައްތަރޭ ވެސް އޭނާ ބުންޏެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެހެނީ އެއިން ކޮންމެ ލަކުނެއް ރަމްޒުކޮށްދެނީ އެ ދަރިފުޅަށްޓަކައި އަހަރެންވެދިން ބޮޑު ގުރުބާނީއެވެ. އަހަރެން މިކަން ސިއްރު ކޮށް އަހަރެންނަށް އިންސާފެއް ނުހޯދީ އެ ދަރިފުޅަށްޓަކައެވެ. ބޮޑުވާއިރު އަހަރެންނަށް އެ ދަރިފުޅުގެ އެހީލިބޭނެކަމަށެވެ. ނަމަވެސް ކަންވީ އެހެނެއްނޫނެވެ. ނާއިޝާގެ ފަރާތުން އަހަރެންނަށް ލިބުނީ ހުސް ރުޅިވެރިކަމެވެ. އޭނާގެ ނަފްރަތެވެ. އާތިފް ކަންތަށް ކުރާ ގޮތް ނާއިޝާ އަށް ވަރަށް ރަނގަޅަށް އިނގެއެވެ. އެންމެ ކުޑައިރުންސުރެ އޭނާއަށް އެ މަންޒަރުތަށް އައީ ފެންނަމުން ވިއްޔާއެވެ.
އޭރުވެސް އާތިފް ގެ މަންމަ އަހަރެން ކައިރި އެގޮތަށް ނޫޅުމަށް ބުނެހެދިއެވެ. ނާއިޝާ އަށް އަސަރުކުރާނޭ ބުނެހެދިއެވެ. އަދި ފުލުހުންނަށް އަންގަންވެސް ބުނެހެދިއެވެ. ނަމަވެސް އަހަރެން އެކަން ނުކުރީ ނާއިޝާއަށް ޓަކައެވެ. އޭނާ އަށް އުފާވެރި މުސްތަގުބަލެއް ލިބުމަށްޓަކައެވެ. އާތިފް ހަރަދުނުކުރާނަމަ އަހަރެމެން ތިބެން ޖެހޭނީ ބަނޑަށެވެ. އަހަރެންނަކީވެސް މާ ބޮޑޫ ކިޔެވުމެއް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. މަސައްކަތް ކުރަންފެށިޔަސް ލިބޭ ލާރިން ދެކޮޅު ނުޖެއްސޭނެކަން އިނގެއެވެ.
އެވަގުތު ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. އާތިފް ކޮންމެ ގޮތެއް ހެދިޔަސް ކެތްތެރިވުމެވެ. ދަރިފުޅަށްޓަކައެވެ. މިއަދުވެސް އަހަރެން މަޑުން މިހުންނަނީ އެ ދަރިފުޅަށްޓަކައެވެ. އަހަރެންގެ ހިތުގައި އުފެދެނީ އެންމެ ސުވާލެކެވެ. އަހަރެން ނާއިޝާއަށް ގޯސްވީ ކީއްވަކަމާއި މެދުގައެވެ. އަހަރެން ކުރީ ކީއްކަމާއި މެދުގައެވެ. އަހަރެން އެ ދަރިފުޅަށްޓަކައި ނުކޮށްދޭ ކަމެއް ނޯންނާއެވެ. ނުވާ ޤުރުބާނީއެއް ނޯންނާއެވެ. އެ ދަރިފުޅު މި ދުނިޔެއަށް ގެނައުމަށްޓަކައި އަހަރެން އެންމެ ނަފްރަތު ކުރާ މީހާއާއި ވެސް އިންނަން ޖެހުނީއެވެ. އެންމެ ލޯބިވާ މީހުންނާއި ވަކިވާން ޖެހުނީއެވެ. ނަމަވެސް މިއަދު އެ ދަރިފުޅު ފަރާތުން މި ފެންނަ ރުޅިވެރިކަން އަހަރެންނަށް ހައްޤު ހެއްޔެވެ؟
……
އަހަރެން އެނބުރި ގެޔަށް ދިޔައިރު އާތިފް އަހަރެންގެ އިންތިޒާރުގައި އިނެވެ. އޭނާ އިންގޮތުންވެސް އިނީ ރުޅިއައިއްސާކަން އަހަރެންނަށް އިނގުނެވެ. “ބުނަމެއްނު ބޭރަށް ނުދާން ކިތަށްފަހަރު ބުނީމަތަ އަޑުއިވޭނީ ތި ކަންފަތްގަނޑަށް؟؟؟” އާތިފް ގެ އަޑު މުޅި ގޭގައި ހިފައިލިއެވެ. އަހަރެން އެ ހުރިތާ ހުރީ އޭނާ ކިޔާ އެއްޗެއް ކިޔާ ނިމެންދެންނެވެ. “ކަލޭ ގައިގައި ތި ހުންނަ ލަކުނުތަކާއި މޫނުމަތިން ފެންނަ ލަކުނުތަކުން މީހުންގެ ސުވާލު އަމާޒު ވަނީ އަހަރެންނަށް.. އަހަރެން ދޭނީ ކޮން ޖަވާބެއް؟ މީހުން ބުނާނެ ދޯ އަހަރެން އަނބިމީހާއަށް ހާނިކަ ކުރަނީއޭ…” އާތިފް ބުނެލިއެވެ. “އެއީ ދޮގެއް ނޫނެއްނު އާތިފް…” އަހަރެން ޖަވާބުދާރީވެފައި ހިނގައިގަތީމެވެ. މިއަދު އެ ފެންނަ އާތިފް ދެކެ އަހަރެން ބިރެއް ނުގަނެއެވެ. “ކީކޭ….؟؟؟” އާތިފް ކުއްލިއަކަށް އެހެން ބުނެފައި އަހަރެންނާއި ދިމާލަށް އައީ ހަލުވި ހިނގުމެއްގައެވެ. “އެއީ ދޮގެއް ނޫނެއްނޫންހޭ…. އަހަރެން ގައިގާ މިހުރި ކޮންމެ ލަކުނަކީ ތި އާތިފް ގެ ސަބަބުން ލީ ލަކުނެއްނު.. ހަނދާންވޭތަ… އަހަރެން ކޯ ފިއްސާލި ދުވަސް.. މީނީ އެތަން އަދިވެސް…. ހަނދާންވޭތަ އަހަރެން ފާރުގައި ޖައްސާފައި ބޯ ފަޅާލި ދުވަސް.. މިހިރީ އެތަން…. ހަނދާންވޭތަ އަހަރެންގެ ގައިގާ ތަށްޓަކުން ޖެހި ހަނދާން.. މިހިރީ އެލަކުނު.. އާތިފް މިހުރީ ބަލާބަލަ…” އަހަރެން އާތިފް ގެ އަތް ގަދަކަމުން އަހަރެންގެ މޫނުގައި ޖެއްސުވީމެވެ. ކަނާއަތު ކޯތާފަތުގެ ބޮޑު ބައި ވަނީ ފިހިފައެވެ.. ނިތްކުރިމަތިންނާއި ދަތްދޮޅީގައި ލަކުނު ލާފާހުރިއިރު އަހަރެން އަސްލަށްވެސް ޖަހަނީ ބިރުވެރި މީހެއްގެ ސިފައެވެ. އޭގެ އިތުރަށް ކަޅު ހެދުން ލަތީ ކުޑަކުދިންވެސް އަހަރެން ދެކެ ބިރުގަނެއެވެ.
އަހަރެންނަކީ އަބަދުވެސް އަހަރެންގެ މޫނާއި ހަށިގަނޑު ވަރަށް ރީއްޗަށް ބަލަހައްޓަމުން އައި އެހެން އަންހެނުން ފަދަ އަންހެނެކެވެ. ނަމަވެސް މިއަދު އެ ހަށިގަނޑު މިވަނީ ލަކުނުން ފުރިފައެވެ. “އަހަރެންނާއި ދިމާލަށް ތިހެން ބުނުމުގެ………………..” އާތިފް އެހެން ބުނެފައި އަހަރެންނާއި ދިމާލަށް އަތް މަޅާލިއެވެ. ނަމަވެސް އެ އަތުގައި އަހަރެން ހިފެހެއްޓީމެވެ. “ނޫން އާތިފް…. އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފި… އަހަރެންނަށް އިތުރަށް އަނިޔާ ނުކުރޭ.. އަހަރެން އާތިފް އަށް ނުކޮށްދިނީ ކޮންކަމެއް؟؟ އަހަރެންގެ މުޅި ދިރިއުޅުން އަތިފް ބަރުބާދުކޮށްލާފައި އަހަރެންނަށް ތިހެން ތި ހަދަންޖެހުނީ ކީއްވެ؟ ތިހެން ހަދަން ބޭނުންވިނަމަ ބައްޕަމެންނާއި އަހަރެން ދުރުކޮށްފައި އަހަރެންނާއި އިނުމުގެ ބޭނުމަކީ ކޮބާ…” އަހަރެން ރޮއެގަނެފައި އެހީމެވެ. “ބަދަލުހިފަން.. ކަލޭ ހަނދާން ނެތުނީތަ ކަލޭ ބޭބެ އަހަރެންނަށް ކުރިވަރު..ކަލޭ ފަހަތުން އަހަރެން އުޅުނީ ލޯބިވާތީ އެކަމް ކަލޭ ބޭބެ އަހަރެންގެ އެކުވެރިން ކުރިމަތީ އަހަރެން ގައިގާ ތަޅައިގަނެފައި އަހަރެންނަށް ކުރިވަރު އިނގޭތަ..؟ އަހަރެން ގަތް ލަދެއް އިނގޭތަ؟؟…. އަހަރެން ބޭނުންވީ ކަލެއަށް އަނިޔާ ދޭން… ކަލެއަށް ހިތްދަތިކަން ދޭން…. އަހަރެން އިތުރު އެއްޗެއް ބޭނުމެއްނުވޭ….” އާތިފް އެހެން ބުނެފައި އަހަރެން ކޮށްޕާލިއެވެ. އަދި އެތަނުން ނިކުމެގެން ދިޔައެވެ.
އަހަރެންނަށް ހުރި ތަނަށް ތިރިވެވުނެވެ. އެއީ އަހަރެންނަށް މިވީ 20 އަހަރުތެރޭ ނުލިބުނު ސުވާލެއްގެ ޖަވާބެވެ. އަހަރެންނަށް އެހާ ބޮޑު އަނިޔާއެއް އާތިފް އެ ދިނީ އެ ސަބަބާއި ހެދިހެއްޔެވެ؟ އަހަރެންގެ ދޮންބެ އަހަރެންގެ ހިމާޔަތަށްޓަކައި ކުރި ކަމަކަށްޓަކައި އަހަރެންނަށް މި ލިބުނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ކޮންމެ ބޭބެއެއްވެސް ޔަޤީނުން އެފަދަ ފިޔަވަޅެއް ނަގާނެކަން ގައިމެވެ. ނަމަވެސް އަހަރެންނަށް މިހެން ވާން ޖެހުނީ ކީއްވެހެއްޔެވެ؟ އަހަރެންނަށް މި އަނިޔާތަށް ލިބި އެކަނިވެރިވާން ޖެހުނީ ކީއްވެހެއްޔެވެ؟ އަހަރެން ލޮލުގައި އަޅައިގަތީ ބަދިގެތެރޭ ތަށްޓެއް ހިފައިގެން ހުރި ނާއިޝާއެވެ. އޭނާ ހުރީ ފާޑަކަށް ސިހިފައި އަހަރެންނާއި ދިމާ ބަލަހައްޓައިގެންނެވެ. ދެންމެ ހިނގައިދިޔަ ކަންތަށް އޭނާއަށް ފެނުނީ ކަންނޭނގެއެވެ.
އަހަރެން ވަގުތުން ކަރުނަތަށް ފޮހެލާފައި ތެދުވީމެވެ. ނާއިޝާ އަށް އަހަރެންގެ އެލިފައިވާ ހިތްވަރާއި ކޮޅުންލައިގެން ގޮސްފައިވާ ކެތްތެރިކަން ދައްކާކަށް ނޭދެމެވެ. އަހަރެން އޭނާ އާއި ދިމާލަށް ބެލުމެއް ނެތި ކޮޓަރިއަށް ވަނީމެވެ. އޭނާ އަޅައިނުލާނެކަން އެނގޭތީއެވެ. އޭނާ އަހަރެން ދެކެ ނަފްރަތު ކުރާކަން އެނގޭތީއެވެ. ތެދެކެވެ. ބިރުވެރި ސޫރައެއްގައި ހުރި މީހަކަށް މަންމަ ކިޔަން ބޭނުންވާނީ ކާކު ހެއްޔެވެ؟ ފޫހި ނުވާނީ ކާކުހެއްޔެވެ؟ ދެރައީ ނާއިޝާއަށް ހަޤީޤަތް ނޭނގޭތީއެވެ. މިއިން ކޮންމެ ލަކުނަކީ އެ ދަރިފުޅަށްޓަކައި ކެތްތެރިވިކަމުގެ ނިޝާންތަށް ކަމުގައި ނޭނގޭތީއެވެ. މި ލަކުނުތަކަކީ އެ ދަރިފުޅުދެކެ ވާ ލޯބި ރަމްޒުކޮށްދޭ ނިޝާންތަށް ކަމުގައި ނޭނގޭތީއެވެ. މި ލަކުނު ތަކަކީ އެ ދަރިފުޅު ގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި ވީ ކެތްތެރިކަމުގެ ނިޝާންތަށް ކަމުގައި ނޭނގޭތީއެވެ.
“ސަނާ…!” އަހަރެން ސިހުނީ ފަހަތުން މަންމަ ގޮވާލުމުންނެވެ. “ތިހެން ކިތަށް ދުވަހު އުޅެން ބޭނުންތަ؟ މިހާރު ތި ހަށިގަނޑަކު ނެތޭ ތި ހުރިހާ ކަމެއް ތަހައްމަލު ކުރާނެހާ ހިތްވަރެއް…” މަންމަ އެހެން ބުނެފައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “އަހަރެން ހިތްވަރު ކުރާކަން ކެތް ތެރިވާނަން ނާއިޝާ އަހަރެން މި ޖަލުން ސަލާމަތްކޮށްދެން ދެން… އަހަރެންނަށް އިނގޭ ނާއިޝާ އަހަރެން ސަލާމަތް ކޮށްދޭނެކަން… އާތިފް ގެ ކިބައިން މުޅި އުމުރު ދުވަހަކަށް ސަލާމަތް ވެވޭނެކަން… އަދި ދެތިން އަހަރު މަންމާ… ނާއިޝާ އަށް ވަޒީފާ ލިބޭއިރަށް ބަލާތި މަންމާ! އޭނާ އަހަރެންނާއި މަންމަ މިތަނުން ގެންދާނެ… މިތަނުން ސަލާމަތް ކުރާނެ…” އަހަރެން ޔަޤީންކަމާއި އެކު ބުނެލީމެވެ. ކޮންމެއަކަސް އެ ދަރިފުޅު ތަރުބިއްޔަތުކޮށްފައި އެހުރީ އަހަރެންނެވެ. އަހަރެންގެ ތަރުބިއްޔަތަށް އަހަރެން އިތުބާރު ކުރަމެވެ. ނާއިޝާ ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން މިތަނުން ސަލާމަތް ކުރާނެއެވެ. އޭނާ އަކީ އަހަރެންގެ ދަރިއެކެވެ. ހަމައެކަނި އަހަރެންގެ ދަރިއެކެވެ.
“މަންމަ އުންމީދު ކުރަން ތިހެން ވާނެކަމަށް.. އެކަމް ނާއިޝާ އެގޮތަށް ކަން ނުކޮށްފިއްޔާ؟ އިނގެޔެއްނު ނާއިޝާ އަންނަ ރުޅި……” މަންމަ ދެރަވެލާފައި ބުންޏެވެ. “ކިތަންމެ ރުޅިއަޔަސް ނާއިޝާގެ ގައިގާ ހިނގާނީ އަހަރެންގެ ލޭ… އަހަރެންގެ ތަރުބިއްޔަތު… އޭނާ އަހަރެން ސަލާމަތް ކުރާނެ މަންމާ…..” އަހަރެން ބުނީމެވެ. މަންމަ އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އަދި އަހަރެންގެ ހިތްވަރަށް ސާބަސްދިނެވެ. “އަހަރެން ވަރަށް ހަނދާންވެ އާއިލާ މަތިން… މަންމާ! އެމީހުންނަށް ހަޤީޤަތް އިނގޭނަމަ… މިއަދު އެމީހުންނަށް އަހަރެން ފެނުނަސް ނޭނގޭނެ…” އަހަރެން އިސްޖަހާލާފައި ބުނީމެވެ. މި ވޭތިވެދިޔަ އަހަރުތަކު ތެރޭ އަހަރެން ގޭ މަގުން ކުރި ނުކަނޑާ ދުވަހެއް ނުދާނެއެވެ. ނަމަވެސް އެމީހުންގެ ވަސްވެސް އަހަރެންގެ ނޭފަތުގައި ނުޖެހެއެވެ. އެމީހުން ވީ ތަނެއްވެސް އަހަރެންނަކަށް ނޭނގެއެވެ.
…..
އަނެއްދުވަހެވެ. އާދައިގެ މަތިން އަހަރެން އުޅުނީ ނާއިޝާ ކޮލެޖުން އަންނަން ވާއިރަށް އޭނާއަށް މީރު ކާ އެއްޗެއް ހަދާލާށެވެ. އެ ދަރިފުޅު އަށް މިހުރިހާ ކަމެއް އަހަރެން ކޮށްދެނީ ވަރަށް ލޯބިންނެވެ. އަހަރެން ސިހުނީ ފަހަތުން އައި އާތިފް އަހަރެންގެ އަތުގައި ހިފައިފާ އޭނާއާއި ދިމާލަށް އަނބުރާލުމުންނެވެ. އޭނާގެ މޫނު ހީވަނީ ކުޅަނދުރު ހަތައެއްހެންނެވެ. އަހަރެން ވަރަށް ބިރުގަތީ އޭނާ އަހަރެން މަރައިލަންވެސް ފަސްނުޖެހޭނެކަން އިނގުނީމައެވެ. “އިއްޔެގެ ވަރުގަނޑު ދޯ އަހަރެންނަށް ތިބޭލީ…؟ އޭ؟ މާ ވަރުގަދަ ބާރެއް ލިބުނީތަ؟ ހަނދާން ނުނެތޭތި ތީ ނިކަމެތި އަންހެނެއް… ކަލެއަކަށް އެއްކަމެއްވެސް ނުކުރެވޭނެ…” އޭނާ އަހަރެންގެ އަތަށް ފިތާލަމުން އެހެން ބުންޏެވެ. އަހަރެންނަށް ކުރެވުނީ ކީއްބާއޭވޭ ހިތަށް އަރާފާ އެ ސުވާލުކުރުމުގެ ކުރިން އޭނާ އަހަރެން ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ. އަހަރެންނަށް މަޑުމަޑުން ހަޅޭވެސް ލަވައިގަނެވުނެވެ. ޖެހުނުގޮތަށް ހީވީ މުޅި ތަން އެނބުރުނުހެންނެވެ. “ކަލޭ އަހަރެންގެ ކޮޓަރި މުޑުދާރުކޮށްފައި އަހަރެންގެ އަންނައުނުތަށް އަންދާލީމާ ހީކުރީތަ އަހަރެން ދޫކޮށްލާނޭ.. މިފަހަރު ނުތެދުވެވޭވަރު ކޮށްލާނަން..” އާތިފް ގެ އަޑު މުޅި ބަދިގޭގައި ގުގުމާލިއެވެ. އަހަރެން ދެލޯ ބޮޑުވިއެވެ.
އަހަރެން ގައިމުވެސް އެހެންނެއް ނަހަދަމެވެ. އާތިފް ގެ ކޮޓަރިއަށް ދަނީވެސް ސާފުކުރަންވީމައެވެ. ރޭ ހަތަރު ދަމު އޭނާ ބޭރުގައި އުޅެފައި އެއައީ އަނެއްކާ އެއްޗެއް ބޮއެގެންބާއެވެ. މިގޭގައި އެކަހަލަ ކަމެއް ކުރާނެ މީހެއް ގައިމުވެސް ނުހުންނާއެވެ. “މާ ފާޑަކަށް ބަލަން އޮންނާނެކަމެއް ނެތް… ކަލޭ ކީކޭ ހިތަށް އަރައިގެން ކުރިކަމެއް އެއީ ބުނޭ…” އާތިފް އަހަރެންނާއި ދިމާލަށް ގުދުވެފައި އަހަރެންގެ އަނގަމަތީ ހިފެހެއްޓިއެވެ. އަހަރެންގެ ދެލޮލުން ކަރުނަ ފައިބައިގަތީ ތަދުވީލެއް ބޮޑުވެގެންނެވެ. އޭނާ އަހަރެން ކޮޅަށް ނަގާފައި ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ. އެތަން ފެނި އަހަރެންގެވެސް ދެލޯ ބޮޑުވެގެން ދިޔައެވެ. ބޭއިހްތިޔާރުގައި އަހަރެންނަށް އާތިފް އޭ ބުނެވުނީ މީ ކާކު ކުރިކަމެއްކަން ނޭނގުމުންނެވެ.
އަންދާލާފައި ހުރި އާތިފް ގެ އަންނައުނުތަކުން އަދިވެސް ފުދޭވަރަކަށް އަލިފާން ހުރިއިރު މުޅި ކޮޓަރިތެރެ ވަނީ ތަރުތީބު ގެއްލިފައެވެ. ހުރިހާ އެއްޗެއް އެކި ތަންތާ ހުރިއިރު މި ހުރިހާ ކަމެއް އަހަރެން ކުރީއޭ އާތިފް އެ ހިތަށް އަރައިގެން އުޅެނީއޭ އަހަރެންގެ ހިތްބުންޏެވެ. އޭނާ އަހަރެން ކޮށްޕާލީ އަންނައުނުތަކާއި ދިމާލަށެވެ. އޭނާ ބަލާކަށް ނުހުރެ އަހަރެންގެ ގަޔާއި ދިމާލަށް އެ އެއްޗެހި ބުރުވައިގަތުމާއި އެކު އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އެއްޗެއް އައެވެ.
ރޭ ހަތަރުދަމު ނުނިދި އުޅެފައި އަހަރެން ފަތިސް ނަމާދު ކޮށްގެން ކޮޓަރިން ނިކުތްއިރު ނާއިޝާ އާތިފް ގެ ކޮޓަރި ކުރިމަތީ ހުއްޓެވެ. އަހަރެން ފެނި އޭނާ އެތަނުން އަވަހަށް ދެމިގަތެވެ. މިއީ އެހެންވީމާ ނާއިޝާކުރިކަމެއްތާއެވެ. ނަމަވެސް ކީއްވެހެއްޔެވެ؟ އާތިފް އަހަރެންނަށް އެހެން ހަދާތީބާއެވެ؟ ނުވަތަ އަހަރެންނަށް އިތުރު އަނިޔާއެއް ދޭންބާއެވެ؟ އޭނާއަށް ޔަޤީނުންވެސް އާތިފް އަހަރެންނާއި ދިމާލަށް އަންނާނެކަން އެނގޭނެއެވެ. މިކަން އޭނާ އެކުރީ އަހަރެން ދެކެ ހަމަ އެހާ ނަފުރަތު ކުރާތީބާއެވެ. އަހަރެން މިދެއަތުން ބޮޑު ކުރި ދަރިފުޅު އެގޮތަށް އަހަރެން ހަދާފާނެބާއެވެ؟ އާއިލާ އާއި ދުރުގައި ފިރިއެއްގެ ލޮތްބަކާއި ނުލާ، ދަރިފުޅުގެ ބައްޕަގެ އަޅާލުމާއި ނުލާ ޝަކުވާއެއް ނެތި އެ ދަރިފުޅު ބަލާ ބޮޑު ކުރީ މިދުވަސް ދެކެންބާއެވެ. އަހަރެންދެކެ އެ ދަރިފުޅު އެހާވެސް ނަފުރަތު ކުރޭބާއެވެ.
އާތިފް އަހަރެންގެ މޫނުމަތީ އެއްޗެއް ވީއްލާލިއެވެ. އެތަކެއް ފަހަރު އަހަރެންގެ ގައިގާ ތެޅިއެވެ. ނަމަވެސް އަހަރެންގެ ސިކުނޑީގައި ދިޔައީ އެހެން ކަމެއް ހިނގަމުންނެވެ. ނާއިޝާ އަހަރެންނަށް އެހާ ބޮޑު އަނިޔާއެއް ދޭން އެ ވިސްނީ ކީއްވެބާއެވެ. ދެލޯ މެރިގެން ދިޔައީ ކީއްވެކަމެއްވެސް ނޭނގެއެވެ.
އަހަރެންނަށް ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. މެޝިންތަކުގެ އަޑު އަހަރެންގެ ކަންފަތަށް އިވެމުން ދިޔައެވެ. އަހަރެންނަށް ތަނެއް ދޮރެއް ރަނގަޅަކަށް ނުފެނެއެވެ. ތެދުވަން ބޭނުންވިޔަސް ހަކަތައެއް ނުލިބުނެވެ. މުޅި ހަށިގަނޑުގައި ވޭން އަޅައެވެ. އެތަށް އިރެއްގެ ފަހުން އަހަރެންނަށް ތަންދޮރު ސާފުވިއެވެ. އޭރު ކައިރި މަންމަ ރޯން އިނެވެ. އަހަރެންނަށް އެ މަންޒަރު ފެނި ހިތަށް ކުޅަދާނައެއް ނުވިއެވެ.
ނުރޯށޭ ބުނާކަށް ހިތްވަރެއް ނުލިބުނެވެ. އަނގަ ހުޅުވާލާނެހާ ވަރެއްވެސް ނުލިބުނެވެ. އަހަރެން މަންމަގެ އަތުގައި ހިފަހައްޓާލީމެވެ. އެއްޗެއް ބުނަން ބޭނުންވާކަން އެންގުމުން މަންމަ ނަރުހަކަށް އެކަން އެންގިއެވެ. ނަރުސް ކުއްޖާ އަހަރެންގެ އަނގަމަތީ އަޅާފައިވާ މާސްކް ނަގައިދިނެވެ. އަހަރެންގެ އަނގައިން ފުން ނޭވައެއް ނުކުތެވެ. އަތް ފައި ހަރަކާތްކޮށްލިއިރު ހީވީ ކަށިގަނޑެއް ބިންދައިގެން ދަނީހެންނެވެ.
“މަންމާ……..” އަހަރެންގެ އަނގައިން އުނދަގުލަކުން އެ ބަސްތަށް ނިކުތެވެ. މަންމަ އަހަރެންގެ އަތުގައި އޮޅުލައިގަނެފައި ރޯންފެށިއެވެ. އަހަރެން އަނެއްކާވެސް މަންމައަށް ގޮވާލުމުން އެބަ އަޑުއަހަމޭ މަންމަ ބުންޏެވެ. “މަންމަ…… ނާއި.. ނާއިޝާ އާތިފް ގެ އެއްޗެއްސަށް…. އެހެން ހެދީ…. އޭނާ އަހަރެންދެކެ… އެހާ ނަފުރަތު ކުރޭ..؟ އަހަރެންނަށް އަނިޔާދޭން؟؟ އަހަރެންގެ ދަރިފުޅު އަހަރެން… ދެކެ އެހާ ނަފުރަތު………” އަހަރެންނަށް އިތުރަށް ފުރިހަމައެއް ނުކުރެވުނެވެ. ދެލޯ ފުރި ބަންޑުންވެގެން ދިޔައިރު އަހަރެންނަށް ދިޔައީ ބާރު ބާރަށް ރޮވެމުންނެވެ. މަންމަ އިސްޖަހާލައިގެން އަހަރެންގެ އަތުގައި އޮޅުލައިގަނެގެން އިނެވެ.
އަހަރެން ގެ ނޭވަޔަށް އުނދަގޫވާންފެށީ އެހިސާބުންނެވެ. އަހަރެން މޫނު ދުރަށް އަނބުރާލި ވަގުތު ދޮރުމަތީ ހުރި ނާއިޝާ ފެނުނެވެ. އޭނާ ގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އެ ދެލޮލަށް އަހަރެން ބަލާލާފައިވެސް އިސްޖަހާލީމެވެ. އަހަރެންގެ ތަރުބިއްޔަތު އަހަރެންނަށް އެއްބާރުލުމެއް ނުދިނެވެ. އިތުބާރު އެ ދިޔައީ ވެއްޔާއި އެކީ މޮޑެވިގެންނެވެ. އަހަރެންނަށް ބޮޑު މިކުރެވުނީ އާތިފް ކަހަލަ ކުއްޖެކެވެ. ކޮންމެއަކަސް ނާއިޝާގެ ގައިގާ އަހަރެންގެ ލޭގެ އިތުރަށް ހުންނާނީ އާތިފް ގެ ލެޔެއްނޫންހެއްޔެވެ؟ އަހަރެންނަށް އޭނާއަށް އެހާ ބޮޑު އިތުބާރެއް މިކުރެވުނީ ކީއްވެހެއްޔެވެ؟
އަހަރެންނަށް ވަރަށް އުނދަގޫވާން ފެށުމުން ނަރުސް ކުއްޖާ އެކި ގޮތް ގޮތް ހަދަމުން ދިޔައެވެ. އަހަރެންގެ ދެލޮލަށް ފުސްވެގެން ދިޔައެވެ. އެއާއި އެކު ތަންދޮރު ނޭނގި ދެލޯ މެރުނެވެ. ނޭވައި ލަސްވަމުން ގޮސް އަހަރެންގެ ނޭވައި އަބަދުމެ އަބަދަށް ހުއްޓިގެންދިޔައެވެ. ދެލޯ އަބަދުމެ އަބަދަށް މެރުނެވެ. ކެތްތެރިކަން ކޮޅުން ލީއިރުވެސް އަހަރެންގެ އަނިޔާތަކަށް ކެތްކުރީ ސަލާމަތްވެވޭނެކަމުގެ އުއްމީދުގައެވެ. ސަލާމަތް ވެވޭނެކަމަށެވެ. ސަލާމަތްކަން އާއިލާ ދޭނެކަމަށެވެ. ސަލާމަތުގެ އައްސޭރިއަށް ދަރިފުޅު ގެންގޮސްދޭނެކަމަށެވެ. ނަމަވެސް މިދުނިޔެއަކީ އަނިޔާވެރި ދުނިޔެއެކެވެ. ތިބާގެ ސަލާމަތާއި ރައްކާތެރިކަން ކުރަން ޖެހޭނީ ތިބާއެވެ. ސަލާމަތްކަމުގެ އެ ކުޑަ އުއްމީދު ފުރިހަމަ ނުވެ މިހެން ނިމިގެން ދާނީ ކިތަށް ބައެއްބާއެވެ؟ މިހެން އަދި ކިތަށް ބަޔަކު އުޅޭނެބާއެވެ. އަހަރެން ނިމިދިޔައީ ނިކަމެތި ފިނޑިއެއްގެ ގޮތުގައެވެ. އެކަނިވެރިކަމުގައެވެ. މިފަދަ އިތުރު މަރެއް ވިޔަ ނުދެމާތޯއެވެ. އަނިޔާވެރިކަމަށް ކެތްތެރިނުވެ ފިޔަވަޅު ނަގަމާތޯއެވެ.
………………………………………
“މިވާހަކަ އަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ހަޤީޤީ ވާހަކައެކެވެ. މިވާހަކައިގައި ބުނާ ފަދައިން އިތުރު ސަނާއަކަށްނުވަމާތޯއެވެ. އަންހެނުންނަކީ ބާރުގަދަ ބައެއްކަން ދައްކަމާތޯއެވެ. ޝުކުރިއްޔާ….”
ބޮޑު އޯޑިއެންސެއްގެ ކުރިމަތީ ޝާއިނާ އޭނާގެ ކުރު ވާހަކަ ކިޔާ ނިންމާލިއިރު އޭނާ ގެ ދެލޮލުން ކަރުނައާދެއެވެ. އެތަށްބަޔަކު ރޮއްވާލުމަށްފަހު އޭނާ ސްޓޭޖުން ފޭބިއިރު އަދިވެސް ހަމަހިމޭންކަން އެތާ ވަށާލާފައިވެއެވެ. އަތްތަޅިބަޑިއާއި އެކު އެތަން ގުގުމައިގަތީ ޝާއިނާ އަށް އެތަކެއް އިހްތިރާމާއި ތައުރީފްތަކެއް ލިބިގެންނެވެ. އެތާ ތިބި އެތަށްބައެއްގެ ހިތްތަށް މިއަދު ޝާއިނާ ކަތިލައިފިއެވެ. ދެލޮލުން ކަރުނަ ގެނެސް ރޮއްވާލައިފިއެވެ. ނަމަވެސް އެ ހިތުގައި އަޅާ ވޭން އެއަށްވުރެ އެތަށް ގުނައެއް ވާނެކަން އޭނާ ނޫން މީހަކަށް ނޭނގޭނެއެވެ. އެ ބޮޑު ހޯލް ތެރެއިން އޭނާ ނިކުމެގެން ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. އޭނާއަށް އެތަށް ބަޔަކު ގޮވާ ހެދިނަމަވެސް އޭނާ އަޅައިއެއްނުލިއެވެ.
“ޝާއިނާ..!! ޝާއިނާ!!!!” ފަހަތުން އައި މާނިއު ޝާއިނާގެ އަތުގައި ހިފަހައްޓާފައި ދަމައިގަތެވެ. އޭރު ރަތްވެ އަރާފައިވާ އޭނާގެ ދެލޮލާއި ފައިބާފައި ހުރި ކަރުނަތަށް ފެނި ހުދު މާނިއުއަށް ވެސް ހައިރާންކަން ލިބުނެވެ. “އަހަރެން ދިޔަދީ… އަހަރެން ޖެހެޔޭ ދާން…” މާނިއު ގެ އަތުން އަތް ދަމައިގަންނަމުން ޝާއިނާ ބުނެލިއެވެ. “ތި ވާހަކައަށް އެތަށް ބަޔެއްގެ ސަމާލުކަން އައިއްސާ އޮއްވާ ދަނީ ކީއްކުރަން؟ އެތާ ތިބި ބައެއްބުނެފި މީތި ފޮތެއްގެ ގޮތުގައި ނެރެން ވެސް.. ޝާއިނާ ކުރާ ހިތްވާކަމަކުން ތި ލިބުނު ކާމިޔާބީ ފާހަގަ ނުކޮށް ދާކަށް އަހަރެން ބޭނުމެއްނޫން.. މިއީ މުޖުތަމައުއަށް ބޭނުންވާ ކަހަލަ ވާހަކައެކޭ….” މާނިއު އޭނާއަށް ނަސޭހަތްތެރިވިއެވެ. “މާނިއު ތިހުރިހާ ކަމެއް ބަލައިދޭންވީނު… އަހަރެން ދާންޖެހޭ ޕްލީސް.. މިހާރު ވަރަށް ލަސްވެއްޖެ….” ޝާއިނާ ހާސްވެފައި އެހެން ބުނީ އަތުގައި އަޅައިފައި އިން ގަޑިއަށް ނަޒަރު ހިންގާލަމުންނެވެ.
“ކޮންތާކަށް ދާން؟؟ ކީއްކުރަން؟؟” މާނިއު ސުވާލުކުރިއެވެ. “ޕްލީސް މާން…” ޝާއިނާ މާނިއު އާއި ދުރަށްހިނގައިގަތެވެ. “އެންމެ ކުޑަމިނުން ބުނެފައި ދޭބަލަ މި ކާކުގެ ވާހަކައެއް…؟؟ ހަޤީޤީ ވާހަކައެކޭ ބުނީމެއްނު” މާނިއު އެހިއެވެ. ޝާއިނާ އިސްޖަހާލިއެވެ. ޝާއިނާ ދުއްވައިގަތުމުގެ ކުރިން މާނިއުއާއި ދިމާ ބަލައިލިއެވެ. “ނަން އިދިކޮޅަށް ޖަހާލާ… އޭރުން އިނގޭނެ…” ޝާއިނާ ދުއްވައިގަންނަމުން އެހެން ބުންޏެވެ. އޭނާ ދިޔަތަނެއްވެސް ބުނެނުލާ ދިޔުމުން ހިތްހަމަނުޖެހިފައި މާނިއު އެނބުރިގަތެވެ.
“ނަން އިދިކޮޅަށް ޖަހާށޭ………” މާނިއު ވިސްނާލިއެވެ. “މީގައި އުޅެނީ ސަނާއެއް.. ނާސަ؟؟ ނޫން… ޝާއިނާ…. ނާ… ނާއިޝާ…… ނާއިޝާ… ޝާއިނާ….. ލާއިލާހައިއްލައްﷲ” މާނިއު ހައިރާންވެފައި ފަސްއެނބުރުނު އިރު ޝާއިނާ ފެންނާކަށްވެސް ނެތެވެ. އޭނާ ދެލޯ ބޮޑުވިއެވެ. އެހެންވީމާ ނާއިޝާ އަކީ ޝާއިނާތާއެވެ. ނަމަވެސް އޭނާ އެހެން ހެދީ ކީއްވެހެއްޔެވެ؟ ކޮންމެ ސިފައެއްގައި ހުއްޓަސް މަންމަ ވާނީ މަންމައަކަށް ނޫންހެއްޔެވެ؟ އުމުރުން 25 އަހަރުވެފައި ހުރި ނާއިޝާ ގެ ދިރިއުޅުމުގައި އެކަހަލަ ކަމެއް ވެފައި ވާނެކަމަކަށް މާނިއު ހިތަކަށްވެސް ނާރުވައެވެ. އެކުވެރިވިތާ 3 އަހަރުވީއިރު ޝާއިނާގެ ފަރާތުންވެސް އެކަހަލަ ވާހަކައެއް ނާހައެވެ. ޝާއިނާ އަކީ ހިތްހެޔޮ ރަނގަޅު ކުއްޖެކެވެ. ނަމަވެސް އޭނާ އަމިއްލަ މަންމައަށް އެ ދިނީ ކިހާ ބޮޑު އަނިޔާއެއްހެއްޔެވެ. މާނިއު ހިތާހިތުން ޝާއިނާއަށް ވަރަށް އެއްޗެހި ކިޔެވެ. އެނބުރި ހޯލަށް ވަނީ ޝާއިނާ ބުނި ކަންތަށް ކޮށްދޭށެވެ.
ދުވެފައި ދިޔަ ޝާއިނާ ގޮސް ހުއްޓުނީ ފެރީ ޓާރމިނަލަށެވެ. ލިބުނު ފެރީގައި އޭނާ ފުރައިގެން ދިޔައި ސީދާ ހުޅުމާލެއަށެވެ. އޭނާގެ ހިތްބިރުގަނެފައިވާއިރު ކުޑަނަމަވެސް ލަސްވެއްޖެނަމަ އޭނާ ބޭނުންވާކަމެއް ނުވާނެއެވެ.
………….
އެއާރޕޯޓުގައި މީހުން ވަންނަ ތާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝާއިނާގެ ގައިގާ މަޑު ތުރުތުރެއް ހުއްޓެވެ. އޭނާގެ ކައިރި ފިރިހެން އެކުވެރިއެއްހުރިއިރު އޭނާ އެއީ އެއާރޕޯޓުގައި މަސައްކަތް ކުރާ މީހެއްކަން ލާފައި ހުރި އެއްޗެހިން އިނގެއެވެ. އޭނާވެސް އިންތިޒާރު ކުރަމުން ދިޔައީ އެ އަންނަން އުޅޭ ބައެއްގެއެވެ.
“ނާއިޒް.. ހަމަ ޔަޤީންތަ އަންނަކަން…؟؟؟” ޝާއިނާ ގަޑިއަށް ބަލާލަމުން އެހިއެވެ. “އާނ.. ޔަޤީން…. ހަމަޖެހޭ ޝާއިނާ… މިވީ އަހަރުތަކުގައި ބޮޑުބޭބެއާއި އާއިލާ އެއްކޮށް އުޅުނީ ބޭރުގައުމެއްގައި… އެނބުރި ރާއްޖެ އައީ މިދިޔަ މަހު…. މިއަދު އެމީހުން އަނެއްކާވެސް ބޭރަށް ދާން އެ ފުރަނީ… އަދި ޔަޤީން އަހަރެންނަށް އެމީހުން ނާންނަކަން…” ނާއިޒް ޔަޤީންކަމާއި އެކު ބުނެލިއެވެ. “މިއީ އަހަރެންގެ ފަހު ފުރުސަތު… އަހަރެން މިނަގައިލައިފިއްޔާ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ….” ޝާއިނާ ބުނެލިއެވެ.
ނާއިޒް ގެ ނަޒަރު ހުއްޓުނީ ޓްރޯލީ އަށް ދަބަސްތަށް ލައިގެން އަންނަ ބޮޑު އާއިލާއެކެވެ. ހަތަރު ވަރަކަށް ޓްރޯލީ ހުރިއިރު އެ އެންމެންނަކީ ކޮންބައެއްކަން އޭނާ އަށް އިނގެއެވެ. “ޝާއިނާ……!” ނާއިޒް އެހެން ބުނެ އެ ބޮޑު އާއިލާ ޝާއިނާ އަށް ދައްކާލުމާއި އެކު ޝާއިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. އެއީ އިތުރު ބައެއް ނޫނެވެ. އޭނާގެ މަންމަ ފަރާތު އާއިލާއެވެ. މަންމަ އެންމެ ލޯބިވި މީހުންނެވެ. މަންމަ ނިކަމެތި ކޮށްލާފައި ގެއިން ނެރެލި ކުށްވެރިންނެވެ. މަންމަ ދިރިއުޅުން ހަލާކަށް ވެއްޓުނު މައިގަނޑު ސަބަބެވެ. ނަމަވެސް މިއަދު އެ ހިތުގައި އެމީހުންނަށް އެއްވެސް އެއްޗެއް ނެތެވެ. އެމީހުންނަށްޓަކައި ލޮތްބެއް ނުވަތަ ނަފްރަތެއްވެސް ނެތެވެ. އޭނާގެ ހަމައެކަނި ބޭނުމަކަށްވީ އޭނާގެ މަންމަގެ ހަޤީޤަތް އެމީހުންނަށް އަންގާށެވެ. މަންމަ ނިޔާވި ވާހަކަ ބުނާށެވެ. މަންމަ އެއި ނުބައި ނުލަފާ މީހެއް ނޫންކަން ބުނެދޭށެވެ. އެމީހުންގެ ހެޔޮ ދުޢާ މަންމައަށް ލިބުމަށެވެ. އެމީހުންގެ މާފު މަންމައަށް ލިބުމަށެވެ.
“ބޮޑުބޭބެ…..!” ނާއިޒް ގޮސް ހަމީދުގެ ގައިގާ ކުޑަކޮށް ބައްދާލިއިރު ޝާއިނާ އެ ހުރި ފިޔަވަޅުމަތީ ހުރީ އެ މީހުންނާއި ދިމާ ބަލަހައްޓައިގެންނެވެ. މަންމަ އެންމެ ލޯބިވާ ދެބޭބެގެ ދަރިންވެސް އެބަ ތިއްބެވެ. އެމީހުންވެސް އެތިބީ ބޮޑެތިވެފައެވެ. ކާފައާއި މާމަ އެތިބީ މުސްކުޅިވެފައެވެ. ޝާއިނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. “މާމާ…. ކާފާ…..” ޝާއިނާ ކެރި ހުރެ އެމީހުންނަށް ގޮވާލިއެވެ. ހަމީދު އާއި ޒާހިދާ ޝާއިނާއަށް ބަލައިލީ ދުރުގޮތަކަށެވެ. އެދެމީހުންނަށް ޝާއިނާ ފެނުމާއި އެކު ގޮތެއް ވިކަން ޝާއިނާއަށް އިނގެއެވެ. އެމީހުން ޝާއިނާ އާއި މޫނު އަނބުރާލިއެވެ. ފަހަރުގައި އެމީހުންނަށް އެމީހުންގެ ބަސްނާހާ ދަރިފުޅުގެ ސަނާގެ ސިފަ ޝާއިނާއަށް ވައްތަރުވީމާ ކާކުކަން ދެނެގަނެވުނީއެވެ. “ހިނގާ ދާން…” ހަމީދު ބުނެފައި ހިނގައިގަތެވެ. އެ ބޮޑު އާއިލާގައި ތިބި އެންމެންގެ ނަޒަރުވެސް ވަނީ ޝާއިނާއަށް ހުއްޓިފައެވެ. އެއީ ކާކުކަން އެނގެން ބޭނުންވެފައެވެ.
“އަދިވެސް ނުވޭތަ މަންމައަށް މާފުކުރާކަށް؟؟ މަންމަ ނުކުރާ ކުށަކަށް މާފުކުރާކަށް ނުވޭތަ؟؟” ޝާއިނާ ތަންކޮޅެއް ބާރަށް ބުނިއިރު އޭނާ އަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެ އެންމެންގެ ފިޔަވަޅުތަށް ހުއްޓުނެވެ. “މަންމަ މަރުވެގެން ދިޔައީ ކިހާވޭނެއްގައިކަން އިނގޭތަ؟ މަންމަގެ މަންމައާއި ބައްޕަގެ ހެޔޮދުއާ ނުލިބި… ނުކުރާ ކުށެއްގެ މާފު ނުލިބި.. އެ މަންމަގެ ހިތުގައި އެޅި ވޭނެއް އިނގޭތަ.. ކުށްކުރީ މަންމައެއް ނޫން.. މަންމަ ހަމައެކަނި ބޭނުންވީ އަހަރެން.. އަހަރެން މިދުނިޔެއަށް ގެންނަން…… އަހަރެން އުފަންކުރަން…. އަހަރެން މީ މަންމައާއި ބައްޕަ ކުރި ކުށުގެ ނަތީޖާއެއް ނޫނޭ.. އަހަރެންމީ އަހަރެންގެ ބައްޕަގެ ނުބައި ނުލަފާ ޖާހިލުކަމުން މަންމަގެ ދިރިއުޅުމަށް ޖެހުނު ބޮޑު އުނދަގުލެއް… އަހަރެން އުފަންކުރުމަށްޓަކައި އެ މަންމަ އުޅުނު ހާލު ބަލައިލިންތަ؟ އަހަރެން މަންމަ ތިމީހުންނަށް އެދުނު ވަރު އިނގޭތަ؟؟” ޝާއިނާ ހަމީދު އައި ޒާހިދާގެ ކުރިމައްޗަށް އަރާފައި އެހެން ބުނިއިރު އެތަނުން ދާ އެތަށް ބައެއްގެ ނަޒަރު އެމީހުންނަށް ހުއްޓެވެ.
“މޮޔަވީތަ؟؟؟؟” ހަމީދު ޝާއިނާ ދުރަށްލާފައި އެހެން ބުންޏެވެ. އަދި ހިނގައިގަތެވެ. “އެރޭ.. އެ ބަދުނަސީބު ރޭގައި އެ ބަދުނަސީބު އަންހެންކުއްޖާ ހޭނައްތުވާލާފައި އެ ކުރިކަމެއްގެ ނިޝާނެއް އަހަރެން މީ.. އެކަން ކުރީ އިތުރު މީހެއް ނޫން.. މުހައްމަދު އާތިފް… އެންމެ ފަހަރަކުވެސް މަންމަ ގެ ބަހަށް އިތުބާރު ކުރިނަމަ މިއަދު އެ މަންމަ ދުނިޔޭގައި ހުރިސް.. އެ ނުބައި އާތިފްގެ އަނިޔާތަކަށް ކެތްކުރާކަށް ނުޖެހުނެސް.. ފަހަރުގައި އަހަރެން ކަހަލަ ނުބައި ދަރިއެއް އުފަންކުރަންވެސް ނުޖެހުނިސް…. ކީއްވެ އެހެން ހެދީ؟ ކުޑަކޮށްވެސް އިތުބާރެއް ނުކުރަންތަ އެ ދަރިއަކަށް… އަހަރެން ކުރިމަތީ އަހަރެންގެ ބައްޕަ އަހަރެންގެ މަންމައަށް އަނިޔާކުރީ.. އެންމެ ތުއްތުއިރުން ފަށައިގެން އަހަރެންނަށް ފެނުނީ އަނިޔާ… އެ ބައްޕަ އަހަރެންގެ މަންމައަށް ކުރާ އަނިޔާ.. އަހަރެން އިތުރު މީހެއް ކުށްވެރިއެއް ނުކުރާނަން.. ކުރާނީ ހަމައެކަނި މަންމަ އެންމެ ލޯބިވި މަންމަގެ އާއިލާ…” ޝާއިނާ ދުރަށް ނަޒަރު ހިންގާލިއެވެ. އެންމެންގެ ދެލޯ ބޮޑުވެގެން ދިޔައިރު ހަޤީޤަތް އޮޅުން ފިލުވަން ބޭނުންވީކަން ޝާއިނާއަށް އެނގުނެވެ.
“އާނ… އާތިފް އެހެން ހެދީ މަންމައަށް… އެޔަށްފަހު މަންމަ އާއި ދެކޮޅަށް ތި އެންމެން ނެރުނީ.. ކުޑަވެސް އިތުބާރެއް ނުކުރަންތަ؟ ބޭރު މީހެއް އައިސް ދަރި މިހެން އުޅުނީއޭ އެހެން އުޅުނީއޭ ބުނުމުން އެކަން ގަބޫލުކުރަން އެހާ ފަސޭހަވިތަ؟ އަމިއްލައަށް ދިން ތަރުބިއްޔަތަށް އިތުބާރެއްވެސް ނުކުރަންތަ؟ އެކަން ކުރީ އާތިފް… އާތިފް މަޖުބޫރު ކުރީ އޭނާ އާއި އިންނަން…. މަންމަ ބައްޕައާއި ކައިވެނި ކުރި…. އެކަމް އިނގޭތަ އެ އާތިފް ގެ ބޭނުން..؟؟ ބަދަލުހިފަން… މަންމަ އަށް ބަދަލުހިފަން އޭނާ އިނީ.. މަންމަ އެކަނިވެރިކޮށްލަން… އާއިލާ އާއި ދުރުކުރަން.. މަންމައަށް އަނިޔާކުރަން.. ދެރަދޭން… ކީއްވެ؟ އާތިފްއަށް މަންމަ ނުލިބުނީމަ.. ގަދަކަމުން ހާސިލްކުރީ.. އޭރުކޮބާ އެ ކެރިފައި އާތިފް އާއި ދިމާލަށް ނިކުތް މަންމަގެ ދޮންބެ؟ ކޮބާ މަންމަ އެންމެ ލޯބިވި ބައްޕަ؟ ނެތް.. އެކަކުވެސް ނެތް…. އެންމެ ފަހުން 20 އަހަރުފަހުން….. މަންމަ މަރުވެގެން ދިޔައީ ބައްޕަ ގެ އަނިޔާގެ ސަބަބުން… އިނގޭތަ؟؟ މަންމަގައިގާ ނީންނާނެ ލަކުނު ނުލާ ތަނެއް.. މަންމަ ނިމިދިޔައީ ބައްޕަ ކުރި އަނިޔާތަކުގެ ސަބަބުން 20 އަހަރު ކެތްކޮށްފައި.. 20 އަހަރު އެކަނިމާއެކަނި އެ ނުބައި މީހެއްގެ ދަށުގައި ހުރެ.. ކާކަށްޓަކައި؟ އަހަރެންނަށްޓަކައި.. މަންމަ ތަންތަނުގައި ވޭން އަޅައިގެން ރޯން އިންނައިރު ބަލައިނުލާ ޝާއިނާއަށް ޓަކައި.. މަންމަ މޫނުމަތީ ލާފަ ހުންނަ ލަކުނުތަކުން ލަދުގަނެ ރައްޓެހިން ކުރިމައްޗަށް ނާރަން ބުނާ ޝާއިނާއަށް ޓަކައި.. މި ދަރި ބޮޑުކުރަން.. މި ދަރި އެ މަންމައަށް އިންސާފު ދޭނެކަމަށް.. އެކަމް އަހަރެންވެސް މަންމަ ގެ އިތުބާރު ގެއްލުވާލީ.. މަންމަ ނިމިގެންދިޔައީ އަހަރެން އަނގައިން އެންމެ ފަހަރަކުވެސް ލޯބިވެޔޭ ނުބުނަނިސް… އަހަރެންނަށްޓަކައި އެހިތުގައި ޝަކުވާތަކެއް ހުއްޓާ.. އަހަރެންނާއި މެދު ވަރަށް ނުބައިކޮށް ދެކިފައި.. އަދިވެސް.. އަދިވެސް އަހަރެންނަށް ބިރުވެރި ހުވަފެނެއްހެން އެ މަންޒަރު ފެނޭ.. މަންމަ އަހަރެންނަށް މޫނު އަނބުރާލީ.. އަހަރެންނަށް………………………..”
ޝާއިނާ ހުރިތަނަށް ތިރިވެވުނެވެ. އެތަށް ބައެއްގެ ނަޒަރު އަދިވެސް އެމީހުންނަށް ހުއްޓިފައިވާއިރު ހަމީދުމެން އެންމެން ތިބީ ރޮވިފައެވެ. ނާއިޒް ވަގުތުން ޝާއިނާ ކައިރިވިއެވެ. “ސަނާ މަރުވީ…… އާތިފް؟؟؟؟” ހަމީދު އަށް ގަބޫލުކުރަން އުނދަގޫވިއެވެ. ދަރިފުޅު މި އެއްލާލެވުނީ އަލިފާންގަނޑަކަށްކަން މި އެނގުނީ މާފަހުންނެވެ. އެންމެ ފަހަރަކުވެސް އެ ދަރިފުޅު ބުނާ އެއްޗެއް އަހާލެވުނު ނަމައެވެ. އެ ދަރިފުޅު ގެ ހާލު ވިސްނާލެވުނުނަމައެވެ. އެންމެ ފަހަރަކުވެސް….
“އާނ.. އާތިފް މަރާލީ މަންމަ… މީގެ ދެ އަހަރު ކުރިން އޭނާ އަށް އެނާ ކުރި ކުށުގެ އަދަބު ލިބިއްޖެ….. އޭނާ މިހާރުވީ ޖަލުގައި… އުމުރު ދުވަހަށް.. އެކަމް އަހަރެންނަށް މަންމައެއް އަނބުރާ ނުލިބުނު.. އެންމެ ފަހަރަކު އެ މަންމަ ކައިރި ލޯބިވެޔޭ އަހަރެން މަންމަ ދެކެ ރުޅި ނާދެޔޭ މަންމަ ބޭނުމޭ މަންމަ އިތުރަށް އަނިޔާތަކެއް ކެތްކުރަނެކަމެއް ނެތޭ ބުނުމުގެ ކުރިން އެ މަންމަ ހިނގައްޖެ… ކުޑަ ވަގުތުކޮޅެއް ނެގީ….. މިހާރު ހިތަށްއަރާ ކުރިން މަންމައަށް އެހީވެވުނު ނަމައޭ… ހިތަށް އަރާ ހިމާޔަތްކަން ދެވުނުނަމައޭ….” ޝާއިނާގެ އަޑު ބެދިގެންދިޔައެވެ. އަނގައިން އިތުރު ބަހެއް ނުނިކުތެވެ. އޭނާ ގެ ހިތުގައިވާ އުދާސްތަށް މިއަދު ނެރެވިގެން ދިޔައިރު އޭނާއަށް މިހުރެވުނީ އެތަށް ބައެއްގެ ތެރޭގައިކަންވެސް ނޭނގުނެވެ. އެހާވެސް ފުން އަސަރެއް އެހިތަށް ކޮށްފައިވެއެވެ.
“އަހަރެންގެ ދަރިފުޅު……” ހަމީދު ޒާހިދާގެ ގައިގާ އޮޅުލައިގަތް އިރު އެމީހުންގެ ދެލޮލުން ވަނީ ކަރުނަ އައިއްސައެވެ. އެތަކެއް ފަހަރު އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ. އެތަކެއް ފަހަރު އެ ބަދުނަސީބުވެރި ދުވަހުގެ އެހަނދާންތަށް އާކުރެވުނެވެ. އެތަކެއްފަހަރު ސަނާގެ ވާހަކަ ގަބޫލުކުރެވުނު ނަމައޭ ބުނެވުނެވެ. “މިއަދު މަންމަ ބޭނުންވަނީ މަންމަގެ އާއިލާގެ ފަރާތުން ހެޔޮ ދުޢާ…. މަންމަގެ ފުރާނައަށް ހަމަޖެހުން ލިބޭނީ އޭރުން… މަންމަ އެއީ ކާފައާއި މާމަ ދަރިއެއްކަން ގަބޫލުކޮށްބަ.. ޕްލީސް..” ޝާއިނާ ހަމީދު އާއި ދިމާލަށް ބަލާލާފައި އާދޭސްކުރިއެވެ. ހަމީދު ޝާއިނާގެ ކޮނޑުގައި ހިފައިފާ ކޮޅަށް ނެގިއެވެ. އެއަށްފަހު އެ ދެއަތުގެ ތެރެއަށް ޝާއިނާ ލީ ލޯބިވާ ދަރިފުޅު ސަނާގެ ހަނދާނުގައެވެ. “މާފުކޮށްފިން……” ޒާހިދާ ވެސް ޝާއިނާގެ ގައިގާ ބައްދާލާފައި ބުންޏެވެ. ޝާއިނާއަށް އުފަލުން ރޮވުނެވެ. މަންމަގެ އެދުން އެތަކެއް އަހަރުތަކެއް ފަހުން ފުރިހަމަ ކުރެވުނީއެވެ. މަންމަ އަށް ފުރިހަމަ ގޮތުގައި އިންސާފު އެލިބުނީއެވެ. މަންމަ ގެ ބޮލުގައި އެޅުވުނު އެ ގޯސް ނަން ބޯޑު އަބަދަށް ނެގުނީއެވެ. މިއަދު އެ މަންމައަށް ޝާއިނާ އަށް ނުދެވުނު އެ ހުރިހާ ހިތްހަމަޖެހުމެއް ދެވުނީއެވެ.
ޝާއިނާ އެނބުރި އޭނާގެ ގެޔަށް ދިޔައިރު މާނިއު އޭނާގެ އިންތިޒާރުގައި އިނެވެ. ކައިރި އާތިފް ގެ މަންމަ ސަހީދާ ވެސް އިނެވެ. ޝާއިނާ ދުވެފައި ގޮސް ސަހީދާ ގެ ގައިގާ އޮޅުލައިގަތެވެ. “މާމާ…. މާމާ އެކަން ވެއްޖެ.. މަންމަގެ އާއިލާ މަންމައަށް މާފުކޮށްފި… އެންމެ ފަހުން މަންމައަށް ވެސް އިންސާފް ލިބުނީ… މާމާ.. އަހަރެން ވަރަށް އުފާވެއްޖެ..” ޝާއިނާ ސަހީދާގެ ގައިގާ އޮޅުލަ އޮޅުލާފައި އެހެން ކީއިރު އޭނާއަށް ލިބިފައިވާ އުފާވެރިކަން ބަޔާންކުރަންވެސް އުނދަގުލެވެ.
“އަދި އިތުރު އުފާވެރި ހަބަރެއް އެބައޮތޭ.. ދޯ މާމާ…” މާނިއު ހީލާފައި އެހެން ބުނި އަޑަށް ޝާއިނާ ދުރަށް ޖެހުނެވެ. އަދި ދެމީހުންގެ މޫނަށް ބަލަންފެށީ އެއީ ކޮންކަމެއްތޯ އިނގެން ބޭނުންވާތީއެވެ. “ޝާއިނާގެ ވާހަކަ އެންމެންނަށް ވަރަށް ކަމުދިޔަ.. އަދި އެއް މީހަކު އެ ބޭނުންވޭ ފޮތެއްގެ ގޮތުގައި ނެރެން… އެހެން މީހަކު ބޭނުންވަނީ ޝާއިނާ ގެ ތި ހުނަރުގެ އެހީއާއި އެކު ތަފާތު ކުރު މުޖުތަމައުއަށް ފައިދާވާނެކަހަލ ކުރު ފިލްމް އުފައްދަން.. އޭނާ ބުނިގޮތުން މިހެން މިހެން ގޮސް އަސްލު ވެސް އިންޑަސްޓްރީއިން ޝާއިނާއަށް ފުރުސަތު ލިބިދާނޭއޯ. ކޮންގްރޭޓްސް…” މާނިއު ވަރަށް އުފާވެފައި އެހެން ބުނުމާއި އެކު ޝާއިނާ އުފަލުން ފުންމަންފެށިއެވެ. “މި އުފާވެރި ހަބަރު އަޑުއަހަން މަންމަ ހުރިނަމަ… އަޅޭ މާން އަހަރެން ވަރަށް އުފާވެއްޖެ.. ވަރަށް ބޮޑަށް…” ޝާއިނާ އުފަލުން ނަށަންފެށިއެވެ.
……
“އަން ކޮފީ…!” ބެލްކަނީގައި ފުން ވިސްނުމަކަށް ގެއްލިފައި ހުރި މާނިއު ސިހުނީ އޭނާގެ ގައިގާ ކޮށްޓާލާފައި ޝާއިނާ ކޮފީ ތަށި ދިއްކޮށްލުމުންނެވެ. ކޮން ހިޔާލެއްގަހޭ ކިޔާފައި ޝާއިނާ އޭނާގެ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. “ޝާއިނާ އަސްލުވެސް މަންމަދެކެ އެހާ ރުޅިއައިންތަ؟ އަހަރެންނަށް ކުރިއަކުން މި ވާހަކަތަކެއް ނޭނގެ.. އެކަމް އެންމެ ގާތް އެކުވެރިޔާއޭ ބުނާނެ….” މާނިއު ޝާއިނާއަށް ބަލާލާފައި ބުނެލީ ރުންކުރުގޮތަކަށެވެ. ޝާއިނާ ލުއިގޮތަކަށް ހީލާފައި އިސްޖެހީ އެސުވާޅުގެ ޖަވާބު ދޭން ހުދު އޭނާއަށްވެސް އުނދަގޫވީމައެވެ.
“އަސްލު ތެދަށް ބުނަންޏާ އާނ.. ރުޅިއައިން.. ވަރަށް ފޫހިވި.. މިހިތަށާއި ސިކުނޑިއަށް އެ ކެތްތެރި އަހަރެންދެކެ ލޯބިވި މަންމައަށްޓަކައި އެފަދަ އިހްސާސްތަކެއް އުފެއްދިކަމަށްޓަކައި މި ހަށިގަނޑުން ބޭރުވެސް ކުރާ ހިތްވޭ…. އަހަރެންގެ އެކުވެރިން އަހަރެންނަށް މަލާމާތްކުރޭ މަންމަ ހުންނަގޮތުން.. މޫނުގެ އެއްފަޅި އަނދާފައި.. ނިތްކުރިމަތިން ފަށައިގެން އަނގަމައްޗަށް ހުސް ލަކުނު.. އަހަރެން ރުޅިއާދޭ އެ މޫނަށް ބަލަން.. ހަޤީޤަތުގައި ފޫހިވަނީ… އަހަރެން ބޮޑުވީ ވަރަށް އެހެން ގޮތަކަށް… މުޅިންވެސް ފެންނަނީ ޒުވާބުކުރާތަން ބައްޕަ.. އެކަމާއި ވެގެން މަންމަދެކެ ރުޅިއާދެވެނީ. ފޫހިވަނީ… އެކަމް މިހާރު އަހަރެން އެއަށްވުރެ ބޮޑަށް އިތުރު މީހެއްދެކެ ލޯތްބެއް ނުވަން.. އެއީ ކެތްތެރިކަމުގެ މިސާލެއް…” ޝާއިނާ ހީލާފައި އެހެން ބުންޏެވެ. ތެދެކެވެ. އޭނާ މަންމައަކީ ކެތްތެރިކަމުގެ މިސާލެކެވެ. ހުދު އޭނާއަށްވެސް މަންމަ އެދިޔައީ އެތަކެއް ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ.
“ކީއްވެ ދެން އެހެން ހެދީ؟ ގަސްތުގައިތަ މަންމައަށް އަނިޔާދޭން ބޭނުންވީ؟؟” މާނިއު ކުރި ސުވާލަކުން ޝާއިނާގެ ހިތުގައި ޖެހުނެވެ. އެދުވަހު އޭނާ އެކަން ކުރީކީ އެގޮތަށް ވެދާނެކަމަކަށް ނޫނެވެ. “އަހަރެންގެ މި ހަޤީޤަތް އިނގޭނީ ހަމައެކަނި މާމައަށް.. މިއަދު އަހަރެން މާނިއު ކައިރި މި ބުނަނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވީމަ… އަހަރެން ބައްޕަގެ ކޮޓަރިއަށާއި އެއްޗެއްސަށް ގެއްލުން ދިނީކީ މަންމައަށް އަނިޔާދޭކަށެއް ނޫން.. ބައްޕައަށް ދޭން… އެ ބައްޕަ އެ ދުވަހު އަހަރެންގެ މަންމައާއި ދިމާލަށް ބުނި އެތި އަޑުއިވުނު ވަގުތުން ފަށައިގެން މި ހިތަށް ފުން އަސަރުތަކެއް ކުރި… އަހަރެން ދެން ނިންމީ ބައްޕައަށް ބަދަލުހިފަން.. އެކަން ކޮށްފައި އަހަރެން ކޮޓަރިން ނިކުތްތަނާ އެރުނީ މަންމަ ކުރިމައްޗަށް.. ދުވަހަކުވެސް ހިތަކަށް ނާރަ ބައްޕަ އެކަމުގައި ކުށްވެރި ކުރާނީ މަންމައޭ… ހިއެއްނުކުރަން މަންމަގެ ހިތުގައި އޮންނާނީ އެކަހަލަ އެއްޗެކޭ.. އަހަރެންގެ ހިތުގައި މަންމައަށްޓަކައި ލޯބި އުފެދި އެކަން ދެއްކުމުގެ ކުރިން މަންމަ ލޯމަރާލި.. އަދިވެސް އަހަރެން އަމިއްލަ ނަފްސް ކުށްވެރިކުރަން…. އަހަރެންގެ އެ މޮޔަ އަމަލުން މަންމަ އަބަދުމެ އަބަދަށް އަހަރެންނާއި ވަކިވާނެކަމަށް ދުވަހަކުވެސް ހިޔެއްނުކުރަން.. އަހަރެންނަށް ވިސްނުނީ ވަގުތު ފާއިތުވިފަހުން…”
ޝާއިނާ އޭނާގެ ދެލޮލުން ފޭބި ކަރުނަތަށް ފޮހެލިއެވެ. “އެކަމްމިހާރު އަހަރެންގެ މަގުސަދަކީ އެ މަންމަ އަހަރެންނަށް ދިން ތަރުބިއްޔަތުގެ މަތިން ހުރިހާ ކަމެއް ކުރަން… މަންމަ އަހަރެން ދެކެން ބޭނުންވި ކަހަލަ މީހަކަށް ވާން..” ޝާއިނާ އުޑަށް ބަލާލާފައި އެހެން ބުނިއިރު އެ ތުންފަތުގައި ވަނީ ފަރި ހިނިތުންވުމެކެވެ. ހީވީ އޭނާގެ ލޯބިވާ މަންމަ އޭނާއަށް ޖަވާބުދާރީވީހެންނެވެ. ޝުކުރުއަދާކުރީހެންނެވެ. މިއަދު ޝާއިނާ އޭނާއަށް ކުރެވުނު ކުށުގެ ބަދަލަށް އެ މަންމައަށް ނުކުރެވުނު ހުރިހާ ކަމެއް ކޮށްދީފިއެވެ. އެ މަންމަގެ އާއިލާއަށް ހަޤީޤަތް އަންގައިދީފިއެވެ. މަންމައަށް އެހެން ހެދި މީހާއަށް ހައްޤު އަދަބުދީފިއެވެ. މަންމަ ޝާއިނާ ހަދަން ބޭނުންވި ކަހަލަ ހަރުދަނާ އަޒުމްވަރުގަދަ ކުއްޖަކަށް ވެއްޖެއެވެ. މަންމަ އަށް އިންސާފު ހޯދައިދެވިއްޖެއެވެ.
35 Comments!
Comments are closed.






Salaam 😉
So this is the story i was talking about. Yup its long but I really liked the concept. And I wrote this radio ah and there might be some mistakes or hamanujehey parts. Sifkurun is less in this one.
And in sha Allah, naina story mirey knmevs irehga up kohlaanan ingey. 😉 ??
Thankyu ?
Waau hama rovihjje ur awsm ryn
Yaa hama roviye plx plx adhi mi kahala story eh up kobba n I want to say plx plx don’t do like that n I ❤️ ❤️ ❤️ you more and more mom
wowww. varah touching… varah salhi… 🙂 🙂
Rovijje…vvv reethi❤
?????
Varah reethi mi story..varah asaru gadha adhi mi story genesdheefa oii goii ves varah reethi.. This is one of the most perfect stories I have read so far..keep it up Ryn.❤
Mi kahala ithuru vaahaka adhives up kohdhehchey..☺
Haadha hithdhathi vaahaka eh adhi mivaruge dharavaa vaahaka eh nukiyan aslu rovey varun ethah faharu hutta lan jahnu vvvv dharavaja vvv reethi
Omg … yeyy finally it came yeyeyy woww its nice ….
Wow!very nice and varah touching story ahe ………???????❤❤❤❤❤❤?
V nice stry..Hama rovihjje…v heart touching ❤️???
V nice stry..Hama rovihjje…v heart touching ❤️???
Wow maasha allah. V touching.?? rovijje???
Nice story, v hearttouching story, superb
Maasha Allah?
Varah reethi.
Mihaaruge hurihaa kudhinves kiyaalan jehey.
May god bless all the mothers in the world.and if you did something wrong to her forgive her know.if not know then you’ll never get a chance.
Mi story varah reethi?????
Wooowww..haadha molhey….keep it up.. good message…???????
most touching story ever
this is the first time I’ve cried vaahaka eh kiyaafa, serious koh
plz ryn, write meege ehn vaahaka eh cox this is just too perfect PERFECT ??????????????✌✌✌✌✌✌✌???
Ryn.. hama rovvaalaafi…? v touching?❤
Heart touching story… Keep going
hama rangalhahvess rovihje ??????v iburahtheri vaahakaeh well done dr ??
Masha allah.vvv loabi.this broke me into tears really❤?
Mashaa Allah….vvv reethi mivaahaka ??
Gisla gislaafa rovihjeh…hithah eri athif akee insaanehbaey….
So beautiful.. rovvaalaifi ??❤❤❤
Miree nuves nidheene rove rove. Vara dheravae. Is it really happened in this country.?????????????????????????????????????????????????????????????????????????????????????????????????????????
Mivaru vaahaka eh nei.. v touching.. ????.. mivs hama hingamun ahnna kanthah.. dheravejje mi vaahaka kiyaafa v.. rovuny hama.. ryn v v v reethi mi story..
Hama aslahvess rovijje?????
ma sha allah…v v reethi
Masha Allah varah reethi. Rovey Varun nuves kiyey. Mihaathanah kiunu ehmme reethi vaahaka mi. Jazaak Allah khairan
Alhey….hama ragalhavvx rovijje…v v touching….
This is amazing…. Just to cry now… Really heart touching. ?
its really amazing. be like her.
Wow hama rovehje??????????
Vara reethi and heart touching.??? Waiting for more like this…. ??
Waiting for more like this …????
nice story
Masha Allah varah reethi.Rovey Varun nuves kiyey.mihaathan kiunu ehmme reethi vaahaka mi.jazaak Allah khairan☺️