Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަރުނައިގެ ބަދަލު

ލިލީ Level 1
February 6, 2014 5 Mins Read
4 Comments

މެންދަމު ގެ ހަމަހިމޭންކަން ފޫދުއްވާލައިފައި ވަނީ ޖެހެމުންދިޔަ ވަޔާ އެކު ވެހެމުންދިޔަ ވާރޭ އެވެ.ޖަހާލާ ގުގުރިއާއި އެކު ވިދާލާ ވިދުވަރު ތަކެވެ.އިޙުސާސް ކުރެވޭ ނިންޖާއި ވާއަރާމެއްގެ ސަބަބުން ވަރުބަލިވެފައިވާ ލޯތައްވަނީ މެރިފައެވެ.އަރާމް ނިންޖަކުން މުޅި ރަށް ވަނީ ނިދާލާފައެވެ.

އެހެނަސް އަހަރެން އޮތީއެވެ.ނުނިދިފައެވެ.އަހަރެންގެ ވަޅުވަދެފައިވާ ދެ ލޯ އެދެމުންދިޔައީ ނިދާލުމަށެވެ.ނަމަވެސް މިފަދަ ތޫފާނެއްގައި މިކަހަލަ ޖިފުޓިގަނޑެއްގައި ނިދޭނެހެއްޔެވެ؟
އަހަރެންގެ މިކުޑަކުޑަ ނިކަމެތި ޖިފުތިގަނޑު ވަނީ މަކުނުވަލުން ތަތްތެޅިފައެވެ.ހަތަރު ފަރާތުން ފެންނަންހުރި ފާރުތައްވަނީ ފިނި ހިފިމުގެ ސަބަބުން ކުލަފައިބާ ފެހިޖަހާފައެވެ.ގޭގެ އެތައް މިތަނުގައިވަނީ ހިރަފުހެވެ.މުޅިތާނގައި ހިފައިފައިވާ ނަޖިސްވަހުން މުޅިތަންވަނީ ތޣައްޔަރުވެފައެވެ.
ވީރާނާވެފައިވާ މިގޭގައި، މީގެ އެތައް އަހަރެއްކުރިން ޖަހާފައިވާ ޓިނުގަނދުގައި ވަނީ ބާކޮޅުކޮޅު ހެދިފައެވެ.މީގެންކޮންމެ ބާކޮޅަކުންމެ ދަނީ އަހަރެންގެ ގަޔަށް ވާރޭތިކިތިކި ޖަހަމުންނެވެ.އަހަރެންގެ ގަޔަށް ޖަހަމުންދާ ގުނަނުކުރެވޭ ތިކިތަކާއިއެކު އަހަރެންގެ ނިކަމެތިކަން އިޙްސާސް ކުރެވެއެވެ.އަހަރެންގެ ބަލިކަށިކަން ޤަބޫލުކުރެވެއެވެ.އަދި އަހަރެންގއ ބަދުނަސީބު ހާލާއިމެދު ފެންކަޅިވެއެވެ.

އުއްޑުން އޮވެއޮވެ މުޅިބުރަކަށި ވަނީ އައްސިވެފައެވެ.އަރިއަކަށް އެނބުރިލަން ނުހަނު ހިތް އެދެއެވެ.ނަމަވެސް އެފަދަ ކުޑަކުޑަ އަމަލެއްކުރުމަށްވެސް އަހަރެންމިވަނީ ނުކުޅެދިފައެވެ.ގައިގާ ހަކަތަ ނެތީމައެވެ.ވާނީވެސްއެހެން ނޫންހެއްޔެވެ؟އަހަރެނަ އެންމެފަހުން ކާއެތިކޮޅެއް ކެއީ މީގެ ދެދުވަސް ކުރިންނެވެ.އެވެސް ޖެހިގެން ހުރި ސަކީނާއްތަ ހެޔޮ ކަމުން ލިބުން އެތިކޮޅެކެވެ.

ސަކީނާއްތަ ނޫނީ މިއަދު އެފަދަ ދިއްކޮއްލަދޭނޭ އިތުރު އަތެއް މިދުނިޔެއަކުނެތެވެ.ހެވެއް އެދޭއިތުރު ފަރާތެއްނެތެވެ. އެ އެހީތެރިކަން ވެސް އެލިބެމުން ދަނީ ލިބިމުންދަނީ ދުނިޔޭގެ ލޯތަކަށް ސިއްރުންނެވެ.ފޮރުވިގެންނެވެ.ވަންހަނާވެގެންނެވެ.

“ބަން” އިވުނު ގަދަ އަޑުފައްގަޑާއި އެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ.ހަމައެހިނދު ގެޔަށް ވަތް ވައިރޯޅިއަކާއިއެކު އަހަރެންގެ ގައިގާ ހީބިހި ހިލުވާލިއެވެ.ލޯލިތަށް ކޯޅައްޖަހާލިއެވެ.

އިވުނީކޮން އަޑެއްކަން އިނގުނީ ދެނެވެ.ވައި ބާރުވުމުން ދުވަސްވެފައިވާ ދރުގަނޑު ވިއްސައިގެން ދިޔައީއެވެ.ވިސައިގެން ދިޔަ ދޮރާއި ތަންޑު ބިން މަތީގައި އޮތެވެ.އެހެން މުސީބާތެއް އިތުރު ވީ އެވެ.މި ގަދަ ފިނިން ކިރިޔާ ލިބެންހުރި ހިމާޔަތް ވެސް އެގެއްލުނީއެވެ.ޖެހެމުންދާވަޔާ ވެހެމުންދާ ކެރިގަނޑު އިހުނަށްވުރެ ގަދަ ވާހެން ހީވެއެވެ.

ގަޔަށް ޖަހަމުންދާ ތިކިތަކުން މެދު ހަށި އެއްކޮށް ފޯވެފައި ވާއިރު އެހާމެ ގަދަޔަށް ވައިރޯޅިތަށްޖެހެމުންދާތީ އަހަރެންގެ އަނަރޫފަ ހަށިގަނޑު ރޫރޫ އަޅަންފަށައިފިއެވެ.ރަޖާ ގަނޑެއްގެ އެހީ އިންތިހާ އަށް އެދެވުނަސް މިނޫން ގޮތެއް އަހަންނަށް އެބަ އޮތް ހެއްޔެވެ؟ބޯ އަޅާލާނެ ބާލީހެއް ފަދަ ވެސް އަހަރެން ގެ އަތުގައި ނެތެވެ.

ހިފެހެއްޓުމެއްނެތް އަހަރެންގެ ކަރުނަތައް ލޮލުން ފައިބަން ފަށައިފިއެވެ.އަހަރެންގެ މަޑު ގިސްލުމުގެ އަޑު މުޅި ކޯޓަރިތެރޭގައި ހިފައިލައިފިއެވެ.އެ އަޑު ވެސް އަހަންނަށް އާހަކަށް ވެއްޖެއެވެ.ޚުދު އަހަރެންގެ ޟަމީރު ވެސް އަހަރެންގެ މި ނުކުޅެދުންތެރި ހާލަތަށް މާލާމާތްކުރެއެވެ.އެހެނީ މިއަދު އަހަންނަށް ލިބޭ ކޮންމެ އަނިޔާ އަކީ، މީން ކޮންމެ ޝަޒާ އަކީ އަހަންނަށް ޚައްޤު އެއްޗެކެވެ.

އަހަރެންގެ ނަފުސު ފިއްސާ މި އަލިފާނަށް ފުންމާލީ އަހަރެންނެވެ.އޭރު އަހަރެންގެ ވިސްނުން ކޮށީ އެވެ.ހެޔޮ ގޮތް ފެންނަން އޮތް ނަމަވެސް ނުބައި މަގު ކަމުދިޔައީ އެވެ.ޝައިޠާނީ ވަސްވާހަށް ހެއްލުނީއެވެ.ދުނިޔޭގެ އަރާމަށް އެދެވުނީއެވެ.އެއީ އަވާމެންދުރެއްކަން ޤަބޫލުނުކުރެވުނީއެވެ.

އެދުވަހު މަންމަ ހާދަ ރުޔެވެ.ހާދަ އާދޭހެއް ކުރިއެވެ.ހާދަ ނަސޭޙަތެއްދިނެވެ.ނަމަވެސް އެ ކަރުނައިގެ އަގު އޭރު ނޭނގުނީއެވެ.އެ އާދޭސްތައް މުހިންމު ނުވީއެވެ.އެ ނަސޭޙަތް އެއްޗަކަށް ނުވީއެވެ.

އެންމެ ތުއްތުއިރުއްސުރެ އަހަންނަށްޓަކައި އެ މަންމަ ބިނާކުރަމުން އައި ގަނޑުވަރު ސުންނާފަތި ކޮށްލީ މި ދެ އަތުންނެވެ.އަހަރެންގެ އެހީ އެންމެ ބޭނުންވި ދުވަހު ކޮޅުފައިންޖަހާ ނިކުމެގެން ދިޔައީ ހަމަ އަހަރެންގެ ދެފައިންނެވެ.ހުރިހާކަމެއް ކުރީ އަހަރެންގެ އިޙުތިޔާރުގައެވެ.އަހަރެން އެ މަންމަ އަށް ނުދޭ ހިތްދަތި ކަމެއް ނުވާނެއެވެ.ނުދޭ އަނިޔާއެއް ތުރާލެއް ނުވާނެއެވެ.ނަމަވެސް މަންމަ ހާދަ ހިތްވަރު ގަދަ އެވެ.ޝަކުވާއެއް ނެތި އެ ހުރިހާ ބުރައެއް އުފުލިއެވެ.ނުވިތާކަށް އަހަންނާހެދި ލިބުން ހުތުރު ނަމާއި ފުރައްސާރަ ތަކަށް ވެސް ކެތް ކުރިއެވެ.މީން އެއްވެސް ކަމަކާ އަހަރެން ނުވިސަނަމެވެ.ވިސްނަން ބޭނުން ވެސް ނުވީ އެވެ.ދުނިޔޭގެ ހަތަރު ފަރާތުން މަންމަ ފިއްތެމުން ދިޔައިރު ދުނިޔެ އޮތީ އަހަރެންގެ އަތް މަތީގައޭ ހީވިވެއެވެ.އެހާވެސް ހިތް ހަމަޖެހުމާ އުފާލިބުނެވެ.އަރާމާއި ލައްޒަތުލިބުނެވެ.ފައިސާ ލިބުނެވެ.

ގުދާރު ބިންދައިގެން މަންމަކުރި މަސަތްކަތާއި ލޯތްބާއިއެކުދިން ތަރުބިއްޔަތު މަތިން ހަނދާން ނެތެންފެށީ ތަޢުލީމު ހާސިލްކުރަން މާލެ ދިޔަ ފަހުންނެވެ.އުމުރުން އެންމެ 16 އަހަރުގައި އަހަރެންގެ ނަފްސު އޮޔާ ބެހުނީއެވެ.

“މަންމާތް” ޖެހި ގަދަ ގުގުރީގެ އަޑުފައްގަނޑަށް އަހަރެންނަށް ހަޅޭއްލަވައުގަނެވުނެވެ.އިންތިހާ ގަދަ އަށް ހިތް ތެޅެން ފެށިއެވެ.ލިބުން ސިހުމާއިއެކު ހުޅުވިފައިވާ ދޮރާއި ދިމާލަށް ބަލާލެވުނެވެ.އެވަގުތު އެ ބޯ ކެރިގަނޑުގެ ތެރެއިން ވިދާލި ވިދުވަރާއި އެކު ޚިޔާލީ ލޮލުން ކުރަހާލެވުން ސޫރައާއި އެކު ލޯ މަރާލެވުނެވެ.

“އަޔާން” ވަރުދެރަވެފައިވާ ދެ ތުން ފަތް ޙަރަކާތް ކުރެވުނީ އެނަން ކިޔާލާށެވެ.އެޔާއި އެކު ހިތު ގެ ދޮރުގައި ތަކި ޖަހަން ފެށީ އެ ޚިޔާލުތަކެވެ.އެ ހަނދާންތަކެވެ.އަލިކަމުން އަނދިރިކަމަށް ގެންދިޔަ އެ ދުވަސްތަކެވެ.ކިލަނބުވެފައިވާ އަހަރެންގެ މާޒީ އެވެ.

ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟އަހަރެންގެ ހަޔާތުގައި އާ ބާބެއް ހުޅުވުނީ މިފަދަ ރެއެއްގައެވެ.ހަޔާރުގެ ނަވަށް މިސްރާބު އޮޅުނީ މި ފަދަ ޠޫފާނެއްގައެވެ.މުޅިން އާ މަންޒިލަކަށް މަރުޙަބާކިޔުނީ މި ފަދަ ދަނޑިވަޅެއްގައެވެ.ތަފާތު ޖަޒުބާތުތަކަކަށް ލޯ ހުޅުވާލެވުނީ މިފަދަ އިޙުސާސެއްގައެވެ.އުޖާލާވި ފަތިހަކުން ބަނަވި ރޭތަކެއް ގެނުވީ މިފަދަ ނާމާން ކަމެއްގެ ތެރެއިންނެވެ.

*******************************************************

އެއީ މީގެ ފަންސަވީހަކަށް އަހަރު ކުރިއެވެ.ރަށުން ކިޔެވޭނެ އެންމެ މަށްޗަށް ކިޔަވާ ނިމުމުން މަންމަ އަހަރެން މާލެ އަށް ފޮނުވިއެވެ.އަހަރެން ގެ ހުވަފެންތައް ހަޤީގަތަކަށް ހަދާދިނުމުގެ ނިޔަތުގައެވެ.މަންމަ ގެ ލަނޑުދަނޑިތައް ހާޞިލު ކުރުމުގެ އުއްމީދުގައެވެ.އަހަރެން ގެ ޢުމުރުން 7 އަހަރުގައި ނިޔާވި ބައްޕަ ގެ ވަޞިއްޔަތް ފުއްދާ ދިނުމުގެ ބޭނުމުގައެވެ.

މާލެ އައިސް އަހަރެން އިނީ ބައްޕަ ފަރާތު ބޮޑުދައިތައެއްގެ ގާތުގައެވެ.އޭނާ އަކީ ޙުލުޤުހެޔޮ ދީންވެރި މަޑުމައިތިރި ރުޅިމަޑު މީހެކެވެ.އޭނާ އަކީ ދަރިން ލިބުމުގެ އުފަލުން މަޙުރޫމު ވެފައިވާ މީހަކަށް ވީތީ އެގެއިން އަހަންނަށް ލިބުނީ ދަރިއެއްގެ މަޤާމެވެ.އަހަރެންގެ ބޮޑުދައިތަ، ރަޙީމާ އާއި އޭނާގެ ފިރިމީހާ ޝިހާމް އަހަންނަށްދެމުން ގެންދިޔައީ ހިފެހެއްޓުމެއްނެތް ލޯތްބާއި އަޅާލުމެވެ.އިންތިހާ އޯގާތެރިކަމާއި އިތުބާރެވެ.ނަތީޖާއަކަށް ވެގެންދިޔައީ ގޭގެ އެއްވެސް މަސަތްކަތެއް އަހަންނަށް ކުރަން ނުޖެހުމެވެ.ފުދޭވަރަކަށް ލިބޭ ޢާއިލާ އަކަށްވީތީ ބަސްބުނާ ހިނދުން ބޭނުންކަމެއް ވުމެވެ.ސުވާލެއްނެތި ބުނިވަރަކަށް ފައިސާލިބުމެވެ.ޒަމާނީ ތަކެތި ހިތް އެދޭވަރަށް ގަތްދިނުމެވެ.މި ހުރިހާ ނިޢުމަތެއް ލިބުމުން އަހަރެން ޝުކުރުވެރިވީމެވެ.ލިބިހުރި ތަކެތީގެ ނާޖާއިޒު ފައިދާއެއް ނުނަގަމެވެ.މަންމަގެ ހެޔޮ ތަރުބިއްޔަތެވެ.

އަހަރެން މަންމަ މާލެ ގެނައުމަށް މަސައްކަތްކުރީމެވެ.މަންމަ އާއި ދުރުގާ ހުންނަން ހިތް ނޭދޭތީއެވެ.އެހެނަސް މުޅިދިރިއުޅުން ބަޔެއްގެ މައްޗަށް ބަރޯސާވެ އެކަން ބުރައަކަށް ވެދާނޭ ބުނެ މާލެ އައުމަށް އިންކާރު ކުރީއެވެ.އަދި މަންމަ އެދޭ ފަދަ ހަރުދަނާ ބޭނުންތެރި މީހަކަށް ވެގެން އައުމަށް އަބަދުވެސް ނަޞޭޙަތްދެއެވެ.ދުރުގައި ހުއްޓަސް ފޯނުގެ ޒަރީއާއިން އަހަންނާއި މަންމަ އާއި ގާތް ގުޅުމެއްއޮވެއެވެ.

މަންމަދޭ ނަޞޭޙަތްތައް އަބަދުހެން ހަނދާންހުއްޓަސް މަޑުމަޑުން އެހެން އަޑުތަކަކަށް ސަމާލުކަން ދެވެންފެށުނެވެ.އެހެންކަންތައްތަކަކަށް ޝައުޤުވެރިވެވުނެވެ.މަދަރުސާއިން ދިމާވި ރަޙުމަތްތެރިންތަކެއްގެ ސަބަބުންނެވެ.ނަތޫ އާއި ޝުހާ އާއި ރީމެވެ. މިއީ އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިންވެސްމެއެވެ.

މިތިން ކުދިންނަކީ މުޅި މަދަރުސައިގައިވެސް ނަން ހިނގާ ކުދިންނެވެ.ވިޔާނުދާ ކުދިންގެ ސިއްކަ ޖެހިފައިވާ ކުދީންނެވެ.އަޚްލާޤީ ފެންވަރު ދަށް ކުދިންކަމަށް މީހުން ބުނާ ކުދިންނެވެ.ފިރިހެން ކުދިން ގެ ނަޒަރުގައި ފަސޭހިން ހައްލާލެވޭކުދިންނެވެ.ޒަމާނީ ބަހުންނަމަ ޗީޕް ކުދިންނެވެ.އެހެނަސް އަހަންނަށް މިކުދިންގެ ކިބައިން ފެނުނީ ހިތްހެޔޮކަމެވެ.ލިބުނީ އެކުވެރިކަމާއި ގާތް ކަމެވެ.އެކުވެރިއަކަށް އިންތިހާއަށް ބޭނުން ވެފައި ހުއްޓާއި އެމީހުން އަހަރެންގެ އަތުގައި ހިފިއެވެ.

އަހަންނަށް އެމީހުން ގޯހެއްނޫނެވެ.އެމީހުންގެ ފަރާތުން ޒަމާނީ ގޮތްފޮތް ދަސްވިއެވެ.ވާހަކަ ދެއްކުމުގެ އާ ބަސްމަގެއް އިނގުނެވެ.އެންމެންގެ ލޯތައް އަމާޒުކުރުމަށް ކުރަންޖެހޭ ކަންކަން ބޭނުންވިއެވެ.

ނަތޫމެންނާއިޖެހުން ފަހުން އަހަރެންނަށް ބޮޑެތި ބަދަލުތަކެއްއައެވެ.ލަމުން އައި ޖިންސުތައް ކުރު ސްކާރޓުތަކަށާއި ސޯޓުތަކަށްބަދަލުވިއެވެ.ދޫހެދުންތައް ގަޔަށް ބާރުވެ ގައިގެވަނާ ފެންނަ ތުނި ހެދުންތަކަށްވިއެވެ.އެއްވަރަކަށް އޮތް ފަންދިގު އިސްތަށިގަނޑު ލޭޔާރޒް ކޮށްލާ ހައިލައިޓު ކޮށްލީމެވެ.އެތަށް ދަމެއް ވަންދެން ބޭރުގައި އުޅުން އާދަ އަކަށްވިއެވެ.މަންމަ އާއި އޮތް ގުޅުން ހީނަރުވިއެވެ.ބޮޑުދައިތަމެންނާއި ދުރުވިއެވެ.މަދަރުސާއަށްނުދާ ދުވަސް އިތުރުވާން ފެށިއެވެ.

އަހަރެންގެ މި ބަދަލުގެ ސަބުބުން ބޮޑުދައިތަ އާއި ބޭބެ ހިތް ހަމަނުޖެހި ފުރަތަމަފަހަރަށް ބާރަށް އެއްޗެއްބުންޏެވެ.އެދުވަހު އަހަރެން އެމީހުންނާއި ދިމާލަށް ހިތުހުރި އެއްޗެއް ގޮވީމެވެ.އަދި މަދަރުސާއަށް ދިޔުންވެސް ހަމަވީ ކަމަށް އަހަރެން ބުނީމެވެ.އެރުޅިގަނޑުގައި ގެއިން ނުކުތީ ރީމް އާއި ރީމްގެ ލޯބިވެރިޔާއުޅޭ އެޕާރޓުމެންޓަށް ދިޔުމަށެވެ.ރީމް އަކީ އަހަންނަށްވުރެ ދެ އަހަރު ދޮށީ ވާނެއެވެ.އޭނާ އަށް އަހަންނަށް ރަނގަޅު ޙިޔާލެއްދެވޭނެކަން ޔަޤީނެވެ.

އަހަރެން ގެއިން ނުކުތް އިރު ރޭގަނޑު 10 ޖަހަނީއެވެ.އޭރު ވިލާތަކުން މުޅި އުދަރެސްވަނީ ބައްދާލާފައެވެ.ދެންމެ ދެންމެ ވެހިގެންފާނޭ ހީވެއެވެ.އަހަރެންންނަށް ގެއާއި މާދުރަކަށް ނުދެވެއެވެ.ބަރުވެފައިވާ ވިލާތަކުން ބޯ ކެރިގަނޑެއްވެހެން ފަށައިފިއެވެ.
ވެހެމުންދިޔަ ބޯ ވާރޭ އަށް ފަރުވާލެއް ނުބަހައްޓާ ކުރިއަށް ހިނގަމުންދިޔައީމެވެ.އޭރު އަހަރެން ލައިގެންހުރި ތުނިތުނި ހުދު ޓީޝާރޓު ހުރީ ގައިގާ ތަތްލަވާފައެވެ.ޓީޝާރތުގެ ދަށުން ކިރިޔާ ފެންނަންހުރި ސޯޓުގެ ޖީބަށް އަތްޖަހާލައިގެން އާދައިގެ ހިނގުމެއްގައި ދަނިކޮށް ހުއްޓުންއެރީ ކާރެއްގެ ބަރުގަނޑުގެ އަޑަށެވެ.

ހުއްޓިފައި އަހަރެން ބަލާލި އިރު ކާރުގެ ޑުރައިވަރު ގެ ސީޓުގައި އިނީ ރޫފަ ހެޔޮ މެދުމިނެއްގެ ކަޅުކަމެއް ލިބިފައި ހުރި ޒުވާނެކެވެ.އާދައިގެ ވަރަކަށް ދިގު ބުޅި އިސްތަށިގަނޑެއް ލިބިފައިވާ މި ޒުވާނާ އަހަންނާއި ދިމާލަށް ބަލާލި ގޮތުން ހިތުގެ ހިނގުން އަވަސްވިއެވެ.

“ރައިޑެއް ބޭނުންތަ؟” ގާތް ގޮތަކަށް ހީލަމުން އެ ޒުވާނާ އަހާލިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނީ ބަލާށެވެ.އެވަގުތު އެ ޒުވާނާގެ ލާނެތް ހިނިގަނޑު ގެ އަޑު އިވި ސިހިގެންދިޔައެވެ.

“އަރާބަލަ ކާރަށް..މިއޮތް ފިނީގައި ތިހާ ރީތި ކުދިން ބޭރުގައި އުޅެނިކޮށް ބަލިވެދާނެ” އަހަންނާދިމާލަށް ބަލަން ހުރެ އޭނާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

އޭނާގެ އެދުމުގެ މަތިން އަހަރެން އެކާރަށް އެރީމެވެ.ކުރީ ސީޓަށެވެ.އެވެސް އޭނާ ދިން ދަޢުވަތެކެވެ.

“އަހަންނަށް ކިޔަނީ އަޔާން..ރައްޓެހިން ކިޔަނީ ޔާނު” އަހަރެން ކާރުގައި ހަމަ ޖެހިލުމާއި އެކު އަމިއްލަ އަށް އަޔާން ތަޢާރަފުވެލި އެވެ.
“ޒޯރާ..ޒޯ ކިޔަސް އޯކޭ” އަހަރެންވެސް ތަޢާރަފުވެލީމެވެ.

އަޔާން އަހަންނާއި ތަފާތު ވާހަކަ ދައްކަމުން ދިޔައެވެ.ނަމަވެސް ގޭތެރޭގައި މިރޭ ހިނގި ހާދިސާއިން ވެރިވެފައިވާ ނުތަނަވަސްކަމާހެދި މާ ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.އަހަރެންގެ ހަނުއިނުމުން އޭނާ އަށް އުނދަގޫވިއެވެ.އަހަރެންގެ ހިތުގައިވި ނުތަނަވަސްކަން އޭނާ ދެނެގަތެވެ.އަހަރެން އަޔާން އަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ.އަދި ގެ އަށް ދާން ބޭނުންނުވާކަމުގައި ބުނީމެވެ.

“އެހެންވީމަ މިރޭ ހިނގާ މަށާ އެއްކޮށް މަޖާ ކޮށްލަން؟” އެއްލޯ މަރައިލައިފައި އަޔާން ބުންޏެވެ.

“ހަމަ މަޖާކުރަން ވީ.” އަހަރެން މަޖާވެލާފައި ބުނީމެވެ.

“އެކަމު މަޖާ ކުރެވޭނީ ޔާނުމެން ގެ އަށް ދިޔައިމަ.އޯކޭ ތަ؟” އަޔާނު އަހާލިއެވެ.

އެއްވެސް މައްސަލައެއް ނެތް ކަމުގައި ބުނެ އެ ދަޢުވަތު އަހަރެން ޤަބޫލޫކުރީ އުފަލުންނެވެ.އޭނާގެ ކޮންމެ މަޤުޞަދެއް އޮތަސް ވަރިހަމަކޮށްލާފައެވެ.އެފަދަ ރީތި ޒުވާނެއްގެ ގާތުގައި ވަގުތު ހޭދަ ކޮށްލަން ހިތް އެދޭތީ އެވެ.އަހަރެންގެ އެކުވެރިންގެ ތެރެއިން އެފަދަ ފުރުޞަތެއްގެ ބޭނުން ހިފިފައި ނުވަނީ އަހަރެންނަށް ކަމަށްވެސްވީތީއެވެ.

އަޔާން އަހަރެން ގޮވައިގެން ގޮސް މަޑުކޮށްލީ 10 ބުރީގެ ޢިމާރާތެއްގެ ކުރިމަތީގެއެވެ.ކާރުން ފޭބުމަށްފަހު އެ ޢިމާރާތުގެ ގޭޓުން ވަދެގެންގޮސް ލިފްޓަށްއަރާ 9 އަކަށް ފިއްތާލިއެވެ.ލިފްޓު ގެ ހުޅުވުންދޮރާއި އެކު އަޔާން ނުކުމެ ކުރިމަތިން ފެންނަން ހުރި އެޕާރޓުމެންޓުގެ ދޮރު ހުޅުވާލި އެވެ.އަހަރެން އަޔާންގެ ފަހަތުން އެ އެޕާރތުމެންޓަށް ވަނީމެވެ.އެއާއިއެކު އަޔާން އެ ދޮރު ލައްޕާލިއެވެ.

ލެއްޕުނު އެ ދޮރާއި އެކު ހުޅުވިގެންދިޔައީ އަހަރެންގެ އަތުގައި އޮތް ހަމައެކަނި ޚަޒާނާ ބީވުދިޔުމުގެ ދޮރެވެ.އާނ އެކެވެ! އެ ބޯ ވާރޭގެ ތެރެއިން އެ ގުގުރީގެ އަޑުތަކުގެ ތެރެއިން އަހަރެންގެ ނަފުސު ބެހިގެން ދިޔައީ އެވެ.މަސްތެވެފައިވާ ޙާލުގައި ޖިސްމުން އާއި އިޙުސާސުތަކެއް ހޭލައްވާލީއެވެ.

އެރޭ ގެ ހުރިހާ ވަގުތެއް ހޭދަވީ އަޔާނު އަތުތެރޭގައިއެވެ.އެރޭގެ ކޮންމެ ސިކުންތެއްގައި ވެސް ލިބެމުން ދިޔައީ މީރު ކަމެވެ.

ޖެހިގެންއައި ދުވަހަށް އިރު އެރި އިރުވެސް އަހަންނަށް އޮވެވުނީ އަޔާންގެ ހިމާޔަތުގައި އެ މޭމަތީގައި އޮށްވައެވެ.ލޯ ހުޅުވާލުމާއި އެކު ރޭގެ ހަނދާންތައް އާވީ އަހަރެން އޮތް ޙާލަތުންނެވެ.ފޭރާމެއްނެތް އަހަރެންގެ ހަށިގަނޑުގައި ނުހަނު ލޯބިން އޮޅުލައިގެން އޮތް އަޔާން ވެސް އޮތީ އެ ޙާލަތުގައެވެ.އެހެންކަމުން އަހަންނަށް އެރޭގެއެ ހާދިސާ އާއި ދޭތެރޭ ވިސްނަން މަޖުބޫރުވިއެވެ.

ރޭގައި އަހަރެން އަޔާނުއާއި އެއްކޮށް މި އެޕާރޓުމެންތަށް ވަނުމަށް ފަހު އޭނާ އަހަރެންގެ ހުރިހާ ފިކުރެއް އެންމެ ފަސޭހައިން ދުއްވާލެވޭނީ މީގެންނޭބުނެ ރަތް ކުލައިގެ ބުއިމެއްދިނެވެ.އެއާއި އެކު އަހަންނަށް މުޅިން އެހެންދުނިޔެއަކަށް ދެވުން ފަދައެވެ.އަހަރެންގެ ހުރިހާ ވިސްނުމަކާއި ފިކުރެއް ފިލާދިޔައެވެ.އެއާއި އެކު އަޔާން އަހަރެންނާއި މަޑުމަޑުން ގާތް ވާން ފެށިއެވެ.އެ ޠޫފާނީ ވަގުތުގައި އަހަރެންގެ ހަޔާތް ބެހިގެން ދިޔައީއެވެ.

(ނުނިމޭ)

Share Article

Follow Me Written By

ލިލީ

Level 1

Other Articles

Previous

ހިތް މި އެދޭ ސޫރައޭ ތީ މަގޭ… ( 1 ވަނަ ބައި )

Next

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 12ވަނަ ބައި

Next
February 7, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 12ވަނަ ބައި

Previews
February 6, 2014

ހިތް މި އެދޭ ސޫރައޭ ތީ މަގޭ… ( 1 ވަނަ ބައި )

4 Comments!

  1. sappe says:
    December 5, 2015 at 7:18 pm

    me first v ryti wen next part????

  2. ***** says:
    December 27, 2015 at 10:39 am

    varah salhi koba next part

  3. naai says:
    January 1, 2017 at 11:12 pm

    Varah salhi.

  4. Lam says:
    April 2, 2017 at 7:30 pm

    Koba next part mivaahaka nimaalhadheeba plz plz

Comments are closed.



All Right Reserved!