އިސްކޮޅުން ދިގު ރީތި ޒުވާން ހަށިގަނޑެކެވެ. ފެހިކުލައިގެ ޓީޝާޓަކާއި ކަށިމައްޗައް އަރާ ދިގު ސޯޓެއް ލައިގެން ޖޮގިން ބޫޓަކައް އަރާފައި ހުއްޓެވެ. މެދުމިންވަރަކަށް ތުނބުޅި ދިގުކޮށްފައިހުރިއިރު، މަތިމަސް ތުނިކޮށް ކޮށާލާފައި ވެއެވެ. ކަޅެއް ނޫނެވެ. މާ ދޮނެއްވެސް ނޫނެވެ. “ތީ ހިބާ ދޯ؟” މާހިލް އެ ސުވާލު ކޮށްލީ ހިބާތޯ ޔަޤީންކުރުމަށެވެ. މޫނުބުރުގާގެ ނިވަލުގައިހުރި ހިބާގެ ނަޒަރު ގޮސް ހުއްޓުނީ އެ ޒުވާނާގެ މޫނަށެވެ. އެ މޫނުމަތިން ދަންނަ ވައްތަރު ނުޖެހިޔަސް އެއަޑަކީ ހިބާޔައް އޮޅޭނެ އަޑެއް ނޫނެވެ. ފިރިހެންވަންތަ ބުމައިގެ ތިރީގައިވާ ލޮލައް ނަޒަރު ހުއްޓުނީ އެއަޑުގެ ވެރިޔާތޯ ޔަޤީންކުރަން އެ ހިތް ބޭނުންވި ވަރުންނެވެ. އާއެކެވެ. އެއީ ހަމަ އެ ދެލޮލެވެ. އެ ދެ ބުމައެވެ. ދަތްދޮޅީގައިވާ ތުނބުޅިން މުޅިމީހާގެ ސިފަ ބަދަލުވެފައި ވީނަމަވެސް މިހާރު އަދި މާ ރީއްޗެވެ. މާ ފިރިހެންވަންތައެވެ. އެއީ ހަމަ މާހިލް އެވެ. ހިބާގެ މާޒީގައި ފަސްއަޅާ ވަޅުލާފައިވި ޞަފްހާއިން ބައެއްގެ މުހިންމު ބައިވެރިޔެކެވެ.
އެ ދެލޮލައް ބަލާލުމާއެކު ހިބާގެ މާޒީގެ ފުން ކަނޑައް ޣަރަޤު ވެވުނެވެ. މިއީ ހަޤީޤަތެއް ނުވަތަ ހުވަފެނެއްކަން ޔަޤީންކުރަން ބޭނުންވެފައިހުރެވުނީ ބުދެއް ފަދައިންނެވެ. “އަހަރެންދެކުނިން ހިބާމެންގެއިން ނިކުތްތަން. އެހެންވެ ހިބާހެން ހީވާތީ އަހާލީ.” ހިބާގެ ފަރާތުން ޖަވާބެއް ނުލިބުމުން މާހިލް އަނެއްކާވެސް އެ ސުވާލު ހަނދާން ކޮއްދިނީ އެއީ ހަމަ ހިބާތޯ ޔަޤީންކުރަން ބޭނުންވާ ވަރުންނެވެ. ހިބާގެ ހިތް ބާރުބާރައް ތެޅެމުންދަނީ ކީއްވެގެންކަމެއް ހިބާއަކައްވެސް ނޭނގެއެވެ. ސިކުނޑިން އެ ހިތައް ބިރުވެރި އިންޒާރެއް ދިން ފަދައެވެ. އެއީ ހިބާ ދެކެން ބޭނުންވާ ސޫރައެއް ނޫނެވެ. އެ މާޒީގެ ޞަފްހާތައް ހިބާ ހަނދާންކުރާކަށް ބޭނުމެއް ނޫނެވެ. އެއީ ހިބާޔައް ކުރެވުނު ބޮޑު މޮޔަކަމެކެވެ. އެފަދަ ނުބައި މީހަކު އޭނާގެ ބައިވެރިއަކަށް ހެދެވުނީ އެއީ ކާކުކަން ނޭނގިއެވެ. ހިބާ އަނެއް ފަރާތައް އެނބުރި އަވަސް އަވަހައް ހިނގައިގަތީ އިތުރައް އެންމެ މިނެޓަކުވެސް މާހިލްގެ ކުރިމަތީގައި ހުންނަން ބޭނުންނުވާތީއެވެ. އެ ހިތައް ކުރަމުން އެދާ އަސަރުތައް މައިތިރިކުރަން ބޭނުންވާތީއެވެ. ހިތުގައި އަދަންފެށި ރުޅިވެރިކަމުގެ އަލިފާނުން ފާފަޔަކަށް އަރައިގަންނަން ބޭނުން ނުވާތީއެވެ.
ބާރު ހިނގުމެއްގައި ގޮސް ގޭދޮރުން ވަދެވުމާއިއެކު ސިޑިން ދުވެފައި މައްޗައް އަރާ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އެއާއެކު ދޮރުގައި ފުރަގަހައް ވާގޮތައް ލެނގިގެންގޮސް ތިރީގައި ތަށިމުށިތައް މަތީގައި އިށީނދެވިއްޖެއެވެ. “މާހިލް.. މާހިލް.. ކީއްކުރަންތަ އޭނާ މަށައް އެ ގޮވީ؟ އެތައް ދުވަހެއްގެ ފަހުން އެނބުރިއައިސް މާޒީ ހަނދާން ކޮށްދެން އެއުޅުނީ އަނެއްކާވެސް އަހަރެން އެމަޅީގައި ޖައްސަންތަ؟” ހިބާގެ ހިތުގައި މާހިލް އަށްޓަކައިވީ ފޮރުވާފައިވި ނަފްރަތުތައް އުތުރި އަރައިގަތް ފަދައެވެ. އެއާއެކު އޭނާ ﷲ މަތިން ހަނދާން ވެ ހިތައް ބިރުވެރިކަން ވަނުމުން އަވަހައް އަޢޫޒު ދެތިންފަހަރު ކިޔާލީ ރުޅި މައިތިރި ކުރާށެވެ. ހިތައް މަޑުމައިތިރިކަން ވެރިވުމުން ﷲއަށް ހަމްދު ކޮށްފައި ތެދުވެގެން ގޮސް ކޮޓަރީގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ.
“ކިހިނެއްވެފައި އެހުރީ މާހިލް އަށް؟ މާހިލްއަށްވެސް ތެދުމަގު ފެނުނީތަ؟ އުޅުން އިސްލާޙް ކުރީތަ؟ ނޫން. ތުނބުޅި ދިގުކޮށްފައި ހުއްޓަސް އަދި އިސްލާޙް ވީ ކަމަކަށް ނުވާނެ ބަލާކަށް. މިހާރު ކިހާބައިވަރުކުދިން ފެޝަނަކަށް އެކަންކުރޭ. އެކަމަކު ކޮންއިރަކުބާ ޖަލުން މިނިވަންވީ؟” އެތައް ސުވާލުތަކަކުން އެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައީ މާޒީގެ ހިތި ހަނދާންތަކާއި އެކުގައެވެ.
މާހިލް އަކީ ހިބާގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ މާހިލް އާއެވެ. އެއީ ހިބާ ގްރޭޑް އެގާރާގައި އުޅެނިކޮށެވެ. މާހިލްވެސް އުޅެނީ ހިބާމެންގެ ކައިރީގައެވެ. އެއްގޯޅިގަނޑު ދޫކޮށްފައި ދެން އޮންނަ ގޯޅީގައެވެ. އެހެންކަމުން އާންމުކޮށް ދެމީހުންވެސް އެކަކު އަނެކަކައް ފެނި ފާހަކަ ދައްކަމުން ގޮސް ލޯބީގެ ގުޅުމަކައް ބަދަލުވީއެވެ.
ހިބާ މާހިލް ދެކެ އިންތިހާއަށް ލޯބިވީ ނަމަވެސް މާހިލް ހިބާއަށް އޮޅުވާލީއެވެ. ބޭވަފާތެރިވީއެވެ. ދޮގާއި، މަކަރު ހެދީއެވެ. ހިބާ މާހިލްއާއި ހެދި ދީވާނާ ވީނަމަވެސް މާހިލް ހިބާ ބޭނުންކުރީ ވަގުތީ އުފަލެއްގެ ގޮތުގައެވެ. އޭރު މާހިލް ވީ ރީތިހާ މަލަކުން ފޮނިބޯ މާބުރަކަށެވެ. އެގޮތުން ހިބާގެ ދިރިއުޅުމަށްވެސް އައީ ހިބާގެ ރީތިކަން ފެނިފައި، ހިބާޔާއެކީ އުފާވެރި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައެވެ. އެ ރީތި މަލުންވެސް ފޮނިބޯ ހިތްވީއެވެ.
މާހިލްގެ މަކަރުވެރިކަން ފަޅާއެރީ އޭނާޔާއެކު ނުވަ ވަރަކަށް މަސްދުވަސް އެކީގައި ހޭދަކުރި ފަހުންނެވެ. ހިބާ މާހިލް އާއެކު އުޅުނީ މައިންބަފައިންނަށްވެސް އެނގިގެން އެމީހުންގެވެސް ރުހުމުގައެވެ. ގޭގައި ބައްދަލުކޮށް ވާހަކަ ދެއްކުމަށްވެސް ނާސިރާއި ރަހްމާވަނީ ހުއްދަ ދީފައެވެ. މާލެތެރޭގައި ގިނަވެގެން އުޅެން އެ ދެމީހުން ބޭނުންނުވާތީއެވެ. އެމީހުން ދެކޭގޮތުގައި މިޒަމާނުގައި އެއުމުރުކުދީން އުޅޭނީ އެގޮތަށެވެ. އެކަން ހުއްޓުވަން އުޅެފިނަމަ ދެންކުރާނީ ވަގުވަގައް މަގުމަތީގައެވެ. އެހެންކަމުން ހުރިހާ ގޮތަކުންވެސް އެގޮތް އެންމެ ރަނގަޅުކަމަށް އެމީހުންނަށް ދެކެވެނީއެވެ.
އެހެންނަމަވެސް ނާސިރު ދެމަފިރިންނަށް ނޭނގޭ ހަޤީޤަތަކީ ޒަމާން ބަދަލުވި ބަދަލުވިހެން ނުބައިކަންތައްތައް ދާނީ އިތުރުވަމުންކަމެވެ. ޒަމާނަށް އަންނަ ބަދަލާއެކު އަންނަ ނުބައިކަންތައްތަކައް ޒަމާނީ ބަދަލޭކިޔާފައި އޯކޭ ދިނުމަކީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހުންގެ އާދައެއް ކަމެވެ. އަހަރެމެންގެ ރައްބު މީގެ އެތައް އަހަރެއް ކުރިން މިކަންކަމުގެ ޚަބަރު ދީފައި އެނުބައި ކަންކަން ނުކުރުމަށް އަމުރު ކުރައްވާފައި ވެއެވެ. ވީމައި އެކަންކަން މަނާ ނުކުރަނީނަމަ ދުވަހަކަށްފަހު ދުވަހެއް އެކުދިން ދާނީ އެތައް ފާފައަކަށް އަރައި ގަންނަމުންނެވެ. އެއީ މުޅިންވެސް ޒަމާން ނިމި އެކަލާންގެއާއި ބައްދަލުކުރަންޖެހޭ ދުވަހެއް އަންނާނޭކަން ހަނދާން ނެތި ދިއުމުގެ ނަތީއްޖާއެވެ.
މާހިލްގެ މަކަރުވެރިކަން ހިބާއަށް އެނގުނީ ނާސިރުގެ ފަރާތުންނެވެ. އެއްދުވަހަކު ނާސިރު އައިސް މީގެ ފަހުން މާހިލްއާއި އެއްވެސް ގުޅުމެއް ނުބާއްވަން ހިބާއަށް ހަރުކަށިކޮށް އެންގިއެވެ. ހިބާ ރޮމުން އެތައް ސުވާލެއްކުރުމުން ޓީވީ ހުޅުވާފައި ކީއްވެގެންކަން ބުނެދިނެވެ. އޭރު ހަށިވިއްކާ ގެޔަކުން ފުލުހުން ބަޔަކު ނެރިގެން ގެންދާތަން ބުރޭކިން ނިއުސްގައި ކިޔައެވެ. މޫނުގައި އަތްއަޅައިގެން މޫނު ނުދައްކަން މާހިލް މަސައްކަތް ކުރިނަމަވެސް ހިބާއަށް މާހިލް އޮޅޭނެ ހެއްޔެވެ؟ މާހިލް ލައިގެން ހުރި ޓީޝާޓުންވެސް އެއީ މާހިލްކަން ހިބާޔައް އެނގުނެވެ.
ކިތަމެ ދެރައެއްވިނަމަވެސް އެފަދަ ނުބައި މީހަކާއެކު ދިރިއުޅުމެއް އުޅެން ހިބާ ބޭނުންނުވާތީ އެ ހަނދާންތަކާއި ދުރައްދާން މަސައްކަތް ކުރީއެވެ. ހިބާގެ ބުރަ މަސައްކަތުން އެ ހަނދާންތަކާއި ދުރައްދެވި އާ އަޒުމުތަކަކާއި އެކު ކުރިއަށްދިޔައީ ހިނިތުންވުމަކާއެކުއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ މިހާ ދުވަސްކޮށްފައި މާހިލް އާ މި ދިމާވީ ކީއްވެ ހެއްޔެވެ؟ މާހިލްގެ ފަރާތުން އަނެއްކާ ހިބާގެ ދިރިއުޅުމަށް އަންނަން މިއުޅެނީ ކޮންކަހަލަ ތޫފާނެއް ހެއްޔެވެ؟ ނުވަތަ ލިބެން އުޅެނީ ބޮޑު ނިޢުމަތެއް ބާވައެވެ؟ އެ ހަނދާންތަކުން ހިބާގެ ސިކުނޑިއަށް އެތަކެއް އުނދަގޫތަކެއް ކުރަމުންދިޔައެވެ. މާޒީގައި ކުރެވިފައިވާ ފާފަތައް ހަނދާންވެ ދެރަވެ ތަޢުބާ ވެވުނީ ކިތައް ފަހަރުކަމެއްވެސް ނޭނގެއެވެ. ފުންނޭވާއެއް ދޫކޮށްލާފައި ހިބާ ތެދުވެ ފެންވަރާލަން ދިޔައީ ސައިގަޑި ޖެހޭތީއެވެ. މާހިލްގެ ހަނދާންތަކުން ވަމުންދިޔަ އުނދަގޫތަކުން ދުރުވުމައްޓަކައިވެސް އެހެންކަމެއްގައި ޝާމިލުވުން މުހިންމުކަން އަަމިއްލަ ނަފްސައް ހަނދާންކޮށް ދެމުންނެވެ.
އާޓިފިޝިއަލް ބީޗްގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި މާހިލް އިށީނދެ އިން އިރު އެ ހިތުގައި މާޔޫސްކަމުގެ ރާޅުބާނީ ތައް ދުވެއެވެ. “ޔާ ﷲ! މިއަޅާ ވާންވީ އުފާކަމެއް ނުވަތަ ވާންވީ ދެރަކަމެއް ނޭނގެއެވެ. އެއީ ހިބާކަމެއްވެސް ނޫން ކަމެއްވެސް ނޭނގެއެވެ. ހިބާ މާލެއައިސް އުޅޭ ވާހަކަ އަޑުއެހީމެވެ. އެހެންކަމުން އެގޭ ދޮރާށިން ނިކުތުމުން ހީކުރެވުނީ ހިބާކަމަށެވެ. އެއީ ހިބާ ނޫންނަމަ އެކުއްޖާއަށް މިކުރެވުނީ ވަރަށްބޮޑު އުނދަގުލެކެވެ. އެއީ ހިބާކަމަށް ހީކޮށް މޫނުބުރުގާ އަޅާފައި ހުރީމައި އަހަރެން ކުރި ދުޢާތައް އިޖާބަކުރެއްވިއްޔޭ ހިތައް އެރިވަރުން އައި ޖޯޝެއްގައި ހިބާތޯ ޔަޤީންކުރަން ބޭނުންވީއެވެ. އެއީ ހިބާނަމަ ވިސްނާނުލާ މިކުރެވުނީ އަދި މާ ގޯސްކަމެކެވެ. އޭނާގެ ހިތައްވާނީ ވަރަށް އުނދަގޫވެފައެވެ. އޭނާ ހަނދާން ކުރަން ބޭނުންނުވާ މާޒީގެ ކަޅު ޞަފްޙާތަކެއް ހަނދާން ކޮށްދެވުނީއެވެ. އެއީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫނެވެ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ!” ދެއަތް ހަށިގަނޑުގެ ފަހަތުން ގޮނޑީގައި ލައްކޮށްގެން އިނދެ ހިތުން އޭނާގެ ރައްބާއި މުހާތަބު ކުރަމުން ދިޔައެވެ.
އެވަގުތު ތަކުގައި އޭނާގެ ސިކުނޑީގައި އާވަމުން އައީ އޭނާގެ މާޒީގެ ހަނދާން ތަކެވެ. އޭނާ ނުކުރާ ކުށެއްގެ ތުހުމަތުގައި ޖަލައްދާން ޖެހުނު ގޮތެވެ. އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަގޮތެވެ. އާއެކެވެ. ހިބާ ހީކުރާ ގޮތައް އޭރު މާހިލް އަކީ ރީތިހާ މަލަކުން ފޮނިބޮމުންދިޔަ މާބުރެކެވެ. ހިބާގެ ދިރިއުޅުމަށްވެސް އައީ އޭނާޔާއެކު ދިރިއުޅުމެއް ފެށުމުގެ ބޭނުމަކު ނޫނެވެ. ލޯތްބާއި އޯގާތެރިކަމަކީ މާހިލް ދަންނަ އެއްޗެއް ނޫނެވެ. ދުވަސް ނިމިގެންދަނީ ކިޔެވުމުގެ އިތުރުން މަޖަލާއި ސަކަރާތުގައެވެ. އަންހެންކުދިންނާއެކު ގެސްޓް ރޫމްތަކުންނާއި، ބީޗުތަކުގެ އެކި ހިސާބު ތަކުންނާއި، ޕާކިން ޒޯން ތަކުންނެވެ. ރަހްމަތްތެރިންނާއެކު ކޮފީ މޭޒުތަކުންނާއި، ގާޑިޔާތަކުގެ ބިލެއް މީރު ކުރުންތަކުންނެވެ. ފޯނުގެ ކީ ބޯޑުން ލިޔެލާ މަސްތީ މެސެޖު ތަކުންނެވެ. ކުޅޭކުޅިވަރެއް ފަދައިން އަންހެންކުދިންގެ ހިތްތަކާއި ކުޅިލާނެ މޮޅެތި އުކުޅުތައް މާހިލް ދަނެއެވެ. މާހިލް ދެކެމުން އައީ އެއީވެސް ޓެލެންޓެއް ކަމަށެވެ. ރަހްމަތް ތެރިންގެ ފަރާތުން އެކަމަށް ތަޢުރީފު އޮހެނީ މަދަކުން ނޫންވިއްޔާއެވެ. ހިބާޔާއި ރައްޓެހިވެގެން އުޅެމުންވެސް މާހިލް ދިޔައީ އިތުރު ދެކުއްޖެއްގެ ހިތާއިވެސް ކުޅެމުންނެވެ. ކުރިމަގުގެ ދޮގު ހުވަފެންތަކެއް ދައްކަމުންނެވެ.
އެ ހުރިހާ ކަމަކަށް ނިމުމެއް އައީ އެއްދުވަހެއްގެ ހަވީރު އައި މެސެޖެއްގެ ސަބަބުންނެވެ. “ހިރުނދުމާގޭ ފުރަތަމަ ފަންގިފިލާ، ރޫމް ނަމްބަރު 3. ބަރާބަރު ފަސްގަޑި ބަޔައް. ބޮޑު ސަޕްރައިސެއް ލިބޭނެ.” މާހިލްގެ ގާތް އެކުވެރިއެއް ކަމަށްވާ ރަޝާދުގެ ފޯނުން އައި އެމެސްޖެގެ އެ އެޑްރެހައް މާހިލް ދިޔައީ އެ ބޮޑު ސަޕްރައިޒްގެ ފޮނި އިންތިޒާރުގައެވެ. ބޮޑައް ހީކުރެވުނީ ރަހްމަތްތެރިން މަޖާ ސަކަރާތްގަނޑެއް ގަންނަން އުޅެނީ ކަމަށެވެ. އެހެންނަމަވެސް ހަޤީޤަތުގައިވެސް އެއީ ބޮޑު ސަޕްރައިޒެކެވެ. އެބުނާ ގެއަށް ވަދެވުން އިރު ފަސްގަޑިބައިވަން އިތުރު ފަސްވަރަކަށް މިނަޓް ހުއްޓެވެ. އެގެ ބޮޑައް ވައްތަރީ ގެސްޓް ހައުސްއަކާއެވެ. ސިޓިން ރޫމެއްފަދަ ތަނަކަށް ވަދެވޭއިރު ޖެހިޖެހިގެން ހަތަރު ދޮރު ހުއްޓެވެ. ކޮންމެ ދޮރެއްގައިވެސް ނަމްބަރު ޖަހާފައި ހުއްޓެވެ. މުޅި ސަރަހައްދު އޭސީ ކޮށްފައި ހުރި އިރު ދޮރުތައްވެސްވަނީ އެންމެ ފެންވަރަށް ހަދާފައެވެ.
މާހިލް ލިބެން އުޅެނީ ކޮންކަހަލަ ސަޕްރައިޒެއްކަން ނޭނގިހުރެ ތިންވަނަ ކޮޓަރިއަށް ވަންއިރު މުޅިތާވަނީ އަނދިރިކަމެވެ. އެހެންކަމުން އަތްހާކަމުންގޮސް ސްވިޗެއްގައި އަތްޖެހުމުން އޮންކޮށްލެވުނުއިރު އެތަންވީ ހިތްގައިމު ރީތި ކޮޓަރިއަކަށެވެ. ރީތި ފެނަވަރަކަށް ހަދާފައި ވެއެވެ. އެންމެ ފެންވަރުގެ އެނދެއް ބަހައްޓާފައި ހުރިނަމަވެސް އެނދުގައި އޮތް ހުދު ބެޑްޝީިޓް އެގޮތް މިގޮތައް އެނބުރިފައިވަނީ ބަޔަކު އެތާގައި މަޖާ ނަގާފައިވާ ފަދައަކުންނެވެ. މާހިލް މަޑުމަޑުންގޮސް އެނދުގެ އެއްފަރާތުގައި އިށީނދެލީ ކައިރީގައިހުރި މޭޒުގެ ކަބަޑުތައް ހުޅުވާ ބަލާލުމަށެވެ. އެޔާއެކު ބާރުއަޑަކާއެކު ކޮޓަރި ދޮރު ހުޅުވިގެން ދިޔަ އަޑައް ސިހިފައި ބަލައިލި މާހިލް އަށް ފެނުނީ ފުލުހުންގެ ޓީމެއް އައިސް ކޮޓަރިއަށް ވަދެގަތް ތަނެވެ. ވާނުވާ ނުވިސްނެނީހެން އެމީހުން އައިސް މާހިލްގެ އަތް ފަހަތައްލާ ބިޑިއެޅުވިއެވެ.
މާހިލް އަށް ހުރެވުނީ ވާނުވާ ނޭނގި ގަބު ވެފައެވެ. އެމީހުންގެ ހަރަކާތްތައް އަވަސްކަމުންވެސް ހައިރާންކަން ލިބިފައިހުރި މާހިލް އަށް އިތުރު ހައިރާންކަމެއް ލިބުނީ މުޅި ކޮޓަރި ބަލާފާސް ކުރަމުން ދިޔަ ފުލުހުންގެ ބަޔަކު ފާހާނާއަށް ވަދެފައި ނިކުމެގެން އެއައީ އަންހެނަކު ގޮވައިގެން ކަމުންނެވެ. އޭނާގެ އަތްވެސް ފަހަތައް ލާފައި އަތުގައި ބިޑިއަޅުވާފައިވާއިރު ބޮޑައް ވަށްތަރީ އިންޑޮނޭޝިއާ ހިސާބު އަންހެނަކާއެވެ. އޭނާ އެތާގައި ކީތްކުރަނީ ހެއްޔެވެ؟ ލައިގެންހުރީވެސް ކުރުކުރު ސޯޓަކާއި އަތްނެތް ޓީޝާޓެކެވެ. ދެމީހުން އެކުގައި ކޮއްޕަމުން ކަހަލަ ގޮތަކަށް އެކޮޓަރިން ނެރުނެވެ. އެޔާއެކު އަނެއްކާވެސް ލިބުނީ ހައިރާންކަމެވެ. އިތުރު އެކަހަލަ އަންހެނުންތަކަކާއި، ދެ ދިވެހި ފިރިހެނަކާއި، ދެ ބިނދޭސީ ފިރިހެނުންވެސް ހަމަ އެގޮތައް ބިޑި އަޅުވާފައި ތިއްބެވެ.
ހުރިހާ އެންމެން ބޭރަށް ނިކުމެ ވޭނައް އަރަންބުންޏެވެ. ބޭރަށް ނިކުތުމާއެކު ނޫސްވެރިން ކެމެރާތަކުން ފޮޓޯނަގަމުން ވީޑިޔޯ ކުރަމުން ދިޔައީ ފުލުހުންނަށް އެތައް ސުވާލުތަކެއް ހުށައަޅަމުންނެވެ. އެމީހުންގެ ސުވާލުތަކުން މާހިލް އަށް ކޮންމެވެސް ވަރަކަށް މި ހައްޔަރު ކުރެވުނީ ކޮންބަޔެއްކަން ދޭހަވިއެވެ. “އެކަމަކު ކީއްވެ ހެއްޔެވެ؟ ރަޝާދު އޭނާއަށް މިހާ ބޮޑު ލަނޑެއް ދޭންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހީކުރީ ރަޝާދުއެއީ ނުލާހިކު ގާތް، ހެޔޮއެދޭ އެކުވެރިއެއް ކަމަށެވެ.” ސުވާލުތަކުން މާހިލްގެ ހިތް ފުރެމުން ދިޔައެވެ. ހިތުގައި ރަޝާދުއާއި މެދު އިންތިހާ ރުޅިވެރިކަމެއްވެސް އުފެދުނެވެ.
ފުލުހުން މާހިލް އާއި އެތައް ފަހަރަކު ސުވާލު ކުރިއެވެ. އެކަމުގެ އަޑީގައި ވާ ބަޔަކު ހޯދާށެވެ. ފުލުހުން ދެކޭގޮތުގައި އެ ހައްޔަރު ކުރެވުނީ ވަގުތީގޮތުން އެކަމުގައި ހިމެނުނު މީހުންނެވެ. އެކަން ހިންގާ ކުރިޔައް ގެންދާ ބަޔަކު އެނގެން ޖެހެއެވެ. ހުރިހާ ފަހަރަކުވެސް މާހިލް ކިޔާދިނީ އެއް ވާހަކަ ތަކެކެވެ. މާހިލް އެތަނައް ދިޔަ މީ ފުރަތަމަ ފަހަރުކަމާއި، އެތަނައް ދިޔައީ ރަހުމަތް ތެރިޔާގެ މެސެޖުން ކަމަށެވެ. އެތާގައި އެހެން ބަޔަކު އެކަހަލަ ކަމެއް ކުރަމުން ދިޔަ ކަމެއް އޭނާ ނުދެނަހުރިކަމެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރީ އެތަނުން ކޮޓަރިއެއްގެ އެތެރޭގައި ހުއްޓާ ކަމަށްވެފައި އިތުރު އަންހެނަކުވެސް އެކޮޓަރި ފާޙާނާތެރެއިން ފެނުނުކަމާއި، ހަށިވިއްކާއިރު ބޭނުންކުރާ އާލާތްތައް އެގެއިންނާއި، އެކޮޓަރިންވެސް ފެނިފައިވުމާއި، ކޮޓަރީގެ އެނދުގެ ބެޑްޝީޓް މާހިލް އެކަމުގައި ޝާމިލްވާ ކަމަށް ހެކިދޭކަމަށް ނިންމައި 2 އަހަރު ދުވަހައް ޖަލައް ލެވުނެވެ. އޭރު މާހިލްގެ އުމުރުން އަށާރަ އަހަރެވެ. އަދި ދިޔައީ ކޮލެޖަކުން އައި. ޓީ ކޯހެއް ފުރިހަމަ ކުރަމުންނެވެ.
އެހުރިހާ ކަމަކަށް ނިމުން އައިސް އާއިލާގެ މީހުންނާއި ދުރުގައި، ޖަލުގެ ތޭރިތަކުގެ ތެރޭގައި އެކަހެރިވާން ޖެހުނީ އެހާވެސް ޅަ އުމުރުގައެވެ. ނަމަވެސް ދުވަހަކަށްފަހު ދުވަހެއް އޭނާގެ ދިރިއުޅުމަށް ދިޔައީ ސަޕްރައިޒް ތަކެއް ލިބެމުންނެވެ. ޖަލައް ލެވުނުތާ ތިންވަނައަށްވީ ދުވަހު ނާސިރު މާހިލް އާއި ބައްދަލު ކުރަން އައެވެ. ނާސިރު ފެނުމާއިއެކު މާހިލް އަށް ހީކުރެވުނީ ހިބާގެ އާދޭސްތަކުން އޭނާ ސަލާމަތް ކުރުމަށް ނާސިރު އައީ ކަމަށެވެ. ނަމަވެސް ލިބުނީ ހީވެސް ނުކުރާ ޚަބަރެކެވެ. މިކަމުގެ ފަހަތުގައިވަނީ ނާސިރުކަން ނާސިރު ހާމަކުރީ ފަޚުރުވެރިކަމާއިއެކުގައެވެ. އެއީ މާހިލް ހިބާއަށް ދައްކަމުން އައި ދޮގު ހުވަފެންތަކުގެ ބަދަލު ކަމަށް ބުންޏެވެ. ފެނުނުހާ މަލަކުން ފޮނި ބޮމުން ދަނިކޮށް ގަހެއްގެ ކިރުގަނޑުގައި ތަތްވެ ތިއޮތީ ހައްޔަރުވެފާ ކަމަށް ބުނީ ހިނިއައިސް ހުރެއެވެ. އަދި މާހިލް އަށް ރަޝާދު މެސެޖް ކުރީ ނާސިރު ދިން ރުފިޔާކޮޅަކަށް ހެއްލިގެން ކަމަށް ބުންޏެވެ. އަދި ރަޝާދުއަކީވެސް އަހަރެން ފަދައިން ދުނިޔެއިން މޮޔަ ވެފައިވާ މީހެއްކަމަށް ބުންޏެވެ. އަހަރެން އަންހެންކުދިންނާއި ހެދި މޮޔަވެފައިވާއިރު ރަޝާދު ވަނީ މަސްތުވާ ތަކެތިން މޮޔަވެފައި ކަމަށް ބުންޏެވެ.
މާހިލް އެއޮށް ހުރިހާ ދުވަހު ހިބާ އަށް ސިއްރުކުރަމުން އައި ސިއްރުތައް ނާސިރު ހޯދީ މާހިލް އަށް އެތައް ދުވަހަކު ފާރަ ލަމުންނެވެ. އެއަށްފަހު މާހިލްގެ ހަޤީޤަތް އެނގުމުން ހިބާއަށް ދިން ލަނޑުގެ ބަދަލު ހިފަން ބޭނުންވީ މުޅި ދުނިޔެ އަށް މާހިލް ބަދުނާމު ކޮށްފައެވެ. ނާސިރުގެ ބޭނުން ވަރަށް ރަނގަޅައް ފުދިއްޖެއެވެ.
އެހެންނަމަވެސް ﷲގެ ރޭވުންތެރިކަން މާމޮޅެވެ. އެ ޖަލުގެ ތޭރިތަކުގެ ތެރެއިން މާހިލްގެ ލޯ ދުނިޔެ އަށް ހުޅުވުނެވެ. ތެދުމަގުފެނި ރަނގަޅު ނުބައި ސާފުވިއެވެ. ކުރެވެމުން އައި ބޮޑު ފާފަތަކުން އޭނާ ސަލާމަތް ކޮށްދިނީ އެ ކުޑަ ގޮޅީގެ ހަތަރު ފާރުން އެތެރޭގައިވި އެކުވެރިއެކެވެ. އެއީ މާތް މީހެކެވެ. ދީނާއިބެހޭ އިލްމު އުނގެނިގެންހުރި މޮޅު ޓީޗަރެކެވެ. ބަޔަކު ރޭވި ނުބައި ރޭވުމެއްގައި ޖެހި އެ ޝެއިޚްވެސް ދުވަސްތައް ގުނަން ޖެހިފައި ވީ އެތޭރިތަކުގެ ތެރޭގައެވެ.
ނާސިރުގެ ނުބައި ރޭވުންތައް ރޭކާލުމުން މާހިލްގެ ހިތުގައި އަލިފާނުގެ ހުޅުގަނޑެއް ރޯވިފަދައެވެ. އެ މަޅީގައި އަމިއްލަ އަށް ޖެހެވުމުން އަމިއްލަ ނަފްސުދެކެވެސް ރުޅިއައެވެ. އަމިއްލަދެއަތުން ފާރުގައި ގޮށްމުއް ކަވާފައި ޖެހުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ހިބާއާއި އޭނާގެ ބައްޕަ ދެކެ ވީ ފޫއްސަކުން ހިތާއި ސިކުނޑީގައި ބުނެދޭން ނޭނގޭ ކަހަލަ ހައިޖާންގަނޑެއް އުފެދިފައިވަނިކޮށް އެ ޝެއިޚް ސުވާލު ކުރިއެވެ. “ކަލޭގެ ތިރުޅީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ކުރެވުނު ނުބައިކަމަކުން އަމިއްލަ ނަފުސުދެކެ ރުޅިއައުން ހެއްޔެވެ؟ ނުވަތަ ބަޔެއްގެ ބަހައް ހެއްލެވުނީތީ ރުޅި އަންނަނީ ހެއްޔެވެ؟” މާހިލް ބޮލުގައި ހިފަހައްޓާލައިގެން އިން ދެއަތް ނަގައި އެ މީހާއާއި ދިމާލައް ބަލާލިއެވެ. ދެބައި އުމުރުގެ އެމީހާގެ މޫނުމަތީގައި އުޖާލާ ކަމެއް ހުއްޓެވެ. އެއްވެސް ހާސްކަމެއް، ހިތާމައެއް، ކަންބޮޑުވުމެއް އެ މޫނަކުން ނުފެނެއެވެ.
**ނުނިމޭ**
8 Comments
Comments are closed.
Maasha allah??
Wen next part?
Masha allah mivaahaka v reethi❤
Mee haadha lahun up vaa vaahaka ekey dho but vaahaka varak reethi
Haadha reehchey..n interesting ???????keep it up.. waiting 4 next part…
Vaahaka reethi ekm up vaaleh las v ma nuhurey handaaaneh vs kurin part
Varah reethi
Masha Allah….vvvv reethi
Jazaakumullah khair. In Shah Allah will try to upload little faster. 🙂