ލޯބީގ ނަޒަރުން ކަލާއޭ ދެކޭނީ… 02
އައި.ސީ.ޔޫ ގެ ބޭރުގައި ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިޝާން ގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ރަވާހު އޭނާގެ ކޮނޑުގައި އަތް އަޅާލުމުންނެވެ. “އިށީންނަން ވީނު؟” އޭނާގެ ސުވާލަށް ޖަވާބެއް ދިނުމުގެ ގޮތުން އިޝާން ދެފަރާތައް ބޯހޫރާލިއެވެ. “ނޫން.. އަހަންނަށް ހަމަޖެހިގެން ހުރެވޭނީ ޑޮކްޓަރުގެ ހަބަރެއް ވުމުން..”
“އިރުކޮޅަކަށް އިށީނދޭ.. މާތް ﷲގެ އިރާދަފުޅުން ހުރިހާ ކަމެއް ރަނގަޅު ވާނެ..” ނުރުހިފައި ހުރެ ރަވާހު ވާހަކަ ދެއްކިއެވެ. އެކުވެރިޔާގެ ހާސްވެފައިވާ ހާލު ފެނި ރަވާހު ހުރީ ކަންބޮޑުވެފައެވެ. ނުވާންވީ ސަބަބެއް ނެތެވެ. އިޝާނަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ރަވާހަށް ރަނގަޅަށް އެނގެއެވެ. އޭނާ ވިސްނާނެ ވަރު އަދި ހާސް ވާނެ ވަރު ރަވާހަށް ފަހުމްވެއެވެ. އެހެނީ އައި.ސީ.ޔޫ ގައި އޮތީ ޔާނާ އެވެ. އިޝާން ގެ ކުޑައިރުއްސުރެން އެކުވެރިޔެކެވެ.
ގިނަ އިރުތަކެއްނުވެ އައި.ސީ.ޔޫ ގެ ދޮރު ހުޅުވުމަށްފަހު ޑޮކްޓަރު ބޭރަށް ނިކުތެވެ. “ޑޮކްޓަރ. ޔާނާ.. އޭނާގެ ހާލު ކިހިނެއް؟” ކެތްމަދުވެފައިވާ ހާލުގައި އިޝާން ޑޮކްޓަރާއި ސުވާލު ކުރިއެވެ. އިޝާނަށް ޖަވާބެއް ދިނުމެއްނެތި ޑޮކްޓަރޫ އަލީބެއަށް އިޝާރާތްކުރީ ފަހަތުން އައުމަށެވެ. އަލިބެ ގޮނޑިން ތެދުވުމަށް ފަހު ޑޮކްޓަރު ފަހަތުން ހިނގައިގަތީ އިޝާނާއި ދިމާއަށް ބޯޖަހާލުމަށްފަހު ހިނިތުންވަމުންނެވެ. ހުރިހާކަމެއް ރަނގަޅު ވެދާނޭ ބުނާފަދައެވެ.
ޔާނާ ހޮސްޕިޓަލަށް ގެނައުމަށް ފަހު އަލިބެގެ ހަރަކާތްތައް ހުރިގޮތުން އިޝާން ހުރީ ވާނުވާއެއް ނޭނގިފައެވެ. ޔާނާއަށް އެހާލު ޖެއްސީ އަލިބެ ކަމަށް ކުރިން އޭނާ ގަބޫލު ކުރިނަމަވެސް މިހާރު އޭނާގެ ވިސްނުން ބަދަލުވާން ފަށައިފިއެވެ. އަލިބެއަށް ހަމަ އަސްލުވެސް ވީގޮތެއް ނޭނގޭކަމަށް އޭނާއަށް ގަބޫލުކުރެވެން ފެށިއެވެ. ރަވާހުގެ ވެސް ހުރީ ހަމަ މިފަދަ ހިޔާލެކެވެ. ދެޒުވާނުންވެސް ކެތްތެރިކަމާއިއެކު މަޑުކޮއްގެން ތިބީ ޔާނާގެ ހާލު ރަނގަޅުވެ އޭނާއާއި ވާހަކަ ދެކެވޭނެ ފުރުސަތެއްގެ އިންތިޒާރުގައެވެ. ހުރިހާ ސުވާލަކަށް ޔާނާގެ ފަރާތުން ޖަވާބު ލިބޭނެތީއެވެ.
“ދަރިފުޅާ.. ކޮންމެވެސް އެއްޗެއް ކާން ވެއްޖެއެއްނު؟ ހިނގާ މަންމަ އާއި އެކު ގެއަށް ގޮސްފަ އަންނަން.. ހެނދުނު ސައިބި ގޮތަށް ވިއްޔާ ތިހުރީ..” ފާތުމަ އޭނާގެ ދަރިފުޅާއި މުހާތަބު ކުރިއެވެ. ފާތުމަގެ މޫނަށް ބަލައިލި ކޮންމެ މީހަކަށްވެސް އޭނާ ހުރީ ކަންބޮޑުވެފައި ކަން އެނގޭނެއެވެ. ވާނީވެސް އެހެންތާއެވެ. އިޝާން ހުރި ހާލު އޭނާއަށް ފެނެއެވެ. އިޝާން ދެރަވެ ހާސްވެފައި ވާ މިންވަރު އޭނާއަށް އިހުސާސް ކުރެވެއެވެ. މަޔަކަށް އޭނާގެ ދަރިފުޅު އެފަދަ ހާލެއްގައި ހުރިތަން ބަލަން ކެތްވާނީ ކިހިނެއް ހެއްޔެވެ؟
“އެކަމަކު…” އިޝާން ދެކޮޅު ހަދަން މަސައްކަތް ކުރިނަމަވެސް ރަވާހު އޭނާގެ ޖުމުލަ މެދުކަނޑައިލިއެވެ. “ގެއަށް ގޮސް ކައިގެން އާދޭ.. އިޝާން އަންނަންދެން އަހަރެން ހުންނާނަން.. ތިހެން ނުކައި ހުންނާކަށް ނުވާނެ..” އޭނާ އިޝާނަށް ނަސޭހަތްތެރިވިއެވެ.
“އެއްވެސް ހަބަރެއް ވެއްޖެނަމަ ގުޅާލާތި..” އިޝާން އާދޭހުގެ ނަޒަރަކުން ރަވާހަށް ބެލިއެވެ. ޖަވާބުގައި ރަވާހު ބޯޖަހައިލިއެވެ. ރަވާހަށް ޝުކުރުން ފުރިފައިވާ ހިނިތުންވުމެއް ރައްދު ކުރުމަށް ފާތުމަ ހިނގައިގަތީ ދަރިފުޅު އިޝާން ގޮވައިގެން ގެއާއި ދިމާލަށެވެ.
ފާތުމަ އާއި އިޝާން ދިޔަތާ ގިނައިރުތަކެއް ނުވެ އަލިބެ އަނބުރާއައެވެ. އޭނާގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ރަވާހަށް ގަބޫލު ކުރެވުނެވެ. ނަމަވެސް އަލިބެ ހުރި ހާލު ފެނުމުން ޔާނާގެ ނަންވެސް އަލިބެ ގާތު ކިޔާކަށް ރަވާހަކަށް ނުކެރުނެވެ. ހާދާނެ ގޮތެއްނޭނގިފައި ހުރި ރަވާހުގެ ބޮލުގެ ތެރޭގައި އެނބުރެމުން ދިޔަ ސުވާލްތަކަށް ޖަވާބެއްދިނީ އަލިބެ އަމިއްލައަށެވެ.
“ޔާނާގެ ގައިގައި ލޭމަދު.. ދެގަޑިއިރު ތެރޭ ލޭ ހޯދަން އެބަޖެހޭ.. ނޫނީ—” އަލިބެއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އަޑު ތުރުތުރު އަޅަން ފަށައި މީހާއަށް ގިސްލެވެނެ ފެށިއެވެ.
“ބޭބެ ހާސްނުވޭ.. ލޭ ލިބިދާނެ..” ރަވާހު އަލިބެ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.
“ބޭބެ ދެގަޑިއިރުތެރޭ ކޮންތާކުން އޯ ނެގެޓިވެ ލޭ ހޯދާނީ؟ އެއީ ދިވެހިން ތެރޭ އެހާ އާއްމު ލެއެއް ނޫނެއްނު..” ހިތްވަރު އެލިފަވާ ރާގަކަށް އަލިބެ ވާހަކަ ދެއްކިއެވެ. “ބޭބެ ހާސްނުވޭ.. ކޮންމެވެސް ގޮތެއްވާނެ..” ރަވާހު ވާހަކަ ދެއްކިއެވެ. “އަޅުގަނޑު އެބައަންނަން އިޝާނަށް ގުޅާފައި.” ރަވާހު ގޮނޑިން ތެދުވިއެވެ. ރަވާހަށް ޖަވާބެއްދިނުމުގެ ގޮތުން އަލިބެ ބޯޖަހައިލީ ދެލޯ ކަރުނުން ފުރިފައި ވާ ހާލުގައެވެ. ޔާނާ ސަލާމަތް ކޮއްދިނުމަށް އެދި އާދޭސް ކުރާ ފަދައެވެ.
އިޝާންގެ ކުރިމަތީ، މޭޒުމަތީގައި ހުރި ކާތައްޓަށް އޭނާގެ ނަޒަރު ހުއްޓިފައި ވީނަމަވެސް އޭނާ ސިކުނޑީގައި އެނބުރެމުން ދިޔައީ ޔާނާގެ ހިޔާލުތަކެވެ. އޭނާއަށް އެހާލު ޖެއްސީ ކާކުތޯ، އެނާގެ ހާލު ރަނގަޅު ވާނެތޯ އަދި ޔާނާއާއި އިޝާނަށް ވާހަކަދެކެވޭނީ ކޮން އިރަކުތޯ، މިފަދަ ހިޔާލްތަކެވެ.
އިޝާންގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔަ ޔާނާގެ ހިޔާލު ތަކަށް ހުއްޓުމެއް އައީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަރުވާލައިފައި ފޯނު ނަގައި ކަންފަތުގައި ޖެއްސީ ގުޅީ ކާކުތޯވެސް ނުބަލައެވެ. ބެލުމުގެ ބޭނުމެއް ނެތީ ކަންނޭނގެއެވެ. ފޯނު ނެގިތާ އެކޮޅުން ރަވާހު ވާހަކަ ދައްކަން ފެށިއެވެ. “ވަރަށް އަވަހަށް އޯ ނެގެޓިވް ލޭ ބޭނުން ވެއްޖެ..”
ރަވާހުގެ ޖުމުލައިން އިޝާން ހާސްވާ ގޮތްވިއެވެ. “ކިހާ އަވަކަހަށް؟” އޭނާ ސުވާލު ކުރިއެވެ.
“ދެ ގަޑިއިރު ތެރޭ..” ރަވާހުގެ ޖަވާބު އަޑުއިވުމުން އިޝާން އިތުރަށް ކަންބޮޑުވެ ހާސްވާގޮތް ވިއެވެ. އެހާ އަވަހަށް ލޭހޯދާނެ ގޮތަކާއި މެދު އޭނާ ވިސްނަން ފެށިއެވެ.
“އަހަރެމެންނަށް ކުރެވުނު ކަމެއް ކުރަންވީ.. ހޮސްޕިޓަލުންވެސް ނޯޓިސް ނެރެފި.. ޔާނާއަށް ބޭނުންވާވަރަށް އެމީހުން އަތަކު ލެއެއް ނެތް..” ރަވާހު ހާލަތު އިތުރަށް އޮޅުންފިލުވައި ދިނެވެ.
“އާނ އޯކޭ..”
ފޯނު ބޭއްވުމަށްފަހު އިޝާން އަވަސްވެގަތީ ލޭ ހޯދާށެވެ. ކުރުގޮތަކަށް ފާތުމައަށް ވެގެން އުޅޭގޮތް ކިޔައި ދިނުމަށްފަހު އިޝާން ގެއިން ނުކުތީ އޮތް ކުޑަ އުއްމީދާއި އެކުއެވެ. ނަމަވެސް ދިއުމުގެ ކުރިން އޭނާ ފޯނު ނަގައި ފުލުހުންނަށް ގުޅިއެވެ. އަދި ކަންތައް ހިނގައި ދިޔަ ގޮތް ކިޔައިދިނުމަށް ފަހު ފޯނު ބޭއްވިއެވެ. އޭނާގެ އަޒުމަކީ ޔާނާއަށް އެ ހާލު ޖެއްސި މީހަކު އެކަމުން ސަލާމަތް ވިޔަ ނުދިނުމެވެ. ޔާނާއަށް އިންސާފު ހޯދައި ދިނުމެވެ.
ލޭ ލިބޭތޯ އިޝާން ނިކުތްތަނާ މިހާރު ގަޑިއެއްހާއިރު ވެދާނެއެވެ. އަދިވެސް ނަސީބު ލައްވައެއްނުލައެވެ. ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް އޭނާ ދިޔައީ ގޮތް ހުސްވެ މާޔޫސް ވަމުންނެވެ. ފާއިތުވާ ކޮންމެ ސިކުންތަކީ ޔާނާގެ ހާލަތު ގޯސްވަމުންދާ ސިކުންތެކެވެ. އޭނާއަށް ސަލާމަތްވުމަށް އޮތް މަގު ބަންދުވަމުންދާ ސިކުންތެކެވެ.
ރަށުގެ ގިނަމީހުންވީ ޝޯވއަށް ތައްޔާރު ކުރަން ކަމުގައި ވުމުން އިޝާން ސައިކަލު ދުއްވާލީ އެދިމާއަށެވެ. ނަމަވެސް މާ ދުރަށް ނުދެވެނީ ފޯނު އަނެއްކާވެސް ރިންގުވާން ފެށިއެވެ. މަގުގެ އެއްފަރާތުގައި ސައިކަލު މަޑު ކުރުމަށްފަހު އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. “އަދިވެސް ނުލިބޭތަ؟”
“އެހެންވެގެނޭ މިގުޅީ.. ދެންމެ ލޭ ލިބިއްޖެ.. ބޭނުން ވާވަރެއް ނޫން އެއީ.. އެކަމަކު ޑޮކްޓަރު ބުނި ޔާނާ ސަލާމަތް ކުރަން އެވަރުން ފުދޭނެ ކަމަށް..” އެކޮޅުން އިޝާނާއި ވާހަކަ ދެއްކީ ރަވާހެވެ. ރަވާހުގެ ބަސްތައް އިޝާންގެ ކަންފަތުގައި ޖެހުމުން އޭނާއަށް ލިބިގެންދިޔައީ ބުނަންވެސް ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އިޝާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަހަރެން މިދަނީ ތިކޮޅަށް..” ފޯނު ބޭއްވުމަށްފަހު އިޝާން ސައިކަލު ދުއްވާލީ ހޮސްޕިޓަލާއި ދިމާލަށެވެ. އޭނާއަށް ހޮސްޕިޓަލަށް ދެވުނު އިރު ޑޮކްޓަރުންނާއި ނަރުހުން ޔާނާއަށް ފަރުވާދެނީއެވެ. އައި.ސީ.ޔޫ ގެ ބޭރުގައި އަލިބެ އާއި ރަވާހުގެ އިތުރުން ފުލުހުންގެ ދެމީހަކު މަޑުކޮށްގެން ތިއްބެވެ. އޭނާ އެމީހުންނާއި އަރާ ހަމަވިތަނާ އަލިބެ ވާހަކަ ދެއްކިއެވެ. ” އެއީ އިޝާން.. އޭނާއަށް ޔާނާ ފެނުނީ..” އަލިބެގެ ބަހާއި އެކު ފުލުހުންގެ ދެމީހުން އިޝާނާއި ވާހަކަ ދައްކާލުމަށް އޭނާ ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ. ނަމަވެސް އިޝާން ދިއުމުގެ ކުރިން އަލިބެ އޭނާއަށް ޝުކުރުން ފުރިގެންވާ ހިނިތުންވުމެއް ރައްދުކުރިއެވެ. ޖަވާބުގައި އިޝާން ބޯޖެހީ އަލިބެއަށް އަނބުރާ ހިނިތުންވުމެއް ރައްދު ކުރަމުންނެވެ.
ފުލުހުންގެ ސުވާލްތަކަށް ޖަވާބު ދިނުމަށްފަހު އިޝާން އެނބުރި އައި އިރު އައި.ސީ.ޔޫގެ ބޭރުގައި އޭނާ ނުދަންނަ ޒުވާން އުމުރުފުރައިގެ ފިރިހެން ކުއްޖެއް އަލިބެއާއި ވާހަކަ ދައްކަން ހުއްޓެވެ. ރަވާހު ފެންނަން ނެތުމުން އޭނާ ގެއަށް ދިޔައީ ކަމަށް އިޝާން ނިންމިއެވެ. އިޝާން ފެނުމުން އަލިބެ އެ ޒުވާނާއަށް އިޝާން ދެއްކިއެވެ. އިޝާން އެމީހުންނާއި އަރާ ހަމަވުމުން އޭނާ އަމިއްލައަށް ތައާރުފްވެލިއެވެ. “ޒިޔާން.. ޔާނާއަށް ލޭ ހަދިޔާ ކުރީ އަޅުގަނޑު..” ސަލާން ކުރަން އަތްދިއްކޮއްލަމުން އެޒުވާނާ ހިނިތުންވެލިއެވެ.
ޒިޔާން އާއި ސަލާން ކުރަމުން އިޝާން އޭނާއަށް ޝުކުރު އަދާކުރިއެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ޒިޔާނަށް ޝުކުރު އަދާ ކުރުމަށްފަހު އިޝާން ވާހަކަ ދެއްކީ އަލިބެއާއެވެ. “ޔާނާ..؟ އޭނާގެ ހާލު ކިހިނެއް؟” އަލިބެ މާޔޫސްވެފައި ހުރެ ދެފަރާތަށް ބޯ ހޫރާލިއެވެ. “ނޭނގެ.. ލޭ ލިބުމަށްފަހު އަދި ޑޮކްޓަރުގެ ހަބަރެއް ނުވޭ..” އިޝާން ބޯޖަހާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ގޮނޑީގައި އިށީނެވެ.
އިރުކޮޅެއްފަހުން އަލިބެއާއި ވާހަކަދައްކާލުމަށްފަހު ޒިޔާން ދިޔުމުން އަލިބެ އައިސް އިޝާން ގާތު ގޮނޑީގައި އިށީނެވެ. އަދި އޯގާތެރި ކަމާއި އެކު އިޝާނާއި ވާހަކަ ދައްކަން ފެށިއެވެ. “ސުވާލެއް ކޮށްފިއްޔާ ތެދުތެދަށް ޖަވާބެއްދޭނަން ތަ؟” އިޝާން އަނެއްކާވެސް ބޯޖަހާލިއެވެ. ވާހަކާ ދައްކާނެ ހާ ހިތްވަރެއް އެފަޤީރު ގައިގައި ނެތްފަދައެވެ. މޫނުމަތީ އެއްވެސް އުޖާލާ ކަމެއް ނެތެވެ. މީހާ ހީވަނީ އެތައްދުވަހެއް ވަންދެން ނުނިދާ ހުރިހެންނެވެ.
“ޔާނާ ހޮސްޕިޓަލަށް ގެނައުމަށްފަހު އަލިބެއަށް ނޭންގީ ކީއްވެ؟”
އަލިބެގެ ސުވާލުން އިޝާން ސިހުނެވެ. ތެދުތެދަށް ކިޔައިދޭންވީތޯ އޭނާ އަމިއްލަ ނަފްސާ ސުވާލް ކުރިއެވެ. ދޮގު ހެދުމަކީ އޭނާގެ ތަބީއަތުގައި ވާކަމަކަށް ނުވުމުން އޭނާ އަލިބެއަށް ތެދުތެދަށް ޖަވާބު ދޭން ނިންމިއެވެ. “އަލިބެއަށް އެނގެއެއް ނު ޔާނު އޮތް ހާލު؟ އޭނާ ގޮނޑުދޮށުގައި އެހާލުގައި އޮތްތަން ފެނުނީ ވިކަމެއް ވެ ނިމިގެން އެތައް އިރެއް ފަހުން. އެކަމެއް ކުރި މީހަކަށް އެހާ ފަސޭހައި ކިހިނެއް ޔާނު ގޮނޑުދޮށަށް އެއްލާލެވޭނީ؟ ރަށުގެ ގިނަމީހުން ޝޯވ އަށް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅުނަސް އެވަރުގެ ކަމެއް ވަގަށް ކުރެވޭނެ ހާ ރަށުގެ މަގުމަތި ހުހެއްނޫން.. އެހެންވެ—އެހެން ވެ އަޅުގަނޑު ހީކުރީ މިކަމުގައި އަލިބެގެ އަތެއްވެސް ވާކަމަށް..” ހިތުތެރޭ އުފެދުނު ޝައްކުތައް ބޭރުކޮށްލެވުމުން އިޝާން އަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ވިސްނުން އެނގުމަށް ފަހު އަލިބެ އޭނާއާއި ދޭތެރޭ ދެކޭނެ ގޮތެއް ނޭގޭތީ އިޝާން ބިރުވެސް ގަތެވެ.
އިޝާންގެ ވާހަކަ އަޑު އިވިފައި އަލިބެ ފުން ނޭވާއެއް ދޫކުރިއެވެ. “ޔާނާ އެއީ އަހަރެންގެ އަމިއްލަ ދަރިއެއްހެން ބަލާ ބޮޑު ކުރި ކުއްޖެއް.. އޭނާގެ މައިންބަފައިން މިދުނިޔެ ދޫކޮށް ދިއުމަށްފަހު އޭނާގެ ހުރި ހަމައެކަނި އާއިލީ މީހަކީ އަހަރެން.. އަހަރެންގެ ހުރި ހަމައެކަނި އާއިލާއަކީ ޔާނާ.. ވީއިރު އަހަރެން ކީއްކުރަން އޭނާ އާއިމެދު އެފަދަ ނުބައިކޮށް އަމަލު ކުރާނީ..” އަލިބެގެ އަޑު ތުރުތުރު އަޅަން ފެށިއެވެ. ނަމަވެސް މީހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ.
އަލިބެގެ ހާލު ފެނި އިޝާން އަލިބެއަށް ޝާއްކު ކުރެވުނީތީ އަމިއްލަ ނަފަސު ކުއްވެރި ކުރިއެވެ. ނަމަވެސް އޭނާއަށްވެސް ވަކި ކުރެވޭނީ ކީއްހެއްޔެވެ؟ ކުޑައިރުއްސުރެން އެއްކޮށް އުޅުނު އެކުވެރިޔާ އެހާލުގައި އޮތްވާ ފެނުމުން އޭނާގެ ވިސްނުމުގެ ބޭނުން ހެޔޮކޮށް ނުކުރެވުނީއެވެ. “ބޭބެ އަޅުގަނޑަށް މައާފް ކުރޭ.. ޔާނު އެހާލުގައި އޮތްތަން ފެނުމުން އަޅުގަނޑަށް ވީގޮތެއް ނޭނގެ..” އިޝާނަށް ގިސްލެވެން ފަށައިފިއެވެ. މެންދުރު ގަޑިން ފެށިގެން ހިފަހައްޓަމުން ދިޔަ ކަރުނަ އިތުރަށް އޭނާއަކަށް ނުހިފެހެއްޓުނެވެ. އަލިބެ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން އިޝާން ގެ ކޮނޑުގައި އަތް އެޅިއެވެ. އަދި ފުލުހުންނަށް ރިޕޯޓު ކުރީތީ އާއި އިޝާން ކޮށްދިން ހުރިހާ ކަމަކަށް އަލިބެ އިޝާނަށް ޝުކުރުވެރި ވިއެވެ.
ކަރުނަ ފޮހެލުމަށްފަހު ޑޮކްޓަރުގެ ހަބަރެއްވޭތޯ ކެތްތެރިކަމާއި އެކު ދެމީހުން އިންތިޒާރު ކުރަމުން ދިޔައެވެ. ފާއިތުވި ކޮންމެ ސިކުންތެއް އެތައް ސަތޭކަ އަހަރަކާއި އެއްފަދައެވެ. އިޝާން އާއި އަލިބެގެ ދިގު އިންތިޒާރަށް ނިމުމެއް އައީ އައި.ސީ.ޔޫ ގެ ދޮރު ހުޅުވުމަށްފަހު ޑޮކްޓަރު ނިކުތުމުންނެވެ.
(ނުނިމޭ)
8 Comments
Comments are closed.
Nice mi part vx…..☺
O v v reethi ingey mi paatuvex
Abadhu ehbaehtha upload kurani
Kurin dhe part genes dheefa delete kury.. mihaaru alun mi upload kurany.. dhn upload kuraany aa baithah.. mi dhebai ekani kurin genesdheefa hunnaany..
Dhn kn reyaku 3vana part apdate kurany….vv reethi igy mi part ves ☺☺
Mee kurinvex genai part eh
i was abt to say the same. part 3 ves genesdheefa v
Furathama part aai dhevana part kurim genesfa hunnaany.. 3 vana part kurin upload kohfaeh nuhunnaane. a dhe part delete kohfa alun upload mikurany.. mi hafthaa therey part 3 eh upload kuraanan.. sorry for the inconvenience.. (: