ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ… 01
އާ ދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ރަން ދޯދިތައް ދުނިޔޭގެ ޖައްވު އަލިކޮއްލީ އެއްމެންގެ ހިތްތައްވެސް އުއްމީދުތަކުން ފުރާލަމުންނެވެ. ގަސްތަކުގެ ފަތްތަކުން ފުރޭނިގެން ދުނިޔެ މަތި އަލި ކުރަމުން ދިޔަ އިރުގެ ދޯދިތައް ފެނުނު ކޮންމެ މީހެއްގެ ހިތަށް ހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދެމުންނެވެ. އާ އުއްމީދުތަކާއި އެކު އާއަހަރު ފެށުމުގެ ނިޔަތުގައި ހދ. ހަނިމާދޫގެ ރައްޔިތުން ދިޔައީ އެރޭ ބާއްވަން ހަމަޖެހިފައިވި ޝޯވގެ ތައްޔާރީތައް ވަރަށް ހީވާގި ކަމާއި ޝައުގުވެރި ކަމާއެކު ކުރަމުންނެވެ. ވަށައިގެން ނަޒަރު ހިންގާލި ކޮންމެ ދިމާއަކުން ފެނިގެންދަނީ އުފާވެރި ކަމުން ފުރިގެންވާ މޫނު ތަކެވެ.
ރަށުގެ ހުރިހާ ރައްޔިތުން އެއްކޮށް އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައިރު އާލީޝާންގޭކުޑަ ކޮޓަރިތެރޭ ކަނެއްގައި އިނށީދެލައިގެން އިނދެ ރޮމުން ދިޔައީ ޒުވާން އުމުރު ފުރައިގެ އަންހެން ކުއްޖެކެވެ. ހުރިހާ އުފަލަކުން އެއްކިބާވެ ހުރެ، ހިތު ތެރޭގައިވާ ޝަކުވާތައް ކަރުނައިގެ ސިފައިގައި ބޭރު ކުރަމުން ދިޔައިރު މުޅި ކޮޓަރިތެރެ ވަނީ އޭނާގެ ގިސްލުމުގެ އަޑުން ފުރާލެވިފައެވެ. ކޮޓަރީގެ ބިތުގައި ބުރަކަށި ޖައްސާލައިގެން ކަކުލުގައި ހިފާ ބާރުކޮއްގެން ހުރެ ރޮމުން ދިޔަ ޔާނާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުއަޅަމުންނެވެ. ރޮމުންގޮސްކަމެއް ނޫނީ ބިރުންކަމެއް ބުނާކަށް ނޭނގެއެވެ.
“ކަލޭ ގާތު ކިތައްފަހަރު ބުނެވިއްޖެ ހުއްޓާލާށޭ؟!” އިވުނު ބަރު ފިރިހެން އަޑުން ސިއްސައިގެންގޮސް ޔާނާއަށް ބިރުން މޫނުގައި އަތް އަޅާލެވުނެވެ.
“މާ..މާފް-” އޭނާގެ އަޑު ތުރުތުރު އަޅާ ވަރުން ވާހަކަ ދެކެވޭ ވަރެއްވެސް ނުވެއެވެ. އެހާވެސް އެނާ ވަނީ ބިރުގަނެފައެވެ.
“ކޮން މާފެކޭ ކިޔާކަށްތަ، އޭނ؟!” އެ ފިރިހެންމީހާގެ ބަރު އަޑު މުޅި ކޮޓަރި ތެރޭ ގުގުމާލިއެވެ. އެ އަޑާއި އެކު ޔާނާ ދިޔައީ އަނެއްކާވެސް ސިއްސައިގެނެވެ. އޭނާގެ އަޅި، ބޮޑު ދެލޯ އިތުރަށް ބޮޑުވެ ބިރުވެރިކަމުން ފުރިގެން ދިޔައީ އެ ފިރިހެން މީހާ އަތަށް ހެޔޮވަރު ކޮއްލި ލަކުޑިގަނޑު ފެނުމުންނެވެ.
“އަދި ކުޑަކޮށް މިކޮޅަށް.. އަދިވެސް.. އާނ މިހާރު ރަނގަޅު..” ސްޓޭޖު މަތީގެ ކަންކަން އިންތިޒާމް ކުރަން ހަވާލް ވެގެން ހުރި އިޝާން މަސައްކަތު މީހުންނަށް އިރުޝާދު ދެމުން ދިޔައެވެ. އިރުގެ އަވީގައި އޭނާގެ ކަޅުކުލަގަދަ ފަން އިސްތަށިގަނޑުގެ ވިދުން އިތުރަށް ގަދަކަމަށް ދައްކައެވެ. އޭނާގެ ރީތި ފިރިހެން ވަންތަ މޫނުން ވަރުބަލި ކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެ ތުނި ތުނބުޅި އާއި ކަޅު ކުލަ ގަދަ ކަޅީ ގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރުވާކަހަލައެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. އޭނާގެ ދިގު އިސްކޮޅާއި ހީލާއިރު ވާތު ކޮލަށް އެޅޭ އަޑިކޮޅަކީ ރަށުގެ ހުރިހާ ޒުވާން އަންހެން ކުދިންގެ ހިތް ފަތަހަ ކޮށްލާ އަޑިކޮޅެކެވެ. އޭނާގެ ހިނިތުންވުމަކީވެސް ހަމަ އެފަދަ ނުރައްކާތެރި ހިނިތުންވުމެކެވެ.
“ކޮބާ ކަލޯ.. ހާދަ ބުރަކޮއްލާފައޭ..” އިޝާންގެ ކޮނޑުގައި އަތް އަޅާލަމުން އަލިބެ ވާހަކަ ދެއްކިއެވެ. އަލިބެ އަކީ ރަށުގެ އިއްޒަތްތެރި، އުމުރުން ސާޅީސް ފަންސާހުގެ މީހެކެވެ. އޭނާ ނުދަންނަ ރައްޔިތެއް އެރަށުގައި ނޫޅޭނެއެވެ. އަލިބެ އަކީ އެއްމެނަށްވެސް ހިތްހެޔޮ އޯގާތެރި މީހެކެވެ. “އަނހާ.. އަލިބޭ؟ ހާދަ ލަސްކޮށްލާފައޭ.. ކޮންތާކު އުޅެލާފަ ތިއައީ..” ހިނިތުންވެލަމުން އިހުތިރާމާއިއެކެ އޭނާ އަލިބެ އާއި މުޙާތަބު ކުރިއެވެ.
“ގޭތެރޭގެ ކަންތައް ހަމައަކަށް އަޅުވާލައިފައި މި އައީ..”
“އެހެން ދޯ.. ކޮބާ ޔާނާ؟ މިއަދު ނުވެސް ފެނޭ.. އަނެއްކާ އޭނާގެ ހާލު ރަނގަޅުތަ؟”
“އާނ.. އެމަންޖެއަށް ވަކި ކަމެއް ވާނެތަ.. އެބަ އުޅޭ ގޭގަ..” އަލިބޭ ވަށައިގެން ނަޒަރު ހިންގާލިއެވެ. “ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށް އެބަ ދޭ ދޯ.. އެބަ އަންނަން..”
މިހެން ބުނެފައި އަލިބެ ހިނގައި ގަތީ ގޮނޑިބަރި އަތުރަން ތިބި މީހުންނާއި ދިމާއަށެވެ. އަލިބެ ދިއުމުން އިޝާން ވެސް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
މެންދުރު ނަމާދަށް ބަންގި ގޮވި އިރު ތައްޔާރީތަކުގެ ބޮޑު ބައި ވަނީ ނިމިފައެވެ. ނުނިމޭން ޖެހޭ ސަބަބެއް ނެތެވެ. ހުރިހާ ރައްޔިތުން ވެގެން ވަރަށް ބުރަ ކޮށް މަސައްކަތް ކުރި ވިއްޔާއެވެ.
“ދަރިފުޅާ އިޝާން.. މިއަދު ޔާނާ ދުށިންތަ؟” އިޝާން ފެންވަރައި، ވުޟޫކޮށް ނިމިގެން ނަމާދަށް ދާން ތައްޔާރު ވާން ކޮޓަރިތެރޭ ހުއްޓާ އޭނާގެ މަންމަ އައިސް ވަނެވެ.
“ނޫން މަންމާ.. ނުދެކެން.. އަލިބެ ގާތު އެހިން އޭނާގެ ޙަބަރު.. ބުނި ގޭގަޔޯ ވީ..” ގަމީހުގެ ގޮތް އަޅުވަމުން އިޝާން ވާހަކަ ދެއްކިއެވެ.
“ތީ ދެން އަޖައިބު ވާންޖެހޭ ވަރުގެ ކަމެއް ނު..” ފާތުމާގެ މިޖުމްލަ އިޝާން ގެ ހުރިހާ ސަމާލުކަމެއް ހޯދިއެވެ.
“އެއީ ކީއްވެ؟” ތެޅި ތެޅި އޮތް ހިތަކާއެކެ އޭނާ އޭނާގެ މަންމަ އާއި ސުވާލު ކުރިއެވެ. މީގެ އިރުކޮޅެއް ކުރިން އެ މޫނުމަތިން ފެންނަން ހުރި ހިތްހަމަޖެހުމާއި އުފާވެރިކަން ގެއްލި މިހާރު މޫނުމަތީގައި ވަނީ ކަންބޮޑު ވުމުގެ އަސަރެވެ.
“އިއްޔެ ހުރި ވަރަށް އުފަލުން.. މި ޝޯވއަށް ތައްޔާރު ކުރަން ތިމަންނަ ނާންނަ ނަމަ އެހެން މީހެއްވެސް ނާންނާނެއޭ ކިޔާފައި.. މިކަމެއް ކުރަން ކެތްބަލިވެފައޭ ހުރީ ބުންޏަސް ދޮގަކަށް ނުވާނެ..” ފާތުމާ ފުން ނޭވާއެއް ބޭރު ކޮއްލިއެވެ. އޭނާގެ ހިތް ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމުގައި ބުނަމުން ދިޔައެވެ.
އިޝާންގެ މޫނުމައްޗަށް ބަލައިލުމުން އޭނާއަށް ވެސް އެފަދަ އިހުސާސެއް ކުރެވޭކަން އެނގެއެވެ. އޭނާ އާއި ޔާނާގެ ރަހުމަތްތެރިކަމުގެ ގުޅުމަކީ އެދެމީހުން ކުޑައިރުއްސުރެން އޮންނަ ގުޅުމެކެވެ. ޔާނާ އަކީ ކޮން މިޒާޖެއްގެ ކާކުކަން އިޝާނަށްވުރެ ރަނގަޅަށް ދަންނަ މީހަކު އެރަށުގައި ކީއްކުރަން ހެއްޔެވެ. މުޅި ދުނިޔޭގައިވެސް ނުހުންނާނެއެވެ.
“މަންމަ ހާސްނުވޭ.. އަޅުގަނޑު ނަމާދުން ނިމިގެން އަންނަމުން އެގެއަށް ވަދެލާނަން..” އިޝާންގެ ބަސްތަކުން ފާތުމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަދި އިޝާނާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ކޮބާ އެ އިނބިލީހު ރަވާހު؟” ހިނިއައިސްފައި ހުރެ ފާތުމާ ސުވާލު ކުރިއެވެ.
“އައްސަލާމް ޢަލައިކުމް..” ބޭރުން ފިރިހެނަކު ސަލާމް ގޮވި އަޑަށް އިޝާން ހީލިއެވެ. “އެ އައީއެއްނު.. މަންމަ ހަމަ ނަން ނުބުނެގެން އެހުރީ.. އިނބިލީހު ހާޒިރު ވެއްޖެ..” އިޝާން ހަމަ މިހެން ބުނިތަނާހެން ފާތުމަ ހީގަތެވެ.
“އެސޮރަށް މަލާމާތް ނުކޮށް އަވަހަށް މިސްކިތަށް ދޭ..” ކޮޓަރިން ނިކުންނަމުން ފާތުމަ ގޮވާލިއެވެ.
“ވާލައިކު މުއްސަލާމް..” ދޮރުމަތީ ހުރި ރަވާހު ފެނުމުން ފާތުމަ ސަލާން ބަލައިގަތެވެ.
“އަނހާ.. ދައްތާ.. ކޮބާ ހާލު ކިހިނެއް؟” ރަވާހު ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ރަވާހަކީވެސް އިޝާންގެ ކުޑައިރުއްސުރެން އެއްމެ ގާތް ރަހުމަތްތެރިޔާއެވެ. ދެމީހުން ކޮންމެ ކަމެއްކުރިޔަށް ކުރާނީ އެއްކޮށެވެ. އުޅެނީވެސް އެކުގައެވެ. އެއްގަޑިއެއްގައި ދެމީހުން ދެތަނަކުން ފެނުމަކީ ނުވާނެ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިޝާން އެކޭ އެއްފަދައިން ރަވާހަކީވެސް އަންހެން ކުދިންގެ ހިތް ފަތަހަ ކޮއްލާފަދަ ރީތި ކަމެއް ލިބިގެންވާ ފިރިހެންވަންތަ ޒުވާނެކެވެ. އޭނާގެ ބުޅި އިސްތަށި ގަނޑާއި މަޑު މުށި ލޯ އެ ރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އަދި ހަމަ އެހެއްމެ އިޝާނެކޭ އެއްފަދައިން ރަވާހަކީވެސް އިސްކޮޅުން ދިގު ޒުވާނެކެވެ.
“ދައްތަގެ ހާލު ހަމަ ރަނގަޅު.. އިޝާން ހޯދަން ދޯ ތިއައީ..” ފާތުމާގެ މި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރަވާހު ބޯޖަހާލިއެވެ. “އޭނަ އެބަ އާދޭ.. އިށީންނަން ވީ ނު؟” އެތެރޭގައި ހުރި ސޯފާ އަށް އިޝާރާތް ކުރަމުން ފާތުމަ އަހާލިއެވެ.
“ކީއްކުރަން؟ މަ މި ނިމުނީ އޭ.. އެހެން ނޫނަސް އޭނަ އިށީންނާކަށް ބޭނުމެއް ނުވާނެ.. އެހާ މާ ތުއި ވާނެ.. ދޯ ރަވާހު؟” މަލާމަތުގެ ރާގެއްގައި އިޝާން ރަވާހާއި ވާހަކަ ދެއްކިއެވެ. ޖަވާބެއްގައި ރަވާހު މޫނު ކުނި ކޮއްލިއެވެ. ދެ އެކުވެރިންގެ ޅަ މިޒާޖު ފެނިފައި ފާތުމަ ހުރީ ހިނިއައިސްފައެވެ.
“ޔާނާގެ ގެއަށް ވަދެލާފަ ދޯ ދާނީ؟” މިސްކިތުން ފައިބަމުން ރަވާހު ސުވާލު ކުރިއެވެ. އަދި ޖަވާބުގައި އިޝާން ބޯޖަހައިލިއެވެ. އޭނާގެ ތަބީއަތް ހުރީ ގޯސްވެފައެވެ. އެހެނީ ކޮންމެ ދުވަހަކު އިޝާން އެނދުން ތެދުވަނީ ޔާނާ ގޮސް ފެން އެއްޗެއް އޭނާގެ ގަޔަށް ބަންޑުން ޖެހުމުންނެވެ. ނަމަވެސް މިއަދު މެނދުރު ވެ ދިޔަ އިރުވެސް އޭނާގެ ޙަބަރެއް ނުވެއެވެ. ސަބަބަކާއި ނުލާ ޔާނާ އެހެން ޙަބަރެއް ނުވެ ހުރެދާނެ ކަމަކަށް އިޝާން ގެ ހިތެއް އެއްބަހެއް ނުވިއެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމަށް އޭނާގެ ޒަމީރު އޭނާއަށް ވިސްނައިދިނެވެ.
“އަނެއްކާ ޔާނާއަށް ކަމެއްވީބާ؟” އިޝާންގެ ސިކުނޑީގައި ހެދުނުއްސުރެން އެނބުރެމުން ދިޔަ ސުވާލް ކުރީ ރަވާހެވެ. އިޝާން ރަވާހާށް ބަލައިލިއެވެ. އޭނާއެކޭ އެއްފަދައިން ރަވާހުވެސް ކަންބޮޑުވެފައި ހުރިކަން އޭނާގެ މޫނުމަތިން ފާޅު ވޭވޭ ހުއްޓެވެ.
މާގިނަ އިރެއްނުވެ އިޝާން އާއި ރަވާހު އާލީޝާންގޭ ދޮރުގައި ޓަކި ދިނެވެ. “އައްސަލާމް އަލައިކުމް..” ރަވާހު ސަލާން ގޮވިއެވެ. އެތެރެއިން މީހެއްގެ ހިލަމެއް ނުވުމުން އަނެއްކާވެސް ރަވާހު ދޮރުގައި ޓަކި ދިނެވެ. މިފަހަރުވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާއިއެކު އިޝާންގެ ކެތްތެރިކަންވެސް ދިޔައީ ކޮޅުންލަމުންނެވެ. މީހެއްގެ ހިލަމެއްވޭތޯ ފަސް ވަރަކަށް މިނިޓް މަޑުކުރުމައްފަހު ދެވަނަ ފަހަރަށް ވިސްނާލުމެއްނެތި އިޝާން ދޮރު ހުޅުވުމަށް ފަހު އެތެރެއަށް ވަނެވެ. ފަހަތުން ރަވާހުވެސް ވަނެވެ.
އެހެން ދުވަސްތަކާއި ހިލާފަށް މިއަދު އެގޭތެރަށް ވަނީ ހިމޭންކަން ވެރިވެފައެވެ. ކުޑަދޮރު ތަކުގެ ފޮތިގަނޑު ދަމާލައިފައި ހުރުމުން ގޭތެރެ ފެންނަމުން ދިޔައީ އަނދިރި ކޮށެވެ. އެގޭގައި އެއްވެސް ދިރުމެއް ނުވާފަދައެވެ. “ޔާނާ!” ކެތްތެރިކަން ކޮޅުންލާފައި ހުރި އިޝާން އޭނާގެ އެކުވެރިޔާއަށް ގޮވާލިއެވެ. ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ދެ ޒުވާނުންވެސް އަވަސްވެގަތީ ގޭތެރޭގެ އެތަން މިތަން ހޯދުމަށެވެ. ޔާނާގެ ހިލަމެއް ވޭތޯއެވެ. މުޅި ގެ ހޯދި އިރުވެސް އޭނާގެ ޙަބަރެއް ނުވުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަން ދެ ޒުވާނުންނަށްވެސް ޔަޤީންވިއެވެ.
އެކަކު އަނެކަކާއި އަނގައިން އިތުރަށް އެއްމެ ބަހެއްވެސް ނުބުނެ ގައި ހުރި ބާރެއްލާފައި ދެ ޒުވާނުން ދުއްވަގަތީ އަލިބެ ހޯދާށެވެ. ޔާނާގެ ހުރި ހަމައެކަނި އާއިލާ މެމްބަރަކީ އެއީ ކަމަށް ވާތީއެވެ.
ޔާނާގެ މައިންބަފައިން ނިޔާވުމުން އޭނާގެ ހުރިހާކަމެއް ބަލަހައްޓަމުން ދިޔައީ އޭނާގެ ހުރި ހަމަ އެކަނި ބޮޑުބޭބެ އަލިބެއެވެ. ވީހާވެސް އަވަހަކަށް އަލިބެ ހޯދުމުގެ ގޮތުން ދެ ޒުވާނުން ދެބައިވެގެން ރަށުގެ އުތުރާއި ދެކުނަށް ދުއްވައިގަތެވެ. އިޝާންގެ މިސްރާބު ހުރީ ރަށުގެ އުތުރު ފަރާތުން ގޮނޑުދޮށާއި ދިމާއަށެވެ. އާއްމުގޮތެއްގައި މެންދުރު ނަމާދުން ފައިބައިގެން އަލިބެ އެދިމާއަށް ފައިބާތީއެވެ. ނަމަވެސް ނަސީބު ދިމާކުރިގޮތުން އަލިބެ އެތަނަކު ނެތެވެ. އަވަސް އަރުވާލާފައި އަނބުރާ އައިކޮޅަށް ދުއްވައިގަންނަން އުޅެނިކޮށް އޭނާގެ ލޮލުގެ ކޮޅުގައި އަޅާގަތް ހިޔަނި އޭނާ ހުރި ފިޔަވަޅު މައްޗަށް ހުއްޓުވިއެވެ. ފެނުނީ ހިޔަނިއެއްތޯ ނޫނީ އެހެން އެއްޗެއްތޯ ޔަގީން ކޮށްލަން ކައިރިޔަށް ދިޔަ ވަރަކަށް އިޝާންގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އަދި އެއީ ކޯއްޗެއްކަންވެސް ޔަގީންވިއެވެ.
“ޔާނާ!!” ފެނުނު މަންޒަރު ގަބޫލް ނުވާ ހާލުގައިވެސް އިޝާން ޔާނާގެ ގާތަށް ދުއްވައިގަތީ އަމިއްލަ ނަފްސު ސަލާމަތް ކުރަން މީހަކު ދުއްވާގަންނާނެހާ ބާރަށެވެ. ދޮންވެލިގަނޑުމަތީ ގަސްތަކުން ކޮންމެވެސް ވަރަކަށް ނިވާވެ، ހޭނެތިފައި އޮތް ޔާނާގެ ގާތު އިށީންނަމުން އޭނާ ފޯން ނަގައި ރަވާހަށް ގުޅިއެވެ.
“އަލިބެ ފެނިއްޖެތަ؟” ފޯން ނަގައި ކަންފަތުގައި ޖައްސާލަމުން ރަވާހު ސުވާލް ކުރިއެވެ. “ނު…ނޫން.. އެ..އެކަމަކު ޔާނާ…” ހިތްބިރުގެންފައިވާ ވަރުންނާއި އަޑު ތުރުތުރު އަޅާވަރުން އިޝާނަށް ބުނަން އުޅުނު ވާހަކަ ފުރިހަމަ އެއްވެސް ނުކުރެވުނެވެ. ނަމަވެސް އޭނާ ބުނަން އުޅުނު ވާހަކަ ރަވާހަށް ދެނެގަންނަން އުނދަގުލެއް ނުވިއެވެ. “ކޮންތާކު ތިހުރީ؟”
“އުތުރު ފަރާތު އަތިރި–”
އިޝާންގެ ޖަވާބު ފުރިހަމަ ވުމުގެ ކުރިން ރަވާހު ފޯން ކަނޑާލިއެވެ. ހަދާނެ ނުހަދާނެ އެއްޗެއް ނޭނގި ދެ މިނިޓެއްހާ ވަރު ހުރުމަށް ފަހު އިޝާން ޔާނާގެ ގާތު ދޮންވެލިގަނޑުމަތީ އިށީނެވެ. “ޔާނާ.. ޔާނާ..” މަޑުމަޑުން ޔާނާގެ ކޯތާފަތުގައި ބީހިލަމުން އޭނާ ޔާނާއަށް ގޮވީ ނުހަނު އޯގާތެރިކަމާއެކުއެވެ. “ޔާނާ.. ލޯ ހުޅުވަބަލަ.. ޔާނާ..” ކެތްތެރިކަން ކޮޅުންލަމުން އޭނާ ޔާނާއަށް ގޮވަމުން ދިޔައެވެ. ނަމަވެސް ޔާނާގެ ފަރާތުން އިޝާންގެ އަޑު އިވުނު ކަމުގެ އެއްވެސް ހިލަމެއް ނުވިއެވެ.
“އިޝާން..!” ރަވާހުގެ އަޑާއިއެކު ދެން އިވިގެން ދިޔައީ ފިޔަވަޅުތަކުގެ އަޑެވެ. ފަސްއެނބުރި ބަލާލަންވެސް ނޭނގިފައި އެތާގައި ގަނޑުވެފައި އިޝާނަށް ހުރެވުނެވެ. އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައެވެ. “އިޝާން.. އިޝާން…” ރަވާހުގެ އަޑު އިޝާންގެ ކަންފަތުގައި ޖެހުމުން އޭނާ ދިޔައީ ސިއްސައިގެނެވެ. “އޭނ؟ އާނ…! ކިހިނެއްވީ؟”
“ބުރޯ.. ހަމަޖެހިބަލަ.. ޔާނާ.. ޔާނާ އަށް ކިހިނެއްވީ؟” ރަވާހުގެ އަޑުގައި ވަނީ ކަނބޮޑުވުމުގެ އަސަރެވެ. އަދި މޫނުމަތިންވެސް އޭނާ ކަންބޮޑު ވެފައިހުރި މިންވަރު ވަރަށް ރަނގަޅަށް ފާހަނގަ ވޭވޭހުއްޓެވެ. ޖަވާބުދޭން އަނގަ ހުޅުވުމުންވެސް އިޝާންގެ ކަރުތެރެއިން އަޑެއް ނުނިކުތެވެ. އެހެންކަމުން ނޭނގެއޭ ބުނުމުގެ ގޮތުން އޭނާ ދެފަރާތަށް ބޯހޫރާލިއެވެ.
ރަވާހު ޖީބުން ފޯނު ނެގުމުން އިޝާން އޭނާގެ އަތުގައި ހިފައި ހުއްޓުވައި ސުވާލުގެ ނަޒަރަކުން އޭނާއަށް ބެލިއެވެ. “އަލިބެ އަށް ގުޅަން–” ރަވާހަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް އިޝާން އަނެއްކާވެސް ދެފަރާތަށް ބޯހޫރާލިއެވެ. ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. އިޝާންގެ މިހަރަކާތުން ރަވާހު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ބޭނުން ވެގެން އެއުޅެނީ ކޮން ކަމެއްކަންވެސް ނޭނގިފައެވެ.
“ހިނގާ އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދާން.. އަލިބެ އަށް އިހަށް ގުޅާނެ ކަމެއްނެތް..” ހިތްވަރުކޮށްފައި އިޝާން ދެއްކި ވާހަކަތަކުން ރަވާހު އިތުރަށް ހައިރާންވިއެވެ. އެކުވެރިޔާގެ ހައިރާންވެފައި ވާ މޫނު ފެނުމުން އިޝާން ފުން ނޭވާއެއް ބޭރުކޮއްލިއެވެ. “ޔާނާއަށް ވެފައި އޮތްވަރު ބަލާބަލަ… ހަމަ ގައިމުވެސް އަލިބެއަށް ނޭނގިއެއް މިވަރެއް ނުވާނެ..” އިޝާން އޭނާގެ ހިތުގައި އުފެދުނު ޝައްކު އެކުވެރިޔާއާއި ހިއްސާކުރިއެވެ. އިޝާންގެ ވާހަކަތަކުގެ އަޑު އިވިފައި ރަވާހުގެ ދެލޯ ބޮޑުވިއެވެ. އޭނާއަށްވެސް އެއްޗެއް ފަހުމްވިކަހަލައެވެ. އަދި އިޝާނާއި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
ދެ ޒުވާނުންވެގެން ޔާނާ ހޮސްޕިޓަލަށް ގެންދިޔައިރު ނަސީބު ދިމާކުރިގޮތުން މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެއްމެން ވީ ޝޯވއަށް ތައްޔާރު ކުރުމުގައި ރަށުގެ ސްޓޭޑިއަމްގައެވެ. ހޮސްޕިޓަލުގައިވެސް ދެތިން ޑޮކްޓަރުންނާއި ނަރުހުން ފިޔަވާ އެހެން ބައެއްނެތެވެ. އިޝާންގެ އަތުތެރޭ ހޭނެތިފައި އޮތް ޔާނާ ފެނުމުން ނަރުސް ކުއްޖާ އަވަހަށް ޑޮކްޓަރަށް ގޮވިއެވެ. އަދި އިޝާނަށް އަންނަން އިޝާރާތް ކުރިއެވެ. އަވަސް ހިނގުމެއްގައި އިޝާން ނަރުސް ފަހަތުން ދިޔައިރު އޭނާގެ ފަހަތުން ރަވާހުވެސް ދިޔައެވެ. ޑޮކްޓަރުގެ އިރުޝާދުގެ މަތިން އެމާރޖެންސީ ރޫމްގެ އެނދުގައި ޔާނާ ބާއްވާފައި އިޝާން އަވަސް ވެގަތީ އެނާގެ މަންމައަށް ގުޅުމަށެވެ. ފާތުމައަށް ވީނުވީ އެއްކިޔައި ދިނުމަށްފަހު އިހަށް އަލިބެ ގާތު ނުބުނުމަށް އެދުމަށްފަހު އިޝާން އެނބުރި އައިއިރު ޔާނާ ވަނީ އައި.ސީ.ޔޫ އަށް ވައްދާފައެވެ. ރަވާހުގެ ފަރާތުން އެނގުނީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމެވެ.
އައި.ސީ.ޔޫ އިން ޑޮކްޓަރު ނިކުންނަންދެން އިޝާނާއި ރަވާހު މަޑުކޮށްގެން ތިބި އިރު ދެމީހުންގެ ހިތުގައިވެސް އޮތީ އެއްމެ ސުވާލެކެވެ. ޔާނާއާއި މެދު އެގޮތަށް ކަންތައްވާއިރު އޭނާ އެދެމީހުން ގާތު ނުބުނީ ކީއްވެގެން ކަމެވެ. ދެ މީހުންވެސް އަމިއްލަ ހިޔާލަށް ގެއްލިފައި ތިއްބައި އެ ހިޔާލީ ފޮލައިން ދެމީހުނަށްވެސް ބޭރަށް ނިކުމެވުނީ ފާތުމަގެ އަޑަށެވެ. “މަންމާ..! މިތާ ކީއްކުރަނީ؟” ހައިރާންވެފައި ހުރެ އިޝާން އޭނާގެ މަންމައާއި ސުވާލު ކުރިއެވެ. ނަމަވެސް ޖަވާބަކަށް އިނތިޒާރު ކުރުމެއްނެތި ތެދުވެގެން ދިޔައީ ފާތުމަގެ ފަހަތުގައި ހުރި އަލިބެ ފެނުމުންނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް އަލިބެގެ މޫނުމަތީގެ ކުލަވަރު ހުރީ މުޅިން ބަދަލުވެފައެވެ. އަބަދުހެން ހުންނަ އޯގާތެރި، ހިތްހެޔޮ ގޮތެއް އެމޫނުން ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމުގެ އަސަރުތަކެވެ.
“ދަރިފުޅާ އިޝާން.. މަޑުކޮއްބަލަ! ކޮންތާކަށް ތިދަނީ..؟” އިޝާންގެ ފަހަތުން ފާތުމަވެސް ހިނގައިގަތެވެ. ފާތުމަގެ ސުވާލަށް ޖަވާބެއް ދިނުމެއްނެތި އިޝާން ކުރިއަށް ހިނގަމުން ދިޔައެވެ. އޭނާ ހިތްހަމަ ނުޖެހިފައި ހުރި މިންވަރު އޭނާގެ މޫނުން ފާޅުވޭވޭހުއްޓެވެ. އަލިބެ ގާތު ފާތުމަ ބުނީތީވެ އިޝާން އެހާ ރުޅިއަންނަންވީ ސަބަބެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ ޔާނާގެ ހާލަތާއި އަލިބެ އާއި ކޮންމެވެސް ގުޅުމެއް ވާކަމަށެވެ. ކޮންމެވެސް ކަމެއް އަލިބެ ސިއްރުކުރާ ކަމަށެވެ.
“ދަރިފުޅާ! މަޑުކޮއްބަލަ…” ފާތުމަގެ އާދޭހުން ފުރިފައިވާ އަޑު އިޝާންގެ ކަންފަތުގައި ޖެހުމުން އޭނާ މަޑުކޮއްލިއެވެ. އޭނާގެ ލޯބިވާ މަންމަ އޭނަ ގާތު އާދޭސްކުރާ އަޑު އެހުމަކީ އިޝާން ދުވަހަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ. “ދަރިފުޅު މިސްކިތަށް ދާން ނުކުތް ތަނާހެން އަލިބެ އައި.. ޔާނާ ނުފެނިގެން.. ބުނީ ގޭގަވެސް ނެތޯ.. މުޅި ސަރަހައްދު ހޯދައިވެސް ޔާނާއެއް ނުފެނުނޯ..” އިޝާންގެ ހިތުގެ އަޑު ފާތުމައަށް އިވޭ ކަހަލައެވެ.
“ކީކޭ؟ އަލިބެ ޔާނާ ނުފެނިގެން އުޅުނީ؟” ފާތުމަގެ ވާހަކަތަށް އަޑު އިވިފައި މާޔޫސް ވުން ނޫން އެހެންކަމެއް އިޝާނަކަށް ނުވިއެވެ.
“ހިނގާ އެކޮޅަށް..” މިހެން ބުނެފައި ފާތުމަ އޭނާގެ ދަރިފުޅުގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ރަވާހުއާއި އަލިބެމެންގެ ގާތަށެވެ.
“އިޝާން ކީއްވެ އަހަންނަށް ނޭންގީ؟ ޔާނާ ނުފެނިގެން އަހަރެން ކަންބޮޑުވެފައި ހުރި މިންވަރު އިޝާނަށް އެނގޭތަ؟ އޭނާ ނުފެނިގެން މުޅިސަރަހައްދު ހޯދާފައި މިއައީ..” އަލިބެ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ. އަލިބެގެ ވާހަކަ ތަކަށް ޖަވާބެއް ދިނުމެއްނެތި އިސް ދަށަށް ޖަހައިލައިގެން އިޝާން ހުރީ އަލިބެއަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. އެއްޗެކޭ ބުނަން ހަދައިގެން އިޝާންގެ ރުޅިގަނޑު ކޮންޓްރޯލްނުވެ ހިނގައިދާނެތީއެވެ. “ކޮންތާކުން އޭނަ ފެނުނީ؟” އަލިބެ އަނެއްކާވެސް ސުވާލު ކުރިއެވެ. މިފަހަރުވެސް އިޝާން ޖަވާބެއް ނުދިނެވެ. އޭނާއަށް އަލިބެގެ އަޑު ނުއިވޭކަހަލައެވެ. އިޝާނަށް އިވެމުން ދިޔައީ އޭނާގެ ޒަމީރުގެ އަޑެވެ. ވިސްނެމުން ދިޔައީ އެއްމެ ކަމަކާއިމެދުއެވެ. އޭނާ އެހާ ރުޅިގަދަ ވެފައި ހުރި ސަބަބެވެ.
އިޝާނަށް ހަމަހޭވެރިކަމެއްވީ ރަވާހު އޭނާގެ އަތުގައި ވިކާލުމުންނެވެ. “އަތިރިމަތިން..” ރަވާހު އަލިބެ ގެ ސުވާލަށް ޖަވާބުދިނެވެ. އަދި އަލިބެއަށް ހުރިހާއެއްޗެއް ކިޔައިދިނެވެ. ޔާނާ ފެނުނުއްސުރެން ކަންތައް ވީގޮތެވެ. ނަމަވެސް އެމީހުން އަލިބެއަށް ޝައްކު ކުރާވާހަކައެއް ކިޔައެއް ނުދެއެވެ. ރަވާހުގެ މޫނުމަތިން އެކަނިވެސް، އަލިބެއަށް ޔާނާ ފެނުނުކަން އެނގުމުން ރަވާހު ހިތްހަމަ ނުޖެހިފައި ހުރިވަރު ފާހަނގަ ވިއެވެ. އިޝާނެކޭ އެއްފަދައިން ރަވާހުވެސް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަން އެނގެއެވެ. ދެމީހުންކުރެ އެކަކަށްވެސް އަލިބެ ގެ ވާހަކަތައް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ފާތުމަ ގެ ވާހަކަ ގަބޫލުކުރަން ދެ ޒުވާނުންނަށްވެސް މަޖުބޫރު ވިއެވެ.
“އިޝާން އަކީ ކޮބާ؟” އައި.ސީ.ޔޫ އިން ނިކުތް ޑޮކްޓަރުގެ އަޑަށް އެއްމެނަށްވެސް އެދިމާއަށް އެނބުރިލެވުނެވެ. “އަޅުގަނޑު..” އިޝާން އަދަބުވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ.
“ޕޭޝަންޓު ބޭނުން އެބަވޭ ވާހަކަ ދައްކާލަން..”
“ޔާނާ ހޭއަރައިފިތަ؟” އަލިބެ ކުރީ ސުވާލެކެވެ. ޖަވާބުގައި ޑޮކްޓަރު ބޯޖަހާލިއެވެ. “އަހަރެން ބޭނުން ވާހަކަ ދައްކަން..” އަލިބެ އެތެރެއަށް ވަންނަން އުޅެނިކޮށް ޑޮކްޓަރު އޭނަ ހުއްޓުވިއެވެ.
“މާފް ކުރޭ.. އެކަމަކު ޕޭޝަންޓު ބޭނުންވަނީ އިޝާން އާއި ވާހަކަ ދައްކަން..”
“ކީކޭ؟! ކަލެއަށް އެނގޭތަ އަހަރެން މީ ކާކުކަން؟ އަހަރެން މީ އޭނަގެ ބޮޑުބޭބެ އޭ!” އަލިބެ ހަޅޭ ލަވައިގަތް ގޮތުންވެސް އިޝާންމެނަށް އޭނާއަށް އިތުރަށް ޝައްކު ކުރެވެން ފެށުނެވެ.
“ކޮންމެ މީހަކަށްވިއަސް ޕޭޝަންޓު ބޭނުން ވަނީ އިޝާނާއި ވާހަކަ ދައްކަން.. އޭނާގެ ހާލު ވަރަށް ސީރިއަށް.. އެހެންވީމާ އޭނާ ހިތްހަމަ ޖެހިގެން އޮތުން ވަރަށް މުހިއްމު..” ޑޮކްޓަރު އޭނާގެ ރުޅި ކޮންޓްރޯލް ކުރަމުން ބުންޏެވެ. “އިޝާން..” ބޮލުގެ އިޝާރާތުން އަންނާށޭ ބުނަމުން ޑޮކްޓަރު އެތެރެއަށް ވަނެވެ. ރަވާހު އިޝާނަށް ބަލައިލަމުން ބޯ ޖަހާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
އައި.ސީ.ޔޫގެ ތެރެއަށް ވަނދެގެން ދިޔައިރު އިޝާންގެ ހިތަށް ބަޔާންކުރަންވެސް ދަތި ރިހުމެއް ވެރިވިއެވެ. އެނދުމަތީ ދެއަތުގެ ހަތަރު ތަނަކަށް ހޮޅިގުޅާފައި އޮތް ޔާނާ ފެނުމުން އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. މޫނުމަތީގެ އެކި ތަންތަނާއި އަތުގެ ތަފާތު ހިސާބުތަކުގެ ހަންމަށައިގެން ގޮސްފައިވާއިރު ލޭގެ އަސަރު އަދިވެސް ފެންނަން ހުއްޓެވެ. އިޝާން ފެނުމުން ޔާނާ ހިނިތުންވެލީ ގަދަކަމުންނެވެ. ހަމައެކަނި ހިނިތުންވެލުމުންވެސް އޭނާގެ ހަށިގަނޑުގައި ވޭންއެޅި މިންވަރު ބަލައިލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ.
“އަޅުގަނޑަށް އިޝާން ކަންތައްތައް ވިގޮތް އޮޅުންފިލުވަން ބޭނުންވާނެ މިންވަރު އެބަ ވިސްނޭ.. ނަމަވެސް މިވަގުތު ޕޭޝަންޓު އިތުރަށް ހާސްވާނެފަދަ ސުވާލެއް ނުކުރަން ވަރަށް ބޮޑަށް އެދެން..” އިޝާންގެ ގާތަށް ޖެހިލަމުން ޑޮކްޓަރު ވަރަށް ސިއްރުން ވާހަކަދެއްކިއެވެ. ޑޮކްޓަރާއި އެއްބަސްވުމުގެ ގޮތުން އޭނާ ބޯޖަހާލިއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނަގަމުން ލަސްހިނގުމެއްގައި އިޝާން ޔާނާގެ ގާތަށް ދިޔައީ ހިނިތުންވުމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. ނަމަވެސް ޔާނާއާއި ކައިރިވަމުންދިޔަ ވަރަކަށް އޭނާއަށް ލިބިފައިވީ ކިހައި ވަރެއްގެ އަނިޔާތަކެއްކަން އިޝާނަށް ފަހުމްވުމުން ހިނިތުންވާން ކުރި ހުރިހާ މަސައްކަތެއް ފެނާއިއެކުވެ، ބޭކާރުވެގެންދިޔައެވެ. ލޯ ފެންކަޅިވާން ފެށިއެވެ. ނަމަވެސް ޔާނާގެ ހާލު ގޯސް ވެދާނެތީ އިޝާންއޭނާގެ އަމިއްލަނަފުސު ހުއްޓުވިއެވެ.
ޔާނާ ބާއްވާފައި އޮތް އެނދުގެ މަގަތުގައި އިނށީންނަމުން އިޝާން ޔާނާގެ އަތުގައި ހިފިއެވެ. އޭނާއަށް ތަދުނުވާނެހެން މަޑުންނެވެ. އިޝާންގެ އޯގާތެރިކަން ފެނި ޔާނާގެ ލޯފެންކަޅި ވިއެވެ. ހެނދުނު ކަންތައްވެގެން ދިޔަގޮތް އޭނާގެ ސިކުނޑީގައި އަދިވެސް އެނބުރެމުން އެބަދެއެވެ. އެފަދަ އަނިޔާވެރި ކަމަކާއި ކުރިމަތިލުމަށްފަހު އޯގާތެރިކަމުގެ ކުޑަނަމަވެސް އަމަލެއްފެނުމުން އިންސާނާ އުފާވާނެ މިންވަރު އެނގޭނީ ހެއްދެވި ފަރާތަށާއި އެފަދަކަމެއް ތަޖުރިބާކޮށްފައިވާ މީހަކަށް އެކަންޏެވެ. ޔާނާގެ ލޮލުން ފޭބި ކަރުނަ ފޮހެލަމުން އިޝާން ނުރޯށޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯހޫރާލިއެވެ. ނަމަވެސް ޔާނާއަށް ހަމަ ރޮވެނީއެވެ. ހުއްޓާލަން މަސައްކަތް ކުރިނަމަވެސް ވީކަމެއްނެތެވެ. ހާލު ގޯސްވާންފެށީ ކަންނޭނގެއެވެ. ޑޮކްޓަރު ޔާނާގެ ގަޔަށް އިންޖެކްޝަނެއް ޖަހަން ތައްޔާރުވަނީއެވެ. އިޝާންގެ ކައިރިއަށް އައި ނަރުސް ކުއްޖާ އިޝާންގާތު ބޭރަށް ދިއުމަށް އެދެމުން ދިޔަނަމަވެސް އިޝާނަށް ހުރިތަނުން ނުވެސް ތެދުވެވުނެވެ. ޔާނާގެ ހާލާއިމެދު އޭނާވަނީ ކަންބޮޑުވެފައެވެ. ނަރުސް ކުއްޖާގެ އެތަކެއް އާދޭހަކަށް ފަހު އިޝާން ބޭރަށް ނުކުތީ ޔާނާއަށް އެއްވެސް ކަމެއްވިޔަނުދޭން ޑޮކްޓަރު ވަޢުދުވުމުންނެވެ.
(ނުނިމޭ)
4 Comments
Comments are closed.
Mi kurin vs genesdeefa ihn part eh
mi part kurinves kiyaafa inee
Vaahaka alun upload kury.. anna hafthaa therey 3 vana bain feshigen upload kuraanan.. Insha Allah.
salhi