ހަޔާތުގެެ ފަސާނާ
ޙަޔާތުގެ ފަސާނާ
މުސައްނިފާ ރޯޒީ
ރަމްލާ އޭނާގެ ގަލަމުގެ ދޯރި ނައްޓާލާފައި ފޮތުގައި އިނގިލި ޖައްސާލީ ވަކި ޙިޔާލެއް ނޫނީ މަގުސަދެއް އޮވެގެނެއް ނޫން ކަހަލައެވެ. މިކަން ދޭހަވަނީ ތިން ހަތަރު ފޮޅުވަތް ލިޔެލާފައި އެފޮޅުވަތް ލިޔެފައިވާގަނޑު، ފޮތުން ވަކި ކުރުމަށްފަހު ބޮނޑި ކޮށްލާފައި ރަމްލާއެގަނޑެއް އެއްލާލާތީއެވެ . ފޮތެއްގެ ދެބައިކޮށްފައި އެއްބައި އޭނާ މިހެން އުކާލިއެވެ. އޭނާގެ ސިކުނޑިވަނީ އޭނާއާއި އެކު ނޫންކަހަލައެވެ. ފޮތް ލައްޕާލާފައި އޭނާ ބޭރަށް ނިކުތެވެ.
ހިނގަމުން ހިނގަމުން ގޮސް ރަމްލާއަށް ނިކުމެވުނީ ހުދުކުލައިގެ ވެލިން ދޫލައެޅިފައިވާ ރީތި އަތިރިމައްޗަށެވެ. އެއީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. އުޑުގެ ވިލާކޮޅުތައް ކޮޅުކޮޅަށް ދަތުރު ކުރާގޮތުން ކޮންމެވެސް ޝާއިރެއްގެ ފަރާތުން ކުރަހާފައިވާ ކުރެހުމެކޭ އެއްގޮތެވެ. ރަމްލާ އެކޭ އެއްގޮތައް ވިލާތަކުގެވެސް ވަކި މިސްރާބެއް އޮތްހެނެއް ހީއެއް ނުވެއެވެ. އެވެސްހަމަ ރަމްލާގެ ސިނކުޑިޔެކޭ އެއްގޮތް ކަހަލަ އެވެ. ރަމްލާ ހުދު ދޮންވެލިމަތީގައި ފިޔަވަޅު އަޅަމުން ފައިތިލަ ގެ ނިޝާން އެ ތުނޑިމަތީގައި ފަވަމުން ގޮސް އިށީނދެވުނީ ރީތި ގަހެއްގެ ކާރީގައެވެ. މާދުރު ނޫން ހިސާބަކުން ރާޅު ގެ މިޔުޒިކީ އަޑުއިވެމުން ދިޔައެވެ. މިއަދު ރާޅުތަކުގެ އަޑަކީވެސް ހިތަށް ލިބުނު ޝިފާއެކޭ ރަމްލާ ހިތަށް އެރިއެވެ.
ރަމްލާ ފޮތް ނެގީ ކުއްލިޔަކަށް ހިތަށް އައި ޖުމްލަ ލިޔެ ފަވާލުމަށެވެ.
“މީހަޔާތުގެ ހާދިސާ މީގާ އޮތީ ރުއިމޭ ޔަގީން
މީ އޮޔާދާ ހާލުގާ އައްސޭރިއެއްނެތް މީހަކީން”
ފޯނުން މެސްޖްގެ އަޑު އިވުމާއެކު ރަމްލާ ފޮތް ލައްޕާލިއެވެ. އަދި ފޯނު ހުޅުވާލިއެވެ. ކޮންމެވެސް މެސެޖެއް އައީއޭ ހީކޮށެވެ. ތެދެކެވެ. އެއީ އެނާގެ ހަޔާތުގައި ޖަވާބު ނުލިބިފައިވާ މެސެޖްތަކުގެ ފެށުން ނޫނީ އޭގެ އަަސަރެވެ. އޭގެ އަޑެވެ.
މާނަ ފުން ބަސްތަކެއް ނޫނީ ލޯބީގެ ސިގްނަލްތަކެއް ލިބޭނޭކަމަށް ރަމްލާ ހީކުރިއެވެ. އެހެނަސް އެމެސެޖް ހުޅުވާލުމާ އެއީ ކުށްހީއެއްކަން އެނގުނެވެ. އޭނާއަށް ލިބުނު މެސެޖަކީ އޮފީސް މެސެޖް ތަކެވެ. އެއްވެސް ކަހަލަ ލޯބީގެ އަަސަރެއް އެކުލެވިފައިވާ މެސެޖްތަކެއް ނޫނެވެ. މިއަދުގެ ބިޒްނަސް ކިހިނެއްތޯ ސުވާލުކޮށް ޖަވާބު ހޯދުމެވެ. ވާނުވާއެއް ނޭނގި އޭނާވަނީ މުސާފިރަކަށް ވާންވެސް ތައްޔާރުވެފައެވެ. ނުލާހިކު ދުރަށް ދާން އޭނާ ވަނީ އެއްބަސް ވެފައެވެ. އެއްވެސް ގުޅުމެެއް ނެތް މީހަކާ އެކުގައެވެ. ވީއިރު އޭނާއަށް މިމެސްޖް ތަކުން ލިބޭނީ ކޮން ރާހަތެއްހެއްޔެވެ. މިމެސެޖްތަކާއި ކުރަން އުޅޭ ދަތުރުގެ މާނަޔާ ގުޅުމެއް ވޭބާއެވެ. މިއީ ރަމްލާގެވެސް ހިތުގައިވާ ސުވާލުތަކެވެ. ޖަވާބު ލިބޭނެކަމަށެވެ.
މަންޒިލެއް ހޯދަން ރަމްލާ އެދެވުނީ ގޮތްނޭނގޭ އެމެސެޖްތަކުގެ ޒަރީއާއި އިންނެވެ. ދުރު ދަތުރަކަށްވެސް އޭނާ ފައި ނަގާފައިވަނީ އެމެސެޖްތަކަށް ބަރޯސާ ކޮށްގެންނެވެ. މަންޒިލަކީ މިއީ ބާވައެވެ. ނޫނީ ހިފެހެއްޓުމެއްނެތް ކަރުނައިގެ ދާސްތާންއަކީވެސް މިއީ ބާވައެވެ..
ކޮންނަމެއް؟ ކޮން އެޑްރެހެއް؟ ކޮންގުލްޝަނެއް؟ ކޮންފަދަ މަލެއް؟ ހުރިހާ ސުވާލެއްގެ ޖަވާބު ސުވާލު ތަކެއްގެ ސިފައިގައި ލިބިގެން ދިޔައީ މެސެޖް ތަކުންނެވެ. ރަމްލާއަށް އިންތިޒާރު ކުރެވުނީ މެސެޖްގެ ބަދަލްގައި މެސެޖް ކުރާ މީހާގެ އަޑު އިވޭނެ ކަމަށެވެ. އެހެނަސް ހުވަފެންވީ ބިލާހަކަށެވެ. އިންތިޒާރު ކުރުންވީ މާނަނެތް އިންތިޒާރަކަށެވެ. އެއަޑު ނީވީ ގުޅުން ކެނޑިގެން ދިޔައީއެވެ. ދުވަސްތައް ހަޕްތާތަކަށް ބަދަލުވަމުން ދިޔައެވެ. އެހެނަސް ރަމްލާގެ އިންތިޒާރު ވީ ކުލައެއް ނުވާ އިންތިޒާރަކަށެވެ.
މުޅި ޙަޔާތުގެ ދަތުރުގާ އެންމެ މަންޒިލަކަށް އެދެވިގެން މުޅި ދަތުރުގެ ސަމުގާ އަދި މާލިމީކަމަށް އަހަރެން ކަލާ އައްޔަން ކުރީ ވަރަށް ވިސްނާފައެވެ. ރަމްލާ ފޯނު ލައްޕާ ލަމުން ހިތާހިތުން ކިޔާލިއެވެ. ރަމްލާގެ މި ފަސާނާގެއަޑު އަހާނެ ކަންފަތެއްނެތަސްވެހެވެ. އެހެނަސް …
“ޝާހިދުއެވެ. އަހަރެންގެ ހިތަށް ކުރާއަސަރު އަހަރެންގެ ދުލުން ބަޔާން ކުރަން ދަތިވެއެވެ. ހަނު ހުރުން މިއީ ހަމަ އަހަރެންނަށް އޮތް ގޮތަކީބާވައެވެ” ރަމްލާ މިފޮޅުވަތް ލިޔުނީ އޭނާގެ ފޯނުގެ މެސެޖް ބައިގައެވެ. އެމީހަކަށް ފޮނުވުމަށެވެ. އާެއެކެވެ. ޝާހިދަށް ފޮނުވާށެވެ. އެހެނަސް…
ކޮންމެ އަންހެންކުއްޖެއްގެ ހަޔާތުގައިވެސް އުފަލާއި ހިތާމަ އެކުލެވިގެން ވާނެއެވެ. ރަމްލާގެ ހަޔާތަކީވެސް މިކަހަލަ އޮޅުން ބޮޅުން ގިނަ ހަޔާތެކެވެ. ރަމްލާ ބޭނުންވަނީ ކޮންކަމެއްކަމެއް ޙުދު ރަމްލާއަށް ވެސް ނޭނގޭ ކަހަލައެވެ. ނަރުހަކަށް ވެވިއްޖެއެވެ. ޓިޗަރަކަށް ވެވިއްޖެއެވެ. މޭނޭޖަރަކަށް ވެވިއްޖެއެވެ. އެހެނަސް ރަމްލާއަށް ކުރެވޭ ކޮންމެ ކަމަކީވެސް އެހެންގިނަބަޔަކަށް އެއިން ފިލާވަޅެއް ލިބޭކަމެކޭ އެއްފަދައެވެ. ރޭދުވާ އޭނާގެ ހަޔާތުގައި ދައުރު ވަމުން ދަނީ ފޮނި އިންޒާރު ތަކެއް ކުރުމުގައެވެ ގިނަ މީހުންނަކަށް މީގެ ހަގީގަތެއް ނުމެއެނގެއެވެ. ސަބަބަކީ ހުރިހާ މީހުންނަށް ފެންނާނީ ރަމްލާ ހިނިތުން ވެފައި އިންދައެވެ. މަޖާކޮށް ހަދާތަނެވެ. ރަމްލާގެ ހަޔާތުގެ މިއަނދިރި ވިލާގަނޑު ވަރަށް ހުޝިޔާރު ކަމާއެކު ރަމްލާ ފަރުދާ ކޮށްލައެވެ. މަންމަ މެންނާ ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ހިނިތުންވެފައިވާ މޫނުރަމްލާ ދައްކާލައެވެ. އަމިއްލަ ކަރުނަ ހިތުގެ އަޑީގައި ފޮރުވައިގެންނެވެ. .
“މީހަޔާތުގެ ހާދިސާ މީގާ އޮތީ ރުއިމޭ ޔަގީން
މީ އޮޔާދާ ހާލުގާ އައްސޭރިއެއްނެތް މީހަކީން”
ރަމްލާ މިޅެންބައިތު ކިޔާލިއެވެ. މާނަ ފުން ބައިތެކެވެ. ރަމްލާ އެބައިތުވެސް އޭނާގެ ފޮތުގައި ލިޔެލިއެވެ.
ރަމްލާގެ ހަޔާތުގެ ފެށުމެވެ.އޭނާ އެންމެ ކުޑައިރުއްސުރެ ކުޅޭން ގެންގުޅުނީ ބުދުތަކާއި ތަފާތު ސައިޒްގެ ކުޅޭ ބުދުތަކެވެ. ދެން އޭނާ ގެންގުޅުނީ ހުދު ކުލައިގެ ބުޅަލަކާއި ހުދު މުސަޅެކެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިންނެވެ. ރަމްލާގެ އާދަޔަކީ އެކުދި ބުދުތައް ފެންވެރުވުމާއި ރީތި ކުރުމެވެ. އެބުދު ތައް މޭކަޕް ކުރުމަކީ އޭނާ އެންމެ ކުރާހިތްވާކަމެވެ. އެއްދުވަހު އޭނާގެ ހުދު ކުލައިގެ ބުޅަލުގައިވެސް ކުލަޖައްސާލިއެވެ. މޭކަޕް ކޮށްލީއެވެ. އޭރު އޭނާގެ ޢުމުރުން ވާނީއެންމެ 10 އަހަރެެވެ. އޭނާގެ ގޭގެ އެންމެންނާއި އެކުވެރި ކުދިން މިކަމާ އޭނާއަށް ޖޯކް ޖަހާ މަޖާކޮށް މަލާމާތްކޮށް ހީ ހެދިއެވެ. އޭރުވެސް ތަފާތު ކުލަޔާރީތިވުމަށް ރަމްލާ ވަރަށް ލޯބިކުރެއެވެ. އެއިރެއްގެ ފެޝަންތަކަަށް ރަމްލާ ވަރަށް ޝައުގުވެރިކަމާއެކު ހެދުން އަޅާ މޭކަޕް ކޮށްހަދައެވެ. އެއުމުރުގެ ގިނަ ކުދިންނަށް ރީތިވުމާއި ބެހޭގޮތުން ތަފާތު އިރުޝާދު ދީހަދައެވެ.
މޭކަޕް ކުރުމާއި ފޭޝަލް ހެދުމަކީ ރަމްލާއަށް އޭގެ ފުރިހަމަ އިލްމު އޭރު އެނގޭކަމެއް ނޫނެވެ. އެހެނަސް ރަމްލާ ބޭނުންވަނީ އެމަސައްކަތް ދަސްކުރާށެވެ. ޢުމުރުން 16 އަހަރު ތަފާތު ސެލޫންތަކުން ގިނަޙިދުމަތްތަކެއް ރަމްލާ ލިބިގަތެވެ. އަދި މޭކަޕް ކުރުމުގެ އިލްމު ލިބިގަތެވެ. ސެލޫން އާއި ބެހޭ ގިނަ މަސައްކަތް ދަސްކުރިއެވެ. ލަންކާ އިންނާއި އިންޑިޔާއިންނެވެ. ހަށިގަނޑުގެ ބައްޓަން ރަނގަޅު ކުރުމަކީ ރަމްލާގެ ހުވަފެނެކެވެ. ލިބިފައިވާ ތައުލީމާއި އެކު އަމިއްލަ ސެލޫންއެއް ހުޅުވުމަކީވެސް ރަމްލާގެ ނިމުމެއް ނެތް ކުލަ ހުވަފެނެކެވެ.
މަތީ ތަޢުލީމު ހާސިލް ކުރުމަށްފަހު ރަމްލާ އޭނާގެ ހަޔާތުގެ ހުވަފެންތަކުގެ ތަޢުބީރު ކަމަށްވާ ސެލޫން ވުޖޫދަށް ގެނައެވެ. އެންމެ ލޯބިވާ މީހުންގެ އެހީއެކުގައެވެ. ލިބިފައިވާ ތަޢުލީމާއި ހުނަރު އެހެންމީހުނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެެވެ.
އާނއެކެވެ. ބުރަކޮށް އުޅޭ ދުވަސްކާއި ވަގުތުގެ ފަހަތުން މިސްރާބެއްނެތް މުސާފިރެއްހެން އޭނާ ދަތުރު ކުރަމުން ދަނީ އެންމެ އިންސާނަކަށްޓަކައެވެ. ފޮނި އިންޒިރާރެއް ކުރުމުގައެވެ. ޝާހިދަށް ޓަކައި އޭނާގެ ހިތުގައި ކުރިލާ ހެދިފައިވާލޯތްބަށްޓަކައެވެ
ޙަސްރަތާ އުއްމީދުތައް ފުރިހަމަވިޔަސް ފުރަތަމަ މިއީ
ހުސްއަތާ ލޯބީގެ ދަތުރެއްގާ ނުކުތް އިންސާނަކީން
މިބައިތުވެސްް ލިޔެ ރަމްލާ އޭނާގެ ފޮތް ލިޔަމުން ދިޔައެވެ..
“ރަމްލާ ދެން ހިނގާބަލަ އޮފީހަށް ދާން” ނީނާގެ އަޑު އިވުމާއެކު ޙިޔާލީ ދުނިޔެއިން ރަމްލާ ނިކުތެވެ. ތެދެކެވެ. މިހާރު އިރު އޮއްސެނީއެވެ. ރަމްލާ އެތަނަށް އައީ މެންދުރުގެ ގަދަ އަވީގައެވެ. ވަގުތު ދިޔަގޮތްވެސް އޭނާއަށް ނޭނގުނީއެވެ. ހަޔާތުގެ އިހާއި ފަހުގެ ސޮފްހާތަކުން އޭނާގެ ސިކުނޑި ހާސްކުރުވާފައި ވާކަހަލައެވެ.
ފޯނައްއޭނާ ބީރައްޓެހި ނަޒަރުން ބަލާލަމުން ދަބަސްތެރެއަށް ފޯނު ލާފައި. އޭނާލިޔަންގެންގުޅުނު ފޮތާއި ގަލަން ހިފައިގެން ހިނގަމުން އޭނާދިޔައީ އޭނާގެ އޮފީހާއި ދިމާލަށެވެ.
ނީނާއާއި ރަމްލާ މަސައްކަތް ކުރަނީ އެއް އޮފީހެއްގައެވެ. ފެޝަން ޑިޒައިން ގެ މަސައްކަތެވެ. ވަރަށް ޝައުޤު ވެރިކަމާއެކު އެމީހުން އެހެންމީހުންނަށް ކިޔަވާދެއެވެ.
ނީނާއާއި ރަމްލާ މަސައްކަތް ކުރަނީ އެއް އޮފީހެއްގައެވެ. ފެޝަން ޑިޒައިން ގެ މަސައްކަތެވެ. ވަރަށް ޝައުޤު ވެރިކަމާއެކު އެމީހުން އެހެންމީހުންނަށް ކިޔަވާދެއެވެ.
ރަމްލާ އޭނާގެ އޮފީސް ގޮނޑީގައި އިނދެ ވިސްނަމުން ދިޔައެވެ. އަމިއްލަ ނަފްސާ އަމިއްލަޔަށް އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.
އަހަރެންނާ ޝާހިދު އާއި އެހާ ޙިޔާލު ތަފާތީ ކީއްވެ ބާވައެވެ. ކައިވެންޏަށް 12 އަހަރު ފުރިހަމަ ވީއިރުވެސް އަހަރެންނަށް އޭނާ ދަސްނުވީ އަހަރެންގެ ކޮން އުނިކަމަކުން ބާވައެވެ. ހަމަ ގައިމުވެސް ވާހަކަ ދައްކައިފިއްޔާ އަރައިރުމަކުން ނޫނީ ނުނިމެއެވެ. ލޯބިން ވާހަކަ ދެއްކުން އެއީ ޝާހިދު ދަންނަ ބަހުރުވައެއް ނޫން ކަހަލަ އެވެ. އެންމެ ޖޯކް ކަމަކީ އަސްލު މައްސަލަވެސް އަހަރުމެންނަށް ނޫނީ އަހަރެންނަށް ނުވެސް އެނގޭކަމެވެ. ނޫނީ އޭނާ އެމައްސަލައިގެ ބާވަތުން އަހަރެން ކާރީ ބުނާކަށް ބޭނުމެއް ނުމެވޭމެއެވެ. ބައެއްފަހަރު ޖެހިފައިވާ މައްސަލަ އަމިއްލައަށް ހައްލުވެދެޔޭވެސް އަހަރެންގެ ހިތަށް އަރައެވެ. އެކަމަކު ހައްލުވެފައި ނުވާ އެކަހަލަ އެތައް މައްސަލައެއް ހިތުގައި ސުވާލު ތަކެއްގެ ސިފައިގައި އެނބުރެމުން ދެއެވެ.ނަތީޖާއަކަށް ވަނީ އެންމެ ފަހުގެ ނިންމުން ނިންމަންވެސް އަހަރެން ފިޔަވަޅު އަޅަމެވެ. ރައްޓިހިންނާ އާއިލާމީހުން ދެކޭގޮތުން ހިމޭންކަން އަހަރެން އިޙްތިޔާރު ކުރީ އެއްފަހަރަށްވުރެ ގިނަފަހަރު އެވެ. ނޫނީ އެގޮތް ނިންމުން އެއީ އަނބީންނަށް ކުރެވޭނެކަމެއް ނޫނޭ އަހަރެންގެ ހިތް އަހަރެން ކާރީ ބުނެ ނަސީހަތް ދީ އަނެއްކާ ކުރިމަގު އުޖާލާވާނެއޭ ބުނެ އަހަރެންގެ އަމިއްލަ ހިތް އަހަރެންނަށް ހިތްވަރު ދެއެވެ. އަދި އަހަރެން ހިމޭން ކުރުވައެވެ. އަހަރެންގެ ހިތް އަހަރެން ކާރީ ބުނާކަހަލައެވެ. އަހަރެންނަށް އަޑުއިވެނީ މަލާމާތުގެ އަޑެވެ. އާއެކެވެ. ކިތަންމެ ދުވަހެއްވިޔަސް ތިޔަކަމެއް ރަނގަޅެއް ނުވާނެއެވެ. ތިޔަ ކާވެނީގެ ގުޅުންވަނީ ހީނަރު ވެފައެވެ. ހިތުގެ މި އަޑަށް އަހަރެން ދޭންބޭނުމީ ބީރު ކަންފަތެކެވެ.” ރަމްލާ އޭނާގެ އަމިއްލަ ކަންފަތުގައި އަތް އަޅާލިއެވެ. ހީވީ އިވެމުން ދިޔަ އަޑު އަހަން އޭނާ އަށް ކެތްނުކުރެވުނީ ހެންނެވެ.
ބޯހޫރާލުމަށްފަހު އަނެއްކާވެސް ރަމްލާ ޖީބުން ފޯނު ނަގާފަ ބަލާލިއެވެ. މެސެޖެއް އައީއޭ ހީކޮށްފައެވެ. ހަމަ ގައިމުވެސް އެކަނިވެރި ކަންދެކެ ރަމްލާ ބިރުގަނެއެވެ. ދަތުރަކު ދާންވީއެވެ. ޝާހިދު އާއި މަޝްވަރާ ކުރަންވީއެވެ މެސެޖް ބަދަލު ކުރުމުގެ ބަދަލުގައި ބައްދަލު ކުރަން ވީއެވެ. ޝާހިދު އާއި ރަމްލާގެ ގުޅުމަށް ކޮންމެވެސް ރަނގަޅު ބަދަލެއް ގެންނަން ގައިމުވެސް އޭނާ ބޭނުމެވެ. ޝާހިދުގެ މޫޑް ކޮންމެ ދުވަހަކުވެސް ބަދަލުވެގެން ލޯބިން ވާހަކަ ދައްކަން ފައްޓާނެޔޭ ރަމްލާ އުންމީދު ކުރެއެވެ. ރަމްލާ އާއި ޝާހިދު އެކުގައި ވަގުތު ހޭދަ ނުކުރެވުން މިއީ އަސްލު މައްސަލަ ކަމަށް ރަމްލާ ދެކެއެވެ. ކުޑަކޮށް ތަފާތު ކޮށްލުމުގެ ގޮތުން އެދެމީހުން ރޭވީ ކާރީ ރަށަކަށް ދަތުރު ދާށެވެ. އާއެކެވެ. ރާއްޖޭގެ އެންމެ ރީތި އެއްރަށްކަމަށްވާ އައްޑު އަތޮޅަށް ދިޔުމަށެވެ. ޝާހިދުވެސް ރަމްލާގެ ޙިޔާލަށް ތާއިދު ކުރިއެވެ.އަދި ވަކި ދުވަހެއް ކަނޑައަޅާފައި ޝާހިދުވެސް ހަމަ އެދުވަހު އައްޑުއަށް ދާން ނިންމިއެވެ. އޮފީހުން އޭނާއަށްވެސް ވަރަށް ފަސޭހައިން 10 ދުވަހުގެ ޗުއްޓީއެއް ލިބުނެވެ. ދިވެހި ރާއްޖޭގެ ރީތިކަން ދިވެހިންގެ ނަޒަރުން ބަލަން ދެމަފިރިން ވެސް ބޭނުންވީކަހަލައެވެ. އެއާއި އެކު ހީނަރުވެފައިވާ ލޯބީގެ ގުޅުންވެސް ތާޒާކުރަން ބޭނުންވީ ކަންޔަގީނެވެ. ކޮންމެ ގޮތެއް ވިޔަސް ދެމީހުން ބޭނުން ވަނީ އެކުގައި ވަގުތު ހޭދަ ކުރާށެވެ.. އެކުގައި ދަތުރު ކޮށްލާ މާހަލު ބަދަލު ކުރުމަކީވެސް ކޮންމެވެސް ރަނގަޅު ބަދަލެއް މި ގުޅުމަށް އަތުވެދާނެ ކަމަށް ރަމްލާ އާއި ޝާހިދުވެސް ހީކޮށްލިއެވެ. އައްޑޫގެ އެއަރޕޯޓްގެ ހަލަބޮލި ތަނުން ރަމްލާ ދަބަސް ކޮނޑުގައި އަޅުވައިގެން ވަށައިގެން ހޯދަމުން ބޭރަށް އައީ ދަންނަ މޫނެއް ފެނޭތޯއެވެ.
ދުރުގައި ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަން ޝާހިދު ހުއްޓެވެ. ރަމްލާ އަށްވުރެ ކުރިން އޭނާއަށް އާދެވުނީއެވެ. ރަމްލާ އޭނާ ކާރިޔަށް އައިސް ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ. ޝާހިދު ފޯނުގައި ބިޒީކަން ދައްކާލަމުން ރަމްލާ ދިއްކޮށްލި އަތުގައި ނުހިފިއެވެ. ލަދުވެތި ކަމާއެކު ރަމްލާ އިސްދަށަށް ޖަހާލިއެވެ. އެވަގުތުވެސް ޝާހިދު ބޭނުންވީ ރަމްލާ ދެރަކޮށްލުން ކަހަލައެވެ. 10 ދުވަސް ކެތް ކުރާނީ ކިހިނެތް ބާވައޭ ރަމްލާ ހިތަށް އެރިއެވެ. ފާޑަކަށް ހިނިއައިސްގެން ޝާހިދު ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ކާރީގައި ބީރައްޓެއްސެއްހެން ރަމްލާ އިނެވެ. އާއެކެވެ. އެއަރޕޯޓުގައި ސަލާން ނުކުރިޔަސް ގައިމުވެސް ދެމީހުން ދާނީއެއްގެޔަކަށެވެ. މިހާރު ގެއޮތީވެސް ބުކްކޮށްފައޭ ޝާހިދު ކުރީދުވަހު މެސެޖް ކުރިއިރު ބުނިކަމަށްވެއެވެ. މިގޮތަށް ދެމީހުން މިހާދުރު ދުރުން އުޅެގެން އެއްގެޔަކަށް ގޮސް އެއްކޮޓަރިއެއްގެ އެއް އެނދު ހިއްސާ ކުރެވިދާނެ ބާވައެވެ. ރަމްލާ ހިތާހިތާ ސުވާލު ކުރިއެވެ. ރަމްލާ އާހް އަކާއެކު ވިސްނަމުން ދިޔައެވެ. ޝާހިދުގެ ހިމޭންކަން އިންތިހާއެވެ. ރަމްލާއާއި ދިމާލަށް ބަލާވެސް ނުލިއެވެ. ފޯނުން ކޮންމެވެސް ތަނަކަށް ނުގުޅިގެން އުޅުނީއެވެ.
ވަމުން ދިޔައީ އާކަމެއް ނޫނެވެ. ޝާހިދު އާއި ރަމްލާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ދެމީހުންނަށް ވެސް ހިތް ރުހޭ ކަމެއް ކުރެވޭނީވެސް މަދުފަހަރަކުއެވެ. އެކަކު ރުހޭ އެއްޗެއް އަނެކަކަށް ބުނެވޭނީވެސް މަދު ފަހަރަކުއެވެ. ގިނަފަހަށް ވަމުން ދާކަންތަކާމެދު ސުވާލުކޮށްލަންވެސް ރަމްލާ ހުންނާނީ ޖެހިލުން ވެފައެވެ. ޖަވާބު ރުންކުރުވެދާނެތީއެވެ. ދަނޑިވަޅު ބަލާފައި ރަމްލާ ވާހަކަ ދައްކަންފެށިއެވެ. އާދެވިފައިމިވަނީ މުޅިން އާތަނަކަށް ވެފައިވާތީއެވެ. ދަންނަ އެއްވެސް ތިމާގެ މީހަކު ނުވަތަ ރައްޓިއްސަކުވެސް ނުހުންނާނެތީއެވެ. ވާހަކަ ދައްކާ ހިޔާލު ބަދަލް ކޮށްލަން އޮތީވެސް ހަމަ ޝާހިދުއާއި އެކުގައެވެ.
“ކާކާ ވާހަކަ ދައްކާލީ” ރަމްލާ ދަބަސް ރަނގަޅުކޮށްލަމުން އަހާލިއެވެ.
“އަހަރެން ވާހަކަ ދައްކާލީ އަހަރެން ކުއްޔަށް ހިފި ގޭ މީހުންނާ ފުލައިޓް ލަސްވެގެން އެމީހުން ކާރީ ނުބުނެވި އޮތީ އެކަމަކު މިހާރު ވިޝަން ޓެކްސީގެ ކާރެއް އަންނާނެ ވާހަކަ އެމީހުން ބުނި ދެން ރަނގަޅުތާ”
ކާރު އަންނަންދެން ދެމީހުންވެސް ޕޯޓިކޯތެރެއަށް ނިކުމެ ދެގޮނޑީގައި އިށީނެވެ. އެދެމީހުންގެ ދޭތެރޭގައިވެސް އޮތީ ބުނަން ނޭނގޭ ހިމޭންކަމެކެވެ. ދެމީހުންނަށްވެސް ވާހަކަ ދައްކަން ފަށަންވާ މައުޟޫ ނޭނގޭކަހަލައެވެ. ރަމްލާ އޭނާގެ ދަބަހުން ފޮތެއް ނަގާކިޔަން ފެށިއެވެ. ކާރު އަންނަންވެސް ވެސް އެތައް އިރެއް ނަގާފާނެއޭ ރަމްލާ ހީކުރިއެވެ.
ވައުދުތައްވެސް ކުރެވުނޭ ލޯބީގެ ނަމުގައި މާކުރިން
ވަޢުދުތައް އެހެނަސް އުވިއްޖޭ ތާޖަކުން އެޅި ދަޅަޔަކުން
ފޮތް ކިޔަމުން އޭނާ ލޯފޮހެލީ ކީއްވެބާވައެވެ. ޝާހިދު މާދުރުގައި ރަމްލާއާއި ދިމާލަށް ބަލަން އިނެވެ. އެއްވެސް ގާތްކަމެއް އެދެމެދުގައި ނުވާކަހަލައެވެ.
ރަމްލާދެކެ ލޯބިވާ ވާހަކަ އަބަދުވެސް އޭނާގެ މެސެޖް ތަކުގައި ބުނެވިފައި ވާނެއެވެ. އެކަމަކު އެ ބުނާ ބުނުން ރަމްލާއަށް ގަބޫލް ކުރެވުން އެއީ ދަތި ކަމެކެވެ.
ކާރު ލަސްވާނެ ވާކަހަކަ ޓެކްސީ މީހާ ގުޅާފައި ބުނެލިއެވެ. ހަމަ އެވަގުތު ރަމްލާ އާއި ޝާހިދު މިސްރާބު ޖެހީ ކާރީގައިވާ ރެސްޓޯރެންޓާއި ދިމާލަށެވެ. ޝާހިދު އާއި އެކު އަންނާށޭ ޝާހިދު ރަމްލާ ކާރީ ނުބުނެއެވެ. ޗާބީ ދީފައިވާ ބުދެއްހެން ޝާހިދު ފަހަތުން ދިޔައީ ރަމްލާއެވެ. ފެހިފަތްތަކުން މުއްސަނދި ވެފައިވާ ހިތްގައިމު މާޙައުލެކެވެ. މީހުން މަދުކަން ވެގެން ދިޔައީ ރަމްލާ އަށް ލިބުނު އުފާވެރި ކަމަކަށެވެ. އިށީންނަތަނަށް ދެވުމާއެކު ޝާހިދު ކުރިޔަށް ޖެހިލާފަ ރަމްލާ އިށީންނަން ގޮނޑި ދުރުކޮށް ދިނެވެ. ޝާހިދުގެ މިއަދާ ވެގެންދިޔައީ ރަމްލާގެ ހިތުން ޝާހިދުއަށް ކުރަމުންދިޔަ ޝަކުވާތަކަށް އައި ހުއްޓުމެއް ކަމަށެވެ.
އާއެކެވެ. ލޯބީގެ ކުޑަކުޑަ ހަރަކާތަކުންވެސް އަނބިމީހާގެ ހިތް އަތުލުމުގެ ހުނަރު ޝާހިދުއަށް ލިބިފައިވާކަހަލަ އެވެ.
ރަމްލާ އާއި ޖެހިގެން ހުރި ގޮނޑި ދުރުކޮށްލުމަށްފަހު ޝާހިދު އިށީނެވެ. ވަރަށް ކާރިގައެވެ.
ރަމްލާ ގެހިތުން ތަފާތު އަޑެއް ރަމްލާއަށް އެކަނި އިވުނެވެ.
ފަރިވަމުން ފޮޅެމުންއެއައި ޝާހިދު އެއީ މަލަކަށްވެފާ
ކަރުގަނޑެއްގެ މަގާމުގާ އަހަރެން ނިކަން އުފަލުން އިނިން
އެއްފަހަރު ފެނުނީ ރަމްްލާ ލޯ ފޮހެލި ތަނެވެ. މިފަހަރު ފެނުނީ ސިއްރުވެރި ގޮތަކަށް ރަމްލާ ހިނިތުންވެލި މަންޒަރެވެ.
“ކޮބާ ކޯޗެއް ގެންނަންވީ؟” ޝާހިދު ރަމްލާއާއި ދިމާލަށް ބަލާލާފައި އަހާލިއެވެ. ރަމްލާވެސް ޝާހިދުއާއި ދިމާލަށް ވަރަށް ފުންނަޒަރަކުން ބަލާލިއެވެ.
އެދެމީހުން ތިބި ހިސާބުން ރާޅުތަކުގެ އަޑު ރީތިކޮށް އިވެމުން ދިޔައެވެ. ކާރީގައިވާ މޭޒްތަކުގައި ތިބިމީހުން ފުރަން ފުލައިޓަށްދާން ގޮވާލުމާއެކު އެންމެން ދިޔައީއެވެ. މުޅި ތަނަށްހިމޭންކަން ވެރިވިއެވެ. ޝާހިދު އިނީ ފޯނާ ކުޅެލަ ކުޅެލައެވެ. ނޫނީ ނޫސް ކިޔަނީއެވެ. ކޮވެލި ތަކުގެ ގޮވުމުގެ އަޑުވެސް ދޭތެރެއަކުން އިވެމުން ދިޔައެވެ. ރަމްލާ ހަމަ ފޮތުގެ ތެރެއަށް ގެއްލިފައެވެ. އިސްވެ ވާހަކަ ދައްކަން ބޭނުން ނުވާތީ ހިމޭނުން ފޮތްކިޔަން އިނީ ކަންނޭގެއެވެ.
“އަހަރެންގެ ހިތަށް ޒަޙަމް ތިޔަދެނީ ކީއްވެބާެއޭ؟” އަހާލަފާނަމޭ ކިތަންމެ ފަހަރަކު ރަމްލާ ހިތަށް އެރިއެވެ
ޝާހިދު ރަމްލާއަށް ދައްކަނީ އުންމީދެއްނެތް ކުލަ ހުވަފެންތަކެކޭ ރަމްލާގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ ދެތިން މަސްވަންދެން ހުރެވޭނެ ބާވައެވެ. އެހެންނޫނީ މިދަތުރު އައިސްފައިވެސް އެގޮތަށް އަޅާލުން ކުޑައީ ކީއްވެބާވައެވެ.
ރަމްލާ އެންމެ ފަހުން ވަޒީފާ އަދާކުރިތަނުން ވަކިވެގެން އައިދުވަހަކީ ރަމްލާގެ ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެދުވަހު ޝާހިދު ކަންތައް ކުރާގޮތް ދުވަހަކުވެސް ރަމްލާގެ ހިތުން ފޮހެވިދާނެބާވައެވެ.
މިހާރުވެސް ޝާހިދުގެ ކިބައިން ރަމްލާއަށް ފެންނަމުން އެދަނީ އަޅާލުން ކުޑަކަމާއި ދުރުހެލި ކަމެވެ. ރަމްލާ ވަޒީފާއިން ވަކިވި ދުވަހު ރަމްލާ އާއި ވާހަކަ ނުދައްކާނަމޭ އެއްއަހަރު ވަންދެންވެސް ރަމްލާއަށް ނުބަލާނަމޭ ޝާހިދު ބުނި ދުވަސް ރަމްލާގެ ލޮލުން ކަރުނަ އައުމާއެކު ހަނދާނަށް އައެވެ. އެކަމަކު އޭނާ މިދަތުރު 10 ދަުވަހު އައްޑޫގައި ތިބުމަށް ރޭވީ ވަކި މަގުސަދެއްގައެވެ. ހީނަރު ވެފައިވާ މިގުޅުން އާބާދު ކުރުމަށެވެ. އެކަމަކު ވަމުން މިދަނީ މުޅިން އެހެން ކަމެކެވެ.
ރަމްލާ އަމިއްލަ ހިތާއި އަމިއްލަ އަށް ވާހަކަދައްކަމުން ދިޔައެވެ. ފޮތުގެ ގަނޑުތަކަށް ބަލަން އިނދެއެވެ. ހީވާގޮތުން އޭނާ އިނީ ވަރަށް ޝައުގުވެރިކަމާއެކު ފޮތް ކިޔާށެވެ. ދޭތެރެއަކުން ޝާހިދު ރަމްލާ އަށް ބަލާވެސް ލައެވެ. އެކަމަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެބަލާލުމުގައި އެއްވެސް މާނައެއް ނެތްކަހަލަ އެވެ.
” ޝާހިދުގެ ތިޔަ ލޯބި ހިތު އަޅައިގެން އަހަރެން ކިހާ ދުވަހަކު އުޅެންވީ ހެއްޔެވެ؟ ކިހާ ފަރިއްސެއް ކިއަން ވީހެއްޔެވެ؟” އެންމެ ފަހުން އިސްއުފުލާލާފަ ޝާހިދު އާއި ދިމާލަށް ބަލާލާފައި ރަމްލާ ކަރުނަވީ އަޑަކުން ބުނެލިއެވެ . ތަފާތަކީ މިއަޑު ޝާހިދު އަށް ނީވޭނެ ކަމެެވެ. ސަބަބަކީ އެލަފްޒުތައް ރަމްލާ ބުނީ ހިތުގެ އަޑުންނާއި ހިތުގެ ދުލުންނެވެ. ލަފްޒުތަކެއްގެ ގޮތުގައި ބޭރައް ނާދެއެވެ. ޝާހިދު އަށް އެ ފަސާނާގެ އަޑު ނީވުނީ އެހެންވެގެންނެވެ.
ހައިރާންކަން އެކުލެވިގެންވާ ނަޒަރަކުން ޝާހިދު ރަމްލާ އަށް ބަލާލިއެވެ. އެއްޗެކޭ ބުނިހެން ހީވެގެންނެވެެ. އެނަޒަރުން ބުނާގޮތުން ތިޔަކިޔަނީ ކީކޭހޭ އަހާލި ކަހަލަ އެވެ. އެއަޑު ރަމްލާއަށް ނީވެއެވެ. ސަބަބަކީ އެއީ ޝާހިދުގެ ހިތަށް އައި އެއްޗަކަށް ވާތީއެވެ. ލަފްޒެއް ގޮތުގައި ނުބުނެވުނު ކަމެވެ.
މިދަތުރުގައި ޝާހިދުއަށް ސިހުން ލިބޭ ކަންތައް ރަމްލާވެސް ވަނީ ރާވާފައެވެ. އެހެނަސް އެވެސް ބިލާހެކޭ ރަމްލާގެ ހިތަށް އެރިއެވެ. އޭނާ ރާވައިފާ އެއްވެސް ކަމެއް ކުރެވިދާނޭ ބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ. ޝާހިދު ވަރަށް ބިޒީކޮށް މީހަކާ ވާހަކަ ދައްކަނީއެވެ. ރަމްލާއަށް އަޑު ނީވޭވަރަށެވެ.
ކާރު އައުމާއެކު ޝާހިދު ތެދުވެ ކާރަށް އަރަން އައުމަށް ރަމްލާއަށް އިޝާރާތް ކޮށްލަމުން ގޮސް ކާރަށް އެރިއެވެ. ކުރީ ސީޓްގައެވެ. ޑުރައިވަރާ ޖެހިގެންނެވެ. ރަމްލާވެސް މަޑުމަޑުންގޮސް ކާރަށް އަރާ ފަހަތު ސީޓުގައި އިށީނެވެ. އަދިވެސް ދެމީހުން ވަނީ ވަރަށް ބީރައްޓެހި ކޮށެވެ.
ކާރު ދުއްވާލުމާއެކު ޝާހިދު ބުނަމުން ދިޔައީ އާއިލާގެ ކޮންމެވެސް ގެޔަކަށް ދާވަހަކައެވެ. އެެގޭގެ އެޑްރެހެވެ. ފޯނުން ކޮންމެވެސް މީހެއް ކާރީ ބުނެލުމަށް ފަހު ރަމްލާ ވެސް ދާންޖެހޭނެޔޭ ޝާހިދު ފަހަތަށް އެނބުރިލާފަ ބުންޏެެވެ. އަދި މިހާރު އެމީހުން ކުއްޔަށް ހިފިގެޔަށް ގޮސް ތައްޔާރު ވާށޭ ވެސް ބުންޏެވެ. މިއީ މިދަތުރުގައި ރަމްލާއަށް ލިބުނު ފުރަތަމ ސިހުން ގެނުވި ކަމެވެ. އެހެން ގޮތަކަށް ބުނާނަމަ ސަޕްރައިޒް އެވެ.
ރަމްލާ ދަބަސްތައް ބަހަށްޓާލާފަ ފެންވަރާ ތައްޔާރުވެލިއެވެ. ބޮޑުދުވަހަކަށް މަރުހަބާކިޔާންވެގެންނޭ ހީވެއެވެ. ޝާހިދުއަށްޓަކައި މިގޮތަށް އަބަދުވެސް އޭނާ ފަރިވެލައެވެ. ތަފާތަކީ ތަޢުރީފްގެ ބަސް ނުއިވޭކަމެވެ..
އުފަލާއި ހިތްހަމަޖެހުން އެދިގެން ފައި ނެގި މިދަތުރުގައި ކުރިޔަށް މިދިމާވަނީ އަދި ދިމާވާނީކިތައް ކަންތަށްތަކެއް ކަމެއް ޙުދު ރަމްލާއަށްވެސް ނުމެއެނގެއެވެ. އެންމެ ފުރަތަމަ އާއިލާ ގެޔަކަށް ދިޔުން ރޭވުނު މިޕްރޮގުރާމް އަކީވެސް ރަމްލާ ކުރިން އުންމީދު ކުރި ޕޮރުގުރާމެއް ނޫނެވެ. ކުއްލިޔަކަށް ރޭވުނު ކަމެކޯލައެވެ.
ޝާހިދުގެ ކޮންމެވެސް ތިމާގެ ގެޔަކަށް ދިއުން އެންމެ ފުރަތަމަ ރޭވީވެސް ޝާހިދު އެއަރޕޯޓުގައި ހުރެގެންނެވެ. އެއަރޕޯޓަށް ކުރިން އާދެވުނީވެސް ޝާހިދަށްވިއްޔާއެވެ. ރަމްލާއާއި ތަފާތު ފުލައިޓްތަކުގަ އައިމައެވެ. ޝާހިދު ގެ ޢާއިލާ މީހުން ކާރިޔަށް ދިޔުމަކީ ހިތް އެކަމަށް ކިތަންމެ އެދުނަސް ރަމްލާ ބިރުގަންނަ ކަމެކެވެ. އުދާސް ވާކަމެކެވެ. އެމީހުން ރަމްލާ ދެކެ ރުޅިއަންނަ އަދި ނަޕްރަތު ކުރާ އެއްސަބަބަށްވުރެ ގިނަ ސަބަބުތައް އޮވެޔޭ ރަމްލާ ހިތަށް އަރައެވެ.
ޝާހިދު އާއި ރަމްލާ ކާރުގައި ފޭދޫއަށް ދާން ދިޔައެވެ. ޝާހިދުގެ އާއިލާ މީހުންގެޔަށް ދިޔުމަށެވެ. އެމީހުން ދިރި އުޅެނީ ފޭދޫގައެވެ.
ކާރުގައި އިނދެގެން ރަމްލާގެ ލޮލުގައި ކަރުނަތައް މުތީތަކެއްހެން ވިދާލިއެވެ. ސިއްރުން ރަމްލާ ކަރުނަ ފޮހެލިއެވެ. އެކިޒަމާންތަކުގައި އެއާއިލާ މީހުންރަމްލާ އާއި މެދު ކަންތަށް ކުރިގޮތް ރަމްލާގެ ހަދާނަށް އައެވެ.. ފޮނި ހަނދާންތަކެއް ނޫނެވެ. ހިތި ހަދާންތަކެކެވެ. އެމީހުން ރަމްލާ ދެކެ ރުޅިއަންނަ އަދިނަފްރަތު ކުރާ ވަކި ސަބަބެއް ރަމްލާ އަށް ނޭނގެއެވެ. ރަމްލާ މިކަން އެއީ ކަމަކަށް ނަހަދާ ދޫކޮށްލައެވެ. ހިތުގައި ގިލަންވެރިކަން ވޭމެއެވެ. ސަބަބު ނޭނގޭތީއެވެ. ޝާހިދުވެސް މިކަމުގާ ޢިޙްތިޔާރު ކުރަނީ ހިމޭން ކަމެވެ. އަދި އެއްވެސް ކޮޅަކަށް ބުރަވެ އޭނާ ވާހަކައެއް ނުދައްކައެވެ. މައްސަލަ އޮތަސް ހައްލު ކުރަން ބޭނުން ނުވެއެވެ. އޭނާ ދެކޭގޮތުގައި އަޅާ ނުލީމާ މައްސަލަ ހައްލުވީއެވެ. ހަނދާން ނެތިދާނެއެވެ ޢާއިލާ މީހުންނާ ޝާހިދު އާއި އޮންނަ ގުޅުން ހީނަރު ނުކޮށް ކުރިޔަށް އޭނާ ދަމަހައްޓައެވެ. ޢާއިލާގެ ޙަފްލާތަކުން ބާކީވެފައިވަނީ ރަމްލާއެވެ. ޝާހިދު ރަމްލާ ނެތަސް އެ މީހުން ބާއްވާ ހުރިހާ ހަފްލާއެއްގައި ހެޔޮހިތުން ބައިވެރިވެއެވެ. އަދި އެކަމުގެ ފުރަހަމަ ތަފްސީލް ރަމްލާއަށްވެސް ދެއެވެ. ރަމްލާ އެގޭގެ އެކަންތަށް ސިފަ ކުރަނީ އޭނާއަކީ އަން އިންވައިޓެޑް ގެސްޓް އޭ ނުވަތަ އެޢާއިލާގައި ހުންނަ ހުއްދަ ނެތި ހުންނަ ބީރައްޓެހި މީހާއެވެ. ރަމްލާގެ ހިތަށްވަނީ މިކަމާހެދި ފުން އަސަރު ތަކެއްކޮށްފައެވެ. ހިތާމައިގެ އިންތިހާއެވެ. ޝަކުވާތަކުގެ ސައިލާބެއް ރަމްލާގެ ހިތުގައި އޮވެއެވެ. އެހެނަސް އޭނާ ހިމޭންކަން އިހްތިޔާރު ކުރިއެވެ. އަބަދުވެސް އާދައެކޭ އެއްގޮތެވެ. ރަމްލާގެ އެއްވެސް ސިފައެއް އެމީހުން ގަބޫލު ސިފައެއް ނޯވޭ ކަހަލައެވެ.
ކަންތައް ކޮންމެ ގޮތަކަށް އޮތަސް ފަހުނޭވަޔާ ޖެހެންދެން ރަމްލާ ޝާހިދު ދެކެ ލޯބި ވާނެއެވެ. މުޅި ދިރިއުޅުން ޝާހިދުގެ ނަމުގާ ޤުރުބާން ކުރާނެއެވެ. އެއީ ތެދުވެރި ލޯތްބެވެ.
އެގެޔަށް ކާރު މަޑުކުރުމާއެކު ޝާހިދު އާއި ރަމްލާ ކާރުން ފޭބިއެވެ. ޝާހިދު ކުރިއަށް ދިޔުމާއެކު ފަހަތުން ގޮސް ރަމްލާ ބޭނުންވީ ޝާހިދުގެ އަތުގައި ހިފާށެވެ. ލޯބިންނެވެ. ތެދެކެވެ. ޝާހިދުވެސް އެނބުރިލާފައި ރަމްލާގެ އަތުގައި ހިފިއެވެ. އަދި ހިނިތުންވެލިއެވެ. ހީވާގޮތުން ޝާހިދު ހުރިހާލޯތްބެއް ރަމްލާއަށް ދޭނެއެވެ. މިދަތުރުގައެވެ. ހަޔާތުގެ ދެން އޮތް ދުވަސްތަކުގައެވެ. އާއެކެވެ. ކެތްތެރި ކަމަކީ އަންހެނާގެ ދެވަނަ ސިފައެވެ. ރަމްލާ ކެތްކުރިއެވެ. ލޯތްބަކީ ނިކަން ބާރުގަދަ ހަތިޔާރެކެވެ. އެހާމެ ފޮނި މޭވާއެކެވެ. މިއީ އެންމެންވެސް ދަންނަ މުހާވިރާއެކެވެ. ހުރިހާ ކަމެއްވެސް އެމީހެއްގެ އިޙްތިޔާރުން ދުރުގައި ވާކަމެވެ. ތަދުބީރު ކުރަނީ އިންސާނާއެވެ. އެކަމަކު ތަގުދީރަކީ އޮތްއެއްޗެކެވެ. ގިނަ ފަހަރަށް އެމީހާ ތަދުބީރު ކުރާގޮތަށް ނުވެވެސް ހިނގައިދާނެއެވެ. ކޮންމެ ކަމެއް ހިންމަވާނީ ﷲ އެވެ. އާއެކެވެ. ޝާހިދު އާއި ރަމްލާގެ ލޯބިވެސް ވަނީ އެފަދަ ފަލްސަފާއެއްގައެވެ. ޝާހިދުގެ ލޯބި ލިބޭތޯ ކެނޑި ނޭޅި އޭނާ ދުޢާ ކުރާނެއެވެ.ހިތުގައި އުފެދޭ ލޯބީގެ މިޖަޒްބާތަށް ރަމްލާ ދިންނަމަކީހަޔާތުގެ ފަސާނާ މިއެވެ.
ނިމުނީ
3 Comments!
Comments are closed.


wowww. amazingly nice. keep it up. hopes we will get to read another new story from u.
V.nice genesdheefai vaaleh?????
Thank you so much