ވައިވީމަ (6) – އާއިލީ ބާރު
ހޫނުގެ އިހްސާސްކަން ކެނޑެން ފަށައިފިއެވެ. އިރުގެ އަލިކަމުން ނިވާކޮށްދޭވަރުގެ ވިލާގަނޑެއް އުޑުމަތި ފޮރުވާލައި މުޅި ސަރަހައްދު އަނދިރިކޮށްލައިފިއެވެ. އަހަންނަށް ހީވީ ބާރެއްލިބުން ހެންނެވެ. ކުރިމަތީގައި ހުރި ދޮރު ފަޅާލާފައި ތިން މީހުން ގޭތެރެއަށް ވަދެގެންފިއެވެ. ކޮންމެ މީހަކު އަތުގައި ހަންޖަރެއް އޮތެވެ. އަދި މިމީހުން ތިބީ އެއްގޮތަކަށް ހެދުން އަޅައިގެންނެވެ. ހުދުކުލައިގެ ހެދުމުގަ ކަޅު ބޫޓާއި އަންގީގައެވެ.
“ކަލޭމެން މިދުނިޔެއިން ފޮހެވޭކަށް ނުވޭތަ؟” އެކަކު ބުނެލިއެވެ.
“ފޮހެލަން ހިނގާ!” އަނެކެއް އެހެން ބުނެފައި އަހަންނާއި ދިމާލަށް ފުންމައިގެން އައެވެ.
އަހަރެން އޭނައާއި ދުރަށް ޖެހިލީ ގަހަކުން ވެއްޓޭ ފަތަކުން ރެކިލާ ފަދައިންނެވެ. މި ތިން މީހުންނާ ކުރިމަތިލާން ވަރަށް ފަސޭހަ ވާނޭކަން އަހަންނަށް ގައިމު ވެއްޖެއެވެ. އަހަރެން އެމީހުންނާ ހަނގުރާމަކޮށް އެމީހުން ބަލިކޮށްލީމެވެ. އެ ތިން މީހުންގެ ނޭވާ ހުއްޓިއްޖެއެވެ. ހަނގުރާމައިގެ ތެރެއިން ގެއަށް ގެއްލުންވެ އަހަރެންގެ ފަޔަށް ހަންޖަރެއްގެ ވިހަ އަރައިފިއެވެ. ކޮންމެއަކަސް ދެން މިތާކު އަހަރުމެންނަކަށް ނުތިބެވޭނެއެވެ. ދިރިއުޅުމަށްޓަކައި އަހަރުން ކުރަންޖެހޭ ހަނގުރާމައެވެ. އޮހޮރުވާ ލެޔެވެ.
“ފުރެމީ…” ސިޑިން ފައިބަމުން އައި ފުރެމީއަށް އަހަރެން ގޮވައިލީމެވެ.
ފުރެމީ ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. “އަހަންނެއް ނުދެކެން މިހާ އުޅެން އުނދަގޫ ޒަމާނެއް. މި ހުރިހާކަމެއް މި ހިނގަންފެށީ ޒާޔަރގެ ބޭބެ އިޝަގް އައި ފަހުން. އޭނަގެ ފެށުން މިއީ. އެހެން ނޫންނަމަ…” ފުރެމީ ބުންޏެވެ. ފުރެމީގެ މޫނުމަތިން ވިހައިގެ އަސަރު ހަށިގަނޑަށް ފޯރައިފިކަން އެނގެއެވެ.
“މިއީ ކޮންކަހަލަ ހަތިޔާރެއް؟ ކޮންކަހަލަ ވިހައެއް؟” އަހަރެން ފުރެމީއަށް އެނގިދާނެތޯ ސުވާލު ކުރީމެވެ.
“މިއީ ވެމްޕަޔަރގެ ބާރު ދުއްވާލައި ނިކަމެތިކޮށްލާ ވިހައެއް. މީގަ ދުވަސްކޮޅަކު އުޅެފަ ދެންވާނީ މަރު.” ފުރެމީ ކިޔައިދިނެވެ. “އަހަރުން މިތާގަ ތިބުން ދެން ރަނގަޅެއް ނުވާނެ. އިރު އޮއްސޭހާ އަވަހަށް މިތަނުން ފިލަންވާނެ.”
އަހަރެން ފުރެމީއާއި އެއްބަސްވީމެވެ.
* * * * *
އިރުއޮއްސުމުން ދެމީހުން ނުކުތީ އެހެންތަނެއް ހޯދާށެވެ. ވަރަށް ދުރަށް ފުރެމީގެ އަހުގައި ދަތުރުކުރުމަށްފަހު އެޕާޓްމަންޓެއް ލިބޭ ހިސާބަކަށް އާދެވިއްޖެއެވެ. ދެމަފިރިން އުޅޭ ގެއެއްގެ އެޕާޓްމަންޓެކެވެ. އެޕާޓްމަންޓަށް ވަނުމާއިއެކު ފުރެމީ ވަނީ ފެންވަރާށެވެ. ފުރެމީ ދަބަހެއް ގެނައެވެ. އޭގައި ހުރީ ލެއިން ފުރާފައިހުރި ފުޅިތަކެކެވެ. ލަކުޑި ފުޅިތަކެކެވެ. އަހަރެން އެއިން ކޮންމެވެސް ވަރަކަށް ބަނޑުހައިހޫނުކަން ފިލުވާލީމެވެ. ކުއްލިއަކަށް ވަރަށް ބާރަށް ދޮރުގައި ޓަކިޖަހަން ފަށައިފިއެވެ. އަހަރެން ހުރީ ހަމަޖެހިފައެވެ. އަދި ގޮސް ދޮރުހުޅުވާލީމެވެ. ކުއްލިއަކަށް ފުންމައިގެން އައީ މީހެކެވެ. އަހަރެންގައިގައި އޮޅުލައި އަހަރެން ބިންމައްޗަށް ވައްޓާލިއެވެ. އަދި ތޫނު އެއްޗެއް އަހަރެންގެ ގަޔަށް ހަރައިލިއެވެ. އޭގައި ވިހައެއް އަހަންނަށް އިހުސާސް ކުރެވެން ފެށިއެވެ. މަޑުމަޑުން އަހަރެންގެ ހޭވެރިކަން ގެއްލެން ފަށައިފިއެވެ.
* * * * * *
އަހަންނަށް ހޭވެރިކަން އަންނަން ފަށައިފިއެވެ. މަޑުމަޑުން ލޯ ހުޅުވައި ވަށައިގެން ނަޒަރު ހިންގައިލީމެވެ. ފަޅު އަނދިރި ތަނެކެވެ. ހުރީ މޭޒެއްމަތީ އުއްބައްތިއެއް ރޯކޮށްފައި އެކަންޏެވެ. އަހަރެންގެ ދެ އަތަށް ތަދުވާން ފަށައިފިއެވެ. ވިހަ ޗޭނަކުން އަހަރެންގެ ދެ އަތް ދެފަރާތަށް ބަނދެލައިފައެވެ. އަޑެއްބަޑެއް ނީވެއެވެ. އަނެއްކާވެސް ހޭވެރިކަން ގެއްލިއްޖެއެވެ.
އަހަންނަށް ހޭވެރިކަންވީ ފައިތިލައިގެ އަޑަކުންނެވެ. މީހަކު ހިނގާފައި އެބަ އާދެއެވެ. އައިސް ބައްތި ކައިރީގައި ހުއްޓިލިއެވެ. އަންހެން ޒުވާނެކެވެ. އަހަރެން ދަންނަ މޫނެކެވެ. ‘އާނ! ޒާޔަރ!’
“ކޮބަ ޒެޑް އިހުސާސްތަށް ކިހިނެތް ވަނީ؟ ވެމްޕައަރ އެއްކަމަކު ބޭނުންހާ ގޮތެއް ނުހެދޭނެ. އަހަންނަށް މި ހުރިހާ އެއްޗެއް ދަސްކޮށްދީފައި އަހަރެންގެ ބޭބެ މި ދުނިޔެ ދޫކޮށް ދިޔައީ. އަސްލު އަހަރެންގެ ބޭބެ އިޝަގް މަރާލަން އަހަންނަށް މަޖުބޫރުވީ. ހަނދާންވޭތަ އެއަރޕޯޓްއިން އަހަރުން ދިމާވިއެންނު. އިޝަގް ބުނީ އެތަކުން އޭނައަށް ޒެޑް އަކީ ވެމްޕައަރ އެއްކަން އެނގުނޯ. ޒެޑް ދިޔައީ ކަހުލާ ހޯދާކަންނު. އަހަންނަށް ދޮގުހަދާފަ.” ޒާޔަރ ރުޅިއައިސްހުރެ ބުންޏެވެ.
“ޒާޔަރ ހަމައެއްނޫންދޯ؟ އަހަރެން ކޮންމެތާކަށް ދިޔަސް ޒާޔަރ އަކާ ނުބެހެވޭނެ. އަހަރެން ހިތުލީ ކުއްޖަކަސް ރައްޓެއްސެއް ނުވަމެއްނު. ތީ ހަމައެކަނި އަހަރެންގެ އަވަށްޓެރިއެއް.” އަހަރެން ޒާޔަރ އާއި ދިމާލަށް ބުނީމެވެ.
ޒާޔަރ ހިނިގަނޑެއް ޖަހައިލިއެވެ. އަދި ބުންޏެވެ. “ކަހުލާ. އެއީ ޒެޑްގެ ދައްތައެއް ކަހަލަ މީހެއްނު. ޒެޑް އެއްނު ހަމަނޫނީ.” ޒާޔަރ ހިނގަމުން އައިސް އަހަރެން ކުރިމަތީގައި ހުއްޓިލިއެވެ.
“ޒާޔަރވެސް ތީ ވެމްޕައަރ އެއްދޯ މިހާރު. ދެން ކީއްކުރަން އަހަރުންނަށް ހަމަލާދީ، އަހަރުން މަރާލަން ތިއުޅެނީ؟” އަހަރެން ޒާޔަރގެ މޫނަށް ބަލަން ހުރެފައި ބުނީމެވެ. ހަމަ އޭރުގައި ހުރި ގޮތަށެވެ. އެއްވެސް ބަދަލެއް ޒާޔަރގެ ހަށިގަނޑަކަށް ނާދެއެވެ.
“ކީކޭ؟ ކީއްވެހޭ؟” ޒާޔަރ އަހަންނާ ދިމާލަށް ބުންޏެވެ. އަދި ރުޅިއައިސް ހުރެ އަހަރެންގެ މެޔަށް އޭނާގެ ނިޔަފަތިތަށް ވައްދާލިއެވެ.
އަހަންނަށް މި ހުރެވެނީ ޗޭނުގެ ސަބަބުން ކޮޅަށެވެ. އަދި ޒާޔަރގެ އަނިޔާތަކުގައި ކެއްކޮށްލައިގެންނެވެ.
“އަހަންނަށް މިހެން ހެދީ ކަހުލާ. އާނ! މިކިޔާދެނީ! އަޑުއަހާ! އެއްރޭ އަހަރެން ކަހުލާއަށް ފާރަލީ. ޒެޑްއާ ކަހުލާއާ އުޅެންފެށި ގޮތުން. ކަހުލާއާއި ދިމާލަށް ދެވުނީ. ކަހުލާ ފަހުން އަހަންނަށް ކިޔައިދިން، ވެމްޕައަރގެ އެދުމުގެ މަސްތުން ކޮންޓްރޯލް ނުވެގެން އަހަންނަށް މިހެން ހެދުނީއޭ. އަހަރެން އުޅުނީ ހާދަ ހާލެއްގައޭ!” ޒާޔަރ އަށް ރޮވެން ފެށުނެވެ. އަދި ޒާޔަރގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެންގެ އެއްބަނޑު ބޭބެ، އިޝަގް، އޭނައަށް އެނގިގެން ވިހަ ހަތިޔާރު ބޭނުންކޮށްގެން އަހަރެން ދުނިޔެއިން ނައްތާލަން ހާދަ މަސައްކަތެއް ކުރިއޭ! އެތައް ދުވަހެއް، އެތަކެއް މަސްދުވަސް ވަންދެން އަހަރެން ތެޅުނީ. ހަމަ ކަހުލާގެ ސަބަބުން. ކަހުލާ އަންދާލަން ރޭވީވެސް އަހަރެން. އިޝަގް ވެސް… އަހަންނަށް މަޖުބޫރުވީ! އަހަރެން ވެމްޕައަރުންނަށް ނަފްރަތު ކުރަން.”
އަހަންނަށް އެ އިހުސާސް އެނގުނެވެ. ޒާޔަރގެ ވާހަކަ އަޑުއަހާފައި އަހަރެންވެސް ދެރަވިއެވެ. ޒާޔަރގެ ރުއިމުން އަހަރެންގެ ހިތާ ކުޅެލިއެވެ. ޒާޔަރ އަކީ އަހަރެންގެ ހިތުތެރޭގައި ވެމްޕައަރގެ ދުވަސްވަރުގެ ކުރިން އެނބުރެމުން އައި މީހެކެވެ. ފަހުންވެސް އަހަންނަށް ޒާޔަރ އަށް އެދެވުނެވެ. އެކަމަކު ކަހުލާގެ ބާރު ހުރީ އަހަރެންގެ ހިތަށް ވެރިވެފައެވެ.
“ކަހުލާ ރޯކޮށްލީ ޒާޔަރތަ؟” އަހަރެން އަހާލީމެވެ.
“ނޫން. އެކަމަކު އަހަރެންގެ އެދުމަކުން. އިޝަގް މަރާލުމަށްފަހު އަހަރެން މި އާއިލާގެ ބާރު ހޯދިން. އަދި އަހަރެން އެންމެނަށް ވައުދުވިން، ވެމްޕައަރުންނާ ހަނގުރާމަކުރަން، ދިރިހުރިހާ ދުވަހަކު. ކަހުލާގެ ސަބަބުން އަހަންނަށް މިހެންވީ.”
އެވާހަކަތައް އަޑުއެހުމަށްފަހު އަހަރެންގެ ވާހަކަތައްވެސް ކިޔައިދިނީމެވެ. އެވާހަކަތައް އަޑުއަހާފައި ޒާޔަރ ބުނެލިއެވެ. “ޒެޑް. ޒެޑް ހަމަ ރަނގަޅަށްވެސް ހަމައެއް ނޫން. ޒެޑް އަށް ތިހެން ހެދީމަ އަދި އެމީހާދެކެ ލޯބިތިވީ. ސާބަސް ޒެޑް!”
“މައްސަލައެއް ނެތް. ދެން އަހަރެން ދޫކޮށްލާ. ކަހުލާވެސް މަރާލެވިއްޖެއްނު. ބަދަލު ހިފިއްޖެއްނު. މިކަމަކާ އަހަރުންނާ އޮތީ ކޮން ގުޅުމެއް؟” އަހަރެން ޒާޔަރ ގާތު އެދުނީމެވެ.
“އަހަރުންނޭ؟ އާނ. ކޮބާ ދެންތިބި ވެމްޕައަރތައް؟ ބޮޑުއެތި ކޮބާ؟ އެކަމަނާ ވީތަނެއް ޒެޑް އަށް އެނގޭތަ؟” ޒާޔަރ ސުވާލުކުރަން ފެށިއެވެ.
“އަހަރެން ދައްކާ ވާހަކައަށް ޖަވާބުދީ. އަހަރެން ޒާޔަރ ދެކެ އެއްވެސް ބިރެއް ނުގަނޭ.” އަހަރެން ބުނީމެވެ.
ކޮންމެ ގޮތެއްވިޔަސް އަހަރެން ޒާޔަރ އަކާއި އެއްވެސް ގުޅުމެއް ބާއްވާކަށެއް ބޭނުމެއް ނުވިއެވެ. އެކަމަކު އެ އިހުސާސްތަކަށްވީ ހިނދުކޮޅެކެވެ. އެނބުރި އާދެވުނީ އެއްވެސް ކަހަލަ ނަފްސާނީ ފިކުރެއްނެތް ބުއްދިއަކަށެވެ. ވީކަމެއް ވެނިމުނީއެވެ. އަހަރެންގެ ގުދުރަތުގައިވެސް މީހުންނަށް މައާފު ކުރުމަކީ އޮންނަ ކަމެކެވެ.
އަހަރެން ހައްޔަރުކޮށްފައިހުރި ކޮޓަރިން ނުކުމެގެން ދިއުމަށް ޒާޔަރ ހިނގައިގަތެވެ. އަދި ބައްތީގެ އަލިކަމުން ނިވާވުމުން ހުއްޓުނެވެ. “ޒެޑް، ޒެޑް އަންދާނުލާ ވަޅުލީ އަހަރެންގެ ސަބަބުން. އަހަންނަށް އަހަރެންގެ ތެދުވެރިކަން އާއިލާއަށް ކަށަވަރު ކޮއްދޭން ނުޖެހުނުނަމަ އަހަރެން ޒެޑް އަކަށް އެހެނެއް ނުހެދީމުސް. ޒެޑް އަނެއްކާ ގެނެއްސަ ތިހިރީވެސް ހުދު އަހަރެން.” މިހެން ކިޔާފައި ގޮސް އަނދިރީގެ ތެރެއަށް ޒާޔަރ ގެއްލިއްޖެއެވެ.
* * * * * *
އަހަންނަށް ހޭލެވުނުއިރު އޮތީ އެނދެއްގެ މަތީގައެވެ. އަހަރެން ކައިރީގައި ފުރެމީ އިށިއިންދެގެން އިނެވެ. އަދި ކޮޅަށް އަހަރެން ދެކެން ހިޔާލުވެސް ނުކުރެވޭ މީހަކު ހުއްޓެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ރާއި އެވެ.
ފުރަތަމަވެސް އަހަންނަށް އެހުނީ ރާއި މިހިސާބަށްއައި ގޮތާމެދުއެވެ. ރާއި ކިޔައިދިންގޮތުގައި އޭނާވެސް އެއީ ވެމްޕައަރ އެކެވެ. އަދި އޭގެ ތެރެއަށް ގެނުވީ ޒާޔަރ ކަމަށް ބުންޏެވެ. ޒާޔަރގެ ވާހަކަތަކުން ރާއި އެކަމަށް ޝައުގުވެރިވީ ކަމަށް ބުންޏެވެ. އަދި ބުންޏެވެ. “އަހަރެން ހިޔެއްނުކުރަން ޒާޔަރގެ ކަންތައް މިހިސާބަށް ގޮސްދާނެކަމަކަށް. ޒެޑް އަށް އެނގޭނު އަހަރެން ޒެޑް އާ ދެކޮޅެއް ނުވާނެކަން.” އަހަރެން ޒާޔަރގެ އަތްދަށުން ސަލާމަތްކޮށްގެން މިތަނަށް ގެނައީ ރާއި ކަމަށް އޭނާ އެއްބަސްވިއެވެ. “ވިހައިގެ އަސަރު ކެނޑެން ވަގުތު ނަގާނެ.”
“ވަރަށް އުފާވެއްޖެ. ރާއި ހުރިކަން ހަމަ އަހަރެންގެ ނަސީބު.” އަހަރެން ބުނީމެވެ. އަދި ފުރެމީގެ މޫނަށް ބަލާލައިފައި ބުނީމެވެ. “ފުރެމީވެސް. މިކަންތައް އެބަޖެހޭ ކޮންމެވެސް ގޮތަކަށް ނިންމަން.”
“ދެން ހަމަ ގައިމުވެސް އަހަރެން ޒާޔަރ ކައިރިއަކަށް ނުދާނަން. މިހާރު އަހަރެންވެސް ބޭނުންވަނީ ހަމަޖެހިގެން އުޅެން.” ރާއި ބުންޏެވެ.
* * * * *
ޒާޔަރ އާއި އޭނާގެ އާއިލާގެ ހަމަލާއެއް ނާންނަތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. އަހަރުމެންގެ ޒަހަމްތައްވެސް ފަސޭހަ ވެއްޖެއެވެ. ރާއި އަހަރުމެންނާއެކު އުޅެން ފަށައިފިއެވެ. މިހެން މިކަން އޮންނާނީ ކިހާ ދުވަހަކުބާއޭ ހިތަށް އަރައެވެ. އަދި މި ނިމުނީކީއެއް ނޫނެވެ. އަދިވެސް ހަނގުރާމަކުރުން އޮތީއެވެ. ޒާޔަރގެ ގޮތް އަހަންނަށް އެނގެއެވެ. އެއީ ގޮތްދޫނުކުރާ ބޯހަރު އަންހެނެކެވެ. އެ އާއިލާއަކީވެސް ހަމަ އެކަހަލަ ބައެއްބާއެވެ؟
އާދައިގެމަތިން އަހަރެން މާލެ ތެރޭގައި ހިނގައިލަން އެއްރެއަކު ނުކުމެފީމެވެ. އެކަންޏެވެ. ހިނގާފައިގޮސް މޫދު ކައިރީ ހުރި ޕާކެއްގެ ގޮނޑީގައި އިށިއިންދެފީމެވެ. އެތާގައި އިނީ ކަހުލާގެ ހިޔާލުތަކަށް ގެއްލިފައެވެ. ދެން އައީ ޒުވާން ފިރިހެނެކެވެ. ހުރީ ކޯޓެއް ލައިގެންނެވެ. ގައިގެ ހަމުގައި ހުރީ އަހަރުންނެކޭ އެއްފަދައިން ކުލަގޮއްސައެވެ. އެމީހާ އައިސް އިށިއިނީ އަހަރެން ކައިރީގައެވެ.
“ފުރެމީ، ފުރެމީ ވެސްޓުހާޓު ކޮބާ؟” އޭނާ ސުވާލު ކޮށްލިއެވެ.
މިއީކާކުބާއޭ އަހަރެން ހިތަށް އެރިއެވެ. މީނާއަށް އަހަރުން އެނގެނީ ކިހިނަކުންތޯ އަހަރެން ސުވާލު ކޮށްލީމެވެ. ހިނިގަނޑެއް ޖަހާލައިފައި ބުނެލިއެވެ. “އަހަރެން ސުވާލު ކުރުމަށްފަހު އެދެނީ އަޑުއަހަން ޖަވާބެއް. ސުވާލަކުން ސުވާލެއް ފުރިހަމައެއް ނުކުރެވޭނެ. އަދި އެއްފަހަރު އަހާލާނަން. ފުރެމީ ވެސްޓުހާޓު ކޮބާ؟”
އަހަންނަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކޮޅަށް ތެދުވެފައި އެމީހާއާއި ދުރަށް ދިއުމަށް އަހަރެން ހިނގައިގަތީމެވެ. އޭނާ ފަހަތުން އަންނަ ކަމުގަ ވަނީނަމަ، ދެން ކޮންމެވެސް ގޮތެއް ހަދާނަމެވެ. އެކަމަކު ކަންވީކިއެއް އެހެންނަކުން ނޫނެވެ. ވަކި ހިސާބަކަށް ދިއުމަށްފަހު އަހަރެން އެނބުރި ފަހަތް ބަލާލީމެވެ. އެތާކު އެމީހަކު ނެތެވެ. މުޅި ހިސާބުގަނޑުންވެސް އޭނާގެ ސޫރައެއް ފެންނާކަށް ނެތެވެ. އައު ކަމެއް ނޫނެވެ. ވެމްޕައަރުންނެވެ. މާލޭގައި އަހަރުން ނޫނަސް ވެމްޕައަރުން އެބަ އުޅޭކަން އަހަންނަށް ޔަގީން ވެއްޖެއެވެ. އެކަމަކު އޭނާ ފުރެމީ ހޯދަން އެއުޅެނީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެންވެސް މިހުރީއެވެ.
* * * * * *