
ޒަވާޖީ
ހަޔާތުން އެތަކެއްދުވަހެއް ވޭތުވެގެން މިދިޔައީ އަހަންނަށް، އަބަދުވެސް އިންތިޒާރީއެއްގައެވެ. އަހަރެން ބޭނުންވާ ލޯބިި ލިބޭނެ ދުވަހަކަށެވެ. ކުލުނާއި އަޅާލުން ލިބޭނެ ދުވަހަކަށެވެ. ދުނިޔެއަށް ލޯހުޅުވުނު އިރު އަހަރެންވަނީ އެހެންމީހެއްގެ މުށުތެރޭގައި ތާށިވެފައެވެ. އެހީތެރިކަމެއް، ދުލުން ބުނެލާ ބަހެއް އަޑުއިވޭ ބީރުކަންފަތްތަކެއް ދެމުންދިޔަ މާޙައުލެއްގެ ތެރޭގައި އަހަރެންގެ ހަޔާތް ބަރުބާދުވާން ދޫކޮށްލާފައިވާކަހަލައެވެ.
އެއީ މީގެ ނުވަވަރަކަށް އަހަރުކުރިއެވެ. އަހަރެން ރަށުން މާލެއަށް އައީ ސްކޫލްކިޔެވުން ނިންމާ ކޯހަކަށް ތައްޔާރުވެގެންނެވެ. ތިމާގެ މީހެއްކައިރީގައި ހުރުމަށް މާލެ ބަދަލްވީއިރުވެސް އަހަރެންގެ އަމިއްލަ ޢާއިލާއިން ވަނީ އަހަރެން އެހެންމީހަކަށް ވެދުމަށް އަރުވާފައެވެ. އެއީ އަހަރެންގެ ޢާއިލާއާއި ތިމާގެ މީހެއް ކަމަށްވާ ޝަރީފްއެވެ. އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. ޝަރީފަށްވެސް އަހަންނަށްވެސް މަޢުލޫމާތު ދީފައިވަނީ އަހަރެން މިއީ އޭނަގެ މިލްކެއްކަމަށެވެ. ނަމަވެސް އަހަރެން އޭރުވެސް އަހަރެން މިގުޅުމާއި ދެކޮޅެވެ. އެއީ އަހަންނަށްވުރެ 15 އަހަރު ދޮށީ މީހެކެވެ. ޝަރީފަކީ އަހަރެންގެ ޢާއިލާއާއި ކިތަންގެ ގާތް އަދި ފައިސާވެރިއެއް ނަމަވެސް އަހަރެން އޭނައެއް ބޭނުމެއް ނޫނެވެ. އޭރު އަހަންނަކީވެސް ފުރާވަރަށް އަރަމުންދާ އެހެން އަންހެންކުދިންނެކޭ އެއްގޮތަށް އަހަރެން ގަޔާވާ އެހެން ބައިވެރިއަކަށް އިންތިޒާރުކުރަމުން ދިޔަ މީހެކެވެ. އަހަރެންވެސް ބޭނުންވާނީ އަހަރެންގެ ޒުވާން ވިންދުތައް ހޭލައްވާލާނޭ ހިތްއެދޭ ޒުވާނެއް ނޫންހެއްޔެވެ. ނަމަވެސް އަންހެނަކަށް ވެފައި އެހާ ޅައުމުރެއްގައި ޢާއިލާއިން އެފަދަ ބޮޑުނިންމުމެއް ނިންމި ނަމަވެސް، އަހަންނަށް މަޖުބޫރުވެފައިވަނީ ޢާއިލާގެ ނިންމުމަށް ބޯލަބައިގެން ކުރިއަށް ދިއުމަށެވެ.
މާލެ ބަދަލްވުމާއި އެކުހެން ޝަރީފް ދިޔައީ އަހަންނާ ބައްދަލުކުރަމުންނެވެ. އަހަރެން ދިރިއުޅޭ ގެއަށްވެސް އައިސް އަދި މަގުމަތިންނާއި އެކު އަހަންނާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް އަހަރެންނަށް ޝަރީފްަ އެދުވަސްކޮޅު ކިތަންމެ ރަގަޅުހެން ހީވި ނަމަވެސް އަހަރެން އޭނަގެ އެއްވެސް އިޝާރާތަކަށް މަރުޙަބާ ކިޔުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެމެވެ. އަހަރެން ދިރިއުޅުނު ގޭގެ މީހުންވެސް އެކަމާއި ދެކޮޅެވެ. އަހަރެންގެ ޢާއިލާއިން ލިބިފައިވާ ބޮޑު އިތުބާރާއި އެކު އޭނަވެސް ހުންނަނީ އަހަރެންގެ މައްޗަށް ވަރަށްވެސް އަތްގަދަކޮށްފައެވެ. އެއްދުވަހެއްގައި އަހަރެން ރައްޓެއްސަކާއި އެކު ކާރެއްގައި ކްލާސްއަށް ދާންވެގެން ދިޔަކަން އެގުމުންވެސް، އަހަރެން އުޅެނީ އެކާރު ދުއްވި ކުއްޖާއާއި ހިތާވެގެންނޭ ކިޔާ އަހަރެންގެ މޫނު މަތީގައި ޖަހާފައިވެއެވެ. މިއީ އަދި އަހަންނާއި ނުއިންނަނީސް އޭނަގެ އަނިޔާވެރިކަން ހުރި ހިސާބެވެ. އަހަރެން މިވާހަކަ އަހަރެންގެ މަންމަމެން ކައިރީ ބުނުމުން އެމީހުން ނިންމީ އެއީ އަހަރެން ގޯސްމަގަކުން ގޮސްދާނެތީ އޭނެ އެޅި ހަރުދަނާ ފިޔަވަޅަކަށެވެ. ފަހަރެއްގައިވެސް އެފަދަ މީހެއްގެ އަތްމައްޗަށް ދޫކޮށްލުމުން އަހަންނަށް ލިބިދާނެ ނިކަމެތި ކަމަކާއި އަންނާނެ އުނިކަމަކަށް ވިސްނާފައެއް ނުވެއެވެ.
ޝަރީފްއާއި އޮންނަ ގުޅުން ކުޑަކޮށް، ހުސްވަގުތުތައް މަދުކުރުމަށް އަހަރެން ޕާރޓްޓައިމްކޮށް ވަޒީފާއަކަށް ދިއުމަށް ނިންމާ ދާންފެށީމެވެ. އަދި މިގޮތަށް އުޅުމުގެ ތެރޭގައި އަހަންނަށް އަހަރެން ގަޔާވާކަހަލަ ކުއްޖަކާއި ދިމާވިއެވެ. އެއީ މަފާޒެވެ. މަފާޒު އަހަންނަށް އޭރު ކިތަންމެ ހާވެސް ރަގަޅެވެ. އެހެންނަމަވެސް އަހަރެން ޝަރީފްގެ ވާހަކަތަކާއި ކަންކަން މަފާޒަކަށް ކިޔައެއް ނުދެމެވެ. ޝަރީފް އެއީ އަހަރެންގެ ހަޔާތުގެ ބައެއްކަމަށް އަހަރެން އޭރު ޤަބޫލްކުރަން ބޭނުންނުވާތީއެވެ. މަފާޒާއި އެކު އަހަރެންގެ އުނިވެފައިވާ ލޯތްބާއި އިޙްސާސްތަށް ކިތަންމެ އުދަގުލުން ނަމަވެސް ލިބެމުންދިޔަކަން އަހަރެންނަށް އިޙްސާސް ވަމުންދިޔަައެވެ.
ނަމަވެސް އަހަންނާއި މަފާޒާ ދެމީހުން ބިނާކުރަމުންދިޔަ ލޯބީގެ ގަނޑުވަރުގެ އިންފާރުތަކާއި ހިސާބުން އެކަން ފަޅާއެރިއެވެ. އަހަރެން ވަޒީފާއަށް ގެނެސް ގެންދިއުމަށް މަފާޒު އަންނަމުން ދިޔަކަން ޝަރީފަށް ފެނި އެކަން އަހަރެންގެ އާއިލާއަށް ރިޕޯޓްކުރިއެވެ. ވަގުތުން އަހަރެންގެ ބައްޕައާއި ދޮންބެ މާލެއަށް އައީ ޖަހާލި ވިދުވަރެއް ފަދައިންނެވެ، ޝަރީފުގެ ހިޔާލާއި އެއްގޮތަށް އޭނަގެ ޙަރަދުގައި އަހަރެން އުޅުނު ގެއިން ނެރެގެން ގެސްޓްހައުސްއަކަށް ބަދަލްކުރިއެވެ. އަހަންނަށް އެއްވެސް ތަނަކަށް ދިއުމަށް ހުރަސް އަޅާ އަހަރެންގެ ވަޒީފާއާއި ކޯސް ހުއްޓުވާލިއެވެ. އަދި ހަމަ އެގޮތަށް މާގިނަ ދުވަހެއްނުވެ އަހަންނާއި ޝަރީފް އާއި ދެމީހުންގެ ކައިވެނި ކުރުވިއެވެ. އަހަރެންގެ ޒަވާޖީ ޙަޔާތް ފެށިގެންދިޔައީ އަހަރެން އެކަމަށް އެވެސް ތައްޔާރީއެއް ނުވެ، އަދި އެކަމާއި ދެކޮޅުން ހަދަމުން ދަނިކޮށެވެ. އެކަމަކު އެވަގުތު އަހަރެންނަށް ފިލައިގެން ދެވެންވެސް ނެތެވެ. އަހަންނަކީ އޭރު އަދި މައިންބަފައިންގެ ބަނޑުދަށުން ނުނުކުމިހުރި ކުއްޖެކެވެ. މައިންބަފައިން އަހަރެން ނެރެ އެދޫކޮށްލީ އަހަރެންގެ އުފާތަކަށް، އިޙްސާސަކަށް އެއްވެސް ބެލުމެއްވެސް ނެތިތާއެވެ. އެހާދުވަހު އެހާލޯބިން ބަލާ ބޮޑުކުރުމަށްފަހު ދެން އެފަދަގޮތަކަށް ޢަމަލްކުރުން އެއީ އަހަންނަށް ޤަބޫލްވެސްކުރަންދަތިކަމެކެވެ. ނަމަވެސް އެމީހުންގެ ޚިދުމަތަށާއި، ނިންމުމަށް އަހަރެން އިޙްތިރާމްކުރަމުން މުޅި ހަޔާތް ބަރުބާދުވިޔަސް ހެޔޮކަމަށް ހިތާ އެއްވެސް އަލިކަމެއް ނެތް އަނދިރިގަނޑަކަށް ފުންމާލީ އޭގެ ފުންމިންވެސް ނޭގޭ ހާލުއެވެ..
ޝަރީފް އަހަންނާއި ކައިވެނިކޮށްގެން އުޅުނީ އަހަރެން ކޮއްޓަކަށްލައިގެންނެވެ. ބައެއްފަހަރު ވަރަށް ރަގަޅުހެން ހީވި ނަމަވެސް އޭނަގެ އަނިޔާވެރިކަން ދުވަހުން ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ރުޅިވެރި “މޫޑެއް” ގައި މެނުވީ އޭނަ އަކަށް އަކަށް އަހަންނާއި ކުރިމައްޗެއްނުލެވެއެވެ. ފަހަރެއްގައި އަހަރެން މަފާޒާއި ގުޅުމުން އޭނަ އަށް އަހަރެން އޭނަ ބޭނުންނުވާނެކަން އެގުމުން އެގޮތަށް ކަންތައް ކުރާ ކަމަށްވެސް ވެދާނެއެވެ. ލޯތްބާ އަލާލުމާއި، އެހީތެރިކަމާއި، މަދަދުން މަޙްރޫމްވެ މުޅި ދުނިޔެއިން އަހަރެން އިނީ ބާކީވެފައެވެ. އަހަރެންގެ ވަށައިގެން އަހަންނަށް ފެންނަމުންދިޔައީ ނާއުއްމީދާއި ބަރުބާދީއެވެ. އަހަރެންގެ ބަރުބާދީއަށް އަހަރެންގެ ޢާއިލާ އުފާކުރަންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. ގޭގައި ހުރެގެން “ގެވެށި އަނިޔާ” ލިބެމުން ދިޔަ އިރު އަހަންނަށް ފަރުވާއެއް ދޭނޭ އެއްވެސް އަތެއް އަހަންނަށް މިދުނިޔެއިން ނުވިކަހަލައެވެ. އެހެންނަމަވެސް ކެތްތެރިކަމާއި އެކު އަހަރެން މަޑުކުރީ މިނޫން ދުވަހެއް މިންވަރުކުރައްވަނެކަމަށް ހިތުތެރޭގައި އުފެދެމުންދިޔަ އިޙްސާސްތަކާއި އެކުއެވެ. އެއްވެސް ހަމަޖެހުމެއް ޝަރީފްއާއި އެކު އަހަންނަކަށް ނުހޯދުނެވެ. ކޮންމެ ކަމެއްގައިވެސް ދިމާވީ މައްސަލައެވެ. 9 އަހަރަށްވުރެ ގިނަ ދުވަހު އަހަރެން މިގޮތަށް މި ހޭދަކުރީ ވަރަށްވެސް ކެތްތެރިކަމާއި އެކުއެވެ. އަހަރެންގެ ދެ ދަރިން ތިބި އިރު އެމީހުންނަށްވެސް އަޅާލުމާއި ލޯތްބެއް ޝަރީފްގެ ފަރާތުން ނުފެނެއެވެ. ޝަރީފްގެ އާއިލާގެ އެހީތެރިކަން އަހަންނަށް ލިބުނު ނަމަވެސް ޝަރީފްގެ ހަރުކަށިކަން އެގޮތުގައި ދެމިއޮތެވެ. އަހަރެންގެ ބަސް އަހަރެންގެ ބަސް ޤަބޫލްނުކުރި ނަމަވެސް އަހަރެން ދިރިއުޅޭ ގޭގެ މީހުންގެ ފަރާތުން ލިބުނު މަޢުލޫމާތުން އެކަން އަހަރެންގެ މައިންބަފައިން ބެލިއެވެ. އަދި އެކަން ކަށަވަރު ވުމުން އަހަރެންގެ މަންމަމެން އަހަރެންކައިރީ އެދުނީ ޝަރީފްއާއި ގުޅުން ކަނޑާލުމަށެވެ. ނަމަވެސް އޭރު ވަރަށް ގިނަ ވަގުތުތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ. އިއާދަ ނުކުރެވޭނެ އެތަކެއް ގެއްލުމެއް ވަނީ އަހަރެންގެ ދިރިއުޅުމަށް އައިސްފައެވެ.
މައިންބަފައިންގެ އެހީތެރިކަމާއި އެކު މިއަދު އަހަރެން މިހިރީ އަހަރެންގެ ދަރިންނަށް ހެޔޮގޮތް ހޯދައިދީ އަހަންނަށް ލިބޭ އަނިޔާތަކާއި ދެކޮޅަށް ނުކުމެއެވެ. ހަމަގައިމުވެސް އަހަރެންގެ ދަރިންނަށް އަހަންނަށް ލިބުނު ހިތްދަތިކަން އެގޮތުގައި ލިބުނަކަ ނުދޭނަމެވެ. އަހަރެންގެ ހަޔާތުގެ އަނދިރިފަރާތް އެއްފަރާތްކުރުމަށްފަހު ކުރިއަށްދާނޭ މަގެއްއަހަރެން މިދަނީ ކޮށަމުންނެވެ. އެތައްފަހަރަކު ކޯޓަށް ގޮސްފީމެވެ. ޙައްލުކޮށްގެން ކުރިއަށް ދިއުމަށް ކޯޓުން ކިތަންމެ ފަހަރަކު ލަފާދިންނަމަވެސް، ޙައްލުނުވެއެވެ. އަދި މިގޮތަށް އަހަންނަކަށް ކުރިއަކަށް ނުވެސް ދެވޭނެއެވެ. އަނެއްކާވެސް އަހަރެންވާނީ ކޯޓުގެ ދޮރުގައި މިކަމުގެ ނިމުމަކަށް އެދި ޓަކިޖަހާފައެވެ. މިއީ އަހަރެންގެ ހަޔާތްެވެ. އަހަރެން މި ހަޔާތްކުރިއަށްގެންދަން ބޭނުންވަނީ އަހަރެންގެވެސް ޙިއްސާ އޮވެގެން، އަހަރެންގެވެސް އިޙްތިޔާރުތަކާއިއެކުއެވެ. އަހަންނަށް މިއަށްވުރެ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދުމުގެ ޙައްޤު ލިބިގެން ނުވޭހެއްޔެވެ. (ނިމުނީ)
12 Comments!
Comments are closed.
v ves dhera.. ekam unmeedhakah badhaleh nugenes kuri ah dhey
v asar kohfi.. main bafainnahves filaavalheh libihje dhw
mi kuda kuda mujuthamaugaves mi ee dhw.. heyluntheri vaan jehey
Maa kureee.. ekam vaahaka reethi. Miah vure dhigu koh ves mivaahaka genesdhevunees..
Anekkaa ekkala photo vaahakaige cover ga. Mee alhe maa faseyhain search kollevey photo eh tha?
Thankolheh kiyaa hiyvaa kahala gothakah genesdhin nama mi miah vureh furihama vees
mi ee vaahaka akah vure message eh dhey liyumeh.. thanx mahil.. magey vaahaka ves liye dheebala
ya geney liyelevidhaane
Action nagan maalasves venje. Ufalen nen diriulhumenga thivaran kenkurevuney varan bodu kentheri akan .
Varah salhi vaahaka eh but e kuhjaa ge mainbafain nakee kon kahala baeh baa ey hithah araa… e kuhjaa ah bunelan beynun vanee hiyvaraa eku kuriah dhaashey unmeedhu kadaa nulaashey
Subuhaanallaahi.. kon kahala mainbafaineh… Thi aniyaa libemun dhiya khujaa akee haadha keh gadha anhendhari ekey… lolun karuna hilihjje..
hama hairaanve antharees vehje.. amihla dhareege dhiriulhun halaaku kohlan thee mainbafainney.. anhen dharinnakee amaanaathekey