
މާތިއު އިނީ ކާރުގައެވެ. ދެންމެ ފެންފުޅިއެއް ގަނެގެން ފިހާރައިން ނުކުންނަނިކޮށް ކޮނޑުގައި އަޅައިގަތް ކުއްޖާއާއި މެދު ވިސްނެމުންދިޔައެވެ.
“އަޖައިބެއް. މިއަދު މީ މީހުންނާ އަޅައިގަންނަ ދުވަހެއް.” މާތިއުގެ ހިތް ބުނެލިއެވެ.
އެއަށްފަހު ބޯހޫރުވާލަމުން ކައިރިން ފެންނަމުންދިޔަ ބޯގަސްތަކަށް ބަލާލިއެވެ. ތިރިވަމުންދިޔަ އިރާއިއެކު އެޅިފައިވާ ރަންކުލައިގެ ދޯދިތައް ގަސްތަކުގެ ދޭތެރެއިން ފުރޭނިގެން ދާ ދިޔުން އެއީ އަބަދުވެސް މާތިއު ފެސިނޭޓް ވާކަމެކެވެ. ވައިރޯޅި ޖެހިލުމުން ގަސްތައް އެއާއިއެކު ހެލިލާ ގޮތުން މާތިއުގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ވެރިވި އެވެ. “އަލްޙަމްދުލިއްލާހް.” މާތިއުއަށް މަޑުމަޑުން ކިޔާލެވުނެވެ.
މިފަދަ ފުރިހަމަ ކަމެއް ލެއްވި ރަސްކަލާނގެ ކުޅަދުންވަންތަކަން ހިތަށް އެރިހިނދު، ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. އެއާއިއެކުހެން މާތިއުގެ ހިތަށް ސިފަވަމުންދިޔައީ އުޖާލާވެގެންވީ މޫނެކެވެ. މާތިއު އިން ސީޓުގައި ގަނޑުވި ކަހަލައެވެ. އޭނާއަށް ސިފަވަމުންދިޔައީ އެ އަންހެންކުއްޖާގެ ނިޔަނެތި މޫނެވެ. ދެއަތް އުފުލާލައިގެން އޭނާގެ ވެރި ރައްބަށް ދުޢާކުރަން އިން އަންހެންކުއްޖާއެވެ. ކަރުނުން ފުރިގެން ބަންޑުންވަމުންދިޔަ ދެލޮލެވެ.
“ޔާ ﷲ …” މާތިއުއަށް ބުނެލެވުނީ އެހާވަރަށެވެ.
ހަމަކަށަވަރުން ހިތްތަކުގައިވާ އެންމެހާ ސިއްރުތައް ދެކެދެނެވޮޑިގެންވާ އިލާހު، އެ ހިތުގައި ހިނގަމުންދާ ކަންތައްތައް ދެކެދެނެވޮޑިގެންވާކަން ގައިމެވެ.
އެއާއިއެކު އަނެއްކާވެސް މާތިއުއަށް ބޯހޫރާލެވުނެވެ. އެޚިޔާލުތަކުން ދުރުވެލުމަށްޓަކައެވެ. އެ މޫނުގެ ތަސްވީރު ބޮލުން ފިލުވައިލެވޭތޯއެވެ.
“އަސްތަޣްފިރުﷲ.” މާތިއު ހިތާއިހިތުން ކިޔާލިއެވެ.
—
“ހެޔޮ ނުވާނެ! ސާރާ! އަފާ! ﷲ އަށްޓަކާ ތަންކޮޅެއް މަޑުން ވާހަކަ ދައްކަފާނަންތަ؟”
ދުއްވަމުންދިޔަ ރަތްކާރުގެ ކުރީ ސީޓުގައި އިން ޝާހިދާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.
ސާރާ އާއި އަފާ މަޖާވެލާފައި އަނެއްކާވެސް ވާހަކަދައްކަމުން ގެންދިޔައެވެ. އެހެނަސް މިފަހަރު ކުރިއަށްވުރެ މަޑުންނެވެ. ފަހަތު ސީޓުގައި އެމީހުންގެ ކައިރީގައި އިން ސޫޒަން ކާރުގެ ބިއްލޫރިދޮރުން ބޭރު ބަލަން އިނެވެ. ފަސްދެމުންދިޔަ ގަސްތަކަށާއި އޭގެ ތެރެއިން ފޫދެމުންއަންނަ އިރުގެ ތޫނު ދޯދިތަކަށް ބަލަން އޮވެގެން ފުން ނޭވާއެއް ދޫކޮށްލިއެވެ. ވެފައިވާ ވަރުބައްޔާއިއެކު އިސާހިތަކު ސޫޒަންއަށް ފުން ނިންޖެއްގެ ތެރެއަށް ގެނބިގަނެވުނެވެ. ހުވަފެންތަކުގައި އޭނާގެ މާޒީގެ ކަޅު ވިލާތައް ބޯކުރަމުންނެވެ.
ސޫޒަންގެ ފުރިހަމަ ނަމަކީ އާމިނަތު ސޫޒަން ނަޢީމު އެވެ. ސޫޒަން އުފަންވީ ޏ. ފުވައްމުލަކަށެވެ. ސޫޒަންގެ ޢާއިލާއަކީ އެހާ މުއްސަނދި ޢާއިލާއަކަށް ނުވި ނަމަވެސް އެމީހުން އުޅެނީ ފުދިގެންނެވެ. މާމައަށް ލިބުނު ގޯތީގައި އެޅިފައިވާ ބޮޑު ގޭގައި އެޢާއިލާގެ ކުދިކުދި ޢާއިލާތައްވެސް އެކީގައި އުޅުނުއިރު ކޮންމެ މީހަކަށް ވަކިން ކޮޓަރިއެއް ނުހުރެއެވެ. ސޫޒަން އުޅެ ބޮޑުވީ އޭނާގެ ކަޒިންމެންނާއެކުގައެވެ.
ނަޢީމުގެ ބައްޕަ ސާލިޙު ނިޔާވީ ސޫޒަންއަށް އެންމެ ދެއަހަރުގައެވެ. އޭރު ސޫޒަންއަށްވުރެން ދޮށްޓަށް ނަޢީމުގެ ދެ ފިރިހެން ކުދިން ތިބެއެވެ. އެއީ ސިމާހު އާއި އައިމަން އެވެ. މިހާރު ސިމާހު އާއި އައިމަން ވެސް މީހުނާއި އިނދެ ދަރިން ހޯދައި، ސެޓްލް ވެއްޖެއެވެ. އެހެނަސް، ސޫޒަންގެ ޙަޔާތުގެ އެ ނިންމުން ނިންމީ އޭނާގެ ކާފަ، ސާލިޙުއެވެ.
ސޫޒަން ބޮޑުވީ އެންމެންގެ ލޯބި ލިބިގެންނެވެ. އެއީ އެ މުޅި ޢާއިލާގެ ރަންދަރިފުޅޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސައިކޮލޮޖީ އިން ޑިގްރީ ނިންމުމަށްފަހުވެސް ސޫޒަން ބޭނުންވީ އިތުރަށް ކިޔަވާށެވެ. އެހެންނަމަވެސް ފައިސާގެ ދަތިކަމާހުރެ ސޫޒަންއަށް އިތުރަށް ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ. ސޫޒަންއަށް ކިޔަވާދޭން ނަޢީމް ވަރަށް މަސައްކަތް ކުރިއެވެ. ލޯނެއް ހަމަޖެއްސޭތޯވެސް އުޅުނެވެ. އެހެނަސް ބައްޕަގެ ކަންބޮޑުވުންތައް ފެނިފައި ސޫޒަން ދެރަވިއެވެ. އެހެންކަމުން ދެން އިތުރަށް ކިޔަވަން ދާން ބޭނުން ނުވާކަމަށްބުނެ ، ނަޢީމުގެ ހިތްހަމަޖައްސާލީއެވެ.
ސްކޫލުގައި އުޅުނުއިރުވެސް، އަދި އޭގެފަހުން ކޮލެޖުގައި ކިޔެވި އިރުވެސް ސޫޒަންއަކީ އޭނާގެ ކްލާހުގެ އެއްވަނައެވެ. އެންމެންވެސް މޮޅުކަމަށް އެއްބަސްވާ ދަރިވަރެކެވެ. ގަދައަޅާ މަސައްކަތްކުރާ، ހިތްވަރުގަދަ، ތޫނުފިލި ކުއްޖެކެވެ.
ބުރުގާ ނޭޅިޔަސް، ސޫޒަން ބަރާބަރަށް ނަމާދުކުރެއެވެ. އަދި ވީވަރަކުން ޤުރުއާން ކިޔެވޭތޯ ބަލައެވެ. އެކަމަކު އެހިސާބުން އޭނާ ކުރަންޖެހޭ ދީނީ ކަންތައްތައް ނިމުނީ ކަމަށްބަލައި، ނިންމާލައެވެ.
އެކަމަކު ﷲ ކަންތައްތައް ބަދަލުކުރައްވާގޮތުގެ ޙިކުމަތްތެރިކަން ދެކޭށެވެ.
—
ސޫޒަންއަށް ހޭލެވުނީ ކުއްލިއަކަށެވެ. މިއީ އޭނާގެ އަބަދުގެވެސް ހާލެވެ. އޭނާގެ ހުވަފެންތަކުގައި ފެންނަމުންދަނީ އޭނާގެ ކަޅު މާޒީއެވެ. އޭނާގެ ޙަޔާތް އެފުށްމިފުށަށް ޖަހާލި ހާދިސާއެވެ. އުފާވެރި މިޒާޖެއްގެ ސޫޒަން، ފުން ހަމަހިމޭން ކަމަކަށްވެގެން ދިޔައީ އެހާދިސާގެ ސަބަބުންނެވެ.
ގަޑިން މެންދަމުން އަލިވެ ދެގަޑިބައިވީއިރުވެސް ސޫޒަން އަކަށް ނިދޭގޮތެއް ނުވިއެވެ.
ގެއަށްއައިސް ފިހާރައިން ގަތް ސާމާނުތައް ކަބަޑުތަކަށް ލުމަށްފަހު ފެންވަރާލައިގެން ސޫޒަން، އަފާ އަދި ސާރާ މަޣްރިބް ނަމާދުކުރީ ޖަމާޢަތުގައެވެ. ޝާހިދާ ނަމާދުކުރީ އޭނާގެ ކޮޓަރީގައެވެ. އެއަށްފަހު ޢިޝާނަމާދަށް ގޮވަންދެން ތިން ބެއިން ތިބީ ޤުރުއާން ކިޔަވާށެވެ. ޢިޝާ ނަމާދުކޮށްގެން ނިކުތްއިރު ނަޢީމު އާއި ޝާހިދާ ގޭގެ ސިޓިންގރޫމު ސޯފާގައި ތިއްބެވެ.
“ބައްޕާ. މިރޭ ޕިއްޒާ ދޯ ގެންނާނީ.”
ސާރާ ދުވެލާފައި އައިސް ނަޢީމު އިށީންދެގެން އިން ސޯފާގެ އަތްދަނޑިމަތީގައި އިށީނެވެ. އޭނާގެ އަޑުގައި މަޢުޞޫމު ގޮތެއް އެކުލެވިފައިވިއެވެ. ސާރާ އުޅެނީ ގްރޭޑް ނުވައެއްގައި ނަމަވެސް، އަފާއާއި ދެމީހުންގެ އުޅުން ހުންނަގޮތުން އެދެމީހުންނެކޭ 10 އަހަރުގެ ކުޑަކުދިންނެކޭ ވަކި ތަފާތެއް ނުހުރެއެވެ.
“އާނ. މިރޭ ދެން ނުއެއް ކެއްކޭނެ. ވަރަށް ވަރުބަލި.”
ނަޢީމުއާއި ޖެހިގެން އިން ޝާހިދާ، އޭނާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.
“އޯކޭ. ކޯއްޗެއް އޯޑަރުކުރަންވީ؟”
އަފާ ވަގުތުން ފޯނުހިފައިގެން އައިސްހުރެ އެހެން ބުނެލިއިރު އޭނާގެ ހުރިހާ ދަތެއް ފެންނަން ހުއްޓެވެ.
“ހަހަ. ދަރިފުޅުމެން ހާދަ ވަރެއް ހުރެއޭދޯ ޕިއްޒާއަށް. އޯޑަރުނުކޮށް ގޭގަ ހަދަންވީނު؟”
ނަޢީމު ސަމާސާ ރާގަކަށް ބުނެލިއެވެ. ދަރިންނާއިއެކު މިގޮތަށް ހޭދަކޮށްލެވޭ ވަގުތުކޮޅުތަކަކީ އޭނާ އަބަދުވެސް އެ ކަމަކަށްޓަކައި ޙަމްދުކުރާ ކަމެކެވެ. އެކުދިންގެ މޫނުމަތިން އުފާވެރިކަން ފެނުމަކީ އޭނާގެ އަބަދުގެވެސް ދުޢާއެވެ.
“ދެން ބައްޕާ!!” ސާރާ ތުންދަމާލަމުން ދިގުކޮށް ގޮވާލިއެވެ.
ޝާހިދާއާއި ނަޢީމަށް ހޭންފެށުނީ އެކުއެކީގައެވެ.
އެރޭ 5 މީހުންގެ އެކުޑަކުޑަ ޢާއިލާ ކެއީ އެއްމޭޒުދޮށުގައެވެ. ކަމުން ދިޔައިރު ސާރާ އާއި އަފާ އެމީހުންގެ ސްކޫލުގައި ހިނގަމުންދާ އެކިއެކި ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ދިޔައެވެ. އެންމެން ކައިނުނިމެނީސް އަފާއާއި ސާރާ ވަރަށް ނިދިއައިއްސިއޭ ކިޔައި އެމީހުންގެ ކޮޓަރިއަށް ނިދަން ދިޔައެވެ.
ކައި ނިންމާލުމަށްފަހު ޝާހިދާއާއި ނަޢީމުވެސް ދިޔައީ އެމީހުންގެ ކޮޓަރިއަށެވެ. ތަށިތައް ދޮވެ، ކަބަޑަށް ލައި، އާދައިގެމަތިން ސިޓިންރޫމް ކުނިކަހާލުމަށްފަހު ސޫޒަންވެސް ކޮޓަރިއަށް ދިޔައީ ވެފައިހުރި ވަރުބަލިކަމާއިއެކު ނިދާލެވޭތޯއެވެ.
އެގޮތުގައި ގަޑިތައް ފާއިތުވެ ދިޔައިރުވެސް އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. އެހެނަސް އޭނާގެ މުޅި ހަށިގަނޑުވަނީ ނުލާހިކު ވަރުބަލިވެފައެވެ. ހިތްއެދެނީ ހުރިހާކަމެއް ދޫކޮށްލުމަށްފަހު ނިދާލުމަށެވެ. އެހެނަސް އެހިތް ބިރުގަންނަނީ މާޒީގެ އަނދިރިކަން އަނެއްކާވެސް ހުވަފެނުގެ ޒަރީޢާއިން އޭނާ އިޙުސާސްކުރަން ޖެހިދާނެތީއެވެ. ސޫޒަންއަކީ ފިނޑި ކުއްޖެއް ނޫނެވެ. ހިތްވަރުގަދައެވެ. އެހެނަސް، އޭނާގެ ހިތްވަނީ ވަރުބަލިވެފައެވެ. އެހިތަށްވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.
އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތުމަށްފަހު އެންމެފަހުން ސޫޒަން ނިދީގެ ކަނޑަކަށް ގެނބުނެވެ.
—
ދުވަހަކީ މާލެއިން ރަށަށް ކޮންމެވެސް ތިމާގެ ބަޔަކު އަންނަން އޮތް ދުވަހެވެ. ފުވައްމުލަކު ރޯޝަނީގޭތެރެއިން އިވެނީ ހުނުމުގެ އަޑެވެ. ގޭގެ ވަކި ހިސާބެއްގައި ހުރި ޓީވީއަކުން ފޯރިގަދަ ލަވައެއްގެ އަޑު އިވެމުންދިޔައެވެ. ގޭތެރޭގައި ހޭލަމޭލައަށް ކޮޅުކޮޅުމައްޗަށް މީހުންތައް ޙަރަކާތްތެރިވަމުންދިޔައެވެ. އެއްބަޔަކު ތަންތަން ފޮޅައި ސާފުކުރަނީއެވެ. އަނެއްބަޔަކު ކުލަލައި، ޒީނަތްތެރި ކުރަނީއެވެ.
ޝާހިދާ އަވަދިނެތި އުޅުނީ މެންދުރަށް ކެއްކުމުގެ މަސައްކަތުގައެވެ. ގޭގެ އެހެން އަންހެނުންވެސް އޭނާ އާއިއެކު އެކި ކަންކަމުގައި އުޅެއެވެ.
“ސޫޒަނޫ. ކޮބާތަ އެ އަންހެންކުއްޖާ މިހާރު؟”
އެއް އަތުން ކާށްޓެއް ހިފައިގެން ހުރެ ޝާހިދާ އަޑުގެ ކޮޅަށް ގޮވާލިއެވެ.
“ހޫނ މަންމާ. ސޫޒަނޫ އެއް ނޫން. ސޫޒަން.”
ސޫޒަން ބަދިގެއަށް ބޯދިއްކޮށްލަމުން ނުރުހުންވެފައި ބުނެލިއެވެ.
“މި ކާށިކިބަ ގާނާލަދީބަލަ. ކިހާ އިރެއް ގޮވާތާ. މިހާ އަވަދިނެތި އުޅޭއިރު ކީއްތަ ވާނީ މީހަކަށް އެހީވެދިނިއްޔާ.”
ޝާހިދާ ކާށި ބިންނަމުން ބުނެލިއެވެ.
ސޫޒަން ނުރުހުންވީ ހަމައެކަނި އޭނާގާތު ކަންކަން ކުރުމަށް ބުނީމައެވެ. ގޭގައިއުޅޭ އޭނާއާއި އެއްފުރާ އެހެން ކުއްޖަކަށް ކަމެއް ނުޖައްސާތީއެވެ. ތުން ދަމައިގެން އިނދެގެން ބާރުބާރަށް ކާށި ގާނަމުން ދިޔައެވެ.
“ހިތަށް އަރާ ކިހާ ގާތް ބައެއްބާއޭ މިއަންނަނީ.” ޗޮކެއްކަނޑާލަމުން ސޫޒަންއަށް ހިތާހިތުން ބުނެލެވުނެވެ.
“ސޫޒަނޫ! ނިކަން ހިވާގިކޮށް ތި އަވަސްކޮށްބަލަ.”
އުނދުންމަތީގައި ހުރި ތެއްޔަށް ތެޔޮފޮދެއް އަޅާލަމުން ޝާހިދާ ގޮވާލިއެވެ. މިއަދު ޝާހިދާއަށް ވެފައި ހުރިގޮތެއްވެސް ނޭނގެއެވެ. ކުދިކުދި ކަންކަމާވެސް ރުޅިއަތުވެދާނެއެވެ. އަނެއްކާ ކިހިނެއްވީ ބާއޭ ސޫޒަންގެ ހިތަށް އެރިއެވެ.
ފިޔާ މީރުކުރަމުން ދިޔައިރުވެސް ޝާހިދާގެ މޫނުމަތިން ފެންނަންހުރީ ހިތްހަމަނުޖެހިފައި ހުރި ކުލަވަރުތަކެވެ. ކޮންމެވެސް ކަމެއްވެއްޖެއެވެ. އެހެންޏާ ޝާހިދާއަކީ ނުލާހިކު މަޖާ މިޒާޖެއްގެ މީހެކެވެ. ގިނަފަހަރަށް ސަމާސާކޮށް އުޅޭ ޝާހިދާގެ މިޒާޖަށް މިއައި ބަދަލާއިމެދު ސޫޒަންގެ ހިތުގައި ކަންބޮޑުވުމެއް އުފެދެން ފަށައިފިއެވެ.
ޝާހިދާއާއިއެކު ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަ ސޫޒަންގެ ބޮޑުދައްތަމެންގެ ހަރަކާތްތަކުންވެސް ސޫޒަންއަށް އެކަންތައް ފާހަގަކުރެވިއްޖެއެވެ. ކޮންމެމީހަކުވެސް ލޮލުގެ ހިމަކޮޅުން ޝާހިދާއަށް ބަލަމުންދިޔައެވެ. އެކަމަކު އެއިން އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. ސޫޒަން އެމީހުންކުރެން އަހަންވެސް ހިތަށްއެރިއެވެ. އެހެނަސް ފަހުން އެކަމާ އަޅާނުލީއެވެ.
“ޝާހިދާ. އާދެބަލަ.” އިވިގެންދިޔައީ ނަޢީމުގެ އަޑެވެ.
ޝާހިދާ ބަދިގެއިން ނުކުމެގެންގޮސް ސިޓިންގރޫމަށް ވަތްއިރު ފަހަތުން ސޫޒަންވެސް ދިޔައެވެ. އެކަމަކު ސޫޒަން މަޑުކުރީ ބޭރުގައެވެ.
“ކިހިނެއްވީތަ މާ ރުޅިގަދަވެގެން ތި އުޅެނީ؟” ނަޢީމު ކޮށްލީ ސުވާލެކެވެ.
ޝާހިދާ ޖަވާބު ނުދިނުމުން އަނެއްކާވެސް ވާހަކަފެށީ ނަޢީމެވެ.
“އަހަންނަށް އެބަފެނެޔޭ ހެނދުނުއްސުރެ ޝާހިދާގެ ހަރަކާތްތައް ހުރިގޮތް. ކަމަކާ ރުޅިއައިސްގެން އުޅޭހެން ހީވަނީ.”
ނަޢީމަކީ ސާލިހު ނިޔާވުމަށްފަހު އެ ޢާއިލާގެ އެންމެ ބަސްވިކޭ މީހާއެވެ. އެކަކަށްވެސް އޭނާގެ ނިންމުމާއި ދެކޮޅަށް އެއްޗެކޭ ބުނުމަކީ ނުވާވަރު ކަމެކެވެ. ޝާހިދާ އަދިވެސް ހުރީ ހިމޭނުންނެވެ.
“އަހަންނަށް އެނގޭ ޝާހިދާވެސް ބޭނުންވަނީ ސޫޒަން ބޭނުންވެގެން އިންނަމީހަކާ ކައިވެނި ކުރުވަންކަން. އެކަމަކު މިއީ ބައްޕަގެ ވަސިއްޔަތް. އަހަރެން ބޭނުމީ އެ ވަސިއްޔަތް ފުރިހަމަ ކުރަން.”
ނަޢީމު ބުނެލި ބަސްތައް ސޫޒަން އަޑުއަހަމުން ދިޔައިރު ހީވީ ބިންގަޑު އަޑިޔަށް ދަނީހެންނެވެ. ލިބުނު ޝޮކާއިއެކު އޭނާގެ ނާރުތަކުގައި ކަރަންޓެއް ދައުރުވެލި ކަހަލައެވެ.
“އެކަމަކު އަހަރެމެންނަކަށް ނޭނގޭ އެއީ ރަނގަޅު ކުއްޖެއް ކަމެއްވެސް.” ޝާހިދާގެ އަޑުގައިވި އާދޭސް ސޫޒަންގެ ހިތަށް އިހުސާސްކުރެވުނެވެ.
“ބައްޕަ ވިސްނާނުލާ އެހާ ބޮޑު ނިންމުމެއް ނުނިންމާނެ. އަހަރެން ބޭނުމެއްނޫން ދެން މިކަމާއިމެދު އިތުރަށް ބަހުސްކުރާކަށް. ޔާސިރުމެން ގެ ޢާއިލާއަށް އަހަރެމެންގެ ފަރާތުން ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރެވެން އަހަރެން ބޭނުން. ދެން ހެޔޮ ޝާހިދާ ދިޔަޔަސް.”
ނަޢީމުގެ ފަހު ޖުމުލަ ނުނިމެނީސް ޝާހިދާ ސިޓިންގރޫމުން ނިކުމެ ގޮސް އޮބާލައިފިއެވެ.
ސޫޒަން އަށް ހޭލެވުނުއިރު މާނޭވާލެވެއެވެ. މުޅި މީހާ ދާހިއްލާ ފޯވެފައެވެ.
“އަހަންނަށް އެ ކައިވެންޏަށް އާނއެކޭ ނުބުނެވުނު ނަމަ….”
ސޫޒަންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައިރު ހީވަނީ މޭ ފަޅާލާފައި ނުކުންނަން އުޅޭހެންނެވެ.
އެނދުން ތެދުވެ، ސައިޑްޓޭބަލް މަތީގައި އޮތް އިލާސްޓިކް ނަގައި ސޫޒަންގެ ދިގު އިސްތަށިގަނޑު ލޯ ބަން އަކަށް އައްސާލިއެވެ. ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާކިޔާލަމުން ފާޚާނާއަށް ވަތްއިރު ގަޑިން ހަތަރެއްޖެހީއެވެ.
ސޫޒަން ވުޟޫކޮށްލިއެވެ. ފަތިހުގެ ފިނީގައި ފިނިފިނި ފެން މޫނުގައިޖެހުމުން އޭނާއަށް އިހުސާސްވީ ތާޒާކަމެވެ. ހިނިތުންވެލުމަކާއިއެކު ފާޚާނާއިން ނުކުމެ، ފުންނޭވާއެއް ދޫކޮށްލިއެވެ.
އޭސީގެ ޓެމްޕަރޭޗަރ އިތުރަށް ދަށްކޮށްލަމުން މުސައްލަ ނަގައި ފަތުރައިލިއެވެ. ނަމާދުކުރުމަށް ޚާއްޞަކޮށް އޭނާ އަޅައިއުޅޭ ހުދުކުލައިގެ ބޮޑު ދޮޅި ބޮލުން ވައްޓާލިއެވެ. އަދި ދަންވަރުގެ އަނދިރި ހަމަހިމޭންކަމުގައި ތަޙައްޖުދު ނަމާދުކުރަންފެށިއެވެ. ތަޙައްޖުދު ނަމާދަކީ ދަންވަރުގެ ވަގުތުގައި ކުރެވޭ ނަފްލު ނަމާދެކެވެ. އެހެން އެންމެން ނިދައި، ދުނިޔެ ހަމަހިމޭންވެ، އަމާންވުމުން ކުރާ މިނަމާދުން ސޫޒަންއަށް ބުނެދޭން ނޭނގޭކަހަލަ ހިތްހަމަޖެހުމަކާއި، އުފާވެރިކަމަކާއި، ސާބިތުކަމެއް ލިބެއެވެ. ﷲ ގެ ލޯބި އެދިގެން، އެކަލާނގެ ޙަޟްރަތުން މަދަދަށް އެދިގެން ދުޢާކުރާ އަޅުތަކުންގެ ފޭވަރިޓް ގަޑިއަކީ މިއެވެ.
ފުން ރޭގަނޑުގެ އެ ހަމަހިމޭން ކަމުގައި ސޫޒަން ދުޢާކުރަމުން ދިޔައެވެ. އޭނާގެ ހިތަށް އަމާންކަމެއް ވެރިވެފައިވިއެވެ. އެކަނި އިނދެ، ﷲ އަށް ދުޢާ ދަންނަވަމުން ދިޔަހިނދު އެކަލާނގެ އާއި ކުއްތަން ވެވުމުގެ އިހުސާސެއް ސޫޒަންއަށް ކުރެވުނެވެ. އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަމެއް އިޙުސާސްކުރެވުނެވެ.
ޔާ ރައްބެވެ. ހުރިހާ ޙަމްދެއް މިލްކުވެ ވޮޑިގެންވަނީ އިބަރަސްކަލާނގެއަށެވެ. އިބަރަސްކަލާނގެއީ އުޑުތައް އުފުއްލަވައި، ބިން ފެތުރުއްވެވި އިލާހެވެ. ދުނިޔެއާއި އޭގައި ވާހާއެއްޗެއް ރައްކާތެރިކޮށް، ބަލަހައްޓަވަނީ އިބަ އިލާހެވެ. ހުރިހާ ޙަމްދެއް މިލްކުވެ ވޮޑިގެންވަނީ އިބަރަސްކަލާނގެއަށެވެ. އިބަރަސްކަލާނގެ ނޫރުފުޅުން މިއަޅާގެ ހިތް ފުރުއްވާނދޭވެ. އިބަރަސްކަލާނގެ އީ ޙައްޤެވެ. އިބަރަސްކަލާނގެއީ ވަޢުދު ފުއްދަވާ އިލާހެވެ.
ޔާ ރައްބެވެ. މިއަޅާވަނީ އިބަރަސްކަލާނގެ އަށް ބޭނުންވެގެންނެވެ. އިބަރަސްކަލާނގެ އޯގާތެރިކަމަށް ބޭނުންވެގެންނެވެ. އިބަރަސްކަލާނގެ ރަޙުމަތް މިއަޅާގެ މައްޗަށް އޮއްސަވާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ މިއަޅާގެ ބެލެހެއްޓުންތެރިޔާއެވެ.
ޔާ ރައްބެވެ. މިއަޅާގެ ފާފަ ފުއްސަވާނދޭވެ. މިއަޅާގެ އިސްވެ ދިޔަހައި ފާފަތަކާއި މުސްތަޤުބަލުގެ ފާފަތައް ފުއްސަވާނދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ މިއަޅާގެ ހިތުގައި އަޅާ ވޭން ދެނެވޮޑިގެންވަމުއެވެ. އެހިތުގައިވާ ޒަޚަމްތައް ދެކެދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އަށް އެއްވެސް ކަމެއް ވަންހަނާވެގެން ނުވެއެވެ. ޔާ ރައްބެވެ. މިއަޅާގެ ފާފަ ފުއްސަވާނދޭވެ. މިއަޅާގެ ފާފަ ފުއްސަވާނދޭވެ. އާމީން.
ޒިކުރުކޮށް ނިމުމަށްފަހު ސޫޒަން ބެލްކަންޏަށް ނިކުމެލިއެވެ. ޖެހެމުންދިޔަ ލުއިލުއި ވައިރޯޅީގެ ރާގަށް ބެލްކަނީގައި ހައްދާފައިވާ ބޯގަންވިލާ ގަސްތައް ކަންނެތްކަމަކާއިއެކު ހަރަކާތްކުރަމުން ދިޔައެވެ. ކުރިމަތީގައި ފެންނަން އޮތީ ބޮޑުމަގެވެ. މަގުގައި އެއްވެސް ދުއްވާއެއްޗެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބެލްކަނީގައި އެލުވާފައި ހުރި އުނދޯލީގައި ސޫޒަން އޮށޯވެލީ މި އަރާމު ވަގުތުކޮޅުން ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިދެވޭތޯއެވެ. އެއާއިއެކު އޭނާއަށް ހިތާއި ހިތުން ﷲ އަށް ދުޢާދެންނެވުނެވެ.
“ޔާ ﷲ. އިބަރަސްކަލާނގެ އީ އަޅުތަކުންނަށް އަރާމުކުރުމަށްޓަކައި ނިދި ލެއްވި އިލާހު. އިބަ ރަސްކަލާނގެ އީ އަލް ވަދޫދު. އަލް ޣާފިރު. މިއަޅާއަށް ކެތްތެރިކަން ދެއްވީތީ އިބަ ﷲ އަށް ޙަމްދު ކުރަން. ޔާ ރަޙްމާން. މިއަޅާއަށް ރަޙްމަތް ލައްވާށި. އާމީން.”
ސޫޒަންގެ ލޯ ކަރުނުން ފުރިގެން ބަންޑުންވިއެވެ. އެއާއިއެކު ﷲ އަށް ޒިކުރުކުރުމުގައި ސޫޒަންގެ ހިތް މަޝްޣޫލު ވެގަތެވެ.
6 Comments!
Comments are closed.
Maasha Allah.. haadha furihama ey genesdheefai vaaleh.. haassakoh dheeneee kanthakaa gulhuvaifai vaathee varah kamudhey… waiting 4 next part..keep up the good work…????
Masha allah. Varah reethi mi part ves.. dhen hama buneven othy ehenyaa ves bunaahen maaa bodah ves kurey mi part. Alhe next part varah dhigu kolla dheebala.
Maa sha allah ?
Maasha Allaah v reethi mi part ves
varah reethi..ekamaku vaahaka liyaa iru igireysi bas beynun kureema kamaku nudhey…
Wow