ސަލާގެ ހަޤީޤީ ހާދިސާ : ހިތްފަނާ
ކިޔާދޭން މިއުޅެނީ އުމުރުން 23 އަހަރުގެ ޒުވާނެއްގެ ވާހަކައެވެ. އެހެން މީހުން ފަދައިން އޭނާވެސް ކުއްޖަކު ދެކެ ލޯބިވިއެވެލ އަދި ވަރަށްގިނަ ހަރުފަތްތައް ގިރާކުރަމުންގޮސް އޭނާގެ އަތްބަކަށް އެ އަންހެން ކުއްޖާ ހެދީ، ވަރަށް ގިނަ އުއްމީދުތަކަކާއި ހުވަފެންތަކަކާއި އެކުއެވެ. އެހާ ޅަ އުމުރުގައި ޒަވާޖީ ޙަޔާތެއް ފެށީ އަނބިމީހާއަށް ކުރާ އިތުބާރުގެ ބޮޑުކަމުންނާއި ދިރިއުޅުން އާރާސްތު ކުރެވޭނެކަމުގެ ޔަޤީންކަން ހިތުގައި ވާތީއެވެ. މިއަހަރުގެ ރަމަޟާންމަހުގެ އުމުރާގެ މާތް އަޅުކަމާއިގެން ފުރައިގެންދިޔައީ، އެނބުރި އަންނައިރު އޭނާގެ ދަރިޔަކަށް ބަލިވެ އިން ލޯބިވާ އަނބިމީހާ، އޭނާއަށް ހިޔާނާތްތެރިވެދާނެ ކަމަށް ފަހަރެއްގައިވެސް ހިޔާލުވެސް ނުކޮށެވެ. އަޑުއަހަމެވެ.ބައެއް އަންހެން ކުދީން ކެހި ދެއެވެ. ބައެއް އަނބީން ބޭވަފާތެރިވެއެވެ. އެހެނަސް…. އޭނާގެ އަނބިމީހާ އޭނާއަށް ކެހިދިނީ ކޮންފަދައަކުން ހެއްޔެވެ؟ އަޅުގަނޑު އަންހެނަކަށްވެ ހުރެ، އެވާހަކަތައް އަހަން އުނދަގޫވިއެވެ. ވާހަކައެއްގެ ގޮތުގައި އެ ހާދިސާ ގެނެސްދިނުމަށް އޭނާ އެދުމުން، އަހަރެންނަށް ލިޔެވިދާނެ ކަމާއި މެދު ހިތުގައި ސުވާލު އުފެދުނެވެ. އެފަދަ ވަފާތެރި، ދީންވެރި ހެޔޮލަފާ ފިރިއަކަށް އަތްބަކު ހިތްދަތި ގޮތަކަށް ހިޔާނާތްތެރިވިއޭ ބުނާއަޑު ، އަޅުގަނޑު އެހި ފުރަތަމަ ފަހަރަކީ މިއީއެވެ. އެވާހަކަތައް ކިޔައިދިން އިރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ. އޭނާގެ އަޑުގައި ތުރުތުރުލުން ހުއްޓެވެ. ކެތްތެރިވާން މަސައްކަތް ކުރި ނަމަވެސް އެ ހަށިގަނޑު ރޫޅިގެންހިނގައިދާނެހެން އަޅުގަނޑަށް ހީވިއެވެ. ނިކަމެތިވެފައިވާ އޭނާގެ ދިރިއުޅުމަށް ޚުދު އަޅުގަނޑަށްވެސް ވިސްނާލެވި ރޮވުނެވެ. ދެން ކިޔުންތެރިންގެ އަތްމައްޗަށް މި ދޫކޮއްލަނީ ،އޭނާގެ ޙަޔާތުގައި ލަކުނު ލެވިގެންދިޔަ ވޭންދެނިވި ހާދިސާގެ މައްޗަށް ބިނާކޮއް އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.
***********************
ހިތުގައިވާ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. ބޭނުންވާ ކަމެއް ހާސިލް ނުވެއްޖެނަމަ އަހަރެންނަށް ހުރިހާ ގޮތަކުންވެސް އުނދަގޫވާނެއެވެ. އާއްމު ދިރިއުޅުމުގެ ކަންކަމާއި ، އަދާކުރަމުންދާ ވަޒީފާގެ ކަންކަމަށްވެސް ބުރޫއަރައެވެ. އެހެން އެވަނީ ހުރިހާ ކަމެއްވެސް ހިތާއި ގުޅިފައި ވާތީއެވެ. އަދި އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މުހިއްމު ބާރަކީ ލޯތްބަށްވާތީއެވެ. އަހަރެން ބޭނުންވަނީ ރައްޓެހިވެގެން އަބަދު ވާހަކަ ދައްކާކަށް ނޫނެވެ. އޭނާ އަހަރެންގެ މީހަކަށް ހަދާށެވެ. އަހަރެންގެ ހައްޤަކަށް ހަދާށެވެ. އޭނާއަށް ހުރިހާ ގޮތަކުންވެސް އަޅާލުމާއި ލޯބި ދޭން ބޭނުމެވެ.
އަހަރެންގެ އުރުން 23 އަހަރެވެ. ހުދާ އާއި އަހަރެންގެ ގުޅުމަށް ހުދާގެ މަންމަ މެން ފާޅުގައި އިންކާރު ކުރިއެވެ. އުއްމީދުކަނޑާލީ ހުދާއެވެ.އަހަރެން ހުރީ ގޮތުގައެވެ. އެއްވެސް ޙާލެއްގައި ހުދާ އަހަރެން އަތުން ބީވާކަށް ބޭނުމެއްނޫނެވެ. ހުދާ އެހެން މީހަކަށް ލިބުމަކަށް ހިތެއް ނޭދުނެވެ،
” އެކަމަކު މުއާޒް.. އަހަރެން ކިހިނެތް މަންމަމެންގެ ނުގަބޫލުގަ މިކަން ކުރާނީ.. އަހަރެންނާ މެރީ ކޮއްފަ އަހަރެން ތިރަށަށް ގެންގޮސްފިނަމަ އަހަރެންގެ މި ޖޮބްވެސް ގެއްލޭނެ.. މަންމަ މެން އަހަންނާމެދު ވަރަށް ވިސްނާނެ..”
ހުދާ ހުރީ ދެރަވެފައިކަން އަހަންނަށް އެނގުނެވެ.އަހަރެން އޭނާ ދެރަކުރާކަށްވެސް ބޭނުމެއްނޫނެވެ،
” ލޯބި… ވަޒީފާ ގެއްލުމަށްވުރެން ތި ހިތުގައި އަހަންނަށްޓަކާ އުފެދިފައިވާ ލޯބި ގެއްލުމުން އަސަރެއް ނުކުރާނެތަ؟ އަހަންނަކަށް އަސަރެއް ނުކުރާނެތަ؟ އަހަރެން ބޭނުން ހުދާގެ އާއިލާގެ މީހުންނާ ވާހަކަ ދައްކަން.. އެމީހުން ގަބޫލު ކުރުވަން ބޭނުން..”
އަހަރެން އެހެން ބުނުމާއި އެކު ހުދާ ތެޅިގަތެވެ. އޭނާގެ އަޑު ފޯނުންވެސް އައީ ނުހަނު ބާރަށެވެ.
” ނޫން ނޫން މުއާ… ނާންނާތި . އަހަރެން ބިރުގަނޭ.. ދެން އެކަމާ އަޅާ ނުލާ.. މިއީ އަހަރެމެންގެ ތަޤްދީރު. މިއީ އަހަރެމެންނަށް ހުރި ގޮތް.. އަހަރެމެންނަށް ކުރެވޭނީ މަސައްކަތެއްނު”
ހުދާ އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ. އަހަރެންގެ ވިސްނުން އެހާ އަވަހަށް ނުވާނެކަން އަހަންނަށް ޔަޤީނެވެ.
” ހުދާ.. ހާދަ އަވަހަކަށް އުއްމީދުކަނޑާލީ..ހާދަ އަވަހަކަށް ނިންމާލަން ތި އުޅެނީ؟ އަހަރެންނަކަށް އެހާ ފަސޭހައެއް ނުވާނެ. ޕްލީޒް އަހަންނަށް މަނާ ނުކުރޭ.. އަހަރެން ވަރަށް އަވަހަށް ދާނަން ތި ރަށަށް..ޕްލީޒް ބީ ވިތް މީ.”
އަހަރެން އެ ޖުމުލައަށް ފަހު ފޯންކަނޑާލީމެވެ. އަދި ސްވިޗް އޮފްކޮއްލީމެވެ. އިތުރަށް ހުދާގެ ޖުމުލަތައް އަޑު ނާހާން ވެގެންނެވެ. ހުދާ ބިރުގަތަސް، ފިނޑިވިޔަސް އަދި ފަހަތަށް ޖެހުނަސް އަހަރެން ހުދާގެ ލޯބި ބޭނުމެވެ.
ޖެހިގެން އައި ދުވަހު އަހަރެން ރިސޯޓުގައި ހުރެފައި އޮފް ނަގައިގެން ހުދާގެ ރަށަށް ދިޔުމަށް ދަތުރު ފެށީމެވެ. ލޯންޗްގައި އިން އިރުވެސް އަހަރެންގެ ހިތުގެ ދުޢާ އަކީ އެ އާއިލާގެ ރުހުން ހޯދުމެވެ. އަހަރެން އެރަށަށް ދާންވެގެން ހުރިހާ ވާހަކައެއް ދެއްކީ ހުދާގެ ފަރާތުން އަހަންނަށް ލިބިފައިވާ ރައްޓެއްސެއް ކމަށްވާ އިއްބެ އާއެވެ. އަހަރެން ރިސީވް ކުރަން އައުމަށް އޭނާގާތު ބުނީމެވެ. ނަމަވެސް އެއީ ހުދާއަށް ސިއްރުންނެވެ،
އަހަރެން އެރަށަށް ދިޔައިރު އިއްބެ އަހަރެންގެ އިންތިޒާރުގައި ޖެޓީގައި ހުއްޓެވެ. އަހަރެން ފެނުމާއި އެކު ސަލާމްކޮއްލުމަށްފަހު އިއްބެގެ ގެއަށް ދާން އެދުނެވެ،
” އަހަރެންނަށް ހުދާގެ ގެ ދައްކަ ދީފަ އިއްބެ މި ބޭގް ހިފައިގެން ގެއަށް ގޮސްލާ.. އަހަރެން ގުޅާނަން ނިމުނީމަ..”
އަހަރެން ފުރަތަމަވެސް ބޭނުންވީ ހުދާގެ މައިންބަފައިންނާ ވާހަކަ ދައްކާށެވެ. ރަށުގެ މެދެއްހާ ހިސާބަށް ގޮސް އިއްބެ ހުދާގެ ގެ ދެއްކިއެވެ. އަހަރެންގެ ކޮނޑުގައި އޮތް ދަބަސް އިއްބެއަށް ދިއްކޮއްލުމަށްފަހު އަހަރެން ދޮރާއްޓާއި ދިމާއަށް ހިނގައިގަތީމެވެ.
” ބެސްޓް އޮފް ލަކް ބަޑީ..”
އިއްބެ އަހަންނަށް ހެޔޮދުޢާ ކޮއްލުމުން އަހަރެން ބޯޖަހާލީމެވެ.
ބޮޑު ދޮރާއްޓެކެވެ. ތަޅުގެ އަތްގަނޑުގައި އަހަރެން ހިފީ ބިސްމީނުގެ ބަރަކާތުންނެވެ. ދޮރާށި ހުޅުވާލުމާއި އެކު ޖަނބުރޯލު ގަސްދަށް ކުނިކަހަން އޮތް ހުދާ ފެނުނެވެ. ދުވަސް ތަކަކަށްފަހު އޭނާ ފެނުމުން އަހަރެންހިތައް ފިނިކަމެއް ލިބުނެވެ. ފުރަތަމަވެސް ބޭނުންވީ ބައްދާލުމަށެވެ. ލޯބިކޮއްލުމަށެވެ. އަހަރެންނަށް ކުޑަ އިރުކޮޅަކު އެހެން ހުރެވުނެވެ. އެހެނަސް ވަގުތު ބޭކާރު ނުކޮށް ސަލާމް ގޮވާލީމެވެ.
ހުދާ އަހަންނަށް ބަލާލުމާއި އެކު އޭނާގެ އަތުން އިލޮށިފަތި ދޫވިއެވެ. އޭނާ ސިހޭފަދަ ގޮތަކަށް އަހަންނާއި ދިމާއަށްއައެވެ. އަދި ހިނިތުންވަމުން އަހަންނަށް ބަލަން ހުއްޓެވެ.
” އަހަރެން ހިތަކަށްވެސް ނާރާ އެހާ އަވަހަށް އަތުވެދާނެކަމަކަށް…”
ހުދާ އެހެން ބުނުމުން އަހަރެންނަށް ހެވޭ ގޮތްވިއެވެ. ހުދާގެ ލޯތްބަށް އެދި އަހަރެން ކަރުހިއްކައިގެންފައިވާ ވަރު އަދިވެސް އިހުސާސް ނުވަނީތާއެވެ.
” ކޮބާ މަންމަ؟ ގޮވާލަދޭންވީނު..”
އަހަރެން ކުއްލިއަކަށް އެހެން އެހުމުން ހުދާ އިސްޖެހިއެވެ.
” ކާކު ސަލާމްގޮވީ ؟”
މަންމަ ގެއިން ނުކުމެގެން އަންނަމުން ބުނެލިއެވެ، އަހަރެން ފެނުމާއި އެކު މަންމަ ފާޑަކަށް އަހަންނަށް ބަލަން ފެށިއެވެ.އަދި އަހަރެމެންނާ ގާތަށް އައިސް ހުއްޓުނެވެ،
” މަންމާ.. މީ މުއާޒް.. މުއާޒް.. މަންމ..”
އިސްޖަހައިގެން ހުރެ ހުދާ ބުނެލިއެވެ.
****************************************
” އަހަރެމެން ބޭނުމެއްނޫން ހުދާ ރަށުން ބޭރު މީހަކާ އިންނާކަށެއް… ރަނގަޅު ވަޒީފާއެއްގަ ހުއްޓަ އެންމެ ފަހުން ކަނޑާލާނީ.. ފަހުން ވަރިކޮއްލީމަ އަހަރެމެން ކިހިނެތް މީނަ ބަލާނީ..”
ހުދާގެ މަންމަ އަހަންނަށް ވިސްނައިދެވޭތޯ އުޅުނެވެ. އޭރު އޭނާގެ އާއިލާގެ ދައްތަމެންވެސް ތިއްބެވެ.އަހަރެން ލަދެއް ނުގަނެއެވެ. ޖެހިލުމެއް ނުވެއެވެ. މިހާހިސާބަށް އަހަންނަށް އަންނަން ކެރުނު އިރު އަތްދޫކޮއްލާފައި ދިޔުން އެއީ އަހަރެން ކުރާނޭ ކަމެއް ނޫނެވެ.
” ހުދާގެ މަންމާ… އަހަރެން ހުދާއަށް ދެރައެއް ނުދޭނަން.. އަހަރެންނާއި އެކު ހުދާ އުޅެން ހުރިހާ ހިނދަކު އަހަރެން ހުދާއަށް ކަމޭހިތާނަން.”
އަހަރެންނަށް އެމީހުންނަށް ވިސްނައިދޭން ވަރަށް އުނދަގުވިއެވެ. އެއްވެސް ވަރަކަށް ގަބޫލުވާ ގޮތެއް ނުވިއެވެ. އަހަރެންމިއީ އަހަރެންގެ އާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ.އަހަރެންގެ ހަގަށް މަންމަ އާއި ބައްޕަގެ 6 ކުދިން ތިބެއެވެ. އަހަރެން މީހަކާ އިނދެ އަހަރެންގެ މައިންބަފައިންނަށް ފަސޭހަކޮއްދޭން އަނބިމީހާ އަހަރެންގެ މަންމަ ކައިރީ ބަހައްޓަން ބޭނުމެވެ.
” ތިހެން ބުންޏަސް މިހާރު އަހަރެމެންގެ ލޯމަތިން ގެންގޮސްފަ ދެން ހަދާނީ ހަދާނެ އެއްޗެއް… އިތުރަށް މިވާހަކަ ދައްކާނެ ކަމެއް ނެތް.. ”
މަންމަ ނުރުހުން ފާޅުކުރުމަށްފަހު ނުކުމެގެން ދިޔައެވެ. އަހަރެން ބަލާލީ ދައްތަމެންނާއި ދިމާއަށެވެ. އެމީހުންވެސް އެއްޗެއް ނުބުނެ ނުކުތެވެ.
” އަހަރެން އޭރުވެސް މުއާ ކައިރީ ބުނީމެއްނު މަންމަ ގޮތެއް ނިންމައިފިއްޔާ އެ ގޮތެއް ބަދަލެއް ނުކުރާނެޔޭ…ދެން ކީއްކުރަން؟ ”
ހުދާ ދެރަވެލާފައި ބުނެލިއެވެ. އަހަރެންގެ ހިތް ދެރަވީ، ހަމައެކަނި މަންމަ ނުގަބޫލުވީމަ އެކަންޏެއް ނޫނެވެ. ހުދާއަށް އަހަރެންގެ ލޯބި ވަޒަން ނުކުރެވުނީމެވެ. މަންމަ އެހެން ބުނުމުންވެސް އިތުރަށް މަންމަގެ ހިތް ބަދަލުކުރުމަށް ހުދާ އެއްވެސް މަސައްކަތެއް ނުކުރާކަން އަހަންނަށް އިނގުނެވެ،
” މުއާ.. އަހަރެންނަށް އެވާހަކަތައް ދައްކަން ނުކެރުނީ މަންމަ ގާތު.. އެއްފަހަރު ބުނީމަ ނޫނެކޭ ބުނީ.. އަހަރެން ބިރުގަތީ..މުއާ.. އަހަރެންވެސް ބޭނުން ކައިވެނި ކުރަން..އަހަރެން މިހުރީ ހަމައެކަނި މުއާއަށްޓަކާ..”
ހުދާ އިސްޖެހިއެވެ. އަހަރެން އިތުރަށް ދެރަވިއެވެ،. ހުދާ އާއި މެދު ކުށްހީ ކުރެވުނީމައެވެ. އަހަރެން ހުދާގެ ބޮލުގައިފިރުމާލުމަށް ބޭނުންވި ނަމަވެސް އަހަރެން ފަސްޖެހުނީމެވެ، އަހަރެން އެގެއިން ނުކުމެގެން އައީ އަދިވެސް ރުހުން ލިބޭތޯ މަސައްކަތްކުރަން އަންނާނެކަމަށް ބުނެފައެވެ.ނާކާމިޔާބީވެގެން އަހަރެން އެނބުރި ރިސޯޓަށް އައީ އެލޯބި ޙާސިލްކުރަން ހިތުގައުވާ ޢަޒުމް ދޫކޮއްލާފައެއް ނޫނެވެ. އެގޮތަށް އަހަރެން ހަތަރު ފަހަރު އެރަށަށް ގޮސް ހުދާގެ މައިންބަފައިންގާތު ކައިވެންޏަށް އެދުނީމެވެ. ހަތަރުވަނަ ފަހަރުވެސް އަހަރެން އެރަށަށް އަހަރެން ދިޔައީ ފަސްވަނަ ފަނަ ފަހަރަށް އަންނަން ޖެހުނަސް އަންނަން ނިންމައިގެންނެވެ،
” ތިހެންނޭ ބުނާނީ…އިނދެފަ ގެންގުޅޭނީ މިތާއޭ.. އެކަމަކު ހަމަ، އިނދެފަ ، ފައި ވިއްދާލާނެ ރަށަށް ގެންދަން.. އޭރުން އޮންނާނީ ފިރިމީހާގެ ބާރެއްނު.. އަހަރެމެންމީ ދެން ކޯއްޗެއް..”
މަންމަ އެހެން ބުނުމުން އަހަރެން މާޔޫސްވާ ގޮތް ވިއެވެ،
” އަހަރެން ހުދާ އަހަރެންގެ ރަށަކަށް ނުގެންދާނަން.. ގެންދިޔަޔަސް ގެންދާނީ އަހަރެން ކައިރިއަށް.،، ހުދާ އެކަނި އެއްވެސް ތާކަށް ދުލެއް ނުކޮއްލާނަން.. އަހަރެން ހުދާގެ މަންމައަށް ވައުދު މިވަނީ.. އަހަރެން ހުދާ އާއި ވަކިވާކަށް ބޭނުމެއްނޫން.. ހުދާއަށް އުޅެވޭނެ ހުދާގެ މިގޭގަ.. މަންމަ މެން ގާތު… ”
އަހަރެން އެވަރުގެ ޔަޤީންކަން ދިނުމުން ހުދާގެ މަންމަގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަދި ﷲގެ އިރާދަފުޅާއި އެކު އަހަރެންނާއި ހުދާގެ ކައިވެނި ކުރަން ހަމަޖެހުނެވެ.
އަހަރެން އެނބުރި ރިސޯޓަށް ދިޔައީ ކައިވެނީގެ ކަންކަން ނިންމާނެގޮތް ހުދާއާއި ހިއްސާކޮއްފައެވެ.
ރަށުގައި އޮތް އަހަރެންގެ ބޮޑު އާއިލާވެސް ހުދާގެ ރަށަށް ގެނައީމެވެ.ރަށުގެ ގިނަބަޔަކަށް ކައިވެނީގެ ދައުވަތުދިނީމެވެ.އަހަރެންނާއި ހުދާ ބާއްޖަވެރި ކައިވެންޏަކުން ގުޅުނީ ވަރަށް ގިނަ މީހުންގެ ހެޔޮދުޢާ އާއި އެކުއެވެ. އެރޭ އެންމެންގެ ދުލުންވެސް އަހަރެންގެ ހަޔާތް ބާއްޖަވެރި ވުމަށް އެދެމުންދެއެވެ.
އެންމެ ފަހުން އަހަރެންކުރި ބުރަ މަސައްކަތުގެ ބަދަލުގައި އަހަންނަށް ހުދާ ލިބުނީއެވެ. މިލްކުވީއެވެ. ހައްޤުވީއެވެ. އަހަރެންނާއި ހުދާ އުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ. އެއްޗަކަށް ބޭނުންވެގެން ހުދާގެ ދުލުން ބޭރުވާ ކޮންމެ އެއްޗެއް އަހަރެން ޝަކުވާއެއް ނެތި ހޯދައިދެމެވެ. ޒުވާން އަންހެންކުއްޖެއްކަމުން ހުދާވެސް ރީތި އެއްޗެއްސަށް ލޯބިކުރެއެވެ. އަހަރެން އެކަމާ އުފާވެއެވެ. އެ ތަކެތި އަހަންނަށް ހޯދައި ދެވޭހާ ފެންވަރު އަހަރެންގެ ކިބައިގައި ހުރީތީއެވެ، އަހަރެންގެ ކައިވެނީގައި ހޭދަވެގެން މިދާ ކޮންމެ ދުވަހަކީ އަހަންނަށް އުފާވެރި ދުވަހެކެވެ. ހުދާގެ ފަރާތުން ލިބެމުންދާ އުފަލާ ހިތްހަމަ ޖެހުމާއި އޯގާތެރި ކަމަކީ އަހަންނަށް އޭގެ އަގު ނުކުރެވޭނެ ކަންތައްތަކެއްގެ ގޮތުގައި އަހަރެން ދެކެމެވެ. ހުދާ އަހަންނަށްޓަކައި ކޮއްދޭ ކޮންމެ ޚިދުމަތަކަށް އަހަރެން ހިތުގެ އަޑިން ޝުކުރުކުރަމެވެ.އަދި ފިރިއަކު އަތްބަކަށް ކުރާ ޤަދަރާއި އިހުތިރާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަހަރެން ހުދާއަށް ކުރަމެވެ. ހުދާ އުފަލުގައި ގެންގުޅުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނޭކަން ގައިމެވެ،
ކައިވެންޏަށްފަހު އަހަރެން އެނބުރި ރިސޯޓަށް ދާންޖެހިއްޖެއެވެ، ހުދާ އޮތީ އަހަރެންގެ މޭގައި ބޯއަޅާލައިގެންނެވެ، ދެރަވެފައެވެ. އަހަރެން އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރީމެވެ.
” އެކަމަކު އަހަރެމެން ކިހިނެތް އެއްކޮށް އުޅޭނީ.. އަހަރެން ހުދާގެ މަންމަ ގާތު ބުނިން ހުދާ މަންމަ އާއި ވަތްކެއް ނުކުރާނަމޭ.. ހުދާ އުޅޭނީ މަންމަ އާއި އެކުއޭ.. އެހާ ޔަޤީންކަން ދީފަ އަހަރެން ހުދާ ގޮވައިގެން ދިޔައީމަ އަހަރެން ދެއްކި އެއްވެސް ވާހަކައެއްގެ މާނައެއް ނެތެއްނު.. އިތުބާރު ގެއްލޭނެ… އިހަށް ދެން މަޑުކޮއްލާ.. ކެތްކުރަންވެސް ވާނެ އެއްނު.”
އަހަރެން އެހެން ބުނުމުން ހުދާ އެއްޗެއް ނުބުނެއެވެ. އަހަރެން ކުޑަކޮށް ހުދާ ދުރުކޮއްލީމެވެ،. އަދި އޭނާގެ މޫނަށް ބަލާލީ ހިނިތުންވުމާއި އެކުއެވެ. ހަނދާންވާނެ ކަމަށްވެސް ބުނީމެވެ. އަދި ޗުއްޓީއެއް ލިބޭހާ އަވަހަކަށް އަންނާނެ ވާހަކަ ބުނެ އަހަރެން ހުދާ ހެއްވާލީމެވެ.ހުދާގެ ލޯބި ލޯބި މޫނު އަހަންނަށް އަބަދުވެސް ފެންނަމުންދަނީ ގުރަހައިގެ ޕަރީއެއް ފަދައިންނެވެ. އަހަރެން ހުދާދެކެ ލޯބިވާ ވަރު އެކޮ ގޮތްގޮތަށް ހުދާއަށް ވަޒަން ކޮއްދެމެވެ. ރީތި ލޯބީގެ ބަސްތަކުންނެވެ. އަހަރެންގެ އަމަލުންނެވެ. އަހަރެންނަށް ހުދާގެ އެއްވެސް ނޭދެވޭ ސިފައެއް ނުފެންނަ ފަދައެވެ. ހުދާގެ ކުރާ ކޮންމެ ކަމަކަށް އަހަރެން ތަޢުރީފު ކުރަމެވެ. ހުދާ ކުރަން ބުނާ ކޮންމެ ކަމަކަށް އުފަލުން މަރުހަބާ ކިޔަމެވެ. މި ދިރިއުޅުމުގެ އެންމެ މާތް މަޤްޞަދަކީ ހުދާ އުފަލުގައި ބެހެއްޓުމެވެ.އޭނާގެ ތުންފަތުން ހިނިތުންވުން އަބަދުވެސް ފެނުމެވެ.
އަހަރެންގެ ހަޔާތް ބާއްޖަވެރިކަމާއި އެކު ކުރިއަށްދެއެވެ. ހުދާއަށް އަހަންނާ ދުރުގަ ކެތެއް ނުވިއެވެ. އަބަދުވެސް އަންނަން ކިޔަނީއެވެ. އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ހުދާގެ މަންމަ މެންގެ ކުރިމަތީގައި އަހަރެންގެ އަގު ހިފެހެއްޓުން އެއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަހަރެން ދެކެމެވެ. އެހެންކަމުން އަހަރެން އަވަސް އަވަހަށް ހުދާގެ ރަށަށް ގޮސް ހަދަމެވެ، އެގޮތަށް ދުވަސްތައް ހޭދަކުރަމުންގޮސް މިހާރު ކައިވެންޏަށް އަހަރެއް ވެއްޖެއެވެ.
އެއްދުވަހެއްގެ ހަވީރެވެ، ޑިޔުޓީ ނިންމާފައި އަހަރެން ފޯނު ބަލާލި ވަގުތު ހުދާގެ މިސްކޯލްތަކުން އަހަރެންގެ ބިރުގަތެވެ. ގޯސްހަބަރެއް ނުލިބުމަށް ދުޢާކޮއްލަމުން އަހަރެން ގުޅީމެވެ،
” ކީއްވެ އެހާ ވަރަށް ގުޅާލާފަ އެއޮތީ..” އަހަރެން ސުވާލު ކުރީ ވަރަށް ހަމަޖެހިލާފައެވެ، އެކޮޅުން އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ކުޑަކޮށް ހީލި އަޑު އިވުނެވެ.އަހަރެން ހުރީ ސަމާލުވެއެވެ،
” މުއާ…. އަހަރެން ކިހިނެތް މިވާހަކަ ބުނާނީވެސް.. އުމްމްމްމްމް.. އަހަރެމެންނަށް ބޭބީ އެއް ލިބެން އެބައުޅޭ.. ”
އެ ޖުމުލަ އާއި އެކު އަހަންނަށް އުފަލުންގޮސް ފޯނު ކަނޑާލެވުނެވެ. އަމިއްލައަށްވެސް ހެވުނެވެ،އަނެއްކާ އަހަރެން ގުޅީމެވެ…
” އަލްހަމްދުލިއްލާހި.. ވަރަށް އުފާވެއްޖެ.. ދެން ބުނަންތަ؟ ދެން އެކަމު އެންމެ ދުވަހަކުވެސް ދުރުގަ ކެތެއް ނުވާނެ،، ދެން އަންނަން ހިނގާ މިކޮޅަށް..ދެން ކޮންމެ ގޮތެއްވިސް މަންމަ އޯކޭވާނެ އަހަރެން ކައިރިއަށް އަންނަން،،، މިހާރު ދޫނި ބޭނުންވާނީ އަހަރެންގެ ކެއަރ..”
އަހަރެން ފަތިފައްޗަށް އަމުނާލީމެވެ. އުފަލުން ވާނުވާ ވެސް ނޭނގެއެވެ.އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ހުދާ ގާތަށް ދިޔުމަށެވެ.އަޑުއަހަމެވެ. އަންހެނެއް މާބަނޑު ދުވަސްވަރަކީ އޭނާއަށް ފިރިއެއްގެ ލޯބި އެންމެ ބޭނުންވާ ދުވަސްވަރެވެ. ކުރިން ނުކުރާ
ކަހަލަ ތަފާތު އިހުސާސްތަކެއް އޭނާ ކުރާނެއެވެ. ބައެއް ފަހަރު ވޭން އުފުލަން ޖެހިދެއެވެ. އެހެން މީހުންގެ އަޅާލުން ބޭނުންވާތަން އާދެއެވެ، އެހެންކަމުން އަހަރެންގެ އަނބިމީހާއަށް އަހަރެންގެ ފުރިހަމަ އަޅާލުމާ ލޯތްބާއި އޯގާތެރިކަން އޭގެ އެންމެ މަތީދަރަޖައަށް ދޭން އަހަރެންގެ ހިތް ފެންބޮވަމުންދެއެވެ،
އަހަރެން ވަޒީފާ އަދާކުރާ ރިސޯޓް އޮންނަނީ މާލެއާއި ދާދި ގާތުގައި ކަމުން ޑިޔުޓީ ނިންމާ ގޮތަށް އަހަރެން މާލެ ދަމެވެ. އަދި ހުރިހާ ވަގުތެއް އަންހެނުންނާއި އެކު ހޭދަކުރަމެވެ. ހުދާ އޭރު އުޅުނީ ނާރސްއަކަށް ކަމުން އަހަރެން އޭނާ ގެނައީވެސް އެރަށު ސެންޓަރުން ކަނޑާލައިގެންނެވެ. އަދި މާލޭ ހޮސްޕިޓަލަކުން ވަޒީފާ ހޯދާނީ ކަމުގައި ހުދާގެ އާއިލާ ގާތު އަހަރެން ބުނީމެވެ. ހަޤީޤަތުގައި ހުދާ ލައްވާ އެއްވެސް ކަމެއް ކުރުވާކަށް އަހަރެން ބޭނުމެއްނޫނެވެ.ހުދާގެ އާއިލާގެ ހިތްހަމަ ޖެހުމަށްޓަކައި ހުދާ ވަޒީފާއަށް އެ ވަޒީފާ ހޯދައިދޭން މަސައްކަތްކުރީމެވެ. އެކަމުން މަންފާ ވެސް ކުރާނީ އެ އާއިލާއަށް ކަމަށްވާތީއެވެ.
އޭޑީކޭއަށް ހުދާގެ ވަޒީފާ ބަދަލު ކުރުމަށް އަހަރެން އެކި ތަންތަނަށް ދިޔައީމެވެ. އެކި އޮފީސްތަކުގެ އެކި މީހުންގެ ސޮއި ހޯދަންޖެހުމުން ފުދޭވަރަކަށް އުނދަގޫކަމަކަށްވިއެވެ. އަހަރެންގެ މިންނެތް މަސައްކަތް ކާމިޔާބުވީ އޭޑީކޭގައި ހުދާގެ ވަޒީފާ ހަމަޖެހުމާއި އެކުއެވެ.
” ވަރަށް ތެޅުން ތެޅިގެން ވަޒީފާ އޯކޭވީ.. ރައްޓެހިންނަށް ގުޅާ، އެތަނަށް ގޮސް އޮފީސް އޮފީހަށް ގޮސް…. މުޅިން ވަރުބަލިވެއްޖެ..”
އަހަރެން ގެއަށް އައިސް ހުދާ ގާތު ބުނީމެވެ، ހުދާ ހުރީ ވަރަށް އުފާވެފައެވެ.އޭނާ އަހަރެންގައިގައި ބައްދާލީ އުފަލުންކަން އަހަންނަށް ދެނެގަނެވުނެވެ. އަހަރެން މި ހުރިހާ ކަމެއްވެސް މިކުރީ ހުދާއަށްޓަކައެވެ.
އަހަރެން ހުދާ ގޮވައިގެން ބޭރަށް ނުކުތީމެވެ. ހުދާ އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފައިގެން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. މާބުލް ގެސްޓް ހައުސްއާއި އަރާ ހަމަވުމަށްފަހު އަހަރެން ހުއްޓުނީމެވެ. ހުދާ އަހަރެންގެ މޫނަށް ބަލާލިއެވެ،
” ވާއޯ… މުއާ…”
އަހަރެމެން ދެމީހުންގެ މި އުފާވެރި ރޭ މިތަނުގެ ރީތި ރޫމެއްގައި ހޭދަކޮއްލަން އައުމުން ހުދާހުރީ ވަރަށް އުފާވެފައެވެ،
ލިފްޓްގައި ހުރި އިރުވެސް އޭނާ އަހަރެންގެ ގައިގައި ބައްދަމުން ދިޔައެވެ، ދެމީޙުން އެކަނި ތިބީމައެވެ، އަހަރެން ހުދާ ގޮވައިގެން ރޫމުގެ ދޮރުމައްޗަށް ގޮސް ހުދާ ގާތު ހުޅުވާށޭ ބުނީމެވެ. ހުދާ ރޫމު ހުޅުވުމާއި އެކު އުފަލުން އަހަރެންގެ ކޮނޑުގައި އެލިގަތެވެ. ހުދާގެ ބަރތްޑޭ މިހާ ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ، އެނދު ކައިރީގައި ހުރި ކުޑަ މޭޒެއްގައި އޮތް ކޭކު ފެނުމާއި އެކު އޭނާ އުފަލުން އަހަރެންގެ ކޮލަށް ކިސްއެއް ދިނެވެ. އަހަރެންނަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އެހެންޏާވެސް ހުދާ އެގޮތަށް ލޯބި ކޮއްލާހަދައެވެ. އެހެނަސް މިރޭ އަހަރެންނަށް ބަދަލުތަކެއް އައިކަން ގައިމެވެ. އެނދު ހުންނާނީ މަލުގެ ދާނަކަށް ހަދާފައެވެ. އެނދުމަތީ އޮތް ކުޑަކުޑަ ޕްރެޒެންޓް ފެނުމުން ހުދާ އަހަންނަށް ބަލާލިއެވެ. ޖީބަށް އަތްޖަހާލައިގެން ހުދާގެ ހަރަކާތްތަކަށް ބަލަން އަހަރެން ހުރީމެވެ. އޭނާ އަވަސް އަވަހަށް ޕްރެޒެންޓް ކަނޑާލިއެވެ.އެއާއި އެކު ހެވިފައި ހުރެ އަހަންނާއި ދިމާއަށް ބަލާލިއެވެ. މޮޅު ފޯނެއް އެއީ ހުދާ އަބަދުވެސް ބޭނުންވާއެއްޗެކެވެ.އެ އެދުންވެސް އަހަރެން ފުރިހަމަ ކޮއްދިނީ ހުދާގެ އުފަލަށްޓަކައެވެ. އެރޭގެ ކޮންމެ މިނެޓެއްވެސް ވެގެން ދިޔައީ އުފަލާއި ހިތްހަމަޖެހިގެން ދެހިތް ފުރުވާލި ވަގުތު ތަކަކަށެވެ،
ރަމަޟާންމަސް ފެންމަތިވެއްޖެއެވެ. އަދި އެހާމެ އުފާވެރި ހަބަރެއްވެސް ލިބުނެވެ. އަހަރެންނަށް ހީވިއެވެ. އަހަރެން މިއީ ދުނިޔޭގައި ހުރި އެންމެ ކާމިޔާބު މީހާއެވެ. އަހަރެންނަށް ރަނގަޅު އަތްބަކު ލިބިއްޖެއެވެ.އަދި އިރާދަކުރެއްވިއްޔާ މި އުފާވެރި ކައިވެނީގެ މޭވާ ވަރަށް އަވަހަށް ބިނދެލެވޭ ވަރު ވާނެއެވެ. އެންމެ ފަހުން ދުނިޔެމަތީގައިވާ އެންމެ މާތް ބިމަށް ދާންވެސް ފުރުސަތު ލިބިއްޖެއެވެ. އުމްރާވުމަށް ރިސޯޓް ފަރާތުން ފޮނުވާ ގުރޫޕްގައި އަހަރެންގެ ނަން ހިމެނުން އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކަމަކަށް އެދިގެން އަހަރެން ކުރާ ކޮންމެ ދުޢާއެއް ﷲގެ އިރާދަފުޅުން އިޖާބަކުރައްވައެވެ. އެއީ އަހަރެން ދެކޭ ގޮތެވެ. ސައުރު ފަރުބަދަ އާއި އުހުދު ފަރުބަދަ އާއި ޤުބާ މިސްކިތް މުޅިންވޭސް ފެންނަނީ މަދްރަސީ ދައުރުގައި އިސްލާމް ފޮތުންނެވެ. އެހެނަސް މިޔަދު އަހަންނަށް އެތަނަށް ދެވުމުގެ ނަސީބުވެސް މި ލިބުނީއެވެ. އަހަރެން އެވާހަކަ އަންހެނުންނާއި ހިއްސާކުރީމެވެ. ހުދާވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. އުފަލުން ފޮޅެމުންދާ ހުދާގެ މޫނަށް އަހަރެން ބަލަމުން ދިޔައީމެވެ. އެ ލޯބި ލޯބި ހިނިތުންވުމާއި ދުރަށް ދާން އަހަންނަށް އުނދަގޫވާނެބާވައޭ ހިތައް އެރިއެވެ. އެހަރެން ދެއަތުން ހުދާގެ މޫނުގައި ހިފަހައްޓާލީމެވެ. އަދި ނިތްކުރިއަށް ބޮސްދެމުން އޭނާގެ ބޯ އަހަރެންގެ މޭގައި ޖައްސާލީމެވެ.
” އެކަމަކު ކަންބޮޑުވާ އެއްކަމެއް އެބައޮތް ..”
އަހަރެން އެހެން ބުނުމުން އަހަރެންގެ އުނގުގައި ބޯއަޅާލައިގެން އޮތް ހުދާ ތެދުވިއެވެ،
” ހުދާ އެކަނި ވާނެތީ އަހަރެން ވަރަށް ކަންބޮޑުވޭ…. މިދުވަސްވަރު ހުދާ އެކަނި ކޮއްފަ ދާންވެސް ވަރަށް……”
އަހަރެން ވިސްނަން އިނުމަށްފަހު ގޮތެއް ނިންމީމެވެ، އެ ޙާލުގައި އިންދައި ހުދާ އެކަނި ގޭގައި ހުރުމަކަށް އަހަރެންގެ ހިތެއް ނޭދުނެވެ.
އަހަރެން ފުރައިގެން ދިޔައީ އަހަރެންގެ ކޮއްކޮ މާހީ މާލެ ގެނެސްފައެވެ. މާހީ އައުމުން އޭނާގެ ފިރިމީހާ ނިޒާމްވެސް އައެވެ.އެއީ އަހަރެން އެކަމާ ވަރަށް ހިތްހަމަ ޖެހުނެވެ. ދެ އަންހެނުން އެކަނި ގޭގައި އުޅުމަށްވުރެން އެގޮތް މާ ރަނގަޅުވާނެތީއެވެ. އެމީހުންނަށް ފަސޭހަ ވާނެތީއެވެ. އަހަރެން އެކޮޅަށް ދިޔަޔަސް ހުދާއަށް ބަރާބަރަށް ގުޅަމެވެ. އަޅުކަމުގައި ގިނަވަގުތު ހޭދަކުރަން ޖެހޭތީ މާ ގިނައިން ގުޅައިގެންނެއް ނުހުންނަމެވެ.އެހެނަސް ހުދާއަށް ދަތިވާ ކަންކަން އޮތްތޯ އޮޅުންފިލުވަމެވެ. ކޮއްކޮ ގާތުވެސް އަބަދުވެސް ބުނެވެނީ ހުދާ ރަނގަޅަށް ބެލުމަށެވެ.
އަހަރެން ރެޔާއި ދުވާލު ދުއާކުރަނީ އަހަރެންނަށް ލިބެން އުޅޭދަރިޔަކީ އައިބެއްނެތް ،ސިއްޙަތު ސަލާމަތުން ހުރި ހެޔޮލަފާ ،ޞާލިޙް ދަރިޔަކަށް ވުމަށެވެ. އަހަރެމެންގެ ދިރިއުޅުން ބާއްޖަވެރި ވުމަށެވެ.ހުދާ އާއި އަހަރެންގެ ގުޅުން އެންމެ ފުރިހަމަ ގޮތުގައި ދެމިއޮތުމަށެވެ. ދުނިޔޭގައި އުފާވެރިކަމާއި އެކު ދުވަސްތައް ވޭތު ވުމަށެވެ. މިފަދައިން ހެޔޮ ދުޢާތަށް ކުރަމެވެ. މާތް ﷲއީ ދުޢާ އިޖާބަކުރައްވާ ރަސްކަނލާނގެއެވެ.
ފަހުން ފަހުން އައިސް އަހަރެން ހުދާއަށް ގުޅާ އިރަށް މުޅީންވެސް އިވެނީ އެހެން އަޑުތަކެކެވެ، މާހީ ގޯސްވާހަކައެވެ، އަޅާނުލާ ވާހަކައެވެ، އެހެނަސް އަހަރެންނަށް އެއީ ގަބޫލުކުރަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. މާހީ އެއީ އަހަންނާއި އެކު ބޮޑުވި ކުއްޖެކެވެ. ތަރުބިއްޔަތު ވީ އެއް މަންމައެއްގެ ގާތުންނެވެ. އަހަރެންނަށް ދެރަވާނެ އެއްވެސްކަމެއް މާހީއެއް ނުކުރާނެއެވެ. އަހަރެން ހުދާއަށް ނަސޭޙަތް ދިނުމުން އޭނާ އަންނަނީ ރުޅިއެވެ. އަންހެނުން އުޅޭތަނެއްގައި މައްސަލަ ޖެހޭނެކަން ދަންނަން ބުނާތީ ހުދާ ފޯނުކަނޑާލައެވެ.
އެއްދުވަހެވެ. އާދައިގެ މަތީން އަހަރެން ޤްރްޢާން ކިޔަވަން އިންދާ މާހީ ކޮއްކޮ ގުޅަންފެށިއެވެ. އަހަރެން ގަޑިބަލާލީމެވެ. ރާއްޖޭގަޑިން މެންދަންކަން އިނގުމުން އަހަރެން ހާސްވިއެވެ،އެގަޑީގައި ގުޅާނީ ކޮންމެވެސް ކަމެއް ވީމައެވެ، އަހަރެން ފޯނަށް ބަލަން އިނދެ ދުއާ ކޮއްލީ ހުދާގެ ޙާލު ރަނގަޅު ވުމަށެވެ.
” ނުވާނެ އެހެނެއް.. ހުދާ ދެން މިގަޑީގަ ކާކަށް ގުޅާނީ ؟ ވެދާނެ އެއްނު މަންމަ މެން މަތިން މާ ބޮޑަށް ހަނދާންވީމަ ގެއަށް ގުޅާލީ ކަމަށްވެސް”
އަހަރެންގެ ކޮއްކޮގެ ދުލުން އެފަދަ ބަސްތަކެއް އިވުމުން އަހަރެން ހާސްވިއެވެ، އެހެން މީހަކު ބުނި ނަމަވެސް އަހަރެން ޖެހިލުމެއް ނުވީހެވެ، އެހެނަސް ކޮއްކޮ އަބަދުވެސް އަހަރެން ދެކެ ލޯބިވާނެއެވެ، އަދި އަހަރެންގެ ކޮންމެ އުފަލެއް އަދި ހިތާމައެއްގައި ބައިވެރިވާނެއެވެ،
ކޮއްކޮ ގުޅާފައި ބުނީ ހުދާ މިހާރަކަށް އައިސް ކޮންމެ ރެޔަކުވެސް ދަންވަރު ފޯނެއްގައި އޮންނާތީ ގުޅައިގެން އޮންނަނީ ދޮންބެއަށްތޯ ބަލާލީ ކަމުގައެވެ. އަދި ހުދާ ބޭނުން ކުރާ ލޯބީގެ ބަސްބަހަކީވެސް ހިލޭ ފިރެހެނަކާ ވާހަކަ ދައްކާއިރު ބޭނުންކުރަން ހެޔޮވާނެ ބަސްބަހެއް ނޫންކަމުގައިވެސް ކޮއްކޮ ބުނެދިނެވެ. އަހަރެން ކޮއްކޮއަށްވެސް އިތުބާރުކުރަމެވެ. އެއްބަނޑު މީހަކަށް ދެރައެއް ދިނުމަށް ބޭނުމެއް ނުވާނެކަން އެނގޭތީއެވެ.އެހެނަސް އަނބިމީހާއަށްވެސް އިތުބާރު ކުރަމެވެ. އޭރު އަހަރެން އެނބުރި ރާއްޖެ އަންނަން ވަރަށް ގާތްވެފައި ވާތީ އެކަންތައް މިކޮޅަށް އައިސް ބަލާނީ ކަމުގައި ބުނެ އަހަރެން ފޯން ބޭއްވީއެވެ.
އަހަރެން ރާއްޖެ އައުމުން މާހީ އާއި ނިޒާމް އެނބުރި ރަށަށް ދިޔައެވެ. އަހަރެން މާހީ ދެއްކި ވާހަކަ އާއި ބެހޭގޮތުން ހުދާ އާއި ސުވާލުކުރީމެވެ. ވަރަށް އަހައިގެން ހުދާގެ ދުލުން އަހަރެން ހުރިހާ ކަމެއް އޮޅުން ފިލުވީމެވެ،
” އޭރު އަހަރެން ގުޅާ ކޮންމެ ފަހަރަކު އަހަރެން ދެކެ ރުޅި އަންނަމެއްނު.. އެހެންވެ އަހަރެން އެކަމާ ކެތް ނުވެގެން އޭނަ އާއި ވާހަކަ ދެއްކުނީ..”
ހުދާ އިސްޖަހައިގެން ހުރެ ބުނެލިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަހަރެން އެއްޗެކޭ ބުނެގެން އެހެން ފިރެހެނަކަށް ގުޅައިގެން އެކަން ޝެއަރ ކުރުމަކީ އަނބިމީހާ ކުރުން އެންމެ ރަނގަޅު ކަންތައްބާއޭ ހިތައް އެރިއެވެ، އަހަރެން ކިތަންމެ ލޯބިން އުޅުނަސް ބައެއް ފަހަރު ހުދާވެސް އަހަރެން އިގްނޯރ ކުރެއެވެ، އަހަރެންނާއި މެދު ފަރުވާކުޑަ ކުރެއެވެ. އެހެނަސް އެއީ އަހަރެން އަޅާލާ ކަންކަމެއް ނޫނެވެ، އެހެނަސް ހުދާ އަހަންނަށް ބޭނުންވާ ވަގުތު ތަކުގައި އަހަރެން ހުދާއަށް އަބަދުވެސް ވަގުތު ދީ ހަދަމެވެ. އަހަރެންނަށް ހުދާގެ މިސްޓޭކްތައް ފެނުނަސް އެވާހަކަތައް އެއްވެސް މީހަކު ގާތު ނުދައްކަމެވެ. އަނބިމީހާގެ ވާހަކަ އެހެން މީހުންގާތު ދެއްކުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނެވެ. ދެމަފިރިންގެ އުޅުމާއި ގުޅުން އަދި ޖެހޭ މައްސަލަތައް އޮންނަންވާނީ ދެމީހުންގެ މެދުގައެވެ.އެހެނަސް ހުދާ މިޔަދު އެ ކަންތައް ކުރީ އަހަރެން ހިތްހަމަ ޖެހޭ ގޮތަކަށް ނޫނެވެ.
” ހުދާ ހުދާ ހުދާ!!! ޕްލީޒް މި ބުނާއެއްޗެއް އަންޑަސްޓޭންޑްވެބަލަ..އަހަރެން ރުޅި އައީމަ އެވާހަކަ ތިފާހަގަ ކުރަނީ…!؟ އަހަރެން ހުދާއަށް ގުޅަނީ ލޯބިން ވާހަކަ ދައްކާލަން.. ހުދާގެ ޙާލުބަލާ އުފާކޮއްދޭންވެގެން…އަހަރެން ގުޅާ ކޮންމެ ފަހަރަކު، ގޭތެރޭގެ މައްސަލަގަނޑުގެ ވާހަކަ.. މާހީ އެހެންނޭ.. މާހީ މިހެންނޭ… އަހަރެން ހިތައް އަރާނެ އެއްޗަކާ މެދު ވިސްނައެއް ނުލަންތަ؟ ކޮއްކޮ އައިސް ހުރީ ހުދާއަށް އަޅާލަން .ހުދާއަށް ކައްކާފަ ކާންދޭން.. އޭނައާއި މައްސަލަ ނުޖެހި އޭނައަށް ރަނގަޅުވެގެން އުޅުމެއްނު، މީގެ ރަނގަޅު ގޮތަކީ.. ހުދާތީ ބޮޑުމީހާ.. ހުދާއެއްނު މައްސަލަ ހައްލު ކުރާނީވެސް..”
އަހަރެން ވިސްނައިދޭން އުޅުނީމެވެ،
” ތި އައީނު ރުޅި.. އަހަންނަށް އެނގެޔޭ މާހީ ކުޓުވާލީކަން.. އޭނަ ދައްކާ ވާހަކަ ކަން ގަބޫލު ކުރާނީ.. ”
ހުދާ އަހަންނަށް ލޯއަޅާލިއެވެ. އަހަރެން ތެދުވީމެވެ.
” މީ ރުޅި އައުން ކަމަށް ވަންޏާ އަހަރެން ކިހިނެތް ހުދާއަށް ވިސްނައިދޭނީ..؟ ދިރިއުޅުމުގަ މައްސަލަވެސް ޖެހޭނެ.. ހައްލު ކުރެވޭނީ ވާހަކަ ދައްކައިގެން.. ރުޅި ނައިސްބަލަ..އަހަރެން އެ ހުރިހާ ދުވަހު ދުރުގަ ހުރެފަ މިއައީ.. އަހަރެން ބޭނުން ހުދާ އަބަދުވެސް ހިނިތުންވެފަ ހުންނަ ގޮތަށް މިހާރު ވެސް ހިނިތުންވާން.. އަހަރެން ބޭނުން މައްސަލަ ޙައްލުކުރަން.. ޤަބޫލު ކުރަމޭ އަންހެން ކުދީންގެ އާދައެއްކަން ކަމެއް ވާއިރަށް އެހެން މީހެއްގާތު ބުނެލާނެ.. އޭރުންނޭ ތިކުދީންގެ ހިތަށް ހަމަޖެހުމެއްވެސް ލިބޭނީ ދޯ.. އޯކޭނު.. ދެން އެ ނިމުނީނު ދޯ.. ”
އަހަރެން ހުދާ ކައިރި ކޮއްލީމެވެ. އިތުރަށް ހުދާ ރުޅި އަރުވަން ބޭނުން ނުވާތީއެވެ،
އަހަރެން ލޯބިން ވާހަކަ ދެއްކުމުންވެސް ހުދާ މައިތިރި ވާ ގޮތެއް ނުވެއެވެ. އަހަރެން ރުޅިއައީ ދެނެވެ،
” ގެނޭ އެ ގުޅި މީހެއްގެ ނަންބަރު..އަހަރެން ބޭނުން އޭނަ އާއި ވާހަކަ ދައްކަން..”
އަހަރެން އެހެން ބުނުމާއި އެކު ހުދާ އަނދައިގަތެވެ. އެނަންބަރު ދޭން ފަސްޖެހުނެވެ. އަހަރެން އިތުރަށް ރުޅިގަދަވުމުން ފޯނުގައި އިން އޭނާގެ ނަންބަރު ދިނެވެ. އަހަރެންގެ ފޯނުގައި އެ ނަންބަރު ޖަހައިގެން ބާރުމިނުގައި ބޭރަށް ނުކުތީމެވެ.
އެނބުރި ގެއަށް ވަތްއިރު ހުދާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ފެންކަޅިވެފައިވާ ލޮލަކުން އަހަރެން ހުދާއަށް ބެލީމެވެ.އެއީ އަހަރެން ހިތާއި ފުރާނަޔާ އެއްވަރަށް ލޯބިވި ހުދާބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. އަހަރެން ބަލަމުން ދާތީ ހުދާ ނުތަނަވަސްވެފައި ހުރެ އިސްޖެހިއެވެ. މީހަކަށް ދަންވަރުގަޑީގަ ގުޅިޔޭ ބުންޏަސް ، ހުދާ ދައްކާފަ ހުރި ވާހަކަތަކުން އަހަރެން ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ފިރެހެނުން ހިތްވަރުގަދަ ވާނެޔޭ މީހުން އަބަދުވެސް ބުނެއެވެ. ކުޅެން އުޅޭ އިރު އަހަރެން ވެއްޓި ރޯންފެށިޔަސް މަންމަ އަހަރެން އުރާލައިގެން ނުގެންދާނެއެވެ.އެހެނަސް މާހީކޮއްކޮ ރޯލާ ކޮންމެ ފަހަރަކު ކޮއްކޮގެ އެތަން މިތަން ބަލާ އަނިޔާއެއް ވެއްޖެ ނަމަ މަންމަ ވަރަށް ހާސްވާނެއެވެ. ފިރެހެން ކުދިން ވަރަށް ބާރުގަދަ ވާނެޔޭ މަންމަމެން އަހަރެން ގާތު ބުނެ އަހަރެން މައިތިރި ކޮއްލާނެއެވެ. އެހެނަސް ބުނަން ހެއްޔެވެ؟ މީހެއްގެ ހަށިގަނޑުގައިވާ ހިތަކީ ވަކި ޖިންސެއްގެ އެއްޗެއް ބާވައެވެ؟ އަހަރެންގެ މޭގައިވެސް މިވަނީ ހިތެކެވެ. އަހަރެންނަށް ކެތްކުރަން އުނދަގޫވިއެވެ.
” އަހަރެން ހަރަދު ނުކުރާ ވާހަކަ.. ރުޅިގަދަ ވާހަކަ.. އަޅާނުލާ ވާހަކަ..ލޯބި ނުވާ ވާހަކަ.. އަދި އެވަރު ނުވެގެން އަހަރެމެން ދެމީހުންގެ އެ ގުޅުމުގެ ވާހަކަ .. ހުދާތަ ހަމަ ދެއްކީ ؟”
އެ ސުވާލާއި އެކު ހުދާ ރޯންފެށިއެވެ.
” އަހަރެން ހަރަދެއް ނުކުރޭތަ؟ އަހަރެން ހުދާއަށް އެއްޗެހި ކިޔާތަ؟ އަޅައެއް ނުލާތަ؟އަނިޔާކުރޭތަ؟ ”
އަހަރެން ކުރާ ކޮންމެ ސުވާލަކާއި އެކު ހުދާ އަހަންނާ ގާތްވަމުން އާދެއެވެ. އަހަރެންގެ ޓީޝާޓުގައި ހިފައިން އަހަރެންގެ މޭގައި މޫނުޖައްސާލަމުން އޭނާ ގިސްލަމުންދެއެވެ.
” މަގޭ މަންމަ ،،ދަރިންނާއި އެކު އެ އުޅެނީ ރަށުގަ އެކަނިމާ އެކަނި… މަގޭ މަންމަ އަޅާވެސް ލާނެ..އޯގާތެރިވެސް ވާނެ.. ހުދާ މަންމަ އާއި އެއް ފެންވަރަށް ހުދާބަލާނެ.. އަހަރެމެންވެސް އުޅުނީ އެ މަންމަ ގާތު އެހާ އުފަލުން..މަ ބޭނުމެއް ނުވާނެތަ އެތަނަށް ފޮނުވާކަށް.. މާލޭގަ ތަންތަން ހިފާފަ ހުދާ މިތާ ބެހެއްޓުން އެއީ ކުޑަ ހަރަދެއްތަ؟ ﷲގެ މަގުގައި ހުރުމަށް އުމުރާވުމަށް މި ދިޔައީ ދުރުރަށެއްގައި ހުރި އަންހެން ކޮއްކޮ މިތަނަށް ގެނެސް… އަދިވެސް އަހަންނަށް އަޅާނުލެވެނީތަ؟”
އަހަރެންގެ ވާހަކަތަކުން ހުދާ ރޯވަރު ބަލަން އަހަރެންނަށް ކެތެއްވެސް ނުވިއެވެ.
” އަހަންނަށް މަޢާފްކުރޭ.. ދެން އަހަރެން…. އެފަދަ ކަމެއް ނުކުރާނަން.. މުއާ ދެރައެއް ނުކުރާނަން..”
އޭނާ އެވަރަށް ރޯތީ އަހަރެން ވެސް ދެރަވެއްޖެއެވެ. އެހެން ނޫޅޭނެކަމަށް ބުނެ އޭނާ ވަޢުދުވުމުން އަހަރެން ހުދާއަށް މަޢާފްކުރީމެވެ. އަހަރެންނަށް ކުރި އަސަރާ ވީދެރަ ބުނެދިނީމެވެ. ފުރަތަމަ ފަހަރަށް ވެސް ހުދާގެ ކިބައިން އެފަދަ ޢަމަލެއް ހިނގީތީ އަހަރެން ހިތާމަ ކުރީމެވެ. ހުދާ އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް އަހަރެންނަށް ކެތްވެދާނެއެވެ. އެކަމަކު އެހެން ފިރެހެނެއްގެ ކަމެއްގައި އަހަރެންގެ ހިތް ކެތްތެރިއެއް ނުވާނެއެވެ. އެހެނަސް މަޢާފް ކުރުމަށްފަހު އަނެއްކާވެސް ދިރިއުޅުން ބާއްޖަވެރިކުރުމަށް މަސައްކަތް ކުރީމެވެ.
ހުދާ ބޭނުންވީ ހުދާގެ މަންމަވެސް މާލެ ގެނައުމަށެވެ. ވިހަން ދެތިން މަސް އޮތުމާއި އެކު އަހަރެންވެސް ހުދާގެ ނިންމުމަށް ތާޢީދު ކުރީމެވެ. އެހެނަސް އަނެއްކާވެސް އެއަށްވުރެން ބޮޑުތަނެއް ހިފަން ޖެހުނެވެ.އެއްފަހަރާ އަތުން ރުފިޔާތަކެއް އޮހިގަތެވެ. ބޮޑުތަނެއް ހިފުމަށްފަހު ހުދާގެ މަންމަ ގެނެސްދިނީމެވެ. ހުދާއަށާއި އޭނާގެ އާއިލާއަށް ލިބޭ އުފަލަކީ އަހަންނަށްވެސް ލިބޭ އުފަލެކެވެ. އަހަރެން ބޮޑު ތަނެއް ހިފުމަށްފަހު މާހީ އާއި ނިޒާމްއަށް މިކޮޅަށް ބަދަލުވާން އެދުނީމެވެ، އެހެނަސް ނިޒާމް ވަގުތުން ދެކޮޅު ހެދިއެވެ. އޭނާ އެއްވެސް ވަރަކަށް އަންނަ ބޭނުން ނުވާކަން އެނގުނެވެ.އަހަރެން ނިންމީ އެއީ ހުދާ އާއި މާހީ މައްސަލަޖެހޭތީ އޭނާ ނިންމި ގޮތެއް ކަމަށެވެ. އެހެން ކަމުން އަހަރެން އެކަމާ އަޅައެއްވެސް ނުލަމެވެ.
އަހަރެންގެ ގާތް ރަހްމަތްތެރިންގާތު ، ހުދާގެ ރަނގަޅުވާހަކަ އޭގެ ފަހުންވެސް އަހަރެން ދެއްކީމެވެ. ހުދާދެކެ ލޯބިވާ ވާހަކަވެސް ދައްކަމެވެ. އަދި ދަރިޔަކު ލިބެން އުޅޭތީ އެ އުފާވެސް އެކުވެރިންނާ ހިއްސާކުރަމެވެ. އަހަރެންނަކީ ހުރިހާ އެންމެންނާވެސް ގުޅޭ މީހެއްކަމުން އެކުވެރިން އަހަރެންނަށް ވަރަށް އޯގާތެރިވެދެއެވެ. އެއީ އަހަރެންނަށް ކޮންމެ ކަމެއް މެދުވެރިވާ ހިނދުވެސް އެންމެ ގާތުގައި ތިބޭ މީހުންނެވެ،
ޖީބުގައި އޮތް އަހަރެންގެ ފޯނު ރިންގްވާން ފެށުމުން ބަލާލީމެވެ. ގުޅަނީ ނިޒާމްއެވެ. އަހަރެން ވަރަށް ހަމަޖެހިލާފައި ވާހަކަ ދައްކަން ފެށީމެވެ.
” ދޮންބޭ.. އަހަރެން…. އަހަރެން ބުނަން މިއުޅޭ ވާހަކަ ބުނުމުން ދޮންބެ އެއްވެސް މީހަކު ދެކެ ރުޅި ނާންނައްޗޭ،،،:
ނިޒާމް ހުރީ ފުދޭވަރަކަށް ދެރަވެފައިކަމުން އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ.
” ކޮން އެންމެންނެއް ؟ ”
އަހަރެން ކުރީ ކުރު ސުވާލެކެވެ،
” އަހަރެންދެކެވެސް….. މާހީ ދެކެވެސް….. އަދި… އަދި ހުދާ ދެކެވެސް…. ”
އޭނާ ލަސް ލަހުން ބުނެލިއެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. ހުދާގެ ނަން ބުނުމުންނެވެ.
” ހުދާ އޭ؟ ކިހިނެތްވީ ؟ ސާފުކޮށް ބުނެބަލަ..”
އަހަރެން އަވަހަށް އެހެން ބުނުމުން ނިޒާމް ވާހަކަ ދައްކަން ފެށިއެވެ،
” އޭރު ދޮންބެ ހުރީ އުމުރާއަށް ގޮސް….” އޭނާ ވާޙަކަ ކުރިއަށް ގެންދިޔައެވެ،
އުމުރާގެ މާތް އަޅުކަމާއިގެން މުއާޒްވީ މަދީނާއަށް ގޮހެވެ. އޭރު އޭނާގެ އަންހެނުން އިނީ އޭނާގެ ދަރިއަކަށް ބަލިއެވެ. ބަނޑަށް ހަމަހެވެ. އޭރު ހުދާ އާއި މުއާޒް އުޅުނީ އެއް ކޮޓަރީގެ ތަނެއްގައި ކަމުން މުއާޒް ދިޔުމުން އެ ކޮޓަރީގައި މާހީ އާއި ނިޒާމްވެސް އުޅެއެވެ.
ޑިޔުޓީ ނިންމާލުމަށްފަހު ހުދާ ގެއަށް އައެވެ. އޭރު މެންދުރު ނަމާދުކޮށް އަވަދިވެގެން މުއާޒްގެ ކޮއްކޮ މާހީ އުޅެނީ ބަދިގޭގައެވެ. ރޯދަވިއްލަން ވާއިރަށް ކާއެއްޗެއް ހެދޭތޯއެވެ، ހުދާ ކޮޓަރިއަށް ވަތް އިރު މާހީގެ ފިރިމީހާ ނިޒާމް އޮތީ ނިދާފައެވެ. ކަތި ނަޒަރަކުން ހުދާ ނިޒާމްއަށް ބަލާލިއެވެ.ހަމައެކަނި ސޯޓެއް ލައިގެން ނިދާފައި އޮތް ނިޒާމްގެ ހަށިގަނޑު ފެނި ހުދާއަށް ވިހަ ގޮތަކަށް ހިނިތުންވެވުނެވެ. އޭނާ ފެންވެރުމަށް ފާހާނާއަށްވަނެވެ،އެއްޗެހި ބޭލުމާއި އެކު ހުދާގެ ވަހުޝީ އެދުންތައް ގައިގައި ދުވަންފެށިއެވެ، މިއީ ރަމަޟާން މަސްކަންވެސް އޭނާ ހަނދާން ނެތުނެވެ. ކޮޓަރީގައި ނިދާފައި އެ އޮތީ އޭނާގެ ފިރިމީހާނޫންކަންވެސް އޭނާއަށް ނޭނގުނެވެ. އަވަސް އަވަހަށް ފާހާނާއިން ނުކުތެވެ. އަދި އަވަސް އަވަހަށް ގޮސް އަރާމު ނިންޖަކުން ނިދާފައި އޮތް ނިޒާމްގެ ގާތު އޮށޯވެލިއެވެ. ނިދިފައި އޮތް ނިޒާމްއަށް މީހެއްގެ އިހުސާސްވުމުން މާހީކަމުގައި ހީކުރެވުނެވެ،އޭނާއަށް ވަގުތުން ދެލޯ ހުޅުވާލެވުނީ މިއީ ރަމަޟާންމަސްކަން ހަނދުމަ ވުމާއި އެކުއެވެ. ފުންމައިގެން އޭނާ ތެދުވެ ރުޅިވެރި ލޮލަކާއި އެކު ހުދާއަށް ފުރަގަސްދިނެވެ. ފޭރާމެއްނެތި ބަނޑުބޮޑު ޙާލުގައި ހުދާ އެހުރީ އޭނާގެ ކުރިމަތީގައެވެ. ނިޒާމް ތުރުތުރުއަޅަންފެށިއެވެ. ޚުދު ނިޒާމް ބިރުވެސް ގަތެވެ. އެފަދަ ވިޔާނުދާ ހަޑިމުޑުދާރު ޢަމަލެއް ހުދާ ކޮއްފާނެ ކަމާއި މެދު އޭނާ ހިއެއް ނުކުރެއެވެ.
” ކިހިނެތް ވެގެން ތިއުޅެނީ ؟ ”
ނިޒާމް މަޑުން ބުނީ މާހީއަށް އިވިދާނެތީއެވެ،
” ޕްލީޒް އަހަންނަށް… ކޮށްދީ… ޕްލީޒް.. އަހަރެންނަށް ދެނެއް ކެތެއް ނުވާނެ ނިޒާމް ”
ނިޒާމްގެ ސިކުނޑިވެސް ބޮލާއި ވަކިވީކަމުގައި އޭނާއަށް ހީކުރެވުނެވެ، އެކައްޗެއްވެސް އޭނާއަކަށް ނުވިސްނުނެވެ،
” ޖަސްޓް… ޖަސްޓް ޝަޓްއަޕް… އަހަރެން ނޫޅެން ތި ފާފައަށް އަރައިގަންނާކަށް.. ” ރުޅިއައިސް ދަތްތައް ބާރުކޮއްގެން ހުރެ ނިޒާމް ބުނެލިއެވެ، އޭނާ އިތުރަށް ހުދާއަށް ވިސްނައިދޭކަށް މަސައްކަތެއް ނުކުރެއެވެ.އޭނާ އެތަނުން ނުކުތީއެވެ،
ނިޒާމް ހުރިހާ އެއްޗެއް ތެދު ތެދަށް ކިޔާދިން އިރު އަހަރެންނަށް ހީކުރެވުނީ ފުރާނައިގައި އަލިފާން ހިފާފައިވާކަމަށެވެ. އަހަރެން ދިރިހުރިކަންވެސް ހަނދާންނެތެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާއި އެކު އަހަރެންގެ ދޫ ހަރަކާތްކޮއްލިއެވެ.
” ތީ… ތެދުކަން ސާބިތު ކޮއްދީ.. އެއީ މަގޭ އަނބިމީހާކަން ….ނިޒާމްއަށް އެނގޭތަ ؟ އަހަރެންގެ އަނބިމީހާ އާއި ބެހޭގޮތުން ތި ދެއްކެނީ ކިހާވަރެއްގެ ވާހަކައެއްކަން އެނގޭތަ؟ ”
އަހަރެންގެ ހިތް އެވާހަކަތައް ގަބޫލެއް ނުކުރެއެވެ، ހިތަކީ ލޯތްބަށް ގޮސް ހުސްވެފައިވާ އެއްޗެކެވެ. ހިތެއް ދުވަހަކުވެސް ” ލޯބި ” ކުއްވެރިއެއް ނުކުރާނެއެވެ. އެހެނަސް ސިކުނޑިއަށް ވިސްނެއެވެ. އެމީހުން އަހަރެންނަށް ދެރަގޮތެއް ނުހަދާނެއެވެ، އަހަރެން ދެރަވާ ބަހެއް ނުބުނާނެއެވެ. އެވަރުގެ ބޮޑުކަމެއް ދޮގު ހަދައިގެންނެއް ނުދައްކާނެއެވެ،،
” އަހަރެން މި ހަދަނީ ތެދޭ ދޮންބޭ… އަހަރެންގެ… މާހީ އެއީ އަހަރެންގެ ޙަލާލު އަތްބެއް ނޫން މިހަދީ ދޮގުކަމަށް ވާނަމަ… ”
އެވަރުން އަހަންނަށް ފުދުނެވެ،
” ދެން ކީއްވެ މިހާ ދުވަސް ވީ އިރުވެސް….. ސިއްރު ކުރީ؟ ނިޒާމް .. އެއްވެސް ކަމެއް ކުރިންތަ؟” އަހަރެން ވަރަށް އުނދަގުލުން އެހީމެވެ.
” ނޫން.. އަހަރެން މި ކިޔާދިނީ ތެދަށް،، އަހަރެން އޭނަ އާއި ދުރަށް ދިޔައިން.. ކިޔާ ނުދިނީ ބިރުން.. ދިރިއުޅުން ގެއްލި ދާނެތީ ބިރުން.. ލިބެން އުޅޭ ދަރިފުޅު ބިކަވެދާނެތީ ބިރުން.. އަހަރެން މާހީއަށްވެސް މި ކިޔާދިނީ އަދިކިރިޔާ.. ކޮންމެ ގޮތެއް ވިޔަސް މާހީ ބޭނުމެއް ނުވި ދޮންބެއަށް ކިޔާނުދީ ހުންނާކަށް. އަނދިރީގެ ތެރޭ ބަހައްޓާކަށް..”
އަހަރެން ހުރީ ދެލޯމަރައިންނެވެ. ދުނިޔޭގެ އަލިކަން ދެކެން ފޫހިވެފައެވެ. ދުނިޔޭގެ ކެހިވެރިކަމުންނެވެ،އެހެނަސް މިއީ އިމްތިހާނެކޭ ހީކޮށް އަހަރެން ފުންނޭވާއެއް ދޫކޮއްލީމެވެ.
ކޮޓަރިއަށް ވަތް އިރު އެނދުގައި ހަމަޖެހިލައިގެން އޮތް ހުދާ ފެނުނެވެ. އޭނާ ފެނުމާއި އެކު އަހަންނަށް ރޮވުނެވެ. ހުދާގެ ސޫރަ ދެކެން ލަދުގަތެވެ. އެވަރުގެ އަންހެނަކު އެއީ މަގޭ އަތްބެކޭ ބުނަން ދެރަވެއެވެ،އަހަރެން ފެނުމާއި އެކު ހުދާ ތެދުވިއެވެ،
” ނިޒާމް އެބުނީ ތެދެއްތަ ؟’
އަހަރެންގެ ސުވާލާއި އެކު ހުދާ އަހަންނަށް ފުރަގަސް ދިނެވެ. އަހަރެން އެރީ އޭނާގެ ކުރިމައްޗަށެވެ،.
” ކީކޭ ބުނީ ؟ ” ހުދާ އޮޅުވާލަން މަސައްކަތް ކުރާކަން އަހަރެންނަށް އޭނާގެ މޫނުމަތިން ހެކިދެއެވެ،
” ހުދާއަށް އެނގޭނެ.. ”
އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. އޭރު އޭނާގެ މަންމަ ފެންނާކަށް ނެތެވެ،.
” އޭނަ ކީކޭ ކިޔައިގެން ތިއުޅެނީ.. ”
ހުދާ އުޅުނީ އަމިއްލައަށް ދިފާޢު ވާށެވެ،
” އެއީ ތެދެއްތަ ؟ ” އަހަރެން ސީދާ ސުވާލު އަމާޒުކުރީމެވެ، އޭނާ އަނެއްކާވެސް އެހީ ކޯއްޗެއް ހެއްޔޭ އެވެ. އަހަރެންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ،
” އަހަރެން ރަށުގަ ނެތީސް ނިޒާމްގެ ގަޔަށް އެރީމެއްނޫންހޭ މިއަހަނީ ؟ ”
އަހަރެން ހުދާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތީމެވެ.ސާފުކޮށް އެހީމެވެ. އޭނާ ދެލޯ މަރާލިއެވެ. އޭނާ އެރޮނީ ދެރަވެގެންނެއް ނޫނެވެ. ބިރުންނެވެ. ލަދުންނެވެ. ބޭޒާރު ވެދާނެތީއެވެ، ފަޟީޙަތްވެދާނެތީއެވެ. ދުނިޔެ އޭނާއަށް މަލާމާތްކުރާނެތީއެވެ. އެއީ އަހަރެން ދެކޭގޮތެވެ. އަހަރެންދެކެ ލޯބިވާ ނަމަ އެހެން އުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
އަހަރެން ހުދާގެ ދުލުން ހުރިހާ ހަޤީޤަތެއް ކިޔާދިނުމަށް އެދުނީމެވެ. ހުދާގެ ބަހެއް ނުލިބުމުން އަހަރެން ނިޒާމްއަށް ގުޅީމެވެ. ހުދާ އެއްބަސްވީ ދެނެވެ. އަހަރެންގެ ލޭ ހޫނުވިއެވެ. ހުދާ އަހަންނަށް ހުރިހާއެއްޗެއް ކިޔައިދޭން ފެށިއެވެ. އެއީ އަހަރެން މަޖުބޫރު ކުރުވީމައެވެ. ހުދާގެ ކޮންމެ ޖުމުލައަކުން ފިއްސަމުންދިޔައީ އަހަރެންގެ ހިތެވެ. ފުނޑުފުނޑުވެގެން ދަނީ އަހަރެން ހުދާ ދެކެވީ ލޯތްބެވެ.ހުދާގެ ލަދުވެތި ޖުމުލަތައް އަހާ ނިމުނު އިރު އަހަރެންގެ ސިކުނޑިވަނީ ރޯވާންފަށާފައެވެ. ރަތްވެފައިވާ ދެލޮލުން އަހަރެން ކަރުނަ ފޮހެލީމެވެ. އަދި ހުދާގެ ގާތަށް ޖެހިލީމެވެ. މަޑުމަޑުން ހުދާގެ ބަނޑުގައި އެއް އަތުގެ އިނގިލިތަކުގެ ކުރި ޖައްސާލީމެވެ.
” މީ ކާކު ދަރިއެއް؟ ” އަހަރެން އެހެން އެހުމުން ހުދާގެ ދެލޯ ބޮޑުވިއެވެ، އޭނާ ތުންފަތުގައި އަތްޖައްސާލިއެވެ.
” މީ މުއާގެ ދަރިއެއް.. އެކަމަށް ޝައްކު ނުކުރޭ…އަހަރެމެންގެ މި ދަރިފުޅަށްވެސް ޝައްކު ކުރަނީތަ؟”
ރޮވިފައި އޭނާ އެހެން ބުނުމުން އަހަރެން ހަޅޭއްލަވައިގަތީމެވެ،
” ކީއްވެ ޝައްކު ނުކުރާންވީ ؟ ކީއްވެ ނުކުރާންވީ ؟ އެ މާތް މައްސަރުގަ ،އަހަރެން އެފަދަ މާތް އަޅުކަމެއްކުރަން ގޮސް ހުއްޓަ ، އޮރިޔާން ޙާލު، ފިރެހެނެއްގެ ގަޔަށް އަރަން ދިމާކުރި އަންހެނަކު ، ފިރިމީހާއަށް އިއްފަތްތެރިވެދާނެކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.. ކޮން އުފަލެއް ނުދޭތީ..؟ ބުނެބަލަ ހުދާ! އެންމެ މަހަކަށްވެސް ކެތް ނުވީތަ.؟ އަހަރެން ރެޔާ ދުވާލު…. ހުރިހާ ވަގުތެއްގަ، މި ދަރިފުޅަށާ އަހަރެމެންގެ މި ދިރިއުޅުން ބާއްޖަވެރި ކުރުމަށް ﷲގެ ހަޟްރަތުގަ ދުޢާކުރަމުން ދިޔައިރު ،ކަލޭ ދުވަމުންދަނީ ހިލޭ ފިރެހެނުން ފަހަތުން.. މީހުންނަށް ގުޅައިގެން އުފާ ޙާސިލްކޮށް އެވަރު ނުވެގެން…….. އެވެސް މަގޭ ކޮއްކޮގެ ފިރިމީހާ…އަހަރެން ދުރުގަ ހުރީމަ ކަލެއަށް އުނިވި އުފާތައް މަށަށްވެސް އުނިވިއޭ އެ ދުވަސްތަކުގަ.. އެކަމަކު އަހަރެން ތި ނޫން އަންހެނެއް ބޭނުމެއް ނުވޭ.. އެގޮތަށް ހައްސަ އަހަރުވެސް މަށަށް ހުރެވިދާނެ އިއްފަތްތެރިކަމާއެކު، ”
އަހަރެން ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާލީމެވެ. އޭނާ ހުރީ މޫނުގައި އަތްއަޅައިގެންނެވެ،
” އަހަރެން ކޮންކަމެއް ނުކޮއްދީގެން…؟ ދުލުން ބުނެލާ ކޮންމެ އެއްޗެއް ހޯދަދޭން މި މަސައްކަތް ކުރަނީ ؟ ލޯތްބާއި އަޅާލުން ދިނިން..ހުދާގެ ފަރާތުން ފުރަތަމަ ފެނުނު ކުށަށްވެސް އަހަރެން މަޢާފްކުރިން.. އެކަމަކު ދެން މީ އަހަންނަށް މަޢާފް ދެވޭ ވަރުގެ ކުށެއްނޫން… އަހަރެން ތި ސޫރައަށްވެސް ނަފްރަތު ކުރަން،..”
އަހަރެން ހުދާއަށް ފުރަގަސްދިނީމެވެ،
ކިޔަން ހުރި އެއްޗެހި އަދިވެސް އެބަހުއްޓެވެ. ޝަކުވާތައް ބައިވަރެވެ. ބައެއް އަންހެނުން އެފަދަ ގޮތްގޮތަށް އުޅެދާނެއެވެ.އެހެނަސް އަހަރެންގެ އަނބިމީހާ އެފަދަ ގޮތަކަށް އުޅުން އެއީ ދުނިޔެވެސް މަލާމާތްކުރާ ކަމެކެވެ. އަހަރެން އޭނާއަށް ފުރިހަމައަށް ފިރިއެއްގެ ހުރިހާ އަޅާލުމެއް ދިނީމެވެ. ލޯތްބޭ މިކިޔާ ލަފްޒުގެ ނިވަލުގައިވާ ހުރިހާ އެއްޗެއް ދިނީމެވެ.
” ކައިވެނި ކުރުމަށް ހުދާގެ އާއިލާގެ މީހުންގެ ރުހުން ހޯދުމަށް އަހަރެން އުޅުނު ޙާލު ހުދާއަށް އެނގޭނެ.. ކައިވެނި ވީ ވަގުތުން ފެށިގެން ކެނޑި ނޭޅީ އާއިލާގެ މީހުންނާ ، ރަހުމަތްތެރިންގެ ފަރާތުން މި ޙަޔާތް މި ކައިވެނި ބާޢްޖަވެރި ކުރުމަށް ބުނަމުން ދިޔަ ބަސްކޮޅުތައް ތިޔަ ހެދީ އަގެއް ނެތް އެއްޗަކަށް… މިއީ އަހަރެން ދެކެން ބޭނުންވި ދުވަހެއް ނޫން.. ”
ހުދާ އައިސް އަހަރެންގެ ބުރަކަށީގައި ބައްދައިގަތެވެ،
” ތި މުޑުދާރު އަތުން އަހަރެން ގައިގަ އަތްނުލާ…އަހަންނާ ދުރަށްދޭ.. ”
އަހަރެން އެހެން ބުނީ ބުނަން ބޭނުންވެގެނެއް ނޫނެވެ. މިޔަދު އަހަރެންނަށް ހުދާ ބަލައި ގަނެވިދާނެހެއްޔެވެ؟ އެފަދަ މުޑުދާރު ގޮތެއްނެތް ޢަމަލެއް ކޮއްފަ ހުރި މީހަކު ޤަބޫލު ކުރެވިދާނެ ހެއްޔެވެ؟
” އަހަރެން ހުދާ ވިހަން ދެން ހުދާއަށް އަޅާލާނަން .. ކެއަރވެސް ކުރާނަން.. އެކަމު… ވިހެއުމަށްފަހު އަހަރެން ހުދާ މިނިވަން ކުރާނަން… އަހަރެންނަކަށް ހުދާ ބަލައެއް ނުގަނެވޭނެ…”
ހުދާ މަޑުމަޑުން ދެލޯ ފުހެލިއެވެ.
” އަހަރެންގާތު ހުދާ ވަރި ނުކޮށް އަދިވެސް އަތްބެއްގެ ގޮތުގަ މި ބައިންދަނީ އަހަރެންގެ ހިތް އެކަމަށް ބޭނުންވެގެންނެއް ނޫން.. މި ދަރިފުޅަކީ މަގޭ ދަރިއެއްކަމަށް ދެކިގެން.. ހުދާ އިން ޙާލުން އަހަރެން ބޭނުން ނުވަނީ ހުދާ އެއްލާލަން..”
” ތިއުޅެނީ މުއާގެ އާއިލާ މީހުން ބުނެގެން މަށާ ވަކިވާން،. އެމީހުން ދޭތެރެ ޖައްސަނީ..”
ވާހަކަ ބަދަލު ވެއްޖެއެވެ. ރާގު ބަދަލު ވެއްޖެއެވެ. އަހަރެން ހުދާގެ އެއް އަތުގައި ހިފާ ކޮޅަށް ނެގީމެވެ.
” ދެންމެ ހުދާއެއް ނޫންތަ ހުރިހާ އެއްޗެއް ތި ކިޔާދިނީ…އަހަރެން ޤަބޫލު މި ކުރީ ހުދާގެ ދުލުން ކިޔާދިނީމަ އެއް ނޫންތަ؟ ”
އަހަރެން އެހެން ބުނުމުން އޭނާ މައިތިރި ވިއެވެ،
” ވިހާ ދުވަހު އަހަރެން މި ކުއްޖާގެ ޑީ އެން އޭ ހައްދާނަން.. މިއީ އަހަރެންގެ ދަރިއަކަށް ވިއްޔާ އަހަރެން މި ދަރިފުޅަށް ހަރަދު ކުރާނަން.. އަދި މީ އަހަރެންގެ… އަހަރެންގެ ދަރިފުޅަށް ނުވިއްޔާ އެހިސާބުން އަހަރެންގެ އެއްވެސް އެހީއެއް ނޯންނާނެ..”
އަހަރެން އެހެން ބުނި އިރު ދެލޮލުން ފެންތައް ފައިބައެވެ. އަހަރެން ކޮޓަރިން ނުކުމެގެން އައީ ހިތަށް ކެތް ނުވެގެންނެވެ.
އަދިވެސް އަހަރެން މިއުޅެނީ އަނބިމީހާ އާއި އެކުއެވެ. އޭނާ ވިހެއުމަށް ދެން އޮތީ އެންމެ ދެމަހެވެ. އަހަރެން ކެތްތެރިވަމެވެ. އަހަރެން
ދުޢާކުރަނީ ހުދާގެ ބަނޑުގައި އެ އޮތީ އަހަރެންގެ ދަރިއަކަށް ވުމަށެވެ، އަދި އަހަރެންނާއި ވީހާވެސް ބޮޑަށް ވައްތަރު ވުމަށެވެ. އެ ދަރިފުޅު ހެޔޮ ހާލުގަ ވުމަށެވެ. އަހަރެން އޭނާ ވަރިނުކޮށް މި ހުންނަނީ އޭނާ އެދިގެންނެއް ނޫނެވެ. ލިބެން އުޅޭ އަމާނާތަށްޓަކައެވެ.
ދުވަހަކުވެސް މި މަދު ދުވަސްވީ ދިރިއުޅުމުގައި އަހަރެންގެ ކުށެއް އަހަރެންގެ އަނބިމީހާއަކަށް ނުފެންނާނެއެވެ. އެހެނަސް އަހަރެންނަށް އެކަމުން ލިބުނު އުފަލެއް ކޮބާހެއްޔެވެ؟ އަހަރެން އެންމެ ލޯބިވި އަންހެންކުއްޖާ އަހަރެންނަށް ލިބުނެވެ. އެހެނަސް އޭނާ ބީވެދާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. އަހަރެން އަދިވެސް އޭނާ ބޭޒާރެއް ނުކުރަމެވެ. އޭނާއަށް ދެރަގޮތެއް ނަހަދަމެވެ. އޭނާ ހިތްހަމަ ޖައްސައިދެވޭތޯ ބެލިޔަސް ކުރިން ދެކުނު ނަޒަރަކުން ނުދެކެވެއެވެ. އަހަރެންގެ ފަރާތުން އުފަލާ ލޯބި ލިބި ލިބި ހުރެމެ، އެހެން ފިރެހެނުން ބޭނުންވުން އެއީ އަހަރެންގެ ކުށެއް ނޫނެވެ. އަހަރެން ދުރަށް ޖެހެލާ އިރަށް ހިލޭ ފިރެހެނަކާ ވާހަކަ ދައްކާލައިގެން އުފާކޮއްލުން އެއީ އަހަރެންގެ އަތްބެއްގެ ހުންނަންވާނެ ފެންވަރެއް ނޫނެވެ. މީހަކު ދިރިއުޅުމެއް ސަލާމަތް ކުރަންޏާ އަހަރެން މި ދިރިއުޅުން ސަލާމަތްކުރާނެއެވެ.އެހެނަސް މިހާރު މި ޙަޔާތުގެ މަންޒިލް ގެއްލިއްޖެއެވެ. ދެން އަހަރެން ގޮސް ލައްގާނީ ކޮން ސާހިލަކަށް ބާވައެވެ؟
އަހަރެން އުމްރާއަށް ގޮސް ކުރި ދުޢާގައި އަހަރެންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ބުނަމެވެ. އަހަރެން ޝުކުރު ކުރަމެވެ. އަހަންނަށް އަދި ބާއްޖަވެރި ޙަޔާތެއް ލިބޭނެއެވެ. މިޔަދު ހުދާ އެއީ މަދު ދުވަސްކޮޅެއްގެ ބައިވެރިއެކެވެ. އެ ދަރިފުޅު އުފަންވުމާއި އެކު ހުދާއެއީ އަހަރެންގެ ހިމާޔަތުގައި ހުންނާނެ މީހެއް ނޫނެވެ.އެއްވެސް ފިރިޔަކު ދަރިޔަކު ލިބުމުން އަނބިމީހާ ދުރުކުރާކަށް ބޭނުމެއް ނުވާނެއެވެ، ގިނަފަހަރަށް މައްސަލަޖެހިފައި ތިބޭ މީހުންވެސް ސުލްޙަވެގެން ދިރިއުޅުން ބިނާކުރަނީ ދަރިޔަކު ލިބިގެންނެވެ.ހުދާ އަހަރެންގެ ކިބައިން އެ ފުރުސަތު ނިއުޅައިގަތީއެވެ. އަހަރެން ދެކެން ބޭނުންވި ދުވަސް ވަނީ ނުހަނު ކައިރީގައެވެ. އެހެނަސް އަހަރެންނަށް ހުދާ އާއި އެކު އުޅެން ފަސްޖެހެވެނީއެވެ. އިތުބާރު ގެއްލިއްޖެއެވެ. ދިރިއުޅުން ގެއްލިއްޖެއެވެ. އަހަރެން ހެއްދެވި ފަރާތަކަށފް ޝައްކެތް ނުކުރަމެވެ.މި ދިރުއުޅުމުން އަހަންނަށް މިއަށްވުރެންވެސް އަދި ބޮޑެތި ހިތާމަތަކެއް ކުރިމަތިވެދާނެތީ އަހަރެން މި ދިރިއުޅުމުން ސަލާމަތްކުރެއްވީކަމުގައި އަހަރެން ދެކެމެވެ. އަލްޙަމްދު ލިއްލާހި.. މިއަޅާއަށް ހެޔޮގޮތް މެދުވެރި ކުރައްވާށީ! އާމީން.
ފިރިއެއްގެ ލޯބި ފުރިހަމަ ގޮތުގައި ވަފާތެރިކަމާއި ތެދުވެރިކަމާއި އެކު ލިބޭނީ ނަސީބު ގަދަ އަތްބަކަށެވެ. މުއާޒްގެ ވަފާތެރިކަމުގައި ހުދާ ކޮޅުފައިންޖެހީ ދުނިޔޭގެ އެދުމާއި އުފާތަކުން ސިކުނޑި ތެންމައިގެންނެވެ. ހުދާ އަނދިރީގައި ބަހައްޓައިގެން މުއާޒް އެހެން އަންހެނުން ފަހަތަކުން ނުދެއެވެ. ވަފާ އާއި ލޯބި، ތެދުވެރިކަމާއި އުފާ، އިހުތިރާމާއި ޤަދަރު ލިބިގެން ހުދާ މުއާޒްއާއި އެކު އުޅުނީ އުފަލުގައެވެ. އެހެނަސް މިޔަދު މުއާޒް ވީ ވަފާތެރިކަމުގެ އަގަކީ ކޮބާ ހެއްޔެވެ؟ ކުރި އިހުތިރާމާއި ޤަދަރުގެ ބަދަލުގައި ލިބުނީ ކޯއްޗެއް ހެއްޔެވެ؟ އެންމެ ފަހުން އެފަކީރު އުއްމީދެއްގައި ހުއްޓަ ލިބެން އުޅޭ ދަރިފުޅު ވެސް އެއީ އޭނާގެ ހައްޤެއްކަމަށް މިވަނީ ދަޢުވާކުރަން ޖެހިފައެވެ. ކައިވެންޏަށްފަހު ހުދާ އުޅުނީ ރަށުގައި ކަމުން މުއާޒް ނެތް ދުވަސްތަކުގައި އޭނާ އުޅުނީ ރަނގަޅަށް ކަމާއި މެދު ޝައްކު ކުރެވޭނެއް ނޫންހެއްޔެވެ؟
މިޔަދު މުއާޒް ބޭނުންވަނީ ރަހުމަތްތެރިންގެ އޯގާތެރިކަމެވެ. އާއިލާގެ ހެޔޮ ދުއާއެވެ. އެހެން މީހުންގެ ހިޔާލެވެ. ތިޔައިން ކޮންމެ މީހަކަށްވެސް މިވާހަކައިން މިޔަދު މުއާޒް އުފުލަމުންދާ ހިތާމަތައް މިހާރު ވަޒަންކުރެވިދާނެކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. އަޅުގަނޑުވެސް އެދެނީ މުއާޒްއަށް އަދިވެސް ބާއްޖަވެރި ދިރިއުޅުމެއް މިންވަރު ކުރެއްވުމެވެ.
18 Comments
Comments are closed.
Hudha aky aslu name eh nun dw… I knw who is tht…… nw hudha vihaafin dw…..mua v hiyyvaru gadha kuhje thy…. mua ah heyolafaa mua kahala gud wyf eh iraaadha kurhviyya libeyne aaameeen…..
Allah Muaaz ah Baahjaveri ufaaveri dhiri ulhumeh minvaru kurahvaashi… Adhi hudhaa ah vure rangalhu ambaku libeyne … insha alllah …
Mai Allah GE iraadhafulhun Muaz ah heyo laafa Salah anbeh dhevvashi Ameen
leave her and start a new life. you can never trust her again and you will never be happy with her.Wish you good luck
muaa ge dharieh tha aeee? i mean muaa DNA hadhaifi tha
v gose anhenne aharen na mua jahalage firiye libeynama….
Fakka koodi gandeh dho
v,salhi vaahaka v iburaitheri
in my opinion knme meehakah vx goas koh ulhevidhane.enme mathiveri faraah maah allah vx ekalaange ah shareeku kurun fiyava hurihaa kushakah maaf kurey.so i think muaa ge kuhjakah hudhaa banduga vaa baby vihya hudhaa ah new chance eh dhinun rangalhu.ekam ei eyna kurevunu kuh gabool koh thaubaa vumah fahu.adhi muaa ge kohko nizaam kairin maaf kurumah fahu.ummeedh kuran mi hiyaal rangalhu vaane kamah.
dhera nuvey.iraadhukureh vihyaa e ahvuren ragalhu wife eh libeyne.adhi ufaaveri lifeh allah ge rahmai fulhun libeyne.aameen
God bless Muaa and give him real happiness soon.
muaa ge life anehbai koba?kiuntherinnaa hihsaakohlanvynu.god bless muaa andgive him real happiness soon
MAY god bles u mua..and that gal sux
mua ah ufaa veri dhiriulhumeh dhehvava vafaatheri iffaitheri ainbeh minvaru kurahvaandheyve
god bless u mua!:)
Mua yakee rangalhu alhe rangalhu alhunnamaainalllaahu rangalhugoi medhuveri kurahvaashi aameen
mua aa hudha kiyaa aslu husband and wife eh i know glad to know that this is not their story
Hudha haa bodu moya eh ma nudheken.thedhuveri vafaatheri firiyaku librynee v v v naseeb gadha meehakah. Ahrenge firimeeha dheke hitha furaanain loabivin.ekam eyna aky dhoguveri beyvafatheriyeh