މަންމަގެ ޑައިރީ 4ވަނަ ބައި (ސިއްރު)
ޝަލީގެ މަންމަ ނިޔާވިފަހުން ޝާލީގެ މުޅި ދިރިއުޅުގައިވެސް ވަނީ މަދު ކަންތައްތަކެކެވެ. ކެއުން އެހާ މަދުވެފައިވުމުން މިވީ ތިން ދުވަސްތެރޭގައިވެސް އޭނާގެ ހަށިގަނޑަށް ބަދަލު އަތުވެއްޖެއެވެ. ހަށިގަނޑު ނިކަމެތިވެ، ފެންދަމާލާ މޫނުމަތީގެ ދިރުން ވަނީ ގެއްލިފައެވެ. އޭނާއަށް އެއްވެސް އުފަލެއް، ދިރިހުރުމުގެ އެއްވެސް ބޭނުމެއް ނުވާކަހަލައެވެ. ރުއިމާއި ގިސްލުމާއި ހިތާމަކުރުން މިހާރު މިވަނީ ޝާލީގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ހަދާފައެވެ.
ޝާލީ އޭނާގެ މަޑު ހިނގުމުގައި އައިސް ގެއަށް ވަންއިރު މުޅި ދުނިޔެވެސް ވަނީ އަދިރިވެފައެވެ. ޝާލީ ގެއަށް ވަދެވުމާއިއެކު އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އަދި ކޮޓަރިއަށްވަދެ، އޭނާ ކިޔަވަން އިންނަ މޭޒު މަތީގައި ހުރި ފޮތްތަކުގެ މަތީ، އޭނާގެ މަންމަގެ ޑައިރީ ބޭއްވުމަށްފަހު ފާޚާނާއަށް ވަދެ ވުޞޫކޮށްގެން ނިކުތެވެ. އަދި މަޣްރިބު ނަމާދު ކޮށް އަވަދިވެގެން އޭނާގެ ލޯބިވާ މަންމައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާކުރި އެވެ. އޭގެ ފަހުގައި އޭނާ ތެދުމަގުގައި ލެހެއްޓެވުން އެދި ދުއާކޮށް ނަމާދުން ފައިބާ މުސައްލަނަގާ އަލަމާރިއަށް ލިޔެވެ. އަދި އެނދުމަތީގައި އޮށޯވެ އަނެއްކާވެސް އެ ޑައިރީ ނަގާ ހުޅުވާލިއެވެ. އެއަށްފަހު ކިޔަންފެށިއެވެ.
ދަރިފުޅާއެވެ. މަންމަ އެތައް ހިތްވަރެއް ކޮށްގެން ގެއާއި ހަމައަށް އާދެވުނު އިރު މަންމަ ހުރީ ހަދާނެ ގޮތް ހުސްވެ، ގައިބާރު ދެރަވެ ވެއްޓޭވަރުވެފައެވެ. ގެއަށް ވަދެވުމާއިއެކީ، މަންމަ އޭރު އުޅުނު ބޮޑު ކޮޓަރީގެ ރީތި މާބުލް ތަކުގެ މަތީގައި ހިނގާފައިގޮސް މަންމަގެ ކިންގް ސައިޒްގެ ބޮޑު އެނދުގައި އޮށޯތީމެވެ. ދަރިފުޅުގެ މާމަޔާވެސް ކުރިމަތިލާނެ ހިތްވަރު ނެތީމައެވެ. ދިމާވިކަންތަކާއި ހެދި ކޮޓަރިން ބޭރަށް ނުކުންނާނެހާވެސް ހިތްވަރު މަންމައަށް ނުލިބުނީއެވެ. ރޯން އޮވެވުނީއެވެ.
“ދަރިފުޅާ. ދަރިފުޅާ ނިޝްރާ. ދަރިފުޅާ. ދެން ދޮރުހުޅުވަބަލަ. މިއަދު ކިހިނެއް ވީ ދުވަހެއްތަ؟ ބޭރުން އައިގޮތައް އައިސް ކޮޓަރިއަށްވަދެ ތިއޮތީ ކިހިނެއް ވީތަ؟ ދެން އާދޭ ސައިބޯން!”
މި ވޭނުގައި އެތައް އިރެއް ވީފަހުން މަންމައަށް ހަމަ ހޭވެރިކަންވީ ދަރިފުޅުގެ މާމަ ގޮވަންފެށީމައެވެ. ކެތްކޮށްފައި ކަމެއް ނުވާކަމަށް ހަދާފައި މަންމަ ދޮރުހުޅުވީމެވެ. އަދި މާމައާއި އެކީ ގޮސް ސައިބޯން މަސައްކަތް ކުރީމެވެ. ދަރިފުޅާއެވެ. ހެނދުނު ސަޔަށް ހަދާފައި ހުރީ މަންމައަށް އެންމެ މީރު އެއްޗެއްސެވެ. މުޅިސުފުރާމަތިވަނީ މީރުހާ ކާނާއިން ފުރާލާފައެވެ. އެކަމަކު މަންމައަށް ކެވުނީ ވަރަށް ކުޑަކޮށެވެ. ގައިގާ އަޅާވޭނާއި ހިނތުގައި ރިހޭ ރިހުމާއި ހެދިއެވެ. މަންމައަށް ކެވުނުލެއް ކުޑަކަމުން އެކަމާ މާމަގެ ސުވާލުތައް މަންމައަށް އަމާޒުވާން ފެށީ ކާމޭޒު ދޮށުގައި ކެއުމަށް އިންސާފު ކުރަމުން ދަނިކޮށެވެ. މަންމައަށް ޖެހިފައިވާ ބޮޑު ކޮޅިގަނޑުގެ ވާހަކަ މާމަގެ ގާތުގައި ކިޔައި ދިނުމަށް އުޒުރުވެރިވީމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދަރިފުޅުގެ މާމައަކީ މިޒާޖުގައިވެސް ރުޅިވެރި، ގޮތްދޫނުކުރާ، ކަންކަމުގައި އަވަހަށް ރުޅިއިސްކުރާ، ރުންކުރު މީހެކެވެ. އާންމު ދިރިއުޅުމުގައިވެސް ކިތަންމެ ކުޑަކަމެއްވީ ކަމުގައި ވިޔަސް އެމީހަކު ހިންހަލާކުވާވަރަށް ހަޅޭލާ، ބަވާހަދާ، ޒީލަ ވަރުގަދަ މީހެކެވެ. މިފަދަ މާމައެއްގެ ގާތުގައި މިޖެހުނު ބޮޑު މުސީބާތުގެ ވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟ ބުނެވޭނީ ކޮންދުލަކުން ހެއްޔެވެ؟ ބުނާނެ ހިތްވަރު ލިބޭނީ ކާކުގެ ފަރާތުން ކޮން ގޮތަކުންހެއްޔެވެ؟ ދަރިފުޅާއެވެ. މަންމައާއި ދަރިފުޅުގެ މާމައާއި ދެމީހުން ދުވަހަކުވެސް އެފަދަ ގާތް ގޮތަކަށް ކަންކަމާއި ވާހަކަ ދެއްކިފައި ނެތުމުން، މާމައާއި މިކަން ހިއްސާކުރަން މަންމަ ޖެހިލުންވިއެވެ. މާމަގެ މިޒާޖުގައި ހުންނަ ހަރުކަށިކަމާއި ޖަވާބުދިނުމުގައި ހުންނަ ރުންކުރު ކަމަކީ މަންމައަށް އަބަދުވެސް ކުރިމަތިލާން އުނދަގޫ ކަމެކެވެ. އެހެންކަމުން މި މުސީބާތުގެ ވާހަކަ ބުނެފިއްޔާ މާމަ އަރުވާލާނޭވަރު ހިތަށްއަރާ ބުނަން ޖެހިލުންވިއެވެ. ހިތަށް އަރަނީ އެވާހަކަ ބުނެފިއްޔާ މަންމައަށް ކޮށްލާވަރުން ބިންގަޑުފަޅާ މަންމަ ވަޅުވައްދާލާނެއެވެ. އެހެންކަމުން މަންމަގެ ގައިގާ އަޅާ ވޭނާއި ހިތަށް ވެރިވެފައިވާ އެކަނިވެރިކަމާއި ގަނެފައިވާބިރު ހިއްސާކޮށް ކިޔައިދޭނެ އެއްވެސް މީހަކު މިދުނިޔެއަކުނެތެވެ. މަންމަ އުފުލި ވޭނާއި އެޅިހާ ކަރުނައެއް އެނގޭނީ މަންމަގެ ބާލީހަށެވެ. އެ ބާލީހުގައި ބައްދާއިގެން އޮވެ ރޮއެ ކަރުނަ ހުސްވާނެނަމަ މަންމަގެ މިދެލޮލުން ކަރުނަ ހުސްވީހެވެ. ގޮތްހުސްވެ ކަންބޮޑުވެގެން އަމިއްލައަށް މަރުވާނެނަމަ އޭރު މަރުވީހެވެ. އެ ވިސްނުމުގައި އަމިއްލައަށް މަރުވުން ރަނގަޅުކަމުގައި ވިސްނަންއޮއްވާ ކިތަންމެ ރެއަކު ފަތިސްވެއެވެ. އޭރު މަންމައަށް ކުޑަވެސް ހިންހަމަޖެހުމަކާއި އަރާމެއް ލިބުނީ މަންމަ މުސައްލަމައްޗަށްތިރިވެ، ﷲގެ ހަޟުރަތަށް ކުރާ ނަމާދުންނާއި، ޤުރުއާން ކިޔެވުމުންނެވެ. ދެން އެހެން ކޮންމެ ވަގުތަކީވެސް މަންމަގެ ބޮޑު ސިއްރު ފޮރުވައިގެން، ހަށިގަނޑުގައި އަޅާވޭން ސިއްރުކޮށްގެން ހިތާމަކުރުން މަތީ ހޭދަކުރާވަގުތެވެ. އެކަމުންވެސް ލިބޭ ވޭން ވަކި ކުޑައެއް ނޫނެވެ. ދަރިފުޅާއެވެ. މަންމަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ.
ދަރިފުޅާއެވެ. މަންމަގެ މި ބޮޑު ސިއްރު ފޮރުވަމުން، ހިތާއި ނަފުސްގައި އަޅާވޭން ތަހައްމަލުކުރަމުން އެކަނިވެރިކަމާއި އެކު މަންމަ ދުނިޔޭގައި އުޅެމުން އައީ އެއްވެސް އުފަލެއް ނެތިއެވެ. ގިނަދުވަސް ވީވީހެން މަންމަގެ ހިތުގައި ވާ ފާރުގަނޑު އައީ ބޮޑުވަމުން އޭގެ ވޭން ގަދަވަމުންނެވެ. އެކަމަކު ކަށީގެ މަދުން މަންމަ ހިތްވަރު ނެރުނީ މިކަން ސިއްރުކޮށްގެން އުޅުމަށެވެ. އެހެން މީހުންގެ ލޯތަކުގައި އަނދުން އަޅުވައިގެން އުޅުނީ ނުލާހިކު ވޭނުގައެވެ. ފުރަތަމަކޮޅުގައި މިގޮތައް ކަންކުރަން އުނދގޫވީ ކަމުގައިވިޔަސް ފަހުން މިކަން ކުރަން ފަސޭހަވުމުން މަންމަ ހީކޮށްގެން ހުރީ މި ސިއްރު އެކަކަށްވެސް ނާގާ ވަޅުލައި ފަސްއަޅާ ފޮރިވޭނެކަމުގައެވެ. އުމުރުގައިވެސް އެގޮތުގައި އުޅެވޭނެކަމުގައި މަންމަ ހީކުރީމެވެ. އެއީ އެ ސިއްރު މީހުނަށް އެނގޭ ދުވަހަކުން މީހުނާއި ކުރިމަތިލާނެގޮތެއް ހިޔާލަށްވެސް ގެންނަން ނޭނގޭތީއެވެ. މާމަގެ ރުޅިއާއި ގޮވާނެ އެއްޗެއްސާ ކުރިމަތިލާނެ ގޮތެއް ވިސްނަންވެސް ނޭނގޭތީއެވެ. މިފަދަ ހާލުގައި ދުވަސްތައް ވޭތުކުރަމުން ދިޔަނަމަވެސް ކަންތައްތައް ދިމާވީ މަންމަ އެންމެ ދެރަވާ ގޮތަށެވެ. ހީވެސް ނުކުރާފަދަ ގޮތަކަށެވެ. މަންމަގެ އެކަނިވެރިކަމާއި ބޮޑު ސިއްރު ބަލިހާލަތަކަށް ބަދަލުވިއެވެ. މީހުނާއި ކުރިމަތިލާން ޖެހިލުންވާން ފެށިއެވެ. ކޮޓަރިން ބޭރަށްގޮސް މީހުނާއި އެކު އުޅެން އުނދަގޫވާން ފެށިއެވެ. ސްކޫލަށް ދާ ދުވަހަށްވުރެ ނުދާ ދުވަސް އިތުރުވާން ފެށިއެވެ. އިމްތިހާނުތަކަށް ފަރުވާކުޑަކޮށް އިމްތިހާނުގައިވެސް ބައިވެރިނުވާން ފެށުނެވެ. މިކަންކަމުގެ ނަތީޖާއަކަށްވީ ދަށް މާކްސް ލިބެން ފެށުމެވެ. ދަށް މާކްސް ލިބުމާއި ޤަވާޢިދުން ސްކޫލަށް ނުދިއުމާއި ހެދި މަންމަ ބެލެނިވެރިޔާއާއި އެކު ސްކޫލަށް ހާޞިރުކުރުން ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މިކަމާއި ގުޅިގެން މާމަގެ ރުޅި އިންތިހާއަށް މައްޗަށްދިޔައެވެ. މަންމައާއި ދިމާއަށް އެއްޗެހި ގޮވާ ތަޅާ އަނިޔާކުރަން ފެށިއެވެ. މަންމަގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނެވެ. ހަދާނެގޮތް ހުސްވިއެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. އެކަމަކު މަންމައަށް ކުރެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ؟ މި ހުރިހާ ވޭނަކާއި ކެކުޅުމެއް އަދި އުނދަގުލެއް އުފުލަން ޖެހުނު ކަމުގައި ވިޔަސް މިވާހަކަތައް ކިޔައިދެވޭނެ ހިއްވަރެއް މަންމައަކަށް ނުލިބުނެވެ.
އެއްދުވަހެއްގެ މެންދުރެވެ. ސިއްރުފޮރުވަމުން، މާމައާއިއެކީ މަންމަ އުޅުނީ ބަދިގޭގައި ރިހަކައްކާށެވެ. އެކިއެއްޗެހިނުން ދުވާ ނުބައި ވަހުން މަންމައަށް ކެތްނުވާ ވަރުގައިވެސް ހިތްވަރުކުރީމެވެ. އެންމެ ފަހުން މަންމައަށް ހޮޑުލެވުނެވެ. އަނެއްކާވެސް އިތުރުކަމެއް ފެށުނެވެ. މި ވޭން ތަހައްމަލުކުރަމުން، އެ ބޮޑުކަންތައްގަނޑު ސިއްރުކުރުމަށް މަންމަ ކުރިހާ މަސައްކަތް ފެނަށް ވުމަށް ނެގީ ހަމަ ހިނދުކޮޅެކެވެ. މިކަން އެންމެނަށްއެނގި މަންމަ ބޭޒާރުވެ ބާކީވީއިރު މަންމަގެ ހަށިގަނޑާއި ސިކުނޑި އެކަމަށް ތައްޔާރުވާން އަދި ނުވެސް ފަށައެވެ. އާއެކެވެ. ދަރިފުޅާއެވެ. މަންމަ އިނީ ބަލިވެއެވެ. އެ ނުލަފާ ރަހުމުކުޑަ ސުންޕާ މީހާގެ ނުބައި ރަހުމުކުޑަ ޢަމަލުގެ ސަބަބުންނެވެ. ދަރިފުޅަށް ތިހީ ރަނގަޅަށެވެ. މަންމަ އިނީ ދަރިފުޅަށް ބަލިވެއެވެ.
މިކަންމުޅި ދުނިޔެއަށް އެނގި ބޮޑު ސިއްރު ފަޅާއެރުމާއިއެކީ މަންމަގެ މުޅިހަޔާތުގެ ހުރިހާކަމެއް ބަދަލުވިއެވެ. މުޅިއާއިލާގެ އެއްބާރުލުން ކެނޑުނެވެ. އެންމެންގެ ނަފުރަތާއި މަލާމާތް މަންމައަށް ރައްދުވާންފެށިއެވެ. އެކަނިވެރިކަމާއި ނިކަމެތިކަން އިންތިހާއަށް އިތުރުވެ ގައިގައި އަޅަމުންދިޔަ ވޭން އެތައް ގުނައަކަށް އިތުރުވިއެވެ. މި ނިކަމެތި މަންމަ އެއްވެސް ކުށެއްނެތި މުޅި ދުނިޔޭގެ މަލާމާތާއި ކުރިމަތިލާންޖެހުނެވެ. ބޯ އެނބުރުމާއި ބޮލުގައި ރިހުމާއި ހޮޑުލުން އިންތިހާއަށް ދިޔައިރުވެސް އާއިލާގެ މީހުނާއި ރައްޓެހިންގެ ކިބައިން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. މަންމަ މިއީ މިރަށުގައި މިގޮތަށް ބަލިވެ އިން ފުރަތަމަ މީހާކަމުން އެންމެންވެސް ދުށީ މަންމަ މީ އަނގައިންވެސް ބުނަން ނުވާވަރުގެ ދަށު ދަރަޖައިގެ ނުބައި ނުލަފާ އުޅުމެއް ނެތް މީހެއްގެ ގޮތުގައެވެ. އެހެންކަމުން މިއަދު މީހުންގެ ފަރާތުން މަންމައަށް ބޭނުންވާ ހުރިހާ ކަމެއްގެ ދޮރު ބަންދުވިއެވެ. އެއްވެސް އެހީތެރިކަމެއް ނުލިބޭފަދަ ގޮތަކަށެވެ. މިހާލަތުގައިވަނިކޮށްވެސް އޯގާތެރިކަމާއި އެކު ފިރުމާލާ ރުހުމާއި އެކު ބަސްބުނެލާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ބަދަލުގައި ދަރިފުޅުގެ މާމަވެސް ކަންތައްކުރީ ހިލޭ މީހަކާއި މެދުވެސް ކަން ނުކުރާނެފަދަ ނިކަމެތި ގޮތަކަށެވެ. ކަން ވީގޮތްވެސް އޮޅުން ނުފިލުވާ ރުންކުރު ރުޅިގަނޑު މަންމައާއި ދިމާއަށް ބޭލިއެވެ. ހިތުހުރިހާ އެއްޗެއް ގޮވާލިއެވެ. ” ބަލާބަލަ ހުންނަ ގޮތް ކުޑަކަން. އަދި އެކަހަލަ ނުބައި ޢަމަލެއްކޮށްފަވެސް އައިސް މިގޭގަ އެބައުޅެއެއްނު. ހާދަހާ ނުބައި މީހެކޭ ކަލޭ ތިޔައީ. މީގެ ފަހުން މަމީ ކަލޭގެ މަންމައެއް ނޫން. މިއީ ކަލޭގެ ގެއެއްވެސް ނޫން. ކަލޭ ތި މުޑުދާރު ޢަމަލު ކުރި މީހަކާއި އެކު އުޅެން ކަލޭ ދޭ. މީގެ ފަހުން މި ގެއަށް ނާންނާތި. އެހެރީ ދޮރާށި. ހަމަ މިހާރު ނުކުމޭ.” ދަރިފުޅުގެ މާމަގެ ހަރުކަށި ރުޅިވެރި ބަސްތައް މަންމައާއި ދިމާލަށް ގޮވާލުމަށްފަހު އަތުގައި ހިފާ އަނިޔާވެރިކަމާއި އެކު ދޮރާށިން ބޭރަށް ނެރެ އެއްލާލިއެވެ. މަންމަގެބަނޑުގައި ދަރިފުޅުވަނިކޮށެވެ. އެ މާމަގެ އަލަތު މާމަދަރިފުޅު މަންމަގެ ބަނޑުގައި ވަނިކޮށެވެ. އެމާމަގެ ހަމައެކަނި މާމަދަރިފުޅު މަންމަގެ ބަނޑުގައި ވަނިކޮށެވެ. އެ ތަނަވަސް ދިރިއުޅުމުން ނެރެ މަންމަ އެއްލާލާ ބިކަކޮށްލިއެވެ. މާމަގެ އެހީތެރިކަމަށް މަންމަ އެންމެ ބޭނުންވި ދުވަހު މަންމަ ގެއިން ނެރެލާ އެއްލާލީއެވެ. “މަންމާ އާދޭސް ކޮށްފަބުނަން. މިކަމުގައި މަގޭ އެއްވެސް ކުށެއް ނޯންނާނެ. އޭނާ ގަދަކަމުން ކުރިކަމެއް. އާދޭސްކޮށްފަބުނަން. މަށަށް ތިހެން ނަހަދާ” މަންމަ އާދޭހާއި އެކު އެހެން ނެހެދުމަށްއެދި ރޮއި ހޭރުނީމެވެ. އެ އާދޭސްތަކަށް މާމަ ދިނީ ބީރުކަންފަތެކެވެ. އެހާ ޅައުމުރުގާމިކަން ޖެހި، އާއިލާގެ އެންމެންގެ ނަފުރަތާއި ރަށުރަތްޔިތުންގެ މަލާމާތް ލިބިފައިވުމުން މަންމައަށް ދާނޭ ހަމަ އެއްވެސް ތަނެއް ނުލިބުނެވެ. ބޯހިޔާވަހިކަން ހޯދޭނެ ހަމަ އެއްވެސް ގޮތެއް ނުލިބުނެވެ. މަންމަގެ ބަނޑުގައި ދަރިފުޅުވާހާލު މަންމައަށް ޖެހުނީ ގިނަވެ ބިއްޖެހިފާ މަގުތައްމަތީ އިންނާށެވެ.
ދަރިފުޅާއެވެ. މީގެ ދެދުވަސް ކުރިން މަންމައަކީ ހުރިހާ އަރާމެއްކަހަލަ ގޮތަކަށް ލިބިގެން އެންމެ އުފަލުގައި އުޅުނުކުއްޖެކެވެ. މީހުންގެ އިޙްތިރާމާއި ގަދަރު ލިބިފައިވާ ކުއްޖެކެވެ. ސްކޫލުގެ އެންމެ އުއްމީދީ އެއްދަރިވަރެވެ. ކިޔެވުމުގެ ހަރުފަތްތައް ހަލުވިކަމާއި ކާމިޔާބުކަމާއިއެކު ގިރާކުރަމުން އައި ނަމޫނާ ދަރިވަރެކެވެ. އެކަމަކު މިއަދު މަންމަގެ މުޅިހަޔާތް މިވަނީ ބަދަލުވެފައެވެ. މަންމަގެ ހުރިހާ އުފާތައް ފޭރިގަން މީހާ ބޭނުންވިފަދައިން އެހެންމީހުންގެ މަލާމާތާއި ފުރައްސާރަލިބިފައެވެ. ކާމިޔާބުވަނަތައް ހޯދަމުން އައިކަމުގައިވިޔަސް މިއަދު އެފުރުޞަތުވެސް މިވަނީ ގެއްލިފައެވެ. ގެއިން ނެރެލާ ނިކަމެތިވެ ބިކަވެފައެވެ. ސްކޫލުން ކަނޑާލާ މުދައްރިސުންނާއި ރަހުމަތްތެރިންގެ ނަފުރަތާއި މަލާމާތް ލިބި ބާކީވެފައެވެ.
ދަރިފުޅާއެވެ. މިހުރިހާކަމަކަށް މަންމަ ރޮއި ގިސްލަމުންވެސް ކެތްކުރީމެވެ. ދަރިފުޅަށް ބާއްޖަވެރި އަމާން ދިރިއުޅުމެއް ހޯދައިދެވޭތޯއެވެ. މަންމަގެ ހަޔާތުގައި މަންމައަށް ކޮންމެފަދަ ގޮންޖެހުމަކާއި ކުރިމަތިލާންޖެހުނަސް މަންމަ މަސައްކަތްކުރީ ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭތޯއެވެ. މަންމަ އެ ޢަޒުމުގައި މިނިކަމެތިކަންމަތީ ދަތުރުފެށީމެވެ. ދުނިޔެ ހިނގާނީ ތޮށަލިދުޅައަށޭ ބުނާ ބަހުން ހިތްވަރު ލިބިގަތީމެވެ. އަޑި ގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ ބުނާ ބަހުން އުންމީދު އާކުރީމެވެ. މިނިކަމެތި ކަމުން ސަލާމަތްވުމަށް އެތަކެއް ދުޢާއެއް ކުރީމެވެ. ބޯހިޔާވަހިކަމެއް ނެތި މިއަދަށް މިވީ ތިންދުވަހެވެ. އެކަމަކު މަންމަގެ އުންމީދަށް ބަދަލެއް ނާދެއެވެ. ދަރިފުޅަށްޓަކެއެވެ.
-ނުނިމޭ-
9 Comments!
Comments are closed.
konme beyfulhakuves kiyaalumahfahu comment kohlumakee alhuganduge varah bodu edhumeh… thanks…
waiting for the next chapter.
. Pretty nice story ^_^
v reethi mibaives
dhen faharakun thankolheh dhigukoh genes dhehchey xaash
anyway keep up the good work
🙂
ވާހަކަ ވަރަށް ސަޅި. ދެން އޮތްބައި އަވަހަށް އަޕް ކޮށްދެއްޗޭ
V nice .. ekmku kudakoa lass upvaaleh .. y ..
ހާދަ ކުރެ
.anehbai avahah up kohdhechey…V touching
asu kureh nuney… kiya hithun thibey varun hyvany kuruhen varah touching n nice
V salhi..