Skip to content
އެސްފިޔަ

އުގާނަ

މެދުގައި ހުރި އަލިފާންގަނޑަށް އަހަރެން ބަލަންހުރީ ވާނުވާ ނޭނގޭތީއެއް ނޫނެވެ. އެކަމުން ރެކެވެން ނެތީމައެވެ. މަޖުބޫރީ ހާލަތުގައި ހެދޭނެ އެހެން ގޮތެއް ނެތީމައެވެ. އަލިފާންގަނޑު ވަށާ ޖަހަމުންދިޔަ ހަތްވަނަ ބުރާއެކު އެމީހުން އެކުރަންޖެހޭ ކަމެއްކޮށް ނިންމީ އަހަރެންގެ ކައިވެނިވެސް ކުރެވިގެންނެވެ. އެއީ އަހަރެމެން މުސްލިމުން ކުރާ ކައިވެއްޏާ ތަފާތު ގޮތަކަށް ކުރެވޭ ކައިވެއްޏެކެވެ. އާނއެކެވެ. އަހަރެން ފަދަ މުސްލިމް އަންހެންކުއްޖެއްގެ އަލަތު ކައިވެނި ނިމިގެން އެދިޔައީ ހިނދޫ މީހަކާ އެކުގައެވެ. ރުހުމާނުލައި ގަދަބާރުންނެވެ.
އަހަރެންގެ މަންމައަކީވެސް އަހަރެން ފަދަ މުސްލިމެކެވެ. ބައްޕައަކީ ދުނިޔެއަށް ލީ ފުރަތަމަ ނޭވާގައިވެސް ހިންދީއެކެވެ. ބައްޕައަކީ ޑޮކްޓަރަކަށް ވެފައި ރީތި މީހަކަށް ވުމުން މަންމަގެ ހިތް ބައްޕައަށް ދެވުނީ ކޮންދީނެއްގެ މީހެއްތޯ ބެލުމެއް ނެތިއެވެ. ބައްޕައަކީ މުސްލިމަކަށް ނުވާތީ އެދެމީހުންގެ ކައިވެންޏަށް އާއިލާއިން ހުރަސްއަޅާ ކައިވެންޏަށް އިންކާރު ކުރިއެވެ. ނަމަވެސް އެދެމީހުން ބިނާކުރި ލޯބީގެ ގަނޑުވަރު އެސްފިޔަ ޖަހާލާހައި އަވަހަށް ފުނޑުފުނޑުވާކަށް ބައްޕަ ބޭނުމެއް ނުވިއެވެ. ނަތީޖާއަކަށްވީ ބައްޕަވެސް އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން ޤަބޫލްކޮށް އިސްލާމްވުމެވެ. އަދި މުސްލިމް ފިރިއަކަށްވެ ހުރެ މަންމަ ހާލާލު ކުރުމެވެ.
މަންމަގެ ރަހިމުގެ މޭވާއަކަށް އަހަރެންވެ، އަހަރެން ދުނިޔެއަށް އުފަންވީ އެދެމީހުންގެ އަލަތު ދަރިފުޅުގެ މަގާމު ކަށަވަރުކޮށްގެނެންނެވެ. ނަމަވެސް އެ މަގާމުން އިސްތިއުފާ ދޭންޖެހުނީ ލޯބިލޯބި ފިރިހެން ކުއްޖަކު އަހަރެމެންގެ ކުޑަކުޑަ އާއިލާއަށް އައުމުންނެވެ. އެއާއެކު އަހަރެމެންގެ އާއިލާއަށް ހީވަނީ ބަހާރު މޫސުމެއް އައިސްގެން އުޅުނުހެނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް އުފާވެރިކަމުގެ ލިސާން މެނުވީ ފާޅުނުވެއެވެ.
ބަހާރު މޫސުމުގެ މައްޗަށް ޚަރީފް މޫސުން އަތްގަދަ ކުރާކަށް މާގިނަ ދުވަހެއް ނުނަގައެވެ. އުފާވެރި ހަނދާންތައް ވަޅުލެވި، ގިލަންވެރިކަން އުފަންވިކަހަލައެވެ. އަހަރެންގެ ދިރިއުޅުމުގެ ހުންގާނުގައި ހުރި ނެވި މީހާ، އަހަރެންގެ ލޭފަވެތި ބައްޕަ ކުއްލި މަރަކުން ދުނިޔެއާ އަލްވަދާޢު ކީއެވެ. ގަދަ ވިއްސާރައިގައި ދަތުރުކުރަމުން ދިޔަ އޮޑިއެއް ކޮޅިގަނޑެއްގައި ޖެހި މިސްރާބު ބަދަލުވާފަދަ ގޮތަކަށް އަހަރެންގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނުވަމުންނެވެ.
ކަލަންޑަރުގެ ގަނޑުތައް އުކެމުންދިޔަ ވަރަކަށް އަހަރެންގެ ހަޔާތުންވެސް ދުވަހެއް ފާއިތުވަމުން ދިޔައެވެ. އުމުރު ދިޔައީ ދޮށިވަމުންނެވެ. އުމުރުން ދެދިހައެކެއް ވީއިރުވެސް ބައްޕަ ފަރާތު ޢާއިލާ އެކަކުވެސް ލޮލުކޮޅުންވެސް ނުދެކެމެވެ. ބައްޕަ އަހަރެމެން އިންޑިއާއަކަށް ނުގެންދެއެވެ. ބައްޕަފަރާތު ޢާއިލާގެ މީހަކު ރާއްޖެއަކަށްވެސް ނުގެނެއެވެ. ބައްޕަ ނިޔާވުމާގުޅިގެން އެހެން ބައެއްގެ އެހީއާނުލައި އަހަރެމެންނަށް ދިރުއުޅުމަކީ ދަތިކަމަކަށްވިއެވެ. އަދި ބައްޕަ ނިޔާވި ޚަބަރުލިބުމުން މާމަ އަހަރެމެން އިންޑިއާއަށް ގެންދަން ބޭނުންވިއެވެ. އެހެންވެ، މާމަ ގާތަށް ދާން ނިންމީމެވެ.
އަހަރެމެން މާމަ ގާތަށް ދިއުމަށް ޚުދު މާމަ އެދުމުން، އަހަރެން ހީކުރީ އެއީ މާމަ އަހަރެމެންދެކެވާ ހަންހާރައެއްގެ ބޮޑުކަމުން ކަމަށެވެ. ނަމަވެސް ކުށްހީ ކުރެވުނީ އަހަންނަށެވެ. އެތާނގެ ހުރިހާ ކަމެއް އަހަރެން ހީކުރިގޮތާ ދިމާ އިދިކޮޅެވެ. ބައްޕަ ރާއްޖޭގައި އުޅެމުން ދިޔައީ މާމަމެންގެ ނުރުހުމުގައިކަން ވަރަށް ރަނގަޅަށް މާމަ ވިސްނައިދިނެވެ. މާމަގެ ވާހަކަތައް ހުރި ގޮތުން ބައްޕަ ދީން ބަދަލުކުރިކަން މާމަމެންނަށް އެނގޭހެނެއް ހިއެއްނުވެއެވެ. އަހަރެމެންގެ މައްޗަށް މާމަގެ ހިތް ހިލަފަދައެވެ. ސުވާސްތީ ކިޔުމުގެ ބަދަލުގައި ފުރަތަމަވެސް ދިނީ މަރުގެ އިންޒާރެވެ. އަދި އެވެސް ކޮންބައެއްގެ ހެއްޔެވެ؟ އަހަރެންގެ އެންމެ ލޮބުވެތި މަންމައާއި ކޮއްކޮގެއެވެ. މުޅި ދުނިޔެއިންވެސް އަހަރެން އެންމެ ލޯބިވާ އިންސާނުންގެއެވެ.
ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން، އަހަރެން ވިސްނަމުންދިޔައީ މި ލައިގަތް ކަންތަކާ މެދުގައެވެ. އެއްކޮޅުން އަމިއްލަ ރައްކާތެރިކަންވެސް މުހިއްމެވެ. އަނެއްކޮޅުން އަހަރެންގެ އެންމެ ހަހަރުވެތި މަންމައާއި ކޮއްކޮގެ ފުރާނަވެސް މުހިއްމެވެ. ކޮންމެއަކަސް ވަރަށް އުގާނައާއެކު އަހަރެންގެ އެންމެ ފަހުގެ ނިންމުން ނިންމީމެވެ. އެމީހުން ބުނި ކޮންމެ ކަމެއް ކޮށްގެންވިޔަސް މަންމަ އާއި ކޮއްކޮގެ ފުރާނަ ސަލާމަތްކުރުމަށެވެ. އަމިއްލަ ނަފްސަށްވުރެ ތިމާއަށް ހެޔޮއެދޭ މީހުން އިސްކުރަން އަހަންނަށް ފެންނާތީވެސް މެއެވެ.
“މާމަމެން ބުނިކޮންމެ ކަމެއްވެސް އަހަރެންކޮށްފާނަން. އެކަމަކު ޝަރުތެއްގެ މަތީން. އަހަރެންގެ މަންމަ އާއި ކޮއްކޮއަށް އެނބުރި އަހިލަންކާއަށް ދެވޭގޮތް ހަދައިދީ.” މާމައާއި މުޚާތަބުކުރިއިރު އަހަރެންގެ އަޑުވަނީ ކުރެކިފައެވެ. “މައްސަލައެއް ނެތް. ބަދަލުގައި އަލައިނާ ޖެހޭނީ ރަޔާންއާ ކައިވެނިކުރަން. މިއީ މާކުރިން ކަނޑައެޅި ނިމިފައިވާ ކައިވެންޏެއް. އަހަރެމެންގެ އާދަކާދައިގައިވާ ގޮތުން ފިރިހެންދަރިންނަށް ލިބޭ އަންހެން ދަރިފުޅު ދެވާނީ އެ އާއިލާގައި ހުންނަ ފިރިހެން މާމަ ދަރިފުޅާ. އެއީ މަގޭ ރަޔާން..” މާމަ ރަޔާން އަށް ހިނިތުންވުމެއް ހަދިޔާކުރަމުން އަހަރެންނަށް މާމަގެ ނިންމުން ކިޔައިދިނެވެ.
އަހަރެންގެ ރިހޭފައިމައްޗަށް ފޮއެވެއްޓުނުކަން އިހްސާސްވީ އަހަރެންގެ ކައިވެނި ހިންދޫއަކާ ކުރަންޖެހޭތީއެވެ. އަހަރެން ހިތްކިޔާ ކަހަލަ ގޮތެއް އެއްގޮތަކަށްވެސް ނެތެވެ. ނުވިތާކަށް އަހަރެންފަދަ މުސްލިމަކަށް ހިންދީއަކާ ނުވެސް އިނދެވޭނެއެވެ. އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. ސިކުނޑި ފަޅައިގެން ދާވަރުވިއެވެ. މާމަދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. އެއީ ކޮންފަދަ އިންސާނެއްހެއްޔެވެ؟ ހަމަޔަގީނުންވެސް މާމަގެ ހިތުގައި އިންސާނިއްޔަތުގެ ކަންފުޅެއްވެސް އޮތްނަމަ އަހަރެންނަށް މިފަދަ ބޮޑުކަމަކާ ކުރިމަތިނުކުރުވާނެއެވެ. ހެދޭނެ ގޮތެއް ނެތުމުން އެންމެފަހުން އަހަރެން ރަޔާންއާ ކައިވެނި ކުރަން ނިންމީމެވެ. މަންމައާއި ކޮއްކޮގެ ހައްޤުގައެވެ. އެމީހުންގެ ދިފާޢުގައެވެ. އަހަރެންގެ ހިތާ ދެކޮޅަށެވެ. މަންމަމެން ރާއްޖެ ފޮނުވާލުމަށްފަހު އަހަރެން މާމަމެންނާއެކީ މަޑުކުރީއެވެ. މިނޫން ދުވަހެއް ދައްކަވާތޯ ހިތާހިތުން ދުޢާކުރާ ހާލުގައެވެ.
ކުއްލިއަކަށް ހުނުމުގެ އަޑުން މުޅި ފަޒާ ގުގުމާލިއެވެ. ސިހިފައި އަހަރެންނަށް ބަލައިލެވުނު އިރު، އެންމެންތައް ރަޔާންގެ ކަރުގައި މާފަތި އަޅުވާ، އުފާފާޅުކުރަނީއެވެ. މާމަގެ ދަތްޕިލަވަނީ “ރޮނޑަށް ދީފައެވެ.” އޭނާވަނީ އެހާވެސް އުފާވެފައެވެ. އަހަރެންގެ ހިތުގެ ހާލަތު އެމީހުންނަށް އެނގޭނަމައޭ ހިތަށް އަރައެވެ. އަހަރެންގެ ލޮލުން ކަރުނަ ނުހިކި ހިތް ކުދިކުދިވިޔަސް އެކަކަށްވެސް އެކަން މޭރުމެއް ނުވެއެވެ.
އެމީހުންގެ އުފަލަށް އެމީހުން ދޫކޮށް، އަހަރެން އަވަސްވީ ގެއަށްގޮސް ނަމާދުކޮށްލެވޭތޯއެވެ. އަހަރެންގެ ހިތަށް ހިތްހަމަޖެހުމެއް ލިބެން އޮންނާނީ ހަމައެކަނި އެކަމުން ކަމަށް ވާތީވެސްމެއެވެ. ނަމާދުކޮށް ނިމުމާއެކު ދުޢާއަށް އަތް ނަގައި ދުޢާކުރަން ފެށީމެވެ. “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ މި މުސީބާތުން ސަލާމަތްކޮށްދެއްވާނދޭވެ! އާމީން” ދުޢާކުރަމުން ދިޔައިރުވެސް އަހަރެންގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ.
ކުއްލިއަކަށް ދޮރުހުޅުވާފައި ރަޔާން ވަނެވެ. އަހަރެންގެ ހިތް ނެގިނެގިފައި ޖެހެއެވެ. އޭރު އަހަރެންނަށް އިނދެވުނީ ފޮށާވެސް ނުބާލައެވެ. ބިރުގެންފައި ހުރިވަރުން ދުވެފައި ގޮސް ފާޚާނާއަށް ވަނީމެވެ. މިވީ ކިހިނެއްހެއްޔެވެ؟ ރަޔާން މާމަގާތުގައި އެވާހަކަ ހަމަ ބުނާއިރަށް މާމަ އަހަރެންނަށް “ދެދުނިޔެ” ދައްކާލާނެކަން ގައިމެވެ. ދެން އިތުރަށް ދިރި ދުނިޔޭގައި ހުރެވޭނެކަމެއްވެސް ނޭނގެއެވެ.
އިރުގަނޑެއް ވަންދެން ފާޚާނާގައި ހުރުމަށްފަހު ނުކުތްއިރު ރަޔާންއޮތީ ނިދާފައެވެ. ނަސީބު ރަނގަޅުކަމުން ޖެހިގެން އައި ދުވަހުވެސް ރަޔާން އަހަރެންނާ އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. އެވާހަކަ މާމަގާތަކުވެސް ނުބުނެއެވެ.
ފާއިތުވެ ދިޔަ ދުވަސްތަކުގެތެރެއިން ދުވަހެއްގެ ރެއެވެ. އޭރު މެންދަމުން އަލިވެއްޖެއެވެ. އާދައިގެ މަތިން އަހަރެންއިނީ ދަމުނަމާދު ކުރާށެވެ. ސަލާން ދިނުމަށް މޫނު އަނބުރާލީ ވަގުތު ފެނުނު މަންޒަރުން އަހަރެން ގަނޑުވިކަހަލައެވެ. ސީދާ އަހަރެންނަށް ބަލަހައްޓައިގެން އޮތް ރަޔާން ފެނުމުންނެވެ. އޭނާ އެހެން އޮންނަތާ ކިހާއިރެއްވެއްޖެބާއެވެ. އަހަރެން ހިތަށް އެރިއެވެ. ދަމުނަމާދުގެ ރަކުޢަތްތައް ފުރިހަމަ ކުރިއިރުވެސް ރަޔާން އަހަރެންނާ ސުވާލެއްވެސް ކޮށްނުލީ ކީއްވެހެއްޔެވެ؟ ރަޔާނަށް އަހަރެންގެ މިހުރިހާ ޢަމަލެއްވެސް ވަރަށް އާވާނެއެވެ. އެހެންވީއިރު، އޭނާ މިކަމާ ބެހޭގޮތުން ސުވާލުކޮށް ނުހަދަނީ ކީއްވެހެއްޔެވެ؟ އަހަރެން ކުށްވެރިކޮށް، “ކޯޓްކޮށް” ނުލީ ކިއްވެހެއްޔެވެ؟
ޖެހިގެންއައި ރޭ މުލަހާލުގެ އަޑާއެކު އަހަރެންނަށް ހޭލެވުނެވެ. ފުރަތަމަވެސް އަވަސްވެގަތީ ފަތިސްނަމާދު އަދާކުރުމަށެވެ. މީހުން ހޭލަމޭލަވާންފެށުމުގެ ކުރިން ކޮށް ނިންމީމައި ފަސޭހަވާނެތީވެސް މެއެވެ.
ހެނދުނުގެ ނާސްތާއަށް ފެންޑާއަށް ނުކުތްއިރު ފެނުނު މަންޒަރުން ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އެންމެން އޮފްކާރުވެފައި ތިބި ވަރުންނެވެ. “ދަރިފުޅާ އަވަސްކުރޭ! ގަޑިއަށް ފައްޅިއަށްނުދެވިއްޖެއްޔާ ވަރަށް ސަކަރާތްވާނެ.” މާމަ ވާހަކަ ދައްކަމުން ދިޔައީ އަހަރެންނާއެވެ. ނަމަވެސް އަހަރެންގެ ސިކުނޑި މަސްއޫލުވެ އުޅުނީ މިކަމުން ބޯދަމައިގަނެވޭނެ މޮޅުގޮތަކާމެދު ވިސްނުމުގައެވެ. ނޯށުން ރޯ ހާލު އަހަރެން އެމީހުންނާއެކު ފައްޅިއަށް ދާން ހިނގައިގަތީމެވެ. ފައްޅިއާ މާދުރު ނޫން ހިސާބަކަށް ކާރު މަޑުކޮށްލުމާއެކު އެނމެން އަވަސްވީ ކާރުން ފޭބުމަށެވެ. ތަންވަޅު ބަލާފައި އަހަރެން ބޮލުގައި އަތްއަޅާފައި ހުރިތެދަށް ވެއްޓިގަތީމެވެ. ޚަބަރު ހުސްވެގެން ވެއްޓޭ މީހެއް ފަދައިންނެވެ.
އަހަރެން އޮތީ ދެލޯ މަރައިގެންނެވެ. އޭރުވެސް މީހުންތައް އަހަރެން ވަށައިގެން އުޅޭކަން އެނގެއެވެ. ކުއްލިއަކަށް މީހަކު އަހަރެން އުފުއްލާލި ކަން އެނގުނެވެ. ސަލާމަތީ އައްސޭރިއަކަށް ދެވޭނެ ކަމުގެ އުއްމީދުގައި އަހަރެން އޮތީ ﷲ އަށް ދުއާ ކޮށްލަކޮށްލައެވެ.
އެއްވެސް މީހެއްގެ ހިލަމެއް ނުވާތާ އިރުގަޑެއްފަހުން އަހަރެން ލޯ ހުޅުވާލީމެވެ. ލޯފުސްކަމުން ކުރިމަތީގައި އިނީ ކާކުކަމެއް ވަކިކުރާކަށް ނޭނގުނެވެ. އެހެންވެ ލޯ ފުހެލާފައި ބަލާލީމެވެ. ކައިރީގައި އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނީ ރަޔާނެވެ.
“އަސްލު ތިއީ ފޭކެއް ދޯ! ހޭނެތުނީކަމަށް ހެދުނީ ފައްޅިއަށް ނުދާންވެގެން ދޯ!” އަހަރެންގެ ދެލޯ އަތަށް އައިކަހަލައެވެ. ރޭރުވެފައި ހުރެ އަހަރެން، މަސައްކަތްކުރީ ވީހާވެސް ބޮޑަކަށް އަހަރެންގެ ނުތަނަވަސްކަން ފޮރުވޭތޯއެވެ. “ހާސްނުވޭ އަލައިނާ! އަހަންނަށް މާކުރިންވެސް އެނގޭ! އެހެންވެ މަންމަމެން ހައްލާލައިގެން އަލައިނާ ގެއަށްވެސް ގެނައީ” ރަޔާންގެ ވަހަކަތައް ގަބޫލް ނުކުރެވިފައި އަހަރެންނަށް ހުރެވުނީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ.
“އަލައިނާ! ތީ ރިއަންކު، އޮމަލަ އަންހެނެއް. ޚާއްޞަގޮތެއްގައި އަޅުކަމަށް ފަރުވާތެރި ހެޔޮލަފާ މީހެއް. ތިކަހަލަ އަންހެނުން ލިބޭނީ ނަސީބުވެރިންނަށް. އަހަރެންނަށްވެސް އެފަދަ ނަސީބުވެރިއަކަށް ވެވޭނެ ނަމަ……… މި ހިތުގައިވެސް ތިޔަ ނަންވަނީ ރަންއަކުރުން ލިޔެވިފަ. އެހެނަސް އަހަރެން މިވަނީ އެ ނަސީބުން މަހްރޫމްވެފަ..” ރަޔާން އާހުންފުރިގެންވާ ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.
“އަހަރެން އަލައިނާގެ ދީނަށް އުޅެން ފަށައިފިއްޔާ އަލައިނާ އަހަރެންދެކެ ލޯބިވާނަންތަ؟” އަހަރެމެން ދެމީހުންގެމެދުގައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ރަޔާންގެ ސުވާލުންނެވެ. އާއެކޭ ބުނާފަދަ ގޮތަކަށް އަހަންނަށް ބޯ ޖަހައިލެވުނެވެ. ބޭ އިޚްތިޔާރުގައެވެ. އަހަރެންގެ ހިތުގައިވެސް މިހާރު ރަޔާނަށް ޚާއްޞަ ދަރަޖައެއްވަނީ ދެވިފައެވެ.
ރަޔާންގެ އެދުމުގެ މަތީން އަހަރެން އޭނާއަށް ކަންތައް ވެގެންދިޔަގޮތް އަލިފުން ޔާޔަށް ކިޔައިދިނީމެވެ. ޚުދު ރަޔާންވެސް ހުރީ ބަސްހުއްޓިފައެވެ.
“މިކަމުން ސަލާމަތްވާން އަހަރެން އަލައިނާއަށް ފުރިހަމަ އެހީތެރިކަން ދޭނަން.” ވަރަށް ޔަގީންކަމާއެކު ރަޔާން ބުންޏެވެ. އެއަށްފަހު އަހަރެންގެވެސް އެހީތެރިކަމާއެކު ރަޔާން މުސްލިމަކަށް ވިއެވެ. ޝަހާދަތުގެ ދެކަލިމަކިޔައި ހިތުން ތެދުކޮށް ގަބޫލުކުރުމާއެކުގައެވެ. ރަޔާންވެސް އަހަރެންގެ ބައްޕަފަދައިން އިސްލާމީ މަތިވެރި ނޫރުން ހިދާޔަތް ލިބިގަތީއެވެ.
އަނެއް ދުވަހު އަހަރެން ހޭލިއިރު ރާއްޖެ ދިއުމަށް ކުރަންޖެހޭ ހުރިހައި ކަމެއް ރަޔާން ހުރީ ކޮށް ނިންމާފައެވެ. މާމަމެންވެސް ތިބީ ހަމައަކަށް އަޅުވާފައެވެ. ކިހިނެތްބާއޭ ހިތަށް އަރައެވެ. ރަޔާން ހާދަ ރަނގަޅެވެ. އަހަރެންގެ މަރުވެފައިވާ ހިތަށް ދިރުން ގެނެސްދިނެވެ. އަހަރެންނަށް ލިބިފައިވާ ނިކަމެތިކަމުން މިންޖުވެވެން އުޅޭކަމަށްޓަކައި ﷲއަށް ޝުކުރުކުރީމެވެ.
ރާއްޖެ ދެވުމާއެކު އަހަރެން ހީވަނީ އަސުރަށް ފޮޅޭ މަލެއްހެންނެވެ. އެހައިވެސް އަހަރެންގެ އުފާވެރިކަން ބޮޑެވެ. ދެން އަހަރެމެން އަވަސްވެގަތީ ރަޔާންގެ ނަން ބަދަލުކުރުމަށެވެ. މުސްލިމް ރީތި ނަމަކަށެވެ. އެހެންވެ، “މުޙައްމަދު ރަޔާން” ގެ ނަމުން ނަން ދިނީމެވެ.
މިހާރު ރަޔާނަކީވެސް އަހަރެންފަދަ މުސްލިމެކެވެ. އެހެންވެ ލަހެއްފަހެއް ނެތި އަހެރެމެން އަވަސްވީ އިސްލާމީ ޝަރީޢަތާއެއްގޮތަށް އަލުން އަހަރެމެންގެ ކައިވެނި ކުރާށެވެ. މިހާރު އަހަރެމެން ދެމީހުންނަކީ ކާއްޓާ ނާއްޓާ ފަދަ ބައެކެވެ.
މިއަދު އަހަރެން ވަރަށް އުފާވެއްޖެއެވެ. ދީން ގެއްލިފައިވާ މީހަކަށް، ހިދާޔަތުގެ މަގު އަހަރެންގެ ސަބަބުން ލިބުނީތީއެވެ. އަހަރެންގެ އަބަދުގެވެސް ދުޢާއަކީ މަޖުބޫރީ ހާލަތުގައި ކުރެވުނު ނަހަލާލު ކައިވެނި ﷲ ގެ ޙަޟުރަތުގައި ޢަފޫވުމެވެ. އަދި އަހަރެންގެ ބައްޕައާއި ރަޔާންފަދައިން އެ އާއިލާގެ އެހެން މެންބަރުންނަށްވެސް އިސްލާމީ ހިޔާލިބި ތެދުމަގު ލިބުމެވެ.

*******

Comments (31)

  1. Aishath

    Varah salhi story eh..

  2. pooh

    Reethi <3

  3. yaanaa

    Varah reethi shurm.?

  4. Adha?

    Maasha allah varah iburaiytheri ehaame reethi vaahaka eh…?❣?

  5. imagination ??

    masha allah varah reethi… ?

  6. Star gurl

    Wow. V rythi.

  7. Hhh

    Thafaathu

  8. Roor

    V reethi

  9. ??

    What ???? You are commenting to your story

  10. Addu manje

    Varah thafaathu vaahka eh.. adhi vaahaka genesdheefai vaa goii ves varah reethi.. kuriah oii thanugai ves shurm ge ithuru vaahaka thakeh kiyan libeyne kamah ummeedhu kuran.. 🙂

  11. Someone

    Masha Allah! Varah furihama vaahaka eh ? Keep it up shurm ?

  12. ShAhu

    ma sha Allah.. varah furihama varah reethi vaahakeh..
    actualy what is the meaning of “ugaana”??

    1. shurm
      ShAhu

      thanks.. “ugaana” aky thuraakan ( undhagoo kann ) 🙂

  13. Azu

    Varah salhi varah furihama vaahak ei?

  14. Loabi kujja

    salhi ingeh

  15. 23

    wowowow… obiness to the max… hekiyaaha salhi vaahaka eh… hama eh vana dheyvaruvey…

  16. Ded

    Thafaathu??

  17. Lolz

    V reethi vahaka eh…
    And yeah v interestin?

  18. Haaash

    Varah Reethi.❤?

  19. Ibrahim

    Varah furihama.

  20. Adam

    Varah reethi

  21. Shaima

    Hey sharm ugana ge maana buneba

    1. shurm
      Shaima

      thuraakan eyge maana aky 🙂

  22. shurm

    Thanks everyone for ur comments 🙂

  23. Unknown

    warah reethi

  24. Ishaam

    Varah reethi vaahakae lolz???

  25. Rabah

    Varah reethi vaahakaeh.

  26. Anonymous

    varah furihama vaahakaeh

  27. Mohamed Jerry.

    Varah reethi….

  28. Zed ash

    Varah reethi vaahakaeh

  29. cutie

    mashaallah v furihama vaahaka eh <3

Comments are closed.