މާޒީގެ ހަޤީގަތް
ބައްދަލުވުން ނިންމާލުމަށްފަހު ކެބިންއަށް ވަދެ ގޮނޑީގައި ހަމަޖެހިލަމުން ނިތްކުރީގައި އަތް ޖައްސާލެވުނީ ބޮލުގައި ރިއްސާތީއެވެ. މިއީ މިހާރު އަބަދުވެސް އަހަރެންގެ ހާލެވެ. ބޮލުގައި ނުފިލާ ރިހުމެއް އުފެދިފައި ހުންނަނީ ފިކުރު ކުރަންޖެހޭ ކައްތައްތައް ގިނަކަމުންނެވެ. ވަޒީފާގެ އެކި ކަންތައްތަކެވެ. ބޮއްސުންލާފައިވާ އަހަރެންގެ ދިރިއުޅުމުގެ ކަންތައްތަކެވެ. މޭޒުމަތީގައި ބެހެއްޓިފައިވާ ކުޑަކުޑަ ލޯގަނޑުން އަހަރެންގެ ސޫރައަށް ބަލައިލީމެވެ. މޫނުމަތީގައި ވަނީ ވަރުބަލިކަމުގެ އަސަރެވެ. ވާނީވެސް އެހެންނެވެ. ހަމަނިދި ނުލިބެއެވެ. ކާހިތެއްނުވެއެވެ. ޚިޔާލުތަކަށް ގެއްލިފައި އިންދާ އަހަރެން ސިއްސައިގެންދިޔައީ ކެބިންގެ ދޮރު ހުޅުވުނު އަޑަށެވެ. “ކިހިނެއްތޯވީ ފާތުން؟” އެތެރެއަށް ވަދެގެންއައި ފާތުން އާއި އަހަރެން ސުވާލުކޮށްލީމެވެ. ފާތުންއަކީ އަހަރެންގެ ސެކެޓްރީއެވެ. “ސަރ ގެ އަންހެނުން މިއަދުވެސް ދެފަހަރު ގުޅުއްވި. އެހެންވެ އެވާހަކަ ނަންގަނެލަން ވެގެން.” މަޑުމައިތިރި އަޑަކުން ފާތުން ޖަވާބު ދިނެވެ. އަހަރެން ވަކި ޖަވާބެއް ނުދިނުމުން ފާތުން ނިކުމެގެން ދިޔައީއެވެ.
ފާތުން ދިއުމުން އަހަރެންގެ އަންހެނުންގެ ރަށަށް ގުޅައިލީމެވެ. އެންމެ ރިންގަކުން އެކޮޅުން ޖަވާބުދީފިއެވެ. “ހަލޯ؟” ފުރަތަމަ ވާހަކަ ދެއްކީ އަހަރެންނެވެ. އެކޮޅުން ޖަވާބެއް ނައުމުން އަނެއްކާވެސް ގޮވައިލީމެވެ. “ކާކު ހޯދަންތޯ؟” އެއަޑު ކަންފަތުގައި ޖެހުމާއެކު ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރުވިއެވެ. އޭނާއަށް ގޮވާލަން ހިތަށްއެރިއެވެ. ހާލުއަހާލަން ބޭނުންވިއެވެ. ނަމަވެސް އެޚިޔާލާއެކު އެހެން ކަމެއްވެސް ހަނދާންވިއެވެ. “ޗަންޕާގޭ އާއިދާއަށް ގޮވާލަދެވިދާނެތޯ؟ ފަނަވަރަކަށް މިނެޓްފަހުން އަޅުގަނޑު ގުޅާނަން.” އާދައިގެ ގޮތަކަށް އަހަރެން ޖަވާބުދިނީ އަހަރެންނަށް އޭނާ އެނގުނު ކަމަށްވެސް ނުހަދައެވެ. އަހަރެން ވާހަކަ ދައްކާ ނިމުނުއިރަށް އެކޮޅުން ފޯނު ބާއްވަފިއެވެ. ފޯނުގެ އަތްގަނޑަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު އަތްގަނޑު ބާއްވައިލީމެވެ. އަހަރެންގެ ވަޅުލެވިފައިވާ މާޒީގެ ހަނދާންތައް އާވާންފެށީ އެވަގުތުއެވެ.
އަހަރެންގެ ނަމަކީ ނިހާދުއެވެ. އަހަރެން ހިދާއާއި ދިމާވީ ސްކޫލުންނެވެ. ފުރަތަމަ ފެނިލުމުންވެސް އަހަރެންނަށް ހިދާ ކަމުދިޔައެވެ. އޭނާގެ ރީތި ދެލޮލެވެ. ލޯބި ލޯބި ތުންފަތެވެ. އޭނާ ހީނލާ ގޮތެވެ. ހިދާއަށް ލޯބި ހުށަހެޅުމުގެ ބަދަލުގައި ފުރަތަމަ އަހަރެން މަސައްކަތްކުރީ އޭނާގެ ރައްޓެހިކަން ހޯދޭތޯއެވެ. އޭނާގެ އިތުބާރު ހޯދޭތޯއެވެ. މާބޮޑު މަސައްކަތަކާއި ނުލައި އަހަރެންނަށް އެކަންތައް ކާމިޔާބުވިއެވެ. ހިދާ އަކީ އަހަރެން ހީކުރި ކަހަލަ މަޖާ، އޯގާތެރި، މީހުންނާއި ގުޅޭ ކުއްޖެކެވެ. އެހެންކަމުން އަހަރެން ބޭނުންވީ ހިދާ އަހަރެންގެ މީހަކަށް ހަދާށެވެ. ހިދާއަށް ލޯބި ހުށަހެޅުމަށްޓަކައި އަހަރެންގެ ރައްޓެހި ކުލާސް ކުދިންތަކަކާއި ގުޅިގެން ދަތުރެއް ރޭވީމެވެ. ދަތުރުގައި އަހަރެން ބޭނުންވި ގޮތަށް ހިދާއަށް ލޯބި ހުށަހެޅީމެވެ. ހިދާ އަހަރެންގެ ހުށަހެޅުން ގަބުލުކުރުމުން އަހަރެން ވަރަށް އުފާވިއެވެ. ހިދާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލޯދައިދިނުމަށް އަޒުމް ކަނޑައެޅީމެވެ.
އަހަރެމެން ބޭނުންވީ ކިޔަވައި ނިމިގެން ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ނަމަވެސް ހިދާގެ މަންމަމެން ބޭނުންވީ ހިދާ އަދިވެސް އިތުރަށް ކިޔަވާށެވެ. އެމީހުންގެ އެދުމާއި ދެކޮޅަށް އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީ ހިދާ އިތުރަށް ކިޔަވަން ފެށިއެވެ. އަހަރެންވެސް ކުރިމަގަށް ވިސްނައިފައި ވިޔަފާރިއެއް ފެށީމެވެ. ދެމީހުން ތަފާތު ކަންކަމުގައި އުޅުނު ނަމަވެސް ދެމީހުން ދެމީހުންނަށް ވަގުތުދެމެވެ. ހިދާއާއި އެކުގައި ހޭދަވި ކޮންމެ ވަގުތު ކޮޅަކީ އަހަރެންނަށް ވަރަށް ޚާއްސަ ވަގުތުތަކެކެވެ. ކިތަންމެ ގިނަ ވަގުތެއް އަހަރެން ހިދާއާއި އެކު ހޭދަ ކުރިނަމަވެސް އަހަރެން ފޫއްސެއް ނުވެޔެވެ. ހިތެއްވެސް ނުފުރެއެވެ. އަހަރެން ބޭނުންވީ އަވަހަށް ކައިވެނި ކޮށްގެން އަބަދަށް ހިދާ އަހަރެންގެ ގާތަށް ގެންނާށެވެ.
އަހަރެންގެ ވިޔަފާރި ކާމިޔާބުވެ ރަނގަޅު އާމްދަނީއެއް ލިބެންފެށިއިރު ހިދާގެ ކޯސްވެސް ނިމެންއޮތީ މަދު ދުވަސްކޮޅަކަށްވެފައެވެ. އެހެންކަމުން އަހަރެން އިސްވެ ކައިވެނީގެ ވާހަކަ ދެއްކީމެވެ. އަހަރެން ބޭނުންވީ އަހަރެން އަމިއްލައަށް ހިދާގެ އާއިލާ މީހުންނާއި ބައްދަލުކޮށް ކައިވެންޏަށް އެމީހުންގެ ރުހުން ހޯދާށެވެ. އަހަރެން ދާ ވާހަކަ ހިދާ އޭނާގެ މަންމަމެން ކައިރީގައި ބުނެ އަހަރެންނަށް އެގޭގައި ހުރެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.
އަހަރެން ފުރަން ތައްޔާރު ވަމުން ދިޔައިރު ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފެދެމުން ދިޔައެވެ. އަހަރެންނަށް ހީކުރެވުނީ ދުވަހަކުވެސް ނުދާ ރަށަކަށް ދާން އުޅޭތީވާގޮތެއް ކަމަށެވެ. ފުރުމުގެ ކުރިން ހިދާއާއި ބައްދަލުކޮށްލަން އަހަރެން ދިޔައީ ހިދާވެސް އެކަމަށް އެދިފައި އޮތުމުންނެވެ. އުފާވެރި ވަގުތުކޮޅެއް ދެމީހުން އެކުގައި ހޭދަކޮށްލުމަށްފަހު އަހަރެން ފުރާ ގަޑި ކައިރިވުމުން ގެއަށް ދާން ހިނގައިގަތީމެވެ. އޭރުވެސް އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައީ ހިދާއާއި އެކު މަޑުކުރުމަށެވެ. އޭނާ ދޫކޮށްފައި ނުދިޔުމަށެވެ. ނަމަވެސް ދަތުރުގެ މުހިންމުކަން ހިތަށް ވިސްނައިދެމުން ގެއަށްގޮސް ދަބަސް ހިފައިގެން އަހަރެން ހިދާމެން ރަށަށް ފުރަން ތައްޔާރުވެފައި އޮތް ބޯޓު ކައިރިއަށް ދިޔައީމެވެ. ބޯޓަށް އަރައި އޮށޯވެލީ ދިގު ދަތުރަކަށް ވާތީ ނިދާލުމުގެ ބޭނުމުގައެވެ. މާގިނަ އިރުތަކެއް ނުވެ އަހަރެންނަށް ނިދިއްޖެއެވެ.
ސިއްސައިގެން އަހަރެންނަށް ހޭލެވުނީ ނުބައި ހުވަފެނެއް ފެނިގެންނެވެ. ހުވަފެނުގައި ފެނުނީ ހިދާއާއި އަހަރެން ވަކިވަނިކޮށެވެ. ހޭލެވުނު އިރު މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. ހިތްވެސް ވަރަށް ބާރަށް ތެޅެމުންދިޔައެވެ. ނަމަވެސް އެއީ ހުވަފެނެއްކަން ވިސްނުމުން މީހާ މަޑުމަޑުން ހަމައަކަށް އެޅުނެވެ. މަޑުމަޑުން ތެދުވެ ކައިރީގައި އިން މީހެއްގެ ކައިރިން އަހައިލުމުން ހިދާމެންގެ ރަށާއި ވަރަށް ކައިރިއަށް އާދެވިފައިވާކަން އެނގުނެވެ. އަހަރެން އަވަހަށް އަހަރެން ގެނައި ފެންފުޅިން އެތިފޮދެއް އަތަށް އަޅައި މޫނުގައި ހާކާލީ މީހާ ތާޒާވެލުމައްޓަކައެވެ. މާގިނަ އިރެއް ނުވެ އެރަށަށް ބޯޓު ކައިރިކޮއްލިއެވެ. އަހަރެން ދަބަސް ކޮނޑުގައި އަޅުވައިގެން އަވަހަށް ފޭބީމެވެ. ހިތްފަސޭހަ ރީތި ރަށެކެވެ. ވަށައިގެން ހޯދާ ބަލަމުން ދަނިކޮށް މެދު އުމުރުގެ މީހަކު އަހަރެންނާ ދިމާއަށް އަންނަނިކޮށް ފެނުނެވެ. “ނިހާދުތަ؟” އެމީހާ އައިސް ސަލާމްކޮށްލަމުން އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. “މީ ހިދާގެ ބައްޕަ. ހިނގާ ގެއަށްދަމާ.” އަހަރެން އަދަބުވެރިކަމާއެކު އޭނާގެ ފަހަތުން ހިނގައިގަތީމެވެ. “މާލޭގަ އުޅެފަ މިކަހަލަ ރަށަކަށް އާދެވުނީމަ ވަރަށް ހިތްފަސޭހަދޯ؟” އަހަރެން އެކި ތަންތަން ބަލަމުން ދާތީ ހިދާގެ ބައްޕަ އަހާލިއެވެ. އަހަރެން ޖަވާބުގައި ހިނިތުންވެލީމެވެ. އަހަރެން ހުރީ ފުރަތަމަ ފަހަރަށް ހިދާގެ ބައްޕައާއި ދިމާވުމުން ލަދުގަނެ ޖެހިލުންވެފައެވެ.
ހިދާގެ ގެއަކީ އާދައިގެ ފެންވަރަކަށް ހަދާފައިވާ ގެއެކެވެ. އެގެއިން އަހަރެން އުޅެން ހަމަޖައްސާފައިވަނީ ގެއާއި ވަކިން ހަދާފައިވާ ކުއްޔަށްދޭ ކޮޓަރިއެކެވެ. އަހަރެން ފެންވަރާލައިގެން ނުކުތްތަނާ ހިދާގެ ބައްޕަ ކާން އައުމަށްގޮވާލިއެވެ. ހިދާގެ މަންމަ ފުރަތަމަ ފެނުނީ އަހަރެން ކާން އިންދައެވެ. އަހަރެން ހިނިތުންވެލީމެވެ. ނަމަވެސް ހިދާގެ މަންމަ މޫނު އަނބުރާލައިފައި ދިޔައީއެވެ. އަހަރެން ކުޑަކޮށް ބިރުގަންނަގޮތްވިއެވެ. އަނެއްކާ ހިދާގެ މަންމަމެން އަހަރެމެންގެ ކައިވެންޏަށް ރުހޭނެބާއެވެ؟ ހިދާ ވަނީ އެމީހުން ރުހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.
ކައި ނިންމައިގެން އަހަރެން ކޮޓަރިއަށްވަނީ ހިދާއާއި ގުޅާލަން ފޯނު ކާޑެއް ގަންނާނެ ރުފިޔާއެއް ބަލައެވެ. ވޮލެޓު ނަގަން އަހަރެން ހުރީ ކޮޓަރީގެ ދޮރަށް ފުރަގަސްދީގެންނެވެ. މިހެން ހުއްޓާ އަހަރެން ސިއްސައިގެން ދިޔައީ ދޮރުޖެހުނު އަޑަށެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ކޮޓަރިތެރޭގައި ހިދާގެ މަންމަ އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ. “ތިކުރަން އުޅޭ ކަންތައް ނުކުރިއްޔާ ރަނގަޅުވާނީ.” ރުންކުރު ގޮތަކަށް ހިދާގެ މަންމަ އަހަރެންނާ ދިމާއަށް އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ. “މިބުނީ ހިދާގެ ބައްޕަ ކައިރީ ނިހާދުއާއި ހިދާގެ ކައިވެނީގެ ވާހަކަ ދައްކައިގެން ނުވާނޭ. އަހަރެންނަށް ހިދާ މާލޭގައި އުޅޭގޭ ފާތުން އޮތީ ކަލޭ ތީ ކާކުކަން ކިޔައިދީފައި. ތިދެމީހުން މާލޭގައި އުޅޭ ގޮތްވެސް ކިޔައިދީފައި. އަހަރެން ހީކުރީ ރަށަށް އަންނަންވީމަ އޭނަ ތިކަންތައް ހުއްޓާނެ ކަމަށް. އެކަމަކު ކަލޭ މިރަށަށް އަންނަ ވާހަކަ ބުނީމަ އެނގިއްޖެ ހިދާގެ ވިސްނުން ހުރިގޮތް. އަހަރެން ގަބޫލެއްނޫން ކަލޭ އޭނާ އާއި ގުޅޭކަށް. ހިދާއަށް ހެޔޮއެދެންޏާ އޭނާއާއި ދުރަށްދޭ.” ހިދާގެ މަންމަގެ ވާހަކަތައް އަޑު އަހަން ގަބުއަރާފައި އަހަރެންނަށް ހުރެވުނެވެ. “އެކަމަކު ކީއްވެ؟” މަޑުމަޑުން އަހަރެންނަށް އަހާލެވުނެވެ. “ކީއްވެހޭ؟ އަހަރެން ނުޖެހޭނެ ކަލެއަށް ސަބަބު ކިޔައިދޭކަށް. ހިދާ އިންނާނެ އެހެން ކުއްޖަކު އަހަރެން ހުންނާނީ ހޯދާފައި.” އެހެން ބުނުމަށްފަހު ހިދާގެ މަންމަ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. އަހަރެން މަޑުމަޑުން އެނދުގައި އިށީންނީމެވެ. ދެއަތުން ބޮލުގައި ހިފާލެވުނީ ހާސްވެފައި ހުރިވަރުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިރަށަށް އައި އިރު އަހަރެންގެ ހިތް ބިރުގަތް ކަމެއް މިއެނގުނީ އަދި ކިރިޔާއެވެ. ހިދާއަށް ގުޅަން ދިއުމުގެ ޚިޔާލު އަހަރެން ދޫކޮށްލީ އޭނާއަށް މިއިން ކަމެއް އެނގެން އަހަރެން ބޭނުން ނުވާތީއެވެ.
މުޅި ދުވަހު ކޮޓަރީގައި އޮވެގެން އަހަރެން ދެން ކަންތައް ކުރަންވީ ގޮތަކާއި ދޭތެރޭ ވިސްނީއެވެ. ނަމަވެސް އެއްވެސް ކަމެއް ޚިޔާލަކަށްނައެވެ. އެހުރިހާ ވަގުތެއްގައިވެސް ހިދާގެ ޚިޔާލުތައް ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އޭނާ ދެރަވާނެވަރު ހިތަށް އަރަމުން ދިޔައެވެ. އެންމެފަހުން އެންމެ ރަނގަޅުގޮތެއް ކަމަށް އަހަރެންނަށް ފެނުނީ ހިދާގެ ބައްޕައާއި އެވާހަކަ ދެއްކުމެވެ. ފަހަރުގައި ހިދާގެ ބައްޕަގެ ޚިޔާލު މިކަމުގައި ތަފާތުވެދާނެއެވެ.
ހިދާގެ ބައްޕައާއި ދިމާވީ އެރޭ އިޝާ ނަމާދުގެ ފަހުންނެވެ. އަހަރެން ވާހަކަ ދައްކަން ފެށުމާއެކު ހިދާގެ ބައްޕަ އަތް އުފުލައިލީ އިތުރަށް ވާހަކަ ނުދައްކާށޭ ބުނާ ކަހަލަ ގޮތަކަށެވެ. “ބުނަން ނިހާދު ވާހަކައެއް؟ ހިދާ އިންނާނެ މީހަކު އެނގޭނީ އަހަރެމެންނަށް. ހިދާ އަކަށް ނޫން. އަހަރެންނަށް އެނގޭ ނިހާދުއަކީ ގޯސް ކުއްޖެއްނޫންކަން. އެކަމަކުވެސް ހެޔޮ. ހިދާ އިންނާނީ އާޒިމްއާއި. އަދި ބުނަން؟ އަހަރެމެން މިހެން ބުނިކަން ހިދާއަށް އަންގައިގެން ނުވާނެ. އަހަރެމެންގެ ނުގަބޫލުގައި އިނދެފިއްޔާ އަހަރެމެން ހިދާއާއި އުމުރަށް ގުޅުން ކަނޑައިލާނަން. އެހާބޮޑު ހިތާމައެއް ހިދާއަށް ދޭކަށް ނިހާދުވެސް ބޭނުމެއްނުވާނެ. އެހެންވީމަ ރަނގަޅުވާނީ ހިދާ ދޫކޮށްލާފައި އެހެން ކުއްޖަކާ ނިހާދު ކައިވެނި ކުރިއްޔާ.” ހިދާގެ ބައްޕަ ދައްކަން ބޭނުން ވާހަކައެއް ދެއްކުމަށްފަހު އަހަރެން ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ ދިޔައީއެވެ. އަހަރެންގެ ހުރިހާ އުންމީދެއް ގެއްލުވާލާފައެވެ. އެތައް އިރަކު ވިސްނުމަށްފަހު އަހަރެން ހިދާ ދޫކޮށްލަން ނިންމީ ހިތާއި ދެކޮޅަށެވެ. އޭނާގެ އާއިލާއާއި އޭނާ ވަކިކުރަން ބޭނުން ނުވާތީއެވެ. އަހަރެންނަށް ދެރަވިއެވެ. ރޯންވެސް ރުއީމެވެ. ނަމަވެސް ކެތްކުރަން މަސައްކަތް ކުރީމެވެ.
ދެދަވަހެއް ފާއިތުވެގެން ދިޔައިރުވެސް އަހަރެން ކޮޓަރިން ނުކުމެ ނޫޅެމެވެ. ކާން ނުކުތަސް އެގޭ އެއްވެސް މީހަކު އަހަރެންނާ ވާހަކައެއް ނުދައްކައެވެ. ކޮޓަރީގައި އެކަނިއޮވެ ފިކުރުކޮށް ބޯހާސްވާން ފެށުމުން އަހަރެން ހިނގާލަން ނުކުތީމެވެ. އެރަށު ގޮނޑުދޮށުގައި ހުންނަ ޖޯލިފައްޗަކީ އަހަރެންނަށް އެރަށުން ފެނުނު އެންމެ ހިތްފަސޭހަތަނެވެ. އެތަނަށް ދިއުން އަހަރެންގެ އާންމު ކަމަކަށްވިއެވެ. އާއިދާ އަހަރެންނާއި ދިމާވީ އެތަނުންނެވެ. އޭނާއާއި އަހަރެން ގުޅުން ބަދަހި ކުރީ ގަސްތުގައެވެ. ކައިވެންޏަށް އެދުނީ ހިދާގެ މަތިން ހަނދާން ނައްތާލަން ބޭނުންވެފައި ހުރުމުންނެވެ.
ކައިވެނީގެ ކުރިން ކިތަންމެ ފަހަރަކު އަހަރެން ފޯނު ބޫތު ކައިރިއަށް ދިޔައީމެވެ. ހިދާއާއި ވާހަކަ ދައްކާލުމަށެވެ. ފަހު ފަހަރު އޭނާގެ އަޑު އަހާލުމަށެވެ. ނަމަވެސް އެހިތްވަރެއް ނުލިބުނެވެ. ކައިވެނި ކުރެވުނު ވަގުތު އަހަރެންނަށް ކުރެވުނު އިހުސާސް ބުނެދޭންވެސް ނޭނގެއެވެ. މުޅިމީހާ ހިތާމައިގެ ކޯރެއްގެ ތެރެއަށް ގެނބިގެން ދިޔަކަހަލައެވެ.
ހިދާއަކީ އާއިދާގެ ރަހުމަތްތެރިއެއްކަން އެނގުނީ ކައިވެނީގެ ފަހުންނެވެ. އަހަރެމެންގެ ކައިވެނީގެ ވާހަކަ އިވުނު ދުވަހު ހިދާއަށް ވީގޮތް އާއިދާ ކިޔައިދިނުމުން އަހަރެންގެ ހިތް ކުދި ކުދިވިއެވެ. ހިދާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދިނުމަށް ވައުދުވެފައި އޭނާއަށް އެހާބޮޑު ދެރައެއް މިދިނީވެސް އަހަރެން އަމިއްލައަށެވެ. އުމުރު ދުވަހު އެނާއާއި އެކު ހުންނަށް ވައުދުވީ މީހަކު އޭނަގެ ރައްޓެއްސަކުގެ ހައްގަކަށްވުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ނަފްސަށް އަހަރެން ނަފްރަތު ކުރަން ފެށީ އެދުވަހުގެ ފަހުންނެވެ. އާއިދާއަށް ހިދާއާއި ވާހަކަދެއްވުން މަނާ ކުރީ އެއީ ރަނގަޅު މީހެއް ނޫންކަމަށްބުނެ ދޮގެއް ހަދައިފައެވެ. އެއީ އިތުރަށް އާއިދާގެ ފުށުން އަހަރެންގެ ވާހަކައެއް ހިދާއަށް އިވެން ބޭނުން ނުވާތީއެވެ.
ފޯނުގެ ރަނގަބީލުގެ އަޑަށް އަހަރެން ސިއްސައިގެން ދިޔައެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތަށް ފޮހެލުމަށްފަހު އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލީމެވެ. “ހަލޯ؟” އެއިވުނީ އަހަރެންގެ އަނބިމީހާގެ އަޑެވެ. “ނިހާދު ގުޅާނޭ ކުއްޖަކު ބުނީމަ.” މަޑުމަޑުން އާއިދާ ވާހަކަ ދެއްކިއެވެ. އާއިދާ އެތައް ވާހަކައެއް ދެއްކިއެވެ. އަހަރެން މާގިނަ ވާހަކައެއް ނުދައްކަމެވެ. އެކަމާ އޭނާ ޝަކުވާއެއް ނުކުރެއެވެ. އޭނާއަކީ ކެތްތެރި އަދަބުވެރި އަންބެކެވެ. އަހަރެންނަށް އޭނާއާއި ދޭތެރޭ ކަންތައް ކުރެވޭގޮތް ރަނގަޅު ނޫންކަން އަހަރެންނަށް އެނގެއެވެ. އެކަމާ ދެރަވެސް ވެއެވެ. އަހަރެންނަށް ހިދާގެ ހަނދާންތަކާއި ދުރަށް ނުދެވޭތީ އާއިދާއާއި ގަޔާނުވެވެނީއެވެ. “އާއިދާ މާލެ ބަދަލުވާން ވީއެއްނު؟” އާއިދާ ދައްކަމުންދިޔަ ވާހަކައިގެ މެދުތެރެއިން އަހަރެން އަހާލީމެވެ. އިރުކޮޅަކު ވާހަކަ ނުދައްކައި ހުރުމަށްފަހު އޭނާ ވާހަކަދެއްކިއިރު އަޑުގައިވި އުފާވެރިކަން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ފޯނު ބޭއްވިއިރު އަހަރެންވެސް ހުރީ އުފާވެފައެވެ. އާއިދާއަށް ރަނގަޅު ފިރިއަކަށް ވުމަށް މިހާރުވެސް އަހަރެންނަށް ލަސްވެއްޖެއެވެ.
ހިދާއެވެ. އަހަރެންނަށް މައާފު ކުރާށެވެ. ހިދާ އަހަރެންނާހެދި އުފުލި ހިތާމައަށްވުރެ މައިންބަފައިން ވަކިވެއްޖެނަމަ އުފުލަން ޖެހޭނެ ހިތާމަ މާބޮޑުވީހެވެ. ހިދާއެވެ. ހިދާއާއި ވަކިން އަހަރެންވެސް މިއުޅުނީ އެކަނިވެރި ދިރިއުޅުމެކެވެ. ހިތްހަމަޖެހުމެއްނެތް ހިތާމަވެރި ދިރިއުޅެމެކެވެ. އަހަރެން ހިދާ ދެކެ ވަރަށް ލޯބިވަމެވެ. އަބަދުވެސް ވާނަމެވެ. އަހަރެންގެ ފަރާތުން ހިދާ ޖަވާބު ބޭނުންވާނެ ކިތަންމެ ސުވާލެއް ހުންނާނެކަން އެނގެއެވެ. އެސުވާލުތަކުގެ ޖަވާބު ހިދާއަށް ދުވަހަކުވެސް ލިބޭކަށް އަހަރެން ބޭނުމެއްނޫނެވެ. އެޖަވާބުތައް ހިދާގެ ދިރިއުޅުމުގެ ހަމަޖެހުން ނަގާލައިފާނެތީއެވެ.
(ނިމުނީ)
29 Comments!
Comments are closed.


Whn is the next part v nice
This is the end of this story. Planning to write a new one soon. Thankyou for reading. 🙂
SALHI ❤
Thankyou ❤
Varah reethi ❤ keep it up dear ?
Thankyou. Means a lot ❤
kyn mi vhk …..i think binmr ge vhk eh☺
Concept might be similar. But i assure you i wrote this on my own. 🙂
Mi ee hama haqeeqee vaahaka eh baa?
Hiyaalee vaahakaeh. 🙂
Hi all. This is a continuation of my first story “Maazee”. So please make sure that you read it first to understand the story better. Hope you all like it. 🙂
Nice story. Looking forward for more to come 😉 may Allah bless your work
Thankyou 🙂
Masha allah v rythi v ibraiytheri
Thankyou 🙂
Vv rethi story
Thankyou 🙂
Varah reethi..
Keep it up..
🙂 🙂 🙂
Thankyou 🙂
Hama varah reethi.mivaahaka mi nimuneetha??
Thankyou 🙂 yes. nimunee.
Nyc
Thanks 🙂
enme reethi vaahaka liyaa kujja
keep it up girl <3
Thankyou 🙂
Hehe its a joke
Reeti v selfish doa v reeti digunama mahvure reeti vaane but nice story
This is an answer to a story I guess
Miige ehn Baeh Gennan v Nuh Hidhaa AhHageegai Engey Baeh.. Salhi Waane.. Nihaad And Hidhaa Gulhuwan Waanennu.. But It Depends on yuh inge.. Nice storyy..