Skip to content
އެސްފިޔަ

ޙަޔާތުގެ މަންޒިލް

އުޑުމަތި ބަނަ ވައިގަދަ ދުވަހެކެވެ. ހީވަނީ ދެންމެ ދެންމެ ވާރޭވެހެން ފަށައިފާނެހެންނެވެ. ކަނޑުގެ އެ ހަމައެއް ލަމައެއް ނެތް ރާޅުތަކުން ދޯނި ދެފަރާތައް އަރިކުރަމުން ދާއިރު، ދެތިން އަންހެނަކު ކޮތަޅު ހިފައިން ހޮޑުލާން ތިއްބެވެ. އަދި ބައެއް ކުޑަކުދިން ބިރުން އެކުދިންގެ މައިންބަފައިންގެ ގައިގައި އޮޅުލައިގަނެގެން ތިބިއިރު، އަނެއްބައިކުދިން އަޑުން އަޑުނަގާފައި ރޮނީއެވެ. މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމާއިބެހޭ އިދާރާއިން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން އަންގައި، ވައިޓްއެލާޓް ނެރެފައިވެއެވެ. ނަމަވެސް ތަންތަނަށްދާ ހިތްވާ މީހުން އެކަންކަމަކަށް ސަމާލުކަމެއް ނުދެއެވެ. ޒަހްރާ އާއި ޔުސްރާވެސް ވީ އޭގެތެރެއިންނެވެ.

މާގިނައިރެއްނުވެ ދޯނިގޮސް ހުޅުލޭ ފެރީ ޓާމިނަލް ކައިރިއަށް މަޑުކޮށްލުމުން އެންމެންތައް އަވަސްވެގަތީ ދޯނިން ފައިބުމަށެވެ. ދޯނިއޮތީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ކުރިމަތީގައެވެ. ޒަހްރާއާއި ޔުސްރާގެ މަންޒިލަކީ ޑޮމެސްޓިކް އެއާޕޯޓެވެ. ނަމަވެސް އަނެއްކާ ދޯނީގައި އޮޔާއި، ވަޔާއި، ދެކޮޅަށް ތަޅުވަމުން ނުދާންވެގެން އެމީހުން އެހިސާބުން ފައިބައިގެން ދިޔައީ ހިނގާފައެވެ. ލިބުނު ފުރަތަމަ ޓާރމްގެ ކުޑަކުޑަ ބަންދަށް ރަށަށް ދިޔުމަށްޓަކައި އެއާޕޯޓަށްވަދެ ޗެކިންކޮށްގެން އަދި ވަގުތު އޮތުމުން ނިކުމެލީ ބޭރު ގޮނޑިބަރިއަށެވެ. ރީތި ނަލަ ވައި ޖެހޭތީއެވެ.
އެ ދެކުދިންއެއީ އެއްބަނޑު އެއްބަފައި ދެކުދިން ކަމުގައި ވީނަމަވެސް ދެކުދިންގެ އުޅުމުގައި އުޑާއި ބިމާއިހައި ތަފާތެވެ. އެވަގުތުވީ މެންދުރު ނަމާދު ބަންގި ގޮވި ވަގުތަށެވެ. ޒަހްރާގެ ފޯނުން ބަންގި އަޑު އިވުމުން ޔުސްރާކައިރީ ނަމާދަށް ދާން ހިނގާށޭ ބުނީ އުފަލުން ފޮޅިފައިވާ މޫނަކާއެކުގައެވެ. ނަމާދުވަގުތުގައި ނަމާދު ކޮށްލުމުން އެ ލިބޭ ހިތްހަމަޖެހުމަކީ ބަހަކުން، ޖުމްލަޔަކުން ބަޔާން ކުރެވޭނެފަދަ ހިތްހަމަ ޖެހުމެއް ނޫނެވެ. ނަމަވެސް ޔުސްރާ މޫނު ކުނިކޮށްލާފައި އަނެއްފަރާތަށް ބަލައިލީ ރުޅިވެރި ފާޑަކަށެވެ. އެދެކުދިންގެ މެދުގައި އެންމެ މައްސަލަ ޖެހޭ އެއްކަމަކީ އެއީއެވެ. ޒަހްރާ އަބަދު ޔުސްރާ ކައިރީ ނަމާދުކުރުމަށާއި އަދި އެ ނޫންވެސް ހެޔޮ ކަންތައްތައް ކުރުމަށް ބުނާތީ ޔުސްރާ ޒަހްރާދެކެ ފޫހިވަނީ އިންތިހާއަށެވެ. ޔުސްރާއަށް ހީވަނީ ޒަހްރާ މާ ދީންވެރި މީހެއްކަން ދެއްކެން އުޅެނީ ހެންނެެވެ.

ދައްތަގެ މޫނުމަތިން އެފެނުނު ރުޅިވެރިކަމުން ހިތައްކުރުވި ފުންއަސަރަކުން ޒަހްރާ އެއްޗެކޭ ނުބުނެ އިސްދަށަށްޖަހާލައިގެން މިސްކިތާދިމާއަށް ދިޔައީ ރޮވިފައިވާ ހިތަކާއެކުގައެވެ. އޭނާ، އޭނާގެ ދައްތައަށް ނަސޭހަތްދެނީ ޤިޔާމަތްދުވަހުން އެ ދައްތަ ނަރަކައިގެ އަލިފާނުގައިވާ މަންޒަރުދެކެން ބޭނުންނުވާތީއެވެ. ސުވަރުގޭގެ ދާންތަކުމަތީގައި، ހިތްހަމަޖެހުމާއި، އުފަލުގައި އެ ދައްތަޔާއެކު ވުމަށް އެދޭތީއެވެ. ދައްތައަށް އެކަން ވިސްނޭނީ ކޮންދުވަހަކުންބާވައެވެ؟ ޒަހްރާ ދިޔުމުން ޔުސްރާ ހެޑްސެޓް ޖަހާލައިގެން ފޯނުން ލަވައަޑުއަހަން އިނީ އެއްވެސް ފިކުރެއްނެތިއެވެ. އަދި އެލަވަތަކަށް މަސްތުވެފައިވާހާލު އަޑުދަށުން މަޑުމަޑުން ލަވަ ކިޔަމުންދިޔައެވެ.

Q2 244 ނަމްބަރު މަތިންދާބޯއްޓު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން ޒަހްރާއާއި ޔުސްރާގެ ހިތް އުފަލުން ފޮޅުނީ މާގިނައިރެއް ނުވެ ރަށަށް ދެވޭނެކަމުގެ އިހްސާސް ކުރުވުމުންނެވެ. ޖެހިޖެހިގެން އިން ދެގޮނޑީގައި ދެކުދިން ތިބިއިރު އަނގައިންނުބުނެ އޭރުވެސް ޔުސްރާ އިނީ ހެޑްސެޓުން ލަވަ އަޑުއަހަންނެވެ. ކިތަމެ ފަހަރަކު އެކަން ނުކުރާށޭ ބުނަން ޒަހްރާގެ ހިތްއެދުނު ނަމަވެސް ދައްތަގެ ގޮތް އެނގޭތީ އިތުރަށް ދަތުރުގެ ހަމަޖެހުން ނަގާނުލަންވެގެން ޒިކުރުކުރުމުގައި ވަގުތު ހޭދަކޮށްލީއެވެ. ކަނޑުގަދަ ދުވަހެއްކަމުން އެމީހުންގެ ރަށުން ދަތުރު ކޮށްދޭނެ ލާންޗެއް ނުވުމުން އެދެކުދިންގެ އާއިލާއިން އެކަކަށްވެސް އެދެކުދިން ބަލާއާދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އެކުދިންގެ ބައްޕަ އާދަނު ހަނިމާދޫއާއި ގުޅައިގެން އެރަށުން ލާންޗެއް ހަމަޖައްސައި އެކުދިންގެ އިންތިޒާރުގައި ރަށުގެ ބަނދަރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
އަތްދިގު ކުރު ޓީޝާޓަކާއި ޖީންސެއް ލައިގެން، ޝޯލްއެއް ބޮލުގައި އޮޅާލައިގެންހުރި ޔުސްރާ ޒަހްރާއާއި ދިމާއަށް ބަލައި މަލާމާތުގެ ނަޒަރުން ހޭންހުރީ އަންނަގަދަ ވައިގަނޑުގައި ޒަހްރާގެ އަބާޔާ އާއި، އަޅާފައިހުރި ކަޅުބުރުގާ ވަޔާ މައްޗައް އަރަމުންދާތީ، ޒަހްރާ ދެއަތުން ދެފަރާތުގައި އަތްއަޅަމުން، ނުހިފެއްޓިގެން އުޅޭ މަންޒަރު ފެނިއެވެ. ޔުސްރާގެ އާދައަކީ އަބަދުވެސް އެއީއެވެ. އޭނާގެ ކޮށްކޮ ދެރަކޮށްލައި ރޮއްވާހިތްވަނީ ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. ފަހުގެ ފެޝަންތަކަށް ލޯބިކުރާ ޔުސްރާ އަށް އޭނާގެ ކޮށްކޮލާ ހެދުންތައް ހަޑީކަންނޭނގެއެވެ. ނޫނީ ކޮށްކޮ ބަރާބަރަށް ނަމާދުކޮށް ދީނުގެ ހުރިހާކަމަކަށް ސަމާލުކަން ދޭތީ އެގޮތް ޔުސްރާއަށް ކަމުނުދަނީ ކަންނޭނގެއެވެ. ނޫނީ ކޮށްކޮ އޭނާ ކުރާ ހުރިހާކަމަކާއި ބެހޭތީ ކަންނޭނގެއެވެ. އޭނާގެ ބޯއިފްރެންޑާއެކު ބޭރަށް ދާއިރަށް އެކަންވެސް ޒަހްރާއަށް ކަމުދާ ކަމަކަށްނުވެއެވެ. ގަޔަށްބާރު އެއްޗެހިލައިގެން ބޭރަށް ނުކުންނާތީވެސް އެކަމާވެސް ދަރުސް ދޭނެއެވެ. މޭކަޕްކުރާތީއާއި ކުރުކޮށް ޝޯލް އަޅާތީވެސް މެއެވެ. އަބަދު ލަވައަޑުއަހާތީއާއި، އިނގެރޭސި ޑްރާމާތައް ބަލާތީވެސް މެއެވެ. ޔުސްރާ އަށް މިނިވަންކަމާއެކު ކުރެވޭ އެއްވެސް ކަމެއް ނޯންނަކަހަލައެވެ. ދެން ފޫހިވެސް ވާނެތާއެވެ.

ޔުސްރާ ޒަހްރާއަށް މަލާމާތްކޮށް ހޭތަންފެނި ޒަހްރާގެ ލޯ ފެންކަޅިވިއެވެ. ދައްތަގެ އެ ނަޒަރު ބުނާ ކަހަލައެވެ. ގޯންޏެއްފަދަ ހެދުމެއް ގަޔަށް މަހައިގެން އުޅެންޏާވާނީ ތިހެނެވެ. ޒަހްރާއަށް އެނގެއެވެ. އެއީ ދައްތަމެންގެ ވިސްނުން ހުންނަ ގޮތެވެ. ދެރައީ މި ގޯންޏެއް ކަހަލަ ދޫ ހެދުން، ޤިޔާމަތް ދުވަހުން އޭނާ ނަރަކައިން ސަލާމަތްކޮށްދޭނެކަން ދައްތައަށް ނުވިސްނޭތީއެވެ. މި ބޮޑު ފޮތިގަނޑެއްފަދަ ބުރުގާ އާޚިރަތުގައި އޭނާގެ ސަލާމަތުގެ ހިޔަލަކަށް ވާނެކަން ދައްތައަށް ނުވިސްނޭތީއެވެ. އެއާއެކު އޭނާއަށް ހިތާހިތުން ދުޢާ ކޮށްލެވުނީ ދައްތަ އަށް ހެޔޮވިސްނުން ދެއްވާތޯއެވެ. ދުނިޔޭގެ މިކުރުކުރު ދަތުރުގައި އެ ދައްތަ ތަޢުބާވެ އަމަލުތައް ރަނގަޅު ކުރުމަށް ފުރުސަތު ދެއްވާތޯއެވެ.
އާދަނު ގުޅާފައި ލާންޗުގެ ނަން ބުނުމުން ދެކުދިން ޖެޓީމަތިންލާފައި ގޮސް އެނަންކިޔާ ލާންޗައް އެރީ އެ ދެކުދިންގެވެސް މައިންބަފައިންގެ މޫނުތަކުގެ އުފާވެރި މަންޒަރު ސިފަކުރަމުންނެވެ. އެތައް ދުވަހަކަށްފަހު މަންމަމެން ދެކިލަން ކެތްމަދުވެފައިވާ ހިތަކާއިގެންނެވެ. ލާންޗުގެ ކައްޕީގެ އިތުރުން އެހީތެރިވާނެ މީހަކު ހުއްޓެވެ. ދެކުދިން ލާންޗަށް އެރުމާއެކު ލާންޗު ނައްޓާލީ ހއ.އިހަވަންދޫއަށެވެ. ކަނޑުގެ ރާޅުތައްވެސް ހީވަނީ ރުޅިއައިސްގެން ކެކިއަރާހެންނެވެ. ބިންދާލާ ބޮޑު އަދި ކުދި ރާޅުތަކުގެ ފޮނުތަކަށް ބަލަހައްޓައިގެން އިން ޒަހްރާ ވިސްނަމުން ދިޔައީ ﷲގެ ކުޅަދުންވަންތަކަމާމެދުއެވެ. މިއޮށްބޮޑު ގަދަ ކަނޑުގެ މަތީގައި ބިޔަ ރާޅުތައް ކޮޅުކޮޅަށް ދުވާއިރު އެކަނޑުގެ އަޑީގައި އެތައްވަށްތަރެއްގެ ދިރުމެއް ލައްވާފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗަކަށް އެ ރާޅުތަކުގެ މާބޮޑު އަސަރެއް ނުކުރޭ ވިއްޔާއެވެ. އެ ރާޅުތައްވެސް ކޮޅުކޮޅަށް ދުވާއިރު އޭގެ މަންޒިލާއި ފެށުމާއި ނިމުން ލައްވާފައި ވެއެވެ. އެނަގާ ރާޅު މާދުރަށް ނުދެވެނީސް އެ ބިންދާލުމަށްފަހު މާގިނަ އިރެއްނުވެ އޭގެ ދަތުރު ނިމެނީ ކުޑަ ރާޅު ބާންޏެއް ފަދައިންނެވެ. ﷲގެ ކުޅަދުންވަންތަކަން އިންތިހާއެވެ. އެއާއެކު އޭނާ މަޑުމަޑުން ތުންފަތް ތަޅުވަމުން ދިޔައީ ﷲ އަކުބަރު (އެންމެބޮޑީ ﷲ އެވެ) ކިޔަމުންނެވެ.

ލާންޗު އެއްފަރާތުން އަނެއްފަރާތައް އަރިކޮށްލާވަގުތު ދެކުދިން އެކަކު އަނެކެއްގެ ގައިމަށްޗައް ވެއްޓެމުން ދެއެވެ. ކައްޕި ރާޅުތަކަށް ބަލައިގެން ލާންޗު އެހާ މަޑުން ދުއްވަމުން ދިޔައިރުވެސް ހީވަނީ ރާޅުތައް ލާންޗުގެ އެތެރެއަށް ދެންމެ ދެންމެ ވަދެފާނެ ހެންނެވެ. ޔުސްރާ ކުޑަކޮށް ބިރުގަންނަގޮތްވުމުން އަނެއްކާވެސް ހެޑްސެޓުން ލަވަ އަޑުއަހަން ފެށިއެވެ. އެ މަންޒަރުފެނި ޒަހްރާއަށް އާދެވުނީ ރުޅިއެވެ. ބިރުގަތުމުން ﷲމަތިން ހަނދާން ކުރުމުގެ ބަދަލުގައި އަނެއްކާވެސް ފާފަކުރަންވީ ހެއްޔެވެ؟ އައި ރުޅީގައި އޭނާއަށް ހެޑްސެޓްގެ ވާގަނޑުގައި ހިފާ ދަމައިގަނެވުނީ ބާރަށަވެ. އެއާއެކު ހެޑްސެޓް ވެއްޓުނީ ލާންޗުތެރެއަށެވެ. ޒަހްރާގެ އެއަމަލުން ޔުސްރާވެސް އައީ ރުޅިއެވެ. އެއާއެކު ހަމައެވަގުތު ޒަހްރާގެ ކޮނޑުގައި އަތްނަގާ ޖަހާލެވުނެވެ. އަދި ރުޅިވެރިގޮތަކަށް ލޯ އަޅާލައިފައި ހެޑްސެޓްނަގަން ތެދުވެލިވަގުތު ކައްޕި ކުއްލިއަކަށް ލާންޗު ހުއްޓުމުން، ލާންޗައް އެރި ގުޑުމުގައި ޔުސްރާ ވިއްސައިގެންދިޔަލެއް ބާރުކަމުން ލާންޗު ހިޔާކުރަން ކައިރިފަށުގައި ދަމާފައި ހުރި ސަތަރިގަނޑާއެކު ނައްޓައިގެންގޮސް ޖެހުނީ ކަނޑުގެ ބިޔަ ރާޅުތަކު ތެރެއަށެވެ. ހަމަ އެހިނދުކޮޅުގައި ލާންޗުގެ އެއްފަރާތުން ނެގި ބިޔަ އަވަސް ރާޅަކުން ލާންޗު އަރިވެ އަނެއްފަރާތައް ބަންޑުން ޖެހެން ދިޔަވަގުތު، ވީދައިންގޮސްފައި އިން ސަތަރިގަނޑުގެ ތެރޭންލާފައި ޒަހްރާވެސް ކަނޑަށް ވެއްޓުނެވެ. ލާންޗު ބަންޑުންޖަހާލައިފިއެވެ. ކައްޕިއަށްވެސް ކުއްލިއަކަށް ލާންޗު ހުއްޓުނީ ކުއްލިއަކަށް ނުލާހިކު ކައިރިން އެ ފެނުނު ރާޅުން ސަލާމަތްވެވޭތޯއެވެ. ނަމަވެސް އެކަންވީ ބޭކާރެވެ.

ޔުސްރާ ވިއްސައިގެން ދިޔަ ބާރުމިނުގައި ލާންޗުގެ އަރިމަތީގައި ބޯޖެހުނުލެއް ބާރުކަމުން އޭނާވަނީ އަނބުރައިގަންފައެވެ. ވާނުވާނޭނގޭ ހާލު ރާޅުތަކުގެ ތެރޭގައި ބެހެމުން ދާއިރު، ރާޅާއެކު ދެކޮޅަށްތަޅާލަތަޅާލައި އޮތެވެ. އަނެއްކޮޅުން ޒަހްރާ އަށްވެސް ލިބުނު ސިހުމުގައި ވާނުވާ އެނގުނު އިރު، ކަނޑުގެ ބިޔަ ރާޅުތަކުތެރޭގައި އޭނާ ވިޔެވެ. ޒަހްރާއަށް ފަތަން އެނގެނީ ވަރަށްވެސް ކުޑަކޮށެވެ. ކިރިޔާ ފެންމަތީގައި އޮވެލަން އެނގޭ ވަރަށެވެ. ނަމަވެސް ޔުސްރާ އަކީ އާންމުކޮށް ފަތަން ދާ ކުއްޖެއްކަމުން އޭނާއަށް ރަނގަޅަށް ފަތަން އެނގެއެވެ. ނަމަވެސް އޭނާގެ ހާލަތު އެވަނީ އެކަމަށް ތަންދޭ ހިސާބަކު ނޫނެވެ.

ޒަހްރާ ދެފަރާތައް ބަލާލެވުނީ ޔުސްރާ ފެންނަން ނެތުމުންނެވެ. ހައިރާންކަމާއި، ބިރާއި، ހިތާމައާއި އަދި މާޔޫސްކަމުން ސިކުނޑި ހައިޖާނުވެފައި ވީ ހިނދު ފެނުނީ ކައިރީގައި ބަންޑުން ޖަހާލައިފައި އޮތް ލާންޗެވެ. އޭގެ އަނެއްފަރާތުގައި ކައްޕިއާއި އޭނާގެ އެހީތެރިޔާ ލާންޗުގައި ބާރަށް ހިފަހައްޓައިގެންތިބީ އެއްބަޔަކު އަނެއްބަޔަކަށް ނުފެންނަ ގޮތަށެވެ. އޭރުވެސް ޒަހްރާ އެގަދަ ރާޅުތަކުތެރޭ މަތީގައި އޮވެވޭތޯޯ ހުއްޓާނުލާ އަތުން ބަކިތަޅަނީ ފަތަން ދަސްކުރާ ކުޑަކުއްޖެއް ފަދައިންނެވެ. ކައިރީގައިއޮތް ލާންޗާއި ހަމައަށްދެވެތޯ މަސައްކަތްކުރަނިކޮށް ފެނުނީ އެއްފަރާތުން އޮޔާދާ އޭނާގެ ދައްތަގެ ހަށިގަނޑެވެ. އޭނާގެ ދެލޯބޮޑުވެ، ހިތުގައި ރިއްސާލީ ހިތުގެ ނާރަކުން ދިން ބިރުވެރި މެސަޖަކުންނެވެ. އަވަސް އަވަހަށް އެދިމާލަށްދެވޭތޯ މަސައްކަތްކުރަންފެށީ ދައްތަ ސަލާމަތް ކުރެވޭތޯއެވެ.

އެވަގުތު ކައްޕި ބަނޑުންޖަހާލާފައި އޮތް ލާންޗުގެ މައްޗައް ބަނޑުޖަހަމުންއެރީ އޭގެ ފަތުރުވެރިންގެ އަސަރެއް ފެނޭތޯއެވެ. އެހިނދު ކައިރިން ދުރަށް ފަތަމުން ދިޔަ ޒަހްރާ ފެނުމުން ކޮށްކޯ މިކޮޅަށް އަންނާށޭ ކިޔާފައި ގޮވީ އެކުއްޖާ ސަލާމަތްކުރެވޭތޯއެވެ. ނަމަވެސް ޒަހްރާއަށް އެއަޑު ނީވޭ ކަހަލައެވެ. އޭނާގެ ސިކުނޑި އާއި ހިތްވެސް އެދި ގޮވަމުންދިޔައީ ދައްތަ ސަލާމަތްކުރުމަށެވެ. އޭރު ޒަހްރާއަށް އެތައްވަރަކަށް ލޮނު ބޮވިއްޖެއެވެ. އެ ބިޔަ ރާޅުތަކަށް ނިމުމެއްވެސް ނުވާފަދައެވެ. ހުރިހާ ފަރާތަކުން އެކިވަރުގެ ރާޅު އަންނައިރު އެރާޅުތަކުގެ ސަބަބުން ޔުސްރާގެ ހަށިގަނޑު ފެންނަނީ ބައެއް ފަހަރެވެ. ހަމައެއް ލަމައެއްނެތި ޖެހޭ ވައިގެ ސަބަބުން އެއުފެދޭ ކުދި ބާނި ރާޅުތަކަކުން ޔުސްރާ ޒަހްރާޔާއި ހައްތަހާ ދުރަށް ގެންދާ ފަދައެވެ. އެވަގުތު ބޯކޮށް ވާރެ އޮށްސާލީ އުޑުމަތީގައި ކަޅުވިލާތައް ފުރާލުމަށްފަހުގައެވެ. އަނދިރިކަމެއް މުޅި ހިސާބަށް ވެރިކޮށްލާފައި ވެއެވެ. ދިއްލާލި ވިދުވަރާއިއެކު ބާރުބާރަށް ގުގުރި ޖަހާލިއިރު ހީވަނީ މުޅި ހިސާބަށް ގުޑުމެއް އެރިހެންނެވެ.

އެއަޑަށް ޔުސްރާގެ ލޯ ހުޅުވުނެވެ. ނަމަވެސް އެ ހަށިގަނޑުގައި އަތެއްފަޔެއް ގުޑާލާނެ ބާރެއްނެތެވެ. ބޮލުގައި ރިއްސާވަރުން ހީވަނީ ބޯ ފަޅައިގެންގޮސްފާނެ ހެންނެވެ. އެފިނިފިނި ރާޅުތަކުތެރޭގައި ދެކޮޅަށް ތެޅިތެޅި، މުޅި ހަށިގަނޑުވަނީ ފިނިބޮޑުވެ، ގަނޑުވެފައިކަހަލައެވެ. ނަމަވެސް ބޭރުފުށުން ހަށިގަނޑުގައިވާ ހޫނުކަމުން އިންޒާރުދެނީ އޭނާއެވަނީ ގަދަ ހުމެއްގައިކަމެވެ. އެހެރަ އަންނަރާޅުތަށް އޭނާގެ ގައިމައްޗައް ޖަހާލާއިރު ނޭފަތުންނާއި އަނގައިން ލޮނުގަނޑު ހަށިގަނޑުތެރެއަށް ވަދެގަންނަނީ ހިފެހެއްޓުމެއްނެތިއެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ފެނުން ފޯވެފައިވާ ކަހަލަ އިހްސާސެއް ކުރެވޭއިރު، އޭނާގެ ނޭވާކުރުވަމުންގޮސް މިހާރު ނޭވާވެސް ނުކުންނަނީ ކިރިޔަކިރިޔާއެވެ. އެހިނދުގައިވެސް އޭނާގެ ސިކުޑިއަށް އަންނަނީ އޭނާ އެންމެ ފަހުން އަޑުއެހި ލަވައިގެ ޅެންބައިތުތަކެވެ. އެންމެފަހު ނޭވާ އެގޮތުގައި ދޫވަމުން ދިޔަނަމަވެސް، އެހިތުގައި ބާރުބާރަށް ވިންދުޖަހަމުންދިޔައީ އަދިވެސް ކަމަކަށް އިންތިޒާރު ކުރާފަދަޔަކުންނެވެ. ހަމަ އެހިނދުކޮޅުގައި، ޒަހްރާގެ ހާލަކީވެސް އެއީއެވެ. ފަތާފަތާ ވަރުބަލިވީއިރުވެސް އޭނާއަށް ކުރިޔަށްދެވޭ ގޮތެއް ނުވެއެވެ. އެންމެފަހުން އެކަން ހުއްޓާލީ އިތުރަށް ފަތާނެހާވަރެއް އޭނާގެ އެހަށިގަނޑުގައި ނެތުމުންނެވެ. އޭނާއަށްވެސް ލޮނު ބޮވިބޮވި ނޭވާލާން ދަތިވެފައިވާ ކަހަލަ އިހްސާސެއްވެސް ކުރެވެއެވެ. އެވަގުތުއައި ކުއްލި ބޮޑު ރާޅެއްއޭނާގެ ބޯމަށްޗައް ޖެހިހިނދު އޭނާ އަޑިއަށް ގަންބާލީ، ވަގުތު ޖެހިއްޖޭ ބުނާފަދައިންނެވެ. އޭނާ އަޑިއަށް ގެނބެމުންދިޔަވަގުތު ނޭވާ ކުރުވަމުންގޮސް އެންމެފަހު ނޭވާ ދޫކޮށްލެވުނީ އެ ކަނޑުގެ ލޮނުގަނޑު ތެރެއަށެވެ. އޭނާގެ ދެލޯ ބޮޑުވެފައި ވީހިނދު “ލާއިލާހަ އިއްލަﷲ މުހަންމަދުއް ރަސޫލުﷲ” އޭ ކިޔާލެވުނީ ހަމަ ކިރިޔާއެވެ.

ދެން ދެމީހުންނަށް ވެސް ފެންނަމުންދިޔައީ އަޖާއިބުން ފުރިފައިވި މަންޒަރުތަކެކެވެ. އެކަމެއްގެ ޚަބަރު މީގެ އެތައް ޒަމާނެއްކުރިން ﷲ ރަސޫލަކު މެދުވެރިކޮށް ދެއްވާފައިވާ ޚަބަރުތަކުގެ ތެދުކަމާއެވެ. ޒަހްރާ ކުރިމަތީގައި ތިބި ބޭކަލުންގެ މޫނުތައްވަނީ އިރުގެއަލި ފަދައިން އަލިވެފައެވެ. އެއަލިކަމުން މުޅިތަން އުޖާލާވެފައި ވާފަދައެވެ. އެބޭކަލުން އަތުގައި ސުވަރުގޭގެ ކަފުނުންކުރެ ކަފުނަކާއި، ސުވަރުގޭގެ ޙަނޫތުގެ ތެރެއިން ޙަނޫތެއް ވެއެވެ. އެބޭކަލުން އޭނާގެ ކުރިމަތީގައި އިށީނދެ ތިބިހިނދު އެތަނުން އެއްބޭކަލަކު އޭނާގެ ބޯލާކޮޅުގައި އިށީނުމަށްފަހު ބުންޏެވެ. އޭ ހެޔޮލަފާ ފުރާނައާއެވެ! ﷲގެ ހަޟުރަތުން ކަލެޔަށްހުރި ފާފަ ފުއްސެވުމާއި، ރުއްސެވުމުގެ ތެރެއަށް ކަލޭ ނިކުންނާށެވެ! އެހިނދު ޒަހްރާގެ ފުރާނަ ފެންހަމަކުން ފެންފޮދެއް އޮހިގެން އަންނަ ފަދައަކުން، ލުއިފަސޭހަކަމާއެކު ނިކުމެއްޖެއެވެ. ހަމަ ނިކުތުމާއެކު މަލަކަލްމަޢުތު އެފުރާނަ ހިއްޕެވިއެވެ. އަދި އެސްފިޔަޖަހާލައި ހިނދުކޮޅަކަށްވެސް އެކަލޭގެފާނުގެ އަތުގައި އެނުބާއްވާ ކައިރީގައިތިބި މަލާއިކަތުން އޭގައި ހިއްޕެވިއެވެ. އެއަށްފަހު ސުވަރުގެއިން ގެންނަވާފައިވާ ކަފުނާއި ޙަނޫތުގެ ތެރެއަށް އެ ފުރާނަ ލެއްވެވިއެވެ.

އެއާއެކު އެ ފުރާނައިން، ދުނިޔޭގައިވާ އެންމެ މީރުވަސްދުވާ ގޮމަކަސްތޫރީގެ މީރުވަސްފަދަ މީރުވަހެއް ދުވަދުވާ ހުއްޓެވެ. ދެން އެބޭކަލުން އެފުރާނަ ހިއްޕަވައިގެން އުޑަށްއަރާވަޑައިގަތެވެ. އެވަޑައިގަތުމުގައި މަލާއިކުންގެ ދެތިން ޖަމާޢަތަކާއި ބައްދަލުވިއެވެ. އެހުރިހާ ބޭކަލުންވެސް މި މީރުވަސްދުވާ މާތް ފުރާނައަކީ ކޮންފުރާނައެއްތޯ ނާއްސަވާ އެއްވެސް ބޭކަލަކު ނުވެއެވެ. އެހިނދު އެފުރާނަ ހިއްޕަވައިގެން ތިއްބެވި ބޭކަލުން މީ އެވެނި މިވެނި މީހެއްގެ ފުރާނައޭ ބުނުއްވީ ދުނިޔޭގައި ޒަހްރާއަށް ނިސްބަތްކޮށްފައިވާ އެންމެ ރިވެތި ނަންތަކުންނެވެ. އެފުރާނަޔާއިގެން ދުނިޔޭގެ އުޑާއިހަމައަށް ވަޑައިގަތުމުން، އެ ފުރާނައަށްޓަކައި އެއުޑު ހުޅުއްވައި ދެއްވުމަށް އެދި ވަޑައިގެންނެވިއެވެ. އެހިނދު އޭނާޔަށްޓަކައި އެއުޑު ހުޅުވިއްޖެއެވެ. މިގޮތަށް އެއް އުޑަކަށްފަހު އަނެއް އުޑަކަށް އަރާވަޑައިގަންނަމުންގޮސް ހަތްވަނަ އުޑަށް އަރައިވަޑައިގަތެވެ. އެހިނދު އަރަހުށި މާތް ﷲ އެ މަލާއިކަތް ބޭކަލުންނަށް ވަހީ އިއްވެވީ “ތިމަން ﷲގެ އަޅާގެ ފަތް ޢިއްލިއްޔޫންގައި ލިޔުއްވާ، އެ ފުރާނަ ބިމަށް އިޢާދު ކުރެއްވުމަށެވެ.” އެއާއެކު އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑަށް އިޢާދަވެއްޖެއެވެ. އެހިނދު އޭނާ ވަޅުލާފައި ދާ މީހުންގެ ފައިވާނުގެ އަޑު އޭނާއަށް އިވިއިވި ހުއްޓެވެ.
އަނެއްކޮޅުން ޔުސްރާއާއި ދިމާވީ މިކަންކަމުގެ އިދިކޮޅެވެ. ޔުސްރާ ދުނިޔެއާއި ވަކިވަމުންދިޔަ ވަގުތު އޭނާ ކައިރިއަށް ވަޑައިގަތީ މޫނުތައް ކަޅުވެފައިވާ ބޭކަލުންތަކެކެވެ. އެބޭކަލުންގެ އަތުގައި ނަރަކައިގެ ފޭރާމުންކުރެ ފޭރާމެއްވެއެވެ. އެއީ ނުރުހެވޭ އަދި ކަށިހެރޭ ބާވަތުގެ ހެދުމެކެވެ. ފެންނަފަށުގައި އެ ބޭކަލުން އިށީނދެ ވަޑައިގަތް ހިނދު މަލަކަލްމަޢުތު އޭނާގެ ބޯލާކޮޅުގައި ހުރެ ވިދާޅުވިއެވެ. އޭ ނުބައި ނުލަފާ ފުރާނަޔާއެވެ! ﷲގެ ކޯފާއާއި އަޒާބުގެ ތެރެއަށް ކަލޭ ނިކުންނާށެވެ! އެވަގުތު ޔުސްރާގެ ހަށިގަނޑުގެ ހުރިހާ ހިއްސެއްގައި ބިރުވެރިކަން އުފެދި ފިލަން ދުއްވައިގަންނަން އުޅޭފަދައެވެ. އެހިނދު އޭނާގެ ފުރާނެ އެހަށިގަނޑުން ނެރުއްވީ ވޭންދެނިވި ގޮތަކަށެވެ. އެއީ ތެންމާފައި އޮތް ކެހެރި ފޮތިގަނޑެއްގެ ތެރެއަށް، ކަށިހުރި ދަގަނޑު އުލެއްވައްދާފައި، ދަމާނެރޭއިރު، އެއުލާއި އެކުވެގެން ކެހެރިތައް ނިކުންނަ ފަދައިންނެވެ. އެހިނދު އޭނާގެ އެތެރެހަށީގެ ނާރުތަކާއި، ލޭ ހޮޅިތައް ކުދިކުދިވެގެން ދިޔަފަދައެވެ.

އެގޮތައް އެފުރާނަ ނެރުއްވުމާއެކު ކައިރީ ތިއްބެވި މަލާއިކަތުން އޭގައި ހިއްޕަވާ ނަރަކައިގެ ފޭރާމުގެ ތެރެއަށް އެ ފުރާނަ ލެއްވެވިއެވެ. މިދުނިޔޭގައި އެންމެވަސް ނުބައި ފުޅަމަހުން ދުވާފަދަ ވަހެއް އެފުރާނައިގައި ދުވަދުވާ ހުއްޓެވެ. ދެން އެބޭކަލުން އެ ފުރާނަޔާއިގެން މައްޗައް އަރާވަޑައިގެންނެވި ހިނދު މި ނުބައިވަސް ދުވާ ފުރާނަޔަކީ ކޮންފުރާނަޔެއްހޭ ވިދާޅުނުވާ އެއްވެސް މަލާއިކަތަކާއި ދިމާނުވެއެވެ. އެހިނދު ދުނިޔޭގައި ޔުސްރާއަށް ނިސްބަތްކުރި އެންމެ ހުތުރު ނަންތަކުން އޭނާޔަށް ނިސްބަތްކުރެއްވިއެވެ. ދެން އެފުރާނަޔާއިގެން ދުނިޔޭގެ އުޑަށް އެރުއްވުމަށްފަހު އެއުޑު ހުޅުއްވާދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އޭނާޔަށްޓަކައި އެ އުޑެއް ނުހުޅުވުނެވެ. ދެން ﷲ އެމަލާއިކަތް ބޭކަލުންނަށް ވަހީ ކުރެއްވިއެވެ. “އޭނާގެ ފަތް ސިއްޖީންގައި ލިޔުއްވާށެވެ” އެހިނދު އެ ފުރާނަ ވަރަށް ބާރަށް ބިމަށް ވައްޓާލެއްވުނެވެ. އެހިނދު އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑަށް އިޢާދަ ވެއްޖެއެވެ. އެއާއެކު އޭނާއަށްވެސް އޭނާ ވަޅުލާފައި ދިޔަމީހުންގެ ފައިވާނުގެ އަޑު އިވިއިވި ހުއްޓެވެ.

އެތައްއިރެއް ވީ އިރުވެސް ލާންޗުގެ ޚަބަރެއް ނުވެގެން އާދަނު ކަނބޮޑުވެގެން އުޅޭތާ ކޮންއިރެއް ހެއްޔެވެ؟ އެއިން އެއްވެސް މީހެއްގެ ފޯނަށް ނުގުޅޭތީ ކޮންމެވެސް ކަމެއް ވެއްޖެކަމަށް ހިތްބުނަމުން ދިޔުމުން، އިތުރަށް ލަސްނުކޮށް ޕޮލިހުންނަށް ގުޅިއެވެ. އެޔާއެކު ހއ.ދިއްދޫއިން ޕޮލިސް ލާންޗު ހަނިމާދޫއާއި އިހަވަންދޫއާއި ދޭތެރެ ބަލަމުން ދަނިކޮށް ބަންޑުންޖަހާލައިފާ ލާންޗުފެނުނެވެ. ލާންޗުގެ ކައިރިފަށުގައި އައްސާފައިވާ ބޮއި ގައި ކައްޕިއާއި އޭނާގެ އެހީތެރިޔާ ބާރަށް ބައްދައިގެންތިބީ އޭރުވެސް ރާޅުތަކުގެ ބޮޑުކަމުން، އެ ދެކުދިން ސަލާމަތްކުރުންވާނީ އެމީހުން އަމިއްލަ އަށް މަރުވާން އުޅުންކަމަށް ދެކިގެންނެވެ. ދެކުދިންގެ ފުރާނަ ނެތް މަސްގަނޑު ދުރު ހިސާބެއްގައި އޮޔާއި ގެންދަމުން ދަނިކޮށް ނަގައިގެން ޕޮލިހުން ގެންދިޔައީ އިހަވަންދޫ އަށެވެ. އެއާއެކު އެދެކުދިންގެ އިންތިޒާރުގައި ތިބި އެކުދިންގެ އާއިލާ މީހުންތަކުގެ ހިތްތައް ފުނޑުފުނޑުވެގެން ދިޔައެވެ. އެތައް ދުވަހެއްކޮށްފައި އެދެކުދިންގެ މޫނުދެކިލާހިތުން ތިއްބައި، ބައްދަލްވީ ފުރާނަނެތް ހަށިގަނޑާ ވިއްޔާއެވެ. ނަމަވެސް މަރަކީ އިންޒާރެއްނެތި އަންނަ އެއްޗެއްކަން އެންމެންވެސް ޤަބޫލު ކުރަން ޖެހޭތާއެވެ. ނެއް ހިތްވަރާއެކުވެސް އެދެކުދިންގެ ކަށުނަމާދުކޮށް ވަޅުލީ ދެކުދިންނަށްވެސް އިންތިހާ އަށް ހެޔޮ ދުޢާ ކުރަމުންނެވެ.

ޒަހްރާގެ ފުރާނަ ކަށްވަޅުގައި އޭނާގެ ހަށިގަނޑަށް އިޢާދަ ވުމާއެކު، ދެ މަލާއިކަތަކު ވަޑައިގެން އޭނާ ކަށްވަޅުގައި ބައިންދައިގެން ސުވާލު ކުރަން ފެއްޓިއެވެ. ކަލޭގެ ރައްބަކީ ކާކު ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިމަންގެ ރަށްބަކީ ﷲއެވެ. އަނެއްކާ އެއްސެވިއެވެ. ކަލޭގެ ދީނަކީ ކޮން ދީނެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިމަންގެ ދީނަކީ އިސްލާމްދީނެވެ. އެބޭކަލުން އެއްސެވިއެވެ. ތިޔަބައިމީހުންގެ ތެރެއަށް ފޮނުއްވުނު މި ބޭކަލަކީ ކޮންބޭކަލެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އެއީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްއެވެ. އެ ދެބޭކަލުން ވިދާޅުވިއެވެ. ކަލޭގެ ޢިލްމަކީ ކޮން ޢިލްމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ﷲގެ ފޮތް ޤުރުއާނެވެ. ތިމަން އެއަށް އީމާންވެ ތެދުކުރީމެވެ. އެހިނދު އިލާހީ ހަޟްރަތުން ނިދާ އިއްވެވިއެވެ. “ތިމަން ރަސްކަލާނގެ އަޅާ ތެދުބުނެފިއެވެ. އޭނާއަށް ސުވަރުގޭގެ ތަންމަތިން ތަންމަތި ފަތުރުއްވަވާށެވެ. އަދި ސުވަރުގޭގެ ފޭރާމުން އޭނާ ފޭރާން ލައްވަވާށެވެ. އަދި އޭނާޔަށްޓަކައި ސުވަރުގެއިން ދޮރެއް ހުޅުއްވާށެވެ.”

އެހިނދު ސުވަރުގޭގެ މީރުވަހުގެ ތެރެއިން މީރުވަސް އޭނާއަށް ދުވަންފެށިއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަހާ ދުރަށް އޭނާގެ ކަށްވަޅު ތަނަވަސް ވެގެން ދިޔައެވެ. އެއާއެކު މޫނު ރިވެތި، ފޭރާން ރިވެތި، މީރުވަސް ދުވަދުވާ ހުންނެވި ބޭކަލަކު އޭނާ ކައިރިއަށް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ކަލޭއަށް އުފާވެރިކަން ލިބޭ ކަންތައްތަކުން ކަލޭ އުފާ ލިބިގަންނާށެވެ. މިއީ ކަލެއަށް ވަޢުދު ކުރެވުނު ދުވަހެވެ. އޭނާ އެއްސެވެ. ތިއީ ކޮންބޭކަލެއް ހެއްޔެވެ؟ ތިމޫނަކީ ހެޔޮކަމާއިގެން ވަޑައިގެންނެވި މޫނަކީމުއެވެ. އެބޭކަލަކު ވިދާޅުވިއެވެ. ތިމަންނާމިއީ ކަލޭގެ ޞޯލިޙް އަމަލެވެ. އެއާއެކު އޭނާ ސުވަރުގޭގައި އޭނާއަށް ދެވިފައިވާ މަޤާމަށް ދިޔުމަށް ބޭނުންވާ ހާލު އެކަމަށް އެދި ދުޢާ ކުރިއެވެ. ޤިޔާމަތް ޤާއިމް ކުރުން އަވަސްކުރައްވަވާތޯއެވެ. ނަމަވެސް އޭނާ އަށް އެކަމަށް އަވަސްވެނުގަތުމަށް އެންގެވިއެވެ.

ހަމައެފަދައިން ޔުސްރާގެ ހަށިގަނޑަށް އޭނާގެ ފުރާނަ އިޢާދަވުމާއެކު ދެމަލާއިކަތަކު ވަޑައިގެން އޭނާ ކަށްވަޅުގައި ބައިންދައިގެން ސުވާލު ކުރަން ފެއްޓެވިއެވެ. ކަލޭގެ ރަށްބަކީ ކާކު ހެއްޔެވެ؟ އޭނާ ބުންޏެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަޅުގަނޑަކަށް ނޭނގެއެވެ. އެބޭކަލުން ސުވާލު ކުރެއްވިއެވެ. ކަލޭގެ ދީނަކީ ކޮން ދީނެއް ހެއްޔެވެ؟ އޭނާ ބުންޏެވެ. އޭހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަޅުގަނޑަކަށް ނޭނގެއެވެ. އެބޭކަލުން ސުވާލު ކުރެއްވިއެވެ. ތިޔަބައި މީހުންގެތެރެއަށް ފޮނުވުނު މި ބޭކަލަކީ ކާކު ހެއްޔެވެ؟ އޭނާ ބުންޏެވެ. އޭހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަޅުގަނޑަކަށް ނޭނގެއެވެ. އެހިނދު އުޑުން ނިދާ އިއްވެވިއެވެ. ” އޭނާ ދޮގު ކޮށްފިއެވެ. އަދި ދޮގު ހަދައިފިއެވެ. އޭނާއަށް ނަރަކައިގެ ތަންމަތީން ތަންމަތި ފަތުރުއްވަވާށެވެ. އަދި ނަރަކައާއި ދިމާއަށް ދޮރެއް ހުޅުއްވަވާށެވެ. އެހިނދު ނަރަކައިގެ ހޫނުކަމުގެ ތެރެއިން ހޫނުކަމާއި، އޭގެ ވިހައިގެ ތެރެއިން ވިހަ ވައި، އޭނާއާއި ދިމާއަށް އައިސް އައިސް ހުއްޓެވެ. އަދި ހަމައެއާއެކު ކަށްވަޅު އޭނާގެ މަށްޗައް ދަތިވެ އޭނާ ފިއްތާލިއެވެ. އެހިނދު އޭނާގެ އަރިމަތީގެ ކަށިތައް ކުދިކުދިވެގެން ދިޔަކަހަލައެވެ.

އަދި އެޔާއެކު މޫނު ހުތުރު، ފޭރާން ހަޑި، ނުބައިވަސް ދުވަދުވާހުރި މީހަކު އޭނާ ކައިރިއައިސް ބުންޏެވެ. ނުބައި ކަންތަކުން ކަލޭ ޚަބަރު ލިބިގަންނާށެވެ. މިއީ ކަލެއަށް ވަޢުދު ކުރެއްވުނު ދުވަހެވެ. އޭނާ އެއްސެވެ. ތިޔަމޫނަކީ ނުބައިކަމާއިގެން އައި މޫނެކެވެ. ތިިޔައީ ކާކު ހެއްޔެވެ؟ އެ މީހަކު ބުންޏެވެ. ތިމަންނާއަކީ ކަލޭގެ ނުބައި އަމަލެވެ. ﷲ ގަންދީ ބުނަމެވެ. ﷲއަށް ކިޔަމަންތެރިކަން އަދާކުރުމަށް ފަސްޖެހުނު މީހެއްކަމަށް ކަލޭ ވީކަމާއި، ﷲއަށް އުރެދުމުގައި އަވަސްވެގަތް މީހެއްކަމަށް ކަލޭ ވީކަން މެނުވީ އެހެންކަމެއް ކަލެއާމެދު ތިމަން ނުދަންނަމެވެ. ވީމާ ކަލެއަށް ﷲ ނުބައި ޖަޒާ ދެއްވާށިއެވެ! އެހިނދު މަންމަން، ކަނު، ބީރު ބޭކަލަކު އޭނާ އަށްޓަކައި ފާޅުވިއެވެ. އެބޭކަލަކު ފެނުމުން ޔުސްރާ ބިރުންގޮސް އޭނާގެ ހިތްވެސް މޭފަޅައި ނުކުމެދާނެ ކަހަލައެވެ. އެބޭކަލަކުގެ އަތުގައި ބޮޑު ދަގަނޑު ހަންމުއްޓެއް އޮތެވެ. އެ ހަންމުށިން ފަރުބަދައެއްގައި ޖެއްސެވި ނަމަވެސް އެފަރުބަދައެއް ކުދިކުދިވެ ވެއްޔައްވެދާވަރުގެ ހަންމުއްޓެކެވެ. އެ ހަންމުށިން އެ ބޭކަލަކު އޭނާގެ ގައިގައި ބާރަށް ޖެއްސެވުމާއެކު އޭނާ ކުދިކުދިވެ ވެއްޔައްވިއެވެ. ނަމަވެސް އަނެއްކާ ކުރިއެކޭ އެއްފަދައިން ﷲ އޭނާގެ ކުރީގެ ޙާލަތައް ބަދަލުކުރެއްވިއެވެ. އަނެއްކާވެސް އެބޭކަލަކު އެ ހަންމުށިން އޭނާގެ ގައިގައި ޖެއްސެވިއެވެ. އެހިނދު އޭނާ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އެ ހަޅޭކުގެ އަޑު އިންސީންނާއި ޖިންނިން ފިޔަވާ ހުރިހާ ދިރޭ ތަކެއްޗައް އަޑުއިވުނެވެ. ދެން ނަރަކައާއި ދިމާލުން ދޮރެއް ހުޅުވި، އަލިފާނުގެ ތަންމަތީން އޭނާޔަށް ތަންމަތި ތައްޔާރު ކުރެއްވިއްޖެއެވެ. އެހިނދު އޭނާ ދުޢާ ކުރިއެވެ. މިއަޅާގެ ވެރި ރަސްކަލާކޯ! ޤިޔާމަތް ޤާއިމް ނުކުރައްވާނދޭވެ!. ކަށްވަޅުގެ އަޒާބު އޭނާއަށް މިފަދަ ނަމަ އަދި ޤިޔާމަތްދުވަހުން ހިސާބު ބެއްލެވުމަށްފަހު އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ބިރު ނުގަންނާނެ ހެއްޔެވެ؟
ނަމަވެސް މިއީ ހަމަ އޭނާގެ އަމަލުތަކުގެ ނަތީޖާއެވެ. އެދުވަހުން އެއްވެސް މީހަކާމެދު ނާއިންސާފުން އޭނާ ނުކުރާ ކަމަކަށް އަޒާބެއްވެސް އަދި ސަވާބެއްވެސް ނުދެއްވާނެއެވެ. އެގޮތުގައި ކަށްވަޅުގައި ޤިޔާމަތާއި ޖެހެންދެން، ޔުސްރާއަށް އަޒާބު ލިބިލިބި ހުރި އިރު، ޒަހްރާ އަށް އޭނާގެ ހެޔޮ އަމަލުތަކުގެ ބަދަލުގައި، ސުވަރުގޭގެ މީރުވަހާއި، ސުވަރުގޭގެ ފޭރާމާއި، ކަށްވަޅު ތަނަވަސްވުމާއި އަދި އޭނާއަށްޓަކައި ސުވަރުގެއިން ދޮރުކޮޅެއް ހުޅުވިފައި ވިއެވެ. މިއީ ﷲ އެކަންކަމަށް ވަޢުދު ވެވޮޑިގެންފައިވާ ކަންކަމެވެ. ދުނިޔޭގައި ތިބި އެއްވެސް މީހަކަށް މިއިން ކަމެއް އިޙްސާސް ނުވިނަމަވެސް އެކަމުގެ ޚަބަރުތައް ދެއްވާފައިވަނީ ދުރާލައި މިދުވަހަށް ތައްޔާރު ވުމަށެވެ. ޒަހްރާގެ ހެޔޮ އަމަލުތަކުގެ ސަވާބު އަދި ސުވަރުގޭގައި ކޮންފަދަ ވާނެ ހެއްޔެވެ؟ ޔާ ﷲ! އަޅަމެން އެންމެންނަށް ތެދުމަގުދައްކަވާ، ދުނިޔޭގެ މިކުރު ޙަޔާތުގައި ރަޙްމަތް ލައްވަވާ، ސުވަރުގޭގެ ނަސީބުވެރިންކުރެ ނަސީބުވެރިންކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!
**ނިމުނީ**

Comments (55)

  1. Ethan

    🙂 “ކޮއްކޮ “

    1. Faathii
      Ethan

      Jazaak Allah khair. 🙂

  2. Addu manje

    Varah reethi.. love it..❤

    1. Faathii
      Addu manje

      Jazaak Allah Khair

  3. shafu

    masha allah vv reethi

    1. Faathii
      shafu

      Jazaak Allah Khair

  4. Yaani

    Masha Allah v iburaytheri reethi vaahakaeh

    1. FAAI
      Yaani

      REETHI MASHA ALLAH

    2. Faathii
      Yaani

      Jazaak Allah khair.
      🙂

  5. Xxxx

    Maasha Allah.varah rangalhu ibrathun furifaivaa message thakeh genesdheefaivas story eh..v.v.reethi.

    1. Faathii
      Xxxx

      Jazaak Allah Khair 🙂

  6. ??

    Masha Allah. V furihama vaahakaeh. Mee faathiige furathama vaahaka dhw. V rythi. Keeep it uppp.????

    1. Faathii
      ??

      Jazaak Allah Khair. Furathama eh noon. 🙂

  7. Mary

    Beautiful. Loved it. ?

  8. @!$#@

    Maasha allah brathun furigenvaa vahakaeh…ginaginain mikahala stories genesdhehchey ingey♡♡♡_Jazakillah_

    1. Faathii
      @!$#@

      In Shah Allah. Wa iyak

  9. yaania

    Ameen.. Masha Allah..

    1. Faathii
      yaania

      Jazaak Allah Khair

  10. Chum handi

    Masha Allah ? This is a story full of morals and may Allah show the right path to all of us…. Aameen❤

    1. Faathii
      Chum handi

      Aameen. Jazaak Allah Khair. 🙂

  11. NAAZ

    Allah Akbar ….hageegathaky mihaaru mikankan gabool nukura bayaku ulheykan.visnaa fikuru kuraabayakah iburathehvey…..masha Allah v reethi mivaahaka ….

    1. Faathii
      NAAZ

      Jazaak Allah Khair

  12. Someone

    Ameen… Masha Allah! Varah iburai theri vaahaka eh ?

    1. Faathii
      Someone

      🙂 jazaak Allah Khair

  13. Saandy

    Aameen… Masha Allah!! V v furihama vaahakaeh… V iburaiytheri 🙂

    1. Faathii
      Saandy

      Jazaak Allah khair

  14. nonns

    Masha allah. Vvvvv reethi ibraitheri vaahaka eh. Thedhah bunaanama mivaahaka kiyaafa alhuganduge hithah asarukoffi. May allah bless you faathii

    1. Faathii
      nonns

      Alhamdhulillah. 🙂
      Allah thiba ahves heyo rahmai lavvaashi.

  15. aish

    Masha Allah.. Varah varah varah varah varah furihama

    1. Faathii
      aish

      🙂 Alhamdhulillah. Jazaak Allah Khair

  16. Psenhi

    Masha Allah

  17. Faathii

    Jazaakum Allah khair.
    Thank You all.

  18. silver mist

    Masha Allah v v v reethi…

    1. Faathii
      silver mist

      Jazaak Allah Khair

  19. Aisha

    Ameeen.. Masha Allah varah furihama

    1. Faathii
      Aisha

      Jazaak Allah Khair.

  20. Kudaa

    Speachless. Ehaa ves reethi. Maasha Allah.

    1. Faathii
      Kudaa

      Alhamdhulillah. Jazaak Allah khair. 🙂

  21. cya

    Masha Allah v reethi vaahakaeh . liumugai kuhthah hurikan faahaga kurevunu misaalakah kokko liyaa iru innanee alif sukun

    1. Faathii
      cya

      Yah. Kurinves kuhjjaku thikan faahaga kolladhyfi. Thanx. Jazaak Allah khair.

  22. Lara

    Mashaa Allaah v reethi iburaitheri vaahaka eh

    1. Faathii
      Lara

      Jazaak Allah Khair

  23. Azu

    Aameen…
    Ma sha allah….v v v furihama vaahaka eh….hithah vv asaru kohfi…..mikahala dheenee vaahaka gina ginain liyumuge thaufeeg faathi ah minvaru kohdhehvaashi….aameen

    1. Faathii
      Azu

      Alhamdhulillah
      Aameen. Jazaak Allah Khair

  24. hhhh

    Varah unique vaahakaeh ..
    Maasha allah Varah reeeeeeethiiiii
    Alhamdhu lihlaahi faathi thy varah unique style gengulhey kuhgeh gothuga sifavany….

    1. Faathii
      hhhh

      Jazaak Allah Khair. 🙂

  25. princess

    Inaa lillahi vainaa ilaihi raajiyun……mi vaahaka ka kiyumu ahugadu vara gina iburai haasilu veje mikahal ituru vaahaka akinthuzaaru kura……Allah thibaa a heyo Rahumai lavaashi ameen

    1. Faathii
      princess

      Alhamdhulillah. Thibaa ahves heyo rahmai lavvaashi.

  26. Sul

    Ma sha allah. V reethi vaahakayeh. V iburahteri.

    1. Faathii
      Sul

      🙂 Alhamdhulillah. jazaak Allah Khair.

  27. Sulthana Ghanee

    V reethi vaahakayeh. V iburahtri.

  28. Dhonthi

    Reethi ibraiytheri vaahaka eh, Masha allah <3

  29. Maa

    Masha allah.. vvvvv nice mi stry shiyaana…. vvv ibraiytheri ingey…..

  30. Ukhth

    Ma Sha Allah. Beautiful and a very Inspiring one. Jazaakillah Khairann. Allahumma Baarik Laki …

  31. Faathii

    Jazaakum Allah Khair. 🙂

Comments are closed.