Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މާޒީ

Shafag Level 110 Stories
June 1, 2017 6 Mins Read
24 Comments

އަތުގައިވާ ގަޑިއަށް ބަލަމުން އަވަސް ފިޔަވަޅުތަކެއްގައި އަހަރެން ހިނގަމުން ދިޔައީ ރަށުގައި ފޯނު ކުރުމަށް ބެހެއްޓިފައިވާ ފޯނު ބޫތާއި ދިމާއަށެވެ. އާޒިމް ގުޅާނެ ކަމަށް ބުނެފައިވާ ގަޑިއަށް ނުދެވިދާނެތީ އަހަރެން ހުރީ ކަންބޮޑުވެފައެވެ. ގަޑިއަށް އެހިސާބަށް ދެވުމުން ފޯނު ރަނގަބީލުވާނެ އިރަކަށް އިންތިޒާރުގައި އަހަރެން ހުއްޓިލީމެވެ. އަބަދުވެސް އަހަރެމެން ކަންތައް ކުރާ ގޮތަކީ އެއީއެވެ. ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު ދޭއް ޖަހާއިރު އާޒިމް އަހަރެންނަށް ގުޅާނެއެވެ. އަހަރެން ކޮންމެ ދުވަހަކުވެސް އެކޯލުގެ އިންތިޒާރުގައި މިތާނގައި ހުންނަމެވެ. އާޒިމް އަކީ އަހަރެންގެ ފިރިމީހާއެވެ. އޭނާ މަސައްކަތްކުރަނީ އެހެން ރަށެއްގައެވެ. އެހެންކަމުން އަހަރެމެންނަށް ވާހަކަ ދައްކާލަން ފުރުސަތު ލިބެނީ މިފަދަ ގޮތަކަށެވެ.

ފޯނު ރަނގަބީލުވާން ފެށުމާއެކީ އަހަރެން ފޯނު ނަގައި ކަންފަތުގައި ޖައްސާލީ ހިނިތުންވެފައި ހުރެގެންނެވެ. “ހަލޯ؟” ކަންފަތުގައި ޖެހުނީ އަހަރެން އުންމީދު ކޮށްގެން ހުރި އަޑެއް ނޫނެވެ. ނަމަވެސް އެއީ އަހަރެންނަށް ބީރައްޓެހި އަޑެއް ނޫނެވެ. ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ހިތްވެސް އޭގެ މަގާމު ދޫކޮށް ބޭރަށް ނިކުންނަންއުޅޭ ކަހަލައެވެ. އަތުގައި މަޑު ތުރުތުރެއް އުފެދި ފޯނުގެ އަތްގަނޑު ދޫނުވީ ކިރިޔާއެވެ. ޖަވާބެއްދޭން ނޭނގި ހުއްޓުން އަރާފައި ހުއްޓާ އަނެއްކާވެސް އެކޮޅުން ގޮވާލިއެވެ. އަޑުގައި އުފެދިފައިވާ ތުރުތުރުލުން ފޮރުވަން މަސައްކަތް ކުރަމުން ގޮވާލަން ވީ ކާކަށްތޯ އަހަރެން އެހީ އެމީހާއަށް އަހަރެންނަކީ ކާކުކަން ނޭނގޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ. އެކޮޅުން ޖަވާބު ލިބުމާއެކު އަހަރެން ފޯނު ބޭއްވި އިތުރަށް އޭނާ ވާހަކައެއް ދައްކާނެ ފުރުސަތެއް ނުދިނުމަށެވެ. އަމިއްލަ ނަފްސު ހަމައަށް އަޅުވާލުމަށްފަހު އަހަރެން ބޫތުން ނުކުމެ އެހިސާބުން ބައިސްކަލެއްގައި ދިޔަ ކުއްޖަކަށް ގޮވާލުމަށްފަހު އެމީހާއަށް މެސެޖް ރައްދުކޮށްދިނުމަށް އެދުމައްފަހު ގެއަށް ދިއުމަށް ހިނގައިގަތީ އާޒިމް މަތިންވެސް ހަނދާންނެތިފައިވާ ހާލުގައެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަހަރެންގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ފައިބައިގަތެވެ. ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައިހުރި އަލަމާރިން ބާފޮޓޯގަނޑެއް ނަގައިގެން އައިސް އަހަރެން އެނދުގައި އިށީންނީ އޭގައިވާ ސޫރައަށް ބަލަމުންނެވެ. މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ އެފޮޓޯގަނޑަކީ މާލޭގައި އަހަރެން ކިޔަވަން އުޅުނުއިރު ދިޔަ ދަތުރެއްގައި ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯއިން އަހަރެންގެ އެއްފަރާތެއްގައި ހުއްޓި އެހުރީ ނިހާދުއެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަހަރެންގެ މާޒީއެވެ.

****************

އާދައިގެ މަތިން އަހަރެން ސްކޫލުން ނުކުމެގެން މިސްރާބުޖެހީ ގެއާއި ދިމާއަށެވެ. “ހިދާ!” ފަހަތުން ނިހާދުގެ އަޑު އިވުމުން އަހަރެން ހުއްޓިލީމެވެ. ނިހާދުއަކީ އަހަރެންގެ ކުލާސް ކުއްޖެކެވެ. އިސްކޮޅުން ދިގު ރީތި ކުއްޖެކެވެ. އަންހެންކުދިން ހިތްކިޔާ ކަހަލަ ކިތަންމެ ސިފައެއް އޭނާގެ ހުރެއެވެ. އަހަރެންގެ ހިތްވެސް ވަނީ ނިހާދުއަށް ދެވިފައެވެ. ނަމަވެސް ނިހާދުއަކަށް އެކަމެއް ނޭނގޭނެއެވެ. “ހޮނިހިރު ދުވަހު ދަތުރުދާން މިރާވަނީ. ހިދާވެސް ވާނެ ދާން މިފަހަރު. އެއްވެސް ބަހަނާއެއް ދައްކާނެ ކަމެއް ނެތް!” އަހަރެންނާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އަމުރުގެ ރާގަށް އެހެން ބުނެފައި އޭނާ ދުވެފައި ދިޔައީ އަހަރެން ދެކޮޅު ހަދައިފާނެތީއެވެ. ހެވިފައި އޭނާ ދިޔަ ދިމާ ބަލަމުން އަހަރެން ގެއަށްދާން ހިނގައިގަތީމެވެ.

ނިހާދުގެ އެދުމަށް އަހަރެން އުޅޭގޭ މީހުން ކައިރިން ހުއްދަ ހޯދައިގެން އަހަރެން ދަތުރު ދިޔައީމެވެ. ދަތުރު ދިޔައީ ވިލިނގިއްޔަށެވެ. ދަތުރުގައި ނިހާދު އަހަރެންނާ އާދަޔާ ޚިލާފު ގާތްކަމެއް ބެހެއްޓިކަން ފާހަގަ ކުރެވުނީ އަހަރެންނަށް އެކަންޏެއްނޫނެވެ. ކައްކަން އުޅުނު ވަގުތު ތަކުގައިވެސް ނިހާދު ހުރިހާ އަންހެން ކުދިންތަކުތެރޭގައި މަޑުކުރިއެވެ. އިރުއިރުކޮޅުން އަހަރެންނަށް ކޮންމެވެސް ޖެއްސުމެއްކޮށްލައެވެ. ބައެއް ފަހަރު އަހަރެން ބަލާލާއިރު އަހަރެންނަށް ބަލަން އިނދެފައި ދުރުބަލާލާ ގޮތުން އަހަރެން ކައިރިއަށް ހިނިވެސްއައެވެ. އާޝިޔާ އަހަރެން ކައިރީގައި އެވާހަކަ ދެއްކީ އަހަރެމެން ދެމީހުން އެކަނިވި ވަގުތެއްގައެވެ. “ހާދަ ވަރަކަށޭ މިއަދު ނިހާދު ހިދާއާ ދިމާއަށް ބަލަނީ. އަހަރެމެންނަށް ވަގަށް ކަންތައްގަނޑެއް ހިންގައިލީ ދޯ؟” ހިނިއައިސްފައި ހުރެ އާޝިޔާ އެހެން އެހުމުން އަހަރެން ރަކިވިއެވެ. “ނޫނޭ. މަވެސް މިހުންނަނީ ހައިރާންވެފައި އޭނާ އުޅޭ ގޮތުން.” އާޝިޔާ އަކީ ކުލާހުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެން ނިހާދުއާއި ދޭތެރޭ ދެކޭގޮތް ފަހަރެއްގައިވެސް އޭނާއަށް އޮޅިފައެއްނޯންނާނެއެވެ. އެހެންކަމުން އާޝިޔާ އަހަރެންނާ ދިމާކުރުން ހުއްޓައެއްނުލިއެވެ.

ދަތުރުގައި އަހަރެންނާއި ނިހާދު އެކަނިވި ވަގުތެއްގައި އޭނާ އަހަރެންނަށް ލޯބި ހުށަހެޅިއެވެ. އަހަރެން އޭނާގެ ހުށަހެޅުން ގަބޫލުކުރީ އުފަލާއެކީގައެވެ. ދަތުރުގެ ބަކީބައި އަހަރެން ހޭދަކުރީ ނިހާދުއާއި އެކީގައެވެ. އެހެން ކުދިންނަށް އަހަރެމެންގެ ގުޅުން އެންގީވެސް ނިހާދުއެވެ. އެކަމާ އަހަރެން އިތުރަށް އުފާވިއެވެ. ދަތުރު ނިމިގެން ދިޔައިރު އަހަރެންނާއި ނިހާދު ވަކިވީ އެތައް ވައުދަކާއި އަހުދެއް ކޮށްފައެވެ.

ދުވަސްތައް އުފާވެރިކަމުގައި ފާއިތުވަމުންދެއެވެ. އަހަރެންނާއި ނިހާދުގެ ގުޅުންވެސް ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. ސްކޫލް ނިންމުމަށްފަހު ވީއެންމެ އަވަހަކަށް ކައިވެނި ކުރަން ނިންމީވެސް އެހެންވެއެވެ. ސްކޫލް ނިމުމުން މަންމަމެން ބޭނުންވީ އަހަރެން ކޯހެއް ހަދާށެވެ. އެހެންކަމުން މަންމަމެން ގާތުގައި ނިހާދުގެ ވާހަކަ ނުބުނެ މަޑުކޮށްލީ ކޯސް ނިމެންދެނެވެ. އެއީ ނިހާދުވެސް ބޭނުންވި ގޮތެވެ. އަހަރު ދުވަހުގެ މުދައްރިސް ކަމުގެ ކޯހެއް އަހަރެންފެށީ އެއީ އަހަރެން އެންމެ ޝައުގުވެރިވާ ދާއިރާ ކަމަށް ވާތީއެވެ. އަހަރެން ކޯހުގައި އުޅުނެއްކަމަކު ނިހާދުއަށް ބަރާބަރަށް ވަގުތު ހުސްކުރަމެވެ. ދެމީހުން އެކުގައި ބޭރަށްގޮސްވެސް ހަދަމެވެ.

އަހަރެންގެ ކޯސްނިމެން ކައިރިވުމުން އަނެއްކާވެސް އަހަރެމެން ކައިވެނީގެ ވާހަކަ ނިހާދު ދައްކަންފެށިއެވެ. ނިހާދު ބޭނުންވީ އަހަރެންގެ ކޯސް ނިމުމުގެ ކުރިން އޭނާ އަމިއްލައަށް އަހަރެމެންގެ ރަށަށްގޮސް މަންމަމެން ކައިރިން އަހަރެންގެ ކައިވެންޏަށް އެދޭށެވެ. އެހެންކަމުން އަހަރެން މަންމަމެންނަށް ގުޅި ދުވަހެއްގައި އެމީހުން ކައިރީގައި އަހަރެންގެ ރައްޓެއްސަކު ރަށަށްދާ ވާހަކަ ބުނީމެވެ. ގޭގައި އޭނައަށް މަޑުކޮށްލެވޭނެގޮތް ހަދައިދެންވެސް އެދުނީމެވެ. އެއީ ކާކުކަން އަހަރެން ކިޔައި ނުދިނީ ނިހާދު ރަށަށްގޮސް އެވާހަކަ އޭނާ އަމިއްލައަށް ދައްކަން ބޭނުންވާތީއެވެ.

ނިހާދު ރަށަށް ދިއުމުން އަހަރެން ވަރަށް އެކަނިވިއެވެ. ނަމަވެސް އޭނާ ރަށަށްދިޔައީ ކައިވެނީގެ ކަންތައްތައް ހަމަޖައްސަން ކަމަށްވުމުން އަހަރެން ހިތްހަމަ ޖައްސާލައިގެން ހުރީމެވެ. އޭރު އަހަރެންގެ ކޯސް ނިމެން އެއް މަހަށްވެއްޖެއެވެ. ރަށަށް ދިޔަ ފަހުން ނިހާދު އަހަރެންނަށް ނުގުޅައެވެ. ނަމަވެސް މަންމަމެން ގުޅާފައި ނިހާދުއަކީ ވަރަށް ހެޔޮލަފާ ރަނގަޅު ކުއްޖެއްކަމަށް ބުނުމުން އަހަރެން ހުރީ ވަރަށް އުފާވެފައެވެ. ކައިވެނީގެ ވާހަކަ ނިހާދު ދެއްކީތާއޭ އަހަރެން ހިތަށްއެރިއެވެ. މަންމަ އިތުރަށް އެވާހަކަ ނުދައްކާތީ އަހަރެންވެސް އެވާހަކަ ނުދައްކަމެވެ.

އާދައިގެ މަތިން ކިޔެވުމުގެ ކަންތައްތަކުގައި އުޅެފައި އައިސް އަހަރެން ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލީ ވަރުބަލިވެފައި ހުރުމުންނެވެ. މާގިނަ އިރުތަކެއްނުވެ ފާތުންދައްތަ އަހަރެންނަށް ގޮވާއަޑު އިވުނެވެ. “އެކޮއި ހިދާ! ނިކަން އައިސްބަލަ! މިއޮތީ ރަށުން އެކޮއިގެ ރައްޓެހި އާއިދާ ގުޅާފައި.” އާއިދާ އަކީ އަހަރެން ރަށުގައި އުޅުނުއިރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. މާލެ އައި ފަހުންވެސް ދޭތެރެއަކުން އޭނާ ގުޅާނެއެވެ. ނަމަވެސް މިހާރު ނުގުޅާތަން ވަރަށް ގިނަ ދުވަސް ވެދާނެއެވެ. އެހެންކަމުން އަހަރެން އަވަހަށް ފޯނު ކައިރިއަށް ދިޔައީ ހެވިފައިހުރެއެވެ. ފުރަތަމަވެސް އާއިދާ ނުގުޅާތީ އަހަރެން ޝަކުވާ ކޮށްލީމެވެ. އޭނާ ވަޒީފާއަކަށް ވަދެގެން އުޅޭކަމަށާއި ބުރަކަމުން ނުގުޅެނީ ކަމަށް ބުނެ ހާލު އަހުވާލު އޮޅުންފިލުވިއެވެ. “ތިއެއްނޫނޭ! މިގުޅީ އަދި އެހެން ވާހަކައެއް ބުނަން. އަހަރެން ކައިވެނި ކޮށްފިން.” ރަކި ގޮތަކަށް ހީނލަމުން އާއިދާ އެހެން ބުނުމުން އަހަރެން އެކުވެރިޔާއަށް މަރުހަބާކީ އުފަލުން އިނދެއެވެ. “ވަގު މަންޖެ. ޅިޔަންބެ އަކީ ކޮން ގެއެއްގެ ކާކުކަން ބުނެބަލަ ދެންވެސް.” އަހަރެން އާއިދާއަށް ޖެއްސުންކޮށްލުމުގެ ގޮތުން އަހައިލީމެވެ. “އަޅެ ވަގޭ ނުބުނޭ. ބައްޕަމެން ނުރުހުނު ރައްޓެހިވެގެން ގިނަދުވަހު އުޅޭކަށް. ނިހާދުވެސް ބޭނުންވީ އަވަހަށް އިންނަން. އެހެންވެ ހަމަ ކުއްލިއަކަށް އިނީ.” އާއިދާ އެހެން ބުނުމާއެކު އަހަރެންނަށް ވީގޮތެއްވެސް ނޭނގުނެވެ. “ނިހާދުއޭ؟” ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން އަހާލީމެވެ. “އާނ. ހިދާމެން ގޭގަ ހުއްޓެއްނު.” ލިބުނު ސިހުމުގައި އަހަރެންނަށް އެހެން އިނދެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ. އާއިދާ އިތުރަށް ދެއްކި އެއްވެސް ވާހަކައެއްވެސް އަހަރެންނަކަށް ނީވެއެވެ.

އަހަރެންނަށް ހޭވެރިކަންވީއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ދައްތަ ބުނިގޮތުން ދައްތަ ބަދިގޭގައި ހުރެފައި އަޑެއް އިވިގެން އައިއިރު އަހަރެން އޮތީ ވެއްޓިފައެވެ. އެހެންކަމުން އަވަހަށް ހޮސްޕިޓަލަށް ގެނައީއެވެ. ޑޮކްޓަރު އަހަރެން ބެލުމަށްފަހު މައްސަލައެއްނެތް ކަމަށް ބުނުމުން ގެއަށް ދޫކޮށްލިއެވެ. އެންމެނަށް ހީވީ އަހަރެން ނުކައި ހުރުމުގެ ސަބަބުން ވީކަމެއް ކަމުގައެވެ. އަސްލު ސަބަބު އެނގެނީ އަހަރެންނަށް އެކަންޏެވެ. އަހަރެން މިއޮއްހާ ދުވަހު ދެކުނު ހުރިހާ ހުވަފެނެއް ކުޑައިރުކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވުމުން އަހަރެންގެ ހިތަށް ކެތްނުވީއެވެ.

އަހަރެން މީ ކިހާ ބަދުނަސީބު މީހެއްހެއްޔެވެ؟ އަހަރެންނަށް ލިބުނު ހިތާމައިގައި ރޮވޭކަށްވެސްނެތެވެ. އެކުވެރިޔާގެ އުފަލުގައި ބައިވެރިވާން ޖެހިފައިވާތީއެވެ. އާއިދާ ކައިރީގައި ނިހާދުގެ ވާހަކަ ކުރިން ބުނެވުނު ނަމައޭ ހިތަށް އެރިއެވެ. މަންމަމެން ކައިރީގައި ބުނެވުނު ނަމައޭ ހިތަށް އެރިއެވެ. ކޯސް ނުހަދައި ނިހާދުއާ ކައިވެނި ކުރެވުނު ނަމައޭ ހިތަށް އެރިއެވެ. ނިހާދު ރަށަށްދާން އެދުމުން އެކަމަށް އެއްބަސް ނުވެވުނު ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އެޚިޔާލުތަކުން އިތުރަށް ހިތްދަތިވުން ނޫންކަމެއް ނުވިއެވެ. ގެއަށްއައިސް އެކަނިވުމުން ރޯންއުޅި އެކަމެއްވެސް ނުވިއެވެ. ކަރުނަވެސް އަހަރެންނާ ރުޅިވެފައިވާ ކަހަލައެވެ. ފަހުން އާއިދާ އަހަރެންގެ ހާލު ބަލަން ގުޅުމުން އަހަރެން ވަރަށް ބުރަގަޑިއެއް ކަމަށް ބުނެ ފޯނު ބޭއްވީ އަހަރެން މާޔޫސްވެފައިހުރިކަން އެނގި އޭނާ ސުވާލުކޮށްފާނެތީއެވެ. މަންމަމެން ގުޅުމުންވެސް އަހަރެން ކަންތައްކުރަނީ އެހެންނެވެ.

އެދުވަހުގެ ފަހުން އަހަރެން އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ރަނގަޅަށް ނިދެނީކީ ނޫނެވެ. ކެވެނީކީވެސް ނޫނެވެ. މިކަންތަކުގެތެރޭގައި ފަހު އިމްތިހާނުން އަހަރެން ފާސްވީވެސް ކިރިޔާއެވެ. ރަށަށްދާ ދުވަސް ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ އުދާސްކަންވީ އިތުރެވެ. އަހަރެން ނިހާދުއާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ މަންމަމެން ކުރިމަތީގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަބަދު އުފާވެފައި ހުންނަ ކަމަށް ހެދިގެން އަހަރެންނަށް އެމީހުން ހެއްދިދާނެ ހެއްޔެވެ؟ އަހަރެން ގަޔަކު އެހާ ހިތްވަރެއް ނެތެވެ. ނަމަވެސް ރަށަށްދާން ޖެހޭނެތާއެވެ.

މަންމައަށް އަހަރެން ފެނުމާއެކު ވަރަށް ލޯބިން ބައްދާލިއެވެ. އަހަރެންގެ އަނަރޫފަވެފައިވާ ހަށިގަނޑަށް ބަލައިލީ ކަންބޮޑުވެފައިހުރެއެވެ. ގަދަކަމުން އަހަރެން ހީނލީ މަންމަ ހިތްހަމަޖައްސައިދޭށެވެ. ނަމަވެސް މަންމައަށް އަހަރެންގެ ލޮލުގައިވި މާޔޫސްކަމެއް ސިއްރެއް ނުވިއެވެ. ގެއަށް ދިޔަ މަގުމަތީގައި އަހަރެން ބަލަމުން ދިޔައީ ރަށުގެ ބަދަލުވެފައިވާ ތަންތަނަކަށް ނޫނެވެ. އަހަރެންގެ ދެލޯ ހޯދަމުން ދިޔައީ އެމީހަކަށްޓަކައި އަހަރެންގެ ހިތްއެދި ގޮވާ ނިހާދު މަގެއްގެ މަތިންވިޔަސް ފެނޭތޯއެވެ. ގެއަށް ދެވުމާއެކު އަހަރެން ވަރުބަލި ވެފައި ހުރިކަމުގެ ބަހަނާ ދައްކާފައި ކޮޓަރިއަށް ދިޔައިރުވެސް މަންމަ ހުރީ ޝައްކުގެ ނަޒަރަކުން އަހަރެންނަށް ބަލާށެވެ.

ފެންވަރާލައިގެން ނުކުމެ ބޮލުގައި ފުނާއަޅަން ހުއްޓައި މަންމަ ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީންނުމަށްފަހު އަހަރެންނަށް ގޮވާލިއެވެ. އަހަރެން ކައިރީގައި އިށީންނުމުން އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅު އެންމެ ކުޑައިރުއްސުރެ ގެންގުޅުނީ މަންމަ. ކިތަންމެ ކުޑަ ބަދަލެއް ދަރިފުޅަށް އަޔަސް މަންމައަށް އެނގޭނެ. މަންމައަށް އެނގޭ ދަރިފުޅަށް ކޮންމެވެސް ކަމެއް ދިމާވެއްޖެކަން. ބުނެބަލަ މަންމަ ކައިރީގައި.” މަންމަގެ އޯގާތެރި ބަސްތަކުން އަހަރެންނަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އަމިއްލަ ނަފްސާއި ހަނގުރާމަ ކޮށްކޮށް އަހަރެން ހުރީ ވަރުބަލިވެފައެވެ. ރޯލަން ބޭނުންވެފައެވެ. މީހަކާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. މަންމަ ގައިގައި ބައްދައިގެން އަހަރެން އެތައް އިރަކު ރުއީމެވެ. ހުރިހާ އެއްޗެއް މަންމައަށް ކިޔައިދިނީމެވެ. މަންމަ އަހަރެންގެ ބޮލުގައި ފިރުމަމުން އަހަރެންނަށް ހިތްވަރު ލައިދެމުން ދިޔައީ އަހަރެންގެ ހާލަށް ހަމްދަރުދީވާ ހާލުއެވެ. އަހަރެން ހަމައަކަށް އެޅުނުއިރު މަންމައަށްވެސް އިނީ ރޮވިފައެވެ. ލޯ ފުހެލުމަށް ފަހު ވަރަށް ލޯބިން މަންމަ އަހަރެންނަށް ނަސޭހަތްދޭން ފެށިއެވެ. ” ދަރިފުޅާ ހިދާ. ހިތްވަރު ކުރަންވާނެ. ކޮންމެ މީހަކަށްވެސް ހިތާމަތަކާ ކުރިމަތިވާނެ. ވެދާނެ ދަރިފުޅަށް ތިހެން ތިދިމާވީ ރަނގަޅަކަށް ކަމައްވެސް. ދަރިފުޅަށް ހީވޭތަ އެކަހަލަ މީހަކާ އިނދެގެން ރަނގަޅު ދިރިއުޅުމެއް ލިބިދާނެހެން؟ މިގޭގައި އޭނާ ހުރިއިރު ނުދައްކާ ދަރިފުޅުގެ ވާހަކަ އެއްވެސްވަރަކަށް. މަންމަމެން ހީކުރީ އެހާ ގާތް ރައްޓެއްސެއް ނޫންކަމަށް. ދަރިފުޅުގެ ފަރާތުން އައި ކުއްޖެއްވީމަ އަޚުލާގު ރަނގަޅު ކުއްޖެއްކަމަށް ބުނެލީ ދަރިފުޅު ކައިރީގައި. ކިހިނެއް އިނގޭނީ މިވަރުގެ ދެރައެއް ދަރިފުޅަށް ދީފާނެ ކަމެއް. ދަރިފުޅާ. ހިތްވަރު ކޮށްފަ އާފެށުމަކުން ދަރިފުޅުގެ ދިރިއުޅުން ފަށަން ހިނގާ. ވެދިޔަތަން ހަނދާން ނައްތާލާ.” މަންމަގެ ފަރާތުން އެނގުނު ގޮތުން ނިހާދު އާއިދާ އިނުމަށްފަހު ވަޒީފާއަކަށް މާލެ ދިޔައީއެވެ. އެހެންކަމުން އަހަރެންނަށް އޭނާއާއި ކުރިމަތިލާން ނުޖެހޭނެކަން އެނގުމުން ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

އަހަރެން ހީކުރިގޮތާއި ޚިލާފަށް އާއިދާ އަހަރެން ދެކިލާކަށް ނާދެއެވެ. ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ފަހަރުގައި ނިހާދު އެއްޗެކޭ ކީ ކަމަށް ވެދާނެއެވެ. އަހަރެންވެސް އޭނާ ހޯދާކަށް ނުދަމެވެ. އެހެންކަމުން އަހަރެމެންގެ ގުޅުން ހީނަރުވެ ނެތިގެން ދިޔައީއެވެ. މަންމަ ދިން ނަސޭހަތުގައި ހިފައި އަހަރެން ދިރިއުޅުން އާފެށުމަކުން ފެށީއެވެ. ވަޒީފާއަށް ގޮސް ސްކޫލްގައި ކުދިންގެ ތެރޭގައި އުޅެން ފެށުމުން އެޚިޔާލުތަކާއި ކޮންމެވެސް ވަރަކަށް ދުރުވެވުނެވެ. މަންމަމެންގެ އެދުމުގެ މަތިން އަހަރެން އާޒިމް އާއި ކައިވެނި ކުރަން ނިންމީ ނިހާދުފަދަ ބޭވަފާތެރިއެއްގެ ހަނދާނުގައި ދިރިއުޅުން ބޭކާރުކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް ނިހާދު މަތިން އަހަރެން ހަނދާނެއް ނުނެތެއެވެ. އާޒިމް އަކީ ވަރަށް އޯގާތެރި ރަނގަޅު މީހެކެވެ. ކައިވެނިކޮށްގެން އުޅެން ފެށުމުން އަހަރެންނަށް އޭނާދެކެ ލޯބި ނުވެވުނު ނަމަވެސް ގަޔާވެވުނެވެ. އޭނާއަށް އަހަރެންގެ ފަރާތުން އެއްވެސް ކަމެއް އުނިވިޔަކަ ނުދެމެވެ.

*******************

އަސުރު ނަމާދުގެ ބަންގީގެ އަޑަށް އަހަރެންނަށް ސިހިފައި އަތުގައި އޮތް ފޮޓޯއަށް ބަލައިލެވުނެވެ. މިއަދު އަހަރެން ރަށަށް ބަދަލުވިތަން އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް ނިިިިހާދުގެ އަޑު ޖެހުމުން މިހައި އަސަރު ކުރުމުން އަހަރެންނަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އަހަރެން ރަށަށް ބަދަލުވީއްސުރެ ނިހާދު ރަށަކަށް ނާދެއެވެ. އާއިދާ އުޅެނީ އެކަނިވެރިދިރިއުޅުމެކެވެ. އާޒިމް އޭނާއަށް ލިބޭ ކޮންމެ ޗުއްޓީއެއްގައި އަހަރެންގެ ގާތަށް އާދެއެވެ. އެފަދަ އޯގާތެރި ފިރިއެއް ލިބިފައި ހުރިއިރުވެސް އަހަރެން ބޭވަފާތެރިއަކަށްޓަކައި ކަރުނަ އޮހޮރުވަންވީ ކީއްކުރަން ހެއްޔެވެ؟ ދެލޯ ފުހެލުމަށްފަހު ނިހާދުއާއި އަހަރެންގެ ފޮޓޯގަނޑު ވީދާލުމަށްފަހު ބޭރަށްނުކުމެ އެއްލާލީމެވެ. އަދި ނިހާދުގެ މަތިން އެއްކޮށް ހަނދާން ނައްތާލުމަށް އަޒުމް ކަނޑައެޅީމެވެ. އާޒިމްއަށް ވަފާތެރި، ރަނގަޅު އަންބަކަށް ވުމަށްވެސް އަމިއްލަ ނަފްސަށް ވައުދުވީމެވެ. ނަމަވެސް އަހަރެން ނިހާދުއާއި ކޮށްލަން ބޭނުން ސުވާލެއް އަބަދުވެސް އޮވެއެވެ. އެފަދަ ބޮޑު އޮޅުވާލުމެއް އޭނާ އަހަންނަށް އޮޅުވާލީ ކީއްވެގެން ހެއްޔެވެ؟

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

Previous

މަލާކް… 3ވަނަބައި

Next

ދުރުގައިވިޔަސް 20 ވަނަ ބައި

Next
June 2, 2017

ދުރުގައިވިޔަސް 20 ވަނަ ބައި

Previews
June 1, 2017

މަލާކް… 3ވަނަބައި

24 Comments!

  1. Ugh says:
    June 1, 2017 at 9:53 pm

    Mee kiyaafa oh vaahaka eh

    1. itsme says:
      June 1, 2017 at 10:11 pm

      Concept might be the same. But i assure you, i wrote this on my own. 🙂

    2. ??❤ says:
      June 3, 2017 at 7:51 pm

      aslu vs enme thankolheh iny thafaathu ……

  2. Amin says:
    June 1, 2017 at 10:02 pm

    Ei niahd kiya kudhin hama kantha kuraa gothey

    1. nonns says:
      June 1, 2017 at 10:12 pm

      I agree.

    2. Coco says:
      June 2, 2017 at 12:00 am

      Hama thedheh thibuny

  3. Noor says:
    June 1, 2017 at 10:20 pm

    Nice story..???

    1. itsme says:
      June 1, 2017 at 10:54 pm

      Thankyou Noor. Means a lot. 🙂

  4. Mary mal says:
    June 1, 2017 at 11:13 pm

    V reethi.

    1. itsme says:
      June 2, 2017 at 2:02 pm

      Thankyou 🙂

  5. Addu manje says:
    June 1, 2017 at 11:23 pm

    Varah reethi..mee itsme ge first story dhw? Hope to see new stories of you soon.. 🙂

    1. itsme says:
      June 2, 2017 at 2:04 pm

      Thankyou. 🙂 Yes its my first story. Will continue writing In Sha Allah 🙂

  6. Aisha says:
    June 2, 2017 at 12:52 am

    Varah reethi❤… Keep it up dear ?

    1. itsme says:
      June 2, 2017 at 2:04 pm

      Thankyou 🙂

  7. sharu says:
    June 2, 2017 at 12:55 am

    Varah salhi. Keep it up. Proud of you.

    1. itsme says:
      June 3, 2017 at 4:53 pm

      Thankyou 🙂

  8. ajnad says:
    June 2, 2017 at 3:42 pm

    haaan.. nice story

    1. itsme says:
      June 3, 2017 at 4:54 pm

      Thankyou 🙂

  9. Khajja says:
    June 2, 2017 at 6:32 pm

    Masha allah v rythi???

    1. itsme says:
      June 3, 2017 at 4:54 pm

      Thankyou 🙂

  10. sis says:
    June 2, 2017 at 8:02 pm

    Vvvvv rythi story

    1. itsme says:
      June 3, 2017 at 4:55 pm

      Thankyou 🙂

  11. Abdulla says:
    June 2, 2017 at 8:59 pm

    Nice story….

    1. itsme says:
      June 3, 2017 at 4:55 pm

      Thankyou 🙂

Comments are closed.



All Right Reserved!