އުމުރަށްވެސް އެކީގައި ވާނަމޭ……5
ލުފްޝާން ފެންވަރައި ހަދާލައިގެން ތިރިއަށް ފައިބަން ދިޔައިރު ފައްތާހް އިނީ ސޯފާގައި ޓީވީ ބަލާށެވެ. ފަރިތަ ކަމާއިއެކު ސިޑިން ފައިބަމުން ލުފްޝާން އޭނާގެ ބައްޕައަށް ގޮވާލިއެވެ. “ބައްޕާ…ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ….” ޓީވީ ބަލަން އިނދެފައި ފައްތާހް ލުފްޝާންގެ ވާހަކައަށް ސަމާލުވިއެވެ. “ކޮން ކަމެއް އަނެއްކާ…” ލުފްޝާން ސޯފާގައި އިށީންނަމުން ބުންޏެވެ. ” ހާފިޒް އާއި ޝާމިލްއަށް ގުޅާފައި މިގެއަށް ގެނެސްދީފާނަންތަ؟…ކޮންމެވެސް އެއްޗެކޭ ކިޔާފަ ހައްދާލާފަ…ހެހެހެ..” މިހެން ބުނަމުން ލުފްޝާން އެއްމިޔަކަނަށް ހީލިއެވެ. ފައްތާހްއަށް ލުފްޝާން ކުރަން އުޅޭ ކަންތައް ވަރަށް އަވަހަށް ނަގައިގަނެވުނެވެ. “ހެހެ އާން..ތިއީ ދެން އެއްވެސް ކަމެއް ނޫނެއްނު…މިގުޅަނީ…” ޖީބުން ފޯން ނަގައި ޝާމިލްއަށް ގުޅާލިއެވެ. ފައްތާހް ގުޅުމާއިއެކު ޝާމިލް ވަރަށް އަވަހަށް ފޯން ނެގިއެވެ. “ހަލޯ..ޝާމިލް…ކުރިން ދުވަހު ބުނީމެއްނު ޓައިލްސްގެ އާ ޑިޒައިންސް ތަކެއްގެ ވާހަކަ ދޯ…. އެ ސާމްޕަލްސްތައް ހިފައިގެން މިއަދު އެކެއް ޖަހާއިރު މިގެއަށް އާދެބަލަ… އެތަނުން ތިން ޑިޒައިން ވަރު ސެލެކްޓް ކުރަން ވެގެން..ހާފިޒްވެސް ގޮވައިގެން…” ލުފްޝާންއަށް ބަލަން އިނދެ ފައްތާހް ވާހަކަ ދެއްކިއެވެ. އޭރު ލުފްޝާން އިނީ ވަކި ވަރަކަށް ހިނިއައިހެވެ. “އެކަމަކު ބޮސް ބުނުއްވީމެއްނު މާދަމާ ހުރިހާ ޑިޒައިނަރުންނާ ޑިސްކަސް ކޮށްފަ ސެލެކްޓް ކުރާ ވާހަކަ…އަނެއްކާ ޑިޒައިންސްތައް އަވަހަށް ފޮނުވަން ޖެހުނީތޯ…” ޝާމިލް ހާސް ވެފައިވާ ރާގަކަށް އެހެން ބުނުމުން ފައްތާހް ގާތަށް ކުޑަކޮށް ހިނިއައެވެ. އެހެންނަމަވެސް ހިނިގަނޑު ހިފަހައްޓާލައިގެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އާން…މިއަދު ހަތަރެއްގެ ކުރިން ފޮނުވަން ޖެހޭނެ..އެހެންނޫނީ…” ފައްތާހްގެ ޖުމްލަ ފުރިހަމަ ނުވެ އުޅެނިކޮށް ޝާމިލް ބުންޏެވެ. ” މިއަދުގެ އެކެއް ޖަހާނީ އަޅުގަނޑު ތިގޭގަ ހުއްޓަ…” ފައްތާހް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ވެސް ނުދީ ޝާމިލް ފޯން ކަނޑާލިއެވެ. ފޯން ބާއްވަމުން ހެމުންހެމުން ފައްތާހް ބުނެލިއެވެ. ” ދެން ކުރިއަށް ގެންދާނީ ދަރިފުޅު…ޝާމިލް ވަރަށް އަވަހަށް ހާސް ވާނެ.. ސަޕްރައިޒް ދޭން އޭނާ އަށް ގުޅީމައެއްނު ރަނގަޅުވާނީ…ހާފިޒް އޭނައަށް ވުރެ ބޯ ރަނގަޅުވާނެ…” ލުފްޝާން ވެސް ހެމުން ހެމުން ބޯޖަހާލިއެވެ. “ހެހެހެ އާން…ކޮބާތަ މަހޭޝް…މަހޭޝް….” ލުފްޝާން ގޮވާލުމާއިއެކުހެން ބަދިގެއިން ދުވެފައި ކަހަލަ ގޮތަކަށް މަހޭޝް ނުކުތެވެ. އޭނާގެ ފަހަތުން ނުހާ ވެސް ނުކުތެވެ. ނުހާ ފެނުމާއިއެކު ލުފްޝާން އަށް ބޭއިޙްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. ލުފްޝާން ހުރީ ކަޅި ވެސް ޖަހާ ނުލާ ނުހާ އާއި ދިމާލަށް ބަލާށެވެ. ނުހާ ލަދުރަކި ގޮތަކަށް އިސް ޖަހާލިއެވެ. “ކިހިނެއްތޯ ވީ…” އަދަބުވެރި ގޮތަކަށް މަހޭޝް އަހާލިއެވެ. “މީ..ޝާމިލްއަށް ގުޅާބަލަ…” ލުފްޝާންއަށް މިހެން ބުނެވުނީ އޭނާގެ އިޙްތިޔާރަކާއި ނުލައެވެ. ” އަނެއްކާ ކީއްކުރަން ޝާމިލްއަށް ގުޅަންވީ…” ހައިރާން ވެފައި އިނދެ ފައްތާހް އަހާލިއެވެ. ފައްތާހްގެ އަޑަށް ލުފްޝާން ދިޔައީ ސިހިގެންނެވެ. “ކީކޭ…ޝާމިލްއޭ…” ވާނުވާ ނޭނގޭ ޙާލު އޭނައަށް އަހާލެވުނެވެ. މަހޭޝް ހޭން ފެށިއެވެ. އޭނައެކޭ އެއްވަރަށް ފައްތާހް ގާތަށް ވެސް ހިނިއައެވެ. “ދަރިފުޅު ކިހިނެއްވެފަތަ ތިހުރީ…ބައްޕަ ޝިާމިލްއަށް ގުޅައިފީމެއްނު…ދެން ކީއްކުރަންހޭ އަނެއްކާ މަހޭޝް ލައްވާ ޝާމިލްއަށް ގުޅަންވީ..ޕްލޭން ފެއިލް ކޮށްލަންތަ؟..” ފައްތާހް ހިނިއައިސް އިނުމުން ލުފްޝާން އަނގައިން ދެރަ ނުވާން އުޅުނެވެ. ” ޝާމިލް އެކޭ އަހަންނެއް ނުކިޔަން..ބައްޕައެއްނު ތިހެންވެސް ތިކިޔަނީ…އަހަރެން ބުނީ މަހޭޝް ގާތު މިއަދު ވަރަށް މީރުކޮށް ކައްކައްޗޭ….” މިހެން ބުނެ ބާރު ފިޔަވަޅު ތަކެއްގައި ގޮސް ސިޑިން އެރިއެވެ. ލުފްޝާން ދިޔުމުން ފައްތާހް ދެކޮޅަށް ބޯ ހޫރާލީ ހެމުންނެވެ. ބަދިގެ ދޮރު މަތީގައި ހުރި ނުހާއަށް ވެސްހުރީ ފާޑަކަށް ހެވިފައެވެ.
ގަޑިން މެންދުރު އެކެއް ޖަހަން ފަސް މިނެޓަށް ވީއިރު ހާފިޒް އާއި ޝާމިލް ހުރީ ލުފްޝާން މެންގޭ ދޮރުމަތީގައެވެ. ބެލް ޖެހި އަޑަށް މަހޭޝް ގޮސް ދޮރު ހުޅުވިއެވެ. އެތެރެއަށް ވަނުމަށް ދަޢުވަތު ދިނުމަށް ފަހު ސިޓިންގރޫމްގައި ހުރި ސޯފާތައް ދައްކާލަމުން މަހޭޝް ފައްތާހްއަށް ޝާމިލްމެން އައި ކަމުގެ ޙަބަރު ދިނެވެ. “އަނހާ ދެކުދިން ތިއައީދޯ..ކޮބާ ފައިލް؟…” ފައްތާހް އެހެން ބުނުމުން ޝާމިލްގެ ސައިޑް ބޭގުން ކަޅުކުލައިގެ ފައިލްއެއް ނަގައި ފައްތާހް އަތަށް ދިނެވެ. ފައްތާހް ފައިލްގައި ހިފަމުން ހާފިޒް ގާތުގައި އިށީންނެވެ. ހާފިޒް އަށްވެސް އޭގައިވާ ޑިޒައިންސްތައް ދައްކަމުން ފައްތާހް މަސައްކަތް ކުރިއަށް ގެންދިޔައެވެ. ކުއްލިއަކަށް މީހަކު ވަރަށް ބާރަށް ހުރަސް ކޮށްލިހެން ހީވެގެން ޝާމިލް ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް ފައްތާހް އާއި ހާފިޒްވެސް ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ފައްތާހްއަށް އަހާލެވުނެވެ. “ކިހިނެއްވީ؟…” ބިރުގަނެފައި އިންފައި ޝާމިލް ދޮރާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުންނެވެ. “ނޭނގެ…ކޮންމެސް މީހަކު…ކަޅު ހެދުމެއްގަ ހުރި މީހެއް…” ޝާމިލް އެހެން ބުނުމުން އެދެމީހުން އެއްފަހަރާ ފަހަތަށް ބަލައިލިއެވެ. “ނެތެއްނު މީހަކު..ތިވާނީ މަހޭޝް ކަމަށް…” ފަރުވާ ކުޑަ ގޮތަކަށް ފައްތާހް ބުނެލިއެވެ. “ނޫނެކޭ..ހަމަ އަސްލުވެސް..ބޮޑު ކަޅު މީހެއް…އަޅުގަނޑުމެން މިތާ ބައިންދާފައި މަހޭޝް ދިޔައީ ބަދިގެއަށްށޭ…” ޝާމިލްއަށް ފައްތާހްގެ ވާހަކަ ޤަބޫލު ނުކުރެވޭ ކަހަލައެވެ. ހާފިޒް އިނީ ވަކި ވަރަކަށް ހިނިއައިހެވެ. ފައްތާހް އިނީ އޭނާގެ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. އަނެއްކާވެސް އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އިރުއިރުކޮޅާ ޝާމިލްއަށް ބެލެނީ ދޮރާ ދިމާލަށްށެވެ. އޭނާ އިނީ ބިރުން ހަލާކުވާ ވަރު ވެފައެވެ. އެހެން އިންދާ އަނެއްކާވެސް މީހަކު ހުރަސް ކޮށްލިއެވެ. މިފަހަރު ޝާމިލް ހަޅޭއްލަވައިގަތީ ކުރިއަށް ވުރެވެސް ބާރަށްށެވެ. ” ހާފިޒް…އެހެރަދަނީ އެމީހާ…. ” ޝާމިލް ބިރުން ތުރުތުރު އަޅަން ފެށިއެވެ. “ޝާމިލް…ނިކަން މިކަމަށް ސަމާލުކަން ދީގެން އިނދެބަލަ…އެހެން ތަންތަނަށް ބަލަންޏާ ފެންނާނެ އެހެން އެއްޗެހިވެސް…” މިފަހަރު ވާހަކަ ދެއްކީ ހާފިޒްއެވެ. އެހެންނަމަވެސް ހާފިޒްއަށް ކޮންމެވެސް އެއްޗެއް ހީވެއްޖެއެވެ. މީހަކަށް ދެފަހަރުމަތިން ކުންހީއެއް ނުކުރެވޭނެއެވެ. މިފަހަރު ހާފިޒް އިނީ އެކަމަށް ކޮންމެވެސް ވަރަކަށް ސަމާލުވެގެންނެވެ. ކުޑައިރުކޮޅެއްކޮށްލުމަށް ފަހު ހާފިޒް ކުއްލިއަކަށް ބަލައިލލިއެވެ. ހާފިޒް ބަލައިލި ވަގުތަކީ އެ ކަޅު މީހާ ތިންވަނަ ފަހަރަށް ގޭ ދޮރުމަތިން ހުރަސް ކޮށްލި ފަހަރެވެ. ވަގުތުން އެއީ މީހަކު ކުރާ ސަމާސާއެއްކަން ހާފިޒްއަށް އެނގުނެވެ. އެއީ އެމީހެއްގެ ގައިގައި ވަށާލެވިފައިވާ ކަޅު ފޮތިގަނޑުގެ ތެރެއިން ފެހި ކުލައިގެ ގަމީހެއްގެ ތަންކޮޅެއް ހާފިޒްއަށް ފެނުމުންނެވެ. ހާފިޒް ކޮޅަށް ތެދުވުމާ އެމީހާ އަތުލައިގަންނަން ދުއްވައިގަތުމާއި ދިޔައީ އެކުއެކީގައެވެ. ފައްތާހް ވެސް އެނބުރި ފަހަތަށް ބަލައިލިއެވެ. ޝާމިލްވެސް ކޮޅަށް ތެދުވިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ހާފިޒް އެމީހާގެ ގައިގައި ހިފައި އޮޅުލައިގަތެވެ. ފުރަގަހުންނެވެ. “ކާކުތީ…ބުނޭ..ކާކު..” ހާފިޒްގެ ހަޅޭކުގެ އަޑަށް ބަދިގޭގައި ހުރި ނުހާވެސް ނުކުތެވެ. މަހޭޝްވެސް ދުވެފައި ކަހަލަ ގޮތަކަށް ނުކުތެވެ. “ހާފިޒް ދޫކުރޭ…މިބުނަނީއޭ…ހެހެހެ…” ހެމުން ހެމުން ލުފްޝާން އޭނަ ދޫކުރުމަށް ގޮވިއެވެ. އެމީހަކަށް ހާފިޒްގެ ނަން އެނގުމުން ހައިރާންވެ ހުރެ ދޫކޮށްލިއެވެ. ހާފިޒް ލުފްޝާންގެ ގައިން ދޫކޮށްލުމުން ގައިގައި އޮޅާފައިވާ ކަޅު ފޮތިގަނޑު ނެގީ ހެމުން ހެމުންނެވެ. ހާފިޒް އާއި ޝާމިލްގެ ދެލޯ ދިޔައީ ދެގުނައަށް ބޮޑުވެގެންނެވެ. ހަމަ އެވަގުތު ފައްތާހްގެ ހިފަހައްޓާލާފައިވާ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. މިއީ ރޭވިގެން ކުރި ކަމެއްކަން ޝާމިލް މެންނަށް ރޭކާލީދެނެވެ. ހާފިޒް ބަލާކަށް ނުހުރެ ހަޅޭއްފަޅޭއް ލަވަމުން ލުފްޝާންގެ ގައިގައި ބައްދައިގަތެވެ. “ލޫއްޕޭ…..ވަޓް ދަ…” ހައިރާންވެފައި ހުރި ޝާމިލްވެސް ދުވެފައި އައިސް ލުފްޝާން ގައިގައި އޮޅުލައިގަތެވެ. އެއާއިއެކު ތިންމީހުން ޓައިލްސްތައް މައްޗަށް ވެއްޓުނެވެ. ހީވަނީ ފުޓްބޯޅައިގެ މައިދާނުގައި ލަނޑެއް ޖެހިގެން އެކަމުގެ އުފާ ފާޅުކުރާހެންނެވެ. ވާނީވެސް އެހެންތާއެވެ. މިއީ ދުވަސްވީ ރަޙްމަތްތެރި ކަމެކެވެ. އެހާ ގިނަދުވަސްތަކަކަށް ފަހު ރަޙްމަތްތެރިޔާ އާއިބައްދަލުވީމާ ދެން ވާނީ މިކަހަލަ ގޮތެކެވެ. މަންޒަރު ބަލަން ހުރި ފައްތާހް އާއި މަހޭޝް ވެސް ހުރީ ހެވިފައެވެ. ނުހާވެސް ހުރީ ހެވިފައެވެ. “ކޮން ކަހަލަ މީހެއްތީ…ބިރުން ކިރިޔާ އަވަދި ނުވީ….” ކޮޅަށް ތެދުވަމުން ޝާމިލް ލުފްޝާންގެ ބުރަކަށީގައި ވަރަށް ބާރަށް ޖެހިއެވެ. ލުފްޝާން އާއި ހާފިޒްވެސް ހެމުން ހެމުން ކޮޅަށް ތެދުވިއެވެ. އަދި ހާފިޒް އާއި ޝާމިލްގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން އޭނާގެ ބައްޕައަށް ބަލާލިއެވެ. “ތޭންކްސް ޑޭޑް..” ފައްތާހް ދެއަތް ފުރަގަހަށް ލަމުން ބުނެލިއެވެ. “އެނީ ޓައިމް..ހެހެހެ” ފައްތާހް މިހެން ބުނީ ވަރަށް ފަޙްރުވެރި ކަމާއި އެކީގައެވެ. “އޭތް ކޮން އިރަކުތަ އައިސްގެން ތިއުޅެނީ؟..” ހާފިޒް ސުވާލުގެ ނަޒަރަކުން ލުފްޝާންއަށް ބަލައިލިއެވެ. “މިއަދު ހެނދުނު…އިންޝާﷲ އެންމެންނަށްވެސް އަހަރެން ބޭނުންވި ގޮތަށް ސަޕްރައިޒް ދެވިއްޖެ…” ލުފްޝާން ވަކިވަރަކަށް ދޫނެރެލަމުން ޝާމިލްއާ ދިމާލަށް ބަލައިލިއެވެ. “ތިއެއްނޫނޭ…ދެން ކޮން އިރަކުންތަ ލޫއްޕެ އޮފީހަށް ނުކުންނާނީ….މިހާރު ލޫއްޕެ ވަރަށް ޕްރޮފެޝަނަލް ވާނެދޯ އަހަރެމެންނަށް ވުރެ…މާސްޓާރސް އިން އިންޓީރިއަރް ޑިޒައިން…ވާއު…ދެން އަހަރަމެން އުއްމީދު ކުރަނީ ތިކިޔެވި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށް…” ޝާމިލް ލުފްޝާންގެ ގައިގައި ހިތްވަރު ދިނުމުގެ ގޮތުން ޖަހާލިއެވެ. “އިންޝާﷲ..ކިޔެވުން ވެސް ދިޔައީ ހަމަ ވަރަށް ސަޅިކޮށް…ހަމަ ވަރަށް ފައްކާ…ފުދޭ ވަރަކަށްގިނަ ރައްޓެހިންވެސް ލިބުނު އެކޮޅުން…” ލުފްޝާން އެހެން ބުނުމުން ފައްތާހް ބުންޏެވެ. ” ދަރިފުޅު އޮފީހަށް ނުކުންނަން ބޭނުމިއްޔާ މާދަމާވެސް ހަމަ ނުކުންނަންވީ…” މިހާ ހިސާބަށް ބުނެވުމާއިއެކުހެން ފައްތާހްގެ ފޯން ރިންގް ވާން ފެށިއެވެ. އަދި ކުޑައިރުކޮޅަކު ފޯނުން ވާހަކަ ދެއްކުމަށް ފަހު ފޯން ބޭއްވިއެވެ. “ހާދަ ދެރަގޮތެކޭ މިވީ…މިހާ ފައްކާ ދުވަހަކު މީޓިންގއަކަށް މާލޭގެ ކޮމްޕެނީން އެބަ އާދެ….އަދި ބައްޕަ މިހުރީ ނުލާހިކު އުފަލުން ތިކުދިންނާއިއެކު މިއަދުގެ މެންދުރުގެ ކެއުން ކެވޭނެކަމަށް ހީކޮށް… ސަކަރާތެއްނު މިވީގޮތް…ރުޅިއައިސް ކަމަށް ހަދާފަ މީޓިންގ ކެންސަލް ކޮށްލެވޭނެ ނަމަދޯ…ތިކުދިން ދެން މަޖާ ކޮށްލާ އިނގޭ…” މިހެން ބުނެފައި ފައްތާހް ހިނގައިގަތީ ކޮޓަރިއަށް ވަދެ އަވަސް އަވަސް ކޮށްލުމަށް ފަހު ކުޑަ ދަބަހެއް ހިފައިގެން އޮފީހަށް ދާން ނުކުތެވެ. އެވަގުތަކީ މަހޭޝްއާއި ނުހާ ތަށިތައް އަތުރަން އަވަސްވެގައިން ވަގުތެވެ. އެވަގުތަކީ ހާފިޒްއަށާއި ޝާމިލްއަށްވެސް ނުހާ އެންމެ ފުރަތަމަ ފެނުން ވަގުތެވެ. “ލޫއްޕޭ….ލަންޑަންގައި ހަމަ އެހާ ރީތި މާ ހުރޭތަ؟…” ނުހާ ފެނުމުން ޝާމިލް ލުފްޝާން އާ ދިމާކޮށްލިއެވެ. “އެއީ ތެދެއް ލޫއްޕޭ…ގަދަ މީހެއް މީ…. އަހަރެމެން ކައިރީގައި ނުވެސް ބުނެކޮށްލި ކަމެއް ބަލާބަލަ…” ހާފިޒްވެސް ޝާމިލް އަ އެއްބައިވެލަމުން ބުނެލިއެވެ. “ސާބަހޭ ކަލޭ މެންނަށް…ދިމާ ކުރާކަށް ހައްދެއްވެސް ނޯވޭތަ…” ދެބުމަ ގޮށްޖަހާލަމުން ލުފްޝާން ހާފިޒްގެ ކަންފަތުގައި ހިފިއެވެ. “އައްދޯތް..ދޫކޮށްބަލަ..” ލުފްޝާން ހާފިޒްގެ ކަންފަތުން ދޫކޮށްލިއެވެ. އަދި މަޑުމަޑުން އެދެމީހުން ގާތު ބުންޏެވެ. “އަސްލު އަހަންނަކަށް ވެސް ނޭގެ ނުހާ އަކީ ކާކު ކަމެއް..ކީއްވެ ނިގެއަށް އައިސް އުޅޭ ކުއްޖެއް ކަމެއް..ބައްޕަވެސް ބުނީ ނުހާގެ ވާހަަކަ ފަހުން ކިޔައިދޭނަމޭ…” ތިންމީހުން މަޑު ހިނގުމެއްގައި ކާމޭޒު ކައިރިއަށް އައުމުން މަހޭޝް ބުނެލިއެވެ. “ކާން ހެދިފަ މިހުރީ..ދެން އަވަހަށް ކާން ފަށަންވީ ހަމަ…”
ޝާމިލްއަކަށް މަހޭޝް އާ ނުބެހިއެއް ނުހުރެވުނެވެ. “ހޫމމ…ހަމަ ފަށަން މިއުޅެނީ…” އަންހެން ގޮތަކަށް އެހެން ބުނުމުން މަހޭޝް ތުން އަނބުރާލިއެވެ. “ހެވޭ..ކޮންމެހެން މަށަށް ޖެއްސުން ކުރާނެ ކަމެއް ނެތް.. ކާން ފަށާ…” ޖޫސްފުޅި ހިފައިގެން އައިސް ނުހާ ތަށިތަކަށް ޖޫސް އަޅަން ފެށުމުން ލުފްޝާން އޭނާގެ އެކުވެރިންނަށް ނުހާ ތަޢާރަފް ކޮށްދިނެވެ. “މިއީ ނުހާ އިނގެ…ނުހާ މިއީ އަހަރެންގެ އެންމެ ކްލޯސް ދެފްރެންޑް ޝާމިލް އަދި ހާފިޒް…” ނުހާ އެދެމީހުންނަށް ބަލާލަމުން ހީލިއެވެ. ހާފިޒްވެސް ހީލަމުން ކެއުމަށް އިސްކަން ދިނެވެ. “ހާދަބައިވަރު އެއްޗިއްސެއް ހަދާލާފަ މިހުރީ މަހޭޝް…ހީވޭ ވަރަށް މީރު ވާނެހެން… ޝާމިލް އަވަހަށް ފަށާ ތިހެން ނީނދެ…” ހާފިޒް އެހެން ބުނުމުން އަވަސް އަވަސް އަރުވާލާފައި ޝާމިލްވެސް ކެއުމައިގެން އަވަސް ވިއެވެ. “މަހޭޝް މިހާރު ހާދަ މޮޅުވެއްޖޭ ކުކުޅު ހަދަންދޯ..” ކާން އިނދެފައި ލުފްޝާން ކެއުމަށް އިންސާފް ކޮށްލިއެވެ. “ހޫމމ…ހަމަ އަސްލުވެސް…އަދި އަހަރެންވެސް ނުކަން މިހާ މީރުކޮށް ހަދާފައި ހުރި ކުކުޅެއް…ވަރަށް ފައްކާ…ހަމަ ހަބޭސް…” އަނގައިގައި ހުރި ކާއެއްޗެހި އެއްކޮލަށް އަޅަމުން ހާފިޒް ބުނެލިއެވެ. ޝާމިލްވެސް ހާފިޒް ބުނި ބަހަށް ތާއިދު ކުރުމުގެ ގޮތުން ދެފަހަރަކު ބޯޖަހާލިއެވެ. އަނގަފުރާ ކާއެއްޗެހި ހުރުމުން އަނގައިން ނުބުނެވުނީއެވެ. މޭޒުގެ ކޮޅު ދޮށުގައި ހުރި މަހޭޝް ހީލަމުންބުނެލިއެވެ. “ތިހުރިހާ ތަޢުރީފެއްގެ ހައްޤު ފަރާތަކީ ނުހާ…ނުހާ މިގެއަށް އައި ފަހުން އަޅުގަނޑަށް ކައްކާކަށް ނުޖެހޭ..އޭނަ އަޅިގަނޑު ކެއްކިޔަކަ ނުދޭ..އެހެންވެ ހަމަ އެކަނި އޭނައަށް އަތްގާތް ކޮށްދެނީ… މިހުރިހާ އެއްޗެއްވެސް ކެއްކީ ނުހާ…” މަހޭޝްގެ ވާހަކައިން އެތިންމީހުންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “ނުހާ އެކަނި..މިހުރިހާ…” ލުފްޝާން ބުނަން އުޅުން އެއްޗެއް ފުރިހަމައެއް ނުކުރެވުނެއެވެ. ކޮށިއެރުމުގެ ސަަަބަބުންނެވެ. މަހޭޝް ކައިރީގައި ހުރި ނުހާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ތައްޓަކަށް ފެން އަޅާ ލުފްޝާންއަށް ދިނެވެ. މިމަންޒަރު ފެނިފައި ޝާމިލްމެން ނުލަފާ ފާޑަކަށް ހެމުން ގަދަކަމުން ކޮށިއަރުވަން ފެށިއެވެ. “ލުފްޝާން…ނުހާ އަހަރެމެންވެސް ކޮށި އަރަނީއޭ..ފެން..” ހާފިޒްމެން ދިމާކުރުމުން ނުހާ ލަދުގަތެވެ.މަޑުމަޑުން ލުފްޝާންއާ ދުރަށް ޖެހިލިއެވެ. ލުފްޝާންއަށް ދިމާކުރުމުގެ ގޮތުންނެވެ. އިރުކޮޅަކުން ހަމައަކަށް އެޅި ލުފްޝާންއަށް ވާހަކަ ދެއްކޭ ވަރުވިއެވެ. ފެންތަށި މޭޒުމަތީގައި ބަހައްޓާލިއެވެ. “ހޫމމ..ދެން ހެވޭ ދިމާ ނުކުރިޔަސް.. ހަމަ އަސްލުވެސް..ފިރިހެން ވެރިންނަށް އެނގޭނީ އަންހެނުން ކެއްކީމަ ހަމައެކަނި ކާން..އެމީހުން ބަދިގޭގައި އެއުފުލާ ބުރައެއް ނޭނގޭނެ..” ލުފްޝާންގެ ވާހަކައިން އޭނާ ސީރިއަސް ވެފައި ހުރި މިންވަރު އެނގެއެވެ. މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން އެކަން ހާމަވެ ޔަޤީންވެއެވެ. “އޯކޭ..ދެން ހެޔޮ..ނުހާ ވަރަށް މީރު….” ހާފިޒްވެސް ސީރިއަސް ވެލަމުން ނުހާ އާއި ދިމާލަށް ބަލައިލިއެވެ. ނުހާ ލަދުރަކި ގޮތަކަށް ހީލަމުން ބުނެލިއެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ..” ނުހާގެ އެނިޔަނެތި އަޑުޖެހޭ ކޮންމެ ފަހަރަކު ލުފްޝާންގެ ހިތުގެ ވިންދު އަވަސްވާ ކަހަލައެވެ. ލުފްޝާން ވައްކަޅިން ނުހާއާއި ދިމާލަށް ބަލައިލިއެވެ.
-ނުނިމޭ-
11 Comments!
Comments are closed.
ވަރަށް ކިޔާ ހިތްވޭ
އެހެންތަ….ވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް އިނގެ މިލި….
nice
V v v v v nice.dhuvahaku ves mikahala vaahaka eh nukiyan.v obi.
ވަރަށް ބޮޑަށް ތޭންކްސް ޝައި…
އެހެންތަ ޝަފް..ހެހެހެ.. ވަރަށް އުފާވެއްޖެ……ތޭންކްސް އިނގެ…
v salhi .. 🙂
kobai meege aneh bai???
vaahaka liyaa kudhin vaahaka fashaafa vaki hisaabakun huttaalany.. n i wnder why..
November 11 2016
V nice mi part vx zen….. Adivex bodah sifakohdhiniyma v habeys vaane❤️❤️❤️❤️
Faadeh???