
ހެނދުނު ހޭލިއިރު ބޮލަށް ބަރުވެފާ ހުރުމުން ބޭސްކައިގެން އަނެއްކާވެސް އޮށޯވެލީ އިރުކޮޅަކުން ފެންވަރަން ދާށެވެ. ނަމަވެސް ކްލާހަށްދާ ގަޑި ގާތްވިއިރުވެސް ބޮލުން ރިހުން ފިލާގޮތެއް ނުވިއެވެ. އެންމެފަހުން ވަރަށްގިނައިން ހޮޑު ލެވުމަށްފަހު ބޮލުން ރިހުން ލުއިވިއެވެ. އަހަރެން މިއަދު ކްލާހަށް ނުދެވޭނެ ވާހަކަ މަލީ ގާތުގައި ބުނުމަށްފަހު ތިރިއަށް ފޭބީ ގައިގާ ވަރުޖައްސާލަން ލުނބޯފެނި ތައްޓެއް ބޯލާށެވެ.
ބަދިގެއިން ނިކުމެ ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އަހަންނަށް ދޮރުމަތީ ހުއްޓިލެވުނީ ފޮށްޓެއް ހިފައިގެން ދަނާލަށް ވަދެގެން އެއަންނަ ޒުވާނާ ފެނުމުންނެވެ.
ޚަލަފް މަޑު ފިޔަވަޅުތަކެއްގާ ފިރިހެންކުދާންގެ ބަޔާއި ދިމާއަށް ހިނގައިގަތަވެ. އަހަންނާއި އެއްހަމައަކަށް އާދެވުނު ވަގުތު އަހަރެންގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވުމެއް ހަދިޔާކޮށްލިއިވެ. އަހަރެންވެސް ޖަވާބުގައި ހީލީމިވެ.
ދުވަސްތައް މާޒީއާއި އެކުވެގެން ދެއެވެ. އަހަރެން ކިޔެވުމުގައި ކުރިއަށް ދިޔައީ ހިތްވަރާއިއެކުއެވެ. މިފަހަރުވެސް މަންމަމެން އުފާވާނެފަދަ ނަތީޖާތަކެއް ހޯދަމުންނެވެ. ފުރަތަމަ ސެމިސްޓަރ ނިމުނުއިރު ކްލާހުގައި އެންމެ މަތީ މާކްސް ލިބުން ކުދިންގެތެރޭ އަހަރެންވެސް ހިމެނުނެވެ.
އެއް ފުރާޅެއްގެ ދަށުގާ ދެމީހުން އުޅުނު ކަމުގައި ވިއަސް އަހަރެންނާއި ޚަލަފްގެ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މަދުމަދުން ދިމާވާ ކޮންމެ ފަހަރަކުވެސް ދެމީހުންވެސް ހިނިތުންވުމެއް ރައްދުކުރެވެއެވެ.
އެ ސްމާޓް ޒުވާނާއަކީ ދަނާލުގައި އުޅޭ ބައެއް ޒުވާން އަންހެންކުދިންގެ ހިތުގެ ރާޖާއެވެ. އެކުދިންވަނީ ޚަލަފްގެ ސަމާލުކަން ހޯދާ ވާހަކަދައްކާ އެކުވެރި ވެފައެވެ. ނަމަވެސް އަހަރެން އެއިން ކަމަކަށް ސަމާލުކަން ނުދެނީ ޚަލަފްގެ ފަރާތުން ފެނުނު ބީރައްޓެހިކަމުގެ ސަބަބުންނެވެ. ހަނދާން ނެތް މީހަކަށް ހަނދާންކޮށްދިނުމުގެ ބޭނުމެއް ނެތޭ އަހަރެންގެ ހިތް ބުނުމުންނެވެ. ނަމަވެސް ހަޤީޤަތަކީ އަހަރެން ކިތަންމެ ޤަބޫލުކުރަން ބޭނުންނުވިއަސް ޚަލަފް އަހަންނާއި ވާހަކަދައްކާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރަމުންދާކަމެވެ.
އެއްރެއެއްގެ ރޭގަނޑު ވަގުތެވެ. ފިލާވަޅު ދަސްކުރަން އިނދެފައި އަހަރެން ގަޑި ބަލާލީމެވެ. ގަޑިން ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ.
ގަޑިން ގަޑިއަށް ކާން އާދަކޮށްފައިވާ މަލީއަކީ އަބަދުވެސް ރޭގަނޑުގެ ކެއުން ނުވައެއްޖަހާއިރު ކާކުއްޖެކެވެ. ކޮންމެ ރެއަކުވެސް ނުވައެއް ޖަހަންވާއިރަށް އަހަރެންގޮވައިގެން ބަދިގެއަށް ދާނެއެވެ. ނަމަވެސް މިރޭ ނުވައެއްޖަހާ ދިޔައިރުވެސް އެއޮތީ ފޯނުގައި އެއޮތް ގޮތަށެވެ.
ނިދުނީ ކަމަށް ހިތާ އަހަރެން ގޮސް މަލީގެ މަގަތުގައި އިށީނދެލީމެވެ. “މަލީ!” މަލީއަށް ގޮވާލަމުން ކޮނޑުގައި ދެފަހަރަކު ހިފާލީމެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އަހަރެން އަވަސްއަވަހަށް މަލީގެ ބޮލުގައި އަތް ގައްސާލީމެވެ. “ހާދަ ހުންގަދައޭ! ކީއްވެ ނުބުނީ. އަވަހަށް ހިނގާ ހޮސްޕިޓަލަށްދާން.” ހުންގަދަވެގެންގޮސް މަލީއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް އެނގޭހެނެއް ހިއެއް ނުވެއެވެ. އަހަރެން އަވަސްވެގަތީ ކާރަކަށް ގުޅައިގެން މަލީ ހޮސްޕިޓަލަށް ގެންދާށެވެ.
އަހަރެމެން އުޅެނީ ތާރޑް ފްލޯގާ ކަމަށްވުމުން ސިޑިން މަލީ ބޭލުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެން ދެ އަންހެން ކުދިންގެ އެހީތެރިކަމާއިއެކު އަތުލަފިކޮށްގެން ތިރިއަށް ބޭލުނުއިރު މަލީ ޚަބަރު ހުސްވެއްޖެއެވެ.
ކަންދިމާކުރި ގޮތުން އެވަގުތު މީޓިން ރޫމުގައިތިބި ދެ ފިރިހެންކުއްޖަކު އަވަސް ފިޔަވަޅުތަކެއްގާ އައިސް އެހީއެއް ބޭނުންތޯ ސުވާލުކޮށްލިއެވެ. ދަނާލުގެ ދޮރުމަތީ މަޑުކޮށްގެން އޮތް ކާރަށް ބަލާލަމުން އަހަރެން ވަގުތުން ޓެކްސީއަށް ލައިދޭށޭ ބުނީ އެންމެ މިނެޓެއްވެސް ލަސްކުރަން ބޭނުންނުވާތީއެވެ.
“އަފްނާން! މުދީރަށް ގުޅާފަ އަންގައްޗޭ!” ކާރަށް އަރާ ހަމަޖެހިލުމުން ލައިޝާ އަހަންނަށް ހަނދާންކޮށްދިނެވެ. “އަޅުގަނޑު މުދީރަށް އަންގާނަން.” ދޮރުމަތީ ހުރި ވޮޗަރަށް އަޑުއިވޭވަރަށް އަހަރެން ބުނެލީމެވެ.
މަލީ އަށް ވަނީ ވައިރަލް ފީވާއެއްގެ އަސަރު ކޮށްފައިކަމަށް ޑޮކްޓަރ ބުނުއްވިއެވެ. އައިވީއެއް ގުޅާފައި އިމަޖެންސީގައި ބޭއްވުމަށްފަހު ފޮނުވާލިއިރު ދަންވަރު އެކެއް ޖަހަނީއެވެ. އޭރު ހުންވަނީ މުޅިން މައިތިރި ވެފައެވެ. ގިނައިން ދިޔާއެއްޗެތިބޮއި ބޭސް ގަވާއިދުން ބޭނުންކުރުމަށް ނަޞޭހަތްތެރިވުމަށްފަހު ގެއަށް ފޮނުވާލީއެވެ.
ފަތިހު ފަތިސްނަމާދު ކޮށްލައިގެން އަހަރެން ދިޔައީ ބަދިގެއަށެވެ. މަލީވެސް ހޭލާ އުޅޭތީއާއެކު ރޭގައި ދެމީހުންވެސް ނުކައި ތިބުމުން ބިސްގަނޑެއް އަޅައިގެން ރޫމަށް ގެނައުމަށެވެ.
“އަފްނާން!” އަހަރެންގެ ނަމުން މީހަކު މުޚާތަބު ކުރުމުން ބަދިގޭގައި ހުރެފާ އަހަރެން ދޮރުމައްޗަށް ބަލާލީމެވެ. ދޮރާ މާ ދުރުނޫން ހިސާބެއްގާ ޚަލަފް ހުއްޓިލައިގެން ހުއްޓެވެ. ކުރަންހުރި މަސައްކަތް ބަހައްޓާފައި އަހަރެން ދޮރާ ދިމާއަށް ހިނގައިގަތީމެވެ.
“ކީއްވެ ކުރިން ނުބުނީ؟” ޚަލަފް ލުއި ހިނިތުންވުމަކާއިއެކު ސުވާލުކޮށްލިއެވެ.
“ކޮންއެއްޗެއް ނުބުނީ؟” އަހަރެންވެސް ކޮށްލީ ސުވާލެކެވެ.
“ތިއީ ނާންއޭ ކުރިން ނުބުނީ ކީއްވެހޭ؟ އަހަރެންނާއި އަދި ދިމައެއް ނުވޭ ތިނަން ކިޔާ އެހެން ކުއްޖަކު. ފުރަތަމަ ދުވަހުވެސް ދަންނަ ވައްތަރުޖެހި. އެކަމަކު އަހަންވެސް ބުނެފިއްޔާ މިހާރު މިއުޅޭ އަންހެންކުދިން ހީކުރާނީ ފްލާޓް ކުރަންވެގެންކަމަށް. ސޯ އަހަރެން އަޅާނުލީ. އެކަމް ނާން އައި ސްޓިލް ކާންޓް ބިލީވް ވީ މެޓް އަގެއިން. ވާވް.” ޚަލަފްގެ އެ ފިރިހެންވަންތަ ހީލުމުން އަހަރެންގެ ހިތާއި ކުޅެލައިފިއެވެ.
“ނާން ހީކުރީ ޚަލަފް ނާންގެ މަތިން ހަނދާންވެސް ނެތީ ކަމަށް. އެންމެ ތިންދުވަހަށް ދިމާވީމަ އެހެންވެސް ވެދާނެދޯ! އެހެންވެ ނުކެރުނީ ބުނަން. ވަރަށް އުފާވެއްޖެ ހަނދާން ހުރީތީ.” އަހަރެން ހަޤީޤަތުގަވެސް ހުރީ ވަރަށް އުފާވެފައެވެ.
ދެމީހުން ވާހަކަދައްކަން ތިއްބާ އެދިމާއަށް ވޮޗަރު އަންނަތަން ފެނުމުން އަހަރެން އަވަހަށް ބަދިގެތެރެއަށް ދެމިގަތީމެވެ. އެއީ ދަނާލުގައި އުޅޭ އަންހަން ކުދިންނާއި ފިރިހެންކުދިން އެގޮތަށް ވާހަކަދައްކަން ތިބުމަކީ މަނާކަމަކަށްވާތީއެވެ.
ދުވަސްތައް ހްފްތާތަކަށް، ހަފްތާތައް މަސްތަކަށް، އަދި މަސްތައް އަހަރުތަކަށް ބަދަލުވަމުންދިޔައެވެ. އެދުވަހަށްފަހު މިވީ ދެއަހަރުތެރޭ އަހަންނާއި ޚަލަފްގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ދެމީހުންގެ އެކުވެރިކަން ގާތް ވަމުންގޮސް ދެ ބެސްޓް ފްރެންޑަށްވިއެވެ. ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ޙިއްސާކުރެވުނެވެ. އަހަރެންގެ ޙަޔާތުގައި މިވީހާތަނަށް ދިމާވި މުހިއްމު ހުރިހާކަމެއްގެ އިތުރުން މުހިއްމު މީހުންގެ މަޢުލޫމާތުވެސް ޚަލަފްއާއި ޙިއްޞާކުރީމެވެ. އަހެރެން އަދި ދުވަހަކުވެސް ކުއްޖަކާ ލޯބީގެގޮތުން ނުގުޅޭވާހަކަ ބުނުމުން ޚަލަފް ހުރީ ހައިރާންވެފައެވެ. އަދި މިޒަމާނުގައި އަހަރެން ފަދަ ކުއްޖަކު ވަރަށް މަދުވާނެކަމަށްވެސް ބުންޏެވެ.
ހަމައެގޮތަށް ޚަލަފްގެ ޢާއިލާގެ މެންބަރުންނާއި ރައްޓެހިންވެސް އަހަންނަށް ތަޢާރަފް ކޮށްދިނެވެ. ޚަލަފް ޤްރޭޑް އަށަކަށް ދިޔަ އަހަރު ފެމިލީ މާލެ ބަދަލުވިކަމެވެ. އޭލެވެލް ނިމެންދެންވެސް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމާއި ޓެސްޓްތައް ނިމި ދެ ހަފްތާވެސް ނުވަނިސް ބައްޕަ ވަށްކަމާއި ޚިޔާނާތުގެ މައްސަލައެއްގައި ޖަލަށް ގެންދެވުނުކަމެވެ. ދެން މަންމައާއި ކޮއްކޮ ގޮވައިގެން އެނބުރި ބައްޕަގެ ރަށަށް ދިޔައީކަމެވެ. ކޮއްކޮ ޝީޒާ އޭރު ގްރޭޑް ދިހައެއްގާ އުޅެމުންދާތީ ޚަލަފްއަށް މަޖުބޫރުވީ އެނބުރި މާލެ އައިސް ވަޒީފާއަށް ދާންކަމެވެ. ކިޔަވާ ހިތް އޮތްލެއް ބޮޑުކަމުންނާއި ކުށެއްނެތް ބައްޕަ ޖަލުގެ ތޭރިތަކުން މިނިވަންކުރުމަށް ބޭނުންވީ ޤާނޫނީ ވަކީލަކަށް ވާންކަމެވެ. ކުދިން ބަހައްޓާ ގެއެއްގައި އުޅުމަށްފަހު ދަނާލުން ޖާގަލިބުމުން ވަރަށް ބޮޑުތަން ސިކުނޑިއަށް ލުއިވިކަމަށްވެސް ބުންޏެވެ. ކޮއްކޮ ބޭނުންވީ ކިޔަވާ ނިމިގެން ރަށު ޞިއްޙީ މަރުކަޒުގައި ވަޒީފާގައި ހުންނަންކަމަށްވެސް ބުންޏެވެ.
ލޯބީގެ ގޮތުން ގުޅުނީ ރަށު ކުއްޖަކާއި ކަމަށާ އެކުއްޖާވެސް ބައްޕަގެ މައްސަލައިގާ ރުޅިވުމުން ދެން އަދި އެކަހަލަ ކަމަކާ ނުވިސްނާކަމަށް ބުންޏެވެ. މިކަން އެނގުމުން އަހަންނަށް ބުނެދޭން ނޭނގޭ އުފަލެއްލިބުނެވެ.
ކޯހުގެ ވަކި ހިސާބަކުން މަލީގެ ބައްޕަ ނިޔާވުމުން ޚަރަދު ކުރާނެ އިތުރު މީހަކު ނެތުމުން މަލީއަށް ޖެހުނީ ކޯސް މެދުކަނޑާލުމަށްފަހު ރަށަށް ބަދަލުވާށެވެ. ޑިޕްލޮމާ ސެޓްފިކެޓް ނަގައިގެން މަލީ ދިޔައީ ރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގި ވަޒީފާއަށެވެ. އެދުވަސްވީ އަހަރެން ވަރަށް ހިތްދަތިވި ދުވަހަކަށެވެ. ނަމަވެސް މަލީއަށް ހިތްވަރުދީ ފަހުން ރަނގަޅުވާނެކަމަށް ހިނިތުންވެލާފައި ބުނީ ގަދަކަމުން ހިނިތުންވަމުންނެވެ.
މަލީ ނެތްތަން ފޫބައްދައިދެވޭތޯ ޚަލަފް ނުހަނު މަސައްކަތް ކުރިއެވެ. ކިޔެވުމުގައި ހޭދަކުރާ ވަގުތުތައް ފިޔަވާ އެހެން ހުރިހާ ވަގުތެއް އަހަންނަށްޓަކާ ހުސްކުރިއެވެ. ދެމީހުން އެކުގައި ފިނިބުރު ޖަހަން ދިއުމާއި އައިސްކޯނުބޯން ދިއުމަކީ އާދައަކަށް ވިއެވެ. ނަން މަޝްހޫރު ރެސްޓޯރެންޓް ތަކުގެ ވެއިޓަރުންނަށް އާންމުކޮށް ފެންނަ މޫނުތަކަކަށް އަހަރެމެން ވިއެވެ. ރައްޓެހިންގެ ދިމާކުރުންތަކަށް އަހަރެމެން މާބޮޑު ރައްދެއް ނުދިނުމުގެ ނަތީޖާއަކަށްވީ އަހަރެމެންނަކީވެސް އެމީހުންގެ ލޯބިވެރިންގެ ލިސްޓަށް އަރާފައިވާ ބަޔަކަށްވުމެވެ. ޚަލަފްގެ ފަހަތުން މުގޯލިއެޅި ކުދިން އަހަންނަށް ރުޅިމޫނު ދެއްކުމުން މިކަން އަހަރެމެންނަށްވީ މަޖަލަކަށެވެ.
އެއްދުވަހެއްގެ ހަވީރެވެ. ހިނގާލަން ގޮސް ރަސްފަންނާއި ހިސާބަށް ދެވުމުން އަހަރެންގެ އެދުމުގެ މަތިން ޚަލަފްވެސް އެތަނުގައި ހުރި ގާތަކުގެމަތީގައި އިށީނދެލީ އިރު އޮއްސޭ މަންޒަރު ބަލާށެވެ. ހިތްހަމަޖެހޭފަދަ ގުދުރަތީ މަންޒަރެއް އިންސްޓަރ ނުކުރާތާ ގިނަދުވަސްވުމުން އިރުއޮއްސޭ މަންޒަރު ފޮޓޯނަގާށެވެ. އިރު އޮއްސެން އަދި ވަގުތު އޮތުމުން ދެމީހުން ތިބީ އޮލަ ވާހަކައިގައެވެ.
ވާހަކައިގެ ތެރެއިންގޮސް ޚަލަފް އަހަރެންގެ ގާތުގައި ބުނި ވާހަކައަކުން އަހަރެން މާޔޫސްވިއެވެ. ސެމިސްޓަރ ބްރޭކްގައި ރައްޓެހި ކުއްޖަކާއިއެކު އެރަށަށް ދާން އުޅޭ ވާހަކައެވެ. އަހަރެން މަތިން ވަރަށް ހަނދާންވާނެ ވާހަކަވެސް ބުންޏެވެ. އަހަރެން ވަގުތުން ފެންކަޅިވިއެވެ.
“ހޭ ބޭބް! ކިހިނިތްވީ މިހާރު؟ ޚަލަފް އަންނާނަމޭ ނާން ކައިރިއަށް. އެއްކޮށެއް ނޫނެއްނު މިދަނީ. ތިއީ އެހާ ހިތްބަލި ކުއްޖެއްވެސް ނޫނެއްނު.” ޚަލަފް ލޯތްބާއިއެކު ބުނެލީ އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަ ފެނުމުންނެވެ. ދެންވެސް އަހަންނަށް އިތުރަށް ރޮވޭގޮތްވިއެވެ.
“ހޭ! އައިނޯ މިސްވާނެކަން. އެކަމް މާދަން ނާންގެ މަންމަމެންވެސް އާދޭނު. ބްރޭކް ނިމެންދެން އެމީހުން މަޑުކުރާ ވާހަކަ ނާން ބުނީމައޭ ޚަލަފް އާދު ކައިރީ ދާނަމޭ ބުނީވެސް. ތިހާ ވަރަށް ރޮންޔާ ލައިފް ޖެކެޓް އަޅަން ޖެހިދާނެ. މޫދުވެސް އެހާ ކައިރި” ޚަލަފް މަސައްކަތް ކުރީ އަހަރެން ހެއްވާލާށެވެ. އެކަން ކާމިޔާބުވުމުން އެނބުރި ޖަހަމުންދިޔަ ބޮޑެތި ރާޅުތަކާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ޚަލަފް އިނީ ވިސްނުމަކަށް ގެއްލިފައެވެ.
“އަސްލު އަހަރެން ބޭނުންވީ ދުވަސްކޮޅަކަށް ތަންކޮޅެއް ހިތްފަސޭހަ ތަނަކަށްގޮސް ސިކުނޑި ހަމަޖައްސާލަން. އިރާދަކުރެއްވިއްޔާ މާގިނަ ދުވަސް ނުކޮށް އަންނާނަން.” ޚަލަފް ބުނެލީ ހިނިތުންވަމުންނެވެ.
“އަހަރެން އިންތިޒާރު ކުރާނަން.” އަހަރެންވެސް ލޯ ފުހެލުމަށްފަހު ޚަލަފްގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލީމެވެ.
މަންމައާއި ބައްޕަ އަދި ދޮންބެވެސް އެހާ ބުރަކޮށް އުޅެމުން މިދުވަސްވަރާއި ދިމާކޮށް މާލެއައީ އަހަންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެހެންކަމުން އަހަރެންގެ ހުރިހާ ވަގުތެއް އެމީހުންނަށްޓަކީ ހުސްކުރީމެވެ.
ޚަލަފްވެސް ފުރަތަމަ ދެދުވަހު ވަރަށް ގިނައިން ގުޅި ނަމަވެސް ތިންވަނަ ދުވަހުން ފެށިގެން ވާހަކަ ދެއްކޭލެއް މަދުވާންފެށާއެވެ. އަހަރެންވެސް މަންމަމެންނާއި އެކު އުޅޭތީ މިކަން މާބޮޑު ކަމަކަށް ނުހަދާއުޅުނީ ޚަލަފްގެ ހިތްހަމަޖެހުމާއިއެދު ވިސްނާލާފައެވެ.
އަހަރެންގެ ފަހު ސެމިސްޓާ ފެށިއްޖެއެވެ. މަންމަމެން ފުރުމުން އަހަރެން އަނެއްކާވެސް އެކަނިވެ ފޫހިވާންފެށިއެވެ. ވަރަށް އަވަހަށް އަންނާނެކަމަށް ބުނެ ދިޔަގޮތަށް ޚަލަފް އަދިވެސް މާލެއަކަށް ނާދެއެވެ. ފަހުންފަހުން އައިސް ގުޅަނީވެސް އެހާ މަދުންނެވެ. މެސެޖަކަށް ރިޕްލައި ކޮށްލެވޭ ވަރަށްވުރެވެސް ބިޒީވުމުން އަހަރެން ހިތާހިތުން ޝަކުވާކުރީމެވެ.
“ސަޕްރައިޒް!” ކްލާސް ނިންމާފައި އާދައިގެ މަތިން ލައިބްރަރީއަށް ގޮސް ފޮތްތައް ހާވަމުން ދަނިކޮށް އަހަރެންގެ ކަންފަތް ބުޑުގާ ބުނިއަޑު ިވުނެވެ. އަހަރެން ހައިރާން ކަމާއިއެކު ބަލާލީމެވެ.
“ނުވެސް ބުނެ އައި ވާހަކަވެސް. ކޮންތާކު މިއޮއް ހުރިހާއިރު އުޅުނީ؟” އަހަރެން ތުންކޮޅު ދަމާލަމުން ބުނެލުމުން ޚަލަފް ބަނޑުގައި އަތްއަޅައިގެން ހޭންފެށިއެވެ. އަހަރެން އިތުރަށް ރުޅިގަދަވިއެވެ.
ޚަލަފްގެ ހުނުން ހުއްޓުނީ އެތާތިބި ކުދިންގެ ލޯތައް އަމާޒުވާން ފެށުމުންނެވެ. “މޯނިންގައޭ އާދެވުނީ. އައިސް ފެންވަރައިގެން ކިރިޔާ ކްލާހަށް ގަޑިނުޖެހި ދެވުނީ. ދެން ގުޅާނެ ވަގުތެއް ނުލިބޭނެނުން.” ޚަލަފް ބުނެލިއެވެ. އަހަރެންވެސް ރުޅިގަނޑު މަތަކުރުމަށްފަހު ވާހަކަދައްކަން ފެށީމެވެ.
ގަޑިން ރޭގަނޑު އަށެއްޖަހަނީއެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ ޚަލަފްގެ ދަޢުވަތަކަށް ކާން ދާށެވެ. ވަރަށް ބޮޑު ސަޕްރައިޒެއް އޮންނާނެކަމަށް ބުނުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ހީވަނީ އެތަށް ދުވަހެއްގެ އިންތިޒާރަށް ނިމުން އަންނަން އުޅޭހެންނެވެ.
ރޯޔަލް ބުލޫ ކުލައިގެ ދިގު މެކްސީއާއިއެކު ޔެލޯ ކުލައިގެ ޝޯލްއެއް އެޅުމުން ހުރުމުން އަހަންނަށް ވަރަށް ކަމުދިޔައެވެ. މޫނުގައި ފުށް ޖަހީލުމަށްފަހު އަހަރެންގެ ދިގު އެސްފިޔަތަކުގައި މަސްކަރަ ޖައްސާލީމެވެ. ތުންފަތުގައި މެރޫންކުލައިގެ ލިޕްސްޓިކް ކާއްތާލުމަށްފަހު ފެސްޓިވް ސެންޓު ޖަހާލައިގެން އަވަސް އަވަހަށް ބޫޓަށް އަރައިގެން ތިރިއަށް ފޭބީ ޚަލަފް ލަސްވެގެން ދެފަހަރަކު ގުޅުމުންނެވެ.
އަހަރެން ގޮވައިގެން ޚަލަފް ދިޔައީ މަޖީދީމަގުގައި ހުންނަ ޑައިނަމޯއަށެވެ. އެތަނުން ހުސް މޭޒެއްގެ ދޮށުގައި އަހަރެން އިށީނުމުން ވަރަށް އަވަހަށް އަންނާނެކަމަށް ބުނެ ޚަލަފް ބޭރަށް ނިކުތެވެ. އޭރު އަހަރެން އިނީ ފިނިވެފައެވެ. ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ޚަލަފް ދޭން އެއުޅެނީ ކޮންކަހަލަ ސަޕްރައިޒެއްބާއެވެ!
20 Comments!
Comments are closed.
V nice ingey when next part up vany
Thnkx madhan nuny sundayga Insha Allah
Mivaahaka up veythw balabala mi in any vara salhi waiting
Thnkx littu. Thihaa inthixar kurathy ye cenhi vy enme avahaka story upload kureveytho mibalany
eulheny anehka biteh intro koh dhn baa.. eyrun kadaehnu.. nyc story…
He he. Vedhane ehenves dhw. Thnkx RiMu
V salhi
Thnkx
E ulheny saarah ah introduce kohdheyn dhw
Propose kurakan noonbaa
vvvv reethi
Thnkx Maree
Eyna anhenun govaign dhw… Hihihihihiii… ??
Thieves vedhane gotheh dhw
Alhe…pls pls avahah nxt part up kohdhiibaa???
Will try. Can’t promise v bxy
Nice stry dear..keep it up.. Dhn kon dhuhukun nxt part up vaany??
Thnkx. Writing. Insha Allah tommorow. Ithoo GE storyvs v reethi. Adhi kuryge baithah maarythi. Hope dhen huri baithah adhi eyahvure rythi vanekamah
saraa gennan dhw halaf e dhiaee….alhey naan ah thihen nuhadhabala cenhi
Naan ah gothe hadhany cenhi eh nooneynun. Khalaf ehnun