Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ވިންދޭ ތީ (ހަތަރުވަނަ ބައި)

shamm
April 5, 2017
4 Mins Read
39 Views
3 Comments

“އަހަރެން ގަބޫލެއްނޫން މަރިޔަން އެކަނި ތަންތަނަށް ދާކަށް. މަނިކަށް އިނގޭތަ، އިހަށްރޭ އެމަންޖެ ކައިރީ އެހެން ފިރިހެންކުއްޖެއް އިންދާ ދެކުނިން.” ކިތަންމެ ސިއްރުން ބުނި ނަމަވެސް މަންމަ އެދެއްކިވާހަކަ ބައްޕަޔާއި އެއްވަރަށް އަހަރެންނާއި އަދި ޒުހުރާއަށްވެސް އަޑުއިވުނެވެ. އެއާއެކު މަންމަ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އެވަގުތު ހާސްކަމާއެކު ޒުހުރާއަށް ބަލާލެވުނެވެ. ދެރަވީ އަހަރެންގެ ނިންމުންތަކާމެދު މަންމަ ނުރުހޭކަން އެނގުމުންނެވެ. ޒުހުރާ ސޯފާއިން ތެދުވެ، ކައިރީގައި މޮޅޮވެރިކަމާއެކު އިސްޖަހައިގެން ކޮޅަށް ހުރި އަހަރެންނަށް ބަލާލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. ޖަވާބުގައި ޒުހުރާއަށް ހިނިތުންވުމެއްދޭން މަސައްކަތް ކުރިނަމަވެސް، އަހަރެންގެ ހިއްސުތައް ހުރީ އެކަމަށް ނުކުޅެދިފައެވެ. އެހެންކަމުން ކަރުތެރެއިން އަޑުނެރެ ވާހަކަ ދެއްކެތޯ މަސައްކަތް ފެށީމެވެ. “ދެން ނުކުންނަމާދޯ!” އަހަރެންގެ އިހުސާސްތައް އެނގޭފަދައަކުން އާއެކޭ ބުނެ އަހަރެންނާއެކު ޒުހުރާ ހިނގައިގަތެވެ. އެވަގުތު ބައްޕަމެންކޮޓަރި ދޮރުމަތީގައި މަޑުކޮށްގެން ހުރެފައި ބައްޕަގޮވާލިއެވެ. “ދަރިފުޅު މަންމަ ކިޔާ އެއްޗިއްސަށް އަޅާނުލާ! އެއީ ދަރިފުޅު ރަށުންބޭރަށްދާތީ ހާސްވެފަ އެހެރީ. ބައްޕަ މަންމައަށް ވިސްނަދޭނަން. ޒުހުރާއާ ދެކުދިން ބަލައިގެން އުޅޭތި. މާދަން ހަވީރު ލޯންޗް ލަފާއިރަށް ބައްޕަ ދާނަން. މިހާރު އަޒީމް އެބަހުންނެވި ކާރުގަ ވަޑައިގެން ތިދެކުދިންގެ އިންތިޒާރުގަ.” އެހެން ބުނުމުން ދެންދަނީއޭ ބުނެ ސަލާން ކޮށްފައި އަހަރުމެން ބޭރަށް ނުކުތީމެވެ.

ޒުހުރާ ބުނީ ތެދެކެވެ. ހަނިމާދޫ އަކީ ގުދުރަތީ ގޮތުންނާއި އުމްރާނީ ގޮތުންވެސް ރީތި ރަށެކެވެ. ހެނދުނު ނާސްތާއަށް ފަހު ސިއްހީމަރުކަޒުގެ ފަރާތުން ތައްޔާރުކޮށްފައިވާ ޓެންޓުތަކުގައި އެރަށުމީހުންގެ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ތަހުލީލް ކުރަން ފެށުނެވެ. މިމަސައްކަތް ދިޔައީ ވަރަށް ފުރިހަމަކަމާއެކުގައެވެ. ހޮސްޕިޓަލްގެ ޓީމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ބަޔަކު އެތަނަށް އެއްވެ ތަހުލީލް ކުރުމަށް އެދުނެވެ. އެއަށްފަހު ހަވީރާއި ރޭގަނޑު އޮތީ މައުލޫމާތު ދިނުމުގެ ސެޝަން ތަކެކެވެ. މުޅިދުވަހުގެ މަސައްކަތްތައް ނިންމާލެވުނީ އެރޭ އެގާރަޖެހި އިރުއެވެ. އަޒީމްގެ އެދުމުގެ މަތިން ދަތުރުގެ ރިޕޯޓް ލިޔުނީ އަހަރުމެންނަށް ޚާއްސަ ކުރެވިފައިވާ ކޮޓަރީގައި އަހަރެންނާއި ޒުހުރާއެވެ. ރިޕޯޓް ލިޔެ ނިންމުމަށްފަހު، އަހަރުމެން ނިދަން ތައްޔާރުވެ، އެނދުގައި އޮށޯތީ މެންދަމުން އަލިވެ 1 ޖެހިއިރުއެވެ. ނިދެމުންދަނިކޮށް އިވުނީ ބިއްލޫރިތައްޓަކަށް ފެންއަޅާ އަޑަށެވެ. އެހެންކަމުން އަހަރެންގެ ނިދި ފިލާ ދިޔައެވެ. “ޒުހޫ! އަދި ނުނިދަންތަ؟” ޖަވާބުގައި ކުޑަކޮށް ސަމާސާރާގަކަށް ޒުހުރާ ވާހަކަ ދައްކަން ފެށިއެވެ. “އާން. މިގޮތަށް ރަށުންބޭރަށް އާދެވުނީމަ ހީވަނީ ބޮޑު އީދު އައީހެން. ދެން ރަށަށް ދާހިތެއް ނުވޭ. މިރަށުން ސަޅި ބިޓެއްފެނޭތޯ ދާންވީ ދޯ” ޒުހުރާގެ ބަސްތަކުން ދެމީހުނަށް އެއްފަހަރާ ލާނެތްގޮތަކަށް ހޭން ފެއްޓުނެވެ. ދެން އަހަރެންވެސް ޒުހުރާގެ ވާހަކަޔާ އެއްބައި ވެލީމެވެ. “އަޑުއެހިން މިރަށުގަ ވަރަށްރީތި ކުދިން އުޅެޔޭ. ޒުހޫ ބޭނުމިއްޔާ އަހަރުމެން މިރަށުގަ މަޑުކުރާނީ. ހެހެހެހެ.” މިފަހަރު ޒުހުރާ މާފޯރި ގަދަކޮށްލިއެވެ.” އިމްޔާއަށް ކެރޭނެތަ، މިއަދު މަރުކަޒުން ފެނުނު ޔޫސުއްބެ ސެޓުކުރަން. އޭރުން ކޮންމެ ގަޑިއަކު ދުފަންލިބޭނެ. ހެހެހެހެ” މިފަހަރު ހެމުންގޮސް އަހަރުމެން އެނދުމައްޗަށް ވެއްޓިގަނެ އެކަކު އަނެކަކަށް ބާލިސް އުކަން ފެށިއެވެ. ރަށާއި ދުރުގައި އަހަރެންގެ ހިތާމަތައްވެސް ފޮރުވިއްޖެ ކަހަލައެވެ. އެގޮތަށް ސަކަރާތުގައި ތިބެފައި ނިދީ ފަތިސްނަމާދު ކޮށްގެންނެވެ.

ފުރުން އޮތީ 3 ޖަހާއިރު ކަމުން ލޯންޗް ކައިރި ކުރަންދެން އަހަރުމެން މަޑުކޮށްލީ އަތިރިމަތީގައި ރުއްތަކުން ހިޔާވެފައި ހުރި އަށިތަކުގައެވެ. އިރުކޮޅަކު ވިސްނަންއިދެފައި ޒުހުރާ އަހަރެންނަށް ބަލާލިއެވެ. “އަޅުގަނޑު ކުޑަކޮށް ޕާރސަނަލް ވާހަކައެއް އަހާލަންތަ؟” އެހެންބުނުމާއެކު އެއީ ކޮންވާހަކައެއްކަން އަހަރެންނަށް އެނގުނެވެ. “އާން. ތީ އަހަރެންގެ ވަރަށް ގާތް މީހެއް. ސެކެޓްރީއަށްވާނީ ހަމައެކަނި ވަޒީފާގެ ވަގުތު. ޒުހޫ ބޭނުން ވާހަކައެއް އަހާލަންވީ. ޖަވާބު ދެވޭ ވަރުގެ ސުވާލެއްވިއްޔާ ތެދަށް ޖަވާބު ދޭނަން.” އެހެން ބުނަމުން ދިޔައިރު އަހަރެންގެ އަޑު ކުރަކިވާން ފެށިއެވެ. އެވަގުތު ޒުހުރާ ހަމަޖެހިލާފައި ވާހަކަދައްކަން ފެށިއެވެ. “ވަރަށް އުފާވެއްޖެ. އެހާ ގާތްކޮށް ދެކުނީމަ. އެކަމަކު، އިއްޔެ ރަޝިއްތަ އެގޮތަށް ބުނީމަ ވަރަށް ދެރަވި. އަހާލަން ބޭނުންްވަނީ އިމްޔާ އެގޭގަ އުޅެނީ އުފަލުގަތޯ އޭ؟” އެވަގުތު އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް އެކަން ނާންގާ އަވަސްއަވަހަށް އެސުވާލުގެ ޖަވާބު ދެވޭތޯ މަސައްކަތް ކުރަން ފެށީމެވެ. “އާން! އެމީހުން އަހަރެންދެކެ ވަރަށް ލޯބިވޭ. އަހަރެންނަކީ އަމިއްލަ ދަރިއެއްގޮތަށް ދެކެނީ.” ޒުހުރާ އަހަރެންގެ ވާހަކަތައް އިވިފައި އިތުރު ސުވާލެއް ނުކުރެއެވެ. އެހެންކަމުން އަހަރެން ނިންމީ ޒުހުރާގެ ހީވުން ކުށްހީއަށް ބަދަލުވީ ކަމަށެވެ.

އެކުޑަކުޑަ ފަޅުގޭތެރޭގައި ވަނީ އަނދިރިކަމެވެ. އެހެނަސް، މީހެއްގެ ހިތް ބާރަށް ތެޅޭއަޑު އިވެއެވެ. ނަމަވެސް ވަށައިގެން ހޯދާ ބާލާލި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގޭތެރޭގައި އަޅާކޮންމެ ފިޔަވަޅަކާއެކު ހިކިފަތްތަކެއް، އަހަރެންގެ ހުސްފައިގެ ދަށުގައި ފުނޑުފުނޑުވާ އަޑު އިވެއެވެ. އެއްވެސް ތަދެއް އިހުސާސް ނުވެއެވެ. ހީވަނީ މުޅި ހަށިގަނޑު ފިނިވެ އަތްފައިގެ ވާގިދޫވެފައިވާ ހެންނެވެ. އެތަންމިތާ ފައިކާއްތަމުންގޮސް، ކުޑަދޮރެއްހެން ހީވާ ތަނެއްގައި އަތްލެވިއްޖެވެ. މަޑުމަޑުން އަތްތިލަ އަޅައި ކޮއްޕާލިތަނާ ދޮރު ހުޅުވިއްޖެއެވެ. ކުއްލިއަކަށް މުޅިމާހައުލަށް އެއްފަހަރާ އެކިމީހުން ވާހަކަ ދައްކާއަޑު ފެތުރިގެން ދިޔައެވެ. އެކުޑަދޮރު ހުރި ކޮޓަރިތެރޭގައި ވަރަށް ގިނަ މީހުން ހޭލަމޭލަވަނީއެވެ. އިންޖެކްޝަންއާއި އައިވީފުޅިތައް ހިފައިގެން އުޅޭ ނަރުހުން ކޮޅުކޮޅުމައްޗަށް ދުވަނީ އެވެ. އެއްފަރާތެއްގައި ހުރި އެނދެއްގައި އޮތް މީހަކަށް ފަރުވާކުރުމުގައި ވަށައިގެން ފަސް ޑޮކްޓަރުން ތިއްބެވެ. އެންމެންވެސް ތިބީ މޫނުގައި މާސްކު ބަނދެފައެވެ. އަހަރެންނަށް ފުރަގަސްދީގެން ހުރި ޑޮކްޓަރު އޮކްސިޖަން މެޝިނާދިމާލަށް ހިނގައިގަތެވެ. އެވަގުތު އެނދުގައި އޮތް ބަލިމީހާގެ ހަށިގަނޑު ފެނުނެވެ. އޭނާގެ އެއްފައި ނެތެވެ. އެފައި އޮންނަތަނުގައި އޮތީ ލެޔާއި ޗިސްޗިސްވެފައިވާ މަސްތަކެވެ. ކުއްލިއަކަށް އަހަރެންގެ ހައިރާންކަން ފިލާ ދިޔައެވެ. ދެލޯ ބޮޑުވެ، އަހަރެންގެ ގަނޑުވެފައިވާ ނާރުތަކުގައި ލޭ ދައުރުވާން ފެށިއެވެ. އެޑޮކްޓަރު އަނެއްކާވެސް ބަލިމީހާއާއި ކައިރިއަށް ޖެހިލިއެވެ. އަދި އިޝާރާތުން އެހެން ޑޮކްޓަރަކާއި ވާހަކަ ދެއްކިއެވެ. އެވަގުތު ބަލިމީހާގެ ބޮލާވީ ކޮޅުގައި ހުރި ޑޮކްޓަރު، ކޮންމެވެސް އެއްޗެއް ބަލައި ދިޔުމަށް އެތަނުން ދުރަށްޖެހިލިއެވެެ. އެނދުގައި އޮތްމީހާގެ މޫނު ފެނުމުން އަހަރެންގެ ލޮލުގެ ތެރެއިން ލޭކޯރެއް އޮހިގެންދިޔައެވެ. ތުންފަތް ތުރުތުރު އަޅާ ހާލުގައި ކަކޫމައްޗަށް ވެއްޓިގަނެ އަޑުން އަޑުނަގާފައި ރޯންފެށީމެވެ. އަހަރެންގެ ހުރިހާ އިނގިއްޔެއް އެއްފަހަރާ އަނގަތެރެއަށް ބޭނުނެވެ.

ހޭލެވުނުއިރު އަހަރެންގެ އަނގަތެރެއިން ކުޅުތައް ފައިބަނީއެވެ. ވައަތުގެ ހުރިހާ އިނގިއްޔެއް އަނގަތެރޭގައި އޮތްއިރު ލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ވެސް މޫނާއި ތުންފަތް ހުރަސްކޮށް ބާލިސްމައްޗަށް އޮހެނީއެވެ. ކަކުލު ހުޅުން ލަންބައިގެން ކަނައަތްފަރާތު އަރިމައްޗަށް އޮވެ ކަނައަތުން ދެކަކުލުގައި ބާރަށް ހިފަހައްޓައިގެން އޮވެ ގޮވަން ފެށުނެވެ. “ބައްޕާ! ބައްޕާ! ބައްޕާ! ނުދޭ! ބައްޕާ!…..” އެ އަޑާއެކު ފުންމައިގެން ތެދުވެ ވަށާ ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެެތެވެ. އެނދުގެ މަގަތުގައި، ހިރިނުލެވިފައި އިނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. މާނެވާލެވި ނިތްކުރީން ދާތިކިތައް ފާޅުވާންފެށިއެވެ. ވަރުބަލިވެފައިވަނީ ހަމައެކަނި އަހަރެންގެ ހަށިގަނޑެއްނޫނެވެ. އަހަރެންގެ އިހުސާސްތަކެވެ. ދިރިއުޅުމާމެދު ކުރި ފޮނި އުންމީދުތަކެވެ. އުފާވެރި ކުޑަކުޑަ އާއިލާއާއެކު ދިރިއުޅުމަށް ކުރި އުންމީދުތަކެވެ. ޑޮކްޓަރަކަށްވާން ދެކުނު ޗާލު ހުވަފެންތަކެވެ. ނަމަވެސް “އާހް” އެވެ. މިއަދު އަހަރެންނަކީ މުޅިން އެހެން މަގަކުން ދަތުރު ކުރަންޖެހިފައިވާ ނާއުންމީދު މުސާފިރެކެވެެ. މިމަގުން އެއްވެސް މަންޒިލެއް ނުފެެނެއެވެ. ހިތް ވަނީ މިލާ މޯޅިވެފައެވެ. މިފަދަ ހިޔާލްތަކުން އަހަރެންގެ ނިކަމެތި ހިތް ވަށާލިއެވެ.

ގޯތިތެރެއިން ލާފައި އައިސް ގޭގެ ދޮރުގައި ޓަކި ޖެހީ ނާދިޔާގެ ކްލާސްމޭޓެކެވެ. އެއީ ކޯހުގައި އެންމެ މޮޅު ކުއްޖާވެސްމެވެ. “އިބާން! ހާދަ ހެނދުނާ މިގޭގަ. ” ދޮރުހުޅުވާލުމުން އިބާން ފެނިގެން، އަހަރެންނަށް އެހެން އަހާލެވުމުން އިބާން ދެބުމަ އަރުވާލިއެވެ. އަދި ހިނިތުންވެލާފައި އަހަރެންގެ އަތަށް ދިއްކޮށްލީ ބަންދުކޮށްފައި އޮތް ހުދު ކުލައިގެ ކުޑަ ސިޓީ އުރައެެކެވެ. ” މިއީ އިމްޔާއަށް ވަރަށް ހާއްސަ ފަރާތަކުން ފޮނުވި އެއްޗެއް. އަން މީގަ ހިފާބަލަ.” އެވަގުތު އަހަރެން އެސިޓީ އުރާގައި ހިފާ، ކާކުހޭ އަހާލުމުން އެއްވެސް ޖަވާބެއް ނުދީ ލާނެއްގޮތަކަށް ހީލިއެވެ. އަހަރެން ފުންވިސްނުމެއްގައި ހުއްޓާ އިބާން އެނބުރި ހިނގާފައި ގޮސް ދޮރޯށިން މަގަށް ނުކުމެ ދޮރު ލެއްޕިއެވެ. އިތުރު ސުވާލެއްކުރަން ފުރުސަތެއް ނުލިބުމުން ސިޓީއުރަ ހިފައިގެން އައިސް ސޯފާގައި އިޝީންދެ ޓީވީ ހުޅުވާލީމެވެ. އެވަގުތު މެންދުރުފަސް ޕޮރުގުރާމުން ރީތި ލަވައެއް ގެނެސްދެނީއެވެ. ލަވައިގެ ރާގުކޮޅު އިވެން ފެށުމުން، ހިނިތުންވެލަމުން އެސިޓީ އުރަ ކަނޑާ އެތެރޭގައި ފަށްޖަހާފައި އޮތް ގަނޑުކޮޅު ނަގާ ހުޅުވާލީމެވެ.

“ހެޕީ ބަރތްޑޭ އިމްޔާ! މިރޭ 8 ޖަހާއިރު ރަތްކުލައިގެ ދޯޕައްޓާ ހެދުމުގައި ތުނޑިއަށް އައުމަށް ދައުވަތު އަރުވަން. އިމްޔާ އަންނާނެ ކަމަށް ހީކުރަން. އަދި މުޅިރޭ އެތަނުގައި އިމްޔާއަށް އިންތިޒާރު ކުރާނަން” ގަނޑުކޮޅުގައިވާ އެ ކުރު ޖުމްލަ ތަކުން އަހަރެންގެ ހިތް ފިނިވެގެން ދިޔައެވެ. މިވާން އުޅެނީ ކިހިނެއްބާޔޭ ހިތަށްއެރިއެވެ. ހަމައެވަގުތު ޓީވީ އިން ފެނުނު ލަވައިގައި ޖާޒުބީ ބަސްތަކެއް ކިޔަން ފެށިއެވެ. “ޗާލު މަލަވެސް ފެންނަނީޔޭ…. އޮއިގަ ޖެހިފާ ގެންދަނީޔޭ…. ހާލު ދެކިފާ ހުންނަނީހޭ…. ލޯބިވާ ތިޔަ އަންނަނީހޭ…”

އެވަގުތު ފޯނު ނަގާ ބަލާލީމެވެ. ނާދިޔާއާއި އަދިވެސް ބައެއްް ރައްޓެހިންނާއި، އެކުގައި މަސައްކަތް ކުރާމީހުން އަހަރެންގެ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި އޮތެވެ. ޔާމީންގެ އެއްވެސް މެސެޖެއް އަދި ފޯންކޯލެއްވެސް ނެތުމުން އަހަރެން ނިންމީ އެ ސިޓީ އަކީ ޔާމިން ފޮނުވި ސިޓީ އެއްކަމަށެވެ. އަދި ވަފާތެރި އަންބެއްގެ ހައިސިއްޔަތުން  އެސިޓީގައިވާ ފަދައިން ޔާމިން އެދުނު ގޮތަށް މިރޭ ތުނޑިއަށް ދިއުމަށް ނިންމީމެވެ.

ހަތްގަޑި ފަނަރަ ވީއިރު ރޭގަނޑުގެ ކެއުމަށް ތައްޔާރު ކޮށްފައި ބަދިގެއިން ނިކުމެ، ފެންވަރައި ރީތިވާން ފެށީމެވެ. ގައިގަ ލޯޝަން ލަމުން ގެންދިޔައިރު ހިތަށް އަރަމުން ދިޔައީ ޔާމިން މިހާރު ރަށަށް އައީބާއެވެ. މިއަދު އަހަރެންނާއި ޔާމީން ގެ ގުޅުން ކުރިއަށްވުރެ ރަނގަޅުކުރަން މަސައްކަތް ފެށުމަށް އަޒުމް ކަނަޑައެޅީމެވެ. ދެން އަލަމާރި ހުޅުވާފައި އެހެދުން ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު ފުނާ އަޅާ އިސްތަށިގަނޑު ފަހަތަށް ވައްޓާލުމަށްފަހު ކަޅުދަތިން މަތީބައި ޒީނަތްތެރި ކޮށްލީމެވެ. އަދި ލޮލުގައި އަދުން އަޅާ މަސްކަރާ އަޅާލުމަށްފަހު ތުންފަތުގައި ލޭލަތް ކުލައިގެ ލިޕްސްޓިކް ހާކާލީމެވެ. މިއީ މިފަދަ ގޮތަކަށް ޔާމިން އަހަރެންނާއި އެކަހެރިކޮށް ބައްދަލުވާން ދައުވަތު ދިން ފުރަތަމަފަހަރު ކަމުން ވީއެންމެ ބޮޑަކަށް ރީތިވެލައި ހަމަޖެހިލައިގެން ކޮޓަރިން ނުކުތީމެވެ. ގޭގަ އެއްވެސް މީހަކު ފެންނަން ނެތުމުން ހިތްނުތަނަވަސް ވިއެވެ. ނަމަވެސް ގަޑިޖެހޭތީ އަވަސް އަވަހަށް ނުކުތީމެވެ.

ތެތްފިނިކަމާއެކު ޖެހެމުންދާ ތާޒާ ވައިރޯޅިން ހީކަރުވާހާވެއެވެ. މުޅި ތުނޑިމަތި އޮތީ ސާދަވިލޭރޭގެ ރިހިއަލިން ދިއްލިފައެވެ. މުޅިމާހައުލުގައި ވެސް އިވޭ، ހަމައެކަނި އަޑަކީ ގޮދުދޮށަށް ބީއްސާލާ ރާޅުގެ އަޑެވެ. ދޮންވެލިގަނޑުގައި ފައި ޖެއްސުމާއެކު ގައިން ހީބިހި ނަގާހާވެއެވެ. ނަމަވެސް މަޑު ފިޔަވަޅުގައި ގޮސް އަހަރެންނަށް ފުރަގަސް ދީގެންކަހަލަ ގޮތަކަށް މޫދަށް ބަލަހަށްޓައިގެން، ހުދުކުލައިގެ އަތްދިގު ގަމީހަކާއި މަޑުނޫކުލައިގެ ޖިންސުގައި ހުރި ޒުވާނާއާއި އަރާހަމަކޮށް މަޑުކޮށްލީމެވެ. އަދި ހާސްވެފައި ހުރި ނަމަވެސް، ބަހެއްބުނެވޭތޯ އުޅުނީމެވެ. “މިއައީ! ”

 

 

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shamm

i put color on my imaginations and make them real

Other Articles

Previous

ހިތް ނުރޮއްވާ…….!!!!!!

Next

ކީ ވަދާއޭ ރަންއަލީގާ 2

Next
April 5, 2017

ކީ ވަދާއޭ ރަންއަލީގާ 2

Previews
April 5, 2017

ހިތް ނުރޮއްވާ…….!!!!!!

3 Comments

  1. Anonymous says:
    April 5, 2017 at 1:57 pm

    Reythi

  2. Sweetie says:
    April 5, 2017 at 3:04 pm

    No no no oooo!!!! Nubai meeheh theeeee!!!!!

  3. Azu says:
    April 5, 2017 at 5:51 pm

    Yaameeneh noon thee ….avahah dhey geyah…

Comments are closed.

All Right Reserved!