Skip to content
އެސްފިޔަ

އުމުރަށް އެކީގާ ވާނަމޭ

ބަންޑާރަ ކޮށިން ނިކުމެގެން އައި ތިން ފިރިހެން ކުދިން ތިބީ ސިފައިންގެ ޔުނިފޯމުގައިއެވެ. ކޮނޑުގައި އަޅުވާލެވިފައިވާ ވަޅުފެހިކުލައިގެ ދަބަސް ބަރުކަމުން ތިންމީހުންވެސް ތިބީ ކުޑަކޮށް ގުދުވެލައިގެންނެވެ. ކުރިމަތީ ހުރި ފިރިހެންކުއްޖާ ހުރީ ކޮނޑުމަތިން ދަބަހުގެ ވާގަނޑުގައި ހިފަހައްޓާލައިގެންނެވެ. ނިއްކުރިއާއި މޫނުވަނީ ގިނަދުވަހު ހޫނުގައި  އުޅުމުގެ ސަބަބުން ރަތްވެ އަނދާފައެވެ. އަބަދު އަވީގައި އުޅުމުގެ ސަބަބުން ނިއްކުރިއާއި ކޮލުގައިވަނީ ކުދިބިހި ގިނަވެފައެވެ. އޭނާގެ އިސްތަށިގަނޑުވެސް ވަނީ އެއްކޮށްހެން ތުނި ކޮއްލާފައެވެ. އަވިން ލޯ ފޮރުވަން އަޅާފައިވާ އައިނުން އެމޫނަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ބައިމަތީ ފުޅާކޮށް ހުރެފައި ސިފައިންގެ ޔުނިފޯމުގައި އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.

ފަހަތުން ހިނގާފައި އައި ދެފިރިހެން ކުރިމަތީގައި ހުރި ކުއްޖާގެ ބުރަކަށި މައްޗަށް ޖެހި ގަނެއްޖެއެވެ. ބޮލުން ވެއްޓެން ދިޔަ ބެރޭ ރީތި ކޮއްލަމުން އޭނަވެސް އަނެއް ދެކުދިންގެ ކޮނޑުގައި ޖަހާލައިފިއެވެ. ހިނިތުން ވެލަމުން އޭނާ ލޮލުން އައިނު ނަގައި ޖީބަށް ޖަހާލައިފިއެވެ. ހީ ސަކަރާތް ޖަހަމުން ތިންމީހުން ދިޔައިރު އެމީހުނަށް ކުރިމަތިން ހިނގަމުންއައި އޮފިސަރ ވެސް ނުފެނުނެވެ. އޮފިސަރ އަންނަތަން ލޮލުގައި އަޅައި ގަތުމާއިއެކު އައްރާދު ސަމާލްވެލުމުން އަނެއް ދެމީހުންވެސް ސަމާލް ވެލައިފިއެވެ. ސެލިއުޓަށް އަތް ނަގަމުން އައްރާދު އޮފިސަރަށް ސަލާމް ގޮވާލައިފިއެވެ.

“އައްސަލާމް އަލައިކުމް ސަރ..” ހިނިތުންވެލި އެމީހާ ފުރަތަމަވެސް ބަލާލީ އައްރާދަށެވެ.

“އަހަނ… ހުސެންއާ މުއާޒްވެސް އެބައިން ދޯ…” ހިނިތުންވެލަމުން އޭނާ ބަލާލީ އަނެއްކާވެސް އައްރާދަށެވެ.

“ވަހީދު ސަރ…” އައްރާދު އެހެން ބުނެލަމުން ކުރިއަށް ހިނގައި ގަނެއްޖެއެވެ.

މުއާޒްއާއި ހުސެން އެމީހުންގެ ގެއާއި ދިމާލަށް ހިނގައިގަތުމުން، އައްރާދުވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ. ނަމަވެސް އެއްވެސް ވަރަކަށް އޭނާ ހިތް ހަމައެއް ނުޖެހެއެވެ. މިވީ ދެއަހަރު ވަރު އޭނާ އުޅުނީ ސްޕެޝިއަލް ފޯސް ޓްރެއިނިންގައެވެ. ކޮންމެ ހަ މަހުން ޗުއްޓީ ލިބުނެއް ކަމަކު އޭނާ ޗުއްޓީ ހޭދަކުރަނީ ކޮންމެވެސް އެހެން ރަށެއްގައެވެ. މާލޭގައި އެއްވެސް ވަރަކަށް ހުންނަ ހިތެއް އައްރާދު ނުވެއެވެ. މާފަންނު ރާދުވިލާގެ ދޮރު ހުޅުވާލުމާއެކު ކިޔައިގެން ދިޔައީ ވަރަށްވެސް ތޫލި އަޑެކެވެ. ބޮޑު ގޯތި ތެރޭގައި ފައި ޖެހުމާއެކު އޭނާ ހަށިފުރާ ނޭވާއެއް ލައިފިއެވެ. ގޭޓުން ފަށައިގެން ގެއަށް ވަދެވެން އޮންނަ ގޮތަށް ގާ ޖަހާފައިވާ މަގުގައި އެންމެ އަވި ކޮޅެއްވެސް ނެތެވެ. ދެފަރާތުގައި ހައްދާފައިވާ ބޮޑު އަނބު ގަސްތަކާއި ޖަނބުރޯލު ގަސްތަކުން ގޯތި ތެރެ ފެންނަނީ ވަރަށްވެސް ފެހި ކޮށެވެ. ކުރިއަށްވުރެ މިހާރު މާބޮޑަށް ގަސްތައް ހައްދާލާފައިވާހެން ހީވެއެވެ. ކާޕެޓް ގަސްތައްވެސް ހުރީ މުޅި ގޯތިތެރެއަށް ފެތުރިފައެވެ. ގޭ ކައިރީގައި ހައްދާފައިވާ އޯކިޑު ގަސްތަކާއި ހުދު ފިނިފެންމާ ގަސްތަކުން މާހައުލުގައި ހިފާފައިވަނީ ޖާދުވީ ވަހެކެވެ. އައްރާދު އެންމެ އަޅައިގަތީ ގޭގެ އެއްފަރާތެއްގައި ބަހައްޓާފައިވާ އުނދޯޏެކެވެ. އޭގެ ދަނގަޑުގަޑަށްވެސް ވަނީ ފާޑެއްގެ ގަހެއް އަރައި އެއްކޮށް ފެހި ކޮއްލާފައެވެ. ދަބަސް ބޮޑަށް ކޮނޑު މައްޗަށް އަރުވާލަމުން ތަންކޮޅެއް ބާރަށް އައްރާދު ކުރިއަށް ހިނގައި ގަނެއްޖެއެވެ.

ގޭގެ ދޮރުގައި އައްރާދު ޓަކި ޖަހާލީ އޭނާއަތުގައި މިވަގުތުގައި ތަޅުދަނޑި ނެތުމުންނެވެ. ދެތިންފަހަރު ދޮރުގައި ޖަހާލުމުން ދޮރު ހުޅުވާލީ ގޭގައި މަސައްކަތް ކުރާ މީހާއެވެ. ހީލަމުން އެތެރެއަށް ވަންއިރު ސޯފާކައިރީގައި ކޮޅަށް މަދީހާ ހުއްޓެވެ. އައްރާދު ފެނުމާއެކު އަތް ފުޅާ ކޮއްލަމުން އައިސް ބައްދާލައިފިއެވެ. އެހާ އަވަހާއި އޭނާގެ މަންމަ ރޯން ފެށީއެވެ. މަންމަ މަސަލަސް ކުރަމުން އައްރާދު ގޭތެރެއަށް ބަލާލައިފިއެވެ. ހީވަނީ އިތުރު މީހަކު ހޯދަން އުޅޭހެންނެވެ. މަދީހާއަށް އެމަންޒަރު ފެނުމުން ހިނިތުންވެލީ ދަރިފުޅު އެނގޭތީއެވެ. ނަމަވެސް މިވީ ދެތިން އަހަރުގެ ތެރޭގައި އެދަރި ފުޅުވަނީ އޭނާއަށްވެސް ނޭނގޭހާ ވަރަށް ބަދަލު ވެފައެވެ.

“ރުހާނީ އެބަ އުޅޭ މަތީގަ…” ދެވަނަ ބަޔަށް އިޝާރާތް ކޮއްލަމުން މަދީހާ ލޮލުގައި ހުރި ކަރުނަތަށް ފުހެލައިފިއެވެ.

“ވަރަށް އުފާވާނެ ދަރިފުޅު ފެނުނީމަ… ފިރިމީހާ އެހާ ދުވަހަށްފަހު ފެނުނީމަ ކާކު އުފާ ނުވާންވީ..” މަދީހާ އެހެން ބުނެފައި ހީލި ގޮތުން އައްރާދު އައީ ރުޅިއެވެ.

“އޭނާ އަދިވެސް މިގެއަކުން ނުދޭތަ؟؟” އައްރާދުގެ ނިތަށް ގިނަ ވެގެންދިޔަ ރޫތައް ފެނުމުން މަދީހާ މޮޅި ވެއްޖެއެވެ. އަދިވެސް އައްރާދު ރުހާނީ ބަލައެއް ނުގަނެއެވެ.

ސޯފާ ކައިރީގައި ދަބަސް ބެހެއްޓުމަށްފަހު ގޭތެރެއަށް އޭނާ އަލަށް އައި މެހެމާނެއް ބަލާލާ ފަދަ ގޮތަކަށެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. ގެއަށް ނުވަންނަތާވެސް ދެއަހަރު ވެއްޖެއެވެ. އެންކަލް ބާލަމުން ފައިވާން ބަހައްޓާ ހަރު ކައިރީ ތިރީގައި އެބަހެއްޓުމަށްފަހު އޭނާ ސިޑިއާއި ދިމާލަށް ހިނގައި ގަނެއްޖެއެވެ. ތިރިއަށް ބަލަމުން ސިޑިން އަރަމުން ދިޔަ އައްރާދަށް ހުއްޓުމެއް އައީ ކުޑަ ކުއްޖެއްގެ އަޑެވެ. އަވަހަށް މައްޗަށް ބަލާލި ވަގުތު ސިޑީގެ މަތީ ހަރުފަތުގައި އިށީނދެލައިގެން އިން ކުޑަކުޑަ އަންހެން ކުއްޖާ ފެނުމުން އޭނާ ހިނިތުން ވެލައިފިއެވެ. އޭނާ ދިޔައިރު ދޮންބެ އަންހެނުން ބަނޑު ބޮޑެވެ. ދޮންބެއަށް ކުއްޖަކު ލިބުނީ ކަންކަހަލަ ކުއްޖެއްކަން އަންގާވެސް ނުލައެވެ. ހިނިތުން ވެލަމުން އައްރާދު އެކުއްޖާއަށް ހަނާއަޅާލައިފިއެވެ.

“ދަރިފުޅު… މަންމި ބުނީމެއްނު މިތަނަށް…” ބާރުބާރަށް ހިނގަމުން އައި ރުހާނީ ސިހުނީ އައްރާދު ފެނުމުންނެވެ. ދިގު ދިގު ގަޔަށް ދޫކޮށް ފަހާފައިވާ ކަނޑުނޫކުލައިގެ އަބާޔާ ހެދުމާއި އަޅި ކުލައިގެ ޝޯލްގައި ރުހާނީ ހީވަނީ ޕަރީއެއް ހެންނެވެ. ކުޑަކޮށް ހަންގަޑު އަލިވެފައި އެދިގު އެސްފިޔަ ތަކުން އެމޫނު އިތުރަށް ފުރިހަމަ ކޮއްދެއެވެ. އެބޮޑު ލޮލުން އައްރާދަށް ބަލަން ހުރި ގޮތުން ހީވަނީ ޝަކުވާ ކުރާހެންނެވެ. ކުރިއަށްވުރެ ފަލަވެލާފައި ކޮލުގައި މަސްޖަހާލާފައި ހުރިގޮތުން ރުހާނީއަށް އިތުރު ރީތިކަމެއް ލިބިފައިވާ ކަހަލައެވެ.

“އަރަމް…” ކުޑަކުޑަ އަރަމް ނަގައި އުކުޅުގައި ޖަހާލަމުން ރުހާނީ ސިޑިން ފައިބައިގެން ހިނގައި ގަނެއްޖެއެވެ. ކައިރީގައިހުރި އައްރާދަށް އޭނާ ބަލަން ބޭނުންވެސް ނުވަނީއެވެ. ނޫނީ އަނެއްކާވެސް އޭނާގެ ހިތް ހަލާކުވާން ބޭނުން ނުވަނީއެވެ. ސިޑިން ފައިބައިގެން ދިޔައިރުވެސް ރުހާނީގެ ހިތް ހީވަނީ މޭފަޅާފައި ނިކުމެ ދާނެ ހެންނެވެ. ކިތަންމެ ދުވަހެއް ފަހުން އެމޫނު ފެނުނަސް ރުހާނީގެ އާދައަކީ އެއީއެވެ.  ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އޮހޮރި ގަތުމުން އޭނާ އަވަހަށް ގޮސްވަނީ ބަދިގެ ފަރާތަށެވެ.

“ރޫހީ ދަރިފުޅާ…” މަދީހާ ފަހަތުން އައިސް ރުހާނީގެ އުރުގައި އިން އަރަމް ނަގައިފިއެވެ. އެއްޗެއް ނުބުނި ކަމުގައި ވިޔަސް ރުހާނީއަށް އައްރާދު ފެނިއްޖެކަން މަދީހާއަށް އެނގެއެވެ. އެހެން ނޫންނަމަ އެމޫނާއި އެދެލޮލުން އަނެއްކާވެސް ކުރީގެ ކުލަވަރެއް ނުފެންނާއެވެ.

އައްރާދު ކޮޓަރިއަށް ވަނުމާއެކު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެއްފަރާތެއްގައި ބަހައްޓާފައިވާ ކުޑަ އެނދެވެ. އޭރު ރުހާނީ ބުނީ ތެދެއް ހެއްޔެވެ؟ އޭނާ ދިޔައިރު ހަމަ ހަޤީޤަތުގައިވެސް ރުހާނީ އިނީ ބަލިވެ ހެއްޔެވެ؟ ދެން އަނެއްކާވެސް ހަނދާންވީ ސިޑިމަތިން ފެނުނު ކުޑަ އަންހެން ކުއްޖާއެވެ. ބަލާ ބެލުމަށްވާނީ އަދި އެކުއްޖާއަށް ދެއަހަރެއް ނުވާނެއެވެ.

މަތިން ލައިގެން ހުރި ބައި ބޭލުމަށްފަހު އައްރާދު ބެލްކަންޏަށް ނިކުމެލީ ހުޅުވިފައިވާ ދޮރުތަކުން ފިނިފިނި ރޯޅިތައް ވަންނަން ފެށުމުންނެވެ. ބެލްކަނީގައި ބަހައްޓާފައިވާ ގަސްތަކާއި ހާއްސަކޮށް ފެހި ކުލައިގެ ފިނިފެންމާ ގަސް ފެނުމުން އައްރާދުއަށް ހީނގަނެ ވިއްޖެއެވެ. އެއީ ރުހާނީއަށް އެންމެ ކަމުދާ މަލެވެ. ކޮނޑުގައި ދަބަސް އަޅުވާލައިގެން ގޭޓުން ނިކުތް ރުހާނީ ފެނުމުން އެދިމާލަށް ބަލާލީ ފޫހި ގޮތަކަށެވެ. އޭނާ ރުހާނީ ދެކެވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ރުހާނީއާއި ހެދި އޭނާގެ މުނި ދިރިއުޅުން ހަލާކު ވެއްޖެއެވެ. ފެންވަރާލައިގެން އައްރާދު އޮށޯވެލީ ވެފައިވާ ވަރުބަލި ފިލުވާލާށެވެ. އަނެއްކާ އަރަމްއަކީ އޭނާގެ ކުއްޖަކަށް ވެއްޖެނަމަ ދެން މިކަމުން ސަލާމަތް ވެވެންވެސް ނޯންނާނެއެވެ. ވަރި ކުރާނީވެސް ކީކޭ ފަހެ ކީކޭ ކިޔާފައި ހެއްޔެވެ؟

ނިދިފައި އޮތް އައްރާދަށް ހޭލެވުނީ ކޮޓަރި ތެރޭގައި އަރަމް ހަނގުރާމަ ފަށާލައިގެން އުޅޭ އަޑަށެވެ. އެއީ ކޮންމެ ރެއެއްގެވެސް އަދާއެވެ. އިޝާ ނަމާދަށް އިން ރުހާނީ ވާހަކަ ނުދެއްކުމުން އަނެއްކާވެސް އަރަމް ރޯން ފަށައިފިއެވެ. ސަލާމް ދިނުމަށްފަހު ރުހާނީ އުޅުނީ އަރަމް އަތުގައި ޖެހޭތޯއެވެ. ނަމަވެސް ދުވެލާ ގޮތުން އެކަމެއް އޭނައަކަށް ނުވިއެވެ.

“ކިހާ ދެރަކަމެއް…” އައި ރުޅީގައި އައްރާދު ބާރުބާރަށް ބުނެލައިފިއެވެ.

“ކަލޭ މީސްމީހުންގެ ދަރިން ވިހައިގެން ތިއުޅެނީ މަ ނިދިޔަ ނުދޭންތަ؟” ރުހާނީއާއި ދިމާލަށް އަންނަމުން އެހެން ބުނި އައްރާދަށް ފެނުނީ ދުވެދުވެ އުޅުން އަރަމް މަޑު ޖެހުނު ތަނެވެ.

“އެއީ ރާދުގެ ކުއްޖެއް.. ތިކަހަލަ ހަޑި ތުހުމަތު އަހަރެންގެ ބޮލުގަ އަޅުވާނެ ކަމެއް ނެތް…” ރުހާނީވެސް އެންމެ ތަންކޮޅެއްވެސް ދޫކުރާކަށް ނުވިސްނިއެވެ.

“ރޫހީ ހީކުރީ ތިހެން ބުނީމަ އަހަރެން ޤަބޫލު ކުތާނެ ކަމަށް… އަހަންނަށް ބައްޕަ ކިޔުއްވައިގެން ނުވާނެ… އެފަހަރު ބުނީ ބަނޑުބޮޑޭ ބުނީ އަހަރެންގެ ދަރިއަކަށްތަ؟ ކިހިނެއް އެނގެނީ”

“ރާދު… އަރަމްއަށް އަޑު އިވޭ ހިސާބު ތިކަހަލަ އެއްޗެހި ނުކިޔަ ފާންނަތަ…” އައްރާދުގެ ނަން ބުނެވުނު އިރުގައި އެލޮލުން ހޯސްލާފައި ކަރުނަ ފައިބައި ގަނެއްޖެއެވެ. ދުރުގައި އެމަންޒަރު ބަލަންއިން އަރަމް އޭރު އިނީ ތުންފިއްތާ ލައިގެންނެވެ. މުސައްލަ އަލަމާރި މައްޗަށް ލުމަށްފަހު ރުހާނީ އައިސް އަރަމްގެ އަތުގައި ހިފާލައިގެން ނިކުތީ ބޭރަށެވެ. އެމަންޒަރު ބަލަންހުރި އައްރާދު އައި ރުޅީގައި ފައިން ޖެހީ އަލަމާރީގައެވެ. ކައިވެނި ކޮއްގެން މިވީ ތިން އަހަރު ތެރޭގައި ކޮންމެވެސް ގޮތަކުން އޭނާ ރުހާނީ ރޮއްވާލާނެއެވެ. ކިތަންމެ ރުޅި އައިސް ހިތުގައި ޖައްސާލިއަސް އެލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނަސް އެހިތަށް ތަދުވެއެވެ.

“ރާދު…” ކޮޓަރިއަށް ވަދެގެން އައި ރީޝަމް ފެނުމުން އައްރާދު ދެލޯ ބޮޑު ކޮއްލައިފިއެވެ. އަދިވެސް އެރީތި ކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެތުނި ތުނި ހަށިގަނޑު ކުއްޖަކު ލިބުމަށްފަހުގައިވެސް ހުރީ އެހާމެ ފުރިހަމަ ކޮށެވެ.

“ކިހިނެއްވީ؟؟” ރީޝަމް އަށް ފުރަގަސް ދެމުން އައްރާދު ބޮލަށް ޓީޝާޓު މަހާލައިފިއެވެ.

“އަދިވެސް ރޫހީ ރޮއްވަނީ ތަ؟ ރާދު ފެނުނީމަ އެނގެނީ އަރަމްއާ ރާދުއާ ވައްތަރު ވަރު..” ކައިރިއަށް އަންނަމުން އައިސް ރީޝަމް އައްރާދުގެ މޭގައި އަތް ޖައްސާލައިފިއެވެ.

“ލަދެއް ނުގަނޭތަ؟ ތި ރޫހީދެ ދޮންތައޭ… އެންޑް އަހަރެންގެ ދޮންބެގެ އަންހެނުން… ގެޓް އައުޓް ބިފޯ އައި ތްރޯ ޔު އައުޓް އޮފް ހިއަރ..” ރީޝަމްގެ އަތް  ފޮޅާލަމުން އައްރާދުން ހަޅޭއްލަވައި ގަނެއްޖެއެވެ.

“ކިތަންމެ ބާރަށް ހަޅޭއް އަހަރެން މީރާދުގެ ފުރަތަމަ ލޯބި.. އަހަރެން ހިއެއް ނުކުރަން އަހަރެންގެ ކޮއްކޮ އާއެކު…” ރީޝަމް ވާހަކަ ބަދަލޮ ކޮއްލީ ފަޒަލް އެދިމާލަށް އަންނަތަން ފެނުމުންނެވެ.

“ދޮންބެ…” ފަޒަލްއަށް ގޮވާލަމުން އައްރާދު އުރާލީ އޭނާގެ ދޮންބެގެ ފިރިހެން ކުއްޖާއެވެ.

“ތީ ރާހި… އަރަމްއަށްވުރެ 6މަސް ބޮޑުވާނީ…” ރާހިއައި އައްރާދް ފެނުމުން ހިތަށް ފިނިކަމެއް ލިބުނީ ރީޝާމްގެ އެވެ. އެއީ އޭނާ ދެކެން ބޭނުންވި ދުވަހެވެ.

#   #   #    #    #

ލޯންޗު ބަނދަރާއި ކައިރި ކޮއްލުމާއެކު ފަޒަލް އޭނގެން ފުންމާލައިފިއެވެ. ގްރޭޑް ދިހައެއް ނިންމި ފަޒަލްއާއި އައްރާދް ތަނަކަށް އައި މީ ފުރަތަމަ ފަހަރެވެ. އެވެސް މަންމަގެ ރަށް ލާމު އިސްދުއަށެވެ. އައްރާދުވެސް ސިފައުގެ އަށް ވަންފަހުން ޗުއްޓީއެއް ނެގި މީ ފުރަތަމަ ފަހަރެވެ. ފަޒަލްއާއި ހިލާފަށް އައްރާދު ހުންނަނީ ދޮންކޮށެވެ. ކަޅު ކުލައިގެ ވަރުގަދަ އިސްތަށިގަނޑާއި އެލޮލުންވެސް ހަމައެކަނި އޭނާގެ ރީތިކަން ހާމަވެއެވެ. ފަޒަލްވެސް ހުންނަނީ ހަމަ އެކަހަލަ ގޮތަކަށެވެ. ތަފާތަކީ ފަޒަލް ސިފައިންގގައި ނޫޅޭކަމެވެ. ހޫނު ވާވަރުން އޭނާ ހުރީ ދެލޯ ކުޑަކޮށް ލައިގެންނެވެ. އޭރު އެދިގު އެސްފިޔަ ތަކުގެ ހިޔަނ ކޮލަށް އެޅިފައި ހުއްޓެވެ. ބިންގަނޑުގައި ފައި ޖެހުމާއިއެކު އައްރާދް ތިރިއަށް ބަލާލައިފިއެވެ. ފައި ޖެހުމާއެކު މަޑު ފަސްގަނޑުގެ އެތެރެއަށް އޭނާގެ ފައި ވަދެގެން ހިނގައްޖެއެވެ.

“ރާދު.. އެއްޗެއްގަ ހިފާބަލަ؟” ވަހީދު ފަހަތުން އެހެން ބުނުމުން އައްރާދް ހިނިތުން ވެލަމުން ބަލާލައިފިއެވެ.

“ބައްޕާ… ދެން އަޅުގަނޑު ރަށަށް އައި މީ ފުރަތަމަ ފަހަރޭ…” ކުރިއަށް ހިނގައި ގަންނަމުން އައްރާދް އައިސް ފަޒަލްގެ އަތުގައިވެސް ހިފައި ދަމައި ގަނެއްޖެއެވެ.

މަދީހާގެ ފަހަތުން ހިގާފައި ދިޔަ ދެމީހުން އެކި ތަންތަނަށް ބަލަމުން ދިޔައީ އެއްވެސް ފޫހި ކަމެއް ނެތިއެވެ. އުމުރުން ވިހި އަރަހުގައި މާލެ ނޫން އެހެން ތަނަކަށް އައްރާދްވެސް އައިމީ ފުރަތަމަ ފަހަރެވެ.  އުނަގަނޑާއި ހަމައަށް ރާނާފައިވާ ފާރާއި ގޯތި ތަކުގައި އިންދާފައިވާ ގަސްތަކުން އައްރާދް ވަރަށް ހިތްހަމަ ޖެހުނެވެ. ނަމަވެސް މިހާރު ބައެއް ގޭގެގައި ވަށާ ފާރުވެސް ވަނީ ޒަމާނީ ގޮތަށް އުސްކޮށް ނަގާފައެވެ. އެއް ގޭގެ ވަށާ ފާރު މަތިން ފައިވާފައިވާ ރަތް ކުލައިގެ ބޮޑެތި ޖަނބުރޯލުތައް ފެނުމުން އައްރާދް ކުޅު ދިޔާ ވެއްޖެއެވެ. އަނބުރާ މާލެ ދާހިތްވެސް އޭނާ ކެނޑިއްޖެއެވެ. އެހާ ހެނދުނާވެސް މަގުގެ އަރިމަތީ ހިސާބުވެސް ހިކި ފަތްކޮޅެއްވެސް ނެތެވެ. އެހާވެސް ސާފެވެ. އެހާވެސް ލޮލަށް ފަސޭހައެވެ.

މަދީހާ ދެން މިއަޅަނީ ގޭ މަގަށޭ ބުނުމުން އައްރާދް ފަޒަލްގެ އުޅަންބޮށީގައި ކޮއްޓާލައިފިއެވެ. ތަންކޮޅެއް ދުރުގައި އޭރު ކުދިބައެއް ފުޓުބޯޅަ ކުޅީވެސް އުޅެއެވެ. ޖެހިގެން ހުރި އާދައިގެ ގެ ދައްކާލުން އެއީ މަންމަގެ ގެއޭ ބުނުމުން އައްރާދް އަވަހަށް ވަންނަން ހިނގައި ގަނެއްޖެއެވެ.

“އާހް…” ބާރު ސްޕީޑުގައި އައިސް ފުޓްބޯޅައެއް ބުރަކަށީގައި ޖެހުމުން އައްރާދް ހިންދެމިލެވުނީ ދިލަ ތަދެއް އަރައިގެން ދިއުމުންނެވެ. ބުރަކަށީގައި އަތް އަޅައިގެން ހުރެ ފަހަތަށް ބަލާލިއިރު ހުރިހާ ކުދިންތައް ތިބީ ހުއްޓުން އަރާފައެވެ. އެނެމް ބޮޑަށް އައްރާދަށް ފާހަގަވީ ފަހަތުގައި އަނގަމަތީގައި އަތް އަޅައިގެން ހުރި އަންހެން ކުއްޖާއެވެ. ދެލޯ ބޮޑުކޮއްލައިގެން ހުރި އޭނާގެ ބުޅި ބުޅި އިސްތަށިގަނޑު އިސްފިރޭނު ތަކެއްހެން ދެކޮނޑުމަތިން ލާފައި ތިރިއަށް ހުއްޓެވެ. ބުޅިވެފައި އެސްތަށިގަނޑު އުނަގަނޑަށްވުރެ ތިރިއަށް ފައިބާފައި ހުއްޓެވެ. ދެލޯ ބޮޑު ކޮއްލައިގެން ހުރިއިރު އިރުގެ އަލިން އެކަޅިވަނީ ދިލިފައެވެ. އަލި އަލި މަޑު މުށިކުލައިގެ އެކަޅިއަކީ އެމޫނާއި ގުޅޭނެ އެއްމެ ރީތި ކުލައެވެ. އަދިވެސް އެކުއްޖާ ހުރީ އެހެން އަނގަމަތީގައި އަތް އަޅައިގެންނެވެ.

“ބަލާލައިގެން…” އައްރާދް އެދިމާއަށް ހިނގައި ގަތުމުން އޭނާ ފަހަތަށް އެނބުރި ގުއްވައިގަނެއްޖެއެވެ.

“ރޫހީ…” އެކުއްޖާ ދުއްވައި ގަތުމުން ފިރިހެން ކުދިންތައްވެސް އޭނާގެ ފަހަތުން ދުއްވައި ގަނެއްޖެއެވެ.

“ހެހެހެ… ރޫހީ…” އައްރާދް ހީލަމުން މަޑުމަޑުން އެނަން ކިޔާލައިފިއެވެ.

ގޭތެރެއަށް ވަދެގެން ދިޔަ އައްރާދާއި ފަޒަލް ބަލަމުން ދިޔައީ ގޭތެރޭގައި ހައްދާފައވާ ގަސްތަކަށެވެ. މާލޭގައި ހުރި ބޮޑުގެ ހަދާފައިވަނީ މިގެ ބަލައިގެންނެވެ. ތަފާތަކީ މާލޭގައި ހުރިގެ މިގެއަށްވުރެ ބޮޑުކަމެވެ. ތިންކޮޓަރިއާއި ސިޓިންރޫމްއެއް ހުރި އެގޭގައިވަނީ އެންމެ ޒަމާނީ ފަރުނީޗަރެވެ. ކޮޓަރިއަށްވަދެ އައްރާދް ބޭނުންވީ އަރާމް ކޮއްލާށެވެ. ފެންވަރާލި ގޮތަށް އައްރާދް އެދުމައްޗަށް ވެއްޓި ގަނެއްޖެއެވެ. ލޯންޗުގައި އައުމުން އޭނާ ހުރީ ބުރަކަށީގައި ރިއްސާފައެވެ. އަދި ނުވިތާކަށް އެއަންހެން ކުއްޖާއާއި ހެދި އިތުރަށް ތަދުވެއެވެ.

ނުނިމޭ

Comments (17)

  1. Al

    Ma Shaa Allah vr nice story.. Keep it up:*

  2. Aaran

    Guys 3 or 4 days ge break akah fahu knme faharakuves story up vaany. And in shaa allah vaahaka nimendhen genes dheynan huhtaeh nulaanan.. thank you guys

  3. Lieutenant

    Thanx aaran.. I luv this story

  4. Vaahaka foshi

    Dhedhuvahun eh dhuvahu up kolla dheyn buninama…….. v salhi

  5. xeyboo

    gawaaidhun up kuran waane..

  6. Amin

    Salhi.. Keep up the good work

  7. imagination

    waiting.. <3

  8. YammYoon

    V reethi story…Ekm v kuh gina.. Ebai ragalhu kollanikoh k vaane… salhi.. kyp it up…

  9. Green handi

    Masha Allah varah reethi storyeh keep it up ummeedhukuran story nimendhen up kuraanekamah

  10. Azuna

    Reethi but up vaaley maa las

  11. Aaran

    Guys i will try my best avahaa up kurevey tho

  12. Aish

    Hadha hadha kurey.. ekam v rythi vaahaka.. pls miahvure dhigu kolladhy..

  13. RavaBoli

    Aaran, thy MNDF ga work kuraa kuhjjeh tha? Ethaa work kuraa meehunah ekani ingey kahala words use kohlaafa hureema hama ahaaly..
    And I just want say, new writer akaa balaafa aaran Ge story’s thah varah reehchey… just keep up the good work….

  14. Noonu

    Mihaaru 5days vejje mi konme meehakuves vaahaka liyaasho kiyaafa eh part liyefa dhen bahavaru thivarun nuliyabala

  15. ssss?

    Aaran kon irakun tha mi story ge dhe vana part nereynii… Aaran kurin liyefa in vaahaka vess kiyaafin… E vaahaka varah furihama?? and mi vaahaka adhi maa rythi vaanehen hii vey…. So plx avahah up kohdhiibala?

  16. Jeyz

    Imagination sissy why you are not writing the story loabivan

  17. Anonymous

    MNDF ga ulhey meehunah ekani ingey ehnme word eh vx nei miyaku…gina meehunah ingeyne sifain beynun kuraakn e words thah….hmm dhn oi kamaky miyoh reethi vahaka fashaafa vx nihman neygunyma

Comments are closed.