ހިނިތުންވެލާފައި މީޓިންގް ރޫމަށްދާން ހިނގައިގަތްތަނާ ފުރަގަހުން އަނެއްކާވެސް އިވުނީ ޒުހުރާގެ އަޑެވެ. “ޑރ.އިމްޔާ!” އަހަރެން ފަސްއެނބުރި ބަލާލީމެވެ. “ކީކޭ ޒުހުރާ؟” މިފަހަރު ރިސެޕްޝަނާ ތަންކޮޅެއްދުރަށް ޖެހިލާފައި މަޑުމައިތިރިކަމާއެކު ޖެހިލުންވެފައި ކަހަލަ ގޮތަކަށް ޒުހުރާ ވާހަކަދައްކަން ފެށިއެވެ. “ޑޮކްޓަރ! މިފަހަރު ހަނިމާދޫ އަށް ދުރުވާ ދަތުރުގައި އަޅުގަނޑަށްވެސް ދެވޭނެނަމަ. އަތޮޅުގެ ރަށްތަކުން އަޅުގަނޑަށް އެންމެރީތި ރަށަކީއެއީ. އެހެންވެ މިދެންނެވީ. ” ޒުހުރާގެ ވާހަކަ ހުރިގޮތުން އަހަރެންނަށް ހެވުނެވެ. “ހާސްނުވޭ. ތިކަމަށް ހުއްދަ ހޯދާނަން. ދެންދަނީ. މިހާރު އެއޮއްގެން 3 މިނެޓަށްވީ.” މިހެންބުނެލާފައި އެތަނުން ނުކުތީމެވެ.
ބައްދަލުވުން ފެށުމުގެ ގޮތުން ކުޑަ ތާރަފެއް އެރުވުނެވެ. “މިއަދުގެ ބައްދަލުވުމުގެ މަޤްސަދަކީ ޓީބީ އަދި ނޭވާލާނިޒާމަށް ޖެހޭ އެހެންބަލިތަކާއި ބެހޭގޮތުން އަތޮޅުތެރޭގައި ހިންގާ، ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ ޗޭނަށް، ބޮޅެއް އިތުރު ކުރުމުގެ ގޮތުން، މިމަހުގެ 22 ވަނަ ދުވަހު ހަނިމާދޫއަށް ކުރާ ދަތުރުގެ ޕްރޮގްރާމްތާވަލް، މިޓީމާއި ޙިއްސާކޮށްލުން. އަޅުގަނޑަކީ ޓީމްގެ އިންޗާޖް ޑރ.އަހުމަދު އަޒީމް. ދެން އަޅުގަނޑުގެ ދަށުން މަސައްކަތް ކުރައްވާނީ މިދަތުރުގެ ޕްރޮގްރާމް ސުޕަވައިޒަރ ޑރ.އިމްޔާ އަދި މިހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތް ކޯޑިނޭޓަރ އިސްމާޢިލް ހުމައިދު” ދަތުރުގެ ކަންތައްތައް ޝެޑިއުލްކޮށް ނިމުމުން އަހަރެންނާއެކު ޒުހުރާ ގެންދިއުމުގެ ހުއްދައަށް އެދުނީމެވެ. ސަބަބަކަށްވީ މުޅި ޓީމުގައިވެސް ހަމައެކަނި އަންހެން ބައިވެރިޔަކީ އަހަރެން ކަމަށްވާތީއެވެ. އެކަމަށް ޢަޒީމްގެ ހުއްދަ ލިބުނެވެ. ކޯސް މެދުކަނޑާލަން ޖެހުމުގެ ސަބަބުން އަހަރެން ހޮސްޕިޓަލްގައި، މެޑިކަލް އޮފިސަރެއްގެ ވަޒީފާ އަދާކުރަން ފެށިތާ އަދި ވީ ދެމަސްދުވަހެވެ. ދާއިރާގައި މަސައްކަތް ކުރުމުގައި އަޒީމްއާއި ދެން އެންމެ އިސްކޮށް އުޅުއްވާ ފަޒީލާގެ އެހީތެރިކަން އަހަންނަށް ލިބޭތީ ހުރިހާކަމެއް ފަސޭހަކަމާއެކު ނިންމާލެވެއެވެ.
ޑިއުޓީ ނިންމާފައި ގެޔަށް އައިއިރު ސިޓިންރުމްގައި ނާދިޔާ އިންދާ ފެނުނެވެ. “އަހަ. ނާދިޔާ! ހުމް ހާދަ ހީވެޔޭ ބޭރަށް ދާން ތައްޔާރުވެގެން ހެން. ކޮންތާކަށްބާ ދާންޖެހެނީ. ހުމް. ދާތާކަށް ދެވޭނީ މިގެއިން މިއަދު ސައި ބޮއިގެން. އެގޮތް އެންމެ ރަނގަޅުތަ؟” ނާދިޔާ ފެނުމުން އަހަރެންގެ ވަރުބަލިކަން ފިލައިފި ކަހަލައެވެ. “ދެން އެކުން މާގިނަ ވާހަކަ ނުދައްކާ އަވަސްކުރޭ! މިއަދު ހަފްސާއްތާ ނޫޅޭ ގޭގަ. ސައިބޮއިގެން ފުރަތަމަ ދާނީ އަތިރިމައްޗަށް ކުޑަކޮށް ވައިޖައްސާލާ އިރު އޮއްސޭމަންޒަރު ބަލަން. ދެން މިރެއަށް ކައްކާކަށް ނުޖެހޭނެ މަރީ. 8 ޖަހާއިރު މަސްވެރިންގެ ހިޔާގަ އެބައޮތް ކެއުމެއް. ހަފްސާއްތަމެން ރަޝިއްތަމެން ހެނދުނުއްސުރެ އެއުޅެނީ އެކަމާ.” ނާދިޔާ ހުރިހާ ވާހަކައެއް އެއްފަހަރުން ނިންމަލާފައި އަހަރެންގެ އަތުގައި ހިފާ ކޮޓަރިއަށް ވެއްދިއެވެ. “މަރީ އަވަސްކުރައްޗޭ. އެއްކަލަ ރަތްކުލައިގެ އަތްދިގު ހެނދުމާ ހުދު ރޭނދާއެޅި ރަތް ދޯޕައްޓާ އަޅާނީ. ދެން މިދޔަ ފަހަރު ޔާމިން ގެނެސްދިން އުސް ހީލްފައިވާނަަށް އަރާނީ އިނގޭ. ޕްލީސް މަރީ!” އަހަރެން މޫނު ހަދަން ފެށުމުން ނާދިޔާ އާދޭސް ކުރަން ފެށިއެވެ. އެހެންކަމުން އިތުރު އެއްޗެއްނުބުނެ އަހަރެން ފެންވަރަން ވަނީމެވެ.
………..
މުޅި މާހައުލަށް ވެރިވެފައިވަނީ އުފާވެރިކަމެވެ. މަސްވެރިންގެހިޔާގެ އެތެރެ ވަނީ ނިވިދިއްލޭ ބޮކިފަތިން ޒީނަތްތެރި ކުރެވިފައެވެ. ބޭރު ވަށައިގެން ރީނދޫ ކުލައިގެ ބޮޑު ބައްތިތަކެއް ދިއްލާފައިވެއެވެ. މާލެއިން އައި ޓީމަށް މަރުހަބާ ކިޔުމަށްފަހު، އަތޮޅުވެރިން ކެއުމަށް އިންސާފު ކުރައްވަން ފެއްޓެވިއެވެ. އަދި އެތަނުގައި ތިބި އާންމު ރައްޔިތުންވެސް އެބޭފުޅުންނާއެކު ކުރިއަށްގެންދިޔުމަށް އިރުޝާދު ދެއްވިއެވެ. އެކި ހިސާބުތަކުން ފެންނަނީ ކާތަށިތައް ހިފައިގެން މީހުން ހޭލަމެލަވާ ތަނެވެ.
މަސްވެރިންގެ ހިޔާއަށް ވަންނަ ދޮރާށި ހަދާފައިވަނި ފިލާގައި ނޫކުލައިން ކުލަޖައްސާފައިވާ ދެކޯމަސް ދެފަރާތަށް ވާގޮތަށެވެ. ދޮރޯށީގެ އެއްފަރާތުގައި ކުދި ރުއްތައް އިންދާފައި ހުރިއިރު އަނެއްފަރާތުގައި ހުރިީ ދިވެހި ދިދަތައް އަތުރާފައެވެ. ދިދަތަކާއި ދިމާލަށްވާގޮތަށް ކައިރީގައި ހުރި ތަނބެއްގެ ކައިރީގައި، އަހަރެންނާއި ނާދިޔާ، ކާންފަށަން ނުކެރިފައި ތިބީމެވެ. އެވަގުތު ހަފްސާއްތަގެ އަޑު މާދުރުން އިވުނެވެ. “އެކޮއި ނާދިޔާ! ދެވެރިން ކާން ފަށަންވީނުން. މިފަރާތު މޭޒުން އިނގޭ އެޗިހިއަޅާނީ.” އާނއެކޭ ބުނެފައި އަހަރުމެން ކާތަށި ނެގުމަށް ހަދާފައިވާ ކިއުއަށް އެރީމެވެ. އަހަަރެންގެ ކުރީގައި ހުރީ ނާދިޔާއެވެ. ފަހަތުގައި ހުރި މީހަކު ނުބަލަމެވެ. ކާއެއްޗިއްސާ ދިމާ މަތީގައި ބޮޑު ބައްތިއެއް ދިއްލާފައި އޮތެވެ. ނާދިޔާ ތަށިނެގުމުން އަހަރެންވެސް ތައްޓެއް ނަގަން އަތް ދިގު ކޮށްލީމެވެ. އެވަގުތު އަހަރެންގެ އަތް ހުރަސްކޮށްލާފައި ފަހަތުގައި ހުރި މީހާގެ އަތް އެތަށީގައި ހިފިއެވެ. ސަފުގައި ހުރެ ތަށިތަކާދިމާލަށް ކުޑަކޮށް ގުދުވެގެން ކަހަލަ ގޮތަކަށް އޮވެފައި އަހަރެންގެ މޫނު ފަހަތަށް އަނބުރާލި އިރު، ދެލޮލުގެ ތެރެއަށް ތެތްކަމެއް ވެރިވެ ދެލޯ ބޮޑުވެގެން ދިޔައެވެ.
އެއީ ރޭގަ އަހަރެންނާ މަގުމަތިން ދިމާކުރި ޒުވާނާއެވެ. އޭނާގެ ލުއި ހިނިތުންވުމާއެކު އަހަރެންނަށްބަލަން ހުރި އިރު އަހަރުމެން ދެމީހުންނަށްވެސް ތިބެވުނީ އެތުނި ކަރުދާސް ތަށީގައި ދެއިނގިލިކުރިން ހިފެހެއްޓިގޮތަށެވެ. “އުކްމް. މަރީ!” ސިއްސައިގެން ދިޔައީ ނާދިޔާގެ އަޑު އިވުމުންނެވެ. އަދި އަވަސް އަވަހަށް އެތަށިން ދޫކޮށް ނާދިޔާ އަށް ބަލަން ފެށީމެވެ. ނާދިޔާވެސް ނުރުހުންތެރި ކަމާއެކު އޭނާއަށް ބަލާލާފައި ހިނގާށޭ ބުންޏެވެ. އަހަރެން އެހެން ތައްޓެއް ނެގުމަށްފަހު ރުންކުރު ގޮތަކަށް އޭނާ އަށް ލޯއަޅައިލީމެވެ. ޖަވާބުގައި އިސްޖަހާފައި އޭނާގެ ވައަތްތިލަ މޭގައި ޖައްސާލައި އިސްއުފުލާލީ ލާނެއް ހިނިތުންވުމަކާއެކުއެވެ.
އަހަރުމެން ކާންތިބީ އަތިރިމަތި ފެންނަގޮތަށް ހިޔާގެ ކައިރީގައި ބަހައްޓާފައި ހުރި ޖޯލި ތަކުގައެވެ. އެކި މީހުން ކާންތިބީ އެކި ދިމާގައެވެ. ބަޔެއްމީހުން ކޮޅަށްވެސް ތިއްބެވެ. ކައިނިމިގެން ޖޫސްބޯން ތިއްބާ ހަފްސާއްތަ ގޮވާލިއެވެ. ވީގޮތެއް ނޭގިގެން ނާދިޔާ އެދިމާލަށް ދިޔައެވެ.
“މަރިޔަމް އިމްޔާ!” އަހަރެންނާ ދާދި ގާތުގައި ޖޫސްތައްޓެއް ހިފައިގެން އިށީންނަމުން އެނާ އަހަރެންގެ ނަން ކިޔާލިއެވެ. ހައިރާންކަމާއި ލަދުވެތިކަން އަދި ޖެހިލުންވުން ހިތަށްވެރިވިއެވެ. ނަމަވެސް ކުޑަކޮށް ހަމަޖެހުމެއްލިބުނީ އޭނާގެ ނަޒަރު އަހަރެންގެ މޫނާ ދުރުކޮށް ވާހަކަ ދައްކަން ފެށުމުންނެވެ. “ހައި! މީ އިފްސާހް ! އުފަން ރަށަކީ ހއ.ކެލާ. އެކަމަކު މާލޭގަ ދިރިއުޅެނީ. މިރަށަށް މިއައީ ވަޒީފާގެ ގޮތުން، ބޭންކުގެ ސިސްޓަމް މައްސަލައެއް ހައްލުކުރަން. އަދި އައިތާ ހަތަރުވަރަކަށް ދުވަސް ވާނީ.” އޭނާގެ އަޑު އަހަރެންގެ ކަންފަތުގައި މަޑުމޮޅި ރާގެއް ކުޅޭކަހަލައެވެ. އޭނާ މޫދަށް ބަލަހައްޓާއިގެން އިނދެ ވާހަކަ ދައްކަމުން ދިޔައިރު އަހަރެންގެ ދެލޯ ކަޅިޖަހާނުލާ އޭނާގެ މޫނުގައި ހުއްޓެވެ. ތީ ކިހާ ފުރިހަމަ އިންސާނެއް ހެއްޔެވެ؟ އަހަރެންނަށް ނޭނގޭ ބާރުތަކެއްގެ ހިމާޔަތަށް ދެވިފައިވާ ކަހަލައެވެ. އިފްސާހް އަށް އަހަރެން އިނގެނީ ކިހިނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. އެހެން އިންދާ އިސްޖަހާލަން ޖެހުނީ އަނެއްކާވެސް އިފްސާހް ގެ މޫނު އަހަރެންނަށް އަނބުރާލުމުންނެވެ. “ތި ހިތަށްއަރަނީ އަހަރެންނަށް އިމްޔާ އިނގެނީ ކިހިނެއްބާއޭ ދޯ! ހުމް އަސްލު އިމްޔާ ނުދަންނަން އެކަމު އެންމެ އިނގޭމީހަކީވެސް ތީ.” އެލަފްޒުތައް އަނެއްކާވެސް އަހަރެން ހައިރާން ކުރުވިއެވެ.
“އަޅެ އެންމެ ފަހަރަކުވެސް އަހާބަ ކިހިނެއްހޭ އެނގުނީ!” އިފްސާހުގެ އަޑުގައިވަނީ ކެތްތެރިކަމެވެ. އޭނާ އެދެނީ ހަމައެކަނި އަހަރެންގެ އަޑު އަހާލުމަށެވެ. އެކަން ވިސްނުމުން އަހަރެންނަށް ހީލެވުނެވެ. އަދި ބޭއިޚްތިޔާރުގައި ނަމަވެސް ދުލުގެ ކޮޅަށް ލަފްޒުތަކެއް ގެނެވުނެވެ. ” އާން. ބުނެވިދާނެތަ އަހަރެން އިނގޭ ގޮތެއް؟” އެވަގުތު އާޝޯހުވެފައި އޭނާ އަހަރެންނަށް ބަލަން ފެށިއެވެ. ” އަހަރެން ހުންނަނީ ވާފިރުބޭ މެންގޭގަ. އެދިމާާ އަތިރިމަތީގަ އިންނަ ވަރަށް ރީތި އަންހެންކުއްޖެއް ދެކެން. ހިތަށް އަރާ ގޮސް ވާހަކަ ދައްކަން . އެކަމަކު… ނުކެރެނީ. ” އެވަގުތު އަހަރުމެން ގެ ހަތަރުކަޅި ހަމަވުމާއެކު އަހަރެން ލަދުން އިސްޖަހާލީމެވެ. “ރޭގަ ކަންތައްކުރި ގޮތާމެދު މާފަށް އެދެން.” އިފްސާހް އަހަރެން އަދި ބަލާލާތޯ އިނެވެ. އަހަރެން ހީލީމެވެ.
ކުއްލިއަކަަށް އަހަރެންގެ އަތުގައިބާރަށް ހިފާ ތެދުކޮށް، ޖޫސްތަށި ބަހައްޓާފައި ހިނގައިގަތީ ނާދިޔާއެވެ. އަދި ތަންކޮޅެއް ދުރަށް ދެވުމުން މަޑުކޮށްލާފައި، ރުޅިވެރި ނަޒަރަކުން އަހަރެންނަށް ބަލާލިއެވެ. “މަރީ އަވަހަށް ދާން ހިނގާ! ރަޝިއްތަ މިދިމާލަށް އެއަންނަނީ. މަރީ އެސޮރުކައިރީ އިންތަން ފެނިގެން.” ނާދިޔާގެ ލަފްޒުތަކުން އަހަރެންގެ މެޔަށްހީވި ފެންއެއްޗެއް އޮއްސާލިހެންނެވެ. ގަޔަށް ލެވުނުހާ ބާރެއްލާފައި އަހަރެންނާއި ނާދިޔާ މަގުކޮޅަށްގޮސް އޮބާލީމެވެ. ހިނގަމުންދިޔައިރު ނާދިޔާ ފުންނޭވާލަމުން ވާހަކަދެއްކިއެވެ. “އެއީ އިފްސާހް ދޯ! ވާފިރުބޭމެންގޭ ފިހާރައިން ދިމާވެގެން މަރީގެ ވާހަކަ އެހި. އަހަރެން ހަމައެކަނި ނަން ބުނީ. ސޮރީ އިނގޭ ނާހާ ބުނެވުނީމަ” އެއީ އެއްވެސް ކަމެއްނޫނޭބުނެ ނަދިޔާގެ ހިތްހަމަ ޖައްސާލީމެވެ. ނާދިޔާމެންގޭ މަގާހިސާބަށް ނުދެވެނިސް އަހަރެންނަށް ކޯލްއެއް އައެވެ. “ޔާމިން” އަހަރުމެން އެންމެ ކައިރީ ހުރި ފާރަށް ލެނގިލައިގެންތިބެ ހަމަޖެހިލީމެވެ. އަދި އަހަރެން ފޯނުނަގައި ހަލޯއޭ ބުނެލީމެވެ.
“ހަލޯ! މަރީ! ހާދަ ހާސްވެފަ؟” ޔާމީން ގެ ވާހަކަ ތަކުން އަހަރެންގެ ހިތް އިތުރަށް ނުތަނަވަސް ވިއެވެ. “ކަމެއްނުވޭ. ޔާމިން ކިހިނެއް؟ ރޭގަ މާ އަވަހަށް ނިދުނީ.” ބަލިނޭވާލަމުން އަހަރެން ވާހަކަ ދެއްކީމެވެ. “އެންމެ ރަނގަޅޭ. އިނގޭމަރީ ބިޒީކޮށް އުޅެފަ އެހާއިރަށް ނިދޭނެކަން. ކޮންމެ ރެޔަކުވެސް އަހަރެންނަށް މާލަހުން ގުޅެނީ.” ޔާމީންގެ އެންމެ ކަމުދާސިފައަކީ އަހަރެންދެކެ އެއްވެސް ޝަރުތަކާނުލާ ލޯބިވުމެވެ. އެކަމާ އަހަރެން އުފާވެއެވެ. އަދި ބައެއްވަގުތު ތަކުގައި ދެރަވެސް ވެއެވެ. ” މަރީ ކޮންއިރަކު ފުރުން އޮތީ؟” އަނެއްކާވެސް ވާހަކަދެއްކީ ޔާމިންއެވެ ” 2 ދުވަސް ފަހުން. މިހާރު ޒުހޫވެސް ދޭ. އަހަރެން ދެން އެކަންޏެއްނުވާނެ ދޯ!” ފޯންކޯލް ނިންމާފައި އަހަރުމެން އައީ ގެޔަށެވެެ. ގެންފައި ހުރި ބިރެއްގެ ބޮޑުކަމަުން މިފަހަރު ނާދިޔާއަށް ޖެހުނީ އަހަރެން ގެޔަށް ލައިދޭން އަންނާށެވެ.
…….
ފޯނު އެލާމްވީ ފަތިސްނަމާދުގެ ބަންގީގެ އަޑާއެކުގައެވެ. މިއަދަކީ ފުރަން އޮތް ދުވަސްކަމުން ވަރަށް ރަނަގަޅަށް ސައިބޯލާ ތައްޔާރުވީމެވެ. ގޯތި ތެރޭގައި ހިއްކަން އަޅުވާފައި ހުރި ހެދުންތަށް ފަށްޖަހާ އަލަމާރިއަށްލާފައި އަހަރެންގެ ކުޑަދަބަހަށް ބޭނުންވާ ބައެއްސާމާނު އަޅަމުންދަނިކޮށް ދޮރުގައި މީހަކު ޓަކިޖެހިއެވެ. ދޮރު ހުޅުވިއިރު ހުރީ ބައްޕައެވެ. “މަރިޔަން ހޯދަން ޒުހުރާ އައިސް އެބައިން. 7 ޖަހާއިރަށް ލޯންޗު ފުރަޔޯ” ދަބަސް ނަގައިގެން ނުކުންނަމުން ބައްޕަގެ ސައިތައްޔާރުކޮށްފައި ހުންނާނެ ވާހަކަ ބުނީމެވެ.
“އަހަރެން ގަބޫލެއްނޫން މަރިޔަން އެކަނި ތަންތަނަށް ދާކަށް. މަނިކަށް އިނގޭތަ އިހަށްރޭ އެމަންޖެ ކައިރީ އެހެން ފިރިހެންކުއްޖެއް އިންދާ ދެކުނިން.” ކިތަންމެ ސިއްރުން ބުނި ނަމަވެސް މަންމަ އެދެއްކި ވާހަކަ ބައްޕަޔާ އެއްވަރަށް އަހަރެންނާއި އަދި ޒުހުރާއަށްވެސް އަޑުއިވުނެވެ.
4 Comments
Comments are closed.
mi part ves reethi. kon irakun next part up kuranany……
kuraany*
V reethi
Next part kiyaa hithun keh madhu vefa…plx..next part up kurahchey avahah