
އޯގަސްޓް 12-13
“ކައިގެން ދާނީ ދުއްވާލަންދޯ؟” ރޭގަނޑުގެ ކެއުން ނިންމާލާފައި އަހަރެން ތެދުވުމާއިއެކު ޝެޑިއުލްގައި އަންހެނުން ކަނޑައަޅާފައިވާ ކަންތައް ބުނެލިއެވެ. އަހަރެން ޖަވާބުގައި އަންހެނުންނާއި ދިމާއަށް ބަލާލުމަށްފަހު ހީލަމުން ބޯޖަހާލީމެވެ.
“އެކަމަކު ރަނގަޅަށް ކާތި! ދެމީހުނަށް ކާންޖެހޭކަން ހަނދާން ނައްތާ ނުލާތި!” ނުޝްރާ އަވަސް އަވަހަށް ކާން ފެށުމާއިއެކު އަހަރެން ބުނީމެވެ. އަދި ފަހަތުން އައިސް ނުޝްރާ ގައިގާ ބައްދާލުމަށްފަހު ނުޝްރާގެ ބަނޑުގައި މަޑުމަޑުން ފިރުމާލީމެވެ.
ނުޝްރާ ބަލިވެ އިންފަހުން މިހާރު ހަމަސް ދުވަސްވީއެވެ. މިހާރަކަށް އައިސް ކޮންމެރެއަކުވެސް ރޭގަނޑުގެ ކެއުމަށްފަހު ނުޝްރާ ގޮވައިގެ ދުއްވާލަން ނުވަތަ ހިނގާލަން އަހަރެން ދަމެވެ. ނުޝްރާދެކެ އަހަރެންވާ ލޯބީގެ އިތުރުން އަހަރެންގެ ފުރަތަމަ ދަރިފުޅަށްޓަކައި އަހަރެން ބޭނުންވީ ނުޝްރާ އަބަދުވެސް އުފަލުގައި ބެހެއްޓުމަށެވެ.
“ލޯބިވާދާންވީނުން ނުޝްރާ ނިންމެންވާއިރަށް ތައްޔާރުވެލަން” ނުޝްރާ ބޭނުންވީ ވީހާވެސް އަވަހަށް ބޭރަށްދިއުމަށެވެ. އެހެން ބުނުމާއި އަހަރެން ތައްޔާރުވެލުމަށްޓަކައި ކޮޓަރިއަށް ވަނީމެވެ.
“ކޮބާ ދާންވީތަ؟” އަހަރެން ތައްޔާރު ވެލައިގެން ނިކުމެ ނުޝްރާކުރެން އަހާލީމެވެ.
“މަޑުކުރޭ އެބަ އަންނަން ފާޚާނާއަށް ވަދެލާފަ” ނުޝްރާ އެހެންބުނެފައި ކޮޓަރިއަށް ވަނުމުން އަހަރެން ޓީވީ ހުޅުވާލީމެވެ.
“ހިނގާދާން” ނުޝްރާ އަވަސް އަވަހަށް ތައްޔާރު ވެލައިގެން ނިކުތެވެ. ޓީ.ވީ ނިވާލުމަށް ފަހު ގަޑިއަށް ބަލާލަމުން ދިއުމަށްޓަކައި އަހަރެން ތެދުވީމެވެ. އޭރު ގަޑިން ނުވައެއް ޖެހުމާއިދޭތެރޭ މާގިނަވަގުތެއް ނެތެވެ.
“ފުރަތަމަ ދާނީ ލޮނުޒިޔާރަތްކޮޅު ބަލާލަންދޯ؟” ސައިކަލު ދުއްވާލުމާއިއެކު އަހަރެން ދާން ބޭނުންވި މަންޒިލް ނުޝްރާ ކައިރީގައި ބުނީމެވެ.
އަހަރެން ބޭނުންވީ މިރޭވެސް ލޮނުޒިޔާރަތްކޮޅުގައި ހިނގަނީ ކޮންކަމެއްތޯ ބަލާލުމަށެވެ. މިހާރަކަށް އައިސް ކޮންމެރެއަކު ލޮނުޒިޔާރަތްކޮޅުގައި އޮންނަ މިނިވަން ބަހުސްތަކާއި ބޮޑިބަތްކެއުންވަނީ އަހަރެން ވަރަށް ފޫހިފިލާ ޖޯސް އަންނަ އަދި މަޖާ ކަމަކަށެވެ.
ތަފާތު ވާހަކަތަކުގައި ތިބެގެން ބޮޑުތަކުރުފާނުމަގުން އަދައިގެ ސްޕީޑެއްގައި ސައިކަލު ދުއްވަމުން ދިޔައިރު ދުއްވަމުންދިޔަ ގިނަބައެއްގެ މިސްރާބު އެއް ދިމާއަކަށް ވާކަން އަހަރެންނަށް ފާހަކުރެވުނެވެ.
“އަޅެ! މިރޭ އެއްވެސް ކަމެއް ނެތީތަ؟” އެހިސާބަށް ދެވުނުއިރު އެތަނުގައި ޚާއްޞަ އެއްވެސް ކަމެއް ނެތުމުން އަހަރެން ނުޝްރާކުރެން އަހާލީމެވެ.
“އާން.. މިރޭ އެއްވެސް ކަމެއްނެއް ދޯ؟ އަނެއްކާ ކިހިނެއްވީބާ؟” އެތަނުގައި އެއްވެސް ކަމެއްނެތުމުން އަންހެނުންވެސް އަހަރެންނާއި ބައިވެރިވެލުމުގެ ގޮތުން ސުވާލު ކޮށްލިއެވެ.
“މިތާ މަޑުކުރުމުގެ ބޭނުމެއްނެއް” އަހަރެން އެހެންބުނެފައި ސައިކަލު ދުއްވާލީމެވެ. އަހަރެން ބޭނުންވީ މާލެ ވަށާ ބުރެއް ޖަހާލުމަށެވެ. ހަމަ ނައްޓާލުމާއިއެކު ޖީބުގައިވާ ފޯނު ރިންގުވާން ފެށިއެވެ. އަވަސް އަވަހަށް ފޯނު ނަގާފައި ބަލާލީމެވެ. އެއީ ޝިޔާމުގެ ކޯލެކެވެ.
ނުނިމޭ………
One Comment
Comments are closed.
Salhi mi vaahaka masha Allah ❤️??koba nxt part meethi kiyaalan v interest ebahuri