ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 43
އީމަންގެ ބާރުގަދަ އަތްމައްޗަށް ޔާނާ އުފުލާލުމާއެކީ ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ. ދުރުގައި ބަލަން ހުރި ރީމްގެ ސިކުނޑީގައި ހަމަ ވިސްނުން ޓަކި ދިންފަދައެވެ. އެގޮތަށް އީމަން އިޔާނާއާ ކައިރިވެވިއްޖެ ނަމަ އަނެއްކާވެސް ޔާނާގެ ހަނދާންތައް ސިކުނޑިއަށް ވެރިވެގަނެއްފާނެކަން ޔަޤީނެވެ. ދުވެފައި ގޮސް އީމަންއާ އަރާ ހަމަ ކުރިއެވެ. އަދި ދެ ގާޑުން ކައިރީގައި އިޔާނާ ވެއްދުމަށް ބުނިނަމަވެސް އީމަން އެކަމާ ދެކޮޅުހެދިއެވެ. ގޭތެރެއަށް ވަދެވުމާއެކީގައި ބޮޑު ސޯފާގައި އިޔާނާ ބޭއްވިއެވެ. އެވަގުތު ފެންތަށްޓަކާއިގެން އައި މީހާ އަތުން ފެން ތަށި ހޯދުމަށްފަހު އިޔާނާގެ މޫނުގައި ފެން އުނގުޅަން ފެށިއެވެ. އިޔާނާގެ ކޯތާފަތުގައި ބީހިލެވުމާއެކީ އީމަންގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދެމިގެން ދިޔަފަދައެވެ. ޔާނާއާއެކީގައި ހޭދަކުރި ލޯބި ވަގުތުކޮޅުތައް ލޮލުމައްޗަށް ސިފަވާންފެށިއެވެ. މިކުރެވެނީ ހަމަ އެ އިހްސާސެވެ. ޔާނާގެ އޮމާން މޫނާއި އެ މަޑުކަން އީމަންގެ ހިތުގައި ބިންވަޅުނެގިފައިވާއިރު އެކަން އޮޅުވާލެވޭނީ ކިހިނެއް ހެއްޔެވެ؟
އީމަން އިޔާނާގެ މޫނުގައި މަޑުމަޑުން އަތް ބީއްސަމުން ގެންދާތަން ފެނި ރީމް އަވަސްއަވަހަށް އައިސް ފެންތަށި ހޯދިއެވެ. އީމަން ސިހި ހަމަ ދުނިޔެއަށް އާދެވުނެވެ. ޝަކީލާ އެތަނަށް އައީ ކޮން އިރަކުކަމެއްވެސް އީމަން އަކަށް ނޭނގުނެވެ. ކަންތައް ކުރެވުނު ގޮތް އިހުސާސްވެ އުނދަގޫވިއެވެ. ތެދުވެގެން ގޮސް ސިޑިން މައްޗަށް އަރަން ފެށިއެވެ.
ޝަކީލާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. “ޔާނާތަ؟” ރީމްއާ ސުވާލުކޮށްލިއެވެ.
ނަމަވެސް ރީމްގެ ގާތަށް އައީ ރުޅިއެވެ. އެއްވެސް ބައެއް އެއީ ޔާނާކަން ގަބޫލުކުރާކަށް ރީމް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޝަކީލާއަށް ވެސް އިޔާނާގެ އަސްލު އޮޅުން ފިލުވައި ދިނެވެ.
އީމަންގެ އެދުމުގެ މަތިން އިޔާނާ ހުރުމަށް ތައްޔާރުކުރީ އެގޭގެ އެންމެ ބޮޑު ގެސްޓް ރޫމެވެ.
އީމަން ހުރީ ކޮޓަރީގެ ބެލްކަނީގައެވެ. ކޮފީތަށްޓެއް ހިފައިގެން ރީމް ކޮޓަރިއަށް ވަނުމަށްފަހު ދޮރުތަޅުލިއެވެ. އަދި ސިއްރުސިއްރުން ހިނގާލާފައި ގޮސް އީމަން ކައިރީގައި ހުއްޓުނެވެ. ރީމް ހުއްޓުނުކަން އެނގުމުންވެސް އީމަން އެއްވެސް ސަމާލުކަމެއް އެކަމަކަށް ނުދިނެވެ. އުޑުގައި ބަބުޅަމުންދިޔަ ތަރިތަކަށް ބަލަން އިނީއެވެ. ހަނދުވަރު ދީފައި ވުމުގެ ސަބަބުން ބެލްކަނި ވަނީ ރިހި ދޯދިތަކުން އަލިވެފައެވެ. އީމަންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޔާނާގެ ހިޔާލުތަކެވެ. ދެމީހުން އެކުގައި ހޭދަކުރި އުފާވެރި ވަގުތު ތަކެވެ. ލަދުރަކި ހިނިތުންވުމެވެ. ދެމީހުން ލޯބިން އުޅުނު ގޮތެވެ. ވަފާތެރި އަންބެއްގެ ގޮތުގައި ހުރެ އީމަންގެ ދިރިއުޅުން ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ހަދައިގެން އުޅުނު ގޮތެވެ. މެލޭޝިޔާއަށް އައުމަށްފަހު ކުރިމަތިލާންޖެހުނު ކަންތައްތަކާއި ކުރިމަތިލީ ކެތްތެރިކަމާއި ވިސްނުންތެރިކަމެވެ. އޯގާތެރިކަމާއި ލޯބިން ފުރިގެންވާ އެދެލޮލުން ބަލައިލާ ކޮންމެ ފަހަރަކު އީމަންގެ ހިތް އުފަލުން ފުރެމުން ދިޔައެވެ. އަދިވެސް އެ ދުލުން އީމަންއަށް ގޮވާލާ އަޑު އަހަން ބޭނުން ވެއެވެ. އީމަން ބަލައިލާ ކޮންމެ ފަހަރަކު ލަދުރަކިކަމާއެކީ ހިނިތުންވާތަން ބަލަން މުޅި އުމުރު ދުވަސް ހޭދަކޮށްލަންވެސް ފަހެއްނެޖެހޭނެކަން ޔަޤީނެވެ.
އީމަންގެ ސަމާލުކަން ހޯދުމަށްޓަކައި ރީމް ކުޑަކޮށް ކަރުކެހިލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އީމަން އިސްޖަހާލިއެވެ. އަދި ރީމްއާ ވާހަކަ ދައްކަންފެށިއެވެ.
“ކޮބާ ޒާންގެ ވައިފް. މިހާރު ރަނގަޅުތަ؟”އީމަން ސުވާލުކޮށްލިއެވެ. ރީމް ކޮފީތަށި ދިއްކޮށްލަމުން އިޔާނާގެ މެހްމާންދާރީ ކުރިއަށް ދިޔަ ގޮތް ތަފްސީލުކޮށްދިނެވެ. އަދި މިހާރު ނިދިފައި އޮތްވާހަކަވެސް ބުންޏެވެ.
“ރީމް އަށް އިޔާނާ ފެނުމުން އެއްވެސް މީހެއް މަތިން ހަނދާން ވޭތަ؟” ރީމްގެ ވާހަކަ އަޑުއަހަން ހުރެ އީމަން ސުވާލުކޮށްލިއެވެ.
ރީމްގެ ހިތްބާރަށް ތެޅިގަތެވެ. “ނޫން. އަހަރެންނަށް އެއްވެސް މީހަކާ ވައްތަރެއް ނޫން. ކިހިނެތްވީ؟” ވަރަށް އޮމާންކޮށް ރީމް ބުނެލިއެވެ.
“އަހަރެންނަށް ހީވަނީ އެއީ ޔާނާހެން.” އީމަން ހިތުގައި އެއްވެސް ކަމެއް ފޮރުވުމެއް ނެތި ބުނެލިއެވެ. ރީމްއަށް ނޭވާ ހިފަހައްޓާލެވުނެވެ.
“ކީކޭ؟ ޔާނާއޭ!!؟؟” ރީމް އުނދަގޫވެފައި ހުރެ ވާހަކަދައްކަން ފެށިއެވެ. “އަހަރެންނަށް ޔާނާއާ އެއްވެސް ވައްތަރެއް ނޫން. އެންމެ ކަމެއް އޮތީ. ޔާނާ ވެސް ‘ޑްރެސް’ ކުރަނީ އެގޮތަށް. ވެދާނެއެއްނު އެހެންވެ ކަމަށްވެސް.”
“ހެދުމުން އެކަންޏެއް ނޫން. އަހަރެންނަށް ވަރަށް ޔަޤީން އެއީ ޔާނުކަން. އަހަރެންނަށް ޔާނުގެ އެ އިހްސާސް ނޯޅޭނެ. އެއީ ހަމަ ޔާނު. އެމޫނުގައި ފެން ހާކަމުން ދިޔައިރު އަހަރެންނަށް އެކަން އިހުސާސްކުރެވުނު. ހަމަ އެ އޮމާންކަމާއި މަޑުކަން” އީމަންގެ ވާހަކަ ތަކުން ރީމްގެ ބަސް ހުއްޓެމުން ދިޔައެވެ. ރީމްގެ ހިތުގައިވެސް ޝައްކު އުފެދެމުން ދިޔައެވެ.
“މާން! މާންއަށް ހަމަ ސާބަސް! ކޮންމެ އަންހެންކުއްޖެއްގެ މޫނުވެސް މަޑުވެފައި އޮމާންވާނެ. ނިކަން ބަލާބަލަ.” ރީމް އަވަސް ހަރަކާތަކާއެކީ އީމަންގެ އަތްތިލަ ނަގައިގެން މޫނުގައި ކާއްތާލިއެވެ. އީމަންއަށް އުނދަގޫވުމުގެ ސަބަބުން އަތް ދަމައިގަނެވުނެވެ. އަދި ބެލްކަންޏަށް ކުރިމަތިލުމަށްފަހު ކޮފީ ތަށި ބޯންފެށިއެވެ.
“މާން! ހަމަ އަސްލުވެސް އިޔާނާގެ ނެތް ޔާނުގެ އެއްވެސް ސިފައެއް. މާން އެހެން އަންހެނަކާއެކީގަ އުޅެފަ ނެތީމަ ހިވާ ގޮތް ތިޔައީ.” އީމަން އިތުރު އެއްޗެކޭ ނުބުނެ ކޮފީ ތަށި ހުސްކުރަމުންދިޔައެވެ. ރީމް އެއްފަހަރު ކޮފީތަށްޓަށް އަނެއްފަހަރު އީމަންއަށް ބަލަމުން ގެންދިޔައެވެ. އޭނާގެ ރޭވުން ކާމިޔާބު ވަމުންދާތީއެވެ.
“މާން! ޔާނު މަތިން ތިހާ މިސްވެފައި ހުންނައިރު އިޔާނާ ފެނުމުން ތިހެން ހީވުމަކީ ހަމަ އެކަށީގެންވާކަމެއް. އެކަމަކު ނިކަން ވިސްނާލަބަލަ. އެއީ ޒާންގެ އަންހެނުން. އެއީ ޔާނު ނަމަ މާން ކައިރިއަށް ނާންނަންވީ ސަބަބެއް ނެތެއްނު. އެހެންނޫނަސް އޭނަ އެއިނީ ޒާންގެ ދަރިއަކަށް ބަލިވެ. އެކަމުންވެސް އެބަ އެނގެއެއްނު އެދެމީހުން އުޅެނީ ލޯބިންކަން. އަހަރެންނަށްވުރެ ރަނގަޅަށް މިހުރިހާ ވާހަކަތަކެއް މާންއަށް ވިސްނެންޖެހޭނެ. އެއީ އަހަރެންނަށް ޒާން އެނގުނީ މިފަހުން. އެކަމަކު މާންއެއްނު ބުނީ ތިދެމީހުންގެ ދުވަސްވީ ރަހްމަތްތެރިކަމުގެ ވާހަކަވެސް.” ރީމް ދެއްކި ވާހަކަ އީމަންއަށް ޤަބޫލުކުރެވުނެވެ. އިޔާނާ އީމަންއާ ހަވާލުކުރުމަށްފަހު ޒާން އެދިޔައީ ވަރަށް އިތުބާރުކޮށްފައެވެ. ޒާންގެ އިތުބާރު ގެއްލި ދެމީހުންގެ ރަހްމަތްތެރިކަމަށް ބުރޫ އަރާ ކަންކަން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެކަމަކުވެސް ހިތުގައި އުފެދިފައިވާ ޝައްކު ފިލައިގެން ދާނެ ހަމަ އެއް ގޮތެއްވެސް ނުވިއެވެ.
ކޮފީތަށި ދިނުމަށްޓަކައި އީމަން ރީމައާ ދިމާއަށް އެނބުރުނު ވަގުތު ރީމް ދާދި ގާތުގައި ހުރުމުގެ ސަބަބުން ކޮފީތަށީގެ ބާކީ ހުރި ބައި ރީމްގެ ގަޔަށް ބަންޑުންވިއެވެ.
“ސޮރީ.” އީމަންއަށް އަވަސް އަވަހަށް ބުނެވުނެވެ. ރީމް ހޫނު ވުމުގެ ސަބަބުން އަވަސް އަވަހަށް ގޮސް ފާހާނާއަށް ވަނެވެ.
އިރުކޮޅެއްފަހުން ރީމް އީމަންއަށް ގޮވާލި އަޑު އިވުނެވެ. “މި ހެދުން އެއްކޮށް ތެމިއްޖެ. ދީފާނަންތަ ޓީޝާޓެއް.”
އީމަން އަލަމާރި ހުޅުވާލުމަށްފަހު އީމަންގެ ޓީޝާޓެއް ނަގައިގެން ގޮސް ފާހާނާގެ ދޮރުގައި ޓަކިދިނެވެ. ކަހާލެވޭގޮތަށް ހުންނަ އެދޮރުފަތް ތަޅުނުލާ ހުރުމުގެ ސަބަބުން އީމަން ޖެހިލާއިރަށް ދޮރު ކެހިގެން ދިޔައެވެ. ފާހާނާގައި ހުރި ރީމް އަށް ގައިގައި އަތް އަޅާލެވުނެވެ. އީމަން އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ދެލޯ ބާރަށް ފިއްތާލެވުނެވެ. ރީމްގެ ހަށިގަނޑު އެއްވެސް ނިވަލެއްނެތި އެގޮތަށް ފެނުމުން އީމަންއަށް އުނދަގޫވިއެވެ.
ރީމް އީމަންގެ ޓީޝާޓް ލިއެވެ. ފައިގެ ފަލަމަސްގަނޑާ ހަމައަންނަ ހުދު ޓީޝާޓް ލައިގެން ރީމް ކޮޓަރިތެރެއަށް ނިކުތެވެ. ރީމްގެ ދޮން ދެފައިވަނީ ހާމައަށެވެ. ފަން އިސްތަށިގަނޑު އެއްކޮނޑުމަތިން ކުރިމައްޗަށް ދޫކޮށްލެވިފައި ވާއިރު މޫނުމަތީގައިވަނީ އާދަޔާހިލާފު އަސަރު ތަކެކެވެ. އީމަން އިނީ ސޯފާގައި އިށީނދެލައިގެން ޓީވީއަށް ކުރިމަތިލައިގެންނެވެ. ހަށިގަނޑަށް ތަފާތު އުނދަގުލެއް ވާން ފެށުމުން ގޮސް އިށީނީއެވެ.
ރީމް ފަހަތުންއައިސް އީމަންގެ ކަނދުރާގައި އަތް ބީއްސާލިއެވެ. ސިހުންލިބި އީމަންއަށް ފަހަތަށް ބަލައިލެވުނެވެ. ހަމައެކަނި ޓީޝާޓެއް ލައިގެން ހުރި ރީމްފެނި ހިތް ތެޅެންފެށީ ޖެހިލުންވުމުގެ ސަބަބުންނެވެ. ހަށިގަނޑަށް ވަރުބަލިކަން އިހުސާސް ކުރެވެން ފެށިއެވެ. ރީމްގެ ބީހުންތަކުން އުނދަގޫވާން ފެށުމުން އީމަން ކޮޅަށް ތެދުވެލިއެވެ. އެހިނދު ރީމް އީމަންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
“ޕްލީޒް މާން!. މިރޭ އަހަރެން ދުރުކޮށްނުލާތި.” އީމަންގެ މޭގައި ބޯ އަޅާލަމުން ރީމް ބުނެލިއެވެ. ރީމް ޖެހިފިތި ބާރުވެފައި ވުމުގެ ސަބަބުން އީމަންއަށް ރީމްގެ ހަށިގަނޑު އިހުސާސް ވަމުން ދިޔައެވެ. ނަމަވެސް މިރޭ އީމަންގެ ތަބީޢަތް ރަނގަޅެއް ނޫނެވެ. ވަރުބަލިވެ ގައިން ވަރު ދޫވާ ގޮތްވަނީއެވެ. ބާރުލާފައި ރީމް ދުރުކޮށްލިއެވެ. އަދި އެނދާ ދިމާއަށް ހިނގައިގަތީ ކޮޅަށް ހުންނާނެ ވަރު ނެތުމުންނެވެ.
ރީމް ފަހަތުން އައިސް އީމަންގެ ގައިގައި އޮޅުލައިގަތުމުގެ ނަތީޖާއަކަށްވެގެން ދިޔައީ ދެމީހުން އެއްކޮށް އެނދުމައްޗަށް ވެއްޓުމެވެ. ބޮލަށްކޮށްފައިވާ ބާރެއްގެ ސަބަބުން ރީމްގެ ހަރަކާތްތައް ހުއްޓުވާނެ ހާ ހިތްވަރެއް ލިބިގެނެއް ނުދިޔައެވެ. އެންމެފަހުން ރީމްގެ ބީހުންތަކަށް ބޭއިޚްތިޔާރުގައި އިޖާބަދެވެން ފެށުނެވެ.
ހުމާމުގެ އެދުމުގެ މަތިން ރޭގަނޑުގެ ކެއުމަކަށް ދާން ސައުދިއްޔާ ޖާހަތު އެއްބަސް ކުރުވިއެވެ.
“ދަރިފުޅާ، ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭނެ. އެއީ މާ ބޮޑު ކަމެއް ނޫން. މައްސަލަ ޖެހުމާއެކު ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެންމެ އިސްކަން ދޭންވާނީ.” ސައުދިއްޔާ ޖާހަތުއަށް އެގޮތަށް ނަސޭހަތް ދެމުން ދިޔައީ ހުމާމު ދެއްކި ވާހަކަ ތަކުގެ މައްޗަށެވެ. ޖާހަތު ބޭރަށް ދާން އެއްބަސް ނުވުމުން ހުމާމު ސައުދިއްޔާ ކައިރީ ޖާހަތު އެއްބަސް ކޮށްދިނުމަށް އެދުނީ މައްސަލަ ޖެހިގެން އުޅެނީ ކަމުގައި ބުނަމުންނެވެ.
ޖާހަތުއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ދެކޮޅު ހެދުމުގެ ގޮތުން ދައްކާނެ ވާހަކައެއް ނޭނގުނީއެވެ.
ޖާހަތު ތައްޔާރުވެގެން ނިކުތް ތަން ފެނުމުން ހުމާމު އުފަލުން ހިނިތުންވެލިއެވެ. މަޑުނޫކުލައިގެ ގަމީހާއި ކަޅު ސްކިނީގެ އިތުރުން ކަޅާއި މަޑުނުލުގެ ޝޯލްގައި ޖާހަތުގެ ދޮން މޫނު ވިދަމުން ދާފަދައެވެ. ސައުދިއްޔާ އައި ފަހުން ޖާހަތު ކުޑަކޮށް ފަލަ ވެފައި ހުރުމުން ފެންނަނީ ވަރަށް ލޯބިކޮށެވެ. ޖާހަތު އަރާ ހަމަ ވުމުން ކޮނޑަށް އަތް އަރުވާލައިގެން ގެއިން ބޭރަށް ނިކުތެވެ. ނަމަވެސް ދޮރާ ނިވާ ވުމާއެކީ ޖާހަތު ހުމާމުގެ އަތް ދުރުކޮށް ދުރަށް ޖެހިގަތެވެ.
ރެސްޓޯރެންޓަށް ވަދެ މޭޒެއް ދޮށުގައި ދެމީހުން އިށީންނުމާ ހަމައަށް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ.
“ތިން މަސް ހަމަ ވުމާއެކީގައި މެރީ ކުރަން ވާނެ!” ފެންތަށިން ފެން ފޮދެއް ބޯލަމުން ހުމާމު ޖާހަތަށް ބުނެލިއެވެ. ޖާހަތުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“ހަމައިން ނެއްޓުނީތަ؟ އަހަރެން ނޫޅެން ހުމާމާ އިންނާކަށް.” ހިތްހަމަ ނުޖެހި ހުރެ ޖާހަތު ބުނެލިއެވެ.
“ކަޑަ ނުހަދާ. އަހަރެން ވަރަށް މަސައްކަތުން މިހިސާބަށް އައީ. ދެން ހުއްޓާލާކަށް ބޭނުމެއް ނޫން.” ގޮނޑީގައި ލެނގިލަމުން ހުމާމު ޖާހަތުއަށް ބުނެލިއެވެ.
“ބުނަންތަ ހުމާމު ރަނގަޅު ވާހަކައެއް. އަހަރެން މިއީ ކުޅޭ ކުޅޭ ބުދެއް ނޫން. އަހަރެންނަށް އިނގޭނީ އަހަރެން ކައިވެނި ކުރަން ވީމަ. ހުމާމަށް އެންމެ ރަނގަޅުވާނީ މަޑުމަޑުން ހުރި ހިސާބަކު ހުރިއްޔާ.” ޖާހަތު ހުމާމަށް އިންޒާރު ދިނެވެ. ހުމާމު ސީރިއަސް ވެލިއެވެ. ކުރިއަށް ޖެހިލާ މޭޒުމަތީގައި އަތް ވިއްދާލިއެވެ.
“އަހަރެން ހުންނާނީ އަހަރެން ބޭނުން ހިސާބެއްގަ. މިތަނުގަ ބުދަކަށް ވަނީ ޖާހަތުއެއް ނޫން. އަހަރެން. ތި ދެމީހުންގެ އަމިއްލަ ބޭނުމަކަށްޓަކައި އަހަރެންގެ ބޭނުން ކުރަމުންދާއިރު މިތަނުގައި އަހަރެން މިއުޅެނީ ތިދެމީހުންގެ އަޅެއް ހެން.” ހުމާމު ވާހަކަ ކުރިއަށް ގެންދިޔައެވެ.
ޖާހަތު ހުމާމަށް ބަލަހައްޓައިގެން އިން އިރު މޫނުމަތިން ނުރުހުންވުމުގެ އަސަރު ފެންނަން ހުއްޓެވެ.
“އަހަރެންގެ ރަނގަޅު ކަމުން މިގޮތަށް މިއުޅެނީ. ދެން އެންމެ ރަނގަޅު! ޖާހަތު އަހަރެންނާ ނީނދެ ދެން ކާކާ އިންނާނީ؟” ހުމާމު ދެން ފެށީ ޖާހަތުއަށް ވިސްނައިދޭށެވެ. ” ހަމަ ގައިމުވެސް އާއިޒު އިނދެގެން އުޅެން ބޭނުން ނުވާތީއެއްނު ވަރިކޮށްފަ ތިއިނީ. ދެން އެހެން ނޫނަސް އޭނައަކަށް ނީނދެވޭނެ ޖާހަތުއާ. އެއީ އޭނަ ކޮށްފަ އޮތް ވަޢުދެއް. އާއިޒުގެ މަންމަ ރަނގަޅުވެގެން އައުމުން ޖާތު ވަރިކުރުން.” ޖާހަތުގެ މޭގަނޑު އަނގަޔަށް އައި ފަދައެވެ. ދެލޯ ބޮޑުވެގެން ދިޔައީ ޤަބޫލުކުރަން ދަތި ވުމުންނެވެ. މިއީ މާ ކުރިއްސުރެ ރޭވިފައި އޮތް ގޮތްތާއޭ ހިތް ބުނެލިއެވެ.
“އެހެންނޫނަސް، އޭނަ އުޅެނީ އެހެން ކުއްޖަކާ ރަށްޓެހިވެސް ވެގެން.” ހުމާމު ވާހަކަތައް ޖާހަތު ގަބޫލެއް ނުކުރިއެވެ. “ގަބޫލެއް ނުކުރެވޭ ދޯ؟ ބަލާބަލަ އެހެރަ މޭޒަށް.” ތަންކޮޅެއް ދުރުގައި ހުރި މޭޒަކަށް އިޝާރާތްކޮށްލުމުން ޖާހަތު އެދިމާއަށް ބަލައިލިއެވެ. އާއިޒުގެ އިތުރުން އެހެން އަންހެން ކުއްޖެއް އެމޭޒު ކައިރީގައި ތިއްބެވެ.
ޖާހަތު އެނބުރި ހުމާމަށް ބަލައިލިއިރު މޫނު މަތިން ފެންނަމުން ދިޔައީ މަލާމާތުގެ ހިނިތުންވުމެކެވެ. “އަދި އެއް މޭޒެއްގެ ކައިރީގަ ތިބުމަކީ އިންނަން އުޅުމެއް ނޫނެއްނު. އެންމެ ކައިރިން މިސާލެއް ދައްކާލާނަމަ އަހަރުމެންނަށް ވިސްނާލަބަލަ. އިނދެގެންނޯ މިއުޅެނީ. އެކަމަކު ހަޤީޤަތް އޮތީ ދިމާ އެކޮޅުކޮޅުން.”
ޖާހަތުގެ ސާބިތުކަން ފެނި ހުމާމު ދެކޮޅަށް ބޯ ހޫރާލިއެވެ. ފަސޭހައިން ހައްލާ ނުލެވޭނެކަން އެނގުމުންނެވެ. ދެން ޖެހޭނީ ކޮންމެވެސް އެހެން ރާސްތާއެއް ހިޔާރުކުރާށޭ ހިތް ބުނެލިއެވެ.
“ދެން ތީގެ މާނައަކީ ކޮބާ؟” ހުމާމު ސުވާލުކޮށްލީ ޖާހަތުގެ ހިތް އޮތް ގޮތް ބެލުމަށެވެ. “އާއިޒު އެހެން މީހަކާ ނީންނާނެއޭތަ؟ ނޫނީ ޖާހަތު އިންނާނީ ހަމަ އާއިޒު އާ އޭތަ؟”
ހުމާމު ކޮށްލި ސުވާލަކި ޖާހަތުއަށް ފުންކޮށް ވިސްނާލަން މަޖުބޫރުވެގެން ދިޔަ ސުވާލަކަށް ވިއެވެ. ކުރިއަށް ދެން ކަންތައް ކުރަންވީ ކިހިނެތް ހެއްޔެވެ؟
ނިދިފައި އޮތް އިޔާނާއަށް ހޭލެވުނީ ހުވަފެނެއްގެ ތެރޭގައި އޮއްވައެވެ. ހުވަފެނުގައި ފެންނަމުން އެދަނީ ކާކު ކަމެއް ހަމަ އެއްގޮތަކަށްވެސް ސާފެއް ނުވިއެވެ. ދެމީހެއް ލޯބިން އުޅެމުން ދާ ތަނެވެ. އުފާވެރިކަމާއި އެކީގައެވެ. އިތުރަށް ވިސްނަން ބޭނުން ނުވުމުގެ ސަބަބުން ފޯނު ނަގައި ޒާންއަށް ގުޅިއެވެ. ނުތަނަވސްވާ ކޮންމެ ދަނޑިވަޅަކު ޒާންއާ ވާހަކަ ދައްކާލުމުން އަޖައިބެއްފަދަ ހަމަހިމޭންކަމެއް ލިބޭތީއެވެ.
“ހަލޯ!” އެކޮޅުން ޒާން ވާހަކަ ދެއްކިއެވެ. އަދި އިޔާނާގެ ހާލު އޮޅުން ފިލުވިއެވެ. އިޔާނާވެސް ޒާންގެ ހާލަތު އޮޅުން ފިލުވިއެވެ.
“އައްޑޫގަ މިހުރީ. މަންމަ ކައިރީގަ.” ޒާން ބުނެލިއެވެ. އިޔާނާ އަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ޒާންގެ މަންމައާ ބެހޭ މަޢުލޫމާތެއްވެސް އޭނާއަކަށް ނޭނގެއެވެ.
“މަންމައަކީ އައްޑޫ ހިތަދޫ މީހެއް. ޔާނާ ކުރިން މަންމަ ކައިރިއަށް އައި. އެއީ މެރީކޮށްގެން….” ޒާން އިޔާނާއަށް ކިޔައިދިނެވެ. “ދެން އެވާހަކަ ނުދައްކާ. މަންމައާ ވާހަކަ ދައްކަބަލަ. މި ދެނީ!” ޒާން އޭނާގެ މަންމައަށް ފޯނު ދިނެވެ.
އެކޮޅުން އަންހެނަކު ވާހަކަ ދައްކަން ފެށިއެވެ.
“ހަލޯ! ދަރިފުޅާ އިޔާނާ! ކިހިނެތްތަ؟ އަދިވެސް ހޮޑުލެވޭތަ؟” އޯގާތެރިކަމުން ފުރިގެންވާ އަޑަކުން އެކޮޅުން އަންހެނެއް ވާހަކަ ދައްކަން ފެށިއެވެ. އިޔާނާ މަޑުމަޑުން އާނއެކޭ ބުނެލިއެވެ.
“މަންމަ ޒާން ކައިރީގަ އެބަ ބުނަމޭ ދަރިފުޅު މިކޮޅަށް ގެންނަންވީ ނޫން ހޭ ގަދަ ވެލަންދެން.” ޒާންގެ މަންމަ ބުނި އަޑު އިވުނެވެ.
ކުޑަ އިރުކޮޅަކަށްފަހު ދެން ނިދާލާށޭ ބުނަމުން އެކޮޅުން ފޯނު ބޭއްވުމުން އިޔާނާ ނިކުތީ ބޭރަށެވެ. ބަނޑުހައިކަން އިހުސާސް ކުރެވޭތީ ކޮންމެވެސް އެއްޗެއް ކާލަން ބޭނުންވީއެވެ. ނަމަވެސް ބަދިގެއަށް ދާންވީ ގޮތެއް ނޭނގުނެވެ. ސިޓިން ރޫމްގެ ފަނޑު އަލީގައި ހިނގަމުން އެކި ކޮޅުކޮޅު ހޯދަންފެށިއެވެ. މަތީ ކޮރިޑޯރއިން އަޑެއް އިވުމުން އެދިމާއަށް މިސްރާބު ޖެހިއެވެ. މީހެއް ފެނިދާނެކަމުގެ އުންމީދުގައެވެ.
ސިޑިތައް ގިރާކުރަމުން މަތީބަޔަށް އަރައި ކުރިއަށް ހިނގަމުން ދިޔައެވެ. މަޑު ފިޔަވަޅު ތަކަކާއެކީއެވެ. ފުން ވިސްނުމެއްގައި ހުރެގެންނެވެ. ސިހުންލިބިގެން ދިޔައީ ކައިރީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމުންނެވެ. އެކޮޓަރިން ނިކުތީ ރީމްއެވެ. ހަމަ އެކަނި ޓީޝާޓްކޮޅެއްގައި ހުރި ރީމް ފެނުމުން ޔާނާއަށް އުނދަގޫވިއެވެ. ރީމްއަށްވެސް ސިހުން ލިބިގެން ދިޔައެވެ.
4 Comments!
Comments are closed.
V. ufaavehje avahah up koh dhinyma..v reethi mi part vx
kureefaharu ves vara inthixaaru kurin vaahaka up kohlaane dhuahaka..thankx mifaharu avaha up kohdhineema..i enjoyed reading this part also..itx awesum
ވަރަފޫހިވޭ ރީމް ދެކެ………….
ވ. ރީތި… ހަމަ މިގޮތައް އަވަހަށް ގެނެސްދީބަ……. ރީމް އާ އީމާން އެހާ ކައިރި ނުކުރައްޗޭ… ޔާނާ ކޮންއިރަކުތަ ހުރިހާ އެއްޗެއް ހަނދާން ވާނީ….؟؟؟؟؟ ކޮންއިރަކު އަނެއްބައި ގެނެސްދޭނީ….؟؟ ވ DESPERATE ވެފަ މިހިރީ….