Skip to content
އެސްފިޔަ

ޢަޞްރު (އެކާޅީސްވަނަ ބައި)

އަނެއް ސަބަބަކީ އޭނައަށް ދާދި ދެންމެއަކު ބަދިގެތެރެއިން އިވުނު ވާހަކަތަކެވެ. އެ މީހުންނަށް ހަމަ މިރޭ ތިއްތިބެ މި ރެސްޓޯރެންޓަށް އަންނާނެކަން އެނގުނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ. ވިސްނުމެއްގެ ތެރޭގައި އައިމަން ހުއްޓާ އޭނައަށް ހަމަހޭވެރިކަމެއް ލިބުނީ ނުހަނު ކައިރިން “އެކްސްކިއުޒް”އޭ ބުނެލި އަޑަށެވެ. އެވަގުތު އޭނަގެ ކުރިމަތީގައި ހުރި މޭޒުގައި އިން ފިރިހެނަކު ހުރީ ފައިސާ ލާފައި ލެއްޕިފައި އޮތް ޕޮކެޓް އޭނައަށް ދިއްކޮށްގެނެވެ. އައިމަން ގަދަކަމުން ހިނިތުންވެލަމުން އޭތި ހޯދި ވަގުތު ވެސް އޭނަވީ ކަންބޮޑުވުމެއްގެ ތެރޭގައިކަން އޭނަގެ ލޯ ހެކިދިނެވެ.

 

ފައިސާ ޙަވާލުކުރަންވީ ތަނާއި ޙަވާލުކުރުމަށްފަހު އައިމަން އަނެއްކާވެސް މިޞްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ. ބަދިގެއަށް ވަދެވުނު ތަނާހެން އަނެއްކާވެސް އޭނައާއި ދިމާލަށް ތަބަކެއް ދިއްކުރެވުނެވެ.

 

“މީތި ގެންދާނީ ޓޭބަލް 8 އަށް.” އޭނައަށް ތަބައް ދިއްކުރި ޒުވާނާ ބުނެލިއެވެ. ތަބަކުގައި ހުރި ނޫޑޫލްސްއާއި ފްރައިޑް ރައިސް ތަށްޓާއިއެކީ ތިބި މިލްކް ޝޭކްތަކަށް ނަޒަރު ހުއްޓައިގެން ހުރެ އައިމަން އެ ތަބައް ހޯދަން އުޅުނެވެ. އެހެނަސް އެވަގުތު ބަދިގޭގައި ކައްކަން އުޅުނު ފިރިހެން މީހާ އެހެން ތަށްޓަކާއެކީ އައެވެ.

 

“މަޑުކޮށްބަލަ އެ ޓޭބަލްއަށް ގެންދާނީ މީތި.” އެ ފިރިހެން މީހާ ތަބަކުގައި ހުރި ނޫޑޫލްސް ތަށި ނަގައި އޭނަގެ އަތުގައި ހުރި ނޫޑޫލްސް ތަށި އެ ތަބަކުގައި ބެހެއްޓިއެވެ. އެ ހިނދު މަންޒަރު ބަލަން ހުރި އައިމަންގެ ދެބުމަ ކައިރިވިއެވެ. އެ ވީ ކިހިނެއްތޯ ހިތަށްއެރިއެވެ. އޭނައަކަށް އެ ދެ ނޫޑޫލްސް ތަށީގެ އެއްވެސް ތަފާތެއް ނުފެނެއެވެ. އެ ދޭތި ހުރި ގޮތާއި ކުލައަށް ދާންދެން އެއްގޮތެވެ. އޭނައަށް ނޭނގޭ ގޮތަކަށް އޭގެ ރަހަ ބަދަލު ކުރެވުނީތޯ އައިމަންގެ ހިތް ބުނެލީ ހިނދު އޭނަ އެ ތަބަކުގައި ހިފިއެވެ. އަދި އެކަމާމެދު މާ ބޮޑު ފަރުވާލެއް ނެތި ތަބަކާއެކީ ބޭރަށް ދިޔައެވެ.

 

އަށްވަނަ މޭޒާއި ގާތްވީވީހެން އައިމަންގެ ފިޔަވަޅުތައް ލަސްވެގެން ދިޔައީ އެއީ ވިސާމްމެންގެ މޭޒުކަން އެނގުމުންނެވެ. އިރުކޮޅެއް ވަންދެން ރެސްޓޯރެންޓްގެ މެދަށް އޭނަގެ ފިޔަވަޅުތައް ވެސް މަޑުޖެހުނެވެ. އޭނަ ތިއްތިބެގާތު އަމިއްލަ ނަފްސާއި ބެހޭގޮތުން ބުނާނީ ކީކޭބާއޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު މިއީ އެހެން ނޫނަސް ސްކޫލްގެ ކިޔެވުން ނެތް ދުވަސްވަރެއްކަން އެނގުންވީ ހިނދު ދޭނެ ޖަވާބުތަކާމެދު ވިސްނާލަމުން އައިމަން ގޮސް އެ މޭޒާއި ހަމަ ކުރިއެވެ.

 

“ހިއާރ ޔޫ ގޯ ސާރ!” އައިމަން އޭނަ އާއްމު ގޮތެއްގައި ނަހަދާ ގޮތަށް ނުހަނު އެކުވެރި ރާގަކަށް އެހެން ބުނެލަމުން ވިސާމްގެ ކުރިމަތީގައި ފްރައިޑް ރައިސް ތަށި ބެހެއްޓިއެވެ. އައިމަންގެ އަޑު ނަގައިގަނެވުނު ވިސާމަށް އޭނައާއި ދިމާލަށް ބަލާލެވުނީ ދެބުމަ ކައިރިކޮށްލަމުންނެވެ.

 

“އައިމަން؟ މިތާ ކީއްތިކުރަނީ؟” ޙައިރާންކަމެއްގެ ތެރޭގައި އިނދެ ވިސާމަށް އަހާލެވުނެވެ. އެވަގުތު އައިމަން ތަބަކުގައި އެންމެ ފަހަށް ހުރި މިލްކް ޝޭކްތަށި މިޝްކާ ކުރިމަތީގައި ބަހައްޓާފައި އޭނައަށް ބަލަންއިން މިޝްކާގެ ކުޑަ ނޭފަތުގައި ހިފާލިއެވެ.

 

“ޑޯންޓް ބީ ޝޮކްޑް ތިއްތިބޭ. އަހަރެން މީ އަދިވެސް ބައްޕަ ދިންހާ އެއްޗަކުން ކައި އުޅޭ މީހެއްނޫނޭ. ސްކޫލް ނިމުމުގެ ކުރިން ވެސް ލިބުނު ޖޮބެއް މިހޯދީ އިންޑިޕެންޑެންޓްވާންވެގެން. ދިސް ފީލްސް ރިއަލީ ގުޑް.” އައިމަން ފުރިހަމަ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އޭނަގެ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއްވިއެވެ. އަމިއްލައަށް މަސައްކަތް ކޮށްގެން ފައިސާ ހޯދުމުން އޭނައަށް ލިބެނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. މީގެ ކުރިން އޭނަ މިކަން ނުކުރީ ކީއްވެބާއޭ ވެސް ހިތަށްއަރަމުން ދިޔައެވެ.

 

“ދެޓްސް ގްރޭޓް! ވިޝް ޔޫ އޯލް ދަ ބެސްޓް.” ވިސާމް ހިނިތުންވުމެއްގައި އިނދެ ބުނެލިއެވެ. އެވަގުތު ދުރުން މީހަކު ވެއިޓަރަށް ގޮވާލި އަޑަށް އައިމަނާއެކީ ވިސާމްމެނަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. އައިމަން މި އަންނަނީއޭ ބުނެ ދެންވެސް ވިސާމަށް ހިނިތުންވުމެއް ހަދިޔާކޮށް ދަނީ ކަމަށް ޢިޝާރާތް ކޮށްލަމުން އޭނައަށް ގޮވި މީހާގެ ޚިދުމަތަށްޓަކައި ދިޔައެވެ. އައިމަން އެ މީހާއާއި ވާހަކަ ދައްކަން ފެށިތަން ފެނިފައި ވިސާމް ޝަފަޤާއި ވީ ފަރާތަށް އެނބުރިލަމުން ވާހަކަ ދެއްކިއެވެ.

 

“އެއީ އަހަރެންގެ ތިމާގެ ކުއްޖެއް. މިޝީ އެއީ ބޭބެއެކޭ އިނގޭ؟” ވިސާމް އެއްފަހަރު ޝަފަޤަށް އަނެއްފަހަރު މިޝްކާއަށް ބަލަމުން ބުނެލިއެވެ.

 

“އެއީ ޚާލިދުގެ ދަރިފުޅު، ދޯ؟ ރަނގަޅު ކުއްޖެއް ވައްތަރު ޖަހަނީ އަތުގަ ޗޭނެއް އޮތަސް. މަންމަ ބުނި އެމީހުން ނަމާދު ކުރަނީ ވަރަށް ޙާލުންނޭ. އެއީ ތެދެއްތަ؟” ޝަފަޤަށް އަހާލެވުނެވެ. އައިމަނަކީ މިހާރުއްސުރެ އެހެން މީހުންނަށް ޚިދުމަތް ކުރުމުގެ ލޯތްބެއް ޖެހިފައިވި ކުއްޖަކަށްވުމުން އައިމަން ދީން އުނގެނިއްޖެނަމަ އޭނަ މުޖުތަމަޢަށް ފޯރުކޮށްދީފާނެ ހެވާއި މެދު ވިސްނުމުންނެވެ. އެހެނަސް ވިސާމްގެ ފަރާތުން ލިބުނު ޖަވާބުން ޝަފަޤްގެ ހިތް މާޔޫސްވިއެވެ.

 

“ހެހެ….އެ މީހުން ކީއްކުރަންތަ ނަމާދު ކުރަންވީ؟ އެމީހުންނަށް ދިރިއުޅުމުގަ ބޭނުންވާހާ ކަމެއް އެމީހުންގެ ބައްޕަ އެމީހުންނަށް ހޯދައިދޭ. ދެން ކޮން ކަމަކަށް އެދި އެމީހުން ނަމާދުކުރަންވީ؟ އަސްލު އަހަރުމެން ވެސް ވަކި ކީއްކުރަން ނަމާދުކޮށް ދުޢާކުރަންވީ؟ އަހަރުމެން މިއުޅެނީ ކިހާ ހެޕީކޮށް؟” ވިސާމަށް ބުނެލެވުނެވެ. އޭނަ މިފަދަ ވާހަކަތައް ދެއްކުމުގައި ޖެހިލުންކުޑަވުމީ މިހާރު އާ ކަމެއްނޫނެވެ. އޭނަ އެފަދަ ވާހަކައެއް ދެއްކިއަސް މަންސޫރާއި ޚިލާފަށް ޝަފަޤް ރުޅި އިސްނުކޮށް އޭނައަށް ކޮންމެވެސް ޖަވާބެއް ދޭތީ އޭނައަށް މިހާރު ދީނާއިމެދު އޭނަގެ ހިތަށް އަންނަހާ އެއްޗެއް ބުނެވެއެވެ. މިފަހަރުވެސް އޭނައަށް ޝަފަޤްގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ.

 

“ހެޕީކޮށް އުޅެވެނީ ﷲ އަހަރުމެންނަށް މުޞީބާތެއް ނުޖައްސަވާތީ. އެކަމަށްޓަކައި އަހަރުމެން ޝުކުރުވެރިވާން ނުޖެހޭތަ؟ މި ދުނިޔޭގައި ކިތަންމެ ގިނަ މުދަލެއް ލިބުނަސް އަހަރުމެންނަށް އެ ދެއެއްޗަކުން ސަލާމަތް ނުވެވޭނެ ދެ އެއްޗެއްވޭ. އެއީ އަހަރުމެންގެ މާޒީގައި ވެފައިވާ ކަންތައްތަކުގެ ހިތާމަތަކާއި މުސްތަޤްބަލުގައި ވާނެ ކަމެއްގެ ބިރު. އެއިން އަހަރުމެންނަށް ސަލާމަތް ވެވޭނީ ހަމައެކަނި ﷲ ދެއްކެވި ތެދުމަގަށް ތަބާވެގެން. އެ ނޫންގޮތަކަށް އަހަރުމެންނަށް އެއިން މިންޖުވެވޭނެ ގޮތެއްނެތް.” ޝަފަޤް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން ވިސާމަށް ހުރެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. މާޒީގައި ހިނގާފައިވާ ހިތާމަވެރި ކަންތައްތަކޭ ބުނުމުން އޭނަގެ މެއަށް ގޮތެއްވިއެވެ. އަދި މުސްތަޤްބަލުގައި ވާނެ ކަމެއްގެ ބިރޭ ބުނުމުން ވިސާމްގެ ހަނދާނަށް އައީ އޭނަގެ ދުޝްމިނުންގެ ނަންތަކެވެ. ޝަފަޤްގެ އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން އޭނައަށް އެ އިޙްޞާޞްތަކުން މިހާތަނަށް ވެސް ސަލާމަތް ނުވެވޭ ދެ އިޙްޞާޞަކީ އެއީކަން އޭނައަށް ޔަޤީން ކުރެވުނެވެ. ކީއްވެ ހެއްޔެވެ؟ އޭނައަށް މިހާތަނަށް ދާންދެން ވެސް އޭނަގެ މާޒީގައި ވެފައިވާ ކަންތައްތަކާމެދު ހިތާމަކުރެވެއެވެ. މީސްމީހުން މިއަދުވެސް އޭނައާއިމެދު ދައްކާ ވާހަކަތަކާހެދި ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި ނަޙަލާލު ގުޅުމެއް ނުހިންގުނު ނަމައޭ އޭނަގެ ހިތަށްއަރައެވެ. އެހެންމީހުން އެމީހުންގެ މަންމަމެންގެ ވާހަކަ ދައްކާ އަޑު އިވިފައި މަންމަ އެފަދަ ގޮތަކަށް ދުރުކޮށްނުލެވުނު ނަމައޭ ހިތަށްއަރައެވެ. އޭނަގެ މުސްތަޤްބަލާމެދު ވިސްނާލާ ކޮންމެ ފަހަރަކު އެ ދުޝްމިނުން ދީފާނެ ޙަމަލާއެއްގެ ބިރުން އޭނަ ރައްކާތެރިކޮށްދޭނެ ފަރާތެއްވާނަމައޭ ހިތަށްއަރައެވެ. އެ ބިރުވެރިކަމަކީ ހަމަ ގައިމުވެސް ބޭރުފުށުން މީހަކަށް ފިލުވައިދެވިދާނެ އެއްޗެއް ނޫނެވެ. ވީއިރު ޝަފަޤް ދެންމެ އެބުނީ ހަމަ ތެދެއް ހެއްޔެވެ؟ އެ ސުވާލާއިމެދު ވިސާމަށް ވިސްނެންފެށި ވަގުތު މިޝްކާ ވާހަކަ ދެއްކިއެވެ.

 

“ބައްޕި! މަންމި! ދެން ހިނގާބަލަ ކާން!!” މިޝްކާ ޝަކުވާގެ ރާގަކަށް އެހެން ބުނެލި އަޑަށް ވިސާމަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ސިހުމަކާއިއެކީގައެވެ. އޭނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޝަފަޤް ވާހަކަ ދެއްކިއެވެ.

 

“އާނ ހިނގާ ދޯ މަންމިއާއެކީ ކޮއްކޮގެ ފޭވަރިޓް ނޫޑޫލްސްކާން. އަވަހަށް ކައިރިއަށް ޖެހިލާ.” ޝަފަޤް އެހެން ބުނެ މިޝްކާ އިން ގޮނޑި ކުޑަކޮށް ދަމާލަމުން އޭނަގެ ކައިރިއަށް ޖައްސާލިއެވެ. އެއަށްފަހު އޭނަގެ ކުރިމަތީގައި ހުރީ މިޝްކާއަށް ވާ ނުރައްކަލެއްކަން ނޭނގި މޭޒުމަތީގައި އޮތް އުލުން އެ ތަށިން އެތިކޮޅެއް ނަގައި މިޝްކާ ބިސްމި ކިޔުމުން އޭނަގެ އަނގަޔަށް ލެއްވިއެވެ. މަންޒަރު ބަލަން އިން ވިސާމް ވެސް އޭނަގެ ޚިޔާލުތަކާއި ދުރުވުމަށްޓަކައި ކާންފެށިއެވެ.

 

**

 

އާ ކަސްޓަމަރެއްގެ އޯޑަރެއް ނަގައިގެން ގޮސް ބަދިގެއަށް ވަތް އައިމަންގެ ފިޔަވަޅުތައް މިފަހަރު މަޑުޖެހުނީ ބަދިގެ ތެރެއިން އާ މީހަކު ފެނުމުންނެވެ. އެމީހަކު އޭނައަށް ފަސްދީގެން ހުރިއިރު އެ ބިޔަ ހަށިގަނޑުގެ ވެރިޔާ ހުރީ ގަޔަށް ހިފިފައި އޮތް ޓީޝާޓަކާއި ޖިންސެއްގައެވެ. މިއީ ރެސްޓޯރެންޓްގެ ވެރިފަރާތުގެ ތިމާގެ މީހެއްތޯ ހިތަށްއެރި ވަގުތު ބަދިގޭގެ ކައްކާ އޭނައާ އެމީހާއާއި ވާހަކަ ދެއްކިއެވެ.

 

“ސްޕެޝަލް ޑިޝް އެ ކުއްޖާއާއި ހަމައަށް ފޯރައިފި.” ކައްކާ ހިސާބެއްގެ ނުތަނަވަސްކަމާއެކީ ވަށައި ހޯދަމުން ބުނެލިއެވެ. އައިމަން އޭނަ ނުފެންނާނެ ފަދަ ގޮތަކަށް އެތާ ހުރި ކަބަޑެއްގެ އެއްފަރާތެއްގައި ނިވާވެލިއެވެ. އެއަށްފަހު ބުމަގޮށްޖެހިފައިހުރެ ދެން އެދެމީހުން ދައްކާނެ ވާހަކައަކަށް ސަމާލުވިއެވެ.

 

“ގްރޭޓް! މިރޭ އޭގެ އަސަރުތައް ފެންނާނެކަމުގެ ޔަޤީންކަމެއް އެބައޮތްތަ؟” އެ ފިރިހެން މީހާ އަހާލިއެވެ.

 

“ޔަޤީން. އިރުކޮޅެއްފަހުން 8 ވަނަ މޭޒު ކައިރިއަށް އެންމެން އެއްވާނެ.” ކައްކާ މީހާ ބުނެލިއެވެ. 8 ވަނަ މޭޒޭ ބުނުމުން ވިސާމްމެން މަތިން ހަނދާންވެފައި އައިމަންގެ ހިތް ބިރުގަންނަ ގޮތްވިއެވެ. މި މީހުން މި ދައްކަނީ ކޮން ވާހަކައެއްކަން ދެނެގަންނަން އޭނަ ކެތްމަދުވީ ހިނދު ފިރިހެން މީހާގެ ނުލަފާ ހީލުމެއްގެ އަޑު އޭނައަށް އިވުނެވެ.

 

“މިރޭ އެކުއްޖާގެ އެންމެ ފަހު ރެއަށް ވެއްޖެއްޔާ ކަލެއަށް ފައިސާ ލިބޭނީ. ބަލަމާ ވާގޮތެއް.” އެ މީހާ އެހެން ބުނެ ބަދިގެއިން ނިކުންނަން އައެވެ. ފިޔަވަޅުތަކުގެ އަޑު އިވިފައި އައިމަން އޭނަ ފިލަނީ ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި ނިވަލުން ނިކުމެ އަނެއްކާވެސް ބަދިގެއަށް ތެރެއަށް ދާން ފެށިއެވެ. އެއާއެކު އޭނަ މީހެއްގެ ގައިގައި ޖެހި ފަހަތަށް ޖެހެވުނެވެ.

 

“ސޮރީ!” އައިމަން އެހެން ބުނެލަމުން އިސްއުފުލާލިތަނާހެން އޭނަ ހުއްޓުން އެރިއެވެ. އޭނަގެ ކުރިމަތީގައި ހުރީ މަޝްހޫރު ފިލްމީ ތަރި މާޒިން ނޫން ދެވަނަ މީހެއްނޫނެވެ. ހަމަ އެއާއެކު ދެންމެ އެ ދެކެވުނުހާ ވާހަކައެއްގެ މާނަ އައިމަނަށް ނަގައިގަނެވުނީ މާޒިނާއި ވިސާމްގެ ނަން އެކީގައި ފެނުނު ނޫސްތަކުގެ ޞުރުޚީތައް ހަނދާންވެފައެވެ. އެ ހިނދު އޭނަގެ ގޮށްމުއްކެވިގެން ދިޔައެވެ.

 

“ޕިސް! މިތާ ތިބޭ މީހުންނަށް ބަލައިގެން ހިނގަން ނޭނގެނީތަ؟” މާޒިން ރުޅިވެރިކަމާއެކީ އެހެން ބުނެލަމުން ދާން ހިނގައިގަތެވެ. މާޒިން ދިޔަތަން ބަލަން ހުރި އައިމަންގެ ގާތަށް ވެސް ރުޅި އަންނަން އުޅުނެވެ. އެހެނަސް އެ ވަގުތު އެ ރުޅިއަށްވުރެ އޭނައަށް މުހިއްމުވީ ތިއްތިބެއާއި ހަމައަށް މި ލިބުނު ޚަބަރު ގެންދިޔުމެވެ. ހުރިހާ ކަމެއް ބޮއްސުންލައިގެން ދިޔުމުގެ ކުރިންނެވެ.

 

**

 

“މަންމި ބަލާބަލަ ބައްޕިއަށް ކިހިނެއްވެފަތަ މިހިރީ މިރޭ؟ ކޮއްކޮއަށް ހީވަނީ ބައްޕި މިރޭ ކޮއްކޮދެކެ ލޯބިނުވާހެން. މަންމި ބުނީމެއްނު ލޯބިވާކަން އެނގޭނީ ވާހަކަ ދެއްކީމައޭ؟ ބައްޕި ވާހަކަ ނުދައްކާ!” މިޝްކާ ވިސާމަށް ބަލަން އިނދެ ޝަކުވާކޮށްލިއެވެ. ހިމޭނުން އިން ވިސާމް އެއަށް ޖަވާބުދޭން ބޭނުންވިއެވެ. އެހެނަސް އެވަގުތު މޫޑު ހުރި ގޮތުން އޭނަ އެކަން ކުރާ ހިތެއްނުވިއެވެ. މިޝްކާ ހައްލާލުމަށްޓަކައި އޭނައަށް ޝަފަޤަށް ބަރޯސާވެވުނެވެ. އެހެނަސް ޝަފަޤް ވެސް ބޭނުންވީ ވިސާމް ލައްވާ ވާހަކައެއް ދައްކުވާށެވެ. އެކަމަށްޓަކައި އޭނައަށް ޚިޔާލެއް ލިބުނެވެ.

 

“ހޫމް…..ބައްޕި އުޅެނީ މިރޭ ފޮނިވެގެން.” ޝަފަޤް ރާގަކަށް އެހެން ބުނެލީ އޭނައަށް ނުރުހުންވެގެން ނަމަވެސް ވިސާމް އެއްޗެކޭ ބުނެލާނެއޭ ހިތާއެވެ. އޭނަ ހީކުރި ގޮތަށް ވިސާމް އެއްޗެކޭ ބުނަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު މިޝްކާ ކެއްސަން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ކެއްސުން ގަދަވެގެން ދިޔުމުން ވިސާމާއި ޝަފަޤަށް ވެސް މިޝްކާގެ ނަމުން ގޮވައި މިޝްކާއާއި ކައިރިއަށް ޖެހިލެވުނެވެ. ވިސާމް އޭނަގެ ކައިރީގައި ހުރި ފެން ތަށި ނަގައި މިޝްކާގެ ތުނބުގައި ޖައްސަން އުޅުމުން ވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ފެން ނުބޮވުނެއްކަމަކު އިރުކޮޅަކުން މިޝްކާގެ ކެއްސުން ހުއްޓުނެވެ. އެހެނަސް ދެންވެސް އޭނަގެ ނޭވާ ކުރުވެފައިވިއެވެ. މިޝްކާއަށް ވަމުން ދިޔަގޮތް ފެނިފައި ވިސާމަށް ކޮއްކޯއޭ ކިޔައި މިޝްކާގެ ބުރަކަށީގައި ފިރުމެމުން ދިޔައެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ލޮލުގެ ކޮއިފަދަ ދަރިފުޅުގެ ކަޅި މައްޗަށް އަރަން ފެށިތަން ފެނިފައި ވިސާމަށް ކުއްލިއަކަށް މިޝްކާ ދެއަތް މައްޗަށް އުފުލައި ކޮޅަށް ތެދުވެވުނެވެ. އެއަށްފަހު އެހެން މީހަކަށް ބެލުމެއްނެތި ދިގު ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނިކުމެގެން ދާން ދިޔައެވެ. އެވަގުތު ފުރަގަހުން އޭނައަށް ތިއްތިބޭއޭ ގޮވާލީ ކާކުކަން ވެސް ދެނެގަންނަން އޭނަގެ ސިކުނޑި ނުކުޅެދިފައިވިއެވެ. އޭނަގެ ފަހަތުން ބިރުގެންފައިވާ ޝަފަޤްވެސް ހިނގަމުން އައިކަން އޭނައަށް ރޭކާނުލިއެވެ.

 

ވިސާމްގެ ފަހަތުން ގޮސް ޝަފަޤަށް ކާރަށް އެރުނީ ވެސް ކިރިޔާއެވެ. ކާރަށް އަރައި ދޮރު ލައްޕާލި ތަނާހެން މިޝްކާ އުނގުގައި އަޅައިގެން އިން ވިސާމް ކާރު ކުއްލިއަކަށް ދުއްވާލައިފިއެވެ.

 

“މިޝް….އަހަރެންގެ އަތަށް ދީބަލަ ޕްލީޒް.” ވިސާމްގެ އެއްއަތުގެ ތެރޭގައި ކުރުގެޅިފައި އޮތް މިޝްކާގެ ދެލޯ މެރިފައި އޮތްތަން ފެނިފައި ޝަފަޤް ފެންކަޅިވިއެވެ. މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް މިއަދު މިޝްކާއަކީ އޭނަގެ ނަޒަރުން އޭނަގެ ދަރިއެކެވެ. އެ ދަރިފުޅު އޭނައަށް ދިން ލޯބީގެ މަތިން އޭނައަށް ހަނދާން ނައްތައެއް ނުލެވޭނެއެވެ. އޭނަ ބަލިވުމުން އެ ދަރިފުޅަށް ވީ ވަރަކުން އެހީވެދިން ގޮތާއި އޭނަ ދޭ ކޮންމެ ހެޔޮ ނަޞޭޙަތެއް އަހާ ހިތުން އަހައި އޭނައަށް ކިޔަމަންވި ގޮތް އޭނަ ހަނދާން ނައްތާލާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ދަރިއަކަށްޓަކައި އޭނަ ހުވަފެންތައް ދެކެދެކެ ހުއްޓާ އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނީ މި ދަރިފުޅެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެ މިޝްކާ އޭނަގެ އަތަށް ދިނުމަށް ޝަފަޤަށް އަނެއްކާވެސް ރޮވިފައިވާ އަޑަކުން އާދޭސްކުރެވުނެވެ. އެހެނަސް އެވަގުތު ހައިޖާނެއްގެ ތެރޭގައި އިން ވިސާމަށް އެ އަޑު ނުވެސް އިވުނު ފަދައެވެ

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. Jana

    Assalam’alaikum 🙂 mi hurihaa dhuvahah compensate kurumuge gothun In Sha Allah jana maadhamaa rey ves baeh genesdheynan. kiyuntherin kuri inthizaarattakai Jazakumullah Khairan 😀 mi bain ves kiyuntherinnah faidhaa eh kuraane kamah umeedhukuran 🙂

  2. nai

    evarah lahun genes dhin iru ves dhigeh noon. mihaaru esgiya site v fake..

    1. Jana
      nai

      hehe..nai, site fake vegenneh noonennu vaahakaige baeh kuruvaany? ey liyuntheriakah vaahaka genesdhevey minvarehnu dho? jana ves haqeeqathuga varah dheravi kurukoh genesdhevunyma. kuriah oiy thaanga mihaa kurukoh up nukoh veytho balaanan In Sha Allah 🙂

  3. Sweetie

    Haadha kurey. But v interesting.

    1. Jana
      Sweetie

      kuruvaa massala hallu kureveytho varah masakkaiy eba kuran ingey sweetie. e masakkathuge natheeja fennaane dhuvaheh neyngeny. ekamaku mihaa kuru nukureveytho balaanan In Sha Allah. Alhamdhulillah! (All praise and thanks belong to Allah) 🙂

  4. Migdhadh

    maashaa allah…v iburaehtheri vaahaka eh. mi vaahakaige liyun theriyaa medhuverikoh mialhaa ah hidhaayah foarukohdhehvi Allah ah hamdhu kuran. ummeedhu kuranii mifadha ethah vaahakaeh mi website ga shaairu vegen dhaanekameh…

    1. Jana
      Migdhadh

      mi commentun jana ah varah bodu hiyvvareh libijje Alhamdhulillah! vaahaka liyaa iru emme bodah hiyvvaru dheravany mi vaahakain vaki kuraane maa bodu faidhaa eh noannaanehen heevaa vaguthuthakuga. mifadha comment thakun efadha khiyaaluthakaa dhekolhah varah bodu hiyvvareh libey. In Sha Allah faidhaa kuranivi plot thah khiyaalu kurevey varakah vaahaka thah genesdheynan. maai Allah alhamennah hidhaayathuge matheegai dhemihurumuge thaufeequ dhevvaashi. Ameen!

  5. ******

    varah salhi mi part ves….

    1. Jana
      ******

      Alhamdhulillah! 😀

  6. ya

    alhamdhulillah…. emme fahah mi bai kiyaalevijje. sahkkeh ves nei… yagynun ves mi bain ya ah faidhaaeh vehjje. aharemennah ufaluga dhiriulheveny maai allah aharemennah museebaatheh kurimathi nukurahvvaathy kan engijje. dhn in bai ves varah kiyaala hithun meenee…. jana thi koh dhey bura masakkathah hama shukuruverivan. 🙂 🙂

    1. Jana
      ya

      hmm……adhi mi dhuniyeygai aharumennah dhimaavaa hithaamaverikamaai biruveri kamun ves salaamaiy vany Allah ge hidhaayathah thabaavegen kan dho? 😀 eyaa gulhey ayah 42 vana part ge fb post egga eboiy ingey ya? ya shauquverivaanekan engeythy bunely 😀

  7. #

    Shukuriya Jana even I am girl… I will msg to admin.

    1. Jana
      #

      yes please do 😀

  8. jana ge ekuverieh

    masha allah… mibaives v furihama n v ibraiyytheri rangalhu msg eh libijje..Allah jana ge thiya minneh masahkathuga barakaiyy lavvaashi…

    1. Jana
      jana ge ekuverieh

      Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! Alhamdhulillah! 😀

  9. Li Dhoo

    Varah reethi

    1. Jana
      Li Dhoo

      Alhamdhulillah! 😀

  10. meedha

    kada vvvvvv

    1. Jana
      meedha

      kada vee sababu bunela dhehchey 🙂

  11. Fat

    Barakahallh feeki. Waiting

    1. Jana
      Fat

      Wa feeka! 🙂

  12. Khajja

    Salhi ekam kury so sad????

    1. Jana
      Khajja

      Alhamdhulillah! dhen mihaa kurunukoh veytho balaanan In Sha Allah 🙂

Comments are closed.