
އިރުގަނޑަކަށްފަހު އަކްމަލް ނިޝާގެ އަތުގައި މަޑުމަޑުން ހިފާލަމުން ބޯހޫރާލީ ނުރޯށޭ ބުނަމުންނެވެ. އެހިނދު ނިޝާ ގެނެސް އަކްމަލްގެ މޭތެރޭގައިލާ ފޮރުވާލިއެވެ. އަކްމަލް ނިޝާގެ ހަށިގަނޑުގައި ބައްދާލިއެވެ.
” ދެން ނުރޯތި އިނގޭ. އަހަންނަށް އިނގޭ އެއީ ނިޝާ ކުރި ކަމެއްނޫންކަން. އެހެން މީހަކު ކުރިކަމަކުން ނިޝާގެ ދިރިއުޅުން ހަލާކު ވާކަށް ނުޖެހޭ. އަހަރެންގެ ލޯބި އެއަށްވުރެ މާ މާތްވެފައި މަތިވެރި. ދެން ބުނެބަލަ ވިލް ޔޫ މެރީ މީ… ” އަކްމަލްގެ ވާހަކަތަކުން ނިޝާގެ ލޮލުގައިވި ކަރުނައިގެ އަސަރުތައް އަތުގެ ނުފުށުން ފޮހެލިއެވެ. ނިޝާގެ ދަތްދޮޅީގައި ހިފައި އިސް އުފުލާލައި، ނިޝާގެ ރީތި ރީތި ދެލޮލަށް ބަލަން ހުރެ އަކްމަލް ސުވާލު ކޮށްލިއެވެ.
“އަކޫ އަހަރެން ނިކަމެތި ކޮށް އެއްލައި ނުލައްޗޭ ” ނިޝާ މަޑުމަޑުން ބޯޖަހާލިއެވެ.
އެދުވަހަކީ އަކްމަލްގެ ހަޔާތައް އައި އެންމެ އުފާވެރި ދުވަސް ކަމުގައި އޭނާ ބުނިއެވެ. މިހާރު އޭނާއަށް ވަނީ ހިތުން ފިލައިގެން ނުދާނެ ފަދަ ލޯބިވެރިއަކު ލިބިފައެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން އަކްމަލް ހީވީ މޮޔަވިހެނެވެ. ބޭއިޙްތިޔާރުގައި އޭނާއަށް ނިޝާގެ ތުންފަތުގައި ލޯބިކޮށްލެވުނެވެ. އެހިނދު ނިޝާ ލަދުގަނެ އަކްމަލްގެ މޭގެތެރޭ މޫނު ފޮރުވާލިއެވެ.
ޖެހިގެންއައި ދުވަހު އަކްމަލް ވަނީ އޭނަގެ މަންމަ ކައިރީ ނިޝާގެ ވާހަކަ ދައްކާފައެވެ. އަކްމަލްގެ މަންމަ ވަހީދާއަށް ނިޝާ ވަރަށް ކަމުދިޔައެވެ. ދަރިފުޅުގެ ހޮވުމާމެދު އޭނާ ފަޙުރުވެރިވިއެވެ. ވަހީދާ ބޭނުންވީ ކައިވެނީގެ ރަސްމިއްޔާތު ވަރަށް ބޮޑުކޮށް ބޭއްވުމަށެވެ. ކައިވެންޏަށްޓަކައި އަކްމަލްމެންގެ ރައްޓެހިންނާއި އާއިލާ ގުޅިގެން ތައްޔާރީތައް ވަމުން ދިޔައެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައީ މުއްސަދިކަމާ ތަނަވަސްކަމެވެ. ކައިވެނި ކުރުން އޮތީ އެރޭގެ ނުވައެއްޖަހާއިރު އެންމެންގެ ކުރިމަތީގައެވެ. އޭގެ ފަހުން މެހެމާނުންނަށް ތައްޔާރު ކުރެވިފައިވާ ކެއުމުގެ މީރުވަހުން މުޅިތަން ވަނީ އެއްވަސް ކޮށްފައެވެ.
ވަހީދާގެ ކޮޓަރިތެރޭގައި ނިޝާ ކައިވެނީގެ ހުދު ހެދުމުގައި ތައްޔާރު ވަމުން ދަނީއެވެ. އަލަތު ކައިވެނި ކުރެވޭތީ އޭނާ ހުރީ ވަރަށްވެސް އުފަލުންނެވެ. އޭނާގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހެނ ް ދެންް މާގިނަ ވަގުތެއް ނެތެވެ. ކައިވެންޏަށް ތައްޔާރުވެވުމުން ނިޝާ އޭނާގެ އަމިއްލަ ސޫރަޔަށް ލޯގަނޑުން ބަލާލިވަގުތު އޭނާގެ ފުރަގަހުގައި ފާރުގައި ހަރުކޮށްފައިހުރި ބޮޑު ފޮޓޯ ލޯގަނޑު އަޅައިގަތެވެ. ހައިރާންވެ އަންތަރީސްވެ ހުރެ އޭނާއަށް ފަހަތަށް ބަލާލެވުނެވެ. ވަހީދާގެ އަތުގައި ހިފައިލައިގެން ހުރި ފިރިހެންމީހާ ފެނުމުން އޭނާ ހާސްވެގެންގޮސް ނޭވާ ކުރުވާހެން ހީވިއެވެ.
ކޮޓަރިއަށް ވަން ވަހީދާއަށް ނިޝާ ހުއްޓުންއަރާފައި ފޮޓޯލޯގަނޑަށް ބަލަން ހުއްޓާ ފެނުމުން ހިނިތުންވެލާފައި އެއީ އޭނާގެ ފިރިމީހާ ކަމުގައި ބުނެލިއެވެ. އަކްމަލްގެ ބައްޕަގެ ތަސްވީރެއް ކަމާ އަކްމަލް ވަރަށް ކުޑައިރު ބައްޕަވީ ކުރެވުނު ކުށެއްގެ ސަބަބުން ޖަލުގައި ކަމަށްވެސް ބުންޏެވެ. އަދި ވަރަށް އަވަހަށް މިނިވަންވާނޭ ކަމަށް ބުނެލީ އުފަލާއެކުގައެވެ.
ނުވަގަޑި ފަހެއް ވީއިރު ކޯޓުގެ މީހުންނާއި ދެހެކިން އައިސް ގޮޑީގައި އިށީނދެ ތިއްބެވެ. އަކްމަލްވެސް މޭޒުގެ އަނެއްފަރާތުގައި އިށީނދެގެން އިނީ ނިޝާ ދެކިލަން ކެތްމަދުވެފައެވެ. ނުވަގަޑި ފަނަރަ ވެގެން ދިޔައިރުވެސް ނިޝާ ކޮޓަރިއަކުން ނުނިކުތެވެ.
” ނިޝާ ކޮބައިތޯ؟ މާ ބޮޑަށް ލަސްވާނަމަ އަޅުގަނޑުމެނަކަށް ނުތިބެވޭނެ. ” މެހެމާނުންގެ އިތުރުން ގާޒީވެސް ސުވާލުކުރަން ފަށައިފިއެވެ.
ދެއަތް ދެއަތާ އުގުޅަމުން ކޮޓަރިން ނުކުތް ނިޝާ ފެނިފައި އަކްމަލްއަށް ތެދުވެވުނެވެ. އެރެއަށްޓަކައި އަކްމަލް ނިޝާއަށް ހޯދައިދީފައިވާ ހެދުން ނުލަނީހެއްޔެވެ؟ އާދައިގެ މަތިން އޭނާ ލައިއުޅޭކަހަލަ ކަޅުކުލައިގެ ދޫ ހެދުމުގައި ނިޝާ ފެނުމުން ވަހީދާވެސް ހުރީ ހައިރާންވެފައެވެ. ދެންމެ ތައްޔާރުވެގެން ހުރި ކުއްޖާ މިހާރު އެހުރީ ކިހިނެއް ހެއްޔެވެ؟ ނިޝާގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑު ވުމުގެ އަސަރެވެ. ނިއުމާ އަވަސް އަވަހަށް ނިޝާގެ ގާތަށް ޖެހިލައިފައި ނިޝާގެ ކޮޑުގައި ހިފަހައްޓާލަމުން ކިހިނެތްވީތޯ ސުވާލުކޮށްލިއެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގާޒީމެންގެ ކުރިމައްޗައް ނިޝާ ހުއްޓުނެވެ.
” މާފު ކުރައްވާ. އަޅުގަނޑަށް މި ކައިވެނި ކުރެވޭކަށް ނެތް. ” ތުރު ތުރު އަޅާއަޑަކުން ނިޝާ ބުނެލި ޖުމްލައިން އެންމެންެގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. އަކްމަލަށް ހީވީ އޭނާގެ މޫނު މަތީ މީހަކު ބާރަށް ޖެހިހެނެވެ. އެއީ ހަމަ ނިޝާ ބުނި އެއްޗެއްހެއްޔެވެ؟ އިސްދަށަށް ޖަހައިލައިގެން ހުރެ ބާރު ފިޔަވަޅުތަކެއް އަޅަމުން ނިޝާ އެގެއިން ނުކުތެވެ. އޭނާގެ ފަހަތުން ނިއުމާވެސް ހިނގައިގަތީ ކޮންމެވެސް ބޮޑުކަމެއް ވެއްޖެއޭ އޭނާގެ ހިތް ބުނަމުން ދާާތީއެވެ. އަކްމަލްހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ.
ކައިވެނީގެ މަޖްލިސް ކެންސަލް ކުރުމުގެ ހިތާމަވެރި ހަބަރު ދިނުމަށްފަހު ގާޒީމެންވެސް ދިޔަތާ މިހާރު ބައިގަޑިއިރު ވަނީއެވެ. އަދިވެސް އަކްމަލްއިނީ ހަަމަ އެއިންގޮތަށް ގަބު އަރާފައެވެ. ވަހީދާ ވަރަށް ލަދުވެތިކަމާއެކު ފަހަރަކު މެހެނާނެއްގެ ކިބައިން މާފަށް އެދެމުންދާ އަޑު އަފްޒަލްގެ ކަންފަތައް އިވި އިވި ހުއްޓެވެ. މަންމަގެ ހިތާމަވެރި އަޑުން އަކްމަލަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ.
” މަންމަ ދެރަނުވޭ. މީ އަހަންނަށް ނިޝާ ދެކެ ލޯބިވެވުނު ވަރުން ވީގޮތް. މިއަދު އަހަރެންގެ ސަބަބުން މަންމަ ލަދުގަންނަންޖެހުނީތީ އަހަރެން މާފަށް އެދެން. ހުރިހާ ހިތާމަޔަކާ ކުރިމަތިލާން މި ޖެހެނީ މަންމައަށް. ފުރަތަމަ ބައްޕަގެ ސަބަބުން. މިއަދު އަޅުގަނޑުގެ ސަބަބުން. މަންމާ އަހަންނަށް މާފު ކުރޭ! ” ބޭގަރާރުކަމުގައި މޮޔައެއްފަދައިން ވަހީދާ އުޅުނު ގޮތުން އަކްމަލްގެ ހިތުގައި ނިޝާއަށް އޮތް ލޯބި ނަފްރަތުން ފުރުނެވެ.
ނިޝާ ކޮޓަރި ތެރޭގައި ހިނގާލަ ހިނގާލާ ހުއްޓެވެ. ހާސްވެފައި ހުރިވަރުން މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. މިއަދު އޭނާ އެއައީ އަކްމަލްގެ ހިތަށް ފައިން އަރާ ޗިސްކޮށްލާފައިކަން ގައިމެވެ. އެންމެންގެ ތެރޭގައި އޭނާ ހަނުހުރީ ކީއްވެހެއްޔެވެ؟ ނިޝާއާ ދިމާލަށް ހަޅޭއް ނުލެވީ ކީއްވެގެން ހެއްޔެވެ؟ ކައިވެނި ކެންސަލް ކުރި ސަބަބު އޭނާއަށް އެނގެނީހެއްޔެވެ؟ އޭނާގެ ފަހަތުން އަކްމަލް ނައީ އެހެންވީމަތާއެވެ.
” ނިޝާ. ކިހިނެއް ތިހެދީ. ނިޝާގެ ސަބަބުން އަކްމަލްމެންގެ އާއިލާއަށް ކިހާ ބޮޑު ލަދެއް އެ ލިބުނީ. މިކައިވެނި ކުރަން ބޭނުންނުވާއިރު ކީއްކުރަން އާނ ބަސް ބުނީ. ދެން ނުކެރޭނެ މި އިމާރާތުގައި އުޅޭކަށްވެސް. މީހުން ހާދަ އެއްޗެއްސެއް ކިޔާނޭ..” ކޮޓަރި ތެރެއަށް ވަން ނިއުމާ ހުރީ ނިޝާގެ ސަބަބުން ރުޅިގަދަވެފައެވެ. ނިއުމާ ހާސްވީ ނިޝާ ރޯންފެށުމުންނެވެ. ހުރިތަނާ ދިމާ މުށިތަކުމަތީ ނިޝާއަށް އިށީދެވިއްޖެއެވެ. އެތައް އިރެއްވަންދެން ހިތުގައި ފޮރުވައިގެން ހުރި އުދާސްތައް ބޭރުވާންފެށީ ބޮޑެތި ކަރުނަ ތިކިތަކުންނެވެ. އަޑުން އަޑުނަގާ ނިޝާ ރޮމުން ދާތީ ނިއުމާ ހާސްވާން ފެށިއެވެ. އުމުރުން ފަނަރަ އަހަރު ވީއްސުރެ ނިޝާ އެގޮތަށް ރުއި މީ ފުރަތަމަ ފަހަރެވެ.
” ދޮންތާ… އަހަރެން ކިހިނެއްތަ ހަދާނީ ވަކި… އަހަރެން އަކޫ ދެކެ ކިތަންމެ ލޯބި ވިޔަސް އޭނައާ ގުޅެވޭކަށް ނެތް… އަކޫގެ މަންމައަށް އަހަރެން މީ ކާކުކަން އެނގޭ ދުވަހުން އަހަންނަށް ނަފުރަތު ކުރާނެ. އަކޫ ވެސް ބޭނުމެއް ނުވާނެ އަހަންނާއެކު އުޅޭކަށް. އަހަންނާ ކުރިމަތިމިވީ ކޮންކަހަލަ ތަގުދީރެއް. ހިތާމަޔާ ހިތްދަތިކަންފިޔަވައި އެހެން އެއްވެސް އެއްޗެއް އަހަރެންގެ ދިރިއުޅުމުގައި ނެތް. އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތް މީހާ މިއަދު މިވީ އަކޫގެ ބައްޕައަށް. އަހަންނަށް އަހަރެންގެ ލޯބި ލިބޭކަށް ނެތް… ދޮންތާ…” ނިއުމާގެ ގައިގާ އޮޅުލައިގަނެގެން އިނދެ ނިޝާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނާގެ ހިތް މަޑުވިއެވެ. މީގެ ކުޑަ އިރުކޮޅެއްކުރިން ނިޝާދެކެ އައި ރުޅި ހަމްދަރުދީއިން ފުރުނެވެ. މީގެތޭރަ އަހަރު ކުރިން ހިނގާދިޔަ ހާދިސާ ނިއުމާގެ ލޯމައްޗަށް ސިފަވާންފެށިއެވެ.
ރަށުގައި ޢީދު ފާހަގަ ކުރުމަށްޓަކައި ޝޯ އެއް ބޭއްވުނު ރެއެކެވެ. ދިހަ އަހަރުގެ ނިޝާ އޮތީ ރީތިކޮށް ނިދާލާފައެވެ. ކޮޓަރީގެ ދޮރު ތަޅުލަމުން ނިއުމާ އާއި އޭނާގެ ފިރިމީހާގެ އިތުރުން އެގޭގައި އޭރު ކުއްޔަށްހުރި ފިރާޤު ދިޔައީ ޝޯ ބަލާލުމަށްޓަކައެވެ. ފޫހިވެފައިހުރި ޝިޔާން ގެއަށް ދިޔުމަށް ބޭނުންވާތީ ނިއުމާވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ. ގޭގެ ދޮރު ހުޅުވުނު ވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ ނިޝާގެ ވޭނީ ރުއިމުގެ އަޑެވެ. ބާރު ބާރަށް ދުވެފައިގޮސް ދޮރު ހުޅުވާލިއިރު ނިޝާގެ ޙަބަރުވަނީ ހުސްވެފައެވެ. އެ ތުުއްތު ކުއްޖާއާ ދިމާލަށް ބަނޑުން އޮތް ފިރާޤުގެ ގައިގައި ޝިޔާން ތަޅައިގަތެވެ. އޭގެ ފަހުން ނިޝާ އަށް ލިބުނު ނަފްސާނީ އަނިޔާތަކަށް ފަރުވާ ކުރުމަށް ފަސް އަހަރު ނެގިއެވެ. ނިޝާގެ ހާލު އެންމެ ގާތުން ދުށީ ނިއުމާއެވެ.
މިއަދު އަނެއްކާވެސް އެ މާޒީއާ އޭނާ ކުރިމަތި ލާންޖެހުނީއެވެ. ނިއުމާގެ އުނގުގައި ބޯ އަޅައިލައިގެން އޮވެ ނިޝާ އަދިވެސް ރޮނީއެވެ. އޮފީހުން ނެގި މަސްދުވަހުގެ ޗުއްޓީއަށްފަހު ނިޝާ އޮފީހަށްދާން ނުކުތީ އަކްމަލްއާ ކުރިމަތި ލާން ޖެހޭނެކަން އެނގިހުރެ ވަރަށް ވިސްނައިގެން ނެވެ. މީހުންގެ ލޯތައް އޭނާއަށް އަމާޒުވާނެކަން އެނގިހުރެއެވެ. ފާއިތުވީ އެންމެ ދުވަހަކުވެސް ނިޝާ ގެއިން ބޭރަށް ނުކުމެ ނުލާތާ އަކްމަލްއަށް ގުޅާވެސް ނުލައެވެ. އަކްމަލްވެސް ހަމަ އެފަދައެވެ. އެންމެ ފަހަރަކުވެސް ނިޝާ އެހެން ކަންތައްކުރީ ކީއްވެތޯ ބަލާލާކަށް ބޭނުމެއް ނުވިއެވެ.
އޮފީސް ތެރެއަށް ވަންނަން ދިޔަ ނިޝާ ދިޔައީ ފުން ވިސްނުމެއްގައި އިސްދަށަށް ޖަހާލައިގެން ހުރެއެވެ. މީހުންގެ ލޯތަށް އޭނާއަށް އަމާޒުވެފައި ވާކަން އެނގުމުން ލަދުވެތިވަމުންނެވެ. މަޑު މަޑުން ހިނގާލާފައިގޮސް ނިޝާ ރެޝެޕްޝަން ކައިރީ ހުރި ހަނާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ލިފްޓްގެ ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށްވެސް އެދިމާލަށް ބަލާލެވުނީ އެއްފަހަރާއެވެ. އަކްމަލް ފެނިފައި ނިޝާގެ ހިތް ތެޅިގަތެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ އަކްމަލްވެސް އޭނާއާ ދިމާލަށް ބަލާލައިފިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު އަކްމަލްގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވައިފިއެވެ. އެކަމަކު އެ ހިނިތުންވުން އެތައް ހާސް ކަރުނަޔަކަށްވުރެ އަސަރުގަދައެވެ. ނިޝާ އިސް ޖަހާލީ ދެން އަކްމަލްގެ މޫނަށް ނުބަލާންކަމަށް އަޒުމް ކަނޑައަޅައިގެނެވެ. ނިޝާ އަވަސް އަވަހަށް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަކްމަލް އައިސް ނިޝާއަށް ކަޅިއެއް އެއްލުމަށްފަހު ހަނާއާ ވާހަކަ ދައްކަން ފެށިއެވެ.
” ހެއި ލަވް. މިރެއަށް ރެޑީތަ.. ބަލާ ދާނަން އިނގޭ ”
ކިތަންމެ ނުބަލާން އިނެއްކަމަކު ނިޝާއަށް އިސް އުފުލާ ބަލާލެވުނީ އަކްމަލް މާ ލޯބިން ވާހަކަ ދައްކާ އަޑު އިވިގެނެވެ. ފެނުނު މަންޒަރުން އޭނާގެ ހިތް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އަކްމަލް ހަނާގެ އަތުގައި ތުންފަތް ޖައްސައިލައިގެން ހުއްޓެވެ. ހައިރާންކަމާއެކު އޭނާއަށް ބަލާލެވުނީ ހަނާގެ މޫނަށެވެ. ހަނާ ހުރީ ހިނިތުންވެފައެވެ. އަކްމަލަށް ބަލަހައްޓައިގެނެވެ. ތުންފަތުގައި ދަތް އަޅާލަމުން ނިޝާ އިސްޖަހާލީ ކެއްތެރިވަމުންނެވެ. ހިތަށް ލިބެމުން ދިޔައީ ފުން އަނިޔާއެކެވެ. އެކަހެރި ކަމާއި ހިތްދަތިކަމުގެ ހުޅުގަނޑުން އެ ނިކަމެތި ޖިސްމު އަނދާ އަޅިއަށްވަމުން ދާ ކަހަލައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް މިއަދު އޭނާގެ ހިތަށް އެދިނީ ކިހާ ބޮޑު އަނިޔާއެއްހެއްޔެވެ؟ އޭނާ ޝަކުވާ ކުރަން ބޭނުންވިއެވެ. އެހެނަސް އެ ޝަކުވާތައް ކުރާނީ ވަކި ކާކާހެއްޔެވެ؟
އިސްޖަހާލައިގެން އިނދެ ނިޝާ މަސައްކަތާއިގެން ކުރިޔަށް ދިޔައީ ކެތްތެރިކަން ދެއްވަވާތޯ ހިތުން ހިތާ ދުޢާ ކުރަމުންނެވެ. ހަނާ ހީކުރީ ނިޝާ އޭނަޔާ ދިމާލަށް އެއްޗެއް ބުނާނެ ކަމަށެވެ. ނަމަވެސް އޭނަ ހީކުރި ގޮތާ ހިލާފަށް އޭނައާ ވާހަކަ ދައްކަމުން ދިޔައީ ހިނިތުންވެލައިގެން ހުރެއެވެ. ނިޝާގެ ހިނިތުންވުން ފެނިފައި އަކްމަލަށް ރުޅިއާދެވުނެވެ. ހިތާހިތުން ނިޝާއާ ދިމާލަށް އޭނާ އެއްޗެހި ކިޔަމުން ދިޔައެވެ. ހުރެބަލާށެވެ. ތި ލޮލުން ކަރުނަ ނާންނަހާ ހިނދަކު އަހަރެން ހަމަޖެހިގެނެއް ނުހުންނާނަމެވެ. މުޅި ދުނިޔެއަށް ނިޝާގެ ހަގީގަތް އަންގާލާނަމެވެ.ފަޟީހަތް ކޮށްލާނަމެވެ. ރޮއްވާލާނަމެވެ. އަހަންނަށް ހިތާމަ ދީފައި ނިޝާ ވަކި އުފަލަކު އުޅުނަކަ ނުދޭނަމެވެ.
ޑިއުޓީ ނިންމާލުމަށްފަހު މަގުމައްޗަށް ނިކުމެފައި ނިޝާ ޓެކްސީ އަކަށް ގުޅާލިއެވެ. އޭނާ ބޭނުންވަނީ އަވަހަށް ގެއަށް ދާށެވެ. ޓެކްސީގެ އިންތިޒާރުގައި ހުއްޓާ ކުރިމަތިން ދިޔަ ސައިކަލަށް ނިޝާއަށް ބަލާލެވުނެވެ. ހަނާ އިނީ އަކްމަލްގެ ގައިގައި ބައްދާލައިގެނެވެ. އޭނާ މިއަދު ވަރަށް ހިތުގައި ޖެހިއްޖެއެވެ. އެމަގުން ދިޔަ ޓެކްސީއަކަށް ހަނާއަޅައިލުމަށްފަހު ހުއްޓި ޓެކްސީއަށް އަވަސްއަވަހަށް އަރާ އިށީނެވެ. ތުންފަތުގައި ދަތްއަޅައިގެން ހުރިލެއް ބާރުކަމުން އެ ތުނި ތުންފަތްވަނީ ރަތްވެފައެވެ. ދެލޮލަށް ގިނަވެފައިވާ ކަރުނަތަކުން އެސްފިޔަތައް ފޯވެގެން ދެންމެ ދެންމެ އޮހިގެންފާނެކަހަލައެވެ. ނިޝާ އެއްވެސް އެޑްރެހެއް ނުބުނެ އިންނަން ފެށުމުން ޑްރައިވަރު ދާންވީ ކޮންތަނަކަށްތޯ އަހާލިއެވެ. ނިޝާ ޖަވާބެއް ނުދިނެވެ. އެވަގުތު އޭނާ ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކޮށްލިއެވެ. ނިޝާގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. އެސްފިޔަތަކަށް ކެތްނުވާ ހިސާބަށް ދިޔުމުން ހޯސްލާފައި ކަރުނަތައް އޮހިގެންފިއެވެ. އަޑުންއަޑުނަގާ ނިޝާއަށް ރޮވެން ފެށުނެވެ. ދެއަތް ތިލައިން މޫނު ފޮރުވަމުން އޭނާ ގުދުވެ ދެކަކޫމަތީ ނިތްކުރިޖައްސައިލިއެވެ. އަންހެންކުއްޖަކު އެގޮތަށް އިނދެ ރޯތީ ޑްރައިވަރު ކަންބޮޑުވިއެވެ. އެ ރުއިމުގައި ހުރި އަސަރަކުން ހުދު އޭނާގެ ހިތަށްވެސް އަސަރު ނުކޮށް ނުދިޔައެވެ. ކިހިނެއް ވީތޯ އެތަށް ފަހަރަކު ސުވާލު ކޮށްލީ ކަންބޮޑުވެފައި ހުރި ވަރުންނެވެ.
އެހެނަސް ނިޝާގެ ހާލަތު އެކަމަކަށް ތަނެއް ނުދިނެވެ. އޭނާގެ ހިތްވަނީ ކުދިކުދި ވެފައެވެ. ލިބެމުންދާ ވޭނުން އެތެރެހަށި ފިހެނީއެވެ. ދެތުންފަތް ތުރުތުރު އަޅާ ވަރުން ވާހަކައެއް ނުދެއްކެއެވެ. އަނެއްކޮޅުން ދާންވީތަނެއްވެސް އެނގެނީކީ ނޫންވިއްޔާއެވެ. ހަދާނެގޮތެއް ނޭނގިފައި އިނދެ ޑްރައިވަރު ވަކި މިސްރާބެއްނެތި ކާރު ދުއްވަމުން ދިޔައެވެ. އެހާ މައުސޫމް ކުއްޖަކު ރޮއި ރޮއި އިންދާ މަގުމައްޗަށް ބާލައިފައި ދާކަށް އޭނާގެ ހިތެއް ނުރުހުނެވެ.
އިރުގަނޑެއްވީފަހުން ނިޝާ ހަމަޔަކަށް އެޅުނެވެ. ދެލޯ ފުހެލާފައި އޭނާ ބަލައިލިިއިރު ކާރު އޮތީ އޭނާ އުޅޭ ހިސާބު ފަހަނައަޅައިގެންގޮސް މާދުރުގައެވެ. ދާންވީ އެޑްރެސް ބުނެލަމުން ނިޝާ ޓިޝޫއަކުން އޭނާގެ މޫނު ރީތި ކުރަން ފެށިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ރޮއެފަ ހުރިކަން އެ ދެލޮލުން ހާމަވާނެއެވެ.
ގެއަށް ވަތް ގޮތަށް ނިޝާ ކޮޓަރިއަށް ވަންނަން ދިޔައެވެ. ސިޓިންގްރޫމް ހުރަސްކުރި ވަގުތު ޓީވީ އަޅުވައިގެން ކޮފީބޯންތިބި ޝިޔާންއާއި ނިއުމާފެނުމުން ނިޝާ އިސްޖަހައިލިއެވެ. ކޮފީ ބޯންބުނުމުން ދެފަރާތަށް ބޯ ހޫރާލަމުން އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ހިތަށް ވަމުން ދިޔަ އުނދަގުލުން ނިޝާއަށް ކެތެއްނުވިއެވެ. ފެންމާގަނޑު ކައިރީ ހުއްޓިލައިގެން ހުރެ ނިޝާ ރޮމުން ދިޔައެވެ. އަކްމަލް ހަމަ ގަސްތުގައި އޭނައަށް އަނިޔާދެނީއެވެ. އަކްމަލް ޖަހާ ސަަކަރާތް ބަލަން އޭނާއަށް ޖެހޭނީ ހަމަ ހުންނާށެވެ. އެތައް ފަހަރަކު ވަޒީފާއިން ކެނޑެންވެސް އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެހެނަސް ދޮންތައަށް ވާނެ ދަތިތަކާ މެދު ވިސްނާލާފައި އޭނާ ކެތްތެރި ވުމަށް މަސައްކަތްކުރިއެވެ. ފެންވަރާ ތާޒާވެލައިގެން އަސުރު ނަމާދު ކޮށްލާފައި އޭނާ ﷲ އަށް ދުޢާ ކުރިއެވެ. ކެތްތެރިކަން ދެއްވާތޯއެވެ.
އެދުވަހުގެ ރޭގަނޑެވެ. ނިޝާ ކިތަންމެ ދާހިތް ނުވެ ހުރެފައިވެސް ހުޅުމާލެ ދިޔައީ އޮފީސް ބާބެކިއުއޮތް އޮތުމުގެ ސަބަބުންނެވެ. އަކްމަލްއާ ހަނާ އުޅޭގޮތް ދެކެން ބޭނުންނުވާތީއެވެ. އެހިތަށް ކެތްނުވެދާނެތީއެވެ. ފެރީގައި ހުރިހާ އެންމެން ތިބި އިރު ހަނާ ގޮސް އިނީ އަކްމަލްގެ އުނގުގައެވެ. ނިޝާ ހިންދިރުވާލަމުން އިސްދަށަށް ޖަހައިގެން އިނދެ ފޯނާ ކުޅެލިއެވެ. އަކްމަލް ވަށްކަޅިން ނިޝާއާ ދިމާލަށް ބަލަމުން ދިޔައެވެ. ބާބެކިއު ފެށިގެން އުޅުނު އިރުވެސް ހަނާ ހުންނަނީ އައްޓަމަހެއްހެން އަކްމަލްގެ ގައިގައި ތައްވެގެންނެވެ. ކިތަންމެ ހިތަށް އުނދަގޫ ވި ނަމަވެސް ނިޝާ ކެތްތެރިވަމުން ދިޔައެވެ. މޫދު ގޮނޑުދޮށުގައި ދެފައި ގަންބާލައިގެން ވިސްނުމެއްގައި ނިޝާ ހުރިއިރު ފަހަތުން އޭނާގެ ލޮލުގައި މީހަކު އަތް އެޅިއެވެ. ފުރަތަމަ އެއީ ކާކުގެ އަތެއް ކަމެއް ނިޝާއަކަށް ނޭނގުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ނޭފަތުގައި ޖެހުނު ސެންޓުގެ ވަހުން އެއީ ކާކުގެ އަތެއްކަން ދެނެގަންނާކަށް ނިޝާއަކަށް އުނދަގުލެއް ނުވިއެވެ.
” ނަވީ ” ހިނިގަނޑެއް ޖަހާލަމުން ނަވީން ދުރަށް ޖެހިލިއެވެ. ނިޝާވެސް ހޭންފެށިއެވެ. ނިޝާގެ އުފާވެރިކަން ދުރުން ބަލަންހުރި އަކްމަލަށް ދަތްކުނޑިވިކާލެވުނެވެ. ނިޝާ އޭނަޔާ ކައިވެނިކުރަން ބޭނުންނުވީ މި ސަބަބާ ހުރެތާއެވެ. ރުޅިއައިސް ރަތްވެ ހުރެ އަކްމަލް ނިޝާއާ ދިމާލަށް ހިގައިގަތެވެ. ނަވީންގެ އަތުގައި ހިފާލައިގެން ހުރި ނިޝާ ސިހުނީ އޭނާގެ އަތުގައި ހިފާ މީހަކު ދަމައިގަންނަމުން ކޯތާފަތްމަތީ ޖެހުމުންނެވެ. ވީތަދުން ނިޝާއަށް އޭނާގެ މޫނުގައި ފިރުމާލެވުނުއިރު ރޮވިއްޖެއެވެ. ނަވީންވެސް ބަލާކަށް ނުހުރެ އަކްމަލްގެ ގައިގައި ހިފައިގަތެވެ.
” ނޫން ނަވީ. ލެޓް އިޓް ގޯ.. ޕްލީޒް ……ފޯ މީ ” އަކްމަލްގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރި ނަވީން ހުރީ ވަރަށް ރުޅިގަދަވެފައެެވެ. ނިޝާގެ އެތަކެއް އާދޭހަކާއެކު ނަވީން އަކްމަލްގެ ގިރުވާނުން ދޫކޮށްލިއެވެ. އަދި ނިޝާގެ އަތުގައި ހިފާލަމުން އެތަނުން ދާން ހިނގައިގަތެވެ.
” ވާއު ނިޝާ. ކަލޭ ހާދަ މޮޅޭދޯ. ކައިވެނި ކެންސަލް ކޮށްލީ ކަލޭ މިކުޅިގަނޑު ކުޅެން ދޯ. ބޮޑު ސިންގާ ކަޅު ހެދުމެއް ކަލޭ ލައިގެން ތި އުޅެނީ ހަމަ ނަމަކަށް. ކަލޭ ހީކުރަނީ ދުވަހަކުވެސް ކަލޭގެ ހަގީގަތް އެހެން މީހަކަށް ނޭނގޭނެ ކަމަށްތަ. ތީ ވަރަށް ވިޔާ ނުދާ އުޅުމެއް އުޅޭ އަންހެނެއް. މިތާ މިތިބި އެންމެނަށް މިއަދު ކަލޭގެ ހަގީގަތް އަންގާލާނަން. މިހާރު މިފެންނަނީ ކަލޭގެ ހަގީގަތް.” އަކްމަލްގެ ހިތުގައި ކުޑަކޮށްވެސް ރަޙުމެތް ނެތް ކަހަލައެވެ. ހަގީގަތް ބެލުމެއްނެތި ފުރުސަތު ލިބުނީމާ އޭނާ ބޭނުންވާވަރަށް ދުލަށް އައިހާ އެއްޗެއް ގޮވަމުން ދިޔައެވެ. ނިޝާގެ އެންމެ ބޮޑު ސިއްރުވެސް އެންމެންގެ ކުރިމަތީގައި ހާމަކޮށްލީ ނިޝާއަށް މަލާމާތް ކޮށްލުމުގެ ބޭނުމުގައެވެ. ލަދުގަތްވަރުން ބިންފަޅާފައި އަޑިއަށް ދާނެ ނަމައޭ ނިޝާގެ ހިތަށް އަރަމުން ދިޔައެވެ. ހިތުގައިޖެހި ނިޝާއަށް ގިސްލެވެން ފެށުނެވެ.
” އަހަންނާ ދިމާލަށް ތިވަރަށް އެއްޗެހި ނުކިޔާ….އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެ.. އަހަރެން މިތަނުން ހިނގައިދާނަން.” ރޮމުން ގިސްލަމުން ނިޝާ އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު އަކްމަލް ބުނި އެއްޗަކުން ނިޝާގެ ރުޅި ކޮންޓްރޯލް ނުވެ ނަވީންގެ އަތް ފޮޅާލައިފައި އަކްމަލްގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. އޮފީހުގެ ހުރިހާ މުވައްޒަފުންވެސް ތިބީ ހައިރާންވެ އަންތަރީސްވެފައެވެ.
” ލޯމަތިން ފެންނަ ކޮންމެ ކަމަކީ ހަގީގަތެއް ނޫން. އޮޅުންފިލުވުމަކީވެސް އޮންނަ ކަމެއް. ދުލަށް އައިހާއެއްޗެއް ގޮވާކަށް ލަދެއްވެސް ނުގަނޭތަ. ތީތަ އަކްމަލް އަންހެނުންނަށް ކުރާ ގަދަރަކީ. އަހަރެން ކޮންމެ ސިފައެއްގައި ހުއްޓަސް އަކްމަލްއާ އެއީ ބެހޭކަމެއްނޫން. އަހަރެންގެ އުޅުމަށް ފާޑު ކިޔާކަށްވެސް އަކްމަލަކަށް ނުޖެހޭނެ. ބަޑި އަންހެކޭ ކިޔާ މަށާ ދިމާލަށް ގޮވާއިރު ތި ހިތަށް އެއްވެސް އެއްޗެއް ނާރާތަ. ހަޔާތުގައިވެސް އަހަރެން ލޯބިވީ އެންމެ މީހެއްދެކެ. އެ މީހަކީތީ. ރައްޓެހިވީވެސް ހަމައެކަނި އަކްމަލްއާ. އަހަރެންގެ ކައިރީ މިހުރީ އަހަރެންގެ ދޮންބެގެ ދަރިފުޅު. ނަވީން. ދެން ތި ބުނަނީ އަހަރެންގެ ވިޔާނުދާ އުޅުމުގެ ސަބަބުންނޭ އަކްމަލްއާ އަހަރެން ކައިވެނި ނުކުރީ. ހަގީގަތް އެނގެން އަކްމަލް އެެންމެ ފަހަރަކުވެސް މަސައްކަތް ކުރިންތަ؟ އަހަރެން އަކްމަލްއާ ކައިވެނި ނުކުރީ އަކްމަލްގެ ބައްޕަގެ ސަބަބުން. އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީ އަކޫގެ ބައްޕަ ކަމަށް ވާތީ. އަކޫގެ މަންމަ އަހަންނާމެދު ދެކޭނެ ގޮތް ނޭނގޭތީ. އަކޫއަށް އަހަރެން ބަލައިގަންނަން އުނދަގޫ ވާނެތީ. މިއަދު އަކްމަލް އަހަރެން މުޅި ދުނިޔެއަށް ފަޟީހަތްތި ކޮށްލީ. އަހަރެންގެ އޮތީ ކޮންކުށެއް…” ރޮމުން ރޮމުންގޮސް ނިޝާގެ އަޑު ބެދުނެވެ. އަނގަމަތީ އަތް އެޅުމަށްފަހު ނިޝާ ދުއްވައިގަތެެވެ. ހަރަކާތްހުއްޓިފައި އަކްމަލަށް ހުރެވުނީ ނިޝާ ދެންމެ ދެއްކި ވާހަކަތަށް ގަބޫލު ނުކުރެވިފައި ހުރި މީހެއްފަދައިންނެވެ. އޭނާގެ ސަބަބުން ނިޝާއަށް މިއަދު އެ ލިބުނީ ފުން ޒަހަމް ތަކެކެވެ. ހިރިލަންވެސް ނޭނގިފައި އަކްމަލަށް އެހެން ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.
ރޭގަނޑުގެ އަރާމް ނިދިން ނިޝާ ވަނީ މަޙްރޫމްވެފައެވެ. އޭނާއަށް އިޙުސާސްވަމުން ދަނީ ހަތަރު ފަރާތުން އޭނާ ބާރުކޮށްލާ ފިއްތާލާހެނެވެ. އަކްމަލްގެ ސަބަބުން މިއަދު އޭނާއަށް މީހުން ތެރޭ ނުކުމެ އުޅެންވެސް ދަތިވެއްޖެއެވެ. ދެނެއް އެ އޮފީހަކަށް ދާކަށްވެސް ނުކުރޭނެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް އަކްމަލްއާ އޭނަގެ މަންމަ ފެނުމުން ނިޝާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އިސްދަށަށް ޖަހައިލައިގެން ހުރެ އަކްމަލް ރޮނީއެވެ. އިރި އިރު ކޮޅާ އޭނާގެ ލޯ ފުހެލައެވެ. އަކްމަލްގެ މަންމަ ވަރަށް ލޯބިން ނިޝާގެ ބޮލުގައި ފިރުމާލަމުން އަކްމަލްއަށް އަދި އެއް ފުރުސަތު ދިނުމަށް އެދެމުން ކޮޓަރިން ނުކުތެވެ.
” ނިޝާ. އައި އެމް ވެރީ ވެރީ ސޮރީ. އަހަންނަށް ނިޝާއާ މެދު ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް. ހެޔޮނުވާނެ. އަހަންނަށް މާފުކޮށްދީ. އަހަރެން ނިޝާދެކެ ވަރަށް ލޯބިވޭ. ނިޝާ އަލުން އަހަރެންގެ ހަޔާތައް އަންނަން އެއްބަސް ނުވެއްޖެއްޔާ އަހަރެން މޮޔަވެސް ވެދާނެ. އަހަންނަށް މާފު ކޮށްދީ. އަހަންނަށް ނިޝާ އާ ނުލާ ނޫޅެވެނެ. ހަނާއަކާ އަހަރެން ރައްޓެއްސެއް ނުވަން. ހުރިހާ ކަމެއްކުރީ ނިޝާ ޖެލަސް ކުރުވަން. އަހަރެންގެ ބައްޕަގެ ސަބަބުން އަހަރެން ދޫކޮށް ނުލާ. ނިޝާއަށް ދުވަހަކުވެސް ބައްޕައާ ކުރިމަތިލާކަށް ނުޖެހޭނެ.އަހަންނަށް އިތުބާރު ކުރޭ. ޕްލީޒް. އަހަރެން އާދޭސް ކުރަން. ” އަކްމަލްގެ ވާހަކަތައް އަޑުއަހަން އިން ނިޝާ ކެތްކުރެވޭތޯ މަސައްކަތްކުރި ކަމުގައި ވިނަމަވެސް އޭނައަކަށް ހިތްވަރެއް ނުކުރެވުނެވެ. ބާރަށް ރޮމުން އޭނާ އަކްމަލްގެ ގައިގައި އޮޅުލައިގަތެވެ.
” އަހަރެން އަކޫއަށް މާފުކޮށްފިން. އަހަރެންވެސް ވަރަށް ލޯބިވޭ . އެގޮތައް ކައިވެނި ކެންސަލްކޮށްލާފައި ދެވުނީތީ ސޮރީ. އަހަންނަށްވެސް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އަކޫއާ ނުލައި އަހަންނަށްވެސް އެއްވެސް އުފަލެއް ނެތް.”
“ދެން ނުރޮއި ނިޝާ. އަހަރެން ނިޝާ އުފަލުގައި ގެންގުޅޭނަން. ލޯބިދޭނަން. ހުރިހާ ހަނދާންތަކެއް ފަނޑުވާވަރަށް ލޯބިދޭނަން.”
އަކްމަލް ނިޝާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ނިޝާ އޭނާގެ މޫނު އަކްމަލްގެ މޭތެރޭ ފޮރުވާލިއެވެ.
ނިދިފައި އޮތް ނިޝާ ނިދީގައިވެސް ދެކެމުން ދިޔައީ ފޮނި ހުވަފެންތަކެކެވެ. އޭނާގެ ތުންފަތުގައި އިރު އިރުކޮޅާ މަޑު މަޑު ހިނިތުންވުމެއް ކުޅެލައެވެ. ގިނައިރު ނުނިދާ ރުއިމުގެ ސަބަބުން އެ ދެލޮލުގައި އަދިވެސް ވަނީ ތެއްކަމެކެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ނިޝާ ފުންމައިގެން ތެދުވިއެވެ. ފެނުނީ ހުވަފެނެއްކަމާއި ރޭގައި ވެގެން ދިޔަ ހުރިހާ ކަމެއް ނިޝާގެ ހަނދާނަށް އަންނަން ފެށުމުން އަނެއްކާވެސް ނިޝާއަށް ރޮވޭ ގޮތް ވިއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯ ފަތިސް ނަމާދުކޮށް ނިޝާ ދުޢާ ކުރިއެވެ.
(ނުނިމޭ)
8 Comments!
Comments are closed.
v reethi … avahah up kohladheebaa
nege keeve keme hama rovenee …..vara reethi vaahaaka
Vvv salhi story
vaahaka v reethi avahah up kohdheeber plx plx plxxxxxxx
ey thee vaahaka liyaa lara tha????
mee vaahaka eh tha. Dhivehi FM ah ves ladhu. mi fenvaruge vaahaka genesdhey thee. eheves reyvun therikameh ney. vaahaka ehge hunnan jehey eheves gothe ney. jumla tha ves heevanee ehche balaigen liyefai hurihen. Mee kon iraku genesdhin vaahaka eh tha Dhivehi FM in. Beynun Emeehunaa ves suvaalu kohlan mi fenvaruge ehchehi emeehun genesdheythee.
Shahu dhw.. Oh really? Thihaa hadiyyaa vaahaka kee keehkuran? Thi kahala meehunaa hedhi ey writers vaahaka update kurun huhtaalanee.. Ekam ekamaa ves thi meehun kuhveri kuraanee writers.. Hithah aihaa ejjeh liyefa comment kura iru writer he feeling aa dheytherey visnaa lias rangalhu.. Writer ah bunelan beynun vanee mikahala meehun kiaa ejjissaa alhaa nulaashey.. Mi vaahaka hama best ey 🙂
alhey haadha lahey up kuraale… pls pls avas kohla dheebaa