Skip to content
އެސްފިޔަ

އެ ވާހަކަ

-މިއީ ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ ހިޔާލު އެކުލަވައިގެން ލިޔެފައިވާ ވާހަކައެކެވެ.-

ނިވިފައިވި ބައްތިއެއް ދިއްލޭނެކަމުގެ ކުޑަ އުންމީދަކާއި އެކު އަހަރެން މިއަދު ދަތުރު މިފެށީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ހަޔާތައް އައި ހަރީފު މޫސުން ބަހާރު މޫސުމަށް ބަދަލުކުރެވޭތޯއެވެ. މީގެ ދެއަހަރު ކުރިން ރައިނާގެ ހަޔާތުގައި ހިނގި ހާދިސާއެއްގެ ސަބަބުން މިއަދު ރައިނާއަކީ މޯޅިވެފައިވާ މަލެކެވެ. އޮއްސިފައިވާ ތަރިއެކެވެ. ގަލަމު ތުނޑުން މީހުންގެ ހިތްތަކާއި ކުޅެމުންއައި ލިޔުންތެރިޔާ މިއަދު ގަލަމެއް ފެނުނަސް ފޫހިވެއެވެ. ގަލަމުގެ ޒަމާން ފަހަނައަޅާ ގޮސް އިނގިލިތަކުން ފަހަރަކު އަކުރަކަށް ފިތާލާފައި ލިޔާ ލިޔުންވެސް ރައިނާ ވަނީ އެއްފަރާތް ކޮށްފައެވެ. ރައިނާ ލިޔާ ކޮންމެ ވާހަކައެއްވެސް އެންމެ ކުރިން ކިޔަނީ އަހަރެންނެވެ. ރައިނާ ލިޔާ ހުރިހާ ވާހަކައެއް މީހުންގެ ތެރޭގައި މަގްބޫލު ވެގެންދިޔައިރު، ރައިނާވަނީ ލިޔުންތެރިންގެ ދުނިޔޭގައި އަމިއްލަ ދުނިޔެއެއް އުފަންކޮށްފައެވެ. ނަމަވެސް މިއަދު ރައިނާވަނީ އެދުނިޔެ އަމިއްލަ އަތުން ފުނޑުފުނޑު ކޮށްލާފައެވެ. ރައިނާގެ އާ ވާހަކައަކަށް އިންތިޒާރުކޮށްގެން ތިބި އެތައް ކިޔުންތެރިންނެއްގެ ހިތް ރޮއްވާލާފައި ރައިނާވަނީ މާލެވެސް ދޫކޮށް އަމިއްލަ ރަށަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު އެއް ހިއްސާއަކީ ރައިނާއާއި ރައިނާ ލިޔެފައިވާ ޖާދޫއިން ފުރިފައިވާ އަސަރުގަދަ ވާހަކަތަކެވެ. ރައިނާގެ ދިރިއުޅުން ބަދަލުވުމުން އެކަމާ އެންމެ ހިތާމަކުރީ އަހަރެންނެވެ. އަހަރެން ދޫކޮށް ރަށަށް ދިއުމުން މިވީ ދެއަހަރު ތެރޭ އަހަރެން ވަރަށް އެކަނިވެރިވިއެވެ. ހިތްވަރުކޮށްލާފައި މިވީ ދެއަހަރު ތެރޭ އަހަރެން ރައިނާ ކައިރީ ދައްކަން ފަސްޖެހުން ވާހަކަ ހިފައިގެން މިއަދު އަހަރެން މިދަނީ ރައިނާގެ ކުރިމައްޗަށެވެ. ބާރަށް ހިތްތެޅެނީ އަހަރެންގެ ވާހަކަ އަހާފައި ރައިނާ ރުޅިގަދަ ވެދާނެތީއެވެ. އެކަމަކުވެސް މައްސަލައެއްނެތެވެ. ރައިނާގެ ދުނިޔެއަށް ރައިނާ ގެންދެވޭތޯ އަހަރެންނަށް ކުރެވުނުހާ ކަމެއް ކުރާނަމަވެެ.

ރައިނާގެ ރަށަށް އަހަރެން ދިޔައިރު މުޅި ރަށް ވަނީ ރޭގަނޑުގެ އަނދިރިކަމުން ނިދާލާފައެވެ. އަހަރެން ފެނުމުން ރައިނާ ވަރަށް އުފާވިއެވެ. ފުރަތަމަވެސް އައިސް އަހަރެން ގައިގައި ބައްދާލިއެވެ. ރައިނާއަށް އައިސްފައިވާ ބަދަލު ފެނިފައި އަހަރެންގެ ލޮލުން ކަރުނަ ނިރާލިއެވެ. ދެރަވިއެވެ. އެކަން ފޮރުވަމުން އަހަރެން ހިތްވަރު ކުރެވޭތޯ ބެލީމެވެ. އަހަރެން އެރޭ ރައިނާއާއި އެތައް ވާހަކައެއް ދެއްކީމެވެ. މާލޭގައި ހިނގި ބަޔެއް ކަންތަކުގެ ވާހަކައެވެ. އަހަރެންގެ ފިރިމީހާއާއި ދަރިފުޅުގެ ވާހަކަތަކެވެ. އާއިލާގެ ވާހަކަތަކަވެ. ނަމަވެސް އެންމެ ފަހަރަކުވެސް އަހަރެންނަކަށް “ވާހަކަ” އެއްގެ ވާހަކަ ދައްކާކަށް ނުކެރުނެވެ. މާޒީގައި ހިނގި ހާދިސާގެ ވާހަކަ ދައްކައި ދިރިއުޅުމުގައި ކުރިޔަށް ދިއުމަށް ހިތްވަރުދޭކަށް ނުކެރުނެވެ. ރައިނާގެ މޫނު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ކުރިމަތީ ސިފަވަނީ މީގެ ދެއަހަރު ކުރިން ރައިނާ ރުއި ރުއިމެވެ. ހިތްދަތިވެގެން ދެން ދުވަހަކުވެސް ވާހަކައެއް ނުލިޔާނަމޭ ކީޔާ ހަޅޭތްލެވި ދުވަހެވެ. މޮޔައެއް ފަދައިން އަހަރެން ގައިގައި އޮޅުލައިގަނެގެން ގިސްލަ ގިސްލާފައި އަހަރެންނަށް މައާފް ކުރާށޭކިޔާ އާދޭސްކުރި ދުވަހެވެ. އަހަރެން ފަސް ޖެހުނެވެ. ނަމަވެސް ރައިނާ ކުރިމައްޗައް އައި މަގްސަދު ހަނދާންވުމުން އަހަރެން ރައިނާ ކައިރީ އެވާހަކަ ދައްކަން ނިންމީމެވެ.

އާދުވަހެކެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި ގޭ ބޭރު ޖޯލީގައި އިށީންދެލައިގެން އަަހަރެން އިނީ މީގެ ފަސް އަހަރު ކުރިން ރައިނާ ލިޔުން ވާހަކައެއް ކިޔާށެވެ. ރައިނާ ކައިރީ އެވާހަކަ ފަށަން އަހަރެންނަށް އެންމެ ފަސޭހަވާނީ އެކަހަލަ ގޮތަކަށެވެ. ވާހަކަ ފޮތައް އަހަރެން ގެއްލުނީ ނުވިސްނާ އިންދައެވެ. ވާހަކައަށް ގެއްލި ހުސްވެފައި އިންދައި އަހަރެން ސިހުނީ ރައިނާ ގޮވައިލުމުންނެވެ.

“ކޯންޗެއް ތި ކިޔަނީ؟” އަހަރެން ކައިރީ ހަމަޖެހިލަމުން ރައިނާ އަހައިލިއެވެ. އަހަަރެން ކުޑަކޮށް ފޮތް މަޅާލުމަށްފަހު ފޮތުގެ ބަނޑޭރިގަނޑު ރައިނާއަށް ދައްކައިލީމެވެ. ވަގުތުން ރައިނާގެ މޫނުމަތި މިލައިގެން ދިޔައެވެ. މޫނު އަނެއް ފަރާތައް ލުމަށްފަހު ދެއަތް ދެއަތާއި މޮޑެމުންދިޔައެވެ.

“ކިހާ އުފާވާނެ ރައިގެ އާ ވާހަކައެއް ކިޔާލަން ލިބެއްޖިއްޔާ! ހިތްހަމަޖައްސާލަން ކުރީގެ ވާހަކަތައް މިކިޔަނީ…” އަހަރެން ބުނެލީމެވެ. ހަމަ ބަހެއްވެސް ނުބުނެ ރައިނާ އެއިންގޮތައް އިނެވެ. ރައިނާ ބަހެއް ނުބުނުމުން އަހަރެންނަށް ކުޑަ ހިތްވަރެއް ލިބުނެވެ. އަނގައިން ނުބުނެ އެއިނީ ދެރަވެގެންކަން ޔަގީނެވެ.

“ރައި… އެއީ ދެއަހަރު ކުރިޔޭ! އެއީ ނިމިފަ އޮތް ކަމެއް…. ރައިގެ ވާހަކައެއް ކިޔާލާހިތުން ތިބީ ކިތައް ކިޔުންތެރިން…. ވީކަމެއް ހަނދާން ނައްތާލާފަ ކޮންމެވެސް އެއްޗެއް އަހަރެންނަށްޓަކާ ނަމަވެސް ލިޔެދީބަލަ… މީހެއްގެ އަނގައިން ބުނި ބަސްތަކަކުން އަމިއްލަ ކެރިއާ ބަންޑުން ޖަހާކަށް ނުޖެހޭ!” އަަހަރެން އެންމެ ފަހުން ބުނި ޖުމްލަ އަހާފައި ރައިނާ ޖޯލިން ކޮޅަށް ތެދުވިއެވެ. ރައިނާގެ އެއަމަލުން އަހަރެންވެސް މަޑުމަޑުން ތެދުވީމެވެ.

“މީހެއްގެ އަނގައިން އެބަސްތައް ނިކުމެފަ އެމީހާ ދެން އަމަލު ކުރީ ކިހިނެއް؟ އޭނަ އަމިއްލަޔަށް މަރުވީ އަހަރެންނާ ހެދިއޭ! އަހަރެންގެ ސަބަބުން މީހެއްގެ ފުރާނަ ދިއުމުން އަހަރެންނަށް ކެރޭނެތަ ދެވަނަ ފަހަރަށް އަހަރެންގެ ގަލަން ނަގަން؟ ބުނަން ނާޒް! އަހަރެންނަކަށް ނުވާނެ ތިކަމެއް! އަހަރެންނަށް އިނގޭ އެހެންވެކަން މިރަށަށް ތިއައީވެސް…. އަހަރެން ދެން އެއްވެސް އެއްޗެއް ނުލިޔާނަށް… އަހަރެން ނޫނަސް މިރާއްޖޭގަ ލިޔުންތެރިން އުޅޭ! ކިޔުންތެރިން ބަނޑަށް ޖެހޭކަށް ނުޖެހޭނެ!” އަހަރެންނާއި ދިމާއަށް ހަޅޭތްލަވާގަނެފައި ރައިނާ ދުވެފައި ގެޔަށް ދިޔައެވެ. ވީދެރައިން އަހަރެން ޖޯލީގައި އިށީންދެލީމެވެ. އެވަގުތު އަަަހަރެންގެ ލޯ ކުރިމަތީ ސިފަވަމުން ދިޔައީ މީގެ ދެއަހަރު ކުރިއެވެ.

އަހަރެންނާއި ރައިނާ ސުކޫލު ނިމުނީ އެކީގައެވެ. އޭރުވެސް ރައިނާއަކީ ލިޔުންތެރިކަމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. ސުކޫލުގައި އުޅުންއިރު ކުރު ވާހަކަތައް ލިޔެގެން މުޅި ކުލާސް ރައިނާގެ އަވާގައި ޖައްސައެވެ. ސުކޫލު ދައުރުގައި ރައިނާ ވަނީ ލިޔުންތެރިކަމުން ރަނުގެ ވަނަތައް ހާސިލްކޮށްފައެވެ. ސުކޫލު ނިމުމުން އަހަރެން ބޭނުންވީ ނަރުހަކަށް ވާށެވެ. ރައިނާ އިޚްތިޔާރުކުރީ ލިޔުންތެރިކަމެވެ. ވާހަކައިގެ ދުނިޔެއެވެ. އެއްވެސް ކަހަލަ ރޮނގަކުން ނުކިޔަވާ ރައިނާ އަސަރުން ފުރިގެންވާ އެތައް ވާހަކައެއް ލިޔަމުން ދިޔައެވެ. ކިޔެވުމަކީ ރައިނާއަށް މާ މުހިއްމު ކަމަކަށް ނުވިއެވެ. އޮންލައިންކޮށް ވާހަކަ ލިޔަންފެށި ރައިނާއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ފޮތް ލިޔެ ކިޔުންތެރިންނާއި ހިސާބަށް ވާސިލްވުމުންނެވެ. ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުންގޮސް ރައިނާ ވެގެންދިޔައީ މުޅި ރާއްޖެ ރަން އަކުރުން ފަވާލާވަރުގެ މޮޅު ލިޔުންތެރިއަކަށެވެ. އެކަމާ އެންމެ އުފާކުރީ އަހަރެންނެވެ.

ވާހަކަ ލިޔުމުގެ އިތުރުން މީހުން ހިއްސާކުރާ ވާހަކަތައް އަޑުއެހުމަކީ ރައިނާ ވަރަށް ލޯބިކުރާ ކުއްޖެކެވެ. މީހުން ހިއްސާ ކުރާ ވާހަކަތައް އަހާފައި ބައެއްފަހަރު އެކަމާ ބެހޭގޮތުން ލިޔުންތައް ލިޔެ އުޅެއެވެ. ނަމަވެސް އެގޮތައް ލިޔާ އެއްޗެހި ކިޔާލަން ލިބެނީ އަހަރެންނަށް އެކަންޏެވެ. ކިޔުންތެރިންނާއި ހިސާބަށް ދަނީ ރައިނާގެ އަމިއްލަ ހިޔާލުން ފުރިފައިވާ ލިޔުންތަކެވެ.

މިހެން އުޅުމުގެ ތެރޭގައި އަަހަރެންނާއި އެކީ ކިޔަވާން އުޅުން ކުއްޖެއް ދިމާވިއެވެ. ވަކި ހިސާބަކަށް ކިޔަވާފައި ނުހާ ކޮލެޖަށް އައުން ބަންދުވީއެވެ. އޭގެ ފަހުން އަހަރުތަކެއް ކޮށްފައި ނުހާ އަހަރެންނާއި ބައްދަލުވީ ރައިނާއާއި އެކީ ހިނގާލާފައި ގެޔަށް އައި މަގުމަތީގައެވެ. ނުހާ ފެނުމުން އަހަރެން އާދޭސްކޮށްގެން ނުހާ އަހަަރެންގެ ގެޔަށް ގެންދިޔައީމެވެ. ނުހާ ފެނުނީއްސުރެ ރައިނާ ނުހާއަށް ބަލަމުން ދިޔައީ ތަފާތު ގޮތަކަށެވެ. އަހަރެންގެ އިތުރުން ނުހާއަށްވެސް އެކަން ފާހަގަވިއެވެ. އެކަމާ އަހަަރެން ސުވާލުކުރީމެވެ. ކުޑަކޮަށް ހީލުމަށްފަހު ރައިނާ އެދުވަހުބުނި ޖުމްލަ އަަަހަރެންގެ ކަންފަތްފޮށުގައި އަދިވެސް އެނބުރެމުން އެބަދެއެވެ.

“ލިޔުންތެރިންނަށް ކޮންމެ އިންސާނެއްވެސް ފެންނާނީ ތަފާތު ވާހަކައެއްގެ ސިފައިގަ!” ރައިނާ ބުނެލިއެވެ. އަދި އަނެއްކާވެސް ރައިނާ ނުހާއަށް ބަލައިލިއެވެ. އަދި ލޯހަނިކޮށްލުމަށްފަހު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ތި މޫނުން އަހަަރެންނަށް ފެންނަނީ ހިތްދަތިކަން… އެކަނިވެރިން… ގެއްލިފައިވާ އުންމީދުތަކެއް!” ރައިނާގެ ވާހަކަ އަހާފައި ނުހާގެ މޫނު މިލައިގެން ދިޔައެވެ. ވަގުތުން ނުހާއަށް ރޮވުނެވެ. އަދި ނުހާގެ ހާލަތު އަަހަރެމެން ދެމީހުން ކުރިމަތީ ބަޔާންކޮށްދިނެވެ.

ނުހާ ކިޔާދިން ގޮތުގައި އޭނަ ކައިވެނިކުރީ އޭނަގެ ލޯބިވެރިޔާއާއެވެ. ކައިވެނީގެ ކުރީކޮޅު ފިރިމީހާ ވަރަށް ރަގަޅެވެ. ނަމަވެސް ފަހުން ފަހުން ނުހާއަށް ވަރަށް އަނިޔާ ކުރެއެވެ. ރޭގަނޑު ދަންވަރު މަސްތުވެގެން އައިސް ޖިންސީ ގޮތުންވެސް އެތައް އަނިޔާއެއް ކުރެއެވެ. ނުވިތާކަށް ނުހާ ބަރަހަނާ ކޮށްގެން ފޮޓޯނަގައި ވީޑިއޯވެސް ކުރެއެވެ. ބައެއް ފަަހަރު ދަންވަރު ގެއިން ބޭރަށްލައި ދޮރުވެސް ޖަހައެވެ. އަމިއްލަ ހާލަތައް ނޫޅެވެން ފެށުމުން ކިޔެވުންވެސް ހުއްޓާލީއެވެ. ވަރިވާން އުޅޭ ކޮންމެ ފަހަރަކު ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކު ކޮށްލާނަމޭ ކިޔާ ބިރުދައްކައެވެ.

ނުހާގެ ވާހަކަ އަޑުއަހާފައި އަހަރެމެން ވަރަށް ދެރަވިއެވެ. އެދުވަހު ނުހާ ދިއުމުން އަހަރެންނާއި ރައިނާ އެކަމާ ވަރަށް ވާހަކަ ދެއްކީމެވެ. އަނެއްދުވަހު އަހަރެން ބަލައިލިއިރު ނުހާ ކިޔައިދިން އެއްޗެހި ވާހަކައެއްގެ ސިފައިގައި ލިޔެ ރައިނާވަނީ ކިޔުންތެރިންނާއި ހަމަޔަށްވެސް ފޯރުކޮށްފައެވެ. އެވާހަކަ ވެގެންދިޔައީ ރައިނާގެ އެންމެ އަސަރުގަދަ އަދި އެންމެ މޮޅު ވާހަކައަށެވެ. ނަމަވެސް އޭގެ ފަހުން ރައިނާގެ އާ ވާހަކައެއް ކިޔާލުމުގެ ނަސީބެއް އެކަކަށްވެސް ނުލިބުނެވެ. ރޭގައި ނުނިދާ ރައިނާ ލިޔުން ވާހަކައިގެ ސަބަބުން ރައިނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލިއެވެ. އެންމެ ވާހަކައެއްގެ ސަބަބުން ފުރާނައެއް ނެތިދިޔައެވެ.

އެދުވަހު ރައިނާ ވަރަށް އުފާކުރިއެވެ. ރައިނާގެ “އެވާހަކަ” ދެދުވަހުގެ ތެރޭގައި ކިޔުންތެރިންގެ ތެރޭގައި ވަރަށް މަގުބޫލުވެގެން ދިޔައެވެ. ރައިނާއަކީ މީހުންގެ ހަޔާތުގެ ސަފްހާތައް އެގޮތައް އާންމު ކުރާ މީހެއް ނޫނެވެ. ނަމަވެސް ނުހާގެ ވާހަކައަކީ ވާހަކައެއްގެ ސިފައިގައި ގެންނަން ވަރަށް ރީތި ވާހަކައެކެވެ. އެގޮތައް ވިސްނާފައި ރައިނާ އެވާހަކަ އާންމު ކުރީއެވެ.

އޭގެ ދެދުވަސް ފަހުން ރައިނާއާއި އަހަރެން ނުހާ އުޅޭ ގެޔަށް ދިޔައީމެވެ. ނުހާއަށް ރައިނާ ލިޔުން ވާހަކައިގެ އެއްވެސް ހަބަރެއް ނުވާކަހަލައެވެ. އަަހަރެން އެވާހަކަ ބުނުމުން ނުހާ އަވަސްވެގަތީ ކޮމްޕިއުޓަރު ކައިރިޔަށް ގޮސް އެވާހަކަ ކިޔާލާށެވެ. ވާހަކަ ކިޔާ ނިންމާފައި ނުހާ ވަރަށް ރުޅިއައިސްފައި ރައިނާއަށް ބަލައިލިއެވެ.

“އަަހަރެންގެ ހަޔާތުގެ އަނދިރި ސަފްހާ އަހަރެން ކިޔާދިނީ މިހެން ވާނެ ކަމަކަށް ނޫން! އަަހަރެންގެ ފިރިމީހާއަށް އިނގިއްޖިއްޔާ އަހަރެން މާރާނެ!” ރޮއެގަނެފައި ނުހާ ބުނެލިއެވެ. ރައިނާ އެވާހަކަ އަހާފައި ވަރަށް ހިތުގައި ޖެހުނެވެ.

“ކަލޭމެން ލިޔުންތެރިން މާ ހެޔޮއެދޭކަމަށް ހަދާފަ މީހުންގެ ޕާސަނަލް ލައިފްގެ ވާހަކަ އޮޅުންފިލުވަނީ ލިޔާނެ މޮޅު ވާހަކައެއް ހޯދަން! ހަގީގަތުގަ ކަލޭމެންނަކަށް މީހެއްގެ ގަޔަކުން އެއްވެސް އެއްޗެއް ސިފަޔެއް ނުވޭ! މީހުންގެ ވާހަކަތައް ހޯދަން ޖަހާލާ މަޅިއެއް އެއީ…. އެހެން ކިޔައިގެން އަހަރެން ލައްވާ އަހަރެންގެ ހަޔާތުގެ ވާހަކަތައް ހޯދީ…. މޮޅު ވެއްޖެ އެއްނު! މުޅި ދުނިޔެއަށް ތި ބޭޒާރުކޮށްލީ އަހަރެންގެ މުޅި ހަޔާތް….. ރައިނާއަށް މޮޅު ކަމަކަށް ވިޔަސް ދެން ހުންނަ މީހާއާ ދޭތެރޭގަ ވިސްނާލަން ޖެހޭނެދޯ!” ނުހާ ރޮއެ ރޮއެފައި ހަޅޭތްލަވަމުން ދިޔައެވެ. ރައިނާހުރީ ބަސް ހުއްޓިފައެވެ. ރައިނާ ވަރު ދޫވެގެން ވެއްޓެން އުޅުމުން އަހަރެން ރައިނާ ގޮވައިގެން އެތަނުން ދާން ހިނގައިގަތީމެވެ.

އެދުވަހު ހިތުގައި ޖެހިގެން ރައިނާ ވަރަށް ރޯލިއެވެ. ކުށެއް ކުރެވުމުން ނުހާ ކައިރިން މައާފަށް އެދެން ބޭނުންކަމަށް ބުންޏެވެ. މީހެއްގެ ހުއްދަ ނުހޯދާ އެމީހެއްގެ ވާހަކަ އެގޮތައް ލިޔުން އެއީ ކުށެއް ކަމަށް އަަހަރެންވެސް ގަބޫލު ކުރަމެވެ. ނަމަވެސް ރައިނާ އެވާހަކަ ލިޔުނީ ނުހާގެ ނަން ލައިގެންނެއް ނޫނެވެ. އެވާހަކަ ރައިނާ ލިޔުނީ ރައިނާގެ އަމިއްލަ ހިޔާލުތައް ހިމަނައިގެން އަމިއްލަ ގޮތަކަށެވެ. ވާހަކަ ނިމެނީ ނިމުމެއްނެތް ނުހާގެ ހިތާމަތަކަށް އުފާވެރި ކަމެއް ގެންނަމުނެވެ. ނަމަވެސް ވާހަކަ ކިޔާފައި ނުހާއަށް ވެގެންދިޔަގޮތުން ރައިނާ އަމިއްލަ ނަފްސު ކުއްވެރިކުރަމުން ދިޔައެވެ.

އަނެއްދުވަހު ހަބަރުތަކުގައި އެންމެ ހަލުވިކަމާއިއެކު ދައުރުވަމުން ދިޔައީ އުމުރުން 23 އަހަރުގެ އަންހެން ކުއްޖެއް ދަންޖެހިގެން އަމިއްލަޔަށް މަރުވި ހަބަރެވެ. އެދުވަހު މެންދުރު އަހަރެންނާއި ރައިނާއަށް އިނގުނީ އެއީ ނުހާ ކަމެވެ. ނުހާގެ މަންމަގެ ފަރާތުން މައުލޫމާތު ލިބުންގޮތުގައި ރައިނާ ލިޔުން “އެވާހަކަ”އިގެ ވާހަކަ ނުހާގެ ފިރިމީހާއަށް އިނގުނީއެވެ. އަހަރެމެން އެގޭގައި ދެއްކި ހުރިހާ ވަހަކައެއް ނުހާގެ ފިރިމީހާ ހުރީ އަޑުއަހާށެވެ. ނުހާގެ ވާހަކަތައް އަހާފައި ނުހާގެ ފިރިމީހާ ކައިރިޔަށް ރުޅިއައީ ނުހާ އެހެން މީހުން ކައިރީ އޭނަގެ ވާހަކަތައް ދައްކާތީއެވެ. އެންމެފަހުން އެމީހުންގެ ވާހަކަ މައްޝޫރު ވެގެން މިދިޔައީ މައްޝޫރު ލިޔުންތެރިޔާ ރައިނާގެ ވާހަކައަކުންނެވެ. ނުހާގެ ފިރިމީހާ ކައިރިޔަށް ރުޅިއައިސްގެން ނުހާއަށް އަނިޔާކުރީއެވެ. ކެތްނުވެގެން އެންމެފަހުން ނުހާ ދަންޖެހިގެން އަމިއްލަަޔަށް މަރުވީއެވެ. އެހާހިސާބުން އެކަން ރައިނާ އެޅުވީ އަމިއްލަ ބޮލުގައެވެ. ވީދެރައިންނާއި ކުރި އަސަރެއްގެ ބޮޑުކަމުން ގެޔަށް އައިސް އަމިއްލަ ގަލަން ވަޅުލީއެވެ. ވާހަކައިގެ ދުނިޔެއިން ނިކުމެ އެދުނިޔެ އެކީ ފުނޑުފުނޑު ކޮށްލީއެވެ. ލިޔެވުނު އެންމެ ވާހަކައެއްގެ ސަބަބުން ރައިނާގެ ހުރިހާ އުފަލެއް ގުރުބާން ކޮށްލީއެވެ. ރައިނާގެ އުފަލަކީ ލިޔުންތެރިކަމުގެ ބަގީޗާއެވެ. އަހަރެންގެ އުފަލަކީ ރައިނާގެ މުއްސަނދި ހިޔާލުތަކުން ގެނުވައިދޭ ވާހަކަތަކެވެ.

މީގެ ދެއަހަރު ކުރިން ހިނގައިދިޔަ ހާދިސާ ހަނދާންވެފައި އަހަަރެންނަށް ރޮވުނެވެ. އަދި ފޯނުނަގައި ރައިނާ އެންމެ ފަހުން ލިޔުން ވާހަކަ ކަޔައިލީމެވެ. އެކަނި އޮވެގެން ރޮމުންދާތީ މަގުމަތިން ދިޔަ ދެތިން މީހަކު އަަހަރެންނަށް ބަލައިލިއެވެ. ދެލޯ ފުހެލަމުން އަހަރެން ގެޔަށް ވަނީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ ރައިނާގެ އެނދުމަތިވެފައިވާ މަންމަ ކައިރީ އިށީންދެ އިނދެގެން ރޮމުންދިޔަ މަންޒަރެވެ.

“ދަރިފުޅާ! މަންމަ ދެން މާގިނަ ދުވަހަކު ދުނިޔޭގަ ހުންނާނެ ހެންނެއް ހިޔެއް ނުވޭ! ސުކޫލުގައި އުޅެމުން ދަރިފުޅު ބުނީމެއްނު މަންމައަށް ވަރަށް އަސަރުގަދަ ވާހަކައެއް ލިޔެދޭނަމޭ! އަދިވެސް މަންމަ ކިޔާލާކަށް އެވާހަކައެއް ނުލިބޭ….” ރައިނާގެ މަންމަ ބުނެލި އަޑު އިވުނެވެ. އަދި މަންމައަށްޓަކައި ވާހަކައެއް ލިޔެދޭށޭ ކިޔާ ވަރަށް އާދޭސްކުރިއެވެ.

އެރޭ އަަހަރެންނަށް ފެނުނީ ދެއަހަރު ފަހުން ރައިނާ އަމިއްލަ ގަލަން ނަގައި އަމިއްލަ ދުނިޔޭގައި މުޅިން އާ ގަނޑުވަރެއް ބިނާކުރަމުން ދިޔަ މަންޒަރެވެ. ނުނިދާ ހޭލާ އިނދެގެން ވަޅުލެވިފައިވާ ހުރިހާ އުފަލެއް ކޮނެގެން ނަގަމުންދިޔަ މަންޒަރެވެ. އަހަރެން ރައިނާ ކައިރީ ހުރެގެން އެހުރިހާ މަންޒަރެއް ބަލަމުން ދިޔައީމެވެ. ދެން ދުވަހަކުވެސް ގަލަމުގައި އަތްނުލަން ވައުދުވި ރައިނާއަށް މަންމަގެ ހައްގުގައި ގަލަމުގައި ހިފަން މަޖުބޫރުވީއެވެ. ލިޔަމުން ދިޔައިރު ރައިނާގެ މޫނުން އަހަރެންނަށް އުފާވެރިކަމެއް ފެނުނެވެ. އެއީ މީގެ ދެއަހަރު ކުރިން ނުހާއާއި އެކު ހިރަފުސް އަރާފައިވާ އުފާވެރިކަމެވެ. ހިތުގެ ހަމަޖެހުން ނަގާލައިފައި މި އެކަނިވެރި މާހައުލަށް އައީ އެހިރަފުސް ބޯ ތޫފާނުގެ ސަބަބުން ހިތައް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ރައިނާގެ މުޅިން އާ ވާހަކައެއް ކިޔާލަން ލިބެން އުޅޭތީ އަހަރެން ވަރަށް އުފާކުރީމެވެ. އަދި އޮއްސިފައިވާ މިތަރި އަނެއްކާ ފިޔަޖަހަން އުޅޭތީ އަހަރެން ހުރީ ހަމައިން ނެއްޓިފައެވެ. ނަމަވެސް ހިތާމައަކީ މިވާހަކަ ލިޔެފައި އަނެއްކާ ރައިނާ ލިޔުން ހުއްޓާލަފާނެތީއެވެ. އެހެންނެއް ނުވާނެއެވެ. އަހަރެން ރައިނާއަށް ވިސްނައިދޭނަމެވެ. ނުހާ ނިމިދިޔައީ ރައިނާގެ ސަބަބަކުން ނޫނެވެ. ނުހާ ނިމިދިޔައީ އޭނަގެ ފިރިމީހާގެ އަނިޔާތަކުގެ ސަބަބުންނެވެ. އޭގެ ސަބަބުން ރައިނާގެ އުފާތައް ކަފުންކުރާކަށް ނުޖެހެއެވެ. ރައިނާގެ ބަގީޗާގައި ތަފާތު މާމެލާމެލި މީގެ ފަހުން ފޮޅޭނެކަމަށް އަަހަރެން އުންމީދު ކުރަމެވެ. (ނިމުނީ)

Comments (23)

  1. Mal

    Asluves nuha dhanjehigen maruveetha hama? Mi story v reethi

  2. Navya

    Aslu nuha suicide kuraakah nujeheyne kanneynge dho? Firimeehaa viyas polihah noonee gender ah vs dheveyne. Report kohgen firimeehage kibain salaamaiy veven ovva nubai gothakah nimidhiyaee thi.

  3. Anonymous

    Manje anehkaaves meehehge molhu vaahaaeh copy koheetha. Amilla liyumeh vathtareh nujahaa

  4. Samy

    Wow ❤

  5. Ifaau

    Mee alhugan’dah meehaku hissaa kuri vaahakaeh! Mee alhugan’du amillayah liyun vaahakaeh! So please don’t be negative anyone.?

  6. Anonymous

    drama balaa meehunnakah neyngeyne amilla ah liyefahunnaliun ves v reethi

  7. Raina

    Aslu liyuntherives meehehge hayaathuge vaahakaeh liyaanama emeeheh kairin huhdha ehumahfahu liyun budhiveri!! Ehn noonee mikahala kanthah medhuverivun gaaiy. Mi vaahakaiga ulhun nuha ah ves ehen e v. Dheravaane knme kujjeh vs meehaku ekahala kameh kohfiyyaa.. Mi vaahakain hurihaa liyuntherives iburatheh haasil kuraane kamah heekuran. Liyuntheringe amilla hayaathaa gulhey vaahakathah ginain aammu kurivareh onnaanee. Perfect story.???

  8. Flower

    Asluves thedheh raina thibunee!! Ekamaku nuha ah libunu firimeehage sababun kanneynge nuha e dhanjehunee aslu. Raina ah vs kusheh kurevun ekam ekan amilla boluga elhuvun eiy massala eh.

  9. Ssss

    Just wow!!

  10. Anhenaa

    Bayeh firihenun hama nulafaaee hama. Mihaaru firimeehaayah ves ithubaareh nukurevey. Ehaame biruveri mihaaruge maahaulu.

  11. anonymous

    v avas aruvaalaafa liyefa othee. kamaku nudhey. bahuge masala tha v gina

  12. QueenBee

    Maa sha allah. V reethi

  13. Hamooo

    Kudhin kudhin anehkaa mi vaahaka kiyaafa dhan nujehey thi!!
    Ehen veh jeyaa ifooo eh dhen nufennaane!!!
    Ehen viyma kamaku nudhaane eh nu!!

    1. Ravupinky
      Hamooo

      aan nujeheynan! ;P HEHEHE

    2. Ravupinky
      Hamooo

      nice story..just love it!

  14. Angel

    Beautiful story❤

  15. ully

    Mikahala reethi vaahaka thah liyaathii hey vaa kudhin ves ulhey dhw…

  16. ully

    *jey

  17. Kummii

    This story is amazing

  18. someone

    Nice story but too many characters at once.

  19. Razu

    Varah sahli story. But u can do better than this.:-)<3<3:-)

  20. Hauafu

    V v reethi mi story,god bless u,bodah kiyaalan beynun vanee hageegee vaahakathah,tks,

  21. Mysha

    Masha allah…
    Vvv nice……
    I’m just loving it….

Comments are closed.