ނޭނގި ޔާރު ވަކިވީ (4)
“އާން..” އެދުލުން އެނަން އިވުމާއި އެކު އިއާންގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. “ޒާރާ..” އިއާންއަށް އެތަށް ޒަމާން ތަކަކަށްފަހު އެނަން ފާޅުގައި ކިޔާލެވުމުން ދެލޯ ކަރުނުން ފުސްވިއެވެ. ޒާރާ ކަޅި ޖަހައި ނުލައި އިއާންއަށް ބަލަން ހުރި އިރު އެލޮލުގައި ގިނަވި ކަރުނަތައް އެއްވެސް އިޚްތިޔާރަކާއި ނުލައި އެސްފިޔަތައް ދަށުން ފޭބިއެވެ.
އެއަތްތިލަ އިއާންގެ މޫނާއި ދިމާއަށް އައިރު އެލޮލުގައިވީ ޖަޒްބާތް އިއާންގެ ލޮލުގައި ވެސް ވިއެވެ. އެއަތުގެ ބީހިލުމަށް އިންތިޒާރު ކުރަމުން ދިޔަ އިއާން ލޯ މަރާލީ އެކަން އިހުސާސް ވާނެކަމަށެވެ. ނަމަވެސް އެ ސިކުންތުގައި ޒާރާ އަތް ދަމާފައި އިއާންގެ ކަންކަށިމަތީގައި ޖެހިއެވެ.
ދެލޯ މަރައިގެން ހުރި އިއާންއަށް އަރައިގެން ދިޔަ ދިލައިން މޫނުގައި އަތް ލެވުނު އިރު އޭނާ ލޯ ހުޅުވާ ކުރިމަތީގައި ހުރި ޒާރާއަށް ނަޒަރު ހުއްޓާލިއެވެ. އޭރު މީގެ ހިނދުކޮޅެއް ކުރިން އެ ލޮލުން ފާޅުވާން ހުރި ޖަޒްބާތް ވަނީ މުޅިން ބަދަލުވެފައެވެ. އެ މޫނުމަތިން ވޭނާއި ނަފްރަތް ނޫން އެއްޗެއް އިއާން އަކަށް ނުފެނުނެވެ.
ސިހިފައި ހުރި އިއާން އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން ޒާރާ އޭނާގެ މޫނުމައްޗަށް ދޮރުޖެހިއެވެ. ގަބުވެފައި ހުރި އިއާން އިރުކޮޅެއް ފަހުން ދޮރުގައި ޓަކި ޖަހަމުން ޒާރާއަށް ގޮވާލިއެވެ. “ޒާރާ.. ދޮރުހުޅުވަބަލަ. އަހަރެން ބޭނުން ވާހަކަދައްކާލަން.. ޕްލީޒް.” އިއާން ގޮވަމުން ދިޔަ ނަމަވެސް އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުނެވެ.
އިއާން އަމިއްލަ ލޯ ފޮހެލަމުން ސިޑިން ތިރިއަށް ފައިބަން ހިނގައި ގަންނަމުން އަދި އެއްފަހަރު ލެއްޕިފައި ހުރި އެދޮރަށް ނަޒަރު ހުއްޓާލިއެވެ. އެނބުރި ޒާރާ ކައިރއަށް ދާން ބޭނުންވި ނަމަވެސް އޭނާ ހީކުރި ގޮތާއި ޚިލާފަށް ޒާރާ އޭނާ ދުރުކޮށްލީއެވެ. އިސްޖެހިފައި ހުރެ ސިޑިން ފައިބައިގެން ދިޔައިރު ދެންމެ އެވީކަންތައް ސިކުނޑީގައި ރޯލެއްހެން ކުޅެވެމުން ދިޔައެވެ.
****
ހަވީރުގެ ފިނި ވައިރޯޅިތައް ޖެހެމުން ދިޔައިރު ޖާބިރުއާއި ފައިރޫޒު ކޮފީއެއް ބޯލުމުގައި ‘ސިޓްރަން’ ރެސްޓޯރަންޓުގެ ބޭރުގައި ތިއްބެވެ. ކުރިމަތީގައި ގަދަ ނޫކުލައިގެ މާސިންގާ ކަނޑު ހާމައަށް އޮތް އިރު ފޮނުއަރުވަމުން އައި ރާޅުތައް އެހިސާބަށް ބިންދާލަ އަޑު އިވެމުންދިޔައެވެ. ވަށައިގެންވީ މޭޒުތަކުގައި އެކި މީހުން ތިބި އިރު މަތީބައިގަ ވެސް އެތަށް ބަޔަކު ތިއްބެވެ.
ކޮފީ ތަށިން ކޯވަރެއް ބޯލަމުން ފައިރޫޒު ގޮނޑީގައި ހަމަޖެހިލިއެވެ. “ކޮބާ މިހާރު ވިޔަފާރީގެ ކަންތައް ކިހިނެތް ކުރިއަށް ދަނީ؟” ފައިރޫޒް އަހާލިއެވެ. “ދެން ހަމަ ރަނގަޅު.. ދޭތެރެއަކުން މައްސަލައެއް ޖެހިލިއަސް އަނެއްހެން ވިޔަފާރިއަށް މާ ބޮޑު އަސަރެއް ނުކުރޭ..” ސިނގިރޭޓުން އަޅި ކަނޑާލަމުން ޖާބިރު ބުނެލިއެވެ.
“ތިހެން ވީއިރު ރަނގަޅުތާ.. އިނގޭތަ އަހަރެން މިއަދު ބޭރަށް ނިކުމެލި ގަޑީގައި ޝިމްލާމެން ބެލްކަނީގައި ވާހަކަ ދައްކަން ތިބީމައި އެތަނަށް ކަންފަތް ދިއްކޮށްލިން..” ފައިރޫޒު މިހެން ބުނުމުން ޖާބިރު ހިނިގަނޑެއް ޖަހާލިއެވެ. “އެއްކަލަ ފައިރޫޒު.. ތި އަންހެނުން ނުދައްކާނެ މާ ލާހިކު ވާހަކައެއް.” ޖާބިރު ހެމުން ހެމުން ބުނެލިއެވެ.
“ތެދެއް ތިވެސް.. އެކަމު އެ ޝިމްލާ އިނދެގެން ކިޔާ މިރުޝާލްގެ ކައިވެނި ހަމަޖައްސަން ވީއެއް ނޫންހެއްޔޯ.. ކީ ކޮންމެސް މީހެއްގެ ދަރިއެއްގެ ވާހަކަ ވެސް. ތަސްލީމާ ވެސް އިން ނިކަން އަޑު އަހަން. އެކަމު މަށަށް ޔަޤީން މަގޭ ނާދިރާ އިނީ ހަމަ މުޅިން މޫނު ހަދާފައިކަން. އޭނަ އެކަހަލަ ކަމަކާ ނޫޅޭނެ” ފައިރޫޒު މިހެން ބުނުމުން ޖާބިރު ދެފަރާތަށް ބޯ ހޫރާލިއެވެ.
“ކީއްކުރާނީ ފައިރޫޒު. އަހަރެން ނެތިން ތީގައި އެއްޗެކޭ ބުނާކަށް.. ތި ޝިމްލާއަކާއި ދިމާވި ފަހުން ތަސްލީމާއަށް ނޭނގެ ވެފައި ހުންނަ ގޮތެއް ވެސް. ކުރިން ވެސް އޭނައަކީ ހަމަ ހަރުކަށި ކުދިން ކޮންޓުރޯލުގައި ބަހައްޓާ މީހެއް.. އެކަމަކު މިހާރު ދެން މާވަރަކަށް ކަންނޭގެ އެ ހިފައްޓަނީ. މިރުޝާލު ވެސް އެހުރީ ދެން ބޮޑުވެފައި. އާނ އަހަރެން ވެސް ބޭނުން އޭނާ މީހަކާއި އިންނަތައް ދެކެން. އެކަމު ކޮންމެހެން އެކަމަށް މަޖުބޫރު ކުރާކަށް ނެތިން. އެމީހުން އުޅޭނެ ގޮތް އިނގޭނީ އެމީހުންނަށް ދޯ.. އަހަރެންމެނަށް ހެވާއި ނުބައި ކިޔާ ދެވޭނީ..” ޖާބިރު ވިސްނާލުމަށްފަހު ބުނެލިއެވެ.
“އެހެންވީއިރު އިއާން ކީއްވެޔޯ އެ އިނީ؟ މަޖުބޫރަކުން ނޫން؟” ފައިރޫޒް ކޮށްލި ސުވާލުން ޖާބިރުގެ ދޫ ބަންދުވިއެވެ. އޭނާ މޫދަށް ނަޒަރު ހުއްޓާލިއިރު އެކަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޚިޔާލަށް ގެއްލި އިނދެފައި އޭނާ އެތެރެއަށް ދަމާލި ސިނގިރޭޓުގެ ދުންތައް ފަޒާއަށް ދޫކޮށްލިއެވެ.
****
ސިނގިރޭޓު ރޯ ކޮށްލަމުން އިއާން އޭގެން ހަށިފުރައި ދަމާލަމުން ގޮނޑީގައި ލެނގިލިއެވެ. އެއްފައި ނަގައި އަނެއްފައި މައްޗަށް ލައިގެން އިނދެ މަޑުމަޑުން އެފަތިލަ ތަޅުވަމުން ދިޔައެވެ. ރަތް ވިލާގެ ދަޅަތައް އެ ހިތްގައިމު މޫނަށް އެޅިފައި ވީއިރު ސިނގިރޭޓުގެ ދުންތައް އޭނާ ވަށާލެވިފައި ވިއެވެ.
އިއާންއަށް ބޭއިޚްތިޔާރުގައި ކޮލުގައި އަތް ލެވުނު އިރު އަދި ވެސް ހީވަނީ އެދިލަ އަރައިގެން ދާހެންނެވެ. އެކަޅު ބުޅިން އިސްތަށިގަނޑު ވަށާލެވިފައި ވީ ޒާރާގެ ދޮން މޫނު ސިފަވުމުން އެހިތަށް އިތުރު ވޭނެއް ލިބުނެވެ. އިއާން ޚިޔާލުގެ އޮއެވަރުގެ އޮޔާ ދިޔަ އިރު ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ހުސްކޮށް އަޅިއަށް ހަދަމުން ދިޔައެވެ. އިރު އޮއްސި އަނދިރިކަށް ފެތުރިގެން ދިޔުމުން ކައިރި އިމާރަތްތަކުންނާއި މަގުތަކުން އެހިސާބަށް އަލި އެޅިފައި ވިއެވެ.
ކޮޓަރިއަށް ވައިން ރައިނާއަށް ލައްޕާފައި ހުރި ބެލްކަނީގެ ދޮރުން އިއާން ބޭރުގައި އިނދެ ސިނިގިރޭޓު ބޮމުން ދިޔަ މަންޒަރު ފެނުނެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް އެ ދޮރު ކަހާލުމާއި އެކު ސިނގިރޭޓުގެ ވަސް ނޯށުގައި ޖެހުނެވެ. އަނގަމަތީގައި އަތް އަޅައި އޭނާ ވައިގައި އަތް ފުނާ އަޅާލަމުން ދުންތަށް ހަވައަށް ބޭރުކޮށްލިއެވެ.
“އިއާން.” ރައިނާގެ އަޑަށް އިއާން އެދިމާއަށް ނަޒަރު ހުއްޓާލައި އެއްވެސް ޖަވާބެއް ނުދީ ފަނޑު ހިނިތުން ވުމެއް ރައްދު ކޮށްލިއެވެ. ރައިނާ އައިސް އިއާންގެ ފަހަތުން އޭނާގެ ގައިގައި ބައްދާލިއެވެ. އިއާންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން އޭނާ އެއްއަތުން އިއާންގެ އިސްތަށި ކޮޅާއި ކުޅެމުން ދިޔައެވެ.
“ސޮރީ މިއަދު އުޅެވުނު ގޮތުން.. އަސްލަ އިއާން ތިހައި ދުރުވީމަ ދެރަވީ. ދެން އެވާހަކައެއް ނުދައްކާނަން. އައި އެމް ސޮރީ.. ރައިނާ ދެރަވެފައި ބުނެލިއެވެ. “ހޫމް.. އިޓްސް އޯކޭ..” އިއާން ކުރުގޮތަކަށް ޖަވާބު ދިން އިރު އޭނާގެ ނަޒަރު ވަނީ ބޭރަށް ހުއްޓިފައިއެވެ.
ރައިނާ ލަސް ހަރަކާތް ތަކަކާއި އެކު އިއާން ލައިގެން ހުރި ޓީޝާޓު ކަރު ކައިރިން ދުރުކޮށްލަމުން އެތަނުގައި ބޮސްދޭން ފެށިއެވެ. އިއާންގެ ގައިގައި އޭނާ ލަސްލަހުން ފިރުމަމުން ދިޔައިރު އިއާން އިނީ ރައިނާގެ މި އަމަލުތަކުން އުނދަގޫވެފައެވެ. އޭނާގެ ޚިޔާލުތަކުގައި ޒާރާ ވީއިރު ރައިނާގެ އެބޭނުންތައް ފުއްދަދޭ ހިތެއް އޭނާ ނެތެވެ.
ރައިނާ ލަސްލަހުން އިއާންގެ ޓީޝާޓު އަޑިން އެގައިގައި ބީހިލުމުން އިއާން ވަގުތުން އޭނާގެ އަތް ދުރަށްލިއެވެ. އިއާންގެ މި ހަރަކާތުން ރައިނާ ހިތްހަމަ ނުޖެހިފައި ތެދުވެ އައިސް އިއާންގެ އުނގުގައި އިށީނދެ އޭނާގެ ބޯވެފައިވާ ތުނބުޅީގައި އަތް ހާކާލަމުން ސިއްރުން ވާހަކައެއް ބުނެލިއެވެ.
“ރައިނާ ޕްލީޒް.. މިގަޑިއަކު ނޫން..” އިއާން ސިނގިރޭޓުގެ ދުންތައް ފަޒާއަށް ދޫކޮށްލަމުން ބުނެލިއެވެ. “ނޫނެކޭ؟ އިއާންއަށް މިހާރު ކޮންމެ ކަމަކަށް ނޫނެކޭ ބުނުން ނޫން ކަމެއް ކުރެވޭތަ.” ރައިނާ ހިތްހަމަ ނުޖެހިފައި ހުރެ ވަގުތުން އޭނާގެ އުނގުން ތެދުވެ އިއާން ތުމުގައި ޖެހި ސިނގިރޭޓު ނަގައި ބެލްކަނިން ބޭރަށް އެއްލާލިއެވެ. ރައިނާ އެކުރި ކަމަކުން އިއާން އޭނާއަށް ލޯ އަޅާލަމުން ޖީބުން ފޮށި ނަގައި އިތުރު ސިނގިރޭޓެއް ރޯކޮށްލިއެވެ.
އިއާންގެ އެ ފިނި ބެލުމުން ރައިނާގެ ހިތަށް ތަދުވިއެވެ. ކަޅި ޖަހާނުލައި އިއާންއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާ އިތުރު އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އިއާން ވަގުތުން އޭނާ ހުއްޓުވިއެވެ. “އިތުރަށް އެންމެ އެއްޗެކޭ ވެސް ބުނެގެން ނުވާނެ.. އައި އެމް ނޮޓް އިން ދަ މޫޑް. އެހެންވީމަ މިގަޑީގައި ރަނގަޅު ވާނީ އިތުރަށް އަހަރެން ރުޅި އަރުވަން ނޫޅެ މިތަނުން ދިޔައިއްޔާ.” އިއާން އޭނާއަށް ބަލައިވެސް ނުލައި ހިތްހަމަ ނުޖެހިފައި އިނދެ މިހެން ބުނުމުން ރައިނާ ރުޅި ގަދަވިއެވެ.
“ވަޓް! އިއާން ކީއްވެތަ..” ރައިނާ މިހިސާބަށް ބުނި ތަނާ އިއާން ހަޅޭލަވައިގަތެވެ. “ލީވް ބިފޯ ޔޫ މޭކް މީ ޑޫ ސަމްތިން އައި ވިލް ރިގްރެޓް!” އިއާން ހަރުކަށި ކަމާއިއެކު އަތް މުއްކަވާލަމުން މިހެން ބުނިއިރު ހީވީ ދެންމެ ދެންމެ ކަމެއް ކޮށްފާނެ ހެންނެވެ. ރައިނާ ދުމެއް ޖަހާފައި އެތަނުން ނިކުމެ ބެލްކަނީގެ ދޮރު ބަން ލާފައި ލެއްޕިއެވެ.
****
ދޮރު ލައްޕާލުމަށްފަހު އެތެރެއަށް ވައިން މިރުޝާލް ލެޕްޓޮޕް ޗާޖަށް ޖަހާފައި އޭތި އެނދުގައި ބާއްވާލިއެވެ. ލައިގެން ހުރި ގަމީހުގެ އަތްކުރި އޮޅާލެވިފައި ވީއިރު އޭނާ ޖިންސު ބާލާ ސޯޓަކަށް ބަދަލުކޮށްލަމުން އެނދުގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. އޭގެން އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ތަނުގެ ކުރެހުން ހަދަމުން ދިޔައިރު ގަޑިއިރެއް އެކަމުގައި ވޭތުވެގެން ދިޔައެވެ.
އެތަށް އިރެއްފަހުން އޭނާ ވަރުބަލި ވުމުން ހަބަރު ކިޔާލުމަށްފަހު ފޭސްބުކަށް ވަދެލިއެވެ. ޖޫލްމެން މާލެ އައިސް ނަގާފައި ހުރި ފޮޓޯ ތަކާއި ނާއިކްގެ އުފަން ދުވަހު ނަގާފައި ހުރި ފޮޓޯ ތަކަށް ލައިކް ކުރަމުން ދިޔައެވެ. އެއަށްފަހު އޭނާ އަވަސްވެ ގަތީ އަބަދުވެސް ފޭސްބުކަށް ވަދެއްޖެއްޔާ އެކުރާ ކަންތައް ކޮށްލުމަށްށެވެ.
ސާޗް ބަޓަންއަށް ގޮސް އޭނާ ބޭނުންވާ ނަން ޖަހާލުމުން އެ ޕްރޮފައިލް އެރިއެވެ. މިރުޝާލް އެޕްރޮފައިލް ހުޅުވާލަމުން އޭގައި އިން ފޮޓޯ ބޮޑުކޮށް ހުޅުވާލިއެވެ. އޭގައި އިނީ ބުރުގާ އަޅައިގެން އިން އަންހެއްކުއްޖަކު އަތިރިމަތީގައި ކުޑަކުއްޖެއް އުނގަށް ލައިގެން ކުޅެން އިން މަންޒަރެވެ. މިރުޝާލް ޒޫމް ކޮށްލަމުން އެ އަންހެންކުއްޖާގެ ސޫރައަށް ރަނގަޅަށް ބަލާލިއެވެ.
އެތުންފަތައް ލުއި ހިނިތުންވުމެއް ވެރިވި އިރު އޭގައި ކުޑަކުއްޖާއަށް ވެސް ރަނގަޅަށް ބަލާލިއެވެ. އެކުއްޖާއަށް ބަލާލައިފައި ވެސް އެއީ އެ އަންހެން ކުއްޖާގެ ދަރިއެއް ކަން ޔަޤީންވެއެވެ. އެކުއްޖާ އެހާ ވެސް އޭނައާއި ވައްތަރެވެ. މިރުޝާލް އެފޮޓޯ ސޭވް ކޮށްލަން ވަކިން ފޯލްޑަރެއް ހުޅުވާލި އިރު އޭގައި ވަނީ ހުސް އެ އަންހެން ކުއްޖާގެ ފޮޓޯތަކެވެ. މިރުޝާލް އެ ފޮޓޯ ސޭވް ކޮށްލުމަށްފަހު ފޯލްޑާގައި ހުރި ކޮންމެ ފޮޓޯއެއް ވަކި ވަކިން ބަލަމުން ދިޔައެވެ. އެ އަންހެންކުއްޖާ އެކި ތަންތަނުގައި ނަގާފައި ހުރި ފޮޓޯތައް ވީއިރު އޭނާގެ ބުރުގާ ނާޅާ ކުރީގެ ފޮޓޯތަކެއް ވެސް ހުއްޓެވެ. މިރުޝާލް އެފޮޓޯތަކަށް ގެއްލިފައި އިންދައި ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ސިހިފައި އެ ފޯލްޑާ ނިއްވާލަމުން އޭނާ ކުރަން އިން މަސައްކަތުގެ ވިންޑޯ ހުޅުވާލިއެވެ.
“ދަރިފުޅާ.. ބިޒީތަ؟” ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ޖާބިރު އަހާލިއެވެ. “ނޫނޭ.. މިދެން އޮފީސް މަސައްކަތެއް ކޮއްލަނީ. ބައްޕަ ދުރުވޭ އެތެރެއަށް..” މިރުޝާލް ލެޕްޓޮޕް ދުރަށްލަމުން ބުނެލިއެވެ. އެނދުގައި އިށީނދެލަމުން ޖާބިރު ލެޕްޓޮޕަށް ނަޒަރު ހުއްޓާލައި މިރުޝާލް ކޮށްފައި ހުރި މަސައްކަތް ބަލާލިއެވެ.
“މީތަ މިހާރު ތިހަދާ ތަނަކީ؟” ޖާބިރު އަހާލިއެވެ. “ލައްބަ. ނިމުމަކާއި ގާތްވަނީ މިދެން.” މިރުޝާލް ހިނިތުންވެލަމުން ބުނެލިއެވެ. “ހޫމް.. ރަނގަޅު. މިހާރު ރަށަށް ދާން ދުވަހެއް ކަނޑައަޅައި ލޯންޗު ވެސް ހަމަޖައްސައިފިން ބައްޕަ.” ޖާބިރު މިހެން ބުނުމުން މިރުޝާލް އެނދުގައި އަރިއަކަށް ޖެހިލިއެވެ.
އެއްޗެކޭ ނުބުނި ނަމަވެސް އެމޫނުމަތީގެ ކުލަވަރު ޖާބިރުއަށް ސިއްރެއް ނުވިއެވެ. “ދަރިފުޅު ނުބުންޏެއް ކަމަކު ބައްޕައަށް އިނގޭ ހުރިހާ ކަމެއް ވެސް. އެވާހަކަ ދައްކަން މިއައީ.” ޖާބިރު މިހެން ބުނުމުން މިރުޝާލް އޭނާގެ ބައްޕައަށް ނަޒަރު ހުއްޓާލިއެވެ. “ރަށަށް ދާ ވާހަކަ ބުނި އިރު ވެސް އިނގޭ މިރުޝާލް އެކަމާއި ވިސްނާނެކަން. ބައްޕަ އޭރު ކުރިކަމެއް ކުރީ ހަމަ ދަރިފުޅުގެ ރަނގަޅަކަށް.. މިރުޝާލް އެކަން ޤަބޫލު ކުރަން ބޭނުންނުވި ނަމަވެސް އެއީ ހަޤީޤަތަކީ. މިހާރު ދެން އެދުވަސްތައް މަތިން ހަނދާން ނައްތާލާ އާ ދިރިއުޅުމެއް ފަށަންވީ.” ޖާބިރު ވިސްނައިދެމުން ބުނެލިއެވެ.
“މިރުޝާލް ކިހިނެތްތަ އުމުރު ދުވަހު އެކަން ހިތުގައި އަޅައިގެން އުޅޭނީ.. ބައްޕަ މި ވާހަކަ ނުދެއްކި ނަމަވެސް ބައްޕަ ބޭނުންވޭ މިރުޝާލް މީހަކާއި އިނދެގެން އަމިއްލަ އާއިލާއެއް ފަށާތަން ދެކެން. ތިއީ އަހަރެންގެ ދޮށީ ދަރި.. މިހާރު އުމުރުން ވެސް ތިރީސް ފަސް އަހަރު ވަނީ. އެދުވަސް ދެކިލަން ބައްޕަ ވެސް ބޭނުން. އެންމެ އަންހެން ކުއްޖެއްގެ ސަބަބުން ދިރިއުޅުން ތިގޮތަށް ބޭކާރު ކޮށްނުލާ.. ހީކުރަން މިކަމާ މިރުޝާލް ވިސްނާލާ މާޒީ މަތިން ހަނދާން ނައްތާލާނެ ކަމަށް” ޖާބިރު ވާހަކަ ނިންމާލަމުން މިރުޝާލްގެ ކޮނޑުގައި ޖަހާލިއެވެ.
“ލައްބަ..” މިރުޝާލް ދިނީ ކުރު ޖަވާބެކެވެ. ޖާބިރު އެތަނުން ދިއުމުން އޭނާ ދެއަތުން އިސްތަށި ގަނޑުގައި އަތް ހިންގާލިއެވެ. އެހެން އޮވެފައި ލެޕްޓޮޕުން ކުރިން ބަލަން އިން ފޮޓޯ ހުޅުވާލަމުން ފުން ނޭވާއެއްލިއެވެ. “އަހަރެން ކިހިނެތް ހަނދާން ނައްތާލާނީ؟” މިރުޝާލް އަމިއްލަ ނަފްސާއި މުހާތަބުކޮށް މިހެން ބުނެފައި ބާލިހުގައި އޮށޯވެލިއެވެ.
****
ދެ ދުވަސް ފާއިތު ވެގެން ދިޔައިރު ވެސް އިއާން އާއި ރައިނާ ދެމެދު ކަންތައް ހައްލެއް ނުވެއެވެ. އިއާން އަބަދުހެން ކޮންމެ ވެސް ޚިޔާލަކަށް ގެއްލިފައި އިންނަ އިރު މިހާރު ތަސްލީމާއަށް ވެސް މިކަން ފާހަގަވެއްޖެއެވެ. ހުޅުމާލެއަށް ބާބަކިއު ހަދަން ދާން ފެރީގައި އާއިލާ އެންމެން ތިބި އިރު އިއާން ގޮސް މިރުޝާލް ކައިރި އިންއިރު ރައިނާ އިނީ ތަސްލީމާމެން ކައިރީގައެވެ.
ދުރުގައި ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އިއާން ފެނުމުން ތަސްލީމާ ރައިނާ ގައިގައި ކޮއްޓާލިއެވެ. “ދަރިފުޅާ.. ކީއްވެ އިއާން މިހާރަކަށް އައިސް މާ ނެގިމަޑުވެފައި އެއިންނަނީ؟” ތަސްލީމާ މިހެން އަހާލަމުން ރައިނާ އިއާންއަށް ނަޒަރު ހުއްޓާލިއެވެ. “މަޑުންތަ އިންނަނީ؟ އަޅުގަނޑަކަށް އެހައި ފާހަގައެއް ނުވޭ..” ރައިނާ އޭނާގެ ރާޅުބާނީ އިސްތަށިގަނޑު އެއްފަރާތައް ލަމުން ބުނެލިއެވެ.
“އެހެންތަ.. އެކަމަކު މަންމައަށް ވަރަށް ފާހަގަވޭ.. އަނެއްކާ މައްސަލައެއް ޖެހުނީތަ ތިދެކުދިން ދޭތެރޭގައި؟” ތަސްލީމާގެ ވާހަކަ ހުރި ގޮތުން ރައިނާއަށް އުނދަގޫވިއެވެ. އެދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން މީހުންނަށް ހާމަ ކުރާކަށް ރައިނާ ނޭދެއެވެ. “ނޫން.. އެއްވެސް މައްސަލައެއް ނުޖެހޭ. ކިހިނެތްވީ؟” ރައިނާ ހަޤީޤަތް ފޮރުވަމުން ބުނެލިއެވެ.
“އެދެން މަންމައަށް ހަމަ ފާހަގަވީ.. އިއާން ފަހަކަށް އައިސް ރައިނާއާއި އެހައި ވާހަކަ ދައްކައެއް ވެސް ނަހަދާ. އަނެއްކާ މިހާރު އެއީނީ ވެސް މާ ދުރުގައި. އެހެންނޫނީ އޭނަ އުޅޭގޮތެއް ނޫނެއްނުން އެއީކީ.. އެހެންވެ ހަމަ އަހާލީ.” ތަސްލީމާ ބުނެލިއެވެ. “ނޫނޭ. ތީދެން މަންމައަށް ހީވާގޮތެއް.. އެވްރީތިން އިޒް ފައިން.. ވެދާނެ ދެން އެހައި ދުވަސްކޮށްފައި މާލެ އައީމަ މޫޑީ ވީކަމަށް ވެސް.” ރައިނާ އެވާހަކަ އިތުރަށް ނުދައްކާން ވެގެން ބުނެލިއެވެ. އިއާން މީހުންގެ ތެރޭގައި އެއުޅޭގޮތް ބަދަލު ކުރަން ރައިނާ ހިތަށްއެރިއެވެ.
****
ފެރީއިން ފޭބުމާއި އެކު ރައިނާ ގޮސް އިއާންގެ އަތުގައި ހިފާލަމުން އެއްކައިރިއަށް ޖެހިލިއެވެ. “އިއާން އެންމެތެރޭގައި ތިގޮތަށް ދުރުން ނޫޅެބަލަ..” ރައިނާ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. “ކިހިނެތްވީ؟” ލޮލުގައި ރޭބަން އައިނު އަޅާލަމުން އިއާން އަހާލިއެވެ. އޭރު އެހެން މީހުން ޓާމިނަލް އިން ނިކުންނަން ދިޔައިރު އެމީހުން ވެސް ފަހަތުން ހިނގައިގަތެވެ.
“ދެންމެ މަންމަ އަހައިފި މައްސަލައެއް ޖެހުނީހެއްޔޯ އިއާން މާ ދުރުން އެއުޅެނީ. ދެން ކިހާ ލަދު ގަންނާނެ އެހެން އެހީމަ.. އަހަރެން ބޭނުމެއް ނޫން މައްސަލައެއް ޖެހުނަސް މީހުން ކުރިމަތީ އެކަން ދައްކާކަށް. ދެޓް އިޒް އަވާ ޕާސަނަލް ލައިފް. އެޓްލީސްޓް އެންމެންގެ ތެރޭ އުޅޭ އިރު ނޯމަލްކޮށް އުޅެވިދާނެ ދޯ..” ރައިނާ މިހެން ބުނުމުން އިއާން އެކަމާއި ވިސްނާލިއެވެ.
ތެދެކެވެ. ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތައް އެހެން މީހުން ކުރިމަތީ ފާޅުކޮށްގެން ނުވާނެކަން އިއާންއަށް ވިސްނުނެވެ. “އޯކޭ.. އައި އަންޑަސްޓޭންޑް.” އިއާން އެއްބަސް ވުމުން ރައިނާ ހިނިތުންވެލިއެވެ. “މަންމަމެން އެކޮޅަށް ދާން ވީނުން. އަޅުގަނޑުމެން ދާނަން ފިހާރައަށް ގޮސް އެއްޗެހި ގަނެލައިގެން. ކުރިން ދިޔައިމަ އެއްނުން ތަންކޮޅެއް ލިބޭނީ ފަސޭހައިން.. އިއާން ހިނގާ ދާން..” މިރުޝާލް މިހެން ބުނުމުން އެންމެން އެކަމާއި އެއްބަސް ވިއެވެ.
މިރުޝާލްއާއި ޖޫލްއާއި އެކު އިއާން އާއި ރައިނާ ފިހާރައަށް ދާން މިސްރާބު ޖެހިއިރު އެހެން އެންމެން ބާބަކިއު ސަރަހައްދައް ދިޔައެވެ. ފިހާރައަށް ވަދެވުމުން މިރުޝާލް މެން ކުކުޅާއި އެއްޗެހި ނެގުމަށް ދިޔައިރު އިއާންގެ ފަހަތުން ރައިނާ ދިޔައެވެ. އެކި އެއްޗެހިތައް ނަގަމުން ގޮސް ޖޫސް ޕެޓީ ނަގަމުން އިއާން އެ ރައިނާއަށް ދިއްކޮށްލިއެވެ.
“ކޮބާތަ ޗިޕްސް؟ އިއާން ދާން ވީނުން އެސައިޑް ބަލާލަން.. އަހަރެން އެބަ އަންނަން ޖޫލްމެން ކައިރިއަށް ގޮސް ޑްރިންކްސް ނަގަން..” ރައިނާ މިހެން ބުނުމުން އިއާން އެބޮޑު ފިހާރާގެ އަނެއް ފަޅިއަށް ހިނގައިގަތެވެ. ޝެލްފުތައް ބަލަމުން ގޮސް އޭނާ ބޭނުންވާ ވައްތަރުގެ ޗިޕްސް ފެނުމުން އެތަނުން ދެތިން އެތި ނަގައި އެނބުރެލި ވަގުތު ކުރި މައްޗަށް ނިކުއިން ޒާރާ ފެނި ނެގި ފިޔަވަޅު ހުއްޓުނެވެ. ޒާރާގެ ބުޅި އިސްތަށި ގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލެވިފައި ވީއިރު އެ ދޮން ކަނދުރާ އޮތީ ހާމައަށްށެވެ.
ޒާރާ ސިހިފައި ދެފިޔަވަޅު ފަހަތައް ޖެހެވުނު އޭނާ އިރުކޮޅަކު ހުރުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް އިއާން އެ ސިކުންތުގައި ދެކޮޅު ބަލާލުމަށްފަހު ޒާރާ ކުރި ބެއްދިއެވެ. “ޒާރާ.. ޕްލީޒް. އަހަރެން ދައްކާ ވާހަކަ އަޑުއަހާލަބަ.” އިއާން މިހެން ބުނެ ރައިނާގެ ހިލަމެއް ވޭތޯ ޔަޤީން ކޮށްލަމުން އޭނާ ކުރިއަށް ޖެހިލިއެވެ. މިހާ މީހުން ތިބި ތަނެއްގައި ޒާރާ ޒުވާބަކަށް ނުދާނެކަން އިއާންއަށް ޔަޤީނެވެ.
“ބޭނުމެއްނޫން އަޑުއަހާކަށް..” ޒާރާ މިހެން ބުނެފައި ދާން އުޅުމުން އިއާން އޭނާގެ އަތުގައި ހިފުމުން ވަގުތުން އަތް ފޮޅުވާލިއެވެ. “އަތް ނުލައި އަހަރެން ގައިގައި.. އެ ހައްޤެއް މިހާރު އިއާން އަކަށް ނޯންނާނެ.” ޒާރާ އެހެން ބުނުމުން އިއާން ހިތުގައި ޖެހުނެވެ. “އަހަރެން ބޭނުން ވާހަކަ ދައްކާލަން.. ތަނަކަށް ދެވިދާނެތަ.” އިއާން އުއްމީދު ކަނޑާނުލައި އަހާލިއެވެ.
“މިހާރު އިއާން ކޮން ވާހަކައެއް ވަކި ދައްކަން އޮތީ؟ އެބަ އޮތްތަ ވާހަކައެއް ދައްކަންވެފައި.. ބުނެބަލަ. މިހާ ދުވަސްކޮށްފައި އިއާންއަށް އަދި ކިރިޔާތަ އެއްޗެކޭ ބުނަން އިނގުނީ؟ އަހަރެން ހަމަ ހައިރާން ވެއްޖޭން.” ޒާރާ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދައްކަމުން ދިޔައިރު އެލޮލުން ނަފްރަތު ފާޅުވާން ހުއްޓެވެ.
އިއާން އެއްޗެކޭ ނުބުނެ ހުރިއިރު އެ ނަޒަރު ވަނީ ޒާރާއަށް ހުއްޓިފައެވެ. “އަހަރެން އެންމެ ބޭނުންވި ދުވަހު އިއާން ދިޔައީ އެއްނުން.. މިހާރު ވަކި ކީއްކުރަން ތިއައިކީ؟ ދޭ މިތަނުން.. އަހަންނަށް އިއާންއާއި ނުލައި އުޅެން ދަސްވެއްޖެ.” ޒާރާގެ އަޑުގައި ވީ ރިހުމައި ހިތާމަ އިއާންއަށް ފާހަގަ ވުމުން އޭނާ ދެރަވިއެވެ.
“އަހަންނަށް އިނގެޔޭ ޒާރާ.. އައި ކެން އެކްސްޕްލެއިން..” އިއާން އާދޭސް ކުރާ ރާގެއްގައި މިހެން ބުނުމުން ޒާރާ ފާޑަކަށް ހީލިއެވެ. “އެކްސްޕްލެއިން؟ ކޯއްޗެއް އެކްސްޕްލެއިން ކޮށްދެނީ؟ އިއާން ގޮސް އެހެން އަންހެނަކާއި އިން ގޮތުގެ ވާހަކަތަ؟ އަހަރެންނަށް އަންގާ ވެސް ނުލައި އެކަން ކުރީ ކީއްވެގެންކަންތަ؟” ޒާރާ މިހެން ބުނުމުން އިއާން ދެއަތް މުއްކެވުނެވެ.
“އަހަރެން ބޭނުމެއް ނޫން މިވާހަކަ ފިހާރައެއްގެ މެދު ތެރޭގައި ހުރެގެން ދައްކާކަށް.” އިއާން ހިތްހަމަ ނުޖެހިފައި މިހެން ބުނިއިރު އޭނާގެ ދެބުމަ ގޮށްޖެހުނެވެ.
“އެކީއްވެ؟ އިއާންއެއް ނޫންތަ ވާހަކަ ދައްކަ ބޭނުން ވެގެން ތިއުޅެނީ.. ދެން ލެޓްސް ޓޯކް. އިއާން ކީއްވެ އަހަންނަށް ދޮގު ހަދައި އޮޅުވާލީ؟ ކީއްވެ އެހެން ކައިވެންޏެއް ކުރި އިރު އަހަންނަށް އަންގާނުލީ؟ އައި ޑީޒާވް ޓު ނޯ އިއާން.. އަހަރެން މިއީ އިއާންގެ އަންހެނުންނޭ!” ޒާރާގެ ދުލުން އެބަސްތައް ބޭރުވުމާއި އެކު އިއާން ބޭއިޚްތިޔާރުގައި ގޮށްމުއްކަވާފައި ކައިރީގައި ހުރި ޝެލްފުގައި ޖެހިއެވެ.
އެއަޑަށް ދުރުގައި ތިބި ބައެއް މީހުން އެދިމާއަށް ބަލާލި އިރު އިއާންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ. “ކިހިނެތްވީ؟ ހަޤީޤަތް ހަޖަމް ނުވީތަ؟” ޒާރާ ނިކަން ކެރި ހުރެ މިހެން ބުނި އިރު އެ މޫނުމަތިން ނަފްރަތް ފާޅުވާން ހުއްޓެވެ. އެ ދެމެދަށް ހަމަހިމޭންކަން ވެރިވުމުން ޒާރާގެ ލޯ ކަރުނުން ފުސް ވިއެވެ. އޭނާ ލޯ ފޮހެލަމުން އިއާން އާއި ދުރަށް ޖެހިލި ވަގުތު ދުރުން އައި ރައިނާ އައިސް އިއާންގެ އަތުގައި ހިފާލިއެވެ.
އޭރު ޒާރާ ކަޅިޖަހާނުލައި އެއްފަހަރު ރައިނާއަށް އަނެއްފަހަރު އިއާންއަށް ބަލަން ހުރެފައި ފަސްއެނބުރި ހިނގައި ގަތެވެ. “އިއާން ނައިސް ލަސްވާތީ މިއައީ.. ކާކު އެދަނީ މާވަރަކަށް ބަލަން ހުރެފައި؟ އިއާން ދަންނަ ކުއްޖެއްތަ އެއީ؟” ރައިނާ އަހާލިއެވެ. “ނޫން.. ނުދަންނަން.” ޒާރާ ފަސްދީފައި ދާތަން ބަލަން ހުރި އިއާން ބުނެލިއެވެ.
-ނުނިމޭ-
921 Comments
Comments are closed.
Alhey. So sad..eka rainaa ge ves kushe neithaa dho. Ehnve dho iyaan darieh beynun nunvany. Gavaidhun laari fonuvany zaara ah dho
Pis pis ehery hadhaa dhogu nudhannamo….
Aaw haadha reehchey..
thanks
V salhi❤
thank you
hey all. hope you enjoyed this part so let me know what you think. next part on Sat in sha allah.
Love.
Next part on Tuesday. sorry today is Sat.. forgot that. anyways have a good day.
wow ?. i am utterly speechless. zaraa is iaan’s wife?? WHAT! heeves nukuraa gothe mi vi. i thought ei ex ey but that twist was so unexpected and good. adhi bunefi ehnun nudhan namo ?
Vvv reethi
thanks
alhey varah dhera vejje enme fahun isn nudhan namey bunima. this is so interesting. varah salhi
thank you
Nice story..
thanks ?
alheyyy.. zara dheravaane dhen. ian haadha gohey. varah reethi mi vaahaka
thank you ?
sO mirushal ge crush aki iyan ge wife zaara and her kid right. lets see wat happens nw
Firihenunge makaruverikan. Anhenunge…….??????????????????????
Vrah reythi
hey all. so check out my fb post igey ?