“ބައްޕާ… އަހަރެން މީނައާ އެކު މަސައްކަތެއް ނުކުރާނަން..” އެހެން ބުނުމާއެކު ލޫނާ ޒައިންގެ ކެބިންއިން ނިކުމެގެން ދިޔައެވެ. އާސިމް ހުރީ ވާނުވާނޭނގިފައެވެ. އަދި ޒައިންއަށް ބަލާލުމަށްފަހު ލޫނާ ފަހަތުން ދާން ހިނގައިގަތެވެ.
ބާރު ހިނގުމެއްގައި ލޫނާ އައިސް އާސިމްގެ ރޫމްއަށް ވަނެވެ. އަދި ހަމައެއާއެކު ލޫނާ ފަހަތުން އާސިމްވެސް އައެވެ. ” ދަރިފުޅާ ކިހިނެއްވީތަ… ދަރިފުޅު ޒައިން ދަންނަންތަ…” އާސިމް ގެ އަޑު އިވުމާއެކު ލޫނާ ފަސްއެނބުރި ބަލާލިއެވެ.
” ބައްޕާ.. އެއީ އަހަރެންނާ އެއްކުލާހެއްގަ ކިޔަވަން އުޅުނު ކުއްޖެއް… އައި ހޭޓް ހިމް… އޭނަ އަބަދު ހުންނާނީ މަށަށް ކުރެވޭ ގޯސް ކަމެއް ނުފެނިފަ.. ހީވާ ކަހަލަ ތިމާމީ އެންމެ ޕާފެކްޓް މީހާއޭ… ވަރަށް ފޫހިވޭ… ބައްޕަވެސް ކީއްކުރަންތަ އޭނަކަހަލަ މީހަކަށް އެހާ މަތީ ވަޒީފާއެއް ދިނީ.. ” މޫޑް އޮފް ވެފައިހުރެ ހިތުގަ ހުރި އެއްޗިހިތައް އަމުނާލަމުން ލޫނާ ބަލާލީ އާސިމްއަށެވެ. ” ދަރިފުޅާ.. އެކަމް ބައްޕައަށް އޭނަ ވަރަށް ރަނގަޅު.. އަދި މި އޮފީހަކަށް ނުވަދެ އެހާ ރަނގަޅު މުވައްޒަފެއް.. އޭނަ މިހާރު މިތާ މަސައްކަތް ކުރާތާ ހަތަރު އަހަރުވީ.. ދުވަހަކުވެސް ގަޑިއެއް ނުޖެހެ..” އާސިމް ޒައިންއަށް ތައުރީފް ކުރަމުން ދިޔައިރު ލޫނާއިނީ ރުޅި އައިސްފައެވެ. ހިތާހިތުން ޒައިންއަށް ކުދިކިޔަމުން ހިތްވަރު ކޮށްލީ ބައްޕަ ހިންހަމަ ނުޖެހޭ ފަދަ ބަހެއް ބުނެވިދާނެތީއެވެ.
“ދަރިފުޅާ.. ދެންދޭ ޒައިންގެ ކެބިންއަށް.. އެތާ އިންނާނެ ދަރިފުޅަށް ހާއްސަކޮށް ވަކި ޓޭބަލްއެއް..ދަރިފުޅު ތިހާ ހިންހަމަ ނުޖެހެންޏާ ކޮންމެހެން ވާހަކަ ދައްކަން ވެގެން ނޫގޮތަށް ޒައިންއާ ވާހަކަ ނުދެއްކިޔަސް ރަނގަޅުވާނެ..” އާސިމް އެހެން ބުނުމުން ލޫނާ އިތުރަށް ދެބަސްވާން ނޫޅެ އާސިމްގެ ރޫމްއިން ނިކުތެވެ. އަދި އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ޒައިންގެ ކެބިންއާ ދިމާލަށް ހިނގައިގަތެވެ.
މަސައްކަތުގައި އަވަދިނެތި އުޅުނު ޒައިންއަށް މީހަކު އައިހެން ހީވުމުން ބަލާލި ވަގުތު ފެނުނީ ލޫނާ އައިސް ވަންތަނެވެ. ” ލޫނާ… ވަރަށް ގިނަ ދުވަސް ވެއްޖެ ދޯ ދިމާ ނުވާތާ… ކިހިނެއްތަ.. އަދިވެސް އަހަރެންދެކެ ރުޅި އައިސްފަތަ..” އެކުވެރިކަމާއެކު ވާހަކަ ދެއްކޭތޯ ޒައިން މަސައްކަތް ކުރިއެވެ. ނަމަވެސް ލޫނާ ޒައިންނަށް ބަލާވެސް ނުލާއިނީ ކޮމްޕިއުޓަރ ސިސްޓަމްގެ ސްކްރީންއަށް ބަލަހައްޓައިގެންނެވެ.
“ލޫނާ.. އަދި ނޭނގޭނެ އެއްނު ލޫނާ ކުރަންވީ މަސައްކަތެެއްވެސް.. އިއްޔެ އާސިމް ވިދާޅުވި ލޫނާއަށް ކުރަންވީ މަސައްކަތްތައް ކިޔާދޭން..” ލޫނާގެ ފަރާތުން ޖަވާބެއް ލިބޭތޯ ޒައިން އިނެވެ. ” ހޫމްމް… މިހާރު މަތީ މަގާމެއް ލިބުނީމަ ހީވަނީދޯ ވަރަށް މުއްސަނދި މީހެކޭ ތިމާއަކީ.. ހަނދާންވޭތަ ކަލޭތީ ކިހާ ފެންވަރެއްގެ މީހެއްކަން.. ކަލޭ ސުކޫލްގަ އުޅުނު އިރު ކިޔެވުމަށް މޮޅުވެ ޕޯސްޓްތައް ލިބުނީމަ އުޅުނީ އެހެންމީހުންގެ ކުއްދައްކާކައްނު.. މަ ސުކޫލަށް ފޯން ގެންދިޔަ މައްސަލަ ރިޕޯޓް ކުރީވެސް ކަލޭ އެއްނު.. ކަލެޔާހެދި މަގޭ ބައްޕަ މަށާ ދިމާލަށް ރުޅި އައިސްގެން އަލަށް އެއްޗިހި ކިޔަން ޖެހުނީވެސް… އެދުވަހު މަ ސުކޫލް އޮފީހަށް ގެންދިޔައިމަ… އެހެންވީމަ ކަލޭ ހީނުކުރާތި މިތާ ކަލެއަށް މާގިނަ ދުވަހު އުޅެވޭނެޔޭ… މަށަށް މިތަން ހިންގަން ލިބޭ ދުވަހަކުން ކަލޭގެ ވަޒީފާ ގެއްލޭނެކަން ހަނދާން ކުރާތި… އަދި އެއްވާހަކަ.. ކަލޭ މާމޮޅުވެގެން މަށަށް ކިޔަވާ ދޭން ނޫޅުނިއްޔާ ރަނގަޅުވާނީ…” ރުޅިއައިސްފައި ހުރެ އިންޒާރުގެ ބަސްތައް ބުނެލިއިރު ޒައިންއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ދުވަސް ނިމިގެން ދިޔައީ ލޫނާ އެކަކާވެސް ވާހަކަ ނުދައްކައެވެ. ނަމަވެސް ދޭތެރެއަކުން އާސިމްގެ ރޫމްއަށްގޮސް އާސިމް ކުރަން އަންގާ މަސައްކަތްތައް ކޮށްދިނުމުގައި މުޅި ދުވަސް ލޫނާ ހޭދަކުރިއެވެ.
އޮފީހުން ގެއަށް އާދެވުނު ގޮތަށް ލޫނާ ފެންވަރާލިއެވެ. އަދި ހަމަ ޖެހިލައިގެން އޮށޯވެލުމަށްފަހު އަރީންއަށް ގުޅާލިއެވެ. ” ހެލޯ ބޭބް… ކީއްކުރަނީތަ…” ތުއި އަޑަކުން ލޫނާ ވާހަކަ ދައްކަން ފެށިއެވެ. ” ޔެސް މައި ސްވީޓް ހާޓް… ހާދަ ލަހުން ތިގުޅީ… މިހާރު ކޮން އިރެއް މަ ވެއިޓް ކުރާތާ…” އަރިން ބުނެލިއެވެ. ” ހޫމް… ކޮންކަމެއް ބޭނުން ވެގެންތަ ތިވަރަކަށް ތި ވެއިޓް ކުރީ..” އަރީން އެހާ ލޯބިން ވާހަކަ ދައްކަން ފެށުމުން ލޫނާ އަށް ހީވީ ރަނގަޅަށްތޯ ބަލާލަން ލޫނާ ސުވާލު ކޮށްލިއެވެ. ” ކަމެއް ބޭނުން ވެގެނެއް ނޫނޭ މަ މިއުޅެނީކީ… މަ ލޫނާ ދެކެ ލޯބިވާތީއޭ މިސްވެގެން ވެއިޓްކުރި ވާހަކަ މިބުނީ…” އަރީންގެ އަޑުގައިވީ ހަރުކަށިކަމެވެ. ” ސޮރީ ބޭބް… އަހަރެން ހީކުރީ އަތުގަ ރުފިޔާ ނެތިގެން ނުކައި ހުރީމަ ބަނޑުހައިވެގެން ކަމަށް ވެއިޓް ކުރީ..” އަރީން ހިންހަމަ ޖައްސާދެވޭތޯ ލޫނާ މަސައްކަތް ކުރިއެވެ.” ލޫނާ އަށްވެސް އިނގޭދޯ އަހަރެން ނުކައި ހުންނާނެކަން… ދެން ކީއްވެ މަށަށް ކާނެ އެއްޗެއް ގަނެލާނެ ވަރުވެސް ނުދީ ތިހިރީ..” ވަރަށް ދެރަވެފަ ހުރިކަހަލަ އަޑަކުން އަރީން ބުނެލިއެވެ. “ބޭބް އަވަހަށް އާދޭ ގެކައިރިއަށް.. އޭރުން ދޭނަނަން..” އަވަސް އަވަހަށް ލޫނާ ބުނެލިއެވެ. ” އޯކޭ.. ބައި.. ލަވްޔޫ…” އަރީން އެހެން ބުނެލުމާއެކު ފޯން ކަނޑާލިއެވެ.
ފޯން ބޭއްވުމާއެކު ލޫނާ ކަކުލުން މައްޗައް އަރާވަރުގެ ކުރު ސޯޓް ބުރިއެއް ލިއެވެ. އަދި ކޮނޑަށްވުރެ ތިރިއަށް އޮތް އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު ލައިގެން ހުރި ޓޮޕްކޮޅު ރީތި ކޮށްލިއެވެ. އަދި ވަރަށް މަޑުމަޑުން ކޮޓަރި ދޮރުހުޅުވާލުމަށްފަހު ސިޓިންރޫމަށް ބަލާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އާސިމްއާއި ގޭގައި ގެންގުޅޭމީހާ ނިދީކަން ލޫނާއަށް ޔަގީންވިއެވެ. އެހެންވެ ލޫނާ އަވަސްއަވަހަށް ކޮޓަރިން ނިކުމެ މަޑުމަޑުން ގޮސް ސިޓިން ރޫމް ދޮރު ލައްޕާލުމަށްފަހު ލިފްޓަށް އެރިއެވެ.
ލޫނާއަށް ގެއިން ނިކުމެވުނު އިރު އަރީން ހުރީ ގެ ކައިރީގައެވެ. ދިގުވެފައިވާ އިސްތަށިގަނޑުގައި ކުލަ ޖައްސާލާފައިވީ އިރު އެއް ކަންފަތުގައި ކަޅު ބޮޅެއް ލާފައި އިނެވެ. އަދި އެއް އަތުގައި ރޯކޮށްފައިވާ ސިނގިރޭޓް އޮތެވެ.” އަރީން.. ތި ސިނގިރޭޓް ބުއިން ހުއްޓާލަބަ..” އަރީން ފެނުމާއެކު ލޫނާއަށް ބުނެވުނީ އެހެންނެވެ. “އަބަދުވެސް އަހަރެން ފެންނައިރަށް އިނގެނީ ތިވާހަކަތަ ދައްކަން.. ކޮބާ މަށަށް ދޭން ގެނައި ރުފިޔާ..” ބޭނުންވާ ސުވާލު އަރީން ކޮށްލިއެވެ. ” މިއޮތީ..” ފަނަރަސަތޭކަ ރުފިޔާ ދިއްކޮށްލަމުން ލޫނާ ބުނެލިއެވެ. “ތޭންކްސް ބޭބް.. ހާދަ ރީއްޗޭ މިރެޭ….” އަރީން އެހެން ބުނެލުމާއެކު ލޫނާއާ ކައިރި ވާންފެށިއެވެ. “ނޫން އަރީން.. މީ މަގުމައްޗޭ.. މީހަކަށް ފެނިދާނެ..” ލޫނާ އަރީންގެ މޭގަ އަތްއަޅާ މަޑުމަޑުން ދުރު ކުރަމުން ބުންޏެވެ. ” އަބަދުވެސް ކޮންމެސް އެއްޗެކޭ ކިޔާނެ އަހަރެން ކިރިޔާ ކައިރި ވެލިޔަސް.. ” ހިންހަމަ ނުޖެހިފަ ހުރެ އަރީން ބުނެލިއެވެ. “ދެން ދަނީ ބޭބް.. ވަރަށް ލަސްވެއްޖެއެއްނު ދޯ..” އަރީން ބުނި އެއްޗެއް އިވުނު ކަމަށް ނަހަދާ ލޫނާ އަވަސް އަވަހަށް ގެއަށް ވަންނަން ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެވުމާއެކު ލޫނާ ހިންހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ގަޑި ބަލާލިއެވެ. އޭރު ބާރަ ގަޑިބައި ވަނީއެވެ. ނިދަން ތައްޔާރު ވެލުމާއެކު އަރީންއަށް ގުޑްނައިޓް މެސެޖެއް ފޮނުވާލުމައްފަހު ފޯން އެލާމް ކޮށްފައި ލޫނާ އެނދުމަތީގައި އޮށޯވެލިއެވެ.
ފޯން އެލާމްވި އަޑަށް ޒައިންއަށް ހޭލެވުނީ ހަތެއް ޖެހި އިރުއެވެ. އަވަސް އަވަހަށް ތެދުވެ ފެންވަރާލައިގެން ޒައިން އޮފީހަށްދާން ތައްޔާރުވެލިއެވެ. އަދި ސައިބޮއެ ނިމިގެން ކޮންމެ ދުވަހެކޭ އެއްގޮތައް މަންމަައަށް ގުޅާލިއެވެ.” މަންމާ.. ކިހިނެއްތަ.. ކޮބާ ކޮއްކޮ.. ރަނގަޅުތަ؟..” އާދައިގެ މަތިން ކުރާ ސުވާލުތައް ޒައިން ކޮށްލިއެވެ. “މަންމަ ވެސް ކޮއްކޮވެސް ރަނގަޅޭ ދަރިފުޅާ.. ދަރިފުޅު ރަނގަޅުތަ؟… ” އާދައިގެ މަތިން ސަކީނާ ޒައިންއާ ސުވާލު ކޮށްލިއެވެ. އެގޮތުގައި އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ޒައިން އޮފީހަށް ދިޔައެވެ.
ޒައިންއަކީ ނ.މަނަދޫ ކުއްޖެކެވެ. ފަގީރު އާއިލާއެއްގައި ހުރި ދެބެން ތެރޭން އެކަކެވެ.
ހަމީދު މަރުވުމަށްފަހު އެދެކުދިންނަށް ހަރަދު ކުރަމުންއައީ ސަކީނާ ގޭގެއަށް ގޮސް ކުރާ މަސައްކަތުންނާއި ހަމީދުގެ އެއްބަފާ ބޭބެ ދިއްކޮށްލާ މަދު ފައިސާ ކޮޅުންނެވެ. ނަމަވެސް ސަކީނާގެ މިންނަތް މަސައްކަތުން ޒައިން މާލެ ފޮނުވައިގެން ކިޔަވަދިނެވެ. އަދި އޭގެފަހުން ޒައިންއަށް އާސިމްގެ ކުންފުނިން ވަޒީފާ ލިބުމަށްފަހު ގޭގެ ހަރަދުތައް ބަލަހައްޓަނީ ޒައިން ފޮނުވާ ލާރިންނެވެ. އެހެންކަމުން ވަޒީފާއަށް ގޮސްގެން ކިތަންމެ ބޮޑު މުސާރައެއް ލިބުނަސް ފަހަށް ރައްކާކުރާނެ އެއްޗެއް ޒައިން އަތަކު ނޯވެއެވެ.
ހެނދުނު އޮފީހަށް ވަންގޮތަށް ލޫނާ ދިޔައީ އާސިމްގެ ރޫމްއަށެވެ. އަދި އެތާ މަޑުކޮށްލީ އާސިމް މަސައްކަތެއް ހަވާލު ކުރާނެވާހަކަ ބުނުމުންނެވެ. ” ދަރިފުޅާ… މިދުވަސްކޮޅު މީ މަހުގެ ނިމޭ ދުވަސްކޮޅުވީމަ އެންމެންގެ ސެލަރީ ޝީޓް ހަދާފަ މިހާރު އޮންނާނީ… އެހެންވީމަ ދަރިފުޅު ކޮށްދޭންވީ ކަމަކީ އެކައުންޓިން ސެކްޝަންގަ އުޅޭ ސަމާ އަތުގަ އޮތް ސެލަރީ ޝީޓް ޗެކް ކޮށްދީފަ ބައްޕައަށް މެއިލް ކޮށްލަންވީ..”
“އޯކޭ… އެހެންވީމަ ދެން އޯކޭ ދޯ ދިޔަސް” އިށީނދެގެން އިން ގޮނޑިން ތެދުވަމުން ލޫނާ ބުނެލިއެވެ. “އާނ… އެކަމް ދަރިފުޅު ބަލައްޗެ މިއަދު ތި މަސައްކަތް ނިންމާލަ ދެވޭތޯ..” އާސިމްގެ ބަހަށް ރައްދު ދިނުމުގެ ގޮތުން ލޫނާ ބޯޖަހާލިއެވެ.
ސަމާ އަތުގަ އޮތް ސެލަރީ ޝީޓްގެ ކޮޕީއެއް ހިފައިގެން ލޫނާ އައީ ލޫނާއަށާއި ޒައިންއަށް ހާއްސަ ކެބިންއަށެވެ. “ގުޑް މޯނިން ލޫނާ މެޑަމް… ” ޒައިން ލޫނާ އަށް ގުޑް މޯނިން ކީ ލޫނާ ރުޅި އަރުވާލުމުގެ ބޭނުމުގައެވެ. ” ކަލޭ މަށަށް ގުޑް މޯނިން ކިޔާނެ ކަމެއްނެތް… މަމީ މިތާ އިނަސް ނެތް މީހެކޭ ހިތަށް އަރުވައިގެންް ހުރޭ..” ރުޅި އައިސްފަ ހުރެ ލޫނާ ބުނެލިއެވެ.
“މިތާ އިންމީހަކު ނެއްކަމަކަށް ނުވާނެ ދޯ… އެކަމް ދެން ތިހާ ރުޅި ނައިސް ޕާސްޓް ހަނދާން ނައްތާލަބަ.. އައްސަލާމް އަލައިކުމް” ސަލާމަށް އަތް ދިއްކޮށް ލަމުން ޒައިން ބުނެލިއެވެ. ނަމަވެސް ލޫނާ ހަމަ އިންގޮތަށް އިނީއެވެ. ” އޯކޭ.. ސަލާމް ކުރަން ބޭނުން ނެތަސް ދެން ތި ރުޅި މަޑު ކޮއްފަ އަހަރެންނާ ވާހަކަ ދައްކަފާނަން ތަ… އެންޑް އެކްސެޕްޓް މީ އޭޒް ޔުއަރ ފްރެންޑް.. ”
“އައްޗީ… މަ ނޫޅޭ ކަލޭ ކަހަލަ ގަމާރަކު މަގޭ ފްރެންޑަކަށް ބަހައްޓާކައް.. މަގޭ ފްރެންޑްސް އަށް ތިބޭނީ މަށާ އެއްފެން ވަރެއްގެ މީހުން.. ކަލޭ ކަހަލަ ނިކަމެތިންނެއް މަގޭ ފްރެންޑެއްގެ ގޮތުގައެއް ނުހުންނާނެ… ސޯ ތިމާގެ ފެންވަރު ނޯޅި ހުރޭ އިނގޭ… މާކަންތައް ބޮޑު ކުރަންޏާ ހަދާނެ ގޮތް އިނގޭނީ މަށަށް..” މަލާމާތުގެ ހިނިތުން ވުމެއް ދެމުން ލޫނާ އޭނާގެ މަސައްކަތް ފެށިއެވެ. ނަމަވެސް ޒައިން އިނީ ލޫނާއަށް ބަލާށެވެ. ޒައިން ހިތަށް އަރަމުން ދިޔައެވެ. ވަރެއްގެ ކުއްޖެއްތާއެވެ. މުއްސަނދި ވީމަ ބޮޑާ ވަނީވެސް އިންތިހާއަށެވެ. ތިމާއަށް މުއްސަނދިކަން ދެއްވި ފަރާތުގެ ކުޅަދުންވަންތަ ކަންވެސް ހަނދުމަނުވަނީ ބާއެވެ.
ސެލަރީ ޝީޓްގަ ހުރި އެންމެންގެ ނަންތައް ޗެކްކޮށް ނިމުނުއިރު އެންމެ ފަހަތުގަ އިނީ ޒައިންގެ ނަމެވެ. އެހެންކަމުން ލޫނާ އަވަހަށް ޒައިންގެ މުސާރައަށް ބަލާލިއެވެ. ފަންސަވީސް ހާސް ޖަހާފައިނުމުން ލޫނާ ހިންހަމަ ނުޖެހިފަ ހުރެ ޒައިންއަށް ބަލާލިއެވެ. އަދި މަކަރުވެރި ހިނިތުން ވުމެއް ޒައިންއަށް ދިނުމަށްފަހު ފަންސަވިސް ހާހުގެ ސުންތަކުގެ ތެރެއިން އެއްސުން ކަނޑާލުމަށްފަހު ދެހާސް ފައްސަތޭކައަށް ބަދަލުކޮށްލުމަށްފަހު އާސިމްއަށް ސެލަރީ ޝީޓްގެ ފައިނަލްގެ ގޮތުގައި މައިލްކޮށްލިއެވެ.
ސެލަރީ ޖަމާވުމާއެކު ސެލަރީ ސްލިޕްތައް އެންމެނަށް ދެމުންއައިސް ޒައިންގެ ކެބިންއަށްވަދެ ޒައިންގެ ސަލަރީ ސްލިޕް ޒައިންއަތަށް ދިއްކޮށްލުމަށްފަހު ލޫނާގެ ސެލަރީ ސްލިޕް ލޫނާގެ މޭޒްމަތީ ބޭއްވުމަށްފަހު ސަމާ ދިޔައެވެ. އާދައިގެ މަތިން ޒައިން ސެލަރީ ސްލިޕްއަށް ބަލާވެސްނުލާ މޭޒުގެ ކަބަޑް ތެރެއަށް ލުމަށްފަހު މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
އޮފީސް ނިންމާފައި ގެއަށްގޮސް ފެންވަރައިގެން ނަމާދު ކޮށްލައިގެން ޒައިންދިޔައީ އޭޓީއެމްއަށް ލާރި ނަގާށެވެ. އަދި ހަތަރުހާސް ރުފިޔާ ނެގުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވަނީ ފައިލްއެވެ. ކިހިނެއްތޯ ވަނީ ބަލައިލަން ޒައިން ސަތޭކަ ރުފިޔާ ނެގޭތޯ ބެލިއެވެ. ހަމައެވަގުތު ސަތޭކަ ރުފިޔާ ނެގުނެވެ. އަދި ބާކީ އެކައުންޓުގަ ހުރީ ތިންހާސް ދުއިސައްތަ ރުފިޔާ ކަމަށް ސްލިޕްގައި އިނުމުން ޒައިން ހާސްވިއެވެ. އަދި ވަގުތުން އޮންލައިން ވެލުމަށްފަހު މެއިލްއިން ލޮގިންވުމަށްފަހު މެއިލްއަށް ރިސީވްވެފައިން ސެލަރީ ސްލިޕް ބަލާލިއެވެ. ސެލަރީ ސްލިޕް ފެނުމާއެކު ޒައިން އަށް ހީކުރެވުނީ އޮޅުމަކުން ނުބައިކޮށް ސެލަރީ ޖަމާކުރެވިފަ އިނީ ކަމަށެވެ. އެހެން ހިތަށް އަރުވާލުމަށްފަހު އަނެއްދުވަހު އޮފީހަށް ގޮސް އެކަން ރަނގަޅު ކުރަން އުޅޭނީއޭ ހިތާ ޒައިން ގެއަށްދާން ހިނގައިގަތެވެ.
އޮފީހުން އައިގޮތަށް ލޫނާ ރީތިވަމުން ދިޔައީ އަރީންއާއެކު ބޭޭރަށް ދާށެވެ. ނަމަވެސް ލޫނާ ބޭރަށްދަނީ ރައްޓެއްސެއްގެ ބާތްޑޭ ޕާޓީއަކަށް ކަމަށް ބުނެ ލޫނާ އާސިމްއަށް ދޮގު ހެދީ އާސިމްއަށް އަރީންގެ ވާހަކަ ކިޔާދޭން ބޭނުންނުވާތީއެވެ.
ހިނގާފައި ގެއަށްދާންދިޔަ ޒައިން ހުއްޓުނީ މީހަކު ޒައިންއަށް ގޮވި އަޑަށެވެ. ” ލާމީ ދޯ..” ސައިކަލުމަތީގައި އިން ލާމިއު ފެނުމުން ޒައިން ހިނިތުންވެލިއެވެ. “ހިނގާބަ ކޮފީއަކަށް ދާން… ވަރަށް ދުވަސް ފަހުންނެއްނު މި ދިމާވީ..” ލާމިއު ބުނެލިއެވެ. “އޯކޭ.. ހިނގާދާން… އެކަމް މަށަށް ރަނގަޅީ ކެއުމަކަށް ދިޔެއްޔާ.. އަދި އޮފީހުންއައިސް ނުކައި މިހިރީ…” ބަނޑުގައި އަތްކާއްތާކަމުން ޒައިން ބުނެލިއެވެ. ” އެންމެ ރަނގަޅު.. ހިނގާ ޑައިނަމޯއަށް.. މިފަހަރު މަދޭ ޓްރީޓެއް އިނގޭ… ” ލާމިއުގެ ސައިކަލު ފަހަތަށް ޒައިންއެރުމާއެކު ސްޓާޓް ކޮށްލަމުން ލާމިއު ބުނެލިއެވެ.
އާޓިފިޝަލް ބީޗު ކައިރީ ސައިކަލު ޕާކް ކުރުމައްފަހު ޒައިންއާއި ލާމިއު މިސްރާބްޖެހީ ޑައިނަމޯއަށެވެ. އެވަގުތު ޒައިންގެ ލޮލުގަ އަޅައިގަތީ ކަކުލަށްވުރެ މައްޗައް އަރާ ނިވާކަން ކުޑަ ހުދު ކުލައިގެ ހެދުމެއްގައި ޒައިންމެންތިބި ދިމާލަށް ހިނގަމުން އަންނަ ލޫނާއާއި ލޫނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި ޕާޓޭ ވައްތަރު ޖަހާ އަރީންއެވެ. ހަމަ އެވަގުތުވީ ލޫނާއަށްވެސް ޒައިންއާ ދިމާލަށް ބަލާލެވެވުނު ވަގުތަށެވެ.
12
9 Comments
Comments are closed.
7656437
Nice story
Garuneh fahun vaahaka upload vaany.
ekam kurukamun heevany 2 folhuvai liyefa onnahen
Masha allah waiting.
nice…
avahah up kurahchey
Vaahaka submit kuri fahun two days vejje… but pending ga inyma up nuvy… hope you will like this part… next part sunday ah up kureveytho try kuraanan… ?
reethi vaanehen vvv heevey,
Vahaka v reethi manjeyy ekm thankolheh avah genesdhyfaanan tha
koba myge anehbai ?? mi nimunytha ??