ލޯބިން ލޯބިވާއޭ…(9)
ޝަންހާއީގެ މައިގޭޓުން ވަދެގެން އިވާން އާދެއެވެ. ސިންގަޕޯރަށް އެއްކޮށް ބަދަލުވާން ހިތުލައިގެން ދިޔަނަމަވެސް އެކޮޅުގައި ހުންނަން ބޭނުންނުވުމުން ހަފްތާއެއްހާ ދުވަސްފަހުން އަނެއްކާ މާލެއަށް އައީއެވެ. ވަގުތާއެކު ހުރިހާ ކަމެއް ބަދަލުވާނެކަން އިވާން ޤަބޫލުކުރެއެވެ. ދިރިއުޅުމުގައި ކުރިއަށް އެގެން އޮތް ހިތި ޙަޤީޤަތުގެ އެއްވެސް ހިލަމެއްނެތް އިވާން އަދިވެސް އިންތިޒާރުކުރަމުން ދަނީ އަރޫޝާއަށެވެ. ކޮންމެވެސް ދުވަހަކުން ބައްޕަގެ ރުހުން ލިބޭނެކަމުގެ އުއްމީދު އިވާންއަށް އޮތްކަހަލައެވެ. ނަމަވެސް ކަންތައްވާން އޮތްގޮތުން މުޅި ޢާއިލާގެ އެންމެންވެސް ހިތްހަލާކުވެގެންދާނެކަން ގައިމެވެ.
ޢުބައިދުﷲ އޭނާގެ ދަތުރު ނިންމާލާފައި މާލެއައީ ހަވީރުގެ ވަގުތެއްގައެވެ. ހާމަވެގެންދިޔަ ހިތި ޙަޤީޤަތާއެކު ނަފްސުގެ ހަމަޖެހުންވަނީ ގެއްލިގެން ގޮސްފައެވެ. ދިރިއުޅުމުގައި ދުވަހަކުވެސް ނުކުރެވޭ މިންވަރަށް ކުށްވެރިކަމުގެ އިޙްސާސް ކުރެވެމުންދިޔައެވެ. ޢާއިލާއަށާއި ގާތް ރައްޓެހިންނަށް ސިއްރުކުރި ކަމުގެ ސަބަބުން ހަލާކުވެގެން ދިޔައީ އަމިއްލަ ދަރިންގެ ދިރިއުޅުމެވެ. ކަތިލެވިގެންދިޔައީ އެމީހުންގެ އުފާތަކެވެ. ފުނޑުފުނޑުވެގެން ދިޔައީ ދަރިންގެ ހިތެވެ. އެކުށުގެ ސަބަބުން އޭނާދެކެ ޖާނާއި މާލުން ލޯބިވި އަނބިމީހާވެސް ނަފްރަތުކުރާނެކަން ގައިމެވެ. މުސްކުޅިވެ ޢުމުރުން ދުވަސްވެފައިވާ މަންމައަށް އޭނަގެ ފަރާތުން ލިބިގެންދާނެ ހިތްދަތިކަމަށް ދުވަހަކުވެސް މާފްދެވޭނެ ކަމެއްނޭގެއެވެ. މާލެއައި ނަމަވެސް ޢުބައިދުﷲގެ ސިކުނޑީގައި ދައުރުވަމުންދަނީ ޢާއިލާއަށް އެޙަޤީޤަތް އަންގާނެ ގޮތެކެވެ. އަހަރުތަކެއް ފަހުން އޭނަ މިވާހަކަ ދެއްކިޔަސް ޤަބޫލުކުރެވޭނީ ހެއްކެއް ހުރެގެންނެއް ނޫންހެއްޔެވެ؟
ޒޯއީ ފޯނުން ވާހަކަ ދައްކަމުން ޝަންހާއީއަށް ވަންނަން ދިޔައެވެ. ޒޯއީގެ ރޭވުމާއި އެއްގޮތަށް ކަންތައް ވަމުންނުދާތީ ހިތްހަމަނުޖެހިފައި ހުރިނަމަވެސް މިކާވެނި ކުރެވެންދެން އޭނާ ކެތްތެރިވާން އެބަޖެހެއެވެ. އިމްޔާން ކައިވެނި ފަސްކުރަނީ ކީއްވެކަން ޔަޤީނަށް ނޭގުނުނަމަވެސް މިކަމުގައި ޒޯއީއަށް އިމްޔާންގެ މައްޗަށް އެއްވެސް މަޖުބޫރެއް ކުރެވޭކަށްވެސް ނެތެވެ. އެހެންނޫނީ ފެށުމުގެ ކުރިން އޭނާގެ ރޭވުން ފެނަށްވެގެން ގޮސްދާނެއެވެ. ޒޯއީ ޝަންހާއީގެ ސިޓިންގ ރޫމަށް ވަންއިރު މޫމިނާއާއި އަޒްލިފާ އަދި އިމްޔާންވެސް ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ހިތްހަމަނުޖެހުމުގެ ކުލަވަރު ފެންނަން ހުރިއިރު ޒޯއީގެ ހިތުގައި އެކަމާއި މެދު ސުވާލުއުފެދުނެވެ. އެހެނީ ހިތާމައަކީ ޝަންހާއީގެ ޢާއިލީ މެމްބަރުން ދަންނަ އެއްޗެއްވެސް ނޫނެވެ. “ކިހިނެއްވެފަ އެންމެން؟ ވަރަށް މޫޑީވެފަހެންހީވޭ. އަނެއްކާ ރަނގަޅު ގަޑިއެއްގަތަ މިއާދެވުނީ؟” އިމްޔާންގެ ކޮނޑުގައި އަތްބާއްވާލަމުން ޒޯއީ ސުވާލުކުރިއެވެ. “ދަރިފުޅާ ޒޯއީ. ތިއީ މަހާރު މިގޭ ކުއްޖެއް. ދަރިފުޅު މިގެއަށް އަންނަން ވަކިގަޑިއެއް އޮވެގެން ނުވާނެ. މިހާރު މިދެކެވެނީ އިމީގެ ކާވެނީގެ ވާހަކަ. މަންމަމެން މިހާރު ވަރުބަލި ވެއްޖެ މިހެން ކިޔާކިޔާ. އެކަމަކު އިމްޔާން ނޫޅޭ ވަކި ދުވަހެއް ބުނާކަށް. އެހެންވީމަ ޒޯއީ ބުނަންވީނު ތިދެކުދިން ކަނޑައަޅާފަ އޮތް ދުވަހެއް.” އަޒްލިފާ ވާހަކަ ދެއްކިއެވެ. ޒޯއީ ކޮނޑުއަރުވާލީ ނޭގެއޭ ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ޙަޤީޤަތަކީ އިމްޔާންއާއި ޒޯއީއާއި ދެމީހުން އެވާހަކަ ދައްކަން ފެށިނަމަވެސް ކުރިއެރުމެއް ނުލިބި ވާހަކަ ނިމޭކަމެވެ. “މިއަންނަ މަހު އެކެއް. މަންމަމެންނަށް ކަމުދާގޮތަކަށް ހުރިހާ ކަމެއް ނިންމީމަ އޯކޭވާނެ.” އިމްޔާން ޖަވާބުދިނީ އެކަން ބޮލުން ފަހިކޮށްލަން އުޅޭފަދަ ގޮތަކަށެވެ. ޒޯއީއަށް ސިހުމެއް ލިބުނުނަމަވެސް އުފާވެރި ހިނިތުންވުމަކާއެކު ޒޯއީ އިމްޔާންގެ ގައިގައި ބައްދާލީ އެވަގުތު އެތަނުގައި ތިބި މީހުންނަށްވެސް ފަރުވާލެއްނެތިއެވެ. ޒޯއީގެ މިޢަމަލުން އިމްޔާންއަށް އުދަގޫވީވަރުން އަވަސްއަވަހަށް ޒޯއީގެ އަތް އިމްޔާންގެ ކަރުން ނައްޓުވާލަމުން ޒޯއީއާއި ދިމާލަށް ކަޅިއަޅާލިއެވެ.
އިވާން ސިންގަޕޫރުން މާލެއަށްއައިސް މިވީ ދުވަސްތަކުގައި ގިނަވަގުތު ހޭދަކުރީ މަސައްކަތުގެ މާހައުލުގައެވެ. އަންނަން އޮތް ޠޫފާނުގެ ކުޑަވެސް ހިލަމެއް ނެތި އިވާން އަރޫޝާއަށް ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން ދިޔައެވެ. ޙަޤީޤަތަކީ އޭނާގެ ހަނދާންތައް އަރޫޝާއާއި ގުޅިފައިވާކަމެވެ. އަރޫޝާއާއި ވަކިވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެދިރިއުޅުމަށް ބުނެދޭން ނޭގޭ ފަދަ ހުސްކަމެއް އައިސްފައިވާކަމެވެ. ބަލާލާ ކޮންމެ ދިމާލަކުން އަރޫޝާ ސިފަވާކަމެވެ. އެލޮބުވެތި ހިނިތުންވުމާއި ލަދުން އުޅޭއިރު އެމޫނަށް ވެރިވެގެންދާ ޖަންބުކުލަ ލޯމަތިން ސިފަވަމުންދާކަމެވެ. ހިތި އެޙަޤީޤަތް އެގިގެންދާއިރު އިވާންއަށް ވާނީ ކިހިނެއްބާވައެވެ؟
އެތައް ދުވަހެއްގެ ނިންޖާއި ދުރުވެ ވިސްނުމުގައި ދުވަސްތަކާއި ވަގުތުތައް ހޭދަކުރުމަށްފަހު ޢުބައިދުﷲ އޭނާގެ ޢާއިލާއަށް ޙަޤީޤަތް ކިޔާ ދިނުމަށް ނިންމިއެވެ. މިކަންތަކުގެ ސަބަބުން އޭނާގެ ނަފްސުވަނީ ހުރިހާ ހިތްހަމަޖެހުމަކުން މަޙްރޫމްވެފައެވެ. ޢުބައިދުﷲ ގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާލުމަށްފަހު ޢާއިލާގެ އެންމެން ސިޓިންގ ރޫމަށް އައުމަށް ބުނުމަށް އެންގިއެވެ. މިކަމަކީ ވަރަށް މަދުންނޫނީ ޢުބައިދުﷲ ކުރާކަމެއް ނޫނެވެ. އެހެނީ މިހުރިހާ ދުވަހު އޭނާއަށް މުހިންމުވީ އޭނާގެ ވިޔަފާރިއެވެ. ޢާއިލާއަކީ މިހުރިހާކަމަކަށްފަހު އޭނާއަށް އަންނަ ބައެކެވެ. ފަހަރަކު މީހަކު ސިޓިންގ ރޫމަށް އަންނަމުންގޮސް އެންމެން ހަމަވުމާއެކު ޢުބައިދުﷲ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. މަޑުމަޑުންގޮސް މޫމިނާ ކައިރީގައި މަޑުކޮށްލަމުން ޢުބައިދުﷲ އޭނާގެ މަންމަގެ އަތުގައި ހިފާލިއެވެ. “މަންމާ. އަޅުގަނޑަށް މާފުކޮށްދޭތި. ” ޢުބައިދުﷲގެ އަޑުގައިވި ހިތްދަތިކަން މޫމިނާގެ ހިތްކަތިލިއެވެ. އެހެނީ ހަރު ޢުމުރުގެ އެފިރިހެން ދަރިފުޅުގެ ލޮލުގައި އެވަނީ ކުރިޔާއި ޚިލާފަށް އާދަޔާޚިލާފު އަސަރެކެވެ. “އަޅުގަނޑަށްވަނީ ވަރަށް ބޮޑުކުށެއް ކުރެވިފަ. ފަހަރެއްގައި މިކުށަކީ ތިއިން އެއްވެސް މީހެއްގެ ފަރާތުން މާފް ލިބޭ ވަރަށްވުރެ މާބޮޑު ކުށެއްކަމަށްވެސް ވެދާނެ. ” ޢުބައިދުﷲ ވާހަކަ ދައްކަމުން ދިޔައިރު އެތާ ތިބި އެންމެންވެސް ތިބީ ސުވާލުމާކުތަކެއްގެ ތެރޭގައެވެ. “ބައްޕައަށް އަޅުގަނޑުމެންގެ ފަރާތުން މާފްނުލިބޭ ވަރުގެ ކޮން ކުށެއްތޯ ކުރެވުނީ؟” އަންނަން އޮތް އަޑިގަނޑުގެ އެއްވެސް ހިލަމެއްނެތި އިވާން އަށް ސުވާލުކޮށްލެވުނެވެ. “ފުރަތަމަކަމަކީ ބައްޕަގެ ތިޔަ ދަރިފުޅުގެ ހިތް ހަލާކުކޮށްލެވުނުކަން. އެވެސް މިބައްޕަގެ ސަބަބުން. ދަރިފުޅު އަރޫޝާއާއި ގުޅޭކަށް ބައްޕަ ދުވަހަކުވެސް ޤަބޫލެއް ނުވާނެ.” އިސްޖަހާލަމުން ޢުބައިދުﷲ ވާހަކަ ދެއްކިއެވެ. އިވާންއަށް ހީވީ އޭނާގެ ބޮލުގައި މީހަކު އެއްޗަކުން ޖެހި ހެންނެވެ. މަރުތެއްޔަކުން ބޮލުގައި ޖެހިނަމަވެސް އެހާވަރެއް ނުވާނެކަން ނޭގެއެވެ. “ކީއްވެ ބައްޕާ؟ ބައްޕައަށް ތިޔަ ކިޔާއެއްޗެއް އެގިލައްވާތޯ؟ އެއީ ހަމަ އެއަންހެން ކުއްޖާ ނިކަމެތިވީމަ ބައްޕަ ނިންމެވި ގޮތެއްތޯ؟ ސާބަސް އެކަމަކު ބައްޕައަށް.” އިމްޔާން އޭނަގެ ކޮއްކޮގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ. އިވާންގެ މޫނު ފެނުމާއެކު އިމްޔާން މަޑުމަޑުން ގޮސް ބައްދާލިއެވެ. “ކީއްވެތަ ޢުބައިދުﷲ؟ އަމިއްލަ ދަރިއަކަށް ތިހާ ބޮޑު ދެރައެއްދޭން ހެޔޮވާނީ ކިހިނެއް؟ ކިހާ ދުވަހެއް ފަހުން އިވާންއަށް ކަމުދާ އަންހެން ކުއްޖަކު ފެނުނީ؟ މުދަލާއި ފައިސާއަށް ލޯބިކުރިޔަސް ތަންކޮޅެއް ބޮޑުވަރުހެން އަޅުގަނޑަށް ހީވަނީ.” “ސަބަބކީ އަރޫޝާއަކީ އިވާންގެ ކޮއްކޮ. އެއީ އަހަރެންގެ ލޭ. އެއީ އަހަންނަށް ބައްޕަ ކިޔާ ދަރިއަކަށްވާތީ. އެއީ އިވާންއާއި އިމްޔާންއަށް ބޭބެކިޔާ އަދި ޝިމްޔާގެ ދައްތައަށްވާތީ” ޢުބައިދުﷲގެ ޖަވާބުން އެތަނުގައި ބޮމެއް ގޮވި ފަދައެވެ. ލިބުނު ސިހުމުގައި އިވާންއާއި އިމްޔާންއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. މޫމިނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔަފަދައެވެ. އަޒްލިފާއަށް ބާރަށް ރޮއި ގަނެވުނު އިރު ޝިމްޔާވެސް އިނީ އިވުނު ވާހަކައިން ގަބުވެފައެވެ. އެންމެންގެ މޫނަށް އަރާފައިބަމުންދިޔަ ކުލަވަރު ބަލަން ޢުބައިދުﷲ ހުރީ ބަސްހުސްވެފައެވެ. “ކީއްވެ؟ ކީއްވެތަ ޢުބައިދުﷲ؟” އަޒްލިފާ ރޮމުން ގޮސް ޢުބައިދުﷲގެ ގަމީހުގެ ގިރުވާނުގައި ހިފާ ދަމައިގަތެވެ. ފިރިމީހާގެ އެބޭވަފާތެރިކަމުގެ ސަބަބުން އެހިތް ވަނީ ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެފައެވެ. ޢާއިލާއާއި ވަކިން ޢުބައިދުﷲއާއި ކާވެނިކުރުމަށްފަހު ބިނާކުރަމުން އައި ތާޖްމަހަލްފަދަ އޭނާގެ ގަނޑުވަރު ވަނީ ފުނޑުވެ ބިމާއި ހަމަވެފައެވެ. އިތުބާރަކީ ވެސް އެފަދަ އެއްޗެކެވެ. “ދަރިފުޅު ތަރުބިއްޔަތުކުރުމުގައި މަންމައަށް އިހުމާލުވެވުނީ ކޮން ދިމާއަކުންތަ؟ ހިލޭއަންހެނުން ކައިރިއަށް ދަރިފުޅު ދާންޖެހުނީ ކީއްވެގެންތަ؟ މޫމިނާ ސުވާލުކުރިއެވެ. “މަންމާ. އެއީ ޙަލާލު ދަރިއެއް. އެއީ އަހަރެން ކުރި ކައިވެންޏަކަށް ލިބުނު ދަރިއެއް.” ޢުބައިދުﷲގެ މިވާހަކައިން އަނެއްކާވެސް އެންމެންނަށް އިތުރު ސިހުމެއް ލިބިގެންދިޔައިރު އަޒްލިފާ ރޮމުން ރޮމުންގޮސް ބިންމައްޗަށް ތިރިވިއެވެ. “ސުބްޙާނަﷲ. ކޮންފަދަ ބޮޑު އޮޅުވާލުމެއް. ތިއަންހެނާ އަހަރެމެންގެ ދިރިއުޅުމަށްވަނީ ކީއްވެ؟ ހަމަމިމުދަލާއި ފައިސާއާއި މުއްސަނދިކަން ބޭނުންވެގެންތަ؟” އަޒްލިފާ ރޮމުން ވާހަކަ ދެއްކިއެވެ. އެވޭނީ ރުއިން އަޑުއިވުމުން އެންމެންވެސް ތިބީ ރޮވިފައެވެ.
އަޒްލިފާ ރޮމުން ކުރަމުން ދިޔަ ސުވާލުތަކަށް ޢުބައިދުﷲ ޖަވާބުދިނެވެ. “އެއީ އަހަރެންގެ ކުށް. ރީތި ކަމުގެ އަވާގައި ޖެހުނީ އަހަރެން. މީގެ 23 އަހަރުކުރިން އަހަރެން ފުވައްމުލަކަށް ކުރި ދަތުރެއްގައި އަހަންނާއި ސަމީނާއާއި ދިމާވީ. އަހަރެން ވާހަކަ ދެއްކި ނަމަވެސް އޭނައެއް ނޫޅޭ އަހަންނާއި ވާހަކަ ދައްކާކަށް. އެހެންވެ އަހަންނަށް އަހަރެންގެ މުއްސަނދިކަމުގެ މަޅީގައި އޭނަ ޖައްސަން ޖެހުނީ. 2 މަސްފަހުން މާލެއައިސް އަހަރެން އޭނަ ވަރިކުރިން. އޭރު ސަމީނާ އިނީ އަރޫޝާއަށް ބަލިވެ. އެކަމަކު އަހަރެން އެކަން ނޭގޭ ކަމަށް ހެދީ. އަހަންނަށް ހީވީ އޭނާ އަހަރެންގެ މުއްސަނދިކަމުގެ ބޭނުމުގައި އެހެން މީހެއްގެ ދަރިއެއް އަހަރެންގެ ބޮލުގައި އަޅުވަން އުޅުނީކަމަށް. އަހަރެން ބޭނުންވީ ޢުމުރަށް މިކަން ސިއްރުކުރަން. އެކަމަކު އަރޫޝާ މިގެއަށް އައި ރޭގައި އަހަންނަށް ތަފާތު އިޙްސާސެއްކުރެވުނު. އަހަންނަށް އަރޫޝާގެ މޫނުމަތިން ސަމީނާ ސޫރަވި. އެހެންވެ އެކަން ޔަޤީންކުރުމަށް ވިޔަފާރި ދަތުރެއްގައި ކަމަށްބުނެ އަހަރެން ފަހު ދުވަހު ފުރައިގެން އެރަށަށް ދިޔައީ. ސަމީނާގެ ފަރާތުން އަހަންނަށް ޙަޤީޤަތް އެގުނީ.” ޢުބައިދުﷲ ހުރިހާ އެއްޗެއް ސާފުކޮށް ކިޔާ ދިނުމުން މުޅިތަނަށް ޒާތެއްގެ ބިރުވެރި ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އެހިމޭންކަން ފޫއަޅުވާލީ އިވާންގެ އަޑެވެ. ފިސްވެފައިވާ ހިތާމައާއި ރުޅިއެކުލެވިފައިވާ އަޑެކެވެ. “ކޮބާ ހީވޭ. އިމީ ހަނދާންވޭތަ! އަހަރެން އެދުވަހުވެސް ބުނީމެއްނު މިކަމުގަ އަޑިނޭގޭ ކަންތައްގަނޑެއްވާނޭ. ބައްޕައަށް އަހަރެން ދުވަހަކުވެސް މާފެއްނުކުރާނަން. ބައްޕަގެ ސަބަބުން ކިތައް މީހުންނަށް ދެރަ ތިލިބުނީ. ބަލާބަލަ މަންމައަށް، މާމައަށް، ޝިމީއަށް، އިމްޔާންއަށް، މީހުސް ބައްޕަގެ ސަބަބުން އެމީހުންގެ ލޮލުން އަންނަ ކަރުނަ. ބައްޕަ ނަސްލު އޮޅުވާލުމުގެ ސަބަބުން އަހަންނަށް މިލިބުނީ ކިހާބޮޑު ދެރައެއް. އަނެއްކާ އަރޫއަށްވެސް ކިހާބޮޑު ދެރައެއް. ކިހިނެއްތަ އަހަރެން އެއީ ކޮއްކޮގެ ގޮތުގައި ބަލައިގަންނާނީ؟” އިވާން ރޮމުން މޫނުމަތީގައި އަތްއަޅާލިއެވެ. އެހިތުގައި އަޅަމުންދާވޭން އެތާތިބި އެންމެންނަށްވެސް އިޙްސާސްކުރެވޭފަދައެވެ. “އެދުވަހުވެސް އަހަރެންގެ ހިތްބުނި މީ ނުބައެކޭ. އެހެނީ އެއީ ދުވަހަކު ވެސް ބައްޕަ ކަންތައް ކުރައްވާނެ ގޮތެއް ނޫން އެއީކީ. އެކަމަކު މިފަދަ ކަމެއް ވެފަ އޮވެދާނެކަމަށް ހަމަގައިމުވެސް އަހަރެން އުންމީދެއް ނުކުރަން” އިމްޔާން ވާހަކަ ދެއްކިއެވެ. ” އަހަރެން ނެތިން އެއްޗެއް ބުނާކަށް. ހަމައެކަނި ބުނެލަން އޮތީ ފާއިތުވެދިޔަ 26 އަހަރުތެރޭގައި އަހަރެން ހިތްދަތިނުވާވަރަށް ޢުބައިދުގެ ތިޢަމަލުން އަހަރެން ހިތްދަތިވެއްޖެއޭ. އަހަރެންފަދަ އެހެން އަންހެނަކާއި ދިމާލަށް ބުނާނީވެސް ވަކިކީކޭ؟ ޢުބައިދު އޭނާއާއި މެދުވެސް ކަންތައްކުރީ ވަރަށް ގޯސްކޮށް.” އަޒްލިފާ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެމުން ވާހަކަ ދެއްކިއެވެ. އެމަންމަގެ ލޮލުން އޮހެމުންދިޔަ ކަރުނައިގެ ސަބަބުން ޝިމްޔާއިނީ އިންތިހާއަށް ދެރަވެފައެވެ. ބައްޕަގެ އެކުށުގެ ސަބަބުން ޢާއިލީ ގުޅުމަށް އަންނާނެ ހީނަރުކަމާއި މެދުވެސް ވިސްނާލެވުނެވެ. “ވިސްނުމެއްނެތިކޮށްފިކަމަކުން އެންމެ ފަހަރަކު ދޭހުގާ، ގިސްލަމުން ކަރުނަ އޮހޮރަންޖެހިދެޔޭ ޢުމުރަށް މުޅިން.” މިބައިތުގައި ބުނާފަދައިން ޢުބައިދުﷲއަށް ވެފައި މިއަދުވަނީ. މަންމަ ބުނާނެ އެއްވެސް އެއްޗެއް ނެތް. މާދަންވެސް ޙަޔާތް ނިމިދާނެ. އެދެމައިންގެ ކިބައިން މާފް ހޯދާ. އަޒްލިފާއާއި ދަރިންގެ ފަރާތުންވެސް މާފްހޯދަން މަސައްކަތްކުރޭ. އަދި މަންމައާއި އަރޫޝާ ބައްދަލުކޮށްލަދީ.” މޫމިނާ އެހެން ބުނުމަށް ފަހު ހިނގައިގަތެވެ. ހަށިގަނޑުގައި ނެތް ހިތްވަރުކޮށްފައި އަޒްލިފާވެސް ބެލުމެއްނެތި ހިނގައިގަތެވެ. އަޒްލިފާގެ ފަހަތުންކަހަލަ ގޮތަކަށް ޝިމްޔާ ހިނގައިގަތްއިރު އިވާންއާއި އިމްޔާން ވެސް އެމީހުންގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެންމެން އެމީހުންގެ ކޮޓަރިތަކަށް ދިއުމުން ޢުބައިދުﷲ އެކަނިވިއެވެ. ޙަޤީޤަތް ހާމަކޮށްދެވުމުން ނަފްސަށް ހަމަޖެހުން ލިބިފައި ވެއެވެ. ނަމަވެސް އަރޫޝާ ބުނި ފަދައިން އޭނައަކީ ފައިސާހުރި މުއްސަނދި ނިކަމެއްޗެކެވެ.
ނުނިމޭ
14
8 Comments
Comments are closed.
Me first
Hi kudhin kudhin…
Miothy 9 episode liyevunu hisaabun up kohlla dheefa. up koh nudhy dhuvas v ma ethan fill kohlladheyn beynun. hope all are happy now. Next part will be uploaded sooon.
Please comment and let me know what you think about the story.
Vv reethi mi part ves?
Zoee n maira eii sister kanneyge dhw.. maira ah vx bappa eh nufeneynu dhw…?? n new girl eh ge entry for ivaan dhw.. waiting 4 next part?
oh please vaahak mhaahisaabah aa iruves mioh reethi vaahaka thi genesdheny episode tha varah kurukoh so hope for an improvement
Shelly
I am trying my best. Mivaguthu haalath huri gothun v udhagoo liyan time dheyn Ekamaku wes hama trying my level best to upload soon
v reethi mi story ves…ekamu haadha dheragothekey dhw thivee zoee n aroosha ge eh bappa akah veenama dhw eyrun ivaan ah ves arooshaa libunees dhw..mee hiyaaleh…
vvvvv reethi