Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 22

Shine Level 5100 Stories10 Stories100 Comments100 Login
November 6, 2016 11 Mins Read
26 Comments

ޖެހިގެންއައި ދުވަހު ހެނދު ހެނދުނާ އިމާދު އާއި އިޝާން އަނިލްމެން ގެޔަށް ދިޔައެވެ. ކާފައާއި މާމައާއި އެންމެންގެ ހާޒިރުގައި އިމާދު ނިންމާފައިވާގޮތް ހާމަކުރިއެވެ.

” އަނިލް ދަރިފުޅާ….ދަރިފުޅު ކީކޭބުނަނީ މިކަމާ….ބައްޕަހީކުރަން ދަރިފުޅު ބައްޕައާމެދު ދުރުގޮތަކަށް ނުދެކޭނެކަމަށް……އިރާދަކުރެއްވިތީ ބައްޕައަށް ތަނަވަސްކަން ލިބިފައެބަހުރި….މިހާރު ބައްޕަ ދެކެނީ އިޝާންއެކޭ އެއްފަދައިން އަނިލްއަކީވެސް ބައްޕަގެ ދަރިއެއްގެ ގޮތުގަ….ތިދެބޭން ގުޅިގެން އެކީ އުފާވެރި ދިރިއުޅުމެއް އުޅޭތަން ދުށުން އެއީ ބައްޕަގެ އުއްމީދަކީ….ބައްޕައަށް އެނގޭ މަންމައާ ވަކީން އަނިލްއަކަށް ނޫޅެވޭނެކަން….ތިދެމައިން ވަކިކޮށްގެން މާޒީގާ ހެދިކަހަލަ ގޯހެއްހަދާކަށް ބައްޕައެއް ނެތިން….މީހަމަ ބައްޕަގެ ހިތުގެ އަޑިން އެދޭއެދުމެއް…ބުނެބަލަ! ދަރިފުޅުގެ ޚިޔާލަކީ ކޮބާ؟” އިމާދު އަނެއްކާވެސް އަނިލްއާ ސުވާލުކުރިއެވެ. އަނިލްއަށް ބަލާލެވުނީ ކާފަގެ މޫނަށެވެ. މަންމާއެކު އުޅެން ބޭނުން ނަމަވެސް ކާފަގެ ނިންމުމަކާ އަނިލްއެއް ދެކޮޅެއް ނުހަދާނެއެވެ.

” ކާފަބުނަނީ ކީކޭ؟” އަނިލް ކާފަގެ ޚިޔާލެއް އަހާލިއެވެ.

” އަހަރެން ތީގަ ދެންބުނާނީ ކީކޭ…..ދަރިފުޅަށް ކަމުދާގޮތަކަށް ގޮތް ނިންމާ….ކާފަމެން މިތިބީ މުސްކުޅިވެ ގައިބާރު ނެތިފަ….ދަރިފުޅުގެ އެހީގަ ކާފަމިއުޅެނީ….އިމާދުގެ ގެދޮރަށް ވަންނަން ކާފަހިތްހަމަ ނުޖެހުނަސް ދަރިންނަށްޓަކާ ކާފަ އެކަންވެސް ކުރަން މިހުރީ ތައްޔާރަށް….އަހަރެންގެ ދަރި އަނެއްކާވެސް އިމާދުއާ ހަވާލުކުރަން ނިންމީ އެނޫން ގޮތެއް ނެތިގެން….ދަރިފުޅު މަންމައާ އަޅާނުލާތީކީ ނޫން….ދަރިފުޅަށްވުރެ އެމަންމައަށް ރަނގަޅުމީހަކު ނުވެސް ހުންނާނެ…އެކަމަކު އިޝާންއަކީ އަހަރެންގެލޭ…އެލަޔަށްޓަކާ އެގޮތާ އެއްބަސްވީ..” ކާފަ އެހިތުގަވާ ޝަކުވާޔާއެކީ ހަޤީޤަތް ހާމަކުރިއެވެ. ދެންއޮތީގެ އަނިލްގެ ނިންމުމެވެ. އަނިލް ބޭނުންގޮތަކަށް ނިންމަންވީއެވެ. އަނިލް އިސްއުފުލާފައި ދުރުގައިހުރި ނީލާއަށް ބަލާލިއެވެ. އެވަގުތު އިޝާންއަށްވެސް އެދިމާ ބަލާލެވުނެވެ. އޭނާއަށް ނީލާގޮވައިގެން ގޮސް އިޝާންއާ އެއްގެއެއްގަ އުޅެވިދާނެ ހެއްޔެވެ؟ ނޫންނަމަ އިޝާންއަށްޓަކައި ނީލާ ދޫކޮށްލާފައި، އެދެމީހުން ގުޅިގެން އުޅޭ މަންޒަރުބަލަން އުޅެވިދާނެ ހެއްޔެވެ؟ ދެގޮތުން ކުރެ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ނީލާ ހުންނާނީ ފެންނަ ހިސާބުގައެވެ. ދެހިތުންކުރެ އެއްހިތަކަށް ތަދުނުވާނެ ހަމައެއްގޮތެއްވެސް ނޯންނާނެއެވެ އަނިލް އެވިސްނަނީ ކޮންކަމަކާކަން ނީލާއަށް އެނގެއެވެ.

” އިޝާންގެ ބައްޕަގެ ހުށަހެޅުން ކިތަންމެހާވެސް ރަނގަޅު…އެކަމު ތިކަމާ ވިސްނާލާފަ ނޫނީ ޖަވާބެއް ދެވޭކަށްނެތް….މިރަށަކީ އަހަރެންގެ ދިރިއުޅުން ބިނާވެފަ އޮތްރަށް…މިރަށްދެކެ އަހަރެން ލޯބިވެސްވޭ….މިގެ އަހަރެން ބިނާކުރީ އަހަރެންގެ ބައްޕަގެ ހަނދާނުގަ….މިއީ ބައްޕަގަތްފަ އޮތް ގޯއްޗެއް….ބައްޕަނިޔާވުމުގެކުރިން އަހަރެންނަށް ދިނީ…..މިއީ ބައްޕަގެ އެންމެފަހުގެ ހަނދާން…..ދެން އަދި މީގެ އިތުރުން އަހަރެންނަކީ ޒިންމާބޮޑު ވަޒީފާއެއްގަހުރިމީހެއް….މިރަށަށް ނުލާހިކު މުހިއްމުމީހެއް…..އަނެއްކާ ނީލާވެސް ދަރިފުޅަށްޓަކާ ވަޒީފާދޫކޮށްލަން ނިންމައިފި…އިޝާންވެސް ވަޒީފާ ދޫކޮށްލައިފި…މެނޭޖްމެންޓްގެ ގިނަބަޔަކު ކުއްލިއަކަށް ކެނޑުނީމަ ސުކޫލަށް ވަރަށްބޮޑު ގެއްލުމެއް ލިބޭނެ…..އެހެންވީމަ ހަމަހުރެފަ ތިފަދަ ނިންމުމެއް ނުނިންމޭނެ….އެހެންނޫނަސް އަހަރެންގެ ވަޒީފާއާމެދު އަހަރެން ހިތްހަމަޖެހޭ….އެހެންވީމަ އަހަރެން ބަހައްޓާފަ މަންމައާ ކާފައާ މާމަގޮވައިގެން އިޝާން ދިއުން ކިހިނެއްވާނީ….އަހަރެންވެސް ދެވޭކަހަލަ ގޮތަކަށް މެދުވެރިވެއްޖެއްޔާދާނީ..” އަނިލް އޭނާގެ ޚިޔާލު ހުށަހެޅިއެވެ. އަނިލްގެ ވާހަކަތައް އަޑުއަހާފައި އިޝާންއަށް ގަބޫލު ކުރެވުނީ އަނިލް އެމީހުނާއެކު ދާންބޭނުން ނުވާކަމުގައެވެ. އަނިލް ކަމެއް ފޮރުވާކަމުގައި އިޝާންގެ ހިތްބުނަމުންދެއެވެ. އަނެއްކާ އަނިލް ދާންބޭނުން ނުވަނީ ނީލާއާ އިޝާންއާ އެއްގެއެއްގައި އުޅެންޖެހޭނެތީބާއޭ އިޝާންގެ ހިތަށްއެރިއެވެ.

” އެކަމު އަނިލް….މަންމަ ހިޔެއްނުވޭ އަނިލްއާ ވަކިން ގޮސްދާނެ ހެނެއް….ދެން އެހެންނޫނަސް އަނިލް ދިޔުން ވަރަށް މުހިއްމު…އަހަރެން މިދާގޮތަށް ދާނީ މެލޭއަށް….އަނިލްދިޔައީމަ ބައްޕައަށްވެސް ފަސޭހަވާނެ މަންމަގޮވައިގެން ބޭރަށްދާން…..ނީލާއަށް ކާފައާ މާމައާއެކު މާލެގަ އުޅެވިދާނެ އެއްނު…..ދުވަސްކޮޅަކު އުޅެލީމަ މާމަމެންވެސް އެޖެސްޓްވާނެ މާލޭގެ ދިރިއުޅުމަށް…..އަނިލް ބޭނުމިއްޔާ މިގެ ކުއްޔަށްދީފަވެސް ދެވިދާނެއެއްނު…އޭރުން ގެވެސް ބެލެހެއްޓުނީ…ދެން ދުވަސްދުވަހުން މިކޮޅަށް އާދެވިވެސްދާނެ އެއްނު….އަނިލް ޕްލީޒް…އަހަރެން ވަރަށްބޮޑަށް ބޭބެއަކަށް ބޭނުންވެފަހުއްޓާ މިލިބުނީ…އެހެންވީމަ ހީކުރަން މިކޮއްކޮއަށްޓަކާވެސް މިކަން ކޮށްދޭނެކަމަށް” އިޝާން އަނިލްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އަނިލް އިޝާންގެ މޫނަށް ބަލަން އިންއިރު ތަފާތު ޚިޔާލުތައް ހިތުގައި ހިނގަމުންދިޔައެވެ. ކައްތައްތައް ވެފައިވާގޮތް އިޝާންއަށް ހަމަނުވިސްނެނީ ހެއްޔެވެ؟ އަނިލް ދާން ބޭނުންނުވާ ސަބަބު އިޝާންއަށް ލަފާކޮށްލަންވެސް ނޭނގެނީ ހެއްޔެވެ؟ ހަމަހުރެފަ ކުއްލިއަކަށް ދިރިއުޅުން ބަދަލުކުރުން އެއީ ކިހާއުނދަގޫ ކަމެއްކަން ވެސް ނޭނގެނީބާއެވެ.

އިޝާންއާއި އަނިލްގެ މެދުގައި ތަފާތުގޮތް ގޮތަށް ބަހުސް ކުރެވުނެވެ. ދެންތިބިމީހުންވެސް އެދެމީހުންވެ ވާހަކަތައް އަޑުއަހަމުންދިޔައެވެ. އަނިލް ދާން ދެކޮޅުހަދާ ސަބަބު އެނގެނީ ހަމައެކަނި ނީލާއަށެވެ. އެއީ ހަމަ ނީލާގެ ސަބަބުންނެވެ. އެދެމެދުގައި ނީލާ ނެތްނަމަ އެދެމީހުން މިއަދުތިބީ ގުޅިލާމެހިފައިވާ ދެއަޚުންގެ ގޮތުގައެވެ. ނީލާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. މަޑުމަޑުން އޭނާކޮޓަރިއަށްވަދެ އެނދުގައި އޮތް ތުއްތު އިއާންއަށް ބަލާލިއެވެ. އިއާން އޮތީ ހޭލައިގެން އޭނާގެ އެނދުގެމަތީގައި އެލުވާފައިހުރި އެއްޗަށް ބަލަން ހެވިފައެވެ. އެހެންއޮވެގެން ތަފާފު އަޑުތައް ލައްވަމުން ދިޔައެވެ. އެމައުސޫމު މޫނު ފެންނަ ކޮންމެ ފަހަރަކު އިޝާންމަތިން ނީލާ ހަނދާންވެއެވެ. ވީއިރު އަނިލްއަށްވެސް ހަމައެހެން ވާނެ ނޫން ހެއްޔެވެ؟ ނީލާ ލޯބިވަނީ އިޝާންއާކަން އެނގުނީއްސުރެ އަނިލްވަނީ މުޅީން ބަދަލުވެފައެވެ. ނީލާއާ ދުރުހެލިވެފައެވެ. ދަރިފުޅުވެސް އުރާލަނީ މަދުފަހަރަކުއެވެ. އަނިލްދެކެ ލޯބިނުވިޔަސް އަނިލްގެ ބީރައްޓެހިކަންފެނި ނީލާ ދެރަވެއެވެ. މީގެކުރިން އަނިލްގެ އަޅާލުމާއި ލޯބި އޭނާއަށް ކިހާވަރަކަށް ލިބުނު ހެއްޔެވެ؟ އެލޯތްބަށް ފުރަގަސްދިނީ އޭނާއެވެ.

އެތައް ބަހުސަކަށްފަހުވެސް އަނިލްދާކަށް އެއްބަހެއް ނުވިއެވެ. އަނިލް ނުދާނެކަން އެނގުމުން ކާފައާއި މާމަވެސް ބޭނުންވީ އަނިލްއާއެކު ރަށުގައި މަޑުކުރާށެވެ. އިމާދުއާއި އިޝާން ދެރަވިނަމަވެސް އަނިލްގެ ނިންމުމަށް އިހުތިރާމުކުރިއެވެ. އަދި ކޮންމެވެސް ދުވަހަކުން އަނިލްއަށް ވިސްނިގެން އިމާދުގެ ހުށަހެޅުން ގަބޫލުކުރާނެ ކަމަށް ހިތާހިތުން އިމާދު ގަބޫލުކުރިއެވެ. އިޝާންވެސް އެދިއެދިހުރީ އެކަން އެގޮތަށް ވުމަށެވެ. ނީލާއާއި ދަރިފުޅާއި ވަކިވާން ޖެހުނު ނަމަވެސް މަންމަ ގޮވައިގެން މާލެދެވޭތީ އިޝާން އުފާވިއެވެ. އިމާދު ފެންނަ ކޮންމެ ފަހަރަކު އިމްޝާއަށް ބަލަން ހުރެވެނީ ހުވަފެނުގައި ފެންނަމީހާއާ އިމާދުއާ ވައްތަރުކަމުންނެވެ. ބައެއްފަހަރު އޭނާގެ ބައްޕަ އިމާދުއަށް މުޚާތަބުކުރާ އަޑުއިވުމުން ހިތުގައި ސުވާލު އުފެދެއެވެ. ހުވަފެނުން ފެންނަމީހާއަށް ކިޔަނީވެސް އެނަންހެން އޭނާއަށް ހީވިއެވެ. އިމާދު އިމްޝާއާ ދުރުދުރުން ވާހަކަ ދައްކައިގެން އިމާދުއާއެކު މާލެދާނަންތޯ އެހުމުން ވަގުތުން އިންކާރު ކުރިއެވެ. އިޝާން ގޮސް އެހުމުންބުނީ އަނިލް ދަންޏާ ދާނެކަމުގައެވެ. އެންމެފަހުން އިމްޝާ މާލެދާން އެއްބަސްވީ އަނިލްފަހުން ދާނެކަމުގައި ބުނުމުންނެވެ. އިޝާންއާއެކު މާލެދިޔުމަށް އަނިލް އެދުމުން ވަރަށް ފަސޭހައިން އެއްބަސްވިއެވެ. އިޝާންއާމެދުވެސް އިމްޝާއަށް ދެކެވެނީ ދަރިއެއްގެ ގޮތަށެވެ. އިޝާންއާ އެކީގައި ހޭދަކުރެވުނު ދުވަސްތަކުގައި އެހިތުގައިވަނީ އިޝާންއަށްޓަކައި މައިވަންތަލޯބި އުފެދިފައެވެ. ނަމަވެސް އަދިވެސް ދަރިއެއްގެ ގޮތުގައި ގަބޫލު ކުރެވެނީ އަނިލް އެކަންޏެވެ.

***************

ދުވަހަކީ އިޝާންމެން މާލެދިއުމަށް ހަމަޖެހިފައި އޮތްދުވަހެވެ. އަނިލް މަސައްކަތް ކުރަމުން ދިޔައީ އިޝާން މާލެދިއުމުގެ ކުރިން އިޝާންއާ ބައްދަލުކޮށް އޭނާއަށް ނީލާއާ އިޝާންގެ ހަޤީޤަތް އެނގޭކަން އެންގުމަށެވެ. އެތައް ފަހަރަކު އަނިލް ވާހަކައެއް ދައްކަން ބޭނުންކަމުގައި ބުނެވިއްޖެއެވެ. ނަމަވެސް އިޝާން އެއްގޮތަކަށްވެސް އޭނާއަކަށް އެފުރުސަތެއް ނުދިނެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އަނިލްއާ ބައްދަލުކުރުމަށް އިންކާރުކުރެވެ. އެހެންކަމުން ކޮންމެގޮތެއް ހަދާފައިވެސް މިއަދު އަނިލް އިޝާންއާ ބައްދަލުކުރަން ނިންމިއެވެ. އިޝާންއަށް އަނިލް ދައްކަން އުޅޭވާހަކައާ މެދު ޝައްކުވީ ޒިހާން ބުނި އެއްޗަކުންނެވެ.

“ޝާންއަށް އެނގޭތަ….އަނިލް އަމިއްލައަށް އައިސް ނީލްއާ ބޭބީވެސް ޝާންއާ ހަވާލުކުރާނެ..” ހެވިލާފައިހުރެ ޒިހާން އެހެން ބުނުމުން އިޝާން ބަލާލީ ހައިރާންވެފައެވެ.

” ކީއްވެ ތިހެން ތިބުނީ؟…އަނިލްއަކަށް އަހަރެން އެވާހަކައެއް ކިޔައެއްނުދެން….ދެން ކިހިނެއް އެނގޭނީ..”

” ދެން ބަލަންހުރޭ….މަމިބުނި ގޮތަށް ކަންތައްވާނީ..” ޒިހާން ވަރަށް ޔަގީން ކަމާއެކު ބުންޏެވެ.

” އެކީއްވެ؟…އަނެއްކާ…ޒިހާން އަނިލްއަށް ކިޔާދިނީތަ؟” ހާސްވެފައި އިޝާން އަހާލިއެވެ.

” ނޯ…ނޯ..ނޯ މަށެއް ނުކިޔާދޭން….އެކަމު ހަމަ އެނގިދާނެ ގޮތެއް އޮވެދާނެއްނު…..އެއްވެސް ކަމެއް އަބަދަކު ސިއްރެއް ނުވާނެއްނު…ދެން ބަލަންހުރެބަލަ ވާގޮތް..” ޒިހާން ބުނި ޖުމްލައިން އިޝާންއަށް ހަނދާންވީ އަނިލްގެ މަތިންނެވެ. އަނިލްވެސް އޭނާއާ ދިމާއަށް ހަމައެހެން ބުންޏެވެ. އިޝާން ޒިހާންގާތު އަހާއަހާވެސް އިތުރު އެއްޗެއް ނުބުންޏެވެ. އަނިލް އިޝާންގާތު ވާހަކައެއް ދައްކާލަށް ބޭނުމޭ ބުނުމުން އިޝާން އެކަމާދެކޮޅުހެދީ އެވާހަކަ އަޑުއަހަން ބޭނުން ނުވާތީއެވެ. އަނިލް އޭނާއަށްޓަކައި ނީލާދޫކޮށްލުން އެއީ ކޮންމެހެން އިޝާން އެދޭގޮތެއް ނޫނެވެ. އަނިލް އޭނާއަށްޓަކައި މަންމަ ދޫކޮށްލުމުން އޭނާއަށް ފުދެއެވެ. އިތުރު އެއްޗެއް އޭނާ ބޭނުމެއް ނޫނެވެ.

ފުރަން ދަތުރު ހަދަމުން ދިޔައިރު އަނިލް އެތައް ފަހަރަކު ގުޅުމުންވެސް އިޝާން ފޯނެއް ނުނެގިއެވެ. ނަމަވެސް ދިއުމުގެ ކުރިން އަނިލްއާ ކުރިމަތިލާން ޖެހޭނެކަން އޭނައަށް ޔަގީންވެއެވެ. ނީލާއާ ދަރިފުޅުވެސް ދެކިލަން އޭނާ ބޭނުމެވެ. މެންދުރު ނަމާދުން ފައިބައިގެން ބައްޕައާއެކު އިޝާން ކާފަގެޔަށް ދިޔައެވެ. ފުރަން ހަމަޖެހިފައިއޮތީ ހަވީރު ހައެއްގެ ފުލައިޓުންނެވެ. އެހެންކަމުން ފުރުމުގެކުރިން ކާފަމެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން އިޝާންވެސް ބޭނުމެވެ. އަނިލް އިނީ އިޝާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިޝާން އޭނާގެ ބައްޕައާއެކު ވަދެގެން އައި މަންޒަރު ފެނިފައި އަނިލް އަވަސް އަވަހަށް އިޝާންގެ ގާތަށް ދިޔައެވެ.

” އިޝާން….އަހަރެން ހާދަވަރަކަށް ގުޅައިފީމޭ….ޕްލީޒް ހިނގާބަލަ އަހަރެންނާއެކު ކުޑަވަގުތުކޮޅަކަށް ބޭރަށް….އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކަން އެބައޮތް…” އަނިލް ފުރުސަތުގެ ބޭނުން ހިފައި އިޝާންގެ ގާތުން އޭނާއާއެކު ދިއުމަށް އެދުނެވެ.

” ސޮރީ..އަނިލް މިގަޑީގަ ނެތޭ މާގިނަ ވާހަކަ ދެއްކޭކަށް….ނީލް ކޮބާތަ މަންމަ….މަންމަ ތައްޔާރު ވެއްޖެތަ؟” އިމްޝާގެ ކޮޓަރިން ނުކުތްނީލާ ފެނިފައި އިޝާން އަހާލިއެވެ. ނީލާ އާއެކޭ ބުނަމުން ބޯޖަހާލިއެވެ. އިޝާން އަނިލްގެ ކިބައިން ސަލާމަތްވުމަށްޓަކައި މަންމަގެ ގާތަށްދިޔައެވެ. މަންމައިނީ ކުޑަކުޑަ އިއާން އުނގަށްލައިގެންވެ. މާމަވެސް ގާތުގައި އިނެވެ.

” އައްދޭ….މާމަގެ ދޫނި މާމައާ ސަލާމްކުރަން އައިސްފަތަމިއިނީ….” އިޝާން މަންމަގެ ގާތުގައި އިށީނދެ އިއާން އުރާލިއެވެ. އިޝާން އަނގައިން އަޑެއް ލައްވާލުމުން އިއާން ހީލިއެވެ. އެލޯބިހީލުން ފެނިފައި އިޝާންގެ ހިތްލޯބިން ފުރުނެވެ. އެތައްފަހަރަކު އެފުއްގަނޑެއްފަދަ މަޑުމަޑު ކޮލުގައި ބޮސްދެވުނެވެ. އެދަރިފުޅު ދޫކޮށްފައި ދާންޖެހުމުން އޭނާގެ ހިތަށް ތަދުވެއެވެ. އެންމެ ހިނދުކޮޅަކުވެސް އެދަރިފުޅާ ވަކިން އުޅޭކަށް އޭނާގެ ހިތެއް ނޭދެއެވެ. ނަމަވެސް ހިތުގެ އާދޭސްތަކަށް މިއަދު މިވަނީ ބީރުކަންފަތެއް ދޭންޖެހިފައެވެ.

އިޝާން އޭނާގެ ދަރިފުޅާއެކު ލޯބިން އުޅޭ މަންޒަރުބަލަން އަނިލް ހުރީ ފެންކަޅިވެފައެވެ. އިޝާން ހަމަ އެދަރިފުޅު އޭނަގެ އަތްމައްޗަށް ދޫކޮށްލާފައިދާން ނިންމީ ހެއްޔެވެ؟ އޭނަދައްކަން އުޅޭ ވާހަކައަށް އިޝާން އެއްވެސް ސަމާލުކަމެއް ނުދިނެއެވެ. އުފަލުން ހީހީފައި އުޅޭއިރު އިޝާންގެ ހިތަށް އެއްވެސް އެއްޗެއް ނާރަނީބާއެވެ. އަނިލް މަޑުމަޑުން ކޮޓަރިތެރެއަށް ވަދެ އިޝާން ގާތަށް ހުއްޓުނެވެ.

” އިޝާން…ކޭންވީޓޯލްކް ފޮރ އަ މިނެޓް؟” އަނިލް މަޑުމަޑުން ސުވާލުކޮށްލިއެވެ. އިޝާން އިއާން މަންމަގެ އަތަށް ދިނުމަށްފަހު ބޭރަށް ނުކުތެވެ. އަނިލްވެސް އިޝާންގެ ފަހަތުން ނުކުތެވެ. އެވަގުތު ކޮޓަރިއަށް ވަންނަން އައި ނީލާއިޝާންގެ ގައިގާ ލައިގަތެވެ. އިޝާންއަށް ސިހިފައި ނީލާގެ ގައިގާ ހިފެހެއްޓުނެވެ. އޭރު ނީލާއޮތީ އިޝާންގެ އަތުތެރޭގައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބެވުނެވެ. ދެމީހުންގެ ދޫހިމޭނުން އޮތްނަމަވެސް ލޮލުން ޝަކުވާތައް ކުރަމުންދިޔައެވެ. ނީލާގެ މިލާފައިވާ މޫނުފެނުމުން އޭނާ ދެރަވެފައިހުރި ވަރު އިޝާންއަށް ދެނެގަނެވުނެވެ. އެމަންޒަރުބަލަންހުރި އަނިލްއަށް އެދެމީހުންގެ ހިތުގެ ޝަކުވާތައް އަޑުއިވުނު ފަދައެވެ.

“އިޝާން” ދެމީހުނަށްމެ ސިހިފައި ދުރަށްޖެހެވުނީ އަނިލްގެ އަޑުންނެވެ. އަނިލް ދާދިދާތުގައި ބަލަންހުރިތަން ފެނިފައި ނީލާ ލަދުގަތެވެ. އަވަސް އަވަހަށް ނީލާކޮޓަރިތެރެއަށް ވަނީ އެދެމީހުންގެ މެދުގައި މަޑުނުކުރަން ވެގެންނެވެ. އިޝާން އަނިލްއާ ދިމާއަށް އެނބުރުނު ވަގުތު ކާފަގޮވާލިއެވެ. އިޝާން އަވަހަށް ކާފައާދިމާއަށް ހިނގައިގަތެވެ. އަނިލްއަށް އަނެއްކާވެސް އެފުރުސަތު ގެއްލުނީއެވެ.

“ދަރިފުޅާ…އުޅޭކާން…ބައްޕައާ އަނިލްވެސް ގޮވައިގެން އާދޭ..” ކާކޮޓަރިއަށް ވަންނަމުން ކާފަބުންޏެވެ. އިޝާން ބައްޕައާއި އަނިލްގާތު ކާން އައުމަށް ބުނެފައި އައިސް ކާކޮޓަރިއަށް ވަދެއްޖެއެވެ. އެންމެން އެކީތިބެގެން ކަމުން ގެންދިޔައިރު ކޮންމެމީހަކުވެސް ތިބީ ވިސްނުމެއްގައެވެ. މަދުމަދުން ކާފައާއި ބައްޕަ ވާހަކަ ދެއްކިނަމަވެސް އަނިލްއާއި އިޝާންތިބީ ހިމޭނުންނެވެ.

ފުރާގަޑި ގާތްވަމުން ދިޔަވަރަކަށް ނީލާގެ ލޮލުގައި ކަރުނަ ގިނަވަމުންދިޔައެވެ. ސިއްރުސިއްރުން ކަރުނަތައް ފުހެމުން ހިނިތުންވެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އިޝާން މާމައާއި ސަމާލް ކޮށްލުމަށްފަހު ނީލާގެ ގާތަށް ދިޔައެވެ. ނީލާގެ އުނގުގައި އިން އޭނާގެ ލޯބިލޯބި ދަރިފުޅު އުރާލުމަށްފަހު ލޯބިކޮށްލިއެވެ. ނީލާއާ ސަލާމްކޮށްލަމުން ފަހުފަރަށް އިޝާން ނީލާއަށް ބަލާލިއެވެ. ނީލާގެފެންކަޅިވެފައިވާ ދެލޯ އެތައް ޝަކުވާއެއް ކުރަމުންދިޔައެވެ. އެމަޑުމަޑު ފިނިފިނި އަތްތިލައިން ދޫކޮށްލާކަށް އޭނަގެ ހިތެއްނޭދެއެވެ. ނަމަވެސް ހިތްވަރުކޮށްފައި ހިނިތުންވެލަމުން އިޝާން ނީލާގެ އަތުން ދޫލޮށްލިއެވެ. އިމާދުވެސް ނީލާގެ ގާތަށް އައިސް އިއާން އުރާލިއެވެ. އިއާންގެ މޫނަށް ބަލާލުމުން ހައިރާންކަމެއް އޭނާއަށް ލިބުނީ އިޝާންގެ ތުއްތުއިރާއި އެއްގޮތްކަމުންނެވެ. އެންމެ ދެމަސްވެފައިވީ ނަމަވެސް އެމޫނުން އިޝާންގެ ސިފަތައް ފެންނަން އެބަހުއްޓެވެ. މިނޫނީ މިހާގާތުން އެކުއްޖާ ދެކެފައިނުވާތީ އިމާދުއަށް ކުރިން އެކަން ފާހަގަ ނުކުރެވުނީއެވެ.

” ބައްޕާ…ދާކަށްނުވޭތަ؟..” އިމާދު ސިހިފައި ބަލާލީ އިޝާން ގޮވާލުމުންނެވެ.

އަނިލް ޓެކްސީއަކަށް ގުޅިތާ މާގިނައިރެއް ނުވަނީސް ޓެކްސީއަތުވެއްޖެއެވެ. ކާފަވެސް އިޝާންމެންނާއެކު ޓެކްސީއަށް އެރިއެވެ. އަނިލް އޭނާގެ ސައިކަލަށް އަރާ ސްޓާރޓް ކޮށްލިއެވެ. ދޮރާށިދޮށުގައި ހުއްޓިލައިގެން ފެންކަޅިވެފައިތިބެ ނީލާއާ މާމައަށް ބަލާލަމުން އިޝާން އަތްހޫރާލިއެވެ. އިމާދުއަށް ބެލެނީ ނީލާގެ އަތުގައި އިން ތުއްތު އިއާންއަށެވެ.

އަނިލްއާއި ކާފަވެސް އިޝާންމެންނާއެކު ހަނިމާދުއަށް ދިޔައެވެ. ޗެކިންއަށް ވަންނަގަޑި ޖެހުމުން އިޝާން މަންމަގެ އަތުގައި ހިފައިގެން އެތެރެއަށް ހިގައިގަތެވެ. މަންމަ އެތައް ފަހަރަކު ފަސްއެނބުރި އަނިލްއަށް ބެލިއެވެ. އަނިލްވެސް ފެންކަޅިވެފައި މަންމައަށް ބަލަން ހުއްޓެވެ. ބައްޕަ ނިޔާވިފަހުން މިނޫނީ އަނިލްއާ މަންމަ ވަކިވެފައެއްނެތެވެ. އަނިލްއަށް އޭނާބުނަން ބޭނުން ވާހަކަ ބުނާނެ ފުރުސަތެއްނުދީ އިޝާން ފުރައިގެން ހިނގައްޖެއެވެ. އަނިލްއަށް ޖެހުނީ ކަރުއެލުވާލައިގެން ގެޔަށް އަންނާށެވެ. އިޝާން އެގޮތަށް ކަންތައްކުރީ ގަސްތުގައިކަން އަނިލްއަށް ވިސްނުނެވެ. އަނިލްއަށް ހަޤީޤަތް އެނގޭކަން އިޝާންއަށް އެނގުނީތާއެވެ.

ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކެއުމަށްފަހު އަނިލް އިނީ ސިޓިންރޫމުގައި ޓީވީން ޚަބަރުބަލާށެވެ. ބޭރުޖޯލިފަތީގައި ތިބެގެން މާމައާއި ކާފަ ދެރަވެ ދެރަވެފައި އިޝާންގެ ވާހަކަ ދައްކަމުން ދިޔައެވެ. ޓީވީއަށް ގެއްލިފައި އިން އަނިލް ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. އަނިލް ފޯނުނަގައި ބަލާލިއެވެ.

” އަހަރެންގެ މަންމަ އަނބުރާ އަހަރެންނަށް ދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވާން….އެކަމަކު ތީ އަބަދުވެސް މަންމަގެ ދަރިއެއްކަން ހަނދާންކުރާނަން….މިހާރުތީ އަހަރެންގެ ބޭބެ….އަހަރެން މިހުރީ ތިފަދަ ބޭބެއަކު ލިބުނީތީ ވަރަށް އުފަލުން….ނީލްއާ ބޭބީއާއެކީ އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށް އެދެން….އަހަރެންގެ ގޭގެދޮރު އަބަދުވެސް އަނިލްއަށްޓަކާ ހުޅުވިފާ ހުންނާނެ….ބޭނުންއިރަކު އަންނަންވީ….މަންމަ ރަނގަޅުވުމަށް ދުއާކޮށްދޭތީ….އިރާދަކުރެއްވިއްޔާ އަދި ބައްދަލުވާނެ….ދެބެއިންގެ ގޮތުގަ….ލަވް ޔޫ..” އިޝާންގެ މެސެޖް ކިޔާފައި އަނިލްގެ ލޯފެންކަޅިވީ އުފަލުންނެވެ. ހަޤީޤީގަތުގަވެސް އޭނާދެކެ ލޯބިވާ ކޮއްކޮއެއް ލިބުމުގެ އިހުސާސް ކުރެވުނެވެ. އިޝާން އޭނާއަށްޓަކައި ނީލާއާ ދަރިފުޅު ދޫކޮށްލީކަންވެސް ވިސްނުނެވެ.

” އަހަރެން އެއްކޮށް އިޝާންއަށް މަންމަދިނީކަމަށްތަ ހީކުރީ….ނުދޭން އިނގޭ….މަންމައަށް ރަނގަޅަށް ބަލައްޗޭ!…ލަވް ޔޫ ޓޫ” އަނިލް އިޝާންގެ މެސެޖަށް ޖަވާބުފޮނުވިއެވެ. އަނިލްގެ ޖަވާބުކިޔާލުމަށްފަހު އިޝާން ހިނިތުންވެލިއެވެ.

ނީލާއޮތީ އެނދުމަތީގައި ޓެބްލެޓުން އިޝާންގެ ފޮޓޯބަލާށެވެ. އެހެން އޮވެގެން އިރުއިރުކޮޅުން ލޮލުން ކަރުނަފުހެލައެވެ. އޭނާގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. އިޝާންއަކީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ އެހުރިހާ ދުވަހު އެކީ އުޅުނުއިރުވެސް ހަމަ އެންމެ ފަހަރަކުވެސް އޭނާދެކެ ލޯބިވެޔޭ ބުނެނުލިއެވެ. ކުޑަމިނުން މިއަދުވެސް އެހެންބުނެލި ނަމަވާނީ ކީއްހެއްޔެވެ؟ އަހަރެން އެނބުރި އަންނާނަމޭ އިންތިޒާރުކުރާށޭ ބުނިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ މުޅިއުމުރަށްވެސް އިޝާންއަށް އިންތިޒާރުކުރަން އޭނާއެހުރީ ތައްޔާރަށެވެ. އެކަމަކު އިޝާން އޭނަގެ ހިތް ރޮއްވާލައިފިއެވެ. ލޯބިވެޔޭ ނުބުނިއިރު އެލޯތްބަށް އިންތިޒާރުކުރަންވެސް ނުބުންޏެވެ. އިޝާން އޭނާގެ ހަޔާތުން އެދިޔައީ މުޅި އުމުރަށެވެ. އޭނާގެ ލޯބި އަނިލްއަށްޓަކައި ޤުރުބާންކުރީއެވެ. އެންމެ ފަހަރަކުވެސް އޭނާގެ ހާލާމެދު ހަމްދަރުދީއެއް ނުވިއެވެ. އާއިލާއަށްޓަކައި އިޝާން އޭނާ ބާކީކޮށްލައިފިއެވެ. ނީލާ އިޝާންގެ ފޮޓޯއަށް ބަލަންއޮވެ ރޮއެރޮއެފައި ހިތާހިތާ ޝަކުވާކުރަމުން ދަނިކޮށް އަނިލް ކޮޓަރިއަށް ވަނެއެވެ. ނީލާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އަނިލްއަށް އެމަންޒަރު ފެނުނެވެ. ނީލާ ކިތަންމެ ސިއްރުކުރަން އުޅުނަސް އަނިލްއަށް އޭނާގެ ހާލު ވިސްނެއެވެ. އަނިލް މަޑުމަޑުން އައިސް ނީލާގެ އެނދާއިޖެހިގެންހުރި ކުޑައެނދު ކައިރިއަށް ހުއްޓުނެވެ. އިއާން އޮތީ ހޭލައެވެ. މަތީގައި އެލުވާފައިހުރި އެއްޗެއްސަށް ބަލަބަލާފައި އަޑުލައްވަމުންދިޔައެވެ.

“ދަރިފުޅާ!…ދަރިފުޅަށްވެސް ބައްޕަދިޔައީމަ ނުނިދިގެންތަ ތިއުޅެނީ….ބައްޕަމަތިން ހަނދާންވާތީ ކާފައާމާމައަށްވެސް ނުނިދިފަ އެބަތިބި….ދަރިފުޅުގެ މަންމައަށްވެސް ނުނިދިގެން އެއުޅެނީ އެހެންވެދޯ…..އެކަމަކު އެންމެން ދެރަކޮށްފަ ދަރިފުޅުގެ ބައްޕަދިޔައީ ހިތްވަރުގަދަމީހަކަށްވެގެން….އެނގޭތަ..ބައްޕަ އެއުޅެނީ އޭނާގެ ކެތްތެރިކަމާ ހިތްވަރުގަދަކަމުން ދުނިޔޭގެ ރެކޯޑްފޮތުން ޖާގައެއް ލިބޭތޯ….ދަރިފުޅުވެސް ވާނީ އެކަހަލަ ބޯހަރު ކުއްޖަކަށްތަ؟….ދަރިފުޅުވެސް މަންމަ ރޮއްވާނަންތަ؟….ދަރިފުޅު މަންމަގާތުބުނޭ ނުރޯށޭ….ބައްޕަ މިއަދު ފިލައިގެން ދިޔަޔަސް އަބަދަކު އެހެނެއް ނޫޅެވޭނެ….ދަރިފުޅު ދެރަނުވޭ!…އިރާދަކުރެއްވިއްޔާ މަންމައާ ދަރިފުޅުގެގާތަށް ބައްޕަ ގެނެސްދޭނަން….ބައްޕަ އަންނަން އެއްބަސް ނުވިއްޔާ އަހަރެމެން ބައްޕަހުރިތާކަށް ދާނަން….އޭރުން ފިލާކަށް ނުދުވެވޭނެއްނުދޯ….ދެން އަވަހަށް ނިދާލާ…ގުޑްނައިޓް” އަނިލް އިއާންގެ މޫނުގައި ބޮސްދީފައި ގޮސް އޭނާނިދާ ތަނުގައި އޮށޯތެވެ. އަނިލްއަށް ފުރަގަސްދީގެން އޮތްނީލާ މަޑުމަޑުން މަގަތަށް އެނބުރި އަނިލްއަށް ބަލާލިއެވެ. އަނިލް ދެލޯމަރައިގެން ހިމޭންކަމާއެކު އޮތެވެ. އޭނާ އެހުރިހާ ވާހަކައެއް ދެއްކީ ނީލާއަށް އިއްވަންކަން ނީލާއަށް އެނގުނެވެ. އެވާހަކަތަކުން އަނިލް ނިންމާފައިވާގޮތްވެސް ނީލާއަށް ވިސްނުނެވެ. އަނިލް އެނިންމީ އިޝާންޓަކައި ނީލާ ދޫކޮށްލުމަށެވެ. ނީލާ ވިސްނާލިއެވެ. އަނިލްއަކީ ކިހާ މާތް އިންސާނެއް ހެއްޔެވެ؟ މިފަދަ މާތް އިންސާނަކުދެކެ އޭނާއަށް ލޯބިނުވެވުނީ ކީއްވެގެން ހެއްޔެވެ؟ އެހެންނަމަ މިއަދު މިގޮތަށް ކަރުނަ އޮއްސާކަށް ނުޖެހުނީހެނެވެ. ހިތަކީވެސް ހާދަފާޑެއްގެ އެއްޗެކެވެ. ހިތްއެދޭފަރާތަކަށް ނޫނީ އެހިތް ލެނބިގެން ނުވޭ ހެއްޔެވެ؟

********

މާލެއައިސް އިމާދުގެ ގެޔަށްވަނުމާއެކު އިމްޝާ ދިމަދިމާއަށް ބަލަންފެށީ ހައިރާންވެ ހުރެގެންނެވެ. އެގެއަކީ ކުރިން އޭނާދުށްތަނެއްވެސް ހީވަނީއެވެ. ބަލާލާ ކޮންމެދިމާއަކުން ދެކެފަރިތަކަން އިހުސާސް ކުރެވެނީއެވެ. އިޝާންހުރީ މަންމައަށް ގޮތެއްވެދާނެތީ މަންމަގެ ހަރަކާތްތަކަށް ބަލަބަލައެވެ. މަންމަ ގޮވައިގެން އިޝާން މާލެއައިކަން އެނގުމާއެކު މާމައާއި ބޮޑުދައިތަވެސް މަންމައާ ބައްދަލުކުރަން އައެވެ. މަންމަގެ ހާލަތުފެނިފައި މާމައާއި ބޮޑުދައިތަ ދެރަވެގެން ރުއެވެ. މާމަ މަންމަގެ ގައިގާ ފިރުމަ ފިރުމާފައި ރޮމުން ދިޔައިރު މަންމައިނީ ހަރިރާންވެގެން ވާނުވާނޭނގިފައެވެ. އިޝާން އޭނާގެ މަންމައަށް އެމީހުން ތައާރަފްކޮށްދިނެވެ. އެއީ އިޝާންގެ އާއިލާކަމުގައި ބުންޏެވެ. މަންމަގެ ހާލަތު މާމަމެންނަށްވެސް ކިޔައިދިނެވެ.

“ދަރިފުޅާ އިމާދު….މަންމަ މިއަދު ވަރަށް އުފާވެއްޖެ….މަންމަ ތާއަބަދު ކުރަމުން އައި ދުޢާއެއް މިއަދު އެއިޖާބަވީ….އަހަރެންގެ މިދަރިފުޅަށް އޭނާގެ މަންމަގެ ލޯބި ލިބިއްޖެ….ދެން ދުވަހަކުވެސް އިމްޝާއަށާ އިޝާންއަށް އިމާދުގެ ފަރާތުން ގެއްލުމެއްވިޔަދީގެން ނުވާނެ…” އިމާދު ކަންތައްކުރިގޮތުން މަންމަހުރީ ހިތްހަމަޖެހިފައިކަން އެނގުމުން އިމާދު އުފާވިއެވެ. އަދި ދުވަހަކުވެސް އިމްޝާއަށް ދެރައެއްނުދޭނެކަމަށް ވަޢުދުވިއެވެ. މާމައާ ބޮޑުދައިތަ ގިނައިރު މަންމަގާތު ތިބެގެން ވާހަކަދައްކަން ފެށުމުން މަންމަ ހާސްވާންފެށިއެވެ. އެކަން އެނގުމުން އިޝާން މާމަމެން ކޮޓަރިންނެރެ މަންމަ ގާތުގައި އިޝާން މަޑުކުރިއެވެ. އިމްޝާ ވިސްނަމުންދިޔައީ ދެންމެގައި ދިމާވިމީހުންނާމެދުގައެވެ. އެއީ އިޝާންގެ އާއިލާކުމުގައި ވިޔަސް އޭނާއާ ގުޅުމެއް އޮތްކަން ޔަގީނެވެ. އެހެންނޫންނަމަ އެމީހުން އޭނާފެނިގެން ރޮއެރޮއެފައި ނޫޅޭނެތާއެވެ. އެމީހުން އޭނާދެކެ އެހާލޯބިން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އިޝާންގެ ބައްޕައަށް އޭނާއަށް އެހާ ހެޔޮވާންވީ ކީއްވެގެން ހެއްޔެވެ؟ މިގެ އޭނާދަންނަ ތަނެއްހެން ހީވަނީ ކީއްވެގެން ހެއްޔެވެ؟

” ކިހިނެއްވީ މަންމާ….ބޮލުގަ ރިއްސަނީތަ؟..” އިޝާން މަންމަގެ ބޮލުގައި ފިރުމާލަމުން ސުވާލުކޮށްލިއެވެ.

” ނޫން..ނުރިއްސާ…ކޮންއިރަކުން އަނިލް އަންނާނީ…” ކުއްލިއަކަށް މަންމަ ކޮށްލިސުވާލުން އިޝާން ދެރަވިއެވެ.

” މަންމާ…އަނިލް ވަޒީފާގަ އުޅޭތީ ނާދެވިގެން އަހަރެންނާއެކީ މަންމަ ފޮނުވިއްޔޭ….މަންމަ ލޯބިވަނީ ހަމައެކަނި އަނިލްދެކެތަ….އަހަރެންވެސްމީ މަންމަގެ ދަރިއެއްނު….އަހަރެންވެސް މަންމަދެކެ ލޯބިވަމެއްނު….ދެން މަންމަ ކީއްވެ ކަންބޮޑުވަނީ…” އިޝާން މަންމައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“ދަރިފުޅާ…މަންމަ ލޯބިވަމޭ ދަރިފުޅުދެކެވެސް….ދަރިފުޅާ…ކީއްވެ އެމީހުން މަންމަފެނުނީމަ ރުއީ…” އިމްޝާ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުކޮށްލިއެވެ.

” އެއީ….މަންމައައީމަ އުފަލުންނެއްނު….މަންމާ…އަދިފަހުން މަންމަ ހިތުގަ ތިއުފެދޭ ހުރިހާ ސުވާލެއްގެ ޖަވާބުލިބޭ….މަންމަ މާބޮޑަށް ނުވިސްނާ….މިގޭމީހުން މަންމަދެކެ ވަރަށް ލޯބިވާނެ….އަދި އަހަރެންގެ ހުންނާނެ ކޮއްކޮއެއްވެސް….މިރޭކޮއްކޮ ނިދާފައޮތީމަ ނައީ….އަދިފަހުން ކޮއްކޮ ދައްކާނަން އިނގޭ…” އިޝާން މަންމަގެ ހާސްކަން ފިލުވަން މަސައްކަތް ކުރިއެވެ. މަންމަ ހިނިތުންވެލާފައި އިޝާންގެ ބޮލުގައި ފިރުމާލިއެވެ. އިޝާން ގަސްތުކުރީ މަޑުމަޑުން ހުރިހާކަމެއް މަންމައަށް ވިސްނައިދިނުމަށެވެ.

*******

އިޝާން މާލެދިއުމުން ކާފައާއި މާމައަށް ފަޅުކަން އިހުސާސް ކުރެވެމުންދިޔައެވެ. މަންމަ ނެތުމުގެ ފަޅުކަން އަނިލްއަށް ވަރަށްބޮޑަސް އިހުސާސްކުރެވުނެވެ. ބުރޭކަށް އައިސް މަންމަގެ ކޮޓަރިއަށް ވަދެވުނީ ބޭއިޚުތިޔާރުގައެވެ. އެކޮޓަރި ހުސްކޮށްހުރިތަން ފެނުމުން ވަގުތުން ފެންކަޅިވިއެވެ. މަންމާވަކިން އޭނާ ނޫޅޭތާ ކިހާދުވަހެއް ހެއްޔެވެ؟ ބައްޕަނިޔާވީއްސުރެ އޭނާއުޅެމުން އައީ މަންމަގެ ގާތުގައެވެ. މަންމަ އެކަނިވެރި ވިޔަކަ ނުދެއެވެ. އޭނާގެ ގާތުގައި މަންމަ ނެތެއްކަމަކު މިޔަދުވެސް މަންމަ އެކަނިވެރިއެއް ނުވާނެކަން އޭނާއަށް ޔަގީންވެއެވެ. އަނިލް ފޯނުނަގައި އިޝާންއަށް ގުޅާލިއެވެ.

” ހެލޯ ބުރޯ…ކިހިނެއްތަ؟….އަހަރެންމަތިން މާބޮޑަށް މިސްވެގެންތަ ތިގުޅާލީ؟…” ފޯނުނެގިގޮތަށް އިޝާން ސަމާސާކޮށްލިއެވެ. އިޝާންގެ ސަބަބުން ބޭއިޚުތިޔާރުގައި އަނިލްއަށް ހިނިތުންވެލެވުނެވެ.

” ނޫނޭ….މަންމަގެމަތިން މިސްވެގެން މިގުޅާލީ…..ކޮބާތަ މަންމަ..؟ އަނިލް މަންމަގެ ވާހަކައެހުމުން އިޝާން މަންމައަތަށް ފޯނުދިނެވެ. މަންމަ އަނިލް ނައިސްގެން ޝަކުވާކުރަން ފެށިއެވެ. އަނިލް މަންމަގެ ހިތްހަމަ ޖައްސައިދިނުމަށްޓަކައި ވަރަށް އަވަހަށް ދާނަން ކަމުގައި ބުންޏެވެ.

އަރޫނާއަށް އިޝާން މާލެދިޔަކަން އެނގުނީ އެއްދުވަސްފަހުންނެވެ. އަރޫނާ އިޝާންއަށް ގުޅައިގެން ވަރަށް ޝަކުވާކުރިއެވެ. އިޝާން ތަފާތު ބަހަނާތައް ދައްކައިގެން އަރޫނާ ހަމައަކަށް އެޅުވިއެވެ. އިޝާން ހިކޮށްގެން ހުރީ ނީލާ ގުޅާނެކަމުގައެވެ. ނަމަވެސް ނީލާގެ ފަރާތުން މެސެޖެއްހައި ހިސާބުވެސް ނައެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުންދެއެވެ. ރަށުގެ މީހުންނަށް އިމާދު އައިސް އިމްޝާ ގެންދިޔަކަން އެނގޭކަށް މާގިނަދުވަހެއް ނުނެގިއެވެ. އެކަން އެނގުމާއެކު ކާފައާއި މާމަ ކައިރިއަށް މީހުން ޒިޔާރާތްކޮށް އެކަން ހިނގާދިޔަގޮތް އޮޅުން ފިލުވަން މަސައްކަތް ކުރެއެވެ. އެހެންކަމުން އިޝާންގެ ހަޤީޤަތްވެސް ރަށުމީހުންނަށް އެނގިގެން ހިނގައްޖެއެވެ. ބައެއްމީހުން އިމާދުއަށް ނުރުހުން ފާޅުކުރަމުންދިޔައިރު އަނެއްބަޔަކު އިމްޝާއަށް އޭނާގެ ދަރިފުޅު އަނބުރާލިބުމުން އުފާކުރަމުންދެއެވެ. ބައެއްމީހުން އަނިލްއާމެދު ހަމްދަރުދީވެގެން ވާހަކަދައްކަމުން ދިޔައެވެ. ސުކޫލުގެ ތެރޭގައިވެސް އެންމެ ގަދަޔަށް ދެކެވޭ ވާހަކަ ކަމުގައި އެވާހަކަ ވެގެންދިޔައެވެ. އިޝާންގެ ކެތްތެރިކަމަށް އެންމެންވެސް ތަޢުރީފް ކުރަމުންދިޔައެވެ.

އިމާދު އިމްޝާގޮވައިގެން ބޭރަށް ދިއުމުގެ ކަންތައްތައް ހަމަޖައްސަމުން ދިޔައެވެ. އިޝާންވެސް މަޑުމަޑުން މަންމައަށް ކަންކަން އޮޅުންފިލުވައިދެވޭތޯ މަސައްކަތްކުރެއެވެ. އިޝާން އެއްގޮތަކަށް ވެސް އޭނާގެ މަންމަ އެކަނިވިޔަކަ ނުދެއެވެ. އަބަދުވެސް މަންމަ ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ކުރަމުންދެއެވެ. މަޑުމަޑުން މަންމައަށް އޭނައަކީ ކާކުކަމާއި މަންމައާއި އޭނަގެ އޮތްގުޅުމަކީ ކޮބައިކަން މަންމަށް ވިސްނައިދިނެވެ.

އެއްދުވަހަކު އިޝާންގެ މަންމަ ކޮބައިތޯ އިމްޝާ އެހުމުން އިޝާން އޭނާގެ އަލްބަލް ގެނެސް އޭނަގެ މަންމަގެ ފޮޓޯތައް ދެއްކިއެވެ. އެފޮޓޯއަށް ބަލަން އިމްޝާއިނީ ހައިރާންވެފައެވެ. އެފޮޓޯތަކުގައިވާ އަންހެންމީހާ އޭނާއަށް ވައްތަރުކަމުންނެވެ. އިޝާން އެފޮޓޯގައި އެވަނީ އިމްޝާކަމާއި ކުޑައިރު ދިމާވިގޮތަކުން މަންމައާއި އިޝާން ވަކިވާން ޖެހުނީކަމުގައި ކިޔައިދިނެވެ. މަންމަގެ ބޮލަށް ލިބުނު ގެއްލުމަކުން ހުރިހާކަނެއް ހަނދާންނެތުނީކަމުގައިވެސް ކިޔައިދިނެވެ. އަދި އިމާދުއަކީ ކުރިން އިމްޝާގެ ފިރިމީހާކަމަށްވެސް ބުނެދިނެވެ. އިޝާން ކުރުގޮތަކަށް އޭނަގެ މަންމަގެ މާޒީ ކިޔައިދިނެވެ. ނަމަވެސް އެމާޒީގައި ހިނގާފައިވާ ހިތްދަތި ހާދިސާތައް ކިޔައިދޭކަށް އިޝާންއަކަށް ނުކެރުނެވެ. ނަމަވެސް ބައްޕަ މަންމަ ވަރިކުރުމަށްފަހު އެހެންމީހަކާ އިނދެގެން ކުއްޖަކު ލިބުނުކަންވެސް އިޝާން ބުނެދިނެވެ. އިޝާން ދެއްކި ހުރިހާ ވާހަކައެއް އިމްޝާ ކަނުލާ އަޑުއެހިއެވެ. އެއިން އެއްވެސްކަމެއް އޭނާގެ ހަނދާނުގައި ނެތްނަމަވެސް ފެންނަން ހުރި ހެކިތަކުން އިޝާން އެދައްކަނީ ތެދުވާހަކައެއްކަން ގަބޫލުކުރަން އޭނާއަށް މަޖުބޫރުވިއެވެ. އޭނާއަށް ތާއަބަދު ފެންނަ ގޮތްނޭނގެ ހުވަފެންތަކާއި އިޝާން ފެނުމުން އޭނާއަށް ތަފާތު އަސަރެއް ކުރާ ސަބަބަކީވެސް އެއީކަން ވިސްނިއްޖެއެވެ. މިހުރިހާ ދުވަހު އޭނާގެ ސިކުނޑިއަށާއި ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅޭ ސަބަބަކީ މިއީތާއެވެ. އިމްޝާ އިޝާންގެ މޫނަށް ފުންކޮން ބަލާލިއެވެ. އަދި އަލްބަމުގައި އޭނާއާއެކުހުރި އިމާދުގެ ފޮޓޯތަކަށް ބެލިއެވެ. އިޝާންއާ އިމާދުގެ ޒުވާންއިރާއި ވައްތަރުކަން ފާހަގަވިއެވެ. އަދި އިޝާންގެ ކުޑައިރުގެ ފޮޓޯގައި އެތައްއިރަކު އަތްކޭއްތިއެވެ.

” މަންމާ…..މަންމައަށް އެއްވެސް އެއްޗެއް ހަނދާނެއް ނުވޭތަ؟…” އިޝާންއަށް ސުވާލުކޮށްލެވުނީ އަސަރާއެކުގައެވެ. އިޝާންހީކުރީ ހުރިހާ ވާހަކައެއް ކިޔާދިނުމުން މަންމަގެ ހަނދާނަން ކޮންމެވެސް އެއްޗެއް އަންނާނެ ކަމަށެވެ. އެމާޒީގެ ކޮންމެވެސް ސަފްހާތަކެއް ސިފަވާނެ ކަމަށެވެ. ނަމަވެސް އެކަހަލަ އެއްކަމެއްވެސް ނުވިއެވެ.

” ތީހަމަ މަންމަގެ ދަރިއެއްތަ؟…” އެތައްއިރަކު ފޮޓޯތަކަށް ބަލަންއިނުމަށްފަހު އިމްޝާ ސުވާލުކޮށްލިއެވެ.

” އާނ..މަންމާ…މީ މަންމަގެ އުފަންދަރިއެއް….މީ މަންމަގެ އަހުމަދު….އަހަރެންކުޑައިރު މަންމަ އަހަރެންނަށް މުޚާތަބުކޮށް އުޅުނީ އަހުމަދުގެ ނަމުންނެއްނު….މާމަ އަހަރެންގާތު އެވާހަކަބުނި…މަންމަ ހަނދާނެއްނުވޭތަ؟” މަންމައަށް އޭނާގެ މަތިން ހަނދާން ނުވިކަން އެނގުމުން އިޝާންއަށް ރޮވުނެއެވެ. އޭނާ އެހުރިހާ ވާހަކައެއް ކިޔާދިނީ މަންމައަށް އޭނާގެމަތިން ހަނދާންވެ ދަރިފުޅާއޭ ކިޔާ ލޯބިން ގޮވާލާތޯއެވެ.

“ދަރިފުޅާ…ކީއްވެތިރޮނީ؟…” އިޝާން ރޯތަން ފެނުމުން ކަންބޮޑުވެފައި އިމްޝާ އަހާލިއެވެ.

” މަންމާ….މަންމަ ކީއްވެތަ އަހަރެންމަތިން ހަނދާންނެތީ….އަހަރެންމީ މަންމަގެ ބަނޑުން އުފަންކުރި މަންމަގެ ހަމައެކަނިހުރި ދަރިފުޅު…..އެކަމަކުވެސް މަންމަ އަހަރެންމަތިން ހަނދާނެއްނެތް….އަހަރެން ދެރައެއްނުވާނެތަ؟…” އިޝާންއަށް ޝަކުވާކުރެވުނީ ބޭއިޚުތިޔާރުގައެވެ. އިޝާންގެ އަސަރުން ފުރިފައިވާ ވާހަކަތަކުންނާއި އެލޮލުން ފޭބި ކަރުނަތަކުން އިމްޝާގެ ހިތް ވިރިގެން ހިނގައްޖެއެވެ. އެހިތުގައވާ މައިވަންތަކަމުގެ ލޯބި އުތުރިއަރައިގެންފިއެވެ.

“ދަރިފުޅާ ނުރޮއޭ….މަންމައަށް ކުރީގާވީ އެންވެސް ކަމެއް ހަނދާންނެތަސް މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ….ވަރަށްބޮޑަށް ލޯބިވޭ…ހަމަތެދެއްމިބުނީ…ދަރިފުޅަށް ހީވެދާނެ މަންމަ އުޅޭގޮތުން މަންމަގެ ބުއްދިހަމައެއް ނުޖެހެޔޭ….އެކަމަކު މަންމައަށް މީހުން ދައްކާހުރިހާ ވާހަކައެއް އެނގޭ…ވިސްނޭ…އެކަމަކު ދެރަކަމަކީ އެވާހަކަތައް ގިނަދުވަސްވާންދެން ހަނދާން ނުހުންނަކަން….މާޒީގަވެފަހުރި ކަންތައްތައް ހުވަފެނުގެ ގޮތުގަ މަންމައަށް ސިފަވެސްވޭ….މަންމަގެ ސިކުނޑީގާ ކަންކަމާ ވިސްނާނެހާ ބާރުނެތަސް ހަޤީޤަތަކީ ކޮބައިކަން މިހާރު ވިސްނިއްޖެ….އެއްވެސް މީހަކު މީގެކުރިން މިކަހަލަ ވާހަކައެއް މަންމައަށް ކިޔައެއްނުދޭ…އެހެންވެ މަންމަގެ ހަޔާތުގަ މިފަދަކަމެއް ހިނގާފަ އޮތްކަމެއް ނުވެސް އެނގޭ….ދަރިފުޅާ…މަންމަ ދަރިފުޅު ދެރަކުރާކަށް ބޭނުމެއްނޫން…މަންމަލޯބިވޭ ދަރިފުޅުދެކެ” މަންމަގެ ވާހަކަތައް އަޑުއަހަން އިޝާންއިނީ ހައިރާންވެ އަންތަރީސްވެފައެވެ. މަންމަ މިހާގިނައިން ވާހަކަ ދައްކަނިކޮށް ދުވަހަކުވެސް އޭނާއަޑެއް ނާހައެވެ. މަންމަގެ ބުއްދި ރަނގަޅުކަމާއި މަންމައަށް ވިސްނޭކަން އެނގުމުން އިޝާން ވަރަށް އުފާވިއެވެ. އިޝާން އުފަލުން މަންމަގެގައިގާ ބައްދާލިއެވެ. އެތައްދުވަހަކަށްފަހު އިޝާންއަށް އޭނާގެ މަންމަ ލިބުނީއެވެ. އިމްޝާވެސް އޭނާގެ ލޯބިވާ ދަރިފުޅުގެ ގައިގާ ލޯތްބާއެކު ފިރުމަމުން ދިޔައެވެ.

” މަންމަ އަނެއްކާވެސް ހަނދާންނެތޭނެތަ ދެންމެ މިދެއްކި ވާހަކަތައް؟” މަންމަގެ އުނގުގައި ބޯއަޅާލަމުން އިޝާން ސުވާލުކޮށްލިއެވެ.

“އާނ..ދަރިފުޅާ…މަންމައަށް ވަރަށް އަވަހަށް ހަނދާންނެތޭ….އެކަމަކު ދަރިފުޅު އަބަދުވެސް ހަނދާންކޮށްދެންޏާ ހަނދާންވާނެ….އަނިލްވެސް މަންމައަށް ކަންކަން އަބަދުވެސް ހަނދާންކޮށްދޭ….އަނިލް މަންމަ ގެންގުޅޭގޮތުން މަންމައަށް އަނިލްމަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭ…އެކަމަކުވެސް ބައެއް ފަހަރު މަންމައަށް އަނިލްގެ ނަންވެސް ހަނދާންނެތޭ….އަނިލްބުނަނީ ރަނގަޅަށް ކައިގެން އަރާމުކޮށް، ކަންކަމާ ނުވިސްނާށޭ….އެއީ އަބަދު ބުނާ އެއްޗެއް…އެހެންވެ އެވާހަކަ ހަނދާންހުރޭ..” އިމްޝާ އޭނަގެ ހާލަތު އިޝާން ކިޔައިދެމުންދިޔައެވެ. ކިތަންމެ ވަރަށް ވިސްނިއަސް މާޒީގާ ކަންހިގާދިޔަ ގޮތް އޭނާއަށް ނުވިސްނޭނެކަން އޭނާދަނެއެވެ. އެހެންކަމުން ވިސްނައިގެން ސިކުނޑި ހާސްކުރާކަށް އޭނާ ބޭނުމެއްނުވެވެ. އިޝާން ބައްޕަ ގެޔަށް އައުމާއެކީ އޭނާ ކަންތައްކުރިގޮތް ކިޔައިދިނެވެ. އަދި މަންމަ އޭނާއާ ދެއްކިހުރިހާ ވާހަކައެއްވެސް ކިޔައިދިނެވެ.

“ބައްޕައަށް ހީވަނީ ރަނގަޅު ނިއުރޮލޮޖިސްޓަކަށް ދަށްކައިގެން ފަރުވާކުރެވިއްޖެއްޔާ މަންމަގެ ހަނދާންނެތުމުގެ ބައި ރަނގަޅުކުރެވޭނެހެން….މަންމަ ތިދެއްކި ވާހަކައިން އެނގޭ މަންމަގެ ބުއްދިފިލާނުދާކަން…އެކަމަކު ގިނަދުވަހަށް ހަނދާނކުރުމުގެ ބާރުދަށްވެފައެވަނީ….މަންމައަށް އެއަނިޔާ ލިބުނު ދުވަސްވަރު ރަނގަޅުތާކަށް ގެންގޮސްގެސް ބޭސްކުރެވުންނަމަ ރަގަޅުވީސްކަންނޭނެ….މީހަމަ ބައްޕަގެ ވިޔާނުދާކަމުން ވީގޮތް….ބައްޕައަށް އޭރުނުވިސްނުނީ..” އިމާދުއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

” ކިތަންމެ ބޮޑު ޚަރަދެއްކޮށްގެންވެސް މިފަހަރު މަންމައަށް ބޭސްކުރާނަން….ބައްޕަގެ ރަށްޓެއްސަކުބުނީ…ޔޫކޭގެ ހޮސްޕިޓަލެއްގާ ވަރަށް މޮޅު ނިއުރޮލޮޖިސްޓަކުހުރި ވާހަކަ….އޭނަގެ އާއިލާމީހެއްވެސް ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްގެން މުޅިން ރަގަޅުވި ވާހަކަބުނި…..ބައްޕަ މިހާރު މަންމަގެ ޕާސްޕޯޓްވެސް ހައްދާހުރިހާކަމެއް ނިމިއްޖެ….މިހާރު ޑޮކްޓަރާއި ހޮސްޕިޓަލްގެ މައުލޫމާތުވެސް ހޯދައިފިން….ވީއެންމެ އަވަހަކަށް މަންމަގޮވައިގެން ބޭރަށްދާނަން…” އިމާދު އޭނާ ނިންމާފައިވާގޮތް ކިޔައިދިނެވެ. ބައްޕަގެ ވާހަކަތަކުން އިޝާންއުފާވިއެވެ.

“ބައްޕާ އެކަމު އަހަރެން ޚިޔާލެއް ދެންތަ؟….މަންމަގޮވައިގެން ދިއުމުގެކުރިން މަންމައާ ކައިވެނިކުރަންވީނު….އޭރުން އެކޮޅަށް ގޮސް އުޅޭއިރު ހުރިހާގޮތަކުންވެސް މަންމައަށް އެހީތެރިވާން ފަސޭހަވާނެއްނު….މިހާރު މަންމައަށްވެސް ހަޤީޤަތް އެވަނީ އެނގިފަ….މަންމައަށް ހިތްހަމަޖެހުން ލިބޭނެ މިއުޅެވެނީ ހިލޭމީހަކާ އެކީނޫންކަން އެނގުނީމަ…” އިޝާން އޭނާބޭނުންވާ ގޮތް ބައްޕައަށް ހުށަހެޅިއެވެ. އިމާދު އެކަމާއެއްބަސްވިއެވެ.

އިޝާން ކާފައަށް ގުޅުމަށްފަހު މަންމައަށް ހަޤީޤަތް ކިޔައިދިންކަމާއި ބައްޕަ މަންމައާ ކައިވެނިކުރަން އުޅޭވާހަކަ ބުންޏެވެ. ކާފައެކަމާ ވަރަށް އުފާވިއެވެ. ކާފަބޭނުންވީ ވަގުތުން މާލެދިއުމަށެވެ. އޭނާގެ ދަރިފުޅަށް ވަލީދޭން އޭނަބޭނުންވީ ގާތުގައި ހުރެގެންނެވެ. ކާފަ އަނިލްއާ ޚިޔާލުބަދަލުކުރުމުން އަނިލްވެސް ކާފަދިއުމަށް އެއްބަސްވީ އުފަލުންނެވެ. ކާފައާއެކު މާމަވެސް ގެންދިއުމަށް އަނިލް ލަފާދިނެވެ.

ދެދުވަސްފަހުން ކާފައާއި މާމަވެސް މާލެއަތުވެއްޖެއެވެ. އިޝާންގެ ބައްޕަގެ އާއިލާގެ ފަރާތުން އެދެމީހުންނަށް ހޫނުމަރުޙަބާއެއް ކިއެވެ. އެތައްދުވަހަކަށްފަހު މާމަމެން ބައްދަލުވުމުން އުފަލުން ލޯތަކުން ކަރުނަހިލުނެވެ. ހާލުއަހުވާލު އޮޅުންފިލުވައި އެތައްވާހަކައެއް ދެކެވުނެވެ. ހަފްތާއެއްފަހުން އިޝާންގެ މަންމައާއި ބައްޕަގެ ކައިވެނިކުރެވުނެވެ. އެތައްދުވަހެއްގެ އިންތިޒާރަށްފަހު އިޝާންއަށް އޭނާގެ މައިންބަފައިން އަނބުރާ ލިބިއްޖެއެވެ. ދެއާއިލާ ދެމެދުގައިވާ ދުރުމިން އަނެއްކާވެސް ނެތިގެން ހިނގައްޖެއެވެ. މާޒީގެ ހިތިކަން ހަނދާންނައްތާލައި އެންމެންގެ މޫނުމަތިންވެސް އުފާވެރިކަމުގެ ހިނިތުންވުންތައް ފެންނަން ފެށިއެވެ. ކައިވެނިކުރިތާ ގިނަދުވަސްތަކެއްނުވެ އިމާދު އިމްޝާގޮވައިގެން ޔޫކޭއަށް ފުރައިފިއެވެ. ކާފައާއި މާމަވެސް ކުޑަދުވަސްކޮޅަކު އިޝާންގާތު މަޑުކުރުމަށްފަހު އެނބުރި ރަށަށް ހިނގައްޖެއެވެ. އޭގެ ދެދުވަސްފަހުން އިޝާންވެސް އަހުސަންއާއި އަހުނަފްއާއެކު މެލޭޝިއާއަށް ފުރައިފިއެވެ.

Share Article

Follow Me Written By

Shine

Level 5100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ލޯބިން ލޯބިވާއޭ ….. (6)

Next

ކާމިޔާބު އަންހެނާ 12

Next
November 6, 2016

ކާމިޔާބު އަންހެނާ 12

Previews
November 6, 2016

ލޯބިން ލޯބިވާއޭ ….. (6)

26 Comments!

  1. Nana says:
    November 6, 2016 at 9:33 pm

    Yeyy! M first.. Hehe.. Story vrh salhi..

  2. lai says:
    November 6, 2016 at 9:41 pm

    Me second dho. Very sad lai vara baynu first

    1. Nana says:
      November 6, 2016 at 10:17 pm

      Hehe.. Ok lai first..

  3. Chum chum girl says:
    November 6, 2016 at 9:45 pm

    OMG ?? haadha reechey ❤️ I just love it ? When next part?

  4. ~Arfau~ says:
    November 6, 2016 at 9:47 pm

    Vv salhi me 2nd dho

  5. shaai says:
    November 6, 2016 at 9:59 pm

    wow haadha nice ey… hama rohvaalafa thi dhookohly….. alhe avahah upload kohdhehche inge…

  6. shooty says:
    November 6, 2016 at 10:01 pm

    Shine ge shelyn kiyaalan varah beynu ??

  7. Navya says:
    November 6, 2016 at 10:21 pm

    Aaachaaa vaahaka mihaaru vv reethi hisaabehga miulheny. .. avahah up kurahchey ???

  8. Appy says:
    November 6, 2016 at 10:33 pm

    Wow……

  9. MM says:
    November 6, 2016 at 10:56 pm

    Ummeedhu koggen huri gothakah noon veeki

  10. Shahu says:
    November 6, 2016 at 11:06 pm

    wow….. nice
    waiting for next :-*

  11. Inee says:
    November 6, 2016 at 11:10 pm

    Reythi mi part ves

  12. Saandy says:
    November 6, 2016 at 11:33 pm

    ވަރަށް ރީތި… ވަރަށް އުފާވެއްޖެ އިމާދުއާ އިމްޝާ ގުޅުނީމަ… ދެން އަނިލް ހަމަ ނީލާ އިޝާންއަށް ދޭނީތަ؟ އޭރުން ވަރަށް ދެރަ… 23 ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ

  13. imagination says:
    November 7, 2016 at 3:35 am

    please ekakuves maraanulahchey..eyruun roanan…<3 <3 thb, mihaaruves kodakoh rovihjje 🙂 <3

  14. Sandy says:
    November 7, 2016 at 3:20 pm

    Alhe anil gulhuvaabala ishan ge kokko ishika ya…plxx shine…ishan eynage dhariyaa vaki kuruvaakah nuvaane ennu anil kithanme rangalhu viyas…please shine…..ishan n neela gulhuvaadhehcheyy ???

  15. Anonymous says:
    November 7, 2016 at 5:13 pm

    woww.. v salhi.. plx up soon

  16. sorry says:
    November 7, 2016 at 8:13 pm

    alhe thankolheh avahah up kohdhy bala plx……

  17. Axee says:
    November 7, 2016 at 8:50 pm

    Shine konirakuntha upkohdheyny mirey?..haadha inthixaaru kurevihjeyy…adives inthixaaru kuranvytha?..?..

  18. Aik says:
    November 7, 2016 at 9:25 pm

    Plzzzz up kohdybala avahah

  19. Aisa says:
    November 7, 2016 at 9:46 pm

    Storyy kobaaa shineee

  20. Elsaa says:
    November 7, 2016 at 9:50 pm

    Shine kobaa tha story.. Can’t wait anymore ???

  21. lai says:
    November 7, 2016 at 9:56 pm

    Vaahaka kobaa

  22. lai says:
    November 7, 2016 at 10:42 pm

    Plx vaahaka e naadhy then nidhani mi gud nite.

  23. Anthu says:
    November 7, 2016 at 11:15 pm

    Mirey vaahaka upload nukuranee tha???? ??????

  24. zuhudha says:
    November 7, 2016 at 11:20 pm

    Alhe mirey las vany.

  25. Lily says:
    November 7, 2016 at 11:46 pm

    Shine, , Kobaa heyo haaluga hurikan angaala dheeba

Comments are closed.


All Right Reserved!