
އެފިނިމެންދަން 21
އަހުނަފް އައުމާއެކީ ގޭތެރޭގެ ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. އިޝާންއާއި އަހުސަންއަށްވުރެ ދެއަހަރު ދުވަސް ހަގުކަމުގައިވިޔަސް ފެންނަފެނުމަށް އަހުނަފް އެމީހުނާ ދާދި އެއްވަރެވެ. މިޖާޒުގައި ހަލަބޮލިކަން ހަރުލާފައިވާ އަހުނަފްގެ ސަބަބުން އޭނާއާއެކުގައި އުޅޭއެހެންމީހުންނަށްވެސް މަޑުންތިބުމަކީ އުނދަގޫކަމެކެވެ. ހުރިހާ އެންމެންވެގެން ފޯރީގައި ސަކަރާތް ޖަހަޖަހާފައި އުޅުނުނަމަވެސް އިޝާންގެ ހިތުގެ އެއްކަނެއްގައި ނުފިލާރިހުމެއްވަނީ އުފެދިފައެވެ. އެއީ އޭނާ އެންމެލޯބިވާ މީހުންނާ ވަކިވާން ޖެހޭތީ ރިހޭރިހުމެވެ. މިފަސްގަނޑު ދޫކޮށް ދާންޖެހުމުން ހިތަށް ކުރާއަސަރެވެ. އޭނާ މިރަށަށް އައީ ކިހާފޮނި އުއްމީދަކާއެކީ ހެއްޔެވެ؟ އޭނާގެ މަންމަ ހޯދުމަށްޓަކައި ކުރިމަސައްކަތް ކާމިޔާބުވެސް ވިއެވެ. ނަމަވެސް ހާލަތު ނިޔާކުރިގޮތުން އަނެއްކާވެސް އެމަންމަގެ ލޯބިން މަހުރޫމުވާން ޖެހުނީއެވެ.
އިޝާން އޭނާ ނިންމާފައިވާގޮތް އޭނާގެ ބައްޕައާ ހިއްސާކުރިއެވެ. ދެން އެނބުރި މިރަށަށް އަންނަން ގަސްތު ނުކުރާ ކަމުގައި ބުންޏެވެ. އިޝާންއަށް އޭނާގެ މަންމަ ދިރިހުއްޓައި ފެނުމުން އޭނާގެ އުއްމީދު ފުރިހަމަ ވެއްޖެކަމުގައިވެސް ބުންޏެވެ.
” ދަރިފުޅު ތިވަރުގެ ބޮޑު ނިންމުމެއް ތި ނިންމީ، މަންމައަށް ހަގީގަތް އެނގުނީމަ ވެދާނެގޮތަކާމެދު ބިރުންތަ؟…..ޑޮކްޓަރުން ބުނެފައޮތީ މަންމައަށް ޝޮކްލިބޭ ކަހަލަ ކަންތައް ނުކުރާށޭއެއްނު…..ޝޮކެއް ނުދީވެސް މަންމައަށް ތީ މަންމަގެ ދަރިފުޅުކަން ބުނެދެވިދާނެއްނު……މަންމައަށް ހަގީގަތް ކިޔާދޭން ބިރުގަންނަންޏާ ކާފައާ މާމައަށް ކިޔާދެވިދާނެއެއްނު…..ގައިމު އެމީހުން ދަރިފުޅުދެކެ ނުލާހިކު ލޯބިވާ ވާހަކަ ބުނީމެއްނު….އެމީހުން ކިހާއުފާވާނެ ތީ އެމީހުންގެ ކާފަދަރިފުޅުކަން އެނގުނީމަ…..ބައްޕައަށް ފެންނަނީ މިރަށުން ދިއުމުގެކުރިން ދަރިފުޅުގެ ހަގީގަތް އެމީހުނަށް އަންގަން……ބައްޕަކުރި ކުށެއްގެ ސަބަބުން ދަރިފުޅު ނުޖެހޭނެ ތަކްލީފް އުފުލާކަށް…….”އިޝާންގެ ނިންމުމާއި އިމާދު ދެކޮޅުހެދިއެވެ.
” ނޫން ބައްޕާ…..އެމީހުނަށް އަހަރެން މީކާކުކަން ނޭނގުނަސް އެމީހުންގެ ލޯބިވެސް ލިބިއްޖެ…..އަހަރެންމީ ކާކުކަން އެނގުނު ނަމަ އެމީހުން އެވީލޯބި އަހަރެންދެކެ ނުވުންވެސް އެއީ އެކަށީގެންވާ ކަމެއް….ވިހި އަހަރުފަހުން އައިސް އަހަރެންމީ ކާފަމެންގެ ދަރިއެކޭބުނިނަމަ އެމީހުން އަހަރެން ބަލައިވެސް ނުގަތީސް ކަންނޭގެ…..ބައްޕަގެ ދަރިއަކަށްވީތީ ނަފްރަތު ކުރުމަކީވެސް އެކަށީގެންވާކަމެއް……ބައްޕަ ކުޑައިރު އެމީހުން އަތުން އަހަރެން އަތުލީމަ، އެމީހުން އެތިބީ އަހަރެންމީ ދުނިޔޭގަ
ހުރިމީހެއްކަންވެސް ހަނދާން ނައްތާލައިގެން…..އެމީހުން ދަރިއެއްގެ ގޮތުގަދެކެނީ އަނިލް……އެމީހުނަކަށް އަހަރެން ނެތުމަކުން ދަރިއެއްގެ ލޯތްބެއް އުންޏެއްނުވޭ……އުނިވިކަމެއް ވިއްޔާ އުނިވީ އަހަރެންނަށް…….އެމީހުން މިހާރު އެއުޅެނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް…..އެދިރިއުޅުމަކަށް އަހަރެންނެއް އަދި ބައްޕައެއްވެސް އެމީހުން ބޭނުމެއްނުވޭ…….ދެން އެންމެ ރަނގަޅުވާނީ އަހަރެމެންގެ ފަރާތުން އެމީހުނަށް އެއްވެސް އުނދަގުލެއް ނުފޯރުން…. ” އިޝާންގެ ވާހަކަތައް އަޑުއަހާފައި އިމާދު އަށް ކުށްވެރިކުރެވުނީ އޭނާގެ އަމިއްލަ ނަފްސެވެ. އިޝާންއާމެދު އެގޮތަށް ކަންތައްވާން ޖެހުނީ ޚުދު އޭނާގެ ސަބަބުންނެވެ. އެދަރިފުޅުގެ ހައްޤުތައް ނަގާލެވުނީތީ މިއަދު އޭނާ ހިތާމަކުރެއެވެ. ނަމަވެސް އަދިވެސް އިޝާންއަށް އޭނާގެ މަންމައަށް މަންމާއޭ ކިޔާ ގޮވާލުމުގެ ހައްޤު ލިބިގެންވޭ ނޫން ހެއްޔެވެ؟ މިރަށުން ދިއުމުގެކުރިން އޭނާ އިޝާންއަށް އެހައްޤު ހޯދަދޭނެއެވެ. އިޝާން ކިތައްމެ ހިތްވަރުކޮށްފައި ހުއްޓަސް އެހިތަށްވެސް ކެތްވާނީ ވަކިވަރަށްކަށް އިމާދުއަށްވެސް ވިސްނެއެވެ.
*********
އިޝާންގެ ހަޤީޤަތް ހާމަވީފަހުން އަނިލް މިޒާޖަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. ކުރިޔަށްވުރެވެސް ބަސްމަދުވެ ނެގިމަޑުވެފައިވެއެވެ. އަބަދުމެ ހުންނަނީ ޚިޔާލަކަށް ގެއްލިފައެވެ. އަނިލްހެ ހާލާމެދު ނީލާ ކިތަންމެ ހަމްދަރުދީވިޔަސް އޭނާއަށް ކުރެވޭނެ ކަމެއްނެތެވެ. އަނިލްއަށް ހިތްވަރުދިނުމުގެ ގޮތުން ބުނެލާނެ ބަހެއްވެސް އޭނާގެ ދުލަކަށް ނާދެއެވެ.
އޮފީހުގައި އިނދެފައި އަނިލް ބުރޭކަށް އައިވަގުތެވެ. އަނިލްއަށް ސައިތައްޔާރުކޮށްދިނުމަށްޓަކައި ނީލާއަވަސްވެގަތެވެ. މާމައިނީ ކުޑަކުޑަ އިއާން އުރާލައިގެން ކޮޓަރީގައެވެ. ނީލާ އޭނާގެ ދަރިފުޅަށް “އިއާން”ކީ އިޝާންގެ ފަރާތުން ލިބުނުނަމަކަށްވެފައި އިޝާންގެ ނަމާވެސް ގުޅޭތީއެވެ. އެކަން އަނިލްއަށްވެސް އޮތީއެގިނފައެވެ. އަނިލްވެސް އެނަން ރީތިކަމުގއި ބުނުމުން ނީލާއުފާވިއެވެ. އަނިލްއާއި ނީލާ ކާކޮޓަރިތެރޭގައި ތިއްބައި ބޭރުންމީހަކު ސަލާމްގޮވާއަޑުއިވުނެވެ. ނީލާ ސަލާމް ބަލައިގަންނަމުން ބޭރަށް ނުކުތްއިރު ފިރިހެނަކު ހުއްޓެވެ. އެއީ މީގެކުރިން އޭނާދުށް މީހެއްނޫންނަމަވެސް ދަންނަވައްތަރެއް އޭނާގެ މޫނުގައި ޖަހައެވެ. ނީލާ ސަލާމްބަލައިގަތުމުން އެމީހާއެހީ ކާފައާއި މާމައުޅޭތޯއެވެ.
” ކާފައެއްނެތް މިވަގުތަކު އެކަމަކު މާމަ އެބައުޅޭ…..އާދޭތެރެއަށް މާމައަށް ގޮވާލާނަން..” ނީލާ ހިތްހެޔޮކަމާއެކު ޖަވާބުދިނުމަށްފަހު އެތެރެއަށް އައުމަށް ދައުވަތުދިނެވެ. ޖެހިލުންވެހުރެވެސް އިމާދު އެތެރެއަށްވަދެ ސޯފާގައި އިށީނެވެ. ވިހިއަހަރުފަހުން އިމްޝާގެ މަންމަމެންނާ ބައްދަލުވާތީ އޭނާގެ އުފާވެސްވިއެވެ. ނަމަވެސް ބައްދަލުވުމުން ވެދާނެގޮތަކާމެދު ކަންބޮޑުވެ ޖެހިލުންވެސް ވެއެވެ. އޭނާގެ ހިތުގެތެޅުންވެސްވީ އިންތިހާއަށް ގަދަވެފައެވެ. ނަމަވެސް މިއަދު އޭނާ އެމީހުނާ ކުރިމަތިލާނެއެވެ. ވާނެގޮތެއް ވެދާނެ ނޫންހެއްޔެވެ؟
“މާމާ…..މާމަހޯދަން މީހަކު އައިސް އެބަހުރި؟…” ނީލާ ކޮޓަރިއަށްވަދެ، ނިދާފައި އޮތް އިއާންގެ ގައިގާ ފިރުމާލަ ފިރުލާލާއިން މާމަގާތު މަޑުމަޑުން ބުނެލިއެވެ.
” ކާކުތަ؟…” މާމަ އާދައިގެ ގޮތަކަށް އަހާލިއެވެ.
“ނޭނގެ….ހިޔެއްނުވޭ މިރަށުމީހެއްހެނެއް…..ބޮޑަށްހީވަނީ މާލޭމީހެއްހެން….ވަރަށް މުއްސަނދިމީހެއް ވައްތަރުވެސްޖަހާ” ނީލާ އޭނާއަށް އިމާދު ސިފަވިގޮތް މާމައަށް ކިޔާދިނެވެ.
“އޭނ!…މާލޭމީހެކޭ….މާލޭން އަންނާނެތަ މާމަހޯދާނެމީހެއް….މިމަންޖެވެސް ދައްކަފާނެ ކަންމެފަދަ ވާހަކައެއްވެސް..” މާމަ ހެމުން ހެމުން ކޮޓަރިން ނުކުތެވެ. ސޯފާގައި ފުރަގަސްދީގެން އިންމީހާއަކީ ކާކުތޯ ބަލާލުމަށްޓަކައި މާމަ އެމީހާގެ ކުރިމައްޗަށް ހުއްޓުނެވެ.
” އިމާދު.؟!!!” އިރުކޮޅަކު އިމާދުގެ މޫނަށް ހައިރާންކަމާއެކީ ބަލަންހުރުމަށްފަހު މާމައަށް ބުނެވުނެވެ. މިހުރިހާ ދުވަހަށްފަހު ފެނުމުންވެސް މާމައަށް އިމާދު އެނގިއްޖެއެވެ. މާމަފެނުމާއެކު އިމާދުއަށްވެސް ކޮޅަށްތެދުވެވުނެވެ.
“އިމާދު؟!!!” ތީހަމަ އިމާދުތަ؟!!” އިމާދުއަށް ބަހެއް ނުބުނެވި އުޅެނިކޮށް ގޭގެމައިދޮރުން ވަދެގެންއައި އިޝާންގެ ކާފަ ސުވާލުކޮށްލިއެވެ.
” އާނ!..ބައްޕާ މީ އިމާދު…”
” ބައްޕާއޭ….ކަލޭކޮންގޮތަކުން އަހަރެންނަށް ބައްޕަ ތިކިޔަނީ……ކަލޭތީ އިމާދުކަމަށްވަންޏާ އަހަރެންހަމަ ހައިރާންވެއްޖެ ކަލެއަށް މިގެޔަށް އަންނަން ކެރުނީތީވެސް……ކަލޭގެ ލަދުހަޔާތް ކޮބާ؟….އަހަރެންގެ ދަރިފުޅަށް އެހާލުޖައްސާފަ ކަލެއަށް ކެރިއްޖެދޯ އަހަރެމެންގެ ކުރިމައްޗަށް އަންނަން….އަދިބުނެފިއެއްނު ބައްޕާއޭ….ކަލޭ އަހަރެންނަށް ބައްޕަ ކިޔުމުގެ ހައްޤުވަނީ މީގެ ވިހިއަހަރުކުރިން ގެއްލިފަ….ދެން މިހާރު ކީއްކުރާނަމޭހިތާތަ މިރަށަށް ތިއައީ…..މިގެއަށް ތިއައީ….މިހާރުހަމަ މިވަގުތު މިގޭން ނުކުމޭ…..މިގެއަށްވަނުމުގެ ހައްގެއް ކަލެއަކަށް ނޯންނާނެ…” އިމާދުއާ ދިމާއަށް އިނގިލިދިއްކުރަމުން ކާފައެހެންބުނިއިރު ރުޅީގެ ސަބަބުން އެމުސްކުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. ކާފަމާބާރަށް ހަޅޭއްލަވާ އަޑުއިވިގެން އަނިލްއާއި ނީލާވެސް ސިޓިންރޫމަށް ނުކުތެވެ. ނަރުގިސްވެސް ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ކޮތަރިތެރޭން ނުކުތެވެ.
“ބައްޕާ….ހަމައެންމެ ފަހަރަކު އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ!…..އަހަރެން މިއައީ އިމްޝާއާއި ބައްޕަމެންގެ ކިބައިން މާފަށް އެދެން….އަހަރެންނަށް އެނގޭ އަހަރެންނާ ކުރެވުނީ ވަރަށްބޮޑުކުށެއްކަން އެކަމަކު…”
” މާފޭ؟…ހުނ!…ކަލޭހީކުރީ ވިހިއަހަރުފަހުން އައިސް ކަލެއަށް މާފުކުރާށޭބުނީމަ އަހަރެމެން ހަމަދެބަހެއްނެތި ކަލެއަށް މާފްކުރާނެކަމަށްތަ؟…..ކަލެއަށް ކުރެވުނު ކުށަށް އިއުތިރާފުވާނަމަ މާފަށް އެދެންއަންނަންވީ މިއަދުތަ؟….މިވޭތިވެދިޔަ ދުވަސްތަކުގަ އަހަރެމެންގެ ދަރިފުޅުގެ ހާލެއް ކަލޭބެލިންތަ…..އެފަކީރު މަރުވީތޯ ނުވަތަ ދިރިހުރިތޯވެސް ބެލިންތަ؟…..ކަލެއަށް ކުށެއްކުރެވުނުކަންވެސް އެނގެންވީ މިއަދުތަ؟….އަހަރެންގެ ހުރިހަމައެކަނި ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލިއިރު ކުށެއްކުރެވުނު ކަމެއް ނޭނގޭތަ؟…އެދަރިފުޅު ރޮއެރޮއެ އޮއްވާ މަޔާދަރިޔާ ވަކިކުރިއިރު ކުށެއް ކުރެވުނުކަމެއް ނޭގޭތަ؟….ކަލޭފައިސާގެމަތީ އަރާމުދިރިއުޅުމުގަ އެހެން އަންހެނަކާއެކީ އުދުހުނުއިރު އަހަރެން ދަރިފުޅު ތެޅިފޮޅުނު ހާލު ދުށީންތަ؟……މާފޭބުނެއެއްނު އެބަ!……އަހަރެންގެ ދަރިފުޅުގެ ގެއްލުނު ޒުވާން އުމުރު ކަލެއަށް ހޯދައިދެވޭނެތަ….އެދަރިފުޅުގެ އުނިވެފައިވާ ބުއްދި އަނބުރާ ހޯދައިދެވޭނެތަ؟…..އެދަރިފުޅަށް ގެއްލުނު ދަރިއެއްގެ ލޯބި އަނބުރާ ހޯދައިދެވޭނެތަ؟….އަހަރެން ކަލެއަށް މާފްދީފިނަމަ ކަލޭ އަހަރެންމިބުނި ކަންތައްތައް ކޮށްދޭނަންތަ؟…….ކަލެއަށް އެކަންތައްތައް ކޮށްދެވެންޏާ އަހަރެން ކަލެއަށް މާފުކޮށްފާނަން…ބުނެބަލަ! ކަލެއަށް ވާނެތަ؟” މުޅިސިޓިންރޫމުގައި ކާފަގެ އަޑު ގުގުމައިގެން ދިޔައެވެ. އެމާޒީގެ ހިތިކަން ހަނދާންވެ ކާފަގެލޮލުންވަނީ ކަރުނަ ފާއްދާލާފައެވެ.
” އަހަރެންނަށް އެނގޭ އަހަރެން އިމްޝާއަށް ދިން އަނިޔާގެ ބަދަލު ދުވަހަކުވެސް ހޯދައިނުދެވޭނެކަން…..އަހަރެން މާފަށް މިއެދެނީ އަހަރެންގެ ހައްޤުގައެއްނޫން…..އަހަރެމެންގެ ދަރިފުޅުގެ ހައްޤުގަ….އެދަރިފުޅަށްޓަކާ..”
” ދަރިފުޅޭ!….ތިބުނާދަރިޔާ އިމްޝާއާ ދުރުކުރީކަލޭ…..މިހުރިހާ ދުވަހުވެސް އެދަރިއުޅުނީ ކަލޭކައިރީ….އެދަރިއަށް ކަލޭހޯދައިދިން ދޮންމަންމަ އިމްޝާއަށްވުރެ މާރަނގަޅުވާނޭ އެދުވަހު ބުނީމެއްނު……އެދަރިފުޅު ބުއްދިގޯސް މޮޔަ މަންމައެއްގެ ލޯބިބޭނުމެއް ނޫނޭވެސް ބުނީމެއްނު…….އަހަރެންގެ ދަރިފުޅު މޮޔަކުރީކާކުތަ؟…..އެދުވަހު އަހަރެމެން އެދަރިފުޅަށް އެދިކުރިއާދޭސް އަޑުއިވުނުތަ؟……މިއަދު ދަރިފުޅުގެ ހައްޤުގައޭ ބުނީމާ އަހަރެމެންވީ ގަބޫލުކުރަންތަ؟…..ކަލޭތިދައްކާ އެއްވެސް ވާހަކައެއް އިތުރަށް އަހާކަށް އަހަރެން ބޭނުމެއްނޫން…..ކަލޭބަލާބޮޑުކުރި ދަރިއެއްގަވެސް ވަކިތަފާތެއް ނުހުންނާނެ…..އެހެންނޫންނަމަ މިހުރިހާދުވަހު މަންމަދެކެން ނައިހެން ނުހުންނާނެ……އަހަރެމެންނަށް އެބަހުރި އެޔަށްވުރެ މާރަނގަޅުދަރިއެއް ލިބިފަ……ދެން ދަރިފުޅޭ ކިޔަމުން މިގެއަށް ނާންނާތީ…ނުކުމޭ! ހަމަމިހާރު މިވަގުތު ނުކުމޭ!” ކާފަގެ އަޑުކުރިއަށްވުރެވެސް ބާރުވެގެން ދިޔައެވެ. އިމާދު ދެރަވެ ލޮލުން ކަރުނަ އަންނަހާލު އިސްޖަހާލީ ދެން އޭނާދައްކާ ވާހަކަ ކާފަ ގަބޫލު ނުކުރާނެކަން އެނގުމުންނެވެ.
” ނުކުންނާށޭ ބުނެފީމެއްނު!….އަޖައިބެއްނުވާނެތަ….ނުކުމޭ ހަމަމިހާރު؟” އިމާދުގެ އަތުގައި ހިފައި ލަތްކެއްޖަހަމުން ކާފަ އަމުރުކުރިއެވެ.
“ނޫން….ނޫން…ނޫން….އިމާދު ނުދޭ!….ބައްޕާ އިމާދު ބޭރު ނުކުރޭ…..އިމާދު ނުދޭ!…އަހަރެންދޫކޮށްފަ ނުދޭ” ކުއްލިއަކަށް އެންމެނަށް އެއްފަހަރާ ބަލާލެވުނީ އިމްޝާ ހަޅޭއްލަވައިގަތް އަޑަށެވެ. ހައިރާންވެފައި އިމާދުއަށް އެދިމާބަލާލެވުނުއިރު އިމްޝާން އަރިއަޅާލަނީއެވެ. އަނިލް ހަލުވިކަމާއެކު ގޮސް މަންމަ ހިފެހެއްޓިއެވެ. އިމްޝާ ކޮޓަރިން ނުކުތީ ގޭތެރޭގައި އަޑުގަދަވާ އަޑަށެވެ. އިމްޝާގެ ބައްޕަ އިމާދުއާ ދެއްކި ހުރިހާ ގިނަވާހަކަތައް އޭނާއަށް އަޑުއިވުނެވެ. އިމާދު ކޮއްޕާ ބޭރަށް ނެރޭމަންޒަރުފެނުމުން އިމްޝާގެ ހަނދާނަށް އައީ މީގެ ވިހިއަހަރުކުރީގެ ދުވަހެކެވެ. އެއީ އަރީޝާއާއި ކައިވެނިކޮށްގެން އައުމުން އިމާދުގެ ބައްޕައެދެމީހުން ގެއިން ބޭރަށްނެރުނު ދުވަހެވެ. އެދުވަހުވެސް އިމްޝާ އިމާދުގެ ބައްޕަގާތު ރޮއެއާދޭސްކުރިއެވެ. މިއަދުވެސް އެފަދަމަންޒަރެއް ފެނުމުން އޭނާގެ ސިކުނޑީގެ ކަނެއްގައި ފޮރުވިފައިހުރި ހަނދާންތައް އާވެ ސިކުނޑިއަށް ބާރުބޮޑުވީއެވެ.
އަނިލް އިމްޝާ އަތްދަނޑިމައްޗަށް އުފުލާލައިގެން ގެނެސް ސޯފާގައި ބޭއްވިއެވެ. ނަރުގިސް ކާކޮޓަރިއަށް ގޮސް ފެންފުޅިއެއް ގެނައުމުން އަނިލް މަންމަގެ މޫނުގައި ފެންފޮދެއް ހާކާލިއެވެ. އިމްޝާ މިގޮތަށް ހޭނުނެތޭތާ މިހާރު ވަރަށް ދުވަސްވެއްޖެއެވެ. އެހެންކަމުން އަނިލް އިނީ ނުހަނު ކަންބޮޑުވެފައެވެ.
“ފެނެއެއްނު ކަލޭގެ ނުބައިކަން….ކަލޭއައީމަ މުސީބާތް ޖެހުން ލަސްތަ؟….” ކާފަ އަނެއްކާވެސް އިމާދުއާދިމާއަށް އެތިވަރުގޮވައިގަތެވެ.
“ކާފާ..ޕްލީޒް….މިވަގުތު އަޑުގަދަ ނުކުރޭ….އޭރުން މަންމަ ބޮޑަށް ގޯސްވާނީ..” އަނިލް ކާފައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
” ކިހިނެއްތަ އެއްޗެއް ނުބުނެ ހުރެވޭނީ…..މިހިރަ ލަދުހަޔާތްކުޑަ މީހާގެ ސަބަބުން އަހަރެމެންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނީ…..ކޮންފަދަ އުފާވެރިކޮށް އުޅުނު ދަރިއެއްތަ މިއަދު މިހާލުޖެހިފަ މިއޮތީ…..އެދަރީގެ އެއްވެސް ކުށެއްނެތި މިވަރުގެ ބޮޑުއަނިޔާއެއްދިނީ…..އެކަމަކުވެސް އަދިވެސް އެދަރިފުޅުގެ ހަނދާނުން މިނުބައި މީހާގެ ނަން ނުފޮހެވެނީކަންނޭގެ…” ކާފައަށް ކުރިއަސަރުން ލޯފުހެމުން ގޮސް ސޯފާގައި އިށީނެވެ. އިމާދުވެސް ބަހެއްނުބުނެ ދެރަވެ، ލަދުގަނެފައި ހުއްޓެވެ. ނަމަވެސް އޭނާ އަދިވެސް އެގެއިން ދާޚިޔާލެއް ނުކުރެއެވެ. އިރުކޮޅެއްފަހުން އިމްޝާ ލޯހުޅުވާލިއެވެ.
” ކޮބާ އިމާދު؟….ކޮބާ އިމާދު؟..ދިޔައީތަ؟…..ބައްޕާ ކޮބާ އިމާދު؟…” ފުންމައިގެން ތެދުވެ ވަށައިގެން ހޯދާލަމުން އިމްޝާ އެހިއެވެ.
” އިމްޝާ…އަހަރެން މިހުރީއޭ……އަހަރެން ނުދަމޭ..” އިމްޝާގެ ގާތުގައި ކުޑަކަކޫ ޖަހާލައިގެން އިށީންނަމުން އިމާދު ބުންޏެވެ. އިމްޝާ އިމާދުގެ މޫނަށް ހައިރާންކަމާއެކީ ބަލަމުންދިޔައެވެ. ހީވާގޮތުން އެމޫނުން އޭނާއެހޯދަނީ މީގެ ވިހިކުރީގެ އިމާދެވެ. އެސޫރަ ސިފަކުރަން އޭނާއަށް އުނދަގޫވިއެވެ.
” އިމްޝާ….އަހަރެންމީ އިމާދުއޭ….މީހަމަ އިމްޝާގެ އިމާދު” ހައިރާންވެފައި އިމްޝާ ބަލަންފެށުމުން އަނެއްކާވެސް އިމާދު ބުންޏެވެ.
” ކަލޭކައިރީ ބުނެފީމެއްނު މިތަނުން ދާށޭ…..ދެން ކޮންމޮޔައެއްވެގެންތަ މިހާރު ތިއުޅެނީ…..ދާންއުޅޭ ހަމަމިހާރު” އިމާދު އިމްޝާއާ ވާހަކަދައްކަން ފެށުމުން ކާފައަނެއްކާވެސް ރުޅިގަދަވިއެވެ.
” ކާފާ…..މަޑުކުރޭ!…މިވަގުތު މަންމައަށް އެންމެ ރަނގަޅުވާނީ އޭނާއާ ވާހަކަދެއްކުން…..އެހެންނޫނީ މަންމަގެ ސިކުނޑިއަށް އަނެއްކާވެސް ބޮޑުޝޮކެއްލިބިދާނެ..” އަނިލް ކާފަގެ ގާތަށްގޮސް މަޑުމައިތިރިކަމާއެކީ ވިސްނައިދިނެވެ. އިތުރުގޮތެއް ނެތުމުން ހިމޭންވާން ކާފައަށް މަޖުބޫރުވިއެވެ.
“އިމްޝާ ދެން މިވަގުތު އަރާމުކޮށްލާ….ފަހުން ވާހަކަދައްކާނީ…….އަނިލް މަންމަ ކޮޓަރިއަށް ގެންދަންވީނު” އިމްޝާގެ ހާލަތު އެނގޭތީ އިމާދުބޭންވީ އިމްޝާގެ ސިކުނޑިއަށް އަރާމެއްދޭށެވެ. އިމާދު އަނިލްގެ ނަމުން ގޮވާލުމުން ހައިރާންވީ ނަމަވެސް އަވަހަށް އައިސް މަންމަ ގޮވައިގެން ކޮޓަރިއަށްދިޔައެވެ.
” ދެން މިހާރު އިމާދުގެ ހިތްފުރޭވަރު ވެއްޖެއެއްނު…..ދެން ދޭމިގޭން…..އިތުރަށް އަހަރެންގެ ދަރިފުޅަށް ތަކުލީފްދޭން ނާދޭ…” ނުރުހުމާއި ހިތާމައެކުލެވިގެންވާ އަޑަކުން ކާފަބުންޏެވެ.
” ބައްޕާ އަހަރެން ބޭނުން…ވާހަކައެއް……..” އިމާދު ވާހަކަ ދައްކަ ދައްކާހުއްޓައި އެއްވެސް ސަމާލުކަމެއްނުދީ ކާފަ ގޮސް ކޮޓަރިއަށް ވަނެއެވެ. އޭނާދައްކާ އެއްވެސް ވާހަކައެއް މިވަގުތު ކާފަ އަޑުއަހާކަށް ބޭމެއްނުވެއެވެ. ކާފަގެ ފަހަތުން މާމަވެސް ކޮޓަރިއަށް ވަނުމުން ނީލާދެރަވެފައި ސިޓިންރޫމުގައި މަޑުކުރީ އިމާދު އެކަނި ނުކުރަންވެގެންނެވެ. އެއީ އިޝާންގެ ބައްޕަކަން އެނގުމުން ނީލާގެ ހިތުގައި އިމާދުއަށްޓަކައި ޚާއްސަ ޤަދަރެއްވެސް ދެވިއްޖެއެވެ. އިމާދު މޮޅިވެރި ނަޒަރަކުން ނީލާއަށް ބަލާލުމަށްފަހު ދާން ހިނގައިގަތެވެ. އޭނާ މިއަދު އެންމެ ބޭނުންވީ އިޝާންގެ ހަގީގަތް އެމީހުނަށް ހާމަކޮށްދީ އިޝާންއަށް އެމީހުންގެ ލޯބި ހައްޤުގޮތުގައި ހޯދައިދިނުމެވެ. ނަމަވެސް މިއަދު އޭނާ ކޮންމެ ވާހަކައެއް ދެއްކިޔަސް އެމީހުން އަޑުނާހާނޭކަން އޭނާއަށް ޔަގީން ވެއްޖެއެވެ. އެއަށްވުރެ ބޮޑަށް އެމީހުން އޭނާއަށް ނަފްރަތުކުރެވެ. އަނިލް މަންމަގެ ކޮޓަރިން ނުކުތްއިރު ނީލާ ފިޔަވައި އިތުރުމީހަކު ސިޓިންރޫމުގައި ނެތެވެ. އަނިލްވެސް ކާކޮޓަރިއަށްވަދެ ފެންފޮދެއް ބޯލުމަށްފަހު ސުކޫލަށްދާން ނުކުތެވެ. އެންމެން ގޮސް ގޭތެރެ ހަމަހިމޭންވުމުން ނީލާ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލީ ، ދެންމެ ހިނގާދިޔަ ކަންތަކުން ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވާލާށެވެ. ނީލާހީކުރީ މިއަދު އިޝާންގެ ހަޤީޤަތް ކާފަމެންނަށް އެނގިގެން ދާނެކަމަށެވެ. ނަމަވެސް އެކަން އެގޮތަކަށް ނުވިއެވެ.
މެންދުރު ނަމާދުގެ ބަންގީގެ އަޑަށް ނިދިފައި އޮތް އިމްޝާއަށް ހޭލެވުނެއެވެ. އަދިވެސް އޭނާގެ ބޮލަށްހުރީ ކުޑަކޮށް ބަރުވެފައެވެ. އޭނާއަށް ވިސްނެމުންދިޔައީ ދެންމެގަ އޭނާއަށް ފެނުނު ހުވަފެނަކާމެދުގައެވެ. އޭނާއަށް އެހުވަފެނުގައި ފެނުނީ އިމާދުއެވެ. އޭނާއަށް އިމާދުގެ ނަން ހަނދާންހުރި ނަމަވެސް އެއީ ކާކުކަމެއް ހަނދާނެއް ނުވިއެވެ. އާއްމުގޮތެއްގައި އިމްޝާއަށް އިމާދު ހުވަފެނުގައިފެނެއެވެ. ހޭލެވިގެން ވިސްނާ ވިސްނާވެސް އެއީ ކާކުކަމެއް ހަނދާނެއް ނުވެއެވެ. އެގޮތަށް އެކަން ހިނގާތީ އިމްޝާއަށް ހީކުރެވުނީ މިއަދު ހިނގާދިޔަ ކަންތަކަކީވެސް ހުވަފެނެއް ކަމަށެވެ. އެއީ އެއްވެސް ގޮތަކުން ހަގީގަތެއްކަމުގައި އޭނާގެ ޚިޔާލަކަށް ނައެވެ. އެހެންކަމުން އެކަމާ މާބޮޑަށް ވިސްނުމެއްނެތި މަޑުމަޑުން ތެދުވެ ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.
އަނިލް އޮފީސް ނިންމާފައި އައިސް އެންމެ ފުރަތަމެވެސް ބަލާލީ މަންމަގެ ހާލެވެ. ހަމަ އެހެން ދުވަސްދުވަހެކޭވެސް އެއްގޮތަށް މަންމަ އުޅޭތަން ފެނުމުން އަނިލް ހައިރާންވިއެވެ. އަދި މިއަދު ހިނގާދިޔަ ކަންތަކުވެ އަސަރެއް ނެތުމުން އުފާވެސްވިއެވެ. އެވަގުތު މަންމައަށް އިމާދުގެމަތިން ހަނދާންވުން އެއީ “މެމޮރީ ފްލޭޝް ބެކް” ވީކަމުގައި ވެދާނެއޭ އަނިލްގެ ހިތަށްއެރިއެވެ. ކުރީގައި ވެފައިވާކަމެއް ކުއްލިއަކަށް ހަނދާނަށް އައިސްގެން އެގޮތަށް ވެދާނެކަމަށް ޑޮކްޓަރވެސް އޮތީ ބުނެފައެވެ. މަންމަގެ ހާލާމެދު އުފާވިނަމަވެސް އިމާދު މިއަދު ދެއްކި ވާހަކަތައް ހަނދާންވުމުން އަނިލް ކަންބޮޑުވިއެވެ.
********
ރޭގަނޑުގެ ވަގުތެވެ. އިމާދު އިނީ ސިޓިންރޫމުގައިހުރި ސޯފާގައި ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. މިއަދު އިމްޝާ ފެނުނުފަހުން އޭނަގެ ހިތަކަށް އަދި ހަމަޖެހުމެއް ނުލިބެއެވެ. އިމްޝާ އަސަރާއެކު އިމާދުއަށް ގޮވިމަންޒަރު ސިފަވަމުންދިޔައެވެ.
“އިމްޝާ އަދިވެސް އަހަރެންގެ މަތިން ހަނދާންހުރީބާ؟….ނޫނީ ކުރީގެ ހަނދާނެއް އާވީބާ؟” އިމާދު ހިތާހިތާ ވިސްނަމުން ދިޔައެވެ. އިމްޝާގެ ހާލަކީ ކޮބައިތޯ ބަލާލަން އެގެޔަށް އަނެއްކާވެސް ދިއުމަށް އިމާދުގެ ހިތަށް އެރިއެވެ. އިމާދު ކުއްލިއަކަށް ތެދުވިއެވެ. މިރޭ އޭނާ މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން ބޭނުމެވެ. ދެދުވަހެއްގެ ތެރޭގައި ފުރަން ހަމަޖެހިފައިވާއިރު މިކަން ލަސްކުރެވޭކަށްވެސް ނެތެވެ.
ހިތުގައި ކޮންމެވެސް ވަރެއްގެ ބިރަކާއި ޖެހިލުންވުމެއް އޮތްނަމަވެސް އިމާދު ހިތްވަރުކޮށްފައި އަނެއްކާވެސް އިމްޝާމެންގެ ގެޔަށްދިޔައެވެ. އިމާދު ދޮރާށިން އެތެރެއަށްވަނުމާއެކު ޖޯލިފަތީގައިތިބި އަނިލްއާއި ކާފަ އޭނާއަށް ފެނުނެވެ. އިމާދުފެނުމާއެކު ކާފަ ފުންމައިގެން ތެދުވިއެވެ.
” ކަލޭ އަނެއްކާވެސް އައީތަ؟….އަދިވެސް ކަލޭހިތް ނުފުރެނީތަ؟….އަހަރެންގެ ދަރިފުޅުމަރާލާފަދޯ ކަލޭ ތިކުޅިވަރު ހުއްޓާލާނީ؟” ކާފަގެ ރުޅިވެރި ބަސްތަކުން އިމާދު ޖެހިލުންވީ ނަމަވެސް ހިތްވަރުކޮށްފައި އެވާހަކަތަކަށް ރައްދުދެވޭތޯ ބެލިއެވެ.
” ބައްޕާ….އަހަރެންނަށް އެނގޭ އަހަރެންނަކީ މާފް ހައްޤުވާވަރަށްވުރެ ނުބައިމީހެއްކަންވެސް……އަހަރެން ބޭނުން އަހަރެންކުރިފާފަތަކަށް ތައުބާވާން…..އިންސާނުންނަށް ކުށްނުކުރެވޭނެނަމަ ތައުބާވުމަށްވެސް އަންގަވާފައެއް ނުވީސް……އަހަރެންނަކީވެސް އިންސާނަކަށްވީތީ އަހަރެންނަށް ކުށްކުރެވުނީ…..ވިހިއަހަރުފަހުން ވިޔަސް އަހަރެންނަށް ހަމަވިސްނުން އައިސްފި……އަހަރެން ކުރި ކުށުގެ ސަޒާ ލިބުނީ ހަމައެކަނި އިމްޝާއަކަށްނޫން…..އަހަރެމެންގެ މައުސޫމު ދަރިފުޅު އުފުލަމުން އެދާ ތަކުލީފް ވަކީން ކުޑައެއްނޫން…….އިމްޝާއަށް ދިމާވިގޮތުން އެވަގުތު ދަރިފުޅު ނުބެލޭނެ ކަމުގާ އަހަރެންނަށް ވިސްނުނީ…..މަންމައަކަށް ވުރެ ދޮންމަންމައަކު ރަނގަޅުވާނެކަމަށް ހީކުރެވުން އެއީ އަހަރެންގެ މޮޔަކަން…..ކުޑައިރުއްސުރެ މަންމައަކީ ކޮބައިކަން ބުނެނުދީ އަހަރެން އެދަރިފުޅު ބޮޑުކުރީ…..އެއީވެސް އަހަރެންނަށް އެދަރިފުޅުގެ މަންމައާމެދު ކަންތައްކުރެވުނު އިހާނެތިގޮތް އެދަރިފުޅަށް އަންގަން ބޭނުންނުވާތީ….އެކަމަކު ތަޤުދީރުގައޮތީ އަދި އެހެނެއްނޫން……އިއްތިފާގުން އަރީޝާއަކީ އޭނަގެ އަސްލުމަންމަ ނޫންކަން އެނގުނީ…..އެހިސާބުން އޭނަ މަންމަ ހޯދުމަށްޓަކައި މިރަށަށް އައީ…..އަދި އެންމެފަހުން އޭނާގެ މަންމަވެސް ހޯދި……ބައްޕައަށް ނޭނގުނަސް ބައްޕަގެ ކާފަދަރިފުޅު އެތައްދުވަހެއް ވާންދެން ބައްޕަގާތު އުޅެފައެދިޔައީ…..ބައްޕަވެސް އެދަރިފުޅުދެކެ ނުލާހިކު ލޯބިވޭ…އެނގޭތަ ބައްޕައަށް އެކާކުކަން..” އިމާދު އޭނާގެ ވާހަކަމެދު ކަނޑާލާފައި ކާފަގެ މޫނަށް ބަލާލިއެވެ. އޭރު ކާފައާއި މާމަގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ.
” ކީކޭތަ ތިކިޔަނީ؟؟ އަހަރެންގެ ކާފަދަރިފުޅު މިރަށުގަ އުޅުނޭތަ ތިބުނީ…..އަދި އަހަރެންވެސް ދަނެއޭތަ ތިބުނީ؟؟” ކާފަ ހައިރާންވެފައި އަހާލިއެވެ.
” އާނ! ބައްޕާ….އޭނާ މިގޭގަ އުޅެފަ އެދިޔައީ……..އިޝާންއަކީ އަހަރެމެންގެ ދަރިފުޅު…..އޭނަ މިރަށަށް އައީ އޭނާގެ މަންމަ ހޯދަން…..” އިމާދު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ބޮޑުވާ އިނގިލިން ފުހެލިއެވެ.
” އޭނ! ހަމަރަނގަޅު ވާހަކައެއްތަ ތިދައްކަނީ…….އިޝާންއަކީ އަހަރެންގެ ކާފަދަރިފުޅުތަ؟؟…” ހައިރާންވީވަރުން ކާފައަށް އިމާދުގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. ދޮރުމަތީގައިހުރި މާމަވެސް ހުރީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހުރިހާ ދުވަހު އެމީހުންގާތު އެއުޅުނީ ހަމަ އެމީހުންގެ ދަރިފުޅު ހެއްޔެވެ؟ އިޝާންގެ ކެތްތެރިކަން މާމައާއި ކާފަވެސް ހައިރާންކޮށްލައިފިއެވެ.
” ކޮބާ މަގޭދަރިފުޅު މިހާރު؟…..އަހަރެން ބޭނުން ހަމަމިހާރު އެދަރިފުޅާ ބައްދަލުކުރަން…..އިމާދު ތިދައްކާ ވާހަކައިގެ ތެދުދޮގު އަހަރެންނަށް ގަބޫލުކުރެވޭނީ އޭރުން…” ކާފައަށް އަދިވެސްހުރީ ގަބޫލު ނުކުރެވިފައެވެ. އެއީ އިމާދުގެ ދުލުން ބުނީމަކަމުގައިވެސް ވެދާނެއެވެ.
“އަނިލް ދަރިފުޅާ…އިޝާންއަށް ގުޅާފަ މިވަގުތު އަންނަން ބުނެބަލަ!…..ކާފައަކަށް މީދަމީހާ ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެވޭނެ…”އަނިލްއަށް އާއެކޭބުނެ ފޯނުނަގައި ޖެހިލުންވެހުރެ އިޝާންއަށް ގުޅާލިއެވެ. ޒިހާންމެންނާއެކު ޕީއެސް އިން ގޭމް ކުޅެން އިން އިޝާން އަނިލްގެ ފޯނުއައުމުން ކުޑަކޮށް ހައިރާންވެފައި ފޯނުނެގިއެވެ.
” ހެލޯ…އިޝާން ކާފަބުނީ ވަރަށް އަވަހަށް އައިސްބަލާށޭ..” އިޝާން ފޯނުނެގުމާއެކު އަނިލް ބުނެލިއެވެ.
” ކިހިނެއްވީ އަނެއްކާ ހުރިހާކަމެއް އޯކޭތަ” އިޝާން ކަންބޮޑުވެފަ ސުވާލުކޮށްލިއެވެ
“އާނ! އެއްވެސް ކަމެއް ގޯހެއްނޫން…މިއަދު ނާންނާތީ ކަންނޭނގެ..” އަނިލް އޮޅުވާލިއެވެ.
އޯކޭ މިދަނީ..” އިޝާން ކުރުޖަވާބެއް ދިނުމަށްފަހު ކާފަމެންގެޔަށް ދާން އަވަސްވެގަތެވެ.
“ހޭބަޑީ….ގޭމް ނުނިމެނީ ކޮންތާކަށްދަނީ…..ބަލިވެދާނެތީ ބިރުންތަ ތިދަނީ…” އިޝާން ދާންފެށުމުން އަހުސަން ދިމާކޮށްލިއެވެ.
” އެބައަންނަން…..އައިސް އަންގާލާނަން ކާކުކަން ބަލިވަނީ” އިޝާން ނުކުންނަމުން އަހުސަންއަށް ރައްދުދިނެވެ.
މާބޮޑު ހާސްކަމެއްނެތި އިޝާން ދޮރާށިން އެތެރެއަށް ވަނެވެ. ނަމަވެސް ގޯތިތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް މަޑުޖެހިލާން މަޖުބޫރުވީ ޖޯލީގައި އިން ބައްޕަ ފެނުމުންނެވެ. އެވަރަށް ބުނީމަވެސް ބައްޕަ އެގެއަށް އައީއެވެ. މާހައުލަށް ބަލާލުމުން ތަނުގެ ވައި ރަނގަޅުނޫންކަން އިޝާންއަށް އެނގުނެވެ. އޭނާ އެވަރުން ފޮރުވައިގެން އުޅު ހަޤީޤަތް ހާމަވެއްޖެކަންވެސް ޔަގީން ވެއްޖެއެވެ. އިޝާންއައިސް ވަނުމާއެކު ކާފައިންތަނުން ތެދުވެގެން އިޝާންގެ ގާތަށްދިޔައެވެ.
” ކާފަ މިކުރާ ސުވާލަށް ތެދަށް ޖަވާބުދީ؟….މީދަފެންނަ މީހާއަކީ ދަރިފުޅުގެ ބައްޕަތަ؟” ހަރުކަށިކަމާއެކު ކާފަކޮށްލި ސުވާލުން އިޝާންއަށް ބަލާލެވުނީ ބައްޕަގެ މޫނަށެވެ. ބައްޕައިނީ ކުށްވެރިޔަކު ފަދައިން އިސްޖަހައިގެންނެވެ.
” ޖަވާބުދީބަލަ!….އޭނަ އެކިޔަނީ ތެދެއްތަ؟” އަނެއްކާވެސް ހަމައެރާގުގަ ކާފައަހާލިއެވެ.
” އާނ…ކާފާ އެއީ އަހަރެންގެ ބައްޕަ….އަހަރެންމީ އެނިކަމެތި މަންމަގެ ބަދުނަސީބު ދަރިފުޅު…..” އިޝާން އަސަރާއެކު ބުނި ޖުމްލައިން އިމާދުވެސް އިސްއުފުލާ ބަލާލިއެވެ. ބޭރުން އަޑުގަދަވާތީ މާމައާއި ނީލާވެސް އެވަގުތު ނުކުތެވެ. އިޝާންގެ ޖަވާބު އަޑުއިވުމާއެކު އިރުކޮޅެއްވާންދެން އިޝާންގެ މޫނަށް ކާފަބަލަން ހުއްޓެވެ.
” މަގޭދަރިފުޅާ….މަގޭދަރިފުޅާ” ކާފަކުއްލިއަކަށް އިޝާންގެ ގައިގާ އޮޅުލައިގެންފައި މޫނުގެ އެތަންމިތާ ބޮސްދޭންފެށިއެވެ. ކާފަގެ ޖަޒުބާތުންފުރިފައިވާ އެހަރަކާތުން އިސާހިތަކު އިޝާންގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އެމަންޒަރުބަލަންތިބި މީހުންގެ ލޮލުންވެސް ކަރުނަ ހިލުނީ ބޭއިޚުތިޔާރުގައެވެ. މާމަވެސް އައިސް އިޝާންގެ ބުރަކަށީގައި ފިރުމަ ފިރުމާފައި ރޯންފެށިއެވެ.
” މީ ހާދަ ވިޔާނުދާ ދަރިއެކޭ….މިހުރިހާދުވަހު މިތާއުޅުނުއިރު އެންމެފަހަރަކުވެސް މިއީ ކާފަގެ އުފަން ކާފަދަރިއޭ ނުބުނި…އަޅެފަހެ ނުލަފާ ކުއްޖެއްނުމީ..” ކުއްލިއަކަށް ކާފަ އިޝާންގެ ކަންފަތް އަނބުރާލިއެވެ. އިޝާންއަށް ތަދުވެގެން ފާޑަކަށް އަޑެއް ލައްވާލެވުނެވެ. މާމައާއި ކާފައަށް އެމީހުންގެ އަތުން ބީވެފައިވާ ދަރިފުޅު އަނބުރާ ލިބުމުން އުފަލުގެ ކޮޅެއް ނެތެވެ. ނަމަވެސް އިޝާން ކައްތައްކުރިގޮތުން އެތައްއިރެއްވާންދެން އެދެމީހުން ޝަކުވާކުރިއެވެ. އެމީހުންގެ އެދަރިފުޅުކީ އިމާދުފަދަ ދަރިއަކަށް ނުވީވީ އިންތިހާއަށް އުފާކުރިއެވެ. އަނިލްވެސް އޭނާގެ ހިތުގައި ހިނގާ ގިލަން ފޮރުވައިގެން ހުރެ އިޝާންގެ ގައިގާ ބައްދާލުމަށްފަހު އިޝާންއަށް މަރުޙަބާ ކިއެވެ.
” މަރުޙަބާ އިޝާން…..އިޝާންގެ ކެތްތެރިކަމުގެ މޭވާ މިއަދު ތިލިބުނީ……އެއްވެސް ކަމަކީ އަބަދަކު ސިއްރުވާނެ ކަމެއްނޫން…..އަހަރެން ހަމަ އިޝާންގެ ކެތްތެރިކަމަށް ސާބަސްދޭން…އަދި އަހަރެންނަށް އިޝާންއާމެދު ކަންތައްކުރެވުނުގޮތުން މާފަށް އެދެން……ބަޓް ވީނީޑް ޓް ޓޯލްކް އެލޯން ލޭޓަރ…..އައި ހޭވް ސަމްތިންގް ޓް ޓެލް ޔޫ…” އެހެންމީހުންނަށް ނީވޭނެހެން ސިއްރުން އަނިލްބުނެލިއެވެ. އެވަގުތު އިޝާންގެ ހިތްތެޅިގެން ދިޔައީ އަނެއްކާ އަނިލްއަށް އޭނާގެ އެންމެބޮޑު ސިއްރުއެނގުނީބާއޭ ހިތަށް އެރުމުންނެވެ. އަނިލް އޭނާއާ އެކަނި ދައްކަން ޖެހޭކަހަލަ އިތުރު ވާހަކައެއް އޮވެދާނެބާއެވެ. އަނިލްއާ ދުރައްޖެހިލަމުން އިޝާން ހިނިތުންވެލިއެވެ.
“އިޓްސް އޯކޭ ބުރޯ…އައިހޭވް ނޯ ހާޑް ފީލިންގްސް……” އިޝާން ހިނިތުންވެލަމުން އަނިލްގެ ކޮނޑުގައި ޖަހާލިއެވެ.
މަންމަ ކޮބާ؟….” މަންމަ ފެންނަން ނެތުމުން އަނިލްގާތު އިޝާންއަހާލިއެވެ. އިޝާން މަންމަގެ ވާހަކަ އެހުމުން މިއަދު ހެނދުނު ކަންތައް ހިނގާދިޔަ ގޮތްވެސް ކިޔާދިނެއެވެ.
” ތީގެ މާނައަކީ މަންމައަށް އަދިވެސް އެއްވެސް އެއްޗެއް ހަނދާން ނުވެޔޭތަ؟…” އިޝާން ހައިރާންވެފައި އަހާލިއެވެ.
“ނޭނގެ….ކޮންމެވެސް ވަރަކަށް ހަނދާންވީކަމަށްވެސް ވެދާނެ….ބޮޑަށް ހީވަނީ މެމޮރީ ފްލޭޝްބެކްވީހެން..މިހާރު ކަމެއްވީކަމުގެ ހަނދާނެއްވެސް ނެތްވިއްޔަ…” އަނިލް ޖަވާބުދިނެވެ.
އަނިލްއާއި އިޝާންގެ މެދުގައި މާގިނަ ވާހަކައެއް ނުދެކެވެ. އިޝާންއަކީ ކާކުކަން އެނގުމުންވެސް އަނިލްއަދި ނީލާވެސް މާބޮޑަށް ހައިރާންވެގެން އުޅޭތީއެއް އިޝާންއަކަށް ނުފެނުނެވެ. އަނިލްގެ މޫނުމަތީގައިހުރި މޮޅިވެރިކަމުން އަނިލް ކަމެއް ސިއްރުކުރާހެން އިޝާންއަށް ހީވިއެވެ.
މިއަދަކީ އިޝާން އެންމެ އުފާންވާންވީ އެއްދުވަހެވެ. ނަމަވެސް އޭނާއަށް މިއަދުގެ ހަޤީޤީއުފާ ހާސިލްވާގޮތެއް ނުވިއެވެ. ،މަންމަގެ ހާލާމެދު ވިސްނިކަންބޮޑުވަނީއެވެ. އަނިލްގެ ހިމޭންކަމާއި ނީލާގެ ދުރުކަންފެނި ހިތުގައި ސުވާލު އުފެދެނީއެވެ. އޭނާއަކީ ކާކުކަން އެނގުމުންވެސް އެމީހުން އުފާނުވަނީބާއޭ ހިތަށްއެރިއެވެ. އޭނަގެ ހަޤީޤަތް ހާމަކޮށްދީގެން މިކުރެވުނީ ރަނގަޅުކަމެއްބާއޭ ހިތަށް އަރަނީއެވެ. މިއީ އޭނާ ގަސްތުކޮށްގެން ހުރިގޮތެއް ނޫނެވެ. ނަމަވެސް ބައްޕަގެ ސަބަބުން މިކަން މިގޮތަށް ވާން މަޖުބޫރުވީއެވެ. މިކަމުގެ ސަބަބުން ހިތަށް ވަރަށްބޮޑު ލުއިކަމެއް ލިބިއްޖެއެވެ. ނަމަވެސް ނޭނގޭ ބިރުވެރިކަމެއް އަދިވެސް ހިތުގައި އެބައޮތެވެ. އެއީ އޭނާގެ ސިއްރު ފަޅާއަރާފާނެ ކަމުގެ ބިރުވެރިކަމެވެ. މިކަން ފަޅާއެރިގޮތަށް އެކަން ފަޅާއަރާކަން ދުވަހަކުވެސް އޭނާ ބޭނުމެއް ނޫނެވެ.
އިމާދު އޭނާގެ ހިތުގެ ހާލަތު ބަޔާންކޮށްދީ އިމްޝާއާ ދެވަނަފަހަރަށް ކައިވެނިކުރަން ބޭނުންކަމުގައި ބުނެ ކާފަގެ ކިބައިން އާދޭސްކުރިއެވެ. ދެން ދުވަހަކުވެސް އޭނަގެ ފަރާތުން އިމްޝާއަށް ދެރަގޮތެއް މެދުވެރިނުވާނެކަމަށް އެތައް ވައުދެއްވިއެވެ. އިމްޝާ ގޮވައިގެން ގޮސް ދުނިޔޭގެ މޮޅެތި ޑޮކްޓަރުންނަށް ދައްކައިގެން ފަރުވާ ހޯދަން ބޭނުންކަމުގައި ބުންޏެވެ.
” އަހަރެން ކިހިނެއް އިތުބާރުކުރާނީ އިމާދުއަށް…..ދެވަނަ ފަހަރަށް އިމާދުގެ އަތްމައްޗަށް އަހަރެމެންގެ ނިކަމެތިދަރިފުޅު ދޫކޮށްލާކަށް އަހަރެން ބޭނުމެއްނޫން….އިމާދު ތިޚިޔާލު ދޫކޮށްލާ…..އިމްޝާ އެހާލުގައި އުޅުނަދީ….” ކާފަ އިތުރަށް އިމާދުއާ ބަހުސްކުރާކަށް ބޭނުމެއްނުވިއެވެ.
” ބައްޕާ..ހެޔޮނުވާނެ އަހަރެން ކުރިކުށަށް ތައުބާވުމުގެ ފުރުސަތު އަހަންނަށްދީ….މިފަހަރު އަހަރެން ކައިވެނިކުރަން މިއުޅެނީ އަހަރެންގެ އަމިއްލަ ބޭނުމެއްގައެއްނޫން….އަހަރެންގެ މިދަރިފުޅުގެ ހައްޤުގާ…..އިމްޝާގެ ހައްޤުގާ….” އިމާދު އާދޭސްކުރަމުންދިޔައެވެ. ކާފަގެ ކުރިމަތީގައި ނިކަމެތިކަމާއެކު ބައްޕަ އާދޭސްކުރާ މަންޒަރުފެނިފައި އިޝާންގެ ހިތަށް ތަދުވިއެވެ.
ނަމަވެސް ބައްޕަގެ ފަރާތުން މަންމައަށާއި މަންމަގެ އާއިލާއަށް ލިބުނު ހިތާމައަކީ ހިތުން ފުހެލަން ފަސޭހަކަމަށް ނުވާނެކަން އިޝާންވެސް ގަބޫލުކުރިއެވެ. ހަމަބުނެލާފައި ފަސޭހައިން ބައްޕައަށް މާފްކޮށްދެވޭނީވެސް ކިހިނެއް ހެއްޔެވެ؟ ދުވަހަކު ހިތުންފިލާނުދާވަރުގެ ހިތްދަތިކަންވަނީ ބައްޕަގެ ފަރާތުން ލިބިފައެވެ. ވީއިރު ބައްޕަ މިއަދު ކިތަންމެ އާދޭހެއް ކުރިޔަސް ކުރާނީ ކީއްހެއްޔެވެ؟
އިމާދުގެ އެތައް އާދޭހަކުންވެސް ކާފަގެ ހިތްބަދަލެއް ނުވިއެވެ. އިމާދުއަށްޖެހުނީ އިސްޖެހިލަދުގަނެފައިވާހާލު އެގެއިން ނުކުމެގެން ދާށެވެ. މިވޭތުވެދިޔަ މާޒީގައި އިމާދުގެ ސަބަބުން އެހިތަށް ލިބިފައިވާ ޒަޚަމްތަކުގައި އަދިވެސް ލޭހިލެއެވެ. އެހާލޯބިން ބަލާބޮޑުކުރި ދަރިފުޅު ބުއްދިގޯސްވެ މޮޔައަކުފަދައިން އިންނަ މަންޒަރުދެކެން ކެތްވާނީ ކޮންހިތަކަށް ހެއްޔެވެ؟ އެހާލުގައި އެދަރިފުޅު އުޅޭމަންޒަރު ފެނިފެނި އާދަވީ ނަމަވެސް އެހިތުގެ ރިހުންތަކަށް އަދިވެސް ލުޔެއް ނުލިބެއެވެ. އެހިތުގައި ރިހިރިހި ހުއްޓައި މާފްކޮށްފީމޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އިމާދުއަށް ދުވަހަކުވެސް ހެޔޮހިތުން މާފްކުރެވޭނެ ކަމެއް ނޭނގެއެވެ. މާޒީއާމެދު ވިސްނަން ކާފައި އިންދައި އިޝާން އައިސް ކާފަގާތު އިށީނެވެ. ބައްޕަ ދެރަވެގެން ދިޔަމަންޒަރުދެކެން އިޝާންއަކަށް ކެތެއްނުވިއެވެ. އެހެންކަމުން އިޝާން ބޭނުންވީ ބައްޕައަށްޓަކައި ކާފައަށް ވިސްނަދޭށެވެ.
” ކާފާ…ކާފަ އަހަރެންނަށް އިތުބާރުކުރަމެއްނު…..އަހަރެން ދުވަހަކުވެސް މަންމައަކަށް ދެރައެއްނުދޭނަން…..ކާފާ މިއަދު ބައްޕައަށްވެސް އެހުރީ ވިސްނިފަ…..އަހަރެން ބޭނުން މަންމައަށް ރަނގަޅުގޮތެއްވާން…..އަހަރެން ބޭނުން މަންމަ…..އެކަމަކު ކާފައަށް އަހަރެންނަށް އިތުބާރު ކުރެވެންޏާ ކާފަ އެއްބަސްވާނީ…..އަހަރެން ޔަގީންކަން މިދެނީ….. އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު އެއްވެސް މީހަކަށް މަންމައަށް ގެއްލުމެއްދޭކަށް ނުކެރޭނެ…..އަހަރެން ބޭނުމީ ދުނިޔޭގެ ކޮންމެ ހިސާބަކަށް ގޮސްގެންވެސް މަންމައަށް ރަނގަޅު ފަރުވާއެއްދޭން….އޭރުން ފަހަރެއްގަ މަންމައަށް މަންމަގެ މި ދަރިފުޅަކީ ކާކުކަންވެސް ދެނެގަނެވިދާނެ…..ކާފަބޭނުމެއްނޫންތަ އެކަން އެގޮތަށް ވާކަށް…” އިޝާންގެ އާދޭސްތަކުން ކާފަގެ ހިތްމަޑުވަމުން ދިޔައެވެ. ވާނީވެސް އެހެންނެވެ. އެއީ ކާފަގެ ހުރި ހަމައެކަނި ކާފަދަރިއެވެ. އެދަރިފުޅު މިލިބުނީވެސް އެތައް ދުވަހަކަށްފަހުއެވެ. ހިތާހިތުން އިމާދުއަށް ނަފްރަތްކުރި ނަމަވެސް އިމްޝާއާއި އިޝާންގެ މުސްތަޤުބަލަށްޓަކައި އިމާދުގެ އެދުން ފުރިހަމަކޮށްދިނުމަށް ކާފައެއްބަސްވިއެވެ.
އެރޭއިޝާންގެޔަށް އައީ ވަރަށް ދަންވިފަހުންނެވެ. އޭރުވެސް ޒިހާންއާއި އަހުސަންއާއި އަހުނަފް ނުނިދާ ގޭމްގެ ފޯރީގައި ތިއްބެވެ. އިޝާން އެހާލަސްކޮށްފައި އައުމުން އަހުސަން ސުވާލުކުރިއެވެ. އިޝާން އެއްޗެއް ނުބުނެ ހުއްޓައި އިމާދު އެކުދިންނަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އިޝާންއަށް އަނެއްކާވެސް އޭނާގެ މަންމަ ލިބެންއުޅޭތީ އެކުދިން އުފާކޮށް މަރުޙަބާކިއެވެ. ކާފަގެނިންމުން އެނގުމުން އިމާދުވަރަށް އުފާވިއެވެ. ކާފަ އިމާދުއަށް މާފުނުކުރިނަމަވެސް އިޝާންއަށްޓަކައި އިމްޝާ އިމާދުއާއެކު މާލެފޮނުވަން ނިންމުމުން އިމާދުގެ ހިތަށް ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ.
އަނިލް ދެލޯމަރައިގެން އޮތްނަމަވެސް އޭނާއޮތީ ހޭލައެވެ. ކާފަގެ ނިންމުމާމެދު އޭނާ ކަންބޮޑުވެ ދެރަވަނީއެވެ. މަންމައާ ވަކިކާން ޖެހުނީތީއެވެ. ނަމަވެސް އޭނާ ކެތްކުރާނެއެވެ. އިޝާންގެ އުފާތަކަށް އޭނާ ދުވަހަކުވެސް ހުރަހެއް ނާޅާނެވެ. އިޝާންގެ ހަޤީޤަތް އެނގުނުފަހުން އެހިތުގައި އިޝާންއަށްޓަކައި ވަނީ ޚާއްސަ ޤަދަރެއް ދެވިފައެވެ.
އިޝާންވެސް އެކަނިމާއެކަނި ކޮޓަރިތެރޭގައި އޮވެގެން ވިސްނަމުންދިޔައެވެ. އިޝާންގެ ހަޤީޤަތް ކާފަމެންނަށް ހާމަކޮށްދެވުމުން ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް އަނިލްއަށްޓަކައި އިޝާން ކަންބޮޑުވެއެވެ. އަނިލް މަންމަދެކެ ލޯބިވާވަރު ވަރަށް ގާތުން އިޝާންއަށްވަނީ ފެނިފައެވެ. މަންމަވެސް އިންތިހާއަށް އަނިލްދެކެ ލޯބިވެއެވެ. ވަކިންއުޅުމަކީ އެދެމައިންނަށް ވާނެކަމެއްނޫންކަން އިޝާންއަށް ގަބޫލުކުރެވެ. އެދެމައިން ވަކިކުރާކަށް ދުވަހަކުވެސް އިޝާން ބޭނުމެއްނުވެއެވެ. އޭނާދެކޭގޮތުގައި މިހާރު އަނިލްއަކީ އޭނާގެ އަޚެކެވެ. އޭނާގެ ބޭބެއެވެ. އޭނާގެ އާއިލާގެ އެއްބައެވެ. އަނިލްއަށް ކިތަންމެ ކުޑަނަމަވެސް ދެރައެއްލިބޭކަށް އިޝާންގެ ހިތެއް ނޭދެއެވެ. އިޝާންއަށް އޭނާގެ މަންމަ ލިބިއްޖެއެވެ. ދެންއިތުރަށް ބޭނުންވާންވީ ކޮން އެއްޗެއް ހެއްޔެވެ؟
ނީލާދެކެ އިޝާން އިންތިހާއަށް ލޯބިވާކަމީ ހަޤީޤަތެކެވެ. ހަމައެފަދައިން އަނިލްވެސް ނީލާދެކެ ހިތުގެއަޑިން ލޯބިވެއެވެ. އިޝާން ވިސްނާލިއެވެ. އަނިލް އަށްޓަކައި އޭނާ އެލޯބި ޤުރުބާންކުރާނީއެވެ. އޭނާގެ ދަރިފުޅު އޭނާގެ އުނގުގައި ބޮޑުވީމެކޭ އަނިލްގެ އުނގުގައި ބޮޑުވީމެކޭ އޮތީކޮންތަފާތެއް ހެއްޔެވެ؟ ނީލާއަށް އިޝާން އޭނާދެކެ ލޯބިވާކަން ނާންގާ ހުރެވިދާނެ ނޫންހެއްޔެވެ؟. ދަރިފުޅަކީވެސް އޭނާގެ ދަރިއެއްކަން އެނގޭނީ އޭނާ ބުނިއްޔާތާއެވެ. އަނިލްއަށްޓަކައި އޭނާ އެހުރިހާ ކަމެއް ސިއްރުކުރާނެއެވެ. ކުރިންވެސް އޭނާއަކީ ކެތްތެރިއެކެވެ. ދެންވެސް އޭނާއަށް ކެތްކުރެވޭނެއެވެ. ނީލާއާއި އަނިލްއަށް ހަޤީޤަތް އެނގުނުކަން ނޭނގިހުރެ އިޝާން ހިތާހިތުން ގޮތެއް ނިންމިއެވެ. އުމުރަށް ނީލާގެމަތިން ހަނދާން ނައްތާލައި މަންމައާ އަނިލްއާވެސް އެކު އުފާވެރި ދިރިއުޅުމެއް އުޅޭށެވެ.
” ދަރިފުޅާ…ކިހިނެއްވެފަ ތިއޮތީ؟….އަދިވެސް ތިވިސްނަނީ މަންމައާމެދުގަތަ؟..” ކޮޓަރިތެރެއަށް ވަދެގެން އައި އިމާދުއަށް އިޝާން އޮތްގޮތް ފެނުމުން އަހާލިއެވެ.
” ބައްޕާ….އަހަރެން ބޭނުން ވާހަކައެއް ދައްކާލަން…” އިމާދު ފެނުމުން ތެދުވެ އެނދުގައި އިށީއްނަމުން އިޝާން ބުންޏެވެ.
” އާނ! ދައްކަބަލަ! ބައްޕަ މިއިނީ އަޑުއަހަން..” އިޝާންގެ ގާތުގައި އިށީދެ އިޝާންގެ މޫނަށް އިމާދު ބަލާލަމުން ލޯތްބާއިއެކު އިމާދު ބުންޏެވެ.
” ބައްޕާ….މަންމައާ މެރީކޮށްގެން މަންމަ މާލެގެންދިއުން އެއީ އެންމެ ރަނގަޅުގޮތްތަ؟….މިހެންމިބުނީ އަނިލްއާ މަންމައާމެދު އޮތް ވަރުގަދަ ގުޅުން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ…..އެދެމައިން ވަކިކުރުމަކީ ހަމަކުރިންވެސް ކުރިކަހަލަ އަނިޔާއަކަށް ވާނީ…..އަނިލް މާލެނުދަންޏާ މަންމައެއްވެސް ނުދާނެ….އެންމެ ކުޑަމިނުން މަންމަކައިއުޅެނީވެސް އަނިލްގެ އަތުން…..މިހާރު މަދުމަދުން އަހަރެންގެ އަތުންނާ ނީލާގެ އަތުންވެސް ކައިހަދާ…..ބައްޕާ…ވިސްނާލަބަލަ!…އެއީ އަނިލްއަށް ވެވޭ ކިހާބޮޑު ބޭއިންސާފެއް…..އަނިލްވެދިން އިހުސާންތެރިކަން ހަނދާން ނައްތާލާފަ އަމިއްލަ އެދުމާއިގެން ކުރިޔަށް ދާކަށް ނުވާނެ….މިހުރިހާދުވަހުވެސް އަނިލްގެ ހައްޤުޤަ އަހަރެން ހިމޭނުންހުރީ…އެކަމު ބައްޕަގެ ސަބަބުން އަހަރެންގެ ހަޤީޤަތް އެނގުނީ..” އިޝާންހުރީ ބައްޕަގެ ނިންމުމާމެދު ނުހަނު ކަންބޮޑުވެފައެވެ.
” ދަރިފުޅުހީކުރީ ބައްޕަމީ ހަމަ އެހާ އަމިއްލައެދުން ބޮޑު މީހެއްކަމަށްތަ؟…..ބައްޕަ ތިކަންތައްތަކާ ނުވިސްނާނެ ކަމަށްތަ؟….ދަރިފުޅަށްވުރެ ބޮޑަށް ބައްޕަ އަނިލްއާމެދު ވިސްނަން…..އިތުރު ފިރިހެންދަރިޔަކު ބައްޕައަށް ލިބުނީތީ ބައްޕަ މިހުރީ އިންތިހާއަށް އުފާވެފަ….ދަރިފުޅު މާލެގޮސްހުރިއިރު އަނިލްގެ ވާހަކަދެއްކުމުން ބައްޕަ ހުރީ އަނިލްއާ ވަރަށް ގަޔާވެފަ….އަދި މިހާރު އަނިލްފެނުނީމަ ބައްޕަގެ ހިތުގަ އަނިލްއަށްޓަކާ ލޯބި އުފެދިއްޖެ…..ބައްޕަ މިގަސްތުކުރަނީ މަންމަގެ އާއިލާ އެއްކޮށް މާލެބަދަލުކުރަން…..އަނިލްއަށްވެސް އެއަށްވުރެ މާރަނގަޅު ވަޒީފާއެއް ހޯދަދީ އުފާވެރި ދިރިއުޅުމެއް ހޯދަދޭން….ދޮންދަރިއެކޭ ކިޔާފަ އެންމެތަންފުކެއްވެސް އަނިލްއަށް އުންޏެއް ނުކުރާނަން….އެހެންވީމަ ބައްޕަ ވިސްނާފަ އޮތްގޮތް ރަނގަޅެއް ނޫންތަ؟” އިމާދު ހިނިތުންވެލާފައި އަހާލިއެވެ. އިޝާން ވަރަށް އުފާވިއެވެ. އުފަލުން ގޮސް ބައްޕަގެ ގައިގާ އޮޅުލައިގަނެވުނެވެ. މިހާރު އޭނަގެ ހިތަށް ލުޔެއް ލިބިއްޖެއެވެ. ދެން ހިތްހަމަޖެހިގެން އޭނާއަށް ނިދާލެވިދާނެއެވެ.
17 Comments!
Comments are closed.
Mi first dho
Me second haha
Shine avaha vaahaka nuninmahchey.. Pleaseew
Wow v salhi mi part vx….whn is the last part….??
Asl me second
Neela and ishan should join
varah reethi…<3 <3…mi story kiyaafa hama jehigen mi nidheni ves 🙂
Me third
Me 4th…hahaha. .. vaahaka nimeny dhw. …vvv reethi mi vaahaka ?
Me 5th hahaha.. v nice story
Varah kamudhey mi part ves
Wow v rythi ishaan u r great baeh haalaiythakuga keiytherikamaa eku gurubaanevves vaan jeheyne ehennoonas eemaan therikan hunna myhakavviyyaa insha allah kaamiyaabves vaane kukkureveyny insaanunnah ehenkamun thaubaaves lavvavaafavany dhw neelaa ah visnaadhy adhi anil v ihusaan therikamattakaaves anil ah neelaa dhookollaa ishaan aky v keiytheri myhennu new life akaagen kuriyah dhey insha allah kaamiyaab vaane keiytherikamuge meyvaa fonivaane
ވަރަށް ވަރަށް ރީތި… އަޅެ މިއޮއް ރީތި ވާޙަކަވެސް މި ނިމެނީ ދޯ… 22ވަނަ ބައި އަވަސްކޮށްލައްޗޭ
V v v rythi. …dhn in part avas kohdhehchey v v v v v vvvvvvvvvvvvvvvvvvvvvvvvvvvv ryyyythi. …..
woww v nice.. plx up soon
Varah Varah Varah salhi.. Nimen ulheythi varah dhera vey
Avahah up khoh deeba pls pls please